އަތް ބިނދިފައެއްނު ތިއޮތީ، ޑްރައިވަރަށް ގުޅާލައިފައި މިދެމީހުން ހޮސްޕިޓަލަށް ފޮނުވާލަންވީ. އަލީނާ ދާންވީނު ނާހީ އާއި އެކީގައި. ދެންވެސް ވިޔާނުދާ ކަންތައް ކުރަން ނޫޅޭތީ. ފިލާވަޅެއް ލިބިފައި ތި ތިބީ. ހިކިކޮށް ހުއްޓަސް ވަރަކަށް ކާލާ މަންޖެއެއްނު. ލަދުން ބޯހަލާކު، ހީވަނީ އަހަރެމެން މިމީހުންނަށް ކާން ނުދޭތީހެން އަދި ސިއްރުން ވަލަށް ވަދެތިބެ ފޮރުވައިގެން ކަނީ....." ޒީބާ އެންމެން ގާތުގައި އެތެރެއަށް ވަންނަން އިޝާރާތް ކުރުމަށްފަހު ކާރު ދުއްވާމީހާއަށް ގުޅާލައިފައި ހަދަންވީގޮތް ކިޔާދިނެވެ. 

ޒެވިޔަން ހުރީ ހިތްހަމަނުޖެހިފައެވެ. އަލީނާމެން ކުދިންނާއި މެދު މަންމަ ކަންތައް ކުރަނީ ހާދަ ނިކަމެތި ކޮށެވެ. ހަމްދަރުދީ ގެ ލަފުޒުތަކެއް އެވަގުތު ބުނެލިނަމައެވެ. ސީމާ ކާކޮޓަރިއަށް ވަދެފައިވެސް ދެއްކީ ނާހީގެ ފަލަކަމުގެ ވާހަކައެވެ. މަލާމާތް ކުރުމުގައި ކުޅަދާނައީ ނަމަކަށް ނޫނެވެ. ދެރަވަނީ ސީމާގެ ވާހަކަ ތަކާއި ބައިވެރިވެގެން މަންމަ ވެސް ވަރުގަދަ ހިނިގަނޑު ޖަހާލާކަމެވެ. "އެ ސްޕޮންޖް ބޮބް އާއި މިސް ޖަގްހެޑަކީ ވެސް މެއިޑުން ތަ؟ ކޮމެޑީ ފިލްމެއް ކުޅުވަން ރަގަޅުވާނެ" ސީމާގެ އެޖުމްލަތަކުން ދާވިޝް މަޖާވެގެން ޒެވިޔަންގެ ކަންފަތް ކާރީގައި ބުނެލި ޖުމްލަވެސް ވަކިން ދެރައެއްނޫނެވެ. އެކަމަކު އެއީ މަލާމާތަށްވުރެ ބޮޑަށް ނުލަފާ ޒާތުގެ ޖުމްލައެކެވެ. ފިރިހެނުންގެ ޚިޔާލު ގިނަފަހަރު ދާނީ އެ ދިމާލަށެވެ. ދާވިޝްގެ އެ ޖުމްލަ ނާހީއަށް އަމާޒު ކުރިކަން އެއީ ކާކުގެ ނަސީބެއްކަމެއް ނޭގެއެވެ. އަލީނާ އާއި ނުބެހުނީތީ ޒެވިޔަން ކެތްކުރިއެވެ. އަލީނާ އާއި ދިމާލަށް ދާވިޝް ބަލައިލި ހެނެއްވެސް ހިޔެއްނުވެއެވެ. ސްޓައިލިޝް، ރީތިކުދިން ބޭނުން ވަރަކަށް ލިބެން ތިބިއިރު ދާވިޝްމެނަށް އަލީނާ ފަދަ ކުއްޖަކު މުހިއްމުވާނެ އެއްވެސް ގޮތެއްނެތެވެ. 

ކާ މޭޒުދޮށުގައި ކިތަންމެ ވަރަކަށް މަޖާކޮށް ހީ އުޅުނެވެ. ކައި ނިމިގެން އަނގަތަޅާލަން ސިޓިންރޫމްގައި އެތައް ދަމެއްވަންދެން އެންމެން ތިއްބެވެ. އެމީހުން އައުމުން ގޭގެ އުފާވެރިކަން އެތައްގުނަ އިތުރުވެއްޖެހެން ހީވެއެވެ. 

އާހަރަށް ދެތިން ދުވަހަށް ވެފައި ވަނިކޮށް އުޑުމަތީގައި ވިލާ ގިނަވުމުން، ނާހީ ހުރީ އުފާވެ ވާރޭވެހޭތޯ ދުއާކޮށްކޮށެވެ. ޒީބާގެ ޕާޓީ ޚަރާބު ވުމަށްވުރެ ނާހީ މިވަގުތު އެދޭ އެހެންކަމެއް ނުވާހެން ހީވެއެވެ. އަލީނާ ބުނީ މީހުންނަށް އެފަދަ ދުޢާކުރުމަކީ ރަނގަޅު ކަމެއްނޫން ކަމަށެވެ. ނާހީ ހީހީފައި ބުނީ ޒީބާގެ މޫނު ވިއްސާރަ ކަޅުފޮއި ރެއަކަށްވުރެ ކަޅުވެގެން ދާތަން ދެކޭހިތްވާ ވަރުން އެހެން ބުނެލީ ކަމަށެވެ. ނާހީ ގެ އެދުން މިފަހަރު ފުރިހަމައެއް ނުވިއެވެ. އެރެއަށްވާއިރަށް ވިލާތައް ކެހި، އުޑުމަތި ރީތިވެއްޖެއެވެ. ނާހީ އެންމެ ދެރަވީ މޫސުމް ކުރިއަށް ލަފާކުރާގޮތް ކިޔާލިއިރުވެސް އާއްމުކޮށް މުޅި ރާއްޖެއަށް މޫސުމް ރަނގަޅު ވާނެކަމަށް ބުނުމުންނެވެ. ނާހީ ގެންގުޅޭ އެފްއެމް ކުޑަ ރޭޑިއޯ ނިވާލާފައި އެނދުމައްޗަށް އެއްލާލައިފައި ނާހީ ކުދިކިޔަން ފެށުމުން އަލީނާއަށް ހެވުނެވެ.

ޒެވިޔަންއަށް ފެނުނު މަންޒަރަކުން އޭނަ ހުރީ ހައިރާންވެފައެވެ. ދާވިޝް ގެ މޭގައި ބޯއަޅާލައިގެން ރިޔާ ހުރިއިރު ހީވީ ދެލޯބިވެރިން ހެންނެވެ. ފެންޑާގައި އެދެމީހުން ތިބިތަން ފެނުމުން ގެއަށް ވަންނަން އުޅެލާފައިވެސް ޒެވިޔަން ގަސްތަކުގެ ތެރެއަށް ދެމިގަތީއެވެ. ރިޔާ އެހެން ފިރިހެނެއްގެ އަތުތެރޭގައި ހުރިތަން ފެނުމުން ގަބޫލުކުރަން ދަތިވެސް ވިއެވެ. އެދެމީހުންގެ ގުޅުމެއް އޮތްކަން މިރޭ ރަނގަޅަށް ޔަގީން ކުރެވިއްޖެއެވެ. ރިޔާ ބޭޒާރުވީއެވެ. ރިޔާގެ އެފްބީ ޕާސްވޯޑު އޭނަ ދަނެއެވެ. ދެން އޮތީ ރިޔާއަށް ދާވިޝް ކޮށްފައި ހުންނަ ކޮމެންޓުތައް ބަލައިލުމެވެ. ޒެވިޔަން ގަހަކަށް ލެނގިލައިގެން ހުރެ މުށްކެވިފައިވާ އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލައިފިއެވެ. ރުޅި ހިންދާލާފައި އޭނަ މައިތިރިވިއެވެ. އެހެންނޫންނަމަ މިރޭ ދާވިޝް އާއި ދެމީހުން ކުރެން އެކަކު މަރުވާންވެސް ޖެހިދާނެއެވެ.

އާއަހަރު ފުރުނު އުފާވެރި ރެއެވެ. އެރޭ އިރުއޮއްސެން ވާއިރަށް އޯޓަމްބްލޭޒް ޓެރެސްގައި ބޮޑު ޓެލެސްކޯޕެއްވެސް ހަރުކޮށްލައިފިއެވެ. ބޮޑެތި ސްޕީކަރުތައް އެކިދިމާލުގައި ހަރުކޮށްފައިވާއިރު ބަގީޗާ ތެރެ ޒީނަތްތެރި ކޮށްލާފައި ވަނީ އެހާ ފުރިހަމަޔަށެވެ. އިރުއޮއްސުނީއްސުރެ އެގޭގެ ބަގީޗާ ތެރެއިން މެދުނުކެނޑި ލަވައިގެ އަޑުއިވެން ފެށިއެވެ. މެހުމާނުން އަންނަން ފެށިގޮތަށް ހަވާ އެރުވުމާއި، ލަވަކިޔުންފަދަ ޕްރޮގްރާމްތައް އޮތެވެ. އަލިފާނުގެ ކުޅިވަރު ދެކެން އަލީނާ އާއި ނިކީ ތިބީ ދުވަހަކު އެފަދަ އަޖައިބެއް ނުދެކޭތީ ހައިރާންވެ، ތަލިން ކުޅު ހިކިފައެވެ. ރޭގަނޑުގެ ކަނު އަނދިރިކަމާއި، ހިމޭންކަމުގެ ތެރެއިން ހަވާއަރައިގެންދާ ވޫޝްއަޑާއި އެކިކުލަތަކުގެ އަލިން އާޝޯޚު ވާވަރުވެއެވެ. މުޅި އުޑު ހީވަނީ އެތައް ކުލަތަކުން ދިރުމެއް ގެނުވިހެންނެވެ. ކުލަކުލައިގެ ތަރިތައް ފަޅަފަޅައިގެން ދާފަދަ ގޮތަކަށް، އުޑުމަތީގައި އެކި ޑިޒައިންތައް ކުރެހެވިގެން، ބުރައިގެންދާއިރު ބަލައިބަލައި ފޫއްސެއްނުވެއެވެ. ކުލަކުލައިގެ އަލިތަކާއި ދުމުގެ ރޮގުތަކުންވެސް އަލީނާމެންނަށް ލިބުނީ ބުނެދޭން ނޭގޭފަދަ ހިތްހަމަޖެހުމެވެ. ލަފުޒުތަކުން ބަޔާންކޮށްނުދެވޭފަދަ ރީތި، ކުލަގަދަ ހަފްލާއެކެވެ.

ނިކީ އިރުކޮޅަކަށް ހަވާއަރުވާ މަންޒަރު ދެކެލާފައި ބޮޑާހާކަންފެށީ އަލީނާ ގާތަށް ދިޔުމަށެވެ. ރިޔާ އަލީނާއަށް ގުޅާފައި ނިކީ ހަވާލުކުރުމަށްފަހު ނިކީ ކޮޓަރީގައި ބައިންދައިގެން އިނުމަށް އެދުނެވެ. ނިކީ އަށް ނިދުމުންވެސް އަލީނާ އިރުއިރުކޮޅާ ކޮޓަރިއަށްވަދެ ނާހީ އޮތްގޮތެއް ބަލައިލައެވެ. މިނިޓަކުން އެއްފަހަރު ކަހަލަ ގޮތަކަށްވެސް ނިކީ އޮތްގޮތެއް ބަލައިލެވެއެވެ. ތުނި ކޮޓްން ހެދުމެއްލައިގެން ބޮޑު ޓެޑީބެއަރއަކާއި ބައްދާލައިގެން އޮތްއިރު އެ ރީތި ރަތްތުންކޮޅުގައި ވަނީ ހިނިތުންވުމެކެވެ. ރީތި ހުވަފެނެއްގައި އޮތީ ކަންނޭގެ އެވެ. 

އަލީނާ އެގޮތަށް ކޮޓަރިއަށް ވަދެލާފައި ބޭރަށް ނިކުންނަން އައިވަގުތު ޒެވިޔަން ކޮރިޑޯއިން ހިގާފައި އައިތަން ފެނުމުން ފިޔަވަޅުތައް މަޑުޖެހިލިއެވެ. ރަތްކުލައިގެ ފަނޑުއައްޔެއްގެ ތެރެއިން ޒެވިޔަން ފެނުނީ އެހެން ރެއަށްވުރެ ސްމާޓްކޮށެވެ. އަލީނާގެ ހިތްތެޅިގަތްލެއް ބާރުކަމުން ފައިންވެސް ވާގިދޫވިއެވެ. އަޖައިބު ވަނީ ޒެވިޔަން ފެނުމުން މުޅި މީހާ ފިނިވެ، މިހެންވާންޖެހޭ ސަބަބެއް ނޭގޭތީ އެވެ. އަނެއްކާ ވެމްޕަޔަރުންފަދަ ބާރެއް ޒެވިޔަންގެ ހުންނަނީބާވައެވެ. އެ ތޫނުފިލި ދެލޮލާއި ހަތަރުކަޅި ހަމަވުމުން އަލީނާގެ ޖިސްމު ވެސް ތުރުތުރުއަޅައިގެން ދިޔައެވެ. އަލީނާ އަވަހަށް އަނބުރާލާފައި ކޮޓަރިއަށް ދެމިގަންނަން ބޭނުންވިއެވެ.

"އަލީނާ ހެޕި ނިއު ޔިއަރ..." ޒެވިޔަންގެ ފިރިހެންވަންތަ އަޑު އިވުމުން އަލީނާ ރަކިގޮތަށް އެނބުރި ބަލައިލިއެވެ. އޭރު ޒެވިޔަން ހުރީ ދާދި ގާތު ގައެވެ.

"ސޭމް ޓު ޔޫ....." އަލީނާއަށް ވެވޭނެނަމަ ފާރަށް ވަނީހެވެ. 

"ނިކީ ނިދީތަ؟" ޒެވިޔަން އިތުރު އެއްޗެކޭ ނުބުނެ ކޮޓަރިއަށް ވަނުމުން އަލީނާ އަވަހަށް އެތަނުން ދުވެ ފިލަން ބޭނުންވިއެވެ. ޒެވިޔަން ފެނުމުން އޭނަގެ ހިތް ހީވަނީ ހުއްޓިދާނެ ހެންނެވެ. މިގޭތެރެއިން އެނޫނަސް ރީތިކަން ހުސްކޮށްލާފައިވާ ދެ ފިރިހެނުން ފެނެއެވެ. އޭނަގެ ހިތުގެ ތެޅުމަކަށް ބަދަލެއްނާދެއެވެ. ޒެވިޔަންދެކެ ލޯބިވެވޭ ކަމަށް ވަންޏާ އޭނަ ޖެހޭނީ އެކަން ގަދަކަމުންވެސް ހުއްޓުވުމަށެވެ. އެންމެ ސިކުންތު ކޮޅަކަށްވެސް އޭނަގެ ފެންވަރު ހަދާންނައްތައެއް ނުލާނެއެވެ. އޭނައަކީ ޒެވިޔަން އާއި އެއްގޮތަކަށްވެސް އެކަށީގެންވާ ކުއްޖެއްނޫންކަން އެންމެ ފަހަރަކުވެސް ހިތުން ފިލުވައިގެން ނުވާނެއެވެ. އަލީނާ ދާންއުޅެފައިވެސް މަޑުކޮށްލީ ޒެވިޔަންއަށް އިހުތިރާމް ނުކޮށް ދިޔައީ ކަމަށް ހީވެދާނެތީއެވެ. އެއީ އޭނަގެ ސާހިބެކެވެ. އޭނައަކީ ނޯކަރެކެވެ. ވީއިރު ޒެވިޔަން ރީތިކޮށް އަގައިން ބުނެލިޔަސް އޭނަ އާއި ހިތާވީކަމަށް ބަލައި ތުއިވެގެން ދާންޖެހޭނެ ހެއްޔެވެ؟ އަލީނާ އަމިއްލަ ނަފުސަށް ޖޯކެއްޖެހިއެވެ.

އޭނަ އިންނާނީ ރިޔާ އަންނަންދެން ނިކީގެ ކޮޓަރީގައެވެ. އަލީނާ ކުޑަކޮށް ވިސްނައިލުމަށްފަހު އެކޮޓަރިއަށް ވަނީ ހަމަ ޒެވިޔަން ދެކެލާހިތުން ކެތްނުކުރެވިގެންނެވެ. ޒެވިޔަން ނިކީއަށް ރޭގަނޑުގެ ސަލާމް ކުރީ ކަންނޭގެ އެވެ. އޭނަ ނިކީގެ ބޮލުގައި ފިރުމާލާފައި ތެދުވެއްޖެއެވެ.

"ވާހަކަ ކިޔައިފިންތަ؟ ފްރޮމް ދިސް ޑޭ....." ޒެވިޔަން ވާހަކަދެއްކީ އެކުވެރިކޮށެވެ.

"ލައްބަ. މެދަކާއި ހަމަޔަށް....." އަލީނާ އެއްޗެކޭ ބުނަން އުޅެފައި ފާރަށް ލެނގިލައިގެން ހުއްޓުނެވެ.

"ހާދަ ބިރުން ތިހިރީ. ހާސްނުވެބަލަ. މިގޮތަށް އަދި ވާހަކަދެއްކުމަކީ މައްސަލައެއްނޫނޭ. އަހަރެން ހިތަށް އަރަނީ ތިހާ ފޮރުވިގެން އަލީނާ ހުންނަނީ ކީއްވެބާވައޭ...." ޒެވިޔަން އަހާލީ ސީރިޔަސް ކޮށެވެ. އަލީނާ ބުރުގާ އަޅާފައިހުންނަ ގޮތަކުން ނިތްކުރި ފޮރުވިފައި ހުންނައިރު މޫނުގެ ދެފަރާތުންވެސް ބޮޑުބަޔެއް އޮންނަނީ ބުރުގާގެ ނިވަލުގައެވެ. އެހެންވެ މޫނުކޮޅު ފެންނަނީ އެހާ ކުޑަކޮށެވެ. ކިތަންމެ ފޮރުވުނަސް އަލީނާގެ ސިފަތައް ރީއްޗެވެ. އެކަމަކު ޒެވިޔަން އާއި ބަލާއިއިރު އެހާ ކުރުވެފައި ،ހިއްކެވެ. އޭނަގެ އިސްކޮޅުގައި ހަފޫޓު ދެއިންޗި ހުރެފައި އަށްޑިހަ ކިލޯ ހުރިއިރު، ޔަގީނުންވެސް އަލީނާގެ ހުންނާނީ ސާޅީހަކަށް ކިލޯއެވެ. ޒެވިޔަން ހިތަށް އެރި އެއްޗަކުން އަމިއްލައަށްވެސް ހައިރާންވިއެވެ. ޝައިތާނާ ހުންނަނީ ދެޖިންސްގެ މީހަކު ކައިރިވާއިރަށް އެމީހެއްގެ ބޮލަށް ސަވާރުވާން ކަންނޭގެ އެވެ. އެހެންނޫނަސް ރިޔާގެ ފަރާތުން ހިތްހަމަޖެހުމެއް ނުލިބޭތާ ކޮންދުވަހެއް ހެއްޔެވެ؟ އޭނަ އަކީ ވެސް ހިއްސުތައް ހަމަޔަށް ހުރި ޒުވާނެކެވެ. ލޯބި ނޫނަސް ބޭނުންވާ ކަންތައް ހުންނާނެއެވެ. 

"އޭރުން މީހުން ނުބަލާނެތީ. ދީނުގައިވެސް އޮންނަނީ ފޮރުވިގެން ތިބެން...." ޒެވިޔަން ފެށި ވާހަކައަކުން އަލީނާއަށް ހިތްވަރު ލިބުނެވެ.

"ހޫމް. އެކަމަކު ތިހެންއުޅުނީމަ ބުނާނީ އެކްސްޓްރީމިސްޓުންނޭ......" ޒެވިޔަން އެހެން ބުނި މީހެއްގެ ނަން ނުބުނެ ސަމާސާ ގޮތަކަށް ހީލައިފިއެވެ. ހަގީގަތުގައި އޭނައަށް އަދި އެހާ ބޮޑަށް ދީން އޮޅުން ފިލާފައެއް ނުވެއެވެ. ކިރިޔާވެސް ދީނަށް އުޅޭ މީހަކަށް ވެއްޖެއްޔާ އޭނަގެ މަންމަ ލޭބަލްކޮށްފައި އޮންނަނީ "ހައްދުފަހަނަޅާފައިވާ" މީހެއްގެ ގޮތުގައެވެ. މަންމަ ދެކޭގޮތުގައި އަރަބިތަންތަނުގެ މީހުންވެސް އަންހެނުންނާއި ދޭތެރޭގައި ކަންތައް ކުރަނީ މުޅިންވެސް ހައްދުފަހަނަޅައި، ނާއިންސާފުން ފުރިފައިވާ ގޮތަކަށެވެ.

ބޭރުގެ މަޖާގަނޑުވެސް ހައްތަހާ ގަދަވަމުން ދިޔައެވެ. ޕޮޕް މިޔުޒިކްގެ އަޑުން ކަންފަތް ގުގުމައިގެން ދާހައިވެއެވެ. އެވަގުތު އިވެމުންދާ ބްރޫނޯ މާސްގެ "ޖަސްޓް ދަ ވޭ ޔޫ އާ" އަކީ ޒެވިޔަންއަށް ވަރަށް ހިތްގައިމު، އިޝްގީ އޮއިވަރުގައި ހިތްތައް ޖައްސުވާލާނެފަދަ ލަވައެކެވެ. 

"އެއްވެސް މީހަކު ދުވަހަކުވެސް ބުނިތަ އަލީނާގެ ލިޕްސް ވަރަށް ރީއްޗޭ......." ޒެވިޔަން ގެ ހިނިތުންވުމުގައި ވަނީ ފްލާޓީ ގޮތެކެވެ. އޭނައަށް އެ ފަނޑު އަލީގެ ތެރޭގައި އަލީނާ ފެނުނީ ވަރަށް އަޅައިގަންނަފަދަ ގޮތަކަށެވެ. އަމިއްލަ ނަފުސްމަތިން ވެސް ޒެވިޔަން ހަދާން ނެތެމުން ދިޔައެވެ. އޭނައަކީ މީހެއްގެ ފިރިއެއްކަންވެސް ހަދާނެއް ނެތެވެ. ކިތަންމެ ހަރުދަނާވިޔަސް ބައެއްފަހަރު އިންސާނާ މަގުން ކައްސާލާނެފަދަ ހުރިހާ ވެށްޓެއް މިވަގުތު އެ ގޭތެރޭގައި މަގުފަހިވެފައިވެއެވެ.

"ކީކޭ...." އަލީނާ ރަނގަޅަށްވެސް ލަދުގަނެއްޖެއެވެ.

"ތިހާ ލަދުން ނޫޅެބަލަ، ވަރަށް އެޓްރެކްޓިވް އިނގޭ...." ޒެވިޔަން ޖެހިލުމެއްނެތި އަލީނާގެ ތުންފަތުގައި އިނގިލި ބީއްސާލިއެވެ. ގޭގައި މުސާރަދީފައި ގެންގުޅޭކުއްޖެއްވިއްޔާ އޭނަގެ ހައްގަކަށް ނުވާންވީ ސަބަބެއް ޒެވިޔަންއަކަށް ނުވިސްނުނެވެ. އެވަގުތު ޒެވިޔަން ކަންތައް ކުރަމުން ދިޔައީ ސިކުނޑި މަގުދައްކަމުން ދިޔަ ގޮތަކަށެވެ. އަލީނާގެ ރީތިކަމާއި، ނާޒުކް ކަމުން އޭނަގެ ހިތް ވަނީ މަގުން ކައްސާލައިފައެވެ. ޒެވިޔަން އަލީނާގެ މެދުހަށީގައި ހިފާ އުފުލާލައިފައި މޭޒުމަތީގައި ބޭންދިއެވެ. އަލީނާ ލުއިކަމުން ނިކީ އުފުލާލުންހާ ފަސޭހަކަމަކަށް ވީތީ ޒެވިޔަންވެސް ހައިރާންވިއެވެ. ބޭނުންހާ ގޮތަކަށް ގެންގުޅެލެވޭހާ ލުޔެވެ. އަލީނާ ބިރުގެންފިއެވެ. ކޮންމެވެސް މަންޒަރުތަކެއް ހަދާންވެގެން ދިޔައެވެ. ބިރުވެރި ރޭތަކެއްގަ ހަދާންތައް އޭނަ ގެ ސިކުނޑީގައި ނިއުޅެންފެށިއެވެ. އެކަމަކު އަލީނާ އަކަށްވެސް ޒެވިޔަންގެ ރީތި ދެލޮލުގައިވި ބާރަކުން ދެކޮޅެއްވެސް ނެހެދުނެވެ. އެހެންނޫނަސް ޒެވިޔަންގެ މޫނުގައި ދުވީ އެހާ މީރުވަހެކެވެ. އަނގައިގައި ވަނީ މިންޓުގެ ތާޒާ ރަހަ އެވެ. 

މިނިޓުތަކެއް ފަހުން ޒެވިޔަންއަށް ހީވީ ކޮރިޑޯއިން ފިޔަވަޅުތަކެއްގެ އަޑު އިވުނުހެންނެވެ. ޒެވިޔަންއަށް މިކުރެވެނީ ކީއްކަން އެގުމުން ހައިރާންވެ އަންތަރީސްވިއެވެ. އޭނަ މިވެއްޓި ގަތީ ހާދަ ދަށު ދަރަޖައަކަށެވެ. ނޯކަރުކުއްޖަކާއި އެކީގައި ވަގުތުކޮޅެއް ހޭދަކުރެވިއްޖެއެވެ. މާބޮޑުކަމެއް ނުކުރެވުނަސް އޭނަ އަލީނާގެ ގައިގައި އަތްޖައްސާލައިގެންވެސް ނުވާނެއެވެ. މާތްކަލާކޯއެވެ. ލަދުގަންނަން ޖެހޭވަރުގެ ކަމެކެވެ.

ޒެވިޔަން ދުރަށް ޖެހުނު އިރު އަލީނާގެ ތުންފަތުން ހީވަނީ ލޭފައިބާހެންނެވެ.

"ޑޭމިޓް...." ޒެވިޔަން ރީއްޗަށް ރަކިވިއެވެ. އަލީނާވެސް އިނީ އަނގަ ހަދާލައިގެންނެވެ. 

"ސޮރީ އައިމް ރިއަލީ ސޮރީ، މިއީ ނުވާކަމަކަށް ހަދާލާތި އިނގޭ. ދެނެއް މިކަން ރިޕީޓެއް ނުވާނެ. އައި ޕްރޮމިސް......." ޒެވިޔަން ތުންފަތުގައި ދަތްއަޅާލުމަށްފަހު އަވަހަށް ނިކުގެން ދާން ހިގައިގަތެވެ. އަލީނާ އިނީ ގަނޑުވެފައިވާ ބުދެއްފަދައިންނެވެ. ހޭންވެސް ނޭގިފައެވެ. ރޯންވެސް ނޭގިފައެވެ. އެވީ ކިހިނެއް ހެއްޔެވެ؟ ޒެވިޔަން އެކުރީ ކީއްހެއްޔެވެ؟ މީހަކަށް އެނގިއްޖެއްޔާ ވާނެގޮތެއް ވެސް ނެގެއެވެ. އެކަމަކު އޭނަގެ މުޅި ގައިގައިވެސް ހީވަނީ ނޭގޭ އަލިފާނެއް ރޯވެ ހޫނުވެފައިވާ ހެންނެވެ. އޭނަގެ އަތްވެސް ތުރުތުރުލަމުން ދިޔައެވެ. އަލީނާ ހިންދިރުވާލިއެވެ. އިރުކޮޅެއްވާންދެން ނޭވާ ހިފަހައްޓާލައިގެން އިދެފައި ބޮލަށް އެނބުރުން އަރައި ހާސްވާގޮތްވުމުން އަލީނާ މޭގައި އަތްއެޅިއެވެ.

ފަނަރަވަރަކަށް މިނިޓްފަހުން ރިޔާ ކޮޓަރިއަށް ވަންއިރު އަލީނާ އިނީ ސޯފާގައި އަނގަޔަށް އިނގިލި ލައިގެންނެވެ. ރިޔާ ހީކުރީ އަލީނާ އިނީ ނިދަން ނުދެވިގެން ބަލިވެފައި ކަމަށެވެ. ދަންވެއްޖެއެވެ. އެ ފަކީރުވެސް ދުވާލު އެހާ ބުރަކޮށް އުޅެލާފައި ތަނެއްގައި ބުރަކަށި ޖައްސާލަން ވާނެއެވެ. ރިޔާ ކިތަންމެ ވަރަކަށް ބުންޏަސް ނިކީގެ އެނދުގައި އޮށޯވެލުމަކީ އަލީނާއަށް ކެރޭވަރުގެ ކަމަކަށް ނުވެއެވެ. 

"ހާދަވަރަކަށް ލިޕްސްޓިކް ޖައްސާލާފައި ތިއިނީ. ނިކީގެ ކަންތައްދޯ......" ރިޔާ ކުޑަގޮތަކަށް އަލީނާގެ މޫނަށް ބަލައިލުމަށްފަހު ބުނިއެއްޗަކުން އަލީނާ ސިހުނެވެ. އެހެންވާންޖެހުނު ސަބަބު ވިސްނައިގަނެވުނީ އިރުކޮޅަކުންނެވެ. އަލީނާގެ މޫނު ރަތްވެގެން ދިޔައެވެ. އޭނަ ބޭނުންވީ ރިޔާ އޭނަގެ މޫނަށް ރަނގަޅަށް ބަލާފައި ހަގީގަތް ދެނެގަތުމުގެ ކުރިން އެތަނުން ދިޔުމަށެވެ. ވަރަށް ނިދިއަންނަ ކަމުގެ ބަހަނާދައްކާލާފައި އަލީނާ ކޮޓަރިއަށް ދިޔައިރު ނަސީބަކުން ނާހީއަށް އޮތީ ނިދިފައެވެ. އަލީނާ ބިއްދޮށަށް އެނބުރިގެން ބާލީހުގައި ބައްދާލި ގޮތަށް ދެލޯތަންމިނަށް ހުޅުވާލައިގެން އޮތްއިރު ތަކުރާރުކޮށް ފެންނަމުންދިޔައީ އެއް މަންޒަރެކެވެ. އެއް އިހުސާސްތަކެވެ. ހީވެސްނުކުރާފަދަ އާއަހަރުގެ ހަދިޔާއެއް އޭނައަށް ލިބިއްޖެއެވެ. އޭނައަށް މިރޭ އިރުއެރިޔަސް ނުނިދޭނެކަން ޔަގީނެވެ.

އާއިޒު އާއި ޖިލާއަށް ކޮޓަރިއަށް ވަދެވުނީ އެކީގައި ކަހަލަ ގޮތަކަށެވެ. އާއަހަރުގެ ޕްރޮގްރާމް ތަކަށްފަހު ދެ ޒުވާނުންވެސް ތިބީ ވަރުބަލިވެ ނިދާލަން ބޭނުންވެފައެވެ. ޖިލާ ފާޚާނާއަށް ވަދެފައިވެސް އައީ ކުޑަ ޝޯލް އަކާއި އެކީގައި ދިގު ގައުންއެއް ލައިގެންނެވެ. ދުވަހަކުވެސް މިވީހާތަނަށް އާއިޒުގެ ކުރިމަތީގައި އޭނަ ޝޯލް ނަގާފައެއް ނުވެއެވެ. އާއިޒު ކޮޓަރީގައި ނެތިއްޔާ ނޫނީ ޖިލާ ކުރުހެދުމެއް ލައިގެން ނޫޅޭނެއެވެ. ޖިލާ އައިގޮތަށް ދޮޅި އަޅާލައިގެން ކުރީ ދަމު ނަމާދެވެ. ޖިލާ އަކީ ދީންވެރިކުއްޖެކެވެ. ޟުހާ ނަމާދާއި ހުރިހާ ސުންނަތެއްވެސް އޭނަ ބަރާބަރަށް ކުރެއެވެ. ޖިލާއަށް ނޭގެނީ ކިތަންމެ ވަރަކަށް އަޅުކަންކުރިޔަސް ފިރިމީހާ އާއި ދޭތެރޭގައި ކަންތައް ކުރާ ގޮތުން އޭނަ ފާފަވެރި ވެދާނެ ކަމެވެ. ގޭތެރޭގެ މަސައްކަތްކޮށް، ބަދިގެއަށް ވަދެ ހަދާތީ އޭނަވެފައި ވަނީ މައިދައިތަމެންވެސް ރުހޭފަދަ އަންހެންކުއްޖަކަށެވެ. ދެރައީ ކޮޓަރީގައި ހިގާ ކަންތައް އެހެންމީހުންނަށް ފޮރުވިފައި އޮތުމެވެ. ޖިލާ ނަމާދުކޮށްލާފައި މުސައްލަ ރީތިކޮށް ފަށްޖެހުމަށްފަހު މުސައްލަ އޮންނަ ތަނުގައި ބޭއްވިއެވެ.

"ނިމުނީތަ؟ ހެޕީ ނިއު ޔިއަރ ބޭބީ...." އާއިޒު އިނީ ޑްރެސިން ޓޭބަލް ކައިރީގައެވެ. ކޮޓަރިތެރޭގައި ރަސްކަން ކުރަމުންދާ އުށްބައްތިތަކުގެ އިޝްގީ އަލީގައި އާއިޒު ފެންނަލެއް އެހާ ފިރިހެންވަންތަވެފައި ރީއްޗެވެ. އެހެން އަންހެންކުއްޖެއްނަމަ އެ އަތުގެ ތެރެއަށް ވިރިގެންދާން ބޭނުންވީހެވެ. އައިޓީ އާއި އެކައުންޓިން އިން މާސްޓަރސް ހެދުމަށްފަހު، އެފްބީ އައި އެޖެންޓެއްގެ ގޮތުގައި ދުވަސްކޮޅަކު މަސައްކަތްކޮށްފައިވާއިރު އެހާބާރުގަދަގޮތެއް ހުރެއެވެ. ތޫނުފިލިކަމުގެ ހައްދެއްނެތް ލޮލެކެވެ. ޖިލާ ޖަވާބެއްވެސް ނުދީ އެނދާއި ދިމާލަށް ދާން ހިގައިގަތުމުން އާއިޒު އާހަރުގެ ހަދިޔާއެއް ދޭން ބޭނުންވާކަމަށް ބުނެފައި މޭޒުމަތިން ކުޑަކުޑަ ފޮށްޓެއް ނެގިއެވެ.

"އެހެން މީހުން އާއަހަރު ފާހަގަ ކުރާތީ ބައިވެރިވިޔަސް އަހަންނަކަށް އާ އަހަރު މުހިއްމެއްނޫން.." ޖިލާ އާއިޒުގެ މޫނަށް ބަލައިވެސް ނުލާ ފަރުވާކުޑަގޮތަކަށް ބުންޏެވެ.

"އިޓްސް އޯކޭ. ޖިލީ އަހަރެމެންނަށް އެޓްލީސްޓް ފްރެންޑުންގެ ގޮތުގައި އުޅެވިދާނެތަ؟ މިހާރު އަހަރެން އުޅެން މިޖެހެނީ މަންމަމެންނާއި ޒެވިޔާ އާއި އެކީގައި، އެމީހުން ވަރަށް އަވަހަށް ކަންތައް ނޯޓިސްކުރާނެ..." އާއިޒު ހުރީ ދެރަވެފައެވެ. ފޮށީގައިވާ ކުޑަ އަނގޮޓި އަތަށް ނަގާފައި އެއަށް ބަލަހައްޓައިގެން ހުރެ އާއިޒު މަޑުމައިތިރި ގޮތަކަށް ބުންޏެވެ.

"އަހަރެމެން ދުވަހަކު ނުވާނެ ފްރެންޑްސްއިންނަކަށް. މިމެރިޖަށް އެއްބަސްވީދުވަހުން ފެށިގެން އާއިޒު ވަނީ އެ ގުޅުން ކަނޑާލާފައި، ސޮރީ. އެހެންނޫނަސް ކިތައްފަހަރު ބުނާނީ މަށަށް ޖިލީ ނުކިޔާށޭ. އަހަރެން ހޭޓް ކުރާނަމެކޭ އެއީ. އެހެންމީހުންގޮތަށް ޖިލް ކިޔަސް ހެޔޮ....." ޖިލާގެ ހިތުގައި ކުޑަކުޑަ ނަމަވެސް ލޯތްބެއް، ހަމްދަރުދީއެއް ހަމަ ނެތީބާވައެވެ.

"އޯކޭ، އެކަމަކު އަހަރެމެންނަށް ސިވިލައިޒްކޮށް އުޅެވިދާނެ ދޯ. އަހަރެން ގަބޫލުކޮށްފާނަން އަހަރެން ކުރީ ކުށެއްކަމަށް. އަހަންނަށް މާފުނުދޭނީތަ؟ މިއީ މިރޭ އަހަރެން ދޭ ކުޑަ ގިފްޓެއް. ޕްލީޒް އެކްސެޕްޓް ދިސް. ރީތިވީވަރުން މި ގަތީ......" އާއިޒު ޖިލާގެ އަތުގައި ހިފަހައްޓާލަމުން އެ އަނގޮޓި އަޅުވަން އުޅުނެވެ. ޖިލާ އާއިޒުގެ އަތުގައި ޖެހިލެއް ބާރުކަމުން އަނގޮޓި ވިއްސައިގެން ދިޔައެވެ. 

ކޮމެންޓް 0