ޒެވިޔަން އަރާހަމަވިރަށް އަލީނާ ހިތްވަރުކޮށްލައިފައި ތެދުވެގެން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ނަސީބަކުން އެވަގުތު އެރި ތަދު ކޮންމެވެސް ވަރަކަށް ރަނގަޅުވެސް ވެއްޖެއެވެ.

"ބޭބީ، ތަދުވަނީތަ؟ ނޫނީ ސަމްތިން އެލްސް؟ އަހަންނަށް ސިއްރު ނުކުރާތި އިނގޭ..." ޒެވިޔަން އަލީނާގެ ބަނޑުގައި އަތްޖައްސައިލީ ޔަގީން ކޮށްލުމަށެވެ. އަލީނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލައިފައި ވެސް ޒެވިޔަންގެ މޫނަށް ނުބަލަން މަސައްކަތް ކުރިއެވެ. ޒެވިޔަންގެ ޖަވާހިރެއްފަދަ ދެލޮލަށް ބަލައިފިއްޔާ އޭނައަށް އަނެއްކާ ރޮވިދާނެ އެވެ. އޭނަގެ ހިތަށް ކެތްނުވެދާނެއެވެ. 

"ކޮންމެވެސް ކަމެއްވެއްޖެ....." ޒެވިޔަން އަލީނާގެ ކޯތާފަތުގައި މަޑުމަޑުން އެއް އަތްތިލަ ޖައްސައިލަމުން އެހެން ބުނުމާއި އެކު އަލީނާގެ ހިތާއި އެކު، ފުރާނަވެސް ރޮއިގަތްހެން ހީވިއެވެ. އަލީނާ ދެލޯ ބާރަށް މަރައި ތަގުޅިކޮށްލި ނަމަވެސް އެ ބޯއެސްފިޔަ ތަކަށް ވެސް ކަރުނަތައް ނުހިފެހެއްޓުނެވެ. އެސްފިޔަތައް ފުރާނާލައިފައި އޮހިގަތް ކަރުނަތައް ޒެވިޔަންގެ އަތްތިލަ ތެންމާލުމުން ޒެވިޔަންގެ ހިތް ހުއްޓުނުހެން ހީވިއެވެ. ދެވަނަ ސިކުންތު ކޮޅުގައި އަލީނާ އަތުގެ ތެރެއަށް ގެނެސް މޭގައި ޖައްސައި ލެވުނީ ދުނިޔޭގެ ހުރިހާ އަނިޔާތަކުން ހިމާޔަތް ކޮށްދޭން ބޭނުންވާފަދަ ގޮތަކަށެވެ.

"އަހަރެންގެ ފުރާނަޔާ، ވެގެން އުޅޭގޮތެއް ބުނެފައި ރޮއިބަލަ، އަހަންނަށް ސިއްރުކުރާވަރުގެ ކޮންކަމެއްތަ ވީ؟ ރިޔާ އެއްޗެކޭ ބުނީދޯ...." ޒެވިޔަން އަލީނާ ގެންގޮސް އެނދުގައި ބައިންދާފައި ކުޑަކަކޫ ޖައްސާލައިގެން އިށީނީ އަލީނާގެ އުނގުގައި އަތްބާއްވާ ލައިގެންނެވެ. އަލީނާ ޖަވާބެއްނުދީ ހަމަ ރުއީއެވެ.

"ނުރޮއިބަލަ ޕްލީޒް، ތިގޮތަށް ރުއިމުން ހިތްހަލާކުވާވަރުވޭ....." ޒެވިޔަން އާދޭހުގެ ރާގެއްގައި ބުންޏެވެ.

"ޕެއިން މާބޮޑުވީ...." އަލީނާ އޮޅުވައިލަންވެގެން ހިނިތުންވެލި ނަމަވެސް ޒެވިޔަން ގަބޫލު ކުރާނެ ގޮތެއް ނުވިއެވެ. އޭނައަށް އަލިނާ ކިތަންމެ ރަނގަޅަށް ވެސް ދަސްވެފައިވެއެވެ. ޒެވިޔަންއަށް ޔަގީންނުވީ މިގޭތެރެއިން އަލީނާ އާއި ދިމާލަށް އެއްޗެކޭ ބުނެގެން އުޅެނީ ކާކުކަމެވެ. މަންމަވެސް މިފަހަކަށް އައިސް އަލީނާ އާއި ދިމާލަށް އޭނަ ހުރިތަނެއްގައި އެއްޗެކޭ ބުނެފައެއް ނުވެއެވެ. އަދި މިފަހުން ހީވަނީ މަންމަ ގެ އިހުސާސްތައް ފޮރުވަން މަސައްކަތް ކުރާހެންނެވެ. ޒެވިޔަން އަލީނާގެ ކުޑައަތްތިލަ ގެނެސް އޭނަގެ އަތުގައި ބޭއްވިއެވެ. ޒެވިޔަން ބޭނުންވީ އަލީނާ ލައްވާ ހުވާކުރުވުމަށެވެ. އޭނަގެ ގާތުގައި ދޮގެއް ނަހަދާ ވެގެން އުޅޭގޮތެއް ރަނގަޅަށް ބުނުވަން ޒެވިޔަން ހުރީ އަޒުމް ކަނޑައަޅައި ގެންނެވެ.

ޒެވިޔަން އާއި އަލީނާގެ ހަތަރުކަޅި ހަމަވިއެވެ. އަލީނާގެ އެދެލޮލުން ޒެވިޔަންއަށް އެތައް ހާސް އަސަރުތަކެއް ފެނުނެވެ.

"ޒާވް. ޕްލީޒް ތިގޮތަށް މަޖުބޫރު ނުކުރޭ، އެހެންނޫނީ ހައްތަހާބޮޑަށް މިގޭތެރޭގައި މައްސަލަތައް އިތުރުވާނީ، އެނގޭ ކޮންމެވެސް ދުވަހެއްގައި ޒެވިޔާ ދޫކޮށްލާފައި ދާން ޖެހޭނެކަން، ޒާވް އާއި ބަލާއިރު އައިމް ނަތިން، މެއިޑްގެ ގޮތުގައި ދެކޭނެ މީހުން މަދެއްނުވާނެ، ޒާވް ދޫކޮށްލައިފައި ހަމަ ދާންވީތަ؟ އައިމް ޝެޓަރޑް... އެކަމަކު...." އަލީނާގެ އެ ލަފުޒު ތަކުން ޒެވިޔަންގެ ހިތަށް ކުރި އަސަރުތައް ބޭރުކޮށްލެވުނީ ރުޅީގެ ސިފައިގައެވެ. ވަކިވުމުގެ ވާހަކަ ނުދައްކަން އޭނަ ވަނީ އަލީނާގެ ގާތުގައި ކިތަންމެ ފަހަރު އާދޭސްކޮށްފައެވެ. އޭނަ އާއި އަލީނާ އަޅުވައި ނުކިޔަން އެދުނު އަދަދެއްވެސް ނޭގެއެވެ. ޒެވިޔަން އެހާ ފޫހިވާކަމެއް ދުނިޔެއަކު ނުވާނެއެވެ. ޒެވިޔަން ކުއްލި އަކަށް އޭނަގެ އިސްކޮޅަށް ތެދުވެ އަލީނާ އާއި ދިމާލަށް ބަލައިލީ ފެންކަޅިވެފައިވާ ދެލޮލުންނެވެ. ޒެވިޔަން އެއްވެސް އެއްޗެކޭ ބުނުމެއްނެތި ބާރުބާރަށް ހިނގާލައިފައި ކޮޓަރިން ނިކުމެގެން ދާން ހިނގައި ގަތުމުން އަލީނާ ބިރުގަނެއްޖެއެވެ. އެދާގޮތަށް ގޮސް ރިޔާ އާއި ސުވާލުކޮށްފާނެ ކަމަށް ސިކުނޑީގެ ކަނަކުން އިންޒާރި ދިނުމާއި އެކު އަލީނާއަށް ބާރަކަށް ޒެވިޔަންއަށް ގޮވައިލެވިއްޖެއެވެ.

"އޯކޭ ޒާވް، ބުނެފާނަން ވީގޮތް، އެކަމަކު ޑޯންޓް ގެޓް މޭޑް، ޕްލީސް...." އަލީނާ އެއްގޮތަކަށް ވެސް ޒެވިޔަން އާއި ރިޔާގެ ގުޅުން އިތުރަށް ގޯސްކުރާކަށް ބޭނުމެއްނުވިއެވެ. އެހެންނޫނަސް އޭނައަށް ދޮގުތަކެއް ހަދައިގެން ޒެވިޔަންގެ ހިތަށް އަނިޔާއެއް ނުދެވޭނެއެވެ.

"އެލީ ހަދާގޮތުން މޫޑީވާނެ، އަހަރެން ގާތުގައި ނުބުނެވޭވަރުގެ ވާހަކައެއް އޮންނަން ޖެހޭތަ؟" ޒެވިޔަން ސީރިޔަސް ކަމާއި އެކު އެއްބުމަ އަރުވާލި ގޮތުން ވެސް އަލީނާގެ ހިތަށް ގޮތެއްވިއެވެ. އެއިން ކޮންމެ އާދައެއް އޭނަގެ ހިތާއި ހާސްފަހަރު ކުޅެނުލާ ދުވަހެއް ފާއިތުވެގެނެއް ނުދެއެވެ. މިއަދު ޒެވިޔަން ގާތުގައި އެވާހަކަ ނުބުނެފިއްޔާ ޒެވިޔަން އޭނައަށް މާފެއްނުކުރާނެ އެވެ. އެދޭތެރޭގައިވާ ގުޅުން ވެސް ހީނަރު ވެދާނެ އެވެ.

ރިޔާ ދެއްކި ވާހަކަތައް ހިއްސާކުރުމަށްފަހު އަލީނާ އާދޭސްކޮށްފައި އެދުނީ އޭނައަށް ޓަކައި ވެސް ރިޔާ އާއި ދިމާލަށް އެއްޗެކޭ ނުބުނުމަށެވެ. ރިޔާ ވެސް އެހެން ހަދަނީ ޒެވިޔަން ދެކެ އިންތިހާއަށް ލޯބިވާތީ ކަމަށާއި، ރިޔާވެސް ޒެވިޔަން ހިއްސާކުރަން ބޭނުން ނުވަނީ ކަމަށް ބުންޏެވެ. އަލީނާގެވެސް ވަނީ ހިތެކެވެ. ކޮންމެރެއަކު އޭނަވެސް ނިދަން ބޭނުންވަނީ ޒެވިޔަންގެ އަތުތެރޭގައެވެ. ހޭލައިގެން ލޯހުޅުވައިލާއިރު އެންމެ ފުރަތަމަ ދެކެން ބޭނުމީ އެ ރީތި ސޫރައެވެ. ބޭނުންވަނީ އަބަދު ޒެވިޔަންގެ ގާތުގައި ހުރުމެވެ. ނަމަވެސް އޭނަގެ ނަސީބުގައި މިވަރު ލައްވާފައިވާތީ އޭނަ ހަމްދުކުރިއެވެ. ކެތްކުރިއެވެ. އެ ވަރުގެ ނަސީބެއް އޭނަވަރުގެ ކުއްޖަކަށް ލިބުމުން އޭނަ މިހިރީ އިންތިހާއަށް ހިތްހަމަޖެހިފައެވެ. މިފަދަ ނިއުމަތެއް ލިބުނު ކަމާއި މެދު އޭނަގެ ހިތްވަނީ ޝުކުރުން ފުރިފައެވެ. އޭނަ ދެކެމުން އައިސްފައިވަނީ ދުނިޔޭގައި އޭނަހާ ނަސީބު ރަނގަޅު އަންހެންކުއްޖަކު ނެތްކަމަށެވެ. އެކަމަކު މައްސަލައަކީ ރިޔާ، ޒެވިޔަންގެ ހަޔާތުން އޭނަ ބޭރުކޮށްލަން ބޭނުން ވިކަމެވެ. އެފަދަ ބޮޑު އަނިޔާއެއް އުފުލާނެ ގޮތެއް އެ ޅަ ސިކުނޑިއަކަށް ނުވިސްނުނެވެ.

"އެލީ އެންމެ ފަހަރަކުވެސް ބުނެބަލަ، އެލީ ބޭނުންތަ އަހަރެން ރިޔާ ޑިވޯސްކޮށްލަން؟ އެލީ ބޭނުންވާގޮތް ބުނުމުގެ ހައްގުވެސް އޮންނާނެ..." ޒެވިޔަން ކުއްލި އަކަށް ސީރިޔަސްވިއެވެ. އޭނަ ގޮސް ކުޑަދޮރުގައި އަތްއަޅުވާލައިގެން ހުއްޓުނު އިރު އެ ފަން އިސްތަށިގަނޑާއި ވައިރޯޅިތައް ސަމާސާ ކުރާ ގޮތުން ހީވަނީ ނުފެންނަ އަތަކުން އެ އިސްތަށިގަނޑު ވިހުރުވާލާހެންނެވެ. އިރުގެ އަވި އެ އޮމާން މޫނަށް އެޅިފައިވާއިރު ރަން ކުލައެއް އަރާތީ ހާދަ ރީއްޗެވެ. ހިތް ހަލާކު ކޮށްލާހައިވެއެވެ. އަލީނާގެ ހިތް ފުރުނެވެ. ކިތަންމެ ވަރަކަށްވެސް އަމިއްލަ ކުރަން ބޭނުންވާ ޒުވާނެކެވެ. އަލީނާގެ ފުރާނައެވެ. ހިތެވެ. އެހިތުގައި ވިންދު ޖަހަނީ އެކަނި ޒެވިޔަން އަށްޓަކައެވެ. ނަމަވެސް އޭނައަށް އެހާ އަމިއްލަ އެދުން ބޮޑުކޮށްލައިފައި އެހެން އަންހެންކުއްޖަކު ބިކަ ހާލުގައި ޖައްސާލާކަށް ނުކެރޭނެއެވެ. އޭނަ މިހިރީ ޒެވިޔަން ހިއްސާ ކުރަން ވެސް ތައްޔާރަށެވެ. 

"ނޫން....." އަލީނާ ޒެވިޔަންގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ބޯހޫރާލި އިރު އަލީނާގެ ލޮލުގައި ކަރުނަތިކިތައް ވިދަމުންދާލެއް ފެނުނު ގޮތުން ޒެވިޔަންގެ ހިތް ފިދާވިއެވެ.

"ޕްރޮމިސް މީ ޒާވް، ދުވަހަކުވެސް ރިޔާ ދޫކޮށްނުލަން...." އަލީނާ އާދޭހާއިއެކު ބުންޏެވެ.

"މައި ލިޓްލް އެންޖެލް......" ޒެވިޔަން އަލީނާގެ މޫނުގައި ބޮސްދިން އިރު ޒެވިޔަންގެ ލޮލުންވެސް ކަރުނަ އޮހެމުން ދިޔައެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާއިރުވެސް އެދެމީހުން ދުރުކުރަން އެންމެން އުޅެނީ އިންސާފަކުން ނޫނެވެ. ލޯތްބަށް ޓަކައި ދީވާނާ ވިޔަސް އަލީނާގެ ހިތްވެސް ގަނޑުފެންކޮޅެއްހާ ސާފެވެ. އެ ޅަހިތުގައި ވާ ހަމްދަރުދީ އާއި، އަމިއްލަ އެދުމެއްނެތް ލޯބި އެވިދާ ދެލޮލުން ފާޅުވެއެވެ.

ދާވިޝްއަށް ވެސް ވަނީ އަމީންގެ ލޭގެ ގްރޫޕް ތަފާތުކަން އެނގިފައެވެ. އަދި ޖިޔާދުމެންގެ ހިތުގައިވާ ޝައްކު ވެސް ފިލުވައިލިކަން އެނގުނީ ޖިޔާދު ދަރިފުޅާއޭ ކިޔައިގެން ވާހަކަ ދައްކައި އުޅޭލެއް ގާތް ކަމުންނެވެ. ޖިޔާދު ވަނީ ދާވިޝް ގާތުން މާފަށްވެސް އެދިފައެވެ. އެދުވަސްކޮޅު ދާވިޝް ވަނީ މާލެއަށް ގޮސްފައެވެ. ޖެމާ ދާން އުޅުނީމަވެސް ދާވިޝް ޖެމާ ގެންދާކަށް އެއްބަހެއް ނުވިއެވެ. އެކަމާއި ހުރެ ޖެމާ ހުރީ ފުދޭވަރަކަށް ދެރަވެ، ބާކީވެފައެވެ. ބޭވަފާތެރިކަން އިހުސާސް ކުރެވި، އަމިއްލަ ނަފުސް ކުށްވެރި ކުރެވުނެވެ. ނަމަވެސް ޖެމާ އިންތިޒާރު ކުރަނީ ދާވިޝް އޭނައަށް މާފުކޮށްފައި އެނބުރި އަންނާނެ ދުވަހަކަށެވެ. އޭރުން އަނެއްކާ ކުރީގެ ލޯބިވެރިޔާ އަނބުރައި ލިބިދާނެއެވެ. މާޒީގެ ހަނދާންތައް ބައެއްފަހަރު ޖެމާއަށް ނިކަން އުދަގޫކުރެއެވެ. ދާވިޝް އޭނައަށް "ޕްރެޝަސް" އޭ ކިޔާފައި އޭރު ގޮވާ އުޅެނީ ހާދަ ލޯބިންނެވެ. ޖެމާ އަކީ ދާވިޝް ގަބޫލުކުރި ގޮތުގައި އެހާވެސް އަގުބޮޑު ޖަވާހިރެކެވެ. ނަމަވެސް މިހާރު ދާވިޝްގެ ގާތުގައި އޭނަގެ އެއްވެސް އަގެއްނެތެވެ. އެއްވެސް މުހިއްމު މީހަކަށް ނުވިއެވެ. އެކަމަކު އޭނަ އުއްމީދު ގެއްލުވައެއް ނުލައެވެ. 

މައިމޫން އާއި ޒީބާ ފެންޑާގެ ސޯފާއެއްގައި އިށީދެލައިގެން ތިބިއިރު މޭޒުމަތީގައި ވަނީ ހޫނު ސަޔާއި ކާއެއްޗެއްސެވެ. މައިމޫން ދޭތެރެ އަކުން ސައިތަށިން އެތޮފޮދެއް ބައްލަވަމުން، އަތުގައިވާ ނޫހުގެ ގަނޑުތައް އުކަމުން ދިޔައީ ޚިޔާލެއްގައި އިންނަވައި ގެންނެވެ. މިއަދު ގަނޑުފެނުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ކުޑަކޮށް ވާރޭވެހިލާފައި އޮތުމުން ހީވަނީ ބިންގަނޑުވެސް ހަޑިވެފައި ވާހެންނެވެ. ގަނޑުފެނުގެ ސަބަބުން ސާފުކަމުގެ އިންތިހާގައި އޮތް ސިޓީގެ ރީތިކަން ކޮންމެވެސް ވަރަކަށް ކިލަބުވެގެން ހިގައްޖެއެވެ. އެކަމަކު ދާދި ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ބަހާރުގެ ފެހިކަމާއި، ރީތި ކުލަތަކުން ހުރިހާ ތަނެއް އުޖާލާ ކޮށްލަފާނެއެވެ.

"އަލީނާގެ ފެމިލީގައި މުޅިންވެސް ކްރިމިނަލްސް އިން ވީމަ ދެން ކިހާ ދެރަ، އެފަދަ ގެއެއްގައި އެހާ މާތް ކުއްޖަކު އުޅެދާނެއޭ ބުނާނީ ކާކުތަ؟ ގޮނޑުންވެސް ޖަވާހިރެއް ހޮވިދާނެ....." ޒީބާގެ ފެހިދެލޮލުގެ ކަޅި ކިތަންމެ ވަރަކަށް ހަރަކާތް ކުރިޔަސް ތަނެއް ދޮރެއް ނުފެނެއެވެ. އެކަމަކު ޒީބާ މިހާރު ވަނީ އަނދިރި ކަމަށް ހޭނިފައެވެ. އޭނަ ހިތްހަމަޖެހުން ހޯދަނީ ހެއްދެވި ފަރާތަށް ނަމާދުކޮށް، ދުއާކޮށްލައި ގެންނެވެ. ޒީބާ މިހާރު އަލީނާ އެގެއިން ފޮނުވައިލުމުގެ ޚިޔާލާއި މުޅިން ދެކޮޅެވެ. ނަމަވެސް މައިމޫން ގާތުގައި ވެސް އަލީނާ ދިފާޢުކޮށްފައި އަނގަހުޅުވާލާނެ ހިތްވަރެއް ޒީބާގެ ނެތީ އޭނައަށްވެސް ކަންތައް ކުރެވުނު ގޮތް ރީތި ނުވީމައެވެ. އެހެންނޫނަސް މައިމޫން ވަނީ އަލީނާގެ އާއިލާގެ މީހުންދެކެ އިންތިހާއަށް ނުރުހުންވެފައެވެ.

"ގޭންގްސްޓަރ ފެމިލީއެއްގެ ހިޔަނި އަހަރެންގެ ޒެވިޔާގެ ހަޔާތަކަށް އެޅިގެން ނުވާނެ، އަލީނާ ވިހެއުމަށްފަހު އަހަރެން ޒެވިޔާއަށް އަންގާނަން އަލީނާ ދޫކޮށްލަން، ޒެވިޔާ ޖެހޭނީ އަލީނާ ވަރިކުރަން، އަލީނާގެ ފޯލްޓް އޮވެގެނެއް ނޫން، އަލީނާ އިނޮސެންޓް ކަން އެނގޭ އެކަމަކު އެ ފެމިލީ ދޯ، ހާދަ ރަހުމް ކުޑަކޮށް އެ ފިރިހެންކުއްޖާ މަރާލީ، ރާއްޖޭގެ ހުރިހާ ނޫސްތަކެއްގައި އަދިވެސް އެ ވާހަކަ، ވީއިރު އަހަރެންގެ ޒެވިޔާވެސް އެވަރު ދަންނާނެ...." މައިމޫން ގެ އެ ޖުމްލަތައް ކިތަންމެ ރީއްޗަށްވެސް ސިޑިން ފައިބައިގެން އައި ޒެވިޔަންއަށް އިވުނެވެ.

"ޒެވިޔާ އެއްބަސް ވާނެ ކަމެއްނޭގޭ..." ޒީބާ ކަންބޮޑުވިއެވެ.

"ޒެވިޔާ އަހަރެން ބުނާ ގޮތަށް ހަދާނެ، ނަހަދައިފިއްޔާ އަހަރެންގެ ބާރު ބޭނުން ކޮށްގެން ވެސް އަލީނާ ފޮނުވާލާނަން، އަމީން ކިޔާދިން ސްޓޯރީއިން އަހަރެންވެސް އެ ފެމިލީ މީހުންދެކެ ފޫހިވެއްޖެ، ޒެވިޔާ އާއި އާޗް އަކީ އަހަރެންގެ ފުރާނައަށްވުރެ ލޯބިވާ ދެ ފަރާތް، އެހެންވެ ޒެވިޔާ އެނގިހުރެ ނަރަކައަށް ވައްޓާލަން ނޭދެން...." މައިމޫން ބުނުއްވިއެވެ. ބައްޕަގެ ޚިޔާލު ހުރިގޮތް އެނގުމުން ޒެވިޔަންގެ ހިތަށް ވަރަށް އަސަރު ކޮށްފިއެވެ. ހީވީ މީހަކު މޭގައި ގޮށްމުށްކަވާފައި ޖެހިހެންނެވެ. އިރުކޮޅަކަށް ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ. މަޑުމަޑުން ފަހަތަށް ގޮސް ސިޑިން އަރައިގެން ކޮޓަރި އާއި ހަމަޔަށް ދިޔަގޮތަށް އޭނަލައިގެން ހުރި ކޮޓްން ގަމީހުގެ ގޮށްތައްވެސް ދޫކޮށްލީ ނޭވާލާން ދަތިވާހެން ހީވެގެންނެވެ. ފެންކަޅިވެފައިވާ ރީތި ދެލޮލުގައިވާ އަސަރުތައް ފެނުނު މީހަކަށް ވެސް އޭނަގެ ހިތާމަތައް އިހުސާސް ކުރެވޭނެއެވެ. މިގޮތަށް ދުނިޔޭގައި ހުރުމަށްވުރެ މިވަގުތު މަރުވިޔަސް އޭނައަށް މާ ރަނގަޅެވެ.

ފިނި މޫސުމް ނިމުމަކަށް އަންނަނީއެވެ. ފެބްރުއަރީގައި ދޭތެރެއަކުން ވާރޭވެސް ވެހިލައެވެ. ބައެއް ދުވަހު ހަތެއްޖަހާއިރު އިރުއަރާފައި، ފަހެއް ޖަހާއިރު އިރުއޮއްސި ދެއެވެ. ފިނިމޫސުމްގައި ދުވާލު ތަންކޮޅެއް ކުރުވެފައި، ރޭގަނޑު މާ ދިގެވެ. އަލީނާ ފެންޑާގެ ކުދި ފަތްތަރުތައް ގިރާކޮށް ތިރިއަށް ފޭބީ ނިކަން މަޑުންނެވެ. ގަސްތަކުން ގަނޑުފެންތައް ވިރިގެން ކުއްލި އަކަށް ފައިބައިގަނެގެން ފަޒާގައި ލުއި މިއުޒިކެއް އުފައްދަމުން ދާތީ އަލީނާއަށް ބަލައިލެވުނެވެ. އެވަގުތު ފެންޑާ އާއި އެންމެ ކާރިއަށް ހުރި ގަހުގެ ދަށުގައިވާ ގަނޑުފެނުގެ ތެރެއިން ބޯދިއްކޮށްލާފައިވާ ކުދި ވިނަކޮޅު ތަކާއި އެކު ބްލޫ އައިރިސްތައް ފެނުމުން އަލީނާ އަށް ވާއު އޭ ބުނެލެވުނީ ރީތިކަމުންނެވެ. ހީވީ ކެތްނުކުރެވިގެން ގަނޑުފެނު ތެރެއިން ސިއްރުސިއްރުން ބޯ ދީކޮށް ބަލާހެންނެވެ. ހާދަ ލޯތްބެވެ. ބަހާރު މޫސުމް އަންނަން އުޅޭކަން އިއުލާން ކުރީއެވެ. އަލީނާ އެދިމާލަށް ހިނގައިގަތުމާއިއެކު ކުޑަކޮށް ކައްސާލައިފައި ވެއްޓުނު ގޮތަށް އުނަގަނޑަށް ތަދެއް އެރިއެވެ. އަލީނާ އިންތިހާއަށް ބިރުގަނެ ބާރަކަށް ރޮއިގަންނަން އުޅެފައިވެސް ތުންފަތުގައި ދަތްއަޅާލިއެވެ. އަނެއްކާ އޭނަގެ ބޭބީމެންނަށް ގެއްލުމެއް ނުވާނެ ބާވައެވެ.

އަލީނާ ކުޑަކޮށް ތެމިފައިވާ ހެދުމުން ގަނޑުފެން ފޮޅައިލުމަށްފަހު ގެއަށް ވަނެވެ. ހައްތަހާ ރިހުން ގަދަވާން ފެށިއެވެ. ކޮޓަރި އާއި ހަމަޔަށް ދާނެ ހިތްވަރެއް ވެސް ނުލިބުމުން އަލީނާ ބޮޑުކޮޓަރީގެ ސޯފާ އަކަށް ތިރިވިއިރު އޭނަގެ މޫނު ހީވަނީ ފެންކޮޅެއް ހެންނެވެ. އަލީނާ ވަގުތުން ޒެވިޔަންއަށް ގުޅަން އުޅުނު އިރު އިނގިލިތައް ވެސް ތުރުތުރު އަޅައެވެ. ޒެވިޔަން ދެތިން މިނިޓް އިރު ތެރޭގައި ފެންވަރާލައިގެން ނިކުމެ ފެންވެސް ނުހިއްކާ ޖިންސާއި ޓީޝާޓެއް ވައްޓާލައިގެން ނިކުތެވެ. އޭރު އެ މޫނާއި، އިސްތަށިގަނޑު ތެތްކޮށް ހުރުމުން އިތުރަށް ތާޒާކޮށް ފެނެއެވެ.

"ޒާވް، އައިމް ސޯ ސްކެއާޑް...." އަލީނާ ޒެވިޔަންގެ އަތުގައި ހިފާ ބާރުކޮށްލި އިރު ލޮލުގައި ކަރުނަ ވިދާން ފަށައިފިއެވެ.

"ރިލެކްސް ބޭބީ، އެވްރީތިން ވިލް ބީ ފައިން ގޯޑް ވިލިން، އަހަރެން ހުރިހާ ވަގުތެއްގައި ވެސް އެލީ ގާތުގައި ވާނަން އިނގޭ...." ޒެވިޔަން އަލީނާގެ ބަނޑުގައި އަތުން ފިރުމާލަދެމުން އެހެން ބުނެލީ އިންތިހާ ދަރަޖައިގެ ލޯތްބާއި އެކުގައެވެ. އެ ފުން ދެލޮލަށް ބަލައިލެވުމުން ސިކުންތު ކޮޅަކަށް ނަމަވެސް ހަށިގަނޑުގައި އަޅަމުންދާ ވޭންވެސް ލުއިވެލިހެން އަލީނާއަށް ހީވިއެވެ. ކާރު ތެރޭގައިވެސް އަލީނާ ތުންފަތުގައި ބާރަށް ދަތްއަޅާލައިގެން ކެތްކުރިއެވެ. ނަމަވެސް ކައިރި ކައިރިން ތަދު އަރަން ފެށުމުން އަލީނާގެ ހިތުގައި އަނެއްކާ ބިރުވެރިކަން އުފެދި ހޮސްޕިޓަލަށް ވަންނަން ވެސް ބޭނުމެއްނުވިއެވެ. ވިހެއުމާއި، އޮޕަރޭޝަން ތައް ދެކެ އޭނަވަނީ އިންތިހާއަށް ބިރުގެންފައެވެ. ދުވަހަކުވެސް ކަމަކާއި މިހާ ބިރުން އުޅުނު ހަނދާނެއް އަލީނާ ނުވެއެވެ. 

ގައުން ލެއްވުމަށްފަހު ވެސް އަލީނާ އެއްފަހަރުވެސް ޒެވިޔަންގެ އަތުން ދޫކޮށެއް ނުލައެވެ. ޒެވިޔަން ދަސްކޮށްދީގެން ނޭވާލުން އަދި ރިލެކްސޭޝަން ޓެކްނިކު ބޭނުން ކުރުމުން އަލީނާއަށް ވެސް ފުރަތަމަ ގަޑިތަކުގައި ކެތްކުރެވޭވަރުވިއެވެ. ނަމަވެސް ވިހާ ގަޑި ކައިރިވެ، މާ ތަދުބޮޑު ވާން ފެށުމުން އަޑުކޮޅަށް ހަޅޭއްލަވައި ގަންނަން ވެސް އަލީނާ ބޭނުންވިއެވެ. ނަމަވެސް ހިތްވަރު ލިބުނީ އެކަނި ޒެވިޔަން ގާތުގައި އިނުމުންނެވެ. އެހެންނޫނަސް ފިލްމުތަކުން މީހުން ވިހާ މަންޒަރު އަލީނާ ވަނީ ދެކެފައެވެ. އޭރު މީހުން ހަޅޭއްލަވާތަން ފެނުނީމަވެސް އަލީނާއަށް އެކަންވީ ހެއްވާކަމަކަށެވެ.

އަލީނާ އުޅުނު ހާލާއި، ރުއިވަރުން ޒެވިޔަންގެ ލޯވެސް ބައެއްފަހަރު ފުރިގެން އައެވެ. ނުރޯށޭ ބުނެ، ހިތްވަރު ދޭން ހުރީ އެކަނި ޒެވިޔަންއަށް ވީތީ އޭނަ ކިތަންމެ ވަރަކަށް ވެސް ކެތްކުރިއެވެ. 

"ޒާވް، މަރުވަނީ، މަރުވަނީ، ދެން ކެތެއް ނުކުރެވޭނެ، ހޯލްޑް މީ......" އަލީނާ ވަރަށް އުދަގުލުން ހުއްޓަހުއްޓާފައި އެހެން ބުނެފައި މަޑުމަޑުން ރޯންފެށިއެވެ. އަލީނާ ހީކުރީ އެންމެ ފަހުވަގުތު ކަމަށެވެ. ވިހެއުމުގެ ވޭނާއި، ތަދަކީ ކިހާވަރެއްގެ އެއްޗެއްކަން އަލީނާއަށް ވެސް ތަޖުރިބާ ކުރެވިއްޖެއެވެ.

"ނަތިން ވިލް ހެޕެން ލޯބި، ސްޓޭ ސްޓްރޯންގް ފޯ މީ ޑާލިން... އައި ލަވް ޔޫ...." ޒެވިޔަން އަލީނާގެ ލޮލުގައިވާ ކަރުނަތައް ފޮހެލަދެމުން ބުނެލައިފިއެވެ. އަލީނާއަށް ހީވީ އެވަގުތު ކޮޅުވެސް ދުނިޔޭގެ ހުރިހާ އުފަލަކުން ފަސްބައި ފުރައިލެވުނު ހެންނެވެ. ގައިގައި އަޅާ ވޭންވެސް ލުއިވިފަދަ ލޯބިވެތި ލަފުޒުތަކެވެ. މާގިނައިރު ތަކެއްނުވެ އަލީނާ ލޯބި ލޯބި ފުށްކޮޅެއްފަދަ ދެ އަންހެންކުދިން ވިހައިފިއެވެ. އެތުއްތު ކުދިންނާއި އެކީގައި އަލީނާ އަތުތެރޭގައި ބޮނޑިކޮށްލެވުނު ވަގުތަކީ ޒެވިޔަންގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ވަގުތެވެ. އުފާވެރިކަމުގެ ކަރުނައިން ޒެވިޔަންގެ ރީތި ދެލޯ ފުރުނެވެ. މާތް ﷲ އަށް ހަމްދުކުރެވުނު އަދަދެއްވެސް ނޭގެއެވެ. ނަމަވެސް އެވަގުތުވެސް ޒެވިޔަން ނިކީގެ މަތިން ހަދާންކޮށްފައި ހިތާހިތުން އެ ތުއްތު ދަރިފުޅަށް ޓަކައި ކަރުނަ އޮއްސިއެވެ. ހިތުން އެ ދަރިފުޅާއި ވެސް ވާހަކަ ދެއްކުނެވެ. ދުވަހަކުވެސް ނިކީދެކެ ވީ ލޯތްބާއި އެ ޚާއްސަ މަގާމު އޭނަގެ ހިތުން ފޮހެވިގެނެއް ނުދާނެއެވެ.

"ޑެޑީގެ ޕްރިޓީ އެންޖެލްސް...." ޒެވިޔަންއަށް އެ މައުސޫމް މޫނުތަކަށް ބަލައިގެން ހުރެވުނީ އެސްފިޔަ ޖަހައިލަން ވެސް ނޭގިފައެވެ. އެހާވެސް ރީއްޗެވެ. ފުރިހަމައެވެ. ދޮންކަމުންނާއި، ކުޑަކަމުން ހީވަނީ ބުދުތަކެއް ހެންނެވެ. ބުމަ ހީވަނީ ހިމަކޮށް އަނދުން އަޅުވާފައި ވާހެންނެވެ. އެސްފިޔަތައް ވެސް އެހާ ކަޅުވެފައި، ބޯކަމަށް ދައްކައެވެ. ޗެރީކުލައަރާ ތުންކޮޅު އެހާ ވަށްވެފައި ރީއްޗެވެ. ދެކުދިން ވަކިކުރަން އެނގޭނެ އެއްވެސް ގޮތެއްނެތެވެ. ކުޑަކުޑަ ތަފާތެއްވެސް ފާހަގައެއް ނުކުރެވުނެވެ. އަދި ތުންކޮޅު ދަމާލިއިރު ކޯތާފަތަށް އެޅުނު އަޑިކޮޅުން ރީތިކަން އިތުރުވިހެން ހީވިއެވެ. 

"މިހާ ހިތްވަރުގަދަ ގާލްއެއް ދުނިޔޭގައި ނުވާނެ، ތެންކިއު ޑާލިން...." ޒެވިޔަން އަލީނާގެ މޫނުގައި ބޮސްދިން އިރު އަލީނާވެސް އޮތީ ކަރުނައިގެ ތެރެއިން ހިނިތުންވެލައި ގެންނެވެ. ބޭބީމެން ފެނުމަށްފަހު އަލީނާ ހުރިހާ ވޭނަކާއި ތަދެއްގެ މަތިން ވަގުތުން ހަނދާން ނެތި އުފަލުން ގޮސް ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލެވުނެވެ. އޭރުވެސް އަލީނާ އޮތީ ޒެވިޔަންގެ އަތުގައި ހިފަހައްޓާލައި ގެންނެވެ. ދެމަފިރިން އަމިއްލަ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އާއިލާގެ އެހެން މީހުންނަށް އެކުދިން ދައްކަން ގެންދިއުމުން އެންމެންނަށް ވެސް ބުނަން ނޭގޭފަދަ އުފާވެރިކަމެއް ލިބުނެވެ. 

ޒެވިޔަން ގެ ހިތަށް އެންމެ އަސަރުކުރީ ޒީބާ ކުދިން ނަގާފައި ރޯން ފެށުމުންނެވެ. ޒެވިޔަން ވެސް ފެންކަޅިވިއެވެ. މަންމަ އެކުދިން ދެކެން ބޭނުންވާވަރު ޒެވިޔަންއަށް އެންމެ ބޮޑަށް އިހުސާސް ކުރެވި ހިތަށް އަސަރު ތަކެއް ކުރުވި ވަގުތު ކޮޅެކެވެ. އޭނަގެ މަންމަ ގެ ލޮލުގެ ފެނުން އަނބުރާ ލިބުމަށް އެދި އެވަގުތުވެސް ދުއާ ކުރެވުނެވެ. ދުއާއަށް ވުރެ ބާރުގަދަ ހަތިޔާރެއް ނުވާނެއެވެ. އިންސާނުންނަށް ނުކުޅަދާނަވިޔަސް އެފަދަ މުއުޖިޒާތެއްވެސް ފެނުމަށް އިރާދަކުރައްވަފާނެއެވެ. ޒެވިޔަން އޭނަގެ މަންމަގެ ލޮލުގައިވާ ކަރުނަތައް ފޮހެލަދެމުން، މޭގައި ޖައްސާލާފައި މަންމައަށް ހިތްވަރުދިނެވެ.

އާއިޒު އުޅުނީ މުޅިންވެސް ފޮޓޯ ނެގުމާއި، ވީޑިއޯ ކުރުމާއި ގެންނެވެ. އެންމެނަށްވެސް ފާހަގަ ކުރެވުނީ ރިޔާ އެދުވަހު ހޮސްޕިޓަލަށް އައިސް އެންމެންގެ އުފާތަކުގައި ބައިވެރި ނުވިކަމެވެ. މަތި އޮމާން ކޮށްލަން ވެސް ރިޔާ ބޭނުންނުވީއެވެ. މައިމޫންވެސް ވާންޖެހޭ ވަރަކަށް އުފަލެއްނުވީ މުސްތަގުބަލާއިމެދު އޭނަ އެހެން ވިސްނުމެއް ގެންގުޅުއްވާތީއެވެ. އެކަމަކު އެ މައުސޫމް ކުދިންގެ މަންމަ އާއި ކުދިން ވަކިކުރުމާއި މެދު މައިމޫން ވެސް މިއަދު ފުންކޮށް ވިސްނައިލަން މަޖުބޫރު ކުރުވިއެވެ.

އަލީނާ ބަލަން ޚާއްސަ ނަރުހަކުވެސް ހަމަޖެހުނެވެ. ޒެވިޔަން އެހާ ހިތް ނޭދުނުކަމުގައި ވިޔަސް އެފަދަމީހަކު ނެތި އަލީނާއަށް އުދަގޫވާނެކަން ޒެވިޔަންއަށްވެސް ގަބޫލުކުރެވުނެވެ. ދެކުދިން ގެންގުޅުމަކީ އަލީނާއަށް ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. ޒީބާ ސަލާމަތުން ހުރިނަމަ ފަހަރެއްގައި އެހެންމީހަކު އެގެއަށް ނުގެނެސް ވީހެވެ. އަނެއްކާ ޖިލާވެސް އެއިނީ ވިހަން ކައިރިވެފައެވެ. ވުމާއިއެކު މިދުވަސްކޮޅު ޚާއްސަ މީހަކު ނުގެނަސް ވާކަށް ނެތެވެ. އެކަމަކުވެސް ޒެވިޔަން ހުންނާނީ އެމީހަކާއި މެދުވެސް ފަރުވާތެރި ވެގެންނެވެ. އޭނައަށް ހިލޭމީހުންނަށް އިތުބާރު ކުރަން ފަސޭހަނުވަނީއެވެ. 

ގެއަށް އައިއިރު ގެވަނީ އަލީނާއަށް މަރުހަބާ ކިޔަން ކިތަންމެ ވަރަކަށްވެސް ޒީނަތްތެރި ކޮށްފައެވެ. އެންމެންވެސް ތިބީ އެކުޑަކުދިން އުރާލާހިތުން ކެތްނުލަވާފައެވެ. ފުށްގަނޑެއްހެން މޮޑެނުލެވިފައެވެ. ފަހަރަކު މީހެއްގެ އަތުން ކުދިން ތައް ދިޔައިރު އަލީނާ ހުރީ އެކުދިން ވެއްޓި އަނިޔާއެއް ވެދާނެތީވެސް ބިރުންނެވެ. ސީމާ ހުރިނަމަ ވަކިން އެ ބިރު ބޮޑުވީހެވެ. ޒެވިޔަން އަލީނާ ކޮޓަރިއަށް ގެންގޮސްލައިފައި އާއިލާގެ ބައެއް އަންހެންވެރިންނާއި ހަވާލުކުރުމަށްފަހު ކޮޓަރިއަށް އައިއިރު ރިޔާ އޮތީ ބާލީހުގައި ބައްދާލައިގެން ނިދާލައިފައެވެ. އެފަށުވި އިސްތަށިގަނޑު ވަނީ ތަރުތީބެއްނެތި ބާލީސް މަތީގައި ވިހުރުވާލައިފައެވެ. ރިޔާގެ ދުޅަވެފައިވާ ދެލޮލާއި އެސްފިޔަތަކުގައި ހިކިފައިވާ ކަރުނައިގެ ސަބަބުން އޭނަ ވަރަކަށް ރޮއިފައި އޮތްކަން ޒެވިޔަން ދެނެގަތެވެ.

"އައިމް ސޮރީ ބޭބީ.... އެނގޭ މިއަދު އަޕްސެޓް ވާނެވަރު، އަހަންނަށްވެސް މިވަނީ ހަފަރާތުން މަޖުބޫރުވެފައި، އެކަމަކު އަހަރެން ލޯބިނުވާކަމަށް ނުނިންމަބަލަ، އަދި އަހަރެން ރިޔާ ދޫކޮށްލާނެ ކަމަށްވެސް ހީކުރާކަށް ނުވާނެ، އަހަރެން އެހާބޮޑު އަނިޔާއެއް ދޭންވީ ކީއްވެތަ؟ އެކަމަކު ބޭބީއަށް ކީއްވެތަ ބަސްއަހައިގެން އުޅެން ނޭގެނީ؟ އެންމެ ޗާންސެއް އަހަންނަށްވެސް ދީބަލަ...." ޒެވިޔަން ހިތާހިތުން ކިޔާލި ނަމަވެސް އެ ލަފުޒުތައް ދުލަކާއި ހަމަޔަށް ނައެވެ. ޒެވިޔަން ރިޔާގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ރަޖާގަނޑު ރަނގަޅު ކޮށްލަދީފައި ރިޔާގެ ގާތުގައި އޮށޯވެލިއެވެ. ދެ ރޭވަންދެން ނުނިދާ ހޭލާހުރުމުގެ ސަބަބުން ޒެވިޔަންވެސް ވަނީ ފުދޭވަރަކަށް ވަރުބަލި ވެފައި ކަމަށް ވާތީ އެސްފިޔަތައް ބަރުވާން ފެށީ ދާދިއަވަހަށެވެ.

ރިޔާ ޒީބާ އާއި އަޅާލައި، ޚިދުމަތުގައި ގިނަވަގުތު ހޭދަކުރަނީ ވެސް އޭރުން މައިމޫން އާއި ޒެވިޔަން ވެސް އޭނައަށް އިތުބާރުކޮށްލާފައި އެތަންމިތަނަށް ދާނެކަން އެނގޭތީއެވެ. ގޭތެރޭގައި މީހުން މަދުވާ ދަނޑިވަޅެއް ބަލާލައިފައި އޭނަ ހިންގަން އުޅޭ ކަންތައްގަނޑު ހިންގައިލުމަކީ މާބޮޑުކަމަކަށް ނުވާނެއެވެ. މިއަދުވެސް ހެނދުނުގެ ނާސްތާއަށްފަހު މައިމޫން އާއި ޒެވިޔަން ވެސް ދުރުވީ ބޭރަށެވެ. އާއިޒު ދިޔައީ ޖިލާ ގޮވައިގެން ޗެކަޕަށެވެ. ގެއޮތީ މުޅިން ފަޅުވެފައެވެ. ރިޔާ ހުރީ ދަނޑިވަޅަކަށް ބަލަބަލައެވެ. ރިޔާއަށް ނަރުސް ކުއްޖާ ކާކޮޓަރިއަށް ވަންތަން ފެނުމުން ވަރަށް ހީލާފައި އޭނަ އާއި އެކު ކޮފީއެއް ބޯން އެދުނެވެ. ނަރުސްކުއްޖާ ކޮފީ ތަށި ބޯން ފެށުމުން ރިޔާ ވިދުވަރެއްހާ ހަލުވިކޮށް ގޮސް އަލީނާގެ ކޮޓަރިއަށް ދެމިގަތެވެ. އޭރު އަލީނާ ފެންނާކަށް ނެތެވެ. އޭނަ ވީ ފާޚާނާގައި ކަންނޭގެ އެވެ. ދެކުދިން ތިބީ ގަދަ ނިދީގައެވެ. ހާދަ ވައްތަރެވެ. ހާދަ ލޯތްބެވެ. ދުނިޔޭގައިވާ އެންމެ ރީތި ތުއްތުކުދިންނެވެ. އެކުދިންގެ ރީތިކަން ފެނުމުން ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ރިޔާގެ ގައިންވެސް ހީބިހިހަލުވާލިއެވެ. އެއާއިއެކު ނިކީގެ މަތިން ހަދާންވިވަރުން ވަގުތުން ދެލޯފުރިގެން ކަރުނަ އަތުވެއްޖެއެވެ. 

ކޮމެންޓް 0