އައިޒާންއަށް ކަމެއްވެދާނެތީ ވިސްނާ ވަރަކަށް ދުވަހަކު ކަމަކާއި މެދު ވިސްނިފައެއް ނެތެވެ. އައިޒާން ގެއިން ބޭރުގައި އުޅެންޏާ އިރުއިރުކޮޅާ ގުޅާލައިގެން އައިޒާން އުޅޭ ނޫޅޭގޮތް ބަލާލެވެއެވެ. ރެޔާންމެނާއި މެދުވެސް އޭނަ ދުވަހަކުވެސް މިވަރުން އުޅެފައެއްނުވެއެވެ.

"ރާދާ ތިބުނީ ރަނގަޅު ވާހަކައެއް. އަހަރެން މާދަންވެސް ތިކަމާއި އުޅޭނަން. އައިޒާންގެ މަންމަ ފެންނައިރަށް އެނގޭނެ. އޭނަގެ ލޮލުގައި ހުރި ހޭޒަލްކުލަ ދުވަހަކުވެސް ހަދާންނައްތައެއް ނުލެވޭނެ. އެހާ ހިކިކޮށް ލޫޅާފަތިކޮށް ހުރި އަންހެންކުއްޖެއް. އިސްތަށިގަނޑު ދިގުކަމުން ބިންމަތީގައި ދެމޭނެކަން ނޭގޭ. އަހަރެން އޭނަ ގާތުގައި ބުނިން ދަރިފުޅަށް ޒައިން ކިޔައްޗޭ އެކަމަކު ސީދާ އެނަން ނުކިޔާ ގާތް ނަމެއް އެދިނީ. ނޫނީ އޭނަ އެނަން މަތިން ހަނދާންނެތުނީމަ ހީވި އެއްޗެއް ކިޔާފައި އެއޮތީ....." ޒިޔާމާ ސިފަކުރިގޮތުން ރާދާއަށް އެ އަންހެންކުއްޖާ ރީތި ވާނެކަން އެނގުނެވެ.
"ދަރިން ކުޑައިރު ދޫކޮށްލާފައި ދިޔުމަށްވުރެ ހިތަށް ދަތިކަން ލިބޭނެ އެހެންކަމެއް ދުނިޔެއަކު ނުވާނެ. އަހަރެން އަމިއްލައަށް އެ ހިތި ތަޖުރިބާ ކުރެވިފައި ހުރީމަ މިހެން މިބުނީ.. އެނގޭ ޒިޔާ ގެ ކޭސް ތަފާތުކަން. ކުދިން ވިހާފައި މުޅިން ބޯ ގޮވާމީހުންވެސް ތިބޭ އެކަމަކު ޒިޔާއަށް އެވަރު ނުވިކަން ނަސީބެއް. ފައިސަލް ވަރަށް ރުޅިދުރުވާނެ އެކަމަކު ފައިސަލް ގަބޫލުކުރައްވާނެ އޭރު ޒިޔާމާގެ ހާލު ރަގަޅުނޫން ކަން. އެންމެ ބުއްދިވެރިގޮތަކީ ދެންވެސް ލަސްނުކޮށް ފައިސަލް ގާތުގައި ޒައިންގެ ހަގީގަތް ކިޔާދިނުން. ފިރިމީހާއަށް އެއްވެސް ކަމެއް ސިއްރުކުރުމަކީ ރަގަޅުކަމަކަށް ނުވާނެ.." ރާދާ ލުއި ހިނިތުންވުމަކާއެކު ބުންޏެވެ.

ދެމީހުން ތަފާތު ވާހަކަތަކެއްގައި ތިބެ ތަށިތައް ނެގިއެވެ. ޒިޔާމާގެ ހިތް ބޭނުން ވަނީ މިރޭވެސް އައިޒާންގެ "މަންމަ" ދެކެން ދިޔުމަށެވެ. ނަމަވެސް ބައެއް ފަހަރު އެހެން ހިތަށް އެރުމުންވެސް ހިތް ފިނިވެދެއެވެ. އެއީ އެހެން މީހަކަށްވެއްޖެއްޔާ، ޒިޔާމާގެ ހިތް ހަލާކުވެ، ކުދިކުދިވެދާނެ އެވެ. ގެއަށް ދިޔަގޮތަށް ޒިޔާމާ ކާހިތެއްވެސް ނުވިއެވެ. އޭނަ އިނީ ނެގިމަޑުވެފައެވެ. ފައިސަލް ސުވާލު ކުރެއްވުމުން ބުނީ ކުޑަކޮށް ބޮލުގައި ރިއްސަނީ ކަމަށެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ތޫފާނަށް ވުރެ ހަލަބޮލި ތޫފާނެއް އޭނަގެ ސިކުނޑި އެފުށްމިފުށަށް ޖަހަނީ ކަމަކަށް ނުބުންޏެވެ. އެންމެ ފަހުން ނުހުރެވިގެން އައިޒާންއަށް ގުޅިއެވެ. އައިޒާން ބުނީ ރިޒޯޓަކަށް ސޮފްޓްވެއާއެއް އަޅާދޭން ދިޔަގޮތަށް ވިއްސާރަކަމުން އަދި މާލެ ނުގޮސް މަޑުކޮށްލީ ކަމަށެވެ. ދަރިފުޅުގެ އަޑުއިވުމުން ޒިޔާމާގެ ހިތަށް ކުޑަ ފިނިކަމެއް ލިބުނެވެ.

ނަމަވެސް އެއީ ހަގީގީ ދަރިފުޅަށް ނުވެދާނެތީ ވިސްނަމުން ގޮސް ޒިޔާމާއަށް ރޮވެންފެށިއެވެ. އޭނަ ކުރި ކުށުގެ ސަޒާ ލިބުނީ ކަމަށް ހީކުރެވުނީ އޮޅުމަކުން ނެވެ. އަދިވެސް އެހިތާމަ ފިލައިގެން ނުދާނެކަމުގެ ހެކިތައް މިފެންނަނީ އެވެ. އަދި އޭނަގެ ދަރިފުޅަށް ވިނަމަވެސް އައިޒާންއަށް އެނގުމަށްފަހު އޭނަ ކަންތައްކުރާނެ ގޮތާއިމެދުވެސް ބިރުހީވަނީއެވެ. އެރޭ ޒިޔާމާ ނުނިދިގެން އެނދުގައި ދެފަރާތަށް ފުރޮޅިފުރޮޅި އޮތުމުން ފައިސަލް އަކަށްވެސް ނުނިދުނެވެ. ޒިޔާމާ ޒައިން ގެ މަތިން ހަދާންކޮށްފައި ކަރުނަ އޮއްސާތީ އެކަމާއި ދެރަވިއެވެ. އެންމެ ފަހުން ފައިސަލް ޒިޔާމާ ގާތުގައި ޒައިންގެ ވާހަކަ ދެއްކިއެވެ. ނުރޮއި ހިތްވަރުކުރަން އެދުނެވެ. އެ ދަރިފުޅު ވާނީ ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ކަމަށް ބުނެދިނެވެ.

މައިރާ މަޑު ބާލީހެއްގައި ބައްދާލައިގެން އޮތްއިރު ކަންފަތަށް އިވެމުން ދަނީ ވާރޭ ވެހެމުންދާ ހިތްގައިމު މިޔުޒިކެއްފަދަ އަޑެވެ. ވާރެ އާއި ރެޔާން ގެ ހުރި ގުޅުން މިރޭ ވެސް މައިރާ ހަނދާންވިއެވެ. އެއިން ކޮންމެ ރެއެއް އޭނަގެ ހިތުގައި ބިންވަޅު ނެގިފައި ވަނީ ކެނޑިގެން ނުދާނެފަދަ ގޮތަކަށެވެ. ތަޅާއި ދިމާލަށް އިރުއިރުކޮޅާ ބޭއިޚުތިޔާރުގައި ބެލެވެނީ ރެޔާން ކޮޓަރިއަށް ވަދެދާނެ ކަމުގެ ބިރާއިއެކުގައެވެ. އައިޒާން ނެތުމުން ކޮޓަރި ފަޅުކަމަށްވެސް ފެނުނެވެ. އެހެން ރޭރޭ ސޯފާގައި އެ ކަސްރަތީ ހަށިގަނޑު ދަމާލައިގެން އޮވެ އަރާމުކޮށް ނިދާލާފައި އޮންނަ ޒުވާނާ ނެތުމުން އެކަނިވެރިވިއެވެ. ނަމަވެސް މައިރާ ދަރިފުޅުގެ މަތިން ހަނދާންވުމާއެކު ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

މައިރާ ނާސަރީ ރައިމްއެއް ކިޔަން ފެށިއެވެ. މިހާރުއްސުރެ މައިރާ އެ ދަރިފުޅަށް ލަވަކިޔާދީ ވާހަކަދައްކަން ބޭނުމެވެ.
"ދަރިފުޅު ދެކެ ހާދަ ލޯބިވެޔޭ. ކެތެއްވެސް ނުކުރެވޭ ދެކެލާހިތުން.." މައިރާ އަށް ބުނެވުނެވެ.

މައިރާ ކިތަންމެ ކަންނެތްވި ނަމަވެސް ފަތިހު ހޭލައިގެން ވުޟޫކުރިއެވެ. ހޫނުފެނުން ވުޟޫކޮށްގެން ކޮޓަރިއަށް އައިއިރު އަނެއްކާ ފިނިވެގެން ތުރުތުރުއަޅަން ފެށިއެވެ. ނަމަވެސް ނަމާދު ދޮޅިލުމުން ހީފިލާ އަރާމުވެއްޖެއެވެ. މައިރާ ނަމާދުކޮށްގެން ދުޢާކުރަން އިނުމަށްފަހު އަނެއްކާ ރަޖާ ދަށަށްވަދެ ކުރުގުޅިލިގޮތަށް ނުވައެއްޖަހަން އޮތެވެ. އޭނައަށް ހޭލެވުނީ މީހަކު ކޮޓަރިތެރޭގައި އުޅޭހެން ހީވެގެންނެވެ. އޭރު އައިޒާން ފެންވަރާލައިގެން ނުކުމެ ހުރީ ހަމަ އެކަނި ޖިންސްގައެވެ. ލައިފްބޯއިގެ ތާޒާވަސް ކޮޓަރިތެރޭގައި ފުރޭނިގެން އައިސް މައިރާ ގެ ނޭފަތާއި ހަމަޔަށް ފޯރައިފިއެވެ.

"މޯނިން ޒާން. ހަމަ ތިހިރީ އަނގައިން ނުބުނަންކަމަށްތަ؟" މައިރާ މޫނުން ރަޖާ އެއްފަރާތްކޮށްލަމުން އަހާލިއެވެ. އައިޒާން މައިރާއަށް ސިކުންތުކޮޅަކަށް ބަލާލުމަށްފަހު އެނބުރެމުން ޓީޝާޓް ލާން ފެށިއެވެ.

"ނޫން، އެހެނެއްނޫން. މާނައެއްނެތް ކަމެއް ނުކުރަން ވެގެން...." އައިޒާން އަތުގެ އިނގިލިތަކުން އިސްތަށިގަނޑު ރީތިކޮށްލައިފިއެވެ.

"ހާދަ ދުރުކޮށްލީ....." މައިރާ ރަޖާގަނޑު އެއްލާލުމަށްފަހު ތެދުވެއްޖެއެވެ. ތަށިމުށިމަތީގައި ފައިތިލަޖައްސާލުމުން ފިނިވިވަރުން މައިރާ ރޫރޫ އަޅައިގެންދިޔައެވެ. އޭނަ އަވަހަށް ކެހެރި މަޑު ފައިވާނަކަށް އަރައިފިއެވެ.

"މަ ބުނީމެއްނު އަހަރެމެން އެކީގައި އުޅުނަސް މިއި ބީރައްޓެހިންނޭ. ކާރިވުމުގެ ބަދަލުގައި ހައްތަހާ ދުރަށް މިދެވެނީ. މައިރާއަށް އެހެން ފީލްއެއް ނުވޭތަ؟" އައިޒާން މިގޮތަށް ވާހަކަދައްކަން ބޭނުމެއް ނޫނެވެ. ނަމަވެސް އޭނަގެ ޒަމީރު ވިސްނާދިނީ މިވަގުތަށް ރަގަޅީ މައިރާ އާއި އޭނަ އާއި ދެމެދު މިއޮތް ދުރުމިން ނައްތާލަން މަސައްކަތް ނުކުރުމެވެ. އެހެންނޫނީ ދެން ވާނެގޮތެއްވެސް ޚިޔާލަށް ގެންނާކަށް ނޭގެއެވެ. މައިރާގެ ހިތަށް ފީނަން އޭނަ ކިތަންމެ ވަރަށް މަސައްކަތްކުރިޔަސް އެކަން ކާމިޔާބެއް ނުވެއެވެ. އެ ރީތި ދެލޮލުގައި ފޮރުވިފައިވަނީ ކާކުގެ ސޫރައެއްކަންވެސް ދެނެގަނެވޭނެ ގޮތެއްނުވެއެވެ. އެންމެ ޢަޖާއިބުވަނީ ރެޔާން ދެކެވެސް މައިރާ ލޯބިވާކަން ޔަގީން ނުކުރެވޭކަމެވެ. އޭނަ ވަރަށް ގިނަ ސުވާލުތަކުގެ ޖަވާބު ބޭނުމެވެ.

"ޒާން އަމިއްލައަށް ކަންނޭގޭ ދުރަށް ދަނީ. އަހަރެން ތިކަމާއިމެދު ބުނާނެ އެއްވެސް އެއްޗެއް ނެތް....." މައިރާ ރުޅި އަންނަގޮތްވި އެވެ. ނަމަވެސް އޭނަ ވާހަކަ ދެއްކީ މަޑުންނެވެ. ހުރިހާ ފިރިހެނުންނަކީވެސް އެއްފަދަ ބަޔެކެވެ. ކުށްވެރިވެފައި އޮންނާނީ އަބަދުވެސް އަންހެންކުއްޖާއެވެ. އައިޒާންވެސް އަމިއްލައަށް މައިރާ އާއި ދޭތެރޭގައި އެގޮތަށް ކަންތައްކޮށްފައި އަދިވެސް އެކުށްވެރިކުރީ މައިރާކަން މައިރާއަށް ޔަގީންވިއެވެ. ސީދަލަށް ނުބުނެ ތަންކޮޅެއް މަޑުމައިތިރިކޮށް ވާހަކަ ހުންނަނީ އައިޒާންގެ ޖަޒުބާތުގައި ހުންނަ މަޑުމޮޅިކަމެއްގެ ސަބަބުންނެވެ.

" ހޫމް... މައިރާ ސައިނުބޮއި ތިއޮންނަނީ އަނެއްކާ ބަލިވީތަ؟ " މައިރާ ރުޅިއައިކަން އެނގުމުން އައިޒާންގެ ހިތަށް ތަދުވިއެވެ.

"އަހަރެން އެއްވެސް މީހެއްގެ ސިމްޕަތީއެއް ބޭނުމެއްނޫން. ސައިބޯންވީމަ ބޮއިފާނަން." މައިރާ ފާޚާނާއަށް ވަދެ ބާރަކަށް ދޮރުޖެހުމުން އައިޒާން ފުންނޭވަޔެއްލިއެވެ. މައިރާއަކީ ހަގީގަތުގައިވެސް ދަސްކުރަން އުދަގޫކުއްޖެކެވެ. އޭނަގެ ހިތް ދެނެގަތުމަކީ އެއްވެސް މީހަކަށް ކުރެވޭނެކަމެއްހެން ހިޔެއްނުވެއެވެ. އެ ރާސްބެރީ ކުލައިގެ ރީތި ތުންފަތްމަތީގައި ހިނިތިންވުން ކުޅެލަކުޅެލާ ހުރިއިރުވެސް މައިރާ ހުރީ ފަޅައިގެންދާ ވަރަށް ރުޅިގަދަވެފައިކަން އެނގުނީ އޭނަ ދޮރު ޖެހިގޮތުންނެވެ. 

މައިރާ އެތައް އިރެއްވާންދެން ހޫނުފެން އިސްކުރުދަށުގައި ޖެހިބުދެއްހެން ހުއްޓެވެ. އޭނަ ވިސްނަމުން ދިޔައީ ދަރިފުޅު ވިހެއުމުން ދެން ވާނެ ގޮތަކާއިމެދުގައެވެ. ރެޔާން ޑީ އެން އޭ ޓެސްޓް ހައްދާނެ ބާވައެވެ. ނޫނީ އަޅާނުލައި ހުރެދާނެކަން ނޭގެއެވެ. އެއްގެއެއްގެ ތެރޭގައި އުޅެންވެއްޖެއްޔާ ވާނެގޮތެއް ނޭގެއެވެ. ރެޔާންގެ ދަރިފުޅު ލައްވާ އައިޒާން އަށް "ޑެޑީ" ކިޔުއްވަން އޭނަގެ ހިތް ކެތްކުރާނެބާވައެވެ. ރެޔާންގެ ދަރިފުޅު ލައްވާ އެހެން ޒުވާނަކަށް ބައްޕަ ކިޔުއްވުމަކީ އިންސާފެއްބާވައެވެ. އޭނަ ވެއްޓިފައިމިވަނީ ބޮޑު އަރަތެއްގެ ތެރެއަށެވެ.

މައިރާ ފެންވަރާ ނިމިގެން ބޮޑު ތުވާއްޔެއް ހަށިގަނޑުގައި އޮޅާލުމަށްފަހު ދޮރު ކުޑަކޮށް ހުޅުވާލާފައި އައިޒާން ހުރިތޯ ބަލާލައިފިއެވެ. އައިޒާން ފެންނާކަށް ނެތެވެ. އެނދުމަތީގައި އިށީދެލައިގެން، އުނގުމަތީގައި ލެޕް ބާއްވާލައިގެން އިނީ އީޝަލްއެވެ. 

"މަގޭ ސްޓެޓަސް އެނގޭތަ؟ މިއަދު މަ ލިޔެފައިވަނީ "އައިމް އިން ލަވް "އޭ..... " އީޝަލް އެއް ލޯ މަރާލައިފިއެވެ.

"ކިތައް ކޮމެންޓްސް...." މައިރާ ހުއްޓުނީ ރީތިވާ މޭޒުދޮށުގައެވެ.

"ނޮޓް ބޭޑް. ފަސް މިނިޓް ތެރޭގައި ފަންސާސް ކޮމެންޓް. ސަތޭކަ ލައިކްސް...." އީޝަލް ގެ މޫނު އުފަލުން ދިއްލިފައިވާހެން ހީވެއެވެ. ޔަގީނުންވެސް އެހެން ދުވަހަށްވުރެ ދޮންކޮށް ދައްކައެވެ. ދެލޮލުގެ ވިދުމާއި ރީތިކަމުން މީހަކުގެ ހިތް ލޯބިން ފުރޭނެއެވެ. މިޒާޖުގައި ނޭއްގާނިކަމެއް ނެތްނަމަ ރީތިކަމުގެ ރޮގުން އެއްވަނައިގައި ހޮވާލެވޭނެފަދަ ކުއްޖެކެވެ.

މައިރާ މޫނުގައި އުނގުޅަންވެގެން ލޮރިއަލް މޮއިސްޗަރައިޒާ ނަގަން އަތްދިއްކޮށްލުމާއިއެކު ފެނުނު ބޮޑު މާސިންގާ މަކުނަކުން ބޭއިޚުތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. އޭނަ ދުވެފައި އައިގޮތަށް އެނދަށް އަރައިގެން އީޝަލްގެ ކޮނޑުގައި ހިފައިގަތެވެ.

"އިޝު ނިކަން މީހަކަށް ގޮވާބަލަ. ބޮޑު ސްޕައިޑާއެއް." މައިރާ ގެ މޭ ތެޅެމުން ދިޔައީ ބާރަކަށެވެ.

"ކޮބާތަ؟ " އީޝަލް މަޢުސޫމް ގޮތަކަށް ދެލޯ ބޮޑުކޮށްލަމުން ވަށައިގެން ހޯދާލައިފިއެވެ.

"ޑްރެސިން ޓޭބަލްމަތީގައި އެއޮތީނު. ހާދަ ބޮޑޭ. އިޝޫ ފުރަތަމަ މަގޭ ޖިންސާއި ޓީޝާޓް ގެނެސްދީބަލަ. މިހެން ހުއްޓާ މީހަކު ކޮޓަރިއަށް ވައްދާކަށް ނުކެރޭނެ." މައިރާ ގެ އަޑުގައި އަވަސްގޮތެއް ހުއްޓެވެ. އީޝަލް ސަކަ ހުނުމަކާއެކު ތެދުވެގެންގޮސް ކުއްލިއަކަށް އެ މަކުނު އަތަށް ނެގިތަން ފެނުމުން މައިރާ ދެލޯ ބޮޑުކޮށްލައިގެން ހުރީ ހައިރާންކަމާއިއެކު ބިރުވެސް ގެންފައިވާފަދަ ގޮތަކަށެވެ. އީޝަލްއަކީ މިހާ ބިރުކުޑަ ކުއްޖެއްކަމެއް އޭނަ ނުދަނެއެވެ. ފިލްމަކުން ހަރުފަ އެއް ފެނިލިޔަސް އީޝަލް ރޮއިގަންނާނެއެވެ. ދެވަނަ ސިކުންތުކޮޅުގައި އީޝަލް އެ މަކުނު، މައިރާ އާއި ދިމާލަށް އެއްލާލައިފިއެވެ. މައިރާ އަޑުކޮޅަށް ހަޅޭއްލަވައިގެންފާ އެނދުން ފުންމާލައިފިއެވެ. އޭނަ ގަތްހާ ސަކަރާތެއް ބަލަން ހުރެފައި އީޝަލް ހެމުން ދިޔައެވެ. 

"ސާބަހޭ. އެއީ ރަބަރު ސްޕައިޑާއެއް. އެނގޭތަ؟ ތިއީ ޒާން އަހަރެން ބިރުގަންނަވަން ގަނެގެން އައި އެއްޗެއް. ކުރީ ދުވަހު ކުޅެން ތިބެފައި ކުއްލިއަކަށް ފައިމަތީގައި އެއްޗެއް އޮތްހެން ހީވެގެން ބަލާލިއިރު މީތި އޮތީ. ރޮއި ރޮއިފަ ޒާން ގެ ގައިގާ އެތައް ފަހަރު ޖެހިން. ލާނެތް ފިރިހެނެއް ދޯ. އެހެންވެ ހިތަށް އެރީ މޭއިވެސް ބިރުގަންނަވާލާނީ އޭ....." އީޝަލް މަޖާވެލާފައި ހެމުން އެނދުމައްޗަށް ވެއްޓިގަތެވެ. މައިރާވެސް އިރުކޮޅަކުން ހަމަޖެހިލިއެވެ. އޭނަ ހެދުންލައިގެން ފުނާ އަޅާލައިގެން ސައިބޯން ދާން އުޅުނެވެ. އީޝަލް އޭރުވެސް ހެވިލާފައި ޗެޓްކުރަން އިނެވެ.

"މޭއި. އަދި އިޝޫ ލޯބިވަނީ ކާކުދެކެ ކަންވެސް ނާހާ ދަނީތަ؟ އެކަމަކު ސިކްރެޓެކޭ. އެންމެން ހާދަ ވަރަކަށް އަހަން އެބަ މަސައްކަތްކުރޭ އެކަމަކު އަދި ނުބުނާނަން..." އީޝަލް އިނީ މަޖާވެފައެވެ. އެހެންމީހުން ތަޅުވާލުމުން އީޝަލްގެ ހިތަށް ހަމަޖެހުމެއް ލިބެނީކަން ނޭގެއެވެ. މައިރާ އެއްގޮތަކަށްވެސް އީޝަލް އެއްވެސް މީހަކު ދެކެ ލޯބިވާކަމަކަށް ގަބޫލެއްނުކުރެއެވެ. ނަމަވެސް އައިޒާން އާއި އީޝަލްގެ ގުޅުމާއިމެދު އަނެއްކާވެސް ކުޑަ ކުޑަ ޝައްކެއް ކުރެވުނެވެ. ސަމާސާ ގުޅުމެއް އޮތްކަން މިއަދު އީޝަލްގެ ވާހަކަތަކުން މައިރާ ދެނެގެންފިއެވެ. މައިރާގެ ހިތުގައި ނޭގޭފަދަ ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރުކުރިއެވެ. އައިޒާން އާއި އީޝަލްގެ ގުޅުމެއް އޮތިއްޔާ އަނެއްކާ މިގޭތެރޭގައި ހަނގުރާމައެއް ފެށޭނެއެވެ. އައިޒާން މިގެއިން ނެރެލަން ފައިސަލް ފަސްޖެހިއެއް ނުލައްވާނެއެވެ.

"ހެވޭ ދެން ނުބުންޏަސް. ލޯބިވާން އެނގޭ ކުއްޖެއްވެސް ނޫން ތިއީ. " މައިރާ ދާން ހިނގައިގަތެވެ. މައިރާ ދުލުން އެހެން ބުނިކަމުގައި ވިޔަސް އީޝަލްއަކީ ކުޑަކުއްޖެއް ނޫންކަމާއި އެހިތުގައިވެސް ލޯބި ލައްވާނެކަން އެނގެއެވެ. އެއީ ކޮންމެ މީހަކަށްވެސް ވެދާނެއެވެ. އަނެއްކާ ރެޔާން ބާވައެވެ. ރެޔާން އާއި އީޝަލްގެ ކާވެނި ހަމަޖައްސަން ޒިޔާމާމެން އުޅޭ ވާހަކަ އީޝަލް ވަނީ ބުނެފައެވެ. އަޅުވާކިޔުމަކީ ސިހުރެކެވެ. އަނެއްކާ އީޝަލްގެ ހިތުގައި ރެޔާން ގެ ލޯބި އުފެދުނީ ބާވައެވެ. މައިރާ ކިތަންމެ ވަރަކަށް ހިތް ހަމަޖައްސަން އުޅުނަސް ކޮންމެވެސް ކަމަކާއި ވިސްނަން ނުޖެހޭ ވަގުތެއް ނާދެއެވެ.

ޒިޔާމާ ބެލްޖަހާލުމަށްފަހު ގޭތެރެއިން ޚަބަރެއް ނުވުމުން ތަޅުގައި ހިފާލައިފިއެވެ. ދޮރުހުރީ ހުޅުވާލާފައެވެ. ޒިޔާމާ އެތެރެއަށް ވަދެ ސަލާމް ގޮވާލުމުން ބަރުއަޑަކުން މީހަކު ސަލާމް ބަލައިގަތެވެ. އިރުކޮޅެއްނުވަނީސް ފަލަ ބިޔަ އަންހެނަކު ކޮޓަރިން ނުކުތްތަން ފެނުމާއިއެކު ޒިޔާމާގެ ހިތަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލީހެންނެވެ. އޭނަ ގެ މޫނުމައްޗަށް އިރުކޮޅަކަށް އަނދިރިވެގެން ދިޔަހެންވެސް ހީވިއެވެ. މިއީ އޭނަ އައިޒާން ހަވާލުކުރި އަންހެން މީހާއެއް ނޫނެވެ. މުޅިން އެހެން މީހެކެވެ.

"ތިއީ ކާކުތަ؟ ދޮރެއް ހުޅުވާލާފައި ހުރީމަ ހުއްދަނެތި ހަމަ ވަދެގެން އަންނަން ޖެހޭތަ؟" އެމީހަކު ދުރުގައި ހުރެ ރުޅިއައިސްފައިވާ ގޮތަކަށް ހަޅޭއްލަވައިގަތެވެ. ޒިޔާމާ ހިތާއި ސިކުނޑި އަށް ބާރު ފޯރުވަން މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ހިތް ހީވަނީ ޚަންޖަރަކުން ކަފާ ކުދިކުރަމުން ދާހެންނެވެ. ލޭފައިބަމުން ދިޔައެވެ. އޭނަ ބޭނުންވީ އަޑުކޮޅަށް ރޮއިގަތުމަށެވެ. އެއްވަގުތުން އޭނަގެ ހުރިހާ އުއްމީދުތައް ފެނަށް ވެގެން ހިނގައްޖެއެވެ. ޒިޔާމާއަށް ދޮރުކަނީގައި ބާރަށް ހިފަހައްޓާލެވުނެވެ. ކުރިމަތީގައި މިހިރަ ބިޔަ އަންހެންމީހާ އޭނަ އަތުކޮޅަށް އުފުލާލާފައި ދޮރުން ބޭރަށް ހޫރާލަފާނެކަމަށް ހީކުރެވުނެވެ.

ނަމަވެސް އެވަގުތު ޒިޔާމާއަށް އެހެން ގޮތަކަށް ވިސްނުނެވެ. މިއީ އައިޒާންގެ މަންމަގެ އެކުވެރިއަކަށް ވެދާނެއެވެ. ނާސި އަންހެނުންގެވެސް އެކުވެރިން މަދެއްނުވާނެއެވެ.

"އައިޒާންގެ މަންމަ އަށް ގޮވާލަދީފާނަންތަ؟ " ޒިޔާމާ އުއްމީދުގެ އެންމެ ފަހު ދޯދީގައި ހިފަހައްޓާލަމުން އަހާލައިފިއެވެ.

"އަހަންނަކީ އައިޒާންގެ މަންމަ ސަމީނާ. ކަލޭ މިތަނުން ނުކުމޭ. އެހެންނޫނީ މި ގުޅަނީ ފުލުހުންނަށް." ސަމީނާ ގެ އެ ޖުމްލައިން ޒިޔާމާގެ ހުރިހާ އުއްމީދުތައް ފެނަށް ވެގެން ހިނގައްޖެއެވެ. ވަގުތުން ދެލޯ ކަރުނުން ފުރުނެވެ.

ކޮމެންޓް 0