މައިރާއަށްއަށް ހީވީ އުޑު ކުދިކުދިވެގެން ބޮލަށް ފައިބައިގަތްހެނެވެ. ފުރާނަވެސް އެ އަޑު އަހަން ކެތްނުކުރެވިގެން ހަށިގަނޑުދޫކޮށްލާފައި އަލުން ރުޖޫޢަވީހެނެވެ. އެފިނި ކޮޓަރީގައި ވެސް މައިރާގެ މޫނު ދަލުން ފެންވެރުނެވެ. ދެލޯ މަރައި ތަގުޅިކޮށްލެވުނުގޮތަށް އަލުން ލޯހުޅުވާލާނެ ހިތްވަރެއްވެސް ނުލިބުނެވެ. އައިޒާންގެ ވެސް ފައިދަށުން ބިންގަޑު ދެމިގަތްހެންހީވިއެވެ. ލިބުނު ސިހުމާއި ޝޮކެއްގެ ސަބަބުން ފަހަތަށް ފަހަތަށް ޖެހެމުންގޮސް ފާރަށް ލެނގިލެވިއްޖެއެވެ. ފެންކަޅިވުމާއިއެކު އޭނަ އަވިއައިނުން ލޯ ފޮރުވުމަށްފަހު ވަގުތުން އެތަނުން ނުކުމެގެން ދާންހިނގައިގަތެވެ.

"ތިއީ އެކަށީގެންވާ ކަމެއް ނޫން.. އަޅުގަނޑު ޕްރެގް ނުވާނެ.." މައިރާ އެސްފިޔަތައް ބާރުކޮށްލައިގެން އޮތީ ކަރުނަތައް ފޭބިޔަ ނުދިނުމަށެވެ. އޭނަ ފުންމައިގެން ތެދުވެއްޖެއެވެ. އޭނަ ބިރުން މަރުވަނީއެވެ. ނޭވާ ހާސްވަނީއެވެ. މުޅި މޫނު ހީވަނީ ކަފަކޮޅެއްހެނެވެ. އެވަގުތު އޭނަގެ ސިކުނޑީގެ އެއްކަނަކުން ސިގްނަލް ދޭން ފެށީ އެއީ ހަގީގަތް ކަމަށެވެ. އޭނައަށް ބަލިކަމަށް ހީކުރެވުނު ހުރިހާ އަލާމާތްތަކަކީ މާބަނޑުވުމުގެ ޢަލާމާތްތަކަށް ވެދާނެ ކަމަށެވެ. މޮޔަކަމުން އެއްފަހަރުވެސް އެހެން ވިސްނާލަން ނޭގުނީއެވެ. މެޑިކަލް ވާހަކަ ފޮތްތައް ކިޔަމުން ގޮސް ބައްޔެއްވާއިރަށް ލިއުކީމިއާ ފަދަ ބޮޑެތި ނުރައްކާތެރި ބަލިތަކަށް ޝައްކުކުރެވުނީއެވެ. އޭނަ ހާދަ ގަމާރެވެ.
"އެކަމަކު އަޅުގަޑުގެ މެންސެސް ރެގިއުލަރ.. ދެން ކިހިނެއް މިހެންވާނީ.."މައިރާ ލޯހުޅުވާލިއިރު އައިޒާން ނެތެވެ. އޭނަ ގޮތްހުސްވެފައިވާފަދަ ބެލުމަކުން ޑޮކްޓަރުގެ މޫނަށް ބަލާލި ގޮތުން އޭނަގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އެންމެ އަށާރަ އަހަރެވެ. މިހާ ބޮޑު ޒިންމާއެއް ނެގޭވަރަށް މައިރާ ހަރު ކަމަކަށް ޑރ. މުސްކާނު އަށްވެސް ގަބޫލެއްނުކުރެވުނެވެ .މުސްކާނު އިތުރު ސުވާލުތައްކުރަން ފެށިއެވެ.
"މިދިޔަފަހަރުވެސް ވަން ވީކްވަންދެން ވިއޭ.. އެކަމަކު އެފަހަރު މާ އަވަހަށްވީވެސް... ޑިއު ގެ ވަން ވީކް ކުރިން... ބަލިވެއުޅުނީމަ އެގޮތަށް ދިމާވެދާނެ ނޫންތޯ.. އެކަމަކު.. އިޓްސް މެޑިކަލީ ނޮޓް ޕޮޒިބަލް.. ޕްރެގްވެއްޖެއްޔާ ކިހިނެއް މަންތްލީކޮށް.. ނޫން.. ތިއީ ނުބައި ރިޕޯޓެއް.."މައިރާގެ އުއްމީދު އާލާވިއެވެ. އޭނަގެ ބެލުމުގައިވަނީ އެހީއަށް އެދޭފަދަ ގޮތެކެވެ.
"ތިއީ އިމްޕްލާންޓޭޝަން ބްލީޑް.. ދެން ޔަގީންކޮށްލަން ސްކޭނެއްވެސް ހަދާނީ.. ރިލެކްސް އިނގޭ.. ދުނިޔެ ހުސްވީކީ ނޫނެއްނު ދޯ.." މުސްކާނު އިރުކޮޅަކު މައިރާ ހިތްހަމަޖައްސާލަން ވާހަކަ ދައްކަން ހުރުމަށްފަހު ބޭރަށް ނުކުތުމުން މައިރާ އެކަނިވިއެވެ. ކެތްކުރި ނަމަވެސް ހިތް ޒަޚަމްވެގެން ފައިބައިގަން ލޭތައް ކަރުނައިގެ ސިފައިގާ ލޮލަށް ޖަމާވިއެވެ. އެންމެފަހުން އެސްފިޔަތަކަށް ބަރުވެގެން ކަރުނަތައް ބަންޑުންވެގަތުމުން އޭނަ ދެއަތުން މޫނު ފޮރުވިއެވެ.

އައިޒާން ބޭރަށް ނުކުތްއިރު އޭނަގެ ސިކުނޑި ރަގަޅަށް މަސައްކަތެއްނުކުރެއެވެ. ހިތްވަރު ކުރަމުން ދިޔަވަރަކަށް އެސްފިޔަތައް ތެމެމުންދިޔައެވެ. ހިތަށް ކެތްނުކުރެވޭފަދަ އަސަރުތަކެއްކުރަމުން ދިޔައެވެ. ރިހުން ގަދަވިއެވެ. ހީވަނީ ހިތުގައި މީހަކު ހިފާ ފިތަމުން ދާހެނެވެ. ބޮލުގައި ވެސް ރިއްސަން ފެށިއެވެ. ހަށިގަނޑުން ވަރުހުސްވިއެވެ. އެ ޚަބަރު އިވުމުގެ ކުރިން މަރުވުނަމަ މާ ރަނގަޅުވީހެވެ.
ހަލާކުވެފައިވާ ހިތަކާއިއެކު އައިޒާން ހޮސްޕިޓަލުގެ އޯޕީޑީ ހިސާބަށް ނުކުމެ އެއްފަރާތުގައި ހުއްޓިލައިގެން ހުރެ ވަށައިގެންވާ މީސްތަކުންނާއިމެދު ވިސްނާލިއެވެ. މިއީ ހޮސްޕިޓަލެކެވެ. އެއްވެސް މީހަކު އުފާކުރަން ނޫނީ ހިތްހަމަޖައްސާލަން އަންނާނެ ތަނެއްނޫނެވެ. ކޮންމެހެން މަޖުބޫރުވެގެން ނޫނީ މިހާ ފޫހިތަނަކަށް އެކަކުވެސް ނުވަންނާނެއެވެ. މިތަނަށް އަންނަނީ ބަލިމީހުންނެވެ. ނޫނީ ކޮންމެވެސް ބަލިމީހެއްގެ އެހީތެރިންތަކެވެ. އެންމެންވެސް އެވަނީ ފިކުރެއްގެތެރޭގައެވެ. ނުތަނަވަސްވެފައެވެ. އެންމެންގެ މޫނުތައްވަނީ މިލާފައެވެ. އެއްވެސް މީހެއްގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. ނަމަވެސް މިމީހުންގެތެރޭގައިވެސް އޭނަހާ ބަދު ނަސީބު ،ހިތާމަވެރި އިންސާނެއްނުވާނެކަން ޔަގީނެވެ. ޑޮކްޓަރުގެ ރިޕޯޓް އިއްވުމުން އޭނަ ފިނިވީ ގޮތަށް އަދިވެސް ހިތުގެ ތެޅުން މަޑެއްނުވެއެވެ. އެފަދަ ނުބައި ޚަބަރެއް އުމުރު ދުވަހުވެސް އަޑުއިވިފައެއްނެތެވެ. މައިރާ އެހާ ނުބައިކުއްޖަކަށްވެއްޖެއްޔާ އޭނަ މޮޔަވެދާނެއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެ ޑޮކްޓަރު ބުނީ ތެދުވާހަކައަކަށް ނުވެދާނެއެވެ. ފަހަރެއްގައި އޮޅުނީ ކަމަށް ވެދާނެއެވެ. ރިޕޯޓްއޮޅުވާލައިގެން ވެސް ހީވެސް ނުކުރާފަދަ ހިތްހަމަނުޖެހުމާއި ހާސްކަމެއްގެ ތެރެއަށް މީހަކު ވެއްޓިދާނެއެވެ. އޭނަގެ މައިރާ އެހާ ނުލަފައެއް ނުވާނެއެވެ. އެއީ މަޢުސޫމް ޢިއްފަތްތެރި ކުއްޖެކެވެ. މަކަރުވެރި ކުއްޖެއްނަމަ އެހާ ފަސޭހައިން އޭނަ ގޮވައިގެން ޑޮކްޓަރަށް ދައްކަން ނާންނާނެއެވެ. ބޭޒާރުވާކަށް ބޭނުމެއްނުވާނެއެވެ. ބަލިވެ އިނުމުގެ އަލާމާތްތައް އޮޅުވައެއް ނުލާނެއެވެ. އެކަން އެނގިފައިވިނަމަ މައިރާ އަމިއްލައަށް ޑޮކްޓަރަށް ދައްކައިގެން ދަރިފުޅު ނައްތާލީހެވެ. މިކަމުގައި ގޯހެއް އެބައުޅެއެވެ.
އައިޒާން ހިތަށް ވިސްނާދިނުމަށްފަހު ކޮފީއެއް ބޯލަންކަމަށް ކެފޭއަށް ވަދެގެން ދިޔައިރު އެތައް ބަޔެއްގެ ސަމާލުކަން އޭނައަށް ހުއްޓިފައިވާކަމެއް ނުދެނެހުއްޓެވެ. އެތައް މީސްތަކުންގެތެރެއިން އޭނައަކީ ފާހަގަކުރެވޭފަދަ ޝަޚުސިއްޔަތެއްކަމެއް ވެސް އަމިއްލައަކަށް އިހުސާސެއް ނުކުރެވުނެވެ.

މައިރާ ސްކޭން ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެއްޖެއެވެ. އޭރު އޭނަގެ ހިތް ތެޅެމުން ދިޔައީ އާދަޔާޚިލާފު ބާރު މިނެއްގައެވެ. މުޅި ހަށިގަނޑުވަނީ ގަނޑުފެންކޮޅަކަށްވެފައެވެ. ޑޮކްޓަރު މުސްކާނު، މައިރާގެ ފައިމަތީގައި ރަޖާގަނޑެއްއަޅާލަދިނެވެ. މައިރާގެ ބަނޑު އަދިވެސް އެހާ ތުންޏެވެ. ޑޮކްޓަ ޖެލްކޮޅެއްލުމުން ވަކިން ބޮޑަށް ފިނިވެ މައިރާ ރޫރޫއަޅާގޮތްވިއެވެ. ސިކުންތުކޮޅެއްގެތެރޭގައި އޭނައަށް ހުރިހާކަމެއް ޔަގީންވާނެއެވެ. މައިރާ އޮތީ ނޭވާހިފަހައްޓާލައިގެންނެވެ. ޑޮކްޓަ މުސްކާނު ޕްރޯބް ޖެއްސުމާއިއެކު ދެ ލޯބޮޑުކޮށްލާފައި މައިރާ ސްކްރީނަށް ބަލާލައިފި އެވެ.
"މައިރާ...ބަލާލަބަލަ..ފެނޭތަ؟ މިއޮތީނު ބޭބީ.. މިފެންނަނީ ހިތް..." މުސްކާނު އިނީ ހެވިފައެވެ. މައިރާގެ ލޯ މައްޗަށް އިރުކޮޅަކަށް އަނދިރިވެގެން ދިޔައެވެ. އިރުކޮޅަކަށް ސްކްރީން ފުސްވިއެވެ. އެއީ ތެދެކެވެ. އޭނަގެ ބަނޑުގައި އުފެދި ބޮޑުވަމުން އަންނަނީ ރެޔާންކުރި ފާފައިގެ ނިޝާނެވެ. އެހަނދާންތަކެވެ. ހިތުން ފިލުވާނުލެވޭނެފަދަގޮތަކަށެވެ. އެފަދަ ފާފަތައް ބައެއްފަހަރު ދެމިގެންވާ ނިޝާނެއްގެ ގޮތުގައި އަބަދުގެ އަބަދަށް ކުރިމަތީގައި އެނބުރޭނެއެވެ. ކިތަންމެ މާޒީ ހަނދާން ނައްތާލަން އުޅުނަސް ރެޔާންގެ މަތިން ހަނދާންނައްތާލުމަކީ ދެން ވެވިދާނެކަމެއްކަމާއިމެދު ހިތުގައި ސުވާލު އުފެދުނެވެ. ރެޔާން ގާތު ބުނަންވީއެވެ. އެންމެންގެތެރޭގައި ބޭޒާރު ކޮށްލަންވީއެވެ. އައިޒާންއަށްވެސް ހަގީގަތް ކިޔާދޭންވީއެވެ. އޭނަ އެކަނިމާއެކަނި މި ހިތާމައާއި، ފާފައިގެ ތެރެއަށް ގެނބި މަރުވެގެން ދިޔުމަކީ އިންސާފެއް ނޫނެވެ.
މައިރާގެ ތުންފަތްމަތީގައި ހަރުލާފައިވަނީ އާހްތަކެވެ. ހިތްކުދިކުދިވެ ފައިބަމުންދަނީއެވެ. މިވީ ކިހިނެއް ކަމެއް ނޭގުނެވެ. މިއީ އޭނަ ޚިޔާލުކުރިކަމެއްވެސް ނޫނެވެ. ހިތަށް ގެނައިކަމެއްވެސް ނޫނެވެ. މިހެންވާންވީ ކީއްވެކަމެއް ނޭގުނެވެ. ފާފަކުރީ އޭނައެއްނޫނެވެ. ރެޔާންއެވެ. ރެޔާންކުރި ކުށުގެ ސަޒާ އުފުލަން ޖެހުމަކީ އިންސާފެއްނޫނެވެ. ނޫނެކެވެ. ނޫނެކެވެ. މައިރާގެ ސިކުނޑިތެރޭން ހަޅޭއްލެވެމުން ދިޔައެވެ.

ޑޮކްޓަރު ހިތްވަރުދޭންވެގެން ދެއްކިވާހަކަތަކެއްވެސް މައިރާއަކަށް ނީވުނެވެ. އޭނައަށް ހަމަ ރޮވުނީއެވެ. ކޮޓަރިއަށް ވަންއިރު އައިޒާން ސޯފާގައި އިންތަން ފެނުމުން މައިރާ ގެ ފިޔަވަޅުތައް ގަނޑުވިއެވެ. ޑޮކްޓަރުވެސް އޭނަގެ ފަހަތުން ވަނެވެ.
"މިސްޓަރ އައިޒާން.. ސްކޭންއިން ވެސް ދައްކަނީ މައިރާ ޕްރެގްކަމަށް... މައިރާއަށްވެސް ބޭބީ ފެނުނު.. ހިތުގެ ހަރަކާތްތައްވެސް ފެނުނު..." ޑޮކްޓަރ އައިޒާން އާއި ސަލާމްކޮށްލަމުން ޕްރިންޓްކޮޅު ދިއްކޮށްލައިފިއެވެ. އައިޒާން އެ ޕްރިންޓްކޮޅުގައި ހިފިއެވެ. އޭނަ އަވިއައިނު އަޅައިގެން ހުރުމުން އެ ލޮލުގައިވި ރިހުން މައިރާއަކަށް ނުފެނުނެވެ. މައިރާ ހީކުރީ ރުޅިގަދަވަގެން އައިޒާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމުގައެވެ. އޭނަ އެނދަށް އެރިގޮތަށް ބިރުން ނޭވާހިފަހައްޓައިގެން އޮތްވާ ނަސީބަކުން އައިޒާން ހިނިތުންވެލައިފިއެވެ. މައިރާއަށް އައިޒާން ދެރަވާނެވަރާއި ރުޅި އަންނާނެވަރު އިހުސާސްކުރެވުނެވެ. އަދި އައިޒާން، ޑޮކްޓަރު ހުރުމުން އެ ޖަޒުބާތުތައް ފޮރުވީކަން އެނގުނެވެ. އެއީ ރެޔާންގެވެސް ހުނަރެކެވެ. ރެޔާންވެސް ޖަޒުބާތުތައް ނުދައްކަން އެހާ ކުޅަދާނަވާނެއެވެ. އޭނަ އެތައް ދުވަހެއްވަންދެން އެކީގައި އުޅުނު ލޯބިވެރިޔާގެ ސިފަތައް ތަފާތެއްނެތި އައިޒާންގެ ފަރާތުން މިދަނީ ފެންނަމުންނެވެ. އެއީ އަޖާބެކެވެ. އެއްބަނޑު އެއްބަފާކަމުގެ ގުޅުމެއްނެތްއިރުވެސް ރެޔާން އާއި އައިޒާން ވައްތަރެވެ.
"މައިރާ މިހާރު އޯކޭ.. އެކަމަކު އަދި މިރޭ އައިވީ އެއް އަޅާލީމަ ރަގަޅުވާނީ.. މާދަންގެއަށް ފޮނުވަދޭނަން..." ޑޮކްޓަ މުސްކާނު އެތަނުން ދިޔުމުން އައިޒާން ހުރީ ކުޑަދޮރުކާރީގައި ބޭރުބަލަން ހުއްޓިލައިގެންނެވެ. އެތަނުން ފެންނަ މަންޒަރުތައް މާރީއްޗެއް ނޫނެވެ. ނަމަވެސް އޭނަ ހުރީ ގެއްލިފައެވެ. އެތަނަށް ފެތުރިގެންދިޔައީ މަރުފަދަ ހިމޭންކަމެކެވެ. ނަރުސް ކުއްޖާ މައިރާގެ އަތަށް އައިވީ ގުޅިއެވެ. މައިރާ ދެލޯ މަރާލައިގެން އޮތްއިރު އޭނަގެ ދޮންބެ ގެ ވާހަކަތައް ވެސް ތޫނު ތީރުތަކެއްހެން ސިކުނޑިއަށް ހެރުނެވެ. ބޮޑެތި މީހުން ކަންތައް ވިސްނާނީ މަސްލަހަތަށް ބަލާފައި ދުރު މުސްތަގުބަލަށް ވިސްނައިގެންނެވެ. ޢިއްފަތްތެރިކަން ގެއްލިފައިވާ އަންހެންކުއްޖަކު އެހެން މީހަކާއި އިންއިރު ހަގީގަތް ވަންހަނާކުރުމުން ވާންވީގޮތްވީއެވެ. އައިޒާން އޭނަ އާއިމެދު ވިސްނާނީ އެންމެ ނުބައިކޮށެވެ. އެންމެ ދަށްކޮށެވެ. ނާސިއެއްފަދައިންނެވެ. އައިޒާން ހިމޭނުން ނީދެ އޭނަ ގާތުން ސުވާލުކުރާނެ ނަމައެވެ.
ނަސީބަކުން އައިޒާން ނިދާބޮކި ދިއްލާލައިފިއެވެ. ފަނޑުއަލީގެ ތެރެއިން އޭނަގެ ކަރުނަތަކެއް އައިޒާންއަކަށް ނުފެންނާނެއެވެ. މައިރާގެ ލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތައް ބާލީހުގެ ތެރެއަށް ވަންނަމުން ދިޔައެވެ. ކިތަންމެ ވަރަށް ކަރުނަތައް ދިރުވަން މަސައްކަތްކުރިޔަސް ހިތަކަށް ބާރެއްނުފޯރުވުނެވެ. އަމިއްލަ ބަދުނަސީބު ޙާލަތާއިމެދު ސަހަރޯވެރިވިއެވެ. ހަމްދަރުދީވިއެވެ. އަދި އޭނަގެ ސަބަބުން ކުށެއްނެތް އައިޒާންގެ ހަޔާތްވެސް ހިތާމައިގެ ކަނޑަކަށް ގަންބާލެވުނީތީ އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ.
"ޒާން.. އައިމް ސޮރީ.. އެވާހަކަ ނުބުނެވި ސިއްރު ކުރީމަ.."އެންމެފަހުން މައިރާއަށް ކެތްނުކުރެވިގެން ބުނެވުނެވެ. އައިޒާން ވަކި ޖަވާބެއް ނުދިނެވެ. އައިޒާން މައިރާ އާއި ވާހަކަދައްކާކަށް ބޭނުމެއްނުވިއެވެ. މައިރާ ލަދުގަތެވެ. އެހެން ބުނެވުނުކަމުގެ މޮޔަހީވިއެވެ. އައިޒާން އާއި އޭނައާއި ދެމެދު ވަރުގަދަ ބީރައްޓެހިކަމުގެ ފާރެއްލެވިއްޖެއެވެ. އެ ފާރު ފުނޑުފުނޑުކޮށްލެވޭނެ ގޮތެއް ވިސްނުމަކަށް ނައެވެ.
"އިހައް ތި ވާހަކަ ބާއްވާ.. އޯކޭ.." އައިޒާން އިރުކޮޅެއްފަހުން ބުނެލިއިރު އެ އަޑުގައި ހަރުކަށިގޮތެއް ހުއްޓެވެ. މައިރާ ހިމޭންވިއެވެ. އޭނަ އަމިއްލައަށްވެސް ކުށްވެރިކަމުގެ އިހުސާސްތައްކުރެވުނެވެ. އައިޒާންއާއިމެދު ވިސްނަމުން ގޮސް ބޯ ހަލާކުވާވަރުވިއެވެ. އައިޒާންއަށް ކަންހިނގިގޮތް ކިޔާދީފިއްޔާ ފަހަރެއްގައި މާފުކޮށްދީފާނެއެވެ. ނަމަވެސް ރެޔާން ކުށްވެރިކޮށްފައި ވާހަކަދައްކަން ހިތެއްނުރުހުނެވެ. ރެޔާންގެ އަނދިރިފަރާތް އައިޒާންއަށްވެސް ބޭޒާރުކޮށްލަން ހިތްނޭދުނެވެ. ވިސްނާނުލައި ރެޔާންގެ ވާހަކަ ދައްކައިފިއްޔާ ދެން ކުރަންޖެހޭނެ ހިތާމައެއްވެސް ނޭނގެއެވެ. އައިޒާން ވަގުތުން ގޮސް ރެޔާންގެ ގާތުގައި ނުބުނާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. މައިރާ އަނެއް ފަރާތަށް އެނބުރުނެވެ. އައިޒާންއަށް ދެވުނީ ހިތުން ފިލައިގެން ނުދާނެފަދަ ލަނޑެއްކަން ވިސްނިގެން ހިތަށް ކުރަންފެށީ ނުބައި އަސަރުތަކެކެވެ. އަދި މިކަމުގެ ރޯޅި ކުރިއަށް އޮތީކަން މައިރާއަށް ވިސްނުނެވެ. އޭނަ މަރުވާނެ ނަމައެވެ. އެހެންނޫނީ މިކަމުން ސަލާމަތްވާނެގޮތެއްނެތެވެ. ނަމަވެސް އޭގެ ކުރިން ރެޔާން އަށް މެސެޖެއްދޭން އޭނަ ބޭނުމެވެ. އޭނައަށް ދިން ވަރުގަދަ އިނާމަށް ޝުކުރުވެރިވާންޖެހޭނެއެވެ. މައިރާ ބިއްދޮށަށް އެނބުރިއޮވެ ރެޔާންއަށް މެސެޖެއްލިޔުނެވެ.

މައިރާއަށް އޭނަގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުން ހަލާކުގެތެރެއަށް ވައްޓާލެވިއްޖެކަން ޔަގީންކުރެވުނެވެ. ލޯބިވާ އެތައްބަޔަކުގެ ދިރިއުޅުމުގައި އަލިފާން ރޯކޮށްލެވިއްޖެ އެވެ. ހުރިހާ މަލާމާތެއް ރައްދުވަނީ ރެޔާން އާއި އޭނަގެ އަމިއްލަ ނަފުސަށެވެ. 

ރެޔާން ގެ ކޮޓަރީގެ ކުޑަ ދޮރުތައް ހުޅުވާލާފައިވާއިރު، އިރުގެ ރަންއަވި ކޮޓަރިތެރެއަށް ހުރަހެއްނެތި ވަންނަމުން ރަންގަޑެއްހެން ވިރުވާ އަޅަމުން ދިޔައެވެ. ކޮޓަރިވަނީ އަލީގެ ފައްވާރާއިން އުޖާލާވެފައެވެ. ރެޔާން ސޯފާގައި އިށީދެލައިގެން އިންއިރުވެސް އޭނަގެ ލޯބިވާ މައިރާގެ ކޮޓަރި ފެންނަން ހުއްޓެވެ. އެ ކޮޓަރިއަށް ބަލަހައްޓައިގެން އިނުމުންވެސް ހިތްހަމަޖެހުމެއް ލިބެއެވެ. ނަމަވެސް މައިރާ ހިނގައްޖެއެވެ. ވަރަށް ދުރަށް ހިގައްޖެއެވެ. ކުރެވުނު ކުށަކުން މައިރާ ގެއްލިގެން ދިޔައީއެވެ. މާޒީ އަނބުރާ ގެނެވޭނެ ނަމައެވެ. އެންމެ ދެރަވީ އޭނަ އެވަރަށް އާދޭސްކޮށްފައި ފޮނުވި ސިޓީއާއިމެދު މައިރާކަންތައް ކުރި ގޮތުންނެވެ. އީޝަލް އެވާހަކަ ބުނުމުން އޭނަ ހިތްހަރުކޮށްލާފައި އައިނަމަވެސް އެކަނިވުމުން އޭނަ ހިތާމަކުރިވަރު ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ. ދުނިޔޭގައި ހުއްޓަސް އޭނަގެ ހިތްވަނީ މަރުވެފައެވެ. ރެޔާން ޚިޔާލެއްގެތެރޭގައި އޮތްވާ އޭނަގެ ކޮއްކޮ އީޝަލް ދޮރުން ބޯދިއްކޮށްލައިފިއެވެ. ކޮޓަރި ތަޅުނުލާ ހުރެއްޖެއްޔާ އީޝަލް ހުއްދަ ހޯދުމެއްނޯންނާނެއެވެ.
"ޝިޝޫ..ކުރާނެކަމެއް ނުފެނުނީތަ؟ " ރެޔާން ލެޕް ހުޅުވާލައިގެންއިންއިރުވެސް ލޮލުގައިވަނީ އަވިއައިނެވެ.
"ވަރަށް ނުބައި ޚަބަރެއްދޭން މިއައީ.. މަންމަ ހަމަ ރަނގަޅަށްވެސް ސައިކޯވެއްޖެ.." އީޝަލް ލައިގެން ހުރި ރަތްހެދުމާއި ކުރު ސޯޓް އަދި އިސްތަށިގަނޑަށް ވެރިވެފައިވާ އޮރެންޖްކުލައިގެ ސަބަބުން އޭނަ ފެންނަނީ ރުޅިގަދަ ގޮތް ދޫނުކުރާ ކުއްޖެއްގެ ގޮތުގައެވެ. އީޝަލްގެ މިޒާޖު މިފަހަކަށް އައިސް ބަދަލުވަމުން ދިޔައީ އެހާ ބޮޑަށެވެ. އެއީ ފުރާވަރުގެ ނުބައި ބަދަލެއް ކަންނޭނގެއެވެ.
"ކީއްވެ ތިހެން ބުނީ؟ " ރެޔާންއަށް އީޝަލް ކޮންމެފަދަ އެއްޗެކޭ ކިޔާފާނެކަން އެނގޭތީ އަހާލީ ފަރުވާ ކުޑަ ގޮތަކަށެވެ.
"މަންމަ ބައްޕަގާތުގައި ދެއްކި ސިއްރުވާހަކައެއް އަޑުއިވުނީ.. އެވާހަކަ އަޑުއިވިއްޖެއްޔާ ރެއިން ފެއިންޓްވެދާނެތީ ބިރުގަނޭ ބުނަން.. އެހެންވެ ބުނަނީ މަންމައަކީ ސައިކޯއެކޭ.. ދެން އެއީވެސް މީހުންކުރަން ހިތަށް އަރާވަރުގެ ކަމެއްތަ؟ މަންމަ ގެ ސަބަބުން މިގޭގައި އުޅޭކަށް ބޭނުމެއްނޫން.. މަންމަ ދެއްކީ ރެއިންގެ ވެސް ވާހަކައެއް..."އީޝަލްގެ ވާހަކަ ހުރިގޮތުން އޭނަ އެހާ ފަސޭހައިން އެ "ބޮޑު" ސިއްރު ނުބުނާނެކަން ރެޔާން ދެނެގަތެވެ. އަބަދުވެސް އީޝަލް އިނާމެއް އަތުލައިގެން ނޫނީ އެފަދަ ވާހަކައެއް ނުބުނާނެއެވެ. ބައެއްފަހަރު ކިތަންމެ ކޫސަނިވާހަކައެއްވެސް އެކުއްޖާ ބޮޑުކޮށްގެން ދައްކަފާނެއެވެ.
"ތިހާ ބޮޑު ސިއްރެއްވެއްޖެއްޔާ ކިޔާދޭނެ ކަމެއްނެތް.."ރެޔާން އެހެން ބުންޏަސް އޭނަ އެވާހަކަ އެނގެން ބޭނުންވިއެވެ. ބައެއް ފަހަރު މި ކުޑަ ސިޔާސަ ކުއްޖާގެ ކަންފަތް އުފުރާލަން ހިތަށް އަރާފަހަރުވެސް އާދެއެވެ. އެހާ އުނދަގޫކުރާ ވަގުތުތައް ވެސް ގިނައެވެ. މީހުންގެ ވާހަކަތައް ސިއްރުން އަޑުއެހުމާއި ލަނޑުދިނުމަކީ ވެސް އާދައެކެވެ.
"ރެއިން.. ފޯނުދީފާނަންތަ؟ އިޝޫއަށް ފޯނެއް ދޭނެމީހަކުވެސް ނުވޭ.. އެވާހަކަ ބުނެދޭނަން ގޭމެއް ކުޅެލާފައި.."އީޝަލް އެހެން ބުނުމުން ރެޔާން އީޝަލްއަތަށް ފޯނު ދީފައި އިތުރު އެއްޗެކޭ ބުނުމެއްނެތި ބެލްކަންޏަށް ނުކުތެވެ. އީޝަލް ގޭމްކުޅެން އުޅެނިކޮށް ފޯނަށް އައި މެސެޖްތަކެއް ފެނުމުން އޭނަ ޙައިރާންވެ އަންތަރީސްވިއެވެ. ދެ ލޯބޮޑުވިއެވެ. އީޝަލް ސިއްރު ނަޒަރަކުން ބަލާލިއިރު ރެޔާން ހުރީ ބެލްކަނީގައި އަތް އަޅުވާލައިގެންނެވެ

ކޮމެންޓް 0