އުމުރަށް އެކީގައި އުޅެން ވަރުގަދަ ގޮށަކުން ބަނދެވިފައިވާ އިރު ޒެވިޔަން އަށް ވެސް އަބަދު އެ އިހުސާސްތަކަށް ފިލައިގެނެއް ނޫޅެވޭނެ އެވެ. ރިޔާގެ ޖަޒުބާތު ތަކަށް ވެސް ގަދަރުކުރެވެން ޖެހޭނެ އެވެ. ޒެވިޔަން ރިޔާގެ ދެލޮލަށް ބަލައިލީ ފުރަތަމަ ފަހަރަށް އެލޮލުގައިވާ ރިހުން ދެނެގަތް ކަހަލަ ގޮތަކަށެވެ. ބޮޑެތި ކަރުނަ ތިކިތައް އެ ސާފު ދެލޮލުގައި ވިދަމުންދާތަން ފެނުމުން ޒެވިޔަންގެ ހިތަށް ގޯނާކުރުވައި، އުނދަގޫކޮށްލައިފި އެވެ. ހަމްދަރުދީ ވާފަދަ ގޮތަކަށް ވާހަކަދެއްކުމުން، ރިޔާއަށް ހައްތަހާ ބޮޑަށް ރޮވުން ނޫންކަމެއް ނުވާނެއެވެ. އެފަދަ ވަގުތެއްގައި ހަމްދަރުދީ ގެ އެންމެ ލަފުޒެއް އަޑުއިވުނަސް، ހުރިހާ ކަރުނަތަކެއް އޮހިގަންނާނެ އެވެ. މާބޮޑަށް އަސަރުކުރާނެ އެވެ. ޒެވިޔަން އެއްޗެކޭ ބުނަން އުޅެފައި ވެސް ގޮސް ލޯގަނޑުކައިރީގައި ހުއްޓުނެވެ. 

ރިޔާ ފެށި ވާހަކައަކުން ޒެވިޔަންގެ ތަބީއަތު ޚަރާބުވެ، މާޒީގެ ބިރުވެރި ދުވަހެއްގެ މަންޒަރުތައް ލޮލުގެ ކުރިމަތިން ސިފަވެ ބޮލުގެ ރިހުން އިތުރުކުރުވި އެވެ. ރިޔާއަށް ނިކީ ލިބުމަށްފަހު ދިމާވި ހާދިސާ އެނގިއްޖެއްޔާ ކެތެއް ނުކުރެވޭނެ އެވެ. ރިޔާގެ އެ އޮޕަރޭޝަން ކުރެވުނު ދުވަހު އޭނަ އޮޕަރޭޝަން ފޯމުގައި ސޮއިކުރިއިރު ވެސް ހީވީ ދުނިޔެ ކުނޑިކުނޑިވެގެން ފޭބި ހެންނެވެ. ލޯބިވިޔަސް، ނުވިޔަސް ރިޔާގެ ސަލާމަތަށް އެދި ދުޢާކުރެވުނު އަދަދެއްވެސް ނޭނގެ އެވެ. ރިޔާއަށް ހަގީގަތް އެނގިއްޖެއްޔާ ހާދަ ދެރައެއް ވާނެ އެވެ. މަންމައަކަށް ދެން ނުވާނެކަމުގެ ޔަގީންކަން ލިބުމަށްފަހު ރިޔާގެ ހިތަށް ދުވަހަކު ހަމަޖެހުމެއް ލިބޭނެ ބާވައެވެ. އޭނައަށް ރިޔާގެ ކަރުނަތައް ދެކެން ފަސޭހައެއް ނުވާނެއެވެ.

"އެނގޭ ކޮންމެވެސް ކަމެއް ފޮރުވާކަން. އަހަރެންނަށް އޮޅުވާލައިގެން އުޅޭކަން. އެކަމަކު އަހަރެން ވަކިކުރާނީ ކީއްތަ؟ އަހަރެން މިއީ މީހަކަށް ނުވޭ. ޒެވިޔާ އަހަރެންގެ ފަރާތުން ބޭނުންވަނީ އެންމެ ކަމެއް......" ރިޔާ ހަށަން ބަދެލަމުން ބުނެލައިފި އެވެ. ޒެވިޔަން ލޯ ހަނިކޮށްލާފައި ބަލައިލި ގޮތަކުން އޭނަ ނުރުހުންވި ވަރު ރިޔާއަށް އެނގުނެވެ. އެކަމަކު އެއީ އަބަދުވެސް ރިޔާގެ ހިތް ހަލާކުކޮށްލާ ފަދަ ހިތްގައިމު އެ ނަޒަރެވެ. ކޮޓަރީގައި ރަސްކަންކުރަމުންދާ ފެހި އަލިން އެލޮލުގައިވާ މެސްމެރިޒަމްގެ ބާރު އިތުރުވެފައިވާކަމަށް ދެއްކިއެވެ. އަދި އެލޮލުން އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ފެނުނު ސިކުންތުކޮޅަކަށްފަހު ޒެވިޔަން ފުންނޭވަޔެއް ދޫކޮށްލުމަށްފަހު އެސްފިޔަ ތިރިކޮށްލަމުން އެލޮލުގައިވިހާ ޖަޒުބާތެއް ފޮރުވިއެވެ.

"އާންސާ މީ....." ރިޔާ ޒެވިޔަންގެ ޓީޝާޓުގައި ހިފައި ތަޅުވައިގަންނަމުން ބުންޏެވެ. ޒެވިޔަން ރީތިވާ މޭޒުމަތީގައި ބާރަކަށް އަތުން ޖަހާލުމުން މޭޒުމަތީގައިވާހާ ސެންޓުފުޅިތަކާއި، ރީތިވާ ސާމާނުތައް ވެސް ތެޅިލައިގެން ދިޔަހެންނެވެ. އެއެތިފަހަރަކީ އޭނަގެ މެޔަށް ވީއްލާލެވުނު އެތިފަހަރެއްކަމަށް ރިޔާއަށް އިހުސާސްކުރެވުނެވެ. މޭވެސް ގުޑިލައިގެން ދިޔަ ހިނދުކޮޅެކެވެ.

ޒެވިޔަން، ރިޔާގެ އަތް ޓީޝާޓުން ވީއްލުވާލާފައި ނިކުތީ އެކޮޓަރީގެ ބެލްކަންޏަށެވެ. އެތަނުގައިވާ ޕޮޓްތަކުގައިވާ ޖޭސްމިން އަދި ފިނިފެންމާ ފަދަ މާގަސްތަކުގެ މީރުވަހުން ފަޒާވަނީ ހުވަނދުވެފަ އެވެ. އެފްރިކަން ވައިލެޓާއި، ރީނދޫ ބެގޯނިއާ އަދި ކޮކާގަސްތަކުގެ ޕޮޓްތައް އަނދިރީގައި ވިދަމުންދާލެއް ވެސް އެހާ ނަލައެވެ. ހީވަނީ ދުނިޔޭގެ ހުރިހާ ރީތިކަމެއް އެ ބެލްކަންޏަށް އެވަގުތު ޖަމާވެފައިވާހެންނެވެ. ޒެވިޔަން ޖީބަށް އަތްޖަހާލައިގެން ގޮސް ރެއިލިން ކައިރީގައި ހުއްޓުނެވެ. ބެލްކަނީގެ ބޮކި ނިވާލާފައިވާތީ އެ އަނދިރީގައި ޒެވިޔަން ފަހަތުން ފެންނަލެއް ވެސް ކޮށާ ކަނޑާލާފައިވާ ސްޓެޗޫއަކަށްވުރެ ފުރިހަމައެވެ. އިސްކޮޅުގައި ހަޔެއްކަ ފޫޓު ހުންނައިރު ބައިމަތި ފުޅާކަމުން އޭނަ ޓީޝާޓެއް އަދި ގަމީހެއްލައިގެން ހުއްޓަސް ފިރިހެންވަންތަކަމާއި، ޝަޚުސިއްޔަތު ވަރުގަދަކަން ހާމަކޮށްދެއެވެ. އެހާ ސްމާޓެވެ.

"ޒެވިޔާ. ސްޓަބްން ވިޔަސް ތަންކޮޅެއް ބޮޑުވަރު ތީ. ނުކެރިގެންތަ އަހަރެންގެ ގައިގާ ނުޖަހަން ތިހުންނަނީ؟ ކިތަންމެ ބާރަށް މޭޒުގައި ޖެހިޔަސް މޭޒަކަށް އަސަރެއްނުކުރާނެ. އެއީ ދިރުންލައްވާފައިވާ އެއްޗެއްނޫން. އެންމެ ފަހަރަކުވެސް އަހަރެންގެގައިގާ ޖަހައިބަލަ......." ރިޔާ ޒެވިޔަންގެ ފަހަތުން އައެވެ. އޭރު އޭނަ ގެ ހިތާމަތައް ރުޅިވެރިކަމަށް ބަދަލުވެފައި ވެއެވެ. 

"ކެތްކުރެވޭނެތަ؟ އެންމެ ފުރަތަމަ ބޮޑީ ބިލްޑުކުރަންދޭ. ޖޯން ސީނާމެންނާއި އެކީ ރެސްލިންއަށް އެރީމަ ދެން ތިކުއްޖާގެ ގައިގާ ޖަހަން ހިތަށްވެސް އަރުވާނީ. ނޫނީ އަހަރެން ޖަހައިފިއްޔާ ތަނެއް ބިންދައިގެންދާނެ ވިއްޔަ. އެހެންނޫނަސް އަހަރެން މިއީ ތިހާ ނުބައިމީހެއްނޫން. ދެން ސްޓަބްންތަ؟ ނުދަންނަމޭ ކުރިއަކުން އެކަމެއް..." ޒެވިޔަން ރެއިލިންގައި އުޅަބޮށި ވިއްދާލަމުން އެއްބުމަ އަރުވާލައިފައި ލާނެތް ގޮތަކަށް އެއްލޯ މަރާލައިފި އެވެ. ރިޔާގެ އެންމެ ކަމުދާ ސިފައަކީ އެއީއެވެ. ހިތާމަވެރި ބައި ދެއްކުމުގެ ބަދަލުގައި އިރުކޮޅަކުން ރުޅިގަދަވެ، ޒެވިޔަން މަރާލަން ވެސް ފަސްނުޖެހޭކަމެވެ. ރޮއި ރޮއި އާދޭސްކުރާނަމަ ޒެވިޔަންގެ ހިތް ބަދަލުވުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް ރިޔާގެ ހުންނަ ގޮތަކުން ހިތާމައަށް ވުރެ އިސްކުރެވެނީ ރުޅިއެވެ. ރިޔާ ހުއްޓުނީ ޒެވިޔަން އާއި ޖެހި ފިތިގެންނެވެ. އަނދިރީގެ ތެރެއިން އެކަކު އަނެކަކުގެ ލޮލާއި ދިމާއަށް ބަލަހައްޓައިގެން ތިބިއިރު ދެހިތްވެސް އެކަކު އަނެކަކަށް ބޭނުންވިއެވެ. އެކަމަކު މިރޭ އެކަކުވެސް ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. އިސްނަގައިފިއްޔާ ބަލިވީކަމަށް މިރޭ ރިޔާ ވެސް ނިންމިއެވެ. 

"ނޫޅެން ޒެވިޔާ އާއި ވާހަކަދައްކާކަށް. ބުނާކަށް ބޭނުމެއްނުވޭ ލޯބިނުވާ ވާހަކަވެސް..." ރިޔާ ތުން ފިތާލިއެވެ.

"ރިޔާ. ޑެވިލް ބޮލަށް ނާރުވާ ހިނގައިބަލަ ރިލެކްސިން ބާތެއް ނަގައިގެން ނިދާލަން. ރިޔާ ބޭނުންވާ ގޮތަށް ރޮމެންޓިކް ކޮށް އުށްބައްތި ދިއްލާލައިގެން، ފިނިކޮށްލެވިދާނެ. ކިހިނެއްތަ މި އައިޑިއާ؟ ރަނގަޅު ވަގުތެއްވީމަ އަހަރެން ދޭނަން ރިޔާ ބޭނުން ސުވާލުގެ ޖަވާބު. މާ ކަޓާފައި ތިބެގެން ސީރިޔަސް ޓޮޕިކަކަށް ނުދެވޭނެ ދޯ ބޭބީ..... " ޒެވިޔަން މޯޅިއަކަށް ދެމިލަމުން ގަޑި ބަލައިލައިފި އެވެ. ދިހައެއް ޖަހަނީ އެވެ. ޒެވިޔަންގެ ވާހަކަތަކުން ރިޔާގެ ގައިން ހީބިހި ހިލުވާލައިފި އެވެ. ފޮނިފޮނި ހީލިކެރުވުމެއް ހަށިގަނޑުގައި ދަތުރުކުރުވި އެވެ.

"ސޮރީ. އަހަރެން ނޫޅެން ޒެވިޔާ ބޭނުންވީމަ ބަބްލްބާތު ނަގާފައި ފިނިކޮށްދޭކަށް. އަހަންނަށް ހޫނެއްވެސް ނުވޭ. އެހެންނޫނަސް އަހަރެން މިރޭ ފެންވަރައިފިއްޔާ ހީކަރުވައިގެން ހަލާކުވާނެ. އެކަނިގޮސް ފެންވަރާލާ. ގުޑްނައިޓް......" ރިޔާ މާޗްކޮށްލާފައި ދާންހިގައިގަތުމުން ޒެވިޔަން ފަހަތުން އައިގޮތަށް ރިޔާގެ މެދުހަށީގައި ހިފާފައި ފަތްކޮޅެއްހެން އުފުލާލައިފި އެވެ.

"އެކަނިއެއް ނޫން ދާނީ. ލައިފް ޕާޓްނަރަކު ހުންނަނީ އެކަނި ރީތިކަން ދެކެލާކަށް ނޫނެއްނު. އެކަނި ބަލައިގެން ހިތްހަމަޖައްސާލައިގެން އަހަންނަކަށް ނުހުރެވޭނެ. އައިމް ސޮރީ ބޭބީ އެކަމަކު އަހަރެން ބޭނުން އުފާވެރި ހޯމޯންކޮޅެއް........" ރިޔާ ސަލާމަތްވާން ގަދަހަދަހަދައި އޮތްވާ ޒެވިޔަން، ރިޔާ ގެންގޮސް ބިލިގާގެ ތެރެއަށް ލައިފިއެވެ. ރިޔާ ޒެވިޔަންގެ މޭމަތީގައި ތެޅިއެވެ. މިރޭ އެއްގޮތަކަށް ވެސް ޒެވިޔަންގެ ފޭކް ލޯބި ގަބޫލުނުކުރާނެކަމަށް ބުނެ ގޮތްދޫނުކުރަން އުޅުނެވެ. އެކަމަކު މިރޭވެސް ހަނގުރާމަކުރެވުނީ އިރުކޮޅަކަށެވެ. ޒެވިޔަންގެ އަތުގެ ހިމާޔަތުގެ ތެރޭގައި އެ ރީތި ހަށިގަނޑުވެގެން ދިޔުމަށްފަހު ރިޔާގެ ހުރިހާ ރުޅިއެއް ފިނިވެގެންދާން ވަގުތުކޮޅެއް ވެސް ނުނަގައެވެ. މީރުވަސްދުވާ އުށްބައްތިތަކުގެ އޮރެންޖު އަލީގައި އެތައްހާސް ސައިބޯނި ބޮކިތަކުގެ ނިވަލުގައި އެދެލޯބިވެރިން ފެންވަރައި ނިމިގެން ގޮސް ކުއިލްޓް ދަށަށް ވަންއިރު އެސްފިޔަތައް ބަރުވެ ދެލޯ ހުޅުވާނުލެވޭ ވަރުވެފައި ވެއެވެ.

މިއަދު ހޫނުވަކިން ގަދަހެން ހީވެއެވެ. ނީލަމް ކުލައިގެ އުޑުގައި ވިލާރޮއްޖެއް ވެސް ދައްކާނުލާތީ، އިރު އެއްވެސް ހުރަހެއްނެތި އޭގެ އަލިފާން ދޯދިތަކުން ހުރިހާ ދިމާލަކަށް ހަމަލާދެމުން ދިޔައީ ހަމްދަރުދީއެއް ނެތިއެވެ. ގަހެއްގެ ފަތެއް ވެސް ހެލިނުލައެވެ. ދޮން ބޮޑުވެފައިވާ ވަރުން އިންސާނުންނެކޭ އެއްފަދައިން ގަސްތައް ވެސް ވަނީ މޯޅިވެފައެވެ. އަލީނާ ގަސްތަކުގެ ތެރޭގައިވާ ސާފު ފެންގަނޑުގެ ތެރެއަށް އަތްބާނައިގެން ފެންގަނޑާއި ކުޅެން އިން އިރު، ފެންގަނޑު ތެރޭގައި ދެމެމުންދާ އޮރެންޖު މާތައް ހޮވަމުން ވެސް ދެއެވެ. ހުވަފެނީގޮތަކަށް އިންއިރު އަލީނާ އިނީ ފިނި އެއްޗަކަށް ބޭނުންވެފަ އެވެ. ފިނި ޖޫސްތަށްޓެއް ނޫނީ ލޮލީއެއް ބޮއިލެވިއްޖެއްޔާ ކަރުތެރެއަށް ފިނިވެދާނެ އެވެ. އަލީނާ މާޒީގެ ދުވަސްތައް ހަނދާންވި އެވެ. ދޮންބެއާއި އެކީގައި އަވަށްޓެރި ގެއަކަށް ގޮސްފައި ފޭރު ޖޫސްޕެޓީ އާއި ދޭތެރެއަކުން ލޮލީ އަދި ޓޮފީ ގަނެގެން އަތިރިމަތީގައި ތިބެ ކައި، ބޮއެ ހެދި ހަނދާންތައް ހިތުން ފިލުވައެއް ނުލެވޭނެއެވެ. އެންމެ ފަހުން ފިނި ފެންފޮދެއް ބޯލަން ކަމަށް ކާކޮޓަރިއަށް ވަންއިރު ނާހީ ހުރީ ފްރިޖް ހުޅުވާލައިގެންނެވެ. ނާހީ އަލަމާރިން ނެގި ކޯނަކަށް، އައިސްކްރީމް އަޅާލައިގެން ކާން ތައްޔާރުކޮށްލިތަން ފެނުމުން އަލީނާގެ ކުޅު ދިޔާވި އެވެ. ދަނބުކުލައަކަށްދާ، އެ ކްރީމީ، އޮމާން އައިސްކްރީމްގެ ތެރެއިން ޗެރީގެ އެތިކޮޅުތައް ފެންނަނީ ދަހިކުރުވާ ފަދަ ގޮތަކަށެވެ.

"އަލީނާ ބޭނުންތަ؟ މިއީ ބާގަންޑީ ޗެރީ އެއް. ހޫނު ދުވަހެއް ވެއްޖެއްޔާ ފްރިޖުގައި މި ސާމާނުތައް އޮންނަނީ ގިނަވެފައި. އަހަރެމެންނަށް ވެސް ހޫނުވޭ. މިގޭގައި އުޅޭ ފޮނި ސަންތި އެކަނިތަ ފިނި ކުރި ޕޫލްއަކަށް އެރިފައި އައިސްކްރީމް ކައިގެން އޮންނަންވީ. މި ފްރިޖަށް ލައިފިއްޔާ މަ ނުގެންދާނެ އެއްޗެއް ނުހުންނާނެ. އަދި ފަތަން އެނގުނު ދުވަހަކު ފެންވަރާނީ ވެސް އެ ރަނިކަމަނާގެ ފެންގަނޑުން. އެހެންޏާ ކްއީން އެލިޒަބަތު ވެސް މިހާ ޝާހީވެފައި ފޮންޏެއް ނޫން........." ނާހީ ދޫ ނެރެލާފައި އައިސްކްރީމުން ތަންގަނޑެއް ނައްޓާލިތަނާ ފިޔަވަޅުތަކެއްގެ އަޑުއިވުމުން ނާހީއަށް އަނގައިގާ ވާ ބައި ދިރުވާލާފައި، ވަގުތުން އަތް ކޮށްޕާލެވުނީ ކަރުވަޅަށެވެ. ކާކޮޓަރިއަށް ވަދެގެން އައީ ޒީބާ އާއި ރިޔާއެވެ.

"މީނަ ފްރިޖް ހުޅުވާލައިގެން ކޮންމެވެސް އެއްޗެއް ހޯދަން ނޫޅޭ ގަޑިއަކާއި ދިމަލެއްނުވޭ. ކަލޭ ތިއަށް އަތްބާނާކަށް ނުޖެހޭނެ. އިރުއިރުކޮޅާ ތި ހުޅުވާލީމަ ވައިރަސް ވަންނާނެ ކަމެއް ނޭގޭތަ؟ "ޒީބާ ބޯ ހޫރާލާފައި ބުނެލިއެވެ. އޭރު ނާހީ ގެ މޭމައްޗަށް ފިނިވެގެންގޮސް މުޅިކުއްޖާ ރޫރޫ އަޅަން ފަށައިފިއެވެ. ބޭރު ކިތަންމެ ހޫނަސް މުޅިގެ ސެންޓްރަލް އޭސީކޮށްލާފައި ވާތީ ގޭތެރެ އެހާ ފިނިގަދައެވެ. ނިކީ ރިޔާގެ އަތުތެރެއިން ފުންމާލައިގެން އައިގޮތަށް އަލީނާގެ ބުރުގާގައި ހިފާ ދަމަން ފެށިއެވެ. އަލީނާ ނިކީ މޮޑެލާ ހިތްވި ނަމަވެސް ކުޑަ ހިނިތުންވުމަކާއި އެކު އަލީނާގެ ގަޔާއި ދުރުކޮށްލީ ޒީބާ ގެ ތޫނު ނަޒަރުން އޭނަ ހުއްޓުނުކަން އެނގުމުން ގަތް ބިރަކުންނެވެ.

"އަޅުގަނޑު ފެންފުޅިތަކެއް ލީ......" ނާހީގެ ދަތްދޮޅި ވެސް ތުރުތުރުއަޅަން ފެށިއެވެ. ފިންޏަކީވެސް ހޫނުކަމާއި އެއްވަރު ނުވިޔަސް އަޒާބެކެވެ. އަނގުރު އަލިފާންގަނޑެއް ހެދުމުގެތެރެއަށް ލައިގެން ހިދުކޮޅަކަށް ވެސް ކެތެއް ނުކުރެވޭނެ ވިއްޔާ އެވެ. އެކަމަކު ވިރެމުންދާ އައިސްކޯނު ތަކުންވެސް ނާހީއަށް ވީ އުނދަގޫތައް ދެނެވޮޑިގެންވަނީ މާތްރަސްކަލާނގެ އެވެ. ނާހީއަށް އުނދަގޫވެގެން ގޮސް ދެލޯބޮޑުކޮށްލައިގެން ހުރެ، އަނގަޔަށް ހަދާލިގޮތަކުން އަލީނާއަށް ބާރަކަށް ހީގަނެވުނީ އެވެ. ޒީބާވެސް އެވަގުތު އަލީނާގެ މޫނަށް ބަލާލައިފިއެވެ. ސާހިބުން ކުރިމަތީގައި އެގޮތަށް އަޑުވީއްލާ ހުނުމަކީ ކޮށްގެން ނުވާނެ ކަމެއްކަން ވެސް މިގަމާރު ކުއްޖާއަކަށް ނޭނގުނެވެ.

"ކޮބާތަ ފެންފުޅިތަކެއް؟ މަށަކަށް ނުފެނޭ. މި ރާއްޖެތެރޭ ކުދިންތައް ގެނައިމަ އަހަރެމެންގެ ބޭބީވެސް ހަލާކުވާނެއޭ މަންމަ ބުނީ މިހެންވީމަ ރިޔާ. މިމީހުން ކުރާ ސިއްރުކަންތައް ރިޔާއަށް ނޭނގުނަސް މަންމަ ދަންނަން. އަދި ދުވަސްކޮޅަކުން މިހިރަ މީހާވެސް ދޮރަކުން ނުނިކުމެމޭ ވަރުވާނެ. މިތަނުން ދާންއުޅޭ......." ޒީބާ އަމުރެއް ކޮށްލުމުން ނާހީ ރާސްލާފައި ދުއްވައިގަތުމުން އަލީނާ ހީހީ ހަލާކު ނުވީ ކިރިޔާ އެވެ. އަލީނާ ކާކޮޓަރިން ނިކުމެވެން ހުރި ދޮރުން ނިކުމެގެން ތަންކޮޅެއް ދުރަށް ގޮސްފައި ހޭންފެށިއެވެ. އެކުދި، ހުދު ދަތްތައް ފެންނަވަރަށް ހެމުން ބެލްކަންޏާއި ދިމާއަށް ބަލައިލެވުމާއި އެކު ކުޑަކޮށް ރަކިވިއެވެ. ޒެވިޔަން ހުރީ ހައިރާންކަމާއި އެކުގައި ބަލަހައްޓައިގެންނެވެ. އަލީނާ ލަދުން ހަލާކުނުވީ ކިރިޔާއެވެ. ޒެވިޔަން ހީކުރާނީ އޭނައަކީ މޮޔައެއް ކަމަށެވެ. މޮޔައަކު ނޫނީ އެކަނި ހުރެގެނެއް ނުހޭނެތާ އެވެ. 

އަލީނާ އިސްއޮބާލައިގެން ހުރެ ގަސްތަކުގެ ތެރެއަށް ވަދެގެން ދާން ހިނގައިގަތެވެ. މިގެއިން އަލީނާ އެންމެ ލޯބިކުރާ އެކައްޗަކީ ނާދިރު އެކި މާގަސްތަކެވެ. އަލީނާ އެކި ކުލަކުލައިގެ މާތަކުގައި އަތް ބީއްސަމުން ވަސްބަލަމުން ގޮސް ތަންކޮޅެއް ދުރުގައި ހުއްޓި ދެވަނަ ފަހަރަށް ވެސް ބެލްކަންޏާއި ދިމާއަށް ބަލައިލެވުނީ ބޭއިޚުތިޔާރުގަ އެވެ. ޒެވިޔަން ފެންނާކަށް ނެތެވެ. ހިތް އޮއްސުނެވެ. ނޭނގި ނަމަވެސް އޭނައަށް މާތަކާއި ކުޅެމުން ޒެވިޔަންއަށް ފޮނި ދެއްކުނީ ބާވައެވެ. ޒެވިޔަން އޭނަފަދަ އާދައިގެ ކުއްޖަކު ތުއިވާތަން ބަލަން ބޭނުމެއް ވެސް ނުވާނެ އެވެ. އެއީ މިގޭގެ ޕްރިންސްއެވެ. ހާދަ ރީތި ފިރިހެންކުއްޖެކެވެ. މާބޮޑަށްވެސް ޒެވިޔަން ރީތިވެފައި ސްމާޓެވެ. ޑޮކްޓަރަކަށްވީމަ އަދި ވަކިން ސަޅި، ފޮނިގޮތެއް ހުރުމުން މާ އަޅައިގަންނަ ގޮތެއް އެބަހުއްޓެވެ. ފިރިހެނުން ދެކެ އެވަރަށް ނަފްރަތު ކުރާއިރުވެސް ޒެވިޔަން ދެކެ ރުޅިއަންނާކަށް ހިތް އެއްބަހެއް ނުވިއެވެ. އަލީނާ ފެންގަނޑު ވަށާލާފައި ގޮސް ގޭގެ ފެންޑާ ފެންނަ ހިސާބުގައި މާޔޫސްކަމާއި އެކު އެދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރިއިރު އެތައް އެއްޗެއް ހިތަށް އަރައި ފޭބިއެވެ. އޭނަފަދަ ގެންގުޅޭ ކުއްޖަކަށް އޮންނާނީ ދުރުން އެ ރީތިކަން ބަލައިލުމެވެ. އުޑުމަތީގައި ވިދާ ތަރިތަކާއި ހަނދަށް ބަލައިގެން ހިތްހަމައްޖައްސާލާ ފަދައިންނެވެ. ޒެވިޔަން އަކީ ވެސް އުޑުގައި ވިދާބަބުޅާ ރީތި ތަރިއެކެވެ. އަތްލާން މަސައްކަތްކޮށްފިއްޔާ އަނދާ އަޅިޔަށްވެގެން ހިނގައިދާނެ އެވެ. އަލީނާ އަނެއް ފަރާތަށް އެނބުރުނީ މާޔޫސްކަމާއި އެކީގައެވެ. 

ނިކީ ޕީނަޓަށް އެލާޖިކް ވާންފެށީ އުމުރުން ސާދަ މަހުގައެވެ. އެދުވަހު ނިކީގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާއެވެ. އެފަހުން ޒެވިޔަން ނިކީގެ އެ އެލާޖީއާއި މެދު ވަރަށް ސަމާލުކަން ދެއެވެ. ގޭގައި އުޅޭ މީހުން ވެސް އެކަން ދަނެއެވެ. ޒެވިޔަން އެޕިޕެން ޑިވައިސް އެއް ގޭގައި ގެންގުޅެއެވެ. ފަހަރެއްގައިވާ ގޮތަކުން ނިކީއަށް ޕީނަޓްހުރި އެއްޗެއް ކެވިގެން އިމަޖެންސީ ވިޔަސް އެ ހޯމޯން އެޑްރިނެލިން ދިނުމުން ނޭވާލުމުގެ ނިޒާމު ދުޅަވެ ސީރިޔަސް މައްސަލައެއް ދިމާނުވާނީ އެފަދަ އެއްޗެއް ތައްޔާރީ ހާލަތުގައި އޮތީމައެވެ. އަދި މިފަހުން ސައިންޓިސްޓުން އީޖާދުކޮށްފައިވާ ވިއޭސްކިން ޕީނަޓް ޕެޗް ބޭނުން ކުރެވޭނީ ވެސް ނިކީ ތަންކޮޅެއް ބޮޑުވީމައެވެ. އެއީ ޕީނަޓް އެލާޖީވެފައިވާ ދުނިޔޭގެ އެތައްމިލިއަން ބަޔެއްގެ އުންމީދެވެ. 

ޒެވިޔަން އާއި ރިޔާ މޯލަށް ވަދެގެން ދިޔައިރު އެތައް ބަޔެއްގެ ނަޒަރު އެދެމަފިރިންނަށް ހުއްޓިފައިވެ އެވެ. އެ ތޫނު ނަޒަރުތައް ހުއްޓޭކަމެއް ޒެވިޔަންއަށް އެނގޭހެނެއް ވެސް ހިޔެއް ނުވެއެވެ. އޭނަގެ ރީތިކަން އިތުރުކޮށްދެނީ ލޮލުގައިވާ އަވިއައިނެވެ. ސްމާޓްކަމުން އޭނަ ފެންނަ ކޮންމެ އަންހެންކުއްޖެއްގެ ހިތް އަވަސްކުރުވައެވެ. ފިނިކޮށްލުވައެވެ. އެ ރީތި ދެލޯ ފޮރުވާލައިގެން ހުރީ އިތުރަށް ކުއްޖެއްގެ ހިތް ކަތިލެވިދާނެތީ ބިރުން ކަމަށް ވެސް ވެދާނެއެވެ. ރިޔާ ހުރީ ސިލްކް ޓޮޕްކޮޅަކާއި އެކީގައި ބޭރުން ތުނި ޖެކެޓެއް ލާފައި ކަޅު ސްކިނީއެއްގަ އެވެ. އެހާ ގުޅޭ ޖޯޑެއް މި ބިންމަތީގައި ވާނެ ބާވައޭ ސުވާލު އުފެދޭހާ ދެމަފިރިން ގުޅެއެވެ. ނިކީ އޮތީ ޒެވިޔަންގެ ކޮނޑުގައި ބޯ ޖައްސާލައިގެން ލާނެތްކޮށް ހެވިފައެވެ. 

މޯލްތެރެއަށް ވަދެވުމުން ނިކީ ދުވެދުވެފައި އުޅެމުން ގޮސް ނަގަން ބޭނުންވީ އަލިމަހުގެ އަތުކުރީގައި އަޅާ ފަށެކެވެ. އަލީނާއަށް ހަދިޔާކުރަންވެގެން ކަމަށް ނިކީ ބުނުމުން ރިޔާ ހާސްވިއެވެ. ޒީބާއަށް އަލީނާއަށް މިހާއަގުބޮޑު ހަދިޔާއެއް ކުރިކަން އެނގިއްޖެއްޔާ އޭނަވެސް ގެއިން ނެރެލަން ފަހެއް ނުޖެހޭނެއެވެ. ރިޔާ އާއި ޒެވިޔަން ވެސް ނަގުލީ ފަށެއް ގަންނަން އުޅުމުންވެސް ނިކީ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރިއެވެ. ނިކީ ބޭނުންވީ އެ ލޯ ތަރަތަރަޖަހައިގެންދާހާ ވިދުވަރު ގަދަ ފަށެވެ. އެންމެ ފަހުން ރިޔާ ޒެވިޔަންގާތު ބުނެގެން އެ ފަށް ގަތެވެ. މިއަދު ނިކީ ކުޅޭ އެއްޗަކަށް ޝައުގެއް ނެތެވެ. ނިކީ ބޭނުންވީ ޝޯލްއެވެ. އެހާ ކުޑަ ކުޑަ ޝޯލް ގަންނަން ލިބޭނީ ކޮންތަނަކުންހެއްޔެވެ؟ ޒެވިޔަންމެން ނިކީ ހައްލާލަން އުޅެއުޅެ ނިކީ ގޮތް ދޫނުކޮށް، އެންމެ ފަހުން ރޯން ފަށައިފިއެވެ. ރިޔާއަށް ޖެހުނީ ގެއަށް ގޮސް މީހަކު ލައްވާ ކުދި ޝޯލް ފަހާށެވެ. ނިކީ ޝޯލް އެޅުމުން ލޯބިކަމުން ހީވަނީ ފުށްގުޅަވަރެއްހެންނެވެ. އެހާ ކުޑައިރުވެސް އަލީނާއަށް ޚާއްސަގޮތެއް ބަހައްޓައި އަލީނާއާއި ހެދި އުޅޭވަރު ފެނުމުން ޒެވިޔަންއަށް އުނދަގޫ ގޮތެއްވި އެވެ. ނިކީވެސް މާބޮޑަށް އަލީނާ އާއި ގުޅެން ފެށުމަކީ ރަނގަޅު ފާލެއް ނޫނެވެ. ކޮންމެވެސް ގޯހެއް ވާން އުޅޭކަމަށް އޭނަގެ ހަވަނަ ހިއްސު އިންޒާރު ދިނެވެ.

"އޯޓަމް ބްލޭޒް" ގެ ފެންޑާއަކީ ވެސް އެގޭގެ ރީތިކަމުގެ އެއް ބައެވެ. ފެންޑާ އެހާ ދިގުވެފައި ފުޅަލެވެ. ގޭގެ އެތައް ބޮޑެތި ދޮރުތަކެއް ހުރުމުން ވެސް ހީވަނީ ބޭރު ގެއެއް ހެނެވެ. ފެންޑާގައިވާ ސޯފާ ތަކާއި، ޗާންދަލިޔާ ތަކާއި އެކު ފްލެޓް ސްކްރީން ޓީވީގެ ސަބަބުން ގެއެއްގެ ސިޓިންރޫމުގެ ޒީނަތްތެރިކަން މިތަނުން ވެސް ފެނެ އެވެ. ޒެވިޔަން ސޯފާއެއްގައި އިނދެފައި ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ ތެދުވުމުން ބަޓްލާ ވެސް ހުރީ ހަސަދަވެރިކަމުގެ ނަޒަރަކުން ބަލަހައްޓައިގެންނެވެ. ކަޅުކުލައިގެ ޖިންސަކާއި ހުދާއި ކަޅުގެ ރޮނގުތަކެއް ދެމި ގަމީހެއްގައި، ޒެވިޔަން ފެންނަނީ ފިރިހެންވަންތަ ގޮތަކަށެވެ. ފެންޑާ އެއްވަސް ކޮށްލައިފައި ވަނީ ސެންޓުގެ މީރު ވަހުންނެވެ. ޒެވިޔަން ހިނގާލާފައި ގޮސް ގޭޓާއި ނިވާ ވަންދެން ބަޓްލާއަށް ބަލަހައްޓައިގެން ހުރެވުނެވެ. "އަހަރެން ޒެވިޔަންއަށް ވާނެނަމަ" ބަޓްލާ ވިސްނާލިއެވެ. ބައެއް ފަހަރު އިންސާނާގެ ހިތަށް ކިތަންމެ ނުބައި ޚިޔާލެއް ވެސް ވަދެދާނެ އެވެ. ތިމާއަށް ނުލިބޭ އެއްޗެއް އެހެން މީހެއްގެ ކިބައިގައި ވާނަމަ އެކަމާއި ހަސަދަވެރިވެ އެ ނިއުމަތެއް ނިގުޅައިގަތުމަށް އެދެވޭނެ އެވެ. 

މީހަކު މާބޮޑަށް ހަސަދަލައި ނޫނީ އަޅައިގަނެގެން އުޅެންޏާ ބައެއް ފަހަރަށް އެމީހަކަށް އޭގެ އުނދަގޫތައް ފޯރާ ފަދަ ހާލަތްތައް ވެސް މެދުވެރިވެ އެވެ. ޒެވިޔަންގެ ހަމަޖެހޭ ދިރިއުޅުމަށް ހަލަބޮލިކަމެއް އަތުވެދާނެ ކަމުގެ ކުޑަވެސް ހިލަމެއް އޭނަ އަށް ވެފައެއް ނެތެވެ. ޒެވިޔަން ލޯބީގެ އިނގިރޭސި ލަވައެއް ޖަހާލައިފައި ކާރު ދުއްވާލި އިރު އޭނަ އިނީ ވަރަށް ހަމަޖެހިލައިފަ އެވެ. މާލޭގެ މަގުތައް ހަނިވެފައި ހިތަށް އެރި ވަރަކަށް ނުދުއްވޭތީ ކާރު ދުއްވަން ޒެވިޔަން ފޫހިވެ އެވެ. އެކަމަކު އާއިލާ އާއި ވަކިން ދުރު ގައުމެއްގައި އުޅުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ. އެހެން ނޫންނަމަ މި ކުޑަ ރަށުގައި އުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޒެވިޔަން އަށް ތަންކޮޅަކަށް ދުއްވުނުތަނާ ފެނުނު މަންޒަރަކުން ހައިރާންވެ އަންތަރީސްވި އެވެ. އޭނަގެ ހިތަށް ވެގެން ދިޔަ ގޮތަކުންނާއި އެކީގައި، ކާރުގެ ބުރެކި ވެސް ޖައްސައި ލެވުނީ ކިރިޔާއެވެ. ސައިކަލެއްގައި ނުޖެހި ސަލާމަތްވީ ވެސް އޭނަގެ ހުޝިޔާރުކަމުންނެވެ.

ކޮމެންޓް 0