މައިރާ ބަލިވެ އުޅޭއިރު އެކަނި ދޫކޮށްލާފައި ވަޒީފާގައި އުޅޭހިތެއްނެތް... ކޮންމެފަދަ ކަމެއްވެސް ދިމާވެދާނެ.. އެހެންވެ ޗުއްޓީއެއް ބޭނުން.. އަދި މުސާރަ ވެސް ތަންކޮޅެއް އަވަސްކޮށްލަދީފިއްޔާ ރަގަޅު... އަހަރެންގެ ފެންވަރުން އުޅެން ބޭނުންވިޔަސް މައިރާއަށް ވީހާވެސް ރަގަޅު އެއްޗެހި ކާންދީ އުފަލުގައި ގެންގުޅެން ބޭނުން... ޝީޒް މައި އެވްރީތިންގް.." އައިޒާން ފުރަތަމަ ފަހަރަށް ރެޔާންގެ ކައިރީގައި ހިތް ބަންޑުން ކުރިއިރު އެ ލޮލުން ކޮންމެވެސް ވަރަކަށް ރިހުމެއް ފެނުނެވެ. ނަމަވެސް އައިޒާން ދިޔައީ ހިނިތުންވުންތަކުގެ ތެރޭގައި ރިހުންތައް ފޮރުވަމުންނެވެ.
ރެޔާންގެ ކުދިކުދިވެފައިވާ ހިތަށް އެ ވާހަކައިން ހައްތަހާ ލޮނު މިރުސް އެޅުން ނޫންކަމެއް ނުވިއެވެ. އެކަމަކު ރެޔާން ކެތްކުރިއެވެ. ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރިއެވެ. އޭނަ އައިޒާންއަށް އެހީވާނެއެވެ. އޭނަގެ ލޯބިވާ މައިރާ ކިތަންމެ އަނިޔާވެރިކޮށް އޭނަގެ ހިތާއި ކުޅެފައި ދިޔަނަމަވެސް މައިރާ އުޅެންޖެހޭނީ އުފަލުގައެވެ. އަރާމުގައެވެ. އެއްގޮތަކަށްވެސް ނިކަމެތިކަމެއް ލިބޭކަށް އޭނަ ބޭނުމެއް ނޫނެވެ. އެހެންނޫންނަމަ މިއަދު ބިކަ ހާލު ޖައްސާލާފައި މަގުމައްޗަށް އެދެމަފިރިން ނެރެލާނެ ބާރުވެސް ރެޔާންއަށް ލިބިފައިވެއެވެ. ކޮންމެފަދަ ކަމެއްކުރުމުގެ ބާރު ރެޔާންގެވެއެވެ .މައިރާ ގެނެސް ފައިބުޑަށް ވައްޓާލާ ރޮއްވާލާނެހާވަރު ވެސް އެބަހުއްޓެވެ.
"އިންޑިއާގެ ކޮންތަނަކަށް ދިޔައީ؟ " ރެޔާން އައިޒާންގެ އެ ވާހަކައަށް ޖަވާބެއް ނުދީ އޮޅުން ފިލުވަން ބޭނުންވީ އިންޑިއާ ދަތުރާއިބެހޭ ގޮތުންނެވެ. އައިޒާން ކޮންމެވެސް ވަރަކަށް ދަތުރުގެ ތަފްސީލުދިނެވެ. އިރުކޮޅަކުން ވޭޓަރު ކޮފީ އާއި ސެންޑްވިޗް ގެނެސްދިނެވެ. ރެޔާން އާއި އައިޒާން އަމިއްލަ ވާހަކަތަކެއްގައި ތިބިއިރު އެދޭތެރޭގައި އެއްވެސް ނުތަނަވަސް ކަމެއް އޮތްހެނެއް ހިޔެއްނުވެއެވެ. އައިޒާން ކަންބޮޑުވެފައިއިނީ ޗުއްޓީ އަދި ފައިސާއާއި ބެހޭގޮތުން ރެޔާންގެ ފަރާތުން ޖަވާބެއް ނުލިބުނީމައެވެ. ކޮފީއަށްފަހު ރެޔާން އައިޒާން ގޮވައިގެން ދިޔައީ އޭނަގެ ގެއަށެވެ. މިއީ ރެޔާންގެ އާގެއެވެ. އެގޭގެ ކޮޓަރީގައި އައިޒާން ބައިންދާފައި އިރުކޮޅަކުން އައީ ފައްސަތޭކަ ރުފިޔާގެ ނޫޓް ބޮނޑިތަކެއް ހިފައިގެންނެވެ. އަދި އައިޒާން ބޭނުންވަރަކަށް ޗުއްޓީ ނަގައިގެން ގޭގައި ހުއްޓަސް މައްސަލައެއްނެތްކަމަށް ބުންޏެވެ.
"މި މާގިނައޭ.."އައިޒާން އެ ފައިސާގައި ހިފަން ދެކޮޅުހެދި އެވެ.
"އަހަންނަށް ވަރަށް އުއްމީދު އެބައޮތް.. ކޮންމެވެސް ދުވަހެއްގައި ޒާންވާނެ މިލިއަނަރަކަށް.. ދެން އޭގެ ކުރިން މަރުވެއްޖެއްޔާ އަހަރެން މިހިރީ ދަރަނިވެސް މާފުކުރާގޮތަށް.. ވީމަ އެކަމާއި ނުވިސްނަބަލަ... އެކަމަކު އަހަންނަށް ކަމެއް ކޮށްދޭންވާނެ... މައިރާއާއި ރަގަޅަށް އަޅާލާތި.. އެއްވެސް ކަމެއް އުނިނުކުރާތި.. އާއިލީ ކުއްޖެއްވީމަ ދޯ.." ރެޔާން ނުބުނަން ހުރެފައިވެސް މައިރާއަށް ހެޔޮކޮށް ހިތަން އެދުނެވެ. އައިޒާން ދެވަނަ ވިސްނުމަކަށް ދާން އުޅެފައިވެސް ގަސްތުކުރީ ރެޔާންގެ އިހުސާންތެރިކަން ގަބޫލު ކުރުމަށެވެ. ކޮންމެގޮތެއް ވިޔަސް މައިރާގެ މައިންބަފައިންގެ މުދަލުގެ ބޭނުން ކުރަނީ ކަމަށް ނުވާނެއެވެ. ރެޔާންއަކީ އާއިލީ ވިޔަފާރިން އުޅޭ ޒުވާނެއް ނޫނެވެ. އަމިއްލަ ކުންފުންޏެއްގެ ވެރިޔެކެވެ. ޒުވާން މިލިއަނަރެކެވެ. އަދި މީގައި އައިޒާންވެސް މިހިފަނީ ލޯނެއްގެ ގޮތުގައެވެ. ފަހުން ދައްކާގޮތަށެވެ. އޭނަގެ ނޯޓްފޮތުގައި މިހުރިހާ ލާރީގެ ތަފުސީލް ލިޔެފައިވާނެއެވެ.
"ތެންކިއު ރެޔާން.."އައިޒާން ރެޔާންގެ ގައިގާ ބައްދާލިއިރު އައިޒާން ހުރީ ފެންކަޅިވެފަ އެވެ.
އައިޒާން އޮފީހުން ނުކުމެގެން އަންނަމުން ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. ރެޔާންއާއި ދިމާވިކަމީ އޭނަގެ ނަސީބެވެ. މުއްސަދިން ގެ ތެރޭގައި އެފަދަ މީހުން މަދުވާނެއެވެ.

މައިރާ ބޮޑު ކޮޓަރިއަށް ނުކުތީ މީހަކު ދޮރުކާރީގައި އުޅޭހެން ހީވެގެންނެނެވެ. އޭނަ ދޮރުހުޅުވާލަން އައިވަގުތު ތަޅުހުޅުވާލާފައި އައިޒާން ވަނެވެ. އޭނައައީ ބެކްޕެކެއް އަޅުވާލައިގެންނެވެ. ކަޅުރަތްކުލައިގެ އަތްދިގު ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު ވަރަށް ސްމާޓެވެ. އައިޒާން މައިރާގެ މޫނަށް ބަލާލުމެއްނެތި ކޮޓަރިއާއި ދިމާލަށް ހިގައިގަތުމުން މައިރާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭރު އޭނަގެ ހިތްތެޅެމުން ދިޔައެވެ. އައިޒާންގެ ގައިން ދުވީ ރެޔާން ބޭނުންކުރާ ސެންޓުގެ ވަހެވެ. ތަފާތެއް ނެތެވެ. އަނެއްކާ ރެޔާން އާއި އައިޒާންގެ ގުޅުމެއް އޮތީބާވައެވެ. އެހާ އަގުބޮޑު ސެންޓެއް އައިޒާން އަމިއްލައަކަށް ނުގަންނާނެ އެވެ.
މައިރާ ނޭފަތް އެތެރެއަށް ދަމާލައިފިއެވެ. އޭނަގެ ލޯ ކަރުނުން ތެމުނެވެ. ބަނޑުގައި އަތްތިލަޖައްސާލެވުނެވެ. ރެޔާންގެ ހަދާން ހިތަކުން ނުފިލާނެއެވެ. މިހާރު އެކަނި އައިޒާންގެ ގައިން ފެންނަން ފެށީ އެކަނި ރެޔާންގެ ސިފައާއި މިޒާޖެއް ނޫނެވެ. އަބަދުހެން މައިރާގެ ނޭފަތުގައި ހަރުލާފައިވާ އެ ޚާއްސަ ވަސްވެސް ދުވަން ފެށީއެވެ.

ރެޔާން އައިޒާންއަށް އެޕާޓްމެންޓެއް ދީފައިވާކަން އެނގުމުން އޭނަގެ މަންމަ ވަގުތުން މަޖުބޫރުކުރާން ފެށީ އައިޒާން އެތަނުން ބޭރު ކުރުމަށެވެ. މައިރާ ގެ ބައްޕަމެންނާއި ދެކޮޅަށް ދިޔުމުން އެހާ ފަސޭހަކޮށް އުޅެވުނަދީފިއްޔާ ޢިބުރަތެއް ނުލިބޭނެ ކަމަށާއި ފިލާވަޅެއް ލިބޭނީ ހާލުގައި އުޅެންޖެހިފައި އަނބުރާ ގެއަށް އަންނަން ޖެހުނީ މަކަމަށް ބުންޏެވެ. އެއީ ރެޔާން ގަބޫލުކުރާގޮތެއް ނޫނެވެ. މައިރާއަށް އެއްވެސް ޙާލެއްގައި ދެރައެއް ލިބޭކަށް ރެޔާންގެ ހިތެއް ނޭދެއެވެ. އެއީ އޭނަގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯތްބެވެ. ނަމަވެސް މަންމަމެންނާއި ދެކޮޅުވާން ޖެހިދާނެތީ ކިޔާލިހާ އެއްޗަކަށް އާން ހޫން ކިޔާލުމަށްފަހު ރެޔާން ކޮޓަރިއަށް ދިޔައީއެވެ. އެ އެޕާޓްމެންޓް ނޫން އެހެން ތަނަކަށް ދިޔަނަމަވެސް ރެޔާން ގެ އަތުގައި އޮތް އެންމެ ފަހު ފައިސާފޮތްޗާއި ހަމަޔަށްވެސް މައިރާއަށް ޚަރަދުކުރަން ފަހެއް ނުޖެހޭނެ އެވެ.
ނަމަވެސް ރެޔާންގެ އެކަނިވެރިކަމާއި ހިތުގެ ރިހުން ހައްތަހާ ބޮޑުވަމުން ދިޔައެވެ. އެ ހިތުގެ އަޑުއިއްވާނެ އެއްވެސް އިންސާނަކު ނެތެވެ. އެ ޝަކުވާތަކާއި ހިމޭން ކަރުނަތައް އަނދިރީގެ ތެރެއަށް ގެނބެމުން ދިޔަޔަސް އެކަންދެކޭނެ އެއްވެސް މީހަކު ނެތެވެ. އީޝަލް ވެސް ހުންނަނީ ރެޔާންދެކެ ރުޅިއައިސްފައެވެ. ރެޔާން ފެނުނަސް ކަޅިއަޅައިގަންނަ ގޮތުން އެ ލޮލުގެ ބާރުން ރެޔާން ފިއްސާލާނެހެން ހީވެއެވެ. ރެޔާން އީޝަލް ރުއްސާލަން ބޭނުންވިއެވެ .އޭނަ ގެނެސްދިނީ ފޯނެކެވެ. އެ ފޯނު ފެނުމުން އީޝަލްގެ ފައި ބިންމަތީގައި ހަރުނުލިއެވެ.
"ރެއިން އަކީ ދުނިޔޭގައި ހުރި އެންމެ ބެސްޓް ބްރަދާ.."އީޝަލް ރެޔާންގެ ގައިގާ ބައްދާލުމަށްފަހު އަތްތިލައިގައި ބޮސްދިނެވެ. މައުސޫމް ކަމާއެކުގައެވެ. ދެ ހިތުގައިވެސް ނުބައި ނިޔަތެއްނެތެވެ. ޅައިރުއްސުރެ އެ ގާތްކަމާއި އެއްބަނޑުއެއްބަފާކަމުގެ ކުލުނު އޮވެއެވެ. ނަމަވެސް އަތްތިލައިގާ ބޮސްދިނުމަކީ އީޝަލް ދުވަހަކު ކުރިކަމެއް ނޫނެވެ. މިވަރުގެ އުފަލެއް އަދި މިވީހާތަނަށް އީޝަލްއަށް ލިބިފައިނެތީމަ އުފަލުން ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭގުނީއެވެ. މިވީހާތަނަށް އުފަންދުވަހުގެ ހަދިޔާއަކަށް އީޝަލްއަށް މުޅިންވެސް ލިބިފައިވަނީ ބުދުތަކާއި ކުޅޭއެއްޗިއްސެވެ. ރީތިވާންގެންގުޅޭ އެއްޗިއްސެވެ. އޭނަ ބޭނުމީ ފޯނާއި ލެޕެވެ. އައިޕެޑެވެ. އެފަދަ ހަދިޔާއަކަށް އެދި ހިތް މޮޔަވާތާ ކޮން ދުވަހެކެވެ. ހަދިޔާއެއް ލިބުމުން އީޝަލް އެ "ބޮޑު" ސިއްރު ބުނެލިއެވެ. ރެޔާން ހީކުރިފަދައިން ކޫސަނި ޚަބަރެކެވެ. އަޔާނާއަށް ދަރިއަކު ނުލިބޭނެތީ ފަރުޒާން އެހެންމީހަކާއި ކާވެނިކުރުވަން މަންމަމެން ރާވަމުންދާ ވާހަކައެވެ. އަދި ރެޔާންގެ ކާވެނިވެސް ހަމަޖައްސަން އުޅޭކަމެވެ. ރެޔާން ކަންތައް ބޮޑުވެ، އަނބުރައިގަންނާނީ ވަކި ކުއްޖަކު އެނގުމުންކަމަށާއި އެއީ އަނެއްކާ ސިއްރެއް ކަމަށް އީޝަލް ހީފައި ބުންޏެވެ. ރެޔާން އަށް އެއީ ކާކުކަން އެނގުން މުހިއްމެއް ނުވިއެވެ. ސަބަބަކީ މައިރާ ނޫން މީހަކާއި އޭނަ ދުވަހަކުވެސް ނީންނާނެ ކަމަށް ވަޢުދުވެފައިވާ ކަމެވެ. އެނޫން މީހަކަށް ލޯބި ނުދެވޭނެ ކަމެވެ. މައިރާ ނުލިބިއްޖެއްޔާ އޭނަގެ އުފަލަށްވާނީ އަބަދުގެ އަބަދަށްޓަކައި ދުނިޔެދޫކޮށްލާފައި ދިޔުމެވެ.

ކޮންމެއަކަސް އެމަންޒަރު ފެނުމުން ޒިޔާމާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭނަ އަވަސްއަވަހަށް ގަހުގެ ނިވަލަށްވަދެ ފިލިއެވެ. އީޝަލްއާއި ރެޔާންގެ އެ ހަރަކާތުގެ ސަބަބެއް ޒިޔާމާއަކަށް ނޭގުނެވެ. ޒިޔާމާ ހީކުރީ ރެޔާން ގެނެސްދިން ހަދިޔާއަކީ ގަހަނާފަދަ އެއްޗަކަށް ވެދާނެ ކަމުގައެވެ. އޭނަގެ ޕްލޭންތައް ކާމިޔާބުވާނެ ކަމުގެ ހެޔޮފާލެކެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ވަގުތުން ގޮސް ފައިސަލްއަށް އެ ޚަބަރު އިއްވާލައިފިއެވެ. މިހާރު ޒިޔާމާ އެއްގޮތަކަށްވެސް ޝަމާއިލް އާއި އީޝަލް ގުޅުވާކަށް ޝައުޤެއްނެތެވެ. މައިރާ ހެދިގޮތުން އެ އާއިލާއާއި އިތުރު ގުޅުމެއް ބާއްވަން ޒިޔާމާ ބޭނުން ނުވީއެވެ.

މައިރާ ގަވާއިދުން ބޭސްކައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އުޅެން ފެށުމުން މިހާރު ތެދުވެއުޅެވޭ ވަރުވެއްޖެއެވެ. ނަމަވެސް ގޭތެރޭގެ އެއްވެސް ކަމެއްކުރަން ބައިވެރިވާނެހިތްވަރެއް ނުލިބުނެވެ. ހެނދުނު ފަތިހާ ތެދުވެ އައިޒާން ގޭތެރޭގެ ހުރިހާތަނެއް ސާފުކޮށް މޮޕްޖަހާ ހެދުނުގެ ނާސްތާ ތައްޔާރުކުރެއެވެ. ނުވީތާކަށް ހެދުންތައް ދޮވުމާއި ތެލިފަދަ އެއްޗެހިވެސް ދޮންނަނީ އަމިއްލައަށެވެ. މައިރާ ހައިރާންވަނީ އައިޒާން ވަޒީފާއަށް ނުގޮސް އަބަދުހެން ގޭގައިއުޅޭތީއެވެ. މައިރާ ވިސްނީ އައިޒާން ވަޒީފާއިން ކަނޑާލީ ކަމަށެވެ.
މައިރާ ބޭރަށް ނުކުތްއިރު އައިޒާން މާ އަވަދިނެތި ޕިއްޒާ އެއްހަދަން އުޅެއެވެ. މައިރާ ސޯފާގައި އިށީދެލައިގެން އިނދެ ޗެނެލްތަކާއި ކުޅެމުން ދިޔައިރު ސިއްރުސިއްރުން އައިޒާންގެ މަސައްކަތަށް ބެލެމުން ދިޔައެވެ. އައިޒާން ފުއްގަނޑު ތައްޔާރުކުރީ ފަރިތަކަމާއިއެކުގައެވެ. އެއްޗެހި ކޮށާލިލެއް ވެސް އަވަސްކަމުން މީހަކު ހައިރާންވެ ތަލިން ކުޅުހިކޭނެއެވެ. އައިޒާން ޕިއްޒާ އަވަނަށްލާފައި، ކޭކުވެސް ފިހެން ތައްޔާރުކޮށްލާފައި އައިގޮތަށް މައިރާގެ އެއްފަރާތުގައި ހުރި ސޯފާއެއްގައި އިށީނެވެ.
"ހަވީރު ސަޔަށް އަހަރެންގެ ވެރިޔާއަށް ދަޢުވަތުދީގެން މިއުޅެނީ... މައިރާއަށްވެސް ރެޔާން އެނގޭނެ..."އައިޒާން ސިކުންތުކޮޅަކަށް މައިރާއާއި ކަޅި ހަމަކުރުމަށްފަހު ދުރަށް ބަލަން ފެށިއެވެ. އެހެން ނޫންނަމަ މައިރާގެ މޫނަށް ވެރިވިކުލަވަރު ފެނުނީހެވެ. މައިރާއަށް ލިބުނު ޝޮކް ފިލައިގެން ދިޔުމުން ކުޑަކޮށް ބުމަ ކާރިކޮށްލެވުނެވެ.
"ޒާން ނުބުނަމެއްނު ރެޔާންއާއި އެކުވެރިވާހަކައެއް..."މައިރާ ޝަކުވާގެ ރާގެއްގައި ބުންޏެވެ.
"މައިރާވެސް ނުބުނަމެއްނު އަހަރެމެން މެރީކުރި ވާހަކަ ގޭ މީހުންގާތުގައި ބުނިވާހަކައެއް ވެސް... އެނީވޭސް އަހަރެންގެ އެއްވެސްކަމެއް މައިރާއަށް އެންގުން މުހިއްމެއްވެސް ނޫން... ރެޔާންއަކީ އޮފީސްވެރިމީހާ... އަހަރެންމިއަދު މިވާހަކަ ބުނީ ރެޔާންއަކީ މައިރާގެ އާއިލީ މީހެއްކަން އެނގޭތީ..."އައިޒާން ވެސް އިނީ ހިތްހަމަ ނުޖެހިފައެވެ. އޭނަގެ ހިތުގައިއަދިވެސް މައިރާގެ ލޯބި އިންތިހާއަށްވެއެވެ. މިފަދަ ބޮޑު ކެއްސެއް ދިނުމުންވެސް އަދިވެސް ބޭނުމެވެ. އަދިވެސް އޭނަގެ ހިތެއް ބަދަލެއް ނުވެއެވެ. އެލޯތްބަށްޓަކައި ހިތްމިދަނީ ބޭގަރާރުވަމުންނެވެ.
"އަހަރެން ބޭނުމެއްނޫން ފެމިލީ އެއްވެސް މީހަކާއި މީޓްކުރާކަށް... ރެޔާން އަހަރެންގެ ވާހަކަ އަހައިފިއްޔާ ބުނޭ ގޭގައި ނޫޅެޔޭ.." މައިރާ ބާރުބާރަށް ހިގާލާފައިގޮސް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރުޖެހިއެވެ. މައިރާ ހުރީ ވަރަށް ގަދަޔަށް ރުޅިއައިސްފައިކަން އައިޒާން ދެނެގަތެވެ. ހިތުގައި ކުޑަ ޝައްކެއް އުފެދުނެވެ. އަނެއްކާ ރެޔާންއަކީ މައިރާގެ ކުރީގެ ލޯބިވެރިޔާއަށް ވެދާނެބާވައެވެ. އައިޒާން ގެ ގަރާޖަށް ރެޔާން އާއި މައިރާއާއި އެކީގައި ދިޔަދުވަހުގެ ހަނދާންތައް ލޮލުގެ ކުރިމަތިން ފެނިގެން ދިޔައެވެ. އެކަމަކު އެނޫނީ ޝައްކުވާފަދަ ކަމެއްވެސް ނުހިނގައެވެ.
މައިރާ ކޮޓަރީގައި ބަންދުވެގެން ބައިގަޑިއެއްހާއިރުއިން ފަހުން ކޮންމެވެސް ވަރަކަށް އެއްޗެއް ކާލަން ބޭނުން ވިއެވެ. ހަވީރު ސަޔަށް އަންނަ މީހެއް ވެއްޖެއްޔާ އަދި އަންނާނީ ތަންކޮޅެއް ފަހުންނެވެ. މައިރާ ތެދުވެ އިސްތަށިގަނޑުއަތުން ރީތިކޮށްލުމަށްފަހު ހުޅިއެއްޖަހާލައިފިއެވެ. އަތްދިގު ސްޓްރައިޕް ޓީޝާޓަކާއި ޖިންސެއްލައިގެންހުރިއިރު އޭނަގެ މޭމައްޗާއި ދިމާލުން ކުޑަކޮށް ބާރުވެފައިވުމުގެ އިތުރުން ބަލިވެއިނުމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. މައިރާ ކޮޓަރިން ނުކުމެގެންގޮސް ފްރިޖް ހުޅުވާލައިފިއެވެ. ފިނިކޮށްފައިވާ ކުރުނބާއެއް ބޯލަން ފެށުމުން އެތެރެހަށީގައިވާ އުދާސްތައް ވެސް ލުއިވެގެން ދިޔައެވެ.
ކޮންމެވެސް މީހަކު ތަޅުގައި ހިފާލިހެން ހީވިއެވެ. އައިޒާން ގެއިން ބޭރަށް އެއްޗެއް ގަންނަން ގޮސްފައި އައީކަން ނޭގެއެވެ. މައިރާ އެނބުރި ބަލާވެސް ނުލައި ހުއްޓާ ދޮރު ތަންޑުއެޅުވިއަޑުއިވުނެވެ. އައިޒާންގެ ފިޔަވަޅުތަކުގެ އަޑެވެ. އެވަގުތު ސެންޓްގެ މީރުވަސް ދުވަން ފެށުމުން މައިރާ ކުއްލިއަކަށް ސިހިފައި އެނބުރި ބަލާލިއިރު ފޫޓެއްހާ ދުރުގައި ހުރީ ރެޔާންއެވެ. މައިރާ ސިހުނު ވަރުން ކުރުނބާތަށި އަތުން ދޫނުވީކިރިޔާއެވެ.
"ބޭބީ..ފެއިންޓް ނުވާތި.."ރެޔާން ބަލަހައްޓައިގެން ހުރީ ފާޑަކަށެވެ. އެ މޫނުމަތިން މިއަދު މައިރާއަށް ފެނުނީ ރީތިކަމާއި އެއްވަރަށް ބޮޑާކަމެވެ. ހަމަ އެ ގޮތް ދޫނު ކުރާގޮތެވެ. ހިނިތުންވުމެއްވެސް ނެތެވެ. ހީވާގޮތުން ރެޔާން ހުރީ ވަރަށް ރުޅިއައިސްފައެވެ. ތިމާ އަމިއްލައަށް ކުރި ނުބައިކަމަކުން ސަލާމަތްވާން މައިރާ ދުރަށް އައީމަވެސް ، ކުށްވެރިވާނީ މައިރާއެވެ. މައިރާ ގެ ހިތް އޭރު ތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެވެ. އޭނަ ތުންފަތުގައި ބާރަށް ދަތްއަޅާލާފައި ހިނގައިގަންނަން އުޅުނު ވަގުތު ކައްސާލައިފިއެވެ. ރެޔާން ވަރަށް ހުޝިޔާރުކަމާއިއެކު މައިރާގެ ގައިގާ ހިފެހެއްޓިއެވެ. މައިރާ ސިހިގެންފައި އެއަތުގެ ތެރެއިން ނުކުތެވެ.
"ރެޔާން.. އަހަންނަކީ މީހެއްގެ އަންބެއް... އެވަރު ދަނެގެން އުޅެބަލަ." މައިރާ ހިތާއިދެކޮޅު ހަދަން ބޭނުން ނުވިޔަސް އޭނަގެ ހިތުގައިވާ ލޯތްބަށް ކުޑަނަމަވެސް ފަނޑު ކަމެއް ނާންނަކަން ރެޔާން ފެނުމާއިއެކު ވެގެން ދިޔަހާގޮތުން އެނގުނެވެ.
"ބަލިވެއުޅޭއިރުވެސް ލޯބިކަން.. ރީތި އަނިޔާވެރިކުއްޖެއް... އަހަންނަށް ކީއްކުރީތަ؟ ފެންނަ ކޮންމެފަހަރަކު ސިހުރުގައި އެބަޖައްސާ.. ދެން އަމިއްލަ ނަފުސް ކޮންޓްރޯލް ނުކުރެވުނީމަ ކުށްވެރިވާނީ އަހަރެން.." ރެޔާން މައިރާގެ ހުޅީގައި ހިފާ ދަމާލިގޮތުން އިސްތަށިގަނޑު ފަންގަނޑެއްފަދައިން ވިހުރުވިގެން ދިޔައެވެ. އެއީ ރެޔާން" ރަޕުންޒެލް" އިސްތަށިގަނޑު ގޮތުގައި ނަންކުރާ ރަންކުލައަރާ އިސްތަށިގަނޑެވެ. މިހާރު އެބޮލުގައި ޖެއްސި ރަތްކުލަ ފަނޑުވެކުރީގެ ރީތިކުލަ އެނބުރި އަންނަން ފަށައިފިއެވެ.
"ރެޔާން.."މައިރާ ސިހިގެން ދިޔުމާއިއެކު ދެ ތިންފިޔަވަޅުފަހަތަށް ޖެހިލެވުނެވެ. ކައުންޓަރުގައި ލެނގުނުގޮތަށް ރެޔާން ދުރަށް ޖެހިދާނެކަމުގެ އުއްމީދު ނުވަތަ އައިޒާން އަތުވެދާނެކަމުގެ ހިތްހަމަޖެހުން މައިރާގެ ވިއެވެ. ނަމަވެސް ހިދުކޮޅަކަށެވެ. ރެޔާން މައިރާގެ ދެފަރާތުން އަތްގެނެސް ކައުންޓަރުގައި އަތްއަޅުވާލަމުން އޭނަ ގައިދުކޮށްލައިފިއެވެ. މައިރާގެ ހިތް ބިރުގަތެވެ. އަނެއްކާ މިއީ އައިޒާންއާއި ރެޔާންގެ ރޭވުމެއްބާވައެވެ.
"ޒާން..." މައިރާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.
"އަދި މާ ލޯބިން ޒާން އޭ ހުރެގެން ކިޔައެއްނު... އަހަރެން މިއައީ ތިބުނާ ޒާން މަރާލާފައި.. ދެން އެއްފަހަރުވެސް ޒާންއަށް ގޮވާބަލަ ނިކަން.. އޭނައަކަށް ދެން މި ހަށިގަނޑަކު އަތެއް ނުލެވޭނެ.. އަހަރެން މިވަރަށް ލޯބިވާކަން ރަނގަޅަށް އެނގިހުރެ ކީއްކުރަން އަހަންނަށް މިހެން ހަދަންވީކީ؟ އަހަރެން މިވަރަށް ރުޅި އަންނާނެކަން އެނގޭތީ ކުރިކަމެއް ދޯ.. ގަސްތުގައި ރުޅިއަރުވާލަން.. އަހަރެން އެހާ ބޭނުންވެގެން ބުނީމަ ނޫނެކޭ ބުނެފައި ދުވަހަކު ނުދަންނަ ބީރައްޓެއްސަކާއިއެކު ނިދާލަން ކެރިއްޖެ.. އޭނަ ކޮންމެކަމެއްކުރިޔަސް ހެޔޮދޯ... އަހަރެން ކަމެއްކުރީމަ ގޯސްވަނީ.. ޖަވާބުދީބަލަ.. ކީއްވެ އަހަންނަށް ދޮގުހެދީ.. ރެޔާން ނޫންމީހަކަށް ގައިގާ އަތްނުލެވޭނެޔޭ ބުނީކީއްވެތަ؟ ވީއިރު މަށަށް ޕްރޫވްކޮށްދީ... އެކަނި ޒާންއަކަށް ނޫނޭ ހައްގުއޮތީ... އޭނައަށް އޮތްވަރަށް މަށަށްވެސް އޮންނަން ޖެހޭނެ..."ރެޔާންގެ މޫނުވަނީ ނުރައްކާތެރި ދަރަޖައަކަށް ކާރީގައެވެ. މައިރާ ހުރީ ނޭވާލާންވެސް ނުކެރިފައެވެ. މިވަގުތު ރިމޯޓްއޮތީ އޭނަގެ އަތުގައެވެ. ނުބައި ފިތަކަށް އޮބާލެވިއްޖެނަމަ މިތަނުގައި ހުޅުރޯވެދާނެއެވެ. ގޮވާފާނެއެވެ. ރެޔާންގެ ހަށިގަނޑާއި ކައުންޓަރާއި ދޭތެރޭގައި ފިތެމުން ދިޔައިރު މައިރާއަށް ރެޔާންގެ ބާރު އިހުސާސްކުރެވުނެވެ.
ރެޔާންގެ ތުންފަތް އޭނަގެ ކޮލުގައި ބީހިލައިގެން ދިޔައެވެ.

ކޮމެންޓް 0