އެއީ ޒެވިޔަން އާއި ރިޔާއެވެ. ޒެވިޔަން ހުރީ ކުޑަކޮށް ނުތަނަވަސް ވެފައެވެ. އޭނަ ބަލަން ބޭނުންނުވާ މަންޒަރެއް ފެންނާތީ، ހިތްހަމަނުޖެހިފައި ހުރިހެން ހީވާފަދަ ގޮތެއް މޫނުމަތިން ފެންނަން ހުއްޓެވެ. އަލީނާގެ ދޮންމޫނުގައި ވިދަމުން ދިޔަ ދާތިކިތަކުން އެކުއްޖާ ހާސްވެފައި ހުރިވަރު ޒެވިޔަން ދެނެގަތެވެ. ހާދަ ނާޒުކެވެ. ދެމީހުންގެ ނަޒަރު އިރުކޮޅަކަށް ބައްދަލުވިއިރު ދެހިތުގެ ވިންދުވެސް ދިޔައީ އަވަސް ވެގެންނެވެ. އަލީނާއަށް ހީވީ ޒެވިޔަންގެ ތޫނު ދެލޮލުން އެތައް ހާސް ތީރެއް އެއްފަހަރާ ފޮނުވާލި ހެންނެވެ. އެ ސިކުންތުކޮޅު އަލީނާގެ ސާފު ދެލޮލުގައިވި ތެތްކަމާއި، ރިހުންތައް ޒެވިޔަންގެ ހިތުގެ ފުންމިނުން އިހުސާސް ކުރެވުނެވެ. އެދެލޮލުން ޒެވިޔަންއަށް ބައިވަރު ވާހަކަ ކިޔާދީފިއެވެ. އެއީ އަނިޔާ ލިބިފައިވާ ކުއްޖެކެވެ. 

"ވަގުކުއްޖާ. ޔަގީނޭ މިގެއިން ވަގަށް ނެގި ފަށެއްކަން. ފުލުހުންނަށް މިގުޅަނީ...." ޒީބާ އަލީނާ ކޮށްޕާލުމުން އަލީނާ ވިއްސައިގެންގޮސް ވިނަގަނޑުމަތީގައި ބާރަކަށް ޖެހުނެވެ. އެ މަންޒަރު ފެނުމުން ނިކީ ބާރަކަށް ރޮއިގެންފައި ގޮސް ޒީބާގެ ފައިގައި އެކުޑަކުޑަ ދެއަތް މުށްކަވާފައި ތަޅަން ފެށިއެވެ. އެއީ މިވީހާތަނަށް ނުލާހިކު އުފަލުން އަދި އެންމެންގެ ލޯބި ލިބިގެން ބޮޑުވަމުން އައި ނިކީގެ ފަރާތުން ދުވަހަކު ފެނުނުފަދަ ކޫސަނި ރުޅިގަނޑެއް ނޫނެވެ. އެމަންޒަރުން، ޒެވިޔަންގެ ހިތަށް ފުން އަސަރު ތަކެއް ކޮށް ފެންކަޅިވިއެވެ. 

ޒެވިޔަން ވިދާލި ވިދުވަރެއްހެން އައިގޮތަށް ނިކީ އޭނަގެ އަތުތެރެއަށް ލުމަށްފަހު ނިކީ ރުއްސާލަން ލޯބިން ވާހަކަ ދައްކަމުން، އޭނަގެ މަންމަ ގާތު މަޑުމަޑުން އެއްޗެކޭ ބުނެލާފައި އެތަނުން ދާން ހިނގައިގަތެވެ. މަންމަ ގާތުން މާފަށް އެދުނީ ކަންނޭގެ އެވެ. އެމެރިކާފަދަ ތަނެއްގައި އުޅެބޮޑުވިޔަސް ޒީބާ ދަރިން ތަރުބިއްޔަތު ކޮށްފައިވާ ގޮތަކުން ޒެވިޔަންމެންގެ އަޚުލާގު ރަނގަޅެވެ. އަދި މައިންބަފައިންނަށް އިންތިހާއަށް އިހުތިރާމް ކުރެއެވެ. އެކަމަކުވެސް ޒެވިޔަން އަވަހަށް އެތަނުން ނިކީ ގެންދިޔައީ މިފަދަ ރުޅިވެރި މާހައުލެއްގެ އެއްވެސް އަސަރެއް ނިކީއަށް ކުރަން ނޭދޭތީއެވެ.

"މިއީ އަޅުގަނޑު ވަގަށް ނެގި އެއްޗެއްނޫން......" އަލީނާ ފަޔަށް ތަދުވެފައިވުމާއި އެކުގައިވެސް ހަލުވިކޮށް ގޮސް ވިނަގަނޑު މަތިން އެފަށް ނެގިއެވެ.

ރިޔާ އެފަށަކީ ނިކީ ބޭނުންވެގެން އަލީނާއަށް ހަދިޔާކުރި އެއްޗެއްކަމަށް ބުނެ އޭނަގެ މައިދައިތަ ކައިރީގައި އެ ފަށުގެ ވާހަކަ ކިޔައިދިނުމުން ޒީބާގެ ރުޅި ވަކިން ބޮޑަށް ގަދަވިއެވެ.

"ދެން ރިޔާމެންވެސް ނިކީ އަށްވުރެ މޮޔަކަން ބޮޑު. ހަމަހޭނުޖެހޭ ކުއްޖަކު ބުނާހާ ކަމެއް ކޮށްދޭން ޖެހޭނެތަ؟ ގޭގައި ގެންގުޅޭ މެއިޑަކަށް ކޮންމެ މީހަކަށް ލައްކައިން އަގުނުކުރެވޭފަދަ ފަށެއް ދީފިއްޔާ އެމީހުން އެބައުޅޭތަ ބަޔެއްގެ އަޅުންނަށް ވެގެން ތިބެން. އެމީހުންވެސް ވިޔަފާރި ފަށައިގެން އުދުހެންވީނު....." ޒީބާ ރިޔާ އާއި ދިމާލަށްވެސް އެތޫނު ނަޒަރު ހުއްޓާލައިފިއެވެ.

"މަންމާ. ދެން އެކަމަކު މަންމަ ތިހެން ހެދީމަ ވެއްޓެނީ އަޅުގަނޑުމެންގެ އަގު. ޒެވިޔާ އަމިއްލަ ކާޑުން މިފަށަށް ލާރިކެނޑީވެސް. އެހެންވީމަ ދެން އެއީ މައްސަލައެއް ނޫނެއްނު. ނިކީ އަށްޓަކައި އޭނަ ހުރިހާ ލާރިއެއްވެސް ގުރުބާން ކޮށްލަފާނެ....." ރިޔާ ވެސް ހިތްހަމަނުޖެހިފައި ހުރިވަރުން ޙަޔާތުގައި ފުރަތަމަ ފަހަރަށް ޒީބާގެ ނިންމުމަކަށް ފާޑުކިޔެއެވެ. އަދި ނިކީ ބަލަހައްޓައިގެން ހުއްޓާ ޒީބާ، އަލީނާއަށް ހާނީއްކަ ކުރުމަކީ ރިޔާ ގާތުގައި ވަރަށް ބޮޑަށް ޒީބާ ކުށްވެރިވި ކަމެކެވެ. ނިކީއަށް އެފަދަ އަނިޔާވެރި މަންޒަރުތައް ފެނިގެން ނަފުސާނީ ގޮތުން އެއްވެސް އަސަރެއް ކުރާކަށް ރިޔާ ނޭދެއެވެ.

"ޒެވިޔަންގެ ކާޑުން ހިލޭ އަންހެނަކަށް އެއްޗެހި ހަދިޔާކުރަމުންގޮސް ރިޔާ ތިއުޅެނީ ނުބަޔެއް ހަދަން. އެހެންނޫނަސް އެކަށީގެންވާ މުސާރަ އާއި، ކެއުމާއި، ތިބޭނެތަން މާލެއިން ހަމަޖައްސާފައި، އިއްޒަތުގައި ގެންގުޅޭ ބަޔަކަށް ކޮންމެހެން އަގުހުރި ޖަވާހިރު ފަށެއް ދެވޭކަށް ނުޖެހޭނެ. ރިޔާވެސް އަހަރެންގެ ކުރިމަތީގައި ބަސްބުނަން ވެއްޖެއްޔާ ޒެވިޔަން ނުހުންނާނެ މަޑުން އިނގޭ. ރިޔާ އާއި އަހަރެން ދައްކަން ޖެހޭ ވާހަކައެއްވެސް އެބައޮތް. އެކަނި. ގެނޭ ތިފަށް...." ޒީބާ ފުންމާނައެއް އެކުލެވޭ ޖުމްލައެއް ރިޔާއަށް ބުނެލާފައި އަލީނާއަށް ބަލައިލި އިރު، އެލޮލުގައި ވަނީ އަލިފާނެވެ. އަލީނާ އަށް އެވަގުތު ޒީބާ ސިފަކުރެވުނީ އިނގިރޭސި ބިރުވެރި ފިލްމުތަކުން ފެންނަ ޝައިތާނީ އަންހެނެއް ފަދައިންނެވެ. ކިތަންމެ ރީއްޗަސް އެ ފެހި ދެލޯ ދެކެ އަލީނާ ރަނގަޅަށް ބިރުގަނެއްޖެއެވެ.

"އެކަމަކު...." އަލީނާ ދެކޮޅު ހަދަން އެއްޗެކޭ ބުނަން އުޅެނިކޮށް ޒީބާ އަލީނާގެ މުށްގަދަކަމުން ހުޅުވާލާފައި، ފަށް އަތުލައިގެން ގެއަށް ވަންނަން ދާން ހިނގައިގަތެވެ. އަލީނާގެ ލޮލުން ކަރުނަ ފައިބައި ގަތީ އެވަގުތުއެވެ. އެއީ އެއްގޮތަކަށްވެސް އެހާ ރީތި އެއްޗެއް އަތުން ބީވެގެން ދިޔައިމައެއް ނޫނެވެ. އޭނައަށް ނިކީ އެހާ ލޯބިން ކުރި ހަދިޔާއެއް ފޭރިގަނެވުނުލެއް އިހާނެތިކަމާއި، އަމިއްލަ ބާރެއްނެތް ކަމާއި، އަދިވެސް ބުނެދޭން ނޭގޭފަދަ ޖަޒުބާތެއްގެ ސަބަބުންނެވެ. ރިޔާ ހުރީ ދެރަވެ ހިތްހަމަނުޖެހިފައެވެ. ރިޔާއަށްވެސް ނުރޮވި ހުރީ ކިރިޔާއެވެ. އަލީނާގެ މައުސޫމް ކަމާއި، ޅަކަމުން ހިލަހިތަކަށްވެސް އަސަރު ނުކުރާނެ ގޮތަކީ ނެތްގޮތެކެވެ.

"ސޮރީ އެލީ. މަންމަ ވަރަށް ސްޓްރިކްޓްވާނެ. އުއްމީދުކުރަން މަންމަ އަދި އެފަށް އަނބުރައި ދޭނެކަމަށް..." ރިޔާ އިތުރު އެއްޗެކޭ ނުބުނެ ވަގުތުން އަނެއް ފަރާތަށް އެނބުރުނީ އެލޮލުގައިވެސް ކަރުނަ ގިނަވެ އިތުރު ވާހަކަ ދައްކަން ކުޅަދާނަ ނުވީމައެވެ. ޒީބާ ކިތަންމެ ހަރުކަށިވިޔަސް ހިތަށް އައިހާ ގޮތަކަށް ގެއިން ނޯކަރުން ކަނޑައި ނުލާކަމީ ނަސީބެކެވެ. އެހެންނޫންނަމަ އަލީނާއަށްވެސް އިތުރު ފުރުސަތެއް ނުދީ، ވަގުތުން އެގެއިން ނެރެލާނެއެވެ. އޭރުން ރިޔާއަށްވެސް އެކަމާއި ދެކޮޅަށް ޗުއްޕުވެސް ބުނެލާކަށް ނުކެރޭނެއެވެ. ދެންމެވެސް އެވަރުގެ ބަހެއް ބުނެވުނީތީވެސް އޭނަ މިހިރީ ދެން އަންނާނެ ރޯޅިއެއް ނޭގި ބިރުގެންފައެވެ. މިގޭތެރޭގައި ޒީބާގެ ނުފޫޒާއި، މަގާމު އޮންނަނީ ވަރަށް ބޮޑުކޮށެވެ. ކުއީން އެލިޒަބަތުވެސް އެހާ ޝާހީކޮށް އުޅޭނެ ހެނެއް ހިޔެއްނުވެއެވެ. ޝާހީވެފައި، ސްޓައިލިޝް ކަމުން ފެންނަ ކޮންމެ އުމުރެއްގެ މީހުންގެ ސަމާލުކަން ދަމައިގަނެއެވެ. ޒީބާ ލާ ކޮންމެ ހެދުމެއް އެހާ އަގުބޮޑުވެފައި، ހެދުމާއި ގުޅޭ ކުލައަކުން ޖަވާހިރު ގަހަނާ ބޭނުން ކުރެއެވެ. ގުދުރަތީ ގޮތުން ރީތިކަން ލިބިފައި ވާތީ އެ ރީތިކަން ދަމަހައްޓަން މާބޮޑު މަސައްކަތެއް ކުރަން ނުޖެހުނަސް ސިއްހީ ރަނގަޅު އާދަތަކެއް އޭނަވެސް ގެންގުޅެއެވެ. އެގޮތުން ރަނގަޅު އެއްޗެހި ކައި އުޅުމާއި، ރޭގަނޑު އަށްގަޑިއިރު ނިދުމާއި، ކަސްރަތު ކުރުމަށް އިސްކަން ދެއެވެ. އެކަމަކު މިފަހަކަށް އައިސް "އަލީނާ" އެއްގެ ސަބަބުން އޭނަގެ ސިކުނޑިއަށް މާ ބާރު ބޮޑުވެ، އެކުއްޖާ ދިރިއުޅުމުން އެއްފަރާތްކޮށްލާނެ ގޮތަކާއި މެދުވެސް ވިސްނެއެވެ. ފިކުރުބޮޑުވުމަކީ ސިއްހަތަށް ނުރަނގަޅު އަސަރުކުރުވާފަދަ ކަމަކަށްވާއިރު އެފަދަކަންތައް އޭނަގެ މަގުން އެއްފަރާތްކޮށްލަން ޖެހޭނެއެވެ. އޭނައަށް ޔަގީން ވަނީ އަލީނާ އަކީ ސުންޕާ ކުއްޖެއްކަމެވެ.

އޯޓަމް ބްލޭޒްގެ ގޭގެ ފަހަތު ފެންޑާއިން ނިކުމެގެން ގަސްތަކުގެ ތެރެއަށް ވަދެގެން ދާއިރު އެގޭގެ ސްޓާފްކުއާޓާސް ވެއެވެ. ހުދު ދަވާދުލާފައި ވާތީ ހީވަނީ ކުދި ކޮޓެޖްތަކެއް ހެންނެވެ. އެކޮޓަރި ކުރިމަތީގައި އޮންނަނީ ބޯ ވިނަގަޑެކެވެ. އެންމެ މިފަރާތުގައިވާ ކޮޓަރީގެ އެއްފަޅީގައި އަނބުގަހެއް މުޅި ހިސާބަށް ހިޔާ އަޅާފައިވާއިރު، އެ ގަސްދަށުގައި އަމިއްލައަށް ފަޅައިގެން ހެދިފައިވާ ރަތާއި، ވައިލެޓް، އޮރެންޖު އަދި ރީނދޫމާތަކެއް ގިނަ ޢަދަދަކަށް ފޮޅިފައިވާއިރު ކޮކާތައް މުޅި ހިސާބުގައި އުދުހެމުންދާތަން ފެނެއެވެ. ވައިރޯޅިތަކުގެ ނާނާ މާހައުލުގައި ގުގުމާލާފައިވާއިރު ގަސްތައް ވެސް އެއްހަމަޔަކަށް ނަށަމުންދެއެވެ. އެބަޔަކީ އެގޭގެ ވާގަނޑުކަމަށް ޒީބާ ވަނީ ކަނޑައަޅާފައެވެ. ވަކި އިމަކުން ބޭރަށް ނިކީ ފޮނުވުންވެސް ޒީބާ އޮންނަނީ މަނާކޮށްލާފައެވެ. 

ނޯކަރުންގެ ބައިގައި ކޮންމެހެން ޒެވިޔަން ގޭގެ ފަހަތު ފެންޑާގައި އާއިޒުއަށް ގުޅައިގެން ހުރެފައި ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައީ ޚިޔާލެއްގައި ހުރެއެވެ. އޭނަ ހުރީ ދިގު ސޯޓަކާއި ޓީޝާޓެއްލައިގެން ނުރަސްމީކޮށެވެ. ކޮންމެވެސް ވަރަކަށް ޓޭންވެލާފައިވާ ހަމުގެ ސަބަބުން، ހައްތަހާ ފިރިހެންވަންތަކަން އިތުރުކޮށް ފެނެއެވެ.

ނިކީ އަށް " ދޮންމަންމަ" އެއީ ކޯންޗެއްކަން އެނގޭނީ ކޮންމެވެސް މީހަކު ކިޔައިދިނީމަކަން އޭނައަށް ޔަގީނެވެ. އަލީނާއަށް ދޮންމަންމަ ކިޔަން ނާހީ ބުނީ ކޮން މާނައެއްގައި ބާވައެވެ. ނިކީ ގެންގުޅޭތީ ކޮށްލި ސަމާސާއެއް ބާވައެވެ. ނޫނީ ސީރިޔަސްކޮށް އެވާހަކަތައް އަލީނާ އާއި ނިކީ އާއި ދެމެދު ދެކެވިފައި ވަނީ ބާވައެވެ. އަނެއްކާ އެހާވަރަށް އަލީނާ ދެކޭ ހިތުން ލޯ ބޭގަރާރުވަނީ ކީއްވެބާވައެވެ. އެ ކުޑަ ޕަރީއެއްފަދަ ސޫރަ އޭނަގެ ހިތަށް ދޭތެރެއަކުން ގޯނާ ކުރަނީ އޮބިނޯންނަ ވަރަކަށެވެ. ޒެވިޔަންއަށް ބޭއިޚުތިޔާރުގައި އެގޭގެ ސްޓާފް ކުއާޓާސް އާއި ދިމާލަށް ބަލައިލެވުނެވެ. އަލީނާ އުޅެނީ ކޮން ކޮޓަރިއެއްގައި ބާވައެވެ. އެދިމާލުން އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ. ޒެވިޔަން އެގެއާއި ދިމާލަށް ބަލަމުންގޮސް އަނބުގަހުގެ އަނެއްފަރާތަށް ދިޔައީ އެއްގޮތަކަށްވެސް އެތާ މީހަކު ހުރިކަމެއް އެނިގެނެއްނޫނެވެ. ޒެވިޔަން ސިހުނީ އެގަސްބުޑުގައި ވާހަކަ ފޮތެއްހިފައިގެން އިން އަލީނާ ފެނުމުންނެވެ. އަލީނާ ހައިރާންކަމާއިއެކު ފުންމައިގެން ތެދުވުމުން އަތުގައިވާ ފޮތް ބިމަށް ވެއްޓުނެވެ. އެފޮތް ނަގަން ދެމީހުންނަށް ވެސް ގުދުވެވުނީ އެކީގައެވެ. ދެ ބޯ ބާރަކަށް ޖެހުމުން އަލީނާ އަށް އޫއިއޭވެސް ބުނެލެވުނެވެ.

"އައުޗް......" ޒެވިޔަން ގެ ބޮލަށްވުރެ ބޮޑަށް އެނގުންވެގެން ދިޔައީ ހިތަށެވެ. އެހާ ކައިރިން އެ ކުޑަ މޫނަށް ބަލައިލެވުމުން ހީވީ ޕަރީއެއްގެ މައުސޫމް ސޫރަ އެ ބޮޑު ބުރުގާ ގެ ތެރެއިން ވިދާލިހެނެވެ. ދެލޯ ތަންކޮޅެއް ކުޑަ ވިޔަސް ސާފުވެފައި އެހާ ވިސްނުންތެރި ގޮތެއް ހުއްޓެވެ. އަދި އެ ރަތް ތުންފަތް މަޑުވެފައި، އޮމާންވާނެ ވަރު ޒެވިޔަންއަށް އިހުސާސްކުރެވި، ނާރުތަކުގެ ލޭއަވަސްވެލިއެވެ. މިއީ ރިޔާ އާއި އެކުގައި ފުރަތަމަ ފަހަރު ގުޅުމެއް ބޭއްވިއިރުވެސް އިހުސާސް ނުކުރެވޭފަދަ ގޮތެކެވެ. ދަނގަޑަށް، ދަގަތްފާނު ދަމާ ބާރުމިނުގައި އޭނަ އަލީނާ އަށް ދެމިއެވެ. ނަމަވެސް ޒެވިޔަން ތެދުވެ ހަށަން ބަނދެލީ އަމިއްލަ ނަފުސް ބާރުގެ ދަށަށް ގެންނަން މަސައްކަތް ކުރަމުންނެވެ. އޭރުވެސް އަލީނާ ހުރީ ޒެވިޔަންގެ އަތުން އެ ފޮތް އަތުލަން ވީގޮތެއް ނޭގިފައެވެ. އޭނަ ބޭނުންވީ އެފޮތް އަތުލައިގެން ދުވެގޮސް ކޮޓަރިއަށް ވަދެ ފިލުމަށެވެ. ހިތަށް ކުރަމުން ދިޔަ އިހުސާސް ތަކަށް ވެސް ފިލުމަށެވެ.

"ސޮރީ. ތަދުވެއްޖެތަ؟" ޒެވިޔަން އެ ފޮތުގެ ބޭރުގަނޑު ބަލައިލައިފިއެވެ. އެއީ " ފްރޮމް ދިސް ޑޭ" ކިޔާ ވާހަކައެކެވެ. ހީވާގޮތުން އެއީ ލޯބީގެ ވާހަކައެކެވެ. ވީއިރު ގެންގުޅޭ ކުއްޖަކަށް ވިޔަސް އިނގިރޭސި ބަސް އެނގޭކަން މިއަދު ޒެވިޔަންއަށް ޔަގީން ކުރެވިއްޖެއެވެ. ސިއްރުވެރި ކުއްޖެއްކަން ޔަގީނެވެ. ބަލައިލާފައި އެކައްޗެއްވެސް ނޭގެއެވެ. އަލީނާ ނޫނެކޭ ބުނެލީ މަޑުންނެވެ.

"ފްރޮމް ދިސް ޑޭ ތަ؟ ފިލައިގެން އިނދެ ވާހަކަ ކިޔަނީ ކީއްވެ؟" ޒެވިޔަން މާނަވީ ހިނިތުންވުމަކާއި އެކީ ގައި ފޮތް ދިއްކޮށްލުމުން އަލީނާ އެފޮތް އަތުލަން އުޅުނުއިރު ދެމީހުންގެ އަތުގެ އިނގިލިތައް ބީހިލައިގެން ދިޔައެވެ. އަލީނާއަށް ހީވީ ކަރަންޓުގައި ޖެހުނުހެންނެވެ. ޝޮކެއް ލިބުނުފަދަ ގޮތަކަށް އަތްދަމައިގަތް އިރު އެދެލޮލުން ކަންބޮޑުވެފައިވާކަމުގެ އަސަރުތައް ފެނުނެވެ.

"މި ތަން ހިތްފަސޭހަވީމަ. އެކަމަކު ދެން އަޅުގަނޑާއި ވާހަކަ ނުދައްކަވާތި. ތިއީ މަންމަ ރުހިލައްވާނެ ކަމަކަށް ނުވާނެ. އަޅުގަޑު ބޭނުން ނިކީ އާއި އެކީ ގައި އުޅެން......" އަލީނާ ކުޑަހުނުމަކާއި އެކީގައި އެހެން ބުނެލުމަށްފަހު ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ގަސްތަކާއި ނިވައިވެލިއެވެ. ޒެވިޔަން އިރުކޮޅެއްވާންދެން ގަހަށް ލެނގިލައިގެން ފިކުރެއްގައި ހުރި އިރު އަލީނާގެ ޖުމްލަތަކާއި މެދު ވިސްނިއެވެ. ހިސާބަށްވުރެ ބުއްދިވެރި ކުއްޖެކެވެ. ކުޑަކުޑަ އަލީނާ ހާދަ ތަފާތެވެ.

ޒެވިޔަން ގެއަށް ވަންނަން ދަމުން ކުޑަ ވައިލެޓް މަލެއް ބިނދެލިއެވެ. އޭރު ޒީބާވެސް ފެންޑާއަށް ނިކުންނަނީއެވެ. ޒީބާ އަށް ޒެވިޔަން ސްޓާފްކުއާޓާސް އާއި ދިމާލުން އަންނަތަން ފެނިފައި ހީވީ މެޔަށް ފިނި އެއްޗެއް އޮއްސާލި ހެންނެވެ. ޒެވިޔަން މިނޫނީ އެފަރާތަށް ދިޔަތަނެއް ޒީބާގެ ލޮލުން ދެކެފައިނުވާތީ އޭނަގެ ހިތަށް ނުބައި ވަހުމެއް ވަނެވެ. އަދި ޒެވިޔަންގެ އަތުގައި މަލެއް އޮތުމުން ޒީބާގެ ބޮލުގައި ރިއްސާލިއެވެ. ވަގުތުން އެފަރާތަށް ޒެވިޔަން ދިޔަ ސަބަބެއް އޮޅުން ފިލުވަން ސުވާލު ކޮށްލައިފިއެވެ. ޒެވިޔަން ބުނީ ފޯނެއްގައި ހުރެ ދެވުނީ ކަމަށެވެ. އެކަމަކު ޒެވިޔަން އަށް މަންމަގެ ކަންބޮޑުވުން ނޭގެނީއެއް ނޫނެވެ. ހަގީގަތުގައިވެސް މަންމަ އެ ޝައްކުރީ ރަނގަޅަށެވެ. އޭނަގެ ހިތްމިވަނީ އެހެން ދިމާލަކަށް ދީލާލަން ފަށައިފައެވެ. މިކަން ހުއްޓުވަން އެވަގުތު ޒެވިޔަންގެ އަމިއްލަ ނަފުސްވެސް ބޭނުންވިއެވެ.

"ދަރިފުޅާ. މާބިންނާނީ ވަލަކުން ނޫން، ތި ބަލައިލަން ރީއްޗަސް މީރުވަހެއް ނުހުންނާނެ، އެހާހިތިވެސްވާނެ، ގާޑަން އިން ބޭނުން ވަރަކަށް މާ ބިންނަންވީ. ޒޭވިޔާ އާއި އެކަށީގެން ވަނީ ރޯޒް އާއި ލެވެންޑާ ފަދަ މާތަކާއި...." މަންމަ ނުސީދާކޮށް ބަހުގެ ހަމަލައެއް ދިނީކަން ޒެވިޔަންއަށް ޔަގީންވިއެވެ. މަންމަ އެބުނީ އަލީނާ މެންނާއި ދުރުން އުޅުމަށެވެ. ޒެވިޔަން އެ މާ އަތު ތެރޭގައިލައި، ޗިސްކޮށްލުމަށްފަހު ކަންނެތް ގޮތަކަށް ގޮސް ސޯފާއަށް ވެއްޓިގަތުމުން ޒީބާ ހޭންފެށިއެވެ. އޭނަ ސީދާ ނުބުނި ކަމުގައިވިޔަސް، އޭނަގެ ވިސްނުންތޫނު ދަރިފުޅު އެ ޖުމްލައިގެ މާނަދެނެގަތީކަން ޒީބާއަށް ޔަގީންވިއެވެ. އެމަލަށް ގަދަރެއްނުކޮށް، ޗިސްކޮށްލާފައި އެއްލާލީ އެހެންވީމައެވެ. ޒެވިޔަން މަޖާކޮށް އެކަން ނަގާފައި މަންމައަށް ދައްކަން މާ ޗިސްކޮށްލިޔަސް، ހިތުގައި ބިރުވެރިކަމުގެ ރާޅެއްވެސް ޖެހިއެވެ. ކަންތައް ވެދާނެ ގޮތަކާއި މެދު ވިސްނައިލަން މަޖުބޫރުވިއެވެ.

އަލީނާއަށް އެރޭ އެއްގޮތަކަށްވެސް ނުނިދުނެވެ. އެނދުގައި ދެއަތަށް ފުރޮޅި ފުރޮޅި، މޭގައި ފޮތް ޖައްސާ ބާރުކޮށްލައިގެން އޮވެ ހިތުގެ ވިންދު ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނާހީ ދަންވަރު ފާޚާނާއަށް ދާންހޭލިއިރުވެސް އަލީނާ ހޭލައި އޮތްތަން ފެނުމުން ސުވާލު ކުރަންފެށިއެވެ.

"އެނގިއްޖެ. ޒެވިޔަންގެ ޖާދޫގައި ޖެހުނީ ދޯ. މަ ބުނީމެއްނު ދޮންމަންމަ އަކަށް ނުވާށޭ. އޭރުން އެލީއަށް ލިބޭނެ އުފަލެއްނުވާނެ. ޒެވިޔަން އަބަދުވެސް އިސްކަން ދޭނީ އޭނަގެ ދަރިފުޅަށް. އަލީނާއަށް ލިބޭނީ ދެވަނަ މަގާމު. އެހެންވެ މިބުނަނީ ދޮންމަންމަ އަކަށް ވުމަށް ވުރެ މޮޔަކަމެއް އަންހެންކުއްޖަކަށް ނުކުރެވޭނެޔޭ. ކިތަންމެ އާދައިގެ ވިޔަސް ދަރިއަކު ނެތްމީހެއް ހޯދާ. ޒެވިޔަން ދެކެ ލައިކް ވެވިއްޖެއްޔާ އެއީ އަލީނާގެ ބަދުނަސީބު......" ނާހީ ބާލީހުގައި ބައްދާލައިގެން އޮވެ މުސްކުޅިއެއްހެން ވާހަކަދައްކަމުން ގޮސް ކުއްލިއަކަށް ގުގުރިދަމަން ފަށައިފިއެވެ. އަލީނާ ބަލައިލި އިރު އެހާ ފަސޭހައިން ނާހީއަށް ނިދިއްޖެއެވެ. ނާހީގެ ނަސީބު ރަނގަޅު ކަމާއެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތެވެ. އޭނަ މުޅިން ތަފާތެވެ. މިއަދު ހަވީރު ޒެވިޔަން އާއި ބައްދަލުވުމަށްފަހު އޭނަގެ ހިތުގައި ވަނީ އާވިންދެއް ޖަހަން ފަށާފައެވެ. ފޮނި، ވޭން ނުލިބޭފަދަ ރިހުމެއް އެހިތުގައި އުފެދިއްޖެއެވެ. މިއީ ދުވަހަކުވެސް އޭނައަށް ކުރެވުނު އިހުސާސްތަކެއް ނޫނެވެ. އޭނަ ބޭނުން ވަނީ ވަގުތު އަވަހަށް ވޭތުވެގެން ދިޔުމަށެވެ. ހެދުނުގެ އަލިކަން ލިބި ހިތްއެދޭ ސޫރައެއް ދެކިލައިގެން ހިތަށް ހަމަޖެހުން ހޯދުމަށެވެ. އެއީ އޭނަގެ ޕްރިންސްއެވެ. ދުވަހަކު ނުލިބޭނެކަން ޔަގީން ވިޔަސް ދެކިލުމުގެ ނަސީބު ލިބެންޏާ އެއީވެސް އުފަލެކެވެ. އަލީނާ ކުޑަކޮށް ހޭންފެށިއެވެ. މީހުން މޮޔައެކޭ ކިޔަސް ހެވޭނެތާއެވެ.

ރިޔާއަށް މިދުވަސްކޮޅު އައިސްކްރީމާއި، ޗޮކްލެޓް ކެވޭލެއް ކުރިއަށްވުރެ އެތައް ގުނަ އިތުރުވިއެވެ. ޔަގީނުންވެސް ފޮނި އެއްޗެހިކައިގެން އޭނަގެ ހާސްކަން ކުޑަކުރެވެއެވެ. ރިޔާގެ ނަސީބު ރަނގަޅު ކަމުން ކައިކައިވެސް އޭނަ ފަލަވާ ގޮތެއް ނުވެއެވެ. ބަރުދަން އެއްވަރަކަށް ހިފެހެއްޓެނީ އާއްމުކޮށް ކުރާ ކަސްރަތުގެ ސަބަބުންކަން ނޭގެއެވެ. އެހެންނޫންނަމަ ސަބްމެރިން އެއްޗެހި ކެއުމުގެ ވެސް މިހާރު ހައްދެއް އޮތީއެއްނޫނެވެ. ރިޔާ ސްނިކާސް ޗޮކްލެޓެއް ކަމުން ގޭގެ ފަހަތު ފެންޑާއަށް ނިކުތްއިރު ޒެވިޔަން އޭނަގެ މަންމަ އާއި ބައްޕައާ އެކީގައި ރާޒުވާކުޅެން އިނެވެ. މިއީ މި ޢާއިލާގެ ތެރޭގައި ވަރަށް ފޯރި އާއި އެކީގައި ކުރެވޭކަމެކެވެ.

"ޒެވިޔާ. އަހަރެން ދަތުގައި ރިއްސާތީ ޑެންޓިސްޓަށް އެޕޮއިންޓްމެންޓެއް ހައްދާފައި އޮތީ...." ރިޔާ އެހެންބުނުމާއި އެކީގައި ޒެވިޔަންގެ މޫނުމަތީގައިވާ ހިނިތުންވުން ފަނޑުވެގެން ހިގައްޖެއެވެ.

"އެހެންވެ އަހަރެން ބުނަނީ ޗޮކްލެޓް ކައިފާ އަނގަ ދޮންނާށޭ. ޗޮކްލެޓް ކައިއުޅޭ ކުދިންނާއި ޖާމްސް ތައް ނިކަން ފްރެންޑްލީވާނެ. ރިޔާ. އަހަރެން ބުނީމެއްނު މިރޭ ތަނަކަށް ދާންޖެހެޔޭ. މަންމަ އާއި އެކީގައި ދާންވީނު...." ޒެވިޔަން ރިޔާއަށް ބަލައިވެސް ނުލާ ސަމާސާ ގޮތަކަށް ބުނެލައިފިއެވެ. ކޮޓަރިން ބޭރަށް ހަނގުރާމަ ފުޅާކުރަން އޭނަ ބޭނުމެއް ނުވެއެވެ. މިއަދުވެސް ޒެވިޔަން ކޮޓަރިން ނިކުގެން އައީވެސް އޭނަ ފަޅުރަށަކަށް ދާން އުޅޭކަން ރިޔާއަށް އެނގުނީމަ ހިނގި ބޮޑު ހަނގުރާމައަކަށް ފަހުގައެވެ. އެކަމަކު އެހެން މީހުންނަށް އެއަރައިރުމުގެ ޚަބަރު ސިއްރުކުރަން ޒެވިޔަން ވަނީ ރިޔާ ގާތުގައި ތަކުރާރުކޮށް ބުނެފައެވެ.

"މިރޭވެސް ފަޅުރަށަށް ބާބެކިއުއަށް ދަނީ. ދުވަހަކު ރޭގަނޑު ގެއަށް ވަދެވޭ ކަމަކަށް ނުވޭ ދޯ ޒެވިޔަން. މިރޭ ޖެހޭނީ އަހަންނާއި އެކީގައި ޑެންޓަލްއަށް ދާން. އެކުވެރިންނާއި އެކީގައި އޮތް ދަތުރު ކެންސަލްކޮށްފައިވެސް ހެޔޮ......" ރިޔާގެ ވާހަކަތަކުން ޒީބާ ދެލޯ ބޮޑުވެގެން ދިޔައެވެ. ރިޔާ ދެން ހާދަ ވިޔާނުދާވެއްޖެއެވެ. ފިރިމީހާ އާއި އެގޮތަށް އަދަބު ކުޑަކޮށްލާފައި ވާހަކަ ދެކެވިގެން ވާނެކަމަކަށް ޒީބާ ނުދެކެއެވެ. އެހެންނޫނަސް ކުރީ ދުވަހަކު އޭނަ ވަނީ ރިޔާ ގޮސް ޒެވިޔަންގެ ގައިގައި ޖެހިތަންވެސް ފެނިފައެވެ. އެވާހަކަ ދައްކާނުލެވިގެން އުޅެނިކޮށް މިހާރު ރިޔާ އެންމެންގެ ކުރިމަތީގައިވެސް ޒެވިޔަންގެ ގަދަރުކުޑަވާ ފަދަގޮތަކަށް ބަސްބުނަން ފެށީއެވެ.

"ރިޔާ ހާދަ ގޮތްކުޑަވެގެން ތިއުޅެނީ......" ޒީބާ ގެ ފެހިދެލޮލުން އެވަގުތު ފެނުނީ ނުރުހުމުގެ ކުލަވަރެވެ.

ކޮމެންޓް 0