ޖިލާ އަކީ ދޮގު މައްޗަށް ދޮގުހަދައި އުޅޭ ނުބައި، ނުލަފާ ކުއްޖެއްކަން އެނގުމުން އާއިޒުގެ ހިތުގައިވާ ފޫހިކަން ނޭގިނަމަވެސް ބޮޑުވިއެވެ. ޖިލާއަށް ކުރެވުނު ގަދަރު ކުޑަވެއްޖެއެވެ. ބުރުގާ އަޅައިގެން މަޑުމަޑުން ތިބޭކުދިން ހަމަ ނުލަފައީބާވައެވެ. އާއިޒު ޖިލާގެ އަތް މަޑުމަޑުން ދުރަށް ޖައްސައިލުމަށްފަހު ގޮސް އެނދުގައި އިށީދެއްޖެއެވެ. އެ ރީތި ދެލޮލުން އެންމެ ފަހަރަކުވެސް ދައުވަތުގެ ނަޒަރަކުން ބަލައިލާނެ ނަމައެވެ. 

"އެއީ ޖިލާ އަސްލު ފެންޓަސައިޒް ކުރާކަމެއްތަ؟ އައި މީން ރޫމްގައި އުޅޭއިރު އެއްޗެއް ނުލައި ހުރުމާއި އެކަހަލަ ކަންތައް، ނަމާދުގަޑީގައިވެސް އެހެންކަމެއް ކުރުވަން މަޖުބޫރުކުރަންޏާ މަ މީ ޑެވިލް ދޯ، ނޫނީ ޖިލާއަށް މޮޅުކަމަކަށްވީމަ ފޮނިކަނޑައިލަން ދެއްކި ވާހަކައެއްތަ؟ އެވަރުދެން ވާނީ ޖިލާ ރީތިކަމުން ގޮސް އަހަރެންނަށް އެންމެ ހިދުކޮޅަކަށްވެސް ދުރުގައި ނުހުރެވޭތީ، ދެން އަދި އަހަރެން ނުކުރާކަށް އަނިޔާއެއްވެސް ނެތްކަމަށް ވަނީ، ބުނެބަލަ، ޖިލާ ބޭނުންވަނީ އެގޮތަށް އަހަރެން ހަދަންތަ؟" އާއިޒު މަލާމާތުގެ ގޮތަކަށް ބުނެލިއެވެ. ޖިލާ ސިހުނެވެ. ޖިލާ އެއްގޮތަކަށްވެސް އާއިޒު އެހާ ނުބައިކޮށް އޭނަ އާއި މެދު ހީކޮށްފާނެ ކަމަށް ނުދެކެއެވެ. 

"އެހެން ޚިޔާލު ކުރަނީއެއްނޫން، އެއީ ފްރެންޑަކަށް ދިމާވިކަމެއް...." ޖިލާ ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރިއެވެ.

"އަހަރެންގެ އަގު ވައްޓާލި އިރު ޖިލާ އެންމެ ފަހަރަކުވެސް އަހަރެން ދެރަވާނެވަރާއި ލަދުގަންނާނެ ވަރު ހިތަކަށް ނޭރި، ތެދަށް ބުނަންޏާ މިއަދު އަހަރެން ބޭނުމެއްނުވޭ ޖިލާގެ ގައިގައި އަތްލާކަށް، އަހަންނަށް ފީލްއެއްނުވޭ އަހަރެންގެ ހައްގެއް ހެނެއް، އެހެންނޫނަސް އެގޮތަށް ދޮގުހެދީމަ އުމުރަށްވެސް އިތުބާރު ގެއްލިދާނެ. ރިލޭޝަންޝިޕެއްގައި އެންމެ މުހިއްމު ވާނީ ޓްރަސްޓް، އިތުބާރާއި ތެދުވެރިކަން ނެތިއްޔާ ގުޅުން ނެތިގެން ހިނގައިދާނެ، ވީމަ ޖިލާ ދޮގުހަދަހަދައި އެހެންމީހުންގެ ގާތުގައި ދީންވެރި މާތްމީހަކަށް ހެދިގެން ހުރެ، މިހާރު ހިތަށް އަރާ އިންސާނުންނަށް ގޮތްދެއްކިޔަސް ހެއްދެވިފަރާތުގެ ހަޟުރަތުގައި ޖިލާގެ ރަނގަޅުކަން އޮތީ ކިހައި ވަރަކަށް ބާ......" އާއިޒުގެ އެންމެ ފަހު ޖުމްލަ ހީވީ ޖިލާގެ ހިތަށް ވީއްލައިލި ބާރު އެތިފަހަރެއްގެ ގޮތުގައެވެ. ހިތްކުދިކުދިވެ އެތައް ސަތޭކަ އެތިކޮޅުތަކަށް ބުރައިގެން ދިޔަހެން ހީވިއެވެ.

"ޖިލާ ތިވަނީ އަހަރެމެންގެ އޮތްހާ ގުޅުމެއް ކަނޑައިލާފައި، ދެން މިމެރިޖް ސޭވްކުރަން ކުރެވެން އޮތް އެއްވެސް ކަމެއްނެތް، އިޓްސް އޯވަރ......." އާއިޒު އެޖުމްލަ ބުނެލިގޮތުން ހީވީ އެންމެ ފަހުގެ ނިންމުން ހެންނެވެ. ހުރިހާ ގުޅުމެއްގައި ނިމުމުގެ ތަތްގަނޑު ޖަހައިލި ހެންނެވެ. އާއިޒު މޭޒުމަތީގައި އޮތް ތަޅުދަނޑި ނަގައިގެން ކޮޓަރިން ނިކުމެގެން ދާން ހިނގައި ގަތުމުން ޖިލާ ފަހަތުން ދުވެފައި ދިޔައެވެ. އާއިޒު ބާރަކަށް ސިޑިން ފައިބައިގެން ގޮސް ގޭޓްކައިރީގައި ޕާކްކޮށްފައި އޮތް ކާރަށް އަރަންވާއިރަށް ޖިލާވެސް އަނެއްފަރާތު ދޮރު ހުޅުވާލާފައި އިށީދެއްޖެއެވެ. އާއިޒު ކޮންމެވެސް އެއްޗެކޭ ބުނަން އުޅެލާފައިވެސް ބާރަކަށް ކާރުދުއްވާލައިފިއެވެ. ސިކުއިރިޓީ ޕޯސްޓް ފަހަނަޅައި ދިޔުމުން އާއިޒު ކާރުގެ ސްޕީޑް ހަތްދިހަ މޭލަށް ބާރުކޮށްލުމުން ޖިލާއަށް ހީވީ ހަތަރު އުދަރެސްފެނު ޖެހުނުހެންނެވެ. ހަތަރެސްފައި ގަނޑުފެންކޮޅަކަށްވިއެވެ. ބާރަށް ދުއްވާ އެއްޗިއްސަށް އަރަން އޭނަ ބިރުގަންނަވަރު ރަނގަޅަށް އެނގިހުރެ އާއިޒު މިފަދަ ގޮތަކަށް ކަންތައް ކޮށްފާނެ ކަމަކަށް ޖިލާ ހިޔެއްނުކުރެއެވެ. އާއިޒު ގަސްތުގައި އެކްސިޑެންޓެއް ވެގަނެގެން އޭނައާއި އެކީގައި ޖިލާ މަރާލަން އުޅެނީބާވައެވެ.

"ސްލޯ ޑައުން އާއިޒު، ޕްލީސްސްސް.. މާ.. ބާރަށް ތިދަނީ، އައިމް ސްކެއާޑް...." ޖިލާ ވަށައިގެން ހޯދާލިއެވެ. އެއްފަރާތުން ފެންނަ ގަސްތަކުގެ ތެރެއަށް ހަނދުވަރުގެ އަލިކަން ފެތުރިފައި ވާތީ އެގަސްތައްވެސް ދުވަމުންދާހެން ހީވިއެވެ. ނަސީބަކުން ޓްރެފިކް ފުދޭވަރަކަށް މަދެވެ. އާއިޒު ދަނީ ކުރީގައި އޮންނަ ވެހިކަލްވެސް ފަހަތަށް ޖައްސައިލާ ކުރިއަރަމުންނެވެ. ކުއްލިއަކަށް ކުރިމައްޗަށް ނިކުތް ލޮރީގައި ކާރު ޖެހޭނެކަން ޖިލާއަށް ޔަގީންވުމާއިއެކު ލޮލުގެ ކުރިމަތިން މަރު ހިޔަނިވިއެވެ. ޖިލާ މޫނުގައި ދެއަތް އެޅިއިރު އެ ޅަހިތް ތެޅެމުން ދިޔައީ ނިކަން ބާރަށެވެ.

"އައިމް ޑައިން.....ން..ން... އާ އާ........" ޖިލާ ކަރު ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތެވެ. މެދުނުކެނޑި އެތައް ފަހަރަކުއެވެ. ކާރުތެރޭގައި އެއަޑު ގުގުމައިގެން ދިޔައެވެ.

"ރިލެކްސް ޖިލާ، މަރުވިޔަސް ދެމީހުން އެކީގައި މަރުވާނީ، ޖިލާ އެކަނި މަރުވިޔަކަ ނުދޭނަން، މީގެ ބްރޭކް ހަލާކުވީކަމަށް ވާނީ ނުހުއްޓިގެން މިއުޅެނީ...." އާއިޒު ހަމަޖެހިލާފައި ޖިލާއަށް ބަލައިލިއެވެ. ޖިލާގެ ލޮލުގައި ބޮޑެތި ކަރުނަތިކިތައް ވިދަމުންދިޔައިރު މޫނު ހީވަނީ ޝަބްނަމްގެ ތިކިތައް ފައިބާފައިވާ މަލެއްގެ ފިޔަހެންނެވެ. ދާތިކިތައް ވިދައި ބަބުޅަމުންދާއިރު އެދޮން މޫނުވަނީ ހުދުވެފައެވެ. އާއިޒު ކުއްލިއަކަށް ކާރުގެ ސްޕީޑް ދަށްކޮށްލައިފިއެވެ. "ޕުއަރ ޖިލީ ފެއިންޓްވެދާނެ." އޭނަ ކާރު މަޑުކޮށްލީ މޭޕްލްގަސްތައް ހެދިފައިވާ ހިސާބަކަށެވެ. 

"އިޓް ވޯޒް ފަން ދޯ، ހިނގާ ގެއަށް ދަމާ، ޖިލާ ގާތުން ދޮގުހަދަން ދަސްކޮށްގެން ބްރޭކް ހަލާކުވީއޭ ބުނީ، އެކަމަކުވެސް ސީދާ ދޮގެއް ނަހަދަންވެގެން އެގޮތަށް ބުނީ، އަހަރެން ހާދަ ފޫހިވެޔޭ ދޮގުވެރިންދެކެ، ދެން މިރޭ އަހަރެން އުޅުނީ މި ސްޓޭޓުންވެސް ބޭރަށް ދާންކަމަށް އެކަމަކު މިވީގޮތުން މިރެއަކު މިކަން ވާކަށްނެތް، ޖިލާ މަގޭ ފަހަތު އަޅުވާލީވިއްޔަ، މިއޮތް ރިލިޖަސް ކުއްޖާ ބުރުގާވެސް ނާޅާހުއްޓާ މާދުރަށް މިއާދެވުނީ ވެސް، ސޮރީ......" އާއިޒު ހުންގާނުގައި ލުއިކޮށް އަތް ބާއްވާލައިގެން އިނދެ އެހިތްގައިމު ނަޒަރުން ބަލައިލި އިރު ޖިލާ ރޮއިރޮއި ހަލާކުވޭވޭއިނެވެ. އާއިޒުއަށް އިރުކޮޅަކަށް ބަލަހައްޓައިގެން އިދެވުނުއިރު އޭނަގެ ލޯވެސް ކުޑަކޮށް ތެމުނެވެ. އެވަރަށް ޖިލާ ރޯތަން ފެނުމުން އޭނަގެ ހިތުގައި ރިހުމެއް އުފެދުނެވެ. ޖިލާ ގެނެސް މޭގައި ޖައްސާލާފައި އޭނަ މިހިރީ ހިމާޔަތާއި، ރައްކާތެރިކަން އަބަދުގެ އަބަދަށްޓަކައި ޖިލާއަށް ދޭންކަމަށާއި ދެން ދުވަހަކުވެސް މިގޮތަށް ބިރުނުގަންނަވާނެ ކަމަށް ބުނަން ބޭނުންވިއެވެ. ނުރޮއްވާނެކަމުގެ ވަޢުދުކުރަން އެވަގުތު ހިތް ބޭނުންވިއެވެ. ކުއްލިއަކަށް ޖިލާ ކާރުގެ ދޮރު ހުޅުވާލާފައި ފޭބިއެވެ. 

ރޭގަނޑުކަމަށްވާތީ މިހިސާބު ފުދޭވަރަކަށް ފިންޏެވެ. ފިނި ވައިރޯޅިތަކުން ފަޒާގައި ނާނާ އަޅުވާލައިފައި ވެއެވެ. އެކަމަކު ބިޔަގަސްތައް ފުރާނާލައިފައި ހަނދުވަރުގެ އަލިކަން މަގަށް އެޅިފައިވާއިރު ފެންނަލެއް ވަރަށް ހިތްގައިމެވެ. ޖިލާ ފިނި ވެގެން ގޮސް ރޫރޫއަޅަން ފެށިއެވެ. އޭނަ ހުއްޓުނީ މަގުގެ އެއްފަރާތުގައެވެ. އާއިޒު ކާރުގެ ދޮރުފަތް ހުޅުވާލައިފައި ޖިންސްގެ ޖީބަށް އަތްޖަހާލައިގެން އައެވެ. ހަނދުވަރުގެ އަލީގައި އެރީތި ދެލޯ ފެންނަލެއް ވަކިން ރީއްޗެވެ. ނޫ ޖިންސާއި، ޓީޝާޓް ގަޔަށް ހިފާލައިފައި ވާގޮތުން އެ ކަސްރަތީ ހަށިގަނޑުގެ ފުރިހަމަކާއި އަތުގެ މުލައްދަނޑީގެ ހިތްގައިމުކަން ދިމާލަށް ފެނެއެވެ. ނަމަވެސް ޖިލާ އެވަގުތު ހުރީ ވަރަށް ރުޅިގަދަވެ، ހިތުގައިޖެހިފައެވެ. އޭނަ ކާރަށް އެރީމަ ދެންވެސް އާއިޒު ދޭނެ ލަނޑެއްވެސް އެގެނީއެއް ނޫނެވެ. 

"ޖިލާ، އާދޭ ގެއަށް ދާން...." އާއިޒު ތަންކޮޅެއް އަމުރުވެރިކޮށް ބުނެލިއެވެ. ޖިލާ ގެ މޫނަށް ހަނދުވަރުގެ ތޫނު އަލި އެޅިފައި ވާއިރު ރީތިކަމުން ގޮސް ހީވަނީ ދަންވަރު ގަސްދަށަށް ޖައްސާލާފައިވާ ޕަރީއެއް ހެނެވެ. އެ މުށިކުލައިގެ އިސްތަށިގަނޑުގެ ބައެއްހިސާބަށް މަޑު ރަންކުލައެއްވެސް ވެރިވެފައިވެއެވެ. ތުންފަތް ރަތްކަމުން ލޭކޮޅެއް ފަދައެވެ. އާއިޒު ގެ ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ. 

"އަހަރެން މިގުޅަނީ ދޮންބެއަށް، އަހަރެން ދާނީ ދޮންބެ އާއި އެކީގައި، ޔޫ ޑޯންޓް ލަވް މީ، ވީއިރު އަހަރެން ޓްރަސްޓް ކުރާނީ ކިހިނެއްތަ، މިރޭވެސް އުޅުނީ އަހަރެން މަރާލަން......" ޖިލާގެ މައުސޫމް ދެލޮލުން އެވަގުތު އިންތިހާ ދަރަޖައިގެ ޅަކަމާއި، ބިރު އާއިޒުއަށް ފެނުނެވެ. ޖިލާ ފޯނު ނެގިއެވެ.

"ނޯ، ދާވިޝްއަށް ނުގުޅާތި، ތިއުޅެނީ އަނެއްކާ އެހެން އިޝޫއެއް ކްރިއޭޓް ކުރަން ވެގެން، އަހަންނަށް އިތުބާރު ކުރޭ، އަހަރެން މިފަހަރު ދުއްވާނީ މަޑުން، އައި ޕްރޮމިސް...." އާއިޒު ޖިލާ އާއި އަރައި ހަމަވިތަނާ ޖިލާ އަތުނުވެ ދުއްވައިގަންނަން އުޅުނެވެ. އާއިޒު އެއްލިއަތުން ޖިލާގެ އަތުގައި ހިފުނެވެ. އާއިޒުގެ އަތުތެރެއިން ވީއްލެން މަސައްކަތް ކުރިޔަސް އާއިޒު ގެ ގާތުގައި ޖިލާއަށް އަތެއްފަޔެއްވެސް ހަލުވައެއް ނުލެވުނެވެ. އޭނަ ނުލާހިކު ފަސޭހައިން ޖިލާ އަތްދަނޑި މައްޗަށް އުފުލައިލިއެވެ.

"ދޫކުރޭ، މިބުނަނީނު ދޫކުރާށޭ....." ޖިލާ ތެޅިފޮޅުނެވެ. އާއިޒު ޖިލާ ގަދަހަދަހަދައި އޮތްވާ ގެނެސް ކާރުގެ ބޮނެޓްމަތީގައި ބޭންދިއެވެ. ޖިލާ ސޮއްސާލައިގެން ތިރިއަށް އައިގޮތަށް އާއިޒުގެ އަތުތެރޭގައި ހައްޔަރުވިއެވެ. އޭރު ދެހިތުގެ ވިންދުވެސް އަވަސްވެފައިވެއެވެ. އެހާ ހިމޭން، އެކަނިވެރި ތަނެކެވެ. ހީވަނީ މުޅި އެހިސާބުގައި ވެސް އެމީހުން ނޫން ބަޔަކު ނެތްހެނެވެ. އަދި ތިބެވުނީ އެހާވެސް އިޝްގީ ގޮތަކަށް ބަލަހައްޓައި ގެންނެވެ. އެހާ ގާތްކޮށެވެ. އާއިޒު ޖިލާގެ ރީތި މޫނާއި، ކަނދުރާގައި ބޮސްދޭންފެށީ ކެތްތެރި ކަމެއްނެތިއެވެ. އެތައް ދުވަހަކުއްސުރެން ހިތް އެހާވަރަށް އެދެމުން ދިޔައިރުވެސް އާއިޒު ހުރީ ކެތްކޮށްލައިގެންނެވެ. އެހާވަރަށް ބޭނުންވެފައި ހުރެ ދުރުން ހާދަ ގިނަދުވަހު އުޅެވިއްޖެއެވެ. އާއިޒުގެ އަތުގެ ފިރުމުންތަކުން ޖިލާއަށް ހީވީ ގައިގައި ކަރަންޓުގެ ރާޅުބާނި ތަކެއް ދަތުރުކުރަމުން ދާހެންނެވެ. މުޅި ހަށިގަނޑުގައިވެސް ނޭގޭ ވައްތަރެއްގެ އަލިފާނެއް ރޯކުރުވައިފިއެވެ. 

އާއިޒު މެންގެ އެ ލޯބިން ފުރިގެންވާ ވަގުތުކޮޅަށް ހުރަސްއެޅީ އެހެން އައި ކާރެއްގައި ތިބިބަޔެކެވެ. އެމީހުން ޖިލާ އާއި ދިމާކުރާފަދަ ގޮތަކަށް އުޅެގަތުމުން އާއިޒު ޖިންސްގެ ޖީބުން ބަޑި ނެގިތަން ފެނުމުން އެމީހުން ބާރަކަށް ހަޅޭއްލަވައިގެންފައި އަވަހަށް އެތަނުން ރައްކާވެއްޖެއެވެ. އެކަމަކު ޖިލާ އޭރު އިނީ ބިރުން ވިރިވިރިއެވެ. އާއިޒު ބަޑިއެއް ގެންގުޅޭކަންވެސް މިއެގުނީ އަލަށެވެ. އޭނަ ބޭނުންވީ އަވަހަށް ގެއަށް ދިޔުމަށެވެ. ގެއަށް ދެވެންވާއިރަށް އާއިޒުގެ ހަށިގަނޑުގައި ރޯވި އަލިފާންގަނޑުވެސް މައިތިރިވެއްޖެއެވެ. އޭނަ ގެއަށް ނުވަދެ ފެންޑާގައި މަޑުކޮށްލައިފިއެވެ. ކުރެވުނު ކަންތައްތަކާއި މެދު ވިސްނާލައިފައި އާއިޒުވެސް ހުރީ ހިތްހަމަނުޖެހިފައެވެ. ޖިލާ އާއި އެހާ ގާތްކޮށް އުޅެވުމުން އަމިއްލަ ނަފުސަށްވެސް މަލާމާތް ކުރެވުނެވެ. ޖިލާ އަދިވެސް އޭނަގެ ހިތް ހަލާކުކޮށްލާފައި ބޭޒާރުކުރާނެ ވަގުތެއް އެނގެނީއެއްނޫނެވެ. އެއްގޮތަކަށްވެސް އެ ރީތި އެކަމަކު ގޮތްނޭގޭ ކުއްޖާއަށް އިތުބާރުކުރާކަށް ނުވާނެއެވެ. އާއިޒު އެ "ޑައިރީ" މަތިންވެސް ހަނދާންވިއެވެ. އާއިޒު ފެންޑާގެ ތަނބަކަށް ލެނިލައިގެން ހުރި އިރު އެ ގަދަ ބުމަގޮށްޖެހި ތުންފަތުގައި ބާރަކަށް ދަތްއަޅައިލެވުނެވެ. 

މައިމޫންގެ އެންމެ ބޮޑުގެ ހުންނަނީ ސިޓީގައެވެ. ފަރުބަދަމަތީގެ ގެއަކީ ހަގީގަތުގައި އެމީހުން ޗުއްޓީ ދުވަސްތައް ހޭދަކޮށްލަން އަންނަ ތަނެކެވެ. ނަމަވެސް ދަރިން ކިޔަވައި ނިމުމަށްފަހު ތަންކޮޅެއް ގިނައިން ފަރުބަދަމަތީގައި އުޅެވެންފެށީއެވެ. ދާވިޝް ކޮލެޖަށް ދާތީ އޭނަ އުޅެނީ ސިޓީގައި ހުންނަ ގޭގައެވެ. އެހެންވެ ސީމާވެސް އޭނަ ބަލިވެއުޅޭތީ ބޮޑަށް ބޭނުންވަނީ ސިޓީގައި އުޅެންކަމަށް ކިޔައިގެން މައިމޫންވެސް އެކަމަށް އެއްބަސްވެލެއްވިއެވެ. އޭރު ފަހަރެއްގައިވެސް އެއީ ޒީބާ ބޮޑު މައްސަލަގަނޑަކަށް ހަދައިފާނެ ކަމެއްކަމަށް މައިމޫން ހިޔެއް ނުކުރައްވައެވެ. ޒީބާއަށް އެކަން އެނގުމާއިއެކު އެކަމާއި ދެކޮޅުހަދައިފިއެވެ.

"އަޅުގަނޑުވެސް މިއުޅެނީ ބަލިކޮށް، އެހެންވިއްޔާ މައިމޫން އެއްދުވަހު އެގޭގައި އަނެއްދުވަހު މިގޭގައި ހުންނަވާގޮތަށް ނިންމަވާ، އޭރުން އަޅުގަނޑަށްވެސް މައްސަލައެއް ނެތް...." ޒީބާ ގެ އަޑުން އޭނަ ހުރީ ވަރަށް ހިތްހަމަނުޖެހިފައިކަން މައިމޫންއަށް އެނގިލެއްވުމުން މައިމޫންއަށް ޒީބާ އާއި ސީމާގެ ދޭތެރޭގައި ހަސަދަވެރިކަން އުފެދިއްޖެކަން ފުރަތަމަ ފަހަރަށް އެނގިލެއްވިއެވެ. ދެއަނބިން ގެންގުޅުއްވުމުގައި އިންސާފުވެރިވާން މައިމޫން ނިންމަވާފައިވީ ނަމަވެސް އެއީ ހީކުރެއްވިހާ ފަސޭހަކަމަކަށް ނުވާނެކަން ޔަގީންކުރެވިއްޖެއެވެ. 

ސީމާ ދާވިޝްއަށް ގުޅާފައި އެދުނީ ކޮލެޖު ނިމިގެން ކޮންމެދުވަހަކު އެގެއަށް އައުމަށެވެ. މިގޭގައި ވަރަށް ސިއްރުވެރި ކަންތައްގަނޑެއް އެބަހިގާކަމަށާއި، އެ ޕްލޭންގައި ކޮންމެހެންވެސް ދާވިޝް ހިމެނެން ޖެހޭނެކަމަށް ސީމާ ބުނެލައިފިއެވެ. ދާވިޝް ސިޓީއާއި ދުރުގައި އުޅެން ފޫހިވެއެވެ. އެކުވެރިންނާއި ހުރިހާ މަޖަލެއް އޮތީ ސިޓީގައެވެ. ކޮލެޖް ނިމިގެންވެސް އެމީހުން ހާދަ ގިނަ ޕްރޮގްރާމެއް އޮވެއެވެ. ވީއިރު އެކަހެރިވެގެން އުޅެން ދާވިޝް އެހާ ފޯރިއެއް ނެތަސް މަންމަ ދެއްކިވާހަކަ އަކުން ދާވިޝްއަށްވެސް އަންނަން މަޖުބޫރުވެއްޖެއެވެ.

ސީމާ ބަލިވެއިންކަން އެނގުނުތާ ދެތިން ދުވަސް ވޭތުވެގެން ދިޔައިރުވެސް ޒީބާ ހުރީ ޝޮކެއްގައެވެ. ޒީބާއަށް މިހާ ނުބައި ޚަބަރެއް ދުވަހަކު ކޮޅުންވެސް ދެން ލިބޭނެކަމެއް ނޭގެއެވެ. ހަސަދަވެރިކަމުގެ އަލިފާންގަނޑު އެންމެ ގަދަޔަށް އަނދައިގަނެ، އޭނަގެ މުޅި ވުޖޫދަށްވެސް އިންތިހާއަށް އަސަރުކުރުވައިފިއެވެ. ދެރަވެގެންގޮސް ދޭތެރެއަކުން ލޮލަށް ކަރުނައާދެއެވެ. ޒީބާ ކަޅުކޮފީއެއް ހަދައިލުމަށްފަހު ބޮޑުކޮޓަރިއަށް ނިކުމެ ސޯފާގައި އިށީދެ އޭނަ ކިޔަން ގެންގުޅުނު ވާހަކަފޮތް ހުޅުވާލައިފިއެވެ. ހުޅުވިފައިވާ ކުޑަދޮރުތަކުގައި ދަމާފައިވާ ބޯފަރުދާތައް ވަޔާއިއެކު ވިހުރެމުން ދާއިރު ބަހާރުމޫސުމްގެ ތާޒާކަން މުޅި ކޮޓަރީގައި ވެއެވެ. ޒީބާއަށް ފޮތުން އެންމެ ޖުމްލައެއްވެސް ކުރިޔަށް ގެންދެވޭނެ ގޮތެއްނުވިއެވެ. ސީމާ ގަސްތުގައި އޭނަގެ ހަޔާތަށް ވިހަލާންވެގެން ކުރާކަމެއްބާވައޭވެސް ހިތަށް އަރަން ފަށައިފިއެވެ. ޒީބާއަށް ވިސްނެނީ އޭނަ ހަދަންވީ ގޮތަކާއި މެދުގައެވެ. ޒެވިޔަން ގޭތެރެއިން ނިކުމެގެން އަންނަތަން ފެނުމުން ޒީބާ ގޮވާލައިފިއެވެ.

"ޔެސް މަމް...." ޒެވިޔަން ރީތި ހިނިތުންވުމަކާއި އެކު އޭނަގެ މަންމަގެ ގާތުގައި އިށީދެއްޖެއެވެ. 

"ދަރިފުޅާ، މަންމަ މިހިރީ ބުނާނެ އެއްޗެއް ނޭގިފައި، ދަރިފުޅުމެންނަށް ދަރިން ލިބެންވީ އުމުރުގައި ކޮއްކޮއެއް އެލިބެނީ..." ޒީބާ ބޭނުންވީ ޒެވިޔަންގެ ހިތުގައިވާ އެއްޗެއް ދެނެގަތުމަށެވެ.

"އަޅުގަނޑު ތިކަމާއިމެދު ބުނާނެ އެއްވެސް އެއްޗެއް ނެތް މަމް..." ޒެވިޔަން ގެ މޫނުމަތީގައިވާ ހިނިތުންވުން ފަނޑުވެގެން ހިގައްޖެއެވެ. 

"ދަރިފުޅު އުފަލެއްނުވޭތަ؟" ޒީބާ އަނެއްކާ އަހާލައިފިއެވެ.

"އެކަމަކު ޑޭޑް ގެ އުފަލާއި ބައިވެރިވާންޖެހޭނެ ދޯ މަމް، ހޫމް އަދި އަޅުގަނޑު މަންމަ އާއި ޑިސްކަސްކޮށްލަން ޖެހޭކަމެއް އެބައޮތް، ރިޔާ ބުނި ބޭބީއެއް ބޭނުންވާ ވާހަކަ، އެކަމަކު އަލީނާ ވީމަ މައްސަލައަކީ....." ޒެވިޔަން ވާހަކަ ހުރިގޮތުން އޭނަ އެކަމާއި ހިތްހަމަނުޖެހިފައިވާކަން ޒީބާ ދެނެގަތެވެ. އޭނަގެ ލާނެތް ދަރިފުޅު ސީރިޔަސްވެއްޖެއްޔާ ޒީބާ ކަންބޮޑުވެއެވެ. ޒެވިޔަން ގެ އުފާވެރިކަމުގެ އެއްބަޔަކީ ލާނެތް މިޒާޖެވެ.

"އާން ދަރިފުޅާ، ރިޔާ ވަރަށް ޑެސްޕެރޭޓްވެފައި އެހެރީ، އެއީ އޭނަގެ އޮތް އެކަނި ޗާންސަކީ، ރިޔާ ބޭނުންވަނީ ވެސް ނިކީ ކަހަލަ ގާލްއެއް، ދެން އަލީނާ ޚިޔާކުރީ ދަރިފުޅު އޭނަ އާއި ގުޅުމެއް އޮންނަކަން އެނގޭތީ އާއި އެކު ދަރިފުޅަށްވެސް ރަނގަޅުވާނެ ގޮތަކާއިމެދު ވިސްނާލާފައޭ...." ޒީބާ އަމިއްލަ ދަރިފުޅަށްވެސް ކެހިދޭން ފަހެއްނުޖެހުނެވެ. ޒީބާ ކަނޑައެޅިގެން ދޮގުތަކެއް ހަދައިގެން ޒެވިޔަންއަށް އޮޅުވާލަން ނިންމި އިރު ޒީބާ ދެކުނީ އެއީ ޒެވިޔަންގެ މުސްތަގުބަލަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއްކަމުގައެވެ.

"އެކަމަކު އަލީނާ ވިހެއީމަ އޭނަވެސް ބޭބީ ބޭނުންވާނެ، އޭނަ އެކަމަށް އެއްބަސްވީތަ؟" ޒެވިޔަން ހައިރާންވިއެވެ.

"ނޫނޭ ދަރިފުޅާ، އަލީނާއަށް އެބައި އެނގިގެންނުވާނެ، އޭރުން މެންޓަލީވެސް އޭނަ އަށް މައްސަލަ ދިމާވެދާނެ، ޒެވިޔާއަށް މަންމަގެ ޕްލޭން އެނގޭތަ؟ މަންމަ ފުރަތަމަ އުޅުނީ އަލީނާ މީހަކަށް ވިއްކާލަން އެކަމަކު މި އައިޑިއާ އައީމަ އެ ޚިޔާލު ދޫކޮށްލައިފިން، އަލީނާ ބޭބީ ވިހެއުމަށްފަހުވެސް އުޅޭނީ މިގޭގައި، އޭނަ ދަރިފުޅަށް ފީޑްވެސް ކުރާނީ، ނިކީ ފަދައިން އެ ބޭބީއަށްވެސް ދެ މަންމަ ލިބުނީ، ދެން ފަހުން ވާނެގޮތަކީ ބޭބީ ކުޑަކޮށް ބޮޑުވީމަ ދަރިފުޅާއި އަލީނާއަށް އަމިއްލަ ދަރިއެއް ހޯދިދާނެ، އޭރުން އަލީނާއަށް ހަގީގަތް އެނގުނަސް އޭނަ ހިތާމައެއް ނުކުރާނެ، ރިޔާއަށް ކަމެއްކޮށްދެވުނީމަ އަލީނާއަށްވެސް އުފަލެއް ލިބޭނީ، މަންމަ ބޭނުން މިވަގުތުން ވަގުތަށްވެސް އެކަން ނިންމައިލަން، ރިޔާ އަކަށް ޓައިމް އެއްނެތް، ކޮންމެ ދުވަހަކުވެސް ރިޔާގެ އޯވަރީސްތައް މަސައްކަތް ހުއްޓާލަފާނެ، ވީމަ މަންމަ މިހުއްދަދިނީ، ހެޔޮ ދެން އަލީނާ އާއި ގުޅުން ބޭއްވިޔަސް، މަންމަ ބުނިން ދޯ ވަލުތެރޭގައި ހުންނަ މަލާއި ނުކުޅޭށޭ އެކަމަކު ވަލުތެރެއިންވެސް ފެނިދާނެ މީރުވަސްދުވާ ކުޑަ އެންމެ މަލެއް......" ޒީބާ ހީހީފައި ދެއްކި ވާހަކަތަކުން ޒެވިޔަން ރަނގަޅަށްވެސް ހެއްލުނެވެ. ނުވިސްނޭތީ އެއް ނޫނެވެ. އޭނަ މަންމައަށް އިތުބާރު ކުރާލެއް ހިސާބަށް ވުރެ ބޮޑީއެވެ. އޭނަގެ މަންމަގެ އެހާ ކަޅު، އަނދިރި ފަރާތެއް ވެދާނެކަމެއް ޒެވިޔަންއަށް ނޭގުނީއެވެ. އަދި އަމިއްލަ މަންމަ ދަރިއެއްގެ އުފާތަކުގައި ހުޅުޖަހައި، ދިރިއުޅުމާއި ކުޅެލަން އުޅޭކަމުގެ ކުޑަ ހިލަމެއްވެސް ޒެވިޔަންއަށް ނުވީއެވެ. މަންމަ އެހާ ފަށުވިކޮށް އެހާ ރީތިކޮށް ވާހަކަދެއްކުމުން ޒެވިޔަންގެ ހިތަށްވެސް ލިބުނީ ނޭގޭ އުފަލެކެވެ. އޭނަގެ ނަސީބު އަތުގައި ހިފަން އުޅެނީބާވައެވެ.

ރިޔާ ހުރީ ޒީބާއަށް ވުރެ ކުރީގައެވެ. ރިޔާ ބުނާގޮތުން ވިއްޔާ އަލީނާ އަކީ އަޅުކުއްޖަކަށް ވީމަ ޒެވިޔަންއަށް ހުއްދަވާނެއެވެ. ރިޔާގެ ބޭނުމަކަށްވީ އަލީނާ އަކީ ދީންވެރިކުއްޖެއްކަން އެނގޭތީ އެކަމުންވެސް އަލީނާއަށް ލަނޑުދިނުމެވެ. އަލީނާ ކައިވެނިން ބޭރުގައި އެފަދަ ގުޅުމެއް ބާއްވަން ދެކޮޅުހަދާނެކަންވެސް ރިޔާއަށް އެނގެއެވެ. ރިޔާ ބޭނުންވަނީ ޒެވިޔަން ލައްވާ އަލީނާގެ އިއްފަތްތެރިކަން ނަގުވާލައި އަލީނާ އަށް އެގޮތުންވެސް ސަޒާ ދިނުމަށެވެ. ކުރީގައި ޒެވިޔަންގެ ހިތުން އަލީނާ މަގާމެއް ހޯދާފައިވިޔަސް ދަރިފުޅުގެ މަރަށްފަހު ޒެވިޔަން އަލީނާގެ ސިފަ ދެކެންވެސް ނުރުހޭނެކަން ރިޔާ ދަނެއެވެ. އެހެންވީމަ ޒެވިޔަންގެ ހިތުގައި ލޯބި އުފެދުމަކީ އެކަށީގެންވާކަމެއް ކަމަކަށްވެސް ރިޔާވެސް ގަބޫލެއް ނުކުރެއެވެ. އަލީނާއަކީ އެމީހުންގެ ކުށްވެރިޔާއެވެ. އަލީނާ ވަނީ މަންމަ ގާތު އެކަމަށް އިޢުތިރާފުވެފައިއެވެ.

ޒެވިޔަން އަލީނާދެކެ ލޯބިވާކަމަށް އެކްޓްކުރަންވެސް ރިޔާ ވަނީ އެދިފައެވެ. އަންހެންކުދިންގެ ވިސްނުން ހުންނަގޮތާއިމެދު ޒެވިޔަން ހައިރާންވިއެވެ. ރިޔާ އޭނަދެކެ ތެދުވެރި ލޯތްބެއްވާކަމާއިމެދު ހިތުގައިވާ ޝައްކު އިތުރުވިއެވެ. ލޯބިވާނަމަ އެހާ ފަސޭހައިން އެހެން އަންހެނަކާއި ގުޅުވަން އެއްބަސްވާނެ ބާވައެވެ. އޭނަގެ މަންމަ އާއި ރިޔާވެސް މިއީ އަރަތެކެވެ. ޒެވިޔަން ގެ ހިތް ރިޔާއަށް އެނގޭނެ ނަމައެވެ. ޒެވިޔަންއަށް އެކްޓްކުރާކަށް ނުޖެހޭނެ ކަމާއި އޭނަ ހަގީގަތުގައިވެސް އަލީނާ ދެކެ ލޯބިވާކަން ރިޔާއަށް އެނގުނުނަމަ ޒެވިޔަންއަށް ފުރުސަތުދޭނެ ބާވައެވެ. ކޮންމެ ގޮތެއްވިޔަސް ރިޔާ ވަނީ އޭނަ އެހެން އަންހެންކުއްޖަކާއި ގުޅެން ހުއްދަދީފައެވެ. އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ހަދަންވެސް އެންމެންގެ ހުއްދަ ލިބިއްޖެއެވެ. ދެން ކުރަންވީ ކޮން އިންތިޒާރެއް ހެއްޔެވެ؟ މިހާރު އޮތީ އެކަނި އަލީނާގެ ހުއްދައެވެ.

އަލީނާގެ ކޮޓަރީގެ ކުޑަދޮރުގެ ބިއްލޫރިގަނޑުގައި މޫނު ޖައްސާލައިގެން ހުރެ ބަގީޗާ ތެރެއަށް ބަލަހައްޓައިގެން ހުއްޓެވެ. ކުލަކުލައިގެ މާތައް ބިންނަ ހިތުން ކެތްކުރެވެނީ އެއް ނޫނެވެ. އެ މާތަކުގެ ނަން ދަސްކުރަން ވެސް އޭނަ ބޭނުމެވެ. ވިނަގަނޑުގެ ތެރެއިން ބޯދިއްކޮށްލާފައިވާ ލޯބި، ހުދު މާތަކަކީ ސްނޯޑްރޮޕް ބާވައެވެ. ރީނދޫ ކުލައިގައި ވަނީ ޑެފޮޑިލް ކަމަށްވެދާނެއެވެ. އަދި ރަތާއި، ވައިލެޓް ،އޮރެންޖް މާތައްވެސް ފޮޅެމުންދަނީއެވެ. ބަހާރު މޫސުމްގެ ރީތިކަން އަދި ކިރިޔާ ފެށުނީކަން ނޭގެއެވެ. މިތަނަށް ނިކުމެ އުޅެލާހިތުން ކެތްކުރެވެނީ އެއްނޫނެވެ. ނަމަވެސް ހަރުފަ އުޅޭނެކަމަށް ބުނެ ޒީބާ އިންޒާރުކޮށްފައި ވާއިރު އެކަނި މިތަނަށް ނިކުންނާކަށް ނުކެރޭނެއެވެ. ކޯބްރާފަދަ އެއްޗެއް ވިހަލައިފިއްޔާ އެހިސާބުން އޭނަގެ ކަންތައް ނިމިގެން ހިނގައިދާނެއެވެ. ސިޓީ އިން ބޭރުގައި ފަރުބަދަމަތީގައި އެފަދަ އެއްޗެހި އުޅޭއިރު ބިރުވެރިވެސް ވާނެއެވެ. އެކަމަކު މިތަން ހާދަ ފުރިހަމައެވެ. 

ކުއްލިއަކަށް އަލީނާގެ ލޮލުގައި އަޅައިގަތީ ގަސްތަކުގެ ތެރެއިން ހިނގާލައިފައި ދިޔަ ޒެވިޔަންއެވެ. އަލީނާ ވަށައިގެންވި ހުރިޙާ ރީތިކަމެއް ހަނދާންނެތުނެވެ. އެ ކަޅުދެލިކޮޅެއްފަދަ ލޮލުގެ ބެބުޅުން އިތުރުވިއެވެ. އޭނަ އަވަހަށް ދޮރު ހުޅުވާލުމުން ފިނި ވައިރޯޅިއެއް މޫނުގައި ބީހިލައި ހީކަރުވާ ގޮތްވިއެވެ.

ޒެވިޔަން ވަދެގެން ދިޔައީ ގޭގެ ފަހަތުބަޔަށެވެ. އަލީނާވެސް ނިކަން ބަލައިގެން، ހެދުން ހިއްލާލައިގެން ފިޔަވަޅުތައް އަޅަމުން ދިޔައިރު ގަސްތަކުގެ ގޮތްޕެއްގައި ހަރުފައެއް އޮވެދާނެކަމުގެ ބިރުވެސް ހީވިއެވެ. ނަސީބަކުން އެފަދަކަމެއް ނުފެނުނެވެ. ގޭގެ ބިއްދޮށުގައި ތިރިކޮށްހެދިފައިވާ ގަސްތަކެއްވަނީ ހުދުމަލުން ބަރާވެފައެވެ. އާފަލުގެ ލުއިވަސް އަލީނާގެ ނޭފަތުގައި ޖެހުނެވެ. އެއްވަރަކަށް ތިރިކޮށް ހައްދާލާފައި ވަނީ އާފަލުގަސްތައް ބާވައެވެ. ކުއްލިއަކަށް ކޮންމެވެސް އެއްޗެއްގައި ފައި އެޅިފައި އަލީނާ ވިނަގަނޑުމައްޗަށް އަނގަވަތަށް ވެއްޓުނެވެ. އަލީނާ ހީކުރީ ހަރުފައެއް ފައިގައި އޮޅުނީކަމަށެވެ. އަޑުކޮޅަށް ތޫލިކޮށް ހަޅޭއްލަވައި ގަނެވުނުލެއް ބާރުކަމުން ޒެވިޔަންވެސް ކަންފަތުގައި އަތް އަޅަމުން އެނބުރުނެވެ.

"އަލީނާ، މިތާ ކީއްތިކުރަނީ؟" ޒެވިޔަން ކުޑަ ހިނިތުންވުމަކާއިއެކު އެދިމާލަށް އައެވެ. އަލީނާ ކަޅިވެސް ޖަހައިނުލައި ޒެވިޔަންގެ ރީތި ދެލޮލަށް ބަލަހައްޓައިގެން އޮތީ ހައިރާންކަމާއި އެކުގައެވެ. އެހިސާބުގައިވާ ފަތްތަކުގެ ހިޔަނިކަމެއް ނޫނީ މޫޑުގެ ގޮތުން އެ ފުންދެލޮލުގެ ފެހިކަން ވަކިން ގަދަވެ، ހިތްހަލާކުކުރުވާފަދަ ގޮތެއްވިއެވެ. ޒެވިޔަން އަތްދިއްކޮށްލީ އަލީނާ ތެދުކުރުމަށެވެ. އޭނަ އާއި ދިމާލަށް ދިއްކޮށްލެވިފައިވާ އެ ފިރިހެންވަންތަ، ރީތި އަތުގައި ހިފައިލުމާއިއެކު އަލީނާއަށްވެސް ބުނެދޭން ނޭގޭ ޒާތެއްގެ ހަލަބޮލިކަމެއް ނާރުތަކުގައި އުފެދުނެވެ. ލޭގެ ހިގުންވެސް އަވަސްވީކަން ނޭގެއެވެ. އަލީނާއަށް ނޭވާވެސް ނުލެވުނެވެ. ނޭވާލުމަކީ އަމިއްލަ އިޚުތިޔާރުގައި ކުރާކަމަކަށް ނުވިޔަސް ހެވެވެ.

"ނޭވާލައިބަލަ........" ޒެވިޔަން ހީލީ ވެސް ފޮނި، ހިތްހަލާކުވާފަދަ ގޮތަކަށެވެ. އަލީނާ އެވަރަށް އޭނަ އާއި އަޅައިގެން އުޅޭކަން އެނގުމުން އޭނައަށް މަޖާވިއެވެ. މި ކުޑަކުޑަ އަލީނާ އޭނަ އާއި ހެދި މޮޔަވެފައި ހުންނަކަން ޒެވިޔަން ދަނެއެވެ. ޒެވިޔަން އަލީނާގެ ދެއަތުގައި ހިފާ ކޮޅަށް ނެގުމުން އަލީނާގެ ފައިގެ ވާގިދޫވެގެން ޒެވިޔަންގެ އަތުތެރެއަށް ނުވެއްޓުނީ ކިރިޔާއެވެ. އަލީނާ ކަންބޮޑުވެފައި ހުރެ އަވަހަށް ދުރަށް ޖެހި ގަހަށް ލެނގުނެވެ.

"ސީޕީއާރު ދޭންވީތަ؟ " ޒެވިޔަން ސަމާސާކޮށްލިއެވެ.

"ނޫން، ނޫން........." އަލީނާ ފާޑަކަށް ރަކިވިއެވެ. ޒެވިޔަންގެ މި ސަމާސާތައް އޭނައަކަށް ކަމަކުނުދެއެވެ. މިހެން ކަންތައްކުރުމުން ހައްތަހާ އޭނަގެ ހިތުގައިވާ ލޯބި ބޮޑުވަނީއެވެ. އޭނަގެ ފެންވަރާއި ނިކަމެތިކަން ހަނދާންވިއެވެ. އެހެންނޫނަސް ޒެވިޔަން އަކީ ރިޔާގެ ހައްގެކެވެ. އޭނަ ފެންވަރު އޮޅިގެން އުޑަށް އަރާތަނުން ވެއްޓި ފިސްފިސްވާނެކަން ޔަގީނެވެ. ޒެވިޔަން ރީތިކޮށް ވާހަކަނުދައްކައި އެއްޗެހި ކިޔައިގަންނާނެ ނަމައެވެ. ތަޅައިގަންނާނެ ނަމައެވެ. ނޫނީ އޭނަ މޮޔަވެދާނެއެވެ.

ކޮމެންޓް 0