ޒީބާއަށް ޒެވިޔަން ގެ ވަޢުދުން ހިތަށް ލިބުނު ހަމަޖެހުމާއި އެކު ކާމިޔާބުވާނެ ކަމުގެ ހުވަފެންތައް ދެކެން ފެށިއެވެ. ޒީބާ ތަފާތު ރޭވުން ތަކުގައި އަވަދިނެތި އުޅެމުން ދިޔަ އިރު އިތުރުކަމެއް ފާހަގަ ކުރެވެންފެށިއެވެ. އާއިޒު އާއި ޖިލާގެ ދުރުކަމެވެ. އާއިޒު ހީވަނީ ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފައި އިންނަ ހެންނެވެ. އަދި ގޭގައި އުޅޭ ވަގުތު މަދުވާން ފެށިއެވެ. އެދެކުދިންގެ ދިރިއުޅުންވެސް މިވަނީ ކޮންފަދަ ފުން ވަޅުގަނޑަކަށް ވެއްޓިފައި ކަމެއްވެސް ނޭގެއެވެ. އާއިޒު ޖިލާ މަތިން ފޫހިވީ ބާވައެވެ. އެހެންވެގެން ކަމަކު ނުދާނެއެވެ. އާއިޒު ބޭނުމިއްޔާ އެހެން މީހަކާއި އިނަސް ޒީބާގެ މައްސަލައެއް ނެތެވެ. މަޖުބޫރީ ކައިވެންޏެއްގެ މަތީގައި ތިބުމަކަށް ޒީބާ ދަރިންނަށް މަޖުބޫރެއް ނުކުރާނެއެވެ. ޒީބާ ކޮންމެ ގޮތެއް ހަދާފައިވެސް އޭނަގެ ކުދިންގެ ހަޔާތް އުފަލުގައި ވޭތުކުރުވަން ބޭނުމެވެ. ގުދުރަތީ ގޮތުން ދިމާވެދާނެ ހިތާމަވެރި ހާލަތް ތަކަކީ އެކަކަށްވެސް ބާރު ފޯރުވޭނެ ކަމެއްނޫނެވެ. ނަމަވެސް މިފަދަކަންތައްތަކަށް އަޅައިނުލައި ހުރެގެން ކަމަކު ނުދާނެއެވެ.

ޖިލާ ފުރަތަމަ ހީކުރީ ނިކީގެ ކުއްލި ވަކިވުމާއި ގުޅިގެން ދެރަވެފައި ހުރިވަރުން، އާއިޒު ދުރުން އުޅެނީ ކަމަށެވެ. ނަމަވެސް ފަހުން އެހެން މީހުންނާއި ކޮންމެވެސް ވަރަކަށް ހިނިތުންވެ ވާހަކަދައްކައި އުޅޭތަން ފެންނަން ފެށުމުން ޖިލާ ގެ ހިތަށް އަސަރުކުރިއެވެ. ކޮޓަރިއަށް ވަންނަ މަދު ވަގުތު ތަކުގައިވެސް އާއިޒު އޭނަ އާއި ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ؟ ޔަގީނުންވެސް އާއިޒުއަށް އޭނަ ރިޔާ ގާތުގައި ދެއްކި ދޮގުވެރި ވާހަކަތައް އިވުނުނަމަ ސުވާލު ނުކޮށް ނުހުންނާނެއެވެ. އަދި ޑައިރީ ފެނިފައިވާ ނަމަވެސް އެހާ ހަމަޖެހިލައިގެން ހުންނާނެއެކޭ ޖިލާގެ ހިތެއް ނުބުނެއެވެ. އާއިޒު އަކީ ކޮންކަހަލަ އިންސާނެއްބާވައެވެ. އެއްދުވަހު އެހާ އިޝްގީކޮށް އުޅެލާފައި އާއިޒު ބަދަލުވެއްޖެއެވެ. އަނެއްކާ އާއިޒު އެހެން ލޯބިވެރިއެއް ހޯދީބާވައެވެ. ޖިލާގެ ހިތް ނުތަނަވަސްވެ އެދުވަހު އެއްވެސް މަސައްކަތެއް ކުރާހިތެއްވެސް ނުވިއެވެ. އެންމެ ފަހުން ބޮލުގައި ރިއްސާގޮތްވިއެވެ.

ޖިލާ ފެންވަރައި ރީތިވެލައިގެން އަނދުން އަޅާލައި، އަލިމަހުގެ ގަހަނާތައް އަޅައިލުމުން ހީވަނީ ޕްރިންސެސް އެއްހެނެވެ. އެ ފޮނި އާއިޒުއަކަށްވެސް ނުފެންނަ ކަމަށް ހަދާލާފައި ނުދެވޭނެ ކަމުގައި ޖިލާ ޔަގީން ކުރިއެވެ. ޖިލާ އުށްބައްތިއެއް ރޯކޮށްލުމަށްފަހު ހުޅުކޮޅާއި ކުޅެލަކުޅެލާ އިނެވެ. އުށްބައްތީގެ ހިޔަނީގައި އެ ލޮލުގެ އަޅިކުލައިންވެސް ހީވަނީ ރީތި ޖަވާހިރެއް ވިދާހެންނެވެ. ހުޅުކޮޅު ހެލިލާ ގޮތުން ލޮލުގެ ކުލަވެސް ކުޑަކޮށް ބަދަލުވަނީ އަޖައިބުވާހާ ނަލަކޮށެވެ. އާއިޒު ކޮޓަރިއަށް ވަނުމުން ޖިލާގެ ހިތް އަވަސްވެލިއެވެ. އަތްފައި ގަނޑުފެންކޮޅެއްހާ ފިނިވިއެވެ. ދެމީހުންގެ ކަޅި ސިކުންތުކޮޅަކަށް ނަމަވެސް ބައްދަލުވިއެވެ. އާއިޒުއަށްވެސް ފެނުނު ރީތި މަންޒަރަކުން އޭނަގެ ހިތްވެސް އޮބަހައްޓަން އުދަގޫވިއެވެ. އެކަމަކުވެސް އޭނަ ވަގުތުން ދުރަށް ބަލައިލީ ކުޑަކޮށް ބުމަގޮށްޖަހައި ލަމުންނެވެ. ހިތްފުރެންދެން ބަލައިލަން ބޭނުންވިޔަސް ހިތުގެ މައްޗަށް އޭނަ ބާރު ފޯރުވިއެވެ.

ޖިލާ ނެތް ހިތްވަރުކޮށްލައިފައި އެއްޗެކޭ ބުނަން އުޅުނު ނަމަވެސް ދޫ ހަރަކާތެއް ނުކުރިއެވެ. އާއިޒު ފޯނު އެނދުމައްޗަށް އެއްލާލައިފައި، ޓީޝާޓު ބޭލުމަށްފަހު ފާޚާނާއަށް ވަދެއްޖެއެވެ. ޖިލާގެ ހިތް މާޔޫސްވިއެވެ. އަދި މި ޓްރިކަކުންވެސް އާއިޒު ކާމިޔާބެއް ނުވާނެއެވެ. އެހެންގޮތެއް ވިސްނަން ޖެހޭނެއެވެ. ފަނަރަ ވަރަކަށް މިނިޓް ފަހުން އާއިޒު ނިކުތީ ޖިންސުގެ ގޮށް އަޅުވަމުންނެވެ. މުޅިކޮޓަރިވެސް އެއްވަސްވެފައި ވަނީ ޝަވަޖެލްގެ މީރު ވަހުންނެވެ. 

"އާއިޒު....." ޖިލާއަށް އޭނަގެ އަޑަށް ވެސް އިތުބާރެއް ނުކުރެވުނެވެ.

"ޓެލްމީ..." އާއިޒު އެއްވެސް ޝައުގެއްނެތަސް ވާހަކަދެއްކީ ރީތިކޮށެވެ.

"ތިއުޅެނީ ތަނަކަށްދާންތަ؟" ޖިލާ އަހާލައިފިއެވެ. އާއިޒު ހޫމްއެއް އަޅުވާލާފައި ގޮސް އަލަމާރި ހުޅުވައިލުމަށްފަހު ރީތިކޮށް ހަރުތަކުގައި އަޅުވާފައިވާ ގަމީސްތަކާއި ޓީޝާޓު ތަކުގައި އަތްހިންގައިލީ ލާންވީ ހެދުމެއް ނޭގިފައި ކަހަލަ ގޮތަކަށެވެ. ރީތިކޮށް ތަރުތީބު ކުރެވިފައިވާ ގޮތުން ޖިލާ އެފަދަ ކަންތައް ކިތަންމެ ރަނގަޅަށްވެސް ކޮށްދެމުންދާކަމަށް އާއިޒުއަށްވެސް ގަބޫލު ކުރަންޖެހުނެވެ. ޖިލާ ހުދާއި ކަޅުގެ ގަމީހެއްނަގައި ދިއްކޮށްލުމުން އާއިޒު ސުވާލުގެ ނަޒަރަކުން ބަލައިލާފައި އެގަމީސް އަތުލިއެވެ. ޚިދުމަތްތެރި އަންބެއްފަދައިން ގަމީހުގެ ގޮށްތައްވެސް ޖިލާ އަޅުވައިދޭ ހިތްވިއެވެ. ނަމަވެސް އެހާ ދުރަށް ދާކަށް ނުކެރުނެވެ. އާއިޒު ސެންޓު ގަޔަށް ޖަހައިލުމުން ތަނުގައި ހިފައިލީ ރާލްފް ލައުރެންގެ އެންމެ ހިތްގައިމު އެއްވަހެވެ. 

"އަހަރެންވެސް އެއްޗެއް ގަނެލަން ބޭނުން، ގޮވައިގެން ދެވިދާނެތަ؟" ޖިލާ ޔަގީން ކޮށްލަން ވެގެން އަހާލައިފިއެވެ.

"ނޫން މިރެއަކު އަހަންނަށް ނުދެވޭނެ، ސޮރީ....." އާއިޒު ޖިލާ އާއި ދިމާލަށް ބަލައިވެސް ނުލައި އެހެން ބުނެފައި ދާން ހިގައިގަތެވެ. އަމިއްލައަށް އިސްވެ ފުރަތަމަ ފަހަރަށް އަނގައިން ބުނެ ކަމަކު އެދުމުންވެސް އާއިޒު ދެކޮޅު ހެދުމުން ހީވީ އޭނަގެ މެޔަށް އެތިފަހަރެއް ވީއްލާލި ހެންނެވެ. މޫނުމަތީގައި ކޮޅުފައިން ޖެހިހެންނެވެ. ޖިލާ ރަކިވިއެވެ. އިރުކޮޅަކުން ރުޅިގަދަވެ، އުށްބައްތިތައްވެސް ނިވާލައިފިއެވެ. ކޮޓަރި ކަނު އަނދިރިކަމުގެ ތެރެއަށް ގެނބިގެން ދިޔައީ އޭނާގެ މޫޑާއި މާހައުލުވެސް ގުޅުވައިލަމުންނެވެ. ޖިލާ މޫނުގައި ބާލީސް ޖެހިގޮތަށް ރޮއިރޮއި އިރުކޮޅެއްވާންދެން އޮތެވެ. އޭނަގެ ހިތްވަނީ އާއިޒު އާއި މެދު ޝަކުވާއިން ފުރިފައެވެ. މިފަދަ ހިތާމައެއް އެކަނި ތަހައްމަލު ކުރަން ބޭނުން ނުވާތީ ރިޔާ ގާތުގައި ބުނަންވެސް ހިތްއެދުނެވެ. ނަމަވެސް ރިޔާ އަމިއްލަ ހިތާމައެއްގައި އުޅޭއިރު ރިޔާއަށް ދެވޭނީ ކޮން ޚިޔާލެއް ހެއްޔެވެ؟ ޖިލާ އެރޭ ނުނިދާ އާއިޒުގެ އިންތިޒާރުގައި ވަރަށް ގިނައިރު ވަންދެން އޮތެވެ. އާއިޒުގެ ޚަބަރެއް ނުވިއެވެ. އާއިޒު އަށް ގުޅާލަން ހިތަށް އަރާފައިވެސް އެފަދަ ހިތްވަރެއްކޮށްލަން ނުކެރުނެވެ. އެންމެ ފަހުން ޖިލާއަށް އުދަގޫވެގެން އޭނަ ސީމާއަށް ގުޅާފައި އާއިޒު ހުރިތަނެއް ބަލައިލަދޭން އެދުނެވެ. އެކަމަކު އޭނަ ބުނެގެން ކަމަށް ނެހެދުމަށާއި، މިރޭވެސް ދިޔައީ އޭނަ އާއި އަރައިރުން ވުމަށްފަހުގައި ކަމަށްވާތީ އެކަން އާއިޒުއަށް އެގުނީމަ މައްސަލަ އަކަށް ވެދާނެކަމަށް ޖިލާ ބުންޏެވެ. 

ސީމާ މައިމޫން ލައްވާ އާއިޒުއަށް ގުޅުވުމުން އާއިޒު ބުނީ އެކުވެރި ކުދިންތަކާއި އެކީގައި ކަމުގައެވެ. މައިމޫން ބުނުއްވީ ދަންވަރު އާއިޒު ގެއިން ބޭރުގައި ނޫޅުމަށެވެ. ޖިލާގެ ހިތް އެކަން ގަބޫލެއް ނުކުރިއެވެ. އޭނައަށް ޝައްކު ކުރެވެނީއެވެ. އަންހެން ކުއްޖެއްގެ ކައިރިއަށް ގޮސްދާނެ ކަމުގެ ބިރު މާބޮޑަށްވެސް ހީވީއެވެ. ޖިލާއަށް އެރޭ ނިދުނީ ރޮއިރޮއި ވަރުބަލިވެފައި އޮވެއެވެ.

ޖިލާއަށް އާއިޒު އެމެރިކާއަށް ދާންނެގި ޓިކެޓް ފެނުމުން ހިތަށް އަސަރުކުރިއެވެ. މިހާރު އޭނަވެސް އާއިލާގެ މީހުންނަށް އޭނަ އާއި އާއިޒުގެ މައްސަލަތަކެއް އޮތްކަން އަންގަން ބޭނުމެއް ނޫނެވެ. އޭނަވެސް އެހެން މީހުންނަށް ދައްކަން ބޭނުމީ އެދެމަފިރިންވެސް އުޅެނީ އުފަލުގައި ކަމެވެ. ޖިލާ ވިސްނައިލުމަށްފަހުގައި، ސިއްރު ސިއްރުން އީޓިކެޓެއް ނަގައިފިއެވެ. އާއިޒު ބޭނުންހާ ގޮތަކަށް އުޅެ، ލޯބިވެރިންނާއި އެކީގައި އުފާކުރަން އެމެރިކާއަށް ދަންޏާ އޭނަވެސް މިރަށަކު ނުހުންނާނެއެވެ. އާއިޒުއަށް އޭނަވެސް އާއިޒު އާއި އެއްދުވަހަކުން ފުރަން އުޅޭކަން އެނގިއްޖެއްޔާ ހައިރާންވެ އަންތަރީސް ވާނެއެވެ. އެކަމަކު ހީކުރާނީ އިއްތިފާގެއް ކަމަށެވެ. އޭނަ ފަހަރެއްގައި ވެސް އާއިޒު ފުރަން އުޅޭކަމެއް އެނގޭ ކަމަކަށް ނަހަދާނެއެވެ. ޖިލާ ހެދުންތައް ފަށް ޖަހާފައި، ދަބަހަށްލާން އިންދާ ކޮޓަރީގެ ދޮރުހުޅުވާލި އަޑަށް ބަލައިލިއެވެ. ޖިލާ ޕެކްކުރާތަން ފެނުމުން އާއިޒު ސިހުނުކަން އެނގުނެވެ. ނަމަވެސް އޭނަ އެއްޗެކޭ ނުބުނެ ގޮސް ރީތިވާ މޭޒުދޮށުގައި ހުއްޓުނެވެ.

"އާއިޒު، އަހަރެން މިއުޅެނީ މިއަދު ފުރަން، ކޮލެޖަށްދާން ބޭނުން، އެހެންނޫނަސް ދޮންބެވެސްވީ އެކޮޅުގައި، އައި މިސްހިމް އެލޮޓް..." ޖިލާ ކޮޅަށް ތެދުވެ ހިންދެމިލި އިރު ތުންފަތްމަތީގައި ލުއި ހިނިތުންވުމެއްވިއެވެ.

"އަހަރެން ކައިރީ ބުނުމުގެ ބޭނުމެއްނެތް، އެމީހަކު ދާން ބޭނުން ތަނަކަށް ދާންވީ.." އާއިޒު ފޫހިވެފައި ހުރިގޮތަކަށް ބުންޏެވެ.

"ހަޒްބެންޑްގެ ހުއްދަނެތި ނުފުރޭނެ އެހެންވެ....." ޖިލާ ޓިކެޓް ރީތިވާމޭޒުމަތީގައި ބޭއްވުމުން އާއިޒު އެއަށް ބަލައިލިއެވެ. އެއް ފްލައިޓެކެވެ. އެއް ގަޑިއެކެވެ. ޖިލާއަށް އޭނަ ފުރާކަން ކޮންމެވެސް ގޮތަކަށް އެނގިގެން އޭނަ ފަހަތުން ދާން ބޭނުންވީއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟

"ހަޒްބެންޑް ހަޒްބެންޑް، އޯކޭ ޖިލާ، ތިހާ ފުރިހަމަޔަށް އެހެންމީހަކަށް ފިރިމީހާގެ ހައްގުތައް އަދާނުކުރެވޭނެ، އެވޯޑެއްވެސް ހައްގު...." އާއިޒު ހީލިއެވެ.

"ސާކޭސްޓިކް ކޮށް އާއިޒު ވާހަކަދައްކަފާނެއޭ ހިތަކަށް ނާރާ، އެކަމަކު ތިބުނިހެން އެހައްގު އަދާނުކުރެވުނީތީ ތައުބާވެގެން ރަނގަޅަށް މިއުޅެނީ، އެހެންވެ ފުރަންވީމަ ހުއްދައަށްވެސް މިއެދުނީ..." ޖިލާގެ ހިތް ކުޑަކޮށް ތެޅިލިއެވެ. ހަގީގަތުގައިވެސް އޭނަގެ ހިތުގައި މިހާރު އާއިޒު ގެ ހަދާންތައް ތާއަބަދު ފޮހެވިގެން ނުގޮސް ހުރެއެވެ. ލޯބިވުމަކީ މި ނޫންކޮން އެއްޗެއް ހެއްޔެވެ؟ އާއިޒުއަށް ޓަކައި މިހާރު އެދެލޮލުން ހާދަ ކަރުނައެއް އޮހޮރިއްޖެއެވެ.

"ދެން ޕްރޫވް އިޓް ޓު މީ...." އާއިޒު ފާޑަކަށް ބަލައިލުމުން ޖިލާ ހާސްވިއެވެ. އާއިޒުގެ އެ ޖުމްލައިގެ މާނަ ނަގަންވީ ގޮތެއްވެސް ޖިލާ އަކަށް ނުވިސްނުނެވެ.

"ފަސްޖެހޭނެ ކަމެއްނެތް، ތިއީ ތިހާ ނުކެރޭ މީހެއްނޫން ޖިލާ، އަހަރެން ހަނދާން އެބަހުރި ކައިވެނީގެ ރަން، އެހާ ބޮޑު އަގެއް ދީފައި ގަނެފައިވާއިރުވެސް އަހަރެން ވަރަށް ދުވަހަށް ކެތްކޮށްފިން....." އާއިޒު އައިގޮތަށް ޖިލާގެ އަތުގެ މުލައްދަނޑީގައި ހިފައި އޭނަ އާއި ގާތަށް ދަމައިލީ ހަރުކަށި ގޮތަކަށެވެ. އެހެން މީހުންނާއި އެކީގައި އުޅެފައިވާ ކުއްޖަކު މާ މައުސޫމް ހެދިގެން އުޅުމުގެ މާނައެއް ނެތެވެ. އާއިޒު ގެ ކޮންމެ ހަރަކާތެއްގައި ހުރީ ހަރުކަށި ގޮތެކެވެ. ލޯބީގެ ކުޑަވެސް ކުލުނެއް މިއަދު ނެތެވެ. ހީވަނީ ކޮންމެވެސް ކަމެއްގެ ރުޅި ފިލުވައިލަން އުޅުނު ހެންނެވެ. ޖިލާ ބިރުން ހުރެ އާއިޒުގެ މޭމަތީގައި އަތްއަޅާ ދުރަށް ކޮށްޕާލަން އުޅުނެވެ.

"ޑޯންޓް....." އާއިޒު ބޯ ހޫރައިލަމުން މަޑުމަޑުން ބުނެލިއެވެ. 

"މިގޮތަކަށް ނޫނޭ، ޕްލީޒް......" ޖިލާ މިހިރީ އާއިޒު ބޭނުމިއްޔާ އެހައްގުވެސް އަދާކުރަން ތައްޔާރަށެވެ. ނަމަވެސް މިގޮތަށް ރުޅިއާއި، ބަދަލުހިފަން ކުރާކަމެއްގެ ގޮތުގައެއް ނޫނެވެ.

"ރިލެކްސް ބޭބީ، އަހަރެން ނޫޅެމޭ އަނިޔާއެއް ކުރަން، ކީއްވެ ބިރުން ތިއުޅެނީ، ކުޑަ އެކްޓެއްކޮށްލީމަވެސް ހާދަވަރެކޭ ތިވީ، އެކަމަކު ދެންމެވެސް ނުސީދާކޮށް ނަމަވެސް ތިބުނީ ހުރިހާ ކަމެއް ކޮށްދޭނަމޭ، އެހެނެއް ނޫންތަ؟" އާއިޒު ފާޑަކަށް ހީލާފައި ޖިލާގެ ކޯތާފަތުގައި އަތް ބީއްސާލިއެވެ. އެވަގުތު ފޯނު ރިންގުވާން ފެށުމުން އާއިޒު ފޯނު ނެގިއެވެ. ދަނޑިވަޅު ބަލާފައި ޖިލާ ދުއްވައި ގަތީ ދޮރާއި ދިމާލަށެވެ. ޖިލާއަށް ގޮސް ދޮރުހުޅުވާލައިފައި ބޭރަށް ނިކުމެވުނު އިރު އާއިޒުއަށް އައިސް ޖިލާގެ އަތުގައި ހިފެހެއްޓުނީއެވެ. ޖިލާ ބުރުގާ ވެސް ނާޅައި ތެޅެމުން ފޮޅެމުން އައިގޮތަށް ނިކުމެވުނީ ސީމާގެ ކުރިމައްޗަށެވެ. އާއިޒު ރީއްޗަށް ރަކިވިއެވެ. ޖިލާވެސް ކަންބޮޑުވިއެވެ. އެއްގޮތަކަށްވެސް މިފަދަ މަންޒަރެއް މަންމައަށް ފެންނާކަށް ޖިލާގެ ހިތެއްވެސް ނޭދެއެވެ. ސީމާއަށް ޖިލާގެ ގައިގައި ހިފެހެއްޓުނެވެ. ޖިލާ ހާސްވެފައި ހުރިވަރު އޭނަ އަށް ވިސްނުނެވެ. 

"އާއިޒު، ދުވާލު ހާސްފަހަރު ނުމަރައި އެންމެ އެތިފަހަރަކުން މަރާލަން ވީނު، މިއީ އަންހެންކުއްޖެއް، ދުވާލު އެތައްފަހަރު އާއިޒު ބޭނުންހާ ކަމެއްކޮށްދޭނެ ވަރެއް ޖިލާގެ ނެތް، ތިވަރު ވަންޏާ ދެއަންބަށް މީހަކު ހޯދަބަލަ، އެހެންޏާ، ޖިލާ އެވަރަށް ރޮއިފާ ކިޔާދިނީމަވެސް މަ ހިޔެއްނުކުރަން މިހާ އަނިޔާ ކުރާކަމަށް، ހާދަ ނުބައިކޮށް މަގޭ ދަރިފުޅަށް އާއިޒު ޓްރީޓް ކުރަނީ، އެކުއްޖާއަށް ހިތުހުރިގޮތަށް ހަދާލައިފައި އެވަރުން ކެތްނުކުރެވިގެން ތަޅައި މަރަނީ...." ސީމާގެ ވާހަކަތަކުން ޖިލާ ލަދުން މަރުވާވަރުވިއެވެ. އޭނަ ހުރީ ބިރުވެރި ގޮތަކަށް ދެލޯ ބޮޑުކޮށްލައިގެންނެވެ.

"މަންމާ، ހެޔޮނުވާނެ..." ޖިލާއަށް ބުނެވުނެވެ.

"ދަރިފުޅު އާދޭސްކުރާނެ އާއިޒު ގެ ކަންތައް އެހެން ހުއްޓަސް އޭނަ ގާތު ނުކިޔާށޭ ކިޔާފައި، އެކަމަކު އޭނަ ހައްތަހާ ނުބައިވަނީނު، މިހާރު އަނިޔާ ކޮޓަރިން ބޭރަށްވެސް އައީ، ޖިލާ އެވަރަށް ވަރިވާން ވެގެން އެ ހުރިހާ ވާހަކަތަކެއް ކިޔާދިނީމަވެސް މަ ކެތްކުރީ މައިމޫން އާއި ޒީބާގެ ދަރިއަށް ވީތީ އެމީހުންނަށް ކުރެވޭ އިހުތިރާމެއްގެ ބޮޑުކަމުން، މަ އެމީހުންނަށްވެސް ކިޔައިދިނިން..." ސީމާ ގެ ވާހަކަތަކުން ޖިލާ މުޅިން ފަޟީހަތް ވެއްޖެއެވެ. އިތުރަށް އާއިޒުއަށް ފޮރުވަންވީ އެއްވެސް ކަމެއްނެތެވެ. ތަފުސީލަށް މަންމަ ނުދިޔަނަމަވެސް އެ ވާހަކަތަކުން ކޮންމެ މީހަކަށްވެސް ނެގޭނީ އެއް މާނައެކެވެ. އާއިޒު އެއްވެސް އެއްޗެކޭ ނުބުނެ ކޮޓަރިއަށް ވަދެ ބަންލާފައި ދޮރުޖެހުމުން ސީމާ ބޯހޫރާލިއެވެ.

"މަންމާ، ކީއްތި ކުރީ؟ ދެން އާއިޒު އަހަންނަށް ދުވަހަކު މާފެއް ނުކުރާނެ..." ޖިލާގެ ލޮލުގައި ބޮނޑިވެގަތް ކަރުނަތައް އޭނަ އަކަށް ނުހިފެހެއްޓުނެވެ.

"އެވާހަކަތައް ދެއްކީމައެއްނު އޭނަ އެބައި ބައި ރަނގަޅު ކުރާނީ، ދެން އޭނަ ހިތަށް އެރިހާ އަނިޔާއެއްކޮށް ދަރިފުޅު މަރާލިޔަސް މަންމަމެން ހިމޭނުން ތިބެންވީތަ؟ ދެން ކުޑަ ކުޑަ އަނިޔާއެއްކޮށްލިޔަސް އާއިޒު ޖެހޭނީ ޖިލް ވަރިކޮށްލަން...." ސީމާ ނުރުހުންވިއެވެ. 

"މަންމައަކަށް އަންޑަސްޓޭންޑެއް ނުވާނެ.. އައި ލަވް ހިމް އެކަމަކު ދެން......." ޖިލާއަށް އެގެއެވެ. ދެން އޭނަ އާއި އާއިޒުގެ ގުޅުން ރަނގަޅު ކުރަން ކުރަންވީ އެއްވެސް މަސައްކަތެއް ބާކީ ނެތެވެ. އެ ގުޅުމުގައި ވި އެންމެ ފަހުގެ ނާޒުކު ވާފަށްވެސް ކަނޑައިގެން ހގައްޖެއެވެ. މަންމަ އެހުރިހާ އުއްމީދުތައް ފުޑުފުޑުކޮށްލައިފިއެވެ. އެކަނި މަންމަގެ މައްސަލައެއްވެސް ނޫނެވެ. ކުށްވެރިޔަކީ އޭނައެވެ. އޭނަގެ ދޮގުތަކެވެ. އެކަމަކު އޭނަ މަންމަ ގާތުގައި އެވާހަކަ ސިއްރުކުރަން އެދި އޭނަ ހާދަ ވަރަކަށް އާދޭސްކުރިއެވެ. ޚާއްސަކޮށް އާއިޒު އަށެވެ. ނަމަވެސް މަންމައެ ސިއްރު ނުހިފެހެއްޓީ ކީއްވެ ހެއްޔެވެ؟ 

ޖިލާ ކޮޓަރިއަށް ވަންގޮތަށް އެނދަށް ވެއްޓިގަނެގެން ބާރަށް ރޯންފެށިއެވެ. އާއިޒުގެ ފަރާތުން މާފަށް އެދެން އޭނަ ބޭނުމެވެ. އެމެރިކާފަދަ ދުރު ގައުމަކަށް ދާއިރު ހިތްހެޔޮ ކުރުވަންވެސް ޖެހޭނެއެވެ. ފްލައިޓާއި މެދުވެސް އޮންނާނީ ކޮން އިތުބާރެއް ހެއްޔެވެ؟ ކޮންމެ ސިކުންތަކުވެސް ހާދިސާއެއް ހިނގައިފާނެއެވެ. އޭނަ ހާދަ ބޮޑަށް ފާފަވެރިވާނެއެވެ. ފިރިމީހާ އާއި މެދު ކަންތައް މިކުރެވުނީ ކޮންފަދަ އިހާނެތި ނުބައިކޮށް ހެއްޔެވެ؟ މުޅި އުމުރު އާއިޒުގެ ފައިތިލަމަތީގައި ރޯން އޮތަސް އެ ފާފައިގެ ކައްފާރާ އަދާކުރެވޭނެ ކަމަކަށްވެސް އެނަ ގަބޫލެއް ނުކުރެއެވެ. އާއިޒު ހާ ރަނގަޅު، މާތް ބައިވެރިޔަކު އެއްވެސް އަންހެންކުއްޖަކަށް ނުލިބޭނެއެވެ. އެކަމަކު އާއިޒު އާއި މެދު އޭނަ ކަންތައް ކުރީ ކޮންފަދަ ނުބައިކޮށް ހެއްޔެވެ؟ ލިބުނު މާތް ނިއުމަތުގައި ކޮޅުފައިން ޖެހީއެވެ. އޮޅިގެން އަތުގައި އަތްލެވުނަސް އެއްޗެހި ކިޔައިގަނެއެވެ. އެވަރުންވެސް އާއިޒު ހާދަ ކެތްކުރިއެވެ. އަމިއްލައަށް ބާރު ލިބިފައިހުރެވެސް އެބާރުގެ ބޭނުމެއް ނުކުރިއެވެ. އެހެން ފިރިހެނަކު ނަމަ އިހުސާސްތައް ފިނިކޮށްލައިގެން އެހާ ދުވަސްވަންދެން ނުހުރީސްކަން ޔަގީނެވެ. އެމީހުންގެ ވެސް ބޭނުންތަކެއް ހުންނާނެއެވެ. އެކަމަކު އެހުރިހާ ކަންތަކަށް ކެތްކޮށްގެން އާއިޒު އޭނަދެކެ ލޯބިވާތީ މަޑުން ހުރީމަ އޭނައަށް ދޭން ފެނުނު އިނާމަކީ އެއީއެވެ. އޭނަގެ ލޯބިވާ އާއިލާގެ ތެރޭގައިވެސް އަގު ވައްޓާލީއެވެ. އާހް ހިތާމަހުއްޓެވެ. ދެން ދުވަހަކުވެސް އާއިޒުއަށް ފެންނަން ކެރިދާނެ ހެއްޔެވެ؟ ނުކެރޭނެއެވެ. ޖިލާ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. މިއަދުވެސް އާއިޒު ކޮންމެފަދަ ގޮތެއް ހެދިޔަސް އެއްޗެކޭ ނުބުނެވުނު ނަމައެވެ. ނަމަވެސް ދެން ވަގުތު ފާއިތުވެއްޖެއެވެ. މިއަދު އޭނަގެ މަންމަވެސް އެގޮތަށް އާއިޒުގެ މޫނުމަތީގައި އެއްޗެހި ގޮވައިގަތީމަ އާއިޒު ހާދަ ފޫއްސެއް ވާނެއެވެ.

ޖިލާ އެމެރިކާއަށް ދާންނެގި ޓިކެޓް ކެންސަލް ކުރިއެވެ. އާއިޒު އާއި އޭނަގެ ކައިވެނީގެ ހުރިހާ ގުޅުމެއް މި ހާދިސާއަށް ފަހު ކެނޑިގެން ދިޔައީކަމަށް ޖިލާއަށް ގަބޫލު ކުރެވުނެވެ.

ޒީބާ މައިމޫންގެ ކޮޓަރިއަށް ނިދަން ދިޔައިރު ސީމާ އެނދުގައި އޮށޯވެލައިގެން އޮތެވެ. ހުދު ނިދާ ހެދުމެއް ލައިގެން އޮތް އިރު ހަށިގަނޑުގެ ބޮޑުބައި ވަނީ ހާމަޔަށެވެ. އެނދުގެ ވަށައިގެންވާ ސަދުވާތައްވެސް ވައްޓާލައިގެން އޮތްއިރު މިކޮޓަރި ކިތަންމެހާވެސް ޝާހީކޮށް ދައްކައެވެ. ޒީބާ ސަދުވާ ހިއްލާލާފައި އެނދުގެ އަނެއްފަރާތުގައި އިށީނުމުން ސީމާ ހައިރާންވިއެވެ.

"ޒީބް. މިރޭ އަހަރެން ގެ ރޭ...." ސީމާ ހަމަޖެހިލާފައި ބުންޏެވެ. 

"ހަނީމޫން އިން ސިމީ އައިފަހުންވެސް އަހަންނަށް މިކޮޓަރީގައި ނިދާލުމުގެ ފުރުސަތެއް ނުލިބޭ، ދެން ކިހާ ދެރަކަމެއް، ރޫމް ޝެއަރކުރަން ވާނީ ފެއަރކޮށް ދޯ...." ޒީބާ މަޑުމައިތިރި ކަމާއިއެކު ވާހަކަދެއްކިއެވެ.

"މިއަދު އާއިޒު ފުރައިގެން ދިޔައިރު ޒީބް ގާތުގައި އެއްޗެކޭ ނުބުނޭތަ؟ އާއިޒު ހާދަ ފާޑަކަށޭ އެއުޅެނީ، ޒީބްވެސް ނިކަން ވިސްނައިދީބަލަ..." ސީމާ މިއަދުގެ ހާދިސާ ކިޔައިދިނުމުން ޒީބާގެ މޫނު ރަތްވިއެވެ.

"އަހަރެންނަކަށް ނޭގޭ، މިހާރު އާއިޒު ދުވާލު ހަތަރުދަމު އުޅެނީ ޑިޔުޓީގައި، ރޭގަނޑުވެސް ގެއަށް ވަދެލަނީ އެހާ ލަހުން، ދެން އަހަންނަކަށް ނޭގޭ ޖިލާއަށް އާއިޒު ގެފަރާތުން ސަލާމަތް ނުވެވިގެން އުޅެންވީ ސަބަބެއް، ރަނގަޅަށް ވިއްޔާ ޖިލާގެ މައްސަލައެއް ތިއުޅެނީ، އަހަރެންގެ ދަރިފުޅު މަށަށް އެގޭ، އޭނަ ނުވާނެ ތިހެނެއް، އޭނަ ވަރަށް ޕްރޮފެޝަނަލްވާނެ އެހެންވީމަ އެގޮތްގަނޑު ހުރިހާ ކަމެއްގައިވެސް ހުންނާނެ، އާއިޒު އަކީ ގޮތްކުޑަމީހެއްނޫން، އެކަހަލަ ގޮތަކަށްވިއްޔަ ސީމާ މިހާރު އާއިޒު ލޭބަލްކުރަން ތިފެށީ...." ޒީބާ ރުޅިއަންނަ ގޮތްވިއެވެ. ދެމީހުން ހޫނުވެގަތް ތަނުން މައިމޫން ދުރުވިއެވެ. އޭރު އޮތީ ފާޑަކަށް ޒުވާބަކަށް ބަދަލުވެފައެވެ. މައިމޫން ދެމީހުންނަށް ވިސްނައި ދެއްވުމަށްފަހު ދެމީހުން އޭނަގެ ދެފަރާތުގައި ތިބެ ނިދިޔަސް ރަނގަޅުވާނެ ކަމަށް ބުނުއްވިއެވެ. އޭނަ ހުންނެވީ ވަރަށް ބޮޑަށް ވަރުބަލިވެ ނިދިކުރައްވަން ބޭނުންވެލައްވާފައި ކަމަށް ބުނުއްވުމުން ދެމީހުންވެސް ހިމޭންވިއެވެ. 

އެންމެންވެސް އެމެރިކާއަށް ދަތުރު ހަދައި އެއްޗެހި ޕެކްކުރަންފެށިއެވެ. ޒީބާ ވަރަށް ނޫންކަމަށް ހަދާފައި ނާހީ އާއި އަލީނާއަށްވެސް ޕާސްޕޯޓް ހެއްދިއެވެ. އެގޭގައި ގެންގުޅޭ އެންމެންގެ އައިޑީ އާއި ޕާސްޕޯޓް އެއްޗެހި، ހަމަޔަށް ހުންނަންވާނެ ކަމަށާއި ބައްޔެއްވެގެން އިންޑިއާއަށް ދާންވިޔަސް އެމީހުންގެ ޚަރަދުގައި ވަގުތުން އިންޑިއާއަށް ތަނަކަށް ފޮނުވައިލެވޭނީވެސް އެކަންތައް ނިންމާފައި އޮތުމުން ކަމަށް ކިޔެވެ. އަލީނާމެންނަކަށް ޒީބާގެ ރޭވުންތަކެއް ނޭގެއެވެ. ޒެވިޔަން އަކަށްވެސް އޭރު ވާނުވާ ނޭގެއެވެ.

ޒީބާ ބަލިމީހެއްގެ ގާތުގައި ކިތަންމެ ހާވެސް ރަނގަޅަށް އޭނައަށް ދަރިއަކު ލިބޭނެ އެކަނި ޗާންސް ކިޔައިދިނެވެ. ރަހިމު ނަގާފައި އެކަމަކު އޯވަރީތައް ނުނަގަންޏާ އޯވަރީ މަސައްކަތް ކުރާތީ އަދި ބިސްނަގައިގެން ޓިއުބެއްގައި ފާޓިލައިޒް ކޮށްގެން މަންމައަކަށް ވެވިދާނެ ފުރުސަތު އޮންނާނެ ކަމަށް ޒީބާ ބުންޏެވެ. ނަމަވެސް ރަހިމު ނަގާތާ އަހަރުތަކެއް ފަހުން އޯވަރީގެ މަސައްކަތް ހުއްޓާލަފާނެތީ ކުރީކޮޅު އެކަމާއި ވިސްނަން ޖެހޭނެ ކަމަށްވެސް ޒީބާ ކިޔައިދިނެވެ. މިއީ ކޮންމެހެން ރަހިމު ނަގާފައިވާ މީހުންނަށް އެކަނި އޮތް ފުރުސަތެއް ނޫނެވެ. ބަލިހާލަތު ހުރިގޮތުން ބަލިވެ އިނުމުން ފުރާނައަށް ނުރައްކާވެދާނެ އަންހެނުންނަށްވެސް އޮތް ޗޮއިސްއެކެވެ.

"އެކަމަކު އަޅުގަޑުގެ އޯވަމް އަދި ހަޒްބެންޑުގެ ސްޕާމް ނަގައިގެން އެހެން އަންހެނެއްގެ ހަށިގަނޑުގައި އެގޮތަށް އިންދާއިރު އެ އަންހެން މީހާއަކީ ހަޒްބެންޑަށް ހިލޭމީހަކަށް ވާއިރު ދެން އެކަން ދީނުގައި ހަރާމް ކަމަކަށްވާނެ ކަމަށް އިލްމުވެރިއަކު ބުނުއްވި، ކޮންމެ ގޮތެއްވިޔަސް އެ އަންހެންމީހާ ވިއްޔާ ބަނޑުގައި އެވާނީ ހިލޭ ފިރިހެނެއްގެ ދަރިއެއްނު.." އެބަލި މީހާ ވިސްނާލާފައި ބުންޏެވެ.

"ދީނުގައި އޮތީ ތިހެން ކަމަށްވަންޏާ ފިރިމީހާ ގާތުގައި ބުނޭ ދެ އަންބަށް މީހަކާއި އިންނާށޭ..." ޒީބާ ހިނިގަނޑެއް ޖަހާލައިފިއެވެ.

"ތިކަމަށް ދެވަނަ އަނބި އެއްބަހެއް ނުވާނެ، އޭރުން އެއަންހެންކުއްޖާ ބޭނުން ވާނީ އޭނަގެ އަމިއްލަ ދަރިއެއްތާ، އަޅުގަނޑު އަތުގައި އެހާ ލާރިއެއްވެސް ނެތް، އެހެންނޫންނަމަ ލާރިގަނޑެއް ޖަހާލައިގެން އެކަން ކުރުވިދާނެ...." އެ އަންހެންކުއްޖާ މޮޅިވެރިގޮތަކަށް ބުނެލިއެވެ. "މަނީ ކެން ޑޫ އެނީތިން.." ޒީބާ ވިސްނާލައިފިއެވެ. ނަމަވެސް އޭނައަށް ދެން ބަލިމީހާއަށް ކޮށްދެވޭނެ މާބޮޑު ކަމެއްނެތެވެ. އެއީ އެމީހުން އަމިއްލައަށް ވިސްނައި ނިންމަންޖެހޭ ކަމެކެވެ. އޭނަ އޮތީ ދަރިއަކު ލިބުމަށް އެ އަންހެންކުއްޖާއަށް އޮތީ އެކަނި އެފުރުސަތުކަން އަންގާދީފައެވެ. ޒީބާ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ހުރިއިރު އޭނައަށް ވެސް ރީތި ހުވަފެންތަކެއް ފެނުނެވެ. ނަމަވެސް ޒީބާއަށްވެސް ނޭގުނީ ކިތަންމެ މޮޅު ތަދުބީރުތަކެއް ކުރިޔަސް ތަގުދީރަކާއި ނުކުޅެވޭނެކަމެވެ. ބައެއްފަހަރު ކިތަންމެ މޮޅު ޕްލޭނެއްވެސް ހަލާކުވާން ސިކުންތުކޮޅެއްވެސް ނުނަގާނެކަމެވެ. އިންސާނުންނަށް އެމީހުން ބޭނުންވާހާ ގޮތަކަށް ދިރިއުޅުން ބައްޓަންކުރެވި، ދެކޭހާ ހުވަފެންތައް ކުލަ ކުރެވޭނެނަމަ ދިރިއުޅުން ހާދަ ފޮނިވެފައި ފުރިހަމަވީހެވެ. ޒީބާއަށް މުސްތަގުބަލުގައި ވާނެގޮތެއް ނޭގޭ ހާލުގައި ދިރިއުޅުމުގައި ހެދޭނެ އެންމެ ބޮޑު މޮޔަ ހެދުމުގައި އޭނަވަނީ އަތުކުރި އޮޅާފައެވެ. އެކަމުގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުމާއި ކުޅެލެވިދާނެކަންވެސް ނޭގިހުރެއެވެ. ދަރިއެއްގެ ފުރާނަވެސްމެއެވެ.

ޒެވިޔަން މޭޒުކާރީގައި ހުރެ ނޮން އެލްކޮހޯލިކް ކޮކްޓެއިލް ޕީޗްފުޅި ކަނޑާލާފައި ތުނި ބިއްލޫރި ތަށްޓަށް އެޅިއެވެ. އެ ބުއިމުގައިވާ ނޫކުލަ އާއި ޒެވިޔަން ލައިގެން ހުރި އައިސްބްލޫ ޓީޝާޓާއި، ކަޅު ޖިންސުގެ ސަބަބުން އޭނަ ފެންނަނީ ބުއިމެއްގެ އިޝްތިހާރު ކުރަންއުޅޭ މޮޑެލްއެއް ހެނެވެ. އަލީނާއަށްވެސް ކޮންމެވެސް ކަމަކު އެތަނަށް ވަދެވުނު އިރަށް ޒެވިޔަން ފެނުމުން ލޯތަރަތަރަޖަހައިގެން ދިޔައެވެ. ހިތް އޮބިނޯވެގެން މޭ ފަޅާލާފައި ނިކުމެދާނެހެން ހީވިއެވެ. "ހީޒް ޕާރފެކްޓް" އަލީނާ ހިންދިރުވާލައިފިއެވެ. ޒެވިޔަންއަށް މީހެއްގެ ހިލަން ވުމުން ކުޑަގޮތަކަށް ބަލާލިއެވެ. އެހާ ހިތްގައިމުކޮށް ބިއްލޫރިތަށި އެރީތި ތުންފަތުގައި ޖައްސައިލަމުންނެވެ. އެއީ އަލީނާކަން އެނގުމުން އޭނަ ކޮށި އަރާގޮތްވިއެވެ. ކުޑަކޮށް ކަޅިއަޅާލައިފައި އެތަށި ހިފައިގެން ކާކޮޓަރިން ނިކުންނަން އައެވެ.

"ޒެވިޔަން، އަޅުގަނޑަށް އެންމެ މިނިޓެއް ދެވިދާނެތަ؟" އަލީނާ ހިތްވަރުކޮށްލާފައި ފެށިއެވެ. އޭނަ ގަސްތުކުރީ ނިކީގެ މަރާއި ބެހޭގޮތުން ޒެވިޔަންއަށް ހަގީގަތް އޮޅުން ފިލުވައި ދިނުމަށެވެ. އެހެންމީހުން ކޮންމެގޮތަކަށް ހީކުރިނަމަވެސް ޒެވިޔަންއަށް އެނގުނީމަ އެނިމުނީއެވެ. ޒެވިޔަން ސިއްރުކޮށްދީފިއްޔާ އޭނަގެ ހިތަށް ހަމަޖެހުމެއް ލިބިދާނެއެވެ. އެވަގުތު ކޮޓަރިއަށް ވަންނަން އައި ރިޔާއަށް ރީއްޗަށް އަލީނާގެ ޖުމްލަ އަޑުއިވުނެވެ.

"އަލީނާ، މޮޔަވީތަ؟ ޒެވިޔާ އާއި އަޅައިގަނެގެން އުޅެން ލަދެއް ނުގަނޭތަ؟" ރިޔާ ހަރުކަށި ކަމާއިއެކު އަހާލައިފިއެވެ.

"ތިހީކުރައްވަނީ ރަނގަޅަކަށް ނޫން، އަޅުގަނޑު ބޭނުންވީ މާފަށް އެދެން..." އަލީނާ ހީކުރީ ރިޔާގެ ރަނގަޅުކަމުން އެފަދަ ފުރުސަތެއް ދޭނެކަމަށެވެ.

"އަލީނާ ތިހެން ބުނަން ޖެހިލުމެއްނުވިތަ؟ އަލީނާ ރަހުމަކާއި ނުލައި މަރާލީ އަހަރެމެންގެ ހުރި އެންމެ ދަރިފުޅު، އަހަރެމެން މިތިބީ ހޭންގް ކުރާތަން ދެކެން އެދުވަހަކަށް އިންތިޒާރުކޮށްކޮށް، ސައުދީގައިވެސް އިހަށްދުވަހު ނެނީއަކު ދަންޖެއްސި، އެވެސް ތި އުމުރުގެ އަންހެނެއް، ވީމަ ކޮން މާފެކޭ ކިޔާކަށްތަ؟ ގިޔާމަތް ދުވަހުވެސް މާފެއް ނުލިބޭނެ...." ރިޔާ ހުރީ ބުމަގޮށްޖަހާލައި ގެންނެވެ. އެއީ މިވީހާތަނަށް އަލީނާއަށް ރިޔާގެ ފަރާތުން ނުފެންނަ ސިފައެކެވެ. އަލީނާ އިސްޖަހާލައިފިއެވެ. ރިޔާ އަލީނާ އާއި ދިމާލަށް ހިނގައިގަތުމުން ޒެވިޔަން ކޮންމެވެސް އެއްޗެއް ވިސްނާލާފައި ރިޔާގެ އަތުގައި ހިފެހެއްޓިއެވެ. އަންހެންކުދިން ރުޅިގަދަވާވަގުތު ކޮންމެފަދަ ކަމެއްވެސް ކޮށްލަފާނެހެން އެނގޭތީ ކަންނޭގެއެވެ. އެހެންނޫނަސް ރިޔާ އަލީނާ ދެކެ ނަފްރަތު ކުރާނެ ވަރު ޒެވިޔަންއަށްވެސް އިހުސާސް ކުރެވެއެވެ. އެމީހުންގެ ހުރި އެންމެ ދަރިފުޅު އަބަދުގެ އަބަދަށްޓަކައި ދުނިޔެ އާއި ވަކިވެގެން ދިޔުމުގެ އަސްލަކީ އަލީނާ އެވެ.

ކޮމެންޓް 0