ރެޔާންގެ ފަހު ޖުމްލަ ތަންކޮޅެއް ބާރަށް ބުނެލުމާއިއެކު،ރެޔާންގެ ރުޅި މައިތިރިވީ މައިރާގެ މައުސޫމް ސިހުން އެކުލެވިފައިވާ ދެލޯފެނުމުންނެވެ. ލޯބިން ފުރުވާލަދޭން ބޭނުންވިއެވެ. އެހާބާރަށް ހިފުނީތީ އެތައް ފަހަރަކު މާފަށް އެދުނެވެ. ކުށްކުރީ އެހެން މީހެކެވެ. އޭނައަކީ ތަނެއްގެ ވެރިޔަކަށްވީމަ އޭނަ ދަށްކޮށްލާ ދިރިއުޅުން ބަރުބާދުކޮށްލަން އުޅޭ ހަސަދަވެރި މީހެކެވެ. ވީއިރު އޭނަގެ ނުރުހުން ކުށެއްނެތް ލޯބިވެރިޔާއަށް ބޭލުމަކީ އިންސާފެއްނޫނެވެ.
"އަހަރެން އޮފީސް އަންހެންކުދިންނާ އޮންނަނީ ހަމައެކަނި ވެރިޔަކާ ސްޓާފުންނާއި ދެމެދު އޮންނަންޖެހޭ ގުޅުން... އަހަންނަށް ހީވިއޭ މިފަހަކަށް އައިސް އަހަރެން ބަދުނާމުކުރަން މީހަކު މަސައްކަތް ކުރަމުންދާހެން... އެކަމަކު އެމީހަކަށް ކާމިޔާބެއްނުވާނެ... އަހަރެން އެވާހަކަތައް ގަބޫލު ނުކުރާނެ ކަމުގެ ޔަގީންކަން އެންމެބޮޑަށް އޮތްކުއްޖާ ނުހެއްލިބަލަ..."ރެޔާން އެ ވާހަކަ ދެއްކިއިރު އައިޒާންގެ ނަން ހިތަށް އެރި ސަބަބެއް ނޭގުނެވެ. އޭނަ އެހާ ނުލަފާވެދާނެހެއްޔެވެ؟ ލޯބިވެރިޔާ ހާސިލުކުރަން ލޯބިވެރިން ކޮންމެފަދަ އަމަލެއްކޮށްފާނެކަން ރެޔާންވަނީ ތަޖުރިބާކޮށްފައެވެ. ވާރޭ ހުއްޓާލިނަމަވެސް ފަޒާގެ ތެތްކަމާއި، ޖެހެމުންދާ ރޯޅިތަކުގައި ފިނިކަމެއް ހުރުމުން ރެޔާންވެސް ހުރީ އުނދަގޫވެފައެވެ. ދެމީހުން ކިޔަންވީ އެއްޗެއް ނޭގިފައި ތިބިފަދަ ގޮތަކަށް އިރުކޮޅެއްވާންދެން ހިމޭނުން ތިއްބެވެ. ރެޔާން އަށް އެވަގުތު ފާހަގަވީ ތެމިފައިހުރި މައިރާ ރޫރޫ އަޅަމުންދާކަމެވެ
"ފިނިވެފަދޯ... މުޅި ކުއްޖާ ތިއޮތް ރޫރޫއަޅަނީ... ހީފިލުވަދެންތަ؟ "ރެޔާން ކުރިއަށް އެއް ފިޔަވަޅުއެޅިއެވެ. އެ ޖުމްލައިންވެސް މައިރާގެ ގައިގާ ނޭގޭ އިޙުސާސުތަކެއް ހިލުނެވެ.
"ޑޯންޓް ޔޫ ޑެއަރ... އަހަރެން ދެކެ ލޯބިވާމީހެއްނޫން ތީ... އެކްޓް ނުކޮށްބަލަ... ރެޔާންއަކަށް ޓްރަސްޓެއް ނުކުރަން... ރެޔާންއަށްވުރެ އަހަރެން ގެ ގާތުގައި އެ ވާހަކަ ދެއްކި މީހާގެ އިތުބާރު ހިފެވޭ... ސޮރީ ރެޔާން... އަހަރެން ބޭނުން މިރޭ ރަސްމީކޮށް އަހަރެމެންގެ ގުޅުން ކެނޑު ނުވާހަކަ ބުނަން... އެހެންވެ ފެންނަފަށަށް އައީ... އަހަރެން ރެޔާންދެކެ ކުރިން ލޯބިވި... މިހާރަކު ނުވޭ..." މައިރާ ކުޑަކޮށް ނޭފަތް ދަމާލުމަށްފަހު އެހެން ބުނެލިއިރު ހީވީ ހިތް އިރައިގެން ދިޔަހެނެވެ. ހިތުގެ ފުންމިނުން ރޮއިގަނެވުނެވެ. އެއީ މައިރާ ހިތާއިދެކޮޅަށް ބުނެލި ލަފުޒެއް ނަމަވެސް އޭނަ ރެޔާންދެކެ އިންތިހާއަށް ލޯބިވެއެވެ. އެ ހިތުގެ ކޮންމެ ވިންދެއްގައިވަނީ ރެޔާންގެ ނަމެވެ. ނަމަވެސް ހިތާއި ދެކޮޅުވެ އެހިތަށް ގެއްލުންދޭން މައިރާ ބޭނުންވަނީއެވެ.
ރެޔާން އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންވިއެވެ .މައިރާ ހުއްޓުވަން އުފުލާލި އަތްވެސް ތިރިކޮށްލާފައި ގަހަށް ލެނގުނީ ހަށިގަނޑުގެ ބާރު ހުސްވުމުންނެވެ. މައިރާގެ ޖުމްލަތަކުން އެހާބޮޑު ހިތްދަތިކަމެއް ލިބުނެވެ. ވިސްނުމުގެ ބާރުކެނޑުނެވެ. ގަނޑުވެފައިވާ ބުދެއްފަދައިން ހަރަކާތެއްނެތި އެހެން ހުރެވުނީ ކިހާއިރެއްވަންދެންކަމެއްވެސް ނޭގުނެވެ. އަނދިރިކަމުގެތެރޭން ނިކުންނާކަށްވެސް ރެޔާން ބޭނުމެއް ނުވިއެވެ.

މައިރާ ކޮޓަރިއަށް ވަދެ ވަގުތުން ތެތް ހެދުން ބަދަލުކޮށް ސްވެޓާ ފާޑު ހެދުމަކާއި ޖިންސެއްލުމަށްފަހު ކާ ކޮޓަރިއަށް ވަދެ ހޫނު ކޮފީ ތަށްޓެއް ހެދިއެވެ. އޭރުވެސް އޭނަ ގެ އަޅި ދެލޮލުގައި ކުދި ކަރުނަތިކިތައް ވިދަމުން ދިޔައެވެ. ރެޔާންގެ ބޭވަފާތެރިކަމާއި މަކަރުވެރިކަން އޭނަގެ ހިތް ކުދިކުދިކުރަނީއެވެ. މިރޭ އަންވަރު ފޯނު ކުރުމުން އޭނައަށް ޔަގީންކުރެވިއްޖެއެވެ. އަންވަރު އެދުނީ އޭނަގެ ނަން އެއްވެސް މީހެއްގެ ގާތުގައި ނުބުނުމަށެވެ. އޭނަ އެވަރުން މައިރާއަށް އެވާހަކަ ކިޔާދިނީ އޮފީހުގެ އިތުބާރުކުރެވޭ މީހެއްގެ ފަރާތުން އިވުނު ވާހަކަތަކުން ކަމަށާއި މައިރާގެ ދޮންބެ ޝަމާއިލްވެސް، ރެޔާން އާއި ވާހަކަ ދެއްކުން ހުއްޓާލީ އެކަންތައް ބޮޑުވެގެންކަމަށް އަންވަރުވަނީ ބުނެފައެވެ. އަންވަރު އެވާހަކަ މައިރާގާތު ކިޔާދިނީ ހެޔޮއެދޭވަރުން ކަމަށާއި އޭނަ މި ވާހަކަ ދެއްކިކަން އެނގިއްޖެއްޔާ އޭނަގެ ވަޒީފާ ސަލާމަތުން ނޯންނާނެކަމަށް އަންވަރުވަނީ ބުނެފައެވެ. އަމިއްލަ ވަޒީފާވެސް ގުރުބާން ކުރާވަރަށް މައިރާއަށް ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން، ރެޔާންގެ ފޮރުވިފައިވާ އޮފީސްލޯބިތައް ހާމަކޮށްދިނީ ކަމަށް އަންވަރު ބުންޏެވެ. އަންވަރުއަކީ މައިރާ އެއްގޮތަކަށްވެސް އިތުބާރު ކުރާ މީހަކަށް ނުވިނަމަވެސް ދޮންބެ ރެޔާން އާއިގުޅުމެއް ނެތްކަމާއި އަދި ރެޔާން އޭނައާއިދޭތެރޭ ކަންތައް ކުރިގޮތް އަންވަރުގެ ބަހުގެ ތެދުހެއްކަކަށް ފުދެއެވެ. ނަމަވެސް ރެޔާންއަށް ވުރެ އަންވަރުއަށް އިތުބާރު ކުރާކަމަށް ބުނީ ހަމަ ގަސްތުގައި ރެޔާން ދެރަކޮށްލުމަށެވެ.
މައިރާ ކޮރިޑޯއިން ހިގާފައި ދިޔައީ ކޮފީތަށި ހިފައިގެން ހުރެއެވެ. މައިރާއަށް ،މީހަކު ސިޑިބަރި ކާރީގައި ނިވާވެލައިގެން ހުރިތަން ފެނުމުން ބިރުން ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. އެވަގުތު ލޮލުގެ ކޮޅުން އޭނައަށް ފެނުނީ އޭނަގެ ބައްޕަގެ ނިދާކޮޓަރިއަށް މޯނާ ވަދެ ދޮރު ލައްޕާލި މަންޒަރެވެ. އެއާއެކު ސިޑިކާރީ ހުރީ ޝަމާއިލްކަންވެސް އެނގުނެވެ. ޝަމާއިލް އަނދިރީގެ ތެރެއިން ނިކުމެގެން އައިއިރު މޫނުވަނީ ރަތްވެފައެވެ. އޭނަ ބޯ ހޫރާލަމުން ނިތްކުރީގައި ފިރުމާލީ އުނދަގޫވެފައިވާފަދަ ގޮތަކަށެވެ. މައިރާގެ ހިތުގެ ހިނގުންވެސް ހުއްޓުނުހެން ހީވިއެވެ. ހީވީ ކޮންމެވެސް ގޮތަކުން ދުނިޔެވެސް ދައުރުކުރުން މަޑުޖެހިލިހެނެވެ. މައިރާގެ ބޮލުގައި ހިފަހައްޓާލަމުން ހުރިތަނަށް ތިރިވެވުނުއިރު އޭނައަށް ހަމަ ރަގަޅަށްވެސް ރޮއިގަނެވިއްޖެއެވެ. ނަސީބަކުން ކޮފީތަށި ބަންޑުން ނުވެ ބިންމަތީގައި ސިޑި ބަރިމަތީގައި ބެހެއްޓުނެވެ.
"މޭއި...އޭނަ ދިޔައީ އުއްބައްތި ޖަހަން ނޫނީ ކޮފީއެއް ހިފައިގެން...ހަމަޖެހިބަލަ ނިކަން..."ޝަމާއިލް މައިރާގެ ގާތުގައި އެއްކަކޫ ޖައްސާލަމުން މައިރާ މަސަލަސްކުރުނެވެ. ޝަމާއިލް އެހެން ބުނިއިރުވެސް މައިރާއަކީ ކުޑަކުއްޖެއް ނޫންކަމާ ރޭގަނޑު ދަންވަރު ގޭގެ ވެރިމީހާ ކޮޓަރިއަށް އަންހެނަކު ކޮފީދޭން ދާނެކަން މައިރާ ގަބޫލު ނުކުރާނެކަން އެގުނެވެ. މިއީ ޝަމާއިލްއަށް މި މަންޒަރު ފެނުނު ތިންވަނަ ރެއެވެ. ބައްޕަފަދަ ގަދަރުވެރި ޑޮކްޓަރަކު އަންހެނުން ގެންގުޅޭއިރު ރެޔާން މެން ފަދަ ޒުވާނުން ތަނުގެ މުވައްޒަފުންގެ ގަޔަށް އަތްލުމަކީ އަދި ސުމެއްގެ ކަމެކެވެ.
"ދޮންބެ އެމީހާ އެތަނުން ނެރެބަލަ... ހެޔޮނުވާނެ... އެމީހާ ގާތު ބުނޭ މިގެއިންވެސް ނިކުންނާށޭ... މަންމަ ދާންޖެހުނީވެސް އެމީހާގެ ސަބަބުންކަން ޔަގީން..."މައިރާ ރޮވޭވަރުން ވާހަކަ ދެއްކޭވަރެއް ނުވެއެވެ.
"ހޫމް... މިހާރަކު ނޫން... އެކަމަކު ތިކަންވާނެ އިނގޭ... ކޮޓަރިއަށް ހިނގާ ދޫނި..."ޝަމާއިލް އޯގާތެރިކަމާއިއެކު ބުންޏެވެ. މައިރާ ދެކޮޅު ހެދުމެއްނެތި އޭނަގެ ކޮޓަރިއަށް ގޮސް އެނދުގައި އިށީދެ ބާލީސް މޭގައި ޖައްސާ ބާރުކޮށްލިއެވެ. އޭރުވެސް އެ ލޯ ފުރިގެން ބަންޑުންވަމުން އައެވެ. ހިތާމައަކަށްފަހު ހިތާމައެއް އޭނަގެ ހުރިހާ އުފާތައް ނިގުޅައިގެންފިއެވެ. އަމިއްލަ ލޮލުން މިފެނުނީ ބައްޕަވެސް ގޭގެ ނޯކަރަކު ބައްޕަގެ ނިދާކޮޓަރިއަށް ވެއްދި މަންޒަރެވެ. ރެޔާން އޮފީސްކުދިންނާއި ނަހަމަ ގުޅުން ބާއްވަމުން ދަނީއެވެ. އިތުބާރުކުރަންވީ ކޮން ފިރިހެނަކަށްހެއްޔެވެ؟ އޭނަ އެންމެ ލޯބިވެ ގަދަރުކުރާ ދެ ފިރިހެނުންނަށް ކުރި އިތުބާރު މިވަނީ ގެއްލިގެން ގޮސްފައެވެ. 
"ބޭނުމީ އެއްވެސް މީހަކު ނުފެންނަ ހިސާބަކަށް ދާން... މިވަގުތު މަރުވާނެނަމަ... ދުނިޔޭގައި އުޅޭކަށް ބޭނުމެއްނޫން ދޮންބެ..."މައިރާ މޫނުގައި ދެއަތްއެޅިއެވެ. ޝަމާއިލް މައިރާ ގެ ރުއިން ހުއްޓުވަން މަސައްކަތްކުރިވަރަކަށް ކަރުނަތައް އިތުރުވިއެވެ. ޝަމާއިލްވެސް ފެންކަޅިވިއެވެ. އެދެބެންގެ މަންމަކުޑައިރު ވަކިވެގެން ދިޔުމުން އެކުދިން ހުރީ ބައްޕައަކީ އެކުދިންގެ ހީރޯކަމަށް ދެކެގެންނެވެ. އާއިލާއިންވަނީ މަންމައަކީ ދުޝްމަނެއްކަން ސާބިތުކޮށްދީ އެކުދިންގެ ހިތުގައި މަންމައާއިމެދު ރުޅިވެރިކަން އުފައްދާ މަންމަ އަކީ ބޭކާރުމީހަކަށް ހަދާފައެވެ. އެކުދިންގެ ހިތުން މަންމައަށް ޖާގައެއްނެތި ހަމައެކަނި ބައްޕަގެ ދަރިންނަށްވެފަ އެވެ. ނަމަވެސް މިވީ ކިހިނެއް ހެއްޔެވެ؟
ޝަމާއިލް މައިރާ ނިދެންދެން އެކޮޓަރީގައި އިނެވެ. މައިރާއަށް ވިސްނާދިނެވެ. އެކަން ފެނުނު ކަމަކަށް ހަދާނުލައި ތިބެ މޯނާއަކީ ކާކުކަން ހޯދަން ނިންމިއެވެ. މައިރާ ނިދަން އޮތްއިރުވެސް ކުޑަކޮށް ގިސްލެވެމުންދިޔައެވެ. އެ ނިމުމެއްނެތްދިގު އެސްފިޔަތަކުގައި މުތީ ތަކެއްފަދައިން ކަރުނަ ތިކިތައް ހަރުލާފައިވެއެވެ. ޝަމާއިލް މައިރާގެ ގައިމަތީގައި ރަޖާގަނޑު ރީތިކޮށްލަދިނެވެ. އަދި ކުޑަދޮރު ހުޅުވާލާފައި ބޭރަށް ބެލީ ކުޑަކޮށް ވިސްނާލުމަށްފަހުގައެވެ. އޭރު ރެޔާން ބެލްކަނީގެ ރެއިލިންގައި އެއް އަތްއަޅުވާލައިގެން ކޮފީއެއް ބޯން ހުއްޓެވެ. ރެޔާން ބެލްކަނި އަދި ކޮޓަރީގެ ބޮކިތައް ނިވާލައިގެން މި ދަންވަރު އަނދިރީގައި ހުރީ ކީއްވެގެންކަމެއް ޝަމާއިލްއަކަށް ނޭގުނެވެ. އަނދިރީގައި ހުރެގެން ހޯދަމުން ދަނީ ކޮން ހިތްހަމަޖެހުމެއްކަމެއް ނޭގެއެވެ. ޝަމާއިލް ވަގުތުން ބަންލާފައި ދޮރުޖެހުމަށްފަހު ތަންޑުއަޅުވާލައިފި އެވެ.

ޒިޔާމާ އަޔާނާއާއި ދިމާލަށް ބަސްބުނުން ކުރިއަށް ވުރެ އެތައް ގުނަ ކުރިއަށް ޖެހިލީ ކުއްލިއަކަށެވެ. ފަރުޒާން ފަދަ މޮޅު ޑޮކްޓަރަކާއި އަޔާނާފަދަ މީހަކު އެކަށީގެން ނުވާ ކަމަށާއި އެވަރު ދަނެގެން އަމިއްލައަށް ދުރުވާން ޖެހޭވަރުވެއްޖެ ނޫންހޭވެސް ބުނެލިއެވެ. އޭނަގެ ދަރިފުޅުގެ ހަޔާތް ބަރުބާދުވެގެން ދަނީ އަޔާނާ އާއިހެދި ކަމަށްވެސް ބުނުން އާދަވިއެވެ. އަޔާނާ ހުންނަނީ އަބަދުހެން ރޮވިފައެވެ. އެވަރުންވެސް ފަރުޒާން ގާތުގައި ޝަކުވާއެއް ކޮށްލާކަށް ނުކެރެއެވެ. ޒިޔާމާ އެކަން ދަންނާތީ ފަރުޒާން ނޫޅޭ ގަޑި ބަލާފައި އަޔާނާއަށް ޖެއްސުންފަށެއްކޮށްލައެވެ. އަޔާނާ ގެ ހިތް މުޅިން މާޔޫސްވެއްޖެއެވެ. ރަށަށް އެބުރި ދާން ޚިޔާލުކުރެވެން ފެށިއެވެ. ނަމަވެސް އެ ހިތުގައި ފަރުޒާންގެ ލޯބިވަނީ ދުނިޔޭގެ ހުރިހާ ކަމަކަށްވުރެ ބޮޑުވެފަ އެވެ. ފަރުޒާން އާއި ވަކިން ދުނިޔޭގައި އުޅުމަކީ އަޔާނާއަށް ކުރެވޭނެކަމެއް ނޫނެވެ. އޭނައަށް ރަނގަޅީ އޭގެ ކުރިން އޭނަ މަރުވެ މިދުނިޔެއާއި ވަކިވެގެން ދިޔައްޔާއެވެ.

މިދުވަސްކޮޅު ލެވެންޑަކޮޓެޖަށް ޒުވާން ފުރައިގެ ރީތި ސްޓައިލިޝް އަންހެންކުދިން އައުން އާއްމުވެއްޖެއެވެ. ހަވީރު ސައިގަޑިއަށް ޒިޔާމާ ކުދިންނަށް ދައުވަތުދެއެވެ. ފަރުޒާން އެއިން ކުއްޖަކާއި ވާހަކަ ދައްކާލާތަން ފެނިއްޖެއްޔާ އަޔާނާގެ ހިތުގައި ބުނަންނޭގޭފަދަ އަލިފާންގަނޑެއް ރޯވެ އަނދަން ފަށައެވެ. އެއްވެސް އަންހެންކުއްޖަކު ފަރުޒާންއާއި ދިމާލަށް ބަލާލުމަކީވެސް އަޔާނާއަށް ކެތްކުރެވޭވަރުގެ ކަމަކަށްނުވެއެވެ. އަޔާނާ ގެ ހިތްދަތިކަން ބޮޑުވެ އެކަނިމާއެކަނި އެހިތާމަތަކާއި ކުރިމަތިލަމުންގޮސް އަޔާނާގެ ދެލޮލާއި މޫނުމަތިން އެކަން ހާމަވާންފަށައިފި އެވެ.
މިއަދު މެންދުރު ކެއުމަށް އެގެއަށް އާއިލީކުދިންކޮޅެއް އައެވެ. ހީވަނީ ޒިޔާމާ ކަމެއް ރާވަމުންދާހެނެވެ. އެހެންކުދިންނަށް ވުރެ ޒޭނާ ޚާއްސަކޮށްފައި ދަރިފުޅާ އޭ ކިޔާފައި މާ ގާތްކޮށް ވާހަކަ ދައްކަނީ އަޔާނާއަށް ދައްކަންކަމަށްވެސް ވެދާނެއެވެ. ނަމަވެސް ފަރުޒާން އެހާ ޒޭނާއާއި ވާހަކަ ދައްކަން އުޅޭތަނެއް އަޔާނާއަކަށް ނުފެނުނެވެ. އެއީ ލިބުނު ކުޑަހިތްހަމަޖެހުމަކަށް ވިނަމަވެސް އެދުވަހު އަޔާނާ އެއްވެސް ކަމެއް ކުރާހިތެއްނުވި އެވެ. ފަރުޒާން ކައިގެން ޑިއުޓީއަށް ދިޔުމުން އޭނަ އައިޕެޑް ހިފައިގެން އައިގޮތަށް ފެންޑާގެ ސޯފާއެއްގައި އޮށޯވެލައިގެން އޮތްވާ ޒިޔާމާ އެތަނަށްއަ އެވެ.
"ހަވީރަށް ފަރުޒާން އަށް ސައިދޭން އެއްޗެއް ނަހަދާ، ހަމަ ކުޅެން އަރާފައި އޮތީމަ ވީތަ؟ ބަލަ ތީ އަންހެނަކަށްވެސް ނުވާމީހެއް އެވަރު ދަނެގެން އުޅެންވެއްޖެއެއްނު... އަޔާނާ އަށް ފަރުޒާންއަށް ދަރިއަކު ނުވިހާތާ އޭނަގެ ހިތްހަމަޖައްސާދެވޭކަމެއް ވެސް ނޭގޭ... އަންހެނަކަށް ނުވާ އަންހެނަކަށް ފިރިޔަކަށް ކޮންކަމެއްކޮށްދެވޭނީ؟ މަގޭ ދަރީގެ ދިރުއުޅުން ހަލާކުކޮށް ނުލާ އޭނަގާތު ބުނޭ އެހެން މީހަކާ އިންނާށޭ..."ޒިޔާމާ ވާހަކަ ދެއްކީ އަމުރުވެރި ގޮތަކަށެވެ. އަޔާނާ ގެ ހިތުގައި މީހަކު ހިފާ ޗިސްކޮށްލިހެންހީވިއެވެ. ވަގުތުން ލޮލަށް ކަރުނައަތުވެއްޖެއެވެ. ޒިޔާމާއަށް ހަގީގަތް އެނގުނީ ބާވައެވެ.
"މަންމާ...އަޅުގަނޑު ނުބުނަން ފަރުޒާން ގާތު މީހަކާ ނީންނާށޭ... މަންމަ ބުނުއްވާ ގޮތަށް އޭނަ ހަދާނެ..."އަޔާނާ ކޯތާފަތްމަތިން ދެމިގަތް ކަރުނަތިކިތައް ފޮހެލަމުން ބުންޏެވެ.
"ދެން މާ މާތްވެގެން މީހަކު އެއްޗެކޭ ބުނެލާއިރަށް ރޯން ހަދާނެކަމެއްނެތް އިނގޭ...ފަރުޒާން ކަލެއަށް މޮޔަކޮށްލައިގެން ތިއުޅެނީ ކަލޭމެން ކޮން ސިހުރެއް ހަދައިގެންކަމެއް ނޭނގޭ... ރާއްޖެތެރޭމީހުން ނިކަން މޮޅުވާނެ ސިހުރުހާހޫރައަށް... އެހެންވެ ފަރުޒާން ތިކަހަލަ މީހަކާއި އިނދެގެން ތިހިރީ... ފަރުޒާން ގާތު ބުނޭ އެހެންމީހަކާއި އިދެގެން ދަރިއަކު ހޯދާށޭ... ކޮންމެހެން އަދި ކަލެއަށް ދަރިއަކު ނުލިބެޔޭ ކިޔާފައި މަގޭ ދަރިފުޅުވެސް ވީ ކުދިން ލިބުމުން މަޙުރޫމްވެފައިވާ މީހެއްގެ ގޮތުގައި ހުންނަންތަ؟ އަހަރެން މަޑުން ނުހުންނާނަން... އަހަންނަށް ރިޕޯޓްތައް ފެނުނުކަން ނަސީބެއް އެހެންނޫންނަމަ އަދިވެސް ހުރީހީ އޮޅުމެއްގެތެރޭގައި... މިއަދު ފަރުޒާން އައީމަ ބުނާތި މީހަކާ އިންނާށޭ..."ޒިޔާމާ ދަތްތަކަށް ބާރުލާފައި ވާހަކަދެއްކީ މަޑުންނެވެ.އެހެންމީހަކަށް މިފަދަ ވާހަކަތައް އިއްވަން ޒިޔާމާ ބޭނުމެއްނޫނެވެ.
"އަހަރެން މިވާހަކަދެއްކިކަން ފަރުޒާންއަށް އެނގިގެން ނުވާނެ...ފަރުޒާން ގާތުގައި އެހެންމީހަކާއި އިންނާށޭ ބުނީމަ ބުނީ އެވަރުން ދަރިއަކު ބޭނުމެއްނޫނޭ... އެޑޮޕްޓްކުރާނީއޭ... އެކަމަކު އަހަރެން ބޭނުން މާމަދަރިއެއް..." ޒިޔާމާ އަޔާނާއާއި ދިމާލަށް ހިތަށް އައި އެއްޗެއް ގޮވުމަށްފަހު ދާން ހިގައިގަތުމުން އަޔާނާ މޫނުގައި އަތްއެޅިއެވެ. މިގޮތަށް ރޮމުން ފަރުޒާން ގެ ކާރިއަށް ދިއުމުން ފަރުޒާން އަށް އަބަދު ހީވެފައިއޮންނަނީ ހަމަ ދަރިން ނުލިބިގެން އަޔާނާ ވާވަރުކަމުގައެވެ. އެ ހިތާމައަށް ވުރެ ބޮޑު އެހެން ހިތާމައެއް މިގޭގައި އޭނައާއި ކުރިމަތިވެފައިވާކަން ފަރުޒާންއަށް ރޭކައެއްނުލައެވެ.

މައިރާ މަންމަގެ ކޮޓަރީގެ ދޮރުފަތް ކުޑަކޮށް ހުޅުވާލައިގެންހުރެ، މޯނާ ޖޭސްމިން އުއްބައްތި ރޯކުރާތަން ބަލަހައްޓައިގެން ހުއްޓެވެ. އޭނަ ބޭނުމީ އެ ފޮރުވައިގެން އުޅޭ މޫނު ދެކެލުމަށެވެ. އެއީ ކާކުކަން އެނގުމެވެ. އޭނަގެ މަންމަ މިގެއިން ފޮނުވާލާފައި ފަރުދާގެ ފުރަގަހުގައި އެންމެންގެ ލޮލުގައި އަނދުންއަޅުވާލާފައި ބައްޕަގެ އެނދު ހިއްސާކުރާ ނުބައި އަންހެނަކީ ކާކުކަން އެނގުމުގެ ހައްގު އެމީހުންނަށް އޮންނަންވާނެ އެވެ

ކޮމެންޓް 0