އާނ ދަރިފުޅާ... ވީގޮތަކުން މައިރާ ހުއްޓުވާ... މަންމަ ހިތަކަށް ނާރާ މައިރާ އެހާ ވިޔާނުދާ ގޮތަކަށް އުޅެދާނެ ކަމަކަށް... މިގެއަށް އައި މީހަކު ބުނާގޮތުން ވިއްޔާ އެ ފިރިހެނާއަކީ ބޮޑުކުށްވެރިޔެއް... އަމިއްލަ އަންހެންކޮއްކޮ މަރާލާފައި ހުރީ... އެ މައްސަލައޮތީ ކޯޓުގައި... ވީއިރު މައިރާ އަކާ އެމީހާއާއި އަޅުވާ ކިޔުނު ކަމީވެސް މަންމަމެން ލަދުގަންނަންޖެހޭވަރުގެ ކަމެއް... މި ޚާންދާނަށް ލިބުނު ހުތުރެއް... އައިމަންމެން ވެއްޖެއެއްނު ވީގޮތަކުން ތިކަން ހުއްޓުވަން... ނޫނީ އިތުރު ލަދެއްގައި ބެދުން ނޫންކަމެއް ނުވާނެ... ފަގީރަކަށްވިޔަސް ހެވޭ... އެކަމަކު އެކަހަލަ އަގުވެއްޓިފައިވާ ނުބައި ނުލަފާ މީހަކަށް އަހަރެމެންގެ ދަރިއަކު ދިނުމަކީ ފުރާނަ ހުރެގެން ކުރެވޭނެ ކަމެއް ނޫން..." ސުލްތާނާ ގެ އެ މަޑުމައިތިރި މޫނުގައި މިއަދު އެވާ ރުޅިވެރިކަމުގެ ސަބަބުން މައިރާއަށް އޭނަގެ މާމަ ފެނުނީ މުޅިން އެހެން މީހެއްގެ ގޮތުގައެވެ. މިވީހާތަނަށް ދީންވެރި ރަގަޅު ހެޔޮލަފާ މީހެއްގެ ގޮތުގައި ފެންނަމުން އައި މާމަ ގެ މޫނުން މިހާ ބަނަވެފައި ވަނިކޮށް މައިރާ ދުވަހަކު ދެކެފައެއްނެތެވެ. މައިރާ ދެކެފައިވަނީ އަބަދު ހިނިތުންވެފައިވާ އަލި މޫނެކެވެ.
މައިރާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެންމެންވެގެން ނިންމައިގެން އެތިބީ އޭނަ އައިޒާން އާއިއެކީގައި އެޕާޓްމެންޓަށްގޮސް އައިޒާން އާއިއެކީގައި ހިތަށް އެރިގޮތަކަށް އުޅެމުންދާ ކަމުގައެވެ. އަންވަރު އެހާ ބޮޑު ދޮގުތަކެއް ހަދައިގެން އޭނަ ގެ އަގު ވައްޓާލީ އެވެ. ހާދަ ނުބައި މީހެކެވެ. ނަމަވެސް އެންމެންގެ ކުރިމަތީގައި އަނގަ ހުޅުވާލާނެ ހިތްވަރެއް އެވަގުތު މައިރާއަކަށް ނުކުރެވުނެވެ.
"މައިރާ ދެން ކޮޓަރިންވެސް ނިކުމެގެން ނުވާނެ... ހަމަ މިހާރު ކޮޓަރިއަށް ދޭ..."އައިމަން ގެ އެ ލަފުޒުތަކާއިއެކު މައިރާ މޫނުގައި އަތްއަޅައިގެން ދުއްވައިގަތީ ސިޑިއާއި ދިމާލަށެވެ. އޭރު މޯނާ ތަންކޮޅެއް ދުރުގައި ފާރަށް ލައްވެގެން ހުރިގޮތުން އޭނަ އެކަމާ ދެރަވެފައި ހުރީ ކަމަށް ހީވެއެވެ. މައިރާ އެނދު މައްޗަށް ބަންޑުން ވެއްޓިގަތް ގޮތަށް ބާރުބާރަށް ރޮއިގަނެވިއްޖެއެވެ. އޭނައަށް ހީވީ ހިތް ފަޅިފަޅިވެ ކުދިކުދިވެގެން ފައިބަމުން ދިޔަހެނެވެ. މޭގެ ރިހުން އިންތިހާއަށް ބޮޑުވިއެވެ. ފުރާނަވެސް ނުކުމެގެން ހިގައިދާނެހެންހީވިއެވެ. ކުރުގެޅިލައިގަނެ ބާލީހުގައި ބައްދާލައިގެން އޮވެ ގިސްލަމުން ދިޔައިރު އެންމެންދެކެ އޭނަވަނީ ރުޅިއައިސްފައެވެ. އެކަކުވެސް އޭނަދެކެ ލޯބި ނުވާ ކަމަށް ގަބޫލުކުރެވި ނިމިއްޖެ އެވެ.

ރެޔާން މައިރާއަށް ފޯނުކުރުމަށްފަހު އޭނަގެ ކޮޓަރީގެ ކުޑަ ބެލްކަނީގެ ފާރަށް ލެނގިލައިގެން އެތައް އިރެއްވާންދެން މައިރާގެ ހިލަމެއް ނަމަވެސް ވޭތޯ ހުއްޓެވެ. ފާއިތުވެގެން ދިޔަ ދުވަސްތަކުގައި މި ޚާއްސަ ބެލްކަނީ ގައި އޭނަ ހާދަވަރަކަށް މައިރާއަށް އިންތިޒާރުކުރި އެވެ. ނަމަވެސް މައިރާ އެއްގޮތަކަށްވެސް އެ ކުޑަދޮރުތައް ހުޅުވާ ނުލައެވެ. ބޯ ފަރުދާގެ ފަހަތުން އެކޮޓަރީގައި ހިގާ އެއްވެސް ހަރަކާތެއް ފެންނަ ގޮތެއް ނުވިއެވެ. ރޭގަނޑު އެތައްދަމެއް ވަންދެން އޭނަ މިތަނުގައި މައިރާއަށް އިންތިޒާރުކުރި އެވެ. އޮޅިގެން ނަމަވެސް މައިރާ ކުޑަދޮރުން ބަލާލާފާނެކަމުގެ ފޮނި އުއްމީދުގަ އެވެ. އެ ރީތި ހަނދެއްފަދަ މޫނު ސިކުންތުކޮޅަކަށް ނަމަވެސް ފެނިދާނެ ކަމުގައެވެ. ނަމަވެސް މައިރާގެ ހިތް ހާދަ ހަރެވެ. އެ ނާޒުކް މަލެއްފަދަ އަންހެންކުއްޖާގެ ހިތްވެސް އޭނަފަދައިން ފުށްކޮޅަކަށްވާނެ ކަމަށް ރެޔާން ހީކުރިނަމަވެސް އަދި ފެންނަނީ ހަމައެކަނި ގޮތްދޫނުކުރުމެވެ. ބުނި ބަހުގައި ހިފަހައްޓައިގެން ހުރެ އެ ޅަހިތަށްވެސް އަނިޔާކުރަނީ އެވެ.

ރެޔާން އޭނަ މައިރާ ނިދާ ހެދުމެއް ލައްވާފައި ނެގި ފޮޓޯތައް ސްކޭން ކުރުމަށްފަހު އަމިއްލަ ސިއްރު ސައިޓަކަށް އަޕްލޯޑްކޮށްލުމަށްފަހު ގަސްތަކުގެތެރެއަށް ވަދެ ބޮޑު މަޅިއެއް ރޯކޮށްލާފައި ހުރިހާ ފޮޓޯތަކެއް ނައްތާލައިފި އެވެ. އިތުރު މީހަކަށް އެ ފޮޓޯތައް ފެނުމުގެ ފުރުސަތު އެއްގޮތަކަށްވެސް އޮންނާކަށް ރެޔާން ބޭނުމެއްނުވިއެވެ. އޭނަ އާއި މައިރާ އެހާ ލޯބިން ނެގިފައިވާ ފޮޓޯތައް އަލިފާނުގެ ހުޅުތައް ކާލަމުން ދިޔަ މަންޒަރު ބަލަން ގަހަކަށް ލެގިލައިގެން ރެޔާން ހުރީ ހިމޭނުންނެވެ. އެ ފުން ލޮލުގައި ވާ ވޭނީ އަސަރުތައް ފޮރުވާކަށް ރެޔާން ބޭނުމެއް ނޫނެވެ. ލޮލުގައިވާ ތެތްކަން ރަމްޒުކޮށްދެނީ އޭނަގެ ހިތުގެ ރިހުމެވެ. އަލިފާނުގެތެރޭގައި ހުރިހާ ފޮޓޯތަކެއް ނެތިގެން ދިއުމަށްފަހު ރެޔާން ގެއަށް ވަނެވެ.
ކޮޓަރީގެ އަލަމާރީގެ ހަރުގައި އަޅުވާފައިވަނީ މައިރާއަށްޓަކައި މަންމަ ޕެރިހުން ފައްސައިގެން ގެނައި ކާވެނީގެ ހެދުމެވެ. އެހެދުމާއިއެކު އިސްތަށިގަނޑުގައި އަޅުވަން ޖަވާހިރު ޖެހި ތާޖެއް އޮތެވެ. އެ ހުދުހެދުމާއި ތާޖުގައި މައިރާ ހީވާނީ ރަސްދަރިކަނބަލެއް ފަދައިންކަން ޔަގީނެވެ. މޭޒުމަތީގައި ވެޑިންކާޑުތައް ހުއްޓެވެ. އެތައް ސަތޭކަ ކާޑުތަކެވެ. މިހާ ވަރަށް ކައިވެންޏަށް ތައްޔާރުވެގެން އައިއިރު މިއޮތީ ރެޔާންގެ އުއްމީދުތައް ފެނަށްވާން އުޅޭކަމުގެ އަލާމާތްތައް ފެންނަން ފަށާފައެވެ. އަދިވެސް އޭނަ އުއްމީދުގެ ވާފަށުން ދޫކޮށްލާކަށް ބޭނުމެއްނޫނެވެ. ނަމަވެސް މައިރާއަށް މަޖުބޫރު ކުރުމަށްވުރެ މައިރާގެ މާފު ހޯދައިގެން މައިރާ ރުއްސައިގެން ކާވެނި ނުކުރަންޏާ އެރޭވެސް ބޭކާރުވެގެން ދާނެއެވެ. ރެޔާން ބޭނުމީ ކާވެނީގެ ހެދުމުގައި އެ ރީތި މޫނު އުފަލުން ފަރިވެފައި ހުންނަތަން ދުށުމެވެ. ހީހީ ހުންނަތަން ފެނުމެވެ. އެ އަޅި ދެލޮލުން ކަރުނަ އަންނަތަން ބަލާކަށް ރެޔާންގެ ހިތެއް ނޭދެއެވެ. ހުރިހާ ތައްޔާރީތަކާއިއެކު މުޅި ޚާންދާނުގައި އެކާވެނީގެ ތާރީޚު އިއުލާންކުރެވިފައިވީ ނަމަވެސް ރެޔާން މިހިރީ މައިރާގެ އުފަލަށްޓަކައި އެ ކާވެނި ފަސް ކުރުމަށެވެ.

އެންމެ ފަހުން ވިސްނާލާފައި ރެޔާން މޭޒުދޮށުގައި އިށީދެ މައިރާއަށް އިނގިރޭސިން ސިޓީއެއް ލިޔަންފެށިއެވެ. އުމުރު ދުވަހު ރެޔާން މީހަކަށް މިގޮތަށް ލިޔުނު ފުރަތަމަ ސިޓީއެވެ. ވަރަށް އަސަރާއިއެކު ދިގު ސިޓީއެއް ލިޔުނުއިރު ކޮންމެ ލަފުޒަކުން އޭނަ މައިރާދެކެ ލޯބިވާ މިންވަރު ދައްކުވާދިނެވެ. އެހާ ވަރަށް އާދޭހާއިއެކު މާފަށް އެދިފައިއޮތެވެ. އެންމެ ފުރަތަމައަށް ޝަމާއިލް އޭނަގެ ބޮލުގައި ދޮގު އިލްޒާމެއް އެޅުވިގޮތާއި ،އެރޭ އޭނައަށް ފެނުނު އެކަނި ހައްލަކީ މައިރާ އޭނަގެ މީހަކަށް ހެދުންކަމަށް ދެކެގެން މައިރާގެ ނުރުހުގައި އެ އަމަލު ކުރިއިރު ހީކުރެވުނީ ފުރަތަމަ ދެކޮޅުވިޔަސް މައިރާ ގަބޫލުވާނެ ކަމަށާއި، ލޯތްބަކީ ކޮންމެކަމަކަށްވެސް ރުހުންކަމުގެ ކުށްހީ އެވަގުތު ކުރެވުނު ކަމަށެވެ. އަމިއްލަ ނަފުސަށް ބާރު ނުފޯރުވުނީ މައިރާދެކެ ލޯބިވާލެއް ބޮޑުކަމުން ކަމަށާއި ، އެރޭގެ ހާދިސާ މައިރާ ރިވައިންޑްކޮށްލާފައި އަލުން ބަލާލައިފިނަމަ މި ބުނީ ކީކޭކަން އެނގިދާނެކަމަށް ރެޔާން ލިޔުނެވެ. ޝަމާއިލް އަށް ފޮޓޯތައް ފެނުނު ކަމަށާއި އެދުވަހުގެ ހާދިސާވެސް ލިޔެފައި އޮތެވެ. އޭނަ އެއްގޮތަކަށްވެސް މައިރާ ބަދުނާމު ކުރަން ބޭނުން ނުވާ ކަމަށާއި ފޮޓޯތައް އަންދާލީވެސް އެހެންވީމަކަމަށް ބުންޏެވެ. އަދި އޭނަ ގެ ހިތުގައި އެހެން އަންހެނަކަށް ދުވަހަކުވެސް ޖާގައެއްނެތް ކަމަށާއި އަބަދުގެ އަބަދަށް މައިރާގެ އިންތިޒާރުގައިވާނެ ކަމުގައެވެ. އެންމެފަހުގެ ނޭވާތައް ދުނިޔެއިން ދޫކުރާނީ މައިރާ ދެކެ ލޯބިވާ ހާލުގައި ކަމެވެ. އެ ސިޓީ އަތުން ލިޔުނުއިރު މިއީ އާއްމުކޮށް ކުރީ ޒަމާނުގައި ލޯބިވެރިން ކޮށްއުޅޭ ޒާތުގެކަމެއްކަން ރެޔާންއަށްވެސް އެގެއެވެ. ނަމަވެސް އޭނަ މާޔޫސްވެ ގޮތްހުސްވަމުންދާއިރު ހުރިހާގޮތަކުންވެސް މައިރާއަށް ލޯބިވާވަރު އަންގާދޭން ބޭނުންވީއެވެ. މި ސިޓީ ކިޔާފައި މައިރާ އޭނައަށް މާފު ކުރާނެ ކަމުގެ އުއްމީދު ބޮޑުވި އެވެ.

އައިޒާން ބޭރަށް ނުކުތީ ބެލް ޖަހާލި އަޑަށެވެ. ދޮރުމަތީގައި ހުރީ ސަބީންއެވެ. ކޮއްކޮ ގާތުގައި އެޕާޓްމެންޓްގެ ވާހަކަ ނުބުނެވިގެން އުޅެނިކޮށް ސަބީންއަށް އެނގުމުން އައިޒާން އަމިއްލަ ނަފުސް ކުށްވެރިކުރި އެވެ. އޭނަ އެކަމާ މާފަށް އެދިފައި ސަބީން އާއި މަންމައަށް އެޕާޓްމެންޓް ސިއްރުކުރަން ޖެހުނު ސަބަބަކީ ހަމީދު ކަމަށް ބުނެލާފައި ސަބީންއަށް ސައި ހަދާދިނެވެ.
"އަހަރެން މިއައީ ދޮންބެ ގާތުގައި ވާހަކައެއް ބުނެލަން... އަހަރެންގެ އަތުގައި ނީލްގެ ޑައިރީ އޮތީ... އެ ޑައިރީ ގެއްލިގެން ދޮންބެ އެހީމަ ނުދެކެމޭ ބުނީ އަދި ވަގުތު ނުޖެހޭ ކަމަށް އަހަރެން ގަބޫލުކުރާތީ... އަހަރެންނަށް އެގޭ ހަމީދުވަރުގެ ނުބައި ނުލަފާ ޝައިތޯނެއް މިއުޑު ހިޔާދަށުގައި ނެތްކަން... އޭނަގެ ސަބަބުން ނީލް މަރުވިކަން އަހަރެން އެއީ އެމީހާއަށް ޤިޔާމަތް ދުވަހުވެސް މާފު ނުކުރާނެ ކަމެއް.. އަދި އެމީހާއަށް ކޯޓުން އެންމެ ހަރުކަށި އަދަބުދޭން ބޭނުން.. އެކަމަކު އަދި އެހެން ހެއްކަކާއިއެކު އޭނަ ކޯޓަށް ގެންދާނީ... އަހަރެން މީހަކާއި އިންނަން އުޅޭކަން ދޮންބެއަށް އެނގެއެއްނު ދޯ... އޭނަގެ ކުޑަކުއްޖެއްވެސް ހުރޭ... އަދި އަންހެންކޮއްކޮއެއްވެސް ހުރޭ... އެމީހުން ގެއަށް އައީމަ ހަމީދު އުޅޭނެ ކަންތައް ހިންގަން... އަހަރެން ހަތަރުދަމު ފާރަޔަށް ހުރެގެން އޭނަ ކުރާކަންތައް ރެޑްހޭންޑްކޮށް ހިފައިގެން ވީޑިއޯކޮށްގެން ކޯޓަށް ގެންދަން ކަމަށް މިހިރީ... އެކަމަކު މިއަދު މިވަރުން ދޮންބެ ހުރިތަން ހޯދައިގެން މިއައީ ވާހަކައެއް ބުނެލަން... ދޮންބެގެ ހަޔާތް ބަރުބާދުކުރަން އެ ނުބައިމީހާ އުޅޭތީ ކެތް ނުކުރެވުނީ... އެމީހާ މަންމަގާތު ބުނީ ޑޮކްޓަ އައިމަން އަކީ ދޮންބެ ގެ ބައްޕައޭ ބުނާށޭ... އެއީ ހަގީގަތެއް ނޫން... ހަމީދު އަޑީގައި ހުރެގެން އޭނަ ހިންގަމުންދާ ކުޅިގަނޑެއް... ދޮންބެ ވީހާވެސް އަވަހަށް މައިރާ އާއި ކާވެނިކުރޭ..." ސަބީންގެ އެ ވާހަކައިން އައިޒާން ހުރީ ހައިރާންވެ އަންތަރީސްވެފަ އެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ.
"ސަބީ އަށް ތިކަން އެނގުނުކަން ނަސީބެއް.. ހަމަކިރިޔާ ދޮންބެ އަތުން ގޯހެއް ނެހެދުނީ.. އަސްލުވެސް ނީލްގެ ޑައިރީ ސަބީގެ އަތުގައި އޮތީމަ ހީވީ ބޮލުން ޓަނެއްގެ ބުރަދަން ލުއިވެގެން ދިޔަހެން.. ހަމީދުއަކީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ކުރުން އެކަށީގެންވާ މީހެއްނޫން.. އޭނަ ލާންޖެހެނީ ޖަލުގެ ކުޑަ ގޮޅިއަކަށް.. ދޮންބެއަށް ވެވޭނެނަމަ އެމީހާގެ ކަރަށް ދަންޖައްސާ މަޅިގަނޑު ވައްޓާލީމު.." އައިޒާން ސަބީންގެ ގައިގާ ބައްދާލަމުން ހިނިތުންވެލިއެވެ. މިހާރު އޭނައާއި މައިރާ އާއިދެމެދު އެއްވެސް ހުރަހެއް ނެތެވެ.
"ވީއިރު އަނެއްކާ ދޮންބެގެ ބައްޕައަކީ ކާކުކަމާމެދު ސުވާލު ކުރަން ޖެހިފައެއްނު މިއޮތީ... ރަނގަޅީ ނޭގުންކަމަށް ވާނީ..."އައިޒާން ބޯ ހޫރާލިއެވެ. އައިޒާން އާއި ވާހަކަ ދައްކަން އިރުކޮޅަކު ހުރެލާފައި ސަބީން ދިޔުމާއެކު އައިޒާން މައިރާއަށް ގުޅިއެވެ. ދެ ޒުވާނުން ވަރުގަދަ މަޝްވަރާއެއްކުރުމަށްފަހު ސިއްރު އެއްބަސްވުންތަކެއްވެއްޖެ އެވެ.

ރެޔާން އައިޒާން ފެންވަރާ ނިމެންދެން އެގޭގެ ބޮޑުކޮޓަރީގައި މަޑުކޮށްލިއެވެ. އޭނަ ޓީވީ ރެކްމަތީގައިހުރި ފޮޓޯ ފްރޭމްތައް ފެނުމުން އެއީ ކޮންބަޔެއްކަން އަހާލަން ސުވާލެއް ނުކުރެއެވެ. ދެމީހުން އެހާ އެކުވެރިވެފައިވާއިރު ވެސް ޒާތީކަންތައްތަކާއި ސުވާލުކުރަން ޝައުގެއް ނެތީއެވެ. ތަސްވީރުގައިވާ ޅަ ރީތި އަންހެންކުއްޖާއަކީ އައިޒާންގެ ކޮއްކޮކަން ރެޔާންއަށް އެނގުނެވެ. މުށި އިސްތަށިކޮޅަކާއި ތަފާތު ކުލައެއްގެ ލޮލެކެވެ. އައިޒާން އަމިއްލަ ކޮއްކޮ އާއި ބާއްވަމުން އައި ގުޅުމުގެ ވާހަކަ ގަބޫލު ކުރަން ރެޔާންގެ ހިތް ދެކޮޅު ހެދިއެވެ. ރެޔާން ބިއްލޫރި މޭޒުމަތީގައިވާ އިނގިރޭސި ފޮތްތައް ހާވާލާފައި ނަމާދާއި ބެހޭގޮތުން އޮތް ދީނީ ފޮތެއް ހުޅުވާލީ ޝައުގެވެރި ކަމެއްނެތި އިނދެއެވެ. ނަމަވެސް އެ ފޮތުގެ ސަފުހާއަކުން ތަންކޮޅެއް ކިޔާލުމުން އަމިއްލަ ނަފުސާއިމެދު ވިސްނާލަން މަޖުބޫރުވިއެވެ. އޭނަ ދީނާއި ދުރުވަރާއި، މިސްކިތަށް އެރި ހަނދާނެއް ނުވުމުން ނުތަނަވަސްވިއެވެ. އައިޒާންފަދަ ރަގަޅު ޒުވާނަކާއި ދިމާވުން މިއީ އޭނަގެ ނަސީބުކަން ނޭގެއެވެ. ނަސީބާއި، ބަދުނަސީބުއެކުއެކީގަ އެވެ. މައިރާ އައިޒާންއާއި ބައްދަލު ކުރާކަން އެއީ އޭނައަށްވެސް ފޮރުވިފައިވާ ކަމެއް ނޫނެވެ. މައިރާ ބުނާގޮތުން އެއީ ހަމައެކަނި އެކުވެރިކަމެވެ. އެއްފަރާތުން ވެވޭ ލޯތްބެކެވެ. ނަމަވެސް އޭނަގެ ލޯބިވެރިޔާ އާއި އޭނައާއި ދެމެދަށް އެހެން މީހަކު ވަންނަން އުޅޭކަން އެއީ ބަދުނަސީބޭ ނުބުނެވާކަށް ނެތެވެ. މައިރާ ގެ ހިތް ބަދަލުވީ އައިޒާން އާއި ދިމާވުމަށްފަހުގަ އެވެ.

ރެޔާން އައިޒާންގެ ނިދާކޮޓަރިއަށް ވަންއިރު އަލަމާރީގެ ދޮރުހުރީ ހުޅުވާފައެވެ. އަލަމާރީގެ ކަނުގައި އޮޅާލެވިފައިވާ ކަރުދާސްގަޑެއް ހުއްޓެވެ. އެ ފެނުމާއިއެކު ރެޔާންގެ ހިތުގައި އުފެދުނު ޝައްކަކުން އެ ކަރުދާސްގަނޑު ނިއުޅުވާލިއިރު އެއީ އޭނައަށް ހީކުރެވުނު ގޮތަށް މައިރާގެ ބޮޑު މާސިންގާ ތަސްވީރެކެވެ. މިއީ އައިޒާންގެ އަމިއްލަ ކުރެހުމެއްވެއްޖެއްޔާ އައިޒާން، ޑާވިންސީ އަދި ޕިކާސޯ މެންފަދަ މޮޅު ކުރެހުންތެރިންނަކަށް ދުލެއް ނުކުރެއެވެ.އެ އަޅި ދެލޮލުގައި އަޅާފައިވާ އަނދުނާއި އެހުންނަ އަސަރުތައް މިއަށް ވުރެ ފުރިހަމަޔަށް މީހަކަށް ކުރެހުމަކުން ދައްކުވާދެވޭނެ ކަމެއް ނޭގެއެވެ. އެ ތުންފަތުގެ އޮމާންކަމާއި ރީތި ބައްޓަން މިސާލެއްނެތްހާ މޮޅަށް ގެނެސްދެވިފައިވެއެވެ. އެކަނި ދިރުމެއް ނެތްކަމެވެ. ހާދަ ރީއްޗެވެ. ހާދަ މޮޅެވެ. ހާދަ އަޅައިގަންނަގޮތް ހުއްޓެވެ. ރެޔާން އެ ތަސްވީރުގައި އިނގިލިތައް ބީއްސާލީ މައިރާގެ މޫނުގައި ބީއްސާލާނެހާ ލޯބިންނެވެ. އޭނައާއި އައިޒާންގެ އެއް ހުނަރު ހުރުމުން ރެޔާން ކުޑަކޮށް ހައިރާންވިއެވެ. އަނެއްކާ އައިޒާންއަށް ލަވަކިޔަން އެނގޭބާވަ އެވެ.
"ޒާން..މަރުވީތަ؟ " ރެޔާން ސަމާސާ ރާގަކަށް އެހެން ބުނެލިއިރު ކޮންމެ ވަގުތަކުވެސް އައިޒާން ނުކުމެދާނެކަން އެނގެއެވެ. އައިޒާން ފެން އިސްކުރު ބަންދުކުރި އަޑުއިވުނެވެ.
"އަދި ނުވޭ... ޓޫ މިނިޓްސް އިނގޭ.. " އައިޒާން ހުނުމަކާއިއެކު ޖަވާބު ދިނެވެ.
"އަންހެންކުއްޖެއްހާ ގިނައިރު އެބަނަގާ ފެންވަރާލަންވެސް..."ރެޔާން އަވަހަށް އެ ތަސްވީރު ހުރިގޮތަށް އޮޅާލާފައި އަލަމާރިއާއި ދުރަށް ޖެހެން އުޅެނިކޮށް ރީތިވާ މޭޒު މަތީގައި ހުރި ކުޑަފޮށިގަނޑެއްގައި އަތުން ޖެހިފައި އެ ވެއްޓުނެވެ. އެވަގުތުކޮޅު އައިޒާން ވެސް ތުވާލި އަނދެލައިގެން ނުކުމެގެން އައީއެވެ.
"ސޮރީ.."ރެޔާން ގުދުވެ ތަޅުންމައްޗަށް ވިހުރިފައިވާ އެއްޗެހި ހޮވަންފެށި އެވެ.
"އެއީ އެވަރުކަމެއް ނޫން.. މުޅިންވެސް ސޭލް އަޅުވަން ވީ އެއްޗެހި..އޭތި މީތި.."އައިޒާން ތުވާލިން އިސްތަށިގަނޑު ހިއްކަންފެށި އެވެ.
ބިމަށްވެއްޓިފައިވާ ތަކެތީގެތެރޭން "މޫޑްސް" ޕެކެޓެއް ފެނުމުން ރެޔާންދިޔައީ ސިއްސައިގެންނެވެ. އެތައް އެއްޗެއް އެއްފަހަރާ ސިކުނޑިއަށް އަރައިގެން ދިޔައެވެ. އޭނައަށް ޚިޔާލުކޮށްލެވުނީ އައިޒާން އާއި މައިރާ އެކަނިމާއެކަނި މި ކޮޓަރީގައި ހިންގަމުންގެންދާނެ ކުޅިގަނޑެވެ. ނަމަވެސް ރެޔާންއަކީ މިވީހާ ތަނަށް ލޮލަށް ފެންނަ މަންޒަރުތަކަށް އެކަނި ގޮތް ނިންމުން އާދަވެފައިވާ ޒުވާނެއް ނޫނެވެ. ބައެއްފަހަރު އޭގައިވެސް ފޮރުވިފައިވާ ސަބަބެއް އޮވެދާނެ ކަމަށް ގަބޫލުކުރެވޭތީ އެވެ. އެ އަންހެންކުއްޖާއަކީ މައިރާއަށް ނުވެހިގައިދާނެ އެވެ. އައިޒާން އެހެން އަންހެންކުއްޖަކާއިއެކު ގުޅުން ބާއްވާކަމުގެ ފުރިހަމަ ހެއްކެއް މިއޮތީ ފެނިފައެވެ. ޔަގީނުންވެސް އައިޒާން ބުނެފައިވާ ގޮތުން އޭނަގެ އާއިލާމީހަކަށްވެސް އެކުވެރިއަކަށްވެސް އޭނަ މި އެޕާޓްމެންޓްގައި އުޅޭކަމެއް ނާންގަ އެވެ.
ރެޔާން ބޭނުންވީ ކުށްހީ ނުކޮށް އައިޒާން ގާތުން ސީދާ އެ ސުވާލު ކުރުމަށެވެ.
"ޒާން ރަކިވާނެ އަންހެންކުއްޖެއްގެ ނަން ކިޔަސް.. މީ އެކަމަކު ކޯނޗެއްތަ؟ ޒާން ދީނަށް ލޯބިކުރާ ކުއްޖަކަށްވެހުރެ އަހަރެން ހީނުކުރާހާ ކުރީގައި މިއުޅެނީ.. ދެންވެސް ބުނެބަލަ އަންހެންކުއްޖަކާއެކު ސްލީޕް ނުކުރަމޭ.." ރެޔާން މޫޑްސް ޕެކެޓް ނަގާފައި އެއްބުމަ އަރުވާލި އެވެ. އެ ޕެކެޓުން އެކަތި މަދެވެ. މާނައަކީ އެކަތި ބޭނުންކޮށްފައި ވުމެވެ

ކޮމެންޓް 0