މޭއި.. މިއަދު ސީދަލަށް މަގޭ ގާތުގައި ބުނެބަލަ، ޒާން އާއި އެކީގައި ސްލީޕް ކުރަންތަ؟ ނޫން ދޯ... އަހަންނަށް އެނގޭ އަހަރެންގެ މައިރާ އަކީ އެހާ ގޮތްކުޑަ ކުއްޖެއް ނޫންކަން، ދީނީ ކަންތައްތަކަށް ފަރުވާ ބަހައްޓާކަން، ތި ކައިވެނި ހުއްދަނުވާއިރު ޒާންއަކީ ފިރިޔަކަށް ވެސް ނުވާނެކަން އެނގޭނެއްނު. ބުނެބަލަ..." ރެޔާންގެ ސުވާލުތަކުން މައިރާ ހައްތަހާ ހާސްވަމުން ދިޔައެވެ. ރެޔާން މައިރާ އަނެއް ފަރާތަށް އަނބުރާލުމުން މައިރާ ފާރުގައި ލެއްގުނެވެ. ރެޔާން އެއް އަތް ފާރުގައި އަޅުވާލައިގެން ހުރީ އެހާ ފަސޭހައިން މައިރާއަށް ދެވުނަ ނުދޭންވެގެންނެވެ.

"އެކަން ޔަގީންވާއިރު އަހަނީ ކީއްކުރަންތަ؟ ހޫމް، ޒާން އަހަރެންގެ ގަޔަކު އަތެއް ނުލާ. މިހާރު ހިތްހަމަޖެހިއްޖެތަ؟" ރެޔާން ހިތްހަމަނުޖެހޭ ޖަވާބެއްދީފިއްޔާ ވާނެގޮތަކާއި މެދު މައިރާ ބިރުގެންފައި، ހަގީގަތް ފާޅުކުރިއެވެ. އައިޒާން އާއި އޭނަގެ ކައިވެނި ހުއްދަނޫން އިރު ކޮންމެހެން އޮޅުވާލުމުގެ މާބޮޑު މާނައެއް ވެސް ނެތެވެ.

ރެޔާން ހީގަތުމުން އެރީތި މޫނު އެތައްގުނަ އަކަށް ރީތިވެގެން ދިޔައެވެ. ފަނޑު އަލިކަމުގެ ތެރެއިން ބްލީޗް ދަތްތައް ފެނުނީ ހައިރާންވާހާ ރީތިކޮށެވެ. ކޮންމެ ގޮތެއް ވިޔަސް މައިރާގެ އެ ޖަވާބުން ރެޔާން އުފާވިކަން މައިރާއަށް ވެސް ޔަގީންވި އެވެ.

"ހަމައެކަނި ބަލާލައިގެން ހިތްހަމަޖައްސާލައިގެން ހުންނަން ޒާންއަކީ މޮޔައެއްތަ؟ ނޫނީ ބައެއް މަދީތަ؟ ޒާންގާތުގައި ބުނެބަލަ ނިކަން ޓެސްޓޮސްޓެރޯން ޓެސްޓެއް ހައްދަބަލާށޭ، ޔަގީނޭ މައްސަލައެއް އުޅޭނެކަން...." ރެޔާންގެ ދެލޮލުގައި ވިދުވަރެއްވެ އެވެ. އޭނައަށް މައިރާގެ ޖަވާބު ރަނގަޅަށް އެނގިހުރެ މައިރާ ލައްވާ އެއްޗެކޭ ބުނުވަން ބޭނުންވީ އެވެ.
"އެނގެޔޭ ޒާންގެ މަގާމުގައި ތި ފިރިހެނާ ހުރިނަމަ މައިތިރިވެގެން ނުހުންނާނެކަން، އެކަމުންވެސް އެނގެނީ ޒާންގެ މާތްކަން..." މައިރާ ސިކުންތުކޮޅަކަށް ރެޔާންއާއި ހަތަރުކަޅި ހަމަކުރި އެވެ.

"ރިއަލީ؟ ޒާންގެ މަގާމު ލިބުނުނަމަ ކޮންފަދަ.. މްމްމް.. ސޯ ހިނގާ ޒާން އާއި ދެމީހުން ބަދަލުވާން، އަހަރެން ޒާންއަށް ވެގެން މޭއި އާއިއެކު އުޅޭނީ، އޭރުން ކިހާ މަޖާވާނެ. ވަރަށް ފައިޓްކުރެވޭނެ ދޯ..." ރެޔާން ހުރީ މަޖާވެލާފަ އެވެ.

"ޝަޓަޕް..." ރެޔާން އޭނަ ރުޅިއެރުވުމުގައި ކާމިޔާބު ކުރަމުންދާތަން ފެނުމުން މައިރާ އަށް ރޮވިއްޖެއެވެ. ލޮލުގައި ކަރުނަ ގިނަވާން ފެށި އެވެ.

"ހޭއި ބޭބީ، ސަމާސާއެއް ކޮށްލައިގެން ވެސް ނުވަނީތަ؟ ނުރޮއި އިނގޭ.." ރެޔާން މައިރާގެ ކަރުނުން ފުރިފައިވާ ލޮލުގައި ބޮސްދިނެވެ.

"އަހަންނާއިމެދު ތިހެން ކަންތައްކުރަނީ ކީއްވެތަ؟ ފައިފުއްސަކަށް ވެސް ތިއަށްވުރެ ގަދަރުކުރާނަން ދޯ..." މައިރާ ހިތުގައި ޖެހިފައިވާ ވަރު ރެޔާންއަށް އެނގުނީ އެހެން ބުނެފައި މާބޮޑަށް ރޯންފެށުމުންނެވެ.

"ނޫން ސްވީޓްހާޓް. މޭއި ގެ މަގާމަކީ އަހަރެންގެ ހިތް، އަދި ތިގޮތަށް ރޮއިގެން އަހަރެންގެ ހިތް ހަލާކުކޮށްނުލާބަލަ....." ރެޔާން މައިރާ އަތުތެރޭގައި ބޮނޑިކޮށްލުމުން މައިރާ އަތުގެތެރެއިން ނިކުންނަން އުޅުނެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބު ވުމުން ރެޔާންގެ ޓީޝާޓްގައި މޫނު ފޮރުވާލިގޮތަށް ރޮއި ރޮއި ހުރެވުނީ ކިހާ އިރެއް ވަންދެންކަމެއް ވެސް ނޭނގެއެވެ. ރެޔާންގެ އެސްފިޔަތައް ވެސް ތެމުނެވެ. އޭނައަށް ކުރެވުނު ކުށްތަކުގެ ސަބަބުން ޙަޔާތަށް މިހާ ބޮޑު އިންގިލާބެއް އައިސްފައިވާއިރު ދެންވާނެ ގޮތަކާއި މެދު ފިކުރުކޮށް ނުލާ، އެންމެ ހިނދުކޮޅެއް ވެސް ނާދެއެވެ. މައިރާގެ ބަނޑުގައި ވަނީ އޭނަގެ ދަރިއަކަށް ވިޔަސް އަދި އައިޒާންގެ ވިޔަސް އޭނަ ހުރީ މައިރާ ދޫކޮށްލާ ގޮތަކަށް ނޫނެވެ. އެ ދަރިފުޅަކީ ކޮންމެ މީހެއްގެ ކުއްޖަކަށް ވިޔަސް މިހާރުއްސުރެ އެކުއްޖަކަށް އިންތިޒާރު ކުރެވެން ފަށައިފިއެވެ. އެކުއްޖާ ދެކެވެސް އެ ހިތުގައި ލޯބި އުފެދިއްޖެއެވެ. އެދަރިފުޅަށާއި މައިރާއަށް އެއްވެސް ދަތިކަމަކާއި އުނދަގުލެއް ނުލިބި ދުނިޔެއަށް އައުމަށް އެދި ދުޢާކުރެވުނު ޢަދަދެއް ވެސް ނޭނގެއެވެ.

އެރޭ އައިޒާން ކޮޓަރިއަށް އައީ މައިރާ އަށް ނިދުނު ފަހުންނެވެ. ހެދުނު ވެސް އޭނަ ފެނުނީ ތަންކޮޅެއް ބީރައްޓެހިކޮށެވެ. މައިރާ އާއި ދިމާއަށް ބަލަން މަސައްކަތް ނުކުރާހެން ހީވިއެވެ. އެކަމަކު މައިރާއަކަށް އެއްގޮތަކަށް ވެސް އައިޒާންއަށް އައި ބަދަލު ފާހަގައެއް ނުކުރެވުނެވެ. އައިޒާން ބޭރަށް ނުކުތްތަނާ ހެން އީޝަލް ކޮޓަރިއަށް ވަނެވެ.
"މޭއި. އަދިވެސް މިހިރީ ރިޕޯޓްތައް މިތަނުގައި، މޭއި އެވަރަށް ފޮރުވަން އުޅުނު ކަމެއް ނޭނގުނީ އެ ފެންނަ ހިސާބުގައި ބަހައްޓާފައި ހުރީމަ.." އީޝަލް އައިގޮތަށް ރީތިވާ މޭޒުގެ ވައްގަނޑެއް ހުޅުވާލާފައި އަނެއްކާ ރިޕޯޓްތައް ބަލައިލައިފި އެވެ. މައިރާއަށް އީޝަލް އަކީ ތަންތަން ހާވަން ފޯރި ހުންނަ ކުއްޖެއް ކަން އެނގެއެވެ. އެދުވަހު ވެސް އީޝަލްއަށް ފުރުސަތު ލިބުނީ އޭނަ އާއި ރެޔާން ކޮރިޑޯއިން ދިމާވުމުން ކާކޮޓަރި އަށް ދިޔުމުގެ ބަދަލުގައި، މައިރާ އިރުކޮޅަކަށް ފެންޑާގައި ސިކުނޑި ހަމަޖައްސާލަން މަޑުކޮށްލީތީ އެވެ. އީޝަލް މައިރާ ނުފެނިގެން ކޮޓަރިއަށް ވަންގޮތަށް ކުޑަކޮށް ހާވާލިކަމަށް ވަނީ އެއްބަސްވެފައެވެ. ކޮޓަރި ތަޅުނުލާ ހުރުމުން މިއޮތީ ލިބޭނެ އެންމެ ބޮޑު ލަނޑު ލިބިފައެވެ. އީޝަލްއަށް ފެނިފައި ވާތީ އިތުރަށް އެ ރިޕޯޓްތައް ފޮރުވަން މައިރާ ބޭނުން ނުވީއެވެ. ނަމަވެސް މައިރާއަށް ލިބުނު ކުޑަ ހިތްހަމަޖެހުމަކީ މިއީ އާއިލާގެ މެމްބަރުންނަށް ވިކަމެވެ. އީޝަލްއަކީ އޭނަގެ އެކުވެރިއަކަށް ވެސް ވިކަމެވެ. އީޝަލް ވަނީ އެވާހަކަ އިތުރު މީހެއްގެ ގާތުގައި ނުކިޔަން ވަޢުދު ވެފަ އެވެ.

"ސްޓުޕިޑް ކުއްޖެކޭ ތިއީ.. ދެންވެސް ބޮޑުކުއްޖަކަށް ވެބަލަ، އަހަންނާއި އިޝޫ ގާތްގަނޑަކަށް އެއް އުމުރޭ ނުވެސް ބުނެވޭނެ، އެހާވެސް ޅަކޮށް އިޝޫ ތިއުޅެނީ.." މައިރާ އޮތީ ސޯފާގައި އަރިއަކަށް އޮށޯވެލައިގެންނެވެ. ދޭތެރެއަކުން ބަނޑުގައި ރިއްސުމާއި އުނދަގޫތައް އިހުސާސް ކުރަން ޖެހެ އެވެ. ދަރިފުޅު ބޮޑުވަމުން އަންނަވަރަކަށް އިތުރު އުނދަގޫތައް ޖެހޭނެކަން މައިރާއަށް އެނގެއެވެ. އޭނަ ނެޓަށް ވަދެ މާބަނޑު ވުމާއި ބެހޭގޮތުން ހުރިހާ ކަމެއް ބަލައި ދަސްކުރެއެވެ. ނަމަވެސް މި ދެތިން ދުވަހު ތަދުވާ ވަރުން ރޭގަނޑުގެ ނިންޖަށް ވެސް ހުރަސްއަޅަން ފަށައިފިއެވެ.
"ހޫމް.. ވެދާނެ.. މޭއިއަށް އެނގޭތަ؟ މޭއި ޒާން އާއި އެކީގައި ފިލައިގެން އިންޑިއާ އަށް ދިއުމުގެ ކުރިން ރެޔާން ދިން ޕާރުސަލެއް އަހަރެން ކަނޑާލާފައި ސިޓީ ކުޑަކޮށް ކިޔާލާފައި މޭއި ގެ އަލަމާރީގައި ބޭއްވިން. އޭރު ދެން އެހާ ބޭނުމެއް ނުވި ރެޔާން އާއި މޭއި ގުޅުވަން، އެހެންވެ މޭއި އާއި އެވެސް ހަވާލު ނުކުރެވުނީ. މިހާރު ހިތަށް އަރާ މުޅިން ވެސް އަހަންނަށް ކުރެވެނީ އެކަހަލަ މޮޔަ ކަންތަކޭ، ފާފަވެރިވާނެ ދޯ. ސޮރީ އިނގޭ...." އީޝަލް މައިރާ ގެ ގާތުގައި އިށީނދެ މައިރާގެ ފަން އިސްތަށިގަނޑާއި ކުޅެން ފެށިއެވެ. މި ފަންގަނޑެއް ފަދަ އިސްތަށިގަނޑު ފެނުމުން އީޝަލް މޮޔަވާ ވަރު ވެއެވެ.

"އޯކޭ ވާނެ... އަހަރެން ގެ ހަޒްބެންޑް ވެސް ރެޔާން އަކަށް ވުރެ ދެރައެއް ނޫން...އެމީހެއްގެ ނަސީބުގައި ލިޔުއްވާނީ އެންމެ ރަނގަޅު ގޮތް. އިޝޫ ވެސް އަހަރެންގެ ފަހަރިއަކަށް ވާން އުޅޭއިރު ދެން ތަންކޮޅެއް ބަސްއަހާބަލަ، ދޮންބެ ވަރަށް ސްޓްރިކްޓްވާނެ..." އީޝަލް އިސްތަށިގަނޑާއި ކުޅެމުން ދާތީ ލިބުނު އަރާމަކުން އޭނަ ދެލޯ މަރާލައިފި އެވެ. އީޝަލް ބާރުބާރަށް ހީގަތެވެ.

"އެނގޭތަ؟ މޭއި ޒާން އާއިއެކު ފިލައިގެން ދިޔައީތީ ހިތްހަމަނުޖެހުނު ވަރުން މަންމަމެން އަހަންނާއި ޝަމާ ގެ ކައިވެނި ކެންސަލްކޮށްފި.. މަންމަ ކިތަންމެ ސްޓައިލިޝްކޮށް ހުއްޓަސް ކާފަމެންގެ މުސްކުޅި ޚިޔާލު ހުންނަނީ، މަންމަ ބައްޕައަށް ޕްރެޝާކުރަނީ އަހަންނާއި ރެޔާން މެރީކުރުވަން.. މި އާއިލާގައި އޮންނަ އުސޫލަކީ މަޖުބޫރު ކޮށްގެން ވެސް ދެބެންގެ ދެދަރި މީހުންނާއި ކައިވެނި ކުރުވުން. އިންޑިއާ ޕާކިސްތާނުގައި އޮންނަ ފަދައިން ޚާންދާނީ އުސޫލަށް.. އެނާ ވެސް އެހާ ކުޑައިރު މަޖުބޫރުކޮށްގެން އަޔާ އާއި ކައިވެނިކުރުވީ. އަޅެ ހެއްވައެއްނޫންތަ؟ ރެޔާންއަށް އެނގިއްޖެއްޔާ އަދި ވަކިން ރުޅި ގަދަވެދާނެތީ ބިރުން ނުވެސް ބުނަން.. އޭނަ ބުނާނެ ދުނިޔޭގެ ހުރިހާ އަންހެނުން ހުސްވިޔަސް އީޝަލްއަކާއި ނީންނާނަމޭ...އަހަންނަށް އޭނަ ގެ މިޒާޖު ރަނގަޅަށް އެނގޭ. ދޮންބެ ގޮތަކަށް މަންމަމެން ކިޔާހާ އެއްޗަކަށް އެއްބަސްވާ ގޮތެއް ނުހުންނާނެ.. މޭއި މިގެއަށް ނައިނަމަ އަހަރެންވެސް އުޅުނީ ފިލައިގެން ދާން، ސުއިސައިޑްވާން ވެސް ހިތަށް އެރި. އެކަމަކު ގްރޭވް އަނދިރިވާނެ ވަރާއި އެއްޗެހި ހިތަށް އެރުމުން ނުކެރުނު އެކަހަލަ ކަމެއްކޮށްލާކަށް. އެހެންނޫނަސް ރެޔާން ފޯނު ގަނެދިން ފަހުން ލައިފް ހަމަ ގްރޭޓް...." އީޝަލް ނޭވައަކަށް ހުއްޓާނުލައި ވާހަކަދައްކަމުން ދިޔައިރު މައިރާ އޮތީ ހިމޭނުންނެވެ. ޒިޔާމާ އޭނަގެ ދޮންބެ އާއި އީޝަލްގެ ކައިވެނި ރޫޅަން ނިންމީ އޭނަގެ ސަބަބުން ކަމަށްވާތީ އެކަމާއި ވިސްނިއެވެ. ހިތާމަ ކުރިއެވެ. ނަމަވެސް ޢާއިލާ ތެރޭގައި ދިމާވާ ކޮންމެފަދަކަމެއް އަމިއްލަ ބޮލުގައި އަޅުވައިގެން ބޯ ގޮއްވުމަކީ ވެސް މި ދުވަސްކޮޅު ރަނގަޅު ކަމެއް ނޫންކަން ދެނެގެން އެ ފިކުރުތަކާއި ދުރުވާން މައިރާ މަސައްކަތް ކުރިއެވެ. އުފާވެރިކޮށް އުޅުމަށް ޑޮކްޓަރު ވަނީ އިރުޝާދު ދެއްވާފައެވެ.

އެރޭވެސް މައިރާ އޮތީ ބަނޑުގައި ރިއްސައިގެން ނުނިދިފައެވެ. ކެތްކުރަމުން ދިޔައިރު ވެސް ބައެއްފަހަރު ލޮލުން ކަރުނަ އާދެއެވެ. ދަރިފުޅަށް ކަމެއް ވެދާނެތީ މައިރާ ބިރުގަނެއެވެ. ނަމަވެސް އޭނަ ހިތާއި ސިކުނޑިއަށް ވިސްނައިދެނީ ކަމެއް ނުވާނެކަމުގައެވެ. އެކަމަކު ބައެއްފަހަރު ސިކުނޑީގެ ކަނަކުން ކަމެއް ގޯސްވެދާނެ ކަމުގެ އިންޒާރު ދެއެވެ. މިހާރުއްސުރެ އެ ދަރިފުޅު ދެކޭހިތުން މައިރާއަށް ކެތް ކުރެވެނީއެއް ނޫނެވެ.

އައިޒާން ސައިބޮއިގެން ގެއިން ބޭރުގައި އުޅެލާފައި ގެއަށް އައިގޮތަށް ވެސް އުޅުނީ ޒިޔާމާ ގާތުގައެވެ. ކޮޓަރިއަށް ވަދެނުލައެވެ. އެންމެ ފަހުން މައިރާ ކޮޓަރީގައި އެކަނި ހުރެ ފޫހިވެ، ހަލާކުވާވަރު ވުމުން އައިޒާންގެ ފޯނަށް ގުޅިއެވެ. ފޯނުއޮތީ ނިވާލާފައެވެ. މައިރާ ފެންވަރައި ތައްޔާރުވެލައިގެން ބޭރަށް ނުކުތެވެ. އޭރު އައިޒާން އާއި ޒިޔާމާ އަދި އީޝަލް ތިބީ ގޭގެ ފަހަތު ފެންޑާގައި ކެރަމްކުޅުމުގެ ފޯރީގައެވެ. ކައިރީގައި ހުރި މޭޒުމަތީގައި ކޮފީއާއި ދެތިންވައްތަރުގެ ކުޅި އެއްޗިއްސާއި ކުކީސްތައް ހުއްޓެވެ.

"ޒާން.. އަހަރެން ޑޮކްޓަރަށް ދައްކަންދާން ބޭނުން..." މައިރާ ހިތްވަރުކޮށްލާފައި ބުންޏެވެ. އައިޒާން އިސްއުފުލައި ބަލައިލިއިރު ވެސް ހަމްދަރުދީގެ ނިޝާނެއް ނެތެވެ. ރޭގައި ވެސް އޭނަ ނުނިދިގެން އުޅުނުކަން އައިޒާންއަށް ރަނގަޅަށް އެނގޭނެ އެވެ. އެކަމަކު ޕެނެޑޯލް ގުޅައެއްކާލާށޭ ބުނުމުގެ އިތުރުން އެއްވެސް އެހީއެއް ވެނުދިނެވެ. އައިޒާން ކުއްލިއަކަށް މިހާބޮޑަށް ބަދަލުވާން ޖެހުނު ސަބަބެއް މައިރާއަކަށް ނުވިސްނުނެވެ. އަނެއްކާ އީޝަލް އާއި އައިޒާން ގެ ގުޅުމެއް އޮތީހެއްޔެވެ؟ އީޝަލް އާއި މާ ގަޔާވެލާފައި ވާހަކަދައްކަން އިންގޮތުން މައިރާއަށް ޝައްކެއް ވިއެވެ. ފިރިހެނުންނަކީ ފާޑެއްގެ ބަޔެކެވެ. ރީތި އެހެންކުއްޖެއް ފެންނައިރަށް ހިތްކިޔާނެއެވެ. މައިރާ ބަނޑުބޮޑުވިކަން އެނގުނަސް އޭރު އައިޒާން މަޑުން ހުރީ އެހެން އަންހެންކުއްޖަކާއި ދިމާނުވެގެން ކަމަށް ވެދާނެ އެވެ.

"ވަރަށް ފަހުން ޑޮކްޓަރަށް ދައްކާފައެއްނު އޮތީ.... ބަނޑުގައި ރިއްސާނެ...ދޯ އާންޓީ.. އެއީ ނޯމަލް ކަމެއް.." އައިޒާން ކެރަމް ފޮތި ވަޅާއި ދިމާއަށް ފޮނުވާލަމުން ފަރުވާކުޑަ ގޮތަކަށް ބުންޏެވެ.

"ޒާން..އަޅެ ހާދަ މޮޅޭ.." އީޝަލް އައިޒާން ގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.

"ހޫމް މޭއި....އެއީ މައްސަލައެއް ނޫން... ރެސްޓް ނަގާލީމަ ރަނގަޅު ވެދާނެ.." ޒިޔާމާ ވެސް އެކަމަކަށް ސަމާލުކަމެއް ނުދިނެވެ.

"ޒާން.. ކިތައް ފަހަރު ބުނާނީ އާންޓީ ނުކިޔާށޭ... މަންމަ ކިއްޔާ ކީއްތަ ވާނީ.." ޒިޔާމާގެ ހިތަށް ކިތަންމެ ވަރަކަށް އަސަރުކުރިޔަސް އެކަން ނުދައްކަން މަސައްކަތްކުރިއެވެ. އައިޒާން އޭނަ ގެންގުޅުނު ސަމީނާ ދެކެ ލޯބިވާ ވަރު އެނގޭތީ އެކަމާވެސް ޒިޔާމާގެ ހިތުގައި ހަސަދަވެރިކަން އުފެދެން ފެށިތާ ކިތަންމެ ދުވަހެކެވެ. އައިޒާން ކޮންމެ ދުވަހަކު ސަމީނާއަށް ގުޅައިގެން ވާހަކަދައްކަން ހުރެއެވެ. އަދި އެގެއަށް ގޮސް ސަމީނާގެ ޙާލުބަލައެވެ. އައިޒާން ފޯނުން ވެސް "މަންމާ" އޭ ކިޔާފަ ސަމީނާ އަށް ގޮވާލާ ކޮންމެ ފަހަރަކު ޒިޔާމާއަށް ހީވަނީ ހިތް ހުއްޓިދާނެހެންނެވެ. އޭނަގެ ލޯބިވާ ދަރިފުޅު ހިލޭ މީހަކަށް މަންމަ ގެ މަގާމު ދިނީ އޭނަގެ ނުބައިކަމުންނެވެ.
އޭރު މައިރާގެ އޮމާން މޫނު ވަނީ ދަލުން ފެންވެރިފައެވެ. ތަދުވާ ވަރުންނެވެ. އޭނަހުރީ ތުންފަތުގައި ބާރަށް ދަތްއަޅާލައިގެންނެވެ. ފެންކަޅިވެފައެވެ. އިރުކޮޅެއްވާންދެން އެތަނުގައި ހުރިއިރު ވެސް އައިޒާން ދެވަނަފަހަރަށް އިސްއުފުލާފައި ބަލައިވެސް ނުލިއެވެ. މައިރާ ބާރުބާރަށް ހިނގާލާފައި ކޮރިޑޯއިން ދަނިކޮށް ރެޔާންގެ ގައިގައި އަޅައިނުގަތީ ކިރިޔާއެވެ. ރެޔާން ނުހިފެހެއްޓި ނަމަ ވާނެ ގޮތެއް ވެސް ނޭނގެއެވެ. ރެޔާންއަށް މައިރާ ގެ ލޮލުގައިވާ ކަރުނަތަކާއި އޭނަގެ މޫނުގައިވާ ވޭނީ އަސަރުތައް ފެނުނެވެ.

"ބޭބީ. ހާދަ ބަލިވެފަ. ކިހިނެއްވީތަ؟" ރެޔާން ކަންބޮޑުވުމާއި އެކު މައިރާގެ ގައިގައި ހިފަހައްޓާލައިގެން ހުރެ އަހާލިއެވެ. ރެޔާންގެ އެންމެ ލަފުޒަކާއި އެކު މައިރާގެ ލޮލުގައިވާ ކަރުނަތައް ބަންޑުންވެގަތެވެ.
" ބަނޑުގައި ރިއްސަނީ. ބޭނުން ޑޮކްޓަރަށް ދައްކަންދާން..." މައިރާ ހިތްވަރުކޮށްލާފައި ބުންޏެވެ.
"މިތާ އިށީނދެބަލަ. ވަން މިނިޓް އިނގޭ ބޭބީ......" ރެޔާން މައިރާ ގެންގޮސް ސޯފާގައި ބޭންދުމަށްފަހު ކާކޮޓަރިއަށް ވަދެ އަވަހަށް ޖޫސްތަށްޓެއް ގެނެސްދިނެވެ. އެއީ އަންނާރު ޖޫހެވެ.

"މިތަށި ބޯލާ.. އެހެންނޫނީ ފެއިންޓް ވެދާނެ....ހާދަ ވަރުބަލިވެފަޔޭ.. މޫނު މުޅިން ހުދުވެފަ ތިހިރީ.." ރެޔާން މައިރާގެ ތުމުގައި ޖޫސްތަށި ޖައްސާދިނުމުން މައިރާ އެއް ނޭވައިން ޖޫސްތަށި ދަމާލައިފި އެވެ. ރެޔާން މައިރާ ގެ އަތުގައި ހިފައިގެން ގެންގޮސް ކާރަށް އެރުވިއިރު ވެސް މައިރާއަށް ކެތް ނުކުރެވޭވަރަށް ބަނޑުގައި ރިއްސައެވެ. ނަމަވެސް މައިރާ އިނީ ކެތްކޮށްލައިގެންނެވެ. މިހާރު އޭނަ ނުރޮއެވެ. ބިއްލޫރިގަނޑުން ބޭރަށް ބަލަހައްޓައިގެން ހިމޭނުން އިންއިރު އޭނަ ވަނީ ކުޑަކޮށް ބިރުގެންފައެވެ. ހިތާހިތުން ދުއާ ކުރެވުނީ ދަރިފުޅަށް ކަމެއް ނުވުމަށެވެ.
ރެޔާން މަޑުކުރީ ޝާހުޖަހާން މެމޯރިއަލް ހޮސްޕިޓަލަށެވެ. މައިރާ އެހެން ތަނަކަށް ގެންދަން އެދުނެވެ. ނަމަވެސް ރެޔާން ގޮތުގައި ހިފެހެއްޓިއެވެ. މައިރާ ދައްކަން ޖެހޭނީ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަށް ކަމަށް ބުންޏެވެ. މައިރާ ގޮވައިގެން ގޮސް އޭނަ ވަގުތުން އަންހެނުންގެ ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސިއެވެ. މައިރާ ރެޔާން ގާތު ބޭރުގައި މަޑުކޮށްލަން އެދުމުންވެސް އަޑުއިވުނުކަމަށް ވެސް ހަދާނުލައި ޑޮކްޓަރު ބައްލަވާ ރޫމަށް ރެޔާން ވަނެވެ. ޑޮކްޓަރު އެދިލެއްވީ މައިރާ އެނދުގައި އޮށޯވެލުމަށެވެ. ރެޔާން މައިރާ އެނދަށް އަރުވަން އެހީތެރިވެދިނެވެ. ސްކޭން ހަދަން ވެގެން ޑޮކްޓަރު މައިރާގެ ޖިންސް ކުޑަކޮށް ތިރިކޮށްލުމުން ވެސް މައިރާ މިވަގުތު އެހާ ކަންބޮޑެއް ނުވިއެވެ. އޭނަވަނީ އެއަށްވުރެ ހާސްވެފައެވެ. ވަގުތުން ނަޒަރު ހުއްޓާލެވުނީ ސްކޭން މެޝިނުގެ ސްކްރީނަށެވެ. ދެން ޑޮކްޓަރުގެ މޫނަށެވެ. އެމޫނުމަތިން އުފާވެރިކަމެއް ނުފެނުނެވެ. މާޔޫސްކަމެވެ. އޭނަ ބޯ ހޫރާލި ގޮތުން މައިރާގެ ހިތް ތެޅިގަތެވެ. މަތިންދާ ބޯޓު ދަތުރުކުރާއިރު ވެސް މައިރާ އެހާ ކަންބޮޑު ވެއެވެ. ބޯޓު ތަޅުވަން ފަށައިފިއްޔާ އޭނަ ކެބިންކުރޫއިންގެ މޫނަށް ބަލަނީ އެމީހުންގެ މޫނުމަތިން ހާސްކަމެއް ފެނޭތޯ އެވެ. އެފަދަ ކަމެއް ނުފެނުމުން އޭނަގެ ހާސްކަން ފިލާގޮތްވެ އެވެ. މިފަހަރު ވެސް އޭނައަށް ޑޮކްޓަރުގެ މޫނަށް ބަލައިލެވުނީ އެފަދަ ޔަގީންކަމެއް ލިބުމުގެ އުއްމީދުގަ އެވެ. ނަމަވެސް މައިރާ އޮތީ އަހާލަން ނުކެރިފަ އެވެ. ތަނަށް ވެރިވެފައިވާ ހިމޭންކަން ފުނޑުކޮށްލީ ރެޔާންގެ ބަރު އަޑުންނެވެ.

"ޑޮކްޓަރ.. ބޭބީ ރަނގަޅު ތޯ..." ރެޔާންވެސް ހުރީ ހާސްވެފަ އެވެ.

ކޮމެންޓް 0