ޒައިން..."ޒިޔާމާ މަޑުމަޑުން ކިޔާލީ ކާކުގެ ނަމެއްކަމެއް އައިޒާންއަކަށް ނޭގުނެވެ. ނަމަވެސް ޒިޔާމާ ހުރީ ޝޮކެއްގައިކަން އެނގުނެވެ. އޭނަ ހުރީ ދެލޯ ބޮޑުވެ އަނގަހުޅުވިފައެވެ. ފިނިފެންމާ ކުލައަރާފައިވާ މޫނު އިންތިހާއަށް ހުދުވެފައެވެ. ހީވީ އަނބުރައިގެންފާނެހެނެވެ. ޒިޔާމާ ތަނބުގައި ހިފެހެއްޓިއެވެ. ބިރުވެރި ފުރޭތައެއް ފެނުނަސް ޒިޔާމާ އެވަރުވާނެކަމެއް ނޭގެއެވެ. އައިޒާން ވެސް ހުރީ ކަންތައްބޮޑުވެ ހަދާނެގޮތް ހުސްވެފައެވެ. އޭނަ ފެނުމުން ރެޔާންގެ މަންމަ ރުޅިގަދަވިޔަސް އަނބުރައިގަންނަވަރު ވެދާނެ ކަމަކަށް އޭނަ ހީނުކުރެއެވެ. އައިޒާން ވިސްނާލުމަށްފަހު ދާންވެގެން އެނބުރުނެވެ. އެވަގުތު ގަނޑުފެންކޮޅެއްފަދަ ފިނި، މަޑުއަތަކުން އޭނަގެ އަތުގައި ބާރަކަށް ހިފެހެއްޓިއެވެ.
"ދަރިފުޅާ... ބުނެބަލަ.. ނަން ބުނެބަލަ.. ހަމަ ހީވީ ރެޔާންހެން.." ޒިޔާމާ "ދަރިފުޅާ" އޭ ކިޔާލާފައި ގޮވާލިގޮތުން އައިޒާންގެ ގައިން ހީބިހިނަގާފަދަ ގޮތެއްވިއެވެ. އޭނަގެ މަންމަވެސް އެހާ ލޯބިން ގޮވާލި ހަދާނެއް ނުވެއެވެ. އައިޒާންއަށް އެނގުނެވެ. ޒިޔާމާއަށް އޭނައަކީ ކާކުކަން ނޭގުނީއެވެ. އޮޅުނީއެވެ. ރެޔާން އާއި ވައްތަރުވީމަ މައިވަންތަކަން ހިތުގައި އުފެދި، އެހާ ރީތިކޮށް ގޮވާވެސް ލެވުނީއެވެ. ނަމަވެސް ޒިޔާމާއަށް އޭނައަކީ ކާކުކަން އެނގިއްޖެއްޔާ މޫނުމަތީގައި އެތިފަހަރެއް ޖަހާފައި، ސިކުއިރިޓީ އިންނަށް ގޮވާނެކަން ވެސް ޔަގީނެވެ. އެމީހުން މިހާރުވެސް އެތިބީ ފާޑަކަށް ބަލަހައްޓައިގެންނެވެ. ޒިޔާމާގެ އެންމެ އިޝާރާތަކަށް ބަލަބަލައެވެ.
"ރެޔާންގެ އެކުވެރިއެއް...ރެޔާން އާއި މީޓް ކޮށްލަންކަމަށް މިވަނީ.. މިގާޑަން ވަރަށް ރީތި.." އައިޒާން ބުންޏެވެ. ޒިޔާމާ ކަޅިވެސް ޖަހާނުލައި އައިޒާންގެ މޫނަށް ބަލަހައްޓައިގެން ހުރިގޮތުން އައިޒާން ކުޑަކޮށް ރަކިވިއެވެ. މީހަކަށް މި މަންޒަރު ފެނިއްޖެއްޔާ ވިސްނައިގަންނާނެ ގޮތެއްވެސް ނޭގެއެވެ. ޔުނިފޯމުގައި ހުރި ބަޓްލާވެސް އަނގަ ހާވައިގެން ބަލަންހުއްޓެވެ.
"ތެންކިއު ދަރިފުޅާ.. އަދި ޓެރެސްއިން ވިއު މާރީތިވާނެ.. ހުދު ރޯޒް ގާޑަންއަދި ވަކިން ޗާލު... ހިނގާ ބަލާލަން." ޒިޔާމާ އައިޒާންގެ އަތުގައި ހިފާ ދަމަން ފެށުމުން އައިޒާން ގެ ޚިޔާލު ބަދަލުވިއެވެ. މިގެއަށް ވަންނަން ޖެހޭނެއެވެ. ޒިޔާމާއަށް އޭނައަކީ ކާކުކަން އަންގަންވާނެއެވެ. ޒިޔާމާއަށް އެނގުނީމަ ހާދަ މަޖާވާނެތާ އެވެ. ޒިޔާމާގެ މޫނުމައްޗަށް ވެރިވެގެންދާނެ ކުލަވަރުދެކެން އޭނަ ބޭނުމެވެ. ރެޔާންއާއި ދިމާވެއްޖެއްޔާ ވަގުތުން ބޭޒާރުވާނެކަން ވެސް އެނގެއެވެ. ޒިޔާމާ އައިޒާން ގޮވައިގެން ގެއަށް ވަނެވެ. ގޭތެރޭގެ ރީތި ކަމާއި ފިނިކަން އަދި ދުވާ މީރުވަހުން ހީވަނީ ދުނިޔެމަތީގެ ސުވަރުގެހެންނެވެ. ޒިޔާމާމެންގެ އަރާމު ދިރިއުޅުމުގެ ރާޙަތު ވަގުތުތަކަކަށް ނަމަވެސް ލިބިގަންނަން އައިޒާން ބޭނުމެވެ. އޭނަ މިގޭގެ ދޮރުން އެތެރެއަށް މިވަނީ އަމިއްލައަކަށް ނޫނެވެ. ޒިޔާމާ މަޖުބޫރުން ދަމާ ވެއްދުމުންނެވެ.
ސިޑިބަރި ވެސް ވަނީ ރީތި ޑިޒައިންއަކުން ކުރެހުން އެޅިފައެވެ. ހުވަފެނީ ޗާންދަލިޔާތަކެވެތަކެވެ. ޒިޔާމާ އައިޒާން ގެންދިޔައީ އެގޭގެ ޓެރެސްއަށެވެ. އެތަނުގައިވެސް މާވަށިތަކާއި ވެޔޮތަކެވެ. ޓެރެސްގައި ހިފާފައިވަނީ ކޮފީގެ މީރުވަހެވެ. އެތާގައި ކޮފީ ބޯން ތިބި ދެމީހުން ފެނުމާއިއެކު އައިޒާން ހުއްޓުން އެރިއެވެ. ފައިސަލް އާއި ފަރުޒާންއެވެ. އައިޒާންއަށް ވަގުތުން ރެޔާންގެ އާއިލާ އެނގުނެވެ. ކުޑަ ޝޮކެއް ލިބުނެވެ. ހާސްވިވަރުން ގޮސް ވަގުތުން ނިތްކުރީގައި ދާތިކިތައް ވިދަން ފެށިއެވެ. އޭރުވެސް ޒިޔާމާ އައިޒާންގެ އަތުން ދޫކޮށެއް ނުލައެވެ.
"މިއީ ރެޔާންގެ ފްރެންޑެއް.. އަލަށް ރެޔާންގެ އެކުވެރިއަކު ގެއަށްގެނައިމަ ކޮފީދޭންވާނެއްނު...އަވަހަށް ބީރައްޓެހިނުވެ އިށީދެބަލަ.." ޒިޔާމާ އައިޒާންއަށް ދިނީ އަމިއްލަ ދަރިއަކަށްވެސް ދޭނެފަދަ މައިވަންތަކަމުގެ ލޯތްބާއި ކުލުނުން ފުރިގެންވާ ހިނިތުންވުމެކެވެ. އައިޒާން އަތުގައި ހިފާ ސޯފާގައި ބައިންދަން އުޅުނެވެ. މިއިން ޒަމާނެއްގައިވެސް ޒިޔާމާގެ މޫނުމަތިން އެހާ ކަމަކާއި ޝައުގުވެރިވެފައި ހުރިފަދަ ކުލަތަކެއް ފެނިފައެއް ނުވެއެވެ. ފަރުޒާން ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. ފައިސަލް ވަގުތުން ތެދުވެގެން ހިންގަވައިގަތީ އައިޒާން ހުރިތަނެއްގައި ހުންނަން ބޭނުންނުވާފަދަ ނަޒަރަކުން ބައްލަވާލެއްވުމަށްފަހުގަ އެވެ.
ޒިޔާމާ މަގަކަށް ކޮފީ އެޅިއިރު އަތް ތުރުތުރުލަމުން ދިޔަކަން ފަރުޒާންއަށް ފާހަގަކުރެވުނެވެ. މަންމަ އުޅެމުންދިޔައީ ފުރާވަރުގެ އަންހެންކުއްޖަކު ހިތްކިޔައިގެން އުޅޭ މީހެއްގެ ގާތުގައި އުޅޭނެފަދަ ހާސްކަމަކާއި ފޯރިއަކާއެކީގަ އެވެ. ޒިޔާމާއަށް ލިބިފައިވާ އުފަލެއްގެ ބޮޑުކަމުން ފަރުޒާންއާއި ވެސް އަނގައިން ނުބުނެ އައިޒާން އާއި ވާހަކަތައް ދައްކަމުން ދިޔައެވެ. ކޮފީ މޭޒުގައިވާ ހެދިކާތަކުގެ ނަން ކިޔާދީ ހުރިހާ އެއްޗެއް ކާރިކޮށްލަދެމުން ދިޔައެވެ. މިއަދު މިގޭގައި ހަދާފައިވަނީ މުޅިންވެސް އެމެރިކަން އެއްޗެހި ކަމަށް ޒިޔާމާ ބުނެލިއެވެ. ޒިޔާމާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ އައިޒާންއަށެވެ.
"ރެޔާން ގާތު ނުވެސް ބުނެ މިއާދެވުނީ.. އިންވައިޓް ނުކުރަނީސް ނުރަސްމީކޮށް ހަމަ އާދެވުނީ.. ވެދާނެ މިގޭގައި ދަމާބާރެއް ހުރީމަ ކަމަށް..." އައިޒާން ކުޑަ ގޮތަކަށް ފަރުޒާންއަށް ބަލާލުމަށްފަހު ސޯފާގައި ހަމަޖެހިލި އެވެ.
"ބާމިއުޑާ ޓްރޭންގަލް ގޮތަށް ދޯ.. މިކުއްޖާގަނޑުވެސް ހާދަލާނެތޭ.."ޒިޔާމާ މިއިން ދުވަހަކު ނުހޭވަރަށް ހެމުން އައިޒާންގެ އަތުގައިޖަހާލި އެވެ. އައިޒާން އަނެއްކާވެސް އަހާލީ ރެޔާން ލަސްވާތީ އެވާހަކައެވެ. ރެޔާންއަށް މިސްޑްކޯލެއް ވެސް ދިނެވެ.
"ރެޔާން މިހާރު ބީރައްޓެހިވެގެން އުޅޭ ދުވަސްކޮޅެއް... އެންމެން ކޮފީ ބޮއި ނިމުނީމަ ރެޔާން އަށް އާދެވެނީ... ބިޒީކުއްޖެއް.. އެނގޭތަ؟ މި ދިގު އިސްތަށިގަނޑު ކުރުކޮށްކޮށާލީމަ އަދި ރެޔާން އާއި ނިކަން ވައްތަރުވާނެ..."ޒިޔާމާ އައިޒާންއަށް ބަލަހައްޓައިގެން އިނީ އަޖައިބެއްފަދަ ނަޒަރަކުންނެވެ.
"އޮފީސްކުދިން އެހެން ބުނީމަ ގަބޫލެއް ނުވެސް ކުރަން.. އަދި ވަރަށް އޮޅުވާލައޭ ފަހަތުން ފެނުނީމަ...ވެދާނެ އިސްކޮޅުން އެއްވަރުވީމަ ކަމަށް.."އައިޒާން އެވަގުތު ރެޔާންވެސް އެތަނަށް އައެވެ. މި ގަޑީގައިވެސް އޭނަ ފެންނަނީ ރަސްމީކޮށެވެ. ސީރިޔަސް ބަލާލުމެކެވެ. އައިޒާން ފެނުމުން މިއަދު ހިތްހަމަ ނުޖެހުނުކަން އޭނަގެ މޫނުމަތިން އެނގުނެވެ. އެ ހިތްހަމަނުޖެހުން ދެން ބަދަލުވެގެން ދިޔައީ ޙައިރާން ކަމަކަށެވެ. ފުރަތަމަ ހީކުރެވުނީ ހޭލާހުއްޓާ ހުވަފެނެއް ފެންނަނީ ކަމަށެވެ. އޭނަގެ މަންމަ އައިޒާންއާއި މިހާ އެކުވެރިކޮށް ވާހަކަ ދައްކާތަން ފެނުމުން އޭނަ އަންތަރީސްވިއެވެ. ފަރުޒާން ވެސް ކޮފީތަށި ހުސްކޮށްލާފައި އެތަނުން ދަމުން ރެޔާންގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ.
ރެޔާންއަށް އެނގުނެވެ. މަންމައަށް އޮޅުނީއެވެ. އައިޒާން އަކީ ކާކުކަން އެނގޭނަމަ މިހާ ލޯބިން ޚިދުމަތްކޮށްދޭނެހެނެއް ހިޔެއް ނުވެއެވެ. އެކަމަކު މަންމަ އުޅޭގޮތުން ރެޔާން ލަދުގަންނަން ފެށިއެވެ. އައިޒާންއަށް ބަލަނީ މާވަރަކަށެވެ. އިރުއިރުކޮޅާ އަތުގައި ހިފާލައެވެ. އައިޒާންއަކީ ރީތި ޒުވާނެކެވެ. ނަމަވެސް ރެޔާން އާއި އެއް ޢުމުރުގެ ފިރިހެންކުއްޖަކަށް މަންމަ ހިތްކިޔައިގެން ވާނެ ކަމަކަށް ރެޔާން ގަބޫލެއް ނުކުރެއެވެ. އަނެއްކާ ބައްޕަމެންނަށް ނޭނގުނަސް މަންމަގެ ނަފްސާނީ މައްސަލަ ބޮޑުވެ މީހުން ވަކިކުރަން ނޭގޭ ހިސާބަށް ކުއްލިއަކަށް ދިޔައީކަމަށް ވެދާނެއެވެ.
"ޒާން... މައިރާ ނުގެނައީ ކީއްވެތަ؟ މައިރާގެ ފިރިމީހާވީމަ ދެން ފެމިލީވެސް ވީނު ދޯ.."ރެޔާން އިށީނީ އެއްފަރާތުގައި ވަކިން ހުރި ސޯފާގައެވެ. ޒިޔާމާ ކުއްލިއަކަށް ހައިރާން ކަމާއިއެކު ރެޔާން އަދި އައިޒާންގެ މޫނަށް ބަލާލައިފިއެވެ.
"ދަރިފުޅާ... ކީކޭތަ؟ ޒާން އޭ... މިއީ މައިރާގެ ފިރިމީހާ އައިޒާންތަ؟" ޒިޔާމާ އަނގަމަތީގައި އަތް އެޅި ގޮތުން ހީވީ ބިޗުލެއް ކަށި ޖެހިހެންނެވެ. ޝޮކެއް ލިބުނެވެ. ޒިޔާމާގެ މޫނަށް ވެރިވި ކުލަވަރުތަކުން އައިޒާން އަވަހަށް ސޯފާއިން ތެދުވެއްޖެއެވެ. އޭނަ ހީކުރީ ޒިޔާމާ އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލާނެ ކަމަށެވެ. ކޮފީމަގު މޫނަށް ހޫރާލާނެ ކަމުގައެވެ. ރުޅި ގަދަވެގެން ޒިޔާމާ މޮޔަވާނެ ކަމުގައެވެ. ނަމަވެސް އައިޒާން ހީކުރިފަދަ ގޮތަކަށް ނުވިއެވެ. ރެޔާންވެސް ޔަގީންކުރީ މަންމަ ރުޅި އިސްކުރާނެ ކަމުގައެވެ. ވަގުތުން އައިޒާން މިގެއިން ނިކުންނަން އަންގާނެ ކަމުގައެވެ. މިއަދު މެންދުރު ކެއުމުގައިވެސް މަންމަވަނީ އައިޒާންގެ ވާހަކަތައް ވަރަށް ހަރުކަށިކޮށް ދައްކާފައެވެ. އައިޒާންއަށް ކުޑަކޮށްވެސް މަންމަ ހެޔޮ އެދޭހެނެއް ހިޔެއްނުވެއެވެ. ޔަގީނުންވެސް މިވަގުތާއި ހަމަޔަށް އައިޒާންއަކީ މަންމަގެ ދުޝްމަނެކެވެ.
"މިއީ އައިޒާންތަ؟ މަންމައަކަށް ނުވެސް އެނގުނު.. މައިރާ އާއި ހާދަ ގުޅެޔޭ.. އެހެންވިއްޔާ ކުރީ ދުވަހު އެޕާޓްމެންޓް ކައިރިން މަންމައާއި ދިމާވި އިސްތަށިގަނޑު ޑައިކޮށްލާފައި ހުރި ކުއްޖާއަކީ ކާކުތަ؟. ނަސީބެއްނު މިއީ ޒާންއަށް ވިކަން.. ޒާން ފެނުނީމަ ވަގުތުން އެނގިއްޖެ އެބައުޅޭ މިބައުޅޭ ކުއްޖެއް ނޫންކަން.. ހަރުދަނާ ކުއްޖެއްކަން.. މައިރާގެ ހޮވުން ފުރިހަމަ.. ހަމައެއްވަނަ..."ޒިޔާމާ ހިނިތުންވުމަކާއިއެކު ބުންޏެވެ. ޒިޔާމާ އައިޒާންގެ އަތުގައި ހިފާފައި އިށީންނަން އެދުނެވެ. އެ މޫނުމަތިން ނުރުހުމުގެ ކުޑަ ކުލަވަރެއްވެސް ރެޔާންއަކަށް ނުފެނުނެވެ. އައިޒާން ފެނުމުން މަންމަގެ ހިތް ބަދަލުވި ސަބަބަކީ ކޮބާބާވައެވެ. އެއްވެސް މީހެއްގެ މޫނުމަތީގައި ރަގަޅުމީހެކޭ ގޯސްމީހެކޭ ލިޔެވިފައެއް ނުވާނެއެވެ.
"ހޫމް މައިރާގެ ފިރިމީހާވީމަ ދެން މަންމަމެން ޖެހޭނެ ދޯ ފެމިލީ ކަމަށް ގަބޫލު ކުރަން... މައިރާވެސް މިގެއަށް ގެންނަންވާނީ... ވަރަށް އުފާވެއްޖެ ޒާން އާއި ބައްދަލުވެވުނީމަ... ރަގަޅަށް ކައިގެން ދާންވާނީ.."ޒިޔާމާ އައިޒާންގެ ބުރަކަށީގައި ފިރުމާލައިފިއެވެ. ރެޔާން ލަދުގަންނަގޮތްވިއެވެ. މަންމަ އޭނަގެ އެކުވެރިއަކާއި ހިތާވީ ކަމަށް ގަބޫލު ކުރާކަށް ހިތް ބޭނުމެއް ނޫނެވެ. ނަމަވެސް މަންމަ މިއަދު އުޅެނީ މަންމައެއްފަދައިން ނޫނެވެ. އައިޒާން ވެސް ހުރީ އުނދަގޫވެފައިކަން ރެޔާން ދެނެގަތެވެ. ދެމީހުންގެ ހަތަރުކަޅި ސިކުންތުކޮޅަކަށް ބައްދަލުވި އެވެ.
އައިޒާން އަވަހަށް ކޮފީ ބޮއިގެން، ތަނަކަށް ދާން ލަސްވަނީއޭ ބުނުމުންވެސް ޒިޔާމާ ދިޔަނުދޭންވެގެން އުޅުނެވެ. އައިޒާން ބުނީ ވަގުތެއްވީމަ އަދި އަންނާނެ ކަމުގައެވެ. ޒިޔާމާ އައިޒާންއާއިއެކީގައި ގޭޓާއި ހަމަޔަށްވެސް އައެވެ. މަންމަގެ ނަފްސާނީ މައްސަލަ ނޭގުނަސް ވަރަށް ބޮޑަށް ގޯސްވެއްޖެކަން ރެޔާންވެސް ދެނެގަތެވެ. އޭނައަށް ނޭގުނީ ޒިޔާމާ ހަގީގަތުގައި އެބަލިން މުޅިން ފަސޭހަވިކަމެވެ. އަދި އައިޒާންއަކީ އޭނަގެ ކޮއްކޮއެއްކަމެވެ.
ޒިޔާމާ ކޮޓަރިއަށް ވަންގޮތަށް ވުޟޫ ކޮށްލައިގެން ހެއްދެވިފަރާތަށް ޝުކުރުގެ ސަޖިދައެއްކުރިއެވެ. މާތް ﷲއަށް ޙަމްދުކުރިއެވެ. ދަރިފުޅު ފުރިހަމަ ޒުވާނެއްގެ ގޮތުގައި ހުރެގެން ލޮލަށް ފެނުމުގެ ނަސީބު ދެއްވި ކަމަށްޓަކައެވެ. ޒިޔާމާ ރުޔެވެ. އުފަލުންނެވެ. ހިތާމައިންނެވެ. އޭނަގެ ލޯބިވާ ދަރިފުޅަށްޓަކައެވެ. އެދަރިފުޅަށް ކުރެވުނު ބަދު ދުޢާތަކަށްޓަކައެވެ. ކިޔުނު ނުބައި އެއްޗިއްސަށްޓަކައެވެ. އޭނަގެ ދަރިފުޅާއިމެދު ކަންތައްކުރެވުނު އިހާނެތިގޮތުގެ ސަބަބުން އޭނައަށް މިވަނީ ދުވަހަކު ހިތުން ނުފިލާނެ ޒަޚަމްތަކެއް ހިތުގައި ލެވިފައެވެ. ޒިޔާމާ އުޅެއުޅެ ކަރުނަތަކެއް ނުހުއްޓުނެވެ. އެ ދަރިފުޅު ކުރިމަތިން ގެއްލިގެންދާކަށް ބޭނުމެއް ނޫނެވެ. އަބަދު ދެކެލަން ހިތްއެދެނީއެވެ. ފިރުމާލަން ބޭނުންވަނީއެވެ. ނަމަވެސް އެހެން އިންސާނަކަށް މި ސިއްރު އެގިގެން ވާކަށް ނެތެވެ. އޭނަގެ ފިރިމީހާވެސް އޭނައަށް މާފު ނުދޭނެއެވެ. ލޯބިވާ ދަރިފުޅުވެސް އޭނަދެކެ ނަފްރަތުކުރާނެއެވެ. ނަމަވެސް ދަރިފުޅަށް ލޯބިދެވޭނެ އެހެން ވަސީލަތެއް މިއަދު މެދުވެރިވެފައިވެއެވެ.އެއީ ޒިޔާމާ ދެކޭގޮތުގައި އޭނަގެ ކުށުގެ ކައްފާރާއެވެ.

އައިޒާން ދުވަހަކުވެސް މައިރާ ކޮޓަރި ތަޅުލައިގެން ހުއްޓާ ކޮޓަރިއަކަށް ނުވަދެއެވެ. އައިޒާން ފެންވަރަން ނޫނީ ވުޟޫކުރަން ކޮޓަރިއަށް ވަންނާނެ ގަޑި މައިރާ ހިތު ދަހެވެ. އެގަޑީގައި މައިރާ ކޮޓަރި ބަންދެއް ނުކުރެއެވެ. މިއަދުވެސް ފުދޭވަރަކަށް ހޫނެވެ. ކޮޓަރި ތެރެއަށް އިރުގެ އަލިދޯދިތައް ފެތުރިފައިވާއިރު ކޮންމެ ތަނެއް ފެންނަނީ އުޖާލާކޮށެވެ. ނޫރުން ދިއްލާފައިވާފަދައެވެ. އެ ގަދަ އަލީގައި މައިރާ ފެންނަލެއް ވަކިން ރީއްޗެވެ. ފެންވަރާލައިގެން ގައިގާ ރީދޫކުލައިގެ ތުވާއްޔެއް އޮޅާލައިގެން އައިގޮތަށް އެނދުމަތީގައި އިށީދެ ފައިގާ ކްރީމް ލާންފެށި އެވެ. އެވަގުތު އޮޅިގެންވެސް ކުޑަދޮރާއި ދިމާލަށް ބަލާލެވުނެވެ. ހަދާންވީ ކުރިން ހަމަ މިގޮތަށް މައިރާ އިންދާ ރެޔާންއަށް ފެނުނު ދުވަހެވެ. މައިރާ އެސްފިޔަތައް ތިރިކޮށްލިއެވެ.
"އަހަރެމެންގެ ބޭބީއަށް ކިޔާނީ ޖޫލް..."މައިރާ ރެޔާން ގާތުގައި ކުދިންނަށް ކިޔާނެ ނަންތަކަށް ދާންދެން ނިންމި ހަދާންވިއެވެ. އޭރު އެއީ ދެލޯބިވެރިންނެވެ. ކާވެނިކުރަން ހަމަޖައްސާފައި ،ރީތި ހުވަފެންތަކެއް ދެކުނެވެ.ނަމަވެސް މިއަދު އެ ހުވަފެންތަކުން ރެޔާންވަނީ ބާކީ ކުރެވިފައެވެ. މައިރާ ދެ ލޯފޮހެލިއެވެ. ރެޔާން ގެ ހަދާންކޮށްފައި ނުރޮއި ހުރެވޭނެ ދުވަހެއް އޭނަގެ ހަޔާތުގައި އަންނާނެބާވައެވެ.
"ހިތްހަލާކު ކޮށްލައިފި.. މިވަރުވަންޏާ މޮޔަވާނީ.. އެންމެ ފަހުން މަޖުނޫނުއަކަށްވާނީކަން ޔަގީން.. ހިތަށް މަޖުބޫރުކުރާނަން އޭނަ ހަދާންނައްތާލަން... އެންމެފަހުން ޕްރެގްކަން އެނގުނީމަ ހެދީކިހިނެއްތަ؟ ބަދުނާމުވީ ވެސް އަހަރެން.." މައިރާ ދަތްކުޑިވިކާލާފައި ކުޑަދޮރުގެ ތޭރިތަކުގައި ދެއަތުން ތެޅިއެވެ. އަތަށް ތަދުވިއެވެ. ލޮލުން ފެންއައެވެ.
މައިރާ ގާތުގައި ޑޮކްޓަރު ބުނެފައިވަނީ ކެއުމުގެ ބައިގަޑިއިރު ކުރިން ޑޮކްސިނޭޓް ގުޅަ ކެއުމަށެވެ. އެގޮތަށް ބޭސް ކާން ފެށުމުން ހޮޑުލެވެނީ މަދުފަހަރެއްގައެވެ. ބޭސްގުޅައަށް ގަޑި ހަމަކޮށް މައިރާ ބޭރަށް ނުކުމެ ތަރުކާރީ ނޫޑުލްސް ތަށި ހިފައިގެން ގޮސް ސޯފާގައި ޖައްސާލައިފިއެވެ. ސަމީނާ އެގަޑީގައި އޮތީ ނިދާލާފައެވެ. އައިޒާން ދިޔައީ ނަމާދަށެވެ. ސަބީންވެސް ގެއަކު ނޫޅެއެވެ. ޓީވީއިން ދައްކަމުންދާ ޕްރޮގްރާމެއް ބަލަން މައިރާ އިންދާ ބެލް ޖެހުމުން އޭނަ ކަންތައްބޮޑުވިއެވެ. މައިރާ ތަޅުވަޅުން ބޭރުބަލާލިއިރު ދޮރުމަތީގައި ޒިޔާމާ ހުރިތަން ފެނުމުން ހައިރާންވިއެވެ. ގަބޫލު ކުރަން ދަތިވިއެވެ. މައިރާ ދޮރުހުޅުވާލީ ދެފިކުރެއްގެ މަތީގައިހުރެފައެވެ. ޒިޔާމާ ދިއްކޮށްލީ ދެކޮތަޅެވެ. މެންދުރަށް ކެއްކި އެއްޗެހި މައިރާއަށް ނުދީ ކާން ހިތްހަމަ ނުޖެހުނީ ކަމަށް ބުނެފައި ޒިޔާމާ މައިރާގެ އިސްތަށިގަނޑުގައި ފިރުމާލައިފިއެވެ. އޭރު ޒިޔާމާ އެތެރެއަށް ނަޒަރުހިންގާލިގޮތުން ކޮންމެވެސް މީހަކު ދެކެން ބޭނުންވެފައިހުރިކަން އެނގުނެވެ.
"ޒާން ކޮބާތަ؟ "ޒިޔާމާ މަޑުމަޑުންގޮސް ރެކްމަތީގައި ހުރި އައިޒާންގެ ފޮޓޯ ފްރޭމްނެގިއެވެ.
"މިސްކިތަށް ދިޔައީ..."މައިރާ އިނީ ލަދުންނެވެ. ޒިޔާމާ ކުއްލިއަކަށް މާ ރަނގަޅުވެގެން މައިރާގެ ގާތަށް އަނެއްކާ މިއައީ ކީއްވެބާވައެވެ.ކޮންމެވެސް ގޮތަކުން އޭނަގެ ބަނޑުގައިވަނީ ރެޔާންގެ ދަރިއެއްކަން އެނގުނީބާވައެވެ. މާމަ ދަރިފުޅު ބޭނުންވީ ބާވައެވެ. އައިޒާން ފަހަރެއްގައި ރެޔާންގާތުގައި އެވާހަކަ ބުނެފައިވުމަކީ އެކަށީގެންވާ ކަމެކެވެ.
"މޭއި ހިތަށް އަރާނެ ކީއްވެހޭ މަންމަ މިގެއަށް އައީ.. އަސްލު ރުޅިއައިސްގެން ތިބޭކަށް ނުވާނެދޯ... މާމަ ގާތުގައިވެސް ބުނިން ދެން މޭއިއަށް މާފުކޮށްދީފައި އަލުން ގެއަށް ގެންނާށޭ.. ކޮންމެގޮތެއްވިޔަސް އަހަރެމެންގެ ދަރިއަކަށް ޒާންވެސް ވީ.."ޒިޔާމާ "މަންމަ" އޭކިޔައިގެން ވާހަކަ ދެއްކުމުން މައިރާއަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. ޒިޔާމާ ވާހަކަދައްކަމުން ލޯ ފޮހެލައިފިއެވެ. ޒިޔާމާ ޖަޒުބާތީވީއެވެ. މައިރާ އިސްދަށަށް ޖަހާލައިފިއެވެ.
"މާމަގެ ހާލު ރަގަޅުތޯ.. އަޅުގަނޑުވެސް މާމަ މަތިން ވަރަށް ހަދާންވޭ.."މައިރާ ހިތި ހިނިތުންވުމަކާއިއެކު ބުންޏެވެ. ޒިޔާމާ އެގޭގައި އުޅޭ މީހުންގެ ޚަބަރުވެސް އަހާލިއެވެ. މައިރާ ކައި ނިމުމުން ނިދާ ކޮޓަރި ބަލާލަންވެގެންނޭކިޔާފައި އެކޮޓަރިއަށްވެސް ވަނެވެ. ޒިޔާމާ ބޭނުންވީ އާއިލީގެ އަލްބަމް ބަލާލުމަށެވެ. މިގޭމީހުންވެސް ދަސްކުރަންވާނެޔޭ ބުނެލިއެވެ. މައިރާ އަލަމާރި ހުޅުވާފައި އައިޒާން ގެނެސްފައިވާ އަލްބަމްތަކެއް ދިއްކޮށްލައިފިއެވެ. ދެން މައިރާވަނީ ފާޚާނާއަށެވެ. ޒިޔާމާ އަލްބަމް ހުޅުވާލައިފިއެވެ. ފުރަތަމަ ސަފުހާގައިވަނީ އައިޒާންއަށް ދެއަހަރުގެ ފޮޓޯއެކެވެ. ހެދުމެއް ނުލައްވާ ހުރިއިރު އަނގަޔަށް އިނގިލި ލައިގެން މޮޅިވެރިގޮތަކަށް އޮމާން ނުކޮށްވާ ފާރަކަށް ލެނގިލައިގެންނެވެ.އަނެއް ފޮޓޯގައި ފެންނަނީ ރީތި މޫދެކެވެ. އައިޒާން އިނީ ހުދު ޖަންގިޔާކޮޅެއް ލައިގެން ދޮން ވެލިގަނޑާއި ކުޅޭށެވެ. ވަރަށް ހިއްކެވެ. ތިންއަހަރުގެ ފޮޓޯގައި އައިޒާން ހުރީ ހިކިރޮށިކޮޅެއް އަނގައިގާ ޖަހާލައިގެންނެވެ. ޒިޔާމާގެ މައިވަންތަކަމަށް ކެތެއް ނުކުރެވުނެވެ. އޭނަގެ ހިތް ކުދިކުދިވެއްޖެއެވެ. ލޮނު މިރުސް އެޅިއްޖެއެވެ. ހީވީ ހިތް ފަޅަފަޅައިގެން ދިޔަހެންނެވެ. ލޮލުން ކަރުނަ އޮހިގެން ބަންޑުންވާން ފެށުމުން ޒިޔާމާ ބާރުބާރަށް ހިގާލާފައި އެޕާޓްމެންޓުން ނުކުތްއިރު އޭނަހުރީ އެ އަލްބަމް މޭގައި ޖައްސާލައިގެންނެވެ

ކޮމެންޓް 0