އަލީނާ ތެޅިގަތުމުން ހަށިގަނޑަށް ލުއިވެގެންދިޔަ ފަދަ އިހުސާސެއް ކުރެވި، ފައިވެސް ހަލުވައި ލެވިއްޖެއެވެ. އަލީނާ ލަސްލަހުން ތެދުވެ ލޯހުޅުވައިލި އިރު ކޮޓަރި ތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ފަނޑު، އޮރެންޖް އައްޔެއް ކޮޓަރި ތެރޭގައި ރަސްކަން ކުރަމުން ދާއިރު، ވާރޭވެހޭ އަޑެއްވެސް މިހާރު ނީވެއެވެ. ހީވަނީ މުޅި ދުނިޔެވެސް ފުން ނިންޖަކަށް ގެނބިފައިވާ ހެންނެވެ. ހުރިހާ ދޮރުތަކެއްގެ ތަންޑުތައް އަޅުވާލާފައި ހުރުމުން އެތަނަށް މީހަކު ނުވަންނަކަމުގެ ހެއްކަކަށް ފުދުނެވެ. އެހާ ފިނިވެ، ގަނޑުވާން ކައިރިވެފައި އޮތީ އޭނަ ކުއިލްޓް ނާޅައި އޮތުމުންކަން ނޭގެއެވެ. ހެދުމާއި، ބުރުގާ އަޅައިގެން ނިދަން އޮތަސް މިގަދަ ފިނިން ސަލާމަތެއް ނުވެވެއެވެ. 

އަލީނާގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަން ފެށުމުން އެފެނުނީ ހުވަފެނެއްކަން އަލީނާއަށް ޔަގީން ކުރެވުނެވެ. ބިރުވެރި ހުވަފެނެކެވެ. އެކަމަކު ޒެވިޔަންގެ ހުވަފެނެއް އެހާ ބިރުވެރި ގޮތަކަށް ފެންނަންވީ ކީއްވެ ބާވައެވެ. އެގޮތަށް ފެނިގެން ނުވެސްވާނެއެވެ. ޒެވިޔަން ހުވަފެނެއްގައި ވެސް ގޯސްވެދާނެ ކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ. އަލީނާއަށް ގައިގައި ގަދަޔަށް ރިއްސާކަމުގެ އިހުސާސް ވެސް ކުރެވެން ފެށިއެވެ. ރިޔާ އޭނަ ބިންމައްޗަށް ހޫރާލުމުން ޖެހުނުލެއް ބާރުކަމުން ލިބުނު އަނިޔާގެ އުނދަގޫތައްވެސް އަދި ކިރިޔާ ހަށިގަނޑުގައި އަޅަންފެށީ ކަންނޭގެއެވެ. 

އަލީނާ ގަޑި ބަލައިލާފައި، ދަމު ނަމާދު ކޮށްލި ގޮތަށް ލޮލަކަށް ނިންޖެއް ނައެވެ. އެންމެ ފަހުން ކުޑަދޮރުތައް ހުޅުވާލުމުން ހަނދުވަރުގެ އަލި ކޮޓަރިއަށް އެޅުނެވެ. ހަނދު ފެންނަލެއް ހާދަ ހިތްގައިމެވެ. ހަނދާއި ދިމާލަށް ބަލަހައްޓައިގެން އަލީނާއަށް ހުރެވުނެވެ. އެ ހިތްގައިމު އަލީގައި ގަސްތަކުގެ މާތައް ވިދާލެއް ރީތިކަމުން އެވަގުތުވެސް ގޮސް މާ ބިންނަން އަލީނާ ހިތްއެދުނެވެ. ނަމަވެސް ޖިންނި ޝައިތާނުން އުޅޭކަން ހަނދާންވުމުން ފަސްޖެހެވި، އެ ޚިޔާލު ދޫކޮށްލައިފިއެވެ. އެހެންނޫނަސް ފިނިގަދަކަމުން، ގަނޑުވާ ވަރުވެފައި ވާތީ ދޮރު ލައްޕައިލަން މަޖުބޫރު ވެއްޖެއެވެ. 

ހެނދުނު ހޭލި ގޮތަށް އަލީނާ ގަސްތުކުރީ އޭނަގެ ހުރިހާ ސާމާނުތައް ޕެކްކޮށްލުމަށެވެ. އޭނަ މިގެއިން ދާންޖެހޭނެކަން ގާތްގަނޑަކަށް ޔަގީންވެ، ހިތަށް އަސަރުކޮށްފައި ވަނީ އިންތިހާއަށެވެ. ނަމަވެސް އޭނަ ނުރޮއި ކެތްކުރިއެވެ. އަލީނާ ރަނގަޅު ގޮތެއް ވުމަށް އެދި ކެނޑި ނޭޅި ދުޢާކުރަމުން ދަނިކޮށް އެއްލި ކަޅިއަކުން ޒެވިޔަން ގަހަކާއި ނިވާވެލިތަން ފެނުނެވެ. އަލީނާ ވަގުތު ނަގައިނުލައި، ދޮރު ހުޅުވާލުމާއި އެކު، ފިނި ވައިރޯޅިއެއް އޭނަގެ މޫނުގައި ބީހިލުމުން ތުރުތުރުލާ ގޮތްވިއެވެ. އަލީނާ ހުވަފެނީ ދުނިޔެއެއްގައި ހުރެ ދިޔައީ ޒެވިޔަން އާއި ވާހަކަ ދައްކާލުމުގެ ފޮނިފޮނި އުއްމީދުގައެވެ.

ކުއްލިއަކަށް ގަހެއްގެ ފުރަގަހުން ޒުވާނަކު ނިކުމެ އަލީނާގެ ކުރިއަށް އެރުމުން އަލީނާ ސިހުނެވެ. އެޒުވާނާ ހުރީވެސް ބޮލުގައި ޓީޝާޓް އަޅައިގެން ހެރެމް ޕޭންޓްސް ލައިގެންނެވެ. އަލީނާ އެއްފަރާތަކަށް ޖެހެން އުޅުމާއިއެކު ގަހެއްގެ ގޮފިގަނޑެއްގައި ހެދުން އަޅައިގެންފައި އޭނަ އަނގަވަތަށް ވެއްޓުނެވެ. 

"އަހް އޯ، ބޭބީގާލް، ޑެލިކޭޓް ކަމުން އަބަދު ބިންމައްޗަށް ވެއްޓިފައިތަ؟ އަހަރެން ގެ ފަހަތުން ދޯ ތިއައީ..." ދާވިޝްގެ ޓްރޭޑްމާކް ހިނިގަނޑަށް ފަހު އަލީނާގެ އަތުގައި ހިފާ ބިންމަތިން ނެގިއެވެ. އަލީނާއަށް ޒެވިޔަން އާއި، ދާވިޝް ދުރުން ފެނުމުން އެހާ ބޮޑަށް ވަކިކުރަން ނޭގުނީ ދެމީހުންގެ އިސްކޮޅުވެސް ދިގުވެފައި، ހަށިގަނޑު ވަރުގަދަވީމައެވެ. ދާވިޝްއަށް އެވަގުތު ފެނުނީ ޒެވިޔަން މަތީބައިގެ ކޮޓަރިއެއްގެ ދޮރު ހުޅުވާލައިފައި ބަލައިލި ތަނެވެ. ދާވިޝް ބޭނުންވި ފަދަ ފުރުސަތެއް މިހާ ފަސޭހައިން ލިބިދާނެ ކަމަކަށް ދާވިޝް ހީކޮށްފައެއް ނެތެވެ. އޭނަ އަލީނާގެ އަތުން ދޫކޮށްލަން އުޅެފައި ވެސް އަލުން ހިފެހެއްޓިއެވެ.

"ނޫން... ކީއްވެ އަޅުގަނޑު ތި ބޭފުޅާގެ ފަހަތުން އަންނަންވީ..." އަލީނާ އަތްދަމައިގަންނަން ބޭކާރު މަސައްކަތެއް ކުރިއެވެ. ދާވިޝް "ބޭބީ ގާލް" ކިޔުމުން އަލީނާގެ ހިތުގައި މީހަކު އެތިފަހަރެއް ޖެހީކަމަށްވެސް ހީކުރެވުނެވެ. އެފަދަ ނަމަކުން ކިޔޭނީ އެކަނި އޭނަގެ ލޯބިވެރިޔާ އަށެވެ. އަދި އަތުގައި ހިފާލީތީވެސް އަލީނާއަށް އެހާ އުނދަގޫވިއެވެ. ދާވިޝް ކިތަންމެ ރީއްޗަސް އެހާ ގާތްކޮށް އުޅޭކަށް އޭނަގެ ހުއްދައެއް ނެތެވެ. 

"ޒެވިޔަން ކަމަށް ހީކުރެވުނީ ދޯ، އޯކޭ އޯކޭ، ނޮޓް ބޭޑް އެކަމަކު ވޯނިން އެއް، ތިހާ ޑެލިކޭޓް ކުއްޖެއްގެ ޕާޓްނަރަކަށް ރަނގަޅު ވާނީ ޕިންކް ޕެންތަރ..." ދާވިޝް ގަސްތުގައި އަލީނާ ރުޅިއަރުވައިލަންވެގެން އެހެން ބުނެލިޔަސް މިއަދު ދާވިޝްއަށް ވެސް އަލީނާގެ ރީތިކަން ފާހަގަ ކުރެވުނެވެ. ގޯންޏަކަށް އެރެވިގެން ފިލައި ހުރީ ކުޑަ ޕަރީއެކެވެ. ބާރު ޓޮޕަކާއި ސޯޓުކޮޅެއް ލައިފިއްޔާ ރީތިކަމުން ހިތްތައް ހަލާކުކޮށްލާނެއެވެ. ޔަގީނުންވެސް އޭނަގެ ހިތް ޝައުގުވެރި ކުރުވައިފިއެވެ. ދާވިޝް ކުއްލިއަކަށް އަލީނާގެ އަތުން ދޫކޮށްލައިފިއެވެ. މިފަހަރުވެސް އަލީނާ ނުވެއްޓުނީ އޭނައަށް ގަހުގެ ގޮފިގަނޑެއްގައި ހިފެހެއްޓުނު ކަމުންނެވެ.

އަލީނާގެ ހިތުގައި ޖެހޭ ގޮތްވިއެވެ. ޕިންކް ޕެންތަރ ކާޓޫނު ކިތަންމެހާވެސް މަޖަލެވެ. އެކަމަކު އޭނަ އާއި ޕިންކް ޕެންތަރު އަޅުވާކިޔުމުން އަމިއްލަ ހިކިކަމާއި، ނިކަމެތިކަން އިހުސާސް ކުރެވި ލޮލަށް ކަރުނަވެސް އަތުވެއްޖެއެވެ. އޭނަ ބައިވެރިޔަކު ބޭނުމެއް ނޫނެވެ. އެކަމަކުވެސް އެންމެންގެ ދޫތައް ބަންދުކުރަން ފަލަވާންވެސް ހިތް އެދުނެވެ. މިހާ ވަރުގެ ގޯނި ހެދުމަކަށް އެރެވިގެން ހުންނައިރުވެސް އޭނަގެ ކުޑަކަން ފޮރުވައެއް ނުދެއެވެ. އަލީނާ ބާރުބާރަށް ދުވެލާފައި ގޮސް ގެއަށް ވަނުމުން ދާވިޝްއަށް ހެވުނެވެ. ފެންނަ ކޮންމެ ފަހަރަކު އަލީނާ ރުޅިއަރުވައި ރޮއްވާލާނީއެވެ. މިގޭގައި ހުރެގެންވެސް ފޫހިފިލުވައި ލާނެކަމެއް ދާވިޝްއަށް ފެނިއްޖެ އެވެ. 

ޖިލާ ތެދުވާ ހިތް ނުވިޔަސް މަންމަމެންގެ ސުވާލުތައް ކުރިމަތިވާނެތީ ފެންވަރާ ހަދާލައިގެން ކާކޮޓަރިއަށް ދިޔައެވެ. ގަޑިން ވީއިރެއްވެސް އޭނަ ބަލައި ނުލައެވެ. އޭނަ ހީކުރީ މާބޮޑަށްވެސް ލަސްވެދާނެ ކަމަށެވެ. އެކަމަކު އެންމެންހެން ސައި މޭޒުދޮށުގައި ހީހީފައި އުޅޭތަން ފެނުމުން ޖިލާގެ ފިޔަވަޅުތައް ގަނޑުވިއެވެ. އާއިޒު ބަލައިވެސް ނުލިއެވެ. އެއީ ޖިލާ ދެކުނުގޮތުގައި އޭނައަށް ލެއްވި ރަހުމަތެކެވެ.

"މޯނިން ޕަމްޕްކިން...." ދާވިޝް ޖިލާ ގެ ލޯ ދުޅަވެފައި ވާތަން ފެނުމުން އެއްޗެކޭ ބުނަން އުޅެލާފައިވެސް ހިމޭންވިއެވެ. ސުވާލުކޮށްފިއްޔާ އެންމެން ތެރޭގައިވެސް ޖިލާއަށް ރޮވިދާނެއެވެ. ޔަގީނުންވެސް އާއިޒު އާއި ދެމީހުން ރޭގައިވެސް ހަގުރާމައެއް ކުރާނީއެވެ. ޒީބާ ޖިލާ ލަހުން ސައި ބޯން އައީތީ މިފަހަރުވެސް ޝަކުވާ ކުރިއެވެ. ރިޔާ އާއި ޒެވިޔަން ވެސް ޖެހިގެން ހުރި ގޮޑީގައި ތިބިއިރު ވަރަށް އެކުވެރިކޮށް ވާހަކަދައްކަން ތިބިކަން ޖިލާއަށް ފާހަގަ ކުރެވުނެވެ. ޖިލާ ވެސް ސްކްރެމްބްލްޑް އެގް، ސެންޑްވިޗް އަދި ކަޕުޗިނޯއެއް ކާރިކޮށްލަމުން ގޮނޑީގައި އިށީދެއްޖެއެވެ.

"ޖިލް، ދަރިފުޅު އޮރެންޖް ޖޫސް ބޮއިބަލަ، މިހިރީނު ފުރުޓްވެސް، މިހާރުއްސުރެ ސިއްހަތަށް ބަލައިގެން އުޅުނީމަ ބޭބީވެސް ހެލްދީ ވާނީ..." ސީމާގެ ނުރުހުމުގެ ނަޒަރު އާއިޒުއަށް އަމާޒުވިއެވެ. ހީވަނީ ޖިލާ ބަލިވެއިނުމުން އެކަމާއި ހުރެ އާއިޒު ވަރަށް ބޮޑަށް ކުށްވެރިވެފައި ވާހެންނެވެ. އެއީ އާއިޒު އެއްގޮތަކަށްވެސް ކޮށްގެން ވާނެކަމެއް ނޫންހެނެވެ. ޖިލާގެ މޫނުގެ ކުލަ ބަދަލުވިއެވެ. 

"އައިމް ނޮޓް ޕްރެގްނެންޓް އޭ މަމް، އަސްލު އޮޅުނީ..." ޖިލާ އަވަސް އަވަހަށް ބުންޏެވެ.

"އޮޅުނީތަ ނޫނީ ޖިލް ދޮގުހެދީތަ؟" ޒީބާ ގާނޫނީ ވަކީލެއްހެން ސީރިޔަސް ވެލާފައި އެ ތޫނު ނަޒަރު ޖިލާގެ މޫނަށް ހުއްޓާލައިފިއެވެ. 

"ޒީބް ވެސް ނުބައި މައިދައިތައަކަށް ވެގެން ޅީދަރިންނަށް ނުބަވަބަލަ، ޖިލްއަކީ މި ފެމިލީގައި ނެތްވަރުގެ ދީންވެރިކުއްޖެއް އޭނަ ނަހަދާނެ ދޮގެއް، ޅަކަމުން އެކަހަލަ ކަމެއްގައި އޮޅިދާނެ ދޯ...." ސީމާ ފުޅާ ހިނިތުންވުމަކާއިއެކު އެހެން ބުނުމުން ޒީބާވެސް ބާރަކަށް ހޭންފެށިއެވެ. ހިތުގައި ކޮންމެ ފަދަ ހަސަދަވެރިކަމެއް އޮތަސް އެންމެން ހިނިތުންވެ ވާހަކަދެއްކީ ރީތިކޮށެވެ. ދާވިޝް ވެސް އާއިޒު އަދި ޒެވިޔަންދެކެ ރުޅިއައިސްފައި ހުއްޓަސް އެކަމެއް ނުދައްކައެވެ. އާއިޒުވެސް އެ ރީތި ޑިމްޕަލް އަޅުވާލައިގެން އޭނަގެ ބައްޕަމެންނާއި ވާހަކަދައްކާ އިރު ހީވަނީ ދުނިޔޭގައިވާ އެންމެ އުފާވެރި އިންސާނާ ހެންނެވެ. އެކަމަކު ޖިލާ އެތާއިން ކަމަކަށްވެސް ހަދައިނުލިއެވެ. "ލައިކް އައިމް އިންވިޒިބަލް" ޖިލާ ކަރުނަތައް ހިފަހައްޓަން ކެނޑިނޭޅި މަސައްކަތް ކުރިއެވެ. 

ދެމީހުންގެ ދޭތެރޭގައިވާ ފާރު ދުވަހެއް ދުވަހަކަށް ބޯވަމުން ގޮސް ފުނޑު ކޮށްނުލެވޭނެ ހާވަރު ވެއްޖެއެވެ. އޭނައަށްވެސް ދެން އާދޭސް ކުރާކަށްވެސް ނުކެރޭނެއެވެ. އާއިޒު ވަނީ އޭނަ ލަދުން މަރުވާވަރު ކޮށްލާފައެވެ. ޖިލާ ވިސްނީ އާއިޒުއަށް ތަފާތު ގޮތަކަށް ލަނޑެއް ދިނުމަށެވެ. ޔަގީނުންވެސް އެ ދިގުކޮށްލާފައިވާ އިސްތަށިގަނޑު ކޮށައިލަން މަޖުބޫރުވާފަދަ ކަމެއް ކޮށްލިޔަސް އޭނަ ފާފަވެރިއެއް ނުވާނެއެވެ. އޭރުން އެހެންމީހުން މިދޭތެރެއަށް ވަންނާކަށްވެސް ނުޖެހޭނެއެވެ. އޭނައަށް އަބަދުވެސް އާއިޒު ރީތިވެފައި މާތް ވައްތަރު ޖަހަނީ ކުރުކޮށް އިސްތަށިގަނޑު އޮތީމައެވެ. އާއިޒު މިފަހަކަށް އައިސް އިސްތަށިގަނޑު ދިގުކޮށްގެން އުޅޭ ސަބަބެއް ޖިލާ އަކަށް ނޭގެއެވެ. ޖިލާގެ ހިތަށް އައި ޚިޔާލަކުން އޭނަ ހިނިއައެވެ. ޖިލާގެ އަޅި ދެލޮލުން ކުޑަ ކުޑަ ލާނެތްކަމެއް ނަށާލައިފިއެވެ. އިސްތަށިގަނޑުގައި ޗުއިންގަމްގަނޑެއް ތަތްކޮށްލައިފިއްޔާ އާއިޒު ހަދާނީ ކިހިނެއް ބާވައެވެ.

އާއިޒު ނިކުމެގެން ދަމުން ޖިލާއަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. ނޫނީ ޖިލާ މާ ހިނިއައިސްފައި އިން ސަބަބެއް ނޭގިގެން އާއިޒު ކަންބޮޑުވީ ކަންނޭގެއެވެ. ޖިލާގެ ކުޑަ، ކުޑަ ސިކުނޑީގައި ކޮންމެވެސް ކަމެއް އެނބުރެމުންދާކަން އެނގިފައި ވެސް އެއީ ކޮންކަމެއްކަން ނޭގުނީމަ އާއިޒު ހުންނާނީ ޔަގީނުން ވެސް އުދަގޫވެފައެވެ. އެފްބީ އައި އެޖެންޓް ހެދިގެން ސުވާލުކުރަން ބޭނުންވިޔަސް އެހެރީ އަމިއްލައަށް ޖިލާ އާއި ވާހަކަ ނުދައްކަން ހުވާކޮށްގެން ކަމަށްވާއިރު އެއީ ޖިލާއަށްވެސް ލިބިފައިވާ ފައިދާއަކަށްވެސް ވެދާނެއެވެ.

ޒެވިޔަން މަތިނެތް ފެރާރީ ކާރު ކައިރީގައި ހުއްޓިލައިގެން ހުރިއިރު ރިޔާ އިނީ ސީޓުގައި އިށީދެލައިގެންނެވެ. ވާރޭ ވެހޭ ދުވަހެއް ނޫނިއްޔާ ޒެވިޔަންމެން އެ ކާރު ދުއްވާ އުޅެނީ މަތި ކައްސާލައިގެންނެވެ. ހައިވޭތަކުގައި ބާރު ސްޕީޑްގައި، ވަޔާއި ވާދަޔަށް ދަތުރު ކުރާއިރު ވައި މޫނުގައި އަޅުވާލުމުން އެލިބޭ ޖޯޝާއި ފޯރި ބުނެދޭނެ ގޮތެއްވެސް ނޭގެއެވެ. މިނިވަންކަމާއިއެކު ވައިގެ ތެރޭގައި އުދުހެވޭފަދަ ގޮތެއް ހީވެއެވެ. ދުވަހުގެ ބިޒީ ތާވަލަށްފަހު ސިކުނޑި ހަމަޖައްސާލުމަށް ފެރާރީ ދަތުރަކުން ނިންމާލެވުނީމަ ދުވަސް ފުރިހަމަވެދާނެއެވެ.

ޒެވިޔަން އަދިވެސް ހުރީ އެހާ ހިތްހަމަޖެހިފައެއް ނޫންކަން ބުމަގޮށްޖަހާލައިގެން ހުރިގޮތުން އެނގެއެވެ.

"ޒެވިޔާ، އަހަރެން ޖޭވިވަރުންނޭ އެގޮތަށް ޒުވާބު ކުރީ، އަލީނާ އާއި ވާހަކަދެއްކިތަން ފެނުނީމަ ހަމަ ދެރަވީ، އެކަމަކު މިހާރު ވިސްނިއްޖެ އެހެން އުޅެގެން އަހަންނަށްވެސް ފައިދާއެއް ނެތްކަން، އަހަރެން ވަރަށް ބޭނުން ބޭބީއެއް، މިނޫނީ އެއްވެސް ގޮތެއް އަހަންނަކަށް ނެތް... ޒެވިޔާ، ބުނެބަލަ އާއެކޭ، ޕްލީސް، ޕްލީސް، މިހާރު ތައުޒަން ފަހަރު މާފަށް އެދެފިން، ހިނގާބަލަ ދެން ކާރު ބުރެއްޖަހާލަން..." ރިޔާ އާދޭސްކުރަން ފެށުމުން ޒެވިޔަން ކާރުގެ ޑްރައިވަރު ސީޓުގައި އިށީދެ ކަތި ނަޒަރަކުން ރިޔާއަށް ބަލައިލައިފިއެވެ. 

"އަހަރެން އަންހެން ކުއްޖަކާއި ވާހަކަދައްކައިގެން ރިޔާ މޮޔަވާވަރުވޭ ދެން އަހަރެން އެހެން ކަމެއްކޮށްފިއްޔާ..." ޒެވިޔަން ފާޑަކަށް ހީލިއެވެ. 

"ކެތްކުރާނަމޭ، އައި ޕްރޮމިސް..." ރިޔާ ޒެވިޔަންގެ އަތަށް ފިތާލަމުން މަޑުމަޑުން ބުންޏެވެ. އަލީނާގެ މޫނު ހަދާންވިޔަސް ރިޔާ ރުޅިއައިސްގެން ލޭ ލެކިގަނެއެވެ. ނަމަވެސް އާއިލާގެ ރީތި ޕަރީންނަށް ވުރެ އަލީނާ ހާސްބައި ރަނގަޅެވެ. ބޭނުން ކެނޑުނީމަ ނަގައި އެއްލައި ލެވޭނީވެސް އެކުއްޖާއެވެ.

"އޯކޭ، އެކަމަކު ޕްރޮމިސް ބްރޭކް ކޮށްފިއްޔާ ދޭނެ ޕަނިޝްމެންޓް އެނގެއެއްނު..." ޒެވިޔަން ރިޔާގެ ބަނޑުގައި އަތް ޖައްސާލުމުން ރިޔާ ބާރަކަށް ހަޅޭއްލަވައިގަތެވެ.

"އެނޫން ކޮންމެ ޕަނިޝްމެންޓެއް ދިނަސް ހެވޭ، ދެން ޒެވިޔާ ތިހާ އަނިޔާވެރިވާކަށް ނުވާނެ. ރޭޕްކުރިޔަސް، ބީޓްކުރިޔަސް ހެވޭ އެކަމަކު ނޯ ޓިކްލިން ޕްލީސް.." ރިޔާ ހީހީފައި ކިޔަންފެށިއެވެ. އޭނަ ގިލިގިލި ކޮށްޓާލައިފިއްޔާ އެނިމުނީއެވެ. މަރުވެސް ވެދާނެއެވެ. ކުރީދުވަހަކުވެސް އޭނަ ނުލަފާކަމެއް ކޮށްލައިގެން ޒެވިޔަން އޭނަ ސޯފާއަށް ވައްޓާލައިގެން އުޅުނު އިރު ހެމުން ހެމުން ގޮސް އޭނަ ހަލާކުވާވަރުވިއެވެ. އެހެންމީހުން އެ މަންޒަރުދެކެން ހީހީ ތިބީމަ ރިޔާ ފަހުން ވަރަކަށް ރުޅިގަދަވިއެވެ.

"މި އަންހެންކުދިން ގެ ބަލިކަށިކަން ދޯ... ޕުއަރ ޕުއަރ ތިންގްސް..." ޒެވިޔަން އެހެން ބުނިއިރުވެސް އަލީނާގެ ކުޑަ ކުޑަ ފްރޭމް ހިތަށް އެރި ސަބަބެއް ނޭގުނެވެ. ރިޔާއަށްވުރެ އަލީނާ މާ ނިކަމެތިވާނެއެވެ. އަލީނާވެސް އަތްލައިފިއްޔާ އެވަރުވާނެބާވައެވެ. ފަހަރެއްގައި ކުޑަކޮށް ހުއްޓަސް އަލީނާ މާ ކުޅަދާނަ ކުއްޖަކަށް ވެދާނެއެވެ.

"ޒެވިޔާ، ސިއްރެއް ބުނަންތަ؟" ރިޔާ ޒެވިޔަންގެ ކަންފަތް ދޮށުގައި ބުނެލި ވާހަކައަކުން ޒެވިޔަންއަށް ހީވީ ކަންފަތް ކައިރީގައި ބޮމެއް ގޮއްވައިލެވުނު ހެންނެވެ. ސިކުނޑިއަށް ކިތަންމެ ވަރަކަށްވެސް ބާރުކުރިއެވެ. އަދި މޫޑު އޮފްވާ ގޮތްވިއެވެ. ޒެވިޔަންގެ ފެހިދެލޮލުގެ ކުލަ ދެގުނަ އިތުރުވެގެން ދިޔައެވެ. އޭނަގެ ތޮބީއަތަށް އައި ބަދަލު ރިޔާއަށް ނާންގަން ވެގެން ހޭންފެށިއެވެ.

"އިޓްސް ފައިން، އެއީކީ އަދި މައްސަލައެއްނޫން..." ޒެވިޔަން ހިތާއިދެކޮޅަށް ބުނެލިއެވެ. އެކަމަކުވެސް އެހިތަށް މިއަދު ކިތަންމެ ވަރަކަށްވެސް އަނިޔާ ލިބިއްޖެއެވެ. ނޭގުމުގެ ތެރޭގައިވެސް އޭނަގެ ހިތް ކުރަމުން އައި އިންތިޒާރު އެވަގުތު ކޮޅު ނިމުމަކަށް އައިހެން ހީވިއެވެ. އެވީ ކިހިނެއް ބާވައެވެ. އެހެންވާންވީ ކީއްވެބާވައެވެ. ނަމަވެސް ރިޔާގެ ގާތުން އިތުރަށް އަހައިލާނެ ހިތްވަރެއް ނުލިބުނެވެ.

ސީމާ އިނގުރު ސައިތަށްޓެއް ހަދައިލައިގެން ފެންޑާއަށް ނިކުމެ ޖައްސާލި ތަނާ ޒީބާ ގޭތެރެއިން ނިކުމެގެން އައެވެ. ޒީބާ ހިތުގައި ވާ ހަސަދަވެރިކަން ފާޅުނުކޮށް ސީމާއަށް ހެޔޮއެދޭ މީހަކަށް ވެގެން ހުންނާތީ ސީމާ އަށް އޭނައަށް ދިމާވެގެން އުޅޭކަމުގެ ޝަކުވާވެސް ވަގުތުން ކުރެވުނެވެ. 

"ޑޯންޓް ވޮރީ ސިމީ، ކުޑަކޮށް ސްޕޮޓިން ހުއްޓަސް ރަނގަޅު ވެދާނެ، ޓެންޝަން ނުނަގައި ހަމަޖެހިލައިގެން އުޅުނީމަ އެވްރީތިން ވިލް ބީ ފައިން، އެކަމަކު ބެޑްރެސްޓް ނަގާތި..." ޒީބާ ހިނިތުންވުމަކާއިއެކު އެހެން ބުނެލިއިރު ހިތް އުފަލުން ނެށިއެވެ. އިރާދަކުރެއްވިއްޔާ އެއީ ފެށުމެވެ. ދަރިފުޅު ނެތިގެން ހިނގައިދާނެކަމުގެ އަލާމާތެކެވެ. އޭނަ ކަތި ފިޔަވަޅެއް އެޅުމުގެ ކުރިން އެކަން ނިމުމަކަށް އަންނަނީ ބާވައެވެ. އެއީ ތަގުދީރުގެ ނިޔާއެވެ. ނަސީބުވެސް އޭނަގެ ކޮޅަށް ބުރަވިކަމުގެ ހެޔޮ ފާލެކެވެ. 

ޒީބާގެ ތުންފަތްމަތިން ހިނިތުންވުން ފިލައިގެން ނުދަނީސް ރިޔާ ގެނެސް ދިނީ އަނެއް އުފާވެރި ޚަބަރެވެ. ރިޔާ ޒެވިޔަން އާއި އަލީނާ ގެ ކައިވެނި ކުރުވަން އެއްބަސްވެ، ޒީބާ ގާތު އެދުނީ ވީހާވެސް އަވަހަށް އެކަން ވެވޭނެގޮތް ހަދައިދިނުމަށެވެ. ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވެސް އަވަހަށް ދަރިއަކު ހޯދުމަކީ ރިޔާގެ މަގުސަދެވެ. އޭނަ އާއި ޒެވިޔަންގެ ގުޅުން އަބަދަށްޓަކައި ދެމިގެންދާނެ ގޮތަކީ ދަރިއެއް ހުރުމެވެ. މިފަހަރުވެސް ޒީބާ ވަޢުދުވީ އަލީނާ އޭ ކިޔާ ކުޑަ ކަށި އުފުރައިލާނެކަމެވެ. އެތައް ފަހަރު އެތައްގޮތަކަށް ޒީބާ އެ ޔަގީންކަން ދިނެވެ.

ޒީބާ ގެނެސްދިން ކައިވެނީގެ ފޯމުތަކުގައި އަލީނާ ސޮއިކުރި އިރު އެއީ ކޯންޗެއް ކަމެއްވެސް ނޭގުނެވެ. ތަގުދީރު އެހިތާއި ވެސް ނުކުޅަދާނަވާފަދަ ސަމާސާއެއް ކޮށްލައިފި ކަމެއް ނޭގުނެވެ. ކޮންމެއަކަސް އެ ބަލާކަށް އަލީނާއަށް މުހިއްމެއް ނުވިއެވެ. އެއީ ކޯންޗެއްކަން އެގުނުނަމަ އަލީނާ އަނބުރައި ގަންނާނެކަން ޔަގީނެވެ. ނޫނީ ހިތާއި ރޫހުވެސް އުދުހިފައި ގޮސް އާސްމާނުގައި އުޅެފައި ނޫނީ ހަމަބިމަކަށް ތިރިއެއް ނުވީހެވެ. އަލީނާގެ މައުސޫމްކަމުން އޭނަ ހުރީ މީހަކު ކޮންމެ ކަމެއް ކުރިޔަސް ނޭގޭފަދަ ހާލަތެއްގައެވެ. އެހެންނޫނަސް އެ ދެލޮލުގައި މިފަހަކަށް އައިސް އަބަދު ވަނީ ހުވަފެނީ ގޮތެކެވެ. އަބަދު ހުންނަނީ ގެއްލިފައެވެ. ހަގީގަތުގައި އަލީނާއަށް ކުރެވޭހާ ކަމަކީ ޒެވިޔަން ގެ ޚިޔާލުކުރުމެވެ. އެންމެ މިނިޓަކަށްވެސް ޒެވިޔަން އޭނަގެ ހިތުން ފިލައިގެން ދާގޮތެއްނުވެއެވެ.

އަލީނާ އެމެރިކާއަށް އައިއިރު ޗެރީ ބްލޮސޮމްގެ މާތައް އޮތީ ފަރިވެ ފޮޅިފައެވެ. އެންމެ ފަތެއްވެސް ގަހުގައިނެތި މާތަކުން ގަސް ބަރާވެފައިވީ ދުވަސްކޮޅު ހާދަ ނަލައެވެ. ހާދަ ޗާލެވެ. ނަމަވެސް ރީތިކަމަކީ ދާއިމަށް ވާ އެއްޗެއް ނޫންކަން އަލީނާއަށް އެނގުނީ ދެ ހަފްތާއެއްހާ ދުވަސްފަހުން އެމާތައް ވެރި، މިހާރު ފެހި ފަތްތައް ފަޅަން ފެށުމުންނެވެ. އެމެރިކާއިން މިފަދަ ކިތަންމެ ތަފާތު ހައިރާންވާފަދަ މަންޒަރުތައް ފެންނާނެއެވެ. އަދި ބަހާރު މޫސުމް ކުރިއަށް ދާވަރަކަށް އާ މާތައް ފޮޅި ބަގީޗާތަކުގެ ރީތިކަން އިތުރުވާނެކަންވެސް އަލީނާއަށް އެނގެއެވެ. މިރަށުގައި ބްލޫބެލް ހުރޭބާވައެވެ. ބްލޫބެލް ވިނަގަނޑެއްހެން ދުރުދުރަށް ފެތުރިފައިވާ މަންޒަރު ޓީވީއިން ފެނުމުން އަލީނާ ދަހިކުރުވިއެވެ. އެފަދަ ތަނަކަށް ހުވަފެނެއްގައިވެސް ނުދެވޭނެކަމަށް ޔަގީންކުރި ކުއްޖާ މިއަދު މިހިރީ އެމެރިކާގައެވެ. ދެރައީ ބްލޫބެލްފަދަ ގަސްތަކާއި ބެހޭގޮތުން އޭނަ ކިތަންމެ އަހަން ބޭނުންވިޔަސް ވާހަކަދައްކައިލާނެ މީހަކު ނެތީމައެވެ. އެކަނިވެރިކަން ފިލުވައިދޭނެ ބައިވެރިއެއް ނެތެވެ. ހަރުފަ ނޫޅޭކަން އެނގުނުފަހުން ފަތިސްނަމާދަށް ފަހު އޭނަ އާއްމުކޮށް ބަގީޗާ ތެރޭގައި ހިނގައިލަން ނިކުމެ އުޅެއެވެ. 

މިއަދުވެސް ގައިގައި ކުއިލްޓް އޮޅާލައިގެން އޭނަ އައިއިރު ހީވަނީ ފިނި މޫސުމްގައި އަފްޣާން ނޫނީ ކަޝްމީރު ހިސާބު އަންހެންކުއްޖަކު ފެންނަހެންނެވެ.

އަލީނާ ގަހަކުން ވައިލެޓް މަލެއް ބިނދެލިއިރު އަނެއްއަތުގައި ތަންކޮޅެއް ބޯ ފޮތެއް އޮތެވެ. އޭނަ އެކަނި ހުރިއިރުވެސް ހިނިތުންވެވުނެވެ. "އަހަރެންގެ ޒާވް އެންމެ ފަހަރަކުވެސް ލޮލުން ފެނިލާނެނަމަ، ބޭނުމީ ހަމައެކަނި ދެކެލަން، ފެންނަ ހިސާބުގައި އުޅުނީމަ ވެސް މިހިތަށް ލިބޭ ހިތްހަމަޖެހުން ބުނެދޭކަށްވެސް ނޭގޭ، ބޭނުމީ އެކަނި ޒާވް ގެ ރީތި ސޫރަ ފެނުން، ނަތިން އެލްސް، ނަތިން އެލްސް...." އަލީނާ އެ މަލުގައި އެ ކްރިމްސަން ކުލައިގެ ތުންފަތް ޖައްސައިލާފައި ލޯ ހުޅުވާލިއިރު ކުރިމަތީގައި ޒެވިޔަން ހުރިތަން ފެނުމުން ސިހުނެވެ. ހީވީ ވަގުތުން ދުޢާ އިޖާބަވިހެންނެވެ.

"ޒާ....ޒާވް....." އަލީނާއަށް ކިޔައިލެވުނެވެ. އެ ދޮން މޫނު ރަތްވެގެން ދާން ހިދުކޮޅެއްވެސް ނުނަގައެވެ. އޮޅިގެން ކިޔައިލެވުނީ ވެސް އޭނަގެ ހިތުގައި މިހާރު ޒެވިޔަންއަށް ޓަކައި ފޮރުވިފައިވާ ނަމެވެ. އެކަނި އޭނަގެ ހިތް ޒެވިޔަންއަށް ގޮވައިއުޅޭ ނަމެވެ.

"އަހަރެން މިހިރީ އަލީނާ އާއި ދިމާނުވެގެންނޭ...." ޒެވިޔަންގެ ފުން އަޑުއިވުމުން އަލީނާގެ ހަށިގަޑުގެ ލޯލިތައްވެސް ކޮޅަށް ޖެހުނެވެ. އަޑުންވެސް އެކުރުވީ ކޮންފަދަ އަސަރުތަކެއް ހެއްޔެވެ؟ ހީވީ މުޅިގައިގައި ފިރުމާލި ހެންނެވެ. އެކަމަކު އެ ލޮލުގެ ފެހިކުލަގަދަކަމާއި، ތުންފަތުގައި ހުންނަ ފަނޑު، ހިތްހަލާކުވާފަދަ ހިނިތުންވުން ނެތުމުން ޒެވިޔަންގެ މޫޑެއްނެތްކަން އަލީނާ ދެނެގަތެވެ.

"ކި....ކިހިނެއްވީ....؟" އަލީނާގެ އަޑު ނިކުތީ މަޑުމަޑުންނެވެ. ހާސްވެގެންގޮސް ހަދާނެގޮތެއްވެސް ނޭގުނެވެ. ޒެވިޔަންގެ ދެލޮލަށް ބަލަހައްޓައިގެން ހުންނާނެ ހިތްވަރެއް ނުލިބުމުން އަލީނާ ލަދުވެތިގޮތަކަށް އިސްޖަހާލައިފިއެވެ. ޒެވިޔަން ގެ ފިނި އިނގިލިތަކުން އަލީނާގެ ދަތްދޮޅީގައި ހިފައި އުފުލައިލިއެވެ. އެވަރުންވެސް އަލީނާ އެދެލޮލަކަށް ނުބެލިއެވެ.

"ލުކް އެޓް މީ އަލީނާ...." ޒެވިޔަންގެ އަޑުގައި ވިގޮތަކުން އިސްއުފުލައިލަން މަޖުބޫރު ކުރުވިއެވެ. އޭނަގެ ލޯބިވެރިޔާގެ އެއްވެސް އެދުމަކަށް ދެކޮޅު ހަދަން ހިތް ނޭދުނީއެވެ. ޒެވިޔަންއަށް ޓަކައި ކޮންމެފަދަކަމެއް ކުރަންވެސް ފަސްނުޖެހޭނެއެވެ. އަލީނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އަލީނާއަށް އެ ދެލޮލަށް ބަލައިލުމާއިއެކު ލޮލުގެ ތެރެއަށް ގެންބެން ބޭނުންވިއެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟ ދުނިޔެމަތީގައިވާ ހުރިހާ ފެހިކުލައަކަށްވެސް މި ލޮލުގެ ކުލަ މާ ފުރިހަމައެވެ. ސިއްރުން ފުރިފައި، ފުން ކަނޑެއްފަދައެވެ. ޒެވިޔަން ހުރީ އެގަދަ ބުމަ ގޮށްޖަހާލައި ގެންނެވެ.

"ދާވިޝް އާއި ދެމީހުން އޮތީ ކޮން ގުޅުމެއްތަ؟" ޒެވިޔަން އެ ސުވާލު ކުރުމުން އަލީނާ ސިހުނެވެ. 

"ވަޓްޓް....." އަލީނާއަށް ޒެވިޔަން ބުނިއެއްޗެއް ރަނގަޅަށް އަޑުއިވުމާއިއެކު ވެސް އެހެން ބުނެވުނީ ކުޑަކޮށް ގަމާރުވެފައި، ސިހުނުވަރުން ބާވައޭ އަމިއްލަ ހިތާއިވެސް ސުވާލުކުރެވުނެވެ.

"އައިމް ނޮޓް ރިޕީޓިން....." ޒެވިޔަންގެ ގޮތް ދޫނުކުރާވަރާއި، މިޒާޖުގައި ހުންނަ ގޮތް އެކަނި އެޖުމްލައިންވެސް އޭނަ ދަންނަ މީހަކަށް އެނގޭނެއެވެ. އެ ރީތި ދެލޮލުން ބަލަހައްޓައިގެން ހުރިއިރު އެ ލޮލުގެ ތޫނުކަމުން އަލީނަގެ ހިތް ފޫއަޅުވާލާނީ ކިތައްފަހަރު ކަމެއްވެސް ނޭގެއެވެ. އަލީނާ ހާސް ޖާނުން ފިދާވަމުން ދިޔައެވެ.

"އެކަމަކު... ޒެވިޔަން ތިގޮތަށް ވާހަކަދައްކާ ސަބަބެއް އަޅު... އަޅުގަނޑަކަށް...." އަލީނާ ގެ އަޑުގައި ތުރުތުރެއް ހުއްޓެވެ.

"ދާވިޝް ދެކެ ލައިކް ވޭ ދޯ..." ޒެވިޔަންއަށް ނޭގިނަމަވެސް ވާހަކަދެއްކުނީ ހަސަދައިން ފުރިފައިވާ ލޯބިވެރިއެއް ފަދައިންނެވެ. އަލީނާއަށް ކުއްލިއަކަށް ވިސްނިއްޖެއެވެ.

"ނޫން....ނޫން..." އަލީނާ ގެ އަނގަ ހުޅުވުނެވެ.

"އެކަމަކު ދާވިޝް އަލީނާގެ އަތުގައި ހިފަހައްޓައިގެން ހުރީ ކީއްވެތަ؟ އޭނަ އަތްލިޔަދެނީ ކީއްވެތަ؟ އަތުން ދޫކޮށްލާށޭ ބުނިނަމަ... ދާވިޝް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އަލީނާއަށް ހަމަ ނޭގެނީތަ؟" ޒެވިޔަންގެ ފެހި ދެލޮލުން އަދިވެސް އަލީނާއަށް ފެނުނީ އިންތިހާ ދަރަޖައިގެ ނުރުހުމެވެ. ޒެވިޔަން ގެ ރީތިކަމާއި، ލޮލުގެ މެސްމެރިޒަމް ބާރު އިތުރުވެގެން ދިޔަހެން ހީވިއެވެ. އަލީނާއަށް މޮޔައެއްހެން ކަޅިޖަހައިލަން ނޭގިފައި އެލޮލުގެ ތެރެއަށް ގެއްލިފައި ހުރެވުނީއެވެ. އަލީނާ ކިތަންމެ ޅަޔަކަސް ވިސްނުނެވެ. އޭނަ ދާވިޝް އާއި ވާހަކަދެއްކުމުން ޒެވިޔަން ހަސަދަވެރިވީބާވައެވެ. ހިތަށް ނިކަން ބޮޑަށް ފިނިކަން ލިބުނެވެ. ހީވީ ދުނިޔޭގެ ހުރިހާ އުފާތައް މުށުތެރެއަށް ލެވުނުހެންނެވެ. އަލީނާ އޮޅުވައިލާކަށް ބޭނުމެއްނުވިއެވެ. އަލީނާ ކަންވީގޮތް ކިޔައިދިނުމުން ޒެވިޔަން ހޭންފެށިއެވެ.

"އައިމް ސޮރީ، އަހަރެން ލޮލަށް ފެންނަ އެކަހަލަ ކަންތައް ގަބޫލެއްވެސް ނުކުރަން އެކަމަކު ދެން ނޭގޭ އެ ވީގޮތެއް، އައިމް ނޮޓް މައިސެލްފް ދީސް ޑޭސް، މިއީ ކޮން ފޮތެއްތަ؟" ޒެވިޔަން އެފޮތް ހުޅުވައިލުމާއިއެކު ވެއްޓުނީ ފޮޓޯއެކެވެ. އޭގައި ހުރީ ރީތި ފިރިހެނަކާއި ކުޑަ ދެއަންހެން ކުދިންނެވެ. ނޫކުލައިގެ މިޑީކޮޅެއްލާފައި އެކުލައިގެ ތޮތްޕެއް އަޅާފައިވާ ކުއްޖާ އަލީނާ އާއި ވައްތަރެވެ.

"މިއީ އަލީނާ ކުޑައިރު ތަ؟" ޒެވިޔަން އަހާލައިފިއެވެ. އަލީނާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލާފައި ދެން ހުރީ ބައްޕަ އާއި ދޮންތަ ކަމަށް ބުނި އިރު އަލީނާ ގެ މޫނުމަތި ކުޑަކޮށް ނަމަވެސް ބަނަވިއެވެ. ޒެވިޔަންއަށް އަލީނާގެ މޫނަށް އެވަގުތު ބަލައިލެވުނުނަމަ އަލީނާގެ މޫނުން އެއްޗެއް ދެނެގަނެވުނީހެވެ. ޒެވިޔަން ހައިރާންވީ އެ ފޮޓޯގައި ހުރި ފިރިހެން މީހާ އާއި އޭނަގެ ބައްޕަ ޑޮކްޓަރ މައިމޫން އާއި ވައްތަރުގޮތެއް ހުރުމުންނެވެ. ދުރުތާ ތިމާގެ މީހަކަށްވެސް ވެދާނެއެވެ. ނޫނީ ރީތި މީހަކަށް ވީމަ ޒެވިޔަންއަށް ހީވިގޮތެކެވެ. އަލީނާއަށް ލިބފައި ވަނީ އޭނަގެ ބައްޕަގެ ހިމަބުމައާއި، ވިދުވަރުގަދަ، ކުޑަ ދެލޮލެވެ. ފުޅާ އަނގައެވެ.

"މިހާރު އެނގިއްޖެ، އަލީނާގެ އިސްތަށިގަނޑު އޮންނަނީ ދިގުކޮށް، ބްރައުން ކުލައިގައި ދޯ، ހާދަ ރީއްޗޭ....." ޒެވިޔަން ގެ އެ ޖުމްލައިން އަލީނާގެ މޫނުގެ ކުލަ އޮއްސުނެވެ. އެފޮޓޯގައި އޭނަލާފައިވާ ހެދުމާއި، ތޮފިކޮޅަކީ އޭނަގެ އުފަންދުވަހު ދޮންބެ ގެނެސްދިން އެއްޗެއްސެވެ. އަދި އޭނަ ފަން އިސްތަށިގަނޑާއި ހެދި އުޅޭވަރުން މުށިކުލައިގެ ވިގެއްވެސް ގެނެސްދިނީއެވެ. އެދުވަހު އޭނަ އުޅުނީ ރަޕުންޒަލް ހެދިގެންނެވެ. ނަމަވެސް އެދުވަސް ނިމުނުގޮތް ހިތަށް އަރާފައިވެސް އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. އެ ނުބައި އިންސާނާގެ ދިރިއުޅުމުގައި އޭނަގެ ދެއަތުން އަލިފާން ޖަހަން ބޭނުމެވެ. ޒެވިޔަންއަށް އެ ފޮޓޯއިން އެފެންނަނީ އަސްލު އިސްތަށިގަނޑު ނޫންކަން އެނގުނު ނަމައެވެ. މިވީގޮތުން އަދި އޭނަގެ ނުކިޔަމަންތެރި، ބުޅި އިސްތަށިގަނޑު ޒެވިޔަންއަށް އަބަދުގެ އަބަދަށް ޓަކައި ފޮރުވައިލަން މަޖުބޫރުވީއެވެ. ޒެވިޔަން އޮޅުމެއްގެ ތެރޭގައި ބެހެއްޓުނަ ދޭށެވެ. އޭނަގެ އޮތީ ރީތި އިސްތަށިގަނޑެއް ކަމަށް ހީކުރެވުމަކުން އަދި މައްސަލައެއް ނެތެވެ. ދުވަހަކުވެސް އޭނަ ބުރުގާ ނާޅާ ހުއްޓާ ޒެވިޔަންއަށް ފެންނާނީއެއް ނޫނެވެ.

އެވަގުތު ޒެވިޔަންގެ ފޯނު ރިންގުވާން ފެށުމުން އޭނަ ފޯނު ކަންފަތުގައި ޖެހިއެވެ.

"ވޯހ...ވެއިޓް.....ހޯލްޑް އޯން.....ވަޓް...؟" ޒެވިޔަން ހައިރާންވެ އަންތަރީސްވިކަން އެ ރީތި މޫނަށް ވެރިވި ކުލަތަކުން އަލީނާވެސް ދެނެގަތެވެ. އެކޮޅުން ވާހަކަދެއްކި މީހަކު ބުނި އެއްޗެއް އަހައިލުމުގެ ޝައުގު އަލީނާގެ ހިތުގައި އުފެދުނެވެ. ކިތަންމެ ވަރަކަށް ކަންފަތް ހުޅުވައިލި ނަމަވެސް އަލީނާއަކަށް އެދެކެވުނު ވާހަކައެއް ނޭގުނެވެ. ޒެވިޔަން ފޯނު ޖީބަށް ޖަހައިލަމުން އަލީނާއަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އެ ރީތި ތުންފަތްމަތީގައި ސިއްރުވެރި ހިނިތުންވުމެއްވިއެވެ.
ަ

 

ކޮމެންޓް 0