ލަދުންގޮސް ޖިލާ މޮޔަވާވަރުވިއެވެ. އޭނަ ވަގުތުން ތުވާލި ގައިގައި އޮޅާލައިފައި މޭގައި އަތްބޮނޑި ކޮށްލައިގެން ހުރެ ދޮރު ތަންޑު އެޅުވިއެވެ. އާއިޒު ގަސްތުގައި އެތަނަށް ވަނީ އެވެ. އޮޅިގެން ވަދެވުނަސް އެހިސާބަށް އައިސްގެން ނުވާނެކަން ދަންނަން ވާނެ ނޫންހެއްޔެވެ؟ ދުވަހަކުވެސް ދެން އާއިޒު ފެންނަ ހިސާބަށް ދާކަށް ބޭނުމެއް ނޫނެވެ. "އައިހޭޓް ޔޫ އާއިޒް އަހަރެންގެ ލައިފުން ނުގޮސްގެން ތިއުޅެނީ ކީއްވެތަ؟ މަރުވާނެ ނަމަ، ޔަގީނުންވެސް އަހަރެން ބޭނުމެއްނޫން އަހަރެންގެ ކުރިމައްޗަށް ދެން އޭނަ އަންނާކަށް...." ޖިލާ ރޮމުން ގޮސް ދެލޯ ރަތްވީއިރުވެސް ހުއްޓައެއް ނުލެވުނެވެ. މޫނު ދޮވުނުހެން ލޮލުގައި ތާޒާ ކަރުނަ ގިނަވެ ގަނެއެވެ. ޢުމުރު ދުވަހުވެސް މިހާ ބޮޑު ލަދެއް އޭނަ ނުގަނެއެވެ. ބައިގަޑިއެއްހާއިރު ފަހުން އާއިޒު ދޮރުގައި ތަޅާފައި ދޮރު ހުޅުވަން އެދުނެވެ. ޖިލާ އަވަހަށް ހެދުން ލައިގެން ޝޯލް ވެސް ބޮލުގައި އެޅިއެވެ. އެކަމަކުވެސް ދޮރު ހުޅުވާކަށް ބޭނުމެއް ނުވިއެވެ. 

އޯވާސައިޒް މާބްލް ބާތުރޫމްގެ ދޮރަށް ލެނގިލައިގެން ހުރެވުނު އިރުވެސް ހިތާހިތުން އާއިޒު އާއި ދިމާލަށް އެތައް އެއްޗިއްސެއް ކިޔުނެވެ. އާއިޒު އާދޭހާއި އެކު ދޮރުހުޅުވަން އެދުނީ ކިތައް ފަހަރު ކަމެއްވެސް ނޭގުނެވެ. އެންމެ ފަހުން ޖިލާ ދޮރުހުޅުވީ އާއިޒު ދޮރު ވައްޓާލަފާނެ ކަމަށް ބުނުމުން ގޮތްހުސްވެގެންނެވެ.

ޖިލާ ދޮރުހުޅުވާލި ގޮތަށް އާއިޒުގެ މޫނަށް ބަލައިވެސް ނުލައި ބޭނުންވީ އަވަސްވެގަނެގެން އެތަނުން ދިޔުމަށެވެ. މިދުނިޔެއިން ބޭރަށްދާންވެސް ބޭނުންވިއެވެ. އާއިޒު އެކަމަކު ޖިލާގެ އަތުގެ މުލައްދަނޑީގައި ހިފައިފައި އޭނަ އާއި ދިމާލަށް އަނބުރާލި ގޮތަކުން ޖިލާ ސިހުނެވެ. ލޯބޮޑުކޮށްލަމުން އާއިޒުގެ މޫނަށް ބަލައިލީ ބިރުވެރި ގޮތަކަށެވެ. މިވީހާތަނަށް އާއިޒުގެ ފަރާތުން ފެނިފައިނުވާފަދަ ހަރުކަށި ޢަމަލެކެވެ.

"ޑޯންޓް އެވަރ ޑޫ ދެޓް އެގެއިން ގާލް، ޔޫ ހިއަރ މީ؟" އާއިޒުގެ އެ ކަނޑެއްފަދަ ދެލޮލުން އެވަގުތު ޖިލާއަށް ކަރުނައިގެ އަސަރު ފެނުނެވެ. އާއިޒު ފަދަ މިލިޓަރީ ޒުވާނެއްގެ ފަރާތުން މިފަދަ ފިނޑިކަމެއް ފެނުމުން ޖިލާ ހައިރާން ވިއެވެ. އަބަދުވެސް ސްކޯފީލްޑް ފަދަ ވިސްނުންތޫނު ޝަޚުސިއްޔަތެއް ހުރެފައި، އެފްބީ އެޖެންޓެއްގެ ގައިގައި ހުންނާނެހާ ބާރުގަދަ ޖެހިލުން ކުޑަ ސިފަތައް ހުރެފައި އެކަމަކު މޮޑެލްއެއްފަދަ މި ރީތި ޒުވާނާގެ ލޮލުން ދުވަހަކު ކަރުނަ އައިސްދާނެއޭ ބުނާނީ ކާކުހެއްޔެވެ؟ ޖިލާއަށް ހިނދުކޮޅަކަށް އެސްފިޔަޖަހައިނުލައި ބަލަހައްޓައިގެން ހުރެވުނެވެ. ރަތްވެފައިވާ މޫނު އިތުރަށް ރަތްނުވާކަމެއްވެސް ނޭގެއެވެ.

"ކޮންކަމެއް ނުކުރާށޭތަ؟" ޖިލާ ކުއްލިއަކަށް އާއިޒުގެ އަތްފޮޅުވާލަން މަސައްކަތްކުރިއެވެ.

"މިބުނީ ބިލިގާއަށް ފެންއަޅައިގެން ނިދުމާއި، ވާނުވާއެއްނޭގި ދޮރުތަޅުލައިގެން ގަރުނަކަށް ހުރުން........" އާއިޒު މިފަހަރު ތަންކޮޅެއް މަޑުން ވާހަކަދެއްކިއެވެ. ޖިލާގެ ލޯތްބަށްޓަކައި ފެންބޮވައިގެންފައި ވާވަރު ޖިލާއަށް އިހުސާސް ކުރެވޭނެ ނަމައެވެ. އޭނަގެ ހިތް ކަތިލެވިފައިވާވަރު ރޭކާލާނެ ނަމައެވެ. ބުނެދިނަސް ޖިލާ ގަބޫލެއް ނުކުރާނެއެވެ.

"އަހަރެން މަރުވިޔަސް އާއިޒު އަކާއި ނުބެހެވޭނެ، އަތުން ދޫކޮށްލާ. ފުރަތަމަ ދުވަހު ކުރި ޝަރުތު ހަދާންނެތީތަ؟ ބުނީމެއްނު އެއްވެސް ގޮތަކުން ޓަޗްކޮށްގެންވެސް ނުވާނެއޭ. ރިއަލް ފިރިހެނަކަށް ވެއްޖެއްޔާ ޕްރޮމިސްތައް ކީޕްކުރެވެންވާނެ. ދޫކުރޭ. މިބުނީނު ދުކޮށްލާށޭ. ލެޓް މީ ގޯ....." ޖިލާ އަތްފޮޅުވާލަން ބޭކާރު މަސައްކަތް ކުރަމުން ދިޔައިރު ނުރޮވި ހުރީ ކިރިޔާއެވެ. އާއިޒުގެ އަތް ގުޑުވާލުމަކީ ޖިލާއަށް ކުރެވުނު ކަމަކަށް ނުވިއެވެ. އާއިޒުގެ ބާރު އިހުސާސް ކުރެވުމުން ޖިލާގެ ހިތް އިތުރަށް ނުތަނަވަސް ވިއެވެ. އާއިޒު ދެކެ ބިރުގަންނަން ފެށިއެވެ. އާއިޒުގެ ނިޔަތް ގޯސްނުވާނެކަމަށް އޭނައަށް އެގޭނީ ކިހިނަކުން ހެއްޔެވެ؟ އޭނައަށްވެސް ފިލްމުތަކާއި ވާހަކަތަކުން ރޭޕްފަދަ ގޯނާތަކުގެ ޚަބަރު ކިތަންމެ ރަނގަޅަށް ވެސް އޮޅުން ފިލާފައިވެއެވެ. އާއިޒުގެ ވައުދަށް އޭނަ އިތުބާރު ކުރިއެވެ. އަހަރެއްވީއިރުވެސް އޭނަގެ ގައިގައި އަތްނުލުމުން އާއިޒުއަށް ޖިލާ ދީފައި ވަނީ ވަރުގަދަ ޔަގީން ކަމެކެވެ. ނަމަވެސް އެހާ ފޮރުވިގެން ހުއްޓާ އާއިޒު އަށް އޭނަ ގެ ހަށިގަނޑު ހާމަވުމުން އެ އިތުބާރު ގެއްލިއްޖެއެވެ.

"އަހަރެން ޓަޗްކުރުމުގެ މާނަ ނެގީ އެހެން ގޮތަކަށް، ހިލޭ މީހެއްގެ ވެސް އަތުގައި ހިފާލެވިދާނެދޯ އެހާ ބޮޑުކަމެއްތަ ޖިލީ. އަހަންނަށް އެވަރުގެ ހައްގެއްވެސް ނޯންނާނީތަ؟ ތިވަރު ނުވިޔަސް ދޫކޮށްލަފާނަން، ސޮރީ އަތްލެވުނީމަ، އައިމް ސޮރީ، މިހާރު އުފާވެއްޖެތަ؟ އެކަމަކު އަހަރެމެން މިވަރަށް ދުރުން އުޅެންޖެހޭތަ؟ އަހަރެން ވެސް ފޫހިވާނެ ދޯ އެންމެންގެ ކުރިމަތީގައި އެކްޓް ކުރަން ވީމަ...." އާއިޒު ޖިލާގެ އަތުން ދޫކޮށްލާފައި ޖިންސްގެ ޖީބަށް އަތްޖަހާލައިފިއެވެ. އާއިޒުގެ ތޫނު ބެލުމުން ޖިލާއަށް ވަރަށް އުނދަގޫވިއެވެ. އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައަކަށް ނުވާނެނަމަ އޭނަ އަމިއްލައަށް މަރުވެއްޖައީހެވެ. އެހާވެސް ބޮޑަށް އާއިޒުއަށް ފެންނަން އޭނަވަނީ ލަދުގެންފައެވެ. އޭނަ އެނބުރުނީ އަނެއް ފަރާތަށެވެ. އާއިޒުގެ އެ ސުވާލުތަކަށް މިވަގުތު ޖަވާބުދޭކަށް އޭނަ ބޭނުމެއްވެސް ނޫނެވެ. ޖިލާ އާއިޒު ގޮވާލީމަވެސް މަޑުކޮށްނުލައި ކޮޓަރިން ނިކުމެ ފުންނޭވަޔެއް ދޫކޮށްލިއެވެ. ކިތަންމެ ވަރަކަށް ބާތުރޫމްގެ މަންޒަރުތައް ރިވައިންޑުކޮށްފައި ފޮހެލަން ބޭނުންވިޔަސް ދެން އެބައި ފޮހެއެއް ނުލެވޭނެއެވެ. ޖިލާ ހަދަންވީގޮތް ވިސްނައި ނިމުނު އިރު އޭނަގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. އޭނަ ބޭނުމީ މިވަގުތުވެސް މިރަށުން ފުރުމަށެވެ. މަންމަ ގާތުގައި ދޮގުހަދައިގެންވެސް އާއިޒުގެ ގާތުން ވަރިވާނީއެވެ.

ދާވިޝް އާއި ރިޔާ ބެލްކަނީގައި ތިބީ ފުދޭވަރަކަށް ކައިރީގައެވެ. އެހިސާބަށް ގަހެއްގެ ހިޔާއެޅިފައި އޮތްނަމަވެސް ކޮކާ އަވިދީފައި ވާތީ ދާވިޝް ފެންނަލެއް ވަރަށް ހިތްގައިމެވެ. އިރުގެ ސަބަބުން ޓޭންވެފައިވާއިރު ޖިމަށް ގަވާއިދުން ދާކަން އަތުގެ ރީތި މުލައްދަނޑި އާއި ޓީޝާޓް އަތަށް ހިފާފައިވާ ގޮތުން އެނގެއެވެ. ރިޔާ ކޮންމެވެސް އެއްޗެކޭ ބުނުމުން ދާވިޝް ރިޔާގެ ކުޑަ ނޭފަތުގައި ހިފާލައިފައި އަނބުރާލައިފިއެވެ.

"ސީރިޔަސްލީ ޒެވިޔާ ތިހެންބުނިތަ؟ ފޮނި ފިރިހެނެއްނު، އަހަރެން ފެނުނީމަ ނިކަން ބްރަދަލީވެގެން އުޅެފައި އަދި އެކަނިވީމަ ރިޔާ އާއި ދިމާލަށް ބަވާލަނީ ދޯ، އޭނައަށް ނުކެރެނީތަ އަހަންނާއި ދިމާލަށް އެއްޗެކޭ ބުނެލަން، ލަނޑެއްދޭންވާނެ ތި ޒެވިޔާއަށް. ޒެވިޔާއަކީ މަ ނަމަވެސް ވާނީ އެހެން ދޯ. ޕުއަރ ޒެވިޔާ......" ދާވިޝް ގެ އަޅި ދެލޮލުގައި ވަނީ ލާނެތް ވިދުވަރެކެވެ. އެވަގުތު ޖިލާ ކޮޓަރިން މާބާރަކަށް އައިއިރު އެދެލޮލުގައި ކަރުނަ ގިނަވެފައިވާތަން ފެނުމުން ދާވިޝް ރުޅި އަންނަ ގޮތްވިއެވެ. އެދިޔަ ގޮތަށްގޮސް އާއިޒުގެ ގައިގައި ޖަހަން ހިތް މަޝްވަރާ ދިނެވެ. ދާވިޝް، ޖިލާގެ އަތުގައި ހިފުމުން މާބާރަކަށް ރޮމުން ދާވިޝްގެ މޭގައި ބޮނޑިވެލިއެވެ. ޖިލާ ބުނީ ރަށަށް ދާން ބޭނުން ކަމުގައެވެ. ރިޔާގެ ތުންފަތުގައިވި ހިނިތުންވުން ވެސް ފަނޑުވެގެން ހިގައްޖެއެވެ. ޖިލާ އެގޮތަށް ރޯތަން ފެނުމުން ރިޔާގެ ހިތްވެސް ކުދިކުދިވިއެވެ. ފެންނަ ފެނުމަށް އާއިޒު އަކީ ރަނގަޅު ޒުވާނެއް ކަމަށް ވިޔަސް ޒެވިޔަން ފަދައިން ކޮޓަރީގެ ދޮރު ތަޅުލެވިގެން ދިޔުމުން އެތެރޭގައި ކުރާ ހަގުރާމަ އެހެންމީހުންގެ ލޯތަކަށް ސިއްރުވާނެއެވެ. އާއިޒުމެން މިލިޓަރީ ކުދިންގެ ހިތްތައްވެސް ހަރުކަށި ވާނެއެވެ. އަނެއްކާ ޖިލާއަށް އަނިޔާ ކުރަނީ ހެއްޔެވެ؟ އެފަދަ ގެވެހި އަނިޔާތައް ގިނަފަހަރު ވާނީ ސިއްރުކުރެވިފައެވެ.

"ޓެލް މީ، ޓެލް މީ ޖިލް އޭނަ ކީއްކުރީތަ؟ ކޮންތާކު ޖެހީ؟ އައި ނޯ ކޮންމެވެސް ކަމެއްވެއްޖެ ނޫނީ ތިގޮތަށް ޖިލް ނުރޯނެ، ހަމަ މިހާރު ބުނޭ، އަހަރެން އޭނަގެ އަތް ބިންދާލާނަން....." ދާވިޝް ބުމަގޮށްޖަހާލަމުން ބާރަކަށް ބުނެލިއެވެ. ދާވިޝް ޖިލާ ގަޔާއި ދުރުކޮށްލާފައި އެކޮޓަރި އާއި ދިމާލަށް ބާރަކަށް ހިގައިގަތުމުން ޖިލާ ބިރުގަތެވެ. އޭނަގެ ސަބަބުން މިފަދަ މާނައެއްނެތް ހަނގުރާމައެއް ފެށޭކަށް ބޭނުމެއް ނޫނެވެ. އާއިޒު ދާވިޝްއަށްވުރެ މާ ބާރު ގަދަވާނެއެވެ. އަނިޔާވެސް ވާނީ ދާވިޝް އަށެވެ. ދެމީހުންގެ އިސްކޮޅާއި ބަލާބެލުމަށް ހަށިގަނޑު އެއްވަރުވިޔަސް އާއިޒު މެންފަދަ ތަމްރީނު ހަދާފައި ތިބިމީހުންނާއި ބަލާއިރު ދާވިޝްގެ ތަޖުރިބާއެއް ނުހުންނާނެއެވެ.

"އަނިޔާއެއްކުރީކީ ނޫނޭ ދޮންބެ. އަހަރެމެން ޒުވާބު ކުރީ....." ޖިލާ އެންމެ ފަހުން ބުނެލިއެވެ.

"ޖިލް ރޮއްވާކަށް އޭނަ ނުޖެހޭނެއްނު، އަހަރެން ޖެހޭނެ އާއިޒުއަށް ވިސްނާދޭން ނޫނީ އަތް އިސްކުރަން ޖެހޭނީ، އަހަރެން ލޯބިވާ ކުދިން ޕްރޮޓެކްޓް ކުރުން މަށަށްވެސް ވާޖިބުވާނެ....." ދާވިޝް ޖިލާމެންގެ ކަމެއްގައި ރުޅި އިސްކުރިޔަސް އާއްމުކޮށް އޭނަ އަކީ ވަރަށް ހަމަޖެހޭ، ލާނެތް ޒުވާނެކެވެ. ޖިލާ ދާވިޝް ގާތު އާދޭސްކޮށްފައި އިތުރު މައްސަލަގަނޑަކަށް ނަހަދަން އެދުނެވެ. އެހެންނޫނީ ރުޅިކަމަށް ބުނެ ޖިލާ އާދޭސް ކުރިއެވެ. ސަބަބަކީ ހަގީގަތް އެގި މައްސަލަ ނިމޭއިރު އާއިޒުގެ ކުށެއްނެތް ކަމަށް ދާވިޝް ވެސް ގަބޫލު ކޮށްފާނެ ތީއެވެ. ވީއިރު ދާވިޝްމެންގެ ހިތް އާއިޒު އާއި މެދު ނުބައި ކުރުވާފައި މިހިސާބުން މައްސަލަ ނިންމާލީމަ މިވަގުތަށް ރަނގަޅު ވާނެއެވެ.

ރިޔާ އަލީނާ ގޮވައިގެން ގޮސް އިށީނީ ފިނިފެންމާގަސްތައް ކައިރީގައިވާ ބެންޗުގައެވެ. މިއީ އަލީނާ ރިޔާ އާއި ފުރަތަމަ ދިމާވިތަނެވެ. ރިޔާ ވާހަކަ ފެށީ ދުރުންނެވެ. އަލީނާ އާއިގެން ނިކީ މާބޮޑަށް އުޅޭ ވާހަކަ އާއި ނިކީ އެހާވަރަށް އަލީނާ އާއިގެން އުޅެނިކޮށް ދާންޖެހިއްޖެއްޔާ ނިކީއަށް ނަފްސާނީ މައްސަލައެއް ޖެހިދާނެ ކަމަށް ބުނެފައި މިއަށްވުރެ މިގުޅުން ބޮޑުނުވަނީސް އަލީނާ އެހެންތަނެއްގައި ބަހައްޓަން ރިޔާ ގަސްތުކުރާކަމަށް ބުނެލިއެވެ. ރިޔާ އަލީނާއަށް ރީތި އެޕާޓްމެންޓެއްގައި އެކަނި ހިތްހަމަޖެހިގެން އުޅެވިދާނެކަމުގެ ހުވަފެން ދެއްކިއެވެ. އަލީނާ އަށް އެޕާޓްމެންޓެއް ހުރެފައި ފައިސާ ގެންގުޅެންޏާ ބޭނުން ބައިވެރިޔަކު ލިބިގެން އުފާވެރި ދިރިއުޅުމެއް އުޅެވިދާނެކަމަށް ރިޔާ ބުންޏެވެ. ތެދެކެވެ. ގެއެއްގައި ގެންގުޅޭކުއްޖަކަށް އެއީ ކުލަރީތި ހުވަފެނެކެވެ. ނިޢުމަތެކެވެ. މިނިވަންވީއެވެ. ލާރި އެހާބައިވަރަށް ހުރިއްޔާ ނުކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އަލީނާ ބޭނުން އަގެއް ކިޔަންވީއެވެ. ޒުވާން މިލިއަނަރެއްގެ ދަރިފުޅު ބީރައްޓެއްސަކާއި ގުޅުން ބަދަހިވީމަ އެ ގުޅުން ކަނޑުވާލަން އެމީހުން އެތިބީ ބްލޭންކް ޗެކެއް ދޭން ތައްޔާރަށެވެ. މިވީހާތަނަށް އަލީނާ ހީކުރަނީ މުއްސަދިން މިފަދަ ޗެކްތައް ހުށަހަޅަނީ ލޯބިވެރިން ދުރުކުރުމަށް ކަމަށެވެ.

"ރިޔާ، އަޅުގަޑު ދެން ނިކީ އާއި ދުރުން އުޅެފާނަން އެކަމަކު އަޅުގަޑު އެއްގޮތަކަށްވެސް އެޕާޓްމެންޓާއި ލާރިއެއް ބޭނުމެއްނޫން، އަޅުގަޑު ބޭނުމީ އެކަނި ސިކިއުރިޓީ، ރައްކާތެރިކަން. އެފަދަ ރައްކާތެރިކަމެއް މިގެއިން ލިބިފައި ވަނީ. އަޅުގަޑު މިގެއިން ނުފޮނުވާ.. އާދޭސްކުރަން......." އަލީނާގެ މޫނުމަތިން އެވަގުތު ރިޔާއަށް ފެނުނީ އިންތިހާ ދަރަޖައިގެ ޅަކަމާއި މައުސޫމްކަމެވެ. ނިކަމެތި ކުޑަކުއްޖެކެވެ.

"އެއީ ކީއްވެތަ؟ އަލީނާގެ ސްޓޯރީ ކިޔާދޭންވީނު. އެގޭ ކޮންމެވެސް ކަހަލަ މާޒީއެއް އޮތީމަކަން ތިހެންވާނީ..." ރިޔާ އިނީ ކަންބޮޑުވެފައެވެ. އަލީނާ ފަކީރު އެވަރަށް ދެރަވީ ކީއްވެބާވައެވެ. ހާދަ ތަފާތު ކުއްޖެކެވެ. އަލީނާ ދެން އޭނަގެ މާޒީ ރިޔާ އާއި ހިއްސާކުރިއެވެ. ރިޔާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ވީއިރު އަލީނާ އެކަނި ހުންނަން ކިހާ ބިރުގަންނާނެ ހެއްޔެވެ؟ ފިރިހެނެއްގެ ހިޔަނި އެޅެންވެސް އަލީނާ ފޫހިވާނެއެވެ. ދުވަހަކު މީހަކާއި ނީންނަން ވަޢުދު ނުވާންވީ ސަބަބެއް ނެތެވެ. ޅައުމުރުގައި ހިތުގައި ލާފައިވާ ލަކުނުތަކެއް ފަސޭހައިން ނުފިލާނެއެވެ. ފިރިހެނުން ދެކެ ނަފްރަތު ކުރާ ވަރަށް ބިރުވެސް ގަންނަ ކުއްޖަކީތާއެވެ. އެކަމަކު އެބުނާހެން އަލީނާއަށް މިގޭތެރެއިން އެފަދަ ބިރުވެރިކަމެއް ދިމަލެއް ނުވާނެއެވެ. ޒެވިޔަންމެން އޮޅިގެންވެސް އަލީނާ ފަދަކުއްޖަކަށް ގޯނާއެއް ނުކުރާނެ ކަމުގެ ޔަގީންކަން ރިޔާއަށް އެބައޮތެވެ.

"އޯކޭ އެލީ ދެރަނުވޭ، އަހަރެން ޒެވިޔަންއަށް ކޮންވިންސް ކުރާނަން، ނަމަވެސް އެލީގެ ސިއްރުވެސް ހިފަހައްޓާދޭނަން...." ރިޔާ ހިނިތުންވެލިނަމަވެސް އޭނަ ގެ ހިތް އަލީނާ އަށްޓަކައި ފުރިގެން އައެވެ. އެއީވެސް އޭނަފަދަ އަންހެން ކުއްޖެކެވެ. އެއްވެސް ހިމާޔަތެއްނެތި ދިރިއުޅެމުންދާ އަންހެންކުދިންގެ މައިންބަފައިން ހާދަ ފަރުވާ ކުޑައެވެ. މިވީގޮތުން އޭނަ ނިކީގެ ކޮންމެ ފިޔަވަޅަކަށް ސަމާލުވާނެއެވެ.

"ޒެވިޔަންއޭ..." އަލީނާއަށް އަހާލެވުނީ ކުޑަކޮށް ހައިރާންވެފައެވެ.

"ހޫމް ޒެވިޔަން ބޭނުންވިގޮތް މިއީ، ޒެވިޔަން އަބަދު ކިޔާނެ ރިޔާއަށް އެކަނިވެސް ދަރިފުޅު ބަލަންޖެހޭނެޔޭ އެއީ ދޮގެއްނޫން، މަންމަ ޖެހޭނެ އަންހެންކުއްޖެއް ވިއްޔާ ހިޔަނިހެން ފަހަތުން އުޅެން. އެކަމަކު އަހަރެން ތަންކޮޅެއް ކަންނެތްވީދޯ، ޒެވިޔަން ބުނީ އެޕާޓްމެންޓަކާއި ލާރި ދޭނަމޭ އަލީނާ މިގެއިން މިއަދު ފޮނުވާލާށޭ ނޫނީ އަހަރެން ކުށްވެރިވެދާނެ، މިވީގޮތުން ޒެވިޔަން ވެސް ގަބޫލުކުރާފަދަ އުޒުރެއް ދައްކާނީ......" ރިޔާ އިރުކޮޅަކު އަލީނާ އާއި ވާހަކަދައްކަން އިނީ އެކުވެރިއެއް ފަދައިންނެވެ. އަލީނާ މާތް ބަހުން ވާހަކަދެއްކުންވެސް ރިޔާ މަނާ ކުރިއެވެ. އަލީނާ އިނީ ވިސްނުމެއްގައެވެ. ޒެވިޔަން އޭނަ އާއި ދޭތެރޭގައި ކަންތައް އެ ކުރަން އުޅުނީ ކޮންފަދަ ނިކަމެތިކޮށް ހެއްޔެވެ؟ ދުވަހަކު އެކަން ހިތުން ނުފިލާނެއެވެ. އެރޭ އެހެންވީއިރު އެދިނީ ކޮންހަދިޔާއެއް ހެއްޔެވެ؟ އެގިއްޖެއެވެ. އެހެން އެޕާޓްމެންޓަކަށް އޭނަ ފޮނުވާލައިގެން ޒެވިޔަން އަނެއްކާ އެހެން ފިރިހެނުން ފަދައިން އޭނަގެ ކައިރިއަށް ޖައްސާލަން ބޭނުންވީބާވައެވެ. އޭނައަކީ ޒެވިޔަންގެ ވެސް ފައިފުއްސަކަށް ނުވާނެއެވެ. ޒެވިޔަންއަށް އޭނަ ނޭގެނީއެވެ. އޭނަގެ ހިތް އެއްވެސް ވަރަކަށް ނޭގުނީއެވެ. އޭނައަކީ ނާސިއެއް ނޫނެވެ.

ނިކީ އަށް އެއްފަހަރާ ދެ ބޭބެ އާއި، ދައްތައެއްގެ ލޯބި ލިބެން ފެށުމުން ނިކީ ފެންނަނީ އަބަދު ހެވިލާފައި ހުންނަތަނެވެ. އާއިޒު އާއި ދާވިޝް ވެސް ނިކީ އާއި ސަކަރާތްފަށެއް ގަނެލައެވެ. އޭނަ ކޮނޑަށްލައިގެންނާއި ބޭނުންހާ ކަމެއް ކޮށްދީގެން އުޅޭތީ ނިކީ ފޫހިވާނެ އެންމެ ވަގުތެއްވެސް ނުދެއެވެ. އެވަރުންވެސް ނިކީ އަލީނާ އުޅޭ ނޫޅޭގޮތް ބަލައެވެ. އަލީނާގެ ކައިރިއަށް އިރުއިރު ކޮޅާ ދާން އޭނަ ބޭނުން ވާނެއެވެ. 

އަލީނާ މަޑު ވިނަގަނޑު މަތީގައި ހިގަމުން ގޮސް ލޯނަށް ނިކުމެވުނު އިރު ޒެވިޔަން ވެސް ގެއިން ނިކުމެގެން އައީއެވެ. ގޮޅިތަކެއްދެމި އަތްދިގު ގަމީހަކާއި ޖިންސެއް ލައިގެން ހުރިއިރު ވަރަށް ރަސްމީ އަދި ފިރިހެންވަންތަ ގޮތެއްހުއްޓެވެ. އެހާ ސީރިޔަސް ގޮތެކެވެ. ރީތިކަމާއެވެ. ސްމާޓްކަމާއެވެ. ދުނިޔެއިންވެސް މިވަރުގެ ކަމެއް ފެންނާނެކަމެއް ނޭގެއެވެ. އަލީނާ ރަނގަޅަށްވެސް ނޭވާ އެތެރެހަށީގައި ތާށިވިއެވެ. ޒެވިޔަން އަލީނާ އާއި ދިމާލަށް ބަލައިލީ ނުރުހިފައިވާފަދަ ނަޒަރަކުންނެވެ. އޭނަ ފެނުމުން އެކަމާއި ހިތްހަމަނުޖެހުނީއެވެ. އަލީނާ ވަގުތުން ހީލައިފިއެވެ. ރަކި ހިނިތުންވުމެކެވެ. އެކަމަކު ސިކުންތުކޮޅެއް ފަހުން، ޒެވިޔަން ބީރައްޓެހި ގޮތަކަށް ދުރު ބަލައިލުމުން އަލީނާގެ ހިތަށް ލިބުނު މޮޅިވެރި ކަމާއި މާޔޫސީއަކުން ވަގުތުން ލޮލަށް ކަރުނައައެވެ. ޒެވިޔަން ކުޑަކޮށް ހީލާފައި ދިޔަނަމަވެސް އަލީނާގެ ހިތަށް ހަމަޖެހުމެއް ލިބިދާނެއެވެ. އެކަމަކު އެފަދަ ގާތް ވަގުތުކޮޅެއް ހިއްސާކުރެވިފައިވާ ފަރާތެއް މުޅިން ނުދަންނަ މީހަކަށް ހަދާލަން ވެދާނެ ހެއްޔެވެ؟ އަލީނާގެ ހިތް ކަތިލެވިއްޖެއެވެ. 

އެވަގުތު އަލީނާއަށް ފެނުނީ ޖިލާ އާއި އެކީގައި ނިކީ ފެންޑާއަށް ނިކުތްތަނެވެ. ހީވާގޮތުން ޖިލާ އައީ ފޯނުން ވީޑިއޯ ކުރަމުންނެވެ. ނިކީ އަށް އަލީނާ ފެނުމާއި އެކީގައި "އެލީ" އޭ ކިޔަމުން އައިގޮތަށް އަލީނާގެ ގައިގައި ހިފައިގަތުމުން އަލީނާ އާއި ދެކުދިން އެކީގައި ގޮސް ވިނަގަނޑުމަތީގައި ޖެހުނެވެ. ނަސީބަކުން ނިކީ ޖެހުނީ އަލީނާގެ ގައިމަތީގައެވެ. އަލީނާއަށް ކުޑަކޮށް ތަދުވިނަމަވެސް އޭނަވެސް ހޭންފެށިއެވެ. ޖިލާ ވީޑިއޯ ކުރަމުން ތަންކޮޅެއް ކައިރިއަށް އައިއިރު ޖިލާ ވެސް ހުރީ ހެވިފައެވެ. އަލީނާ ހައިރާންވިއެވެ. ޖިލާ މިހާ ކައިރިން ފެނުމުން ރިޔާއަށްވުރެވެސް ރީތިކަން އެގުނެވެ. އެހާ ފުރިހަމަ ދެލޮލެވެ. ފަރި ހިނިތުންވުމެކެވެ. ޝޯލްއަޅައިގެން ހުރުމުން ވަކިން މާތްގޮތެއް ދައްކުވައެވެ.

"ހައި އެލީ، އަހަންނަކީ ޖިލް......" ޖިލާ ވަރަށް ހިތްހެޔޮ ގޮތަކަށް ސަލާމް ކުރުމުން އަލީނާ ހައިރާންވިއެވެ. މީހުންގެ މޫނަށް ބަލާފައި ދަސްނުވާނެކަން އެގުނީއެވެ. އޭނަ އާއި ނާހީ ނިންމާފައި ވަނީ މިއީ ފޮނި، ބޮޑާ ކުއްޖެއް ކަމަށެވެ. ހީވާގޮތުން ރިޔާއަށް ވުރެވެސް ހިތްހެޔޮއެވެ. އެކަމަކު މައްސަލަ ޖެހޭނީ މިކުދިންގެ މަންމަމެންނަށް ފެނިއްޖެއްޔާއެވެ. އަލީނާ އާއި ދިހަ ފޫޓަށްވެސް ކައިރިނުވާން އޯޑަރު އަންނާނެއެވެ. ނާހީ ކިޔާގޮތުން ވިއްޔާ ޒީބާގެ އޯޑަރު ހިޓްލަރުގެ އޯޑަރަށް ވުރެވެސް ނުރައްކާތެރިއެވެ. ހީވަނީ ދުނިޔޭގެ ރަނިކަންކުރަން އުޅޭ އަންހެނެއް ހެނެވެ. ޖިލާވެސް އަލީނާމެންނާއި އެކު ވަގުތުކޮޅެއް ހޭދަކުރިއެވެ.

ޒެވިޔަން އެއްގޮތަކަށްވެސް ދާވިޝް އާއި ރިޔާ އެކަނި ކޮޓަރީގައި ތިބެދާނެ ކަމަށް ހިޔެއް ނުކުރެއެވެ. އޭނަ ޑިއުޓީއަށް ދިޔުމުން ދާވިޝް ގެ ގޮތެއްނެތްކަމުން މިހިސާބަށްވެސް ވަދެގަތީއެވެ. ޚިދުމަތްތެރި އަންބެއް ފަދައިން އެނދުތަންމަތި އަޅާފައި ގޮސް، ރިޔާހުރީ ވާސްއެއްގައި ތާޒާ ފިނިފެންމާތަކެއް އެތުރުމުގައި އަވަދި ނެތިއެވެ. ރިޔާ ގުދުވެލައިގެން އޮތްއިރު ޓޮޕްކޮޅުގެ ކަރުވަޅު ހުރިގޮތަކުން މޭމަތީގެ ބޮޑު ބަޔެއްވަނީ ހާމަޔަށެވެ. އިރުގެ އަލި އެ އިސްތަށިގަނޑާއި މޫނަށް ޖާދޫއެއް ހަދަމުން ދާހެން ހީވެއެވެ. އެހާވެސް އޭނަ ރީއްޗެވެ. ރީތި ތަސްވީރެއް ފަދައެވެ. ޒެވިޔަން ދޮރުހުޅުވާލި ގޮތަށް ދޮރުމަތީގައި ފާޑަކަށް ބަލަހައްޓައިގެން ހުރުމުން ދާވިޝްގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ދާވިޝް ކުޑަދޮރު ކައިރީގައި ހުރެގެން ކޮންމެވެސް އެއްޗެކޭ ކިޔަކިޔާފައި ހީހީފައި އުޅޭއިރު ރިޔާގެ މޫނު އަލިކަމުން ހީވަނީ ހުރިހާ އުފާތަކެއް އެ މޫނަށް ޖަމާވެފައިވާ ހެންނެވެ. ނުވީތާކަށް ރިޔާ ހުރީ ކޮޓަރީގައި އޭނަ ލައިއުޅޭފަދަ ސޯޓަކާއި ޓޮޕެއްގައެވެ. 

"ޑެވިލް މިއޮތް ދައްކާލީ، ނަން ނުކިޔައިގެންތަ ތިހިރީ ޑޫޑް، ރިޔާ އަބަދު މިސްވަންޏާ ޑިއުޓީގައި ހުއްޓަސް ދަމައި ގެންނަނީދޯ، އެކުއްޖާފުޅު މިއޮތް އަވީގައި އެއައީ މާތައްބިނދެލައިގެން ޒެވީއަށްޓަކައި، އަހަރެންވެސް އެހާ ލަކީނަމަ......" ދާވިޝް ގެ ވާހަކައަށް ޒެވިޔަން އަޅައެއް ނުލުމުން ދާވިޝް ލާނެތް ހިނިތުންވުމަކާއެކު ޒެވިޔަންގެ ކޮނޑުގައި ޖަހާލައިފިއެވެ. އެމީހުންނާއި މެދު ނުބައި ޝައްކެއްކޮށްގެން ފާފަވެރިނުވުމަށް ދާވިޝް އެބުނެލީ ކޮންމާނައެއްގައި ކަމެއް ޒެވިޔަން އަކަށް ނޭގުނެވެ. ޒެވިޔަން ހިތާހިތުން ދަތްކުނޑިވިކައިގެން ހުއްޓަސް މޫނުމަތިން އެކަމެއް ނުދައްކައެވެ. ނަމަވެސް އަތްމުށްކަވާލެވުނެވެ. އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރަމުން، އޭނަ ދާވިޝްގެ މޫނަށް އެތިފަހަރެއް ވީއްލާނުލައި އަތް ޖިންސްގެ ޖީބަށް ޖަހާލައިފިއެވެ.

ކޮމެންޓް 0