އޭނަގެ މަންމަ އަލީނާގެ ސްކާފް ދަމައިގަނެފައި، ކޯތާފަތަށް ވީއްލައިލި އެތިފަހަރު އެކޮޓަރީގެ ތެރޭގައި ގުގުމާލައިގެން ދިޔައެވެ. އެއެތިފަހަރުގެ ބާރުކަމުން އަލީނާ ވިއްސައިގެން ގޮސް މާބްލް ތަޅުން މަތީގައި ޖެހުނު ގޮތަށް އިސްތަށިގަނޑުގެ ރީތި ބުޅިކޮޅުތައް މޫނުމައްޗަށް ވިހުރުވިގެން ހިނގައްޖެއެވެ. އެއްލާލެވިފައި އޮތް ކުޑަ ޕަރީއެއް ފަދައިން މާބްލް މަތީގައި އަލީނާ އޮތް އިރު ރީތި ކަމާއި، ނާޒުކް ކަމުން ޒެވިޔަންގެ ހިތް ފުރުނެވެ. އެދިޔަ ގޮތަށް ގޮސް އެ ފުށްގަނޑެއްފަދަ ކުއްޖާ އަތުތެރެއަށް ލާ މޮޑެލަން ހިތް އެދުނެވެ. އެއާއެކު އެތިފަހަރުގެ ހޫނުކަން ޒެވިޔަންއަށްވެސް އިހުސާސް ކުރެވި ފެންކަޅިވިއެވެ. އަލީނާ މަޑުމަޑުން ތެދުވުނު އިރު އެދޮން މޫނު ހީވަނީ ރަތް އަލިފާން ކޮޅެއް ހެންނެވެ. އަދި ކަޅުކަޅީގައި ކަރުނަތިކިތައް މުތީތަކެއް ފަދައިން ވިދިއެވެ. ޒެވިޔަން އާއި އަލީނާގެ ހަތަރު ކަޅި ހަމަވުމާއި އެކު އަލީނާ ބާރަކަށް ދުއްވައިގަތެވެ. ޒެވިޔަންގެ ކުރިމަތީގައި އެގޮތަށް ނިކަމެތި ކޮށްލެވުމުން އެހިތަށް ކުޅަދާނަނުވީ ކަންނޭގެ އެވެ.

"އެލީ....." ޒެވިޔަންއަށް ގޮވައިލެވުނީ ތަންކޮޅެއް ބާރަކަށެވެ. ނަމަވެސް އަލީނާ މަޑުކުރުމެއް ނެތި ގޮސް ގަސްތަކާއި ނިވާވެލައިފިއެވެ.

"ޒެވިޔާ....." ޒީބާ ކުޑަކޮށް ނުތަނަވަސްވިކަމުގެ އަސަރުތައް މޫނުމަތިން ފެނުނެވެ. އެއީ ޒީބާ ވެސް އޭނަގެ ދަރިފުޅަށް ފެންނަން ބޭނުންވި މަންޒަރެއް ނޫނެވެ.

"މަމް، ހައު ކުޑް ޔޫ....." ޒެވިޔަންގެ އުމުރުގައި މަންމަ އާއި އެގޮތަށް ކިރިޔާވެސް ހިތްހަމަނުޖެހިފައި ހުރެ ވާހަކަ ދެއްކުނީ އަލަށެވެ.

"ދަރިފުޅާ، މަންމަ ގޭގައި ގެންގުޅޭ މީހުންނަށް އަނިޔާ ނުކުރާނެކަން ދަރިފުޅަށް އެނގޭނެ، އެކަމަކު މަންމަގެ ފައި މައްޗަށް ކެންޑްލް ހޯލަޑަރ ވައްޓާލީމަ އަނބުރައި ނުގަތީ ކިރިޔާ، ތަދުވި ވަރުން މަންމައަށްވެސް އޮޅިގެން އެހާ ބާރަކަށް ޖެހެވުނީ، އެއްގޮތަކަށް ވެސް އޭނައަށް އަނިޔާއެއް ކުރާކަށް ނޫން ޖެހީ، ސޮރީ ދަރިފުޅާ..." ޒީބާ ކުއްލިއަކަށް ގުދުވެ، ފައިގައި ހިފަހައްޓާލިއެވެ. ޒީބާ ގަދަކަމުން ލޮލަށް ކަރުނަ ގެނައެވެ. ޒެވިޔަން އަވަހަށް ގޮސް މަންމައަށް އެހީވެގެން ގޮސް ގޮނޑިއެއްގައި ބައިންދާފައި މަންމަ މާފަށް އެދުނީތީ އެކަމާއި ވެސް ވާހަކަ ދެއްކިއެވެ. އޭރު ބިންމަތީގައި އޮތް ކެންޑްލް ހޯލްޑަރާއިއެކު ބޮޑެތި ދެ އުށްބައްތިވެސް ހަލާކުވެފައި އޮތެވެ.

"މަމް ކޮންތަނަކަށް ތަދުވަނީ...." ޒެވިޔަން ފައިގައި އަތްލި އިރު ފައިތިލަ ރަތްވެ، ދުޅަވެފައެއްވެސް ނެތެވެ. ކުޑަ އަނިޔާއެއް ވިކަމުގެ އަސަރެއްވެސް ފެންނާކަށް ނެތެވެ. އެކަމަކު މަންމަ އެގޮތަށް ތަމްސީލު ކުޅެފާނެ ކަމަށް ގަބޫލުކުރަން ޒެވިޔަން ފަސްޖެހުނެވެ. އޭނަ ގެ މަންމައަކީ ބަލިމީހުންގެ އިތުރަށް، ގޭގައި ގެންގުޅޭ ނޯކަރުންނަށް ވެސް އޯގާތެރި މަންމަ އެކެވެ. ޒެވިޔަން ތަންކޮޅެއް ކުޑައިރު ނޯކަރެއްގެ އަތުން މަންމަގެ އަތުގެ އިނގިއްޔެއް ފަޅައިގެން ގޮސް ލޭ އޮހިގަތް ދުވަހަކުވެސް މަންމަ ހުރީ ހެވިލާފައެވެ. އެކްސިޑެންޓްތައް ހިނގާނެޔޭ، އެވަރުކަމެއް ނޫނޭ ބުނެ ބިރުގެންފައިވާ ނޯކަރު ހިތްހަމަޖައްސާ ދިން އިރު މަންމަގެ ހިތް ފުށްކޮޅެއްހާ މަޑުކަން އެނގި ޒެވިޔަން މަންމަ އާއި މެދު ފަޚުރުވެރިވިއެވެ. އެފަހުންވެސް ކުދި ކުދި ހާދިސާތައް ހިނގާފަހަރުވެސް މަންމަ ދުވަހަކު ނޯކަރަކާއި ދިމާލަށް އެއްޗެކޭ ބުނެފައެއް ނުވެއެވެ. 

"މިތަނުގައި..." ޒީބާ ފައިތިލައިގެ މަތީގައި އަތް ޖައްސާލިއެވެ.

"ބެންޑޭޖް ކޮށްލީމަ ރަނގަޅު ވާނެ މަމް، ވަން މިނިޓް...." ޒެވިޔަން އަވަހަށް ކޮޓަރިއަށް ގޮސްފައި އައީ ކްރެޕް ބެންޑޭޖެއް ހިފައިގެންނެވެ. ޒެވިޔަން ޒީބާގެ ފައިތިލައިގައި ބެންޑޭޖް އޮޅާލަން އިންދާ އާއިލާގެ އެހެން މެމްބަރުންވެސް ސައިމޭޒު ދޮށަށް ޖަމާވާން ފެށިއެވެ. އޭރު ފްލޯރާ ވެސް ތަޅުންމަތި ސާފުކޮށްލައިފިއެވެ. އެންމެނަށް ޒީބާ ހާދިސާ ކިޔައިދިން ގޮތުން ވިއްޔާ އޭނަގެ ފައި ސަލާމަތްވީ ހަމަ ކިރިޔާއެވެ. އެކަމަކު ހަގީގަތުގައި އެ ކެންޑްލްހޯލްޑަރ އޭނަގެ ފައިގައި ބީހިލި ކަމެވެ. ތަދެއްވެސް ނުވެއެވެ. އޭނައަށް މިހުރިހާ ދޮގުތަކެއް ހަދަން މަޖުބޫރުވީ ޒެވިޔަންއަށް އަލީނާގެ މޫނަށް ވީއްލައިލި ބާރު އެތިފަހަރު ފެނުނީމައެވެ. އެއީ ޒީބާ އޭނަގެ ދަރިންނަށް ފެންނަން ބޭނުންވި ސިފައެއް ނޫނެވެ. ޒީބާ އިރުއެރިތަނާ އެހާ ގަދަ ރުޅިގަނޑެއް އައިސް، ހަމައިން ނައްޓާފައި ހުރީ ރިޔާގެ ފަރާތުން ލިބުނު ޚަބަރަކުންނެވެ. ޒެވިޔަން އާއި އަލީނާގެ ގުޅުމުގެ ޚަބަރު ލިބުމުން ޒީބާ އައީ އަމަށަކު ރުޅިއެއްނޫނެވެ.

ޒީބާ ހެދި މަކަރު ޒެވިޔަން އަށް ބޭޒާރުވާނެ ކަހަލަ ކަމެއްވެސް ކުރެވުނެވެ. ޒީބާއަށް ފޯނެއް އައުމުން ތެދުވެގެން ކާކޮޓަރީގެ ކުޑަދޮރު ކައިރިއަށް ހިނގައިލައިފައި ދިޔައިރު އޭނަ ދިޔައީ ކޮރުޖަހާފައެއް ނޫނެވެ. ފަޔަށް ތަދުވެގެން އުޅޭކަން އެއްގޮތަކަށް ވެސް ހަނދާން ހުރިހެނެއް ހިޔެއްނުވެއެވެ.

އާދައިގެ މަތިން އުފާވެރި މާހައުލެއްގައި ނާސްތާ ކުރިއަށް ދިޔައިރު ޒެވިޔަން ދޭތެރެ އަކުން މެސެޖެއް ކުރުމުގައި އަވަދިނެތި އިނެވެ. ޒީބާއަށް އެކަން ފާހަގަކުރެވި މޫނުގައިވާ ހިނިތުންވުން ފަނޑުވެގެން ހިގައްޖެއެވެ. ޒެވިޔަން މެސެޖް ކުރަމުން ދިޔައީ އަލީނާ އަށެވެ. ކެތްނުކުރެވިގެން އަލީނާގެ ހާލު ބަލައިލަން ބޭނުންވީއެވެ.

"އަޅުގަނޑު ބޭނުމީ އެނބުރި ދާން، މަންމަ ހާދަ ވަރަކަށޭ ހޭޓް ކުރަނީ....." އަލީނާ އެކި މެސެޖް ކުރަމުން ގޮސް އެންމެފަހުން ލިޔުނެވެ.

"ނޯ، ޔޫ ކާންޓް ޖަސްޓް ލީވް މީ ލައިކް ދެޓް......." ޒެވިޔަން މެސެޖް ކުރިއެވެ. ޒެވިޔަން އާއި ގާތުގައި އިށީނދެލައިގެން އިން ރިޔާ ތުންފިއްތާލައިގެން އިނދެފައި ކުއްލި އަކަށް ތެދުވެ ތަށިތައް އެއްފަރާތަށް ޖައްސާލައިފިއެވެ. ޒެވިޔަންއަށް ވެސް ބަލައި ލެވުނެވެ. ރިޔާ ކަރުނައިގެ ތެރެއިން ޒެވިޔަން އާއި ދިމާލަށް ކަޅިއަޅައިލައިފައި، ދުއްވައިގަތީ ރޮމުންނެވެ. މޭޒުދޮށަށް ފުން ހިމޭންކަމެއް ވެރިވިއެވެ. އެންމެން ތިބީ ކިޔާނެ އެއްޗެއް ނޭގި، ބަސްހުއްޓިފައެވެ. މައިމޫން، އާއިޒު އަދި ޖިލާ އާއި ދާވިޝްއަށް ވެސް ކޮންމެވެސް ކަހަލަ ކަންތައްގަނޑެއް ހިނގައިފި ކަމާއި، އެކަމާއި އަލީނާ އާއި ގުޅުމެއް ވާކަންވެސް އެނގުނެވެ. އެންމެނަށްވެސް ވަނީ ހަގީގަތް ކޮންމެވެސް ވަރަކަށް ހާމަވެފައެވެ. 

"މިހާރު ޖިލާގެ ބަދަލުގައި އަބަދު ފެންނަނީ ރިޔާ ރޯންޖެހިފައިވާ މަންޒަރު، ކިހާ ދެރަކަމެއް، ވެގެން އުޅޭ ގޮތެއްވެސް އެނގޭނެ ނަމަ، ހީވަނީ އެންމެންވެސް ކަންތައްގަނޑެއް ފޮރުވަން އުޅޭހެން....... " ސީމާ އެތަނަށް ވެރިވެފައިވާ ރޭގަނޑެއް ފަދަ ހިމޭންކަން މުގުރާލި އިރު އެ މޫނު އަނގުރު އަލިފާން ކޮޅެއްހާ ރަތްވެއްޖެއެވެ. ރުޅިގަދަވެގެން ފަޅައިގެންދާ ވަރުވެފައި އިނދެ، ސީމާ ޒެވިޔަންއަށް ނުބައި ނަޒަރަކުން ބަލައިލައިފިއެވެ. 

"އަޅާނުލާ، އެދެކުދިންގެ ދޭތެރޭގައިވާ ހަމަނުޖެހުމަކަށް އަހަރެމެން ނުވަނީމަ ރަނގަޅު ވާނީ، ޒެވިޔާއަށް ރިޔާ ހެންޑްލް ކުރެވޭނެ...." މައިމޫން އެހެން ބުނުއްވާފައި މުޅިން އެހެން ވާހަކައެއް ފެށުމުން އެވަގުތަށް ޒީބާ އާއި ސީމާ ވެސް ހިމޭންކަން ޚިޔާރުކުރިއެވެ. ގޭގެ އިސްވެރިޔާއަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ. ނަމަވެސް ދެމީހުންގެ ހިތުގައިވެސް ބަދަލު ހިފުމުގެ އަލިފާން ރޯވެ އަނދަން ފެށީ ވަރަށް ބޮޑަށެވެ.

ޒެވިޔަން ކޮޓަރިއަށް ވަންއިރު ރިޔާ ކުޑަކުއްޖެއްހެން ދެފައި ތަޅަތަޅާފައި އެނދުގައި ރޯން އޮތްތަން ފެނުމުން ޒެވިޔަން ދެރަވެސްވިއެވެ. ރިޔާ އެ ކޫސަނި ރުޅިގަނޑު އަންނަ އިރު އާދަވެފައިވާ ގޮތަށް ހުރިހާ ބާލީސް ތަކެއް ވަނީ އެތަން މިތަނަށް އުކާލައިފައެވެ. އެމީހުންގެ މަލެއްފަދަ ދަރިފުޅުގެ ކުއްލި ވަކިވުމާއި، ރިޔާގެ މެނޮޕޯސް ކަންތަކުގެ ސަބަބުން ރިޔާގެ ސިކުނޑިއަށް ބާރު ކުރާނެ ވަރު ކިތަންމެ ރަނގަޅަށް ވެސް ޒެވިޔަން އަށް އިހުސާސް ކުރެވެއެވެ. އޭނަ ގޮސް ރިޔާގެ ކައިރީގައި އެނދުގައި އިށީނުމާއި އެކު ރިޔާ އެނދުން ފުންމާލައިފައި ދާން އުޅުނެވެ. ނަމަވެސް ޒެވިޔަން ރިޔާގެ އަތުގައި ހިފާ ގާތަށް ދަމައި ގަތުމުން ގޮސް ޖެހުނީ ޒެވިޔަންގެ އުނގުގައެވެ.

"ހުއްޓާލަބަލަ ބޭބީ، އަހަރެންވެސް ދެރަވެޔޭ ތިގޮތަށް ރުއީމަ....." ޒެވިޔަން ރިޔާގެ ލޮލުގައިވާ ކަރުނަތައް ފޮހެލަދިނެވެ.

"ޒެވިޔާ، އަހަންނަށް ކެއަރ ކުރާކަމަށް ޕްރިޓެންޑް ނުކުރޭ، ޒެވިޔާ އަހަރެން ދެކެ ލޯތްބެއް ނުވޭ، ދުވަހަކުވެސް އަހަރެން ދެކެ ލޯތްބެއްނުވޭ، އަދި މިއަދު އަހަރެންގެ ބޭނުމެއް ނެތީމަ، ދެން.... އެބިޗަށް އަބަދު މެސެޖް ވެސް ކުރަން ފެށީ، ރޮމެންސް ކުރަން ވެސް ފެށީ ލޯބިވެރިން ހެން، އަހަރެން ޖޭކުރަން ޒެވިޔާ ތިއުޅެނީ........" ރިޔާ ކަރުނަވީ ލޮލަކުން ޒެވިޔަން އާއި ދިމާލަށް ބަލައިލައިފައި ބުންޏެވެ. ރިޔާ ބަލިކަށި ކަން ގަބޫލު ކުރަން ފެށީއެވެ. މިހުރިހާ ދުވަހު ރިޔާ އެކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ބޮޑާ ހޭކުމާއި، ގަދަކޮށްލުމުގައި ރިޔާ އުޅުނީ ކުރީގައެވެ.

"ނުބައިކޮށް ނުވިސްނަބަލަ ރިޔާ. ހޫމް، އަހަރެން އަލީނާއަށް މެސެޖް ކުރިން، އެކަމަކު އެއީ ބޮޑަށް އަހަރެން ސިމްޕަތީ ވެގެން ކުރިކަމެކޭ ވެސް ބުނެވިދާނެ....." ޒެވިޔަން ކިތަންމެ ވަރަކަށް ހަމްދަރުދީ އޭ ކިޔައިގެން އަމިއްލަ ނަފުސަށް އޮޅުވާލަން އުޅޭއިރުވެސް އޭނަ ވަނީ އަލީނާގެ ލޯބީގައި އިންތިހާ ގެނބި ބޯހިއްލައިނުލެވޭ ވަރުވެފައެވެ. އަލީނާ އާއި ނުލައި ހަޔާތުގެ އެންމެ ދުވަހެއްވެސް ވޭތުކޮށް ނުލެވޭނެ ކަން ޒެވިޔަން ވެސް ދަނެއެވެ. ދެންމެވެސް ރިޔާ އެގޮވާލި ނަމަކުން ޒެވިޔަންގެ ހިތަށް ހާދަ ތަދުވިއެވެ.

"އަހަންނަކަށް ކެތެއްނުކުރެވޭނެ ޒެވިޔާ އެ އަންހެނާ ކައިރިއަށް ދަންޏާ، އެ ރޫމްގައި ހިނގާނެ ކަންތައް ހިތަށް އެރިޔަސް މަރުވާވަރުވޭ، އެކަމަކު އަހަރެން ޒެވިޔާގެ ހިތްހަމަޖެހުމަށް ހުރަސް އަޅާކަށް ނެތިން، އެއަށްވުރެ މާބޮޑަށް ލޯބިވޭ، ޒެވިޔާ އަހަންނަށް އެންމެ ކަމެއްކޮށްދީބަލަ......" ރިޔާ ގެ ލޮލުން ބޮޑެތި ކަރުނަތިކިތައް ފައިބައި ގަތުމުން ޒެވިޔަންގެ ޓީޝާޓުން މޫނު ފޮހެލިއެވެ.

"އެނީތިން ފޯ ޔޫ... ޖަސްޓް ޓެލް މީ..." ޒެވިޔަން ރިޔާގެ އަތަށް ފިތާލަމުން ބުނެލިއެވެ.

"އޭނަގެ ރޫމަށް ދިޔަސް އަހަންނަށް ނޭގޭނެ ގަޑިއެއްގައި ދޭ، އަދި އޭނަ އާއި އެކީގައި ސްލީޕް ކުރިޔަސް ބޭބީއެއް ނުހޯދަން ޕްރޮމިސް ކުރޭ...." ރިޔާ އެދުނެވެ. ޒެވިޔަން ވިސްނުމަކާއި ނުލައި އާއެކޭ ބުނެލި އިރު އެ ވަޢުދު ވެވުނީ ކިހާ ވަރެއްގެ ބޮޑުކަމެއް ކަމަކަށް ހިތަކަށް ނޭރިއެވެ. 

ޒެވިޔަން އޭނަގެ މަންމަ އާއި އެކަނި ވުމުން ކޮންމެވެސް ވަރަކަށް އަލީނާގެ ވާހަކަ ދެއްކިއެވެ. އަލީނާ ރަށަށް ދާން ބޭނުމިއްޔާ އޭނަ އަށް އެކަމާއި އެއްބަސްވާން މަޖުބޫރުވެދާނެ ކަމަށާއި، ނިކަމެތި އަންހެން ކުއްޖަކަށް އޭނަ މެދުވެރި އަކަށް ވެގެން ހުރެ ޖިސްމާނީ އަދި ނަފްސާނީ މައްސަލައެއް ދިމާވާން ބޭނުން ނޫންކަމަށް ޒެވިޔަން ބުންޏެވެ. ޒެވިޔަން ވާހަކަ ދެއްކީ އޭނަގެ މަންމަވެސް ހިތުގައި ނުޖެހޭނެހާ ރީތިކޮށް، އިހުތިރާމް އާއި އެކީގައެވެ. އެކަމަކުވެސް އޭނަ ވާހަކަދެއްކި ގޮތުން ޒީބާއަށް ޒެވިޔަން ހުރީ ސީރިޔަސް ވެފައިކަން ދެނެގަނެވުނެވެ. ޒީބާ ބުނީ ދެން އެފަދަ ގޮތެއް މެދުވެރި ނުވާނެ ކަމަށެވެ. ޒެވިޔަން ވަނީ އޭނަގެ މަންމަ ގެ ފަރާތުން އަލީނާގެ ގާތުން މާފަށްވެސް އެދިފައެވެ. ދެން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭނެކަމުގެ ޔަގީން ކަންވެސް ދިނެވެ.

މައިމޫން އާއި ޒީބާ އަތުގުޅުވާލައިގެން ތިބެ މޭޕްލްގަސްތައް ހެދިފައިވާ މަގުން ކުރިއަށް ދިޔައިރު ދެކެވެމުން ދިޔައީ ޒެވިޔަން އާއި އަލީނާގެ ވާހަކައެވެ.

"ޒީބް، އަހަންނަށް ހެޔޮ އަލީނާގެ ހުއްދަ އޮތިއްޔާ އަދިވެސް އޭނަ ރިޔާގެ ދަރި އަކަށް ޕްރެގް ވިޔަސް، އެކަމަކު އެންމެ ކަމަކާއި އަހަންނަށް މާފުނުކުރެވޭނީ، ތިކަމުގައި އަހަރެންގެ ދަރިފުޅުގެ ހިތަށް އަނިޔާއެއް ލިބިއްޖެއްޔާ ޒީބްއަށް މާފެއްނުކުރާނަން..." މައިމޫން އެންމެ ފަހުން ގަހުގެ ހިޔަލުގައި މަޑުކޮށްލައްވަމުން ސީރިޔަސް ކަމާއި އެކު ބުނުއްވިއެވެ.

"ޒެވިޔާއަށް ހާޓްވާންވީ ކީއްވެތަ؟ " ޒީބާއަކަށް ނުވިސްނުނެވެ.

"ޑޮކްޓަރަކަށް ވިޔަސް ޒީބްމެން އަންހެނުންނަށް އެކަހަލަ ކަންތައް ނުވިސްނޭތީ ދެރައީ، ޒެވިޔާ އަލީނާ ދެކެ ލޯބިވެއްޖެނަމަ ދެން ވާނީ ކިހިނެއްތަ؟" މައިމޫން ބުނުއްވިއެވެ.

"އައި ވޯންޓް އެލަވް ދެޓް، އެއީ ޒެވިޔާ އާއި ބަލާއިރު ކާކުތަ؟ ޒެވިޔާ ފައިފުއްސަކަށްވާން އެކަށީގެންވާ މީހެއްވެސް ނޫން، އަޅުގަނޑު ކެތް މިކުރަނީ އެކަނި ރިޔާއަށް ޓަކައި، ރިޔާއަށް ދަރިއަކު ލިބޭނެ އެކަނި ޗާންސަކީ އެއީ، އެއަށްފަހު ޒެވިޔާއަށް ޖެހޭނީ އަލީނާ ކިޔާކުއްޖަކު ދުނިޔެއަށް އައިކަންވެސް ހަދާން ނައްތާލަން.... އަޅުގަޑުމެންގެ ޒެވިޔާ އެހާ ދަށު ދަރަޖަ އަކަށް ވެއްޓިގެން ދާތައް ދެކެން އަޅުގަޑު ގެ ފުރާނަ ހުރެގެނެއް އެއްބަސް ނުވާނަން، ޒެވިޔާ އާއި އާޗް ހާ ރަނގަޅު ފިރިހެން ދަރިންނެއް ބަޔަކަށް ނުލިބޭނެ އެހެންވީމަ އަޅުގަނޑަށް ޔަގީން ޒެވިޔާ ބުނާ ގޮތަށް ހަދާނެކަން......." ޒީބާ ހަނދާނަށް އެކުޑަ އަލީނާ އައުމުން ނުބައި ގޮތެއްވިއެވެ. އެކަމަކު އަލީނާގެ ރީތިކަން ވެސް ބައެއްފަހަރު ޒީބާ ދަހިކުރުވައެވެ. 

ޒެވިޔަން އާއި އަލީނާއަށް ދަރިއެއް ލިބިއްޖެއްޔާ ދަރިފުޅުގެ އިސްތަށިގަނޑު ބުޅިވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެއެވެ. ސަބަބަކީ ފަންއިސްތަށިގަނޑުގެ ޖީންއަށް ވުރެ ބުޅިއިސްތަށިގަނޑުގެ ޖީން ވަރުގަދަ ވާނެތީއެވެ. އެކަމަކު ޒީބާ ބޭނުންވާ ފަދައިން އެ ދަރިފުޅުގެ ފެހިލޮލެއް ހުރުމަކީވެސް އެހާ އެކަށީގެންވާ ކަމެއް ނޫނެވެ. ކަޅު ލޮލަކީ، ފެހި އަދި ނޫ ލޮލަށްވުރެ ޑޮމިނެންޓްކުރާ ޖީންއަކަށް ވީމައެވެ. އެހެންނޫނަސް އެހާ އާދައިގެ ކުއްޖަކާއި ޒެވިޔަން ގުޅުވައިގެން ލިބޭ ދަރިއެއްވެސް އެހާ "ޝާހީ" އެއް ނުވާނެއެވެ. ވީމަ އެ ޚިޔާލު ޒީބާ އެއްފަރާތް ކޮށްލައިފިއެވެ.

މައިމޫންމެން ހިނގާލަން ދިޔަ މަންޒަރު ދެކެން ހުރި ސީމާ ހުރީ އަލިފާންވެފައެވެ. އެދެމީހުން ދުރުކުރަން ހަދަންވީ ގޮތަކާއި މެދު ސީމާ ވިސްނަމުން ގޮސް ބޮލުގައި ވެސް ރިއްސަން ފެށިއެވެ. ޒީބާގެ ނުފޫޒު ގަދަކަމުން އޭނަ ހުންނަން މިޖެހެނީ މިގޭގައި އެތައް ދަރަޖައެއް ދަށުގައެވެ. މައިމޫންމެން ކަންތައްގަނޑެއް ރާވާފައި ވަނީ އޭނަ އާއި ނުލައެވެ. އޭނަ މިއީ މައިމޫންގެ ދެވަނަ އަންހެނުން ކަމަށް މައިމޫން ވެސް މިހާރު ދެކެލައްވާ ކަމަކަށް ނުވެއެވެ. ވީއިރު އޭނައަށް ކެތްކުރެވިދާނެ ބާވައެވެ. އޭނަ ބޭނުމީ ހަނގު އަނބީގެ މަގާމެއް ނޫނެވެ. 

އެ ދުވަސްކޮޅު މައިމޫން ޒީބާ އާއި ސީމާ ވެސް ލަންޑަނުގައި އޮތް ޕާޓީއަކަށް ލިބުނު ދައުވަތަކަށް ފުރުއްވައިފިއެވެ. އެއީ ޒެވިޔަންއަށް ލިބުނު ރަނުގެ ފުރުސަތަކަށް ވިއެވެ. ޒެވިޔަން ވެސް ހޮސްޕިޓަލުން ކުޑަ ބްރޭކެއް ނެގިއެވެ. ދިހަ ދުވަހުގެ ޗުއްޓީއެއް ނަގައިގެން އޭނަ ގޭގައި މަޑުކުރަން ނިންމީ އެކަނި އަލީނާއަށް ޓަކައެވެ. އަލީނާ އާއި ވަކިން ދުރުގައި އުޅުމަކީ ޒެވިޔަންއަށް ފަސޭހަކަމަކަށް ވެސް ނުވެއެވެ. އޭނަގެ ހިތާއި ޖިސްމުވެސް އަތުން ވީއްލިގެން އަލީނާގެ މިލްކަކަށް ވެގެން ހިނގައްޖެއެވެ. ޒެވިޔަން އަލީނާ އާއި އެކު ހޭދަކޮށްލާ ވަގުތުތަކުގައި ރިޔާގެ ގާތުގައި ވި ވައުދެއްގެ މަތިން ހަނދާނެއް ވެސް ނުހުރެއެވެ. ލޯބިން އެކީގައި އުޅެން ބޭނުންވެފައިވާ ދެހިތަކަށް ދުނިޔޭގެ އެހެން ކަމަކާއި މެދު ވިސްނާލަން ފުރުސަތެއް ނުލިބޭނެއެވެ. ނަމަވެސް ޒެވިޔަން މެންނަށް ނޭގުނީ އެދެމީހުންގެ ލޯބި އޮޔާލައި ގޮސް އެ އާއިލާ ތެރެއަށް ތޫފާނެއް އަންނަން އުޅޭފަދަ ކަމެއް ނޭގުމުގެ ތެރޭގައި ވެސް ވެއްޖެކަމެވެ. ޒީބާމެންގެ ޕްލޭން ނާކާމިޔާބު ކޮށްލާނެފަދަ އޮށެއް އެމީހުންގެ ލޯބީގެ ބަގީޗާގައި ފެޅިކަމެވެ.

ހެނދުނު އިރު އެރުމާއި އެކުހެން އަލީނާ އާދައިގެ މަތިން އެނދުން ތެދުވުނު އިރު އޭނަގެ ބޯ ބަރުވެ، ނޭގޭ އުދަގޫތަކެއް ވެފައި ހުއްޓެވެ. ޒެވިޔަން މަޖުބޫރު ކުރާވަރުން އެންމެ ގަޑިއެއްގައި ވެސް ހުސް ބަނޑާ ނުހުރެއެވެ. އަބަދުހެން ޗޮކްލެޓް ފަދަ އެއްޗެހިވެސް ކެވޭއިރު މިގޮތަށް މެޔަށް އުދަގޫވާން ޖެހުނު ސަބަބެއް އަލީނާ އަކަށް ނޭގުނެވެ. 

ޒެވިޔަން ނިދާފައި އޮވެދާނެތީ އުދަގޫ ނުކުރަން ވެގެން އަލީނާ ބަގީޗާ ތެރޭގައިވާ މަގުތަކުން އެކަނިމާ އެކަނި ހިނގާލައިފައި ދިޔައެވެ. އިރުގެ އަލި ދޯދިތަކުން ގަސްތައް ފެންވަރުވަމުން ދާއިރު، ދޫނިތަކުގެ ލަވަޖެހުމުގެ ހިތްގައިމު އަޑުން ފަޒާގައި މިއުޒިކް ކުޅެވެމުން ދިޔައެވެ. ގަސްތަކުގައި މުގޮށި މީދާތައް އުޅެލާ ގޮތުން ހީވަނީ ފީކޯއް ކުޅޭހެންނެވެ. އަލީނާއަށް އެ ކުދި މަޚުލޫގުތައް އުޅެލާގޮތް ދެކެން ކިތަންމެ ގިނަ އިރެއްވަން ދެންވެސް ހުރެވިދާނެއެވެ. ކުއްލިއަކަށް އަލީނާއަށް ގަސްތަކުގެ ތެރެއިން ފެނުނީ ނިކަން ބޮޑު ދެލޮލެވެ. ވިނަތަކުގެ ތެރެއިން ފެނުނު ގޮތުން އަލީނާއަށް އެ ފެނުނީ ސިންގާއެއް ވަރުގެ އެއްޗެއްގެ ގޮތުގައެވެ. އަލީނާ ތޫނު އަޑަކުން ހަޅޭއްލަވައި ގަންނަމުން، އުދުހިލާފައި ކަހަލަ ގޮތަކަށް އައިސް ފެންޑާއަށް އެރިވަގުތު ދާވިޝް ފެނުމުން ފިޔަވަޅުތައް މަޑުކޮށްލިއެވެ.

"ސްކްރީމް ކުރިވަރުން މަގޭ އިއަރޑްރަމްވެސް ފަޅައިގެން ނުދާކަމެއް ނޭގޭ، ވުޑްސް ތެރެއިން ބެއަރ އެއް ފަހައިގަތީ ދޯ؟ " ދާވިޝް ހެމުން އެހެން ބުނެލާފައި އަލީނާ އަރާހަމަވުމާއި އެކު ފައިގައި ދަތިއަޅުވާލުމުން އަލީނާ ބަންޑުން ވެއްޓެން ދިޔައެވެ. ދާވިޝް ހުޝިޔާރު ކަމާއިއެކު އަލީނާގެ އަތުގައި ހިފެހެއްޓިއެވެ. އަލީނާގެ އަތަށް ތަދުވެގެން އޫއި އޭ ބުނެލެވުނެވެ.

"އޯހް.... ސޮރީ، ހަމަ ކިރިޔާ ކުޑަ ކުއްޖާ ޗަސްނުވީ.. ގަސްތުގައެއް ނޫން، އޮޅިގެން ފައި ދަމާލެވުނީމަ. މަގޭ ދެފައި މުޅި ތަން ހިފާލާފައިވިއްޔާ އޮންނާނީ....." ދާވިޝް ނުލަފާ ހުނުމަކާއިއެކު ބުންޏެވެ. ޒެވިޔަން ސިޑިން ފައިބައިގެން އައި އިރު އެ މަންޒަރު ފެނުމުން މޫނަށް އެތައް ކުލަތަކެއް ވެރިވެގެން ދިޔައެވެ.

"އިޓްސް އޯކޭ، ނޭގޭ ބެއަރ އެއްކަމަށް، ދެލޯ ފެނުނީ...." އަލީނާ މަޑުން ބުނެލިއެވެ. އޭނަ ދަންނަ ގޮތުން މީހަކު އެއްޗެކޭ ބުނެފިއްޔާ ޖަވާބު ނުދިނުމަކީ ރީތިކަމެއް ނޫނެވެ. އަދަބުވެރި ވެސް ވާންޖެހޭނެއެވެ.

"މިހިސާބުގައި ވައިލްޑް އެނިމަލް އެއް ނޫޅޭނެ، އެވާނީ ފުއްލާ އަކަށް، ވަރަށް އޮޅުވާނެ އެ އެއްޗެހި، އެކަމަކު އެލީމެން ގާލްސް އިން ހާދަ ފިނޑިއޭ، އަތަށް ތަދުވިތަ؟ ޓައިމްއަށް މި ދުރުވީ އަހަރެމެންގެ ފެވެރިޓް ޑޮކްޓަރ ޒެވިޔާ ވެސް، ޒެވިޔާ އެންމެ ޓަޗް އަކުންވެސް ގާލްސް އިން ހީލް ވާނެ......" ދާވިޝްއަށް ޒެވިޔަން ފެނުމުން އަލީނާގެ އަތުން ދޫކޮށްލުމާއި އެކު އަލީނާ ވިދުވަރެއްހެން ގޮސް ކޮރިޑޯ އާއި ނިވާވެއްޖެއެވެ. "އައި ވިލް ކިލް ޔޫ ދާވިޝް" ނަމަވެސް އެ ޖުމްލަތައް ޒެވިޔަންގެ ދުލަކާއި ހަމަޔަށް ނައެވެ. ދާވިޝްއަށް އޭނަ އާއި އަލީނާގެ އޮތް ގުޅުން ބޭޒާރު ވެއްޖެއްޔާ މި ނުލަފާ ފިރިހެންކުއްޖާ ކޮންމެފަދަކަމެއް ވެސް ކޮށްފާނެއެވެ.

"ދާވިޝްއަށް މާ އެނގެނީ ދޯ، އެހެންނޫނަސް ތަނަކުން ގާލްއެއް ފެންނައިރަށް ދާވިޝް ޖެހޭތަ ބެހެން، ތިހެން އުޅެނިކޮށް ލަނޑެއް ލިބިދާނެ......" ޒެވިޔަން ހުރީ ދަތްތައް ބާރުކޮށްލައި ގެންނެވެ. ޖިންސްގެ ޖީބަށް ޖަހާލައިފައިވާ އަތްވަނީ މުށްކެވިފައެވެ. ދާވިޝްއަށް ޒެވިޔަންގެ ލޮލުގެ ފެހިކުލަ ގާތްގަނޑަކަށް ކަޅަށް ބަދަލުވެފައި ވާތީ އެ ލޮލުގައިވި ރުޅިވެރިކަން ދެނެގަނެވުނެވެ.

"ތްރެޓެއްތަ؟ އަހަރެން ބިރުވެސް ގަންނަވާލައިފި، ޔޫ ނޯ ޒެވިޔާ، ކުރީ ދުވަހު އެލީ ސްކާފް ނާޅާ ހުއްޓާ ފެނުމުން ހީވީ ޖެމް ފެނުނުހެން، ޖެމް އަހަރެން ޑަމްޕްކޮށްލާފައި ދިޔުމުން އަހަރެން ހީކުރީ އޭނަ ދެކެ ހޭޓްކުރެވޭ ކަމަށް، އެކަމަކު އޭނަ އާއި ވައްތަރުވީމަ އެލީ ދެކެ ލައިކް ވާން މިފެށީ، ސްކާފް ނެތި ހުރީމަ އެލީ ވަރަށް ލޯބި، މަށަށް އެންމެ ރީތި ވީ ޖެމްއާ ތަފާތެއް ނެތް އިސްތަށިކޮޅު، އަނެއްކާ މަށަށް ހީވަނީ އެލީއަކީ ދުވަހަކު މީހަކު ޓަޗް ނުކުރާ އިނޮސެންޓް ކުއްޖެއްހެން، އެހެންވެ މިހާ ބޭނުން ވަނީ..." ދާވިޝް ގަސްތުގައި ޒެވިޔަންގެ އިހުސާސް ތަކާއި ކުޅެމުން ދިޔައެވެ. ޒެވިޔަން އަލީނާ ދެކެ ލޯބިވެގެން ގޮސް މޮޔަވާވަރުވިޔަސް ޒެވިޔަން އެއްބަސް ނުވާނެކަން ވެސް ދާވިޝްއަށް އެނގެއެވެ. އެކަމަކު ދާވިޝް އެކަން ދަނެއެވެ. އެކަމަކު އެހެން މީހުންނަށް ބޭޒާރުވާއިރަކުން މިގޭގައި ގިޔާމަތް ވާނެއެވެ. ރިޔާ ދަންޖެހިގެން މަރުވާނެއެވެ. އެދުވަސްދެކެން އޭނަ ހިމޭނުން ހުންނަން ވީބާވައެވެ. ނޫނީ މިހާރުވެސް ފިޔަވަޅު އަޅަންވީ ކަންނޭގެއެވެ. 

"ސްޓޭ އަވޭ ފްރޮމް ހާރ...." ޒެވިޔަން މަޑުން ވާހަކަ ދެއްކި ނަމަވެސް އަޑުގައި ހަރުކަށި ކަމެއްވިއެވެ.

"މެއިޑަކަށް ވީމަތަ؟ ތޭންކްސް ފޯ ދަ ކޮންސާން ބްރަދަރ، މަންމަވެސް އަންގަނީ އޭނަ އާއި ދުރުން އުޅެން ކަން ޔަގީން، އެކަމަކު އަހަރެން ބޭނުން ރޯމިއޯ އެންޑް ޖޫލިއަޓް ކުޅެލާފައި ހިސްޓްރީގައި ލިޔުއްވަން، އޭރުން ވަރަށް ސަޅިވާނެ، މުއްސަދި ފިރިހެން ކުއްޖަކު ގޭގައި ގެންގުޅޭ މެއިޑެއް ދެކެ ދީވާނާ ވެގެން ފިރިހެންކުއްޖާގެ މީހުން އެކަމާ ދެކޮޅުވީމަ ދެން.... ޗެޕްޓަރތައް ފުދޭވަރަކަށް އިންޓެރެސްޓިން ވާނެ، ވެއިޓް އެންޑް ސީ... ރިކޯޑް ބްރޭކިން ލަވްސްޓޯރީ އަކަށް ހަދާލާނަން..... އެކަމަކު ޒެވިޔާ ހެލްޕް ވާނަންދޯ..." ދާވިޝް އަށް ޒެވިޔަން ބުނި އެއްޗެއްގެ މާނަ ރަނގަޅަށް އެނގި ހުރެވެސް އޭނަ ޒެވިޔަން އަށް އޮޅުވާލަން ވެގެން ވާހަކަ ދެއްކިއެވެ. އޭނައަށް އަލީނާ އަކީ ޒެވިޔަންގެ އަންހެނުން ކަމާއި އެކައިވެނި ކުރެވުނު ސަބަބު ވެސް އެނގެއެވެ. ދާވިޝް ޒެވިޔަންގެ ކޮނޑަށް އަތް ވައްޓާލުމުން އަތް ދުރުކޮށްލާފައި، ނުރުހުމުގެ ނަޒަރަކުން ބަލައިލި ގޮތަކުން ދާވިޝް ހިނިއައެވެ.

ޒެވިޔަން ޖަވާބު ދިނުމަކީ ވެސް ބޭނުން ކަމަކަށް ނެހެދިއެވެ. އޭނަ ކިތަންމެ ވަރަކަށް އަމިއްލަ ނަފުސް ހަމަޔަކަށް އެޅުވުމުގައި ކާމިޔާބު ކުރިޔަސް ދާވިޝް އަބަދުވެސް އޭނަގެ ބަލިފައިގައި ހިފަން ދަނެއެވެ. އަބަދުވެސް އެންމެ މައްޗަށް ރުޅިއަރުވާލުމުގައި ކާމިޔާބު ކުރެއެވެ. ޒެވިޔަން އަނބުރާލައިފައި ސިޑިން މައްޗަށް އަރައިގެން ދާން ފެށުމުން ހާދަ ރޫޑް ފިރިހެނެކޭ ބުނެލާފައި ދާވިޝް ހޭން ފެށިއެވެ. ނަމަވެސް ހަގީގަތުގައި ވެސް އޭނަގެ ހިތުގައި އަލީނާގެ ރީތިކަން މިއަދު ބިންވަޅު ނެގިއްޖެއެވެ.

ޒެވިޔަން އާވި އަރައަރާ ހުރި ކޮފީއެއް ހިފައިގެން ކޮރިޑޯއިން ދިޔަ އިރު މުޅި އެހިސާބުގައި ވަނީ އެ ދެވިހިފާފަދަ މީރުވަހެވެ. ޒެވިޔަން އޭރުވެސް ހުރީ ދަތްކުނޑި ވިކާލައި ގެންނެވެ. ރުޅި ގަދަވެގެން ސިކުނޑި ފަޅައިގެންދާ ވަރުވިނަމަވެސް އޭނަ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. އޭނަ ދުނިޔޭގައި ހުރެގެނެއް ދާވިޝްއަށް އަލީނާ ނުލިބޭނެއެވެ. ދާވިޝްއަށް އަލީނާ އަކީ އޭނަގެ ފަހަރިކަން އެނގުނީމަ ރީއްޗަށް ރަކިވާނެ އެވެ. އެ ޚިޔާލުން ހަމަޖެހިލި ނަމަވެސް ކުޑަ، ކުޑަ ބިރުވެރި ކަމެއްވެސް ސިކުނޑީގެ ކަނެއްގައި ފޮރުވިފައި ވެއެވެ. ޒެވިޔަން ސީމާގެ ކޮޓަރި އާއި އަރާހަމަވީ އިރު އެކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރިތަން ފެނުމުން ވަނުމުގެ ޝައުގު ހިތުގައި އުފެދުނެވެ. މިހާ ރަނގަޅު ފުރުސަތެއް ދުވަހަކު ލިބޭނެ ކަމެއް ނޭގެއެވެ. ސީމާގެ މާޒީން ކޮންމެވެސް އެއްޗެއް ދެނެގަންނަން އޭނަ ބޭނުންވިއެވެ. ލިބުނު ހަނި ފުރުސަތުގައި އެތެރެއަށް ދެމިގަނެ ޒެވިޔަން ދޮރު ލައްޕާލުމާއިއެކު ނޭފަތުގައި ހިފާލި ސެންޓު ވަހުން ޒެވިޔަންއަށް އުދަގޫވިއެވެ.

"ޑޭޑް މިހާ ވަސްގަދަ ސެންޓަކަށް ޓޮލެރޭޓް ކުރާ ގޮތެއްވެސް ނޭގޭ، އަހަންނަށް މިތަނުގައި ނޭވާ ވެސް ނުލެވޭ..." ހަގީގަތުގައި ވެސް ޒެވިޔަންއަށް ހީވަނީ ކޮޓަރީގެ ވައިވެސް ބަރުވެފައި ވާހެންނެވެ. ޒެވިޔަން ނޭވާ ރަނގަޅަށް ނުލައި ހުރެ އަވަހަށް ޑްރޯވަރުތައް ދަމަންފެށިއެވެ. އަލްބަމެއް ފެނުމުން ހަލުވިކަމާއިއެކު ގަނޑުތައް އުކާލައިފިއެވެ. ސީމާ އެބުނި އެއްމާބަނޑު ކޮއްކޮގެ ތަސްވީރެއް ވެސް ނުފެނުނެވެ. ސީމާގެ ލިޔުންތަކާއި، ނޯޓްކޮޅުތަކާއި، ސިޓީތައް ހާވަނިކޮށް ޒެވިޔަންއަށް ފެނުނު ނޯޓަކުން އޭނަ ހައިރާންވިއެވެ. ސީމާގެ ދެވަނަ ދަރިފުޅު އެހެން މީހަކަށް ދޭން ޖެހުމުން އެކަމާއި އަސަރު ކުރި ކަމަށް ސީމާ ލިޔެފައިވެއެވެ. ދާވިޝް އާއި އެދަރިފުޅު މާ ކައިރިކޮށް ވިހެއުމުން ސީމާއަށް ވެސް ގެންގުޅެން ފަސޭހަކަމަކަށް ނުވިޔަސް ދޭން ޖެހުނީ ހިތުން ރުހުމުން ނޫންކަމަށް ލިޔެފައި އޮތެވެ. ސީމާގެ ދެވަނަ ދަރިފުޅު ކޮބާ ހެއްޔެވެ؟ އެކުއްޖާ ދުނިޔޭގައި އެބަހުރިބާވައެވެ. އެބުނާ ކުއްޖާގެ ސިއްރުތައް ހޯދަން ބޭނުންވިލެއް ބޮޑުކަމުން ޒެވިޔަން އިތުރަށް ހާވަނިކޮށް ސިޓީއެއް ފެނުމާއި އެކު ޒެވިޔަންގެ ރީތި ދެލޮލުގެ ވިދުން ގަދަވެ، ތުންފަތްމަތީގައިވާ ހިނިތުންވުން ފުންވެގެން ދިޔައެވެ.

ކޮމެންޓް 0