އަނހާ ރިޔާ ތަ؟ އަވަހަށް އާދޭ ކާން، ހާދަ ވަރަކަށް ގުޅައިފީމޭ....." ދޮރުމަތީގައި ރިޔާ ހުރިތަން ފެނުމުން ސީމާގެ ހިތުގައި ޖަހަމުން އައި ބިރުވެރިކަމުގެ ރާޅުބާނިތައް ހިނދިއްޖެއެވެ. އުފާވެރި ހިނިތުންވުމަކާއި އެކުގައި ސީމާ އަހައިލީ އޭނަގެ މި "ނިއުލުކް" ރިޔާއަށް ރަނގަޅުތޯއެވެ. ރިޔާ އެކަމަކަށް އެހާ ޝައުގެއްނެތެވެ.

"މަންމާ، އަހަރެން ހަމައެކަނި މަންމަގެ ގާތު ވާހަކައެއް ބުނެލަން ކަމަށް މިއައީ، މަންމަ ޒެވިޔާ ކައިރިން ޑިވޯސް ނުވާން ވަރަށް ވިސްނައިދިން ކަމަށް ގަބޫލު ކުރަން، އެކަމަކު އަހަރެން ބޭނުމީ ޑިވޯސް ވާން، ކިޔަވަން ދާން ފްރާންސްގެ ޔުނިވަރސިޓީ އަކަށް އެޕްލައި ކޮށްފިން، މާކުޑަ އިރު މެރީ ކުރުމުގެ ސަބަބުން އަބަދު ޑްރީމް ކުރި ކޮލެޖް ލައިފް އާއި ވަކިވާންޖެހުނީ، ނައު އިޓްސް ޓައިމް، ކެރިއަރ އަށް ދެން އިސްކަން ދޭނީ......" ރިޔާގެ ދެލޮލުގައި ކަރުނައިގެ އަސަރުވިއެވެ. އޭނަ ކިތަންމެ ވަރަކަށްވެސް ރޮއިފިއެވެ. ކިތަންމެ ވަރަކަށް ވެސް ހިތާމަކޮށްފިއެވެ. އުމުރު ދުވަހަށް ވާވަރަށް ރޮވިއްޖެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނިކީ މަރުވެގެން ހިތާމަ ނުކުރާވަރަށް އޭނަ ޒެވިޔަން އާއި ވަކިވުމުން ދެރަވިއެވެ. އޭނައަށް އޭނަގެ ކުށްތަކުގެ އަދަބު ލިބޭވަރަށް ލޮލުން ކަރުނަ އޮހޮރުވައިފި އެވެ. ދެން އޮތީ ކެތްކުރުމެވެ. ރިޔާ އަށް އާއިލާ އާއި، އެކުވެރިން އެކިގޮތްގޮތަށް ވިސްނައިދީގެންވެސް ރިޔާ ގޮތުގައި ހިފެހެއްޓި ސަބަބު ވަނީ އޭނަގެ ހިތުގެ ފުންމިނުގައި ސިއްރު ކުރެވިފައެވެ.

ރިޔާގެ މޫނުމައްޗަށް އަރައިގެން ދިޔަ ހޫނު އެތިފަހަރަކުން ރިޔާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އެ ރީތި ބޮޑު ދެލޮލަށް މުތީތަކެއްފަދައިން ބޮޑެތި ކަރުނަތިކިތައް ޖަމާވާން އިރުކޮޅެއްވެސް ނުނަގައެވެ.

"މޮޔަގަނޑު، ތި ގެއްލުވާލީ ދުނިޔެ އާއި އާޚިރަތް، ކަލޭ ކަހަލަ ބަސްނާހާ ދަރިއަކު ވިހަން ޖެހުނު ކަމަށްޓަކައި އަހަރެން ހިތާމަކޮށްފިން، މުއްސަނދި، ޝާހީ ޑޮކްޓަރަކު ލިބިފައި ހުއްޓާ ފްރާންސަށް ދަނީ އެތަނުން ކާކު ހޯދަންތަ؟ ބަދުނަސީބު ސުންޕާ ކުއްޖާ، މިތަނުން ދާން އުޅޭ، ޒެވިޔާ އާއި ވަކިވުމަށްފަހު މަށަށް މަންމަ ކިޔައިގެން ނުވާނެ......." ސީމާ އަލިފާނުގެ ބެލުމަކުން ރިޔާ އާއި ދިމާލަށް ބަލައިލުމުން ރިޔާގެ ހިތަށް ފުން އަސަރު ކުރިއެވެ. މައިވަންތަކަމުގެ ލޯބިން އޭނަ ކުޑައިރުއްސުރެ މަހުރޫމްކޮށްފައިވާ މަންމަ ހަޔާތުގެ އެންމެ އަނދިރި ދުވަސްތަކުގައި ވެސް އޭނައަށް އެހީތެރިވެ، އަޅައެއްނުލިއެވެ.

"ސޮރީ މަންމާ، އެކަމަކު....." ރިޔާ ކޮންމެވެސް އެއްޗެކޭ ބުނަން އުޅެލާފައިވެސް ތުންފަތުގައި ދަތްއަޅައިލިއެވެ. ސީމާ ލަދުގަންނަވާލާކަށް ބޭނުމެއްނުވިއެވެ. އޭނަ ޒެވިޔަން އާއި ވަކިވާން ޖެހުނު އެންމެ ބޮޑު ސަބަބަކީ މަންމަ ގެ ފާފައެވެ. މަންމަ ޒެވިޔަން އާއި ދޭތެރޭގައި އަމަލުކުރި ގޮތެވެ. އެކަން އެނގިހުރެ އޭނަ ޒެވިޔަން އާއިއެކު ދިރިއުޅެން ލަދުގަނެއެވެ. ނަމަވެސް ރިޔާ ދުލުގައި ތަޅެއްލެވިފައިވާފަދައެވެ. އޭނަ ކަރުނަތައް ދިރުވައިލުމަށްފަހު ބާރުބާރަށް ހިނގާލައިފައި މަގަށް ނިކުތް އިރު ތުނިތުނިކޮށް ވާރޭވެހެމުން ދިޔައެވެ. ރިޔާގެ ލޮލުން އޮހިގަންނަން ތައްޔާރުވެފައިވާ ކަރުނަތައް ހިފެހެއްޓުމުގައި އޭނަ ކާމިޔާބު ކުރިއެވެ. ބޯ ވިލާތަކުން އުޑު ފޮރުވާފައިވާއިރު ހީވަނީ އަޅި ޗާދަރެއް އޮޅާލައިފައި ވާހެންނެވެ. މި އަޅި މާހައުލާއި އޭނަ ގުޅިލާމެހިފައި ވާފަދައެވެ. ބަޔާންކުރަން ދަތި ހިތާމައެއް އޭނަ ވަށާލާފައި ގޮސް ޗިސްކޮށްލަން އުޅޭހެން ހީވިއެވެ.

ރިޔާ އުޑާއި ދިމާލަށް ބަލައިލަމުން ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރިއެވެ.

މައިމޫންގެ އާއިލާގެ ހުރިހާ މެމްބަރުންވެސް މާލެ އައީ ރިޒޯޓެއްގައި އޮތް ވަރުގަދަ ކައިވެނީގެ ހަފްލާ އަކަށެވެ. ޒެވިޔަންވެސް މިހާރު މުޅިން ފިޓްކަމަށް ފެންނާތީ އޭނަ ދަތުރުކުރަން ވެސް ޑޮކްޓަރުންގެ ފަރާތުން ވަނީ ހުއްދަ ލިބުނުކަމީ ނަސީބެކެވެ. މާލެއަށް އައި ދުވަސްކޮޅު މާލެއަށް ތަންކޮޅެއް ވިއްސާރަ ދުވަސްކޮޅެކެވެ. ނީލަމެއްހެން ފެތުރިފައިވާ ކަނޑުގެ ހަލަބޮލިކަމުގެ ސަބަބުން އަލީނާ އިނީ ކުޑަކުދިންނާއިގެން ދަތުރު ކުރަން ވުމުން ބިރުގެންފައެވެ. ނަސީބަކުން އިތުރުކަމެއް ނުހިނގާ މާލެ އާއި ހަމަޔަށް އާދެވުނެވެ. މިލަން އާއި ޒެއިން ތިބީ ގަދަ ނިދީގައެވެ. ވަރުގަދަ ޒަލްޒަލާއެއްގެ ތެރޭގައިވެސް އެކުދިން ނިދާފާނެކަމުގެ ހެއްކެކެވެ. ދާވިޝް ގެ ލާނެތް ވާހަކަތަކުން އެންމެން ހެއްވާލިއެވެ. ލޯންޗު ފެރީ ޓާމިނަލް އާއި ކައިރި ކުރާއިރަށް އެމީހުން ބަލައި ކާރުތައް އައިސްފައި ވާތީ ކާރުތަކަށް އަރައިގެން "އޯޓަމް ބްލޭޒް" އާއި ދިމާލަށް މިސްރާބު ޖަހާލައިފި އެވެ. އަލީނާ ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ބަލަހައްޓައިގެން އިންއިރު މާލޭގެ ތަފާތު ހަނދާންތައް ސިކުނޑީގެ ލޯގަނޑަށް އަރަމުން ދިޔައެވެ.

އޯޓަމް ބްލޭޒްގެ ކާރު ޕާކްކުރާތަނުގައި ކާރު ޕާކްކޮށްލުމާއި އެކު އަލީނާ ކާރުން ފޭބިއެވެ. އެއާއިއެކު ކުއްލި އަކަށް ނާހީ ދުވެފައި އައިގޮތަށް އަލީނާގެ ގައިގައި ޖެހިގަތް ގޮތަކުން އަލީނާ ގެ ހަށިގަނޑުގެ ބެލެންސް ގެއްލި ފަހަތަށް ވެއްޓެން ދިޔަތަނުން މިލަން އުރާލައިގެން ކާރުން ފޭބި ޒެވިޔަން ހުޝިޔާރު ކަމާއި އެކުގައި އަލީނާގެ ގައިގައި ހިފެހެއްޓިއެވެ. ދާވިޝް ހޭންފެށިއެވެ.

"އެއްކަލަ ބެލެންސްކަޓާ ކުއްޖާއަށް ކުޑަކުޑަ އެޓޭކެއް އަޔަސް ނުވެއްޓި ސަލާމަތެއް ނުވެވޭނެ، އެކަމަކު ސަތޭކަ ޓަން ޖެހިގަތީމަ މަ ނަމަވެސް ގުޑުވާލާނެ، ނާހީ ހައްތަހާ ފަލަވަނީ ކޯންޗެއް ކައިގެންތަ؟ އެލީ ޝުޑް ލާން ފްރޮމް ޔޫ......" ދާވިޝް ނާހީ އާއި ދިމާކޮށްލަން ވެގެން ބުނެލިއެވެ.

"މިހާ ވަރުގަދަކޮށް ހުރީމަ އޭ ތޫފާންތައް އަންނައިރުވެސް ނުވެއްޓި ބިންމަތީގައި ހަރުލާނީ، ދިވެހި ރުކަކަށް ނޫނީ މިގޭގައި ޖަހާފައިވާ ތަނބުތައްހާ އަޅުގަނޑުވެސް ބިމަށް ގަދަވާނެ، އެލީ މިއީ ފީ އިލޮށިކޮޅެއްނު، އެކަމަކު މިހާރު ތަންކޮޅެއް ރޫފަ ރަގަޅުހެން ހީވޭ..." ނާހީ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. ކިތަންމެ ފަލަވިޔަސް އަމިއްލަ ނަފުސަށް އިތުބާރުކުރާފަދަ ގޮތެއް އޭނަގެ ހުރެއެވެ.

"އެންމެން ދިމާކޮށްގެން ވެސް ނާހީވެއްޖެ ހިކެން، އަސްލު ހީކުރީ ޑައިޓްކޮށްގެން މިހާރު ހިކިކަމުން ލޮލަށް ނުފެންނާނެ ކަމަށް، ވަރަކަށް މިސްވި، ދޮންބެ ކޮބާތަ؟" އަލީނާ ނާހީގެ ގައިގައި ބައްދައިލަމުން އުފާވެރި ގޮތަކަށް ބުންޏެވެ.

ޒީބާ ކާރުން އެރުނީ ޒެއިން އުރާލައިގެންނެވެ. އެއީ އަލީނާގެ ބޭބީމެންކަން އެނގުމުން ނާހީ މޮޔަވާވަރުވިއެވެ. އެކުދިންގެ ރީތިކަމުން އަޖައިބުވިއެވެ. ހީވަނީ ޔޫރަޕް ކުދިންހެންނެވެ. މުށިކުލައިގެ ބުޅި އިސްތަށިކޮޅާއި، ފެހި ދެލޯ އަދި ހަމުގައިވާ ހުދުކުލައިން ހައިރާންވާހާވެއެވެ. ނާހީ ކޮންމެ ކުއްޖަކު އުރާލާފައި ބޮސްދިނެވެ. ޒީބާ މިއަދު ނާހީ އާއި ވާހަކަދެއްކީ ނިކަން ރީތިކޮށެވެ. އަލީނާގެ ފަހަރި އަކަށް ވީތީ އެކަން ދެނެގެންނެވެ. އަލީނާ އަޒުމްކަނޑަ އެޅީ ކޮންމެ ގޮތެއް ހަދާފައިވެސް ނާހީ ހިކެން ބާރު އެޅުމަށެވެ. ނޫނީ ތަފާތު ބަލިތަކުގެ ޝިކާރައަކަށް ޅައުމުރުގައި ވެދާނެއެވެ. އަލީނާ ނާހީ ޖިމަށް ދާން ގަދަކަމުން ފޯމް ފުރާފައި އެކަން ހަމަޖައްސައިދިނެވެ. ކެއުމަށްވެސް ތާވަލެއް ކަނޑައަޅައި ޑައިޓް ހަމަޖެއްސުމުން ނާހީވެސް އަޒުމް ކަނޑައެޅީ ދެން ރީތިވަރަކަށް ހިކިގެން ނޫނީ އެ ޕްރޮގްރާމް ހުއްޓައި ނުލުމަށެވެ. އޭނަވެސް ދަރިން ބޭނުންވާތީ އެކަން މުހިއްމު ވެއްޖެއެވެ. ހޯމޯންތައް ބެލެންސް ކުރުންވެސް ބޭނުންތެރި ކަމަކަށް ވެއްޖެއެވެ.

ރިޒޯޓުގައި އޮތް ޕާޓީއަށްޓަކައި އައި އާއިލާގެ މެހުމާނުންނަށް ރިޒޯޓުގެ ބައެއް ކޮޓަރިތައް އެއްދުވަސް ކުރިން ދޭން ހަމަޖެހުނެވެ. ރިޒޯޓުން ދާވިޝް އާއި ޖެމާ އުޅެން ލިބުނީ ވޯޓަރ ބަންގަލޯއެއްގެ ހިތްގައިމު ކޮޓަރިއެކެވެ. ކޮޓަރިތެރެއިން ސީދާ މޫދަށް އެރެވެން އޮތީމަ ދެމީހުން ރޭގަނޑުވެސް މޫދުގައި ވަގުތުތައް ހޭދަކުރިއެވެ. މައްޗަށް އެރީ ހީކަރުވައިގެން ރޫރޫއަޅަން ފެށުމުންނެވެ. ހެދުނު ތެދުވިގޮތަށް ދާވިޝް އެކުވެރިންނާއި އެކީގައި މަސް ބާނަން ދިޔުމުން ޖެމާ ކަންނެތްވެ ތެދުވާ ހިތެއްނުވެފައި އޮތެވެ. ގަޑިއެއްހާ އިރުފަހުން ތެދުވެ ފެންވަރާހަދާލައިގެން ތަންތަން ހާވަނިކޮށް އީ ސިގްރެޓެއް ފެނުމުން ޖެމާއަށް ހައިރާން ކަމާއި އެކުގައި ބަލަހައްޓައިގެން އިނދެވުނެވެ. އިލެކްޓްރޯނިކް ސިކްރެޓަކީ ކޯންޗެއްކަން އޭނައަށް އެނގުނީވެސް ކުރީ ދުވަހު އެފްބީގައި މީގެ އެއްޗެއް ގައި އޭނަ ޓެގްކޮށް މިއާއި ބެހޭގޮތުން ވާހަކަ ދެކެވުމުންނެވެ. އެހެންނޫންނަމަ ތަނެއްގައި އެއްޗެއް އޮތަސް އޭނައަށް އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟ މިހުރިހާ ދުވަހު ދާވިޝް ސިގްރެޓް ބޯކަން އޭނައަށް ބޭޒާރުނުވެ އޮތީމަ އޭނަ ހައިރާންވެސް ވިއެވެ. އޭނަ ހީކޮށްފައި ވަނީ ސިގްރެޓް ބޯމީހުންގެ ތުންފަތް ކަޅުވާނެ ކަމެވެ. ހަށިގަނޑުގައި އެވަސް ހުންނާނެ ކަމެވެ. ދާވިޝް ސެންޓު ބޭނުން ކުރުމާއި، ތުންފަތުގެ ކުލަ ރީތިކަމުން މިއޮތީ އެހާ ގޯސް ސިފައެއް ހުރި އިރުވެސް ވަންހަނާވެފައެވެ. ޖެމާ އޭނަގެ މޮޔަކަމާއި މެދުވެސް ވިސްނައިލި އެވެ.

ދާވިޝް މަސް ބާނައިގެން އައިއިރު އޭނަގެ މޫނު ޓޭންވެލާފައި ވާވަރުން ކުރިއަށް ވުރެ ފިރިހެންވަންތަކަމަށް ދައްކައެވެ. ދިގު ސޯޓަކާއި، ގްރެފިކް ޓީޝާޓެއްލައިގެން ހުރިއިރުވެސް އެކަސްރަތީ ހަށިގަނޑުގެ ރީތިކަން ހުރަހެއްނެތި ފެންނަމުން ދިޔައެވެ. ޖެމާ ފާޑަކަށް ބަލަހައްޓައިގެން ހުރުމުން ދާވިޝްއަށް ވަގުތުން އެނގުނެވެ.

"ޖެމް، އަހަރެން ފޮރުވާފައި ހުންނަ އެއްޗެހި ބަލަ ބަލާފައި ތުންއޫކޮށްލައިގެން އެބަހުރޭ، ގެނޭ...." ދާވިޝް ޖެމާ އާއި ދިމާލަށް ހިނގައިގަތުމުން ޖެމާ ހަޅޭކަކާއި އެކީގައި އެނދަށް ވެއްޓިގަތެވެ. ދެމީހުން އޮޅުލަ އޮޅުލާފައި ކުރި ހަގުރާމައަށްފަހު ދާވިޝް ޖެމާގެ އަތުން އީސިގްރެޓް އަތުލިއެވެ.

"ބޭބީ، މިވެސް ދެން މީހަކު ރުޅިއަންނަވަރުގެ ކަމެއްތަ؟ މިއީ ހާމްލެސް ވައްތަރެކޭ، ރަހަވެސް އެހާ ރަނގަޅު، އެކަމަކު ޖެމްގެ ލިޕްސްހާ ސްވީޓެއްނޫން........" ދާވިޝް ލާނެތް ހިނިތުންވުމަކާއި އެކީގައި ބުނެލަމުން ޖެމާގެ އޮމާން ތުންފަތުގައި ފިރުމާލި އެވެ.

"އިޓްސް ނޮޓް ޓްރޫ. ތީގައި ހިމެނޭ ކެންސަރު ޖައްސާ ކޮންޕޯނެންޓްސް ތައްވެސް، ކީއްވެ ތިކަހަލަ އެއްޗެހި ބޭނުން ކުރަނީ؟ ބޭބީސްއިން ލިބުނު ދުވަހަކުން ވެސް އެކުދިންނަށްވެސް އަސަރު ކުރާނެކަން އެނގޭނެ އެކަމަކު ޔޫ ޑޯން ކެއަރ...." ޖެމާ ތުން އޫކޮށްލައިގެން ހުރެ ބާރުބާރަށް ގޮސް މޫދަށް އެރެން ހުންނަ ވަކަރު ސިޑިމަތީގައި އިށީދެއްޖެއެވެ. ކުރު ސޯޓްކޮޅަކާއި އެކު އަތްކެޑި ޓޮޕްކޮޅެއްގައި އިނުމުން ޖެމާ ފެންނަނީ ހިތްތަކާއި ކުޅެލާހާ ފުރިހަމަކޮށެވެ.

"ޖެމްއަށް މާބޮޑަށް އެނގެނީޔޭ ދެން....." ދާވިޝް ޖެމާގެ ރަންކުލައަރާފައިވާ ބޮލާއި ކުޅެލުމުން ޖެމާ އެއަތް ދުރުކޮށްލަން އުޅުނެވެ.

"އަހަރެން ދެކެ ލޯބިނުވާތީ އަހަރެން ފޫހިވާކަމެއް ތިކުރަނީ..." ޖެމާ އެހެން ބުނިއިރަށް އެ ރީތި ދެލޮލަށް ކަރުނަ ޖަމާވިއެވެ.

"އޭ ޖެމް ރޮނީތަ؟ އަހަންނަށް އެނގޭ ޖެމް ފޫހިވާކަން އެހެންވެގެންނޭ ހުއްޓާލަން މިއުޅެނީ، ދެން އަހަރެންވެސް ކެއަރ ކުރާކަން އަންގަން މަ ކުރަންވީ ކަމެއް ބުނެބަލަ ޖެމް، ތިގޮތަށް ނުރޮއި ޕްލީސް....." ދާވިޝް ޖެމާގެ ގާތުގައި އިށީދެ ކޮނޑުގައި އަތް އަޅުވާލުމުން ޖެމާގެ ހިތަށް ވަކިން ބޮޑަށް އަސަރު ކުރިއެވެ.

"އެހެންވިއްޔާ މިއަދުން ފެށިގެން ސިގްރެޓް ނުބޯން ޕްރޮމިސް ކޮށްފާނަންތަ؟ ޖެމްއަށްވެސް އެނގޭ ކޮންމެވެސް ކަމަކަށް ކެތްނުކުރެވިގެންކަން ސިގްރެޓް ބޯން ތިފެށީ، އަހަންނަށް އެނގޭ އިޓްސް އަލީނާ...." ޖެމާ ދާވިޝް އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

"ކަމޯން ބޭބީ، އަލީނާ އަކީ އަހަރެންގެ ފަހަރިއެއް އެކަމަކު ކުރިން އަހަރެންވެސް ހިތްކިޔާ ގޮތްވި، ދެން ސިސް އެއްގެ ގޮތުގައި ގަބޫލުކުރަން ޖެހުނު ދުވަހެއް އައުމުން އަހަރެންގެ ހިތުން އެކަން ނެރެ އެއްލައިލައިފިން، ޖެމް، އަސްލުވެސް އަހަރެން އެންމެ ފުރަތަމަ ސިގްރެޓް ބޯންފެށީ ޑޭޑް ނިޔާވިފަހުން، ދެން އެހިތާމައިގައި އުޅެނިކޮށް ޖެމް ބްރޭކްއަޕް ވީ، އެހެންވެ ވަކިން ބޮޑަށް އެޑިކްޓްވީ، ނިކޮޓިންގެ ސަބަބުން ޑިޕްރެޝަން ތައް އެއްފަރާތް ކޮށްލާފައި ސިކުނޑި ރިލެކްސް ވާކަމަށް ގަބޫލު ކުރެވުނީ، ޖެމްއަކަށް ނޭގޭނެ އަހަރެން އުޅުނު ހާލެއް، އެހެންމީހަކަށްވެސް ރޭކާނުލާނެ، އަހަރެން އުޅުނީ އެހާވެސް މަޖާކޮށް ކެއަރ ފްރީކޮށް، އެކަމަކު ހިތުން ރުއިން، ވަރަށް ހާޓްވެފައި ހުރީ، ހުނުމުގެ ފަހަތުގައި ވަރަށް ގިނަކަންތައް ފޮރުވައިގެން ހުރީ، މިހާރު ޖެމް ތިވަނީ އަހަރެންގެ ގާތުގައި، އަހަރެން ކުރާ ކޮންމެ ގޯސްކަމެއްގައި އެހީތެރިވާން ހުރި ބައިވެރިޔަކީ ތިއީ، އަދި ޖެމް ބުނާހެން އަހަރެމެން އަޅާލާ ވަރަކަށް އަހަރެމެންގެ ބޭބީސްއިންނާއި އަޅާލާނީ ކާކު؟ މަވެސް ބޭނުމެއްނޫން ސިގްރެޓްފަދަ އެއްޗެއްގެ ހިޔަނިވެސް އަހަރެމެންނަށް ލިބޭނެ ބޭބީއިންގެ ދިރިއުޅުމަށް އެޅޭކަށް........." ދާވިޝް ދެން ސިކްރެޓް ނުބޯނެކަމަށް ވައުދުވުމުން ޖެމާގެ ލޮލުގައިވާ ކަރުނަތަކުގެ ތެރެއިން ހިނިތުންވެލި ގޮތް ވަރަށް ހިތްގައިމެވެ. 

"ތެންކިއު ލަވް....." ޖެމާ ދާވިޝްގެ އަތުތެރެއަށް ވެއްޓިގަތެވެ. ކުރިމަތިން ފެންނަން އޮތް އާދަޔާ ޚިލާފު ރީތި ފެހިކުލައެއްގެ ފެންގަނޑު އެ ލޯބިވެރިންނަށް ދައުވަތުދޭހެން ހީވެއެވެ. އެ ފެންގަނޑުގެ ފެހިކުލަ އާއި ވާދަކުރާވަރުގެ ރީތި ނޫކުލައިގެ އުޑުގައިވެސް އެންމެ ވިލާކޮޅެއްވެސް މިއަދު ފެންނާކަށްނެތެވެ. އެމީހުން ރާއްޖެއައި ދުވަހު ބޮޑެތި ވިލާތަކުން ބައްދާލާފައި އޮތް އުޑު މިގޮތަށް ސާފުވެދާނެ ކަމަށް އެކަކުވެސް ހިޔެއް ނުކުރެއެވެ.

"އައި ލަވް ޔޫ ބޭބީ، ދެން ދުވަހަކުވެސް އަހަންނާއި މެދު ނުބައިކޮށް ނުވިސްނާތި ޔޫ އާ ދަ އޮންލީ ވަން، ދެން ދުވަހަކު މަގޭ ހަޔާތުން އެހެންކުއްޖަކަށް ފުރުސަތެއް ނުލިބޭނެ..." ދާވިޝް އާއި ޖެމާ އެކީގައި އެ ފަތްތަރުތައް ގިރާކޮށް އެފެހި މޫދަށް އެރުނުއިރު ފެންގަނޑު އޮތީ ޖެމާގެ މެޔާއި ހަމަޔަށެވެ.

"ޕްރޮމިސްތަ؟" ޖެމާގެ ލޮލުގައިވާ ވިދުވަރުގަދަވިއެވެ. ދެމަފިރިންގެ ހަތަރުކަޅި ބައްދަލުވިއެވެ. ދާވިޝްގެ ޖަވާބަކަށްވީ ޖެމާ އަތުތެރެއަށް ގެނައިގޮތަށް ނޭވާހުސްވާވަރަށް ކައިރިކޮށްލުމެވެ. އެދޭތެރެއަށް އެހެން އިތުރު މީހަކަށް ނުވަދެވޭނެ ކަމާއި ދާވިޝްއަކީ ހަމައެކަނި ޖެމާގެ ހައްގެއްކަން އެތައް ގޮތަކުން ޖެމާއަށް ދާވިޝްއަށް ބުނެދިނެވެ. އެދެލޯބިވެރިންގެ ހަޔާތަށްވެސް އާ ފަތިހަކަށް އިރުއެރީއެވެ.

އާއިޒު އާއި ޖިލާ މޫދަށް އެރިލާފައި އައިގޮތަށް ކޮޓަރީގެ ޑެކްގައި ހުރި ޖަކޫޒީ އަކަށް އެރުމުން ތާޒާކަމެއް އިހުސާސް ކުރެވުނެވެ. ފެންގަނޑު ތެރޭގައި އުފެދެމުންދާ ފެން ބޮކިތަކުގެ ސަބަބުން ހީވަނީ ހަށިގަނޑު މަސާޖު ވާހެންނެވެ. ދައިލާން ކިތަންމެ ތުއްތުވިޔަސް ހީވަނީ މަޖާވެފައި އޮތްހެންނެވެ. ކޯތާފަތަށް އަޑިކޮޅު އަޅުވާލައިގެން އޮވެ ފައި ތަޅުވާލަނީ އުފާވެރި ގޮތަކަށެވެ.

"ޖިލްއަށް އެނގޭތަ؟ މަންމަ މިހާރު ބުނެފި އަހަރެމެންގެ މި ފުށްގުޅަ ވަރަށް ބަލައިގެން ގެންގުޅޭށޭ، ގާލްސްއިންނާއި އެއްވަރަށް ބޯއިސްއިންނަށް ވެސް އެބިއުޒްގެ ނުރައްކާ އޮންނާނެ ކަމާއި އަހަރެމެން އެކަމާއި އެވެއަރ ވާން ޖެހޭނެކަމަށް މަންމަ ބުނަނީ، ޖިލް އެހާ އޯވަރޕްރޮޓެކްޓް ކުރާތީ މަންމަ މިހާރަކަށް އައިސް ސަޕޯޓް ކުރަން ފެށީ އެހެންވީމަ، އެހެންނޫނަސް މަ ވެސް އެވަރު ވިސްނާނެ ދޯ....." އާއިޒު ދައިލާން ފެންގަނޑުން ހިއްލާލައިފައި އެ ތުއްތު މޫނުކޮޅުގައި ހިފެހެއްޓުމެއް ނެތި ބޮސްދިނެވެ. ބައްޕަ އަކަށް ވުމަކީ އާއިޒުގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއްދުވަހެވެ. ދަރިފުޅަކީ އޭނަގެ ހިތުގެ ބަޔެކެވެ. އެއްވެސް މީހަކު ނުނިޔަތުން ބަލާލިޔަ ދޭކަށް އާއިޒު ބޭނުމެއް ނޫނެވެ.

ޖިލާ މިހާރު ކުރިއެކޭ އެއްފަދައިން މާބޮޑަށް ދައިލާން އާއިގެން ނޫޅުނަސް މަންމައެއްގެ ގޮތުން އަޅާލުމާއި ލޯބި ދެވޭނެ އެންމެ މައްޗަކަށް ލޯބިދެއެވެ. އަދި އާއިޒު ބުނާގޮތަށް ހެދުމުގެ މުހިއްމުކަން ޖިލާއަށް ވަނީ އިހުސާސް ކުރެވިފައެވެ. އޭނަގެ މަންމަ އާއި ދޮންތަގެ ހަޔާތުން އޭނަވަނީ އިބުރަތް ހާސިލުކޮށްފައެވެ. އެކީގައި އުޅެންޏާ ކުދި ކުދި ކަންތަކުގައި ކޮންމެވެސް އެކަކު ދޫދޭން ޖެހޭނެއެވެ. އަބަދު ޒުވާބު ކުރުމާއި، އަރައިރުން ވުމަކީ ހަޔާތަށް އެޅިދާނެ އަނދިރި ހިޔަންޏެކެވެ. އަދި އަމިއްލައަށް ހުރިހާ ކަމެއް ނިންމުމަށްވުރެ ތިމާއަށް ވުރެ ބޮޑެތިމީހުންގެ ވާހަކަ އަޑުއެހުމަކީ ކާމިޔާބުގެ ތަޅުދަނޑިއެވެ.

ޒެވިޔަން ރިޔާ އާއި ވާހަކަދައްކަން މަސައްކަތް ކޮށްކޮށް ރިޔާ އެއްގޮތަކަށްވެސް ޒެވިޔަން އާއި ބައްދަލުކުރަން އަންނާކަށްވެސް ބޭނުމެއްނުވިއެވެ. އެކަމަކު ކައިވެނި ޕާޓީއަށް ރިޔާ އަންނަން މަޖުބޫރުވީ އަންހެން ކުއްޖާއަކީ ރިޔާގެ ވެސް ގާތް އެކުވެރިއަކަށް ވީތީއެވެ. ރިޔާ ކައިގެން ތަށިތައް ބެހެއްޓުމަށްފަހު އެއްފަރާތަކަށް ޖެހިލިތަނާ ޒެވިޔަން ގެ އަޑު އިވުމުން ރިޔާގެ ހިތް ފިނިވެގެން ދިޔައެވެ. ރިޔާގެ ފައިވެސް ރޫރޫ އެޅިއެވެ. މީހުން ގިނަކަމުން ޒެވިޔަންއަށް އޭނަ ނުފެންނާނެ ކަމަށް ހީވިޔަސް އެއީ ކުށްހީއެކެވެ.

"ރިޔާ ކީއްވެތަ ފިލައިގެން ތިއުޅެނީ؟ އަހަރެން ނާއި ފޭސްކުރަން ބޭނުންނުވީ ކީއްވެތަ؟" ޒެވިޔަން ޖެހިލުމެއްނެތި ރިޔާގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓީ މެހުމާނުންގެ ލޯތައް ހުއްޓިދާނެކަމުގެ ފަރުވާލެއްނެތިއެވެ. އޭނަ ކަންބޮޑުވާންވީ ސަބަބެއް ނެތެވެ. ރިޔާއަކީ އޭނަގެ އަންހެނުންނެވެ. ޒެވިޔަން ރިޔާގެ އަތުގައި ހިފެހެއްޓިގޮތަށް ތަންކޮޅެއް ދުރަށް ގޮސް މޫދާއި ދިމާލަށް އެރުނެވެ.

"ޒެވިޔާ، އަހަރެން މިހާރު ބޭނުންވަނީ ދުރަށް ދާން، ސައިކޭޓްރިސްޓެއްގެ ކައިރިން ފަރުވާ ހޯދާވަރަށް އަހަރެންގެ ބަލި ބޮޑުވެއްޖެކަން އެނގޭ، އައިމް ނޮޓް ނޯމަލް، އެކަން އެންމެ ރަނގަޅަށް އެނގޭނީ ޒެވިޔާއަށް، ކަމަކަށް ނުވާކަންތަކާއި ރުޅިގަދަވުމާއި އެހެންގޮސް ބައިވަރު އުނިކަންތައް އަހަރެންގެ ހުރޭ، އަހަރެން އެހެންވެ ބޭނުމީ ފްރާންސްއަށް ގޮސްފައި ކިޔަވަން......" ރިޔާ އެމީހުން ތިބި ދިމާލު ކުރިމަތީގައި ހިމޭންކޮށް އޮތް މޫދާއި ދިމާލަށް ބަލަހައްޓައިގެން ހުރިއިރު ފިނިވާވަރުން އޭނަ ހުރީ ހީބިހި ނަގާފައެވެ.

"މެރީކޮށްގެން ހުއްޓަސް ކިޔެވިދާނެ، ރިޔާ ތިގޮތަށް ޚިޔާލު ކުރުމުގައި ކޮންމެވެސް ސިއްރެއް އޮންނާނެކަން އަހަންނަށް އެނގޭ.. ޓެލް މީ ރިޔާ، ކީއްވެތަ ތިހާ މޮޔަ ޚިޔާލެއް ކުރީ؟" ޒެވިޔަންއަށް އެވަގުތު ޝައްކުވާންފެށިއެވެ. ސީމާ ހުރިހާ ވާހަކައެއް ކިޔައިދިނީ ބާވައެވެ.

"ނޫން، ހަޒްބެންޑަށް ކިޔަމަންތެރި ނުވާތީ އިތުރަށް ފާފަވެރިވާކަށް ބޭނުމެއްނޫން، އަހަރެން ބޭނުމީ ކިޔަވައިގެން ޖޮބެއް ހޯދުން، އެހެންނޫނަސް ޒެވިޔާއަށް އެނގޭނެ އަހަރެންނަކީ ހަޒްބެންޑަކަށް ބޭނުންނުވާ މީހެއްކަން، އިޓްސް ފްރަސްޓްރޭޓިން، ހަޒްބެންޑް ބޭނުންވާއިރު ކަމެއްކޮށްދޭން ބޭނުން ނުވީމަ އަމިއްލައަށްވެސް ގިލްޓީވާނެ، ޒެވިޔާ ގެ ގާތުގައި އަލީނާ އެބަހުރި ސޯ އެއީ މައްސަލައެއް ނޫނޭ ޒެވިޔާ ބުނާނެ، އެކަމަކު އަހަރެން ދެން ބޭނުމެއްނޫން މެރީކޮށްގެން އުޅޭކަށް، ބޭނުމީ ފްރީވާން.... ޕްލީޒް ޑޫ ދިސް ފޯ މީ... ލޯބި ނުވާތީއެއްނޫން، ތިނޫން މީހަކު ދުވަހަކު މި ލައިފަށް އަންނާނީ އެއްނޫން، އަހަރެންގެ ޅަދުވަސް ވެސް މާޒީވެގެން ހިގައްޖެ. ޒެވިޔާ އަދި ނިކީ ގެ މެމަރީސް ތަކާއި އެކު ދިރިއުޅެވިދާނެ......." ރިޔާ ވާހަކަ ދައްކަމުން ގޮސް ލޮލުގައި ކަރުނަ ގިނަވެގަތެވެ.

"ރިޔާ، މަންމަ އެއްޗެކޭ ބުނީ ދޯ...." ޒެވިޔަން ރިޔާ އޭނަ އާއި ދިމާލަށް އަނބުރައިލަމުން ސުވާލު ކުރިއެވެ.

"ނޫން، ޒެވިޔާއަށް އެނގޭތަ؟ މަންމަ އެއްގޮތަކަށްވެސް ބޭނުމެއް ނުވޭ އަހަރެން ޒެވިޔާ ގާތުން ޑިވޯސްވާކަށް، އަހަރެން އެ ޚަބަރު ދިނީމަ އަހަރެންގެ މޫނުމަތީގައި ޖެހި، މަންމަ ގެ މައްސަލައެއް ނޫން ޒެވިޔާ، މަމް ބޭނުމީ އަހަރެންގެ މުޅި ލައިފް ޒެވިޔާ އާއިއެކު ހޭދަކުރުން، މިއީ އަހަރެންގެ ޑިޒިޝަން......." ރިޔާ އެއްވެސް މީހެއްގެ ގާތުގައި އެވާހަކަ ބުނާކަށް ބޭނުމެއް ނުވިއެވެ. އޭނަ ކަށްވަޅަށް ދާނީވެސް އެ ސިއްރު ނޭގޭކަމަށް ހެދިގެން ހުރެއެވެ. އެކަމަކު ރިޔާގެ ގާތުގައި އެހާ ބޮޑު މައްސަލައެއް ނުވެއެވެ. މަންމަ އޭނަގެ ފިރިމީހާ ދެކެ ލޯބިވުމަކީ އޭނައަށް ރީތިކަމެއް ނޫނެވެ. މިހާރުވެސް މަންމަގެ ހިތެއް ނޭގެއެވެ. އެހެންނޫނަސް ހުރިހާ ހަގީގަތެއް އެނގުމަށްފަހު އޭނަ ބޭނުމީ އާއިލާ އާއި ވީހާ ވެސް ދުރަށް ދިޔުމެވެ. 

"ރިޔާ ރޮއިރޮއި ހުރެ ގުޑްބައި ތިކިޔަނީ؟ އަހަންނާއި ނުލައި އުޅެވިދާނެއޭ ބުނެބަލަ، އަހަރެން ބޭނުމެއްނޫން ރިޔާ ދުނިޔެ ތެރެއަށް އެކަނި ދޫކޮށްލާކަށް، ސަބަބަކީ އަހަންނަށްވެސް ދުނިޔެ ދަސްވެފައި ވާތީ، ޔޫ ނީޑް ޕްރޮޓެކްޝަން، އަދި އެހެންނޫނަސް އަހަރެން ލޯބިނުވާކަމަށް ރިޔާ ކިތަންމެ ގިނަފަހަރު ޝަކުވާކުރިޔަސް އަހަރެންގެ ގޮތުގައި އަހަރެން ލޯބިވަން........" ޒެވިޔަން ވިސްނައިދޭ ރާގަކަށް ބުންޏެވެ. އެކަމަކު އޭނަގެ ސިކުނޑީގެ ކަނަކުން ހަނދާން ކޮށްދިނީ ހަގީގަތުގައި ރިޔާ ގެންގުޅެން އޭނައަށް އުދަގޫވިވަރެވެ. އޭނައަށް ކުރި އަނިޔާ ތަކާއި ގޯނާ ކުރިވަރެވެ. ލޯބިވިޔަސް ރިޔާ ތަފާތެވެ. ނަފްސާނީ މައްސަލައެއް ހުރި ކުއްޖަކާއި އެކީގައި އޭނަވެސް ހޭދަކުރީ ފަސޭހަ ދިރިއުޅުމެއް ނޫނެވެ. އެކަމަކުވެސް ރިޔާ އޭނަ ދޫކޮށްލާފައި ގޮސްދާނެ ދުވަހެއް އަންނާނެކަމަށް އޭނަ ގަބޫލެއް ނުކުރެއެވެ.

"ކިތަންމެ ޑިފިކަލްޓް ވިޔަސް އަހަރެން ނިންމި ގޮތް ދޫނުކުރާނަން، އަހަރެން ބޭނުމީ ވަކިވާން، ޕްލީޒް ލެޓް މީ ގޯ......" ރިޔާ އެހެންބުނި އިރުވެސް އެލޮލުގައި ކަރުނަވިއެވެ.

"އަހަރެންގެ ލޮލަށް ބަލަން ހުރެ ތިހެން ބުނެބަލަ، އަހަރެން ދެކެ ލޯބިނުވެޔޭ ބުނޭ......" ޒެވިޔަން ރިޔާގެ ދެއަތުގައި ހިފެހެއްޓިއެވެ. ރިޒޯޓްގައި ދިއްލާ އަޅާފައިވާ އެތައް ބޮކިތަކުގެ ސަބަބުން އެވަރުންވެސް ރިޔާ ޒެވިޔަން އާއި ހަތަރުކަޅި ހަމަކުރަން އިންކާރުކުރިއެވެ.

"ޒެވިޔާ، އަހަރެން ލޯބުނުވާތީއެއް ނޫން، އެކަމަކު...... އައިމް ސޮރީ..." ރިޔާ ޒެވިޔަންގެ އަތް ވީއްލުވާލައިފައި ދުވަމުން ގޮސް މީހުންގެ ތެރެއަށް ވަދެ ގެއްލުނެވެ. ޒެވިޔަން ހުރީ ދެރަވެފައެވެ. ނަމަވެސް އޭނައަށް މިރޭ އެނގުނީ އޭނަގެ ނަސީބުގެ އުޑުގައި ރިޔާގެ ތަރި ދުވަސްކޮޅަކު ފިޔަޖަހައިލުމަށްފަހު މަޑުމަޑުން ގޮސް އޮއްސެމުންދާކަމެވެ. ކިތަންމެ މަސައްކަތް ކުރިޔަސް އެކަން ނުހުއްޓުވޭނެ ކަމެވެ. އޭނަގެ ފަލަކުގައި ފަނޑުވެގެން ނުދާނެ ގޮތަކަށް ފިޔަޖަހާނީ އެކަނި އަލީނާގެ ތަރި ކަންނޭގެ އެވެ.

ޒެވިޔަން އާއި އަލީނާ ދެކުދިން ނިންދަވާލުމަށްފަހު ކޮޓަރީގެ ޑެކްގައިވާ ސަންބެޑެއްގައި އޮށޯވެލައިގެން ތިބިއިރު ސާދަވިލޭރޭގެ ހަނދު އޭގެ އެންމެ ފުރިހަމަ ކަމާއި އެކު ފެންނަން ހުރިއިރު ހީވަނީ ހިނިތުންވެލައިގެން އިންނަ ހެންނެވެ. ކަނޑުގެ ފިނި ވައިރޯޅިތައް ހަމުގައި ބީހިލާއިރު ފިނިކަމުން ހީބިހި ހަލުވައިލައެވެ. ކުރިމަތީގައި ފެންނަން އޮތް މޫދަށް ހަނދުވަރުގެ އަލިކަން އެޅިފައިވާއިރު ރިހިފަތްގަނޑެއްހެން ފެންނާތީ ބަލަހައްޓައިގެން ހުރެވިދާނެއެވެ. ގުދުރަތީ ރީތިކަމުގެ ލާމަސީލު މިސާލެކެވެ. އަލީނާ ހީފިލުވައިލަން އަދިވެސް ބޮޑަށް ޒެވިޔަންގެ އަތުތެރެއަށް ވަނެވެ.

"ޒެވިޔާއަށް އެއްގޮތަކަށްވެސް ކޮންވިންސް ނުކުރެވުނުތަ ރިޔާ މަޑުކުރުވަން؟ ޒެވިޔާ އެއްބޭބީ ދޭނަމޭ ބުނިނަމަ، ރިޔާ އާއި ޓޯކްކުރަން ވެއްޖެ، ފަހަރެއްގައި ޝީ ވިލް ޗޭންޖް ހާ މައިންޑް...." އަލީނާ ބުންޏެވެ.

"ބޭބީ އެންޖެލިކް ވީމަ ޓްރައި ކުރާނެކަން އެނގޭ، ރިއަލީ އަހަރެން ބޭނުމެއްނޫން ރިޔާއަށް ދެރަގޮތެއް ހަދަން އެކަމަކު ރިޔާ ގަބޫލުކުރާކަށް ނެތޭ ބޭބީ ގާލް...." ޒެވިޔަން ފުންނޭވަޔެއްލިއެވެ. އެކަމަކު ރިޔާގެ ނަފްސާނީ މައްސަލައިގެ ސަބަބުން އެހެންމީހުން ދައްކާ ވާހަކަ ގަބޫލުނުކުރާ ސްޓޭޖަކަށް ގޮސްފައިވާކަން އަލީނާ ގާތު ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ ފަހަރެއްގައި އެއްކުއްޖަކު ދޭ ވާހަކަ ބުނެފިއްޔާ ރިޔާ ޚިޔާލު ބަދަލުކޮށްލަފާނެއެވެ. އެކަމަކު ޒެވިޔަން ބޭނުމީ ރިޔާ އެމީހުންނާއި އެކީގައި ދިރިއުޅުމެވެ. އެއްމާބަނޑު ދެކުދިން ވަކިކުރުމަކީ ވެސް އަނިޔާއެކެވެ. ރިޔާ އެކަން ދަންނަން ޖެހޭނެ އެވެ.

"ނޫން ހަނީ، ނޮޓް ސޯ އެންޖެލިކް، އެހެންވެގެން ކުރީ ދުވަހު ރިޔާ އާއި ދިމާލަށް އެއްޗެހި ކިޔާލެވުނީ، އެންގްރީ ވެއްޖެއްޔާ ޑެވިލް އަކަށްވެސް ވެވިދާނެ، ތެދަށް ބުނަންޏާ ރިޔާ ދެކެ ޖޭވެސް ވޭ ކުޑަކޮށް ސްޓިލް ޒާވްއަށް ޓަކައި ކޮންމެ ފަދަ ސެކްރިފައިސް އެއްވެސް ވާނަން، މިބުނީ ހަތަރު މީހުންނާއި މެރީކުރިޔަސް އެގޭ ނޯކަރެއްގެ ގޮތުންވެސް އުޅެދާނަން، ޒާވް ނޫން އެއްވެސް ފިރިހެނަކަށް ބަލައިލަންވެސް ބޭނުމެއްނުވޭ، ދިސް މަޗް ލަވް ހަމަ ޕޮޒިބަލް ބާވައޭ ހިތަށް އެރި ދުވަހެއްވެސް އައި، ވާހަކަ ކިޔާލާ އިރު ހީވަނީ އެއި ދޮގެކޭ، އެކަނި ސްޓޯރީތަކުންނޭ އެހެން ވާނީ، އެކަމަކު ޒާވް ހަޔާތަށް އައި ދުވަހުން ފެށިގެން އެނގުނީ މިހާ ލަކީ ގާލް އެއް ދުނިޔޭގައި ނުވާނެކަން، ޒާވްގެ ލޯބި ލިބުނުކަމަށް ޓަކައި އަބަދު ޝުކުރު ކުރަން، އައިމް ސޯ ބްލެސްޑް..........." އަލީނާ ޒެވިޔަންގެ ހަނދުވަރުން އަލިވެފައިވާ ރީތި މޫނުގައި ފިރުމައިލި އިރު ލޮލުގައި ވަނީ އުފާވެރިކަމުގެ ކަރުނައެވެ. ޒެވިޔަންގެ ދެލޯ ފެންނަނީ އާދަޔާ ޚިލާފަށް ރީތިކޮށެވެ. އެ ނަޒަރުން އަލީނާ ދީވާނާވާވަރުވިއެވެ.

"އައި ލަވް ޔޫ ބޭބީ........" ޒެވިޔަން އަލީނާ ގެ ކުޑަ ހަށިގަނޑުގައި ބައްދައިލީ ދުވަހަކު ވެސް ދޫކޮށްލަން ބޭނުން ނުވާފަދަ ގޮތަކަށެވެ. ހަނދުވެސް އެ މަންޒަރު ދެކެން ލަދުން ކުޑަ ވިލާކޮޅެއްގެ ފަހަތަށްވަދެ ނިވާވެލައިފި އެވެ. ޑެކަށް އިރުކޮޅަކަށް ނަމަވެސް އަނދިރިކަން ވެރިވެގެން ދިޔައެވެ. ދެލޯބިވެރިން ހަނދުވަރުގެ އަލީގައި އުފާކުރަމުން ދިޔައިރު ޔަގީނުންވެސް އެ ވަގުތު ރިޔާގެ މަތިން ހަނދާނެއްނުވިއެވެ. ރިޔާ އާއި ނުލައިވެސް ދިރިއުޅެވިދާނެކަން ޔަގީންވިއެވެ.

ސީމާ ކެއްސާވަރުން ނުހުރެވިގެން ޑޮކްޓަރަކަށް ދެއްކުމުން އޭނަ ބުނީ ފަހަރެއްގައި މާ ވަސްގަދަ ސެންޓު ބޭނުން ކުރާތީ އެލާޖިކް ވަނީ ކަމަށާއި އެޒާތުގެ ހުރިހާ އެއްޗެއް ބޭނުން ކުރުން ހުއްޓައިލުމަށެވެ. ބައެއް ކުޑަކުދިންވެސް އެގޮތަށް ހިކިކޮށް ކެއްސައި، އުދަގޫވާތީ ގިނަފަހަރު އެހެން ދިމާވަނީ މައިންބަފައިން ތިއްތިވާން ގެންގުޅޭ ސެންޓާއި، ޒާތް ޒާތުގެ އެއްޗިއްސަށް ނޭގިނަމަވެސް ދަރިފުޅު އެލާޖިކްވާތީ ކަމުގައި ޑޮކްޓަރު ބުނުއްވީ ހީލާފައެވެ. ސީމާ ގެ ބުރަދަން ލުއިވުމުގެ ސަބަބުން ޓެސްޓަކާއި، އެކްސްރޭ ހަދަންވެސް ޑޮކްޓަރު ދިނެވެ. ސީމާ ރިޕޯޓްތައް ހިފައިގެން ދިއުމުން ޑޮކްޓަރު ބުނީ ނިއުމޯނިއާގެ އަސަރު ހުރިކަމަށާއި އިތުރު ޓެސްޓްތައް ހަދަން ބޭރު ގައުމަކަށް ދިޔުމަށެވެ. ސީމާ ބިރުން ހަލާކު ނުވީ ކިރިޔާއެވެ. އޭނަގެ އެކުވެރި އަންހެނެއްގެ ފިރިމީހާވެސް ނިއުމޯނިއާ އޭ ކިޔާފައި އެންމެ ފަހުން އެނގުނީ އެއީ ފުއްޕާމޭގެ ކެންސަރުކަމެވެ. އެނގުނު އިރު ވަގުތު ފާއިތުވެއްޖެއެވެ.

ސީމާ އޭނަގެ ބައެއް އެއްޗެހި ބަލައި އަމީންގެ ގެއަށް ދިޔައެވެ. އަމީން ރަށުގައި ނޫޅޭކަން ޔަގީންވީ އެގޭގެ އަމީން އުޅޭ ކޮޓަރިން އަމީންގެ އެއްވެސް އެއްޗެއް ނުފެނުމުންނެވެ. ސީމާ އަވަސްކޮށްލައިގެން ނިކުންނަން އުޅެނިކޮށް އާފާގު އާއި އާޒިމް އެތަނަށް ވަނެވެ. އެދެމީހުން ގެ ލޯ ރަތްވެފައިވާވަރުން ތިބީ ހަމަހޭގައި ނޫންކަން ސީމާ ދެނެގަތެވެ. ރަލުގެ ވަހަކީ އެއް ޒަމާނެއްގައި ސީމާ ތަޖުރިބާކޮށްފައިވާ ވަހެއްކަމުން އާފާގުމެން ތިބީ މަސްތު ހާލުގައިކަންވެސް އެނގުނެވެ. އެމީހުން ދޮރު ބައްދައިގެން ތިބިގޮތުން ސީމާ ގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ޖެހިއެވެ.

"އާޒިމް، ބައްޕަ ކޮބައިތަ؟ " ސީމާ އަހާލައިފި އެވެ.

"ބައްޕަ ނެތަސް އަހަރެމެން މިއުޅެނީ އެއްނު ބޭބީ، ކޮންކަމެއް ކޮށްދޭންވީ......" އާފާގު ސީމާގެ މޫނުގައި ފިރުމާލުމުން ސީމާ އަނދައިގަތެވެ.

"ލަދެއްނުގަނޭތަ؟ ދުރުގައި ހުރޭ ހަރާމް ދަރި...." ސީމާ ހަޅޭއްލަވައި ގަތެވެ. އެހާލުގައި ތިބެވެސް "ހަރާމްދަރި" އެ ލަފުޒު އިވުމުން އެދެމީހުންގެ ލޭކެކިގަނެގެން ސީމާ އާއި ދިމާލަށް ޖެހިގަތީ ރުޅިއައިސްފައިވާ، މޮޔަ ސިންގާތަކެއް ފަދައިންނެވެ. އެމީހުން ރަހުމްކުޑަކަމާއި އެކުގައި ސީމާއަށް އަނިޔާކުރި އިރު ސީމާ ސަލާމަތަށް އެދި އަޑުކޮޅަށް ހަޅޭއްލެވިއެވެ. އެ އަޑު އިވިގެން އަވަށްޓެރިންނަށް އާދެވުނު އިރު ސީމާގެ ހާލެއްނެތެވެ. ކޮޓަރީގައި ހުރި އަލަމާރިއެއްގެ ދަށުލާފައި، ސީމާގެ ފައި އޮތީ ޗިސްކޮށްލާފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މުޅި ކޮޓަރީގައި އޮތީ ލޭގެ ކޯރެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތްބަޔެއްކަން އެދެމީހުން ސީމާއަށް އަންގައިދީފި އެވެ. ގައިގައި އަޅަމުން ދިޔަވޭނަށް ކެތްނުކުރެވިގެން ސީމާ ފަކީރުގެ ޚަބަރު ހުސްވިއިރުވެސް ލޮލަށް ފެންނަނީ އެ އަނިޔާވެރި ދެމީހުންގެ ސޫރައެވެ.

އަލީނާ ޓީވީއެމް ޚަބަރު ބަލައިލާހިތުން ޖެއްސުނު ކަމުގެ މޮޔަހީވިއެވެ. އެންމެންގެ ތެރޭގައި އޭނަ ލަދުގަންނަން ޖެހުނީއެވެ. ޓީވީއިން ދެއްކީ އޭނަގެ ބޭބެ އާފާގު އާއި އާޒިމް އެވެ. އެދެމީހުން ކުރީފަހަރު މަރުގެ ޝަރީއަތުގައި ހެކިބަސް ނުލިބުމުން ދޫކޮށްލާފައި ތިބުމަށްފަހު ސީމާއަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ފެށުނީ ވަރުގަދަ ހެކިތަކާއި އެކުގައެވެ. ހީވާގޮތުން މަރުގެ ހުކުމް އެމީހުންނަށް އަންނާނެއެވެ. ކިތަންމެ ނުބައި ފާފައެއްކޮށްފައި ވިޔަސް އެއީ އެއްބަނޑު ބޭބެމެންނަށް ވީތީ އަލީނާގެ ހިތަށް ކުޑަކޮށް ނަމަވެސް އަސަރު ކުރިއެވެ. ދެރަވިއެވެ. ނަމަވެސް އޭނަ ކެތްކުރިއެވެ. ލޯބިވާ މީހުންނަށް ވިޔަސް ފާފަ ކޮށްފިއްޔާ ދުނިޔެއިން ނޫނީ އާޚިރަތުންވެސް އެމީހަކަށް އެކަމުގެ އަޒާބު ނުލިބިއެއް ނުދާނެއެވެ. ނަމަވެސް އަލީނާ ހައިރާންވީ އަލީނާގެ ބައްޕަ މާލެ ދޫކޮށްފައި ރަށަށް ބަދަލުވިކަން އެނގުމުންނެވެ. އެމީހުންނާއި އެހާ ވަރަށް ގުޅުން ބާއްވަން ބޭނުން ނުވީ ކީއްވެބާވައެވެ. މުއްސަދިވީމަ އަލީނާގެ އަތުން އެއްޗެއް ބޭނުން ނުވީބާވައެވެ. 

އަލީނާ އޭނަގެ ދޮންބެ ގާތުން ނަމްބަރު ހޯދައިގެން އަމީންއަށް ގުޅުމުން އަމީން އަލީނާ ގާތުން އޭނަ ކުރި ކުށްތަކަށް މާފަށް އެދުނެވެ. އަދި ދޭތެރެއަކުން އަލީނާ އާއި ކުދިން ފެނިއްޖެއްޔާ އުފާވާނެކަމުގަޔާއި އެކަމަކު ދެން އެމެރިކާ ފަދަ ތަނަކަށް ދާން ބޭނުންނުވާކަމަށް އަމީން ބުންޏެވެ. ބައްޕަ ދީންވެރި ރަނގަޅު މީހެއްގެ ގޮތުގައި މިސްކިތުގައި ގިނަ ވަގުތު ހޭދަކުރަމުންދާކަން އަލީނާއަށް އެނގުނީ އިޔާންގެ ފަރާތުންނެވެ. އަލީނާ އެކަމާއި ހެއްދެވިފަރާތަށް ޝުކުރުވެރިވިއެވެ. އަދި އަމީންއަށް ދޮންބެ މެދުވެރިކޮށް މަހުން މަހަށް ފައިސާ ފޮނުވަން އަލީނާ ނިންމިއެވެ. ބައްޕައަށްވެސް އުފާވެރި ރީތި ދިރިއުޅުމެއް ލިބުމަކީ އަލީނާގެ ދުޢާއެވެ.

ސީމާގެ އެއްފައި މުޅިން ހަލާކުވެ، އެފައި ކަނޑާލަން ޖެހޭނެކަމުގެ ޚަބަރު ލިބުމުން ސީމާގެ ކަންފަތަށް ހޮނު އެޅިހެން ހީވިއެވެ. ޝޮކެއް ލިބުނެވެ. އޭނަ ތަހައްމަލު ކުރަން ޖެހޭނެ ވޭނާއި، އުދަގޫތައް ހިތަށް އެރުމުން ސީމާ ރޫރޫއަޅައި ގަތެވެ. ވަރަށް ރޮވުނެވެ. އޭނައަށް މިހާބޮޑު ނިކަމެތިކަމެއް ޖެއްސެވީތީ ހެއްދެވި ފަރާތާއި ޝަކުވާކުރެވުނު އަދަދެއްވެސް ނޭގެއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ސީމާއަށް ނޭގުނީ ދުނިޔެއަކީ އެއްވެސް މީހެއްގެ އެދުމަކަށް ބޯލަބާނެތަނެއް ނޫންކަމެވެ. އަދި މަރަކީ އިންސާނާ ބޭނުން ވީމަ ބައްދަލުކުރާ އެއްޗެއް ނޫންކަމާއި ހުރިހާ ވަގުތެއްގައި އެކަމަށް ތައްޔާރުވެގެން ހުންނަން ޖެހޭކަމެވެ. މަރުނުވެ ސަލާމަތްވެ ތައުބާ ވުމުގެ ފުރުސަތު ލިބުނީތީ ސީމާ ޝުކުރުވެރިވާން ޖެހުނަސް އޭނަގެ އީމާންތެރިކަން ކުޑަކަމުން އެކަމެއް ވެސް ވިސްނައިގަންނާކަށް ނޭގުނެވެ.

ސީމާ ނުކުޅެދޭމީހަކަށް ވުމުން ޒީބާ ބަލައި ފޮނުވުމުންވެސް ޒީބާ ސީމާ ދެކެން ދާކަށް އެއްބަހެއް ނުވިއެވެ. އޭނަ ސީމާއަށް މާފުކޮށްފިކަމަށާއި، އެކަމަކު ދުވަހަކުވެސް ޒެވިޔާން އާއި މެދު ކަންތައް ކުރި ގޮތް ހަދާންނައްތާލާފައި ކުރީގެ ގާތްކަން ނުބޭއްވޭނެކަން ޒީބާ އެންގިއެވެ. މައިމޫންވެސް ހުރީ ގޮތުގައި ހިފަހައްޓަވައި ގެންނެވެ. ސީމާއަށް ހައްގު އަދަބު ދުނިޔެމަތީގައި ލިބުނީ ކަމަށް އޭނަ ގަބޫލު ކުރެއްވިއެވެ. އެކަމަކު ދާވިޝްމެންގެ ހައްގުގައި އޭނަ ސީމާ ބަދުނާމުވިޔަ ނުދީ އެ ސިއްރު ހިފެހެއްޓެވިއެވެ. ކޮންމެވެސް ވަރަކަށް އެހީތެރިވާންވެސް ނިންމެވިއެވެ. އެހެންވެ ސީމާ އޮޕަރޭޝަން ކުރަން ގެންދެވުނީ ވެސް ނިއުޔޯކްސިޓީގެ ފެންވަރު ރަގަޅު ހޮސްޕިޓަލަކަށެވެ.

ދާވިޝް ސަމާސާ އަކަށް ހަދާފައި އޭނަގެ ބޮޑުބޭބެ މައިމޫން ގާތުގައި އަމީންގެ ބައްޕައަކީ ކާކުކަން ހޯދުމަކީ ބުއްދިވެރި ކަމެއްކަމަށް ބުނެލީ އެއާއިލާ މީހުންނާއި އަމީން ވައްތަރު ގޮތެއް ހުރީމައެވެ. މައިމޫން ހީލާފައި ބުނުއްވީ އަމީން އެމީހުންގެ ހަޔާތުން ދުރަށް ހިގައްޖެކަމަށާއި، ދެން ގިޔާމަތް ދުވަހުން އެއާއިލާ މީހަކަށް ވެއްޖެއްޔާ ދިމާވާނެ ކަމަށެވެ. ބައެއް ސިއްރުތަކަކީ ފޮރުވިފައިވާ ސިއްރުތަކެވެ. އެފަދަ ސިއްރުތައް ކޮނުމުގެ ބޭނުމެއްނެތެވެ. އަލީނާގެ ކާފައެއް ނެތަސް އެމީހުން ވަނީ އަލީނާ ގަބޫލުކޮށްފައެވެ. އެ އާއިލާގެ ޅީދަރިއެއްގެ ގޮތުގައި ބަލައިގެންފައެވެ. ނިކަމެތި ކުއްޖަކަށް ވެސް ގަނޑުވަރެއްގައި ރަނިކަން ކުރެވިދާނެ ކަން އަލީނާ ވަނީ ސާބިތުކޮށްދީފައެވެ. އަދި ޝާހީ ޕްރިންސެސް އިންނަށް ވެސް ހިތްހަމަނުޖައްސައި ދެވޭވަރަށް އަލީނާ ވަނީ ފިރިމީހާގެ ހިތް އުފާކޮށްދީ، ގެވެހި،ފުރިހަމަ ކުއްޖެއްކަން އަންގާދީފައެވެ. ވީމާ އަލީނާގެ ކާފަ އެނގުން އެމީހުންނަކަށް މުހިއްމެއް ނުވިއެވެ.

ގޭގެ ފެންޑާގައިވާ އުށްބައްތި ޗާންދަލިޔާގެ ޖާދުވީ އަލިން މުޅި ހިސާބުވަނީ އުޖާލާކޮށްލާފައެވެ. ރޭގަނޑަށް ފޮޅޭ އެތައް މާމެލާމެލީގެ ސަބަބުން ފަޒާގައި ސެންޓުލާފައިވާއިރު ބަހާރުގެ ފިނި ރޯޅިތައް ދޭތެރެއަކުން ނާނާ އަޅުވާލާއިރު މާހައުލު ނިކަން ހިތްގައިމެވެ. ޒެވިޔަން އާއި އަލީނާ ކުދިން ނިންދަވާލާފައި ފެންޑާއަށް ނިކުމެ ސޯފާގައި ޖައްސާލައިފިއެވެ. ޒެވިޔަން އޮތީ އަލީނާގެ އުނގުގައި ބޯއަޅާލައިގެންނެވެ. އަލީނާގެ އޮމާން އަތުން ޒެވިޔަންގެ އިސްތަށިގަނޑާއި ކުޅެން ފެށުމުން ލިބުނު އަރާމަކުން ޒެވިޔަންއަށް ލޯ މަރައިލެވުނެވެ. އެކަމަކު ދެމަފިރިން ލޯބިން އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. ކުއްލިއަކަށް ގެއަށް ވެރިވެފައިވާ ހިމޭންކަން މުގުރައިލީ ކާރެއްގެ ފުރޮޅުތައް ހަޅޭއްލަވައި ގަތުމުންނެވެ. ކާރުގެ ދޮރުފަތްތައް ލައްޕައިލެވުނު އަޑަށްފަހު ރިޔާ އާއި ދާވިޝް އެކީގައިހެން އައުމުން ޒެވިޔަންއަށްވެސް ހައިރާންކަމެއް ލިބުނެވެ.

"އެލީ އެހާވަރަށް ގުޅީމަ ހަމަ ވިޒިޓްކޮށްލާހިތްވީ...." ރިޔާ ހުރީ ކަޅުކުލައިގެ ފަށުވި ހެދުމެއްގެ ބޭރުން ޖެކެޓް ކޮޅެއްލައިގެން ނޫ ޖިންސެއް ލައިގެންނެވެ. އެކަމަކު އެއްވެސް ވަރަކަށް ދެއްކުންތެރި ކަމެއްނުވެއެވެ. އެކަމަކު ރިޔާގެ އަތުގެ އިނގިލިން ޒެވިޔަން ދިން އަގޮޓި ނުނަގާކަން ޒެވިޔަން ފާހަގަ ކުރިއެވެ. އެނޫން އެއްވެސް ގަހަނާއެއް ރިޔާ ބޭނުންކޮށްފަ އެއްނެތެވެ. ރިޔާގެ ނަޒަރުގައި އަޅައިގަތީ އެމީހުން އިށީދެގެން ތިބި ސޯފާކައިރީގައި ހުރި ނިކީގެ އޮރެންޖްގަހެވެ. އެގަސްވެސް ހެކިދެނީ އަލީނާގެ ހިތުގައި ނިކީއަށް އޮތް މަގާމު ފަނޑުނުވާކަމެވެ. ރިޔާ ޖަޒުބާތީވެ ލޯ ތެމުނެވެ.

ދާވިޝް އެމީހުންނަށް ފުރުސަތު ދީފައި ތަންކޮޅެއް ދުރަށް ޖެހުނެވެ. އޭނަ ކާރުގެ ބޮނެޓްމަތީގައި އޮށޯވެލަމުން ކޮންމެވެސް މީހަކަށް ގުޅައިގެން ވާހަކަދައްކަން ފެށިއެވެ.

"ރިޔާ ވެއިޓްކުރަން އަހަރެންވެސް ބޭނުންވަނީ، އައި ސްޓިލް ރިމެމްބަރ، ރިޔާގެ ސަބަބުން އަހަންނަށް މިހިސާބަށް އާދެވުނީ، އެހެންވީމަ އަހަރެން މިހިރީ ރިޔާ ބޭނުމިއްޔާ ޒެއިން ނޫނީ މިލަން ކުރެން އެއްކުއްޖެއް ދޭން، ނޫނީ ރިޔާގެ ބޭބީއެއް އުފަންކޮށްދޭން....." އަލީނާ ތެދުވެގެން ގޮސް ރިޔާގެ ކުރިމަތީގައި ހުއްޓުނެވެ.

"އޯ ގޯޑް، އެލީ، އައި ކާންޓް ބިލީވް އަހަ... އަހަރެން ގާތުގައި އެލީ ތިހެން ބުނެފާނެކަމަށް، ހާދަ ސްވީޓް ކުއްޖެކޭ، އަސްލުވެސް ޔޫ އާ ދަ ބެސްޓް......." ރިޔާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.

"ޒާވް ކޯމާގައި އޮތް ދުވަހު ރިޔާ ދިޔުމުން އަހަރެން އެއްޗެހި ކިޔުނީ ނުހައްގުން، އެދުވަހު މާބޮޑަށް ދެރަވެފައި ހުރީމަ އެހެންއެވީ. އެކަމާއިވެސް މާފުކޮށްދޭތި ރިޔާ، ރިޔާގެ އިހުސާންތެރިކަން ދުވަހަކުވެސް ހަދާން ނައްތައެއް ނުލާނަން، އަހަރެމެންނަށް އެކުވެރިކޮށް އުޅެވިދާނެ، އަދި ރިޔާ ބޭނުމިއްޔާ މިގޭގައި ނޯކަރެއްގެ ގޮތުންވެސް ހުރެދާނަން، އައި އޯވް ޔޫ މަޗް...." އަލީނާވެސް ހުރީ ރޮވޭގޮތްވެފައެވެ.

"ޕްލީސް ސްޓޭ....." އަލީނާ އަތްދިއްކޮށްލިއެވެ. ރިޔާގެ ހިތް ބަންޑުންވިއެވެ. މި ކުޑަކުޑަ އަލީނާގެ ހިތްހެޔޮކަމާއި ލޯބިކަމުން ހައިރާންވިއެވެ. ދުނިޔެމަތީގައި އެންޖެލްސްއިން އިންސާނުންގެ ސިފައިގާ އުޅޭނެނަމަ މިއީ އެކެކެވެ. ޒެވިޔަން އިނީ ހިމޭނުން އޭނަގެ ދެ އަންހެނުންނާއި ދިމާލަށް ބަލަހައްޓައި ގެންނެވެ. 

"ނޫން އެލީ، އަހަރެން ކުއްޖެއް ބޭނުމެއްނޫން، މާތް ﷲ ދެއްވި އެންމެ އަގުބޮޑު ހަދިޔާއަކީ ނިކީ، ދެވަނަ ފަހަރަށް ވެސް ނިކީއެއް ލިބެން އުޅުނު، އެކަމަކު އަހަރެންގެ ނުބައިކަމުން އެލީ ވާރޭތެރެއަށް ލައިގެން ފްލޫޖެހި އެބޭބީ އެބޯޓްވީ، އަހަންނަށް އަމާނާތްތެރި ނުވެވުނު ބޭބީސްމެންނަކަށް، އެހެންވީމަ ދެން އެހާ ބޮޑުކަމަކާއި ހަވާލުވާކަށް ނުކެރޭނެ، އަދި ކުޑަ މަލެއްފަދަ ޓްވިންސްއިން ވަކިކުރާކަށް ބޭނުމެއް ނޫން، އެލީ ބުނާނެ ޒެވިޔާ އާއިއެކީގައި މިގޭގައި ދެމީހުންނަށް އެކުވެރި ކަމާއި އެކީގައި އުޅެވިދާނެއޭ، އެކަމަކު ކުޑައިރުއްސުރެ އެކީގައި އުޅުނު ދެ ބެސްޓްފެރެންޑްސް އިންނަށް ވެސް އެކަން ކާމިޔާބެއްނުވި. މިބުނީ މަމް އެންޑް ޒެވިޔާގެ މަމްގެ ވާހަކަ، އެ ފްރެންޑްޝިޕް އެއަށްވުރެ ގާތްކުރަން އެކަކާއި މެރީކުރީމަ އެ ގުޅުން ކެނޑުނީ، ސޯ ޕްލީޒް މަޖުބޫރުނުކުރޭ، އަހަރެން ވަނީ ޑިޒިޝަނެއް ނަގާފައި، އެހެންނޫނަސް މިހާރު އަހަންނަކީ ކައިވެނީގެ ގުޅުމަށް އިންޓެރެސްޓެއް ހުރި މީހެއްނޫން، ނަސީބު ދިމާކުރިގޮތުން މިވަނީ އެއުފަލުން މަހުރޫމްވެފައި، އެހެންވީމަ ދެން އެންމެ ރަނގަޅު ވާނީ ދެމީހުން ވަކިވީމަ، އެލީ، ޒެވިޔާދެކެ ވަރަށް ލޯބިވާތި، އަހަންނަށް ނުދެވުނު ލޯތްބާއި އަޅާލުން ދޭތި، އޭރުން އަހަރެން ހުންނާނީ އުފަލުން....." ރިޔާ އަލީނާގެ ކުޑަ ފްރޭމްގައި ބައްދާލަމުން ހިނިތުންވެލިއެވެ. އަލީނާ ހުރީ ކިޔަންވީ އެއްޗެއް ނޭގިފައެވެ. ޒެވިޔަންވެސް ތެދުވެގެން އައެވެ. ދެމީހުންވެގެން ރިޔާ ދިޔަނުދޭން މަސައްކަތްކުރިއެވެ. ވާހަކަދެއްކިއެވެ. ނަމަވެސް ރިޔާގެ ޚިޔާލު ބަދަލެއްނުވިއެވެ. އިރުކޮޅަކުން ދާވިޝް ގަޑި ބަލާލާފައި އެތަނަށް އައެވެ.

"ރިޔާ ދިޔަދީ ޒެވިޔާ، އެއީ އެންމެ ރަނގަޅު ގޮތް ކަންނޭގޭ، އަސްލުވެސް ޓޫ ވައިފް ގޮވައިގެން އުފާވެރިކޮށް އުޅެވޭނީ އެކްސްޕީރިއެންސް ހުރިމީހަކަށް، ޒެވިޔާ މާ ޔަންގް، އެހެންނޫނަސް ރިޔާ ފްރާންސަށް ދަނީ ހިމާޔަތެއްނެތި އެކަނިއެއް ނޫން، އަހަންނާއި ޖެމްވެސް ފްރާންސަށް ބަދަލުވަނީ، ރިޔާ ހުންނާނީ މަގޭ ގާތުގައި، ޒެވިޔާ، އަހަރެން ރިޔާއަށް ހިމާޔަތް ދޭނަން، ސޯ ނޯވޮރީސް......." ދާވިޝް ޒެވިޔަންގެ ބުރަކަށީގައި މަޑުމަޑުން ޖަހާލަމުން ހިނިތުންވެލިއެވެ.

އެންމެން ރޭގަނޑު އެކީގައި ކެއެވެ. ރިޔާ މިލަން އާއި ޒެއިންގެ ފޮޓޯތައް ނެގިއެވެ. އެކުދިންގެ ގައިގައި ބައްދާލާފައި، ދޮންދިނެވެ. އަދި އެންމެ ފަހުން ޒެވިޔަންގެ ގައިގައިވެސް ބައްދާލައިފައި ދުވަހަކުވެސް ހަދާން ނުނެތޭނެ ކަމަށާއި އަބަދަށް ލޯބިވާނެ ކަމަށް ވައުދުވިއެވެ. އެކަމަކު ދެން މިއީ ވަދާއު ގެ ސަލާމް ކަމަށްވެސް ރިޔާ ބުނެލީ ޔަގީންކަމާއި އެކުގައެވެ. ހަގީގަތުގައިވެސް ޒެވިޔަން އާއި އަލީނާގެ ދިރިއުޅުމަށް ދެން ރިޔާ ނާންނާނެ އެވެ. ދާވިޝްމެން ކާރަށް އެރުމުން އެންމެ ފަހު ވަގުތުވެސް ޒެވިޔަން ދާވިޝްގެ ގާތުން އެދުނީ ރިޔާ ރަނގަޅަށް ބަލަހައްޓައި ދިނުމަށެވެ.

"ޒެވިޔާ، ފޯމުގައި ސޮއިކޮށްދޭތި..." ރިޔާ ހަދާންކޮށްދިނެވެ.

"ބައްޕަމެންނާއި ޑިސްކަސްކޮށްލާފައި އިނގޭ.... ޓޭކް ކެއަރ ބޭބީ......" ޒެވިޔަން އެހާ ފަސޭހައިން ވަރީގެ ފޯމްގައި ސޮއިނުކުރި ނަމަވެސް ރިޔާ ގެއްލިގެންދަނީކަން ޔަގީން ކުރެވުނެވެ. ދާވިޝްމެންގެ ކާރުގެ އަލި ގެއްލުމުން ޒެވިޔަން އަލީނާގެ އަތުގައި ހިފާލައިގެން ގެއަށް ވަންނަން ހިނގައި ގަތެވެ.

"ޒާވް ދެރަވާނެކަން ޔަގީން......" އަލީނާ ގެ ގަނޑުފެންކޮޅެއްފަދަ ދެއަތުން ޒެވިޔަންގެ އަތަށް ބާރުކޮށްލަމުން މަޑުމަޑުން ބުނެލިއެވެ.

"ނޫން ރިޔާ އަމިއްލައަށް ދާން ބޭނުންވީމަ އެދިޔައީ، އެހެންވީމަ އަހަރެން ޓްރައިކުރާނަން ރިޔާގެ މަތިން ހަނދާން ނައްތާލަން، ރިޔާ ހުރިނަމަ އަހަރެމެންގެ ލައިފް މާ އުފާވެރި ވެދާނެ ބަޓް ނޯ ރިގްރެޓްސް، ރިޔާ ފްރާންސް ގައި ދާވިޝްއާއި އެކުގައި އުޅޭނެކަން އެނގުނީމަ ހިތް ހަމަޖެހިއްޖެ، އަހަންނަށް އެނގޭ ދާވިޝް ރިޔާދެކެ ލޯބިވާވަރު، އެކުދިން ވަރަށް ކްލޯޒްވާނެ، ރިޔާ ދެން އުޅޭނީ އުފަލުގައި ކަންނޭގޭ، ކޮލެޖަށް ނުދެވުނީ އަހަންނާއި މެރީކުރަން ޖެހުނީމަ، މިހާރު ރިޔާއަށް އެ ޑްރީމް ފުރިހަމަ ކުރެވުނީ........" ޒެވިޔަން ކޮންމެހެން ކައިވެނީގެ ސިއްރުތައް އަލީނާގެ ގާތުގައި ހާމަކުރާކަށް ބޭނުމެއް ނުވިއެވެ. ރިޔާގެ ބަލިފައި ވަނީ އަލީނާއަށްވެސް ސިއްރުވެފައެވެ. ރިޔާގެ އިހުސާސްތައް ވަޅުޖެހުނުތާ ކޮން ދުވަހެއް ހެއްޔެވެ؟ ރިޔާ އެހެން ފިރިހެނަކަށް ބޭނުމެއް ނުވާނެ އެވެ. ރިޔާ އުފަލުގައި އުޅުމަކީ ޒެވިޔަންގެ ދުޢާ އެވެ. ނިކީ އާއި ރިޔާ ކިތަންމެ ދުރުގައި ވިޔަސް އެއީ ފަނޑުވެގެން ނުދާނޭ ރީތި ހަނދާންތަކެވެ. އެކަމަކު މިއަދު ޒެވިޔަން އަށްވެސް ޖެހޭނީ މާޒީ ހަނދާން ނައްތާލާފައި ކުރިއަށް ފިޔަވަޅުތައް ނެގުމަށެވެ. މާޒީގައި ހިފަހައްޓައިގެން އަބަދު ތިބެވޭކަށް ނެތީ، އެމީހުންނަކީ ވެސް ދުނިޔޭގައި ދުވަސްކޮޅެއްގެ މެހުމާނުންނަށް ވާތީ އެވެ. އިންސާނުންނަށް ލިބިފައިވާ މަދު ދުވަސްކޮޅު އުފަލުގައި ވޭތުކޮށް އެހެން ދުނިޔެއަކަށް ދާންޖެހިފައިވާތީއެވެ.

ޒެވިޔަން އަލީނާ އުނގުގައި ބޭންދިއެވެ. އެތަނަށްވެރިވެފައިވާ ހިތްގައިމު އަލީގައި އަލީނާގެ މޫނު ފެންނަނީ އިންތިހާ ދަރަޖައަށް ރީތިކޮށެވެ. ޒެވިޔަން އަލީނާގެ ބޮލުގައި އަޅާފައިވާ ސްކާފް ނަގައިލުމުން އެ ރީތި އިސްތަށިގަނޑު ހާމަވިއެވެ. ޒެވިޔަންގެ އަތުގެ ބީހިލުމުން އަލީނާއަށް ލިބެމުންދިޔައީ ބުނަންނޭގޭފަދަ އަރާމެކެވެ. އެއިން އެންމެ ކުޑަ ކުޑަ ބީހިލުމަކުންވެސް ހުރިހާ ނާރުތައް ހަލަބޮލުކުރުވިއެވެ.

"މިހާރު އޮތީ އަހަރެމެންގެ ޑްރީމްތައް ފުރިހަމަކުރުން، އެލީ ބޭނުންވާކަމެއް ބުނެބަލަ، އެލީ ބޭނުންތަ ކޮލެޖަށް ދާން؟ އެއްވެސް ކަމެއް ނުފޮރުވައްޗޭ ލަވް......." ޒެވިޔަން ދެވަނަފަހަރަށް އަންހެނުން ގެއްލިގެން ދާކަށް ބޭނުމެއްނޫނެވެ. ކޮންމެ ދުވަހަކު "އައި ލަވް ޔޫ" ދެތިން ފަހަރަށް ބުނުމުގެ މުހިއްމުކަންވެސް ޒެވިޔަންއަށް އެނގިއްޖެއެވެ. ލޯބިވާކަން ދައްކަންވީ އެކަނި އަމަލަކުން ނޫނެވެ. އެކަން ލަފުޒުތަކުންވެސް ބަޔާން ކުރެވެން ޖެހޭނެއެވެ. މާތައް ހަދިޔާކުރުން ފަދަ އިޝްގީ ކުދި އަދާތަކުންވެސް ލޯބިވެރިޔާގެ ހިތްހަމަޖައްސައި ދޭންވާނެއެވެ. ނިދަންވީމަ އެކަނި ހަނދާންވާ އުސޫލު އޭނަ ދޫކޮށްލިތާ ކޮން ދުވަހެއް ހެއްޔެވެ؟ އޭރު ތަޖުރިބާ މަދީއެވެ.

 

"ނޫން، ޒާވް، އަހަންނަށް ވަނީ ދުނިޔެއިން ބޭނުންވާ ހުރިހާކަމެއްލިބި ހަމަޖެހިފައި، ބޭނުންވަނީ މުސްކުޅި ވަންދެންވެސް މިހެން އެކީގައި އުޅުން، ހަމަ މިފެންޑާގައި ތިބެގެން އިރުއޮއްސޭ މަންޒަރުވެސް ދެކެން، އަބަދަށް ޒާވްއާއި އެކީގައި ވުން، އަދި ބައިވަރު ބޭބީސްއިން ހޯދުން..." އަލީނާ ލާނެތް ހުނުމަކާއިއެކު ޒެވިޔަން އާއި ހަތަރުކަޅި ހަމަކޮށްލައިފި އެވެ. އެ ބާރުގަދަ ލޮލުގެ ތެރެއަށް އަލީނާ ގެނބޭ ގޮތްވިއެވެ. ކޮންފަދަ ތޫނު ދެލޯހެއްޔެވެ؟ އަލީނާ އެލޮލުގައި ބޮސްދިނެވެ. ލޯބިވާވަރު ބުނެދިނެވެ. ދުވަހަކަށް ވުރެ ދުވަހެއް އެ ހިތުގައިވާ ލޯތްބާއި ގަދަރުދަނީ އިތުރުވަމުންނެވެ.

 

"އަހަރެންގެ ނަސީބު ކިހާ ރަނގަޅު.... މަގޭ ލައިފަށް އައިކަމަށް ޓަކައި މިރޭ އަހަރެން

ކޮމެންޓް 0