އައިޒާން ލޯ ހުޅުވާލިއިރު އޭނަގެ މޫނު ވަނީ ދަލުން ފެންވެރިފައެވެ. ޒިޔާމާގެ ފުރާނަ ސަލާމަތް ކޮށްދެއްވުމަށް އެދި ހެއްދެވި ފަރާތަށް ދުޢާކުރެވުނީ ކިތައްފަހަރު ކަމެއްވެސް ނޭގުނެވެ. އެތައް ފަހަރަކު ކެޑިނޭޅި އެހިތް އާދޭސް ދަންނަވަމުން ދިޔައެވެ. ލޮލުން ކަރުނަ ނައިކަމުގައި ވިޔަސް އޭނަގެ ހިތް ރޮމުން ދިޔައެވެ. އޭނަގެ ބޭނުން ނެތިގެން އޭނަ އެއްލައިލި ކަމުގައިވިޔަސް އޭނަ އުފަންކުރި މައިމީހާއަށް ދެރަގޮތެއް ވުމަށް ހިތް ނޭދުނީ އެވެ. އެހެން މީހުން އޭނަ އާއި ދޭތެރޭގައި ކިތަންމެ ނިކަމެތިކޮށް ކަންތައްކުރިޔަސް އެއްވެސް މީހަކަށް ދެރައެއްދޭކަށް ބޭނުން ނުވީއެވެ.

އައިޒާން ލެވެންޑާކޮޓެޖްގެ ދޮރާށިން އެތެރެއަށް ވަދެގެން ދިޔައިރު އެގެ ހީވަނީ ފަޅުތަނެއްހެނެވެ. މަރުފަދަ ހިމޭންކަމެއް ހުރިހާ ދިމާލަކަށް ވެރިވެފައިވެއެވެ. އައިޒާން ފެންޑާގެ ފަތްތަރުމަތިން އަރައިގެން ދިޔައިރު އޭނައަށް މާތަކާއި ދިމާލަށް ބެލުނެވެ. ނޫ އޯކިޑާއި، ބްލީޑިން ހާޓް އަދި ލިޕްސްޓިކް ފަދަ ގަސްތަކަކީ އޭނަގެ މަންމަ ހާދަ ލޯބިން ގެންގުޅުނު ގަސްތަކެކެވެ. މިއަދު އެމާގަސްތަކުގައި ވެސް ދިރުމެއްނެތެވެ. ހީވަނީ ޒިޔާމާ ނެތުމުގެ ހިތާމަ އެ ގަސްތަކަށްވެސް ލިބިފައި ވަނީ ހެންނެވެ. އައިޒާން އޭނަ އެގޭގައި ހުރި ކޮޓަރީގެ ދޮރު ހުޅުވާލިއިރު އެ ކޮޓަރި ވެސް ހީވަނީ ފަޅުތަނެއް ހެންނެވެ. އެއްވެސް މީހަކު އުޅޭކަމުގެ ނިޝާނެއް ނުފެނެއެވެ. މައިރާ ގެންގުޅޭ ސާމާނު ތަކާއި ފައިވާންތައް އަދި ހެދުމެއްވެސް ނެތެވެ. މައިރާވެސް މިގެއިން ދިޔައީބާވައެވެ. އޭނަގެ ހިތް ހީވީ ގެނބިގެން ދިޔަހެންނެވެ. ބިރުވެރިކަމުގެ ރާޅުބާންޏެއް ޖަހާލައިފިއެވެ. އައިޒާން އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން އައިތަނާހެން އީޝަލް އާއި ދިމާވިއެވެ. ކަޅުކުލައިގެ ޓައިޓަކާއި ރީނދޫ ޓޮޕެއްގައި ފެންނައިރު އޭނަގެ ދޮންކަމުން ލޯތައް ތަރަތަރަޖަހައިގެން ދާވަރުވެއެވެ. ބުޅި އިސްތަށިގަނޑު ނުކިޔަމަން ތެރިކަމާއިއެކު ވިހުރެމުން ދިޔައެވެ.

"ޒާންތަ؟ މިފެންނަނީ ޑްރީމެއްތަ؟ ހިޔެއްނުވޭ ރިއަލް ހެނެއް....." އީޝަލްއަށް އައިޒާން ފެނުމުން އުފަލުން ހަޅޭއްލަވައި ގަންނަން އުޅެފައިވެސް ހަށަން ބަދެލައިފައި ސީރިޔަސްވިއެވެ. އީޝަލް އަކާއި ނުވެސް ގުޅެއެވެ.

"ގޭގައި އެކަކުވެސް ނޫޅެނީތަ؟" އައިޒާން ތެޅިތެޅިވާ ހިތަކާއި އެކުގައި އެހެން އަހާލީ ފިނިވެ ގަނޑުފެންކޮޅަކަށް ވަމުން ދިޔަ އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލަމުންނެވެ. އޭރު އެހިސާބުގެ ގިނަ ބޮކިތައް ނިވާލައިފައި ހުރުމުން އައިޒާންގެ ދިގު ހިޔަނިވެސް ރީތިކޮށް ފެންނަން ހުރުމުން އީޝަލްއަށް އެ ހިޔަންޏަށް ބަލައިލެވުނެވެ. ރީތި މީހުންގެ ހިޔަނިވެސް ފުރިހަމަކަމަށް އީޝަލް ހިތާހިތުން އެއްބަސްވިއެވެ. އީޝަލް އެވަގުތު ވިސްނިއެވެ. މަންމަ ވީ ކޯމާއެއް ގައޭ ބުނެފިއްޔާ އަނެއްކާ އައިޒާން ހަދާނެ ގޮތެއް ނޭގެއެވެ. މިވީހާތަނަށް އޭނަ ތެދު ބުނަން ހަދައިގެން ވަނީ އެތައް މައްސަލަތަކެއް ޖެހިފައެވެ. ބައްޕަވެސް އެކަމުގެ ނަތީޖާ ހިތިވާނެކަމަށް ބުނުއްވާފައިވަނިކޮށް ހަގީގަތަކަށްވީއެވެ. ވީއިރު މިއޮތީ އެކަންތައް ބަދަލުކުރުމުގެ ވަގުތު ޖެހިފައެވެ.

"ރެޔާން ވީ ރޫމްގައި...." އީޝަލް ވިދާލި ވިދުވަރެއް ފަދައިން އައިގޮތަށް އައިޒާންގެ އަތުގައި މާބާރަކަށް ހިފަހައްޓަމުން ބުންޏެވެ. އީޝަލް ހިތްއެދުނީ އައިޒާން ބަނދެލުމަށެވެ. ހިފާ ހައްޔަރު ކުރުމަށެވެ. ސިކިއުރިޓީއަށް ގޮވުމަށެވެ. ނޫނީ އައިޒާން އަބަދު އަބަދަށްޓަކައި ގެއްލިގެން ހިނގައިދާނެއެވެ. އީޝަލް ބާރުބާރަށް ރެޔާންއަށް ގޮވަން ފެށުމުން އައިޒާން ހިތްހަމައެއް ނުޖެހުނެވެ. ޔަގީނުންވެސް ޒިޔާމާއަށް މާބޮޑުކަމެއްވިނަމަ އެންމެން ގޭގައި ނުތިބޭނެއެވެ. އޭނައަށް މިއާދެވުނީ ބޭކާރު ގޮތެއްގައެވެ. މިގެއިން ދާންވީއެވެ. 

"އިޝޫ ތިވަރުނުވިޔަސް އަހަރެން ނޫޅެމޭ ފިލައިގެންދާކަށް. އެންމެންގެ ހާލު ބަލައިލަން ވިޒިޓެއް ޖަހާލީމަވެސް އިޝީ ހަޅޭއްލަވާވަރުން ހީވަނީ މިގެއަށް ވަގަކުވަދެގެން އުޅޭހެން...." އައިޒާން ދާން ހިނގައިގަތް ތަނާ ފަހަތުން އައިސް ރެޔާން އޭނަގެ ކޮނޑުގައި އަތް ބޭއްވިއެވެ. ފުރަތަމަ ރެޔާން ހީކުރީ އީޝަލް ހުރިހާ ވާހަކަތަކެއް ކިޔާދީ ނިންމާލައިފައި ވާކަމަށެވެ. އެ ކުޑަ ހަލަނިއަށް އެހާ ބޮޑުކަމެއް ސިއްރުކޮށްލައިގެން ނުހުރެވޭނެ ކަމަށް ރެޔާން ޔަގީން ކުރިއެވެ. އައިޒާން ހުރީ ކުޑަކޮށް އުނދަގޫވެފައެވެ. ރެޔާން އާއި ދިމާލަށް ބަލައިލަން ޖެހިލުންވެފައެވެ.

"މިގޭ ޕްރިންސެސް ވަރަކަށް އަނގަ ތަޅާލައިފި ދޯ. މިކުއްޖާގެ ބޮޑު އަނގައަކާއި ހެދި ވާހާ ކަންތަކޭ. އަނެއްކާ ޒާން ކައިރީގައި ކީ އެއްޗެއްވެސް ނޭގޭ...." ރެޔާން ގަދަކަމުން ހިނިތުންވެލިނަމަވެސް އޭނަ ވެސް ހުރީ ކަމަކާއި ފިކުރުބޮޑުވެފައިކަން އައިޒާން ދެނެގަތެވެ.

"ރެއިން ތިވިސްނަނީ ހާދަ ގޯސްކޮށް. މިއީ ކުޑަކުއްޖެއް ނޫނޭ، ދައްކަންވާ ވާހަކަތައްވެސް އެނގޭ. ޚަބަރުކިޔަން ފެށިތަނާ ރެއިން ތިއައީ. މޭއި ކުރިން ދުވަހު ސިޑިން ނުވެއްޓުނީ ކިރިޔާ. ސިންކޯޕް އެޓޭކަކުން. ނޭނގޭ އެއީ ކޯނޗެއް ކަމެއް. އެކަމަކު ދޮންބެ ބުނީ ދެން މަތީ ކޮޓަރިއެއްގައި ނޫޅޭށޭ، އެހެންވެ މޭއި މިހާރު ތިރީބައިގެ ކޮޓަރިއެއްގައި އުޅެނީ. އަދި ބުނި ކަމެއްވާހެން ހީވާއިރަށް ކޮޅަށް ނުހުރެ ވަގުތުން އިށީންނާށޭ ނޫނީ ވެއްޓިއްޖެއްޔާ މާދެރައޭ އެހެންވެ މޭއި ވަރަށް ބަލައިގެން އުޅެނީ. ދެން ކޮލެޖްއިން ކޯހަކަށް އެޕްލައިކޮށްފިން. މަންތެއްގެ ތެރޭގައި ކޮލެޖް ފެށޭނެ. ވީމަ ދެން އެއީ އޮތް ޚަބަރަކީ. ވަން މޯ ތިންގް. މިހާރު އިޝޫ ގަވާއިދުން ޕްރޭކުރަން. ޤުރުއާން ކިޔަވަން. މިހާރުވެސް މިދަނީ އިޝާކޮށްގެން ނިދަން ވެގެން. ރެއިން އާއި ޒާން ހަވާލު. ދެން ދިޔަނުދޭތި އިނގޭ. އެލްސް ޔޫ ވިލް ރިގްރެޓް. ގުޑްނައިޓް ދެކުދިން......" އީޝަލް ނޭވާއަކަށް ހުއްޓާނުލައި ހުރިހާ ވާހަކަތަކެއް ދެއްކުމަށްފަހު ސިޑިން އަރައިގެން ދިޔައީ ދުވެލާފައެވެ. އެހެން މީހަކަށް އެއްޗެކޭ ބުނެލާނެ ފުރުސަތެއްވެސް ނުދީއެވެ. ރެޔާން ބޯ ހޫރާލިއެވެ. އައިޒާން ހުރީ މައިރާގެ ވާހަކަ ދެއްކުމުން މައިރާ ދެކޭހިތުން މޮޔަވާވަރުވެފައެވެ. އެހިތުގެ ވިންދު އެތައްގުނަ އަވަސްވިއެވެ. "ސިންކޯޕް އެޓޭކް" އަކީ ކޯނޗެއްކަމެއް ނޭގުމުން އައިޒާން މައިރާގެ ބައްޔާއިމެދު ބިރުވެސް ހީވިއެވެ. އެއީ ނުރައްކާތެރިކަމެއް ބާވައޭ ހިތަށް އެރިއެވެ. އާއްމު މަޢުލޫމާތު ކިތަންމެވަރަކަށް ލިބިފައި ހުއްޓަސް އައިޒާން މެޑިކަލްކަންތައް ދެކެ ވާ ފޫއްސެއްގެ ބޮޑުކަމުން އެބައި ފުދޭވަރަކަށް ދަށެވެ.

"އެ ކުއްޖާ ހުރިތަނެއް ނަމަ މީހަކު ފޫހިވެގެން އުޅޭކަށް ނުޖެހޭނެ. ކިތަންމެ ދެރަވެފައި ހުއްޓަސް އުޅޭނީ އެހެން މީހުން ހެއްވާލަން. ރޮއިރޮއި ހުރެވެސް ހޭން ފަށާފާނެ. ބައްޕަ ބުނުއްވި ޓީން ދުވަސްވަރު އެކަހަލަ މޫޑު ޑިސްއޯޑާތައް ހުންނާނެ ކަމަށާއި އެއީ އަނެއްހެން މާބޮޑު މައްސައެއް ނޫން ކަމަށް. މިހާރުވެސް އެބުނީނު ޒާން ހިފަހައްޓާށޭ. ކިޑީވިޔަސް ކިހާ ހަމަޖެހޭ ވާހަކައެއް އެބުނީވެސް. ޒާން. އަހަންނަށް އެނގޭ ޒާން ތިހިރީ ވަރަށް އަޕްސެޓްވެފައިކަން. އަހަރެން ނަމަވެސް ވާނީ އެހެން. އެކަމަކު ފެމިލީ ވާނީ ފެމިލީއަށް ދޯ...." ރެޔާން އާއި އައިޒާން ހިނގާލައިފައި އައީ އެއްވަރަކަށެވެ. އައިޒާން ވަކި ޖަވާބެއް ނުދީ ހީލުމަކުން ފުއްދާލައިފިއެވެ. އޭނަ އެނބުރި ބަލައިލީ ކީކޭ ހިތަށް އަރައިގެން ކަމެއްވެސް ނޭގެއެވެ. އޭރު އީޝަލް ސިޑިބަރިމަތީގައި ހުއްޓެވެ. އައިޒާން ބަލައިލުމުން ލޯބި ހުނުމަކާއިއެކު އަތް ހޫރާލުމަށްފަހު ނިވާވެލައިފިއެވެ. 

އެގޭގެ ބޮޑުކޮޓަރިއަށް ވެރިވެފައިވަނީ މަޑު ވައިލެޓްކުލައެއްގެ އައްޔެކެވެ. ލެވެންޑާ އުށްބައްތިއެއްގެ މީރުވަސް ނޭފަތުގައި ޖެހުމުން ރެޔާން ގެ ހިތަށް އަސަރުކުރިއެވެ. ހުއްޓުން އެރިއެވެ. އޭނަގެ ލޯ ތެމުނެވެ. އެއިން ކޮންމެކަމަކުން އާވަނީ ލޯބިވާ މަންމަގެ ހަދާންތަކެވެ. އެ މަންމަ ދުވަހަކުވެސް ދެން އެނބުރި އަންނާނެކަމެއް އެނގެނީކީވެސް ނޫނެވެ. ލޯ ހުޅުވާލާނެކަމެއްވެސް އެނގެނީކީ ނޫނެވެ. 

"ރެޔާންގެ މަންމަ ރަނގަޅުތަ؟" ކުއްލިއަކަށް އައިޒާން ކުރި ސުވާލަކުން ރެޔާންގެ ފިޔަވަޅުތައް ގަނޑުވިއެވެ. މޫނަށް ނުރުހުމުގެ ކުލަވެރިވިއެވެ. އައިޒާން، ރެޔާންގެ މަންމައޭ ކިޔާފައި ވާހަކަދެއްކުމުން ކިތަންމެ ވަރަކަށް ވެސް އުނދަގޫވިއެވެ.

"ޒާން. ޝީޒް ޔޯ މަމް ޓޫ....." ރެޔާން ކުޑަކޮށް ބުމަގޮށްޖަހާލަމުން އައިޒާން އާއި ހަތަރު ކަޅި ހަމަކޮށްލައިފިއެވެ. އެލޮލުގައި ވަނީ އިންޒާރެކެވެ. އެފަދަ ކަންތަކަށް އޭނައަށް ކެތްނުކުރެވޭނެއޭ ބުނާ ކަހަލައެވެ. އޭނަގެ މަންމަ މަރާއި ދިރިހުރުމާއި މެދު ހަގުރާމަ ކޮށްކޮށް އޮތްވާ އައިޒާން ވެސް މަންމަގެ ޤަދަރު ކުޑަވާފަދަގޮތަކަށް ވާހަކަ ދައްކައިގެން ނުވާނެއެވެ. ކޮންމެ ގޮތެއްވިޔަސް އައިޒާންއަށް އެއީ މަންމަކަން އެނގިފައިވާ ހިނދު އެހެން މީހެއްގެ މަންމައެކޭ ކިޔާފައި ގޮވާލެވިގެން ނުވާނެއެވެ. ރެޔާންއަށް އައިޒާންގެ ހިތުގެ ހާލުވެސް ރޭކާނުލަނީކީ ނޫނެވެ. މަންމައެއްގެ ލޯބި ނުލިބި ބޮޑުވެފައި ހުރި ލޯބިވާ ކޮއްކޮއަށްޓަކައި ވެސް ހިތް ހަމްދަރުދީއިން ފުރެއެވެ. އެކަމަކު މަންމަ ވާނީ މަންމައަށެވެ.

"ސޮރީ ޒާން. އަހަންނަށް ނޭނގޭ ބުނާނެ އެއްޗެއްވެސް. އެކަމަކު ޒާން މަންމަދެކެ ހޭޓްކުރިޔަސް، ނުކުރިޔަސް މަންމަ އޭ ކިޔާބަލަ ޕްލީޒް. އަދި ޒާންއަށް ނޭނގި އޮތީމަ ބުނެދީފާނަން. މަންމަ އަށް ދޮންބެ ލިބުމަށްފަހުގައިވެސް ވަރަށް ސައިކޯވެ މައްސަލަ ޖެހިގެން ޑިޕްރެޝަންއަށް ބޭސްކަމުން އައީ. އަދި ދޮންބެ ކުޑައިރު ބައެއްފަހަރު އަނިޔާތައްވެސް ކުރިކަމަށް ވޭ. ދެން ޓްވިންސް އިން ލިބެންއުޅުނުކަން އެނގުނީމަ މާ ސަކަރާތްވީޔޯ އެހެންވެ އެންމެ ފަހުން ބައްޕަ އާއި ވެސް މައްސަލަ ޖެހިގެން މަންމަ ގެއިންވެސް ނިކުމެގެން ދިޔައީ...." ރެޔާންއަށް މަންމަގެ ނަފްސާނީ މައްސަލަތައް އެނގި ހުރި ވަރަކަށް ކިޔާދެމުން ދިޔަވަރަކަށް އައިޒާންގެ ހިތުގައި މަންމަ އާއި މެދު އޮތް ޝަކުވާތައް ފިލަމުން ދިޔައެވެ. ހީވީ ހިތުގައި ވާ ހުރިހާ ޒަޚަމްތައް ގަނޑުފެނުން ތެންމާލުމުން ފިނިވެގެން ދިޔަހެންނެވެ. ވީއިރު އޭނަ އެހާ ތުއްތުއިރުވެސް މަންމަ އެއްލާލީ ނަފްސާނީ މައްސަލައިގެ ސަބަބުން ކަމަށް ވެދާނެއެވެ. ރަގަޅަށް ހުރި މަންމައަކު ފަހަރެއްގައިވެސް އެހާ މޮޔަކަމެއް ނުކުރާނެއެވެ.

އައިޒާން އަށް ޒިޔާމާ އާއި ގުޅުން ރަނގަޅުކުރަން މަސައްކަތް ކުރެވިދާނެ އެވެ. އެކަމަކުވެސް އޭނަ ގެންގުޅެ ބޮޑުކުރި މަންމަގެ ހިތުގައި ނުޖެހޭފަދަ ގޮތަކަށް ކަންތައްކުރަން އައިޒާން ހިތާހިތުން ވަޢުދުވިއެވެ.

އައިޒާން ގޮވައިގެން ގޮސް ރެޔާން ކާރަށް އެރިއެވެ. މަންމަ ގެ އެކްސިޑެންޓްގެ ވާހަކަ ކިޔައިދިނުމުން އައިޒާން އިނީ ހިމޭނުންނެވެ. 

"ނަސީބެއް ފުރާނައަށް ގެއްލުމެއްނުވިކަން....." އައިޒާން މަޑުމަޑުން ބުންޏެވެ. ރެޔާން އަށް އެވަގުތުވެސް ފާހަގަ ކުރެވުނީ އަދިވެސް އައިޒާން "މަންމަ" އެ ނަން ނުކިޔާކަމެވެ. އައިޒާން އޭނަ ގެންގުޅުނު މީހާ ނޫން މީހަކަށް މަންމަ ނުކިޔަފާނެހެން ރެޔާންއަށް އެވަގުތު ހީވިއެވެ. އައިޒާންގެ ވެސް ގޮތް ދޫނުކުރުމުގެ ބަޔެއް ހުންނަނީ ކަންނޭގެއެވެ. އޭނަ ފަދައިންނެވެ. އެކަމަކު މަޖުބޫރަކުން އައިޒާން ލައްވާ އެއްވެސް ކަމެއްނުކުރެވޭނެއެވެ.

ރެޔާން އާއި އައިޒާން ހޮސްޕިޓަލުގެ މަތީބައިގެ ތަނަވަސް ކޮޓަރިއަކަށް ވަންއިރު އެތަނުން އިވެނީ މުޅިންވެސް މެޝިންތަކުގެ ބީޕް އަޑެވެ. ރެޔާންއަށް އަބަދުވެސް ހޮސްޕިޓަލްތަކަށް ވަންނަން އުނދަގުލެވެ. އޭނަ ހާސްވާފަދަ ގޮތެއްވެއެވެ. ނަމަވެސް މަންމަ އޮތުމުން ދުވާލު އެތައްފަހަރު މިތަނަށް ވަނުމަށް ވަނީ މަޖުބޫރުވެފައެވެ. ދާނިޝް، ފައިޒާން އަދި ރިވާއު މެން ފަދަ މޮޅު ނިއުރޯސާޖަނުންގެ އުއްމީދުއޮތަސް ރެޔާން ދެކެނީ އެއީ އޭނަގެ ހިތް ހަލާކުވިޔަނުދީ އުއްމީދު އާކުރުވަން ދައްކާ ވާހަކައެއްކަމަށެވެ. އޭނަގެ މަންމަ އެއަށް ވުރެ ބައްޔެވެ. އެތައްބައިވަރު ހޮޅިތަކާއި މެޝިންތަކުގެ ތެރޭގައި ބާރެއްނެތި އެހެން މަންމަ އޮންނަތަން ފެންނަ ކޮންމެ ފަހަރަކު ރެޔާންގެ ހިތަށް ހާދަ އަސަރުކުރެއެވެ.

ފަރުޒާން އިނީ ޒިޔާމާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ފަރުޒާން ތެދުވެގެން އައިގޮތަށް އައިޒާންގެ ގައިގައި ބައްދާލީ ހިނިތުން ވުމަކާއި އެކުގައެވެ. ފަރުޒާން ބޭބެއެއްގެ ލޯތްބާއި އަޅާލުން ދައްކަން ފަސްނުޖެހުނެވެ. އައިޒާން ހުރީ ރަކިވެފައެވެ. އެފަދަ ލޯތްބާއި އޯގާވެރިކަން ކުރިންވެސް ފަރުޒާންމެންގެ ފަރާތުން ފެންނަމުން އަޔަސް މިހާރު ހަގީގަތް އެނގުމުން އައިޒާން ވަނީ ޖެހިލުންވާން ފަށާފައެވެ.

"ޒާން އައީމަ މަންމަ ހާދަ އުފާވާނެޔޭ..." ފަރުޒާން އައިޒާންގެ އަތްތިލަ މަންމަގެ އަތާއި ގުޅުވާލަމުން އެދުނެވެ. އައިޒާން ހަދާންވީ ފޯނު ކޯލެވެ. "އެންމެ ފަހަރަކުވެސް މަންމަގެ ދަރިފުޅު މާފުކޮށްފީމޭ ބުނާއަޑުއަހަން މަންމަ މިދުނިޔޭގައި މިހިރީ. އެއަޑު ނީވެންޏާ ކަށްވަޅުގައިވެސް މަންމައަށް ހަމަޖެހުމުގެ ނޭވާއެއްނުލެވޭނެ..." އެ ޖުމްލަ ކަންފަތް ކައިރީގައި ގުގުމަމުންދާހެން އައިޒާންއަށް ހީވިއެވެ. އައިޒާން، މަންމައަށް މާފުކޮށްދީފީމޭ ބުނާއަޑުއަހަން މަންމަ ދުނިޔޭގައި އޮތީ ކަމަށް ވެދާނެއެވެ. އޭނަ އެފަދަ އެއްޗެކޭ ބުނެފިއްޔާ މަންމަ އެންމެ ފަހު ނޭވާ ދޫކޮށްފާނެ ކަންނޭގެއެވެ. އައިޒާން ބިރުގަތެވެ. ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. އޭނަ އެއްގޮތަކަށްވެސް މަންމައަށް ގޮވާފައި މާފުކޮށްފީމޭ ނުބުނާނެއެވެ. އޭރުން މަންމަ އަބަދުގެ އަބަދަށްޓަކައި އެމީހުންނާއި ވަކިވެގެން ހިނގައިދާނެއެވެ. އައިޒާން މަންމަގެ އަތަށް މަޑުމަޑުން ފިތާލިއެވެ. 

އައިޒާން ލެވެންޑާ ކޮޓެޖަށް އައިއިރު ފައިސަލް އާއި އެކު އެގޭގެ ބޮޑުކޮޓަރީ ގައި މެހުމާނުން ތަކެއް ތިއްބެވެ. އެމީހުން ފެނުމާއިއެކު އެއީ އެ ޚާންދާނުގެ ބައެއް ކަން އައިޒާން ދެނެގަތެވެ. ފައިސަލް އެ ޢާއިލާގެ މީހުންނަށް ފުރަތަމަ ފަހަރަށް އޭނަގެ ދަރިފުޅު ތަޢާރަފުކޮށްދިނެވެ. ކާފަ އާއި ބޮޑުބޭބެމެންނެވެ. އާއިލާއެވެ. އައިޒާން ރީއްޗަށް ރަކިވިއެވެ. އޭނަގެ މަޑުމައިތިރި ކަމާއި ރަނގަޅުކަން ފެނިފައި އެންމެ ފުރަތަމަ ނަޒަރުންވެސް އެންމެނަށް އައިޒާން ހާއްސަވިއެވެ. ލޯބިވެވުނެވެ. އައިޒާންގެ މަންމަގެ ނަފުސާނީ މައްސަލައަކުން އޭނަ ކުރި ކުށަކަށް ވާތީ މިއަދު އައިޒާންއަށް މަޖުބޫރުވެފައި ވަނީ ބައްޕަމެންގެ އެ އޯގާތެރި ކަމާއި ލޯބި ޤަބޫލުކުރުމަށެވެ. އެއީ ބޭނުންވިޔަސް އެހާ ފަސޭހައިން ކަނޑާލެވޭނެ ގުޅުމެއްވެސް ނޫނެވެ. އެހެންނޫނަސް ފައިސަލް އައިޒާން ގެނެސް މޭގައި ޖައްސަވާލައްވާފައި ނިތްކުރީގައި ބޮސްދެއްވިގޮތުން އައިޒާންއަށް ބައްޕައެއްގެ ފުން ލޯބި އިޙުސާސް ކުރެވުނެވެ. އެފަދަ ލޯތްބަށް ނޭދޭނެ އިންސާނަކު ނުވާނެއެވެ. ދުރަށް ދާންއުޅުނަސް އަމިއްލަ އާއިލާ އާއި ދުރަށް ދެވޭނެ ގޮތެއްވެސް ނެތެވެ. އެކަކަށްވެސް ނޭގުނީ އައިޒާން އެގެދޫކޮށްލާފައި ދިޔަގޮތަށް އަލުން އަނބުރާ އަންނަން ޖެހުނު ހަގީގީ ސަބަބެވެ. އެއީ އޭނަގެ މަންމަ އެކްސިޑެންޓްވުމުގެ ކުރިން ގުޅާފައި ކުރި އާދޭސްތައްކަމެވެ. އެ ޖުމްލަތައް އައިޒާންގެ ހިތަށް ވޭނީ ތީރުތަކެއްފަދައިން އިރުއިރުކޮޅާ ހެރޭކަމެވެ.

އައިޒާންގެ މަންމަ ކޯމާއެއްގައި އޮތަސް ބައްޕަ އާއި ދޮންބެ އަދި ރެޔާން ގެ އިތުރަށް އެ ޢާއިލާގެ އެންމެންގެ ހިފެހެއްޓުމެއްނެތް ލޯބި އައިޒާންގެ ހަލާކުވެފައިވާ ހިތުގެ ފަރުވާއެއްކަމަށް ވެގެން ދިޔައެވެ. އޭނަ މަޑުމަޑުންގޮސް ހަގީގަތް ގަބޫލުކުރާ ހިސާބަށް ދިޔަސް ބައްޕަގެ ގާތުގައި އެދުނީ ޑީއެންއޭ ޓެސްޓެއް ހެދުމަށެވެ. މަންމަ ބޯހަލާކުވެގެން ހުރެ ކުރިކަމެއްކަމަށް ވަންޏާ ނުބައިކޮށް ބުނުމަކީ އެކަށީގެންވާ ކަމެއްކަމަށާއި ސަމީނާގެ ގާތުގައިވެސް އެހެން ކިޔައިގެން އެއްބަސްކުރުވާފައި އޮވެދާނެކަމަށް ބުންޏެވެ. އައިޒާން ދުނިޔޭގެ އެއްވެސް ފަރާތަކަށް އިތުބާރުނުކުރާކަން އެނގޭފަދަ ގޮތެއް އޭނަގެ ވާހަކައިގައި ހުއްޓެވެ. އެހެން ނުވާވަރެއްވެސް ނޫނެވެ. ފައިސަލް ހީލެއްވިއެވެ. އޭނައަށް ހުރިހާ ގޮތަކުން އައިޒާން އަކީ ދަރިފުޅުކަން ޔަގީންވިއިރުވެސް އެ ޓެސްޓް ހެއްދިއެވެ. ރިޕޯޓް ލިބުމުން އައިޒާން އަކީ ފައިސަލްގެ ލޭކަން މުޅިން ޔަގީންވިއެވެ. އެއީ ފައިސަލް އަށް މިއިން ޒަމާނެއްގައި ލިބިލެއްވި އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އޭނަގެ "ޒައިން" ފުރިހަމަ ޒުވާނެއްގެ ގޮތުގައި އޭނަ އާއި ހަމަޔަށް ފޮނުވާދެއްވި ފަރާތަށް ޝުކުރު ވެރިވާނެ ގޮތެއްވެސް ފައިސަލް އަކަށް އެނގިއެއް ނުލެއްވިއެވެ.

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. އީޝަލް ވެސް ކޮލެޖަށް ދާންފެށިއެވެ. މައިރާ އަދި އައިޒާން އުޅެނީ އެއްކޮޓަރީގައި ކަމަށްވިޔަސް އެދެމެދުގައި ވަނީ ދުރުހިލޭކަމެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ވެއްޖެއްޔާ ދެކެވެއެވެ. ނޫނީ މީހުން ތިބޭތަންތާގައި ހީލާފައިވެސް ތަންކޮޅެއް ރީތިކޮށް ވާހަކަދެކެވުނަސް އެދެމެދުގައިވާ ގުޅުން ދިޔައީ ހައްތަހާ ހީނަރުވަމުންނެވެ. އައިޒާންވެސް އެ ގުޅުން ރަނގަޅުކުރަން މަސައްކަތެއް ނުކުރެއެވެ. ހިތަށް ތަދުކޮށްލައިގެން މަޑުމަޑުން ހުންނަނީއެވެ. ހިތް އެވަރަށް ބޭނުންވާއިރުވެސް ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކޮށްލައިގެން ހުރީއެވެ. ރެޔާން އަމުދުން މައިރާ އަށް ނުފެންނަން މާބޮޑަށް މަސައްކަތްކުރެއެވެ. ގެއަށް ވަދެލަނީ މަދު ވަގުތެއްގައެވެ. އެހެން ވަންނައިރުވެސް މައިރާ އާއި ދިމާވިޔަސް ބަލައިވެސް ނުލައެވެ.

އައިޒާން ކޮންމެ ދުވަހަކު އޭނަގެ މަންމަ ޒިޔާމާ ގާތުގައި އިނދެ އެތައް ވާހަކަތަކެއް އޭނަ އާއި ދައްކައެވެ. "މިހާރު އިޝޫ ވެސް މަމްގެ ބްލީޑިން ހާޓް ތައް ހައްދަން ފަށައިފި. އެކަމަކު އަދިވެސް ނޫކުލައިގެ އޯކިޑެއް ނުފޮޅޭ. އިޝޫ ހާދަ ރަނގަޅު ކުއްޖަކަށް ވެއްޖެ. މަމް ދެކެ އޭނަ ވަރަށް ލޯބިވާކަން އެނގޭ. ކުރީ ދުވަހުވެސް އަތްކިލާކޮށްގެން އިންދާ އަހާލީމަ ބުނީ މަމްގެ އޯކިޑަށް ގަސްކާނާ އެޅީޔޭ. އެހެންބުނެ ވާހަކަދައްކަމުންގޮސް ރޯންފެށީ. މަމް މަތިން ހަދާންވަނީއޭ ކިޔާފައި. މަމް ގެ އިންތިޒާރުގައި އެންމެން އެތިބީ........." އައިޒާން އޭނަ ފަހަކަށް އައިސް ކިޔަން ފެށި " މަމް" އަދިވެސް "މަންމަ" އެނަމަށް ބަދަލުކުރާކަށް ނޫޅެއެވެ. އީޝަލް ވެސް އޭނަގެ މަންމަ ގާތުގައި ވަގުތު ހޭދަކުރެއެވެ. މަންމައަށް ނިކޮލަސް ސްޕާކްސްގެ ވާހަކަތައް ރީތިވީމަ ކޮންމެ ދުވަހަކުހެން އޭނަގެ ވާހަކައެއް ކިޔާދޭން އިނދެއެވެ. ބައެއްފަހަރު ވާހަކަ ކިޔަން އިންނައިރު އީޝަލްގެ ލޮލުން ކަރުނަ އޮހޮރިގަނެއެވެ. އެ މަންޒަރު ޒިޔާމާއަކަށް ނުފެނުނަސް އެ އަޑުން ދެނެގަނެވޭނެކަން ނޭގެއެވެ. ރެޔާން އަދި ފަރުޒާންވެސް މަންމަ އާއި އެކު ގިނަ ވަގުތުތައް ހޭދަކުރިއެވެ. ނަމަވެސް ޒިޔާމާ ކޯމާއިން ހޭލަފާނެކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ.

މައިރާގެ ބަނޑަށް ދުވަސްވަމުންގޮސް ނުވަމަހަށް ލީއިރުވެސް މައިރާ ހުންނަނީ ހިކިކޮށެވެ. އެކަމަކު ކުރިއަށްވުރެ ތަންކޮޅެއް ފުޅާވެފައި ރީތިކަމަށް ދައްކައެވެ. ކުލަކުލައިގެ ޑަންގޭރީ އާއި މަންމަ ގަނެދޭ ހެދުންތަކުން އޭނަ ގެ ސްޓައިލް ކަމުގޮސްގެން ނޫޅޭ ކުއްޖަކު ނެތެވެ.

ކޮމެންޓް 0