އައިޒާންގެ ހަރަކާތްތަކާއި އާދަތަކުން އަދި ސިފަތަކުން ވެސް ރެޔާން ހަނދާންވަނީވެސް ރެޔާން ދެކެ އިންތިހާއަށް ލޯބިވެވޭތީއެވެ. އެހެން އެއްވެސް ފިރިހެނަކަށްވެސް އޭނަގެ ހިތުގައި ރެޔާންއަށް ދެވިފައިވާ މަގާމު ނުދެވޭނެތީއެވެ. އެކަން ޔަގީންވާއިރުވެސް އޭނަ ބޭނުންވަނީ ހިތާއި ދެކޮޅު ހެދުމަށެވެ. ފަހުން ވެދާނެގޮތެއް ވިސްނާކަށް މައިރާ ބޭނުމެއް ނޫނެވެ. މައިރާ ފެންފުޅިން ފެން ކަރުތެރެއަށާއި، ރަތްވެފައިވާ މޫނަށްވެސް އޮއްސާލައިފިއެވެ.
"މޫދަށް ގެނބުނަސް ވަރަށް މަޖާ ދުވަހެއް... ތެންކިއު ޒާން.."މައިރާ ގެ އަޅި ދެލޮލުން ބަލާލި ގޮތާއި އެ ހިނިތުންވުމުން އައިޒާންގެ ހިތަށް ހީވީ ހަމަލައެއްއައިހެނެވެ. ހާދަ ތޫނު ރީތި ދެލޮލެވެ. ބަލާބަލާ ފޫހިނުވާފަދަ ކުލައެކެވެ. އޭނަ ޝާޢިރަކަށް ވިނަމަވެސް އެ ކުލަ ބަޔާން ކުރެވޭނެހެނެއް ހިޔެއްނުވެއެވެ. އައިޒާން ފުން ނޭވަޔެއްލިއެވެ. އޭނަ ދައްކަން ބޭނުންވާ ވާހަކަތައް ކިތަންމެ ގިނަވިޔަސް އެފަދަ ހިތްވަރެއް ނުލިބުނެވެ. އާދައިގެ އެކުވެރި ވާހަކަތަކެއްގައި ދެ ޒުވާނުން އެއްގަމަށް އަރައިގެން އައެވެ. އިއުފާ ގެ ގެއަށް ގޮސް ތެތްހެދުން ބަދަލުކުރުމަށްފަހު މައިރާ މާލެއައީ އިއުފާއާއެކުގައެވެ. މައިރާ ޔަގީންކުރީ އެއްވެސް މީހަކަށް އޭނައާއި އައިޒާންގެ ސިއްރު ބައްދަލުވުމުގެ ޚަބަރު ނުލިބޭނެ ކަމަށެވެ. އައިޒާން ދިން ރަތް ފިނިފެންމަލާއި ކުޑަ ޕާރުސަލާއި ބެހޭގޮތުން އިއުފާ ސުވާލުކުރުމުން މައިރާ ބުނީ އެކުވެރިއަކުގެ ކުޑަ ހަދިޔާއެއް ކަމަށާއި ނުބައި މާނައެއް ނުނެގުމަށެވެ. އިއުފާ ހިނިގަނޑެއް ޖަހާލާފައި ސިއްރުވެރި އަންހެންކުއްޖެކޭ ބުނެފައި އިތުރު ސުވާލުތަކެއް ކޮށް ކޮންނާކަށް ނޫޅުނެވެ. އެއީ މައިރާ އިއުފާދެކެ އެންމެ ލޯބިވާ އެއްސަބަބެވެ.

މައިރާ އަވަސްވެފައިހުރިވަރުން ގެއަށް އާދެވުނީ އިއުފާގެ ގޭގައި އޭނަގެ އަތްދަބަސް ބާއްވާފައެވެ. ތަޅުދަނޑިވީ އޭގައެވެ. މައިރާ ގޭތެރޭގައި އުޅެލާފައި ބޮޑުކޮޓަރިއަށް ނުކުތީ ޖެސްމިން އުއްބައްތީގެ ހިތްގައިމު ވަހުން މިއަދު އުނދަގޫވާން ފެށުމުން މޯނާއާއި ދިމާލަށް އެއްޗެކޭ ބުނެފައެވެ. ސެންޓްލެވިފައިވާ އުއްބައްތިތަކުން އޭނަގެ ނޭވާ ހާސްކުރުވާ ކަމަށާއި، ބޮލަށް އެނބުރުން އަރާ މައްސަލަތައް ޖެހޭ ކަމަށާއި، މޯނާ ދެން އެކަން ހުއްޓާލަންވީކަމަށްވެސް ނުރުހުމާއިއެކު މައިރާ ބުނެލިއެވެ. އައިޒާން ދިން ފިނިފެންމަލުގައި ހިފާލައިގެން ޚިޔާލެއްގައި އޮވެފައި އޭނަ ޕާރުސަލް ކަޑާލައިފި އެވެ. ގަހަނާ ސެޓް ފެނުމުން މައިރާއަށް ވަރަށް ރީތިވިއެވެ. މައިރާ ހީކުރީ އެއީ މަސްނޫއީ ނީލަމް ކަމަށެވެ. ޖަވާހިރުގެ ބަދަލުގައި ބިއްލޫރި ކަމަށެވެ. އައިޒާންއަކަށް އަގުބޮޑު އެއްޗިއްސެއް ނުގަނެވޭނެކަން އޭނަ ދަނެއެވެ.
"އިވްނިން ބޭބީ އެންޖެލް.. ހާދަ ޓޭންވެލާފައި.. އަންގާވެސްނުލައި މޫދަށް ދިޔައީތަ؟" ރެޔާން ދޮރުމަތީގައި ހުރިތަން ފެނުމުން މައިރާ އަވަހަށް ތެދުވެގެން ދާން ހިނގައިގަތެވެ. އަތުތެރޭގައި ފިނިފެންމާ އޮތެވެ.
"ބުނަން..އަހަރެން ތިކަން ހުއްޓުވާނަން.. ނުޖެހޭނެ ދޯ އެކަނިގޮސް މީހުނާއި ބައްދަލު ކުރާކަށް.." ރެޔާން ކުއްލިއަކަށް މައިރާގެ ކުރި ބެއްދުމުންވެސް މައިރާ ރެޔާންގެ މޫނަށް ނުބަލަން މަސައްކަތްކުރި އެވެ. ރެޔާން ގެ ދެލޮލަށް ބަލާލައިފިއްޔާ އޭނަގެ ހިތް ވަގުތުން ވީއްލިގެން ހިގައިދާނެކަމާއި ރެޔާން އޭނަގެ ހިއްސުތަކާއި ކުޅެލާގޮތްވަނީ ދަސްވެފައެވެ. ރެޔާން ކިތަންމެ ވަރަކަށް ކެތްކުރަން އުޅުނަސް އޭނަގެ ލޮލުން ރުޅިވެރިކަމުގެ އަސަރުތައްވެސް ފެނެއެވެ. މައިރާގެ ކަނދުރާ އާއި އަތާއި ކަންފަތުގައި ވަނީ އޭނަ އައިޒާންއަށް ގަނެދިން ސެޓެވެ. ވީއިރު މި ފިނިފެންމަލާއި ވާހަކަ ފޮތަކީ ވެސް އައިޒާން އާއި ބައްދަލުކުރިކަމުގެ ހެއްކެކެވެ. 
"އެއީ އެކުވެރިއެއް.."މައިރާއަށް ނުތަނަވަސްކަމާއިއެކު ރެޔާން އާއިދިމާލަށް ބަލާލެވިއްޖެ އެވެ.
"އެކުވެރިއެކޭ...މަ ނުބުނަންތަ ފިރިހެން އެކުވެރިއެއް ހުރެގެން ނުވާނެއޭ."ރެޔާން މައިރާގެ އަތުގައި އޮތް ފިނިފެންމާ ޖަހައިގަތްގޮތަށް މަލުގެ ފިޔަތައް ނޮޅާލާފައި ބިމަށް އުކާލާފައި ފައިން އަރާ ޗިސްކޮށްލައިފި އެވެ.
"ރެޔާން.."މައިރާއަށް ހަޅޭއްލަވައިގަތެވެ.
"އެމީހާއާއިމެދު އަހަރެން މިހެން ކަންތައްކުރިޔަނުދޭތި.. އަހަންނަށް ކޮންމެ ކަމަކަށް ކެތެއް ނުކުރެވޭނެ.." ރެޔާން އިންޒާރުގެ ނަޒަރަކުން އެހެން ބުނެލިތަނުން ސިޑިން ފައިބައިގެން އައީ މޯނާއެވެ. މޯނާ އައިގޮތަށް ހުއްޓުނީ އެދެމީހުންނާއި ފުދޭވަރަކަށް ކާރީގައެވެ. މައިރާ ހައިރާންވީ މޯނާގެ ޖެހިލުންކުޑަކަމުންނެވެ. އޭނައާއި ރެޔާންގެ މައްސަލައެއްގެތެރެއަށް ގޭގެ ނޯކަރަކަށް ވަދެވިގެންވާނެކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ. މޯނާ އޭނަގެ ހަށިފާރަވެރިއަކަށް ވާނެކަމެއްނެތެވެ. މޯނާގެ މަގާމަކީ ބަދިގެއެވެ.
"މިތަނުން ދާންއުޅޭ.. ނުޖެހޭނެ އަހަރެންގެ ހިޔަނިހެން ފާރަލައިގެން ހުންނާކަށް.."މައިރާ މޯނާގެ އަތުގައި ހިފާ ކޮށްޕާލައިފި އެވެ.
"ރެޔާން.. މައިރާއަށް އަނިޔާއެއްކުރަންޏާ އަޅުގަޑަކަށް ކެތެއްނުވާނެ..."މޯނާގެ އެ ޖުމްލައިން ރެޔާންވެސް ބަލާލީ ލޯ ހަނިކޮށްލާފައެވެ. ނަމަވެސް ރެޔާން އެއްޗެކޭ ބުނާކަށް ބޭނުމެއްނުވިއެވެ. އަންހެނެއްގެ ގަޔަށް އަތްލާކަށްވެސް އޭނަ ބޭނުމެއް ނޫނެވެ. ރެޔާން ކިތަންމެ ރުޅިގަދަވިޔަސް މިވީތަނަށް ފިރިހެނެއްގެ ގައިގާ ޖަހާފައެއްވެސް ނެތެވެ. އަމުދުން ބަލިކަށި ނިކަމެތި އަންހެނެއްގެ ގަޔަށް އަތްފޯރުވުމަކީ އޭނަ ދެކޭގޮތުގައި ފިނޑި ފިރިހެނުންގެ ކަމެކެވެ. މައިރާ ހުރީ މޯނާ ރެޔާންއާއި އެގޮތަށް މުޚާތަބުކުރީތީ ވަރަށް ގަދަޔަށް ރުޅިއައިސް ދެލޯބޮޑުކޮށްގެން މޯނާއަށް ބަލަހައްޓައިގެނެވެ. ނަމަވެސް މައިރާގެ ލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ.
"ހާދަ ގޯސްމީހެކޭ... ބުނާނަން ބައްޕަގާތުގައި.."މައިރާ އެއްގޮތަކަށްވެސް ގޭގެ ނޯކަރަކު މިހެން އަދަބު ކުޑަކޮށްލާފައި އޭނަ އެންމެ ލޯބިވާ ފަރާތާއި ވާހަކަ ދައްކަފާނެ ކަމަކަށް ހިޔެއްނުކުރެއެވެ. މޯނާ ބާރުބާރަށް ހިގާލާފައި ދިޔުމުން މައިރާ ލޮލުގައިވާ ކަރުނަތައް ފޮހެލިނަމަވެސް އޭނައަށް ރޮވެން އުޅުނެވެ.
"އެއީ ކާކުތަ؟ މިގެއަށް މާ ގަދަކޮށްލާފައި އުޅޭމީހެއްހެން ހީވޭ... އަހަރެން މިގެއަށް އަންނަ ކޮންމެ ފަހަރަކު އޭނަ ބުރުގާ ތެރޭން ބަލާކަން އިހުސާސްވޭ.. އަނެއްކާ މޭއިގެ ދޮންމަންމަތަ؟ " ރެޔާން އެހެން ބުނެލީ ސީރިޔަސްކޮށެވެ. މައިރާގެ އަޅިދެލޯ ކަރުނުން ފުރިފައިވާތަން ފެނުމުން ރެޔާންގެ ހިތަށް އަސަރުކުރިއެވެ. ވަގުތުން ރުޅި ފިނިވެ އެހިތް މަޑުފުށްކޮޅެއްހެންވިއެވެ. ވަގުތުން އަތުތެރެއަށް ގެނެސް ކަރުނަތައް ހުއްޓުވަން ހިތް އެދުނެވެ. 
"ނޭގޭ..ވަރެއްގެ އަންހެނެއް..ކުރީ ރޭގައިވެސް އޭނަ ޑެޑީގެ ބެޑްރޫމަށް ވަނީ އެހެންވެ މިހާރު ވަކިން ފޫހިވޭ.."މައިރާ ހައިރާންވީ އޭނަ ރެޔާންއާއި ގާތްކޮށް ވާހަކަދެކެވެން ފެށުމުންނެވެ. އެންމެ ފޮރުވަން ޖެހޭފަދަ ސިއްރުތައްވެސް ރެޔާންގެ ގާތުގައި ބުނެވޭފަދައިން މިފަހަރުވެސް ނުބުނަންވާ ވާހަކައެއް ހިއްސާކޮށްލެވުނީ ނޭގިނަމަވެސް އެވަރަށް އިތުބާރުކުރެވޭ ދެވަނަ މީހަކު ނެތުމުންނެވެ. އަމިއްލަ ނަފުސާއި ހިއްސާކުރެވޭ ކޮންމެ ކަމެއް ރެޔާންއާއި މިވީ އަހަރުތެރޭގައި ހިއްސާކޮށްފައިވަނީ އެ ވަރުގަދަ ލޯތްބާއި އިތުބާރުގެ ސަބަބުންނެވެ. ރެޔާން ހައިރާންވެ އަންތަރީސްވީ ލޯބިވެރިޔަކަށްވެސް ގޭގައި ގެންގުޅޭ އަންހެނަކު ޑޮކްޓަ އައިމަން ޚިޔާރުކުރެއްވުމުންނެވެ. އެ ނޫން އަންހެނަކު ހޯއްދެވިނަމައެވެ. އެކަށީގެންވާ ހަޔާތުގެ ބައިވެރިޔަކު ހޯއްދެވިނަމައެވެ. ޒުވާން އުމުރުގައި އަންހެނުން ވަކިވެގެން ދިޔުމުން ހުސްހަށިބަޔަށް ޒުވާން ފިރިހެނަކަށް ހުރެވުމަކީ ފަސޭހަވާނެ ކަމެއް ނޫންކަން ރެޔާންއަށް ވިސްނުނަސް މައިރާގެ ޅަ ސިކުނޑިއަކަށް އެކަމެއް ނުވިސްނޭނެކަން އޭނައަށް އެނގުނެވެ.
އަނެއްކާ އެ ބޮޑު ލިބާސް ދަށުގައި ފޮރުވިފައިވަނީ ރީތި އަންހެނެއް ކަމަށްވެސް ވެދާނެއެވެ. މިވަރުގެ ބޮޑު ސިއްރެއް މިހުރިހާ ދުވަހު ފޮރުވުނުގޮތަކާއިމެދުވެސް ރެޔާން އެ ސިކުންތުކޮޅު ވިސްނިއެވެ. އަނެއްކާ އައިމަންގެ ސިއްރު އަނބިމީހާ ނޫންކަމެއް ވެސް ނޭގެއެވެ. އައިމަންވެސް އެތައް އަހަރެއްވާންދެން އެވަރުގެ ފާފައެއްގައި ދެމިހުންނާނެހެނެއް ހިޔެއްނުވެއެވެ. އައިމަން މިސްކިތަށް ދުރުވާތަން ރެޔާންއަށް ވަނީ ކިތަންމެ ފަހަރަކު ފެނިފައެވެ.
"ވަކިމީހަކު ދިނީމަ ނޫނީ ގަހަނާއެއްވެސް ނާޅަންތަ ތިހިރީ... ވަރަށް ރީތި އިނގޭ މަންޗްކިން.."ރެޔާން މާނަވީ ގޮތަކަށް ބުނެލިއެވެ. ރެޔާން މައިރާ ދެކެވާ ލޯބިން އާއްމުކޮށް ގޮވާ އުޅެނީ ހިތަށް އެރި ނަމަކުންނެވެ. އެފަދަ ކޮންމެ ނަމެއް މައިރާ ފާހަގަކޮށް އޭނަގެ ޖާނަލް ގައި ލިޔުނެވެ. އެއީ މައިރާގެ ހިތަށް ފިނިކަމެއް ލިއްބާދޭ ކަމެކެވެ. ރެޔާން ގެ އިނގިލިތައް މައިރާގެ ފަށުގައި ޖައްސާލިވަގުތު ކަނދުރާގައި ބީހިގެން ދިޔައެވެ. މައިރާ އަށް ތެޅިގަނެވުނެވެ. އެހާ ކުޑަ ބީހިލުމަކުންވެސް ނާރުތަކަށް އެނގުންވެގެން ދިޔައެވެ. މައިރާ ރުޅިވެރިގޮތަކަށް ރެޔާންއާއި ހަތަރުކަޅިހަމަކޮށްލުމާއިއެކުވެސް މޫނަށް ރަތްކުލަ ފާއްދާލިއެވެ. ރެޔާން އަތްތިރިކޮށްލާފައި އެއް ބުމަ އަރުވާލިގޮތުން މައިރާގެ ހިތަށް ތަދުކުރުވިއެވެ. އެހެން އަންހެންކުއްޖެއްގެ ހައްގަކަށް ވުމަށް އޭނަގެ ހިތްނޭދޭ ފިރިހެނެކެވެ.އެހާ ޝަޚުސިއްޔަތު ވަރުގަދައެވެ.
"އެވަރުގެ ހައްގެއްވެސް ހަމަ ނުދޭނަންތަ؟ ވަރަށް ހާޓްވޭ..އަހަރެން ކިހިނެއްތަ ހަދަންވީ.. އަހަރެން މިހިރީ އެކަމުގެ ބަދަލުގައި ދުނިޔޭގެ ހުރިހާ އުފާތައް އަހަރެންގެ ލޯބިވެރިޔާއަށް ހޯދަދޭން.. އަހަރެންގެ ލޯތްބަށް އިތުބާރުކޮށްދީބަލަ...އެއީ ކުށެއް ކަމަށްވާނަމަ މާފު ހޯދަން އަހަރެން ކުރަންވީކަމެއް ބުނެބަލަ.. ކިތައް ފަހަރު ސޮރީ އޭ ބުނެވިއްޖެ..އެކަމަކު.." ރެޔާން އަސަރާއިއެކު ބުނެލިއެވެ.
"މާ ލަސްވެއްޖެ..ގުޑްބައި.."މައިރާ ދާން ހިގައިގަތުމުން މިފަހަރު ރެޔާން އޭނަ ހުއްޓުވާކަށް މަސައްކަތްނުކޮށް ސޯފާމަތީގައި އޮތް ވާހަކަފޮތް ހުޅުވާލައިފިއެވެ. އެ ފޮތް މަތިން ހަނދާންވެގެން މައިރާވެސް އެބުރުނު ވަގުތު އޭނައަށް ރެޔާންގެ މޫނުމަތިން ފެނުނީ ހިތްހަލާކު ކުރުވަނިވިފަދަ ކުލަތަކެކެވެ. ހީވީ ދުނިޔޭގެ ހުރިހާ ހިތާމަތަކެއް އެ ރީތި ދެލޮލަށް ޖަމާވިހެނެވެ. ރެޔާން ވަގުތުން އަނެއްފަރާތަށް އެނބުރުނަސް އެ ލޮލަށް ޖަމާވި ކަރުނަތައް މައިރާއަކަށް ނުފޮރުވުނެވެ. ރެޔާން އެ ފޮތް ސޯފާމައްޗަށް އެއްލާލާފައި އަވިއައިނު އަޅައިގެން ނުކުމެގެންދާން ހިގައިގަތުމުން މައިރާ އައިގޮތަށް ފޮތް ހުޅުވާލީ ރެޔާން އެހާ ދެރަވި ސަބަބެއް ބެލުމަށެވެ. އޭނަވެސް ސިހުނެވެ. ފުރަތަމަ ސަފުހާގައިވަނީ އައިޒާންގެ ލިޔުންކޮޅެކެވެ. ވަރަށް އަސަރުގަދަ ޢިބާރާތްތަކަކުން މައިރާއަށް ލޯބި ހުށަހަޅާފައެވެ.
މައިރާއަށް ލިބުނު ސިހުމާއި ހައިރާންކަމާއި އެއްވަރަށް ހިތުގައި ނޭގޭފަދަ ރިހުމަކާއި ވޭނެއް އުފެދިއްޖެއެވެ. މައިރާ ސިޑިން މައްޗަށް އަރައިގެން ދިޔަގޮތަށް އެނދަށް ބަންޑުން ވެއްޓިގަނެގެން ރޯންފެށިއެވެ. ރެޔާން އެވަރަށް އާދޭސްކޮށްފައި މާފަށް އެދި އެތައް މެސެޖްތައް ފޮނުވަމުންދާއިރު އޭނަ ރެޔާން އެވަރަށް ދެރަކޮށް ހިތުގައި ޖައްސާލުމަކީ ރެޔާން ކުރި ކުށުގެ ހައްގު ސަޒާބާވައެވެ. ނޫނީ އެކަށީގެން ނުވާވަރުގެ އަދަބެއްކަމަށް ވެދާނެއެވެ. ކޮންމެފަދަގޮތެއް ވިޔަސް ރެޔާންގެ ހިތަށް ލިބޭ ކޮންމެ ގެއްލުމެއް އަނިޔާއެއް މައިރާގެ ހިތަށް އެބަލިބެއެވެ.އެވަރަށް މައިރާގެ ލޮލުންވެސް ކަރުނަ އޮހެއެވެ.
"ރެޔާން..އަހަރެންގެ ދިރިއުޅުން ނިމިގެންމިދަނީ..ތިވަރުގެ ބޮޑު އަނިޔާއެއް ނުދިންނަމަ..އަހަރެން މިވަރަށް ލޯބިވާއިރު އެވަރު ވިސްނިނަމަ..އެރޭ އެކަނި އެގޭގައި ބައްދަލު ނުކުރެވުނުނަމަ..އެކަމަކު ރެޔާން އެކުރީ ކުށެއްކަމަށް ގަބޫލުކޮށް އެކަމުގެ ޒިންމާނަގަން ހުރިއްޔާ މާފުދީފައި ގުޅުނީމަ ހިތަށް ފަހުން ހަމަޖެހުމެއްލިބިދާނެކަން ނޭގެއެއްނު..ރެޔާން އެއްރޭ އެފަދަ ނުބަޔެއްހެދިޔަސް އެއީ ގޯސްމީހެއްނޫން..އެހެންނޫނީ މުޅި ދިރިއުޅުން ހިތާމައިގެތެރެއަށް ވެއްޓި ހަލާކުވެދާނެ.."މައިރާގެ ޒަމީރު އޭނަގެ ގާތުގައި ބުނަމުން ދިޔައެވެ. ނަމަވެސް އަންވަރު ދެއްކި ވާހަކަތަކާއި، ދޮންބެ ރެޔާންއާއި ވާހަކަ ނުދައްކާކަން ހަނދާންވުމާއިއެކު މައިރާ ގެ ޚިޔާލު ބަދަލުވިއެވެ. ރެޔާންގެ ރީތިކަމަށް މޮޔަވެގެން އޭނަގެ ގާތަށް ދިޔައްޔާ އަދި ފަހުން މާބޮޑަށް ރޯން ޖެހިދާނެކަންނޭގެއެވެ.

އަޔާނާ މުސައްލަމަތީގައި އިނދެގެން ދުއާކުރަމުން ދިޔައިރު އޭނަގެ ދެލޯފުރިގެން ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތް މަތިން ހުއްޓުމެއްނެތި ފައިބަމުން ދިޔައެވެ. އަޔާނާގެ ދިރިއުޅުމުގައި ދިމާވެފައިވާ ހިތާމަތައް ފިއްލަވާ އެ ހިތަށް ފިނިކަމެއް ލިބިދޭނެ ގޮތަކީ ހަމައެކަނި ދުޢާތަކާއި، ހެއްދެވިފަރާތާއި ރޫހާނީ ގޮތުން ބޭއްވެވޭ ގުޅުމުން އެކަނިކަން އަޔާނާއަށް ވަނީ އިހުސާސްކުރެވިފައެވެ. އެހެންނޫނީ ޒިޔާމާއާއި ކުރިމަތިލާނެ ފަދަ ހިތްވަރެއްވެސް އަޔާނާއަކަށް ނުލިބޭނެއެވެ. ޒިޔާމާ ދުވަހަކު އޭނަގެ ލޮލުން ކަރުނަ ހިކިޔަކަނުދޭނެއެވެ. އޭނަފަދަ ނިކަމެތި އާރެއްބާރެއް ނެތް ފަރާތްތަކުގެ ބަލަދުވެރިޔަކީ ހަމައެކަނި މާތް ﷲއެވެ. އަޔާނާ ފާޚާނާއަށް ވަދެ މޫނުދޮވެލައި އިސްތަށިގަނޑު މައްޗަށް އޮމާންކޮށްލުމަށް ފަހު ނިކުތްއިރު ފަރުޒާން ކޮޓަރިއަށް ވަނީއެވެ.
"ހާދަ ލޯތްބޭ..އުފާވެރި ޚަބަރެއްވެސް އެބައޮތޭ ބޭބީ.."ފަރުޒާން ކަރުގައިވާ ޓައީއަށް ދޫކޮށްލުމުން އަޔާނާ އައިގޮތަށް ގަމީހުގެ ގޮށްތައް ނައްޓަދޭން ފެށިއެވެ. އަޔާނާ ފަރުޒާންގެ ކޮންމެކަމެއް ކޮށްދެނީ ހިތުންރުހުމުންނެވެ. މިހާ ޚިދުމަތްތެރި ރަގަޅު އަންބެއް އެއްވެސް މީހަކަށް ލިބިދާނެކަމަކަށް ފަރުޒާން ގަބޫލެއްނުކުރެއެވެ. އަޔާނާ ކޮންވާހަކައެއް ތޯ އަހާލީ ހިނިތުންވުމަކާއިއެކުގައެވެ.
"ރެޔާން އާއި މައިރާ ގެ ކާވެނި ވަރަށް އަވަހަށް އެބައޮތް.. ރެއިން މޭއިދެކެ ލޯބިވާވަރު އަހަންނަށް ރެއިންގެ ލޮލުންވެސް ފެނޭ.. ހާދަ އުފާވެއޭ ކޮއްކޮގެ ޑްރީމް ފުރިހަމަވާތީ.. އެކުދިން ހީވަނީ އެކަކު އަނެކަކަށްޓަކައި ހައްދަވާފައިވާހެން..އަހަރެމެން ގޮތަށް.."ފަރުޒާން އުފާވެރި ހިނިތުންވުމަކާއިއެކު އަޔާނާ އަތުތެރެއަށް ގެނައެވެ. އެ ކަޅު ކަނޑެއްފަދަ ލޮލުން އަޔާނާއަށްވެސް އެފަދަ ލޯތްބާއި އޯގާތެރިކަމެއް ފެނުނެވެ.
"ވާއު.. ހާދަ އުފާވެރި ޚަބަރެއް.. ރެޔާންމެން އަވަހަށް ދަރިއަކު ހޯދާނެނަމަ ދޯ.. އޭރުން މިގެ ފަޅުފިލާނެ.."އަޔާނާއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. ފަރުޒާން ކުޑަކޮށް ނުތަނަވަސްވިނަމަވެސް ވަރަށް އަވަހަށް ވާހަކައޮޅުވާލައިފިއެވެ.އަޔާނާ ރޮއްވާކަށް ފަރުޒާން ބޭނުމެއްނޫނެވެ." ބޭބީ " އެ މައުޟޫއަށް އެއްވެސް ވާހަކައެއް ނުދައްކަން ފަރުޒާންވަނީ ގަސްތުކޮށްފައެވެ.
ޝަމާއިލްކުޑަކޮށް ޖެހިލުންވެފައި ހުރެ ބައްޕަގެ ކޮޓަރިއަށް ވަނުމާއިއެކު ލޮލުގައި އަޅައިގަތްއެއްޗަކުން އޭނަގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައެވެ.އަނބުރާލާފައި ނިކުންނަން ބޭނުންވިއެވެ.ނަމަވެސް މިތަނަށް މިއައީ ބައްޕަގެ އެދިލެއްވުމަކަށެވެ.މުހިއްމު މަޝްވަރާއެއްކޮށްލަން ބައްޕަ ބޭނުންލައްވާތީއެވެ.ބައްޕަ ދައްކަވަން އުޅެނީ އެ އަންހެނާގެ ވާހަކަ ނޫންކަމެއްނޭގެއެވެ

ކޮމެންޓް 0