އަލީނާ ދެއްކީ ނޫހުގައި ޖަހާފައި އިން ލިޔުމެކެވެ. އެލިޔުން ފެށުނު އިރު ލާފައިވާ ދެ ފޮޓޯގައިވާ ނަން ފެނުމާއި އެކު ޒެވިޔަން އަށް އެއީ އަލީނާގެ ބޭބެމެންކަން އެނގުނެވެ. އާފާގު އަމީން އާއި އާޒިމް އަމީން އަކީ ކުރިންވެސް ކުށުގެ ރިކޯޑް އޮންނަ ދެމީހުން ކަމަށާއި، މިހާރު ހައްޔަރު ކުރެވުނީ މީހެއްގެ މަރުގެ ތުހުމަތުގައި ކަމަށް ލިޔެފައި އޮތުމުން އަލީނާގެ ގައިން ހީބިހި ހަލުވާލިއެވެ. ނުވީތާކަށް އެމީހުންގެ ރަށުގެ އެޑްރެސް ވެސް އޮތީ ޖަހާލައިފައެވެ. އަލީނާގެ ބައްޕަގެ ސަބަބުން މި އާއިލާގެ ތެރޭގައި އޭނަގެ އަގު ވެއްޓިފައި އޮތްވާ މިއޮތީ އަނެއް މައްސަލަ ފެންމަތިވެފައެވެ. އެންމެނަށް ބޭޒާރުވެފައެވެ. އެފަދަ ގެއެއްގެ ތެރޭގައި މާތް، މައުސޫމް އަންހެންކުއްޖަކު އުޅެދާނެ ކަމަށް ގަބޫލު ކުރާނީ ވެސް ކާކު ހެއްޔެވެ؟ ކޮންފަދަ ބޮޑު ބަދުނާމެއް ހެއްޔެވެ؟ އަމިއްލަ ބޭބެމެން ދެކެ އޭނަގެ ހިތުގައި ނަފްރަތުގެ ހުޅުކޮޅެއް އުފެދުނެވެ. އޭނަ އާއި އެފަދަ ބަޔަކާއި ލޭގެ ގޮތުން ގުޅުނީތީ އިންތިހާއަށް ހިތާމަކުރިއެވެ. 

ނަމަވެސް ދެން ކުރާނެ ކަމެއްނެތެވެ. މިއޮތީ ނޫސްތަކުގެ ފަލަ ސުރުޚީއަށް އޭނަގެ އާއިލާގެ ދެ މެމްބަރުން އަނެއްކާ ވެސް އަރާފައެވެ. އެކަމުވެސް އަމިއްލަ ބޭބެމެންނަށް ވީތީ ހިތަށް ހަމްދަރުދީވެ، އަސަރު ވެސް ކުރިއެވެ. އަލީނާގެ ލޮލުގައި އަނެއްކާ ތާޒާ ކަރުނަ ވިދަންފެށިއެވެ.

"ބޭބީ އެކަމާއި ނުވިސްނަބަލަ، ބުނެފީމެއްނު ދެން އެލީ ދޫކޮށެއް ނުލާނަމޭ، މިހުރިހާ ދުވަހުވެސް އަހަރެންގެ މަންމަ ވެސް ހުރީ އެލީ އާއި ދެކޮޅަށް، އެކަމަކު އައި ވޯޒް ދެއަރ ފޯ ޔޫ، އެހެންވީމަ ނޯ ވޮރީސް ބޭބީ، އަހަރެން އަބަދުވެސް މަގޭ އެލީ އާއި އެކީގައި ވާނަން، އައި ޕްރޮމިސް..." ޒެވިޔަން އަލީނާގެ ކަރުނަތައް ފޮހެލަ ދެމުން އެ އޮމާން ނިތްކުރީގައި ބޮސްދިނެވެ. ޒެވިޔަން ގެ ދެލޮލުން އެވަގުތުކޮޅުވެސް އަލީނާއަށް ފެނުނީ ނިމުމެއްނެތް ލޯތްބާއި، އަޅާލުމެވެ. އެ ރީތި ދެލޮލުގެ ފުންކަމުގެ ތެރެއަށް ގެނބިގެން ދިޔުމަށް އަލީނާ ބޭނުންވިއެވެ.

ޒެވިޔަންގެ ވާހަކަތަކުން އަލީނާގެ ހިތަށް ކޮންމެވެސް ވަރަކަށް ޝިފާ ލިބުނަސް އަމިއްލަ އާއިލާގެ މީހުންގެ ނުބައި ކަމާއި މެދު ކިތަންމެހާވެސް ފިކުރުބޮޑުވިއެވެ. އެމީހުންގެ ނިމުން އައިސްދާނެ ގޮތެއް ހިތަށް އެރުމުން އެ ޅަހިތް ރޫރޫއެޅިއެވެ. އަލީނާ ހަމަޖެހިލައިގެން ހުރެ އިޔާން އާއި ގުޅައިގެން ވާހަކަ ދައްކައިގެން ހަގީގަތް އެނގުނީމަ އަދި ޝޮކެއް ލިބުނެވެ. އިޔާން ބުނި ގޮތުން މަރުވި ފިރިހެންކުއްޖަކީ އިޔާންގެ ކުރީގެ އަންހެނުންގެ ދަރިއެއްކަމަށްވާ ވިޒާން އެވެ. ވިޒާން އިޔާން އާއި ދިމާލަށް މަރާލާނަމޭ ބުނިކަން އިޔާންގެ ގޭންގްސްޓަރ ދެ ބޭބެމެންނަށް އެނގުމާއި އެކު ރުޅިގަދަވެގެން ވިޒާންއަށް ގުޅައި އިންޒާރުދީފައި ވާކަން އެނގޭ ކަމަށް އިޔާން ބުނީ އަސަރާއި އެކުގައެވެ. އެކަމަކު އެމީހުން އެހާ ރަހުމް ކުޑަކޮށް ވިޒާން މަރާލަ ފާނެ ކަމަށް އިޔާން ވެސް ހީކޮށްފައެއް ނެތެވެ. ވިޒާންގެ މަރަށްފަހު އިޔާންވެސް ހުރީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ޖިޔާދު އެރޭ އޭނަގެ ބޭބެ މައިމޫން އާއި ބައްދަލުކޮށް ނޫހުގައިވާ ޚަބަރު ކިޔާލަދީފައި ދުވަހަކުވެސް ޖެމާ އާއި ދާވިޝްގެ ގުޅުމާއި ގަބޫލު ނުވާނެ ކަމަށް ތަކުރާރުކޮށް ބުނެލިއެވެ. މައިމޫން ވެސް ހުންނެވީ މިހާރު ދެ ފިކުރެއްގައެވެ. އެއްގޮތަކަށް ވެސް އެހާ ވިޔާނުދާ އުޅުމެއްނެތް އާއިލާ އަކާއި އޭނަގެ ލޯބިވާ ފިރިހެންދަރިފުޅު ގުޅެން އޭނަގެ ޒަމީރު ވެސް ހުއްދައެއް ނުދިނެވެ. އެކަމަކު އަލީނާ ވިހަންދެން ކެތްކޮށްލައިގެން ތިބުން މަޖުބޫރެވެ. އެއަށްފަހު އަޅުއްވާނެ ފިޔަވަޅަކާއި މެދު ދެބެން މަޝްވަރާ ކުރެއްވިއެވެ. އަދި ދާވިޝް އާއި އަމީންގެ ޑީންއެންއޭ ޓެސްޓް ކޮށްލަން އެއްބަސްވިއެވެ. އެކަނި ސީމާގެ ބަހަށް އެހާ ބޮޑުކަމެއް ނިންމުމަށްވުރެ ޒަމާނުގެ ޓެކްނޮލޮޖީގެ އެހީ ހޯދުން ބުއްދިވެރި ކަމަށް ޖިޔާދުއަށް ވެސް ގަބޫލު ކުރެވުނީ އެވެ.

އަމީން އާއި ސީމާ އެގެއަށް އައީ މައިމޫންގެ ދައުވަތަކަށެވެ. މައިމޫން މި ނުލަފާ މުޖުރިމް އުޅޭތަން ކުށުގެ ވެށްޓަކަށް ހެދި ސަބަބު ދެނެގަންނަން ބޭނުންވެލެއްވިއެވެ. އޭނަ އެކޭ އެއްފަދައިން ދަރިން އެ ފިޔަވަޅުމަތިން ހިނގާނީ ދެވުނު ނުބައި ތަރުބިއްޔަތަކުން ކަން ޔަގީނެވެ. ދަރިން ހަލާކުވެ ދިޔުމުން އަމީން އެކަމާއި ހިތާމަވެސް ނުކުރަނީ ހެއްޔެވެ؟ އެކަމަކު އެންމެ މުހިއްމު ވެފައި އޮތީ އަމީންގެ ޑީންއެން އޭ ޓެސްޓްކޮށްލަން ސާމްޕަލްއެއް ނެގުމެވެ. މައިމޫން، ޖިޔާދު އާއި އަމީން އެގޭގެ ފަހަތު ފެންޑާގައި ހޫނު ޗޮކްލެޓް ބުއިމަކާއި، އެހެނިހެން ކާއެއްޗަށް އިންސާފު ކުރަމުން ދިޔަ އިރު ހީވަނީ އެތައް ދުވަހަކުއްސުރެ ދެނެ ފަރިތަ ތިން އެކުވެރިން ހެންނެވެ. އަމީންގެ ލާނެތް ގޮތެއް ހުންނަކަން ވެސް މައިމޫންއަށް ފާހަގަ ކުރެއްވުނެވެ. ދޭތެރެއަކުން ޖަހާލާ ހިނިގަނޑުގެ ސަބަބުން އެހެންމީހުންވެސް ހެއްވާލާފަދަ ގޮތެއްހުރެއެވެ.

ދެކެވެމުން ދިޔަ ވާހަކައިގެ ތެރޭގައި ޖިޔާދު، އަމީންގެ އާއިލާގެ ދެކުދިން މީހަކުގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައި ވާކަން އެނގޭ ކަމަށާއި އެހެންވާން ޖެހުނު ސަބަބުވެސް އަހާލައިފިއެވެ.

"އަހަރެންގެ ދަރިންނެއް ނޫން އެއީ، އެކަމަކު އެންމެންގެ ފަހަތަށް އޮންނަނީ އަމީން ދޯ...." އަމީން ހިނިގަނޑެއް ޖަހާލައިފިއެވެ.

"ވަޓް؟ އެކަމަކު އެހެން ވާންވީ ކީއްވެތަ؟ އަލީނާ އަކީ އަމީންގެ ދަރިއެއްނޫންތަ؟ ހާދަ ކޮންފިއުޒް ވެއްޖެޔޭ....." މައިމޫން ބުމަ އަރުވާލެއްވިއެވެ. އަމީން ދެން ކިޔައި ދިނީ ހަގީގަތެއް ކަމެއް ނޫނީ މޮޅު ވާހަކައެއް ހަދައިލީ ނޫން ކަމެއް އެކަކަށްވެސް ޔަގީނެއް ނުކުރެވުނެވެ. އެކަމަކު އެ ވާހަކަ ނިންމާލި އިރު ޖިޔާދު އާއި މައިމޫން ވެސް އަމީން އާއި މެދު ހަމްދަރުދީ ވިއެވެ. އަޖައިބެއްފަދަ ވާހަކައެކެވެ. އަމީން އަކީ ކެތްތެރި ފިރިހެނެކެވެ. އަމީންގެ މާޒީގައިވާ އެ ހިތި ހަގީގަތް އެނގުނު ކޮންމެ މީހެއްގެ ލޮލުން ކަރުނަ އޮހޮރުވާނެއެވެ. އަމީން އެހާ ނުބައި މީހަކަށް ހެދީ އެ ކަޅު މާޒީއެވެ. އެ ބޮޑު އަނިޔާއެވެ. އަންހެނުންނާއި މެދު ހިތަށް އެރި ގޮތެއް ހަދަން މަޖުބޫރުކުރުވީ އެ ލިބުނު ކެއްސެވެ. 

ޖިޔާދުގެ ހިތް އަމީން އާއި މެދު ސާފުވިއެވެ. އެކަމަކު އަމީން އަކީ މޮޅު އެކްޓަރަކަށް ނުވާނެބާވައެވެ. މިއީ އަމީންގެ ތަމްސީލަކަށް ވެއްޖެއްޔާ އޭނައަށް ގްރެމީ އޮސްކާރ އެވޯޑެއް ދޭހާ މޮޅެވެ. އަމީން ކައި ނިމިގެން ސީމާ ގޮވައިގެން ބޭރަށް ނިކުމެ ބަލައިލި އިރު ފަހަތު ޖީބަށް ޖަހާފައިވާ ވޮލެޓެއް ނެތެވެ. އޭނަގެ އައިޑީ އާއި، ކާޑުތަކާއި އެއްޗެހިވީ އޭގައެވެ. އަމީން ގޭތެރެއަށް ވަދެގެން ދާން ހިނގައިގަތް އިރު އޭނަ ހުރީ ކުޑަކޮށް ހާސްވެފައެވެ. އޭރު އާއިޒު ވަރަށް ހުޝިޔާރު ކަމާއި އެކު އަމީންގެ ޖިންސްގެ ޖީބުން ނެގި ވޮލެޓް އިން ނެގި އައިޑީ ކާޑު ގެންގޮސް އޭނަގެ ބޮޑުބޭބެމެންނަށް ދައްކައި ނިންމާލައިފިއެވެ. އަމީން އާއި ސީމާގެ އޯ ޕޮޒިޓިވް ލޭ ހުރިއިރު ދާވިޝްގެ ވަނީ އޭ ޕޮޒިޓިވް ލެޔެވެ. އާއްމުކޮށް އެފަދަ ދެމަފިރިންނަށް ލިބޭނީ އޯ ޕޮޒިޓިވް ލޭކަމަށް ވިޔަސް ނާދިރު ހާލަތެއްގައި މިއުޓޭޝަންސްގެ ސަބަބުން އޭ ޕޮޒިޓިވް ލޭހުރި ކުއްޖެއް ލިބުމަކީ އެކަށީގެންވާ ކަމެއްވެސް މެއެވެ. ނަމަވެސް މިއީވެސް ދާވިޝްއަކީ އަމީންގެ ދަރިއެއް ނޫންކަން ސާބިތުކުރަން ލިބުނު ހެއްކެކެވެ. އާއިޒުއަށް ފިޔަވަޅު ތަކެއްގެ އަޑުއިވުމާއިއެކު އެތާހުރި ސޯފާއަށް ވޮލެޓް އެއްލައި ލެވުނީ ހަމަކިރިޔާއެވެ. އަމީން ހުރީ ދޮރުމަތީގައެވެ.

އަމީން ވޮލެޓް ނަގައި، ހުޅުވާލާފައި ހުރިހާ އެއްޗެއް ހަމަޔަށް ހުރިތޯ ބަލައިލިއެވެ. ދެން ހުރިހާ ދަތްތައް ފެންނަވަރަށް ހީލުމަށްފަހު ދާން ހިނގައިގަތެވެ. 

ޖެމާ އަށް ކެތްނުކުރެވިގެން އޭނަ ދާވިޝްއަށް ގުޅާފައި ސީމާ އެރޭ ފޮނުވި މެސެޖް ފޯވާޑް ކޮށްލުމުން ޖެހިގެން އުޅޭ މައްސަލަގަނޑެއް ކަމަށް ކިޔައިދީފައި، މާފަށްވެސް އެދުނެވެ. ދާވިޝްއަށް ނުފެނުނީ ހަގީގަތުގައި ޖެމާއަށް ކޮށްފައިވާ އަސަރުތަކެވެ. އެލޮލުން އޮހުނު ކަރުނަތަކެވެ. ދާވިޝް އަށް ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ ޖެމާކަން އެނގުނެވެ. އޭނަ ދާވިޝް އާއި ވަކިވާން ބޭނުންވީމަ އެގޮތަށް މުޅި އާއިލާ ތެރެއަށް ބައްޕައެއްނެތް މީހެއްކަން އަންގައި އޭނަ ބަދުނާމު ކުރީއެވެ.

"ޔޫ ޑިޑް ދަ ރައިޓް ތިންގް، ތޭންކްސް ސްވީޓްހާޓް...." ދާވިޝް އިތުރު އެއްޗެކޭ ބުނެލުމަކާއި ނުލައި ފޯނު ކަނޑާލައިފިއެވެ. 

ޖިޔާދު ގެއަށް ގޮސް އޭނަގެ އަންހެނުންނާއި ވާހަކަދެއްކުމަށްފަހު ޖެމާ ދާވިޝްގެ ކާރިއަށް ފޮނުވަން ނިންމައިފިއެވެ. ޖެމާގެ ކަރުނަތައް ދެކެން ޖެމާގެ މަންމައަށް ވެސް އޭރު ނުކުޅަދާނަވެފައި ވެއެވެ. މިފަދަ ގޮތަކަށް ތަގުދީރު ސަމާސާއެއް ކޮށްލަފާނެ ކަމަކަށް ހީކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އެންމެ ފަހުން ޖިޔާދު މެންނަށް ވެސް މިއޮތީ ދާވިޝްއަކީ އަމީންގެ ދަރިއެއް ނޫންކަން ގާތްގަނޑަކަށް ހެން ކަށަވަރުވެފައެވެ.

ދާވިޝް ބެލްކަނީގައި އަތްއަޅުވާލައިގެން ބޭރަށް ބަލަން ހުރި އިރު އަތުގައި ހުރީ އާވި އަރައަރާ ހުރި ހޫނު ކޮފީއެކެވެ. އެ ދިގު އިސްކޮޅާއި، ކަސްރަތީ ހަށިގަނޑުގެ ސަބަބުން ދާވިޝް ފެންނަނީ ޖިންސް މޮޑެލްއެއްހާ ސްމާޓްކޮށެވެ. ޓީޝާޓް އެއްފަރާތުން ކުޑަކޮށް ހިއްލިފައި ހުރުމުން ވަކިން ފުރިހަމައެވެ. ޖެމާ ދާވިޝްގެ ކައިރީގައި ހުއްޓި ރެއިލިންގައި އަތްއަޅުވާލަމުން ބޭރަށް ބަލަން ފެށީ ދާވިޝްގެ ކަތި، ފުން ނަޒަރަށް ކެތްނުކުރެވި ގެންނެވެ. އޭރު ވަޔާއި އެކު ގަސްތަކުގެ ގޮފިތަކުގައި ހަރުލާފައިވާ ގަނޑުފެންތައް ހިތްގައިމު، ލުއި އަޑަކާއި އެކު ބިންމައްޗަށް ފައިބަމުން ދާތަން ފެނެއެވެ. ގަނޑުފެންތައް ވިރެމުން ދާއިރު ވެސް އެހާ ހިތްގައިމެވެ.

"އަނެއްކާ ތިއައީ ކީއްކުރަންތަ؟" ދާވިޝް ބުމަގޮށްޖަހާލައިފިއެވެ. ޖެމާގެ ހިތަށް އަނެއްކާ ފިނިވީ އެ ރީތި ދެލޮލަށް ބަލައިލެވުމުންނެވެ. ލޯބީގެ ކުޑަ އަސަރެއްވެސް ނެތް ފިނި ބަލައިލުމެކެވެ. ދާވިޝް ހާދަ ބަދަލުވެއްޖެއެވެ.

"ޑޭޑް ހުއްދަދެއްވީމަ މިއައީ...." ޖެމާގެ ހިތުގެ ތެޅުން ބޭރަށްވެސް އިވޭނެކަން ނޭގެއެވެ.

"ކުއްލިއަކަށް އަހަރެން ފްރޮގް އަކުން ޕްރިންސް އަކަށް ބަދަލުވީތަ؟ އެވެސް ޖެމާ އާއި އެކީގައި ސްލީޕްކުރީމަ ރޯޔަލްކަމުގެ އަސަރު ކުރީ ކަމަށް ވާނީ، އެކަމަކު ޖެމާއަށް އެނގޭތަ؟ އައި އެމް ހޫ އައި އޭމް، އަހަރެން ނުވާނެ ބަދަލެއް، އަހަރެންގެ ބައްޕައަކީ ކާކުކަން ބަލާފައި އަހަރެން ލޭބަލް ކުރަން ނޫޅޭށޭ ޖެމާ އަންކަލް ގާތު ބުނެދީބަލަ، އެއްގޮތަކަށް ވެސް މި ޝާހީ ޓައިޓްލް އަކުން ކުރާނެ ކަމެއް ނެތް، ހޫމް ދެން ބައްޕަ ހުއްދަދެއްވީމަ ޖެމާ އަންނަން ޖެހޭތަ؟ އަހަންނަށް ހެވޭ ދެން ނަޔަސް، ނުބައިކުއްޖާ ގަނޑެއް، އަހަރެންގެ ފޯނު ފޮރުވައިގެން އެ ގަނޑު ގަނެފައި މުޅި ފެމެލީ އެންމެނަށް ހާޓްއެޓޭކެއް ވެސް ޖެއްސީ ތި ކުއްޖާ...." ދާވިޝް ކުޑަކޮށް ހީލައިފިއެވެ. ކިތަންމެ ސީރިޔަސް ވާން އުޅުނަސް ބައެއްފަހަރު ދާވިޝްގެ މިޒާޖު ހުންނަ ގޮތުން ރުޅިވެރިބައި ދައްކައިލަން ނޭގެނީއެވެ. ނަމަވެސް އެ ހުނުމުގައި ވެސް ލޯބީގެ ހޫނުކަމެއްނެތެވެ. 

"އެރޭ ހިނގި ކަންތަކަށްފަހު އަހަރެން ހީކުރީ ވީ ޝުޑް ބީ ޓުގެދަރކަމަށް..." ޖެމާ ފިނިވެފައިވާ އަތްތިލަ އުގުޅާލަމުން ބުންޏެވެ. 

"ޖެމާގެ ބަދަލުގައި ކޮންމެ އަންހެނަކު ހުރިނަމަވެސް ވީހީ އެގޮތަށް، އެއީ ލޯތްބެއް ނޫން ލަސްޓް ނޫނީ އެހެން އެއްޗެކޭ އެއަށް ކިޔާލެވިދާނެ، އަހަރެން ހަދާނެއް ނުނެތޭނެ، ޔޫ ބިޓްރޭއިޑް މީ، އެކަމަކު އަހަރެންވެސް މިހިރީ ފެމިލީއަށް ޓަކައި މި މެރިޖް ކުރިއަށްވެސް ގެންދާން، އަހަރެން އިރިޓޭޓް ކުރަން ޕެސްޓެއްހެން ދެން ފަހަތުގައި އުޅޭނަން ދޯ......" ދާވިޝް އެއްއަތުން ކޮފީ މަގުގައި ހިފަހައްޓާލައިގެން އަނެއް އަތް ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހުރެ ދާން ހިނގައި ގަންނަމުން އެ ބަލައިލީ ވެސް ކޮންފަދަ ނަޒަރަކުން ހެއްޔެވެ؟ ޕެސްޓެކޭ ކިޔުމުން ޖެމާ ގަތްލަދެއްގެ ބޮޑުކަމުން މޫނު އަލިފާން ކޮޅެއްހާ ރަތްވެ ނުރޮވުނީ ކިރިޔާއެވެ. މިހާވަރުގެ ލަދެއް މުޅި އުމުރުގައި ވެސް އޭނަ ނުގަނެއެވެ. އޭނަ ހީކުރީ އެރެއަކީ އޭނަ އާއި ދާވިޝްގެ ގުޅުމަށް އައި ހެޔޮ ފާލެއްކަމުގައެވެ. ނަމަވެސް ދާވިޝް މާފުނުކުރާނެ ކަން އަންގައިފިއެވެ.

އެންމެން ހެނދުނު ނާސްތާ ކުރަން ހަމަޖެހިލައިގެން ތިބި އިރު ރިޔާވެސް އިނީ ޒެވިޔަން ޕާސްޕޯޓް ނުދީގެން ތުން އޫކޮށްލައި ގެންނެވެ. ތަށިތަކުގައި އުލާއި، ސަމުސާ ތަޅުވާވަރުން ތަށިވެސް ތަޅައިގެން ގޮސްދާނެ ހެން ހީވިއެވެ. އެންމެން ނާސްތާކޮށްގެން ނިމިގެން މައިމޫން ޒީބާ ގޮވައިގެން ދުރުވުމުން ޒުވާން ކުދިން ކޮޅު މޭޒުދޮށުގައި އެކަނިވިއެވެ. ޖެމާ ވަރަށް ހަމަޖެހިލައިގެން އިނދެ އެރޭ ގަނޑުފެނުގެ ތެރޭގައި އޭނަ އާއި ދާވިޝް ގުޅެން ދިމާވި ގޮތް ކިޔައިދިނެވެ. އެރޭގެ އެ ގާތްކަމަށްފަހު ދާވިޝްގެ ފަރާތުން މިފަދަ ފިނިކަމެއް ފެނިދާނެކަމަށް ހީނުކުރާ ވާހަކަވެސް ޖެމާ ބުނެލީ ޖެހިލުމެއް ނެތިއެވެ.

"އަހަރެން އިނީމަ މިއަދު ބްރޭކްފާސްޓް ނަގަން މިތަނަށް ނައީ، އައި ބެޓް ދުވަސްކޮޅަކަށް ވެސް ދާވިޝްއަށް އެގޮތަށް ހިފަހައްޓައެއް ނުލެވޭނެ، ލޯބިވާއިރުވެސް އެ ފީލިންސްތައް ހައިޑްކުރަން ވަރަށް މޮޅުވާނެ...." ޖެމާ ދެވަނަ ކޮފީތަށި އަޅައިލަމުން އެހެން ބުނެލި އިރު އެލޮލުގައި ވަނީ ތޫނު ވިދުވަރެކެވެ. އޭނަ އަޒުމް ކަނޑައަޅާފައި ވަނީ ފިނި މޫސުމް ނިމޭއިރަށް ދާވިޝް އޭ އެކިޔާ ގަނޑުފެންގަނޑު ވެސް ވިރުވައިލުމަށެވެ.

"ޖެމް ގަދަކޮށްލަން ނޫޅެބަލަ، މުޅިންވެސް ޖެމްގެ ފޯލްޓް....." ރިޔާ ބުމަގޮށް ޖަހާލައިފައި ޖެމާއަށް ބަލައިލިއެވެ.

"އަހަރެން ސޮރީއޭ ބުނީމަ ދެން ގަބޫލުކުރަން ވެއްޖެއެއްނު، އަހަރެން ދެން ހަމަ އާދޭސް ކުރަންވީތަ؟" ޖެމާވެސް ތަންކޮޅެއް ބާރަށް ބުންޏެވެ. 

"ސޮރީ އޭ ތިބުނީ ވަގުތު ފާއިތުވީފަހުން، ދާވިޝް މަގޭ ގާތުގައި އެއްބަސްވި އެލީ ދެކެ ލޯބިވާ ކަމަށް، އޭނަ ޖެމް އާއި ހެދި ކްރޭޒީވެފައި ކަމަށް ޖެމް ހީކުރަންޏާ ޔޫ އާ މިސްޓޭކެން......." ރިޔާގެ އެ ޖުމްލައިން އެތާ ހީވީ ކުޑަވަރެއްގެ ބޮމެއް ގޮއްވައިލެވުނު ހެންނެވެ. ޖެމާ ކޮޅަށް ތެދުވި އިރު އެލޮލުން އެތައް އަސަރުތަކެއް ފެނުނެވެ. ކުއްލިއަކަށް ޖެމާ ރޮމުން މޭޒު ދޫކޮށްލާފައި ދާން ފެށުމުން ޒެވިޔަން ހިތްހަމަނުޖެހިގެން ރިޔާ އާއި ދިމާލަށް ދެތިން އެއްޗެކޭ ބުނުމުން ރިޔާގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ.

"ޒެވިޔާ އޭނަ ކުރި ކުށެއްވެސް ޒެވިޔާ އަކަށް ނުފެނުނެއްނު. އޭނަ ޑިފެންޑް ކުރަން ތިއުޅެނީ، މައި ހަޒްބެންޑް ނެވަރ ޓޭކްސް މައި ސައިޑްއޭ ބުނެވޭނީ، އަބަދު އެލީ އެލީ، މިހާރު ޖެމާވެސް މަށަށް ވުރެ ރަނގަޅުވީ، ވަޓް އޭމް އައި ޓު ޔޫ؟ އެކައްޗެއް ވެސް ނޫން ދޯ، ވީއިރު އަހަރެން ވަރިކޮށްފައި ފޮނުވާލަން ވީނު، އޭރުން އެ ނިމުނީ، ހުރިހާވެސް މައްސަލައަކީ އެންމެނަށް މަޖުބޫރު ކުރުވައިގެން މި ފެމިލީގައި އިހު ސްޓައިލަށް މެރީކުރުވާތީ، ޒެވިޔާއަށް ބޮލަށް ފަސޭހަވާނީ އަހަރެން މަރުވިއްޔާ، ދެން ކީއްވެތަ އެކަން ކުރަން ނުކެރެނީ، އެއްފަހަރުން މަރާލަބަލަ، ޔަގީނުންވެސް އަމިއްލައަށް ގަދަވެސް ވާނީ، އެތައް ވަރަކަށް އާދޭސްކޮށްފިން ޕާސްޕޯޓް ދޭށޭ ކިޔާފައި، އެކަމެއްވެސް ނުވި، އަހަރެން ދެކެ ލޯބި ނުވަންޏާ ދެން ކޮން މައްސަލަ ގަނޑެއް ޖައްސާކަށް...." ރިޔާގެ ބޮޑު ދެލޮލުގައި ކަރުނަ ވިދާއިރު ރީތިކަމުން ހީވީ އެހެންފަދަ ކަމެއްހެންނެވެ. 

އަލީނާ އިނީ ހިތް ފިނިވެފައެވެ. ރިޔާ އެކަމާއި ވެސް ކުށްވެރި ކުރާނީ އޭނަ ބާވައެވެ. އަލީނާ އިސްޖަހާލައިފިއެވެ. އާއިޒު އާއި ޖިލާ ތިބީ ކިޔާނެ އެއްޗެއް ނޭގިފައެވެ.

ޒެވިޔަންގެ މޫނުމަތީގައި މިހުރިހާއިރު ވަންދެން ފެންނަން ހުރި ލާނެތްކަން ކެނޑި، ތުންފަތުގައިވާ ފަނޑު ހިނިތުންވެސް ނެތިގެން ހިގައްޖެއެވެ. އެންމެންގެ ތެރޭގައި މިގޮތަށް އަރައިރުން ވުމަކީ ޒެވިޔަން ދެކޭ ގޮތުގައި މާ ރީތިކަމެއް ނޫނެވެ. ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަން ވާނެއެވެ. ރިޔާ ގެ އެ ޝަކުވާ އަކީ މާކުރިއްސުރެ ޒެވިޔަން އަޑުއަހަންޖެހިފައިވާ ޝަކުވާއެއް ނަމަވެސް ތަފާތު އެތައް ގޮތަކުން ޒެވިޔަން ވަނީ އެ ޝައްކު ރިޔާގެ ސިކުނޑިން ނައްތާލަން މަސައްކަތް ކޮށް، ވިސްނާދީފައެވެ. ރިޔާގެ ކުށަކީ ގަބޫލު ނުކުރުމެވެ. ޒެވިޔަން، ރިޔާ އާއި ދިމާލަށް ބަލަހައްޓައިގެން އިންގޮތުން އޭނަ އިނީ އިންތިހާއަށް ނުރުހުންވެފައި ކަން ރިޔާވެސް ދެނެގަތެވެ. ޒެވިޔަންގެ ހިތުގެ އެންމެ ނާޒުކް ހިސާބަށް ރިޔާ ފިތާލީއެވެ. ޒެވިޔަން ތަށިތައް ދުރުކޮށްލާފައި ހިނގައިގަތުމުން ރިޔާ ރުޅި އައީ އަމިއްލަ ނަފުސް ދެކެއެވެ. ޒެވިޔަން ލައްވާ އޭގެ އަދަބު ލިބިގަންނަން ވެސް ބޭނުންވިއެވެ.

ރިޔާ ފަހަތުން ދިޔަގޮތަށް ޒެވިޔަންގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ.

"އެނގޭތަ މިތަނުގައި އެންމެ ބޮޑަށް ކުށްވެރި ވަނީ ކާކުކަން؟ ޒެވިޔާގެ މަންމަ ދިން ލަނޑަކުން އަހަރެން މިއަދު މިވަރަށް ރޯންޖެހިފައި މިވަނީ... ޝީޒް އެ ބިޗް...." ރިޔާ ގެ ފަހު ލަފުޒު އެކަނި ޒެވިޔަންއަށް އިވޭވަރަށް ބުނެލީވެސް ރިޔާ ކުޑަކޮށް ވިސްނާލާފައެވެ. އާއިޒުމެންނަށް އޭނަ އެހެން ބުނިކަން ނާންގަން ވެގެންނެވެ. ޒެވިޔަން އެނބުރިލުމާއިއެކު ރިޔާގެ މޫނަށް އަރައިގެން ދިޔަ ހޫނު އެތިފަހަރަކުން އޭނަ ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. ވަގުތުން މޫނުރަތްވެ، މޫނަށް އަނދިރިވާ ގޮތްވެސް ވިއެވެ. އޭރު ޒެވިޔަންގެ ފެހިދެލޮލުން އަލިފާނުގެ ކަނި ބުރަމުން ދާހެން ހީވިއެވެ. އޭނަ ހާދަ ދުވަހަށް ކެތްކޮށްލައިފިއެވެ. 

ރިޔާގެ ފަރާތުން ފެންނަ މިފަދަ އުދަގޫ ޖުމްލަތަކާއި އަނިޔާ ތަކަށްވެސް ޒެވިޔަން ވަނީ އެތައް އަހަރެއްވާންދެން ކެތްކޮށްފައެވެ. ކަނޑައެޅިގެން ރިޔާ ކުށްވެރިވާފަދަ ކިތަންމެ ކަމެއްކޮށްފައި ވާއިރުވެސް އޭނަ މާފުކުރިއެވެ. އެތައް ފުރުސަތެއް ރިޔާއަށް ދިނެވެ. ނަމަވެސް ރިޔާ ބަދަލުވާކަށް ނޫޅުނެވެ. މިއަދަކީ ޒެވިޔަންގެ ކެތްތެރިކަން ކޮޅުންލި ދުވަހެވެ. އޭނަ އަކީ އަންހެންކުއްޖެއްގެ ގަޔަށް އަތްލުމާއި އިންތިހާއަށް ދެކޮޅު މީހެކެވެ. އެއްވެސް ހާލެއްގައި އަންހެންކުއްޖަކަށް ކުޑަ އަނިޔާއެއް ކުރެވިގެން ވާނެ ކަމަކަށް ވެސް ނުދެކެއެވެ. އެ އުސޫލުވެސް މިއަދު ފުނޑުފުނޑު ކޮށްލެވުނީ ރިޔާގެ ސަބަބުންނެވެ.

ރިޔާ ގަތް ލަދާއި، ކުރި އަސަރެއްގެ ބޮޑުކަމުން ވަގުތުން ދުއްވައި ގަތީ ސިޑި އާއި ދިމާލަށެވެ. ޒެވިޔަން ވެސް ފެންޑާއަށް ނިކުތްގޮތަށް ތުންފަތުގައި ދަތްއަޅާލައިގެން މާ ދުރަށް ބަލަން ހުރި އިރު އަދިވެސް އެލޮލުން ރުޅިވެރިކަމުގެ އަސަރުތައް މުޅިން ފިލައިގެނެއް ނުދެއެވެ. ރިޔާ އާއި މެދު އަޅަންވީ ފިޔަވަޅަކާއި މެދު ވިސްނައިލުމަށްފަހު ހިތް މަޑުވާން ވެސް އުޅުނެވެ. ރިޔާގެ ނަފްސާނީ މައްސަލަ އަލުން ހިލުނީ ކަމަށްވެސް ވެދާނެއެވެ. އޭނަ ހަމަ ހޭހުރި ފިރިހެނަކުވެސް އެގޮތަށް ބަލިކަށި އަންހެންކުއްޖެއްގެ ގަޔަށް އަތްލައިގެންވެސް ނުވާނެއެވެ. އެކަމަކު ރިޔާއަށް ވެސް އޭނަގެ މަންމަ އާއި ދިމާލަށް އެގޮތަށް ބުނެވިގެން ވެސް ނުވާނެއެވެ. ޒެވިޔަން ވަކި ގޮތެއް ނުނިންމިގެން ހުރި އިރު ޔަގީންވާ އެންމެ ކަމެއް އޮތެވެ. ރިޔާއަށް ދެރަގޮތެއް ހަދާކަށް އޭނައަކަށް ނުކެރޭނެއެވެ. ރިޔާގެ ނިކަމެތިކަން އަލީނާއަށް ވުރެ ހުރިހާ ގޮތަކުން ބޮޑެވެ.

ޖެނުއަރީ މަސް ނިމެން އުޅުނު އިރުވެސް ޒެވިޔަން އާއި ރިޔާގެ ގުޅުން އޮތީ ނިކަން ބޮޑަށް ހީނަރުވެފައެވެ. ޒެވިޔަން ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ނޫނީ ނުދައްކައެވެ. އަދި ރިޔާ ގެ ގައިގައި ޖެހުނީތީ ޒެވިޔަން މާފަށްވެސް ނޭދުނެވެ. ދާވިޝް އާއި ޖެމާވެސް އުޅެނީ އެއްކޮޓަރީގައެވެ. ދެމީހުންނަށް ކުރެވޭހާވެސް ކަމަކީ އެކަކު އަނެކަކަށް ޖެއްސުން ކުރުމާއި، ބަހުގެ ހަމަލާތައް ދިނުމެވެ. އެކަކު އަނެކަކަށް ކިތަންމެ ބޭނުންވި ކަމުގައި ވިޔަސް އިސްނަގާކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. 

އަލީނާ ވިހާ ދުވަސް ކާރިވީވަރަކަށް ބަނޑުގައި ރިއްސުމާއި، ކުދި އުދަގޫތައް ކުރިމަތިވެ ކުރިއަށްވުރެ ބުރަހެލިވެއްޖެއެވެ. ތެދުވެ އުޅޭނެހާ ހިތްވަރެއްވެސް ނުހުރެއެވެ. އެކަމަކު އޭނަ ހުންނަނީ ޝަކުވާއެއް ނުކުރަން ނިންމައިގެންނެވެ. ޒީބާ އާއި އެކީގައި ވެސް ވަގުތު ހޭދަކުރެއެވެ. އެއާއި އެކު އަލީނާ ދުވަސްތައް ގުނަމުން ދިޔައީ ކެތްތެރި ކަމެއްނެތިއެވެ. ދަރިފުޅުމެން ދެކޭ ހިތްވާވަރަށް ބިރުވެސް ގަނެއެވެ. އެހެންވެ އަލީނާ ބޭނުމީ އަވަހަށް ސިޒޭރިއަންވެސް ހެއްދުމަށެވެ. އެކަމަކު ރިޔާއަށް ދިމާވި ހާދިސާ ރަނގަޅަށް އެނގިފައި ވާތީ އޮޕަރޭޝަން ދެކެވެސް ގަންނަން ފެށީ އަމަށަކު ބިރެއްނޫނެވެ. އެންމެ ފަހުން އަލީނާއަށް ހެދުނު ގޯހަކީ ޔޫ ޓިއުބުން ސިޒޭރިއަންއެއް ހެދިތަން ބެލުމެވެ. އެއަށްފަހު އަލީނާ ގެ ޅަހިތުގައި އުފެދެންފެށި ބިރުވެރި ކަމަކުން ހަދާނެ ގޮތް ހުސްވާ ހިސާބަށް ވެސް ދިޔައެވެ.

އަލީނާ ކަކުލާއި ހަމަޔަށް އޮތް ފިޔާތޮށި އަދި ހުދުކުލައިގެ މިޑީއެއްލައިގެން ހުރި އިރު އެ ދޮން މޫނާއި އިންތިހާއަށް ގުޅެއެވެ. އަލީނާ ކުޑަދޮރު ކައިރީ ހުރި އިރު ބޮޑެތި ސްނޯފްލޭކްސްތައް ވައިގެ ތެރޭގައި އެގޮތް މިގޮތަށް ނަށަމުން ބިމަށް ތިރިވާތަން ފެނެއެވެ. މި މަންޒަރު ފެނި ފެނި އަދިވެސް އަލީނާ ފޫއްސެއް ނުވެއެވެ. ކިތަންމެ ގިނައިރެއްވިޔަސް ޖާދޫގައި ޖެހިފައި ހުރެވިދާނެއެވެ. އަލީނާ އެތާހުންނަތާ ދެތިން މިނިޓް ނުވަނީސް މީހަކު ދޮރު ހުޅުވައިލުމުން ސިހުނެވެ. އޭނަ ހަރުވާޅެއްވެސް ނުލައި އުޅެނިކޮށް ކުއްލިއަކަށް ވަދެގަތީ ކާކުބާވައެވެ. 

"އަލީނާ، އަހަރެން މިއައީ ވަރަށް ބޮޑުކަމަކު އެދެން، އައިޑޯން ހޭވް މަޗް ޓައިމް...." ރިޔާ ކޮޓަރި ތަޅުލާފައި އައިގޮތަށް އަލީނާގެ ކުރިމަތީގައި ހުއްޓުނީ ހަށަން ބަދެލައިގެންނެވެ. ނޭގޭ ބިރެއްގެ ސަބަބުން އަލީނާގެ ހިތް ތެޅިލައިފިއެވެ. ފެނުނު ހުވަފެން މަތިން ހަނދާންވިއެވެ. އޭނަ ސޯފާއަށް ތިރިވީ ހަށިގަނޑު ސަމާލުކުރުމަށެވެ.

"ވެވޭވަރު ކަމެއްވެއްޖެއްޔާ....." އަލީނާ ގަދަކަމުން ހިނިތުންވެލިއެވެ. އަލީނާ ފަހަރެއްގައި ވެސް ރިޔާގެ ހެޔޮކަން ހަނދާން ނައްތައެއް ނުލާނެއެވެ.

"އަހަންނަށް އެނގޭ އެލީއަށް އުދަގޫވާނެކަން، އެކަމަކު އަހަރެން ވަރަށް ލޯބިވޭ ޒެވިޔާ ދެކެ، އަހަރެން ކުޑައިރުން ފެށިގެންވެސް އެނޫން އެހެން މީހެއްދެކެ އެއްވެސް ވަރަކަށް ލަވްއެއް ނުވޭ. ހީޒް މައި އެވްރީތިން، އެހެންހުއްޓާ އެލީ އަހަރެމެންގެ ލޯތްބަށް ހުރަސް އަޅާލި އެކަނި އަންހެންކުއްޖާކަމަށް ތިވީ، އެލީއަށް ތިވަނީ ޒެވިޔާގެ ފަރާތުން ދުނިޔޭގައިވާ އެންމެ އަގުހުރި ހަދިޔާ ލިބިފައި، ޒެވިޔާގެ ބޭބީސްއިން ލިބުމަކީ އެލީގެ ނަސީބު، ޓު ބީ އޮނެސްޓް އަހަރެން މިހިރީ ޖޭވެފައި، އަހަންނަށް ނެތް ޒެވިޔާނޫން އެހެން އުފަލެއް ލިބޭކަށް، އެހެންވެ އައި ބެގް ޔޫ، ބޭބީމެން ވިހެއީލަ އެލީ އަހަރެމެންގެ ލައިފުން ދުރަށް ގޮސްދާނަންތަ؟" ރިޔާގެ އެ ލަފުޒުތައް ތީރުތަކަށް ވެގެން އަލީނާގެ ހިތް ފޫއަޅުވާލައިފައި ލޭއޮހޮރުވާލިހެން އަލީނާއަށް ހީވިއެވެ. ބަސްހުސްވިއެވެ. ގަނބުވެފައި، އެސްފިޔަ ޖަހައިލަން ނޭގިފައި އިންދާ އަލީނާގެ ލޮލުން އައި އެންމެ ބަރު ކަރުނަތިއްކެއް އެސްފިޔައަށް ނުކުޅަދާނަ ވެގެން ތިރިއަށް ދެމިގަތެވެ. އެވަގުތާއި ހަމަޔަށް އަލީނާއަށް ކުދިން ތޮޅޭކަމުގެ އިހުސާސް ކިތަންމެ ރަނގަޅަށް ވެސް ކުރެވުނެވެ. ނަމަވެސް މަންމަގެ ވޭނީ އިހުސާސް އެ ޅަ ޅަ ފުރާނަތަކަށް ވެސް އަސަރު ކުރުވީ ކަންނޭގެ އެވެ. ހީވީ ކުއްލިއަކަށް އެކުދިންގެ ހަރަކާތްތައްވެސް ހުއްޓުނު ހެންނެވެ. 

"ޕްލީސް، ޕްލީސް، ޕްލީސް އެލީ، އަހަންނަށް އަންޑަސްޓޭންޑްވޭ، އުދަގޫވާނެ ވަރުވެސް އެނގޭ، އެލީވެސް ތިއީ އަހަރެން ފަދައިން އަންހެނެއް، އެހެންމީހެއްގެ ފިރިއެއް ޖަހައިގަނެގެން އުޅޭއިރު އަނެކަކަށް ލިބޭނެ ހިތާމަ ފީލްވާނެ، އަހަންނަށް އެއްގޮތަކަށް ވެސް ޒެވިޔާ އާއި ނުލައި ދިރިއެއް ނޫޅެވޭނެ، އެލީއަށް ކުދިން ތިބީމަ ހަމަޖެހިލައިގެން އުޅެވިދާނެ، ޒެވިޔާ ނޫން އެއްވެސް މީހެއް އަހަރެންގެ ނެތް، އަހަންނަށް ކަމެއްކޮށްދެންޏާ އަހަރެންގެ ހަޒްބެންޑް އަހަންނަށް ދީ...." ރިޔާ އާދޭސް ކުރަމުން ގޮސް ރޯންފެށިއެވެ. ރިޔާ އެދުނީ ޒެވިޔަން އާއި ކޮންމެ ގޮތެއް ހަދާފައިވެސް ވަކިވުމަށެވެ. ރިޔާގެ އެއިން ކޮންމެ ޖުމްލައެއްވެސް އަލީނާގެ ހިތް ކަފައި ކުދިކުދި ކުރިއެވެ. 

ރިޔާ ކޮޓަރިން ނިކުމެގެން ދިޔުމާއި އެކު އަލީނާއަށް ރޮވެންފެށިއެވެ. އޭނައަށް އިހުސާސް ކުރެވުނީ ދުނިޔެވެސް ކުނޑިކުނޑި ވެގެން ފައިބަން ފެށިހެންނެވެ. މޫނުގައި އަތްއެޅުނެވެ. ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް އެ ހިމަ އިނގިލި ތަކުގެ ދޭތެރެއިން ވެސް އޮހެން ފެށީ ވޭނީ ކަރުނަތަކެވެ. ހިތްކުދިކުދި ވެގެން ފައިބަނީއެވެ. ރިޔާއަށް ނޭގުނީއެވެ. އޭނަގެވެސް ވަނީ ރިޔާފަދަ ހިތެކެވެ. އެހިތުގައިވެސް ވަނީ އެކަނި ޒެވިޔަންގެ ލޯތްބެވެ. އޭނަގެވެސް ފުރަތަމަ އަދި އެންމެ ފަހުގެ ލޯތްބަކީ އެކަނި ޒެވިޔަންއެވެ. އޭނައަކީ މިދުނިޔޭގައި އެކަނިވެރި އެކެވެ. ޒެވިޔަން ނޫން މީހަކު އޭނަގެ ނެތެވެ. ރިޔާގެ ވަށައިގެން އެވަނީ ބޮޑު އާއިލާ އެކެވެ. ހުރިހާ އެންމެންގެ ލޯބި ރިޔާއަށް އޮހެމުން ދަނީއެވެ. 

އަލީނާވެސް ގަބޫލު ކުރެއެވެ. އޭނައަށްވެސް ދުނިޔެއިން ލިބުނު އެންމެ އަގުހުރި ހަދިޔާއަކީ ކުދިންނެވެ. އެކަމަކު ޒެވިޔަން އާއި ވަކިވުމަށް އެހިތަށް ކުޅަދާނަވާނެ ހެއްޔެވެ؟ އެއަށްވުރެ ކުރިން އޭނަ މަރުވެދާނެއެވެ. ކުއްލިއަކަށް އަލީނާގެ ބަނޑާއި އުނަގަނޑުގައި ކެތްނުކުރެވޭހާ ބޮޑަށް ރިއްސާލައިފިއެވެ.

އަލީނާ ކަންބޮޑުވެފައި އިނދެ ސޯފާއިން ތެދުވާން އުޅުމުން އެކަނި ތެދުނުވެވުނެވެ. "ޒާވް ކޮންތާކު ތިއުޅެނީ، އައިމް ސްކެއާޑް" އަލީނާގެ ހިތް ގޮވާލިއެވެ. ހީވީ އަލީނާގެ ހިތުގެ އެދުމަށް ޒެވިޔަން ޖަވާބު ދިން ހެންނެވެ. އެވަގުތު ދޮރު ހުޅުވާލައިފައި ޒެވިޔަން ވަން އިރު އޭނަ އައީ ފޯނުން ކޮންމެވެސް މީހަކާއި ވާހަކަ ދައްކަމުންނެވެ. އަލީނާއަށް ޒެވިޔަން ފެނުމުން އަވަހަށް ކަރުނަތައް ފޮހެލާފައި، މޫނުމަތި ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަން އުޅެގަތް ގޮތުން ޒެވިޔަން ހައިރާންވިއެވެ. މުޅިން ކާމިޔާބު ނުވިކަމުގައި ވިޔަސް އަލީނާ މޫނުމަތި ވެސް ރީތިކޮށްލައިފިއެވެ. އެކަމަކު ނިތްކުރީގައި މުތީތަކެއް ފަދައިން ބަބުޅަމުން ދިޔަ ދާތިކި ތަކާއި ކަފަކޮޅެއްހެން ވާ މޫނުގެ ސަބަބުން ޒެވިޔަންއަށް ވަގުތުން އެނގުނެވެ.

ކޮމެންޓް 0