ޒެވިޔަން ދާދި ފަސޭހައިން ރިޔާ ކޮނޑަށް ލިގޮތަށް ސިޑިން މައްޗަށް އަރައިގެން ދާން ފެށުމުން ރިޔާ އެ އަތުގެ ތެރެއިން ސަލާމަތް ވާން ވެގެން ތެޅިފޮޅުނު ގޮތަކުން ޒެވިޔަން އަށް ހިފެހެއްޓުނީ ކިރިޔާއެވެ. އެކަމަކު ޒެވިޔަންގެ އެކަތައިގެ އަތުގެ ތެރެއިން ރިޔާ އަކަށް ނިކުމެވިގެން ދެވޭވަރަށްވުރެ ރިޔާވެސް ބަލިކަށިވިއެވެ. އެކަމަކު އޭނަ ޒެވިޔަންގެ ބުރަކަށީގައި ތަޅައި، އިސްތަށިގަނޑަށް ދެމިއެވެ. ޒެވިޔަން ފަރުވާލެއްނެތި ރިޔާ ކުރާނެ ކަމެއް ކުރާން ދޫކޮށްލާފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލައިފައި ރިޔާ ބިންމަތީގައި ބެހެއްޓިއެވެ.

"ދެން އަހަރެން ކާލައިގެންވެސް ތި ރުޅި ފިނިކުރުވަން އަހަރެން ބޭނުން، ބޭނުން ގޮތެއް ހަދައިބަލަ، އައިމް އޯލް ޔޯސް ވޭމްޕް ގާލް..." ޒެވިޔަން ދޮރުގެ ތަންޑު އެޅުވިއެވެ. ޒެވިޔަން އެހާ ފަސޭހައިން ހަތިޔާރު ބެހެއްޓުމުން ރިޔާގެ ޚިޔާލު ބަދަލުވެއްޖެއެވެ.

"އަހަރެން ބޭނުމެއްނުވޭ ޒެވިޔާ އާއި ފައިޓް ކުރާކަށް، އަހަރެން ބޭނުމީ މި ދުނިޔެ އާއި ދުރަށް ދާން، އޭރުން ޒެވިޔާއަށް އަހަރެންގެ ފަރާތުން ސަލާމަތްވެވިދާނެ، ޒެވިޔާ އަހަރެން ދެކެ ލޯތްބެއް ނުވޭ، އެކަނި އަލީނާ ދެކެ ލޯބި ވަނީ، އަހަރެން އެހާވަރަށް ޒެވިޔާ ދެކެ ލޯބިވާކަމަށް އެފްބީގައި ލިޔާއިރު ދުވަހަކު ކޮމެންޓެއްވެސް ނުކުރޭ، ދުވަހަކު ލައިކެއް ދިނިންތަ؟ އަލީނާ ޔޫޒް ކުރާނަމަ ޒެވިޔާ ރިޕްލައިވެސް ކުރާނެ..." ރިޔާ އެހެން ކިޔަކިޔާފައި އަމިއްލަ އަތުގައި ދަތް އަޅައިގަންނަން އުޅުމުން ޒެވިޔަން ރިޔާގެ އަތުގައި ހިފައި ދުރުކޮށްލައިފިއެވެ.

"އަހަރެން އެފްބީއަށް ނުވަންނަކަން ރިޔާއަށް އެނގޭނެ، އެހެންނޫނަސް އަހަރެން މިއީ ޕަބްލިކްގައި ލޯބި އިޝްތިހާރު ކުރާ މީހެއްނޫން، ދެން އަމިއްލައަށް ހާޓްނުކޮށް އަހަރެންގެ ގައިގައި ދަތްއަޅައިބަލަ....." ޒެވިޔަންގެ ރީތި އަތްތިލަ ދިއްކޮށްލުމުން ރިޔާއަށް ރޮވެން ފެށުނެވެ. ޒެވިޔަން ރީތިކޮށް ވާހަކަދައްކައި އަނެއްކައިވެސް ރިޔާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ރިޔާ ބޭނުން ވަރަކަށް ރިޔާއަށް ވަގުތު ދޭނެ ކަމަށާއި، ކޮންމެކަމެއް ކޮށްދޭނެ ކަމުގެ ޔަގީންކަން ދިނެވެ. ރިޔާ ކޮންމެވެސް ވަރަކަށް މައިތިރިވެލައިފިއެވެ.

ޒެވިޔަން ޚިޔާލު ކުރީ މަންމަމެން އަލީނާއަށް ކުރާ މަލާމާތް ހުއްޓުވުމަކަށް ގެންނަން އަލީނާ ހެދުން އަޅާގޮތް މުޅިން ބަދަލު ކުރުވުމަށެވެ. ނިވާކޮށް ހެދުން އެޅިޔަސް ސްޓައިލަށް އުޅެވިދާނެއެވެ. ޒެވިޔަން ދެކޭގޮތުގައި އެތެރެއިން ކުރު ސޯޓްކޮޅާއި، ޓޮޕްގައި ތިއްބަސް މަތިން ކުލަކުލައިގެ ކޯޓެއް ލެވިދާނެއެވެ. ތަފާތުކުލައިން ސްކާފްވެސް އެޅިދާނެއެވެ. އަދި އަލީނާއަށް ވެސް ޖަވާހިރު ސެޓް ތަކުން ޒީނަތްތެރި ވެވިދާނެއެވެ. ޒެވިޔަން އާއްމުކޮށް ގެނެސްދޭ އުޅެނީ ކޮޓަރީގައި ލާފަދަ ކުރު ހެދުން ތަކަށް ވިޔަސް މިފަހުން ގެނެސްދޭން ފެށީ ބޮޑެތި ގޮށްތައް އަޅާފައި ހުންނަ ކޯޓް ފަދަ ހެދުންތަކެވެ. ޒީބާ އަލީނާގެ ގެ ކަޅު ހެދުންތައް ފޮރުވައިގެން އުޅެނިކޮށް ޖިލާ ގެނެސްދިނީމަ އަނެއްކާ ޒެވިޔަން އެ ހުރިހާ ހެދުންތައް އަތުލީއެވެ. މިފަހަރު އެހެދުންލުން މަނާވެސް ކުރީއެވެ. 

"ދެން ކަޅުހެދުން މުޅިން މަނާވީ އިނގޭ، ދީނުގައި އޮވޭ ހަޒްބެންޑް ބުނާގޮތަށް ހަދަން...." ޒެވިޔަން ހީލާފައި އަލީނާގެ ކޯތާފަތުގައި މަޑުން ހިފައިލުމުންވެސް ހީވީ ފިހިގަނޑަކުން ކުލަ ޖައްސައި ލެވުނު ހެންނެވެ. ރަތްކުލަ ފާއްދާލި ގޮތަކުން ޒެވިޔަންގެ ހިތުގައިވާ ލޯބި އިތުރު ވެގެން ދިޔައެވެ. ހާދަ ރީއްޗެވެ.

"އެކަމަކު ދީނުގައި ހުއްދަ ކަމަކަށް ވާނަމަ...." އަލީނާ އެއްޗެކޭ ބުނަން އުޅުނެވެ.

"ދީނުގައި އެކަނި ކަޅުކޮށް ޑްރެސްކުރަން އޮވޭތަ؟ އެއީ އިރޭނިއަން މީހުންގެ ޓްރެޑިޝަނަލް ހެދުންކަމަށް އަހަރެން ހީކުރަނީ، އެނީވޭސް އަހަންނަށް ޔަގީން ވަކި ކުލައަކުން ހެދުން ލާކަށް ނުޖެހޭނެ..... ޓްރަސްޓްމީ ބޭބީ، އަހަރެންވެސް އަހަރެންގެ އެންޖެލް ނަރަކައަކަށް ނުފޮނުވާނެ ދޯ، ގޯޑް ވިލިން އަހަރެމެން އެކީގައި ހެވަންއަށް ދާނީ، ދެން ޕްލީސް...." ޒެވިޔަން ލައްވާ އާދޭސްކުރުވަން އަލީނާ ބޭނުމެއް ނުވިއެވެ. އަލީނާ ޒެވިޔަންގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ. ޕްލީސް އޭ ނުބުނުމަށް އެދުނެވެ. އަލީނާ ލައިގެން ހުރި ސްޓްރައިޕް ސްވެޓަރ ކޮޅާއި، ސޯޓުގެ މަތިން ރަތްކުލައިގެ ކޯޓަކާއި ޖިންސެއް ލައިފިއެވެ. އަދި ރަތާއި ނޫކުލައިންވާ ސްކާފަކުން އިސްތަށިގަނޑު ފޮރުވާލިއެވެ. ކުޑަކޮށް މަސްކަރާ އަޅައި، މޫނުގައި މޮއިސްޗަރައިޒަރ އެއްޗެހި ލުމަށްފަހު ތުންފަތުގައި ލިޕް ބާމުކޮޅެއް ހާކައިލުމުން ޒެވިޔަން އަށް ބަލަހައްޓައިގެން ހުރެވުނީ އެސްފިޔަޖަހައިލަން ނޭގިފައެވެ.

"ވާއު، މިހާރު ކިހާ ސްޓައިލިޝް، އެމެރިކަން ކުދިންވެސް ބޭނުންވާނެ މިގޮތަށް ޑްރެސް ކުރަން...." ޒެވިޔަން އަލީނާ ގެންގޮސް ލޯގަނޑު ކުރިމަތީގައި ބެހެއްޓުމުން އަލީނާ ލަދުން މޯޅިވެގެން ނުދިޔައީ ކިރިޔާއެވެ. ތެދެކެވެ. ރީތި ހެދުމާއި، މޭކަޕުން ވެސް މީހާގެ ސިފައަށް ބޮޑު ބަދަލެއް ގެނުވަފާނެއެވެ. ޒެވިޔަން އަލީނާގެ ކޯތާފަތުގައި ބޮސްދިނެވެ. ހަށިގަނޑުގެ ނާރުތަކަށް ކަރަންޓު ދުވެލައި، ހީބިހި ހަލުވައި ލުމާއިއެކު ލިބުނު އަރާމަކުން އަލީނާއަށް ދެލޯ މަރައި ލެވުނެވެ. އިރުކޮޅެއް ވަންދެން ޒެވިޔަން އާއި އަލީނާއަށް ބައްދާލައިގެން ތިބެވުނެވެ. އަލީނާ ބޭނުންވީ އެ ބާރުގަދަ އަތުގެ ހިމާޔަތުގައި އަބަދަށްޓަކައި ހުރުމަށެވެ.

"ސްކޭން ހައްދަން ދާންވީ ދޯ، އަހަރެމެންގެ ބޭބީގެ ފުރަތަމަ ޕިކް މިއަދު ފެންނާނެ...." ޒެވިޔަން އަލީނާ ގެ އަތަށް ފިތައިލަމުން ހިނިތުންވެލިއެވެ. އަލީނާގެ ހިތްވެސް އެކަމަށް އިންތިޒާރު ކުރާވަރު ބުނެދޭކަށް ނޭގެއެވެ. ޒެވިޔަން އާއި އަލީނާ އަތުގުޅުވާލައިގެން ނިކުމެގެން އައިތަން ފެނުމުން ސީމާގެ ހިތަށް ނިކަން ބޮޑަށް އުދަގޫވެ، ހަސަދައިގެ އަލިފާން އަނދައިގަނެ ހުޅު ބޮޑުވިއެވެ. އަލީނާ އެހެދުމުގައި ފެންނަލެއް ހާދަ ނަލައެވެ. ސީމާ މޫނު ހަދާލާފައި އަނެއްފަރާތަށް އެނބުރުނެވެ. ނަސީބަކުން އެހެން މީހަކަށް ނުފެނި ޒެވިޔަން އާއި އަލީނާ ކާރަށް އެރިއެވެ. ޒެވިޔަން ކާރު ދުއްވާލި އިރު ތުންފަތް މަތީގައި ވަނީ ކާމިޔާބު ހިނިތުންވުމެކެވެ. އަވިއައިނަކުން އެރީތި ދެލޯ ފޮރުވާލައިފައި ވާއިރު ރީތިކަމުން އަލީނާއަށް އިނދެވުނީ ކަޅިވެސް ޖަހައިލަން ނޭގިފައި ބަލަހައްޓައި ގެންނެވެ. އެހިތް ޒެވިޔަންއަށް ޓަކައި ހާސް ޖާނުން ފިދާވިއެވެ.

ޒެވިޔަން އަލީނާ ގޮވައިގެން ސްކޭން ހަދަން ދިޔައީ ނިއުޔޯކްގެ މައުންޓް ސިނާއީ މެޑިކަލް ސެންޓަރަށެވެ. ސްކޭން ހަދަން ޕްރޯބް ޖައްސައިލުމާއިއެކު ޑޮކްޓަރު އަދި އެއްޗެކޭ ނުބުނަނީސް ޒެވިޔަންގެ ހިތުގައި އުފާވެރިކަމުގެ ރާޅުބާނި ތަކެއް ޖަހަންފެށިއެވެ. އަލީނާގެ ބަނޑުގައި ދެކުދިން އަށަގެންފައިވާކަން ޒެވިޔަންއަށް ވަގުތުން އެނގުނެވެ.

"ކޮންގްރާ ޑޮކްޓަރ ޒެވިޔަން.. އިޓްސް ޓްވިންސް..." ޒެވިޔަންއަށް އަލީނާގެ އަތަށް ފިތައިލެވުނެވެ. ދެމަފިރިންނަށް ވެސް ލިބުނީ ބުނަން ނޭގޭފަދަ އުފަލެކެވެ. އަލީނާގެ ތުންފަތުގައި ވާ ހިނިތުންވުން ފުންވެ، ހުރިހާ ދަތްތައް ފެނިލައިގެން ދިޔައެވެ. އަލީނާއަށް ސްކްރީނާއި ދިމާލަށް ބަލަހައްޓައިގެން އޮތް މިނިޓް ކޮޅުތެރޭގައި އެ މޫނުގެ ރީތިކަން އެތައްގުނަ އިތުރުވެގެން ދިޔަހެން ޒެވިޔަންއަށް ހީވިއެވެ. ޓްވިންސް އިން ލިބުމަކީ ދެމަފިރިއަކަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލާއި ނަސީބެވެ. ޔަގީނުންވެސް ޒެވިޔަން އާއި އަލީނާއަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބި، ދިރިއުޅުން ފުރިހަމަވި ހެންނެވެ. އަލީނާ އެ އުފަލުގެ ވަގުތުގައިވެސް ހެއްދެވި ފަރާތަށް ޝުކުރުކުރަން ހަނދާން ނައްތައެއް ނުލައެވެ. ޒެވިޔަންވެސް ޑޮކްޓަރު ދިން ޕްރިންޓު ކޮޅުގައި ބޮސް ދިން އިރު އެ ރީތި ދެލޮލުގެ ވިދުން ކުރިއަށްވުރެ ގަދަވިއެވެ. ނަމަވެސް އެވަގުތު ނިކީގެ މަތިން ވަރަށް ބޮޑަށް ހަދާންވިއެވެ. 

ޒެވިޔަން ފެންކަޅިވެ، ކޮންމެވެސް ވަރަކަށް އެ އުފާތަކަށް ހިޔަނި އެޅި މާޒީގެ ތެރެއަށް ގެއްލެން މަޖުބޫރު ކުރުވިއެވެ. ދެވަނަ ކުއްޖަކު ދެކެ އެހާ ބޮޑަށް ލޯބި ވެވިދާނެ ކަމާއި މެދު ހިތުގައި ސުވާލު އުފެދުނެވެ.

ޒެވިޔަން އެ އުފާތައް މުޅި އާއިލާ އާއި، އެކުވެރިންނާއި ހިއްސާކުރަން ބޭނުންވިޔަސް އެކަން ކުރެވޭކަށްވެސް ނެތެވެ. ޒެވިޔަން އެ ޚަބަރު ދިނީ އޭނަގެ ބައްޕަ އާއި އާއިޒު އަށެވެ. އޭނަގެ އުފަލުގައި ބައްޕަ އާއި، ކޮއްކޮ ބައިވެރި ވާނެ ކަމުގެ ޔަގީންކަން ޒެވިޔަންއަށް އޮތްލެއް ބޮޑުކަމުންނެވެ. ނަމަވެސް މަންމަ ގެ ޚިޔާލު ތަފާތުކަމުން މަންމައަށް އަންގަން މިފަހަރު ޒެވިޔަން ޖެހިލުންވިއެވެ. ނޭގިނަމަވެސް އޭނަ އާއި މަންމަ އާއި ދެމެދު ނުތަނަވަސްކަމުގެ ފަރުދާއެއް ލެވިއްޖެއެވެ.

ޒެވިޔަން، ރިޔާ ޑޮކްޓަރަށް ގެންދަން އުޅުމުން އޭނަ އަކީ މޮޔައެއް ނޫނޭ ކިޔައިގެން ބޮޑު ޒުވާބުގަނޑަކަށް ހަދާލައި ރޯން ފެށިއެވެ. ޒެވިޔަން ބުނީ ދަރިފުޅު ވަކިވުމުގެ ހިތާމައިގެ ސަބަބުން ނޭގި ނަމަވެސް ސިކުނޑިއަށް އަސަރުކޮށްފައި ވެދާނެ ކަމަށާއި، ރިޔާ ފަރުވާ ނުނަގައިފި ނަމަ ފަހުން ބަލިވެދާނެ ކަމަށެވެ. އެންމެ ފަހުން ރިޔާ ޒެވިޔަންގެ ބަސް ގަބޫލުކޮށްގެން ޑޮކްޓަރާއި ހަމަޔަށްވެސް ދިޔައެވެ. 

ރިޔާ ފަރުވާއަށް އެއްބަސްވީ ޒެވިޔަން ނިއުޔޯކް ސިޓީގައި އުޅެން ޝަރުތު ކޮށްގެންނެވެ. ޒެވިޔަން އެކަން ގަބޫލުކުރީ މިވަގުތު ރިޔާގެ ހިތް ހަމަޖައްސައި ދިނުމަށް ބޭނުންވެފައި ވާލެއް ބޮޑު ކަމުންނެވެ. ޔަގީނުންވެސް އަލީނާ އަށް އޭނަގެ މަޖުބޫރީ ވިސްނޭނެއެވެ. އަދި ދުވަސްކޮޅަކަށް ދުރުގައި ހުއްޓަސް އަލީނާއަށް އެކަން ގަބޫލު ކުރެވޭނެ އެވެ.

އޮރެންޖު އައްޔަކުން އަލިވެފައިވާ ކޮޓަރީގެ އެނދުގައި ޒެވިޔަން އާއި އަލީނާ ތިބިއިރު ޒެވިޔަންގެ އަތްވަނީ އަލީނާގެ އުނަގަނޑުގައި އަޅުވާފައެވެ. ދެއަތްތިލަ ވަނީ ގުޅިލާމެހިފައެވެ. ޒެވިޔަންގެ ދަގަތްފާނުގެ ބާރު އެކުލެވޭ ލޮލާއި ދިމާލަށް އަލީނާއަށް ބަލަހައްޓައިގެން އޮވެވުނީ އިރުކޮޅަކަށެވެ. ޒެވިޔަންގެ ޓީޝާޓުގައި މޫނު ފޮރުވަން މަޖުބޫރު ކުރުވިއެވެ. އަލީނާ އެ ނާޒުކު ދެއަތުން ޒެވިޔަންގެ ގައިގައި ބައްދައިލަމުން އެ ހަށިގަނޑުގައި ހިފާފައިވާ މަސްކުގެ ފިރިހެންވަންތަ ވަހުންނާއި، ހަށިގަނޑުގެ ހޫނުކަމުން އުފާލިބިގަތެވެ. ކިތަންމެ ގިނައިން ޒެވިޔަންގެ ބީހުމާއި ފިރުމުންތައް ލިބުނަސް ހިތް އިތުރަށް ބޭނުންވެއެވެ. 

"އަދިވެސް ހަމަ މިހާލަދުން އުޅެން ޖެހޭތަ؟ އަހަރެން ބޭނުން ވަރަކަށް ބެލިޔަދީބަލަ، ދުރަށް ދާން މިޖެހުނީ، ދެން ފެންނާނެ ދުވަހެއްވެސް ނޭގެއެއްނު.." ޒެވިޔަން އަލީނާގެ ބުޅި އިސްތަށިކޮޅާއި ކުޅެލަމުން ބުންޏެވެ.

"ޒާވް ހާދަ މިސްވާނެ. އެކަމަކުވެސް ރިޔާ ބަލިވެއުޅެންޏާ ޒާވް ރިޔާ ގާތުގައި ހުންނަން ވާނެ ދޯ، ކެތްކުރާނަން، އައި ހޭވް ޔޯ ބޭބީ، ރިޔާ ގެ ނެތް ޒާވް ނޫނީ އެއްވެސް މީހެއް ސޯ ޕްލީޒް ބީ ވިތް ހާރ، އެހެންނޫނަސް ޒާވް މަންމަގެ ބްލެސިން ނެތި ދުނިޔޭގައިވެސް ހަމަޖެހުމެއް ނުލިބޭނެ، މަންމަ ހިތްހަމަޖައްސަން ވެސް ދުވަސްކޮޅަކަށް ސިޓީގައި ޒާވް އުޅުނީމަ ބެސްޓްވާނެ، މަންމަ އަޅުގަނޑު ދެކެ ހާދަ ރުޅިއާދެޔޭ އެކަމަކު ކޮންމެވެސް ދުވަހަކުން އަދި މަންމަވެސް ހިތްހަމަޖެހޭ ގޮތަށް އުޅެވޭނެ ކަމަށް ހޯޕް ކުރަނީ.." އަލީނާ ޒެވިޔަންގެ މެޔާއި މޫނު ވަކިކޮށްލައިފިއެވެ. 

ހިތާހިތުން ކަރުނަ އޮއްސި ނަމަވެސް އަލީނާ އޮތީ ހިނިތުންވެލައި ގެންނެވެ. އެ ކަރުނަތައް ޒެވިޔަންއަށް ވެސް އޭނަ ސިއްރު ކުރިއެވެ. ޒެވިޔަން ނެތިއްޔާ އޭނަ ހާދަ އެކަނިވެރި ވާނެއެވެ. ހާދަ ބޮޑަށް ހަދާންވާނެއެވެ. މިހާރުވެސް ޒެވިޔަން ޑިއުޓީގައި ހުންނަ ވަގުތު ތަކުގައި އަލީނާ ޒެވިޔަންގެ ހަދާނުގައި ހާދަވަރަކަށް ތެޅިފޮޅެއެވެ. އެކަމަކުވެސް އޭނަ އަމިއްލަ އެދުން ބޮޑު ކުރާކަށް ނޫޅެއެވެ. ޒެވިޔަންގެ މަންމަ އާއި މެދުވެސް އަލީނާ ވިސްނައެވެ. އަދި ރިޔާއަށް ދެރަގޮތެއް ވާކަށްވެސް އަލީނާ ނޭދެއެވެ. ރިޔާގެ އިހުސާން ތެރިކަން ހަދާންނައްތާ ލެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟

"ހާދަ އަންޑަސްޓޭންޑިން އޭ މަގޭ ފުރާނަޔާ...." ޒެވިޔަންއަށް އަލީނާގެ މައުސޫމް މޫނަށް ބަލައިލެވުމާއި އެކު ހިތް ބޭނުންވާންފެށީ އިންތިހާއަށެވެ. އޭރު ދެހިތުގެ ވިންދުވެސް ވަނީ އަވަސްވެފައެވެ. ނަމަވެސް މާ ބާރަކަށް މީހަކު ދޮރުގައި ޓަކިދޭން ފެށުމުން އެވަގުތުކޮޅު ނިމުމަކަށް އައެވެ. ދެމީހުންވެސް ދުރަށް ޖެހިލައިފިއެވެ. ޒެވިޔަން ހިތްހަމަނުޖެހިފައި ހުރެ ގޮސް ދޮރު ހުޅުވާލި އިރު ދޮރުމަތީގައި ހުރީ ރިޔާއެވެ. ލޮލުގައި ވަނީ ނިދީގެ އަސަރުތަކެވެ. މިރޭ ނުވެސް ކައި ރިޔާ ނިދާލީމަ އެހާ އަވަހަށް ތެދުވެދާނެ ކަމަށް ޒެވިޔަން އުއްމީދެއް ނުކުރެއެވެ. 

"ޒެވިޔާ، އައިމް ސްކެއާޑް....." ރިޔާ ޒެވިޔަންގެ ކޮނޑުގައި ބޯ އަޅާލަމުން ބުންޏެވެ.

"ނައިޓްމެއަރ އެއް ފެނުނީތަ؟ އިޝާ ވެސް ނުކޮށް ނިދީމަ އެހެން އެވީ، ހިގާ އެއްޗެއް ކާލަން، ބަނޑުހައިވެސް ވެއްޖެ ދޯ....." ޒެވިޔަން ރިޔާގެ ކޯތާފަތުގައި ފިރުމައިލަމުން ބުންޏެވެ. ރިޔާ ކައިގެން ކޮޓަރިއަށް ގޮސް ޒެވިޔަން ބުނީތީ ނަމާދުވެސް ކޮށްލީ ކަންނެތްވެފައި ހުރެއެވެ. ދެމިނިޓުން ނަމާދުކޮށް ނިންމާލައިފައި، ދޮޅިވެސް ބޭލުމެއްނެތި އެނދަށް ވެއްޓިގަތުމުން ޒެވިޔަން ގައިގައި ކުއިލްޓް އަޅާލަދިނެވެ. އޭނަ ކުޑަކޮށް ވިސްނައިލުމަށްފަހު ގަޑި ބަލައިލައިފައި ބޭރަށް ނިކުތް އިރު އެންމެން ތިބީ މާ ފޯރިގަދަ ވާހަކައެއް ގައެވެ. ދާވިޝް ކޮންމެވެސް މަޖާ އެއްޗެކޭ ކިޔުމުން އެންމެން ހީހީ ތިބިއިރު ހީވަނީ ދުނިޔޭގެ ހުރިހާ އުފާތަކެއް އެގެއަށް ޖަމާވެފައި ވާހެންނެވެ. އެ އުފާވެރި މާހައުލުގެ ސަބަބުން ޒެވިޔަންގެ ހިތަށްވެސް ކުޑަ ދިރުމެއް ލިބުނެވެ. މިފަހަކަށް އައިސް އިންތިހާއަށް ފިކުރުބޮޑުވެފައި ހުއްޓަސް ބައެއްފަހަރު އާއިލާގެ އުފާތަކުގައި ބައިވެރިވެވޭފަހަރު ވަގުތު ކޮޅަކަށް ނަމަވެސް ހިތަށް ފިނިކަމެއް ލިބިދެއެވެ.

ޒެވިޔަން ވާހަކަތަކުގައި ބައިވެރިވެގެން އިންއިރު އަލީނާގެ މަތިން ހަދާންވިއެވެ. އަލީނާ އިންތިޒާރު ކުރާނެ ބާވައެވެ. ޒެވިޔަން އަލީނާއަށް މެސެޖެއް ކޮށްލުމަށްފަހު ހިނިތުންވެލިއެވެ. 

އެންމެ ފަހުން ޒެވިޔަން އޭނަގެ މަންމަ އާއި، ދޮންމަންމަ ހިތް އުފަލުން ފޮޅޭނެފަދަ ޚަބަރެއް އިއްވާލިއެވެ. ރިޔާ އާއި އެކުގައި ސިޓީއަށް ދުވަސްކޮޅަކަށް ބަދަލުވާން ނިންމި ވާހަކައެވެ. ރިޔާ ނަފްސާނީ ޑޮކްޓަރަކަށް ދައްކައިގެން ފަރުވާދޭން ފަށަން ބޭނުންވާކަމެވެ. ޒީބާ ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލި ނަމަވެސް ސީމާ އިނީ ޝައްކުގެ ނަޒަރަކުން ބަލަހައްޓައި ގެންނެވެ. 

"އެކަމަކު އެލީ ކިހާ ދެރަވާނެ، އެލީ ތިކަމާއި ދެކޮޅު ހަދާނެހެން ހީވަނީ..." ޖިލާއަށް ވަގުތުން އެހެން ބުނެވުމާއިއެކު ސީމާ އަލިފާނުގެ ބެލުމަކުން ބަލައިލައިފިއެވެ. 

"ނޫން، އަލީނާ މައްސަލައެއް ނުޖައްސާނެ، އެއީ ޕާފެކްޓް ވައިފްގެ ވެސް އެންމެ ރަނގަޅު މިސާލު، އެހެންނޫނަސް ޒެވިޔަން ކަހަލަ ފިރިޔެއް ލިބިއްޖެއްޔާ ގުރުބާން ނުވާނީ ކާކުތަ؟ އަލީނާ ތަޅާ މެރިޔަސް އޭނަ ހުންނާނީ އުފަލުން....ނޫންތަ ޒެވިޔާ......" ސީމާ ގެ ވާހަކައިގައި ކިތަންމެ ވަރަކަށްވެސް މަލާމާތުގެ ރާގު ހުއްޓެވެ. ޒެވިޔަންގެ އެންމެ ފަހު ޖުމްލަ ބުނެލީ ވަރަކަށް ރާގެއްލާފައެވެ. ޒެވިޔަން ކެތްތެރިކަން ކޮޅުން ލައިގެން ދިޔައެވެ.

"ސްޓެޕްމަމް ވެސް އަންކަލްއަށް އެހާ ރަނގަޅު ވައިފަކަށް ވެގެން ކެރިއަރ ދޫކޮށްލީ އެހެންވީމަ ކަން ޔަގީން..." ޒެވިޔަން އެއް ބުމަ އަރުވާލައިފިއެވެ. ސީމާގެ މޫނު އަލިފާން ކޮޅެއްހާ ރަތްވެއްޖެއެވެ. އެންމެންގެ ކުރިމަތީގައި މިލަދުކުޑަ ފިރިހެންކުއްޖާ އޭނަ ލަދުގަންނަވާލައިފިއެވެ. ޒީބާ ހޭންފެށިއެވެ.

"ނޯޓީ ޒެވިޔާ، ދެން މަންމަ އާއި މެދުވެސް ވިސްނާނީ ތިހެންކަން ޔަގީން، އެކަމަކު ސީމާ އެހެން ބުންޏަސް އެކަނި ދަރަޖައިގެ ތަފާތެއްނޫން އޮންނަނީ ދަރިފުޅާ، ލޯބި އަކީވެސް ދުނިޔޭގައި ލެއްވި އެއްޗެކޭ......." ޒީބާ ސީމާ އާއި ދިމާލަށް އެއް ލޯމަރާލައިފިއެވެ.

"އެހެންވިއްޔާ އެލީ އެންޑް ޒެވިޔާއަކީ ވެސް ލޯބިވެރިންގެ މިސާލެއް..." ދާވިޝް ވެސް ހިތާއި ދެކޮޅަށް ބުނެލައިފިއެވެ. ސީމާ ރުޅިވެރި ކަމާއިއެކު ތުންފިއްތާލައިގެން އިންއިރު ޖިލާ އިނީ ހީލަ ހީލައެވެ.

"ނޭގޭ ލޯތްބާއި ބެހޭ ގޮތުން އެއްޗެކޭ ބުނާކަށް، އެނގެނީ އެލީ އަކީވެސް ފެމިލީކަން، އެލީ ބަލިވެއުޅެނި ކޮށް ދުރަށް މިދަނީވެސް އަހަރެންގެ ފެމިލީ އިން އެލީ އާއި އަޅާލާނެ ކަމަށް ބަލާފައި، އެލީ އާއި އަޅާނުލިޔަސް އަހަރެންގެ ބޭބީ ވީމަ.... ތިންވަނަ ބޭބީ ލޫޒްވެއްޖެއްޔާ ޔަގީނުންވެސް ކެތްކުރާނެ ގޮތެއް ނޭގޭ، އެއަށް ވުރެ ކުރިން އަހަރެން ގެ ފުރާނަވެސް މިދުނިޔެ އާއި ވަކިވެގެން ދާނެ...." ޒެވިޔަން އެހެން ބުނެލި ގޮތުން ހީވީ އޭނައަށް ކަމެއް އެނގިގެން ދިން އިންޒާރެއް ހެންނެވެ. ޒީބާގެ ހިތާއި ފުރާނަވެސް ތެޅިލައިގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. ޒެވިޔަން އެބުނާހެން މިއީ ޒެވިޔަންގެ ތިންވަނަ ދަރިފުޅެވެ. އެ ދަރިފުޅަށް ގޮތެއް ވެއްޖެއްޔާ ޒެވިޔަން އަމިއްލައަށް ފުރާނަ ދުއްވާލަންވެސް ފަހެއް ނުޖެހޭނެއެވެ. ވީމާ ޒީބާއަށް ޖެހޭނީ ދަރިފުޅު ނައްތާލުމުގެ ޚިޔާލު ދޫކޮށްލާފައި އެހެން ޕްލޭނެއް ރޭވުމަށެވެ. ޒީބާ އާއި ސީމާ އެކަކު އަނެކަކަށް ބަލައިލައިފިއެވެ.

"ސުއިސައިޑް މިޝަންއެއްތަ ޒެވިޔާ، އަމިއްލައަށް މަރުވެއްޖެއްޔާ އެންޑިން އަޕް އިން ހެލް އެއްނު، ބިރުކުޑަ ފިރިހެނެއް، އެކަމަކު ޕޮޒިޓިވްވާން ޖެހޭނެ. ނަތިން ވިލް ހެޕެން ޓު ޖޫނިއަރ ޒެވިޔާ...." ދާވިޝް ދިމާކޮށްލައިފިއެވެ. 

"އިންޝާﷲ....." ޖިލާ އަވަސް އަވަހަށް ބުނެލުމުން އާއިޒު ޖިލާގެ އަތުގައި ހިފާފައި ފިތާލިއެވެ.

ޒެވިޔަން އާއިޒު ގާތުގައިވެސް އަލީނާ ރަނގަޅަށް ބަލައިދިނުމަށް ދެވަނަ ފަހަރަށްވެސް އެދުނެވެ. މަޖުބޫރުވެގެން ދުރަށް ދާންޖެހުނަސް އޭނަ އަލީނާ ދެކެ ލޯބިވާވަރު އާއިޒުއަށްވެސް އިހުސާސް ކުރެވުނެވެ. ފާޅުގައި ލޯބިވާކަމަށް ނުބުންޏަސް ޒެވިޔަން އަލީނާ ދެކެ ލޯބިވާކަން އެދެއްކި ވާހަކަތަކުން އެނުގުނެވެ. އާއިޒު ވަނީ ޒެވިޔަން ގާތުގައި ކިތަންމެ ވަރަކަށްވެސް އަތުވެދާނެ ނުރައްކަލަކަށް އިންޒާރު ކޮށްފައެވެ. ވަކި މީހެއްގެ ނަން ނުކިޔަސް އަލީނާއަށް މިގޭގައި އެހާ ރައްކާތެރި ނޫންކަން އާއިޒު ވަނީ ބުނެދީފައެވެ. ޒެވިޔަންވެސް އާއިޒުގެ ގާތުގައި އަލީނާ ރައްކާތެރިކޮށް ދިނުމަށް އެދުނީ އެހެންވީމައެވެ. އޭނަ އަންނަން ދެން އަލީނާގެ ބޮޑީގާޑެއްގެ ގޮތުގައި އާއިޒު ހުންނަން މަޖުބޫރު ކަމަށް ޒެވިޔަން ބުނީ ސަމާސާ އަކަށް ހަދާފައެވެ.

ޒެވިޔަން އާއި ރިޔާ ހެދުނު ކާރުގައި ނައްޓާލުމުން ޒީބާ އާއި ސީމާ މަޝްވަރާކޮށްފައި ނިންމީ އަލީނާ ވިހަންދެން އަޅާނުލައި ކެތްކުރުމަށެވެ. ޒީބާވެސް ނޭގުމުގެ ތެރޭގައި އެކުޑަ މާމަ ދަރިފުޅު ދެކެން ބޭނުންވާން ފަށައިފިއެވެ. ބުޅި އިސްތަށި ކޮޅެއްލާފައިވާ ރީތި އަންހެންކުއްޖަކު ލިބިއްޖެއްޔާ ރަނގަޅު ވާނެއެވެ. ދަރިފުޅު ވިހެއުމުން ކޮންމެވެސް ގޮތަކުން އަލީނާ ގެއްލުވައި ލެވިދާނެއެވެ. ޒީބާގެ ޚިޔާލު އެހެން ހުއްޓަސް ސީމާ އެއްގޮތަކަށް ވެސް އެކަމާއި އެއްބަހެއް ނޫނެވެ. ނަމަވެސް އޭނަ ހުރީ ހިމޭނުންނެވެ. ޒީބާއަށް ތާއީދު ކުރާކަމަށް ބޭރުފުށުން ދައްކާލައިގެން ހުރެ ހިތާހިތުން މަކަރުވެރި ކަންތަކެއް ރާވަމުން ދިޔައެވެ.

ޖުލައި 4 ވަނަ ރޭގައި އޮތް ހަވާ އެރުވުން ބަލަން ޒެވިޔަންގެ އާއިލާ އެކީގައި ދިޔައިރު ޒީބާ އަލީނާ ނުގެނައުމުން ޒެވިޔަން ދެރަވިއެވެ. އެ ދުވަސްކޮޅު ލިބުނު ޗުއްޓީގައި މޫދަށް ދިޔުމާއި، ބާބެކިއު، އަދި ޕިކްނިކް ފަދަ ޕްރޮގްރާމްތައް ވެސް ރޭވިފައި ވާއިރު އަލީނާ އެ އުފަލުގައި ބައިވެރިކުރަން ޒެވިޔަން ބޭނުންވީއެވެ. ޒީބާ ބުނިގޮތުން އަލީނާ އާއި ޖިލާ މިދުވަސްކޮޅު އެހާ ދަތުރުކޮށް އުޅުމަކީ ރައްކާތެރި ކަމެއްނޫނެވެ. ހަގީގަތުގައި ވެސް އަލީނާ މިދުވަސްކޮޅު މާގަދަޔަށް ހޮޑުލެވި، ވަރުބަލިވެ ތެދުވާނެ ވަރެއްވެސް ނުހުރެއެވެ. އެކަމަކު އޭނަ ޒެވިޔަންއަށްވެސް ސިއްރު ކުރިއެވެ. 

ޖުލައި މަހު ނިއުޔޯކްގެ މޫސުމް ތެތްވެފައި ހޫނެވެ. ދޭތެރެއަކުން ވާރޭ ވެހިގަންނާތީ، ބޭރަށް ދާއިރު ކުޑަ އެއް ނުގެންގޮސް ފިއްޔާ ތެންމައިލާނީ އިންޒާރަކާއި ނުލައެވެ. ޒެވިޔަން އާއި ރިޔާ ސެންޓްރަލް ޕާކްއަށް ގޮސްފައި ގެއަށް އައިގޮތަށް ވަރުބަލިވެފައި ވާތީ ރިޔާ ދިޔައީ ކޮޓަރިއަށެވެ. ޒެވިޔަން ފެންޑާއަށް ނިކުތްގޮތަށް އަލީނާއަށް ގުޅައިގެން ވާހަކަދައްކަން ބައިގަޑި އެއްހާއިރު ވަންދެން ހުރެލާފައި ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ރިޔާ އޮތީ އާދައިގެ މަތިން ނިކީ ގެންގުޅު ޓެޑީއެއްގައި ބައްދާލައިގެން ނިދާލާފައެވެ. ޒެވިޔަން ލެޕް ހުޅުވާލައިގެން އެނދުގައި ހަމަޖެހިލައިގެން ޖައްސާލިގޮތަށް ލަވައެއް ވެސް ޖައްސާލައިފިއެވެ. އެތައް ދުވަހެއްފަހުން އެފްބީ އަށް ޒެވިޔަން ވަދެލީ އެއްގޮތަކަށްވެސް މާޒީގެ ހަދާންތައް އޭނަގެ ހިތް އެހާވަރަށް ހަލާކު ކުރުވަފާނެ ކަމަކަށް ނޫނެވެ. ނިކީގެ ހަނދާނުގައި ހުޅުވާލާފައިވާ ޕޭޖަށް އެންމެ ފަހުން ރިޔާ ލިޔެފައިވާ އަސަރުގަދަ ލިޔުންކޮޅު ކިޔައިލުމާއިއެކު ޒެވިޔަންގެ ހިތް ހީވީ ކުދިކުދިވެގެން ދިޔަހެންނެވެ.

"ޑެޑީގެ ކުޑަ އެންޖެލް...." ޒެވިޔަންގެ ލޮލުގައި ކަރުނަތިކިތައް ވިދަންފެށިއެވެ. މާޒީގެ އެތައް ދުވަހެއް ހަނދާނަށް އައެވެ. ނިކީ އާއިއެކު ހޭދަކުރެވުނު އެތައް އުފާވެރި ރީތި ވަގުތުތަކާއި، އަދި ނިކީގެ އެންމެ ފަހު ވަގުތުތައްވެސް ފިލްމީ މަންޒަރު ތަކެއްހެން ލޮލުގައި ސިފަވިއެވެ. 

ރިޔާ ކޮޓަރިއަށް އައިގޮތަށް އެފްބީއަށް ވަދެ އެ ލިޔެލި ސްޓޭޓަސް އަށް މި ކުޑަ ވަގުތުކޮޅު އެތައް ސަތޭކަ ލައިކަކާއި، ކޮމެންޓެއް އައިސްފައިވާތަން ފެނުމުން ޒެވިޔަންއަށްވެސް ކޮމެންޓުތައް ކިޔައިލެވުނެވެ. ނިކީގެ މަރަށްފަހު ޒެވިޔަން އަދިވެސް ދަރިފުޅު ވަކިވެގެންގޮސް ފައިވާ ކަމަށް ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. އޭނަ އެފްބީ، ޓުވިޓަރ ފަދަ ސޯޝަލް ނެޓްވޯރކްތައް ބޭނުންކުރުން އެކީގައި ހުއްޓާލީވެސް ނިކީގެ މަރަށް ފަހުގައެވެ. މިއަދު ޒެވިޔަންއަށް ވެސް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. އަމިއްލަ ދަރިފުޅު ވަކިވެ ދިޔުމުން ކުރެވުނު އިހުސާސްތައް، އެހެންމީހުންނާއި ހިއްސާކޮށްލަން ފުރަތަމަ ފަހަރަށް ބޭނުންވިއެވެ. އޭނަގެ އިހުސާސްތައް ވެސް ކުޑަ ލަފުޒުތަކަކުން ލިޔެވުނު އިރަށް ޒެވިޔަންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަންފެށިއެވެ. ނިކީގެ އެންމެ ފަހު ވަގުތު ދަރިފުޅު ސަލާމަތް ކުރަން އޭނަ މަސައްކަތް ކުރި ގޮތާއި، އަދި ލައިޕް ސަޕޯޓް މެޝިނުގައި އެކުޑަ ހަށިގަނޑު އޮތް ހިތްދަތި ގޮތާއި، ނާކާމިޔާބުގެ ހިތިރަހަ ދެކެން ޖެހުނު ހަނދާންތައް ޒެވިޔަންގެ ކަރުނަތައް އިތުރު ކުރުވިއެވެ. އެކަރުނަތައް ހުއްޓުވާނެ އެއްވެސް ގޮތެއް ޒެވިޔަން އަކަށް ނޭގުނެވެ. ދުވަހަކު ނިކީ މަތިން ހަދާން ނުވާވަރަށް ހަދާންވިއެވެ. 

އޭނަ ލެޕް ލައްޕާލައިފައި ގޮސް ރިޔާގެ ގާތުގައި އޮށޯވެލާފައި ރިޔާގެ މޫނަށް ނަޒަރު ހުއްޓާލައިފިއެވެ. ރިޔާ ގެ އިހުސާސް ތަކާއި، ދެރަވާނެ ވަރު މިއަދު ޒެވިޔަންއަށް ރަނގަޅަށް ތަޖުރިބާ ކުރެވިއްޖެއެވެ. އެ ހިތަށް އަސަރު ކުރާނެ ވަރު ކިތަންމެ ރަނގަޅަށް ވެސް އިހުސާސް ކުރެވި އަމިއްލަ ނަފުސް ވެސް ކުށްވެރި ކުރެވުނެވެ. 

"ރިޔާ ކިހާ ބަދުނަސީބު ކުއްޖެއް، އަދި އަހަރެން އެހެން މީހަކާއި ހެދި އުޅޭކަން ޝައްކު ކުރެވުނީމަ ހިތް ހަލާކުވާނެ، އައިމް ސޮރީ ބޭބީ..." ޒެވިޔަން ރިޔާގެ މޫނުގައި ބޮސްދިނެވެ. މިއަދަށް ފަހު ރިޔާގެ ކަންތަކާއި ކުރިއަށްވުރެވެސް ބޮޑަށް އަޅައިލުމަށް ޒެވިޔަން ޚިޔާލު ކުރިއެވެ. އޭނަ ރިޔާ އުފަލުގައި ބަހައްޓަން ހުރިހާކަމެއް ކޮށްދޭނެއެވެ. 

ޒެވިޔަން ދޭތެރެ އަކުން އަލީނާގެ ކައިރިއަށް ޖައްސާލަނީ ރިޔާއަށް ސިއްރުންނެވެ. ޒެވިޔަން ހިތްހަމަޖެހޭ ވަރަށް އަލީނާ އާއި އެކު ވަގުތު ހޭދަކޮށްލެވޭ ކަމަކަށްވެސް ނުވެއެވެ. ނަމަވެސް އޭނަ ކެތްތެރިވިއެވެ. ރިޔާއަށް ފަރުވާލިބެން ފެށިފަހުން ކިތަންމެ ވަރަށްވެސް އޭނަގެ ރުޅިގަނޑު މައިތިރިވެ، ބަސްއަހަން ފަށައިފިއެވެ. ޑޮކްޓަރ ރެބެކާ ވެފައި ވަނީ ރިޔާއަށް ކިތަންމެހާވެސް ރަނގަޅު، މޮޅު ޑޮކްޓަރަކަށެވެ. ޒެވިޔަންވެސް ރިޔާ އާއި ދޭތެރޭގައި ކަންތައް ކުރަނީ އެހާ ލޯބިންނެވެ. އެހާ އަޅާލައެވެ. ލޯބިވެރި އަކުވެސް އެހާ އަޅާލައިގެން ކަންތައް ކޮށްދޭނެހެނެއް ހިޔެއްނުވެއެވެ. މިއަދުވެސް ޒެވިޔަން ރިޔާ ފެންވަރާލައިގެން އައުމުން ފައިތިލައިގެ އިނގިލިތައް އުނގުގައި ބާއްވައިގެން އިނދެ ޕެއިންޓްކޮށްލައި ދިނެވެ. އެއީވެސް އަދި ރިޔާ ހީލިކަރުވާ ވަރުން ފައިތިލިގައި އަތްނުލައި އިނދެއެވެ.

"ވަރަށް ކިއުޓް...." ޒެވިޔަން ރިޔާގެ ފައިތިލައިގައި ބޮސްދިނެވެ. ރިޔާ ހީލިކަރުވައި ގަތްވަރުން ހީގަނެވިއްޖެއެވެ. ޒެވިޔަން މަޖާވެލާފައި ފައިން ދޫނުކޮށް ހައްތަހާ ބޮޑަށް ގޯނާކުރިއެވެ. ރިޔާ ހީހީ ވަރުބަލި ވާވަރުވިއެވެ. އެ ސަކަރާތެއް ޖަހަމުންގޮސް އެންމެ ފަހުން ރިޔާ އަތުތެރެއަށް ގެނެވުނު އިރު ރިޔާގެ ހާލަތު އެއްގޮތަކަށްވެސް ޒެވިޔަން ހަދާނެއް ނެތެވެ. އެތައް ދުވަހެއް ވަންދެން އެފަދަ ހިތްހަމަޖެހުމެއް ނުލިބި އިންތިޒާރުގައި ވަނިކޮށް މިފަދަ ގާތްކަމެއް ލިބުމުން ކޮންމެ ޒުވާނެއްވެސް މަގު އޮޅިގެން ހިގައިދާނެއެވެ. ޒެވިޔަން އަށް ވަކި ހިސާބަކުން ހަމަހޭވެރިކަން ވެ، ރިޔާ އާއި މެދު ވިސްނައިލަން މަޖުބޫރުވިއެވެ. ނުބައި އިހުސާސެއް ކުރެވި، ރިޔާގެ އަމިއްލަ ނަފުސް ކުށްވެރި ކުރުމުގެ ކުރިން ޒެވިޔަން އަވަހަށް އެނދުން ތެދުވެއްޖެއެވެ. 

ރިޔާއަށް ޝޮކެއް ލިބުނެވެ. ރިޔާ އަކަށް ޒެވިޔަން މިފަހަރު ވިސްނީ ރިޔާ އާއި މެދުގައި ކަމާއި، އޭނަގެ ހިތްހަމަޖެހުން ހޯދަން ބޭނުންވިނަމަ ނުހުއްޓާނެ ކަންވެސް ވިސްނައިގަންނާކަށް ނޭގުނެވެ. އެހެންނޫންނަމަ އަނެކާގެ އިހުސާސްތައް ނުދެކެން ލޯ މަރާލާފައިވެސް އަމިއްލަ އުފަލާއި، ހިތްހަމަޖެހުން ހޯދަންވީއެވެ. ރޮއްވާލައިފައި ވެސް ތިމާގެ ބޭނުން ހާސިލު ކުރަންވީ ފަދަ ވަގުތެކެވެ. ނަމަވެސް ޒެވިޔަން ރިޔާއަށް ޓަކައި ކެތްކުރިއެވެ. ރިޔާ ނިންމީ ޒެވިޔަން އޭނަ އާއި އެކު އެފަދަ ގުޅުމެއް ބާއްވަން ބޭނުން ނުވަނީ ކަމަށެވެ. ނަމަވެސް ރިޔާ ދެރަވެ ރުއިމުގެ ބަދަލުގައި ހިމޭންކަން ޚިޔާރު ކުރިއެވެ. ނިދަން ވެގެން ދެލޯ މަރާލައިފިއެވެ.

ޒެވިޔަން ގެ މަންމަގެ ކާރު ހަލާކުވެގެން ޒެވިޔަންގެ ގާތުގައި ބުނުމުން ޒެވިޔަން މަންމަ ގެންގޮސް ދޭން ނިންމި އިރު ފުދޭވަރަކަށް ހިތްހަމަޖެހުނެވެ. ހަފްތާގެ މެދުތެރެއިން އަލީނާ ފެނިދާނެ ކަމުގެ އުއްމީދު ނުކޮށް ހުއްޓާ އޭނަގެ ނަސީބު ރަނގަޅުވީ ކަންނޭގެ އެވެ. ޒެވިޔަން ރިޔާ ބޮޑުދައިތައެއްގެ ގޭގައި ބަހައްޓާފައި މަންމަ ގޮވައިގެން ގޮސް ކާރަށް އެރިއެވެ. ފުދޭވަރަކަށް ދުރަށް ދުއްވާލެވުނު ފަހުން ރިޔާގެ ޚިޔާލު ބަދަލުވެ ދާން ބޭނުންވާކަމަށް ބުނެ ރޯން ފެށުމުން ޒެވިޔަންއަށް މަގަށް ދޭންވީ ވަރަށް ސަމާލު ކަމެއްވެސް ނުދެވުނެވެ.

"ދެން ނުރޮއި ބަލަ ބޭބީ، މިދަނީ ބަލައި، ތައްޔާރުވެގެން ހުރޭ..." ޒެވިޔަން ވާހަކަދައްކަ ދައްކައި އިނދެފައި ކުއްލިއަކަށް ނުބައި ފަޅިން އައި ލޮރީއެއް ފެނުމުން ސިހުނެވެ. އެލޮރި އައީ ސީދާ މަންމަ އިން ފަޅި އާއި ދިމާލަށެވެ. އެ ސިކުންތުކޮޅު ޒެވިޔަންގެ ޚިޔާލަށް އައީ އެކަނި މަންމަ ސަލާމަތް ކުރުން ކަމަށް ވާތީ ކާރު އަނބުރައިލުމާއި އެކު ބްރޭކް ހިފައިލެވިއްޖެއެވެ. ދަގަނޑުތަކެއް ކޭއްތިގެން ދިޔަ ބާރު އަޑުފަށްގަނޑާއި އެކީގައި ބިއްލޫރިތައްވެސް ތެޅިގެން ދިޔަ އަޑުން މާހައުލުގައިވި ހިމޭންކަން މުގުރިގެން ދިޔައެވެ. އެޔާއިއެކު ޒީބާއަށް ހަޅޭއްލަވައި ގަނެވުނީ ކަރުފަޅައިގެން ދާހާ ބާރަށެވެ.

ކޮމެންޓް 0