ގޭތެރެއަށް ވެރިވެފައި ވަނީ ފުން ހިމޭން ކަމެކެވެ. އެއްވެސް ދިމާލަކުން ނޯކަރެއްގެ ހިލަމެއްވެސް ނުފެނެއެވެ. ޑޮކްޓަރު އައިމަން މެންގެ އާއިލާގެ މީހުން ނެތުމުން ކުރާނެ މާބޮޑު މަސައްކަތެއްވެސް ނެތީކަން ނޭގެއެވެ. އަންވަރު ކޮރިޑޯ ހުރަސްކޮށްލައިފައި ފިޔަވަޅުތައް ކުރިއަށް ނަގަމުން ދިޔައިރު މޯނާ ކާކޮޓަރި އާއި ދިމާލުން ފެނުނެވެ. އޭނަ ސިޑިބަރީގެ ނިވަލުގައި މޯނާ ކުރާ ނުކުރާކަމެއް ބަލަން އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ. މޯނާގެ ބުރުގާ ދަމައިގެންފާ އެ މޫނު ދެކެންވެސް އަންވަރު ބޭނުންވިއެވެ. ނަމަވެސް ފުރަތަމަ ނިންމާލަން ވާނީ މައިރާ އާއި އެކުޑަކުއްޖާގެ ކަންތަކެވެ. އޭރުން އެ އާއިލާއަށް ގިޔާމަތް ވާނެއެވެ. އަންވަރު ސިޑިން މައްޗަށް އަރައިގެން ދިޔައިރު ދެފަރާތަށް ކަޅިއުކަމުން ދިޔައެވެ. މޯނާމެން ފަދަ ވަފާތެރި މީހަކަށް ފެނިއްޖެއްޔާ ހުރިހާ ކަމެއް ބޮއްސުންލައިގެން ހިގައިދާނެއެވެ.

މައިރާ ޢަދަން އެނދުގައި ބާއްވާލައިގެން ލޯބިން ވާހަކަދައްކަމުން ދިޔައިރު ޢަދަން އޮތީ ހީލަހީލައެވެ.

"ޑެޑީ ބަލާ އައިމަ މަންމީމެން ގެއަށް ދާނީ. ޑެޑީއަކަށް ނޫޅެވޭނެ މި ކުޑަ ފުށްގުޅަ އާއި ނުލައި. ދޮންބުދުވެސް ޑެޑީ ނެތީމަ ދެރަވާނެ. ޑޭޑީ އާއި މަންމީވެސް ކުޑަ ކުޑަ އެންޖެލް ދެކެ ހާދަ ލޯބިވެޔޭ...." މައިރާ ޢަދަންގެ މޫނުކޮޅުގައި ބޮސްދެމުން ލަވައެއް ކިޔާދޭން ފެށިއެވެ. ޢަދަން ހީލަމުން ފަޔާއި އަތް ތަޅުވާލަތަޅުވާލާ އޮތްއިރު ދެކޭ ކޮންމެ މީހަކަށް އެ ތުއްތު ދަރިފުޅުގެ އުފާވެރިކަން ވަޒަން ކުރެވިދާނެއެވެ. ކުއްލިއަކަށް މީހަކު ޓަކިދިން އަޑަށް މައިރާ ސިހުނެވެ. ބިރުގަންނަ ގޮތްވިއެވެ. ޔަގީނުންވެސް ރެޔާންގެ ޓަކިދިނުމާއި، ފިޔަވަޅުގެ އަޑުވެސް މައިރާގެ ސިކުނޑީގައި ބިންވަޅު ނެގިފައިވެއެވެ. ވީއިރު މިކޮޓަރި އާއި ހަމަޔަށް ވަދެގަތީ ކާކުބާވައެވެ. މައިރާ ވިސްނާލާފައި ވަގުތުން އައިޒާންއަށް ގުޅިއެވެ. ރެޔާންއަށް ގުޅައިގެން ބޮޑު މައްސަލަގަނޑަކަށް ހަދާކަށް އޭނަ ބޭނުމެއް ނުވިއެވެ. ރެޔާން އަންނައިރު އެމީހަކީ މައިރާ އާއި ދިމާކުރަން އައި މީހެއް ކަމަށްވެއްޖެއްޔާ އަންނަ ރުޅީގައި އެމީހެއްގެ ފުރާނަ ދުއްވާލަންވެސް ރެޔާން ފަހެއް ނުޖެހޭނެކަން ނޭގެއެވެ. އައިޒާން ތަފާތުވާނެއެވެ.

އެމީހަކު ބާރަކަށް ތަޅުގައި ހިފަމުން ދޮރުހުޅުވަން މަސައްކަތް ކުރަމުން ދިޔައެވެ.

އިރުކޮޅެއްފަހުން މައިރާއަށް އައިޒާން ވާހަކަދެއްކި އަޑުއިވުމާއިއެކު ލިބުނު ހިތްހަމަޖެހުމާއިއެކު އަވަސްއަވަހަށް ދަރިފުޅު އުރާލައިގެން ބޭރަށް ނިކުތްއިރު ކޮރިޑޯގައި ތިބީ އައިޒާން އާއި އަންވަރުއެވެ. ވީއިރު އޭނަ މިގޭގައި އެކަނި އުޅޭކަން އެގިގެން ލަނޑެއްދޭންވެގެން މިއައީ އަންވަރު ތާއެވެ. އަންވަރު ހުރީ ގަދަޔަށް ރުޅިއައިސްފައެވެ. އޭނަ ލޯ އަޅާލައިގެން ހުރިތަން ފެނުމުން މައިރާގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި ކޮޓަރިއަށް ވަދެ އެހެން މީހުންނަށްވެސް ގުޅަން ބޭނުންވިއެވެ. އަންވަރު އައިޒާންއަށް ހަމަލާއެއް ދީފާނެ ބާވައެވެ.

"އަހަރެން ގެ ބޮލުގައި ކޮންކަމެއް ކަލޭމެން ތިއަޅުވަނީ. އަހަރެން މިތަނަށް އައީ ކޮންމެހެން މައިރާއަށް ފާރަލާކަށް ނޫން. މީހަކު މަތީ ބަޔަށް އެރިހެން ހީވެގެން ކާކުތޯ ބަލަން ވެގެން. ކޮން ފޮންޏެއްވާކަށް. ކަލޭމެން ކިތަންމެ ވަރަކަށް އޮޅުވާލައިގެން އުޅުނަސް ކަލެއަކީވެސް ސަމީނާއަށް ފައިސަލް ދިން ދަރިއެއް. އެހެންވެ މިހާރު އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އެންމެނަށް ކަންތަކެއް އޮޅުވާލަނީ. އަދި މައިރާގެ އުރުގައި އެހެރީވެސް ނަހަލާލު ދަރިއެއް. ކަލޭގެ ގޮތްކުޑަ ބައްޕަފަދައިން......" އެބަސްތަކާއިއެކު އައިޒާން ގޮށްމުށުން އަންވަރުގެ އަނގަމަތީގައި ޖަހަން ބޭނުންވިނަމަވެސް އައިޒާންގެ މުށްކެވުނު އަތް އުފުލާލައިފައިވެސް ތިރިކޮށްލައިފިއެވެ.

"އަނގަ ނުތަޅުވާ. ކަލެއަކީ ކާކުކަން އަހަރެން ވަރަށް ރަނގަޅަށް ދަންނަމޭ. ދެން ރަނގަޅުވާނީ މައިތިރިވެގެން ހުރިއްޔާ. ހަމަ މިހާރު މިގެއިން ނިކުމޭ...." އައިޒާންގެ ރީތި ދެލޮލުން އަލިފާން ކަނިބުރާހެން ހީވިއެވެ. އައިޒާން އެހާ ރުޅިގަދަވެފައި ހުއްޓާ ފެނުނު ހަދާނެއް މައިރާ ނުވެއެވެ. އެ ކަޅުކުލައިގެ ގަދަ ބުމަ ގޮށްޖަހާލައިފައި، ދަތްކުޑި ވިކާލައިގެން، ހަނި ނަޒަރަކުން ބަލަހައްޓައިގެން ހުރިއިރު، ރެޔާން އާއި ވައްތަރުވިވަރުން މައިރާގެ ހިތްވެސް މަޑުޖެހިލިއެވެ. އަދި އަންވަރު ގެ ނަފްރަތާއި އޭނަގެ މޫނު ބަނަކަމުންވެސް މައިރާ ބިރުގަންނަ ގޮތްވިއެވެ. އެދެމެދުގައިވާ އުދާސްކަމާއި ރުޅީގެ އަލިފާނުން ކޮންމެ ސިކުންތު ކޮޅެއް ގައިވެސް ހުޅުރޯވެދާނެހެން ހީވިއެވެ.

"އަހަރެން ގޮސްދާނަން. އެކަމަކު ހަދާންކުރާތި ކަލޭމެންގެ ދިރިއުޅުން ނަރަކައަކަށް ހަދާލާނަން. އަހަރެންގެ ކޮއްކޮ ބަރުބާދު ކުރި ފަދައިން. ބައިވަރު ދުވަހު އަހަރެން ކެތްކޮށްފިން. ކަލޭމެންގެ ފަރާތުން ބަދަލު ނުހިފަންޏާ އެކޮއްކޮގެ ފުރާނައަށްވެސް ހަމަޖެހުމެއް ނުލިބޭނެ. ބަލާތި. ކަލެ އާއި ކަލޭގެ އާއިލާގެ ފުރާނަވެސް ރޮއިގަންނަ ވަރު ކޮށްލާނަން...." އަންވަރު އަނދައިގަތެވެ. އޭނަ އައިޒާންގެ މޫނުމަތީގައި ހޫރުވާލި އިނގިލި ހީވީ އައިޒާންގެ ލޮލަށް ވަދެފާނެ ހެންނެވެ. އަދި އައިޒާންގެ މޭގައި ދެއަތް އަޅާ ބާރުލާފައި ކޮށްޕާލިއެވެ. އެވަރުންވެސް އައިޒާން ހުރިތަނުން ގުޑުވައެއް ނުލެވުނެވެ. އައިޒާން ގެ ގަޔަށް އަތްލުމުން އައިޒާން ވެސް ހިމޭނުން ނުހުންނާނެ ކަމަށް މައިރާ ހީކުރިއެވެ. ބާރުގަދަ ވާނީ އައިޒާން ކަން، އައިޒާންގެ އިސްކޮޅާއި، މުލައްދަނޑިއަށް ބަލައިލައިފައިވެސް އެގެއެވެ. އައިޒާން އަށް އަންވަރު އަތުކޮޅަށް އުފުލާލައިފައި ބިންމައްޗަށް ޖަހާލުމަކީވެސް ބޮޑުކަމަކަށް ނުވާނެއެވެ. އެދެމީހުންގެ ތަފާތަކީ އައިޒާންގެ ކެތްތެރިކަމެވެ. މީހެއްގެ ގަޔަށް އަތްލާން ބޭނުންނުވިކަމެވެ. އެވަގުތު ސިޑިން އަރައިގެން އައި ރެޔާން ފެނުމުން އަންވަރުވެސް ތަންކޮޅެއް ދުރަށް ޖެހިލިއެވެ. މިހާ ފިނިގަދައިރުވެސް އަންވަރުގެ މޫނުން ދާތިކިތައް ތަޅަމުން ދިޔައެވެ.

"ވަޓްސް ގޮއިން އޯން..." ރެޔާން ހަރުކަށި ގޮތަކަށް އަހާލައިފިއެވެ. ޢަދަންއަށް ރެޔާން ފެނުމާއިއެކު އަތްތަޅުވައިގަތީ ރެޔާން ގާތަށް ދާންވެގެންނެވެ. ރެޔާން ވެސް ދަރިފުޅުގެ އެ ލޯބި ހަރަކާތް ނުފެންނަކަމަށް ހެދުމުގެ ބަދަލުގައި އައިގޮތަށް ޢަދަން ނަގާފައި ހިނިތުންވެލަމުން އެމޫނުކޮޅުގައި ބޮސްދިނެވެ. އެ މަންޒަރުންވެސް އަންވަރު ހަސަދައިން ފުރުނެވެ. އެންމެންގެ ލޯބި ޢަދަންއަށް ލިބޭލެއް ބޮޑުކަން އެނގި، އެ ތުއްތު ފުރާނަ އާއި މެދު ދަހިވެތިވިއެވެ.

"ވީގޮތަކީ އަހަރެން ކާރު ސާފުކުރަންހުއްޓާ ގެއަށް ފިރިހެނަކު ވަންހެން ހީވެގެން އައިއިރު އައިޒާން މައިރާގެ ކޮޓަރިއަށް ވަނީ. މިގޭގެ ވެރިން ނެތިސް މިގޭތެރޭގައި ލަދުކުޑަކަމެއް ހިންގާކަށް ހިތްހަމައެއް ނުޖެހުނު. އެހެންވެ އަހަރެން ދޮރުގައި ތަޅައިގަތީމަ އައިޒާން ނިކުމެ އަހަރެންގެ ގައިގާ ޖެހީ...." އަންވަރު ހަދަހަދައިގެން ދެއްކި ވާހަކަތަކުން މައިރާ އާއި އައިޒާން އަށް ޝޮކެއް ލިބުނެވެ. މައިރާގެ މޫނު އަނގުރު އަލިފާން ކޮޅަކަށްވިއެވެ. އައިޒާންވެސް އަނގަޔަށް ހެދިގޮތުން އޭނަ ހައިރާންވެ އަންތަރީސްވިވަރު އެނގުނެވެ. 

"ރެއިން. އެއީ ދޮގެއް. އަހަރެން މިގެއަށް އައީ މޭއި ގުޅާފައި މީހަކު ދޮރުގައި ޓަކިދެނީއޭ ބުނީމަ އަދި އަހަރެން އައިއިރު....." އައިޒާން ޖުމްލަ މެދުކަނޑާލާފައި، ކަންބޮޑުވި ގޮތަކަށް ރެޔާން އާއި ދިމާލަށް ބަލައިލިއެވެ. މައިރާ ރެޔާންއަށް ނުގުޅާ އޭނައަށް ގުޅަންޖެހުނު ސަބަބާއިމެދު ސުވާލު އުފެދުނީ އެވަގުތުއެވެ. އައިޒާން އަކަށް ރެޔާން އާއި މައިރާ އާއި ދޭތެރޭގައި ހަމަނުޖެހުމެއް ހިގާފައިވާކަމެއް ނޭގުނެވެ. އައިޒާންވެސް ރަކިވިއެވެ. އޭނައަށް ބަލައިލެވުނީ މައިރާގެ މޫނަށެވެ. ހަގީގަތުގައި އެ ސުވާލަށް ޖަވާބު ދެވޭނީ މައިރާއަށް ކަމަށް ހީވާފަދަ ސުވާލުގެ ނަޒަރަކުންނެވެ.

"ހެހެހެ. ކޮބާ ކިހާވަރެއްވި. ތިވާހަކަ ގަބޫލުކޮށްފިއްޔާ ރެޔާން އަކީ ގަމާރެއް. ބަލަ ރެޔާންއަށް ނުގުޅާ އައިޒާންއަށް ގުޅާކަށް ނުޖެހޭނެ ދޯ. ދެމީހުން ސިއްރުން ބައްދަލުކުރަން މިގެއަށް ތިއައީ. މިއީ ވަގު ފިރި ދޯ. ރާދާ އެކޭ އެއްފަދައިން ދަރިވެސް ތިގެންގުޅެނީ ދެ ފިރިން. ދަރީގެ ބައްޕަ ކަށަވަރުވޭ ބާ..." އަންވަރު ބާރު ހިނގަނޑެއް ޖަހާލައިފިއެވެ. ރެޔާން އަންވަރުއަށް ހަމަލާއެއްނުދީ މައިތިރިވީ ދަރިފުޅުގެ މައުސޫމް މޫނަށް ބަލައިލާފައެވެ. ވިސްނާލައިފައެވެ. އައިޒާން އޭނަގެ ކުށެއްނެތްކަން އިތުރަށް ރެޔާންއަށް ބުނެދޭން ބޭނުންނުވެފައި ހުރެ ސިޑިން ފައިބައިގެން ދިޔައިރު އޭނައަށްވެސް ކެތްކުރެވުނީކީ ނޫނެވެ. އަންވަރުގެ ނުބައި ނުލަފާކަމުގެ ސަބަބުން ރުޅި އިންތިހާއަށް ގަދަވިއިރު ރެޔާން މިވަގުތު ނުބައި ހީއެއްކޮށްފާނެތީ އޭނަގެ ސިކުނޑިއަށް ވަނީ ބާރުކޮށްފައެވެ. އެކަމަކު ހަގީގަތުގައި މައިރާ އޭނައަށް ގުޅައިގެން ނުވެސްވާނެއެވެ. ރެޔާން އަށް ކުށްހީނުކުރެވޭނެ ގޮތަކީ ނެތްގޮތެކެވެ. މައިރާގެ ބޭނުމަކީ ކޮބާބާވައެވެ. އަންވަރު އެބުނި ކޮއްކޮ އަކީ ކާކު ބާވައެވެ.

އަންވަރުވެސް ބޯ ހޫރަމުން ސިޑިން ފައިބައިގެން ދިޔުމުން ރެޔާން މައިރާ އާއި ދިމާލަށް ބަލައިލީ ފާޑަކަށެވެ. ހީވަނީ މައިރާއަށް އިތުބާރު ނުކުރާ ހެންނެވެ. އަންވަރުގެ ވާހަކަ ގަބޫލުކުރިހެންނެވެ. އައިޒާންވެސް އިތުރަށް ވާހަކަ ނުދައްކާ އެދިޔައީ އޭނަގެ ބޭބެގެ ސިކުނޑީގައި ސުވާލުމާކް ތަކެއް ޖައްސާފައެވެ. ރެޔާން ނުރުހުމާއިއެކު ބަލައިލި ކަމަށްޓަކައި މައިރާ ބޭނުންވީ ހިމޭންވުމަށެވެ. އިސްޖަހައިލީ ގަސްތުގައެވެ. ރެޔާން އޭނައަށް އިތުބާރު ނުކުރަންޏާ ހެޔޮއެވެ. އައިޒާންވެސް ވަނީ ވީގޮތް ކިޔައިދީފައެވެ. ގެއަށް ގޮސްފައި ރެޔާން ރީތިކޮށް ލޯބިން ސުވާލުކޮށްފިއްޔާ އޭނަވެސް ހަގީގަތް ހާމަކުރާނެއެވެ. ރެޔާން އެމީހަކަށް ހަދާލާނެ ގޮތާއި މެދު ބިރުހީވެފައި އައިޒާންއަށް ގުޅީކަމަށް ބުނެވިދާނެއެވެ. ނަމަވެސް ހިދުކޮޅަކަށްވެސް ރެޔާން ގެ ޖަޒުބާތު ތަކާއި ކުޅުމަކީ ރަނގަޅު ކަމެއްބާވައެވެ. މައިރާ ދެރަވެ ހިތުގައި ޖެހުނެވެ. ހުރިހާ ދުރުކަމެއް ނައްތާލައިފައި ރެޔާންގެ ގައިގައި ބައްދާލައިގެން ހުރެ ހިތްފުރެންދެން ރޯލަން ބޭނުންވިއެވެ. އެއް ފިޔަވަޅުކުރިއަށްވެސް އެޅުނެވެ. ނަމަވެސް ރެޔާން ދާން ހިގައިގަތުމުން މައިރާއަށް އެ ޚިޔާލު ދޫކޮށްލަން މަޖުބޫރުވިއެވެ.

ރެޔާން މައިރާ އާއި އަގައިން ނުބުނެ ދުރުން އުޅުނީމަ މިއަދު މައިރާގެ ހިތަށް އަސަރުކުރިއެވެ. ލޯބީގެ އަގު ވަޒަން ކުރެވެންފެށީ ދެނެވެ. މައިރާ ގަސްތުކުރީ ރެޔާން އާއި ދިމާލަށް ހުތުރުބަހުން ވާހަކަދެއްކީތީ މާފަށް އެދިފައި އަންވަރު އެގެއަށް ދިޔުމުން ހިގި ހާދިސާ ރެޔާން ނާހަނީސް ކިޔައިދިނުމަށެވެ. މައިރާ ޢަދަން ނިންދެވުމަށްފަހު އަޔާނާ އާއި ޙަވާލުކޮށްލާފައި ބޭރަށް ނިކުތެވެ. އެތައް ދުވަހެއް ކޮށްލާފައި އަނެއްކާވެސް ބޯވިލާ ތަކުން އުޑުމަތި ބަނަވެފައިވާ ދުވަހެކެވެ. ބާރު ވައިރޯޅިތަކުގެ ހަމަލާތަކަށް ކެތްނުކުރެވިގެން ބިޔަގަސްތަކުގެ ގޮފިތައް ތެޅިފޮޅެމުން ދިޔައެވެ. ދެންމެ ދެންމެ ވާރޭ އޮއްސައިގެންފާނެހެން ހީވެއެވެ. މައިރާ ގޭތެރޭގައި ބުރެއް ޖަހާލުމަށްފަހު ބަގީޗާ ތެރެއަށް ނިކުތްއިރު މިއޮތް ފިނީގައި ރެޔާން އޮތީ ޕޫލްގައެވެ.

"ރެޔާން..." މައިރާ ޕޫލްގެ ކައިރިފަށުގައި ހުއްޓުނެވެ. ރެޔާން ބަލައިލިއެވެ. އެހިތް ހަލާކުކޮށްލާފަދަ ކަތި ނަޒަރުން މައިރާގެ ފިޔަވަޅުތައްވެސް ގަނޑުވިއެވެ. ހިތް ތެޅެންފެށީ ބާރުބާރަށެވެ. އަންނަމުން ދިޔަ ގަދަ ވައިރޯޅިތަކުގެ ސަބަބުން މައިރާގެ އިސްތަށިގަނޑު ވަޔާއި އުދުހެމުން ދިޔައިރު އެ ދޮންމޫނަށް ވެރިވެފައިވާ ރަތްކުލަ އާއި، ހެދުމުގައި ވައިއަޅުވަމުން ދިޔަގޮތުން ހަށިގަނޑުގެ ބައްޓަން ފެންނަގޮތުން ދެކޭ ކޮންމެ ޒުވާނެއްގެ ހިތަށް ސިހުރު ހަދާލާނެއެވެ. ނަމަވެސް ރެޔާން ފޫހިވިއެވެ. އޭނަ އަޑިޔަށް ފީނައި ގަތެވެ. އެވަގުތު އިންޒާރަކާއި ނުލައި ވާރޭ ވެހިގަތުމުން މައިރާއަށް ހިޔާވެލާނެ ފުރުސަތެއް ނުލިބި މުޅިން ތެމުނެވެ. ދިހަވަރަކަށް މިނިޓް ފަހުން ރެޔާން ފެންގަނޑުން އެރިއެވެ. 

"ރެއިން. އައިމް ސޮރީ. އަހަރެންނަށް ކުރެވުނުހާ ކުށަކަށް މާފަށް އެދެން. މިގޮތަށް ކޮންމެ ދުވަހަކު އެތައްފަހަރު މަރުވެގެނެއް ދިރިނޫޅެވޭނެ. ނޫނީ އަހަރެންގެ ބޯހަލާކުވެދާނެ. އަހަރެމެން ވަކިވީމަ އެޑެން އަށްވެސް އޭރުން ހައްތަހާ ދެރަލިބޭނީ. އެހެންވެ ވަރަށް ވިސްނާފައި އަހަރެން މިއައީ ރެއިން ގާތު މިހެން ބުނަން...." މައިރާ ރެޔާންގެ އަތުގައި ހިފާލަމުން އެދުވަހު ކިޔުނު އެއްޗިއްސަށް މާފަށް އެދުނެވެ. އަދި އަންވަރު ހެދި ދޮގުވެސް ހާމަކޮށްދިނެވެ. އޭރު ވަށައިގެންވާ މާހައުލު ހީވަނީ މޮޔަވެފައި ވާހެންނެވެ. ފުރާޅުތަކާއި، ދޮރުތަކުގައި ވައިއަޅުވާ ބޫންއަޑު ފަޒާގައި ގުގުމާލައިފައިވެއެވެ. ޖެހެމުންދާ ބާރު ވައިރޯޅި ތަކާއިއެކު ވާރޭގެ ތިކިތައް އެކިދިމާލަށް ބުރަބުރައިގެންދާ މަންޒަރު ފެންނަލެއް ޗާލެވެ. މިއީ މައިރާ އަދި ރެޔާންވެސް ލޯބިކުރާ މޫސުމެކެވެ. އިޝްގީ ހަދާންތައް އާކުރުވާފަދަ މާހައުލެކެވެ. އެކަކު އަނެކަކު އަތުތެރޭގައި މިފަދަ ރެއެއްގައި ހޭދަކުރަން ބޭނުންވާފަދަ ހިތްގައިމު ރެއެކެވެ. ފިނިފިނި ވާރޭތިކިތައް މެދުކެޑުމެއްނެތި އެ ރީތި ހަށިގަނޑަށް ހަމަލާދޭން ފެށުމާއި ވައިރޯޅިތަކުގެ ބީހިލުމުން މައިރާ ހީކަރުވައިގެން މޭގައި އަތްބޮނޑި ކޮށްލިއެވެ. ހީވީ ހަމަށް ކުދި ކުދި ތިނޯސްތައް ހަރަން ފެށިހެންނެވެ.

ރެޔާން އެއްވެސް ޖަވާބެއް ނުދިނެވެ. އޭނަ މައިރާއަށް ބަލާކަށްވެސް ބޭނުމެއްނުވިއެވެ. 

"ޕްލީޒް ރެޔާން.. ކޮންމެވެސް އެއްޗެކޭ ބުނެބަލަ...." މައިރާ އާދޭހާއި އެކުގައި ގޮވާލުމުން ރެޔާން ލަސްލަހުން އެނބުރުނެވެ. ރެޔާންގެ ބެލުމުގައި ހަމްދަރުދީއެއް ނެތެވެ. ހީވަނީ ފޫހިވެފައި ހުރިހެންނެވެ. އޭނަ ޖަވާބެއްނުދީ މައިރާއަށް ބަލަހައްޓައިގެން ހުރިގޮތުން މައިރާ ރަކިވެ އެތަނުން ދުއްވައިގަންނަން ބޭނުންވިއެވެ. ރެޔާން އޭނަދެކެ ލޯބިވާ ގޮތަކީ މިއީބާވައެވެ. ވާރޭގެ ތިކިތަކުގެ ތެރެއިންނާއި ބަގީޗާގެ އަލި ރެޔާންގެ މޫނަށް އެޅިފައިވުމުން އޭނަ ފެންނަނީ އަޖައިބެއްހާ ރީތިކޮށެވެ. ޚާއްސަކޮށް އެ ސީރިޔަސްކަމުން އަންހެންކުދިންގެ ވިންދާއި ކުޅެލާނެއެވެ. 

ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނުހެން ހީވި ވަގުތުކޮޅަކަށްފަހު ރެޔާން ޖަވާބެއްނުދީ އަނެއްކާ ހިނގައިގަތެވެ. މައިރާއަށް ހީވީ އޭނަގެ މޫނުމަތީގައި އެތިފަހަރެއް ޖެހިހެންނެވެ. ރެޔާންގެ ފަރުވާކުޑަކަމާއި އޭނަ އާއި ދޭތެރޭގައި ކަންތައްކުރާ އިހާނެތި ގޮތުން މައިރާގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. އޭނަ ބޭނުންވީ ރެޔާންގެ ފަރާތުން އެކަށީގެންވާ ޖަވާބެކެވެ. އެކަމަކު ރެޔާންގެ ބޮޑާ ކަމާއި ފޮނިކަމުން މައިރާގެ ހިތަށް ތަދުކޮށްލީ އެންމެ ނުބައިގޮތަށެވެ. ވާހަކަ ނުދައްކައި، އޭނަ ލަދު ގަންނަވާލައި ގެންނެވެ. މައިރާ ބާރުބާރަށް އައިގޮތަށް ރެޔާން އާއި އަރާ ހަމަވުމުން ރެޔާން ފެންޑާގެ ތަނބަށް ލެގިލައިފިއެވެ.

"ތިހާ ރޫޑް މީހަކާއި ދިމަލެއްނުވޭ. ކީއްވެތަ އަހަންނަށް މިހެން ހަދަނީ؟ ބުނެބަލަ. އަހަރެން އެއްވެސް މީހަކަށް ނުވަނީތަ؟ ފައިފުއްސަކަށް ކުރާނެ ގަދަރުވެސް ރެޔާން އަހަންނަށް ކުރާކަށް ބޭނުމެއްނުވޭ. ތިއަށްވުރެ މާ ރަނގަޅު ވާނެ އަހަރެން މަރާލިޔަސް......" މައިރާގެ ލޮލުން އޮހިގަތް ކަރުނަތައް ވާރެއާ އެކުވަމުން ދިޔައެވެ. އެވަރުންވެސް ރެޔާން ހަށަން ބަދެލައިގެން ސީރިޔަސް ގޮތަކަށް ބަލަހައްޓައިގެން ހުރީއެވެ.

"ކޮންމެވެސް އެއްޗެކޭ ބުނެބަލަ. ވާހަކަ ދައްކަބަލަ. ކީއްވެތަ ހިމޭނުން ތިހުންނަނީ؟ ޓޯކު ޓު މީ ރެޔާން..." މައިރާ ރެޔާންގެ އަތުގައި ހިފާ ތަޅުވައިގަންނަމުން ހަޅޭއްލަވައިގަތެވެ. އަދި ރެޔާންގެ ޓީޝާޓުގައި ހިފާފައި އަތަށް އޮޅައިގަތެވެ.

"އަބަދު ތިކިޔެނީ އެކައްޗެއް. މެއިޑެއްނޫނޭ ފައިފުއްސެއްނޫނޭ. ތެދަށް ބުނަންޏާ މިހާރު އަހަރެންގެ ބޯފަޅައިގެން ދާވަރުވޭ. ތިނޫނަސް މާލޭގައި އަހަރެން ގެ ކޮންމެ އިޝާރާތަކަށް އަންނާނެ އަންހެންކުދިން އެބަތިބި. އެތައްހާސް ޝަރުތެއް ކުރިމަތިނުކޮށް އަހަންނާއި އެކު ބެޑް ޝެއާކުރާނެ މީހަކު ތިނޫނީ ނުވާނެކަމަށްތަ ހީކުރީ. އަޑުއަހާ. އަހަންނަށް ވަރަށް ރަނގަޅަށް މައިރާ ދަސްވެއްޖެ. އަހަރެން ބޭނުމެއްނޫން ތިކުއްޖާގެ ގައިގާ އަތްލާކަށް. އޭރުން ރޮއިފާ ބުނާނެ ރޭޕްކޮށްފިޔޭ. ވީމަ އަހަރެން އިރިޓޭޓް ނުކޮށް ދުރުގައި ހުރެބަލަ. އަހަރެން ވާހަކަ ދައްކަން ވީމަ ދައްކާނީވެސް. މަށަށް މަޖުބޫރުކުރަން ތިކުއްޖާގެ ހައިސިއްޔަތަކީ ކޮބާތަ؟ މަޑުންހުރޭ ނޫނީ ......." ރެޔާން މައިރާގެ އަތް ޓީޝާޓުން ނައްޓުވަން އުޅުމުން މައިރާ ވަކިން ރުޅިގަދަވިއެވެ. އޭނަގެ ބާރެއްނެތްކަން އިހުސާސް ކުރެވުމުން ދެރަވެސްވިއެވެ. މައިރާގެ ހިމަ ހޯލި އިނގިލިތައް ރެޔާން އެއްވެސް ދަތިކަމަކާއި ނުލައި އޭނަގެ ޓީޝާޓުން ވަކިކުރުވިއެވެ. އެ ނާޒުކް އަތަށް އަނިޔާއެއް ވެދާނެތީ އެވަގުތު ރެޔާން ވިސްނައެއް ނުލިއެވެ. މައިރާ ގަދަ ދެއްކުމުން ތަދުވީ މައިރާ އަށެވެ.

"އައި ހޭޓް ޔޫ ރެޔާން.." މައިރާގެ ހިތުގެ ފުންމިނުން ރެޔާންދެކެ އިންތިހާއަށް ލޯބިވާއިރުވެސް ދުލުން ބޭރުވަނީ އޭގެ ދިމާއިދިކޮޅަށެވެ. މައިރާ ރެޔާން އާއި ދިމާލަށް ލޯއަޅާލާފައި އިތުރުއެއްޗެކޭ ބުނަން އުޅުނެވެ. އެކަމަކު ތުންފިތާލާފައި ހުރެ ބޮޑު ކަރުނަތިކި ތަކުން ލޯބަރާވުމުންނާއި، ހީކަރުވައި ގަނެގެންގޮސް މުޅިކުއްޖާ ރޫރޫއަޅަން ފެށުމުން އޭނަ ދުއްވައިގަތެވެ. ރެޔާން ޗާންދަލިޔާގެ ރަންއަލިން ދިއްލިފައިވާ ކޮރިޑޯއިން މައިރާ ދުވެފައިގޮސް ނިވާވަންދެން ބަލަހައްޓައިގެން ހުރުމަށްފަހު ފެންޑާގެ ތަނބުގައި ބޯ ޖެއްސިއެވެ. ތުންފަތުގައި ބާރަށް ދަތްއަޅާލިއެވެ. އޭނަގެ މޭގައި ރިހުމެއް އުފެދުނެވެ. އޭނަ އަމިއްލައަށް ވެސް މައިރާ އާއި މެދު އަނިޔާވެރިކޮށް ކަންތައް ކުރެވުނުކަން އިހުސާސް ކުރެވުނެވެ. މިވަނީ ކީއްބާވައެވެ. އޭނަ މައިރާދެކެ ވަމުން އައި ފުންލޯބި ވަޅުޖެހެނީ ކީއްވެބާވައެވެ. ސިކުނޑީގެ އެއްކަނަކުން އެދެމުންދަނީ މައިރާއަށް އަޅައިލުމަށެވެ. ނަމަވެސް ޝައިތާނީ ބައިގަދަކޮށްލާފައި އަންގަނީ މައިރާ ހިތުގައި ޖެއްސުމަށެވެ. ރޮއްވާލުމަށެވެ. ނޫނީ ހީވަނީ ކޮންމެވެސް ނުބައި މީހަކު އޭނަގެ ހަށިގަނޑު ހައިޖެކްކޮށްލާފައި މައިރާ އާއި މެދު އިހާނެތިކޮށް ކަންތައް ކުރުމަށް ބާރުއަޅާހެންނެވެ. 

އޭނައަކީ މިހާ ރުޅިގަދަ މީހެއް ހެއްޔެވެ؟ ކުރީދުވަހު އަންވަރު ދެއްކި ވާހަކަތައް އަޑުއިވުމުން އޭނަ ރުޅިގަދަވިވަރުން އަންވަރުގެ މޫނުމަތިފަޅާލަން ބޭނުންވިއިރުވެސް ހިމޭންވީ އެހާ ނުބައިމީހެއްގެ ފަރާތުން އޭނަގެ މައިރާ އާއި ޢަދަންއަށް ފަހުން ނުރައްކާ ވެދާނެތީއެވެ. ފިރިހެނުންގެ ނުބައިކަން އެގޭތީއެވެ. އެވަރު ވިސްނާފައެވެ. އެހެންނޫންނަމަ މީހެއްދެކެ އުމުރުގައިވެސް އެހާ ރުޅިއާދެވުނު ހަދާނެއް ރެޔާން ނެތެވެ.

މައިރާ ފެންވަރައިގެން ތެތްހެދުން ބަދަލުކުރުމަށްފަހު ބޭރަށް ނިކުތީ ރެޔާން ކޮޓަރިއަށް ނައުމުން ވީގޮތެއް ބަލައިނުލައި ނުހުރެވިގެންނެވެ. ރެޔާންގެ ފޯނުވެސް އޮތީ ނިވާލާފައެވެ. މައިރާ ޓެރެސްއަށް އެރިއިރު ޓެރެސްގެ ބޮކިތައް ވަނީ ނިވާލާފައެވެ. އަނދިރީގެ ތެރޭގައި ރެއިލިންގައި އަތްއަޅުވާލައިގެން ރެޔާން ހުރި ތަން ފެނުމުން މައިރާ ފަހަތުން ގޮސް ކޮނޑުގައި ބޯއަޅައިލިއެވެ. 

"ރެޔާން...." މައިރާ ގޮވާލުމުން އެނބުރި ބަލައިލުމުން މައިރާވެސް ސިހުނެވެ. އެއީ ރެޔާން އެއްނޫނެވެ. އައިޒާން އެވެ. މައިރާއަށް ވެސް ދެމީހުން އޮޅުނީއެވެ. އައިޒާން ހާސްވީ ކޮންމެވެސް މީހަކަށް އެމަންޒަރު ފެނުނުކަން ޔަގީން ވުމުންނެވެ. އޭނަ އާއި މައިރާގެ ހަރަކާތް އެހެން މީހުންނަށް މާނަ ކުރެވޭނީ ގައިމު މައުސޫމް ކޮށެއް ނޫނެވެ. ނޭގި ހިގި ކަމަކަށްވެސް ގަބޫލެއް ނުކުރެވޭނެއެވެ.

"ޒާންތަ؟" މައިރާވެސް ދެތިން ފިޔަވަޅު ފަހަތަށް ޖެހިލާފައި ކަންބޮޑުވުމާއެކު އެހެން ބުނެލިގޮތުން މައިރާއަށްވެސް އޮޅުނީކަން އައިޒާންއަށް ޔަގީން ކުރެވުނެވެ.

ކޮމެންޓް 0