ޑާލިން ރުޅިނާދެބަލަ، ޝީޒް މައި މަމް އެހެންވީމަ އަހަންނަށް ހުއްދަ އޮތް ތަނަކަށް މަންމަ ގާތުގައި ނުވަންނާށޭ ބުނީމަ މަންމައަށް ކިހާ ހާޓް ވާނެ، ޒެވިޔާ ތިއީ އެހާ ކްރުއެލް މީހެއް ނޫންކަން އެނގޭ ދެން ކީއްވެ މަންމަ ދެކެ ޒެވިޔާ ހޭޓްކުރަނީ...." ރިޔާ ޒެވިޔަންގެ އޮމާން މޫނުގައި އަތް ޖައްސައިލަމުން ބުންޏެވެ.

"ރިޔާގެ މަންމައަށް ވީތީ އަހަރެން މިވަރަށް ވެސް ކެތްކުރަނީ، އަހަރެން ބޭނުމެއްނޫން ރިޔާ ގާތުގައި މަންމަ ގެ އަގުވެއްޓޭފަދަ ގޮތަކަށް ވާހަކަ ދައްކަން އެކަމަކު އަހަރެން ހޭޓް ކުރަން އޭނަ ދެކެ، ރީޒަން ނޭހިއްޔާ ރަނގަޅީ، ރިޔާއަށް އަޑުއަހަން ހިތްވަރެއް ނުހުންނާނެ......" ޒެވިޔަން ރިޔާގެ އަތް މަޑުމަޑުން ދުރަށް ޖައްސައިލުމަށްފަހު ގޮސް ސޯފާގައި އިށީދެލީ އެއްފައި ދަމާލައިގެން މޮޑެލް ސްޓައިލަށެވެ. ނޫކުލައިގެ ޓީޝާޓުގެ ހިޔަނި ލޮލަށް އެޅިފައިވާއިރު ލޮލުގެ ކުލަ ވަކިން ރީތިކަމަށް ދައްކައެވެ. އެކަމަކު ޒެވިޔަން ދެއްކި ވާހަކަ އަކުން، އެރީތިކަންވެސް ހިދުކޮޅަކަށް ސިކުނޑިއަށް ޖާދުލެއް ދެން ވެރިކުރުވީ ހާސްކަމެކެވެ. ރިޔާއަށް ބަލަހައްޓައިގެން ހުރެވުނީ ކަންބޮޑުވެފައެވެ. ސުވާލު މާކުތަކުން ސިކުނޑި ފުރުނެވެ. 

"ޒެވިޔާ، އަހަންނަށްވެސް އެނގުމުގެ ހައްގު އޮންނާނެ އެއްނު، ބުނާނެ ދެމީހުން ގެ ދޭތެރޭގައި ސިކްރެޓެއް އޮވެގެން ނުވާނެއޭ، ޔޫ ލައިޑް..." ރިޔާ ހުރީ ތަންކޮޅެއް ދުރުގައެވެ. ޒެވިޔަން އުނގުގައި އޮތް ހިތުގެ ބައްޓަމަށްވާ ބާލީ ހާއި ކުޅެލަން އިނަސް އޭނަ އިނީ ޚިޔާލެއްގައި ކަން ރިޔާ ދެނެގަތެވެ. އެހެން އިންއިރުވެސް ހާދަ ހިތްގައިމެވެ. ކުޑަކޮށް ދިގުވަމުންދާ އިސްތަށިގަނޑުން ބަޔެއް އެ ކަޅުކުލަ ގަދަ ބުމަ މައްޗަށް ވެއްޓި ގޯނާކުރަމުން ދާތަން ފެނުމުން އެ އިސްތަށިކޮޅާއި މެދުވެސް ހިތް ހަސަދައިން ފުރުނެވެ. ޒެވިޔަން ކުރަނީ ކޮން ޚިޔާލެއް ބާވައެވެ. ޔަގީނެވެ. އަލީނާ އާއި މެދު ވިސްނަނީ އެވެ. ރިޔާގެ ހިތުގައި ހަސަދައިގެ އަލިފާން އަނދައިގަތެވެ.

"ޒެވިޔާ، އަހަރެން ބުނި އެއްޗެއް ނީވެނީތަ؟ އާންސާ މީ، ޑޭމިޓް...." ރިޔާ ހަޅޭއްލަވައި ގަތުމާއި އެކު ވާހަކަ ދެއްކުނީ އަދަބުވެރި ނޫންކަންވެސް ވިސްނުނެވެ. ކައިވެނީގެ ކުރީ އަހަރުތަކުގައި ޒެވިޔަންއަށް ކުރެވުނު އިހުތިރާމާއި، އަދަބުވެރިކަން ދިޔަތަނެއްވެސް ނޭގުނެވެ. އަމިއްލައަށް ވެސް އެކަމާއި ހައިރާން ވާން ޖެހުނެވެ. އޭނަ އެހާ އަމުރުވެރި ވާން ދަސްކުރީ ކޮންތަނަކުން ބާވައެވެ. ކޫސަނި ޒުވާބުތައް ފެށެނީ ކީއްވެ ހެއްޔެވެ؟ އެހެން އުޅެންޏާ ޒެވިޔަން އޭނަ ދެކެ ލޯބިވުމުގެ ބަދަލުގައި ވާނީ ފޫއްސެވެ. މިހާރު އެ ހިތުގައި ރިޔާ އާއި މެދު ލޯތްބެއް ވޭބާވައެވެ. އެ ސިއްރުވެރި ދެލޮލުން އެކައްޗެއްވެސް ހާމައެއް ނުވާނެއެވެ.

"ޖަވާބު ދީފީމެއްނު...." ޒެވިޔަން ސޯފާއިން ތެދުވެފައި ރިޔާއަށް ބަލައިލި ނަޒަރަކުން ރިޔާގެ ހިތަށް ފިނިވިއެވެ. ކޮންފަދަ ތޫނު ބަލައިލުމެއް ހެއްޔެވެ؟ ރުޅި އާއި އެހެން އަސަރެއްވެސް އެކުލެވޭހެން ހީވިއެވެ.

"އައިމް ސޮރީ، ސޮރީ ހަޅޭއްލަވައި ގަނެވުނީމަ، ބޭނުމެއްނޫން އަބަދު ވާބަލް ފައިޓަކަށް ދާކަށްވެސް، ޒެވިޔާ...." ރިޔާ ފުން ނޭވަޔެއް ލާފައި ކަރު އެލުވައިލަމުން ބުންޏެވެ. އޭނަ މިއަދު ދުނިޔޭގައިވާ އެންމެ ބޮޑު މަލުގެ ބުކޭ ޒެވިޔަންއަށް ހަދިޔާ ކޮށްފައި ރަސްމީކޮށް މާފަށް އެދޭނީއެވެ. އޭރުން ޒެވިޔަން ގަބޫލު ކުރާނެއެވެ. 

"މިލިއަން ފަހަރު ތިހެން ކިޔާނަން ދޯ، އައި މީން ކުރިއަށް އޮތްތާގައި...." ޒެވިޔަން އެހެން ބުނެލާފައި ސޯފާގައި އޮތް ބާލީސް ރިޔާ އާއި ދިމާލަށް އެއްލައިލުމަށްފަހު ދާން ހިނގައި ގަތުމުން ފަހަތުން ގޮސް ގޯނާއެއް ކޮށްލާކަށްވެސް މިއަދު ނުކެރުނެވެ.

"މިއީ ލާސްޓް ފަހަރު....." ރިޔާ މަޑުމަޑުން ބުނެލިއެވެ.

ޒެވިޔަންގެ ބެލުމުގައި އެހުންނަ އަސަރަކާއި، އަދާތައްވެސް ރިޔާގެ ހިތް ކަތިލާހާވެއެވެ. އެކަމަކު އޭނައަށް ޒެވިޔަން މިލްކުނުވަންޏާ އެރީތިކަމުން އޭނައަށް ފައިދާއެއް ނެތެވެ. އަބަދު ނަފްސާނީ ހަގުރާމައެއްގައި ބެދެވިފައިވިޔަސް ކާމިޔާބެއްވެސް ލިބެނީއެއް ނޫނެވެ.

ރިޔާ އެނދަށް ބަންޑުން ވެއްޓިގަނެގެން ބާލީހުގައި މޫނު ފޮރުވާލައިފިއެވެ. ދެރަވެގެން ގޮސް ހިތް ހަލާކުވީއިރުވެސް އޭނަ ގެ ލޮލަށް ކަރުނަ ތިއްކެއް ނައެވެ. އަދި އަމިއްލަ ހަށިގަނޑަށް އަނިޔާއެއް ދޭންވެސް ހިތަކަށް ނޭރިއެވެ. އަމިއްލަ ނަފުސް ކުށްވެރި ކުރެވުނީ ވަރަށް ބޮޑަށެވެ. މާފަށް އެދުން ވެސް ރިޔާއަށް މިއަދުވީ ބޮޑު، ލަދުވެތި ކަމަކަށެވެ. ޖޯކަކަށެވެ. ނޭގި އެދޭތެރޭގައި ބީރައްޓެހިކަމުގެ ފަރުދާއެއް ލެވުނީ ބާވައެވެ. މަޑުމަޑުން ގޮސް އޭނަގެ ލޯބިވެރިޔާ އޭނަ އާއި ދުރުވެގެން ދަނީ ހެއްޔެވެ؟ އަތުން ބީވެގެން ހިގައިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. ޒެވިޔަން ހުރިހާ ސިއްރުތައް އަލީނާއަށް ކިޔައިދޭ ބާވައެވެ. އަލީނާ ޒެވިޔަން އާއި ދިމާލަށް ހިތަށް އައިގޮތަށް އެއްޗެހި ކިޔާ، ޒުވާބު ކުރޭބާވައެވެ. ރިޔާގެ ސިކުނޑީގައި އެތައް ކަންތަކެއް ފުނިޖެހެމުން ދާއިރު ބިރުވެރިކަމުގެ ރާޅުބާނިތަކެއް ނާރުގައި ދަތުރުކުރިއެވެ.

ރިޔާ އެތައް އިރެއްވާންދެން އެނދުގައި އޮތުމަށްފަހު ތެދުވެގެން ގޮސް ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލައިފިއެވެ. ހުރިހާ ދިމާލަކުން ފެންނަނީ ހިމޭންކަމެވެ. ރިޔާ ބޮޑުކޮޓަރިއަށް ނިކުތުމާއި އެކު އޭނަގެ މަންމަގެ ފަރާތުން ލިބުނު ޚަބަރަކުން ރިޔާގެ ހިތް އުފަލުން ފުންމައިގަތެވެ. ޒެވިޔަން އުޅެނީ އަލީނާ މާލެއަށް ފޮނުވައިލުމަށެވެ. ދަރިން ނަގާފައި އަލީނާ ދޫކޮށްލަނީ ޒެވިޔަންގެ ބައްޕަގެ އެދިލެއްވުމުގެ މަތިންނެވެ. ރިޔާގެ ހިތް އުފަލުން މައިތިރިނުވެގެން އުޅުނު އިރުވެސް އޭނަ އެކަން މޫނުމަތިން ދައްކާކަށް ބޭނުމެއްނުވިއެވެ. ނޭގޭ ސަބަބަކާއި ހުރެ އަލީނާ އާއި މެދު ހަމްދަރުދީވެސް ވެއްޖެއެވެ. އަލީނާ ފަކީރަށް އެހާ ބޮޑު ހިތާމައެއް ލިބެން އުޅެނީ އޭނަގެ ސަބަބުން ހެއްޔެވެ؟ އޭނަ އަލީނާއަށް ލިބުނު އުފާކޮޅު ފޭރިގަތީ ހެއްޔެވެ؟ ބޮޑުބޭބެ ކައިރީގައި ޝަކުވާ ކޮށްގެން ނުފޫޒުގެ ބޭނުންކޮށްގެން އެހެން މީހަކަށް ބޮޑު ލަނޑެއް ދެވުނީ ހެއްޔެވެ؟ ނިކަމެތި ކުއްޖަކީ އޭނަ ހެއްޔެވެ؟ ނޫނީ އަލީނާ ހެއްޔެވެ؟ 

ޒީބާ އާއި އަލީނާ ކޮޓަރީގައި ތިބި އިރު އަލީނާ އޮތީ އެނދުގައި އޮށޯވެލައި ގެންނެވެ. ކުދިން ނިދާގަޑީގައި އަލީނާ ކޮންމެހެންވެސް އަރާމު ކުރަން ޖެހޭނެ ކަމަށް ބުނެ ޒީބާ އެކަމަށް ބާރު އަޅާ ހަދަނީ މަދެއްކޮށްނޫނެވެ. ކުދިން ނިދާ ގަޑިއެއް ވެއްޖެއްޔާ އަލީނާ ވެސް އޮށޯވެ އޮންނަން ޒީބާ މަޖުބޫރު ކުރެއެވެ. ދެކުދިންނާއިގެން އުޅޭ މަންމައެއްގެ ހާލު ޒީބާއަށް ވަޒަން ކުރެވުނީ ކަންނޭގެ އެވެ. އެހެންނޫނަސް ދެކުދިންގެ ކަންތަކުގައި ޒީބާގެ އަޅާލުމާއި، އެހީތެރިކަން ވަރަށް ބޮޑަށް އަލީނާއަށް ލިބެން ފެށީމަ އަލީނާގެ ހިތަށް އުފަލެއް ލިބުނެވެ. ޒީބާ ގެ ހިތުގައި އޭނަ އާއި މެދު ކޮންމެފަދަ ރޭވުމެއް އޮތަސް ކުދިންދެކެ ލޯބިވާވަރު ޒީބާ ވަނީ ސާބިތު ކޮށްދީފައެވެ. އެތައް ގޮތަކުންނެވެ. އަލީނާއަށްވެސް އެކަން އިހުސާސް ކުރެވޭވަރަށެވެ. ކުދިންނަށް ޒީބާ ހޯދަދިން ނަމާއި ވެސް އަލީނާ ދެކޮޅެއް ނެހެދިއެވެ. 

އެކަމަކު ޖިލާ ތަފާތެވެ. ޖިލާގެ ބޭބީގެ ކަމަކާއި އެހެން މީހެއްހެ ނުފޫޒު ފޯރުވާކަށް ޖިލާ ތަނެއްނުދެއެވެ. ކުއްޖާއަށް ޒީބާ ދިން ނަމާއި ޖިލާ ފާޅުގައި ދެކޮޅު ހެދިއެވެ. އާއިޒު ވެސް އެކަމާއި ހިތްހަމަނުޖެހިގެން ޖިލާ އާއި ދެމީހުން ޒުވާބަކަށް ގޮސްދާނެތީ ޒީބާ ވަނީ ޖިލާ ދިން ނަން ޒީބާއަށް ވެސް މާ ރީތިކަމަށް ބުނެ އާއިޒުއަށް އޮޅުވާލާފައެވެ. އަލީނާ އެފަދަ ކަންތަކާއި ވެސް ޒީބާއަށް ދޫ ދޭތީ ޒީބާއަށް އަލީނާ ދެކެ ކުރިއަށްވުރެ ބޮޑަށް ލޯބިވެވިއްޖެއެވެ. މިހާ ރަނގަޅު ޅީދަރިއެއް މީހަކަށް ލިބިދާނެ ކަމަކަށް ޒީބާ ގަބޫލެއް ނުކުރެއެވެ.

އަލީނާ އެނދުގައި އޮށޯވެލައިގެން އޮވެ ވާހަކަ ކިޔަންވުމުން ޖެހިލުން ވިނަމަވެސް ޒީބާއަށް ޓަކައި އެކަންކޮށްދިނެވެ. ތަންކޮޅެއް ޖަޒުބާތީ ތަންކޮޅެއް ކިޔާފައި އަލީނާގެ އަޑު ކުރެހިގެން ދިޔުމުން ޒީބާ ވެސް ފެންކަޅިވިއެވެ.

"އަލީނާ ހަމަ ރަނގަޅަށް ވެސް ދަނީތަ؟ ޔަގީނުންވެސް އަހަރެން ނޭދެން އަލީނާ އާއި ދަރިން ވަކިކުރާކަށް، އަދި ޔަގީނުން ވެސް އަލީނާގެ ތި ހެޔޮކަން ހަދާން ނައްތައެއް ނުލާނަން، އަލީނާ ހާދަ ރަނގަޅޭ، ވަރަށް ހަދާން ވާނެ، އަހަންނަށް ވަނީ ޕާސްޓްގައި އަލީނާގެ ހިތުގައި ޖެހޭފަދަ ގޮތަކަށް ކަންތައް ކުރެވިފައި، އަދި ނިކީ އެންމެ ފަހު ވަގުތުގައި އެ ތުއްތު ހޭންޑްރައިޓިން އިން އެލީދެކެ ލޯބިވާކަން ފާޅުކޮށް ލިޔުނު ކުރެހުން ފެނުމުން ރޮވުނު، ހިތަށް އަރާ އެކުޑަ ފުރާނައަށްވެސް ހަމަޖެހުމެއް ނުލިބޭނެއޭ، އަހަރެމެން އެއްވެސް ވަރަކަށް ވިސްނާނުލައި އަލީނާ އާއި މެދު ކަންތައްކުރީ ކިހާ ނާއިންސާފުން، އެކަމަކު އަލީނާ ދުވަހަކުވެސް އެއްޗެކޭ ނުބުނަމެއްނު، އެހާވެސް ދެރަކޮށް އަލީނާ އާއި މެދު ކަންތައް ކުރެވިފައި ވަނީ، އަލީނާ އަހަންނަށް މާފުކޮށްދީ އަދި މިގެއިން ނުދާތި...." ޒީބާ އިސްޖަހާލައިގެން އިނދެ ބުންޏެވެ. އެއީ އަލީނާ ދުވަހަކުވެސް އުއްމީދުކުރި ފަދަ ލަފުޒު ތަކެއް ނޫނެވެ. ޒީބާ ހާދަ ބަދަލުވެއްޖެއެވެ.

"އެއީ މާފަށް އެދޭވަރުގެ ކަމެއްވެސް ނޫން، އެކަމަކު ވެސް އަޅުގަނޑު މާފުކޮށްފިން، ސްޓޯރީ ކިޔުމަކީ އަޅުގަނޑުވެސް ކުރާހިތުން ކުރިކަމެއް، އަޅުގަނޑަށް މާބޮޑު ކަމެއް ކޮށްދެވިފައެއް ނެތް، އަޅުގަނޑު އަމިއްލަ އަކަށް ނޫން ދާން އުޅެނީ، އަޅުގަޑު މިދުނިޔެއިން އެންމެ އުޅެން ބޭނުންވާ ތަނަކީ މިއީ އެކަމަކު އަޅުގަނޑު ހުންނަން އެދެނީ ޒެވިޔަން އަދި..." އަލީނާގެ ލޮލުގައި ކަރުނަ ވިދަން ފެށިތަން ފެނުމުން ޒީބާގެ ހިތަށް މާބޮޑަށް އަސަރު ކުރިއެވެ.

"އަލީނާ އަކީ ޒެވިޔާގެ ވައިފް، މާބޮޑަށް ނިކަމެތިވާކަށް ނުވާނެ، ރިޔާ އެކޭ އެއްވަރުވާން ވާނެ ދޯ، އެލީ ހީކުރަނީ އަހަންނަށް ރިޔާ ކޮންމެ ގޮތަކަށް އުޅުނަސް އަލީނާއަށް ވުރެ ކަމުދާނެ ކަމަށްތަ؟ އެލީ ކިތަންމެ ރަބގަޅު ކުއްޖަކަށް ވިޔަސް ދެލޯ މަރާލާފައި ނުފެންނަކަމަށް ހެދިގެން އުޅެން ޖެހޭކަމަށްތަ؟ އަހަރެން މިއީ އެހާ ނުބައި މީހެއް ނޫން އެލީ......." ޒީބާ ވެސް ފެންކަޅި ވާގޮތްވިއެވެ. އަލީނާ ހައިރާންވިއެވެ. އޭނައަށް މި އިނދެވުނީ ހުވަފެނެއްގައިބާވައެވެ. 

ޒީބާ އަލީނާގެ މައުސޫމް މޫނަށް ނަޒަރު ހުއްޓާލިއެވެ. ލޯބިން މަހުރޫމްވެފައިވާ މި ކުޑަކުޑަ ކުއްޖާއަށް މަންމައެއްގެ ލޯބި ދޭން ޒީބާ އެހާ ބޭނުންވި ވަގުތުކޮޅެއް ނާދެއެވެ. ބޮޑެތި ކަރުނަތިކިތަކާއި އެކުގައި ވެސް އަލީނާ ހިނިތުންވެލި ގޮތާއި، އެ ކޯތާފަތަށް ވެރިވި ފިޔާތޮށި ކުލައިން ޒީބާގެ ހިތް ބަންޑުން ވިއެވެ. އަލީނާގެ ހިތުގައި މިވަގުތު ހިގާނީ ކޮންކަންތައްކަން އޭނައަށް އެނގޭނެ ނަމައެވެ. އަލީނާ ހީކުރާނީ މިވަރަށް ކަންތައް ކޮށްދިން އިރުވެސް އެހެން މީހަކު އެ އިހުސާން ތެރިކަން ބަލައިނުގަންނާނެ ކަމަށް ހެއްޔެވެ؟ އަދި ރިޔާ ޒީބާ ގެ ލޯ އަނދިރި އިރު ދުވަހަކު ކަމެއް ކޮށްނުދިނަސް ޒީބާ ލޯބި ވާނީ ރިޔާ ދެކެކަމަށެވެ. އެއީ އެހެން އޮތްކަމެއް ނޫނެވެ. ނިކަމެތި ހާލުގައި އިންމީހަކަށް އިންސާނަކު ކޮށްދޭ ކުޑަކުޑަކަމެއް ވިޔަސް އުމުރަށް ހަދާނުގައި ހަރުލާފައި ވާނެއެވެ. ހިތަކުން ނުފިލާނެއެވެ. އަލީނާއަށް އޭނަ ޒީބާ ގެ ހިތުން މަގާމެއް ހޯދިކަން އެނގޭނެ ނަމައެވެ. ލޯބިވާކަން އެނގޭނެ ނަމައެވެ.

"ނޫން، އަޅުގަނޑަށް އެގޭ، ފްލޯރާމެން ދައްކާ ވާހަކަ ތަކުން ވެސް އެނގޭ ކައިންޑް ހާޓެޑް ކަން...." އަލީނާއަށް މިފަހަރު "މެޑަމް" އޭ ކިޔާލައިފައި ގޮވާލަން ނުކެރުނު ސަބަބެއް ނޭގުނެވެ. ކޮންމެވެސް ސަބަބަކާއި ހުރެ އެނަން ކިޔަން އަލީނާ ވެސް ފަސްޖެހުނެވެ. އަލީނާ އެންމެ ހައިރާންވީ އޭނަގެ ހިތުގައި ވަނީ ކޯންޗެއްކަން ޒީބާ ދެނެގަނެ ސީދާ އެ ވާހަކަ އޭނަ އާއި ދިމާލަށް ބުނުމުންނެވެ.

"އެލީ، މިއަދުގެ ފަހުން އެލީ ކިޔަން ވާނީ މަންމައޭ އިނގޭ، ޒެވިޔާ ފަދައިން ތިއީވެސް އަހަރެންގެ ދަރިއެއް....." ޒީބާ އަލީނާގެ އަތުގައި މަޑުމަޑުން ފިރުމާލިއެވެ. އަލީނާއަށް އެވަގުތު އެގުނީ ޒެވިޔަން ބުނާފަދައިން ކަރާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއްކަމެވެ. ޒީބާގެ ހިތުން މަގާމެއް ލިބުނުކަން އެ ލަފުޒުތަކުން ބަޔާން ވެއްޖެއެވެ. ޒީބާ އަލީނާ ގެނެސް މޭގައި ޖައްސާލަމުން އެ ބުޅި އިސްތަށިގަނޑުގައި ފިރުމާލި އިރު ދެލޮލުގައި ވެސް ވަނީ ކަރުނައެވެ.

ޒެވިޔަން ނޫނީ އޭނަ އަދިވެސް އިތުބާރު ކުރެވޭ މީހަކު ނެތި ނަރުސްކުއްޖަކާއި ވެސް ދަރިން ހަވާލު ކުރުމަކީ އަލީނާއަށް ވެސް ކުރެވޭނެކަމެއް ނޫނެވެ. އަލީނާއަށްވެސް ޖިލާ ދަރިފުޅާއި މެދު ވާވަރު އެނގެއެވެ. އޭނަވެސް ޖިލާ ފަދައިން ކުދިންދެކެ ލޯބިވެއެވެ. ކިތަންމެ ވަރަކަށް ވެސް ހިމާޔަތް ކޮށްދޭން ބޭނުންވެއެވެ. ނަމަވެސް ޖިލާ ގޮތަށް އެބައި އެހާ ބޮޑަށް އެންމެންގެ ކުރިމަތީގައި ދައްކާލަން އަލީނާއަށް ނުކެރެނީއެވެ. އެކަމަކު އަލިނާވެސް ވަނީ އެކުދިން ދުނިޔޭގެ ހުރިހާ އަނިޔާތަކުން ސަލާމަތް ކޮށްދޭން އަޒުމްކަނޑަ އަޅާފައެވެ. ރައްކާތެރި ކަމާއި އެކު އަންހެންދަރިން ބެލި މަޔަކަށް ސުވަރުގެ ލިބޭނެ ކަމަށް ވާރިދުވެފައިވާއިރު އެއިން އޭނައަށް ވެސް މާނައެއް ނެގުނެވެ. އޭނަގެ މަންމައަކީ އެކަމުގައި ނާކާމިޔާބުވެފައިވާ އެކެކެވެ. މަންމަގެ އަންހެން ދަރިންނަށް އެގޭގައި އެއްވެސް ރައްކާތެރި ކަމެއް ނުލިބުނެވެ. ޚާއްސަކޮށް ދޮންތަ އަށެވެ. އެކަނި ބައްޕަގެ ފަރާތަކުން ނޫނެވެ. އެގެއަށް އަންނަމީހުންގެ ގޯނާތައްވެސް ދޮންތައަށް ފޯރިއެވެ. އެކަނި ރީތިވި ކަމަށްޓަކައެވެ. އަލީނާއަށް ކުޑައިރު އެ ހިތި ތަޖުރިބާ ކުރެވުމަށްފަހު ހުންނަނީ ނިކަން ރަނގަޅަށް ލޯ ހުޅުވާލައިގެންނެވެ. 

އަންހެން ދަރިން ލިބުނީމަ އަލީނާ ވަކިން ބޮޑަށް އެކަމާއި ވިސްނިއެވެ. އެކުދިން ބޮޑުވެ، މީހަކާއި އިންނަވަރުވަންދެން ހިލޭ ފިރިހެނެއްގެ ހިޔަނިވެސް އޭނައަށް ވެގެން އެޅުނަކަ ނުދޭނެއެވެ. މިހާރުއްސުރެ އަލީނާ އެކުދިންނާއި މެދު ފަރުވާތެރިވެ ހުރިހާކަމެއް ބަލައެވެ.

އަލީނާ ކާކޮޓަރިއަށް އައީވެސް ޒެވިޔަން އާއި ކުދިންކޮޅު ހަވާލުކޮށްލުމަށްފަހު ހިތްހަމަޖެހިލައިގެން ހުރެއެވެ. އަލީނާ ތަބަކެއްގައި ހޫނު ބުއިމަކާއި، ކާއެއްޗެހި ބަހައްޓައިގެން ނިކުމެގެން އަންނަނިކޮށް ދާވިޝް ކާކޮޓަރިއަށް ވަންނަން އައި އިރު ގައިގައި އަޅައިގެންފައި ވިއްސައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ދާވިޝް ނުހިފެހެއްޓިނަމަ އަލީނާއަށް ހަށިގަނޑު ސަމާލެއް ނުކުރެވުނީހެވެ.

"ބެލެންސް ކަޓާ ކުއްޖާގަނޑު ދޯ، ސީޓީ ސްކޭނެއް ހަދާވަރުވެއްޖެ، ކޮބާތަ އެލީގެ ޑޮކްޓަރ ހަޒްބެންޑް، ނޮޓް ކެއަރިން ދޯ، މަށާއި މެރީކޮށްފިއްޔާ މާ ލޯބިން ގެންގުޅޭނަން...." ދާވިޝް އެއް ބުމަ އަރުވާލައިފައި، ކަތި ނަޒަރުން އަލީނާއަށް ބަލައިލި ގޮތަކުން އަލީނާ ހިތްހަމައެއް ނުޖެހުނެވެ. ދާވިޝްގެ ސިކުނޑީގައިވާ ކަންތައްތަކެއް އަލީނާއަށް މުޅިން ނޭގުނަސް އަލީނާ އެއްވެސް ގޮތަކަށް އެހެން ފިރިހެންކުއްޖަކު އެފަދަ ނަޒަރަކުން އޭނައަށް ބަލާލާކަށްވެސް ނޭދެއެވެ.

ދާވިޝް ހުރީ މަޖާވެފައެވެ. އެއްދުވަހެއްގައި އަލީނާއަކީ ކޮއްކޮއެއް ކަމުގެ ނުބައި ހީކުރެވުނީމަ ދެން ކިހާ ހެވޭނެ ހެއްޔެވެ؟ ކޮއްކޮއެއްދެކެ ލޯތްބެއް ނުވެވޭނެއެވެ. އަޅައިގަންނަ ގޮތެއްވެސް ނުހުންނާނެއެވެ. އޭނައަށް އަލީނާގެ ގައިގައި ހިތްދަމައިގަންނަ ގޮތެއް ހުރީ އަލީނާ އަކީ ލޭގެ ގޮތުން ގުޅުމެއްނެތް ކުއްޖަކަށް ވީމައެވެ. ކޮންމެ ގޮތެއް ވިޔަސް ދާވިޝް އަށް މިހާރު ވަނީ އޭނަގެ ބައްޕަ އާއި މެދު ޝައްކުތަކެއް ކުރެވިފައެވެ. ނަމަވެސް އަމީން ފެނުމުންވެސް އޭނައަށް ލޭގެ އެއްވެސް ގުޅުމެއް އޮތްކަމުގެ އިހުސާސްއެއް ނުކުރެވުނެވެ. ދޮންބައްޕައެއްގެ ގޮތުގައިވެސް ބަލައިނުގަނެވުނެވެ. ހިތުގެ ފުންމިނުން އޭނަ ގަބޫލު ކުރަނީ އޭނަގެ ބައްޕައަކީ ފަޒާލް ކަމަށެވެ. އެހާ އޯގާތެރި، ލޯބިވެތި ބައްޕައެއްގެ އުނގުގައި ބޮޑުވި ކުއްޖަކަށް އެނޫން ނަޒަރަކުން ދެކުމަކީ ވާނެކަމެއްވެސް ނޫނެވެ. ދާވިޝްގެ ހިތުގައި އެނޫން މީހަކަށް ބައްޕައެއްގެ މަގާމާއި، ލޯބި އަދި ދަރަޖަ ނުވެސް ދެވޭނެއެވެ. މަންމަ ނަސްލު އޮޅުވާލާފައި ވިޔަސް އޭނަ ކުރާނެކަމެއް ނެތެވެ. މިހާރު ކުއްލި އަކަށް ބޮޑުބޭބެމެން ވަނީ ލޭގެ ގްރޫޕަށް ބަރޯސާ ވެގެން ދާވިޝްއަކީ އަމީން ގެ ދަރިއެއްނޫންކަން ޔަގީން ކޮށްފައެވެ. ދާވިޝް ސާބިތު ހެއްކެއް ބޭނުމެއްވެސް ނޫނެވެ. އަނެއްކޮޅުން އަމީން ބުނެފައި ވަނީ އަލީނާ އަކީ އޭނަގެ ދަރިއެއް ނޫން ކަމަށެވެ. މިވަރަށް ނަސްލު އޮޅުވައިލަން ވެދާނެ ހެއްޔެވެ؟ ހުރިހާވެސް މައްސަލައަކީ އަންހެނުން ތެދުވެރި ނުވުމެވެ. 

"އަތުން ދޫކޮށްބަލަ ދާވިޝް...." އަލީނާ ސީރިޔަސްވިއެވެ.

"ނޫނީ ޒެވިޔާ ގާތު ބުނާނަން..." ދާވިޝް އަޑު ހިމަކޮށްލާފައި އަލީނާ ވާހަކަ ދައްކާ ގޮތަށް ބުނެލައިފިއެވެ. ދާވިޝް ބޮޑަށް އަލީނާގެ އަތުން ދޫކޮށްނުލާ ހުރީވެސް ޖެމާ އެތަނަށް އައިކަން އެނގުމުން ޖެމާ ރުޅިއަރުވައިލަން ވެގެންނެވެ. ދާވިޝް ނުބަލާ ހުއްޓަސް ހެދުމުގެ ތަންކޮޅެއް ފެނުމުންވެސް ދާވިޝްއަށް އެނގުނީއެވެ. އެހެންނޫނަސް ޖެމާ އާއްމުކޮށް ބޭނުންކުރާ ލޯޝަނާއި، ސެންޓުގެ ވަސް ވެސް ވަނީ ދާވިޝް ހިތުދަސްވެފައެވެ. އެ މީރުވަސް ދާވިޝްގެ ނޭފަތުގައި އަބަދު ހިފާލާފައި ހުންނަހެންވެސް ހީވެއެވެ.

ޖެމާ އަލީނާ އާއި ދިމާލަށް ބަލައިލި ނަޒަރުން ހީވީ އެތައް ހާސް ވިހަތީރުތަކެއް އެ ބޮޑުދެލޮލުން ފޮނުވާލާފައި އަލީނާގެ ހިތަށް ހަރާލެވުނުހެންނެވެ. އަލީނާގެ ހިތްވެސް ރޫރޫ އަޅައިގަތެވެ. އެފަދަ ނުރުހުމުގެ ނަޒަރެއް ރިޔާގެ ފަރާތުންވެސް ލިބިފައިވި ހަނދާނެއް އަލީނާ ނުވެއެވެ. މިގޭތެރެއިން އަނެއް ދުޝްމަން އުފަންވީއެވެ. އެއްވެސް އަސްލެއްނެތި ޖެމާ ވެސް އޭނަދެކެ ރުޅިއަންނަންވީ ކީއްވެ ހެއްޔެވެ؟ އޭނައަށް މިވަރުގެ ނަފްރަތާއި، އަނިޔާ ހައްގު ބާވައެވެ. ދާވިޝް އެނބުރި ބަލައިލައިފައި ޖެމާ އާއި ހަތަރުކަޅި ހަމަކޮށްލުމުން ޖެމާ ދާވިޝް އާއި ދިމާލަށްވެސް ކަޅި އަޅާލައިފިއެވެ. ދާވިޝް ފެނުނުކަމަށް ހަދާނުލައި "އެލީ، ބަލައިގެން އުޅޭށޭ، އެލީއަށް ކަމެއް ވެއްޖެއްޔާ މަގޭ ހާޓްބްރޭކް ވެދާނެއޭ" ބުނެލާފައި ދަމުން ޖެމާގެ ގައިގައި ޖެހިގަތީ ގަސްތުގައެވެ. ދާވިޝް އެހެދިގޮތުން ޖެމާ ވިއްސައިގެން ނުދިޔައީވެސް ދޮރުކަނީގައި ހިފަހައްޓައި ލެވުނު ކަމުންނެވެ. ޖެމާ ކޮޓަރިއަށް އައިއިރަކުން ކުޑަ ސިންގާއެއް ފަދައިން ދާވިޝްގެ ގަޔަށް އަރައި ގަންނާނެކަން ޔަގީނެވެ.

ދާވިޝް އޮބައިލުމުންވެސް ޖެމާ ހުރީ ދޮރުމަތިން ދުރަށް ނުގޮސް ދޮރު ބައްދާލައިގެންނެވެ.

"ހުރިހާ މީހުންގެ ފިރިން ޖަހައިގަންނަން މިގެއަށް ވަދެފައި ހުރި ބީރައްޓެއްސަކަށް ވީމަ ދޯ އަންކަލްމެން މީނަ ފޮނުވައިލަން އުޅެނީ؟ އައި ތޯޓް އެންމެން އަންފެއަރ ވަނީކަމަށް، އިނޮސެންޓް ކުއްޖަކާއި މެދު ބޭއިންސާފުން ކަންތައްކުރަން އުޅުނީ ކަމަށް، އެހެންވެ ވަރަށް ސިމްޕަތީވެސް ވި، އަންކަލް ގާތު ކޮމްޕްލެއިން ކުރަންވެސް އުޅުނިން، އެކަމަކު މިހާރު އެގިއްޖެ އެމީހުންނަށް އަހަންނަށްވުރެ ބޮޑަށް އަލީނާ ގެ ނުބައިކަން އެނގެނީކަން، ތިއީ ބޮޑު ބިރެއް، ޖިންކްސްއެއް، މިހާރުވެސް ދާންވެފައި ހުރި މީހެއް، އަހަރެންގެ ހަޒްބެންޑް އާއި އަޅައިގެން ނޫޅޭތި، ޒެވިޔާ ސެޑިއުސްކޮށްފައި އެވަރުން ނުފުދުނު ތަ؟ ރީތި މީހަކު ލިބިގެން ފުދުނުނަމަ، ޔޫ ބިޗް...." ޖެމާ ވިސްނައި ނުލައި ހުރިހާ އެއްޗެއް ކިޔުމުން އަލީނާ ހުރީ ލޯބި ބުދެއް ފަދައިން ހުއްޓުން އަރާފައެވެ. އެ ރީތި އެސްފިޔަތަކުގައި ކުޑަކޮށް ކަރުނަތިކިތައް ވިދިއެވެ. އެންމެން "ބިޗް" އެނަން އޭނައަށް ނުދޭނެ ނަމައެވެ. އޭނައަކީވެސް ހިތެއްގެ ބަދަލުގައި ހިލަގަނޑެއްވާމީހެއް ނޫނެވެ. ޖެމާ ފަދަ އެއްވެސް ކަމަކާއި އަޅާނުލައި ހުންނަ އުފާވެރި މިޒާޖެއްގެ ކުއްޖަކުވެސް އެދިޔައީ އަލީނާއަށް ފެންވަރު ހަދާން ކޮށްދީފައެވެ.

ޖެމާ ބާރުބާރަށް ހިނގާލައިފައި ގޮސް ސިޑިން އަރައިގެން ގޮސް ގެއްލެންދެން އަލީނާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ޖެމާ އަކީ އޭނަގެ ކޮޕީއެއް ފަދައެވެ. ބަލައިލަން އެހާވެސް ވައްތަރުވިއެވެ. ތަފާތަކީ އިސްކޮޅުން ދިގުމަކާއި، ސްޓައިލިޝް ކަމެވެ. އެހެންނޫންނަމަ ހަށިގަނޑުގެ ބައްޓަމާއި، އިސްތަށިގަނޑު ދާދި އެއްގޮތެވެ. އަލީނާގެ ލޮލުން އޮހިގަތް ކަރުނަ ތިކި އެއް އިނގިލިން ފޮހެލާފައި އަލީނާ ދާން ހިގައިގަތެވެ. އެ މަންޒަރު ދެކެން އެހެން މީހަކު ހުރެފައި އެއް ފަރާތްވި ކަމެއް އަލިނާ އަކަށް ނޭގުނެވެ. އެމީހަކަށް ޔަގީނުންވެސް ނިކަމެތި އަންހެންކުއްޖެއްގެ ޖަޒުބާތުތައް އިހުސާސް ކުރެވޭނެއެވެ.

އަލީނާ ކޮޓަރިއަށް ވަންއިރު ޒެވިޔަން އޮތީ މޭމަތީގައި ދެކުދިން ބާއްވައިގެން އޮށޯވެލައި ގެންނެވެ. އެކުދިން އަތްމުށްކަވާލައިގެން ނިކަން އަރާމުގައި ނިދާލަފައި ތިބިއިރު، ބައްޕައެއްގެ ހިމާޔަތާއި، ރައްކާތެރިކަން އިހުސާސް ކުރެވި ހިނިތުންވެލައެވެ. ޒެވިޔަން އެކުދިންގެ ގައިގައި ފިރުމަމުން ދިޔައީ މަޑުމަޑުން، އޯގާތެރި ކަމާއި އެކުގައެވެ. އަލީނާއަށް އެ ރީތި މަންޒަރު ފެނުމުން ހިތަށް ބުނަން ނޭގޭފަދަ ގޮތެއްވެ، ގައިން ހީބިހިވެސް ނެގިއެވެ. ވަގުތުން ލޮލުގައި ކަރުނަ ގިނަވެގަތީ، ޒެވިޔަން އާއި އޭނަގެ ކުދިންނާއި ވަކިކުރުވަން އެންމެން ކުރާ މަސައްކަތް ހިތަށް އެރުމުންނެވެ. އެއް އާއިލާ އެއްގެ ގޮތުގައި އުޅުމުގެ ފަހު ވަގުތުތައް ގުނަމުންދާކަން ހިތަށް އަރާފައެވެ. މި ދުވަސްކޮޅު އޭނަ މާބޮޑަށް ޖަޒުބާތީ ވެ، ކުދި ކަންތަކާއިވެސް ރޮވެނީއެވެ. ޒެވިޔަންއަށް އޭނަގެ ލޮލުގައިވާ ކަރުނަތައް ފެނުމުގެ ކުރިން އަވަހަށް މޭޒުމަތީގައި ތަބަށް ބަހައްޓާފައި އޭނަ ފާޚާނާ އާއި ދިމާލަށް ހިނގައިގަތެވެ.

"އެލީ، ބޭބީ، ހާދަ ގިނައިރު ކޮށްލާފައި ތިއައީ؟ ޑެޑީ އާއި ބޭބީސް މެން މަންމީ މިސްވަނީ، އާދެބަލަ..." ޒެވިޔަން ސަމާސާ ރާގެއްގައި ބުންޏެވެ.

"ޒާވް، އެބަ އަންނަމޭ....." އަލީނާ ގެ އަޑުން އޭނަ ރޮނީކަން ވަގުތުން ޒެވިޔަން ދެނެގަތެވެ.

"އެލީ....." ޒެވިޔަން ތަންކޮޅެއް ބާރަށް ގޮވައިލި ގޮތުން އޭނަ ހިތްހަމަނުޖެހުނުކަން އަލީނާއަށްވެސް އެނގުނެވެ. އަލީނާ ފަސް އެނބުރި ބަލައިވެސް ނުލާ ބާތުރޫމަށް ވަދެ ދޮރު ތަޅުލައިފިއެވެ. 

ޒެވިޔަންގެ ހިތްވެސް މަޑުޖެހިލިހެން ހީވިއެވެ. ހިތަށް ހާދަ ނުބައި އަސަރެއް ކޮށްފިއެވެ. އަލީނާ ރޮނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ މީހަކު އެއްޗެކޭ ބުނީ ހެއްޔެވެ؟ ޔަގީނުންވެސް އަލީނާގެ ހިތުގައި ޖެހޭފަދަ ހާދިސާއެއް ހިނގައިފިއެވެ. އެހެން ވާންވީ ކީއްވެ ހެއްޔެވެ؟ އެންމެން ރުހޭ ގޮތަށް ހަދައިދޭން އޭނަ އަލީނާ މިގެއިން ފޮނުވައިލަން އުޅޭކަން ނޭގޭ މީހަކު މި ހިޔާވައްސަކު ނުވެއެވެ. މުޅި ޚާންދާނަށް ވެސް އެގުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެވަރުންވެސް ހިތް ހަމަނުޖެހުނީ ހެއްޔެވެ؟ އަލީނާއަށް ޓަކައި އޭނަ އަބަދުގެ އަބަދަށް ހުންނާނަމޭ ބުނެ ކިތަންމެ ހިތްވަރު ދިނަސް އަލީނާގެ ހިތްވެސް ނާޒުކް ވާނެއެވެ. އެތައް އަނިޔާތައް ލިބެމުން ގޮސް އެކުއްޖާ ވެސް އެވަނީ ޖަޒުބާތީވެފައެވެ. ޒެވިޔަންގެ އާއިލާ މީހުންނަށް ނުވިސްނޭތީ ޒެވިޔަން ހިތާމަކުރިއެވެ. އެމީހުން އޭނަގެ ކެތްތެރިކަން ހާދަ ވަރަކަށް އިމްތިހާނު ކޮށްލައިފިއެވެ. މިއަދު މިހިގި ހާދިސާއަށް ފަހު އޭނަ ދެން ހިމޭނުން ހުންނާނެ ކަމަށް އެކަކުވެސް ހީކުރަންޏާ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. އެރީތި މޫނުގައިވި ހުރިހާ އުފާވެރި ކަމާއި، ހިނިތުންވުން ވަގުތުން ފިލައިގެން ގޮސް ބުމަގޮށްޖަހައި ލެވިއްޖެއެވެ. ދަތްތަކަށް ބާރުކޮށްލެވުނުވަރު އެ ކޮލުކަށިގަނޑުގެ ހަރަކާތުން ވެސް އެނގުނެވެ. ހީވީ ހަށިގަނޑުގައިވާ ހާ ލޭތައް މޫނަށް ޖަމާވިހެންނެވެ. ޒެވިޔަން ތެދުވެ ދެކުދިން ތަންމަތީގައި ބޭއްވުމަށްފަހު އެ ފުށްގުޅަތަކުގެ މޫނުކޮޅުގައި ބޮސްދިނެވެ. އަދި އަނެއް ފަރާތަށް އެނބުރުނެވެ.

ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިނެވެ.

ކޮމެންޓް 0