ޒެވިޔަން ހުންގާނު އަނބުރައިލި ގޮތަކުން ކާރުގެ ފުރޮޅުތަކުން އަޑުގޮއްވާލައިފައި ގޮސް މަގުގެ އެއްފަރާތުގައިވާ ބައްތި ދަނޑިއެއްގައި ޖެހިފައި މައިތިރި ވެއްޖެއެވެ. ޒެވިޔަން އަވަހަށް ކާރުން ފުންމާލައިގެން ގޮސްފައި އޭނަގެ މަންމަގެ ސީޓު ބެލްޓާއި، އެއްޗެހި ނައްޓާލާފައި ކާރުން ނެރުނެވެ. އޭރު ޒީބާގެ މުޅި ހަށިގަނޑުވެސް ރޫރޫ އަޅަމުން ދިޔައީ ޒެވިޔަން އާއި މެދު ގެންފައިވާ ބިރެއްގެ ސަބަބުންނެވެ. ބިންމަތީގައި ފައިވެސް ހަރުނުލައެވެ. ބައެއްފަހަރު އެއަރ ބޭގާއި، ސީޓްބެލްޓަކީ މިފަދަ ހާދިސާއެއްގައި ރައްކާތެރިކަން ގެނެސްދޭ އެއްޗެއްކަމަށް ވިޔަސް މަދު ފަހަރެއްގައި އެއަރބޭގް މީހާގެ މަރުގެ ސަބަބަކަށް ވެސް ވެދެއެވެ.

"ތޭންކް ގޯޑް، އަމިއްލަ ފުރާނައަށް ބަލައިނުލައި ކާރު އަނބުރާލީ މަންމަ ސަލާމަތް ކުރަން ވެގެން ކަން މަންމައަށް އެނގޭ، މަންމަގެ ސްވީޓްހާޓް އަބަދުވެސް އެހެން މީހުންނަށް އިސްކަންދޭނެ..." ޒެވިޔަންއަށް އަނިޔާއެއް ނުވެ ސަލާމަތް ވުމުން ޒީބާގެ ލޮލުން އޮހިގަތީ އުފާވެރިކަމުގެ ކަރުނައެވެ. ޒީބާ ޒެވިޔަންގެ ނިތްކުރީގައި ބޮސްދިނެވެ. އެ އޮމާން މޫނުގައި އެންމެ ކޫރުމެއްވެސް އެޅިފައެއްނެތެވެ. މޫނުމަތި ފެންނަނީ ތާޒާކޮށެވެ. ވަރުގަދަ އެކްސިޑެންޓަކުން ކިރިޔާ ސަލާމަތްވި ނަމަވެސް އެކަމާއި ޖެހިލުންވެ، ހާސްވެފައި ހުރިހެނެއް ހިޔެއްނުވެއެވެ. 

މުއްސަނދި އާއިލާ އަކަށް ވީމަ ކާރުގައި ބޮޑެތި އެކްސިޑެންޓް ތަކުން ސަލާމަތް ވާނެ ވަސީލަތްތައް ހުއްޓަސް އެއްވެސް އިންސާނަކީ މަރުނުވާނެ މީހެއްނޫނެވެ. މަރުގެ ވަގުތު ޖެހުމުން ކޮންމެވެސް ސަބަބެއް މެދުވެރިވެދާނެއެވެ. އެއީ ޔަގީނުންވެސް ޒީބާގެ ލޯ ހުޅުވައިލެވި، މަރަކީ ކިހާ ކައިރީގައިވާ އެއްޗެއްކަން ހަދާން ކުރުވި ހާދިސާ އެކެވެ. ލިބުނު އިބުރަތެކެވެ.

މައިމޫން މެން އަނެއްކާ ސިޓީއަށް ދިރިއުޅުން ބަދަލުކޮށްލީ ޖިލާވެސް ބަލިވެއުޅޭތީ އާއި އަބަދުހެން ހޮސްޕިޓަލަށް ދާންޖެހޭތީ ފަސޭހަ އަކަށެވެ. ޒީބާ ބަދަލުވިއިރު އަލީނާ ގޮވައިގެން އައުމުން ރިޔާ ކިތަންމެ ވަރަކަށް ރުޅިގަދަވިޔަސް އޭނަ ހިމޭންކަން ޚިޔާރުކުރީ ޒީބާމެން ކުރާ ކަންތަކާއި އޭނައަށް ގޮތްކިޔޭކަށް ނެތުމުންނެވެ. ނަމަވެސް އޭނަ ޒެވިޔަންއަށް ސަމާލުވާނެއެވެ. ޒެވިޔަން އާއި އަލީނާ ދުރުކުރަން، ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެއެވެ.

އެންމެންގެ ދިރިއުޅުން ވޭތުވަމުން ދިޔައީ އޮމާން ކޮށެވެ. ސީމާ ވެސް މިހާރު އެހާވަރުން އަލީނާ އާއިގެން ނޫޅެނީ އޭނަ މާ ވަރުގަދަ ސިއްރުކަމެއް ކުރާން ފަށާފައި ވާތީއެވެ. އެފްބީ އަށް އަބަދު ވަދެ، އެކި މީހުންނާއި ޗެޓްކުރަމުން ގޮސް އޭނަ މާ ގާތް ފިރިހެން އެކުވެރިޔަކު ހޯދައިގެން އެމީހަކާއި ސިއްރުން ވާހަކަ ދައްކާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެމީހަކާއި ދިމާވިފަހުން ސީމާ ހުންނަނީ ރަނގަޅަށް ވެސް އެ ރީތިކަމުގެ ސިހުރުގައި ޖެހިފައެވެ. ސީމާ ޗެޓް ކުރަނީ އޭނަ ހަދާފައި އޮންނަ ވަގު އައިޑީއަކުން ކަމަށްވާތީ މައިމޫންއަށް އެކަން އެނގިލައްވަފާނެ ކަމަކަށް ސީމާ ހިޔެއް ނުކުރެއެވެ. އެންމެ ފަހުން ސީމާ ލޯބިވެރިޔާ އާއި ބައްދަލުކުރަން ރާއްޖެ ދާހިތްވާން ފެށިއެވެ. ދުވަސްކޮޅަކަށް ރާއްޖޭގައި އުޅޭހިތްވާ ކަމަށް ކިޔާފައި މައިމޫން ގާތުގައި އާދޭސް ކުރަންވެސް ފެށިއެވެ. ނަސީބަކުން އޭރު މައިމޫންވެސް ރާއްޖެއަށް ދަތުރެއް ކުރައްވަން އުޅުއްވާތީ ސީމާއަށް ފުރުސަތު ލިބުނެވެ. މައިމޫން ދުރުވާތީ ސީމާ ކުޑަކޮށް ހިތްހަމަނުޖެހިފައި ހުއްޓަސް މައިމޫންއަށް ނާންގާ އޭނައަށް އޭނަގެ ލޯބިވެރިޔާ އާއި ބައްދަލު ކުރެވިދާނެކަމުގެ ޔަގީންކަން އޮތެވެ.

އަލީނާގެ ބަނޑަށް ތިންމަސް ވީއިރު ކުޑަކޮށް ބަނޑު އެގެން ފަށައިފިއެވެ. ކުރިއަށްވުރެ އިސްކޮޅުން ދެމިލައި، ފުޅާވެ ރީތިވެއްޖެއެވެ. ދިހަވަނަ ހަފްތާގައި ސްކޭން ހަދައިލުމުން އަލީނާގެ ބަނޑުގައި ވަނީ އައިޑެންޓިކަލް ޓްވިންސް އިންކަން ވެސް ވަނީ ޔަގީން ކުރެވިފައެވެ. އެންމެ ޕްލެސެންޓާއެއް ވާކަމަށް ސްކޭން އިން ދެއްކުމުން އެކަން ކަށަވަރުވީއެވެ. ޒެވިޔަން ބުނި ގޮތުން ބައެއްފަހަރު މާކައިރީގައި ދެ ޕްލެސެންޓާ ހުރުމުން އޮޅުން އަރާގޮތްވެ އެއް ޕްލެސެންޓާ ކަމަށްވެސް ހީކުރެވޭ ފަހަރު މަދުން ނަމަވެސް އާދެއެވެ. އެފަދަ ކޭސްތަކުގައި ފްރެޓާނަލް ޓްވިންސް އިންކަން އެގެނީ ވިހެއުމުންނެވެ. ނަމަވެސް އަލީނާ ޒެވިޔަންއަށް އިތުބާރު ކުރެއެވެ. އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ނުވިޔަސް ޒެވިޔަންގެ ތަޖުރިބާ ހުރެއެވެ. އެހާ މޮޅެވެ. ޒެވިޔަންގެ ބަހަށް އިތުބާރުކޮށްގެން އަލީނާ އިންތިޒާރު ކުރަނީ އެއްވައްތަރު ޖަހާނެ ލޯބި ލޯބި ދެކުދިންނަށެވެ.

ޒީބާވެސް މިހާރު އަލީނާ އާއި ދޭތެރޭގައި ކަންތައް ކުރާލެއް ނުބަޔެއްނޫނެވެ. މައިދައިތައެއްގެ ނުބައިކަން ދައްކާނުލައި ތަންކޮޅެއް ރަނގަޅަށް އަލީނާ އާއި މެދުގައި ކަންތައް ކުރަން ފެށި ސަބަބެއް އަލީނާ އަކަށްވެސް ނުވިސްނުނެވެ. އޭނަ ބަދިގެއަށް ވަދެ އުޅުންވެސް ޒީބާ މަނާކޮށްލައިފިއެވެ. ހެދުން ދޮވެދޭންވެސް މީހަކު އާދެއެވެ. އެމީހާ ކޮޓަރި އާއި ފާޚާނާވެސް ސާފުކޮށްދީ ހަދައެވެ. އަދި ޒީބާ އަމިއްލަ އަތުން ތައްޔާރު ކޮށްފައި، ރަނގަޅު ކާއެއްޗެހި ޖިލާ އާއި ދެކުދިންނަށް ދެއެވެ. ޒީބާ ކޮންމެ ގޮތެއް ހަދާފައިވެސް ޒެވިޔަންގެ ދަރިފުޅު ބޭނުމެވެ. އެހެންވެ އޭނަ ހުންނަނީ ހަސަދަވެރިކަން ވަންހަނާ ކޮށްލައި ގެންނެވެ. ނަމަވެސް ޒީބާ ހަރުކަށި ކަމާއި، އަމުރުވެރި ކަމާއި އެކު އޮޅިގެން ބުނެލާ އެއްޗެހި ތަކުން އަލީނާ އަށް އެކަން ވިސްނެން ފެށިއެވެ. އޭނައަށް އޯގާތެރި ވަނީ ދަރިންގެ ބޭނުމުގައި ކަން އަލީނާއަށް ޔަގީންވިއެވެ. މަތިއޮމާން ކޮށްލައިގެން އެހެރީ އަލީނާ ވިހަންދެން ކަން ޔަގީނެވެ. 

އެކަމުގެ ސަބަބުން އަލީނާއަށް މިއީ އާއިލާ ކަން އިހުސާސް ކުރެވޭނެ ގޮތެއް ނުވިއެވެ. އެހެންމީހުންނާއި އެކީގައި އެއް މޭޒެއްގައި ކާންވެސް އޭނަ ލަދުގަނެއެވެ. އާއިލީ އެއްވުމެއްގައި ވެސް އަލީނާ ދުވަހަކު ބައިވެރިވެފައެއް ނެތެވެ. ޒެވިޔަން ކިތަންމެ ވަރަކަށް އަލީނާގެ ބީރައްޓެހިކަން ކަނޑުވައިލަން އުޅުނަސް އަދި ކާމިޔާބު ވާގޮތެއް ނުވީ އަލީނާގެ ހިތުގައިވާ އެ ބިރުވެރިކަމެވެ.

ރިޔާ އަލީނާ ކޮޓަރީގައި ނޫޅޭ ވަގުތު ބަލައިލައިފައި އެކޮޓަރި ތެރެއަށް ދެމިގަތް ގޮތަށް ތަންޑު އަޅާލާއިފިއެވެ. އޭނަ އަވަހަށް އަލަމާރި ހުޅުވާލައިފައި ވައްގަނޑުތައް ދަމައިގަނެ، ހާވަންފެށިއެވެ. އަލީނާ ރައްކާކޮށްފައިވާ އަދަދު ނުކުރެވޭފަދަ ފިނިފެންމާތައް ފެނުމުން ރިޔާގެ ހިތުގައިވާ ހަސަދައިގެ އަލިފާން ކޮޅު ބޮޑުވިއެވެ. އެއީ ޒެވިޔަންގެ ލޯބީގައި އޭނައަށް ދައްކާލައިފައި ނުވާ ބަޔެކެވެ. މިގޮތަށް ޒެވިޔަން ހަދިޔާކުރި މާތައް ރިޔާއަށް ގުނާލެވިދާނެއެވެ. ރިޔާ ގެ ބުމަގޮށްޖެހިއްޖެއެވެ. "ޒެވިޔާ ލޯބި ވަނީ އަލީނާ ދެކެ، ފެއަރ ގޮތެއްނޫން، ޒެވިޔާ ހާދަ ގޯހޭ...." ރިޔާ ތުންފަތުގައި ބާރަކަށް ދަތްއަޅައިލަމުން ކަރުނަތައް އޮހުނަނުދީ ހިފެހެއްޓިއެވެ. ރިޔާ ދެން ބަލައިލީ އަލީނާގެ ހޮސްޕިޓަލް ފައިލެވެ. އެ ފައިލް ހުޅުވާލުމާއިއެކު އަލީނާ ބަލިވެ އިނީ ދެކުއްޖަކަށް ކަން އެނގުމުން ރިޔާގެ ހިތުގެ ހިގުންވެސް އިރުކޮޅަކަށް ހުއްޓުނުފަދަ އިހުސާސެއް ކުރެވުނެވެ. އޭނަ އަވަސްއަވަހަށް ފައިލް އޮތް ތަނުގައި ބާއްވާފައި ބާރަކަށް ނިކުމެގެން ދަނިކޮށް ބެލްކަނީ އިން ޒެވިޔަން އާއި ދިމާވިއެވެ.

"ވަޓް ހެޕެންޑް ލަވް...." ޒެވިޔަންއަށް ރިޔާގެ ބޮޑުދެލޮލުގައިވި ރުޅިވެރިކަން ފެނުމާއި އެކު އަހައިލެވިއްޖެއެވެ.

"އަދި ޒެވިޔާ އަހާނެ ކިހިނެއްވީހޭ، އަލީނާ ޓްވިންސް އިންނަށް ޕްރެގް އިރުވެސް އަހަރެންގެ ކައިރީ ނުބުނެވުނު، ސިންސިއަރ ނުވީމަ އެކަން ފޮރުވަން އުޅޭނީ، އަލީނާ ޑަބަލް ފޮނިވާނެ، އައި ހޭޓް ހާރ....." ރިޔާ ނޭފަތް ދަމައިލަމުން ބުނެލިއެވެ. ޒެވިޔަން ރިޔާގެ ކޮނޑުގައި ހިފާލަން އުޅުމުންވެސް ރިޔާ ދުރަށް ޖެހުނު ގޮތަކުން އޭނަ ނުވެއްޓުނީވެސް ކިރިޔާއެވެ. ނަމަވެސް ޒެވިޔަން ދެވަނަ ފަހަރަށްވެސް ރިޔާގެ އަތުގައި ހިފައި ގާތަށް ދަމައިލުމުން ރިޔާއަށްވެސް ޒެވިޔަންގެ މޫނަށް ބަލައިލެވިއްޖެއެވެ. 

ހޫނު މޫސުމްގައި ބީޗްގައި ގިނަވަގުތު ތަކެއް ހޭދަކުރުމުގެ ސަބަބުން ރަންކުލައަރާފައިވާ ރީތި މޫނުގައި ވާ ފިރިހެންވަންތަ ގޮތަކުން ރިޔާ ގެ ހިތްވެސް ރޫރޫ އަޅާލިއެވެ. ކުރުކޮށްކޮށާލެވިފައިވާ އިސްތަށިގަނޑު ހައްތަހާ ބޮޑަށް އެރީތިކަން އިއުލާން ކުރަމުން ދަނީއެވެ. ކަޅުކުލަގަދަ ބުމަ އާއި، ބޯއެސްފިޔަ ތަކުގެ ތެރެއިން އެމެރަލްޑް ފެހިދެލޯ ފެންނަނީ ހިޕްނޮޓައިޒް ކުރުވާފަދަ ފުރިހަމަ ކޮށެވެ. ރިޔާގެ ހިތަށް ތަދުވިއެވެ. މި ރީތި ޒެވިޔަން އަކީ، އޭނަގެ އުފާވެރި ދިރިއުޅުމަށް އަލީނާގެ ސުންޕާ ހިޔަނި އަޅާލުމުގެ ކުރިން އެކަނި އޭނަގެ މިލްކެކެވެ. އޭނަގެ މީހެކެވެ.

"ސޮރީ، އަހަންނަށް ނުބުނެވުނީމަ، ރިޔާ އަށް އެކަން އެނގުން އެހާ އިމްޕޯޓެންޓްތަ؟ ބޭބީ ކުރީދުވަހުވެސް ބުނީމެއްނު އެހެން މީހަކަށް ލިބޭ ނަސީބަކާއި މެދު ނުވިސްނާނަމޭ، ގޯޑް ގޭވް މީ ޔޫ އޭ، ޒެވިޔާ ހުރީމަ ނިމުނީއޭ، ދެން ކީއްވެތަ ޚިޔާލު ބަދަލުވީ؟ ދެން އެވަރަށް ވިސްނާ އެއްޗެއް ނޫނެއްނު ބޭބީ.... " ޒެވިޔަން ބެލްކަނީގައި ކުޑަކޮށް ލެނގިލި އިރުވެސް އޭނަގެ އަތްވަނީ ރިޔާގެ އުނަގަނޑުގެ ވަށައިގެން އަޅުވާފައެވެ.

"އޯކޭ ޒެވިޔާ، އެކަމަކު އަހަރެން ހަމަ ދެރަވަނީ، ހިތަށް އަރަނީ ޒެވިޔާ އަހަންނަށް ގެއްލިދާނެއޭ..." ރިޔާގެ އެސްފިޔަތައް ތެމިއްޖެއެވެ.

"ނެވަރ، އަހަންނަކީ ރިޔާގެ ވެސް މީހެއް، ދެން ދެކުދިންނަށް ފަޅިކޮށްލަންވީތަ؟ އަހަރެން ހާދަ ޓްރައި ކުރަމޭ ފެއަރކޮށް ކަންތައް ކުރަން، ލޯބި ގަބޫލު ކޮށްބަލަ، ދެން މިފަހަރު ޓްވިންސް އިން ލިބުނީމަ އެއް ބޭބީ ރިޔާއަށް ދޭނީ، އަހަރެންގެ ދަރިއެއް ވާނީ ރިޔާގެ ވެސް ބޭބީއަކަށް.... ނޯ ވޮރީސް ޑާލިން......" ޒެވިޔަން ހުދުދަތްތައް ފެންނަވަރަށް ހީލަމުން ބުންޏެވެ. ރިޔާ، ޒެވިޔަންގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލަމުން އެ ދެލޮލުގައި ބޮސްދިނެވެ.

"އިމްޕޮޒިބަލް ޑްރީމްތައް ދެކެން ހުއްޓާލައިފިން، ޒެވިޔާ ހުރީމަ އަހަންނަށް ފުދޭ، އަހަރެން ދެން ކިޑެއް ބޭނުމެއް ނޫން، އަހަރެމެންގެ ދަރިފުޅު ވީ ހެވެންގައި، އެނޫން ކުއްޖެއް ބޭނުމެއްވެސް ނޫން، ޒެވިޔާ ހިތަށް އަރާނެ އަހަރެން މިއީ ކްރައި ބޭބީ އެކޭ، އެހެންވެ ނުރޮއި މިހުންނަނީ، އެކަމަކު ހާދަ ވަރަކަށް ނިކީ މަތިން ހަދާންވެޔޭ، ދެންކިހިނެއް އެހެން ކުއްޖަކަށް އެ މަގާމު ދެވޭނީ، ނިކީއަށް ނުދެވުނު ޕްރޮޓެކްޝަނެއް އެހެން ކުއްޖަކަށް ނުވެސް ދެވޭނެ، އެހެން ކުއްޖަކަށް އެ ލޯބި ނުދެވޭނެ....." ރިޔާ ވާހަކަ ދެއްކީ އަސަރާއި އެކުގައެވެ. ޒެވިޔަންއަށް ރިޔާގެ ބޮޑު ދެލޮލުން އެވަގުތު އިންތިހާ ދަރަޖައިގެ ވޭނާއި، ރިހުން ފެނުނެވެ. ރިޔާ ފަދަ ޒުވާން ކުއްޖަކުވެސް ދަރިން ބޭނުންވާނެއެވެ. ރީތި ހުވަފެންތައް ދެކޭނެއެވެ. އެކަމަކު އެހުރިހާ އުއްމީދުތަކެއް އެވަނީ ނިކީ އާއި އެކު ވަޅުލެވިފައެވެ. ދެން އޭނައަށް ވެވޭނީ ކޮން އެހީއެއް ބާވައެވެ. ރިޔާގެ ހިތަށް ތަސައްލީއެއް ހޯދަދޭން އޭނަ ހަދަންވީ ކިހިނެއް ބާވައެވެ.

"ރިޔާ ބޭބީ، އަހަންނަށް އަންޑަސްޓޭންޑް ވޭ، އެކަމަކު ދެރަނުވޭ ސްވީޓްހާޓް، މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކީގައި، ނިކީ ވެއިޓް ކުރާނެ އަހަރެމެންނަށް، ކޮންމެވެސް ދުވަހެއްގައި އެންމެން އަދި ފެމިލީ އެއްގެ ގޮތުގައި އުޅޭނެ...." ޒެވިޔަންގެ ބާރުގަދަ އަތުތެރޭގައި ރިޔާ ބޮނޑިކޮށްލި ގޮތަކުން ރިޔާއަށް ދެލޯމަރައި ލެވުނެވެ. މާޒީގެ ދުވަސްތައް ހަދާންވިއެވެ. ނަމަވެސް ޒެވިޔަން ދެންމެ އެދެއްކި ވާހަކަތަކުން ވެސް ރިޔާއަށް މެސެޖެއް ދީފިއެވެ. ޒެވިޔަން އެހެރީ އަލީނާ ހަޔާތުގެ އެއްބައި ކަމަށް ހަދައިގެންނެވެ. ޒެވިޔަންގެ ވާހަކަ ހުރިގޮތަކުން އަލީނާގެ މަގާމު އެ ހިތުގައި އޮތްވަރު އަނެއްކާ ހާމަވެއްޖެއެވެ. ރިޔާގެ ހިތް ފަޅިފަޅިވެގެން ހިގައްޖެއެވެ. ނަމަވެސް ގޯސްހެދީ ރިޔާ އަމިއްލަ އަށެވެ. ދެން ކުރަންވީ ކޮން ޝަކުވާއެއް ހެއްޔެވެ؟

މައިމޫން އާއި ސީމާ މާލޭގައި އުޅޭތާ ހަފްތާއެއްވީފަހުން ސީމާ ޒީބާއަށް ގުޅާލައިފައި ދިން ޚަބަރަކުން ހައިރާންވެ، އަންތަރީސް ވިއެވެ. އޭނައަށް ވެސް މައިމޫން ބަދަލުވާން ދިމާވި ސަބަބެއް ނޭގޭ ކަމަށާއި، ކުއްލި އަކަށް އޭނަ ވަރިކުރެއްވިކަމަށް ސީމާ ބުނުމުން ޒީބާގެ ހިތް އުފަލުން އުދުހިގަތެވެ. މިއިން ޒަމާނެއްގައި ވެސް ޒީބާއަށް އެފަދަ އުފަލެއް ލިބުނު ކަމެއް ނޭގެއެވެ. ހަޔާތަށް އެޅިފައިވާ މާސިންގާ ވިލާ ވިލާގަނޑެއް ކެހިގެން ދިޔައީ ހީވެސް ނުކުރާހާ ފަސޭހަކޮށެވެ. ޒީބާ ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. އުފަލުން ޕާޓީއެއްވެސް ބާއްވާވަރުގެ ޚަބަރެކެވެ. އޭނަ މުޅިން މިނިވަންވީއެވެ. މައިމޫން އެމެރިކާއިން އެނބުރި ދުރުވީ ސީމާ ރާއްޖޭގައި ބަހައްޓަވާފައެވެ. ޒީބާ އެ ޚަބަރު އޮޅުންފިލުވާ ހިތުން މައިމޫން ކައިރިން އަހައިލުމުން ބުނުއްވީ ސީމާ ވަރިކުރެއްވި ކަން އެއީ ތެދެއް ކަމަށެވެ. ސީމާ ފިރިހެނަކާއި އެކު ކޮޓަރިއެއްގައި އޮތްވާ ފެނިލެއްވީ އޭނަގެ ދެލޮލުން ކަމަށެވެ. ސީމާ އެހާ މޮޔަވެގެން އުޅޭ ފިރިހެނަކު ނޭގިގެން ސުވާލު ކުރަން ފެށުމުން މައިމޫން އެވާހަކަ ދައްކަވަން ބޭނުންވެލެއްވިހެން ހިޔެއްނުވެއެވެ. އިންސާނާގެ ހިތަކީ އެހެން ކަހަލަ އެއްޗެކެވެ. ނޭގޭ ކަންތަކަށް ޝައުގުވެރިވެ ހުރިހާ އެންމެންގެ ދިރިއުޅުމުގައި ހިނގާހާ ކަންތައް ދެނެގަންނަންވެސް ބޭނުންވާނެއެވެ. ޒީބާއަށްވެސް ވިސްނެމުން ދިޔައީ އެކަމާއި މެދުގައެވެ.

"ރަނގަޅަށް ވިއްޔާ ސީމާ އެއުޅެނީ ގޮތްނޭގޭ މީހަކާއި ގުޅިގެން ބޮނޑިއެއް ބޯންވެގެން، އަހަރެން ގެ ކައިރިން އަހާލިނަމަ، އެކަމަކު މައިމޫން ދޫކޮށްލާފައި ސީމާ ދާނީ އެމީހަކު ހާދަ ރީތިވީމައޭ، އެކަނި ރީތިވެގެންވެސް ސީމާއަށް ކަމަކުނުދާނެ، މުއްސަނދި، މޮޅުމީހަކަށް ވެސް ވާނެކަން ޔަގީން، އެއީ ކާކުބާ....." ޒީބާ އެކި މީހުންގެ ހަނދާންތައް އާ ކުރިއެވެ. މާޒީގައި އެމީހުންނާއި އެކީގައި ކޮލެޖްގައި އުޅުނު ޒުވާނުންގެ ތެރޭގައި މައިމޫން އާއި ވާދަކުރެވޭނެ ވަރުގެ މީހަކު ހުރިބާވައެވެ. ޒީބާގެ ހަނދާނަކަށް ނައެވެ. ކޮންމެ ގޮތެއް ވިޔަސް ސީމާ އެހެން މީހަކުގެ ފަހަތުން ދުވިކަން އެއީ ޒީބާގެ ނަސީބެވެ. ދެން އޭނަ އާއި ސީމާގެ އެކުވެރިކަމުގެ ގުޅުމަށް ކުރާނެ ނުބައި އަސަރެއް ނެތެވެ. އޭނަގެ ހަޔާތުގައި ކުރެވުނު މޮޔަކަމުން އަރައިގަނެވި ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވިއްޖެއެވެ. ދެން އޮތީ އަލީނާ ވިހެއުމުން އަލީނާގެ ފަރާތުން އޭނަގެ ލޯބިވާ ފިރިހެން ދަރިފުޅު ސަލާމަތް ކުރުމެވެ. އެއަށްފަހު މިލިބުނު އިބުރަތްތަކުން ފިލާވަޅު ހާސިލުކޮށްގެން އޭނަ ކުރިޔަށް ނަގާ ކޮންމެ ފިޔަވަޅެއް ނަގާނީ ހުރިހާ ފަރާތަކުން ވިސްނާފައެވެ. އެހެން މީހުންނާއި މަޝްވަރާކޮށްފައެވެ.

އޮކްޓޯބަރ މަހުގެ ރީތިކަން ބަލައިލި ކޮންމެ ދިމާލަކުން ފެނެއެވެ. ޚަރީފުގެ ތެތް ވައިރޯޅިތަކުގެ ގޯނާތަކަށް ކެތްނުކުރެވިގެން ގަސްތަކުގައި ބަލިކަށިވެފައިވާ ރަތާއި، އޮރެންޖު، ދަނބު އަދި ރީދޫކުލައިގެ ފަތްތައް އުދުހެމުންދާ މަންޒަރުން ލޮލަށް އަރާމުކަން ލިބެއެވެ. ބައެއް ދިމާލަށް ބަލައިލުމުން ހީވަނީ ގަސްތަކުގައި ހުޅު ރޯވެފައި ވާހެންނެވެ. އަލީނާއަށް ކިތަންމެ އިރެއްވާން ދެންވެސް ފަތްތައް އުދުހޭ މަންޒަރު ދެކެން ހުރެވިދާނެއެވެ. މިއަދަކީ ވެސް ފުދޭވަރަކަށް ބާރަށް ވައިޖެހޭ ދުވަހެކެވެ. އިރުގެ އަވިން ގަސްތައް ފެންވަރުވާލައިފައި ވާއިރު ހުވަފެނީ ކަމާއި ޗާލުކަމުން ލޯތައް ހުއްޓުވައިލާނެއެވެ. ބައެއްގަސްތައް ރޫބީފަދައިން ރަތްކުލައިގައި ވާއިރު، އަނެއްބައި ގަސްތައް ރަންކުލައިން ވާތަން ފެނެއެވެ. މޭޕްލް އާއި އެލްމް ފަދަ ގަސްތައް ޚަރީފުގެ ފޭރާން އަޅައިލުމުން ހާދަ ޗާލެވެ. ގަސްތައް ދަށުގައި ވަނީ ފަތްތަކުގެ ދޫލައެކެވެ. އަލީނާ އެ ދޫލަ މަތިން ހިނގާލައިފައި ދިޔައިރު ވައި ޖެހެމުން ދާލެއް ބާރުކަމުން ހީވަނީ ހެދުންވެސް ހިއްލިދާނެ ހެންނެވެ. އަލީނާ މަޖާވެލާފައި ހެދުން ސަމާލުކުރަން އުޅެމުން ފަތްތަކުގައިވެސް ހިފަން މަސައްކަތް ކުރިއެވެ.

"ބީ ކެއަރފުލް ބޭބީ، ކުޑަ ކުޑަ ޕަރީ ގަނޑު އުދުހިގެން ހިނގައިދާނެ..." ޒެވިޔަން ފަހަތުން އައިގޮތަށް އަލީނާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ހިނިތުންވެލިއެވެ. ފަޒާގައި ހިފާފައިވާ ތާޒާ ވަހުގެ ތެރެއިން އަލީނާގެ ނޭފަތުގައި ޖެހުނީ އޭނަގެ ނޭފަތުގައި އަބަދުހެން ހަރުލާފައިވާ ޒެވިޔަންގެ މީރުވަހެވެ. އެ މީރުވަހާއި ލާމެހިލުމަށް ހިތް އެދުނެވެ. ފިނިވެފައިވާ ދެއަތްތިލަ ގުޅިގެން ދިޔައެވެ.

"ހާދަ ރީއްޗޭ، މި ހަމަ ރިއަލްތަ؟ ހެވަންލީ........" އަލީނާ ޒެވިޔަންގެ ގަޔަށް ހުރިހާ ބާރެއްދޫކޮށްލަމުން އެއަތުގެ ތެރޭގައި ހަމަޖެހިލައިފިއެވެ.

"އަހަރެންތަ؟ ނޫނީ އޯޓަމްގެ ކުލަތައް؟ " ޒެވިޔަން އަލީނާގެ ކޯތާފަތުގައި ތުންފަތް ޖައްސާލަމުން އަލީނާ އޭނަ އާއި ދިމާލަށް އަނބުރާލައިފިއެވެ. 

"ޒާވް އަކާއި ވާދަކުރެވޭނެ ރީތިކަމެއް ދުނިޔެއަކު ނުވާނެ، ރަނގަޅަށް އެކަން އެނގޭނެ މިސްޓަރ ޕާރފެކްޓް، ދެން ފޮނި ކުއްޖާގަނޑެކޭ...." އަލީނާ ރަކި ހުނުމަކާއި އެކު އެ އެމެރަލްޑް ރީތި ދެލޮލަށް ބަލައިލިއެވެ.

"ރީތި ދެއަންހެން ކުދިން މިލްކުވީމަ ދެން ފޮނިނުވެވޭ ވަރެއްވެސް ނޫން، ދެން ސްވީޓް ވަރު ބަލައިލަން ބޭނުންތަ ސްވީޓްނެސް، ހަނީއަށް ވުރެ ފޮނިވާނެ......" ޒެވިޔަން އަލީނާ މަޑުމަޑުން ގާތަށް ދަމައިލަމުން ލާނެތް ގޮތަކަށް ބުނެލިއެވެ. ތެދެކެވެ. އެ ތުންފަތުގެ ހަދިޔާތަކަށް ޓަކައި އަލީނާގެ ހިތް ދީވާނާވެފައި ވާވަރު އެންމެ ރަނގަޅަށް އެނގޭނީ ވެސް ޒެވިޔަން އަށެވެ. ނަމަވެސް އެވަގުތު ގަސްތަކުގެ ތެރެއިން ރިޔާ އަންނަތަން ފެނުމުން ޒެވިޔަން ޚިޔާލު ބަދަލުކޮށްލައިފައި ގަދަ ނޫކުލައިގެ ޖިންސްގެ ޖީބަށް އަތްތިލަ ޖަހާލައިފިއެވެ. ފިޔަވަޅުތަކެއްގެ އަޑުއިވުމުން އަލީނާ ހުރީ އެނބުރި ބަލައިލަން ވެސް ނުކެރިފައެވެ.

މިގޮތަށް ތިން މީހުން އެއްވުމަކީ މިއިން ދުވަހެއްގައި ވެސް އަދި ނުފެންނަ ނާދިރު މަންޒަރެކެވެ. ރިޔާވެސް އެދެމީހުން ފެނިއްޖެއްޔާ އަބަދު މަސައްކަތް ކުރީ ނުފެނި ދުރަށް ދިޔުމަށެވެ. ނަމަވެސް މިއަދު ރިޔާ އެމީހުން ކައިރިއަށް އައީ ކުޑަކޮށް ވިސްނާލައިފައި އެކުވެރިކަމުގެ އަތެއް ދިއްކޮށްލުމަށެވެ. ދުރުގައި އުޅެގެން ލިބިދާނެ މޮޅެއް އޮތްކަމަކަށް ރިޔާ ގަބޫލެއް ނުކުރެއެވެ. ރިޔާވެސް ލައިގެން ހުރީ ގަސްތަކުން ފެންނަ ކުލަ އާއި ލާމެހޭފަދަ ކުލައެއްގެ ހެދުމެވެ. އޮރެންޖާއި، ރީދޫކުލައިގެ ހެދުމަކާއި ރަތްކުލައިގެ ސްކިނީ އަކާއި ކަދުރާގައި އޮޅާލެވިފައިވާ ސްކާފްވެސް އެހާ ގުޅެއެވެ. ޒެވިޔަންއަށްވެސް ބަލަހައްޓައިގެން ހުރެވުނީ ހިތްގައިމު ނަޒަރަކުންނެވެ. ރިޔާ ގެ ސްޓައިލިޝް ކަމާއި ރީތިކަމުން އަލީނާ އަމިއްލައަށް ނިކަމެތިކަން މިވަގުތުވެސް ގަބޫލު ކުރެވުނެވެ. ޒެވިޔަން އާއި ބަލާއިރު އޭނައަކީ ކާކުހެއްޔެވެ؟ 

"އެލީ، ޓަމީ ހާދަ ބޮޑުވެއްޖެޔޭ، އުނދަގޫ ނުވޭތަ؟ ޓޫ ބޭބީސް އިން ވީމަ ކިހާ ހެވީ ވާނެ، ބޭބީސް މޫވްކުރޭތަ؟" ރިޔާ ވާހަކަދެއްކީ ކުޑަ ހިނިތުންވުމަކާއި އެކުގައެވެ. ޒެވިޔަންގެ ހިތަށްވެސް ކުޑަ ފިނިކަމެއް ލިބުނެވެ. އޭނަގެ ދެ އަނބިން އެކުވެރިކަމާއި އެކު ގުޅިގެން އުޅޭތަން ދެކުމަކީ ޒެވިޔަންގެ ހުވަފެނެކެވެ.

"ކުޑަކޮށް އުދަގޫ، އެކަމަކު އަދި މޫވްއެއް ނުކުރޭ...." ރިޔާ ވާހަކަ ދެއްކުމުން އަލީނާ ހުރީ ފާޑަކަށް ލަދުގެންފައެވެ.

"އަދި ދުވަސް ކޮޅަކުން ފީލްވާނެ، ޒެވިޔާ އަހަރެން މިއައީ ނިއުސް އެއް ދޭން، ޒެވިޔާގެ ސްޓެޕް މަމް މެރީ ކުރަނީ އޭ....." ރިޔާ މާނަވީ ހިނިތުންވުމަކާއި އެކު ބުނެލައިފިއެވެ.

"ހޫ އިޒް ދަ ލަކީ ގައި....." ޒެވިޔަން ހުރީ މަޖާވެފައެވެ.

ރިޔާ އެމީހާގެ ނަން ބުނުމާއިއެކު އަލީނާ ކޮށިއަރާ ގޮތްވިއެވެ. ޒެވިޔަންއަށް ވެސް ވަގުތުން އެނގުނެވެ. އޭނަވެސް ހައިރާންވެ އަންތަރީސް ވިއެވެ. ހާދަ އެހެންކަހަލަ އިއްތިފާގެކެވެ. ޒެވިޔަން އާއި އަލީނާގެ ހަތަރުކަޅި ހަމަވިއެވެ.

"ދުނިޔެއަކީ ކުޑަތަނެއް ދޯ...." ޒެވިޔަން ބުނެލައިފިއެވެ.

"ކީއްވެ ޒެވިޔާ ތިހެން ބުނީ؟" ރިޔާ އަހާލުމުން ޒެވިޔަން، ސީމާ ކައިވެނި ކުރި މީހާގެ މައުލޫމާތު ހާމަކުރިއެވެ. ރިޔާ ހުރީ އަނގަޔަށް ގޮތެއް ހަދާލައި ގެންނެވެ. ގަބޫލުކުރަން ދަތިވެފައެވެ. އެންމެން ނޭގުމުގެ ތެރޭގައިވެސް މިވަނީ ކޮންމެވެސް ހިސާބަކުން ގުޅިފައެވެ. އެކަމަކު މަންމަ އެފަދަ މީހެއް ޚިޔާރު ކުރީ ކީއްވެބާވައެވެ. މާޒީގައި މަންމަ އާއި އެމީހަކު ގުޅުމެއް އޮތީ ބާވައެވެ. 

އަލީނާ ޑަންގޭރީ ބާލާފައި ބާތުރޫމްގެ މާބްލްމަތީގައި ފައި އެޅިއެވެ. ތަޅުންމަތިވެސް ފިނިކަމުން ހީވަނީ ފްރިޖްގެތެރޭގައި ފައި އެޅުނުހެންނެވެ. މިވަރުން ދަންޏާ ފިނި މޫސުމްގައި އޭނަ ގަނޑުވެދާނެއެވެ. މިހާރުއްސުރެ ފަޒާވަނީ ފިނިވާން ފަށައިފައެވެ. ދެން ކޮންމެ ދުވަހަކުވެސް ގަނޑުފެން ވެހެން ފަށައިފާނެއެވެ. އަލީނާ ކެތްތެރި ކަމެއްނެތި ސްނޯ ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ. އެއީ ކުޑައިރުއްސުރެ އެ ޅަހިތް ދީވާނާވެ އަބަދު ދެކޭ ހުވަފެނެކެވެ. މަރުވުމުގެ ކުރިން ސްނޯ ވެހޭތަނަކަށް ދެވުމަށް އެދި ދުޢާކުރެވުނު އަދަދެއްވެސް ނޭގެއެވެ. މިހާރު މިވަނީ އެފަދަ ދުވަހަކާއި ވަރަށް ކާރިއަށް ދަތުރުކުރެވިފައެވެ. އޭރުން އަލިފާންތަކުގެ ކުލަތަކުން ޕެއިންޓްވެފައިވާ މިރީތި މާހައުލު އޮންނާނީ ގަނޑުފެނުގެ ސާލަކުން ފޮރުވާލެވިފައި ކަންނޭގެ އެވެ. އެވެސް ތަފާތު ރީތިކަމަކަށް ވާނެއެވެ. އަލީނާއަށް މިރަށް ފެންނަނީ ދުނިޔެމަތީގެ ސުވަރުގެ ގޮތުގައެވެ.

ގޭތެރޭގެ ޓެމްޕްރޭޗަރ ވެސް ހުންނަނީ އޭނަ ހިތްހަމަޖެހޭ ވަރަށްވުރެ ތަންކޮޅެއް ފިނިކޮށް ބަހައްޓާފައެވެ. ނަމަވެސް އަލީނާއަށް އެއްޗެކޭ ބުނާކަށް ނުކެރެއެވެ. ޒެވިޔަން ލޯބި ކުރަނީ ފިނިތަންތަނަށް ކަމަށްވާތީ އަލީނާ ހުންނަނީ ޒެވިޔަންއަށް އަރާމުވާނެތީ އެއްޗެކޭ ނުބުނަން ވެގެންނެވެ. ފިނިވެގެން ރޫރޫއެޅިޔަސް ޒެވިޔަން ހުރިއްޔާ މާ ބޮޑު މައްސަލަ އަކަށްވެސް ނުވެއެވެ. ޒެވިޔަން އާއި ކައިރީގައި ހުރުމުން އަލީނާއަށް ހޫނުވާތީއެވެ.

"ދެން އަހަރެންނޭ އެލީގެ ހުރިހާކަމެއް ކޮށްދޭނީ، އަހަރެންގެ ވައިފްއަށް ވާނެ އުދަގުލާއި، ބުރަކަން މަށަށްވެސް އިހުސާސްވޭ، އެހެންވީމަ އަހަރެންވެސް ޖެހޭނެ އެވަރު ދަންނަން، ހަޒްބެންޑް ގެ ވާޖިބަކަށް ވާނެ ވައިފްގެ ހުރިހާ ކަމެއް ކޮށްދިނުން ދޯ...." ޒެވިޔަން އަލީނާ ފެންވަރުވާލަދިނެވެ. ބޯ އޮމާންކޮށް، އަތުގައި ލޯޝަން ލައްވައި ހެދުންލައްވައި ދިނީވެސް ޒެވިޔަން އެވެ. އަލީނާ އިނީ ނިކަން ބޮޑަށް ހިތްހަމަޖެހިފައެވެ. ޒެވިޔަން ދެކެ ހިތުގައިވާ ލޯބި ދުވަހެއް ދުވަހަކަށް ދިޔައީ ފުންވަމުންނެވެ. މިހާ ރަނގަޅު ފިރިޔަކު އެހެންމީހަކަށް ލިބިދާނެކަމަކަށް ގަބޫލެއްވެސް ނުކުރެވުނެވެ. އަމިއްލަ ނަސީބާއި މެދު އަލީނާ އަށް އެސްފީނާޖެހޭ ވަރުވިއެވެ. މިހާ ރަނގަޅު ފިރިޔެއް ހުރިއްޔާ ބާރަ ދަރިންވެސް ހޯދިދާނެއެވެ.

ހުރިހާކަމެއް ނިމުމަށްފަހު އަލީނާ ހަމަޖެހިލައިގެން އެތައް ގިނަ ބާލީސް ތަކާއިއެކު ރަޖާގެ ދަށުގައި އަރިއަކަށް އޮށޯވެލި އިރު އޭނަ ވަނީ ހީފިލައި، އަރާމުވެފައެވެ. ޒެވިޔަންވެސް އަލީނާ އާއި ދިމާލަށް ބަލަހައްޓައިގެން އޮތްއިރު ދެމީހުންވެސް ބޯމަތިވެދާނެ ތޫފާނަކާއި މެދު ޚިޔާލެއް ނުކުރެއެވެ.

"ޔޭ، އައި ފީލް ބޭބީ މޫވިން......" ކުއްލިއަކަށް އަލީނާ ޒެވިޔަންގެ އަތް ބަނޑުގައި ޖައްސައިލަމުން އެހެން ބުނީ ކުޑަކުއްޖެއްގެ ޖޯޝާއި ފޯރި އާއި އެކުގައެވެ. އަލީނާ އުފަލުން ހީވީ އާސްމާނުގައި އުދުހެވުނު ހެންނެވެ. ޒެވިޔަން އަށްވެސް ދަރިފުޅުގެ ތޮޅުން ރީތިކޮށް އިހުސާސް ކުރެވުނެވެ. ދެމަފިރިން އެކަމުގެ އުފަލުގައި އެވާހަކަދައްކަން އެތައް އިރެއް ވާންދެން ތިބުމަށްފަހު އެހެން މައުޟޫތަކަށް ވެސް ވާހަކަދެއްކިއެވެ. އެއްވެސް ކަމެއްނުކޮށް އެކަނި ލޯބިވާ މީހަކާއި ވާހަކަދައްކާ ލެވުމުންވެސް ހިތަށް ލިބޭ އުފާވެރިކަން ބަޔާންކުރުން ދަތިވާނެކަން އަލިނާއަށް އެނގުނެވެ. ކުދި ކުދި ކަންތަކުން ލިބޭ ހިތްހަމަޖެހުމަކީ ވެސް ޚަޒާނާ ކުރެވޭފަދަ އުފާތަކެކެވެ.

"އެލީ އަހަރެން ބުނަންތަ ސިކްރެޓެއް، ހިތަށް އެރީ އެލީއަށްވެސް މިހާރު އެނގެން ޖެހޭނެޔޭ...." ޒެވިޔަން އަލީނާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން އެ ވާހަކަ ބުނެލަން ކޮންމެހެންވެސް ބޭނުންވީއެވެ. އެ ސިއްރު ފަޅާއަރުވާލައިގެން ދެން ވާނެ ގެއްލުމެއްވެސް ނެތެވެ. 

ކޮމެންޓް 0