އެއީ މަންމަގެ ބެސްޓްފްރެންޑް. ބެސްޓްފްރެންޑުން އެކަކާއި ކައިވެނި ކުރޭތަ މަންމާ. މައްސަލަތައް ޖެހޭނެއްނު. ދުވަސްކޮޅަކުން ސްޓެޕް މަދަރ ގެ ނުފޫޒު މަންމައަށް ހިންގަން ފަށާނެ...." "ޝީޒް އެ ބިޗް" ޒެވިޔަންގެ ސިކުނޑިއަށް ބޭނުންނެތް އެއްޗެހިތަކެއް އަރަމުން ދިޔައީ އަމިއްލަ އިޚުތިޔާރުގައެއް ނޫނެވެ. ޒެވިޔަން ހަދާނަށް އައީ ތަންކޮޅެއް ކުރީގެ ހާދިސާއެކެވެ. އެފަދަ ޝައްކުވާފަދަ ހާދިސާއެއް ހިގާފައި ވަނިކޮށް، ސީމާ އާއި އެކީގައި ދޮންމަންމައެއްގެ ހައިސިއްޔަތުންވެސް އެއް ފުރާޅެއްގެ ދަށުގައި ހުރުމަކީ ވެސް ޒެވިޔަންއަށް ފަސޭހަކަމެއް ނޫނެވެ. ޒެވިޔަން ގެ ގަދަ ބުމަކުޑަކޮށް ގޮށްޖެހެން އުޅުނަސް، ހިނިތުންވުމަކުން އެ ނުރުހުން ފޮރުވާލައިފިއެވެ. ޒެވިޔަން ގެ ގޯސް ސިފަތަކެއް ހުއްޓަސް އޭނަ އަބަދުވެސް މައިންބަފައިންގެ އުފަލާއި ދޭތެރޭގައި ވިސްނައެވެ. އަދި ޒެވިޔަން ވެފައި ވަނީ އެމީހުންގެ ބަސްގަބޫލުކުރާ ކިޔަމަންތެރި ދަރިއަކަށެވެ.

"ހެހެ ސީމާއަށް މަންމަ ހާދަ ޓްރަސްޓެއްކުރަމޭ. ސީމާގެ ހަޒްބެންޑު ނިޔާވީމަ އޭނަ އެހެރީ އެކަނިވެރިވެފައި. ކިތަންމެ މުއްސަނދިކޮށް އުޅުނަސް އެކަނިވެރިކަން އިހުސާސް ކުރެވޭނެ ދޯ. ދެން މަންމަގެ ހިތަށް އެރީ ސީމާ މަންމަ ގާތުގައި ހުރީމަ މަޖާވާނެއޭ. އެހެންނޫނަސް ސްކޫލް ދުވަސްވަރުން ފެށިގެންވެސް އޭނަ މާވަރަކަށް ބައްޕަ އާއި ހެދި މޮޔަވެގެން އުޅެނިކޮށް ވިއްޔާ މަންމައަށް ކާމިޔާބުވީ. މިހާރުވެސް އޭނަ ހުންނަނީ އެކަން ނުކުރެވިގެން އިންތިޒާރުގައި، އެހެންވެ މަންމަ ހިތަށް އެރީ ސީމާއަށް ސަޕްރައިޒެއް ދޭނީއޭ. ޔަގީނުންވެސް މަންމަގެ ބޯއިސް އިންނަކަށް ސީމާގެ ފަރާތުން އެއްވެސް ގެއްލުމެއް ނުވާނެ. އޭނަވެސް ދަރިފުޅުމެން ދެކެ ހާދަ ލޯބިވެޔޭ. ދަރިފުޅަށް އެގޭތަ؟ މަންމަމެން ގަސްތު ކުރަނީ އިތުރު ބަޔަކަށް މިކަންތައް ނާންގަން. ސިއްރުސިއްރުން ބޭރަށް ގޮސްފައި ކައިވެނި ކޮށްލާނީ. އޭރުން ފެމިލީއަށްވެސް ހީވެފައި އޮންނާނީ ސީމާ މިގޭގައި ހުންނަނީ މަންމަގެ އެކުވެރިއެއްގެ ހައިސިއްޔަތުން ކަމަށް، އެހެން ނޫނީ ފަހަރެއްގައި ބައެއް މީހުން ގަބޫލުނުވެ ހިގައި ދާނެ......." ޒީބާ އިނީ އުފަލުންނެވެ. އަޖައިބެކެވެ. މަންމަ ހާދަ ހަމަޖެހެއެވެ. ރިޔާ އެއްގޮތަކަށްވެސް އޭނަ އެހެން އަންހެން ކުއްޖަކާއި އިންނަން ކީއްކުރަން، އަގައިން ބުނަންވެސް ގަބޫލެއްނުވެއެވެ.

"ޑޭމިޓް. ތިކަން ހުއްޓުވޭނެނަމަ. ހާދަ ފޫހި ސްޓެޕްމަދަރއަކަށް ވާނެ. ލޮލުންވެސް ކާލަފާނެ...." އެޖުމްލަތައް ވީ ޒެވިޔަން ގެ ހިތުގައެވެ. ޒެވިޔަން ތުންފަތުގައި ބާރަށް ދަތްއަޅާލައިފިއެވެ. މަޑުމަޑުން މޭޒުމަތީގައި އަތްތަޅާލަ ތަޅާލާ އިނދެފައި އަތް މުށްކެވުނެވެ. ޒީބާމެން މަޖާވެފައި ތިބިކަމުން ދަރިފުޅުގެ ނުރުހުމާއި، ރުޅި އެ ރީތި ދެލޮލުން ނަގައި ނުގަނެވުނީ އެވެ. ޒެވިޔަން ކިތަންމެ ވަރަކަށް މަޖާކުރަން އުޅުނަސް ތަބީއަތު ދިޔައީ ގޯސްވަމުންނެވެ. އެންމެ ފަހުން ބަހަނާއެއް ދައްކާލާފައި އޭނަ އެތަނުން ތެދުވެގެން އައިއިރު މޫނުމަތިން ކިތަންމެ ރީއްޗަށްވެސް ނުރުހުންވެފައި ވާވަރު އެގެއެވެ. ސީމާ ފަދަ ދޮންމަންމަ އަކު ގޭގައި އުޅެންވެއްޖެއްޔާ އޭނަގެ ތަބީއަތަށް ބަދަލުނައިސް ނުހުންނާނެއެވެ. މިގޭތެރޭގައި ދުނިޔޭގެ ތިންވަނަ ބޮޑު ހަގުރާމަ ނުފެށޭނެކަމެއްވެސް ނޭގެއެވެ.

ހޫނުގަދަ ދުވަހެކެވެ. ގަސްގަހުގެ ފަތްތައް އެގަދަ ހޫނާއި، އާތްވަށް ކެތްނުކުރެވިގެން ކޮންމެވެސް ވަރަކަށް މިލާފައިވެއެވެ. ގަސްތަކުގެ ތެރޭގައިވާ ފެންގަނޑަށް، އިރުގެ އަލިކަން އެޅި ކްރިސްޓަލްއެއްހެން ވިދަމުންދާއިރު އެފެންގަޑުގައި ކޭއްތެމުންދާ ގޮފިތަކުގެ ސަބަބުން ކުޑަ ބާނިތަކެއް ހެދިފައިއެވެ. ވިނަގަނޑާއި، ގަސްތަކުގެ ފަތްތައްވެސް އަޑުނީވޭ މިއުޒިކަކަށް އެއްހަމަޔަކަށް ނަށަމުންދާހެން ހީވެއެވެ. އަލީނާ، ނިކީ ގޮވައިގެން ގަސްތަކުގެ ތެރޭގައި ކުޅެން އުޅުނެވެ. ނިކީ ކޮޓްން ޓޮޕްކޮޅަކާއި، ސްޓްރައިޕް ސްޓޮކިން އެއްގައި ހުރިއިރު ސްޓައިލިޝްވެފައި ރީއްޗެވެ. ކޮންމެ ދުވަހަކަށް ލައްވަނީ އާހެދުމެއްހެން އަލީނާއަށް ހީކުރެވެއެވެ. އަންހެން ދަރިއަކު ލިބޭނެނަމައޭ އަލީނާގެ ހިތަށް އެތައްފަހަރު އެރިއެވެ. އަންހެންކުދިން ތިއްތިކޮށްގެން، ރީތި ހެދުންވެސް ލެއްވޭނެތީއެވެ. ނިކީގެ އަތުގައި ނެތްކުލައެއް، ސްޓައިލެއްގެ ހެދުމެއްނުވެއެވެ. ސޫރީ ކްރޫޒަށްވެސް ދޫނުކުރާނެ ކުޑަ މޮޑެލްއެކެވެ. ބަލައި ބަލައި ފޫހިނުވާފަދަ ނަލަކަމެކެވެ.

ނިކީ ހައިޑް އެންޑް ސީކް ކުޅުމުގެ ފޯރީގައި ދުވެދުވެފައި އުޅޭއިރު އެކުޑަ މޫނުމަތިން ދަލުގެ އަސަރެއް ނުފެނެއެވެ. ވަރުބަލިކަމެއްވެސް ނުފެނެއެވެ. ތުންފަތްކޮޅު ހީވަނީ ރަތްކަމުން ޗެރީއެއްހެނެވެ. ބޮލަށް އަރުވާފައިވާ ދަތިކޮޅުވެސް ނައްޓާލާފައި އުނަގަނޑަށްވުރެ ތިރިއަށް އޮންނަ ފަންއިސްތަށިގަނޑު ވިހުރުވަމުން ގަސްތަކުގެ ތެރޭގައި އުޅެމުން ދިޔައީ ޕަރީއެއް ފަދައިންނެވެ. ނިކީ ދުވެދުވެ އުޅުމަށްފަހު ކުއްލިއަކަށް ކަމެއް ހަދާންވެގެން ކަހަލަގޮތަކަށް އަލީނާގެ އަތުގައި ހިފައިގެން ފެންޑާ އާއި ދިމާލަށް ހިގައިގަތެވެ. ގޭގެ ފަހަތު ފެންޑާގެ އެއްފަރާތުގައިވާ ދޮރެއް ހުޅުވާލާފައި އޭނަ ވަނުމާއި އެކު އަލީނާ ގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. އަލީނާ ދެލޯވެސް ބޮޑުވިއެވެ. މިއީ މިގޭގެ އިންޑޯ ޕޫލެކެވެ. މިފަދަ މަހުޖަނުންގެ ގޭގައި ނުހުންނާނެ ޒަމާނީ ފަސޭހަތަށް މަދުވާނެއެވެ. އެކަމަކު މި ފެންގަނޑު ހަދާފައި ވަނީ އަލީނާވެސް ޙަސަދަވެރިވާހާ ރީތި ޑިޒައިން އަކަށެވެ. މިތަނުގައިވެސް ވަނީ މާބްލް ތަނބުތަކެވެ. އަދި މަޑުނޫކުލަ އާއި، ދަނބުކުލައިން ސީލިންގް އާއި އެތަނުގައި ވާހާ އެއްޗެއް ފެންނައިރު އެހާ ޗާލެވެ. ހިތުގެ ބައްޓަމަށްވާ ކުޑަ ފެންގަނޑާއި، އަނެއް ފަރާތުގައި އޮތް ބޮޑު ފެންގަނޑު އޮތީ ގުޅިފައެވެ. މެދުގައި އެއްކޮޅުން އަނެއްކޮޅަށް ހިނގެން ޗެރީވުޑްއިން ހަދާފައިވާ ކުޑަ ފާލަން ކޮޅެއްވެއެވެ. އޮށޯވެލަން ދިގު ގޮނޑިތަކާއި އެކު ބޮޑެތި ޕޮޓްތަކުގައި ގަސްތައް ހައްދާފައިވާތީ އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ރީތިކަމުން ހިނގައިގަންނަން ނޭގުނުއިރު އޭނައަށް ނިކީގެ އަތުގައި ހިފަހައްޓާލެވުނީ ބާރަކަށެވެ.

"ނިކީ. އެލީ ބިރުގަނޭ. ނުދަންނަމޭ ފަތާކަށް. އެހެންނޫނަސް މަންމީ ރުޅިދުރުވާނެ. އަވަހަށް ދާންހިގާ ބޭބީ ޕްލީޒް......." އަލީނާއަށް ފަތަން ނޭގުމާއިއެކު އެ ފެންގަނޑުގެ ފުންމިން ލަފާކޮށްލަން ނޭގޭތީ، އޭނަގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ޖަހާލައިފިއެވެ. މިފަދަ ބިރުވެރި ތަންތަން ކުދިންނަށް ވަދެވޭގޮތަށް، ބަހައްޓަން ހެޔޮވާނެ ގޮތެއް އަލީނާގެ ވިސްނުމަކަށްނައެވެ. އަލީނާގެ ފައިތިލައަށްވެސް ހީލިގަނޑެއް އަރައިގެން ދިޔައެވެ. ނިކީ އެހާ ތުއްތުއިރުވެސް، އަލީނާގެ ބިރުވެރިކަން އިހުސާސް ކުރެވި، ސަކަ ހުނުމަކާއިއެކު އަލީނާ ގެ އަތުން އަތްނައްޓުވަން އުޅުނެވެ. އަލީނާ ހިފެހެއްޓުން ބާރުކުރިއެވެ.

"ގްރީން ލެގޫން އެއް ހީވަނީ. ފަތާލަން ބޭނުންވަނީ. ހޮޓް ޑޭއެއް އެހެންވެ ފްރީޒް ވާން ބޭބީ ބޭނުމީ..." ނިކީ އިގިރޭސި ބަހުން ބުނެލީ އަތްތަޅާލަމުންނެވެ. އޭނަ ހުރީ ނިކަން މަޖާވެފައެވެ.

"އެލީ އަކަށް ފަތާކަށް ނޭގޭ. ޑްރައުން ވެދާނެ. ޕްލީޒް ދޫނި. ހަނީ....." އަލީނާ ނިކީ އުރާލަން މަސައްކަތް ކުރިއެވެ. އެކަމަކު ނިކީ ފޮޅުވިގަނެގެން އެދިޔަގޮތަށްގޮސް ފެންގަނޑަށް ފުންމާލައިފިއެވެ. ނިކީ އެ ފެންގަނޑުގެ އަޑިއަށް ދިޔަގޮތަށް މައްޗަށް ނޭރުމުން އަލީނާއަށް ހަޅޭއްލަވައި ގަނެވުނީ ބާރުބާރަށެވެ. މެދުކެޑުމެއްނެތި އެތައް ފަހަރުއެވެ. އެއަޑު މުޅިތަނުގައި ގުގުމައިގެން ދިޔައެވެ. އޭނަގެ ހަޅޭކުގެ އަޑަށް ދުވެލާފައި އައީ ރިޔާ އާއި ޒެވިޔާންގެ މަންމަ ޒީބާއެވެ. އެމީހުންނަށް އާދެވުނުއިރު ނިކީ ސަކަ ހުނުމަކާއި އެކުގައި ފެންގަނޑުން ބޯހިއްލާލައިފިއެވެ. ސަމާސާ ވިހަވިތަން ފެނުމުން ނިކީ އަވަހަށް ސިޑިން އަރައިގެން އައެވެ. ރިޔާ ދުވެފައި އައިގޮތަށް ދަރިފުޅު ރަނގަޅުހެއްޔޭ ކިޔައިގެން ވެގެން އުޅޭގޮތަކާއި މެދު ސުވާލު ކުރަން ފެށިއެވެ.

"އެލީ ބިރުގަތީ ޑްރައުންވީކަމަށް ހީކޮށް. އެކަމަކު ބޭބީ އިޒް ފައިން. މަޖާވެއްޖެ....." ނިކީ އޭނަގެ ތުއްތު ބަހުރުވައިން ވެގެން އުޅޭގޮތް ކިޔާދިނުމުން ޒީބާ، އަލީނާ އާއި ދިމާލަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. އަލީނާ ދިޔައީ ރޫރޫއަޅައި ގެންނެވެ. މިގޭ އެންމެން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާއިރުވެސް އޭނައަށް ލިބެނީ ނަފްރަތެވެ. މިބޮޑު ގެއިންވެސް އޭނައަށް ލޯބީގެ ކުނޑިފަށެއް ވެސް ނުލިބުނެވެ. އެންމެ ރަނގަޅެވެ. ލޯބި ނުލިބުނަސް، ނަފްރަތުގެ އަލިފާނުން އޭނަ ފިއްސާލަން ޒީބާ ނޫޅޭނަމައެވެ.

"ރިޔާ ނެނީއަކު ގެނައި އިރު ހުރިހާކަމެއް ބަލާލާފައި ގެނައިނަމަ. ތިއީ ކިހާ ނުރައްކާތެރި ކަމެއް. މިއަދުވެސް ނިކީގެ ފުރާނަ ސަލާމަތްވީ ނިކީއަށް ފަތަން އެނގޭތީ. އެހެންނޫންނަމަ ފަހަރެއްގައިވާ ގޮތަކުން ޕޫލަށް ވެއްޓުނަސް އަހަރެމެންގެ ކުޑަދަރިފުޅު މުޅި އުމުރަށް ގެއްލުނީސް. ރިޔާ. އެހެންމީހަކު ހޯދަންވީނު. ތަންކޮޅެއް ސިވިލައިޒްޑް ކިޔަވައިގެން ހުރި، މޮޅުކުއްޖެއްވެސް ލިބިދާނެ......" ޒީބާ އެހެން ބުނެލާފައި ބާރުބާރަށް ނިކުމެގެން ދިޔުމުން ރިޔާ ހުރީ، އަލީނާ އާއި ދިމާލަށް ބަލައިލަން އުދަގޫވެފައެވެ. ރިޔާއަށް އަލީނާގެ އިހުސާސްތަކާއި، ކެކުޅުން ކޮންމެވެސް ވަރަކަށް ރޭކާލީ ކަމުގެ ކުލަވަރު ރިޔާގެ ރީތި ދެލޮލުން ހިދުކޮޅަކަށް ނަމަވެސް ފެނުނެވެ. ޒީބާގެ އެ މިޒާޖުގެ ސަބަބުން ރިޔާ ލަދުގަންނަ ފަހަރުވެސް އާދެއެވެ. ޒިބާމެންނާއި ޚިލާފަށް ރިޔާ އަކީ ހިތްހެޔޮކުއްޖެކެވެ. ފަގީރު، ނިކަމެތިންގެވެސް ހިތެއްވާކަން ރިޔާ ދަނެއެވެ. އެކުދިން ފަގީރުވުމަކީ އެކުދިންގެ ކުށެއްނޫނެވެ. ވީއިރު ނިކަމެތިންނަށް ވީހާވެސް ހެޔޮކޮށް ހަދަން ރިޔާ ވަނީ ކުޑައިރުއްސުރެ ދަސްކޮށްފައެވެ. އެކަމަކު އޭނަގެ މައިދައިތަގެ ޚިޔާލުތަފާތެވެ. މައިދައިތަ ރިޔާ ގާތުގައިވެސް ބުނެފައި ވަނީ މޮޅުމީހުން އުޅެންޖެހޭނީ މޮޅުމީހުންނާއި އެކީގައި ކަމަށެވެ.

"އަލީނާ. ހާސްނުވެބަލަ. ނިކީ މޮޅުވާނެ ފަތަން. އަހަރެމެން ވަނީ ބޭބީއަށް ބައިވަރު ކަންތައް ދަސްކޮށްދީފައި އެކަމަކުވެސް ބުނަން ރިންގެއް ނެތި އަދި ޑެޑީ ނެތި އެކަނި ޕޫލަށް ނޭރެން. ބޭބީ ބުނާގޮތަށް ހަދާނެ އެކަމަކު އަލީނާއަށް ކުޑަކޮށް ފޮނިދައްކާލީ. ތަޅުވާލީ ދޯ ދޫނި..." ރިޔާ ނިކީ އުރާލައިގެން ހުރެގޮސް ބިންމަތީގައި ބެހެއްޓިއެވެ. އެދިގު އިސްތަށިގަނޑު ތެމިފައި ވާތީ މުށިކުލަ ކުރިއަށްވުރެ ގަދަވެފައިވެއެވެ.

"ދަރިފުޅު ޕޫލަށް އެރެންވާނީ ތިހެދުން ބާލާފައެއްނު......" ރިޔާ ނިކީ ލައިގެން ހުރި ހެދުން ބާލުއްވާފައި ރަތްކުލައިގެ ބިކިނިކޮޅެއް ލެއްވުމުން ޔޫރަޕްކުއްޖަކާއި މާބޮޑަށްވެސް ވައްތަރުވިއެވެ. އޭރުވެސް އަލީނާގެ މޭގެ ތެޅުމެއް ނުހުއްޓެއެވެ. ނިކީގެ ލާނެތް ކަމުން އޭނަ ވަރަކަށް ސިއްސުވާލައިފިއެވެ. ރިޔާ މަޖާވެލާފައިހުރެ އަލީނާއަށް ވެސް ރިންގެއް ދިނެވެ. ފެންގަޑު ކިތަންމެ ފުންވިޔަސް އަޑިޔަށް ނުދާނެކަމަށް ބުންޏެވެ. ރިޔާވެސް ސްވިމިން ސުއިޓެއް ލައިގެން ފެންގަނޑަށް އެރެން ތައްޔާރުވިއެވެ. ނިކީ އަލީނާ ވެސް ފަތާހެދުމެއްލައްވަން އުޅުނީމަ އެހާ ނިވާކަން ކުޑަހެދުމެއް އަޅާކަށް އަލީނާއަކަށް ނުކެރުނެވެ. އެކަމަކު ބިރުކަނޑާލާފައި އޭނަ ރިންގާއި އެކީގައި ފެންގަނޑަށް އެރި، ނިކީމެންނާއި އެކީގައި ބޯޅަ ކުޅުމުގައި ބައިވެރިވިއެވެ. ފެންގަނޑުގެ ޓެމްޕްރެޗަރވެސް ހީވާގޮތުން އޮންނަނީ އެކަށީގެންވާ މިންވަރަށް ހިފަހައްޓާލާފައެވެ. ރިޔާ ބުނިގޮތުން އެގޭގައި އޮންނަ ދެ ފެންގަނޑު ގެންގުޅެނީ ހަތަރު މެޝިނުގެ އެހީގައެވެ. މެޝިނަކާއި ނުލައި މިހާ ވަރުގަދަ ފެންގަނޑުތަކެއް ބަލަހައްޓަން އުދަގޫވާނެކަން އަލީނާގެ ޅަ ސިކުނޑިއަށްވެސް ނަގައިގަނެވުނެވެ. ރިޔާ އަލީނާއަށް ފެންމަތީގައި އޮންނަން ދަސްކޮށްދިނެވެ. 

ގަޑިއެއްހާއިރު ފަހުން އެންމެން ފެންގަޑުން އެރިއެވެ. އަލީނާ އަކަށް އެހެންމީހުން ފަދައިން އެތާހުރެގެން، ހިކިލައިގެން ހެދުން ބަދަލުކުރެވޭކަށްވެސް ނެތެވެ. ތެމިގެންގޮސް ހެދުން ގަޔާއި ތަތްލަވާފައި ހުރެގެން ގެއަށް ވަނުމަކީވެސް ކެރޭވަރުގެ ކަމަކަށްނުވިއެވެ.

"މިއީ ހާދަ ލަދުން އުޅޭ ކުއްޖެކޭ. ދެން މިބޮޑު ތުވާލި ގައިގާ އޮޅާލައިގެން ގެއަށް ވަދެބަލަ. އަނެއްކާ އަލީނާގެ ގައިގައި އައިބެއް ހުރީތަ؟ ބިހިތަކެއް ނޫނީ ލަކުނުތައް ހުރީތަ؟ އަހަރެން ބޭހެއް ހޯދަދީފާނަން. ފޮތި ބޮނޑި އަކާއި އެކީގައި ފެންގަނޑަށް އެރުނީމަ އަސްލު ލިބެންވީ އަރާމެއްވެސް ނުލިބޭނެޔޭ އަލީނާ. ކަމޯން. ބުނެބަލަ. ސީރިޔަސްލީ މައްސަލައެއް އުޅެނީތަ؟" ރިޔާ ސީދަލަށް ކޮށްލި ސުވާލުން އަލީނާގެ މޫނަށް ރަތްކުލަ އެރުމުން ރިޔާ ހީކުރީ އަލީނާގެ މައްސަލައެއް އުޅެނީ ކަމަށެވެ. އެހެން ނޫންނަމަ އަންހެންކުދިން ކައިރީގައި ސްވިމިން ސޫޓެއްލައިގެން އުޅުމަކީ އުދަގޫކަމަކަށް ވެގެންވާނެކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ. އަލީނާ އެފަދަކަމެއް ނެތޭ ބުނިއިރުވެސް ރިޔާ އާއި ހަތަރުކަޅިހަމައެއް ނުކުރެއެވެ. އެމޫނަށް ރަތުގެ އެތައް ކުލައެއް ވެރިވިއެވެ. މިކުއްޖާގެ ގައިގައި ހާދަ ރީތިގޮތެއް އެބަހުއްޓެވެ. ރިޔާ، އަލީނާގެ ރީތިކަމާއިމެދު ވިސްނަމުންގޮސް ހިތްތެޅެންފެށިއެވެ. އަނެއްކާ ޒެވިޔަންގެ ހިތުގައި އަޅައިގަންނާނެ އެއްވެސް ސިފައެއް އެބަހުރިބާވައެވެ. ނޫނެކެވެ. ޒެވިޔަން ގެ ވަށައިގެން ރީތިކަން ހުސްކޮށްލާފައިވާ ކުދިން އެނބުރޭއިރުވެސް އޭނައަކަށް ރީތިކަންވެސް މުހިއްމެއް ނުވާއިރު އަމުދުން މިހާ އާދައިގެން މެއިޑެއްގެ ސާދާ، ރީތިކަން ނުފެންނާނެއެވެ. ރިޔާ ހިތްހަމަޖައްސާލައިފިއެވެ.

އަލީނާ ގައިގައި ތުވާލިއޮޅާލައިގެން ހުރެ އަވަސްއަވަހަށް ކޮރިޑޯއިން ގޮސް ސިޑިބަރި ހުރަސްކުރި އިރުވެސް އޭނަހުރީ ސިހިފައެވެ. އެއްވެސް މީހަކަށް ފެނިދާނެކަމުގެ ބިރު އޭނަ ހާސްކުރުވީއެވެ. އޭނަ އަވަސްފިޔަވަޅު ތަކެއްގައިގޮސް ކޮޓަރިއަށް ވަދެ ތެތްހެދުން ބަދަލުކޮށްލައިގެން ނިކުމެ ސޯފާގައި އިށީންގޮތަށް، އިނގިލީގައި ދަތްއަޅާލައިގެން އިނީ ދެރަވެފައެވެ. އަދިވެސް އަލީނާއަށް ނުވިސްނެނީ ޒެވިޔަންގެ މަންމަ ޒީބާ އޭނަދެކެ އެހާ ރުޅިއަންނަން ޖެހޭ ސަބަބެކެވެ. ކަޅިއަޅާލާފައި އޭނަ ދަށްކޮށްލަން ބުނެލި ޖުމްލަ ހީވަނީ ކަންފަތުގައި ގުގުމަމުން ދާހެންނެވެ.

"ކީއްވެތަ އަހަރެންދެކެ ޒީބާ އެހާބޮޑަށް ރުޅިއަންނަނީ؟ އޭނަ ރުޅިއައީމަވެސް މިހާ ދެރަވަނީ ކީއްވެތަ؟ އެކަމަކު ރިޔާ ހާދަ ރަނގަޅޭ. އެހާ ރީތިވެފައި މުއްސަދިއިރުވެސް އެއްވެސް ބޮޑާކަމެއް ނެތް. އެންމެން އެހެން ނުވަނީ ކީއްވެތަ؟" އަލީނާގެ ޝަކުވާ އަޑުއަހާނެ މީހަކު ޔަގީނުންވެސް ނެތެވެ. އަލީނާ ކުއްލިއަކަށް ސިހުނީ ޒެވިޔަންގެ ސޫރަ ހިތަށް ވެރިވި ގޮތުންނެވެ. ކިތަންމެ ފަހަރަކު ނިކީ އާއިއެކު އުޅޭތަން އަލީނާ ދެކެއެވެ. ޒެވިޔަން ނިކީ ގެންގުޅެނީ އެހާވެސް ލޯބިންނެވެ. ޒެވިޔަން ނިކީދެކެ ލޯބިވާ މަތިވެރި މިންވަރު ފެނުމުން އަލީނާގެ ޅަހިތަށް އެކަމުން އަޖައިބެއްހާ އަސަރުކޮށްފައި ވެއެވެ. އޭނަދެކެވެސް މީހަކު އެހާވަރަށް ލޯބިވާނެ ނަމައެވެ. ޔަގީނެވެ. އޭނަ މަރުވިޔަސް އެއްވެސްމީހެއްގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނާންނާނެއެވެ. 

ޒެވިޔަން މިރޭވެސް ރޭގަނޑު ކެއުން ނިންމާލާފައި ކޮޓަރިއަށް އައިގޮތަށް ނިކީއަށް ބެޑްޓައިމް ސްޓޯރީއެއް ކިޔައިދިނެވެ. ނިކީކޮނޑު މަތީގައި ބާއްވައިގެން ހުރެ ނިންދަވާލާފައި އެނދުގައި ބޭއްވިގޮތަށް ރަޖާ ރީތިކޮށްލަދީފައި، ދޮނެއްދިނެވެ. ދަރިފުޅު ގާތުގައި ލޯބިވާވާހަކަ ނުބުނާނެ އެންމެ ވަގުތެއްވެސް ނުދާނެއެވެ. ނިކީ ނިދާލުމުން އެނިމުނީއެވެ. ރިޔާއަށް ވަގުތު ދިނުމުގެ ބަދަލުގައި ޒެވިޔަން ދެން ދާނީ ބޭރަށެވެ. ގެއަށް އަންނާނީ ދަންވާފަހުންނެވެ. އެކަމަކު ނިކީގެ ކޮންމެ ކަމަކާއި އަޅައިލާވަރާއި، ލޯބިވާވަރު ރިޔާއަށް ދިމާލަށް ފެންނަނީއެވެ. ރިޔާ އެކަމާއި އުފާވެއެވެ. އޮތީ އެންމެ މައްސަލައެކެވެ. އެކަނި އޭނަ ގާތުގައި ލޯބިވެޔޭ ބުނަންވީމަ އެކަން ޒެވިޔަންއަށް ބޮޑު ކަމަކަށްވާ މައްސަލައެވެ. އެކަމަކު ލޯބި ނުވާކަމަށްވެސް އެއްބަހެއް ނުވާނެއެވެ. ރިޔާ ވާހަކަފޮތެއް ހިފާލައިގެން، ސޯފާއަށް ދެފައިކޮޅަށްޖަހާލައިގެން އިންއިރު ނޭގިނަމަވެސް މޫނުވަނީ ބަނަވެފައެވެ. ރަތްކުލައިގެ ކުރު ޓޮޕަކާއި، ޖިންސް ސޯޓްކޮޅެއްގައި ރިޔާ ފެންނަނީ ފިރިހެނެއްގެ ހިތްކަތިލައިލާހާ ރީތިކޮށެވެ. އެ ފަންއިސްތަށިގަނޑު މައްޗަށް ނަގައި އައްސާލާފައިވާއިރު މޫނުގެ ރީތިކަން އެތައްގުނަ އިތުރުވެފައިވެއެވެ. ޒެވިޔަން އައިގޮތަށް ރިޔާގެ ދެފައިނަގާ އުނގުގައި ބާއްވާލަމުން، އަތް ބީއްސާލިގޮތަކުން ހީވީ މުޅިހަށިގަނޑުގައި ކަރަންޓުގެ ރާޅުބާނިތަކެއް ދަތުރުކުރިހެންނެވެ.

"ރިޔާ ބޭބީ ވަރަށް މޮޅުވާނެ ސެޑިއުސްކުރަން. މިވީގޮތުން މިރޭ ބޭރަށް ދިއުންވެސް ކެންސަލްވީ ޕްރިޓީ ގާލް. މިފައި އޮމާންކަމުންވެސް މިވާގޮތެއް. އަތްވެސް ކައްސާލައިގެންވިއްޔަ މިދަނީ. ރީތިކުއްޖާގަނޑެކޭ. އެހެންވެ ދޯ މިވަރަކަށް އެޓްރެކްޓްވް ވަނީ. ބަލާލަބަލަ މަށަށް ކޮށްލާވަރު...." ޒެވިޔަންގެ ލާނެތް ވާހަކަތަކާއި ފިރުމުމުންތަކުން ރިޔާއަށް ދެލޯމަރާލެވުނެވެ. ނަމަވެސް އިރުކޮޅަކުން، ރިޔާ ވިސްނާލާފައި ޒެވިޔަންގެ އަތުގައި ހިފެހެއްޓިއެވެ.

"މިރޭ ޕްރޮގްރާމެއް ނެތީމަ ޒެވިޔާ ތިހުރިހާ އެއްޗެހި ކިޔަނީ. ޑެވިލްވެސް މީހުން ހައްލަން ތިހާ މޮޅެއްނުވާނެ. ޒޭވިޔާ. އަހަރެން ފުރަތަމަ ބޭނުމީ ކަމަކާއި ޑިސްކަސް ކޮށްލަން. މިހާރު ތިންއަހަރު މިވީ. ކުރިން މަމް އަދި ޒޭވިޔާވެސް ބުނި ފީޑްކުރާތީއޭ ސައިކަލް ނުޖެހެނީ. މިހާރު ފީޑްކުރުން ހުއްޓާލިތާ ކޮންދުވަހެއް. ކީއްވެ މިހެން ވަނީ؟ ޒޭވިޔާމެން އަހަންނަށް ރިޕޯޓުތައްވެސް ނުދައްކަމެއްނު. ބޭނުން އެނގެން. ކީއްވެތަ؟" ރިޔާ ވާހަކަ ދައްކަމުން ގޮސް ރޮވޭ ގޮތްވެސްވިއެވެ. ވަރަށް ދުވަހަށް މިސުވާލުތައް ނުކޮށް ހުރެވިއްޖެއެވެ. ޒެވިޔަންމެންގެ ވާހަކަތަކަށް އިތުބާރުކޮށްގެން އޭނަ ކެތްކޮށްގެން ހުރެފިއެވެ.

"ގައިނީ މައްސަލަތައް އެނގޭނީ މަންމައަށް...." ޒެވިޔަންގެ ތަބީއަތު ވަގުތުން ޚަރާބުވެއްޖެއެވެ. ލާނެތްކަމާއި ހިނިތުންވުންތައް ވަގުތުން ނެތިގެން ދިޔައެވެ. އޭނަ މަސައްކަތް ކުރަމުން ދިޔައީ ރިޔާ އާއި ހަތަރުކަޅި ހަމަނުކުރުމަށެވެ. ރިޔާ އެސުވާލު ކުރުމުން އޭނަ ނުތަނަވަސްވީވަރު އެ ރީތި ދެލޮލުން ހާމަވިއެވެ. އޭނަ ރިޔާގެ ފައި ދުރުކޮށްލާފައި ތެދުވަމުން ތުންފަތުގައި ދަތްއަޅާލިއެވެ.

"ކީއްވެ ނޭގެންވީ؟ ތިއީވެސް ޑޮކްޓަރެއް. އަހަރެންގެ އަމިއްލަ ކަމަކާއި ބެހޭގޮތުން ސުވާލުކުރަނީ. މައްސަލައެއް ހުރެއްޖެއްޔާ އަހަންނަށްވެސް އެގެން ޖެހޭ. އެހެންނޫނަސް ހާދަ ދުވަހަކަށް ކެތްކޮށްލައިފިން. އައި ފީލް ސޯ އަންވޯންޓެޑް. ސޯ އަންލަވްޑް. ކީއްވެ ޒޭވިޔާ އަހަންނަށް ތިގޮތަށް ހަދަނީ؟" ރިޔާ ޒެވިޔަންއަށް ދެވުނަނުދީ އަތުގައި ހިފެހެއްޓިއެވެ. އޭރު ރިޔާގެ ދެލޮލުގައި ކަރުނަތިކިތައް ވިދަމުން ދިޔައެވެ. ޒެވިޔަންއަށްވެސް ރިޔާގެ ދެލޮލަށް ބަލައިލަން މަޖުބޫރުވިއެވެ. އޭނައަށް އުނދަގޫ ތަކެއްވިއެވެ. އެ ރީތި ދެލޮލުގައިވި ވޭނާއި، ރިހުން ފުރަތަމަ ފަހަރަށް އިހުސާސް ކުރެވުނެވެ. ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވިއެވެ. ރިޔާއަކީ އޭނަގެ ހަޔާތުގެ ބައިވެރިޔާއެވެ. އޭނަގެ ލޯބިވާ ދަރިފުޅުގެ މަންމައެވެ. 

ކޮމެންޓް 0