މަންމަ ކަމަށް ފުރަތަމަ ޔަގީން ކޮށްފައި ވެސް ރަނގަޅަށް ވިސްނައިލުމުން އެއީ އެހެންމީހެއްގެ ފިޔަވަޅުކަން ޒެވިޔަން ދެނެގަތެވެ. އެކޮޓަރިއަށް ވަދެގެން އައި ނަރުސް ކުއްޖާ ޒެވިޔަން ފެނުމުން ފާޑަކަށް ރަކިވެފައި އަވަހަށް ނިކުތެވެ. "ސޮރީ، ރޯންގް ރޫމް" އެކުއްޖާ ގެ މޫނުގެ ކުލަ ބަދަލުވިތަން ފެނުމުން އަލީނާއަށް މަޖާވިއެވެ. އެމެރިކަން ކުދިންވެސް ޒެވިޔަން ފެނުނީމަ ރަކިވެގެން، ތުއިވަނީ ހާދަ ވަރަކަށެވެ. އެކުދިން އެހާ އިސްކޮޅުން ދިގުވެފައި، ބާބީޑޯލް އިރުވެސް އޭނަ އަކާއި ވާދައެއް ނުކުރެވުނެވެ. އޭނަގެ ނަސީބު ރަނގަޅު ކަމުން މިއިނީ ޒެވިޔަންގެ އަންބެއްގެ މަގާމު ގައެވެ. މިފަދަ މަތިވެރި ނިޢުމަތެއް ލިބުމުން ރޯން ޖެހޭނެ ހެއްޔެވެ؟ ނޫނެކެވެ. އޭނަގެ ލޮލުން ދެން އޮހެން ޖެހޭނީ ޝުކުރުގެ ކަރުނައެވެ. ފުރަތަމަވެސް އެހިތް ޝުކުރުން ފުރުނީ ހެއްދެވި ފަރާތަށެވެ.

"ޒާވް ތެންކިއު....." އަލީނާގެ ދެލޮލުގައިވި ބޮޑެތި ކަރުނަތަކުގެ ތެރެއިން ވެސް އެ ދެލޯ ހިނިތުންވާފަދައެވެ.

"ކޮންކަމަކާތަ؟" ޒެވިޔަން އަލީނާގެ މަޑުއަތްތިލަ އަތަށް ލައިގެން އިނދެފައި މަޑުމަޑުން ފިތާލައިފިއެވެ. އަލީނާގެ ރީތި މޫނަށް ބަލަހައްޓައިގެން އިންނަން ޖެހުމުން ލޮލުގައި ގިނަވި ކަރުނަތައްވެސް މައިތިރި ވެއްޖެއެވެ. ހިތް ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިއްޖެއެވެ.

"ފޯ ބީންގް ވިދް މީ، އަޅުގަނޑު މިހާ އެކަނިވެރިކޮށް އުޅޭއިރު ޒާވް ނެތްނަމަ މަރުވެއްޖައީސް ކަންނޭގޭ، ޔަގީނުންވެސް މަރުވަންދެން އަޅުގަނޑު ޒާވްގެ ޚިދުމަތުގައި ހުންނާނަން، މިހާރުވެސް އެނގޭ ޒާވްގެ މަންމަވެސް އެހާ ހިތްހަމައެއް ނުޖެހޭނެކަން އެހެންވެ މިހެން ބުނީ، މަންމަމެން ހިތްހަމަނުޖެހިގެން ދޫކޮށްލަން ބުނާ ދުވަހަކީ ހަޔާތުގެ އެންމެ ފަހު ދުވަހަށްވެސް ވެދާނެ، އެކަމަކު ޒާވް ގެ ނޯކަރެއްގެ ގޮތުގައި ބެހެއްޓިޔަސް ހެޔޮ، ކުރިންވެސް ބޭނުންވީ އެގޮތް، ކޮންމެވެސް ސިފައެއްގައި ޒާވް ފެންނަ ހިސާބުގައި ހުރުމަކީ ވެސް ލިބޭނެ ހިތްހަމަޖެހުމެއް، މިހާ ބޮޑު ނިއުމަތެއް ލިބިދާނެ ކަމަކަށް ދުވަހަކު ވެސް ޑްރީމެއްގައި ވެސް ނުދެކެން، އެކަމަކު.... ޒާވްއަށް އެނގޭތަ؟ ހާދަ ދުއާއެއް ކުރިން، އެކަނި ދުނިޔެ އިން ބޭނުންވި އުފަލަކީ ނަސީބަކީ ތިއީ... ވަރަށް ވަރަށް ލޯބިވޭ ޑޯންޓް އެވަރ ލީވް މީ. ޕްލީޒް......" އަލީނާއަށް މިއަދު އެވާހަކަ ބުނެވުނީ ޒެވިޔަން އައިނު އަޅާލައި ގެން އިނުމުންނެވެ. އެ ތޫނު ދެލޯ ފަރުދާވެފައި ވުމުން ފުރަތަމަ ފަހަރަށް އަލީނާ ޒެވިޔަން ގާތުގައި ލޯބިވާ ވާހަކަވެސް ބުނަން ކެރުނީއެވެ.

އޭރު އަލީނާގެ ލޮލުގައި ގިނަވި ކަރުނަތައް އޮމާން ކޯތާފަތް މަތިން ތިރިއަށް ދެމެމުން ދިޔައެވެ. ޒެވިޔަން އަލީނާގެ ކަރުނަތައް ފޮހެދިނެވެ.

"ލޯބިވަމޭ ބުނާ އިރުވެސް ރޮނީތަ ބޭބީ ގާލް، ވަކިވުމުގެ ވާހަކަދައްކާކަށް އަދި ކައިރިއެއްވެސް ނުވޭ.. އަހަންނަށް ޓްރަސްޓް ކުރޭ........" ޒެވިޔަން އަލީނާގެ އަތުގެ އިނގިލި ތަކުގައި ބޮސްދިނެވެ. އޭނަގެ ހިތުގައި ކިތަންމެ ވާހަކައެއް ވެއެވެ. ނަމަވެސް ޒެވިޔަން އެހާ އަވަހަށް އެއްބަސްވާކަށް ބޭނުމެއް ނުވިއެވެ. ކޮންމެވެސް ސަބަބަކާއި ހުރެ ޖެހިލުންވެ، އެލަފުޒުތައް ބުނެލަން އުދަގޫވެފައި ވެއެވެ. ކޮންމެވެސް ނޭގޭ ބާރެއް އޭނަ އެހެން ބުނުވުން ހުއްޓުވާހެން ހީވެއެވެ.

ފަރުބަދަމަތީގެ ގެއަށް ވުރެ މައިމޫންމެން ނިއުޔޯކްގައި އުޅޭގެ ދުރުން ބަލާއިރުވެސް މާ ބޮޑުވެފައި ރީއްޗެވެ. ގަނޑުވަރެއްފަދަ ބޮޑު ގެ ވަނީ ހަތަރުބުރިއަށް ނަގާފައެވެ. ބަހާރު މޫސުމްގެ ކުލަތަކުން އެގޭގެ ބަގީޗާވެސް ހީވަނީ ރީތިކަމުން ހުވަފެނެއް ހެންނެވެ. ބަގީޗާގައި ޓިއުލިޕްގެ އެކި ކުލަތަކާއި، ލައިލެކް، އައިރިސް، އަޒާލިއާ ފަދަ އެތައް މާތަކެއް ފޮޅެން ފަށައިފިއެވެ. ވަށިގަނޑު ތަކުގައިވާ ގަސްތަކުގައި ވެސް ފަތަށް ވުރެ މާތައް ގިނައެވެ. ރެޑްބަޑް ގަސްތަކާއި، މެގްނޯލިއާ ގަސްތައް ފެންނަ އިރު ޗާލުކަމުން ހިތްތައް އާޝޯޚު ކުރުވާހާވެއެވެ. ގެއިން އެތެރެއަށް ފިޔަވަޅެއް އަޅާފައި ހިނގައިގަންނަން ވެސް އަލީނާ އަކަށް ނޭގުނެވެ. ހޯލު އެހާ ތަނަވަސްވެފައި ސޯފާސެޓްތައް ގިނަކަމުން ހީވަނީ ފަންސާހަކަށް މީހުންނަށް ދަތިކަމެއްނެތި އެތަނުގައި ތިބެވިދާނެ ހެންނެވެ. ފާރާއި، ފަރުނިޗަރުތަކުގެ ޑިޒައިން އާއި ކުލަތައް ގުޅުވާލާފައި ވާގޮތުން އިންޓީރިއަރ ޑިޒައިނަރަށް ސާބަސް ދޭހާވެއެވެ. އުށްބައްތި ޗާންދަލިޔާތައް ސީލިން އާއި ބިތުގައި ހަރުކޮށްލާފައިވާއިރު ޝާހީ ގޮތެއް ހުއްޓެވެ. ހީވަނީ ގަނޑުވަރެއްގައި އުޅެވޭހެންނެވެ. އަލީނާއަށް މިގޭގައި ދުވަސްކޮޅަކު އުޅެން ހަމަޖެއްސީ ޒީބާ އެވެ. އަލީނާގެ ހާލަތު އަދި ނާޒުކް ކަމާއި، ދަރިފުޅު ހަރުލެއްވުމުގައި އެއްވެސް ކަހަލަ މައްސަލައެއް ކުރިމަތިވާކަށް ޒީބާ ނޭދެއެވެ.

އަލީނާއަށް ލިބުނީ މަތީބައިގެ ގެސްޓް ކޮޓަރި އެކެވެ. އެކޮޓަރިވެސް ހިތްފަސޭހަކަމުން އަލީނާ އިނީ ތަނެއްގައި އަތް ޖައްސާލަން ވެސް ނުކެރިފައެވެ. އެއްޗެއް ހަލާކުވެދާނެތީ ސްވިޗްބޯޑަކާއި ކުޅެލަންވެސް އޭނަ ބިރުގަތެވެ. ހީވަނީ އާތަނެއް ހެންނެވެ. އޮފްގަދަކަމާއި، ރީތިކަމުން ކޮންމެ ތަނެއްވިދައެވެ. ގަނބައިގެންދާފަދަ މަޑު ގޮދަޑީގައި ބުރަކަށި ޖައްސާލެވުމާއިއެކު އަލީނާގެ ލޯބަރުވީ ލިބުނު އަރާމަކުންނެވެ. ހަށިގަނޑުގައިވާ ވޭނާއި ލޮޑުކަން ވެސް ހަނދާން ނެތިއްޖެއެވެ. އިރުކޮޅެއް ފަހުން އަލީނާ ކޮޓަރީގެ ކުޑަދޮރުތައް ހުޅުވާލައި ގެން އިނދެ ބޭރުން ފެންނަ ހުވަފެނީ ރީތިކަން ދެކެން ގެއްލިފައި އިން އިރު ލިބުނު ނިއުމަތްތަކާއިމެދު ވިސްނާ ހިތް ޝުކުރުން ފުރުނެވެ. މިއީ ވަގުތީ އުފަލެއްކަމަށް ހިތް އިންޒާރުކުރިއެވެ.

އަލީނާ ފޫހިވީމަ ބައެއްފަހަރު ގަސްތަކުގެ ތެރޭގައި ހިނގާލަން ދެއެވެ. މާތަކުގައި ފިރުމާފައި ވަސް ބަލައިލައެވެ. ނަމަވެސް ހުއްދަނެތި މަލެއް ބިންނާކަށް ނުކެރެއެވެ. އެހެން އިންނައިރުވެސް އަލީނާއަށް ތާއަބަދުހެން ވިސްނެނީ ޒެވިޔަން އާއި މެދުގައެވެ. އޭނައަށް ލިބެން އުޅޭ ދަރިފުޅާއި މެދުގައެވެ. އެއީ އެދެމަފިރިންގެ ލޯބީގެ ނިޝާނެވެ. އަލީނާއަށް ބަނޑުގައި އެތައްފަހަރު ފިރުމައިލެވެއެވެ. އޭނަގެ ތުންފަތް މަތިން އެންމެ ފަހަރަކުވެސް ހިނިތުންވުން ފިލައިގެން ނުގޮސް ހުރުމުގެ ސިއްރަކީ އެއީއެވެ.

މިއަދުވެސް ޒެވިޔަން ވީ ޑިއުޓީގައެވެ. މައިމޫންގެ ދެމަފިރިންވެސް ގޭގައި ނޫޅުއްވައެވެ. އަލީނާ ހެނދުނު ނާސްތާ ކުރަން ދިޔައިރުވެސް މޭނުބައިކޮށް، ވަރުބަލި ވާތީ އެއްޗެއް އަނގަޔަށްލާހިތެއް ނުވިއެވެ. ސައިތަށްޓަކާއި އެކު ބިސްކޯދެއް ކާލައިގެން މަޑުމަޑުން ހިނގާލައިފައި ލިފްޓާއި ދިމާލަށް ދަނިކޮށް ސީމާ މާބާރަކަށް ގޮވާލައިފިއެވެ.

"ޒީބާ ވެސް މިކުއްޖާ ޅަކުރާން އުޅޭހެން މަށަށް ހީވެއްޖެ، ބަދިގެއިން ނުފެންނާތީ މަ އަހާލިހާ އިރުން އަދި ޒީބާ ބުނެފި ބަލިވެ އުޅެނީއޭ، މަށަށް އެނގެޔޭ ކަލެއަށް ޖެހިގެން އުޅެނީ ކޮންކަހަލަ ބައްޔެއްކަން، ކޮންމެހެން ގައި ބާރެއްނެތް މީހެއް ކަމަށް ހެދިގެން ދެފައި ދަމަމުން އަންނާނެ ކަމެއްނެތް، ކަލޭ މުޅިންވެސް ތިޖައްސަނީ އެކްޓް، އާދޭ އަހަރެން ކޮޓަރިއަށް، މަ ވަރަށް ދުވަސްވެއްޖެ އެއްޗެހި ނުދޮވެ ހުންނަތާ، ކަންނެތް ވެގެން ލިފްޓުން އަރާނެ ކަމެއްނެތް، ސިޑިން އަރާ...." ސީމާ އެއްޗެހި ކިޔައި ގަތުމުން އަލީނާ ބިރުން ހުރެ ސިޑިން އެރީ ވަރަށް މަޑުމަޑުންނެވެ. ދަރިފުޅަށް ކުޑަ ކުޑަ ގެއްލުމެއް ވެދާނެތީވެސް އޭނަ ބިރުގަނެއެވެ. އެހެންނޫނަސް މައްޗަށް އަރައި ނިމުނު އިރު އޭނަ ހުރީ ކޮންމެވެސް ވަރަކަށް ހާސްވާ ގޮތްވެފައެވެ. ސީމާގެ ކޮޓަރިއަށް ދިޔުމުން އެތައް މަސައްކަތެއް ޖެއްސުވިއެވެ. އޭނަ ވަރުބަލި ވެގެން ގޮސް މޫނަށް އަނދިރިވާ ގޮތްވެސް ވިއެވެ. ހީވަނީ ޖެއްސުމަށް ކަންތަކު ކިޔައިގަތް ހެންނެވެ. ނުވީތާކަށް ޖިލާ ވެސް ގޮވާލައިފައި އޭނަގެ ހެދުންތައް އިސްތިރިކޮށްލަދޭން އެދުނެވެ.

އަލީނާ ހުރީ އެކަނި އެކޮޓަރީގައި ހުންނަން ވުމުން ފިކުރު ބޮޑުވެފައެވެ. ޑްރެސިން ޓޭބަލްމަތީގައިވެސް ހާމަޔަށް އެތައް ގަހަނާތަކާއި، ޖަވާހިރު އަދި އަލިމަސްފަދަ އަނގޮޓި ތަކާއި އެއްޗެހި ހުއްޓެވެ. އެއިން އެއްޗެއް މަދުވިޔަސް އޭނަގެ ބޮލުގައި އެޅިދާނެއެވެ. ޖިލާގެ ވާޑްރޯބް ފެނުމުންވެސް އަލީނާ ހުރީ ހައިރާންވެފައެވެ. ހެދުންތައް ގިނަކަމުން ހެދުން ވިއްކާ ފިހާރަ އަކަށް ދޫނުކުރެއެވެ. ޖިލާ އެދުނީ އިސްތިރިކޮށްލާފައި ހެދުންތައް ހަރުގައި އަޅުވާދިނުމަށެވެ. އަލީނާ އިސްތިރި ކުރަން ހުއްޓާ ކުއްލި އަކަށް މީހަކު ދޮރުހުޅުވާލައިފައި ވަންހެން ހީވެގެން އެނބުރި ބަލައިލިއިރު އާއިޒު ޓީޝާޓް ބާލަނީ އެވެ. އަލީނާ ހާސްކަމާއިއެކު ދުރަށް ބަލަން އުޅުނު އިރު އާއިޒުއަށްވެސް އެދިމާލަށް ބަލައިލެވިއްޖެއެވެ.

"އަލީނާ......" އާއިޒުއަށް ކިޔައިލެވުނީ ގަބޫލުކުރަން ދަތިގޮތަކަށެވެ. 

"ޖިލާ.. ބުނެގެން.... އަޅުގަނޑު..." އަލީނާ ރަކިވިވަރުން އަޅައަޅައިގެންފައި ބުނެލިއެވެ.

"އޯކޭ. ރަނގަޅު ވާނެއޭ......" އާއިޒު ކުޑަކޮށް ހީލާފައި ޓީޝާޓް ބޮލުން ވައްޓާލަމުން ނިކުތީ ޖިލާ ވީތަނެއް ބަލައިލުމަށެވެ. ބައެއްފަހަރު ޖިލާ ފޯނު ނިވާލައިގެން މިބޮޑުގޭގައި ފިލައިގެން އުޅޭވަގުތު އާއިޒު ގެ މޫޑު ހާދަ ގޯސްވެއެވެ. ކޮންމެ ކޮޓަރިއެއް ހުޅުވާފައި ޗެކްކުރުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. އެކުއްޖާ ހިތަށް އަރައިފިއްޔާ އާއިޒުއަށް ލަނޑުދޭން ނުފެނި އުޅެދާނެއެވެ.

އެގޭގެ ފަހަތު ފެންޑާ އާއި ދިމާލަށް ހުންނަ ބޮޑު މެގްނޯލިއާ ގަހުގެ ގޮފިތައް ފެތުރިފައިވާލެއް ވަރަށް ހިތްގައިމެވެ. ވައިރޯޅި ތަކާއިއެކު ނަނާއެއް އަޅުވަމުން، މަލުގެ މީރުވަސް މުޅި ހިސާބަށް ފަތުރާލާފައި ވެއެވެ. އެގަހުގެ ދަށުގައިވާ ގޮނޑިތަކެއްގައި ދާވިޝް، ރިޔާ އަދި ޖިލާ ރާޒުވާ ކުޅެން ތިބީ ފިނި ދުވަހަކަށް ވާތީ ލައިޓް ސްވެޓަރުތަކުގައެވެ. އެކި ކުލައިގެ ސްޓައިލިޝް މޫސުމްގެ ހެދުންތަކުގައި ތިން ކުދިންވެސް ފެންނަނީ އިޝްތިހާރަކަށް ތައްޔާރުވެލައިގެން ތިބިހެންނެވެ. އާއިޒު ތަންކޮޅެއް ދުރުގައި ހުރެ އަތުން އަންނާށޭ ބުނުމުން ޖިލާ ތެދުވެގެން ދުއްވައިގަތް ގޮތުން ހީވަނީ އާއިޒުގެ އަޅެއްހެންނެވެ.

"ސޮރީ އާއިޒު، ކޮޓަރިއަށް ވަދެފައި ހާޓްއެޓޭކެއް ޖެހުނީދޯ، މިގަޑީގައި އާއިޒު އަންނާނެ ކަމަށް އެކްސްޕެކްޓެއް ނުކުރަން އެހެންވެ އޭނަ ލައްވާ އިސްތިރިކުރުވަން ވެގެން އުޅުނީ، އެހެންނޫނަސް އެއީ ޕްރޮސްޓިޓިއުޓެއް، ޒެވިޔާވެސް އޭނަ އާއި އެކީގައި ރޫމްގައި އުޅޭތަން ދެކެން އެހެންވެ ދެން ހިތަށް އެރީ އާއިޒު ވެސް ސެޑިއުސްކުރަން އުޅޭނެއޭ، އޭނަ އެއްވެސް ކަމެއް ނުކުރޭތަ؟" އާއިޒު އެއްޗެކޭ ބުނުމުގެ ކުރިން ޖިލާ މަޖާ ގޮތަކަށް ހީނފައި ބުނެލިއެވެ.

"ވަޓް....." އާއިޒު ލޯ ހަނިކޮށްލިއެވެ.

"އިޓްސް ޓްރޫ އާއިޒު، ގަބޫލު ނުކުރެވެންޏާ ޒެވިޔާ ކައިރިން އަހާބަލަ، ޒެވިޔާވެސް ހާދަ އަގުވެއްޓޭ ގޮތަކަށް އެއުޅެނީ، މެއިޑެއްގެ ފަހަތުން އުޅުނީމަ އަހަރެމެންވެސް ލަދުގަނޭ....." ޖިލާ އެސްފިޔަތައް ހިއްލާލައިފައި އާއިޒުއަށް ބަލައިލީ ހިތް ދަމައިގަންނަ ފަދަ ރީތިކޮށެވެ. އެ ދެލޮލުގައި އަނދުން އަޅާފައިވާއިރު ލޮލުގެ ރީތިކަން ހާސްގުނަ އިތުރުކުރުވައެވެ.

"އިޓްސް ނޮން އޮފް ޔޯ ބިޒިނަސް ޖިލާ، ދެން އެހެންމީހުން އުޅޭގޮތް ބަލާކަށް ޖިލާ ނުޖެހޭނެ، އެކަމަކު އެހެން ކޮޓަރިއެއްގައި އޭނަ އިސްތިރި ކުރުވަން ބަހައްޓަބަލަ، އަސްލު ވަރަށް ޑިސްޓާބްވޭ އެގޮތަށް ހިލޭ ކުއްޖަކު ރޫމްގައި ހުރީމަ، އަހަރެން ބޭނުންވާނެ ޕްރައިވެސީ...." އާއިޒު ފެންޑާގެ ތަބުގައި އަތް އަޅުވާލައިގެން ހުރި އިރު ރީތި ދެލޯވަނީ ޖިލާއަށް ހުއްޓިފައެވެ. ޖިލާގެ މޫނަށް ރަތްކުލަ ވެރިވާންފެށިއެވެ. އެދެލޮލުގެ ތޫނުކަމުން އޭނަގެ ގައިގައި ކަރަންޓުގެ ރާޅު ބާނި ތަކެއް ދަތުރުކުރުވިއެވެ. އެންމެ ބަލައިލުމަކުންވެސް ޖިލާ އާއިޒުއަށް ބޭނުންވެއެވެ.

މިފަހަކަށް އައިސް އާއިޒު އާއި ޖިލާ އާއި ދެމީހުންގެ ކައިވެނީގެ ގުޅުން ކިތަންމެހާވެސް އޮމާންކޮށް ކުރިއަށް ދެއެވެ. އެކަމަކު އާއިޒު އާއި ޖިލާގެ ދިރިއުޅުމުގައި "އިޝްގު" އެ ބައި އެއްގޮތަކަށް ނޯވެއެވެ. އަދި ބައެއްފަހަރު އާއިޒު އަމަލު ކުރާ ގޮތުން ޖިލާއަށް ހީވަނީ އޭނަ މަންމަމެން ކައިރީގައި ދެއްކި ދޮގުވާހަކަތައް ތެދުކުރަން އުޅޭހެންނެވެ. އެކަނިވީމަ ޖިލާގެ ހިތަށް އަސަރުކުރެއެވެ. ކައިވެނީގެ މީރު ކަމާއި، އުފާތައް އެތައްފަހަރު ލިބި އެކަމުގެ ހިތްހަމަޖެހުން އެންމެ މައްޗަށް ލިބެމުންދިޔަސް އޭނައަށް އާއިޒުގެ ފަރާތުން އެއްވެސް ލޯތްބެއް ނުލިބެއެވެ. ޖިލާވެސް ބޭނުން ވަނީ ލޯބިން އުޅޭނެ ލޯބިވެރިޔެކެވެ. ލޯބިން މެސެޖްކޮށް، މަލާއި އެއްޗެހި ދީ، އެކިދުވަސްތައް ފާހަގަ ކުރާނެ ބައިވެރިޔެކެވެ. އެކަނި އެކީގައި ނިދާލާނެ ބައިވެރިޔެއް ނޫނެވެ.

އެކުދިން ވާހަކަދައްކަން ތިއްބާ ސީމާއަށް އެތަނަށް ނިކުމެވުނެވެ. އޭނަ އެންގީ މެންދުރު ކެއުން އޮންނާނީ ބަގީޗާ ތެރޭގައި ކަމުގައެވެ. އިރުކޮޅެއް ނުވަނީސް އަލީނާ ތަށިތަކާއި، ތަބައްތަކެއް ހިފައިގެން އައެވެ. ކޮންމެ ފަހަރަކު ކޮންމެވެސް އައިޓަމެއް ގެނެސް މައްޗަށް ލާފައި އަނެއްކާ އޭނަ ޖެހެނީ ސީމާ ބުނާ އެއްޗެއް ބަލައި ބަދިގެއަށް ދާށެވެ. އާއިޒުއަށް އެކަމާއި އުދަގޫވިއެވެ. ދާވިޝްގެ ހިތުގައި ވެސް ހަމްދަރުދީ އުފެދުނީ އެއްފަހަރު އަލީނާ އާއި ދިމާލަށް ބަލައިލެވުނު އިރު އެމޫނު ހުދުވެ އިންތިހާއަށް ވަރުބަލިވެފައި ހުރިހެން ހީވުމުންނެވެ. ރިޔާ އާއި ޖިލާ އަކަށް އެކަމެއް ނުވިސްނުނެވެ. އެކުދިން ކާއެއްޗެހި ތަށިތަކަށް ލައިގެން ކެއުމާއިގެން މަޝްޣޫލު ވެގެން އުޅުނެވެ. ސީމާ ރަނިކަނބަލެއްހެން އުދޯލި ހެއްލަން އިން އިރު އަލީނާއަށް ޖެއްސުންކޮށްލެވޭތީ އެމޫނު ވަކިން އަލިހެން ހީވިއެވެ. ހުރިހާ އެއްޗެއް ހަމަޔަށް ގެނެވިއްޖެ ކަމަށް ބުނެލާފައި އަލީނާ ދާން އުޅުނީ ކުޑަކޮށް އަރާމު ކޮށްލުމަށެވެ.

"އަދި ޑެވިލްސް ފުޑް ކޭކު ގެނެސްބަލަ، އެއީ މިގޭ ކުދިންނަށް މާމީރު އެއްޗެއްނު....." ސީމާ ކަމެއް ހަނދާންވި ފަދަ ގޮތަކަށް ބުނެލައިފިއެވެ. އަލީނާ އެކޭކު ބަލާގޮސްފައި އައިއިރު އޭނަގެ މޫނުގައި ދާތިކިތައް މުތީތައް ފަދައިންވިދައެވެ. އެ ދޮންމޫނު ހީވަނީ ކަފަކޮޅެއް ހެންނެވެ. އަލީނާ ހިތްވަރުކޮށްލާފައި ގޮސް ކުޑަ މޭޒުމަތީގައި އެ ޓްރޭ ބަހައްޓާފައި ހިންދެމިލުމާއެކު އަރިއަޅާލައިފިއެވެ. ދާވިޝް ވަރަށް ހުޝިޔާރު ކަމާއިއެކު އަލީނާގެ ގައިގައި ހިފެހެއްޓި ގޮތަށް އުފުލާލައިގެން ގެންގޮސް ބެންޗެއްގެ މަތީގައި ބާއްވައިފިއެވެ. ރިޔާ އާއި ޖިލާވެސް ކައިރިއަށް ޖެހިލިއެވެ.

"މަރުވެގެން ވެއްޓުނީތަ؟ " ސީމާ ހަމްދަރުދީއެއްނެތް ގޮތަކަށް ބުނެލައިފިއެވެ.

"ނޫން މަންމާ، ފެއިންޓްވީއޭ..." ދާވިޝްއަށް ވެސް މަންމަގެ އެ ޖުމްލައިން އަސަރު ކުރިއެވެ. މަންމަގެ ވާހަކަ ހުރި ގޮތުން އޭނަގެ ހިތްހަމައެއް ނުޖެހުނެވެ. އޭނަ ފިނިފެންފޮދެއް އަލީނާގެ މޫނަށް ވިއްސާލައިފިއެވެ.

"ޒީބާ އަދި މިކުއްޖާ ބައްޔޭ ބުންޏަސް މަންމަ ހިޔެއްނުކުރަން އެހެންވެދާނެ ކަމަށް، އެކަމަކު ޒީބާ ބުނާނެ މެޑިކަލީ ބަރާބަރޭ، އެހާ ފިޓްނަމަ ކިރިޔާ މަސައްކަތެއް ކޮށްލާއިރަށް އަދި އަނބުރައި ގަންނާކަށް ނުޖެހޭނެ.. ދެން މިރާއްޖެތެރޭ ކުދިންގެ މަކަރެއްވެސް ނޭގޭނެ....." ސީމާ ޝައްކު ކުރީ އަލީނާ މަކަރު ހަދައިގެން އޮތީކަމަށެވެ. ހުރިހާ ކުދިން އަލީނާ ވަށާލައިގެން ތިބުމުން ސީމާގެ ހިތުގައި ރުޅިވެރިކަން އުފެދުނެވެ. އަލީނާ މިހާ ގާތްކޮށްގެން އުޅެން ޖެހޭ އެއްވެސް ސަބަބެއް ސީމާ އަކަށް ނުވިސްނެއެވެ. ޖިލާ އަތް ދިއްކޮށްލާފައި މެގްނޯލިއާ މާކޮޅެއް ބިނދެލާފައި އަލީނާގެ ނޭފަތުގައި ޖައްސާލިއެވެ. ލުނބޯ އަދި ވެނީލާ އެކުވެފައިވާފަދަ މީރުވަހެއް މެގްނޯލިއާ މަލުގައި ދުވައެވެ. އިރުކޮޅެއް ނުވަނީސް އަލީނާ އެސްފިޔަތައް ތަޅުވާލައިފައި ދެލޯ ހުޅުވާލައިފިއެވެ. އެންމެން ހާސްކަމާއިއެކު އޭނަ އާއި ދިމާލަށް ބަލަހައްޓައިގެން ތިބިތަން ފެނުމުން އަލީނާ ކުޑަކޮށް ރަކިވިއެވެ.

"އަލީނާގެ ފޯލްޓް، ދެން މާ ޓަޔަޑްވީމަ އަހަރެމެން ގާތުގައި ބުނެލިނަމަ އެއްނު، އަހަރެމެން ގޯސްކުރަން މިއަލީނާ އުޅޭނެ..." ރިޔާ ހިތްހަމަނުޖެހިފައިވާކަން އެވަގުތުވެސް އަންގާލާފައި ތެދުވެ ހަށަން ބަދެލިއެވެ. އެކަމަކު އޭނަ ހުރީ ނިކަން ބޮޑަށް ހާސްވެފައެވެ. އަލީނާ އޭނަގެ ދަރިއަކަށް ބަލިވެއިން އިރު އަލީނާއަށް ގޮތެއް ވެގެން ނުވާނެއެވެ. އޭރުން ދަރިފުޅަށްވެސް ގެއްލުމެއް ވެދާނެއެވެ. އޭނައަށް ކުރިން އެކަން ނުވިސްނުނީ ކީއްވެބާވައެވެ. އަލީނާ ލައްވާ މަސައްކަތެއް ނުކުރުވަން މަންމަ އަންގާފައި ވަނީ ކޮންމެހެން އަލީނާއަށް ހެޔޮ އެދިގެނެއް ނޫނެވެ. ދަރިފުޅަށް ޓަކައެވެ. 

"މިހާރު ރަނގަޅުތަ؟ އަހަރެމެން ހާޓްއެޓޭކެއް ނުޖެހުނީ ކިރިޔާ، އަދި މި އަށްޑިހަ ކިލޯގެ ބަރުކުއްޖާ އުފުލާލައިގެން ގެންގޮސް ބެންޗަށް ލާންވެސް ޖެހުނީ މަށަށް ވިއްޔަ، ޑޯންޓް އެވަރ ޑީ ދެޓް އެގެއިން ލޭޑީ....." ދާވިޝް އެއް ލޯމަރާލާފައި އޭނަގެ މަންމައަށް ނުފެންނާނެހެން ސަކަރާތެއް ގަނެލިއެވެ. ސީމާ އެންގީ ހުރިހާކުދިން ކާން ފެށުމަށެވެ. އަލީނާ އަރާމުކުރަން ކޮޓަރިއަށް ދާން އޭނަ އަމުރުކުރީ ނުރުހުމުގެ ނަޒަރަކުން ބަލައިލަމުންނެވެ. އަލީނާ އަވަސްއަވަހަށް ތެދުވެގެން އިސްއޮބާލައިގެން ހުރެ ދާން ހިނގައިގަތުމުން ރިޔާ ހުރީ ނޭވާ ހިފަހައްޓާލައި ގެންނެވެ. އަލީނާ ވެއްޓިއްޖެއްޔާ ހާދަ ބިރުބޮޑެވެ. ބަލައިގެން އުޅޭށޭ ބުނަން އަނގަ ހުޅުވާލާފައިވެސް ރިޔާ އަކަށް އެހިތްވަރެއް ނުކުރެވުނެވެ. މިކަންތައް ޒެވިޔަން އަދި ޒީބާއަށް އެނގިއްޖެއްޔާ ހިތްހަމަނުޖެހޭނެކަން ޔަގީނެވެ.

އަލީނާ ގެއަށް ފޮނުވައިލި އިރު ޒީބާވެސް އަންގާފައި ވަނީ ތެދުވެ ނޫޅުމަށެވެ. އެކަމަކު ކާން ބަދިގެއަށް ގޮސް، ފާޚާނާއަށް ދިޔަސް މައްސަލައެއް ނޫން ކަމަށް ޒީބާ ބުންޏެވެ. ޒީބާ އެހާ ހެޔޮކޮށް ވާހަކަދެއްކުމުން އަލީނާ ހުރީ ކުޑަކޮށް ލަދުގަންނަ ގޮތްވެފައެވެ. އޭނަ ޒެވިޔަންގެ ދަރިއަކަށް ބަލިވެ އިނުމުން، ޒީބާގެ ހިތުގައިވާ ނަފްރަތުގެ ކަނިތައް ނިވުނީތީ އަލީނާ އުފާވިއެވެ. އޭނަދެކެ އަޅާލަން ފެށުމުން ކުރެވުނީ ތަފާތު އިހުސާސް ތަކެވެ. އަލީނާގެ މައުސޫމް ކަމުން ނުވިސްނުނީ ހަގީގަތުގައި ޒީބާގެ ޝައުގު ހުރީ އެކަނި އަލީނާގެ ބަނޑުގައިވާ ދަރިފުޅަށް ކަމަށެވެ. އޭނަގެ ސާފު ހިތުން އެހެން މީހުންނާއި މެދު ނުބައިކޮށް ވިސްނައިލާންވެސް ނޭގުނީއެވެ. ނަމަވެސް މިއަދު ބުރަކޮށް އުޅެ އެންމެ ފަހުން އަނބުރައި ގަތުމުގެ ސަބަބުން ލޯތްބަށް ޓަކައި ފެންބޮވައިގެންފައިވާ އެކުޑަ ހިތުގައި ލާފައިވާ އުންމީދު ގެ އަލިކޮޅު ކަނިކަނިލާފައި ނިވިދާނެހެންވެސް ހީވިއެވެ. ކޮޓަރިއަށް ވަންގޮތަށް އަލީނާއަށް މިއަދު ކަރުނައެއް ނުހިފެހެއްޓުނެވެ.

ޒެވިޔަން އަލީނާގެ ކޮޓަރިއަށް ވަންއިރު އަލީނާ ހުރީ ފާޚާނާ ގައެވެ. ފޯނު އޮތީ މޭޒުމަތީގައެވެ. ޒެވިޔަން އެހާވަރުން އަލީނާގެ ފޯނު ހާވަން ބޭނުން ނުވިޔަސް އަލީނާ ގެ ފޯނު ފެނުމުން މެސެޖްތައް ބަލައިލަން ޝައުގުވެރިވިއެވެ. ކުރީ ދުވަހުވެސް އޭނަ މެސެޖްތައް ބަލައިލަން އުޅުމުން އަލީނާ ވަނީ ފޯނު އަތުލާފައެވެ. ކޮންމެވެސް ސިއްރެއްވާކަމަށް އޭރު ޒެވިޔަންއަށް ވިސްނުނީމަވެސް އޭނަ އަޅާނުލީއެވެ. ޒެވިޔަން މެސެޖްތައް ކިޔާލުމުން ނިކީގެ މަރުގެ ހަގީގަތް ރީއްޗަށް ހަމާވެގެން ހިގައްޖެއެވެ. އަލީނާ އެކަންތައް ކުރީ ނާހީ އަށް ލިބިދާނެ ސަޒާއަކުން ސަލާމަތް ކުރަން ކަން ޔަގީންވިއެވެ. ޒެވިޔަންގެ ހިތަށް ބަޔާން ނުކުރެވޭފަދަ ފުން އަސަރެއް ކުރިއެވެ. އަލީނާ އެހެރީ އެހެން މީހުންނަށް ޓަކައި ކޮންމެފަދަ ގުރުބާނީ އެއްވާން ވެސް ތައްޔާރަށެވެ. އިންސާނުންގެ ތެރޭގައި އެހާ މާތްކުދިން އުޅެދާނެ ބާވައެވެ. އެކަމަކު އެހާ މާތްވީމަވެސް ލިބެނީ ކޯޗެއް ހެއްޔެވެ؟ އެންމެން އެކަމުގެ ފައިދާ ނެގީއެވެ.

އަލީނާ ފާޚާނާ އިން ނިކުމެގެން އައި އިރު އޭނަ ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓަކާއި، ސޯޓްކޮޅެކެވެ. އިސްތަށިގަނޑު ވިހުރެން ދޫކޮށްލާފައިވެއެވެ. ޒެވިޔަންއަށް އެންމެ ފުރަތަމަވެސް އަލީނާގެ ދުޅަވެފައިވާ ލޮލާއި، ރަތްވެފައިވާ ނޭފަތުގެ ސަބަބުން އަލީނާ ވަރަކަށް ރޮއިފައި ހުރިކަން އެނގުނެވެ. ޒެވިޔަންގެ ހިތަށް އެހާ ދަތިކަން ލިބޭނެ މަންޒަރެއް ވާނެކަމެއްވެސް ނޭގެއެވެ. އެރީތި ދެލޮލުން އެންމެ ކަރުނަތިއްކެއް އޮހޭތަން ދެކެންވެސް އޭނަގެ ހިތެއް ނޭދެއެވެ. އިރުކޮޅަކަށް ބަސްހުއްޓިފައި ހުރެވުނީވެސް ހިތަށް ލިބުނު ވޭނެއްގެ ސަބަބުންނެވެ.

"އެލީ، ވަޓް ހެޕެންޑް، އަހަންނަށް ސިއްރުނުކޮށްބަލަ، މީހަކު އެއްޗެކޭ ބުނީތަ؟" ޒެވިޔަން އަލީނާގެ ދެއަތްތިލައިގައި ހިފަހައްޓާލަމުން ކަންބޮޑުވެފައިވާ ގޮތަކަށް އަހާލައިފިއެވެ. ޒެވިޔަންގެ ހަމްދަރުދީ ލިބުމުން އަލީނާއަށް ރޮވޭގޮތްވި ނަމަވެސް އޭނަ ހިތްވަރު ކުރިއެވެ. އަދި ހީގަންނަމުން ޒެވިޔަންގެ ޓީޝާޓްގައި މޫނު ފޮރުވާލިއެވެ. އަލީނާ ވަނީ ޒެވިޔަންގެ ލޯތްބަށް ޓަކައި ދީވާނާވެފައެވެ. ޒެވިޔަން ފެނުމުން ލިބޭ އުފަލަކާއި، ހިތްހަމަޖެހުމެއްގެ ސަބަބުން އޭނައަށް ލިބޭ ހިތާމަތައް އެއްޗަކަށް ނުވެއެވެ. އޭނަގެ ހުރިހާވެސް އުފަލަކީ ޒެވިޔަން އެވެ. އެއަތުގެ ތެރޭގައި ވުމަށްޓަކައި އަލީނާ ގުރުބާން ވެސް ވެދާނެއެވެ. މިއަދުވެސް އަލީނާ ބޭނުންވީ އެ ބައި ހަނދާން ނައްތާލައިފައި ޒެވިޔަން އާއި އެކުގައި ލިބޭ މި ކުޑަވަގުތުކޮޅު އުފަލުން ހުރުމަށެވެ. ނަމަވެސް މިއަދު ނާކާމިޔާބު ވިއެވެ. ޒެވިޔަންގެ ޓީޝާޓްގައި މޫނު ފޮރުވުނު ގޮތަށް ރޮވުނީ އެވެ. އެކަރުނަ ތަކުން ޒެވިޔަންގެ ޓީޝާޓް ތެންމާލައިފިއެވެ.

"އެލީ، ކޮންމެވެސް ކަމެއްވެއްޖެ، ޓެލް މީ....." ޒެވިޔަން އަލީނާގެ އިސްތަށިގަނޑުގައި ފިރުމާލަމުން އަހާލިއެވެ. އަލީނާ ނުބުނަން ކިތަންމެ ވަރަކަށް އުޅުނަސް ޒެވިޔަން ދޫނުކޮށް ގޮތުގައި ހިފެހެއްޓުމުގެ ސަބަބުން އެންމެ ފަހުން އަލީނާއަށް ޖެހުނީ ޒެވިޔަންއަށް ގަބޫލު ކުރެވޭފަދަ ގޮތަކަށް ވާހަކަ ގެންދިއުމަށެވެ.

"ވީގޮތަކީ ފެއިންޓްވީ، ގާޑަން ރީތިކަމުން ކުޑަކޮށް ވަރުބަލިވީއިރުވެސް ހިނގާލަން ދެވުނީ....." އަލީނާ ހުއްޓަ ހުއްޓާފައި ބުނެލިއެވެ. ޒެވިޔަން އަލީނާގެ ލޮލަށް ބަލަހައްޓައިގެން އިންއިރު އެ ލޮލުގެ ރީތިކަމާއިމެދު އަޖައިބުވިއެވެ. ކަރުނައިގެ ތެރެއިން ކަޅުކަޅި ވިދާގޮތް އަދި ވަކިން ލޯތްބެވެ. މައުސޫމް ކަމުގެ އިންތިހާއެވެ. ޒެވިޔަން އެލޮލުގައިވާ ކަރުނަތައް ފޮހެލަދެމުން ދެން ނުރޯން އެދުނެވެ.

"އަހަރެން ބުނިން ދޯ އެލީ ގާތު އެނދުން ނުތެދުވާށޭ، އަނެއްކާ ބަދިގެއަށް މަސައްކަތް ކުރަން ވަނީތަ؟" ޒެވިޔަން ހިތްހަމައެއް ނުޖެހުނެވެ.

"ޒެވިޔާ ބުނި ރެސްޓް ކުރާށޭ. އެކަމަކު ދެން ކުޑަކޮށް ހިނގާލިޔަސް ކަމެއް ނުވާނެ ކަމަށް ހީކުރީ، ފެއިންޓްވީއިރު އެހެން އެންމެންވެސް ތިބި، ޖިލާ މެގްނޯލިއާ މާތައް ގެނެސް މޫނުގައި ޖެއްސަން ފެށީމަ ހޭލެވުނީވެސް، ރިޔާވެސް އިނީ ކަންބޮޑުވެފައި، އެންމެންވެސް ވަރަށް ސްވީޓް... ކުރިން ހިޔެއްނުކުރަން އެކަމަކު ކަމެއް ދިމާވީމަ ހެލްޕްފުލް ވާނެވަރު މިއަދު އެނގިއްޖެ...." އަލީނާ ހިނިތުންވެލާފައި ބުންޏެވެ. އޭނަ ކިޔައި ދިނީ އެމީހުންގެ ރަނގަޅު ކަންތަކެވެ. އެދުވަހު ކަންތައް ހިނގި ގޮތުގެ ތަފްސީލް އޭނަގެ ދުލުން ބޭރުނުވީ ނުބައި ސިފަތައް ފޮރުވަން ވެގެންނެވެ. އަލީނާ ކަން ހިގިގޮތް ކިޔައިދިން ނަމަ ޒެވިޔަން ގަބޫލު ކުރާނެއެވެ. ނަމަވެސް ޒެވިޔަން އާއިލާ އާއި ދޭތެރޭގައި ހިތްނުބައި ކުރުވަން އޭނަ ބޭނުން ނުވީއެވެ.

"ދެންވެސް އޮށޯވެލާ ބޭބީ ގާލް... ކިތައް ފަހަރު މަ ބުނަން ޖެހޭނީ ބޭރަށް ނުދާށޭ..." ޒެވިޔަން އަލީނާ އެނދުގައި ބާއްވާފައި ރަޖާ އަޅާދިނެވެ. ގޭގެ ހޫނުމިން އެހެން މީހުންނަށް ކަމުދާއިރުވެސް އަލީނާ ހުންނަނީ ފިނިވެފައެވެ. މި މާހައުލަށް ނުހޭނޭތީ ކަންނޭގެއެވެ. ޒެވިޔަންމެނަށް ރާއްޖެއަށް ގޮސްފައި އުޅެންޖެހެނީ އަބަދު ހޫނުވާތީއެވެ. ޒެވިޔަން އަލީނާގެ އަތުގައި ރީތި ކެވެލިކޮޅެއް އަޅުވާދިނެވެ. އަލީނާ އެފަދަ އެއްޗެހި ނުގެންނަން ބުނާއިރުވެސް ޒެވިޔަން ބޭރުން އަންނަ ކޮންމެ އިރަކުވެސް ހަދިޔާ ގެނެސްދެއެވެ. އާއްމުކޮށް ގެނެސް ދެނީ ހެދުމާއި ގަހަނާއެވެ. ނޫނީ މާތަކެވެ. އެވަރުންވެސް އަލީނާއަށް ފާހަގަ ކުރެވެނީ ޒެވިޔަން "އައި ލަވް ޔޫ" ނުބުނާ ކަމެވެ. ލޯބިވާ ވާހަކަ ނުބުނާއިރުވެސް އަމަލުން އަޅާލާވަރު އެނގެއެވެ. އެވަރުން އަލީނާއަށް ފުދެއެވެ. އެއީ އަލީނާގެ ދިރިއުޅުމުގެ އެއް މަގުސަދެވެ.

ޒެވިޔަން އާއި އާއިޒު އަދި ދާވިޝް ފެންޑާގައި ރާޒުވާ ކުޅެން ތިބިއިރު ޒެވިޔަން އާއި ދާވިޝްގެ ދޭތެރޭގައި ހަމަނުޖެހުމެއް އޮތްހެނެއްވެސް ހިޔެއްނުވެއެވެ. ދެމީހުން އެހާ ވަރަށް ސަމާސާކޮށްފައި ހޭއިރު އެއްވެސް ފިކުރެއް ޚިޔާލެއް ނެތްފަދައެވެ. ޒެވިޔަން ގެއަށް ވަނީ ބޯކޮށް ވާރޭވެހެން ފެށުމުންނެވެ. އެހެންނޫނަސް އަލީނާ އުޅޭ ނޫޅޭ ގޮތް ބަލައިލަންވެސް ޖެހޭނެއެވެ. ކުރީދުވަހުވެސް އަނބުރައި ގަނެގެން ވެއްޓިފައި ވާއިރު އެފަދަ އެހެން ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނޫނަސް އަލީނާ ބިރުވެސްގެންފާނެއެވެ. ޒެވިޔަން ތެދުވެގެން ހިނގައިގަތްތަނާ ރިޔާ ސިޑިބަރި މަތީގައި ހުރެފައި ގޮވާލި އިރު އޭނަ ހުރީ ލޯ އަޅާލައިގެންނެވެ. އެވެސް ބޭ އިޚުތިޔާރު ގައެވެ.

"ބަސްޓެޑް، ރިޔާ ފާރަލާވަރުން ސިއްރުން ވެސް ކަމެއް ނުކުރެވޭނެ ދޯ..." ޒެވިޔަން އެއްބުމަ އަރުވާލާފައި އަނގަޔަށް ގޮތެއް ހަދާލައިފިއެވެ.

"ވީ ނީޑް ޓު ޓޯކް....." ރިޔާ ތަންކޮޅެއް ރުޅިވެރިގޮތަކަށް ބުނެލިއެވެ. ޒެވިޔަން ކަންނެތް ހިނގުމެއްގައި ގޮސް ސިޑި އާއި އަރާހަމަވެ ސިޑިބަރީގެ ރެއިލިންގައި ބުރަކަށި ޖައްސާލަމުން ހުއްޓުނެވެ. ރިޔާ ޒެވިޔަންއަށް ވުރެ ދެ ސްޓެޕް މަތީގައި ހަށަން ބަދެލައިގެން ހުރި އިރު އެ ލޮލުން ކަނިބުރަމުން ދިޔައެވެ.

"ނޫން، އަހަރެން ނޫޅެން ބޮލަށް ޑެވިލް އަރާފައި ހުރި ކުއްޖަކާއި ވާހަކަ ދައްކާހިތުން......" ޒެވިޔަން ލާނެތް ހީލުމަކާއިއެކު ބުންޏެވެ. ބައެއްފަހަރު ރިޔާ ރުޅިއަރުވާލުމުން ޒެވިޔަންއަށް މަޖާވެއެވެ.

"އަހަރެން ނޫޅެން ސަމާސާ ކުރާކަށެއް، ޒެވިޔާ ބޭނުން ވަރަކަށް މަޖާ ނެގިއްޖެ، އަހަރެންގެ މިޝަންވެސް ފުރިހަމަވީ، ދެން ޒެވިޔާ އޭނަ އާއި އެޓޭޗްވާތަން ބަލަން ކެތެއް ނުކުރެވޭނެ، އެހެންވެ އަހަރެން ބޭނުމީ ދެން ޒެވިޔާ އޭނަ ވަރިކުރަން....." ރިޔާ ތުންފިތާލައިގެން ހުރި އިރު، ބުމަވެސް ގޮށްޖެހިފައިވެއެވެ. ޒެވިޔަންއަށް ހީވީ މޭގައި އެތިފަހަރެއް ޖެހިހެންނެވެ. އަލީނާ އާއި ދޭތެރޭގައި އެއްވެސް އިންސާފެއްނެތި ކުޅޭ ބުދެއްފަދައިން ރިޔާމެން ކަންތައް ކުރަންވީ އޭނަ ނިކަމެތިކުއްޖެއް ވީމަހެއްޔެވެ؟ އެއީވެސް އިންސާނެކެވެ. އިންސާނިޔައްތު ކަމުގެ ނަޒަރުން ވިސްނާލިޔަސް އެއީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ބޭނުން ފުދުނީމަ އެމީހުންގެ ދިރިއުޅުމުން ކުނިކޮޅެއްހެން ނަގައި އެއްލާލަންވީއެވެ. ނަމަވެސް ރިޔާގެ މިޒާޖު އެނގޭތީ ޒެވިޔަން އެގޮތަށް ރިޔާއަށް ވިސްނައިދޭކަށް ނޫޅުނެވެ.

"ލިސެން ޓު މީ ރިޔާ، ރިޔާ ތި ވިސްނަނީ އަދި މުޅިން ރަނގަޅަކަށް ނޫން، އަލީނާ އާއި މެދު ރިޔާއަށް ކުށްހީއެއް ކުރެވޭތީ ތިހާ ގަދަޔަށް ހޭޓް ކުރަނީ، ނޫންތަ؟ ހަގީގަތް އަޑުއަހަން ބޭނުންތަ؟" ޒެވިޔަން އާއި ރިޔާގެ ހަތަރުކަޅި ހަމަވިއެވެ. 

ކޮމެންޓް 0