ނަމަވެސް ޢަދަންގެ ސަބަބުން ރެޔާންއަށް ރުޅި ފިނި ކުރަން މަޖުބޫރުވިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި މޫނަށް އުފާވެރި ކަމާއި އެކު ފުން ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ވަގުތުން ލޮލަށް ފެނުނުކަންތައް ހަދާން ނައްތާލައިފައި ދަރިފުޅަށް ސަމާލުކަން ދިނެވެ. އެހެންނޫނަސް އައިޒާން އާއި މައިރާގެ ދޭތެރޭގައި އެހެން ހިގާ ކަންތައް ސީރިޔަސްކޮށް ނެގުމުގެ މާނައެއް ނެތްކަންވެސް ރެޔާންއަށް ވިސްނުނީއެވެ. ކިތަންމެ ވަރަކަށް އޭނަ އުޅުނަސް އައިޒާންގެ ހިތުގައި މައިރާގެ މައްޗަށް އޮތް އިހުސާސްތަކެއް ފިލުވައެއް ނުލެވޭނެއެވެ. އަދި މައިރާވެސް އައިޒާންއަށް ޓަކައި އޮތް "ހަމްދަރުދީ" ނޫނީ އެހެން ޖަޒުބާތުތަކެއްވެސް ހުއްޓުވުމަކީ ވާނެކަމެއްނޫނެވެ. ރެޔާންވެސް އެދެމީހުން ދެކެ ލޯބިވެއެވެ. ވީއިރު އޭނައަށް ޖެހޭނީ އެފަދަ ކަންތައްތަކަށް ލޯމަރާލައިގެން ދިރިއުޅުން ކުރިއަށް ގެންދިއުމަށެވެ.

"ޑެޑީ ގެ އެންޖެލް....." ރެޔާން ޢަދަން މޭގައި ޖައްސާ ބޮނޑިކޮށްލަމުން، ލޯބިން ފެންވަރުވާލިއެވެ. މައިރާ ތަންކޮޅެއް ދުރުގައި ހުރެ އެ މަންޒަރުތައް ވީޑިއޯ ކުރިއެވެ. ރެޔާން، މައިރާ ގާތު އައިޒާންއޭ ކިޔައިގެން ވާހަކައެއް ނުދައްކައެވެ. ގަޑިއެއްހާއިރު ފަހުން ފަހުން ޒިޔާމާ ދަރިފުޅު އުރާލައިގެން ގެއަށް ވަނުމުން ދެމީހުން އެކަނިވިއެވެ. އޭރު މައިރާ އިށީނީ އަތްގަނޑުލާފައިވާ ބެންޗަކަށް ފައި އަރުވާލައިގެން ފައި ދަމާލައިގެންނެވެ. އެވަގުތަކީ އިރުއޮއްސި ރަތްވިލާ ތަކުން އުޑުމަތި ފެވެމުން ދިޔަ ގަޑިއެކެވެ. ރަތްކުލަ ގަދަވެގެންގޮސް އެދިމާލުން ލޭ ފައިބަނީހެން ހީވެއެވެ. އެ ރަތް އަލީގައި ރެޔާންއަށް މައިރާ ފެނުނީ ދުވަހަކު ނުދެކޭހާ ރީތިކޮށެވެ. އެދިމާލަށް ހިޔާއެޅިފައިވާ ބޮޑު ގަހުގެ ގޮފިތަކުގެ ދޭތެރެއިންވެސް އިރުގެ ދަޅަތައް ފަތުރާލާފައިވެއެވެ. އަދި ޖެހެމުން ދިޔަ ވައިރޯޅިތަކުގެ ސަބަބުން ލުއިލުއި ނާނާއެއް ފަޒާގައި އަޅުވަމުން ދިޔައިރު ހައްތަހާ ބޮޑަށް ރެޔާންގެ ހިއްސުތަކަށް އަސަރުކުރަމުން ދިޔައެވެ. އަދި މާހައުލަށް ފެތޭފަދަގޮތަކަށް މައިރާ ލާފައި އިން ކަޅާއި ރަތުގެ ގޮޅިޖެހި ފަށުވި ހަރުވާޅާއި، ރަތްކުލައިގެ ޓޮޕްކޮޅުން ރެޔާންގެ ހޭބުއްދިފިލައިގެން ދާގޮތްވިއެވެ.

"ކޯނޗެއްތަ ތި ވިސްނަނީ ބޭބީ ގާރލް...." ރެޔާން އިށީނީ މައިރާގެ މަގަތުގައެވެ. އޭނަގެ އަތް މައިރާގެ ފައިމަތީގައި ލުއިކޮށް ބާއްވާލެވުމުން މައިރާއަށް ހީލި ކަރުވައި، ހެވޭގޮތްވިއެވެ. އެކަނި ހުރަހަކީ ފަޔަށް ހިފާފައިވާ ހަރުވާޅެވެ. ބައެއް ތަންތަނުގައި އަތްލުމުން ކުރުވާ އިހުސާސްތަކުން މައިރާ ބިރުވެސްގަނެއެވެ. ޚާއްސަކޮށް ރެޔާން އަކީ އެހުރިހާ ކަމެއް ދަންނަ މީހާއެވެ. ޖެއްސުމަށް ވެސް ގޯނާކޮށްފާނެއެވެ. މައިރާ ނުދެނެހުރިކަމަށް ހަދާލާފައި ރެޔާން ގެ އަތުގައި ހިފެހެއްޓިއެވެ. ބޭނުން ވަރަކަށް އޭނަގެ އަތްތިލަ އާއި ކުޅުނަސް އެންމެ ރަނގަޅެވެ. ނޭގުމުގެ ތެރޭގައި ދެއަތުގެ އިނގިލިތައް ލާމެހިގެން ދިޔައެވެ.

"ރެޔާން އާއި މެދުގައި. ބޭބީގާރލްއޭ ކިޔާތީ....." މައިރާ ސަމާސާ ހުނުމަކާއި އެކު ބުނެލައިފިއެވެ.

"ބޭނުން ނަމެއް ކިޔުމުގެ ހައްގުވެސް އެބައޮތޭ ދޯ. އިރުއޮއްސޭއިރު އެހެރަ ކްރިމްސަން ކުލަ މޫނަށް އެޅިފައި ހުރީމަ ކޮންފަދަ ރީތި. ހިޔެއްނުވޭ ދުނިޔެމަތީގެ ކަމެއްހެން. ހާދަ ރީއްޗޭ. ހާދަ ފުރިހަމައޭ. ދުނިޔޭގެ ކޮންކަމަކަށްތަ މި ރީތި ކަމާއި ވާދަކުރެވޭނީ....." ރެޔާން މައިރާގެ ކޯތާފަތުގައި އަތް ބީއްސާލިއެވެ. އެ އިނގިލިތައް މައިރާގެ ތުންފަތުގައި ޖެހުމުން މައިރާއަށް ކުރަމުން ދިޔަ އަސަރުތައް އެތައް ގުނަ އިތުރުވިއެވެ. މައިރާ އެބަރު އެސްފިޔަތައް ހިއްލާލައިފައި ރެޔާން އާއި ހަތަރުކަޅި ހަމަކޮށްލި އިރު އެ ލޮލުގައި ވަނީ ދަޢުވަތެކެވެ. އެވަގުތު މައިރާއަށް ވެސް ރެޔާންގެ ލޮލުގެ ތެރެއަށް ގެނބިގެން ދިޔައީ ބޯހިއްލާ ނުލެވޭނެ ފަދަ ގޮތަކަށެވެ. ދެމީހުން ކުރެ ކުރިން އިސްނެގީ ކާކުކަމެއް ނޭގުނެވެ. އެކަކު އަނެކަކުގެ އަތުތެރެއަށް ވަދެވުނީ އިޚުތިޔާރަކާއި ނުލައެވެ. އެތައްދުވަހަކުއްސުރެ އިންތިޒާރު ކުރަމުން އައިސް އިތުރަށް އެންމެ ސިކުންތު ކޮޅަކަށްވެސް ކެތްނުކުރެވުނީއެވެ. ލޯބީގެ ފޮނިކަމާއި މީރުކަން ޙާސިލު ކުރުމުގައި ވަގުތުތަކެއް ހޭދަކުރަމުން ދިޔައިރު ތިބެވުނުތަނެއްވެސް ހަދާނެއްނެތެވެ. މީހަކަށް ފެނިދާނެ ކަމާއި މެދުވެސް ވިސްނައެއް ނުލެވުނެވެ. ވަކި ހިސާބަކުން މައިރާ ކަންބޮޑުވެފައި، ނުހުއްޓުވިނަމަ ވާނެ ގޮތެއްނޭގެއެވެ. މައިރާ ހާސްވެފައި އިނދެ ސްކާފުން ކަނދުރާ ނިވާކުރިއެވެ.

"ހިނގާ ކޮޓަރިއަށް....." ރެޔާން ވެސް ނަފުސްހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔައެވެ. 

"މިހާރަކު ނޫން. ދެން..." މައިރާ ހުރީ ލަދުން ވިރިވިރިއެވެ. ހަމަކުއްލިއަކަށް އެލޯބި އެހާ ހީނަރުވެފައި އޮތްވާ މިހިސާބަށް ދެވިދާނެކަމަށް އޭނައަށް ގަބޫލެއްވެސް ނުކުރެވުނެވެ. ލޯތްބަކީ ބާރުގަދަ ޖަޒުބާތެކެވެ. ބައެއްފަހަރު ލޯބީގައި ދީވާނާ ވެގެން މީހުން ހިސާބަށްވުރެ މޮޔަކަންތައް ކުރަނީވެސް އެހެންވީމައެވެ. ނަމަވެސް ރެޔާން މައިރާގެ އަތުން ދޫކޮށް ނުލާނެކަން ޔަގީންވުމުން މައިރާ ރެޔާން އާއި އެކީގައި ދާން ހިގައިގަތް އިރު ދެހިތް އަވަސްވެފައި ވަނީ ދުވަހަކު ނުވާހާ ބޮޑަށެވެ. ނަސީބަކުން އެހެން މީހަކަށް އެދެމަފިރިން ފުރަތަމަ ފަހަރަށް އެކީގައި އަތުގުޅުވާލައިގެން ހިގާލާފައި ދިޔަތަނެއް ނުފެންނާނެއެވެ. 

ކޮޓަރިއަށްވެސް ވެރިވެފައި ވަނީ މަޑު އަނދިރި ކަމެކެވެ. ހުޅުވާލެވިފައިވާ ދޮރުފަތް ތަކުގައި ދަމާފައިވާ ފަރުދާގެ ސަބަބުން ކޮޓަރީގައި ހިގާކަމެއް ލޯތަކަށް ވަންހަނާވެފައިވީ ނަމަވެސް ވައިރޯޅިތައް ކޮޓަރިއަށް ވަންނަމުން ދިޔައެވެ. އެ ފަނޑުއަލީގެ ތެރޭގައިވެސް ކިންގްސައިޒް ބޮޑު އެނދުގައިވާ މަޑު ކުއިލްޓާއި ބާލީސްތައް ފެނުމުން ގޮސް އެނދަށް ވެއްޓިގަނެ އެނދުގެ އަރާމު ލިބިގަންނަން ރެޔާންގެ ހިތް ތެޅިގަތެވެ. ހީވަނީ މި އަނދިރިކަމާއި އެކުގައި އެ ހިތްފަސޭހަ އެނދުވެސް ރެޔާން މެންނަށް ދައުވަތު ދޭހެންނެވެ. ރެޔާންގެ ހަށިގަނޑުގައި ރޯވެފައިވާ އަލިފާން ނިވާލުމަށް އެހާ ބޮޑަށް ބޭނުންވި ވަގުތެއް ނާދެއެވެ. މިވަގުތު މައިރާ ވެސް ރެޔާންގެ އަތުގެތެރެއަށް ދިޔައީ އެއްވެސް ދެކޮޅު ހެދުމެއްނެތިއެވެ. ރެޔާންގެ ބާރުގަދަ އަތުތެރޭގައި އޭނަ ގެންގުޅެލިލެއް ލޯބިކަމާއި އެ ފިރުމުންތައް އަދި ލޯބިންފުރިގެންވާ އެތައް ބަސްތަކުން މައިރާގެ ހިތަށް ލިބުނީ ބުނެދޭން ނޭގޭފަދަ ފޮނިކަމަކާއި އުފަލެކެވެ. ހީވީ ފުރާނަވެސް ހަށިގަނޑާއި ވަކިވެ އާސްމާނުގައި ދަތުރު ކޮށްލި ހެންނެވެ. ކައިވެނީގެ ފޮނިމީރުކަން ހާސިލު ކުރެވުމުން މައިރާއަށް ވީ އާކަމަކަށެވެ. މިހުރިހާ ދުވަސްވާންދެން އެ އުފާތަކާއި ލޯތްބާއި ދުރަށް ދުވުނުކަމުގެ މޮޔަހީވިއެވެ.

އެރޭ މައިރާއަށް ނިދުނީ ތިނެއްޖެހިފަހުންނެވެ. ރެޔާންގެ މޭގައި ބޮނޑިވެލައިގެން އަރާމު ފުންނިންޖެއްގައި އޮވެފައި ކުއްލިއަކަށް ހަޅޭއްލަވައިގެންފައި ތެދުވި ގޮތަކުން ރެޔާންވެސް ސިހުނެވެ.

"ބޭބީ ކިހިނެއްވީތަ؟ ރިލެކްސް. ހަމަޖެހިބަލަ.." ރެޔާން، މައިރާ އަތުތެރޭގައި ބޮނޑިކޮށްލަމުން ކަންބޮޑުވެފައިވާ ގޮތަކަށް ބުނެލިއެވެ. މައިރާގެ ހިތުގެ ތެޅުން ރެޔާންއަށްވެސް އިހުސާސް ކުރެވުނެވެ.

"ވަރަށް ބިރުވެރި ހުވަފެނެއް ފެނުނީ. ހީވީ އަސްލެއްހެން. ރެއިން ކޮންމެވެސް ތަނަކުން ވެއްޓި ގެއްލުނީ. ހާދަ ބިރެއްގަތޭ. އައިމް ސްކެއާޑް. އެހާ ގިނަ ގިނައިން ރެއިންއަށް އަނިޔާވާތަން ހުވަފެނުން ފެންނަނީ ކީއްވެތަ؟" މައިރާއަށް ރޮވޭގޮތްވިއެވެ. އެ ބޮޑު ދެލޮލުގައި ކަރުނަ ގިނަވާން ފެށިއެވެ. ރެޔާން މައިރާގެ ލޮލުގައި ބޮސްދިނެވެ. ނުރޯން އެދުނެވެ. 

"ނަތިން ވިލް ހެޕެން ޓު މީ ބޭބީ. އެކަމާއި ނުވިސްނަބަލަ. އެއީ ސްޓްޕިޑް ޑެވިލް ދައްކާ ކަންތައްތައް. އަހަރެމެން ލޯބިވާލެއް ބޮޑުކަމުން އެސޮރު ޖޭވީކަން ނޭގޭ. އެހެންނޫނަސް އަހަރެމެންގެ ދިރިއުޅުން ފެށޭއިރަށް ވަކިވުމުގެ ވާހަކަ ނުދައްކަފާނަންތަ.. އިރާދަކުރެއްވިޔާ މުޅި އުމުރަށްވެސް އެކީގައި ވާނީ. ދެން ހީލަބަލަ ބޭބީ ގާރލް......" ރެޔާން ގެ ލޯބިން ފުރިގެންވާ ބަސްތަކާއި ފިރުމުންތަކުން މައިރާގެ ކަރުނަތައް ހުއްޓުވާލަން ނެގީ ދާދި މަދު ވަގުތު ކޮޅެކެވެ. އެރޭގެ ބާކީ އޮތްބައިވެސް ދެމަފިރިން ހޭދަ ކުރީ ސަމާސާ ކުރުމާއި މަޑުމަޑު ސިއްރު ވާހަކަތަކެއް ދެއްކުމުގައެވެ. ރެޔާންގެ ކުދި ކުދި ގޯނާ ތަކާއި، ބަސްތައް މައިރާގެ ހިތުގެ ފުންމިނުގައި ރައްކާކުރެވެމުން ދިޔައެވެ. ނިމެން ބޭނުންނުވި ރެއެކެވެ. 

މައިރާ ނިންމީ ވީހާ ގިނަ ވަގުތުތައް އޭނަގެ ރެޔާން އާއި ދަރިފުޅަށް ދިނުމަށެވެ. ކޮންމެވެސް ނުބައި މީހެއްގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ، ކުއްލިއަކަށް ރެޔާން ނޫނީ ދަރިފުޅަށް ގޮތެއްވެއްޖެއްޔާ އޭނަ މޮޔަވެދާނެއެވެ. އަމިއްލަ ނަފުސަށްވުރެ އެމީހުންނަށް އިސްކަން ދޭންޖެހޭނެއެވެ. ދުނިޔެ އަކީ ފަނާވެދަނިވި ތަނެއްކަން އެގޭއިރު ކޮންމެ މީހަކުވެސް ކޮންމެވެސް ވަގުތެއްގައި ދުނިޔެއިން ދާންޖެހިދާނެކަން އެގޭއިރު ލޯބިވާ މީހުންނަށް ޓަކައި ވަގުތާއި، ލޯބި ދިނުން ކިތަންމެހާވެސް މުހިއްމެވެ. މަރުވިދުވަހަކުން ހަދާނުގައި ރައްކާކުރެވޭނީވެސް އެފަދަ ވަގުތުތަކެވެ.

ފަތިހު ތެދުވެ ރެޔާން އާއި މައިރާވެސް ކޮޓަރީގައި ނަމާދު ކުރިއެވެ. އެއަށްފަހު ކޮންމެވެސް ވަރަކަށް ނިދުނެވެ. ރެޔާންއަށްވެސް ހޭލެވުނީ މާނަވީ ހުވަފެނެއް ފެނިގެންނެވެ. އޭނަވެސް ހައިރާންވީ ހުވަފެނުގައި އޭނަ ކޮންމެވެސް އަންހެންކުއްޖަކުގެ އަތް އައިޒާން އާއި ގުޅުވާދޭތަން ފެނުނީމައެވެ. އެކުއްޖަކީ މައިރާހެން ހީވިއެވެ. ހުވަފެނެއްވީމަ އެހާ ޔަގީންކަމެއްނެތަސް ހީކުރެވުނީ އެފަދަގޮތެކެވެ. އެހެންނޫނަސް ހުވެފަނީ ބިލާހެކެވެ. އެއަށް އީމާންވާކަށް ނުޖެހޭނެއެވެ. ނަމަވެސް މައްސަލަ އަކީ ރެޔާންއަށްވެސް މައިރާ އެބުނާހެން އެ ހުވަފެނުގައި މާ ވަރުގަދަ "ބާރެއް" ހުރިހެން ހީވިކަމެވެ. ހުވަފެނަކަށްވުރެ އިންޒާރެއް ނޫނީ ހަގީގަތެއްހެން ހީވިކަމެވެ. އަނެއްކާ އޭނަ ހަގީގަތުގައިވެސް އެކްސިޑެންޓެއްވެ، ގެއްލުމެއްވާން އުޅެނީބާވައެވެ. އޭނަ ހަދާނަށް އައީ އައުޒަމްއެވެ. އައުޒަމް ފަދައިން ޕެރެލައިޒް ވެއްޖެއްޔާ ފަހަރެއްގައި އޭނަ، މައިރާ އައިޒާން އާއި ގުޅުވަން ބޭނުންވެދާނެ ބާވައެވެ. ނޫނީ އޭނަ މަރުވާން އުޅެނީ ބާވައެވެ. އަޖައިބު ވަނީ އޭނައަށް އަންވަރު ފަންޑިތަ ހަދަންފެށިކަން ވެސް އެކުވެރިއަކު މެދުވެރިވެގެން ބޭޒާރުވެފައި ވާތީ އެވެ. އަންވަރުއަށް ނޭގުނީ އޭނަގެ އެކުވެރިން ގެ ތެރޭގައި ބާރުގަދަ މީހުން އުޅޭކަމެވެ. އަންވަރު ހަދާ ފަންޑިތަ މައިތިރި ކުރެވޭނެ ފެންވަރުގެ މީހުން ތިބިކަމެވެ.

ރެޔާން މެންދުރު ކައިގެން އައިޒާން އާއި އެކީގައި ފެންޑާއަށް ނިކުތެވެ. އައިޒާން ހުރީ ރެޔާން އާއި އެކަނި ނުވުމަށެވެ. ނަމަވެސް އެމީހުންނާއި އެކީގައި އެހިސާބަށް އައި ފަރުޒާންވެސް ފޯނެއްގައި ހުރެ މަތީބަޔަށް އަރައިގެން ދިޔައީއެވެ.

"ޒާން މައި ލަވިން ބްރަދަރ...." ރެޔާން އައިޒާންގެ ކޮނޑަށް އަތް އެއްލަމުން ކުޑަކޮށް ހިނިތުންވެލިއެވެ. ދެމީހުންނަށް އެކަކު ދެކެ ލޯބި ނުވެވުނު ނަމައެވެ. އައިޒާން އީޝަލް ދެކެ ލޯބިވާނެނަމައެވެ. މިހާރު މިއޮތީ މައިރާ ދޫކޮށްލެވޭ ވަރަށް ވުރެ މާ ކައިރިވެވިފައެވެ. އައިޒާން ގާތުގައި އެ ވާހަކަ ބުނެދީފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ކޮއްކޮއެއްގެ ގާތުގައި އެހެން ބުނުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. މައިރާގެ މަތިން ހަދާންނައްތާލާށޭ ނުބުނެވޭނެއެވެ. ނަމަވެސް ދެމީހުންވެސް މައިރާ ދެކެ ލޯބިވީ ނޭގުމުގެ ތެރޭގައެވެ. އެކަކުވެސް ފާފައެއް ނުކުރެއެވެ. 

"ނޫން ރެއިން. އަހަންނަށް ރަނގަޅީ ތިވާހަކަ ނުދެއްކިއްޔާ. އެހާ ފަސޭހަ ވާހަކައެއްނޫން އަޑުއަހާކަށް. އެހެންނޫނަސް އަހަރެން ބޭނުން ވަގުތު....." އައިޒާން އެހެން ބުނަމުން ރެޔާން އާއި ހަތަރުކަޅި ހަމަކުރި އިރު އޭނަގެ ލޮލުގައި ވި ވޭން ރެޔާންއަށް ފެނުނެވެ. ރެޔާން ދެރަވިއެވެ. ހަދާނެ ގޮތެއްވެސް ނޭގުނެވެ. ދެމީހުންގެ މަޖުބޫރީ އެކަކު އަނެކަކަށް އިހުސާސް ކުރެވުނު އިރު ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފުސް ކުށްވެރި ކުރިއެވެ.

"އޯކޭ. ބޭނުން ގޮތެއް....." އެހިސާބުން ރެޔާންވެސް މައުޟޫ ބަދަލުކުރިއެވެ. ދެމީހުން ފެންޑާގެ ސޯފާގައި ވާހަކަދައްކާލަން ތިބިއިރު ދޭތެރެއަކުން ޢާއިލާގެ އެހެން މީހަކުވެސް އެތަނަށް އާދެއެވެ. ހިތުގައި ކޮންމެ ފަދަ އުދަގޫތަކެއްވިޔަސް އެ ޒުވާނުން އެކަން އެހެން ބަޔަކަށް އިހުސާސް ކުރުވިޔަކަނުދެއެވެ. އުފާވެރި އާއިލީ ގުޅުންތައް ކުރިއަށް ދިޔައެވެ.

ހަވީރު ރެޔާން މައިރާ އާއި ޢަދަން ގޮވައިގެން ކާރުދުއްވާލަން ދިޔައެވެ. ޢަދަން އޮންނަނީ ވަރަށް ހިތްހަމަޖެހިލައިފައިކަން އެގެއެވެ. މަންމައާއި ބައްޕަގެ ލޯތްބާއި، ގުޅުން އަދި ގާތްކަން އެ ދަރިފުޅަށް އިހުސާސް ކުރެވެނީކަން ނޭގެއެވެ. ކޮންމެ ކުއްޖެއްގެވެސް ދާއިމީ އުފަލަކަށް ވާނީ މައިންބަފައިންގެ ގުޅުމެވެ. އެކުވެރިކަމެވެ. އެރޭ ރެޔާން މައިރާގެ އިނގިލީގައި ހުދުރަނުގެ އަގޮޓިއެއް އަޅުވާދިނެވެ. އެ އަގުބޮޑު ޖަވާހިރުގެ ދަޅައާއި ވިދުން މައިރާގެ ރީތި ދެލޮލާއި ވާދަކުރާފަދައެވެ. މައިރާގެ ރީތިކަމަށް އިތުރުވި ސިފައެކެވެ. ބޭނުން ކޮންމެ އެއްޗެއް ލިބޭފަދަ މުއްސަދިކުއްޖަކަށް ވިޔަސް އެންމެ ލޯބިވާ މީހާގެ އަތުން އެގޮތަށް އަޅުވާދޭ ކޮންމެ އެއްޗެއް ޚާއްސަވާނެއެވެ. މައިރާއަށް އުފަލުން ރޮވުނެވެ. އެރޭވެސް ނިމިގެން ދިޔައީ އުފަލާއި ހިތްހަމަޖެހުމުގެ ދާނެއްގައެވެ.

ކޮޓަރިން ބޭރަށް ނިކުތުމަށްފަހު ރެޔާން އާއި މައިރާ އުޅެމުން ދަނީ ތަންކޮޅެއް ދުރުންނެވެ. ގޭމީހުންނަށް އެދެމަފިރިންގެ ލޯބި އުފާވެރި ދިރިއުޅުން ފޮރުވަން ބޭނުންވީ ސަބަބަކަށްވީ އައިޒާންއެވެ. ރެޔާން އެއްގޮތަކަށްވެސް އައިޒާންގެ ހިތަށް އިތުރު އަނިޔާއެއް ދޭކަށް ނޭދެއެވެ. އަދި ހަސަދަވެރި ވާނެ ފަދަ ގޮތަކަށް އުޅޭކަށްވެސް ބޭނުމެއް ނުވިއެވެ. އެހެން މުދަލެއް ނޫނީ ހަދިޔާއެއް ނަމަ އޭނަ މިހިރީ ކޮންމެ އެއްޗެއްވެސް އައިޒާން އާއި ހިއްސާކުރަން ތައްޔާރަށެވެ. ގުރުބާން ވުމަށެވެ. ރެޔާންގެ ދުޢާ އަކީ އޭނަގެ ލޯބިވާ ކޮއްކޮގެ ދިރިއުޅުން އުފާވެރިކޮށްދެއްވުމެވެ. އެނޫނީ އޭނަގެ ހިތަށްވެސް ފިނިކަމެއް ނުލިބޭނެއެވެ. 

އަންވަރު ހުރީ އޭނަގެ އެކުވެރި މޫސާފުޅުގެ ކޮޓަރީގައެވެ. މޫސާފުޅު އިނީ އޭނަގެ ބާ ފަންޑިތަފޮތްތައް ހިފައިގެން ބާވެ ވެއްޓެން ކާރިވެފައިވާ މޭޒުގަނޑެއްގެ ކައިރީގައެވެ. މޭޒުމަތީގައި ހުރި ކަޅުސައިތަށި ވަނީ ހިހޫވެފައެވެ. އެއީ މޫސަގެ އަންހެނުން އަންވަރުއަށް ގެނެސްދިން ސައިތަށްޓެކެވެ.

"މޫސަ ތިބުނަނީ އެކަމެއް ނުވާނެޔޭ. އެއާއިލާ މީހުންނާއި ފަންޑިތަ ޖެހުން ދުރުކަމަށް. އެއީ ކީއްވެތަ؟ އެމީހުން މާ ޚާއްސަ ބަޔަކީތަ؟ ޖިންނިންތަ؟" އަންވަރު ރުޅިގަދަވެގެން ގޮސް ތުރުތުރު އަޅަމުން ދިޔައެވެ.

"އަސްލު އެޢާއިލާ ވަނީ ކޮންމެވެސް ހިސާބަކުން ޖިންނިންނާއި ގުޅިފައި. އެއާއިލާގެ ކޮންމެވެސް މީހަކު ކައިވެނި ކުރި ޔޫރަޕް އަންހެނަކު ކުރިން ވަނީ ޖިންނިންގެ އެންމެ ބާރުގަދަ ރަސްގެފާނާއި ކައިވެނިކޮށްގެން ދަރިންތަކެއް ލިބިފައި. އެ އަންހެންމީހާގެ ބައްޕައަކީ ކުޅަދާނަ ސިހުރުވެރިއެއް އެހެންވެ އޭނަގެ ދަރިންތައް ޖިންނިންނާއި ރައްޓެހިވެ ދަރިން ވިހާފައި ވަނީ. އެހެންވީމަ ސީދާ ގުޅުމެއްނެތަސް އެއާއިލާގެ ބައެއް ޒުވާނުންނަކީ މިބުނާ ޖިންނިންގެ އެއްބަނޑު ކުދިންތަކެއް. މިބުނި އެއްޗެއް އަންވަރުއަށް އެނގިއްޖެ ދޯ. އެހެންނޫންނަމަ އަހަރެން ހެދި ބާރުގަދަ ސިޙުރަކުން ތިބުނާ ފިރިހެންކުއްޖާ ސަލާމަތްވުމަކީ ނާދިރުކަމެކޭ ބޭބެ ބުނާނީ. އެހެންނޫނަސް އެ ފިރިހެންކުއްޖާ ގަވާއިދުން ނަމާދުވެސްކުރޭ ދޯ. ބައިވަރުކަންތައް ހުރީމަ އެ ސިޙުރު ނުޖެހުނީ. ރަނގަޅަށް އުޅޭމީހުންނަށް ސިހުރުޖެހުން ދުރުވާނެ.." މޫސަ ވާހަކަދެއްކި އިރު އަންވަރު ހުރީ ލޯއަޅާލައިގެންނެވެ. ފަންޑިތައިން އެމީހުންނަށް އަސަރުނުކުރަންޏާ ދެރަކަމެކެވެ. އެހެންނޫނަސް ޖިންނިންނާއި އެ އާއިލާގެ ޒުވާނުންގެ ގުޅުމެއްވާނަމަ ރެޔާންއަށްވެސް އެޖިންނިންގެ ފަރާތުން ކަންތަކެއް އެގޭނެއެވެ. އަންވަރު ވިސްނަމުން ގޮސް ކުއްލިއަކަށް މޮޅު ޚިޔާލެއް އައެވެ.

އަންވަރުއަށް ކާމިޔާބު ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބުނެވެ. އެއް ދޮރު ބަންދުވެއްޖެއްޔާ އަނެއް ދޮރު ހުޅުވޭނެއޭ އެބުނަނީ ތެދެކޭ އޭނަގެ ހިތަށް އެރިއެވެ. އަންވަރު އެކޮޓަރިން ނިކުމެގެން ދިޔައިރު އޭނަ ހުރީ ވަރަށް ބޮޑަށް ހިނިއައިސްފައެވެ.

އައިޒާން އާއި އީޝަލްގެ ލޯބީގެ އެއްވެސް ގުޅުމެއްނެތަސް ދެޒުވާނުން އުޅެމުން ދިޔައީ އެކުވެރިކޮށެވެ. ލެވެންޑާކޮޓެޖް މީހުންނަށް އެދެމެދުގައި ގުޅުމެއްނެތްކަން ޔަގީންވިޔަސް އެ ޚާންދާނުގެ ގިނަމީހުންނަށް އެކަމެއް ނޭގެއެވެ. އެންމެންގެ ލޮލުގައި އަދުން އަޅުވާފައި ދެކުދިން އުޅެމުންދަނީ އެކީގައެވެ. ޕާޓީތަކާއި ޕިކްނިކްދިޔަސް ސަކަރާތް ޖަހަޖަހާފައި އެކީގައި އުޅެއެވެ. މިދުވަސްކޮޅު އެންމެން ވީ ރިޒޯޓަކަށް ޕިކްނިކް ގޮސްފައެވެ. މޫސުމް އެހާ ރަނގަޅުނުވީމަ މައިރާ ދަރިފުޅު ގޮވައިގެން ކަނޑުމަގުން ދާތަނަކަށްވީމަ ދާކަށް އެއްބަހެއްނުވިއެވެ. މައިރާ ނުދިޔުމުން ރެޔާންވެސް ގޭގައި މަޑުކޮށްލިއިރު ދެމަފިރިންވެސް ވަނީ އެކަނިމާ އެކަނި ދެތިންދުވަސް ރެޔާންގެ އަމިއްލަ ގޭގައި ހޭދަކޮށްލަން ޕްލޭންކޮށްލާފައެވެ. އަދި އުޑުމަތި ބަނަ ވިއްސާރަ ދުވަސްކޮޅަކަށް ވީމާ ދެކުދިންނަށް ހީވީ ހަނީމޫން އައިހެންނެވެ.

މައިރާ މާސްޓަރބެޑްރޫމްގެ ފުޅާކުޑަދޮރުތައް ހުޅުވާލާފައި ވާރޭވެހެމުންދާ މަންޒަރުބަލަން އިރުކޮޅަކު ހުއްޓެވެ. އެދިމާލުގައިވާ ސަންފްލާވާ އަދި ފިނިފެންމާގަސްތަކަށް ވާރޭގެ އެތައް ހާސް ތިކިތައް ކުރާ ގޯނާތަކަށް ކެތްނުކުރެވިގެން މާތައް ނަށަމުން ދިޔައެވެ. ފެހިކަން ގަދަފަތްތަކުގެ މަތީގައި ފެންތިކިތައް ވިދަމުންދާލެއް އެހާ ހިތްގައިމެވެ. ފަޒާގައި ވަނީ ވާރޭގެ ނާނާ އަޅުވާލާފައެވެ. ރީތިކަމުގެ އިންތިހާއެވެ. ފިނިފިނި މީރުވަސްދުވާ ވައިރޯޅިއެއް އޭނަގެ އޮމާން ހަމުގައި ބީހިލުމުން މައިރާ ރޫރޫއަޅާ ގޮތްވިއެވެ. އޭނަ މޭގައި އަތް ބޮނޑިކޮށްލައިފިއެވެ. އަދިވެސް އޭނަ މިހިރީ ތުނި ނިދާ ހެދުމެއްގައި ކަމުން ހީކަރުވާ ގޮތްވީ އެވެ.

"ބޭބީ ހީކަރުވަނީތަ؟ މަގޭ ލޯބި އާއި އެކީގައި ވާރެޔާއި ތެމިލާހިތްވަނީ... " ރެޔާން ފަހަތުން އައިގޮތަށް ބާރަކަށް ބައްދާލުމުން މައިރާ ވަގުތުން ހީފިލިއެވެ. އިރުކޮޅަކު ލޯބީގެ ދުނިޔެއެއްގައި ރީތި ވަގުތުތަކެއް ހޭދަކުރުމަށްފަހު ހޫނުފެނުން ފެންވަރާލައިގެން މައިރާވެސް ކެހެރި ސްވެޓަރަކާއި ޖިންސެއްލައިގެން ގޮސް ކުޅި ނޫޑުލްސް ސޫޕް ތައްޔާރުކޮށްގެން ދެމަފިރިން ކެއެވެ. އެއަށްފަހު ވާރޭވެހޭ މަންޒަރު ދެކިލަން ފެންޑާގައިވާ ސޯފާއެއްގައި ޖައްސާލައިފިއެވެ. ރެޔާންގެ އަތުތެރޭގައި މައިރާ އޮތީ އަރާމުކޮށެވެ. ރެޔާން މައިރާގެ އިސްތަށިގަނޑާއި ކުޅެން ފެށުމުން ލިބުނު އަރާމަކުން ލޯމެރި ނިދިއަންނަ ގޮތް ވެސް ވިއެވެ. ޢަދަންވެސް އޮތީ ނޫކުލައިގެ ސްވެޓަރު ކޮޅެއްލައިގެން ލޯބިކޮށް ނިދާލާފައެވެ.

"ރެއިން. ވާހަކައެއް ބުނަންތަ؟" ދެކެވެމުން ދިޔަ ވާހަކައެއްގެ ތެރޭގައި، މައިރާ ރެޔާންގެ އަތަށް ބާރުކޮށްލަމުން މަޑުމަޑުން ބުނެލިއެވެ.

ކޮމެންޓް 0