ވަޓް....." ރެޔާން ހައިރާންވިގޮތެއް އަނގަޔަށް ހަދާލަމުން އެ ދަގަތްފާނުގެ ބާރު އެކުލެވޭ ދެލޮލުން މައިރާގެ މޫނަށް ބަލައިލިއެވެ. އެ ތޫނު ދެލޮލުން މައިރާގެ ހިތަށް ގޯނާ ކުރުވިއެވެ. އާދައިގެމަތިން މައިރާގެ މޫނަށް ރަތްކުލަ ފެތުރިގެން ދިޔައެވެ. ރުޅި އާއި ލަދުވެތިކަން އެކުވެގެން އެ މޫނުގެ ކުލަ ވަކިން ޗާލުވިއެވެ. އަދި ރެޔާން ބޭނުންކޮށްފައިވާ ފިރިހެން ސެންޓުގެ ވަހުން ވެސް މައިރާގެ ހިއްސުތަކަށް ގޮތެއް ހަދާލިއެވެ. މައިރާ ހައިރާން ވަނީ ރެޔާން އާއި ދިމާވާ ކޮންމެ ފަހަރަކު އޭނަގެ ހިތަށް ރެޔާން ސިޙުރު ހަދާލާވަރުންނާއި އެކަމުން ސަލާމަތްވާން ކުރާނެ އެއްވެސް ކަމެއް ނޭގޭތީ އެވެ.

"އަހަރެން ބުނީ ސާފު ދިވެހިބަހުން. މިބުނީނު ޢަދަން އަކީ މިމީހުން ކުޅެން އޮތް ބުދެއް ނޫނޭ. އަހަރެންގެ ދަރިފުޅު އުރާލައިގެން ނުވާނެއޭ....." މައިރާ ހޫނުވަމުން ދިޔަ މޫނު ބާރަށް ފޮހެލީ އެ ރަތްކަމުގެ އަސްލު އޮޅުވާލުމަށެވެ. ރެޔާން ހީލީ ލާނެތް ގޮތަކަށެވެ. އެވަގުތު އައިޒާން ކޯލެއް އައުމުން ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ވަނީ ގޭތެރެއަށެވެ. ކަންތައްވަމުން މިދަނީ މައިރާ ހީކުރި ގޮތަށެވެ. އައިޒާން ގަސްތުގައި އޭނަ އާއި ރެޔާން ގުޅުވަން މަސައްކަތް ކުރަނީ އެވެ. ފުރަތަމަ ރެޔާންއަށް ދޫކުރަން އުޅުނީ ގާތް އެކުވެރިޔާއަށް ވީތީއެވެ. މިހާރު ބޭބެގެ ހައިސިއްޔަތުންނެވެ. ޙަގީގީ ލޯބި ނަމަ އެހެން މީހަކަށްޓަކައި އެހެން ޤުރުބާން ވާން ޖެހިދާނެ ކަމަކަށް މައިރާ ގަބޫލެއް ނުކުރިއެވެ. ނޫނީ އައިޒާން އާއި ރެޔާންގެ ރޭވުމެކެވެ.

"އަހަރެން ބޭނުންވީއިރަކުން ދޭނަމޭ ބުނެފިއްޔާ. ހީއިޒް މައިން ޓޫ. ޒާން ވަނީ މަގޭގާތުގައި ހުރިހާ ވާހަކައެއް ކިޔައިދީފައި ...." ރެޔާން ކޮޅަށް ތެދުވަމުން ޢަދަން އޭނަގެ މޫނުގައި ޖައްސައިލަމުން މައިރާ އާއި ދިމާލަށް ބަލައިލިއިރު އެ ލޮލުގައި ނަށަމުން ދިޔައީ ލާނެތް ކަމެވެ. އޭނަ ބޭނުންވީ މައިރާ އާއި އައިޒާންގެ އޮތީ ކިހާވަރެއްގެ ގުޅުމެއްކަން ދެނެގަތުމަށެވެ. މައިރާ އަކީ އަންހެންކުއްޖަކަށް ވާއިރު އޮޅިގެން ހުރިހާ ވާހަކައެއްވެސް ކިޔައިދީފާނެއެވެ. ކޮންމެހެން އެފަދަކަމަކަށް އެފްބީ އެޖެންޓުން ގެންގުޅޭ އުކުޅުތައް ބޭނުން ނުކުރިޔަސް ވެދާނެއެވެ.

ރެޔާންގެ އަޑިނޭގޭފަދަ ފުން ދެލޮލަށް ބަލައިލެވުމުން މައިރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ރެޔާންގެ މޫނުގައި ޢަދަން ގެ މޫނު ޖައްސުވާލައިގެން ހުރިއިރު އެ ތުއްތު ފުށްގުޅަވަރުވެސް އޮތީ ހިތްހަމަޖެހިފައި ކަންނޭގެ އެވެ. ނޫކުލައިގެ ސާލުކޮޅެއްގައި އޮޅައިލެވިފައި އޮތް އިރު، ރީތިކަމުން ހީވަނީ ސާލުގެ ތެރެއިން އިރު ވިދާހެންނެވެ. ދަރިފުޅުގެ ލޮލުގައި އެހެރަ އަނދުންކުލަ އާއި، ތޫނުކަމުން ބޮޑުވެގެން ހިތްތައް ހަލާކުކޮށްލާނެކަން ޔަގީނެވެ. ތުންކޮޅު ދަމާލަދަމާލާ އޮވެފައި އެ މަޑު އަތް ރެޔާންގެ މޫނުގައި ބީއްސާލިއެވެ. އެއްމިޔަކަނުން ހީލި އެވެ. ހީވީ ކާއިނާތުގައި އެތައްހާސް މާތަކެއް ފޮޅިގެން ދިޔަހެނެވެ. ނޫނީ މިލިއަން އުށްބައްތިތަކެއް ދިއްލައި ލެވުނުހެންނެވެ. އެހާ ރީތި މަންޒަރެއް މައިރާ އަދި ރެޔާންއަށްވެސް މި ދުނިޔެއަކުން ފެނުނުކަމެއް ނޭގެއެވެ. ރެޔާން އެ ތުއްތު އަތުގައި ބޮސްދިނެވެ. އެ ފިނިފެންމަލުގެ ފިޔަފަދަ ކޯތާފަތާއި، ތުންފަތް އަދި އިސްތަށިގަނޑާއި ލޮލުގައިވެސް ބޮސްދިނެވެ. ރެޔާންގެ އެ އަމަލުންވެސް ޢަދަން ދެކެ ލޯބިވާވަރު މައިރާއަށް ހާމަވިއެވެ.

"ޑެޑީގެ ޑާލިން. މަންމައަށް ވިސްނައިދީބަލަ. ދަރިފުޅުގެ ބައްޕަ އާއި މަންމަ ވަކިނުވާށޭ ބުނެބަލަ. މަންމީ އަކީ މޮޔަ ގާލްއެއް ދޯ. ބަސްނާހާ ކުއްޖެއް....." ރެޔާން، ދަރިފުޅުގެ ހިތް މިހާރުއްސުރެ އަތުލިހެން ހީވުމުންނާއި އެ ޖުމްލަތަކުން މައިރާ ހީވީ ކެކިކެކި ހުރި ތެޔޮ އެއްޗަކަށް ފެންއަޅާލުން ފަދަކަމަކަށެވެ. މައިރާގެ ހިތަށް ވީގޮތެއް ބުނާކަށްވެސް ނޭގުނެވެ. އޭނަ ރޮވެން އުޅުނަސް މިފަހަރު ދެލޮލުގައި ތެތްކަމެއް ނެތެވެ. އެ ލޮލުގައި ވަނީ ހުސްކަމެވެ. ހިތްހަލާކުވެފައިވާ ފަދަ ގޮތެކެވެ. ރެޔާން ފެންޑާއަށް ނިކުތެވެ. އެކަމުންވެސް މައިރާގެ ރުޅި ގަދަވިއެވެ. މިހާ ފިނިއިރު ދަރިފުޅު ބޭރަށް ނެރުމުން ބަލިވެދާނެކަން ރެޔާންއަށް ނޭގެނީ ހެއްޔެވެ؟ 

"އަހަންނަށް އެނގޭ އައިޒާން އާއި ދެމީހުންގެ ޕްލޭންއެއްކަން.. އައިޒާން އެހާ ފަސޭހައިން އަހަންނާއި ކައިވެނި ކުރަން އެއްބަސްވީވެސް އެހެންވެ. ދެމީހުން ރައިވައިގެން ތި ގޭމްގައި އަހަރެންވެސް ބައިވެރި ކުރީ. އެހެންވެ އައިޒާންގެ އަތުގައި ކުއްލިއަކަށް ފައިސާ ގިނަވާން ފެށީ. އެޕާޓްމެންޓެއް ލިބި، ރަގަޅު ވަޒީފާއެއް ލިބުނީ. އަހަންނާއި ދިމާލަށް ހުތުރު އެއްޗެހި ކީއިރު ނާސިއަކަށް ހެދީ އަމިއްލައަކަށް ނޫންތަ؟ ޢަދަން އަކީ އަމިއްލައަށް ކުރި ފާފައިގެ ނިޝާން. ތިނޫން މީހަކު މިވީހާތަނަށް އަހަރެންގެ ގައިގައި ބީހިލާފައެއްވެސް ނެތް. އައިޒާން އެހެން ބުނީމަ ތަ ގަބޫލުކުރަން ތިހިރީ. ރެޔާން. ހަދާންކުރާތި ދުވަހަކު ދުވަހަކު މާފެއް ނުދޭނަން. ގެނޭ އަހަރެންގެ ބޭބީ. ޢަދަން ގެ ބައްޕައެއް ނުހުންނާނެ...." މައިރާ ޢަދަން އަތުލަން އުޅުނެވެ. ދަރިފުޅަށް އަނިޔާއެއް ވާން ނޭދޭތީ ރެޔާން އޯގާތެރިކަމާއިއެކު ދަރިފުޅު މައިރާގެ އަތަށް ލައިދެމުން ހީލިއެވެ.

"އުހުމް ޒާންގެ އެއްވެސް ކުށެއްނެތް. ޒާން އަކަށް ނޭގޭނެ އަހަރެމެން ދެމީހުންގެ އެކަކު އަނެކަކު ދެކެ ލޯބިވާ ކަމެއް. އެކަމަކު އެނގޭނެ ކުރިން ގުޅުމެއް އޮތްކަން. ހީޒް އިނޮސެންޓް. އެހެންވީމަ ކިޔާ އެއްޗިއްސެއް މަށާއި ދިމާލަށް ކިޔާލާ އިނގޭ. ޒާން މިކަމުގެ ތެރެއަށް ވައްދާނެކަމެއް ނެތް. ޒާންއަށް އޮޅުވާލައިގެން ލަނޑު ދިނީ މޭއި. ދެން އޮތީ އަބަދު ބުނާ ވާހަކަ. ރިޕީޓްކޮށްވެސް ކިޔޭނީ މިހެންކަން ނޭގޭ. އެރޭ އަހަރެން އެކުރީ ރަނގަޅުކަމެއް ނޫން. އެކަމަކު އެކުށް ގަބޫލުކޮށް އަހަރެން ވަނީ މާފަށް އެދިފައި. އެކަން ރަނގަޅު ކުރަން މިހިރީ އަހަރެންގެ އުފާތައްވެސް ޤުރުބާން ކުރަން ތައްޔާރަށް. އެކަމަކު މިހާރު މޭއި ކުރަން ތިއުޅެނީ ރަނގަޅުކަމެއް ނޫން. އަހަރެންގެ ދަރިފުޅު ލައްވާ ބޮޑުބޭބެއަށް ބައްޕަ ކިޔުއްވަން ތިއުޅެނީ. ހައްތަހާ ބޮޑަށް ނަސްލު އޮޅުވާލަނީ. އަނެއްކާ ޒާންވެސް އޮޅުމެއްގެތެރޭގައި ބެހެއްޓެނީ. އެހެނެއް ނެހެދޭނެ. އަހަރެންގެ ދަރިފުޅު ބައްޕަ ކިޔާނީ އަހަންނަށް. އަދި މޭއި ވާނީ މަގޭ ވައިފްއަށް. މިހާރު މަށަށް މިނޫންގޮތެއް ނެތް. އަހަންނަށް އިތުރަށް މަޖުބޫރުނުކޮށް ރީތި ގޮތުގައި އެއްބަސް ވެބަލަ. އަހަރެން މިހިރީ އެރޭގެ މަތިން ހަދާންނެތޭވަރަށް މޭއި އަށް ލޯތްބާއި އަޅައިލުން ދޭން. ޓްރަސްޓް މީ..." ރެޔާން ގެ ވާހަކަތަކުން މައިރާ ގެ ރުޅި ހައްތަހާ އިތުރުވީއެވެ.

"ހާދަ ވަރަކަށޭ ޒާން އާއި މެދު ތި ވިސްނަނީ. އަހަރެން މިއީ މީހެއްނޫން ދޯ. އަބަދު ޒާން. ޒާން. ވަގުތު ފާއިތު ވެއްޖެ. އަހަރެން މިވަނީ ޑިޒިޝަނެއް ނަގައިފައި. އަހަރެން މެރީ ކުރާނީ އެހެން މީހަކާއި. ޒާން އާއި ރެޔާން އަކީ އަހަރެންގެ ޕާސްޓް. އެނގިއްޖެތަ؟ އަހަރެން ދެކެ ތިދެމީހުން ލޯބިވާކަމަށް ދަޢުވާކުރިއިރު އަހަންނަށް ވުރެ ބޮޑަށް ދެމީހުންވެސް އިސްކުރީ އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަން.. އެއީ ލޯތްބެއް ނޫން. އެހެން ކޮންމެވެސް އެއްޗެއް. އެހެންވީމަ ދެނެއް ނެތް ޗާންސެއް....." މައިރާވެސް ވާހަކަ ދެއްކީ މަޑުންނެވެ. އިތުރު މީހަކަށް އެ ވާހަކަތައް އިއްވަން ބޭނުންނުވީކަން ނޭގެއެވެ.

ރެޔާން އާއި މައިރާ ދެއްކިވާހަކަތައް އަޑުއަހަން ދޮރުފަތުގެ ނިވަލުގައި، އައިޒާންއަށް ހުރެވުނީ އޭނަގެ ނަސީބު ރަގަޅުކަމުންނެވެ. ނޫންނަމަ އޭނަ މުޅި އުމުރަށް ހުރީހީ އޮޅުމެއްގެ ތެރޭގައެވެ. އައިޒާން ފަހަތަށް ޖެހެމުންގޮސް އަވަހަށް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. އޭނަ ކޮޓަރިއަށް ވަންގޮތަށް އެނދަށް ވެއްޓިގަނެވުނީ ބޮކިވެސް ދިއްލާލުމެއްނެތިއެވެ. ރެޔާން އާއި މައިރާގެ ގުޅުމެއްވާކަމާއިމެދު ޝައްކު ވިޔަސް މިރޭ އެކަން ޔަގީންކުރެވުމުން ހިތަށް ވަރަށް ތަދުވެއްޖެއެވެ. އަސަރުކޮށްފިއެވެ. ލޮލުގައި ގިނަވެގަތް ކަރުނަތައް ނުވެސް ހިފެހެއްޓުނެވެ. މައިރާ އަކީ އޭނަގެ ބޭބެގެ ލޯބިވެރިޔާ އެވެ. ޢަދަން އަކީ ރެޔާންގެ ދަރިފުޅެވެ. ވީއިރު އޭނަ މައިރާ ދެކެ ލޯބިވުމަކީ ބޭކާރުކަމެކެވެ. މޮޔަކަމެކެވެ. ދެރައީ މައިރާ އޭނައަށް އޮޅުވާލިކަމެވެ. އޭނަގެ ގާތުގައި އެވަރުގެ ބޮޑުކަމެއް ސިއްރުކުރިކަމެވެ. 

މައިރާ އަށް ލެވެންޑާކޮޓެޖްގައި އުޅުން ހައްތަހާ ދަތިވަމުން އައެވެ. ފަރުޒާން އާއި އަޔާނާ މާ ލޯބިން އުޅޭތަން ފެންނަ ކޮންމެ ފަހަރަކުވެސް މައިރާގެ ހިތަށް ތަދުވެއެވެ. އެއްދުވަހު މައިރާ ކާކޮޓަރީގެ ދޮރު ހުރަސްކުރިއިރު ފެނުނީ ފަރުޒާން ވަރަށް ލޯބިން އަޔާނާގެ އަނގަޔަށް ރޮށިކޮޅެއް ލެއްވިތަނެވެ. އަނެއްދުވަހު ދެމީހުން ގަސްތަކުގެ ތެރޭގައި ތިބެ މެގްނަމެއް ކެއިތަނެވެ. އަތުގުޅުވައިލައިގެން ހިނގައިލާފައި ދާއިރު ފަރުޒާން އަޔާނާއަށް ބަލައިލާ ގޮތުންވެސް އުނދަގޫވަނީ މައިރާއަށެވެ. އޭނައަށް ރެޔާންގެ ފަރާތުން އެފަދަ އުފަލެއް ނުލިބޭނެކަން ޔަގީން ވަނީ އެވެ. ނުވީތާކަށް އައިޒާން ވެސް އަޅައެއްނުލިއެވެ. އެކަނި ލޯބިވާކަމަށް ދަޢުވާކޮށްފައި އުޅެނީ އެހާ ދުރުންނެވެ. ވީއިރު އޭނަގެ ހިތުގައި އެކަމާއިމެދު ޝަކުވާ ނޯންނަވަރެއްވެސް ނޫނެވެ. ޢާއިލާގެ އެހެން އަންހެންކުދިން އުޅޭލެއް އުފާވެރިކަމުން މީހަކު ހަސަދަވެރި ނުވާނެ ވަރެއްވެސް ނޫނެވެ. 

މައިރާއަށް ޔަގީންވީ މުއްސަނދިކަމުން އުފަލުގެ ކުނޑިފަށެއްވެސް މިހާރު އޭނައަށް ނުލިބޭކަމެވެ. އަބަދު ދެރަވަނީ އެވެ. ރޮވޭ ގޮތް ވަނީ އެވެ. ޢަދަންއަށް ކަމެއްވެދާނެތީ އެހާބޮޑަށް ވިސްނެއެވެ. އެއްފަހަރުވެސް ރެޔާންގެ ސޫރަ ހިތުން ފިލައިގެނެއް ނުދެއެވެ. އަދި މިފަހަކަށް އައިސް ރުޅިގަދަވާވަރާއި، ފިކުރު ބޮޑުވާވަރުން ސިކުނޑި އަމިއްލަ ނަފުސްގެ ބާރުދަށުގައި ބޭއްވުން ދަތިވާން ފަށައިފިއެވެ. ރޭގަނޑު ނިދުމުން ފެންނަނީ ފާޑުފާޑުގެ ހުވަފެން ތަކެވެ. ސިއްސައިގެންގޮސްފައި ހޭލެވިދެއެވެ. ޢަދަން ނޫނީ ރެޔާންއަށް ބޮޑު އަނިޔާއެއްވެގެން ނޫނީ މީހަކު ޢަދަން ވަގަށް ގެންދަނިކޮށް ފެނިދެއެވެ. ބައެއްފަހަރު ހަޅޭއްލަވައިގެންފައި ތެދުވެ، ދަރިފުޅު ރަނގަޅަށް އޮތްތޯ ބަލައިލެވެއެވެ. އަނެއްކާ ޢަދަން ނޫނީ ރެޔާންއަށް ބޮޑު ގެއްލުމެއްވާން އުޅެނީ ބާވައެވެ. މަންމަ ބުނަނީ އޭނަ ދަރިފުޅާއި މެދު މާބޮޑަށް ވިސްނާތީ ވާހާ ކަންތައް ކަމުގައެވެ. ބައެއްފަހަރު ސިކުނޑިއަށް ކުރާ ބާރަކުން ބޯ ފަޅައިގެން ދާހާވެއެވެ.

މައިރާގެ ކޮޓަރީގެ ކުޑަދޮރުގެ ފަރުދާތައް ކަހާލައިފައިވާއިރު ދުރުދުރަށް ދާންދެން ފެންނަނީ ފެހިކަން ގަދަ ގަސްތަކެވެ. ބައެއްގަސްތައް ވަނީ މަލުން ބަރާވެފައެވެ. ރީތި މަންޒަރެކެވެ. މައިރާ ޢަދަން ގާތުގައި ބާއްވައިގެން އެނދުގައި އޮށޯވެލައިގެން އޮތްއިރު އެ ތުއްތު ދަރިފުޅާއި ނިކަން ލޯބިން ވާހަކަދައްކަމުން ދިޔައެވެ. ޝަމާއިލް އިނީ މަޖާވެފައެވެ. ރާދާވެސް ތަންތަން ރަމަތަކޮށްލުމުގައި އުޅެމުން ދޭތެރެއަކުން އޭނަގެ ދެބެންނާއި، މާމަ ދަރިފުޅަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލައިލައެވެ. ޝަމާއިލް އޭނަގެ މަންމަ ގެ ވާހަކަތަކަށް ރީތިކޮށް ޖަވާބު ދިންނަމަވެސް އެހާ ގުޅުން ބާއްވަން ބޭނުންނުވާކަން ރާދާއަށް އެގުނެވެ. ޝަމާއިލް ވާހަކަދައްކަނީ މަޖުބޫރީ ގޮތަކަށެވެ. އެވަގުތު ފޯނު ރިންގުވާން ފެށުމުން ރާދާ ފޯނަށް ބަލައިލައިފައި އަވަހަށް ކޮޓަރިން ނިކުތެވެ.

"އައިމަން. އަޅުގަނޑަށް ފެންނަނީ މޭއި ސައިކެޓްރިސްޓަކަށް ދައްކަން. މޭއި މާބޮޑަށް ވެސް އޯވާ ޕްރޮޓެކްޓް ވަނީ. އެއްވެސް މީހަކަށް އިތުބާރުކުރާ ގޮތެއް ނެތް ޢަދަންގެ ކަންތަކުގައި. އަނެއްކާ ތިމަންނަ ބޭނުމެއް ނޫނޭ ޒާން އާއި އެކީގައި އުޅޭކަށްވެސް ކިޔާފައި ގެއަށް ދާން ބޮޑާހާކާތާ ދެތިން ދުވަހެއްވެއްޖެ. އެގޮތަށް ހަދައިފިއްޔާ ދެން ފައިސަލްމެންވެސް ވިސްނަވާނެ ގޮތެއް ނޭގޭ. ޢާއިލާގެ ގުޅުން އަނެއްކާ ކެނޑުން ނޫންކަމެއް ނުވާނެ. ކިހާ ދެރަކަމެއް. އައިމަން ދަރިފުޅަށް ވިސްނައިދެއްވަ ބައްލަވަ..." ރާދާ މައިރާ ކުރާކަންތަކާއި، ރޭގަނޑު ހުވަފެން ފެނިގެން ބިރުން އުޅޭވަރާއި، ރުޅިގަދަވާވަރުވެސް ބުނެދިނެވެ. އަދި ކުރިން ދުވަހަކު އޭނަ ފައިސަލް އާއި ވާހަކަދައްކަން ހުއްޓާ މައިރާއަށް ފެނުމުން އެކަމާއިވެސް ހިތްހަމަނުޖެހިގެން މައްސަލައަކަށް ހެދިކަމަށް ބުންޏެވެ. މަންމަ ބޮޑުބޭބެ އާއި ރައްޓެވިހީކަމަށް އަޑުއެރީވެސް، އެހެންމީހުންނާއި ވާހަކަ ދައްކާތީ ނޫންހޭ ދިމާލަށް ބުނިކަމަށާއި އަދިފަހުން ރޮއިހެދިކަމަށް ވެސް ރާދާ ބުންޏެވެ. މައިރާ ކުދިކުދިކަންތަކާއި ނުބައި ޝައްކުތައް ކުރަނީއެވެ. ޒިޔާމާ ފަދައިން މައިރާވެސް ނަފްސާނީ މައްސަލައެއްގެ ޝިކާރައަކަށް ވީބާވައެވެ.

އައިމަން ގަސްތުކުރެއްވީ މައިރާ ނަފްސާނީ މާހިރަކަށް ދެއްކުމަށެވެ. އެކަމަށް ޑޮކްޓަރ މީޝަލް ރަނގަޅުވާނެކަމަށް އައިމަން ދެކިލެއްވިއެވެ. ދަރިފުޅުގެ ކަންތައް އެހެންނޫނީ ސީރިޔަސް މައްސަލައަކަށް ވެދާނެއެވެ. މައިރާއަކީ ކުޑައިރުވެސް އެފަދަ މައްސަލައެއް ދިމާވެފައި ހުރިކުއްޖެކެވެ. ތަންކޮޅެއް ކުރިން އޭނަ އަށް ކަރުނައަކީ ކޯންޗެއް ކަމެއްވެސް ނޭގެއެވެ. ކިތަންމެ ބޮޑުކަމެއްވިޔަސް އޭނަގެ ލޮލުން ކަރުނައެއް ނާންނާނެއެވެ. އެފަދަ ކުދިކަންތައް ހުއްޓަސް ފުރާވަރުގައި މައިރާ އުޅުނީ އެހެންކުދިން ފަދައިން ރަނގަޅަށެވެ. ނަމަވެސް އަނެއްކާ އެ މައްސަލަ ގޯސްވާން ފެށީކަން ނޭގެއެވެ. ލަސްނުކޮށް ފަރުވާކުރެވިއްޖެއްޔާ އެފަދަ ބަލިތައް ރަނގަޅުވާނެއެވެ.

އައިޒާން ފަތިސް ނަމާދުކޮށްލައިގެން ގެއަށް އައިއިރުވެސް ބަގީޗާތެރެއަށް ހީވަނީ ދުންފިނި ފައިބާފައިވާހެންނެވެ. ފުދޭވަރަކަށް ފިންޏެވެ. އައިޒާން ފެންޑާގައިވާ ސޯފާއެއްގައި ޖައްސައިލީ ގޭތެރެއަށް ވަންނަ ހިތް ނުވާތީ އެވެ. އޭނަ ކަކުލުގައި އުޅަބޮށި ވިއްދާލަމުން ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ. އީޝަލް ގޭތެރެއިން ނިކުމެގެން އައީ އެވަގުތުއެވެ. އޭނަ ހުރީ ޖިންސަކާއި ސްޓްރައިޕް ސްވެޓަރެއްގައެވެ. 

"ޒާން އުޑުމަތި ހާދަ ރީއްޗޭ. އެއިނީ ކޮން ތަރިއެއްތަ؟ ޒާން ވިސްނަނީ ކޮންކަމަކާތަ؟ " އީޝަލް އެކި ސުވާލު ކުރުމުން އައިޒާން އިނީ ކުޑަކޮށް އުނދަގޫ ވާގޮތް ވެފައެވެ. އެވަރުންވެސް އައިޒާން ޖަވާބު ދިނެވެ. އެންމެ ފަހުން އީޝަލް ކޮފީ ހަދައިގެންވެސް އައެވެ. އައިޒާންއަށް ޓަކައި އީޝަލް މިހިރީ ކޮންމެފަދަ ކަމެއް ކުރަންވެސް ތައްޔާރަށް ހެން ހީވެއެވެ. ގަވާއިދުން ނަމާދު ކުރަން ފެށީ ވެސް އައިޒާން ބުނެގެންނެވެ. ނަމަވެސް ފަހުން ވިސްނުނީ އެއީ އެންމެ ފަރާތަކަށްޓަކައި ކުރަން ޖެހޭ ކަމެއްކަމުގައެވެ. ވާޖިބެއްކަމެވެ. ޔަގީނުންވެސް ފަސްވަގުތު ނަމާދުކުރަން ދަސްވެއްޖެއެވެ. ކަންނެތްކަން ކުޑަވެއްޖެއެވެ. ސިއްރުތައް ހިފަހައްޓަންވެސް ދަސްކޮށްފިއެވެ.

"ޒާން..." ކުއްލިއަކަށް އީޝަލް މާ ފޯރިއަކާއި އެކީގައި ހަޅޭއްލަވައި ގަތުމުން އައިޒާން ސިހުނެވެ. ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. އައިޒާންގެ ރީތި ދެލޮލުގައި ހިތާމަވެރި ކުލަވަރެއްވާކަން އީޝަލްއަށް އެނގުނެވެ.

"ބުލޫ އޯކިޑެއް ފޮޅިފައި އެއިނީ. މަންމައަށް އެނގިއްޖެއްޔާ ހާދަ އުފާވާނެ. ޒާން ގޮސް މަންމަގާތުގައި ބުނެދޭތި އޯކިޑެއް މަންމަގެ ގަހުގައި ފޮޅުނު ވާހަކަ. އުފަލުންގޮސް މަންމަ ކޯމާއިން ހޭލަފާނެ...." އީޝަލް ފެށި ވާހަކައަކުން އައިޒާން ހަދާންވީ އޭނަގެ ފޯނުގައިވާ މަންމަގެ ފަހު ވާހަކަކޮޅެވެ. މަންމަ އެހެން އޮންނަނީ އޭނަ މާފުނުދީގެން ހެއްޔެވެ؟ ހިތުގެ އެންމެ ފުންމިނުން އޭނަ ވަނީ އޭނަގެ މަންމައަށް މާފުދީފައެވެ. އޭނަ މިއަދު ރެޔާންގެ ގާތުގައި އެވާހަކަ ދައްކާނެއެވެ. ފަހަރެއްގައި ބްލޫ އޯކިޑެއް ފޮޅުމަކީ ހެޔޮ ފާލަކަށްވެދާނެއެވެ.

"ޒާން އަބަދު ކޮންކަމަކާތަ ތި ވިސްނަނީ. ޕްލީޒް ބުނެބަލަ..." އީޝަލް ކުއްލިއަކަށް އައިޒާން ގެ އަތުގައި ހިފައިލިއެވެ. އައިޒާން އަށް ފާހަގަކުރެވުނީ އީޝަލްގެ އަތުގެ މަޑުކަމާއި އޮމާންކަމެވެ. ފަށުވިކޮޅެއްހާ މަޑެވެ. އެހާ ފިންޏެވެ. އައިޒާން ހީކަރުވާގޮތްވިއެވެ.

"އަހަރެންގެ ދިރިއުޅުމާއި މެދުގައި. ޝެލް އަބަދު ތިކިޔަނީނު ލަވްސްޓޯރީސްތައް. ބުނެބަލަ. އެއިން އެއްވެސް ސްޓޯރީ އެއްގައި ޓްރެޖިކް އެންޑިން އެއް އައިތަ؟ ކޮންމެ މީހެއްގެ ދިރިއުޅުމަކީ ވާހަކައެއް. އެމީހެއްގެ ވާހަކަ ރީތިކޮށް ގެންދަން އެމީހަކަށް މަސައްކަތްކުރެވޭނެ ދޯ އެކަމަކު ނަސީބު ވަރަށް ބޮޑުބައިކުޅޭނެ. އަހަރެން ވިސްނާ ވަރާއިމެދު ޝެލް ކަންބޮޑުވަނީ ތަ؟ އަހަރެން އަބަދު އަބަދަށްޓަކައި އުޅޭނީ މިގޮތަށޭ ބުނެފިއްޔާ ޝެލް ވަކި ކޮށްދޭނެކަމެއް އޮންނާނެތަ؟ " އައިޒާން ދެއްކި ވާހަކަ ތަކުން އީޝަލް އިނީ ކިޔަންވީ އެއްޗެއް ނޭނގިފައެވެ. އޭނައަށް އައިޒާން ގެ އަތަށް ފިތާލެވުނެވެ. އައިޒާން އާއި މެދު ވިސްނާ ވަރަށް އީޝަލް އެހެން މީހަކާއިމެދު ވިސްނާ ކަމެއް ނޭގެއެވެ. އައިޒާންއަށް ކުޑަ ކުޑަ ހިތާމައެއް ލިބުމަކަށްވެސް އީޝަލް ނޭދެއެވެ. އައިޒާން ކޮފީތަށި ހުސްކޮށްލާފައި މޭޒުމަތީގައި ހުސްމަގު ބަހައްޓާލައިފައި އަނެއްކާވެސް ދަތްދޮޅީގައި އަތް ޖައްސާލިއެވެ.

"އަހަރެން ބޭނުމެއްނުވޭ ޒާންގެ ސްޓޯރީއަށް ޓެރެޖިކް އެންޑިން އެއް އަންނާކަށް.." އީޝަލްއަށް ބުނެވުނެވެ. އައިޒާންގެ މޫނުގައި ދުވާ އާފްޓަރ ޝޭވްވަހާއި ޝަވާޖެލްގެ މީރުވަސް އީޝަލްގެ ނޭފަތުގައި ބީހިލިއެވެ. އެވަގުތު އީޝަލްގެ ގައިން ހީބިހިހަލުވާލީ ޖެހިލި ފިނިވައިރޯޅިއަކުން ކަމެއް ނޫނީ އައިޒާން ބަލައިލި ގޮތަކުންކަމެއް އީޝަލް އަކަށް ނޭނގުނެވެ. އައިޒާން ސިކުންތުކޮޅަކަށް އީޝަލް އާއި ދިމާލަށް ބަލައިލުމަށްފަހު އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.

"ޝެލް ބޭނުން ނުވިޔަސް މިއޮތީ ނިމިފައި. އަހަރެންގެ ހިތް ހަލާކުވެއްޖެ. އަސްލުވެސް.. އަހަރެން ކިހިނެއް މިވާހަކަ ބުނެދޭނީ...." އައިޒާން އަކީ ފިރިހެނަކަށް ވި ނަމަވެސް ކެތެއް ނުކުރެވުނެވެ. އެބަރު އެސްފިޔަތައް ފޫދުއްވާފައި އޮހިގަތް ކަރުނަތައް އީޝަލްގެ ހިތުގެ ފުންމިނަށް އަސަރުކުރުވިއެވެ. އެމުތީތަކެއްފަދަ ކަރުނަތައް އީޝަލް ފޮހެލަދިންއިރު އީޝަލްއަށް ވެސް ރަނގަޅަށް ރޮވިއްޖެއެވެ.

"ޒާން ނުރޮއި.....ޕްލީޒް....." އީޝަލް ގެ އަޑުގައިވީ އިންތިހާއަށް އޯގާތެރިގޮތެކެވެ. އީޝަލްގެ ކައިރީގައި މިގޮތަށް ރޯންޖެހުމުން އައިޒާން އަމިއްލަ ނަފުސަށް މަލާމާތް ކުރިއެވެ. އޭނަގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީ ހެއްޔެވެ؟ މައިރާ ދެކެ އޭނަ ވީ ލޯބި ނާކާމިޔާބުވުމުން ނޭގުނަސް ހާދަ އަސަރެއްކޮށްފިއެވެ. އެންމެ ފަހުން އުއްމީދުގެ ހުޅުކޮޅު ވަނީ މުޅިން ނިވިފައެވެ. ދެމީހުން އެތައް އިރެއްވާންދެން އެތާނގައި ހިމޭނުން ތިއްބެވެ. ދައްކަންވީ ވާހަކައެއް ނޭގިފައެވެ. އީޝަލްގެ ލާނެތްކަމާއި ސަކަކަންވެސް އައިޒާންގެ ހިތާމައިގެ ސަބަބުން މުޅިން ނެތިގެންދިޔައީކަން ނޭގެއެވެ. 

އައިޒާން އޮފީހަށް ދާން ސޫޓެއްލައި، ތައްޔާރުވެލައިގެން ނިކުތުމުން ފައިސަލް ތަޢުރީފް ކުރެއްވިއެވެ.

"ދަރިފުޅާ... ހާދަ ސްމާޓޭ. އަދި އިސްތަށިގަނޑުވެސް ކޮށާލަންވާނެ އިނގޭ." ފައިސަލް އައިޒާންގެ ނިތްކުރީގައި ބޮސްދެއްވިއެވެ. ފައިސަލް އުފަލުން ހުންނެވި ވަރުން އައިޒާންގެ ލޯ ދުޅަވެފައިވާވަރާއި ރަތް ތުންފަތްމަތީގައިވާ އާހް ތަކެއް ނުފެނުނެވެ. އައިޒާން ހިނިތުންވެލިއެވެ. 

"ބައްޕާ އަޅުގަނޑު ބޭނުން ވާހަކައެއް ބުނެލަން..." އައިޒާން ފޯނާއި ކުޅެލަމުން ބުންޏެވެ. 

ކޮމެންޓް 0