އައުޒަމް...." ރާދާއަށް ގޮވާލެވުނެވެ.
"ދެން ނާންނާނަން އުދަގޫކުރާކަށް. އަހަރެން ބޭނުމެއްނޫން އެއްވެސް ބަޔަކަށް ބުރައަކަށްވާކަށް. ދަނީ މަންމައަށް ސަލާމް ބުނެދޭތި....." އައުޒަމް ގޮނޑި ދުއްވާލައިފިއެވެ. ރާދާއަށް އެވަގުތު ހަދާނަށް އައީ އައުޒަމް ކިޔާލި ރީތި ލަވައެވެ. "ވޯ ނަންހެސޭ ފަރިޝްތޭ....." ރާދާގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ. އޭނައަށް އައުޒަމްގެ ހިތުގެ ހާލާއި، އޭނަދެކެ ލޯބިވި މަތިވެރިވަރު ކޮންމެވެސް ވަރަކަށް ރޭކާލައިފިއެވެ. އައުޒަމް ބުނިފަދައިން އެހެންމީހަކު އެގޮތަށް މުޅި އުމުރު، ހުސްހަށިބައިގާ ހޭދަކުރާނެކަމެއް ނޭގެއެވެ. އައުޒަމް ޒުވާންއިރު ރަގަޅުމަގުން ކައްސާލުމުގައި، މައިންބަފައިންގެ އިހުމާލުވެސް ވާނެއެވެ. އައިމަންއަށް ވުރެ އެތައް އަހަރަކަށް އައުޒަމް ކުޑަވީމަ، އެންމެންވެގެން މާބޮޑަށް ލޯބިދީ އޭނަ ހަލާކުކޮށްލީއެވެ. އަދި ނުބައި އެކުވެރިންތަކާއި އެކީގައި ރިޒޯޓްތަކަށް ގޮސް، ރޭގަނޑު ގެއިން ބޭރުގައި އުޅުނުއިރުވެސް އަޅާނުލެވުނީއެވެ. 

އައުޒަމް ގޮނޑި ދުއްވަމުންގޮސް ކޮރިޑޯ އާއި އަރާމަހަވިތަނާ ރާދާ އަށް ފަހަތުންގޮސް އައުޒަމްގެ ގޮނޑީގައި ހިފެހެއްޓުނެވެ. އަދި އައުޒަމްގެ ފައިގެ މައްޗަށް ތިރިވެވިއްޖެއެވެ. ރާދާގެ ކަރުނަތިކިތަކުން އެ ފައިތިލަ ތެންމާލަން ސިކުންތު ކޮޅެއްވެސް ނުނެގިއެވެ. ކޮންމެ ގޮތެއްވިޔަސް މިހާރު އައުޒަމްއަކީ ރާދާގެ ފިރިމީހާއެވެ. އަދި ލޯބިވާ އަންހެން ދަރިފުޅުގެ ބައްޕައެވެ. އަދި މަޖުބޫރުވެގެން ކުރި ކައިވެންޏަކަށްވިޔަސް އެކީގައި އުޅެން ފެށުމާއިއެކު ކުރީގައި އެއޮތް ގުޅުންތަކުގެ ސަބަބުން ނޭގިނަމަވެސް ރާދާއަށްވަނީ އައުޒަމްދެކެ ލޯބިވެވިފައެވެ.

އައުޒަމްގެ ހިތަށް ބަޔާން ކުރަން ދަތިއުފަލެއް ލިބުނެވެ. ފައިގައި ވަރެއްނެތަސް އޭނަގެ އަތުގެ ބާރުއަދިވެސް އެބަހުއްޓެވެ. ރާދާ ފައިމަތިން ނެގިގޮތަށް މޭގައި ޖައްސާލާފައި، ރާދާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް އައުޒަމް ފޮހެލަދެމުން ހިނިތުންވެލިއެވެ. އެވަގުތު އޭނައަކީ ނުކުޅެދޭ ބަލިމީހެއްކަންވެސް އައުޒަމް ހަދާންނެތުނެވެ. ރާދާ އާއި އައުޒަމްގެ ނަސީބުވެސް އަތުގައި ހިފީކަން ނޭގެއެވެ. އައުޒަމްއަށް ހަކީމީ ބޭސް އަދި މަރީސާމެން ގެންގުޅޭ ފަތްޕިލާވެލިން ބޭސްހަދައިގެންވެސް އައުޒަމްގެ ފައި ރަގަޅުކުރަން ރާދާ އަޒުމް ކަނޑައެޅިއެވެ. އަދި ރާދާ، ސުލްތާނާ ގާތުގައި އައުޒަމްދެއްކި ވާހަކަތައް ދެއްކުމުން ސުލްތާނާއަށްވެސް ރޮވުނެވެ. ވަގުތުން ދަރިފުޅަށް މާފުކޮށް، ކުރިއެކޭ އެއްފަދައިން ވާހަކަދައްކަން ފެށިއެވެ. އަދި އައުޒަމް ގަބޫލުކުރާގޮތުން އޭނަގެ ބޭބެވެސް އޭނައަށް މާފުކުރާނެއެވެ. މިވަގުތު މާފަށްވުރެ ދުރުގައިވިޔަސް އައުޒަމް ޔަގީންކުރަނީ ގިޔާމަތްދުވަހުން ބޭބެއާއި ބައްދަލުވެ އެކަމާއި މާފަށް އެދުމަށެވެ. ދުނިޔެއިން ނުލިބުނަސް އެ ފުރުސަތު އަދި މުޅިން ގެއްލުނީއެއް ނޫނެވެ. ދިރިއުޅުމަކީ އެއީއެވެ. މާޔޫސްނުވެ ކުރިއަށް ފިޔަވަޅުތައް ނެގުމެވެ. ކެތްތެރިވުމެވެ.

ރާދާ އޭނަގެ ދަރިފުޅު މައިރާ އަދި ޝަމާއިލްގެ ގާތުގައިވެސް މައިރާގެ ބައްޕައަކީ އައުޒަމްކަމަށް ބުނެދިނެވެ. ރާދާ ބުނުމުގެ ކުރިން ޝަމާއިލް އާއި މައިރާއަށް ގުޅީގައިވި ސިޓީތަކުން، އެ ސިއްރު އެގިފައިވާކަން އެގުމުން ރާދާ އަށް މަޖާވިއެވެ. ހީކުރިގޮތާއި ޚިލާފަށް މައިރާ އައުޒަމް ދެކެ ނަފްރަތެއް ނުކުރިއެވެ. އެތައް ބައިވަރު ކަންތައް ޙަޔާތުގައި ހިގާފައި ވުމުން ކޮންމެކަމެއްވެސް ގަބޫލުކުރަން މައިރާ ތައްޔާރަށް ހުރީކަމަށް ވެދާނެއެވެ. ނޫނީ ބައްޕަގެ ލޯތްބަށް، ގަދަރުކުރަން ބޭނުންވީއެވެ.

އަންވަރުގެ ބަލިހާލު ބޮޑުވެ އަޅާވޭނަށް ކެތްނުކުރެވިގެން އެތައް ދުވަހަކު އައިސީޔޫގައި އޮތުމަށްފަހު މަރުވިއެވެ. އޭނަ އެވަރަށް އާދޭސް ކުރިއިރުވެސް ޝަމާއިލްމެންނާއި ހަމަޔަށް އޭނަގެ އާދޭސްތަކުގެ އަޑެއް ނުފޯރިއެވެ. އެންމެ ފަހުވަގުތާއި ޖެހެންދެންވެސް އޭނަ ތެޅިފޮޅި އުޅުނުވަރުން އާއިލާ މީހުން ތިބީ ފިކުރުބޮޑުވެފައެވެ. އެކަމަކު މީހާ މަރުވާ ޙާލަތުގެ ސަބަބުން އެމީހާގެ ރަގަޅުކަން ނޫނީ ނުބައިކަން އިންސާނުންނަކަށް ނުނިންމޭނެއެވެ. ކެންސަރުފަދަ ވޭންދެނިވި ބައްޔެއްގައި ކިތަންމެ ރަގަޅު މީހަކު ނޫނީ ނުބައިމީހަކުވެސް ދުނިޔެއާއި ވަކިވެގެން ހިގައިދާނެއެވެ. އަންވަރުގެ ގިޔާމަތްދުވަހުގެ ހާލުވެސް ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ. ނަމަވެސް ޔަގީނުންވެސް އެއްވެސް ހައްގަކާއި ނުލައި މީހަކު މެރުމުގެ ބޮޑުފާފަ އޭނަގެ ބޮލުގައި އެޅިފައިވެއެވެ. ދުނިޔޭގައި އަންވަރުއަށް އުފަލެއް ނުހޯދުނެވެ. މުޅި ހަޔާތް ވޭތުކޮށްލީ ބަދަލުހިފުމުގެ ނުބައި ރޫޙާއި، ހަސަދައިގެ އަލިފާނުގައި ސިކުނޑިއަށް ބާރުކުރުމުގައި ހުރެގެންނެވެ.

ޒިޔާމާ އާއި ސަމީނާގެ ގުޅުން ބަދަހިވެ އެކުވެރިންނަށްވިއިރު ޒިޔާމާ އާއި އަޔާނާގެ މަންމަ ނަވާޒާވެސް ވަނީ ގާތްވާން ފަށާފައެވެ. ނަވާޒާ މެންނަކީ ރާއްޖެތެރޭ މީހުންނަށްވީމަ ކުރިން ޒިޔާމާ އިންތިހާއަށް ރުޅިއަޔަސް މިހާރު ޒިޔާމާގެ ހިތުގައިވިނަމަ ވީހާ ބޮޑާކަމަކާއި، ނުބައިހީތައް ފިލައި އެމީހުންނަކީވެސް އިންސާނުންކަމާއި، ހުރިހާ އިންސާނުން ހަމަހަމަބަޔެއްގެ ގޮތުގައި ހިތް ގަބޫލުކުރަން ފެށިތާ ދުވަސްކޮޅެކެވެ. ޒިޔާމާ އަޔާނާއަށް ކުރި ގަދަރާއި، ލޯބިވެސް ވަނީ އެތައްގުނަ އިތުރުވެފައެވެ. އަޔާނާ ކުރާ ކޮންމެކަމަކަށް ޒިޔާމާއަށް ބެލުނީ ތައުރީފުގެ ނަޒަރަކުންނެވެ. އެހާ ބަސްއަހާ، މަޑުމައިތިރި، ރަގަޅު ޅީދަރިފުޅެވެ. ގޮނޑުން ހޮވުނު ޖަވާހިރެކެވެ. ފައިސަލްގެ ދެމަފިރިން އުމްރާއަށް ދިޔަދަތުރުގައި އަޔާނާގެ މައިންބަފައިންނާއި، ސަމީނާގެ ދެމަފިރިން ގެ އިތުރުން ފަރުޒާން އާއި އަޔާނާވެސް އެއަޅުކަމުގައި ބައިވެރިވާން މައްކާއަށް ދިޔައެވެ. ދަރިއަކު ނުލިބުނީމަ ޝަކުވާކުރުމުގެ ބަދަލުގައި ހެއްދެވިފަރާތަށް އަޅުކަމާއިގެން އުމުރު ހޭދަކޮށްލީމަ ނިމުނީކަމަށް މިފަހަރު އަޔާނާ ނިންމިއެވެ. އެދަތުރުން ލިބުނު ރޫހާނީ ހިތްހަމަޖެހުން ހުރިހާ އުފަލަކަށްވުރެ ބޮޑުވިއެވެ. 

އަޔާނާ މިރޭވެސް ގޭތެރޭގެ އެކިކަންތަކުގައި އުޅުނު އިރު ވަރުބަލިވެގެން ހީވަނީ އަތްފައިގެ ވާގިހުސްވާން އުޅޭހެންނެވެ. މިފަހަކަށް އައިސް ވަރުބަލިވިޔަސް، މިހާބޮޑުވަރުބަލި ކަމެއް އިހުސާސްކުރެވި މިވަރަށް އަނބުރާ ގޮތްވި ހަދާނެއްނެތެވެ. އަނެއްކާ އޭނަގެ ބައްޔެއް ހުރީބާވައެވެ. ރަގަޅަކަށް ނުކެވެއެވެ. އެހެންރޭ ނިދަންވީމަ ފެންވަރާލައިގެން، ރީތިވެލި ނަމަވެސް މިރޭ އެއްވެސްކަމެއް ކުރާނެ ހިތްވަރެއްނެތެވެ. ނަމާދުކުރިގޮތަށް އަޔާނާ ރަޖާގެ ދަށަށްވަދެ މޫނު ފޮރުވާލިއިރު، އެހިތުގައި ކުޑަ ބިރުވެރިކަމެއްވެސް އުފެދުނެވެ. އޭނައަށް ނުރައްކާތެރި ބައްޔެއް ޖެހުނީބާވައެވެ. އަޔާނާ ވިސްނުމެއްގެ ތެރޭގައި އޮތްވާ ފަރުޒާން ކޮޓަރިއަށް ވަނެވެ. ފަރުޒާން މޫނުދޮވެލައިގެން އައިގޮތަށް އެނދަށް ވެއްޓިގަތެވެ. 

"ޔާން. ކީއްކުރަނީތަ؟ ކޯނޗެއްތަ ތިވިސްނަނީ؟ " އަޔާނާގެ މޫނުފެނުމުން ފަރުޒާންގެ ހިތް އިންތިހާއަށް ބޭނުންވާން ފެށިއެވެ. އެހެންނޫނަސް ވާރޭ މޫސުމަކީ އަބަދުވެސް އިޝްގުގައި ރޯލެއްކުޅެ، ހިއްސުތައް ހަލުވައިލާ ބައިވެރިއެއްކަން އޭނަދަނެއެވެ. ފަރުޒާން އަޔާނާގެ ގައިމަތިން ރަޖާގަނޑު ދަމައިގަނެފައި، ސަމާސާއެއްކޮށްލިއެވެ. އަޔާނާގެ ލޮލުން ކަރުނަހިލުނެވެ. މި ނޫނީ އަޔާނާ އެއްގޮތަކަށްވެސް މިފަދަ ގޮތަކަށް ރޮއިފައި ނުވާތީ ފަރުޒާންގެ ހިތުގައި ސުވާލު އުފެދުނެވެ. ފަރުޒާން ސުވާލުކުރަން ފެށުމުން އަޔާނާ ބުނީ ވަރުބަލިވަނީކަމަށެވެ. ފަރުޒާންއަށް ގަބޫލުކުރަން ދަތިވިއެވެ. އޭނައަށް ހީވީ ގޭގައި ކޮންމެވެސް ހާދިސާއެއްހިގީކަމަށެވެ. ނޫނީ އަބަދުވެސް އަޔާނާ ގެ ހިތަށް ދަތިކުރުވާ މައްސަލައިގައި މާބޮޑަށް ވިސްނަނީއެވެ. ފަރުޒާން ދެން އެރޭ އަޔާނާއަށް އުދަގޫކުރާކަށް ނޫޅެ ނިދީއެވެ. ހެދުނު އަޔާނާ ތެދުވިގޮތަށް އޯކަށް ދަމަންފެށިއެވެ. ފަރުޒާންގެ ހިތުގައި އުފާވެރިކަމުގެ ރާޅުބާންޏެއް ޖަހާލައިފިއެވެ. އޭނައަށް ޝައްކުވިނަމަވެސް އަޔާނާގެ ގާތުގައި އެހެނެއް ނުބުނެއެވެ. އެހެން ނުވެއްޖެއްޔާ އަޔާނާގެ ހިތަށް ލިބޭ އިތުރު ހިތާމައަކަށް ވެދާނެތީއެވެ.

"ސްކޭނެއް ހަދާލާނީ ދޯ. ސައިކަލް ދެތިންމަސް ލަސްވީމަ އަބަދުވެސް އުދަގޫވެއެއްނު.... " ފަރުޒާން އުފާވެރިކަން ފޮރުވަން މަސައްކަތްކުރަމުން ދިޔައިރު އޭނަގެ އަތްވެސް ފިނިވަމުން ދިޔައެވެ. މިފަހަރުގެ އުދަގޫތައް ތަފާތުކަން ފަރުޒާންއަށް އެނގުނެވެ. އެންމެ ބޮޑަށް ހީކުރެވެން އުޅެނީ އަޔާނާ ބަލިވެއިނީކަމަށެވެ. ފަރުޒާން އަބަދުވެސް ވިސްނަނީ ޕޮޒިޓިވްކޮށެވެ. އެގޮތަށް ވިސްނަންފެށީމަ ވަށައިގެންވާ މީހުންނަށްވެސް އޭގެ އަސަރުކުރާނެއެވެ.

އަޔާނާ ހޮސްޕިޓަލަށް ގެންގޮސް ސްކޭން ހެދީ ފަރުޒާން އަމިއްލައަށެވެ. އިތުރު ޑޮކްޓަރަކަށްވެސް އަޔާނާގެ ޚާއްސަ "ސިއްރު" އަންގަން ބޭނުންނުވީއެވެ. ސްކޭން އިން ޖީ ސެކް ފެނުމާއެކު ފަރުޒާންގެ ހިތުގެ ވިންދު ކުރިއަށްވުރެ އަވަސްވިއެވެ.

"ތޭންކް ގޯޑް. ތޭންކް ގޯޑް......" ފަރުޒާން އަޔާނާގެ ގައިގާ ބައްދާލަމުން ނިތްކުރީގައި ބޮސްދިންއިރު އުފަލުން ފަރުޒާން ގެ ރީތި ދެލޯ ވިދަމުން ދިޔައެވެ. އަޔާނާގެ ލޮލުގައި ގިނަވެގަތް ކަރުނަތަކަކީ އުފާވެރިކަމުގެ މުތީތަކެވެ. ހެއްދެވިފަރާތަށް ޝުކުރުކުރެވުނު އަދަދެއްވެސް ނޭގެއެވެ. އޭނަފަދަ ޕްރިމެޗުއަރ އޯވޭރިއަން ފެއިލިއަރ ނޫނީ އެފަދަ އެހެން މައްސަލައެއް ދިމާވެ މާޔޫސްވެފައިވާ އަންހެން ކުއްޖަކަށްވެސް އިރާދައިގައިވާނަމަ ދަރިން ލިބުމަކީ އެކަށީގެންވާކަމެއްކަން މިއަދު އަޔާނާއަށްވެސް ޔަގީންވެއްޖެއެވެ. ޑޮކްޓަރުން ދަރިން ނުލިބޭނެކަމަށް ބުނާ މީހުންނަށްވެސް ދަރިން ދެއްވުމަށް ކުޅަދުންވަންތަ ފަރާތެއްވާކަން އެންމެ ހިދުކޮޅަކަށްވެސް ހަދާން ނައްތާލައިގެން ނުވާނެކަމެވެ. ޑޮކްޓަރުން މެދުވެރިކުރައްވާ ޝިފާ ދެއްވާ ފަރާތަށް ގިނަގިނައިން ދުޢާކުރަންވީއެވެ. އަޔާނާއަށް ކަރުނަ ހުއްޓައެއްވެސް ނުލެވުނެވެ. އެއީ ޝުކުރުވެރިކަމުގެ ކަރުނައެވެ. ހިތުގައިވި އީމާންތެރިކަން އިތުރަށް ވަރުގަދަވެ، ހުރިހާ ހުވަފެންތަކެއް ފުރިހަމަވީކަމަށް އަޔާނާ ގަބޫލުކޮށްފިއެވެ.

އައިޒާން އާއި އީޝަލްގެ އެނިވާސަރީ ފާހަގަކުރެވުނު ރެއެވެ. ފައިސަލްގެ ރިޒޯޓެއްގައި އެ ހަފްލާ ކުލަގަދަކޮށް ފާހަގަކުރުމަށްފަހު މާލެއަށް އެނބުރި އާދެވުނުއިރު މެންދަންވާން މާގިނައިރެއްނެތެވެ. ދެމަފިރިން ކޮޓަރިއަށް ވަނުމާއިއެކު ހުއްޓުން އެރިއެވެ. ކޮޓަރިވަނީ އެހާ ފުރިހަމައަށް ތައްޔާރުކޮށްލައިފައެވެ. މީރުވަސްދުވާ އުށްބައްތިތަކުގެ ހުޅުކޮޅުތައް ނަށަމުން ދިޔައިރު ވާރޭގެ ހިމޭން އަޑު ފަޒާގައި ހިފާލާފައިވެއެވެ. އެނދުވަނީ ފިނިފެންމާ ފިޔަތަކުން ބަރާވެފައެވެ. އީޝަލްވެސް ރަތްކުލައިގެ ހެދުމެއްލައިގެން ހުރިއިރު ހީވަނީ ރީތިކަމުން އެ ފިނިފެންމާތަކުގެ ބަޔެއްހެންނެވެ. އީޝަލް އެނދުމައްޗަށް ވެއްޓިގަންނަމުން ފިޔަތަކުގެ ދާނުގައި ފިޔަތައްމައްޗަށް އުކައުކާފައި އުޅުނުލެއް ލޯބިކަމުން އައިޒާންއަށް އިރުކޮޅެއްވާންދެން ބަލަހައްޓައިގެން ހުރެވުނެވެ.

"ރީތިކަމުން ބުނާނެ އެއްޗެއްވެސް ނޭގުނު....." އައިޒާން އެނދުގެ މަގަތުގައި އިށީނެވެ. ރަތްއަލީގައި އައިޒާން ފެންނަލެއް ފުރިހަކަމުން އީޝަލްގެ ހިތް ނެގިނެގިފައި ޖެހެންފެށިއެވެ. އެ ދެލިކޮޅެއްފަދަ ދެލޮލުގައި ހުރިބާރަކުން އިސްޖަހާލަން މަޖުބޫރުކުރުވިއެވެ. ހާދަ ތޫނުދެލޮލެވެ. 

އީޝަލްއަކަށް އައިޒާން ރީއްޗޭ އެބުނީ ސީދާ އީޝަލްއަށް ކަމަށް ފުރަތަމަ ނުވިސްނުނެވެ. އައިޒާން އެނދުމަތީގައި ހުރި މާފިޔަތައް އީޝަލްގެ މޫނަށް އޮއްސާލިއެވެ. އެ މަޑު ފިޔަތައް ލުއިކޮށް އީޝަލްގެ މޫނުގައި ބޮސްދެމުން ދިޔައީ ލޯބިވެރިޔެއްގެ އޯގާތެރި ފިރުމުންތައް ފަދައިންނެވެ. އީޝަލްއަށް އައިޒާންގެ ލޮލުގެ ބާރަށް ކެތްނުކުރެވިގެން ލަދުންގޮސް މޯޅިވާން ފެށުމުން ދެލޯމަރާ ތަގުޅިކޮށްލައިފިއެވެ. ހީވަނީ އީޝަލްގެ މޫނަށްވެސް އެ ފިޔަތަކާއި ރަތް އުއްބައްތިތަކުގެ ހިޔަނި އެޅި އިތުރަށް ކުލަ ރީތިކޮށްލައިފިހެންނެވެ. އީޝަލްވެސް ހީވަނީ ރަތްހުޅުކޮޅެއްހެންނެވެ.

"ޒާން ތިވަރަށް ބަލާކަށްނުވާނެ..." އީޝަލް އެންމެފަހުން އެނދުގައިވާ އެތައް ބާލީސްތަކުގެ ތެރޭގައި ފޮރުވިގަންނަމުން ރަކިގޮތަކަށް ބުންޏެވެ. އައިޒާންއަށް އޭނަ ޚާއްސަވަރު މިރޭ އީޝަލްއަށް އިހުސާސްކުރެވެން ފަށައިފިއެވެ. އެބެލުމުގައިވާ ހިތްދަމައިގަންނަ ގޮތާއި، ޖާދޫއަކީ އެކަނި އޭނަގެއެވެ.

"މިރޭ ބޭނުންވަރަކަށް ބެލިޔަދީ ޝެލްޕައި...." އައިޒާން އީޝަލްގެ މޫނުގައިވާ ބާލީސްތައް ދަމައިގަންނަން އުޅުމުން ކުޑަ ބާލީސް ހަގުރާމައެއް ހިނގިއެވެ. އެންމެ ފަހުން އެ ސަކަރާތެއްގައި އުޅެމުންގޮސް ދެމީހުން އެކީގައި އެނދުގައިވާ އެތައް ބާލީހަކާއި، މާ ފިޔަތަކުގެ ތެރެއަށް ގެނބުނެވެ. އަދި އީޝަލްގެ ނާޒުކް ހަށިގަނޑު އައިޒާންއާއި، އެނދުގެ ގޮދަޑިއާއި ދޭތެރޭގައި ފިތިގެން ދިޔައިރު އީޝަލްއަށް ބުނަން ނޭގޭފަދަ އިހުސާސްތަކެއް ކުރެވުނެވެ. އައިޒާންގެ މޫނުގައި ދުވާ މިންޓު އަދި މަސްކް ގެ ލުއި ވަހާއި، ނޭވާގެ މީރުވަސް އީޝަލްގެ ސިކުނޑި ތާޒާކުރުވިއެވެ. އަދި އެހާ ކާރިން އެ ރީތި ދެލޮލަށް ބަލާލެވުމުން، އީޝަލް އެލޮލުގެ ތެރެއަށް ގެނބިގެން ދިޔައީ ބަސްބުނާހާ ކުޑަހިދުކޮޅެއްގެ ތެރޭގައެވެ. ޑްރަގަކާއި ނުލައިވެސް ސިކުނޑި ރަންވެދާނެ ފަދަ ވަގުތުކޮޅެކެވެ. ދެ ހަށިގަނޑުގައި ވަގުތުން ރޯވެގަތް އަލިފާން ނިވާލަން ދެހިތްވެސް ބޭނުންވީ އިންތިހާއަށެވެ.

އިންތިހާދަރަޖައިގެ ހިތްހަމަޖެހުމާއި، އުފާވެރިކަން ހޯދުމުގައި ވަގުތުތައް ވޭތުވަމުންދިޔައިރު ވާރޭވެސް ކަންނެތްގޮތަކަށް ވެހެމުންދާއަޑު، ފަޒާގައި ގުގުމާލާފައިވެއެވެ. އެންމެފަހުން އައިޒާންއާއި އީޝަލް ބޯ ކުއިލްޓުދަށުގައި، އެތައް ބާލީސްތަކާއި، މާފިޔަތަކުގެތެރޭގައި ބޮނޑިވެލައިގެން ތިބެ ފުންނިންޖަކަށް ގެބުނެވެ. ކައިވެންޏަށް އަހަރު ފުރުނު ރެއަށްފަހު އައިޒާން އާއި އީޝަލް ދެމަފިރިންގެ ގޮތުގައި އެކީގައި އުޅެން ފެށުމުން ކުރިއަށްވުރެ ގާތްވެ އެކަކު އަނެކަކާއި ނުލައި ނޫޅެވޭވަރުވާން ފެށިއެވެ. އެވަރުންވެސް އައިޒާން އީޝަލްދެކެ ލޯބިވާންފެށިކަމަކަށް އެހާ ގަބޫލެއްނުކުރެވުނެވެ. ހަޔާތުގެ ބައިވެރިޔާދެކެ "ކުލުނު" ނޫނީ "ހަމްދަރުދީ" އެކިޔާ ޖަޒުބާތުތައް އުފެދިދާނެއެވެ. އެކަމަކު ލޯތްބަކީ ތަފާތު އިހުސާސްތަކެވެ. އެކަމަކު އައިޒާން އޮފީހުގައި އިންނަވަގުތުވެސް ދޭތެރެއަކުން އީޝަލްގެ މަތިން ހަދާންވެ އީޝަލްއަށް ގުޅައިލެވެއެވެ. އީޝަލްގެ އުފާވެރި، ޅަ އަޑު ކަންފަތުގައި ޖެހުމުން އައިޒާންގެ ސިކުނޑި ރިލެކްސްވެ، ތާޒާވެ ހިގައިދެއެވެ. އަދި އީޝަލް، އައިޒާން ދެކެ ލޯބިވާ މަތިވެރި މިންވަރާއި އައިޒާންގެ ހުރިހާކަމެއްކޮށްދޭލެއް ލޯބިކަމުން، އައިޒާންގެ ހިތުން ޖާގަ ހޯދަންފެށިއެވެ. އައިޒާން އޮފީހުން ގެއަށް އަންނައިރަށް ޓައީ ނައްޓާލަދީ، ބޫޓުވެސް ބާލަދިނީމަ ނޫނީ އީޝަލް ހިތްހަމަޖެހޭކަމަކަށްނުވެއެވެ. އޭނަގެ ހުންނަ ޅަގޮތްތައްވެސް ކެނޑި ތަންކޮޅެއް ހަރުދަނާ ރަގަޅުކުއްޖަކަށްވުމުގެ ހުރިހާ ކުލަވަރެއް ފެންނަން ފެށިއެވެ. އެކަމުގެ ސަބަބުން މައްސަރެއްގެތެރޭގައި އައިޒާންއަށްވެސް އޭނަގެ ހިތުގައި އުފެދުނު ކުލުނު ލޯތްބަށް ބަދަލުވާން ފެށިކަން އެގުނެވެ.

މިރޭ އައިޒާން އީޝަލް ގޮވައިގެން ލޯންޗުގައި އައީ އެއާއިލާގެ ޚާއްސަ ފަޅުރަށަކަށެވެ. ފަލަކުގައި ސާދަވިލޭރޭގެ ހަނދު އެމީހުންގެ އުފަލުގައި ބައިވެރިވާން ހިނިތުންވެލައިގެން އިނެވެ. އުށްބައްތިތަކުން ގޮޑުދޮށް ފަޅުފިލުވާލާފައިވާއިރު، ރާޅުބީއްސާ ހިސާބުގައި ވި މޭޒުމަތީގައި ރޭގަނޑުގެ ކާނާ ތައްޔާރަށް ހުއްޓެވެ. އީޝަލް ޝުކުރު އަދާކުރަމުން، އައިޒާންގެ ގައިގާ ބައްދާލިއެވެ. އައިޒާން މިރޭ ފުރަތަމަ ފަހަރަށް އީޝަލްގާތުގައި ލޯބިވާކަމަށް އެއްބަސްވިއެވެ. ކައިގެން ހަނދުވަރުގެ އަލީގައި، މޫދަށް އެރި ފެންވަރާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއްނެތް ފަޅު ގޮނޑުދޮށުގައި، ސަކަރާތްޖަހަން އެތައްއިރެއްވަންދެން ތިބިއިރުވެސް އައިޒާންގެ ހިތަށް ދޭތެރެއަކުން މައިރާގެ ހަދާންތައް ވެރިވެ،ހިތް ނުތަނަވަސްކުރުވައެވެ. އައިޒާން އެކަމާއި އަމިއްލަ ނަފުސްކުށްވެރިކުރިއެވެ. މިވަރަށް މަސައްކަތް ކުރާއިރުވެސް އަޖައިބުވަނީ މައިރާގެ ހަދާންތަކާއި، އެރީތިކަން އުޅެ އުޅެ ހިތުން ފިލުވާނުލެވުނުކަމެވެ. މައިރާ އާއި މެދު ފަހަރިއެއްގެ ގޮތުން ދެކެން އުޅުނަސް، އެކަމެއް ނުކުރެވޭކަމެވެ. އަދި އީޝަލްދެކެވެސް އެހާ ދީވާނާ ދަރަޖައަކަށް ލޯބިނުވެވޭނެކަން އައިޒާންއަށް އެގުނެވެ.

މައިރާއަށް މާގިނައިން ހުތް އެއްޗެހި ކެވޭތީ އޭނަ ކަލެންޑަރު ބަލާލުމާއިއެކު، ހިތުގައި ކުޑަކުޑަ އުފާވެރިކަމުގެ ވިންދެއް ޖަހާލައިފިއެވެ. ދެހަފްތާ ލަސްވެއްޖެއެވެ. އަވަހަށް ރެޔާން ގާތުގައި ބުނެގެން ކިޓެއް ގެނެސްގެން ޓެސްޓްކުރިއިރު ޕޮޒިޓިވްވުމުން ރެޔާންއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން، މައިރާ ގެ މެދުހަށީގައި ހިފާލިގޮތަށް ލުއިފަތްކޮޅެއްފަދައިން އުފުލައިލެވުނެވެ. ރެޔާން މައިރާ އުފުލާލިގޮތަށް ކޮޓަރިތެރޭގައި އެނބުރެމުންގޮސް، އެނދަށް ވެއްޓިގަތް އިރު ރެޔާންއާއި މައިރާގެ ހުނުމުގެއަޑު ކޮޓަރިތެރޭގައިވަނީ ގުގުމާލައިފައެވެ. އެވަގުތު ކޮންމެވެސް ވަރަކަށް ޢަދަން މަތިންވެސް ދެމަފިރިން ހަދާންވިއެވެ. މައިރާ ދެކޭގޮތުގައި މިފަދަ ކޮންމެ އުފަލެއް ދަރިފުޅާއިވެސް ހިއްސާ ކުރަންޖެހޭނެއެވެ. އެދުވަހު ހަވީރު ޢަދަންގެ މަހާނައަށް މައިރާ އާއި ރެޔާން ޒިޔާރަތްކުރިއެވެ.

"ސްވީޓްހާޓް. ދަރިފުޅަށް ކުޑަކޮއްކޮއެއް ލިބެން އުޅެނީ. އެންމެ ފުރަތަމަވެސް މި ޚަބަރު މިދިނީ ދަރިފުޅަށް. ބޭބީވެސް ހާދަ ދެކޭހިތްވާނެއޭ. އެކަމަކު ޑޯން ވޮރީ ޑާލިން. ކޮންމެވެސް ދުވަހަކުން އަދި މަންމީމެން ވާނެ އުފާވެރި އާއިލާއަކަށް. އޭރުން އަބަދުގެ އަބަދަށް އެކީގައި އުޅޭނީ. ލަވްޔޫ ސޯމަޗް ލޯބި..." މައިރާ ހިތާހިތުން ޢަދަންއާއި ވާހަކަދައްކަމުން ދިޔައިރު ޢަދަންގެ ރީތިކަމާއި ލާނެތްކަން ވަރަށް ބޮޑަށް ހަދާންވިއެވެ. ރެޔާންއަށްޓަކައި ނޫންނަމަ އޭނަ އެހެންކުއްޖަކު ހޯދާކަށް ބޭނުމެއްވެސް ނޫނެވެ.

ރެޔާން މައިރާ ޑޮކްޓަރަށް ދައްކައިގެން ސްކޭން ކުރިއިރު، މާބޮޑަށް އުފާވާފަދަ ޚަބަރެއް ލިބުނެވެ. މައިރާ ބަލިވެއިނީ އެއްމާބަނޑު ދެކުދިންނަށެވެ. އެއްފަހަރާ އެދެމަފިރިންގެ ބަގީޗާގައި ދެ މާފޮޅެން އުޅެނީއެވެ. ދުނިޔޭގެ ރަސްކަން ލިބުނަސް އެހާ އުފާވާނެކަމެއް ނޭގެއެވެ. މިހާރުއްސުރެ ރެޔާންގެ ދެމަފިރިން އެދުވަހަށް އިންތިޒާރު ކުރާއިރު އެގޭގެ އެންމެންގެ މޫނުމަތިން ތާއަބަދު ފެންނަމުންދަނީ ހިނިތުންވުމުގެ އަސަރުތަކެވެ. ހީވަނީ އެންމެނަށް އެއްފަހަރާ އީދެއް އައިސްގެން އުޅޭހެންނެވެ. އަބަދުހެން ހުނުމުގެ އަޑާއި އުފާވެރި ވާހަކަތަކުން ފަޒާއަށް އިތުރު ދިރުމެއް ލިބިފައިވެއެވެ. އަދި މިފަހަރު މައިރާއަށް މާބަނޑުވުމުގެ އެއްވެސް އުދަގޫތަކެއް އިހުސާސްކުރާކަށް ނުޖެހުނެވެ. އަބަދު އުފަލުން ގޭތެރޭގެ ކަންތަކުގައި އުޅޭއިރު އެންމެންގެ ހިތުން ޚާއްސަ މަގާމެއް ލިބިފައިވެއެވެ. ކޮންމެ ދުވަހަކު މައިރާ އޭނަގެ ބައްޕަ އައުޒަމް ގޮވައިގެން ގަސްތަކުގެތެރޭގައި ދުއްވާލަން ގެންދެއެވެ. ވާހަކަކިޔާދެއެވެ. އަދި ރެޔާންއަށްޓަކައި މައިރާ ހުންނަނީ ދީވާނާވާ ދަރަޖައަކަށް ލޯބިވެވިފައެވެ. ރެޔާންގެ ކޮންމެކަމެއް އެހާ ލޯބިންކޮށްދޭއިރު ރެޔާންވެސް މައިރާއަށްޓަކައި ގުރުބާންވަމުން ދިޔައެވެ. ރެޔާން ގޭގައި އުޅޭހުރިހާ ވަގުތެއްހެން ދެމުން ދިޔައީ މައިރާއަށެވެ. އަދި މައިރާ ދީނީކަންތައްތަކަށް ފަރުވާބަހައްޓަމުންގޮސް އެންމެ ފަހުން ޝޯލްވެސް އަޅަންފެށިއެވެ. ރެޔާންނޫން އެއްވެސް ފިރިހެނަކަށް އޭނަގެ ރީތިކަން ދައްކަން މައިރާގެ ހިތްނޭދުނީއެވެ. އެހެން އެއްވެސްމީހަކަށް އެ ރަޕުންޒެލް އިސްތަށިގަނޑު ފެންނާކަށް ދެން ބޭނުމެއް ނޫނެވެ. އެހުރިހާ ފަރިކަމާއި ރީތިކަމީ އެކަނި ރެޔާންގެ މިލްކެކެވެ.

ފުދޭވަރަކަށް އުޑުމަތިބަނަކޮށް އޮތް ދުވަހެކެވެ. މައިރާގެ ބަނޑަށް އަށްމަސްވިޔަސް މައިރާ އާދޭސްކުރިވަރުން ރެޔާން މައިރާ ގޮވައިގެން ކާރު ދުއްވާލަން އެ ވާރޭތެރޭގައިވެސް ދިޔައެވެ. ކާރު ދުއްވަން މައިރާގެ އަތަށް ރެޔާން ހުންގާނު ދޫކޮށްލީ މައިރާ އާދޭސް ކުރިވަރުންނެވެ. ކުއްލިއަކަށް ކާރުގެ ވިންޑްސްކްރީނާއި ފުރާޅުމައްޗަށް ވާރޭގެ ބޮޑެތި ތިކިތައް މެދުކެނޑުމެއްނެތި ހަމަލާދޭން ފެށުމުން ދުރު ފުސްގަނޑެއްހެން ފެންނަންފެށިއެވެ. ވާރޭބޯކޮށްލިކަމެއްވެސް ރެޔާންއަކަށް ނޭގުނެވެ. އެކިމަޖާ ވާހަކަތަކެއް ދެކެވެމުން ދިޔައިރު ރެޔާންގެ ސަމާލުކަން މަގަށްވުރެވެސް ބޮޑަށް ހުއްޓިފައިވަނީ މައިރާގެ ރީތިކަމަށެވެ. މައިރާގެ ވާހަކަތަކަށެވެ. އެ ލޯބި ހިނިތުންވުންތަކަށެވެ. ހުރިހާ ދުވަހަކަށްވުރެ މޫނު އޮމާންވެފައި، ރީތިހެން ރެޔާންއަށް ހީވިއެވެ. ކުއްލިއަކަށް އެހެންލާފައި ބާރަށް އައި ލޮރީ އައީ ސީދާ އެމީހުންނާއި ދިމާލަށެވެ. ހީވީ އެއައިގޮތަށް އައިސް ރެޔާންއިން ފަޅީގައި ޖައްސާލަފާނެހެންނެވެ. މައިރާއަށް ޚިޔާލުކުރެވުނީ އެކަނި ރެޔާން އާއި ދޭތެރޭގައެވެ. މައިރާ އެސިކުންތުކޮޅުގެތެރޭގައި ހުންގާނު އަނބުރާލުމުން ލޮރީއިން ޖެހުނީ މައިރާއިން ފަޅީގައެވެ. ދަގަނޑުތައް ޖެހިގެންދިޔަ ބާރުއަޑުފަށްގަނޑު ވާރޭގެ އަޑުވެސް އިރުކޮޅަކަށް ބަންދުކުރުވިއެވެ.

ރެޔާންއަށް މައިރާގެ ގައިގާ ހިފައިގަނެވުނުއިރު އޭނަގެ ސިކުނޑި ގޮވައި އެތިކޮޅުތަކަށް ބުރައިގެން ދިޔަހެން ހީވިއެވެ. ހިތްވެސް ސިކުންތުކޮޅަކަށް ހުއްޓުނުހެންހީވިއެވެ. ރެޔާން މައިރާ އަތުތެރެއަށްލާން މަސައްކަތްކުރަމުން ދިޔައިރު މައިރާ މަޑުމަޑުން ތަދުވާވާހަކަ ބުންޏެވެ. މައިރާއަށް ރަގަޅަށް ނޭވާނުލެވެއެވެ. މައިރާއަޅައިގެން ހުރި ޝޯލް ކަންފަތާއި ދިމާލުން ރަތްވަމުން ދާތަންވެސް ރެޔާންއަށް ފެނުނެވެ. 

"ކީއްތިކުރީ....." ރެޔާން އަސަރާއިއެކީގައި އެހެންބުނެލިއިރު އޭނަގެ މޫނުމަތިން ފެނުނީ ހިތްހަލާކުވާފަދަ މޮޅިވެރި އަސަރުތަކެވެ. ރެޔާންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަންފެށިއެވެ. އޭރު އެތަނަށް މީހުން އެއްވާންފެށިއެވެ. ކޮންމެވެސް މީހަކު އެމްބިއުލެންސަށްވެސް ގުޅައިފިއެވެ. މައިރާގެ ގަނޑުފެންކޮޅެއްފަދަ ފިނިއަތުން ރެޔާންގެ އަތަށް ބާރުކޮށްލިއެވެ. އަނެއްއަތުން ރެޔާންގެ ދެލޮލުގައިވާ ކަރުނަތައް ފޮހެލަމުން ނުރޯށޭ ބުނެލިއިރު މައިރާގެ ލޮލުގައިވެސް ބޮޑެތި ކަރުނަ ތިކިތަކެއް ވެއެވެ. ނަމަވެސް މައިރާ ކަރުނައިގެ ތެރެއިންވެސް ހިނިތުންވާން މަސައްކަތްކުރިއެވެ.

"އަހަރެންގެ ފުރާނަޔާ. އަހަރެން ދޫކޮށްލާފައި ދާންތިއުޅެނީ ކީއްވެތަ؟ އަހަރެން ކިހިނެއް ދުނިޔޭގައި އުޅޭނީ؟ ބުނެބަލަ. ލޯ ހުޅުވަބަލަ. އަހަރެންގެ މޭއި. ޕްލީޒް. ލޯހުޅުވަބަލަ. މޭއިއަށް އެއްވެސްކަމެއްނުވާނެ. މުޅިން ރަގަޅުވާނެ....." ރެޔާން މައިރާގެ މޫނުގެ އެތަންމިތާގައި ބޮސްދެމުން ބުނެލީ ހިތްކުދިކުދިވާފަދަ އަސަރާއެކުގައެވެ. މައިރާވެސް ފުސްވަމުންދިޔަ ރީތިދެލޮލުގެ އެސްފިޔަތައް ގަދަކަމުންވެސް އުފުލަން މަސައްކަތްކުރަމުން ދިޔައީ އެންމެ ފަހު ފަހަރަށްވެސް އޭނަގެ ފުރާނަފަދަ ލޯބިވާ ފިރިމީހާގެ މޫނު ދެކެލުމުގެ ބޭނުމުގައެވެ. ލޯބިވެރިޔާގެ އެންމެ ފަހުގެ އާދޭސްތައް މައިރާއަށް އިވެމުންދިޔައީ މަޑުމަޑުންނެވެ. އަދި އެކަރުނަތަކުން މައިރާގެ ހިތަށްވެސް އުދަގޫވިއެވެ. އެކަމަކު މައިރާއަށް ހީވަނީ ނިދެމުންދާހެންނެވެ. ރެޔާންގެ މޫނު މަޑުމަޑުން ފުސްވަމުންދާންފެށިއެވެ.

"ރެއިން.. އަހަރެންނަށް ނުފެނޭ. އަދިވެސް ކާރިކޮށްލަދީބަލަ. އެންމެ ފަހުފަހަރަށްވެސް ދެކެން ބޭނުމީ. މޭއި ބިރުގަނޭ. ބޭނުމެއްނޫން ރެއިން ދޫކޮށްލާފައިދާކަށް. ރެއިން އެކަނިވެރިވާނެ. ރެއިން ކީއްވެތަ މޭއިއަށް ނުފެންނަނީ....." މައިރާ އުދަގޫގޮތަކަށް ވާހަކަދައްކަން މަސައްކަތްކުރިއެވެ. އެންމެފަހު ފަހަރަށް ލޯމަރާލާއިރުވެސް މައިރާ ދެކެން ބޭނުންވި ސޫރައަކީ އެއީއެވެ. މައިރާ ރެޔާންގެ ކަނދުރާގައި އަތްއަޅުވާލިއިރު އެއަތް ހީވީ ހޯލިކޮޅެއްހެންނެވެ. އެއްވެސް ބާރެއްނެތެވެ. އެހާބޮޑަށް ފިންޏެވެ. ރެޔާން އަދިވެސް ބޮޑަށް މައިރާގެ މޫނުކާރިކޮށްލިއެވެ. އެންމެ އިންޗެއްގެ ދުރުމިންވެސް ނުވާހާ ކާރިއަށެވެ. މައިރާގެ ޚަބަރު ހުސްވަމުންދާ ކަން އެގުނުވަގުތުވެސް ރެޔާން ހެއްދެވިފަރާތަށް އާދޭހާއިއެކު ދުޢާކުރިއެވެ. އެންމެ ފަހު ޖުމްލައަކަށް މައިރާ ބުނެލީ ބޭބީމެން ސަލާމަތްކޮށް ދިނުމަށާއި، ރެޔާން ކެތްކުރުމަށެވެ. އަދި މައިރާ ރެޔާންދެކެ އިންތިހާއަށް ލޯބިވާކަމަށާއި، އަބަދަށް ރެޔާންއާއިއެކީގައި ވާނެކަމަށެވެ. އެންމެ ފަހުން ރެޔާންއާއި މައިރާގެ ހަތަރުކަޅި ހަމަވިވަގުތު ރެޔާންގެ ހިތް ފަޅިފަޅިވެ ލޭއޮހޮރިގަތްހެން ހީވިއެވެ. ކެތްކުރަން އުޅުނުވަރަކަށް ބާރަށް ރޮވެމުންދިޔައެވެ. ގޮތްހުސްވެފައިވާފަދަ ގޮތަކަށް އޭނައަށް އިރުކޮޅަކަށް މައިރާއަށް ބަލަހައްޓައިގެން އިދެވުނެވެ. ދެން މައިރާގެ ލޯ މެރުނެވެ. އެވަގުތު އެމްބިއުލެންސްވެސް އައެވެ.

ރެޔާންގެ އުއްމީދުގެ ހުޅުކޮޅު ނިވެމުން ދިޔައީއެވެ. މައިރާ ތިއޭޓަރަށް ވެއްދިއިރުވެސް ބިއްލޫރި ސްތެޗޫއެއްހެން ގުޑިވެސް ނުލައި ރެޔާން ފާރަށް ލެނގިލައިގެން ހުއްޓެވެ. މައިރާގެ ކުދިން ސަލާމަތްކުރެވުނުނަމަވެސް މައިރާ ކޯމާއަކަށް ދިޔަ ޚަބަރު ލިބުމުން ހީވީ ރެޔާންގެ ހަޔާތް އަނދިރިވެގެން ދިޔަހެންނެވެ. އޭނަގެ ދުނިޔެ ފުނޑުފުނޑުވެ ހުރިހާ އުފާތައް ނިމުމަކަށް އައީއެވެ. 

ރެޔާން މައިރާ ހަދިޔާކުރި ހުރިހާ އެއްޗެހި އަލަމާރީގައި ތަރުތީބުން ބެހެއްޓިއިރު، އެންމެ ޚާއްސަ ސަމާލުކަމެއްދިނީ މައިރާ ދިން ބިއްލޫރި ފިނިފެންމަލަށެވެ. އެމަލުގައި ލޯބި އިބާރާތްކޮޅެއް ލިޔެފައިވެއެވެ. އެއީ މައިރާގެ ހިތްކަމަށާއި، ދުވަހަކުވެސް ކޫރުމެއް އެޅުނަނުދޭން ރެޔާންގާތުގައި މައިރާ ބުނި ހަދާންވިއެވެ. އެ މަލުގައި ބޮސްދިންއިރު ރެޔާން ފެންކަޅިވިއެވެ. އަދި މައިރާގެ ޑައިރީ ކިޔާފައިވެސް ރެޔާންގެ ލޮލުން ހޯސްލާފައި ކަރުނައޮހިގަތެވެ. އެންމެ ފަހުގެ ލިޔުންތަކުން ހީވަނީ މައިރާއަށް އޭނަ ރެޔާންއާއި ވަކިވާންޖެހިދާނެހެން ހީވާހެންނެވެ. އޭނަދެކެ ލޯބިވާވަރު އެތައް ފަހަރެއްގެ މަތިން، އެކިގޮތްގޮތަށް ބުނެދީފައިވާއިރު އޭނައަށް ފަހަރެއްގައި ދެރަގޮތެއްވި ދުވަހަކުންވެސް އެމީހުންގެ ލޯބީގެ ނިޝާންކަމަށްވާ ދެކުދިންނަށްޓަކައި ރެޔާން ދިރިހުރިޔަދިނުމަށް އާދޭސްކޮށްފައިވެއެވެ. ވަށައިގެން ފެންނަ ކޮންމެ އެއްޗެއް ހަދާން ކޮށްދެނީ މައިރާއެވެ. އެރީތިކަމެވެ. އެ ފޮނި އަޑު ތާއަބަދު ކަންފަތުގައި ހަރުލާފައިވާހެން ހީވެއެވެ. އެ ނާޒުކް އަތުގެ ބީހިލުމާއި އެލޯބި އަދާތަކާއި ރެޔާންދެކެ ވީ މަތިވެރި ލޯބި ހަދާންވުމުން ރެޔާންގެ ހިތް އެދުވަސްތަކަށްޓަކައި ތެޅިފޮޅިގަނެއެވެ. އެ ހަދާންތައް އާވާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ އޮހިގަންނަނީ ހިފެހެއްޓުމެއްނެތިއެވެ.

"ރެއިން. އަހަރެން މިއައީ ރެއިންއަށް ހަދިޔާއެއް ހިފައިގެން....." އައިޒާންގެ އަޑުއިވުމުން ރެޔާން މައިރާގެ އެއްޗެހި އަލަމާރީގައި ބެހެއްޓުމަށްފަހު އެނބުރުނެވެ. ގަދަކަމުން ހިނިތުންވެލިއެވެ. ނަމަވެސް އެ ރީތިދެލޮލުގައިވާ ދާއިމީ ރިހުން އައިޒާންއަކަށް ނުފޮރުވުނެވެ. ދެން ދުވަހަކުވެސް ރެޔާންގެ ހަޔާތަށް އަލިކަމެއް ލިބޭނެކަމެއް ނޭގެއެވެ. އައިޒާން ހުންނަނީ އިހުސާސްތައް ފިނިކޮށްލައިގެން، އެހެންމީހުންގެ ކުރިމަތީގައި ނެތްހިތްވަރެއް ދައްކައިގެންނެވެ. އޭނައަށް ފާޅުގައި މައިރާގެ ވަކިވުމުގެ ހިތާމަނުކުރެވޭނެތީއެވެ. ނަމަވެސް އައިޒާންގެ ހިތުގެ ހާލު ދެނެވޮޑިގެންވަނީ އެންމެ ފަރާތެކެވެ. އެހިތުގެ ކެކުޅުމާއި ވޭންވެސް ބޮޑެވެ. އޭނަ ހިމޭންކަމާއިއެކު ކަރުނަ އޮއްސައެވެ. އެހިތުގެ މަލިކާ ކަމުގައިވި، ހަނދެއްފަދަ މައިރާގެ ހަދާންތަކުގައި ކޮންމެ ދުވަހެއް ވޭތުކޮށްލައެވެ. ބައެއްފަހަރު އަމިއްލަ ނަފުސްވެސް ކުށްވެރިކުރެވެއެވެ. މައިރާ ވަކިވެގެންދިޔައީ އޭނަ ވީ "ހުއްދަނޫން" ލޯބީގެ ސަބަބުން ކަމަށްވެސް ގަބޫލުކުރެވުނީއެވެ. ނަމަވެސް ރެޔާން މާބޮޑަށް މައިރާދެކެ ލޯބިވާކަމަށް މިއަދު އައިޒާންވެސް ގަބޫލުކުރިއެވެ. 

"ބިއުޓިފުލް...." ރެޔާން އައިޒާން ދިއްކޮށްލި މައިރާގެ ބޮޑު ތަސްވީރު ފާރުގައި ތަތްކުރިއެވެ. އެއީ އައިޒާން ކުރަހާފައިވާ މައިރާގެ ރީތި ތަސްވީރެކެވެ. ހީވަނީ ހިނިތުންވެލާފައި އެއްޗެކޭ ބުނެފާނެހެންނެވެ. އެ ރީތިދެލޮލުގެ މައުސޫމްކަމާއި، ވިދުންގަދަކަމުން ތަސްވީރެކޭ ބުނެވޭވަރެއްވެސް ނޫނެވެ. "ތެންކިއު ބްރޯ" ރެޔާން ކަރުނަތަކުގެ ތެރެއިން ހިނިތުންވެލިއެވެ. އައިޒާން ރެޔާންގެ ގައިގާ ބައްދާލާފައި ނިތްކުރީގައި ބޮސްދެމުން ހިތްވަރުކުރަން އަނެއްކާވެސް އެދުނެވެ.

"މޭއިގެ ހުރިހާއެއްޗެއްވާން ޖެހޭނީ ރެއިންގެ މިލްކަކަށް. ހުރިހާ ހަދާންތަކެއްވެސް. ބްރޯ. ބީ ސްޓްރޯންގް އިނގޭ. ރެއިންގެ ކުދިންކޮޅަށްޓަކައިވެސް ހިތްވަރުކުރަންޖެހޭނެ. މޭއި އަބަދުވެސް އެންމެންގެ ހިތްތަކުގައިވާނެ. ޝީ ވޯޒްލައިކް އެން އެންޖެލް. އިންސާނުންގެތެރޭގައި މަލާއިކަތުން އުޅޭކަމަށް ވަންޏާ މޭއި އަކީ އެކެއް....." އައިޒާން އާއި ރެޔާން އެކީގައި ކޮފީބުޔެވެ. އެކަމަކު މައިރާގެ ވާހަކަ އިތުރަކަށް ނުދައްކައެވެ. ކޮންމެވެސް ހިސާބަކުން ރެޔާން އަދި އައިޒާންއަށްވެސް "މައިރާ" އެ މައުޟޫއަށް ވާހަކަދައްކަން ފަސްޖެހުނީއެވެ. ދެހިތުގައިވެސް ލޯބިވާކަމުންނެވެ. އައިޒާންވެސް ކިތަންމެ ނޯމަލްކޮށް އެވާހަކަދައްކަން އުޅުނަސް، އުދަގޫވިވަރުންނެވެ. ޒިޔާމާ އާއި އީޝަލް ކުދިންކޮޅު އުރާލައިގެން އައުމުން ރެޔާން ބަލާލީ ލޯބިންފުރިގެންވާ ނަޒަރަކުންނެވެ. ރެޔާންއާއި މައިރާއަށް ލިބިފައިވާ އެއްމާބަނޑު ދެކުދިންނަކީ ދެ ޖިންސްގެ ކުދިންނެވެ. އެކަމަކު ރެޔާން އާއި އައިޒާން ފަދައިން ސިފަ ތަފާތެވެ. އަންހެންކުއްޖާގެ ވަނީ އަޅިދެލޮލާއި، ކަޅުއިސްތަށިގަނޑެކެވެ. ފިރިހެންކުއްޖާގެ ކަޅުދެލޮލާއި، މުށި އިސްތަށިގަނޑެކެވެ. ޢަދަންއަށްވުރެ އެކުދިންގެ ނާދިރު ސިފަތައް އެކުވެފައިވާތީ، ތަފާތު ރީތިކަމެއްލިބިފައިވެއެވެ. އެހާކުޑައިރުވެސް އެންމެން ފިދާވަނީއެވެ. ގުރުބާންވަނީއެވެ. އެކުދިންނަށް އެންމެންގެ ފަރާތުން ލިބެމުންދަނީ ހިފެހެއްޓުމެއްނެތް ލޯތްބާއި އަޅާލުމެވެ. ރާދާ، ޒިޔާމާ، އަޔާނާ އަދި އީޝަލްވެސް ތިބެނީ އެކުދިންގެ މަންމައިންނަށް ވެގެންނެވެ. އަޔާނާ އާއި އީޝަލްގެ ބޭބީމެންވެސް އެކުދިންނާއިއެކީގައި ބޮޑުވަމުން އައީ އެހާ އުފާވެރިކޮށެވެ.

ލެވެންޑާ ކޮޓެޖަށް އުފާވެރިކަން ގެނެސްދިނީ ފަރުޒާން، ރެޔާން އަދި އައިޒާންގެ ލޯބިކުދިންކޮޅެވެ. އެކުދިންގެ ތުއްތު ހުނުމާއި، ލޯބި ޅަ އަޑުތަކާއި، ކުދި ފިޔަވަޅުތަކުން އެއާއިލާގެ އެހެން މެމްބަރުންގެ ހިތްތަކުގައިވާ ޒަޚަމްތަކަށް ޝިފާއަކަށްވިއެވެ. މަޑުމަޑުންގޮސް މާޒީހަދާންނައްތާލާފައި ފިޔަވަޅުތައް ކުރިއަށް ނަގަންފެށުނެވެ. މާޒީގައި ހިފަހައްޓައިގެން އަބަދުގެ އަބަދަށް ތިބޭކަށް އިލާހީގާނޫނުވެސް ތަނެއްނުދެއެވެ. އިންސާނުންގެ ނިމުމެއްނެތް ޙަޔާތުގައި، ހިދުކޮޅަކަށް ޓޫރިސްޓެއްގެ ގޮތުން ދުނިޔޭގައި ދުވަސްކޮޅެއް ހޭދަކުރިޔަސް އެންމެންގެ ދާއިމީ ގޮވަތްޗަކީ މިއީ ނޫންކަމަށް ގަބޫލުކުރަންވެސް ޖެހިފައިވާތީއެވެ.

ފަސޭހަނުވާނެ ޒަޚަމެއްލެވުނީ އެކަނި ރެޔާންގެ ހިތުގައެވެ. އެކަމަކު އާއިލާގެ އެހެންމީހުންނަށްޓަކައި ރެޔާންވެސް ބޭރުފުށުން ހިނިތުންވެލައި އެހެންމީހުންނަށް ވަގުތުތައްދިނެވެ. އެކަމަކު އޭނަގެ ހިތް އެގޭނީކާކަށްހެއްޔެވެ؟ އަމިއްލަ ނަފުސް ކުށްވެރިވެފައިވާކަން އޭނަގެ އެންމެ ގާތްއެކުވެރިޔާ އަދި ކޮއްކޮ އައިޒާންއަކަށްވެސް ރޭކާނުލާނެއެވެ. 

ދުވަސްތައް މާޒީއާއިއެކުވަމުންގޮސް މައިރާ އެކްސިޑެންޓުވިތާ އަހަރެއް ފާއިތުވެގެން ހިގައްޖެއެވެ. ރެޔާން ކާރުމަޑުކޮށްލާފައި ފޭބިއެވެ. ނޫ ޖިންސަކާއި ކަޅުކުލައިގެ ޓީޝާޓެއްގައި ރެޔާންފެންނަނީ ހިތާމައިގެ ރީތި ތަސްވީރެއްހެންނެވެ. ނާކިސަސްވެސް ހަސަދަވެރިވާނެފަދަ ރީތިކަމަކާއި، ފިރިހެންވަންތަކަމެއް ރެޔާންއަށް ލިބިފައިވެއެވެ. ޚާއްސަކޮށް އެދެލޮލުގައިވާ އަސަރުތަކުން ކޮންމެމީހަކުވެސް އެދެލޮލަށް ގަންބާލާނެއެވެ. ރެޔާންގެ ދެލޮލުގައިވާ ރިހުންތައް ދުނިޔެއަށް ފޮރުވަން އަރްމާނީ އެކްސްޗޭންޖު އަވިއައިނުން ލޯ ފޮރުވާލުމަށްފަހު، ދެކުދިން ދެއަތުން އުރާލައިގެންހުރެ ގޮސް މައިރާގެ މަހާނަކާރީގައި ހުއްޓުނެވެ. ރެޔާންގެ އަންހެންދަރިފުޅު ހުރީ ކުޑަ ސްޓްރައިޕް މިޑީކޮޅަކާއި، ސްޓްރައިޕް ސްޓޮކިން އެއް ލައްވާފައެވެ. ފިރިހެންދަރިފުޅު ހުރީ ޖިންސް ސޯޓުކޮޅަކާއި، ޓީޝާޓެއްގައެވެ. އިރުގެ ފަނޑުއަލީގެ ތެރެއިން އެ ދެކުދިން ހީވަނީ ކުޑަ ދެ ބުދުހެންނެވެ. އެހާ ޅަ ހުނުމެކެވެ. 
"ޑެޑީގެ ކުޑަ އެންޖެލްސް....." ރެޔާން ކުދިންކޮޅުގެ މޫނުގައި ބޮސްދެމުން ހިނިތުންވެލިއިރު ރެޔާންގެ ރީތިދެލޮލުގައި ކަރުނައިގެ އަސަރުވިއެވެ. ކަރުނަތައް ހިންދާލާފައިވެސް އޭނަގެ ލޯބިވާ މައިރާ ދުނިޔެއަށް ދޫކޮށްފައި ދިޔަ ނިޝާންތަކަށްޓަކައި ހިނިތުންނުވެ މިއަދު ރެޔާންކުރާނީ ކީއްހެއްޔެވެ؟ ރެޔާން ދެބެއިން ދުވެލަން ދޫކޮށްލާފައި، ބަލަހައްޓައިގެންހުރިއިރު މައިރާ އާއި ޢަދަންތިބިނަމަ މި އާއިލާ ފުރިހަމަވީހޭ ހިތަށް އެރިފަހަރު މަދެއްނޫނެވެ. ދެބެއިން އެއްވެސް ފިކުރެއް ޚިޔާލެއްނެތި ކުދި ކުދި ފިޔަވަޅުތައް އަޅަމުން އުފަލާއިއެކީގައި ވަގުތު ހޭދަކުރަމުންދިޔައިރު، އެކުދިންގެ ޅަސިކުނޑިތަކަށް ބައްޕަގެ ހިތާމައެއް އިހުސާސްނުކުރެވުނެވެ. ބައްޕަގެ ހިފެހެއްޓުމެއްނެތް ލޯތްބާއި، އަޅާލުމުގެ ސަބަބުން މަންމައެއް ނެތްކަމުގެ އުނިކަން އެކުދިންނަށް ނުފެނުނަސް އެއީ އެކުދިންގެ ދިރިއުޅުމުގައި އުނިވެފައިވާ މުހިންމު ފަރާތެއްކަން އެގެނީ އެކަނި ރެޔާންއަށެވެ. 

ރެޔާން އެތާހުރި ގަހަކަށް ލެނގިލިއެވެ. މާޒީގެ ދުވަސްތައް ހަދާންކުރުމުގައެވެ. އެންމެ ފަހުން ރެޔާންއަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ. އެދުވަހު ކާރުދުއްވަން މައިރާގެ އަތަށް ނުދެވުނުނަމައެވެ. ތަންކޮޅެއް އަމުރުވެރިކަމާއިއެކު ނޫނެކޭ ބުނެވުނުނަމަ މައިރާއަށްވެސް ގޮތްދޫކުރަން މަޖުބޫރުވާނެއެވެ. އޭނައަށް މާބޮޑަށްވެސް ލޯބިވެވުނީއެވެ. މައިރާގެ ކޮންމެ އެދުމެއް ފުރިހަމަކޮށްދެވުނީއެވެ. މައިރާއަށްޓަކައި އޭނަގެ ގޮތްދޫނުކުރުމާއި މިޒާޖުވެސް އެއްފަރާތްކޮށްލެވުނީއެވެ. އެވަރަށް މައިރާގެ ކޮންމެ ކަމަކާއި އަޅާލައި، ސަމާލުކަން ދީ މައިރާގެ ހަށިފާރަވެރިޔެއްގެގޮތުގައި ހިޔަނިފަދައިން އުޅެފައިވެސް އެންމެ ފަހުވަގުތު ފަރުވާކުޑަކޮށްލެވުނީއެވެ. ވިސްނައިނުލެވުނީއެވެ. ކުށްވެރިޔަކީ އޭނައެވެ. އަމިއްލަ ނަފުސަށް އޭނަ ދުވަހަކު މާފެއްނުދޭނެއެވެ. އޭނަވަނީ މާފަށްވުރެ ދުރުގައެވެ.
-ނިމުނީ-

ކޮމެންޓް 0