ރެޔާން ކިތަންމެ މަޑުން ވާހަކަދެއްކި ނަމަވެސް އެ އަޑުގައި ކިތަންމެ ވަރަކަށްވެސް ނުރުހުމުގެ އަސަރު އެކުލެވެއެވެ. 

"ރެއިން ހަމަޖެހިބަލަ. ތިއީ މޭއިގެ ހަޒްބެންޑަށް ވަންޏާ އަހަރެން މިއީ އޭނަގެ ބޭބެ. އެނގޭ ދެން ތިވަރަށް އަހަންނަށް ކެއަރ ނުކުރެވޭނެކަން އެކަމަކު އަހަރެންވެސް އެވަރު ވިސްނާނެ ދޯ....." ޝަމާއިލް ހުނުމަކާއެކު ބުންޏެވެ.

"އޯކޭ އޯކޭ ސޮރީ. މާބޮޑަށްވެސް އޯވަޕްރޮޓެކްޓް ކުރެވެނީ. ކުޑަހިތާމައެއްވެސް ލިބެން ބޭނުންނުވަނީ..." ރެޔާން މާފަށްވެސް އެދެމުން ތަންކޮޅެއް ހަމަޖެހިލާފައި ރެއިލިންގައި ލެނގިލަމުން، އެ ތޫނު ދެލޯ މައިރާގެ މޫނަށް ހުއްޓާލައިފިއެވެ. އެ ރީތި ދެލޮލުން މައިރާއަށް ފެނުނީ ނިމުމެއްނެތް ލޯތްބާއި އޯގާތެރިކަމެވެ. މައިރާގެ ހިތަށް ބުނެދޭން ނޭގޭފަދަ އުފަލެއް ލިބުނެވެ. މޫނުގައިވިހާ ބިރުވެރިކަމެއް ފިލައި، ރީތި ހިނިތުންވުމެއް ތުންފަތަށް ވެރި ކުރަމުން ރެޔާންގެ ތަނަވަސް މޭމަތީގައި ބޯއަޅައިލައިފިއެވެ. ރެޔާންވެސް މައިރާ ގަޔާއި ކާރިކޮށްލަމުން ނިތްކުރީގައި ބޮސްދިން ގޮތުންވެސް މައިރާ އަށް އިހުސާސް ކުރެވުނީ ރައްކާތެރި ކަމުގެ އިންތިހާއެވެ. 

"އެވަރު ބަލަމޭ. އެހެންނޫންނަމަ އަހަރެން ވެސް ރެއިންގެ ލައިފް ނަރަކައަކަށް ހަދާނަން. އަހަރެންގެ ހުރި އެންމެ ކޮއްކޮ ވިއްޔަ. އަހަރެން މޭއި ގާތު ބުނީ އަންވަރު ބަލިވެގެން އިންޑިއާއަށް ބޭސްކުރުވަން ދާންވެގެން ޖަލުން ދޫކޮށްލި ވާހަކަ. އޭނަ މާވަރަކަށް ކެއްސައި، ކަރުން ލޭ އަންނާތީ ހޮސްޕިޓަލަށް ދެއްކުމުން އެގުނީ ފުއްޕާމޭގައި ޓިއުމަރެއް ހުރިކަން. އެކަމާއި އޭނަގެ އަންހެނުން ވަރަށް ދެރަވި އެކަމަކު އަދި އަންވަރުއަށް ސިއްރުކުރަން އެމީހުން ބޭނުންވީ. އޭނައަށް އެގޭނެ ސީރިޔަސް ބައްޔެއް އުޅޭކަން. ކެންސަރުކަން އެނގިއްޖެއްޔާ އޭނަވެސް ދެރަވާނެ ދޯ. މިހާރުވެސް ނޫޅޭނެ ކަންނޭގޭ އެހެން މީހުންނަށް އުނދަގޫ ކުރާކަށް. އެންމެ ފަހުން އަހަރެމެންގެ ބައްޕަގެ ގާތިލަށްވެސް އެއޮތީ ތައުބާވާނެ ފުރުސަތެއްވެސް ލިބިފައި. އަހަރެން ބޭނުންވި އަހަރެންގެ ދެއަތުން އެމީހާ ޗިސްކޮށްލަން އެކަމަކު....." ޝަމާއިލްގެ ވާހަކަތަކުން ރެޔާން ގެ ހިތުގައި މިއަދު އަންވަރުއަށް ހަމްދަރުދީއެއް ނުއުފެދުނެވެ. އެއީ އޭނައަށް އެކަށީގެންވާ ސަޒާކަން ނޭގެއެވެ. 

ރެޔާން ފޯނު ބާއްވާލާފައި މައިރާ ބިރުން އުޅުނީ ކީއްވެގެންކަން އޮޅުންފިލުވަން އަހައިލީ އެ އޮމާން މޫނުގައި ދެއަތުން ހިފަހައްޓަމުންނެވެ. 

"ރެއިން. އަހަރެން ބިރުގަތީ އޭނަ ރެއިންއަށް ކަމެއް ކޮށްފާނެތީ. އެއީ ހާދަ ނުލަފާ މީހެކޭ. އަހަރެން ދުނިޔެއިން މީހަކު ދެކެ ނަފްރަތުކުރާނަމަ އެއީ އެމީހާގަނޑު. މާތްﷲ އިރާދަކުރެއްވިއްޔާ އޭނައަށް އެކަމުގެ ހިތި ސަޒާލިބޭނެ......" މައިރާ ވާހަކަ ދައްކަނިކޮށް ޢަދަންގެ ތުއްތު އަޑުން ކޮންމެވެސް އެއްޗެކޭ ކިޔައިލިހެން ހީވެގެން ރެޔާންމެން ބަލައިލިއިރު، އަޔާނާ ޢަދަން އުރާލައިގެން ހުރެ ޓެރެސްގެ ސިޑިބަރިން އަރައިގެން އައީއެވެ. ޢަދަން ޓެރެސްއަށް އަންނަންވެގެން ދޫނުކޮށް ބޮޑާހާކައިގެން ގެނައީ ކަމަށް އަޔާނާ ބުނީ ހިނިތުންވުމަކާއި އެކުގައެވެ. އަޔާނާ، ޢަދަން އެ މާބްލް ޖަހާފައިވާ ޓެރެސް މައްޗަށް ތިރިކޮށްލުމާއިއެކު އަނބުރާލައިފައި ދުއްވައިގަތީ ސިޑިބަރި އާއި ދިމާލަށެވެ. އަޔާނާއަށް ހިފެހެއްޓުނީ ކިރިޔާއެވެ.

"އެޑެން. ނޯ. ނޯ...." މައިރާއަށް ބާރަށް ކިޔާލެވުނެވެ. ޢަދަން ހަލަނިކަމުން އެންމެންވެސް ބިރުން ނޭވާ ހިފަހައްޓާލާވަރުގެ ކަންތައްކުރެއެވެ. އެންމެ ފަހަރަކުވެސް ޢަދަންއަށް ހިމޭނުން ހުރެވޭކަމަކަށް ނުވެއެވެ. ކޮޓަރީގައި ހުއްޓަސް ޑްރޯވާތައް ދަމާފައި އޭގައިވާހާ އެއްޗެއް ބިންމައްޗަށް އޮއްސާލައެވެ. ރީތިވާ މޭޒުމަތީގައިވާހާ އެއްޗެއްވެސް ބިމަށް ތިރިކޮށްލައެވެ. ބައެއްފަހަރު މައިރާ އެކަމާއި ކަންބޮޑުވިކަން އެގުނީމަ ޢަދަން ސަކަ، ލޯބި ހުނުމެއްދީފައި ހުރިހާ އެއްޗެއް ރީތިކޮށްލަވެސް ދެއެވެ. އަދި މިހާރަކަށް އައިސް އެނދު އަދި ސޯފާމައްޗަށް އަރާ އެކަނި ފުންމަން އުޅުން އާދައަކަށް ހަދައިފިއެވެ. ފުންމާލާއިރު މައިރާ ހިފަން އުޅުނަސް ތުންކޮޅު ދިގުކޮށްލައިގެން، ރޯވައްތަރު ދައްކާލުމުން މައިރާ ހުންނަން ޖެހެނީ ޢަދަންއަށް ދޫކޮށްލައިގެންނެވެ. މައިރާ ދަރިފުޅު ފަހަތުން ދުވެ ދުވެ، ވަރުބަލިވާއިރުވެސް ޢަދަންގެ މަތިން ސިކުންތުކޮޅަކަށްވެސް ފޫހިކޮށެއް ނުލައެވެ. ދަރިފުޅުގެ ފަރާތުން ލިބޭ ވަރުބަލިކަމަކީވެސް މައިރާއަށް ލިބޭ ހިތްހަމަޖެހުމެކެވެ. ހުރިހާ ހިތާމައެއްގެ ފަރުވާއެކެވެ.

"ދަރިފުޅުމެން އެޑެން ބޭނުންހާކަމެއް ކޮށްލަން ދޫނުކޮށްބަލަ. އެހެންނޫނީ އެޑެން ސްޕޮއިލް ވެދާނެ..." ޒިޔާމާ ކިތަންމެ ވަރަކަށްވެސް މައިރާމެން ގާތުގައި ބުނެއެވެ. އެކަމަކު ބައެއްފަހަރު ޢަދަން ދެކެވާ ލޯތްބެއްގެ ބޮޑުކަމުން އެފަދަ ވާހަކަތަކަށްވެސް ބީރުކަންފަތެއް ދެވެނީއެވެ.

"ޑާޑާގެ އެންޖެލް...." ރެޔާން ޢަދަން އުފުލާލަމުން އެމޫނުކޮޅުގައި ބޮސްދިނެވެ.

"ޑާޑާ. މީމީ......." ޢަދަން ހަނދާއި ދިމާލަށް އަތްދިއްކޮށްލަމުން ބުންޏެވެ. އެއީ ޢަދަން ހަނދަށް ޚާއްސަކޮށް ދިން ނަމެވެ. ޢަދަންއަށް ވެސް އޭނަގެ ބައްޕަ އޭނަ ބުނާ ކޮންމެ އެއްޗެއް ގެނެސްދޭނެކަން ޔަގީން ކުރެވެއެވެ. ޢަދަންއަށް ހަނދު ހާ ރީތި، ބޭނުންވި އެއްޗެއް ނުފެނުނީ ކަންނޭގެއެވެ. ރެޔާން ގޮތްހުސްވިއެވެ. އޭނައަށް ދުނިޔެއިން ޢަދަން ބޭނުން ކޮންމެ އެއްޗެއް ހޯދަދެވިދާނެއެވެ. އެކަމަކު މިހާރު ޢަދަން ބޭނުން އެވީ ރެޔާންގެ ބާރުގެ ދަށުގައިވާ އެއްޗެއްގެ ވާހަކައެއް ނޫނެވެ. ރެޔާން ޢަދަން ގެ ސަމާލުކަން އެހެން ފަރާތަކަށް އަނބުރާލަން އުޅެއުޅެވެސް އެކަމެއް ނުކުރެވުނެވެ. ޢަދަން ބޭނުންވީ ހަނދު ނަގައި ދިނުމަށެވެ. އެންމެ ފަހުން ދެރަވެގެން ތުން ފިތާލާފައި ރޯންފެށުމުން މައިރާއަށް ވެސް ރޮވޭ ގޮތްވިއެވެ. ރެޔާން ޢަދަން ހައްލަން އުޅެއުޅެ މިރޭ ނުހެއްލުނެވެ. އެހެން އެއްޗެހި ދައްކާ ޓެރެސްއިން ބާލަން އުޅެއުޅެވެސް އެކަމެއް ނުވިއެވެ. ރެޔާން ފެންލޯގަނޑަކަށް ފެންއަޅާފައި އޭގެ ތެރެއިން ހަނދު ދެއްކުމުންވެސް ޢަދަން އެވެސް ގަބޫލެއް ނުކުރިއެވެ. އެންމެ ފަހުން ހަނދު ވިލާކޮޅެއްގެ ފުރަގަހަށްވަދެ ނިވާވެލުމުން ޢަދަން ބާރަށް ރޯންފެށިގޮތަށް ހުއްޓައެއްނުލިއެވެ. އެންމެ ފަހުން ރެޔާން ޢަދަން ގަދަކަމުން ނަގައިގެން ކޮޓަރިއަށް ގެންދިޔައެވެ. މައިރާއަށްވެސް ރޮވުނީއެވެ.

"ރެއިން. އެޑެން ދެރަވާނެ ތިހެން ހެދީމަ. ދެން ތިވަރަށް ނުރޮއްވަބަލަ.." މައިރާ ބަންޑުން އެނދަށް ވެއްޓިގަތެވެ.

"މޭއިވެސް އެޑެންއަށް ވުރެ ބޭބީކަން ކުޑައެއްނޫން. މަންމަ ބުނިގޮތަށް އެޑެން ސްޕޮއިލް މިވަނީ. މާދަން ބުނާނެ ތަރިއެއް ނަގައި ދޭށޭ...." ރެޔާން ޢަދަން އެނދުގައި ބާއްވައިގެން ހުއްޓުވަން އުޅެމުންގޮސް އެންމެ ފަހުން ގިސްލަގިސްލާފައި ޢަދަންއަށް ނިދިއްޖެއެވެ. ރެޔާން އާއި މައިރާ އާއި ދެމެދުގައި ޢަދަން ބާއްވައިގެން ދެމީހުން ދެފަރާތުގައި ތިބިއިރު ރެޔާންވެސް އޮތީ އިންތިހާއަށް ދެރަވެފައެވެ. ޢަދަންގެ ހިތުގައި ޖައްސާފަދަ ކަމެއްކުރަން ބޭނުންނުވިޔަސް ބައެއްފަހަރު މައިންބަފައިންނަށް ވެސް ބަސްނާހާ އުޅޭ ކުދިންނާއި ދޭތެރޭގައި އެފަދަ ފިޔަވަޅެއް އަޅަންޖެހިދާނެއެވެ. ކިތަންމެ ވަރަށް ލޯބިވިޔަސް މެއެވެ. ރެޔާން އެންމެ ފަހުން ތެދުވެގެން އައިސް މައިރާގެ މަގަތުގައި އިށީނދެއްޖެއެވެ. މައިރާއަށްވެސް ސިކުންތު ކޮޅަކަށްވެސް ކެތްނުކުރެވުނެވެ. ފުންމައިގެން އައިގޮތަށް ރެޔާންގެ ކަނދުރާގައި އަތްއަޅުވާލެވުނެވެ. އޭނަގެ ފުރާނަފަދަ ލޯބިވާ ރެޔާން އާއި ކުޑަކުޑަ މައްސަލައެއްޖެހި އިރުކޮޅަކުވެސް ދުރުގައި އުޅެން މައިރާގެ ހިތަށް ކެތްނުކުރެވުނީއެވެ. އެއަށްވުރެ އެ ބާރުގަދަ އަތުގެ ހިމާޔަތާއި ލޯތްބަށްޓަކައި އެހިތް ވަނީ ދީވާނާ ވެފައެވެ.

ޢަދަން ހަލަނިކަން ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން ދިޔައެވެ. ކާންދެވެނީ ވެސް ގަޑިއެއްހާއިރުގެ މަސައްކަތުން ފަހަތުން ދުވެގެންނެވެ. އަޔާނާ ކިތަންމެ ވަރަކަށްވެސް އެހީތެރި ވެދީ ހަދައެވެ. އަދި ރެޔާންމެން ޢަދަން ގޮވައިގެން ރިޒޯޓަށް ގޮސްފައި އައިފަހުން އެއްގޮތަކަށްވެސް އެކަނި ޖަންގިޔާ ކޮޅުގައި ނޫނީ ގޭތެރޭގައި އުޅޭކަށް ބޭނުމެއް ނުވެއެވެ. އަދި ޕޫލަށް ތަނަކަށް އެރެންޏާ އެވެސް ބާލާނެއެވެ. ޢަދަން ގެއިން ބޭރަށް ގެންދަން ހެދުމެއްލައްވަންވިޔަސް އެތައް ވަރަކަށް ހައްލާލައިގެން ނޫނީ ހެދުމެއް ނުލާނެއެވެ. ގެއަށް ވަދެވުމާއިއެކު އާދައިގެ މަތިން ޖަންގިޔާ ކޮޅަށް ބަދަލުކޮށްލައެވެ. ކޮންމެ ކަމެއްވެސް ވާންޖެހެނީ ޢަދަން ބޭނުންވާ ގޮތަކަށެވެ.

ބޯކޮށް ވާރޭވެހުނު ދުވަހެކެވެ. ލެވެންޑާ ކޮޓެޖްގެ ފަތާފެންގަޑާއި ދިމާލުން މާބްލް ތަޅުންމަތީގައި ފެންބޮޑުވެފައި އޮތުމުން ޢަދަން އެތަނުގައި ބަކަތަޅަން އޮތްގޮތަށް ގެއަށް ވަންނާކަށް އެއްބަހެއްނުވިއެވެ. އޭރު ރެޔާން ވީ އޮފީހުގައެވެ. ރެޔާން އޮފީހުގައި އިންދާ އުނދަގޫ ކޮށްގެން، ގެއަށް ގެނުވާކަށް މައިރާ ބޭނުމެއް ނުވިއެވެ. އެކަމަކު އޭނަ ހީކަރުވައިގެން ހަލާކުވެ ރޫރޫ އަޅަމުންދިޔައިރުވެސް ޢަދަން އެއްގޮތަކަށްވެސް ފެންގަޑުން އަރާކަށް އެއްބަހެއްނުވިއެވެ. ވާރޭގެ ތެރޭގައި ހުސްގަޔާއި ހުރެ ދުވަނިކޮށް އެތަނަށް ފައިސަލް އާއި ޒިޔާމާ ނިކުތެވެ.

"މުޅިކުއްޖާ ނޫވެފައެއްނު ތިހިރީ. ބަލިވެސްވެދާނެ. މޭއި ދެން ގަދަކަމުން ނަމަވެސް އެޑެން ގެއަށް ވައްދަބަލަ..." ޒިޔާމާ ކުޑަކޮށް ހިތްހަމަނުޖެހިފައިވާ ގޮތަކަށް ބުނެލައިފިއެވެ. އެންމެ ފަހުން މައިރާގެ އަތުން ޢަދަން ސޮއްސިގެން، އަތުނުޖެހި ދުވަންފެށުމުން ޒިޔާމާ އަމިއްލައަށް ވާރެޔާއި ތެމިގެންގޮސް ޢަދަން ނެގިއެވެ. ރޮއިރޮއިއޮތްވާ ގެންގޮސް ތުވާއްޔެއްގައި އޮޅައިގެން ގެނެސް އުނގުގައި ބޭންދިއެވެ. ޒިޔާމާ ތަންކޮޅެއް ހަރުކަށިވުމުން ޢަދަން އިނީ މައިތިރިވެފައެވެ. އެކަމަކު މައިރާއަށް ނުރޮވުނީ ކިރިޔާއެވެ. ޒިޔާމާ ކަންތައް ކުރީ ކުރަންވާ ގޮތަށްކަން ގަބޫލުކުރެވޭއިރުވެސް މައިރާގެ ހިތުގައި ޝަކުވާ އުފެދުނެވެ. އެދުވަހު ޢަދަން ހުންވައްތަރުވިއެވެ. މައިރާ ބިރުން ހަލާކުވާވަރުވިއެވެ. ޒިޔާމާ ބުނިހެން ދަރިފުޅު އެވަރަށް ފިނީގައި ގެންގުޅުނީމަ ބަލިވުމުގެ ފުރުސަތުވެސް ބޮޑުވާނެއެވެ.

ޖެހިގެން އައި ދުވަހެވެ. މައިރާ ޢަދަން ފަހަތުން ދުވަމުންގޮސް ފެންޑާއަށް ނިކުތެވެ. އޭރު ފައިސަލް އާއި ޒިޔާމާ އަދި ފަރުޒާން ފެންޑާގައި ވާހަކަދައްކާލަން ތިއްބެވެ. ޢަދަން އެދިޔަ ގޮތަށް ގޮސް ތަނބުކައިރީގައިވާ ވައިލެޓް އޯކިޑް ވަށިގަނޑެއްގައި ހިފާ ދަމައިގަތެވެ.

"އެޑެން. ޑޯންޓ ޓަޗް. ދެޓްސް ނާނާސް..." ޒިޔާމާ މާބާރަކަށް ބުނުމުން ޢަދަން ކަންބޮޑުވެފައި "އަ-އޯ" ކިޔާލަމުން ތަބަށް ލެނގިލިގޮތަށް ތުންފިތާލައިގެން ދެރަވެފައި ހުރީ އެވެ. ރީނދޫކުލައިގެ ޖަންގިޔާ ކޮޅެއްގައި ހުރިއިރު ދޮންކަމުން ހީވަނީ ޓޫރިސްޓް ކުއްޖެއް ހެނެވެ.

"ސޭ ސޮރީ ޓު ނާނާ....." ޒިޔާމާ ބުނެލިއެވެ.

ޢަދަން ލޯބި ތުއްތު އަޑަކުން އޭނައަށް ކިޔުނުގޮތަކަށް ސޮރީ ވެސް ބުނެލިއެވެ. ފައިސަލް ވެސް ހިނިތުންވެލެއްވިއެވެ. ޢަދަންއަށް ތަދުވެއްޖެއްޔާ "އޫވީ" އަދިވެސް ފެންބޯންވީމާ "ވާވާ" ފަދަ ލަފުޒުތައް ކިޔާލެއް ލޯބިކަމުން މީހަކު ހިތް ލޯބިން ފުރޭނެއެވެ.

"ނައު ދެޓްސް އެ ގުޑް ބޯއި....." ޒިޔާމާ އެވަރަކަށް އަޅައެއްނުލާ ވަށިގަނޑު ގެންގޮސް ޢަދަން އަތުނުޖެހޭ ހިސާބުގައި ބަހައްޓައިފިއެވެ. އެހެންނޫނީ ޢަދަން ބަސްނާހާ ކުއްޖަކަށް ވެދާނެއެވެ. އެންމެން މާ ޅަކުރަން ހަދައިގެން ޢަދަން ވަނީ މާބޮޑަށް ސިޔާސަވެފައެވެ.

އިރުކޮޅަކު ފެންޑާގައި ދުވެ ސަކަރާތްޖަހަން ހުރުމަށްފަހު މައިރާ ޢަދަން ކޮޓަރިއަށް ގެންދިޔުމުން، ވަގުތުން ފުންމާލައިގެން ގޮސް ރީތިވާ މޭޒުމަތީގައިވާ ސެންޓު ފުޅިތައް ބިމަށް ތިރިކުރަން ފެށިއެވެ. މައިރާ ހުރީ ޒިޔާމާ ދަރިފުޅާއި ދިމާލަށް ބާރަށް އެއްޗެކޭ ބުނުމުން ހިތްހަމަނުޖެހިފައި ކަމަށް ވާތީ ސޯފާއަށް އެރިގޮތަށް ރެޔާންއަށް ގުޅައިގެން ޝަކުވާކުރިއެވެ. މައިރާ އެ ހާދިސާ ހިގިގޮތް ކިޔައިދީފައި ވަރަށް ދެރަވިކަމަށް ބުންޏެވެ. މަންމަމެން އެހެން ކަންތައް ކުރަނީ ޢަދަންއަށް ރަނގަޅަކަށް ކަން ގަބޫލު ކުރާއިރުވެސް، ދެރަވެ، ހިތްހަލާކުވާ ކަމަށް ބުނިއިރު މައިރާގެ އެސްފިޔަތަކުގައި ކަރުނަ ވިދަމުންދިޔައެވެ.

"ރެއިން އާދެބަލަ. ކިހިނެއް މިވަރުން އެކަނި އެޑެން ބަލާނީ. ދުވެ ދުވެ އަހަރެން ވަރުބަލިވެއްޖެ ރެއިން...." މައިރާ އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ބާރު އަޑުފަށްގަނޑެއް އިވުމުން މައިރާއަށް ހަޅޭއްލަވައިގަނެވުނެވެ. އޭނަ ބަލައިލިއިރު ޢަދަން ސެންޓުފުޅިއެއް ބިންމަތީގައި ޖެހީނުން ގޮއްވާލީއެވެ. ބިއްލޫރިތައް ތެޅިގެން މުޅިހިސާބުގައި އެތައް މިލިއަން ބިއްލޫރި ކޮޅުތައް ވިދަމުން ދިޔައެވެ. މައިރާ ދަރިފުޅު ނަގަން ދުއްވައިގަތުމުން ޢަދަންވެސް އަތުނުވެ ދުވަމުންގޮސް ބިއްލޫރިގަނޑެއްގެ މައްޗަށް ފައިން އެރިގެން ރޮއިގަތެވެ. މައިރާ ޢަދަން ނެގުމާއިއެކު ރޮވުނީއެވެ. ނަސީބަކުން މާބޮޑުކަމެއް ނުވެއެވެ. މައިރާއަށް އޭނަ ޢަދަންއަށް ކޮންމެ ކަމެއް ކުރަން ދޫކޮށްލައިގެން ހުރެގެން ނުވާނެކަން ވިސްނުނެވެ.

އައުޒަމް ބަލަހައްޓަން ޚާއްސަ ނޯކަރަކު ހުރިނަމަވެސް ސުލްތާނާ އޭނަ ދަރިފުޅަށް އަނގައިގައި ލައްވާފައި ކާންދެއެވެ. އައުޒަމްގެ ކޮޓަރި އަމިއްލަ އަތުން ރީތިކޮށް، ތާޒާ މާ ބަހައްޓާދީހަދައެވެ. މަންމަގެ މަތިވެރި ލޯތްބާއި އަޅާލުން ފެނިފައި އައުޒަމް އިންނަނީ ވަރަށް އަސަރުކޮށްފައެވެ. އަދި ބޭބެގެ އެންމެ ފަހު ވަގުތު ކޮށްފައިވާ ވަސިއްޔަތް މަންމަ ގާތުގައި ބުނަންވެގެންވެސް އެހިތް ކިތަންމެ ވަރަކަށް ވެސް އެދެއެވެ. އާދޭސްކުރެއެވެ. ނަމަވެސް އެހިތަށް އެކަމަކަށް ކުޅަދާނައެއް ނުވިއެވެ. މަންމަގެ ހިތް އޭނަ އާއި މެދު ބުރަވާނެކަން އެގޭތީ އެވެ. އެހެންނޫނަސް އޭނަގެ ފުރާނަވެސް ހީވަނީ ހަށިގަނޑުން އުދުހިގެން ހިގައިދާނެހެންނެވެ. ހަތަރުދަމު ވިސްނެނީ އޭނަގެ ފާފަތަކާއި މެދުގައެވެ. ނިދާވަގުތުގައި އައުޒަމްގެ ލޮލުން ކަރުނަ އަންނަ ރޭތައް މަދެއްނޫނެވެ. އޭނަގެ އެންމެ ފަހު ނޭވާ އާއި ހަމަޔަށްވެސް އެ ފާފަތައް އޭނަގެ ހަމަޖެހުމާއި އުފާތަކަށް އެޅޭ ހުރަހަކަށް ވާނެއެވެ.

ސުލްތާނާ، ރާދާގެ ކޮޓަރިއަށްވަދެ އެތަނުން ރާދާގެ ސާމާނުތައް ބޭރުކޮށް އެކޮޓަރި ސާފުކުރަން ގަސްތުކުރިއެވެ. އެހާ ނުބައި އަންހެނެއްގެ އެއްވެސް ނިޝާނެއް މިގޭގައި ބެހެއްޓުމަކީވެސް ނުބައި ފާލެއްކަމަށް ސުލްތާނާއަށް ފެނުނެވެ. ސުލްތާނާ އެކޮޓަރިއަށް ވަދެ އަލަމާރި އާއި ތަންތަން ހާވަމުންދަނިކޮށް ރަންގުޅި ފެނުނެވެ. ސުލްތާނާ އަށް އެ ގުޅި ހުޅުވުނީ ވަރަށް މަސައްކަތުންނެވެ. ސުލްތާނާ އެ ގުޅި ހިފައިގެން އަވަހަށް ދިޔައީ އޭނަގެ ކޮޓަރިއަށެވެ. ހަމަޖެހިލައިގެން އެނދުގައި އިށީނދެ އައިނު އަޅައިގެން އެ ގުޅީގައިވާ ސިޓީތައް ކިޔަންފެށުމާއިއެކު ސުލްތާނާގެ މެޔަށް ތޫނު ތަދެއް އެރިއެވެ.

"ދަރިފުޅާ. ރާދާ. ކުށްވެރިއަކީ ތިއީ އެއްނޫން...." ސުލްތާނާއަށް އެހެން ބުނުމާއި އެކު ހީވީ އެތެރެހަށީގައިވާހާ ނާރެއް ބުރިވެގެން ދިޔަހެންނެވެ. ސުލްތާނާ ދަލުން ފެންވެރުނެވެ. ހާސްވެ ވާނުވާ ނޭގޭ ހިސާބަށް ދިޔައެވެ. އެވަގުތަކީ ޝަމާއިލްވެސް މާމާގެ ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތެވެ. މާމަ އެނދުމައްޗަށް ވެއްޓިފައި އޮތްގޮތުން ޝަމާއިލްއަށް ވަގުތުން ޝައްކުވެ އެމްބިއުލެންސްއަށް ގުޅާފައިގޮސް މާމައަށްވެފައިވާ ގޮތް ބެލިއެވެ. އަދި ކާރޑިއެކް މަސާޖު ދިނެވެ. އެމްބިއުލެންސް އައުމުން ޝަމާއިލް ވެސް މާމަ އެމްބިއުލެންސަށް އެރުވުމުގައި އެހީތެރިވެދިނެވެ. އެކަމަކު އެވަގުތުކޮޅުވެސް ޝަމާއިލް އަށް އެރަންގުޅި އާއި މާމަގެ ހާޓްއެޓޭކާއި ދެމެދު ގުޅުމެއް ހުރިކަން އެގި ކޮޓަރި ތަޅުލާފައި ތަޅުދަނޑި އަމިއްލަ ޖީބަށްލިއެވެ. އެއީ އޭނަގެ މަންމަގެ ކޮޓަރީގައިވާ ރަންގުޅިކަންވެސް ޝަމާއިލްއަށް އެގޭތީ އޭގައި ވަނީ ކޮންފަދަ ބޮޑު ސިއްރެއްކަން ދެނެގަންނަން ހިތްއަވަސްވިއެވެ.

އައިޒާން އާއި މައިރާ އެއްގެއެއްގެ ތެރޭގައި އުޅޭއިރު ކުދިކުދި އެކްސިޑެންޓްތައް ހިގައެވެ. އެފަދަ ވަގުތެއްގައި މައިރާވެސް ރަކި ހިނިތުންވުމަކަށްފަހު އަވަހަށް ކޮންމެވެސް ދިމާލަކަށް ވަދެ ފިލައެވެ. އައިޒާން ގެ ކުރިމައްޗަށް ނުޖެހި ވޭތޯ އޭނަ މަސައްކަތް ކުރެއެވެ. އައިޒާން އެކަނިވާ މަދު ވަގުތުކޮޅެއްގައި މައިރާ އާއި މެދު ވިސްނާލާފައި، ދެރަވިނަމަވެސް ދުވާލުގެ ބޮޑުބައި ހޭދަކުރަން ޖެހިފައި ވަނީ އޮފީހުގައެވެ. ނޫނީ އޭނަދެކެ އިންތިހާއަށް ލޯބިވާ މަންމަމެންނާއި ބޭބެމެން ނޫނީ އެކުވެރިންނާއި އެކީގައެވެ. އަދި އީޝަލް އަށްޓަމަހެއްހެން އޭނަ އާއި ތަތްލަވާފައި ހުރެއެވެ. އައިޒާން ކޮންމެ ކަމެއްގައި އުޅުނަސް އީޝަލް ފަހަތުގައި ޖައްސާލާފައި ހުރެއެވެ. އެހެންވުމުގެ ސަބަބުން އައިޒާންއަށް އީޝަލް އާއި މެދު ޚާއްސަ ގޮތެއް ބެހެއްޓެން ފެށިއެވެ. ދެ ޒުވާނުން އެކީގައި ފަތާފެންގަޑަށް އެރި ފެންވެރުމާއި، ޓެނިސް، ބާސްކެޓްބޯޅަ އަދި ރާޒުވާފަދަ އެއްޗެހި ކުޅުމާއި އެކު އެކީގައި ގިނަގުނަ ވަގުތުތަކެއް ހޭދަކުރެވެން ފެށިއެވެ. އީޝަލްގެ މަޖާ ލާނެތް ވާހަކަތައް އަބަދު ކަންފަތަށް އިވި އިވި އައިޒާން އެކަނި ހުންނަ ވަގުތުވެސް ބައެއްފަހަރު އީޝަލްގެ ސަކަ ވާހަކަތައް ހިތަށް އަރާފައި ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެލައެވެ.

އައިޒާން ފެންޑާގައިވާ ސޯފާއެއްގައި ދެފައި ދަމާލައިގެން އިށީނދެ ސެމްސަންގް ޓެބްލެޓާއި ކުޅެންފެށިއެވެ. ނޫޖިންސަކާއި ކަޅުކުލައިގެ ޓީޝާޓެއް ގައި އައިޒާން ފެންނަނީ ސުޕަމޮޑެލްއެއްހެނެވެ. ޖެހެމުންދާ ވައިރޯޅިތަކުގެ ގޯނާތަކުން އެ ރީތި އިސްތަށިގަނޑު ވިހުރުވާލާގޮތް ފެނުނު އަންހެންކުއްޖަކު އެ ވައިރޯޅިތައްދެކެވެސް ހަސަދަވެރިވާނެއެވެ. އެގަދަ އަދުންކުލައިގެ ބުމަ ގުޅުވާލައިގެން އިންގޮތުން ކަމަކާއި ހިތްހަމަނުޖެހިފައިކަން އީޝަލްއަށް އެގުނެވެ. އިރުކޮޅެއްވާންދެން އައިޒާންއަށް ސިއްރުން އެރީތިކަން ދެކެން ގަސްތަކުގެ ފުރަގަހުގައި ހުރުމަށްފަހު އީޝަލް އެތަނުން ނިކުމެގެން އައެވެ. 

"ޒާން. ރިޒޯޓަށް ދާނަންތަ؟ ރަފޭލްގެ އިންވިޓޭޝަނެއް ވީމަ ދެން ދާހިތެއްވެސް ނުވޭ އެކަމަކު ބާބެކިއު ކިހާ މަޖާވާނެ. އެހެންނޫނަސް ފެމިލީ ކުދިން މަޖާކޮށްލަން ދާ ދަތުރެއްގައި ވަރަށް ބައިވެރިވާހިތްވޭ. ޒާން އާއި މެރީކޮށްގެން ނޫޅޭނަމަ ޔަގީން މަންމަ ނުފޮނުވާނެކަން. އެކަމަކު މިއޮތީ ޗާންސެއްނު..." އީޝަލް އައިޒާން އާއި ދާދި ކައިރީގައި ހުއްޓިލައިގެން ހުރިއިރު އައިޒާންގެ އޮމާން މޫނާއި ރީތިކަމާއިމެދު ފިކުރުކުރިއެވެ. ހަމަ ކުއްލިއަކަށް ދުނިޔޭގައިވާހާ މީހުންނަށްވުރެ އީޝަލްއަށް އައިޒާން ރީތިވިއެވެ. އެހާ ރީތިވެފައި މާތް، ރަނގަޅު ޒުވާނެއް ހުރެދާނެ ކަމަކަށް ގަބޫލެއް ނުކުރެވުނެވެ. އެވަގުތު އުދުހިފައިއައި ކުޑަކޮކާލެއް އައިޒާންގެ އަތުގައި ޖެއްސުމުން އީޝަލް ނުރުހުމާއެކު ކޮކާ ފައްސާލައިފިއެވެ. އެ ކޮކާލަށް ވެސް އައިޒާންގެ ގައިގައި ބީހިލުމުގެ ހުއްދަދޭކަށް އީޝަލް ބޭނުމެއްނުވިއެވެ.

ކޮމެންޓް 0