ޢަދަން ގެ ހުނުމުގެ އަޑު ކަންފަތުގައި ގުގުމާލައިފައިވާހެން ހީވިއެވެ. އޭރުވެސް ކޮޓަރި ވަނީ އަނދިރި ކޮށެވެ. ރެޔާންއަށް އޭނަގެ މޭގައި ބޮނޑިވެލައިގެން ނިދާލައިފައި އޮތް މައިރާ އަދިވެސް ގަޔާއި ކައިރިކޮށްލެވުނެވެ. ޢަދަން ދުނިޔެ އާއި ވަކިވެގެން ދިޔަފަހުން ވޭތުވެގެން ދިޔަ ދެމަސްދުވަހުގެ ތެރޭގައި އަދިވެސް އޭނަ އާއި މައިރާ އެއްގޮތަކަށްވެސް އުފަލެއް ހޯދާކަށް ނޫޅެއެވެ. އެކަމަކު ރެޔާންގެ މަސައްކަތުން މައިރާ ވަނީ ފުދޭވަރަކަށް ހަމަޔަށް އެޅި ހިނިތުން ވާން ފަށާފައެވެ. ރެޔާންއަށް އެ އަނދިރީގެ ތެރެއަށް ލޯ ހާނާލެވުމުން ރެކްމަތީގައިވާ ޢަދަންގެ ފޮޓޯތަކަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު އޮވެވުނެވެ. އަދަން ލޯބި ކަމާއި، ހިނިތުންވެލައިގެން ހުރި ގޮތުން ހީވަނީ ފޮޓޯގެ ތެރެއިން ފުންމާލައިފައި އަންނަގޮތަށް "ޑެޑީ" އޭ ކިޔާފައި ރެޔާންގެ ގައިގައި ހިފައިގަންނާނެ ހެންނެވެ. އެކަމަކު ދެން ދުވަހަކުވެސް އެ ދަރިފުޅު ލޮލަކަށް ނުފެންނާނެއެވެ. ރެޔާން ފުންނޭވަޔެއްލައިފައި ލޯމަރާލައިފިއެވެ.

"އިރާދަކުރެއްވިއްޔާ އަހަރެމެންގެ ދަރިފުޅު ވަނީ ސުވަރުގޭގެ މާތް ނިޢުމަތުގައި. އެޑެންގެ ކިހާ ރީތިހުވަފެނެއް އެފެނުނީ. އެޑެން ބޭނުމެއް ނުވާނެ އަހަރެމެން އަބަދަށް ޓަކައި އެޑެންއަށް ޓަކައި ހިތާމަކުރަން. އެކުޑަކުޑަ ފުރާނައަށްވެސް ދަތިވާނެ. އެޑެން ބޭނުން ވާނީ އެޑެންގެ މަންމަ އާއި ބައްޕަވެސް އުފަލުގައި އުޅެން......" ރެޔާން ގެ ބޯ އެސްފިޔަތައް ފޫދުއްވާލި ކަރުނަ ފޮހެލަމުން ހިނިތުންވެލިއެވެ. ރެޔާން އަތްދިއްކޮށްލައިފައި ބެޑްސައިޑް ލޭމްޕް ދިއްލާލައިފިއެވެ. އަލި ތަންކޮޅެއް ފަނޑުކޮށްލައިފިއެވެ. އެ ފަނޑު ރަތްއަލީގައިވެސް މައިރާގެ ދޮންމޫނު ފެންނަނީ އިންތިހާދަރަޖައަށް ރީތިކޮށެވެ. އެ ރަތް ތުންފަތް ދައުވަތެއް ދޭފަދައެވެ. ރެޔާން މައިރާގެ މޫނަށް އުދަގޫކުރަމުން ދިޔަ އިސްތަށިކޮޅުތައް އެއްފަރާތަކަށް ޖައްސާލުމަށްފަހު، އަތްތިލައިން މޫނުގައި ބީއްސާލުމާއިއެކު މައިރާ ކުޑަކޮށް ލޯ ހުޅުވާލާފައި ހުވަފެނީ ގޮތަކަށް ބަލައިލައިފިއެވެ.

"ރެއިން. ކީއްކުރަނީތަ؟" މައިރާ އެސްފިޔަ ތަޅުވާލި ގޮތުންވެސް ރެޔާންގެ ހިއްސުތަކާއި ކުޅެލިއެވެ.

"އައި ނީޑް ޔޫ ބޭބީ. ހާދަ ދުވަހެއް ވެއްޖެޔޭ..." ރެޔާން މައިރާގެ ގަނޑުފެންކޮޅެއްފަދަ ދެއަތްތިލައިގައި ހިފަހައްޓާލަމުން ބުނެލިއެވެ. މައިރާގެ ހިތަށް ކުޑަ ބިރުވެރި ކަމެއް ވަނެވެ. ޢަދަން މަރުވުމުން މައިރާ ނިންމީ ދުވަހަކު ދަރިއަކު ނުހޯދުމަށެވެ. މައިރާ އެއްގޮތަކަށްވެސް އެހެން ކުއްޖެއްގެ އުފަލެއް ބޭނުމެއް ނޫނެވެ. ޢަދަންގެ މަގާމު އެހެން އެއްވެސް ކުއްޖަކަށް ދޭކަށް މައިރާގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. އެހެން ކުއްޖަކަށް އެ ލޯތްބާއި އުފާވެރިކަން އެއްގޮތަކަށްވެސް ނުދެވޭނެއެވެ. މައިރާ ވަނީ ރެޔާން ގާތުގައި އެވާހަކަ ބުނެފައެވެ. އަދި އެކަމަށް މަގުފަހިވެދާނެފަދަ ގުޅުމެއްދެކެވެސް މައިރާގެ ހިތުގައި ބިރުވެރިކަން އުފެދިފައިވެއެވެ. ނަމަވެސް ރެޔާންގެ ޚިޔާލު ތަފާތެވެ. ރެޔާން ބުނީ އެހެން ކުދިންތައް ތިއްބަސް ޢަދަން ދެކެ ވާ ލޯބި ފަނޑުނުވާނެ ކަމުގައެވެ. އަދި އެހެން ކުދިންވެސް ޚާއްސަ ވާނެ ކަމުގައެވެ. ދަރިންނަކީ މާތް ﷲ ދެއްވާ ނިޢުމަތަކަށްވީ ހިނދު ދަރިންގެ އުފަލުން މަޙުރޫމްވާކަށް ރެޔާން ބޭނުމެއް ނޫނެވެ. މައިރާއަށް ޢަދަންގެ ހިތާމަ ކުޑަވާނީ ވެސް އެހެންކުއްޖަކު ހޯދައިގެންކަމަށް ރެޔާން ގަބޫލު ކުރެއެވެ.

"ރެއިން. އެކަމަކު...." މައިރާ ދެކޮޅު ހަދަން އުޅެފައިވެސް ރެޔާންގެ ރީތި ދެލޮލާއި ދިމާލަށް ބަލައިލުމާއި އެކު ހިތާއި ނަފުސް ވެސް އަތުން ވީއްލި އެ ލޮލުގެ ތެރެއަށް ގެބުނެވެ. ސިކުނޑި އާއި ކުޅެލާފަދަ ބާރެއް އެލޮލުގައިވެއެވެ. އެހެންނޫނަސް މައިރާއަށް ވިސްނުނެވެ. ރެޔާން އަކީ އޭނަގެ ފުރާނަފަދަ ލޯބިވާ ފިރިމީހާއެވެ. އެންމެ ފަހަރަކުވެސް ރެޔާންއަށް ނޫނެކޭ ބުނާކަށް މައިރާގެ ޒަމީރު ހުއްދައެއް ނުދޭނެއެވެ. ރެޔާންއަށް ޓަކައި މައިރާ މިހިރީ ކޮންމެ ފަދަ ގުރުބާނީއެއްވެސް ވުމަށެވެ.

"އޯކޭ ބޭބީ. އަހަރެން އެއްގޮތަކަށްވެސް މަޖުބޫރެއް ނުކުރާނަން...." ރެޔާން ވަގުތުން ހަތިޔާރު ބެހެއްޓިއެވެ. ކުރެވުނު ހިތި ތަޖުރިބާއަށްފަހު ރެޔާންވެސް އެވަރު ވިސްނައެވެ. އޭނަ އެއްވެސް ކަމެއް މައިރާއަށް މަޖުބޫރެއް ނުކުރާނެއެވެ. އެ ރޭގެ ހަދާން ތަކުން ލިބުނު ފިލާވަޅުގެ މަތިން ދުވަހަކު ހަދާނެއް ނުނެތޭނެއެވެ.

"ހާދަ ރަނގަޅޭ ރެއިން. އެހެންވެކަން ނޭގޭ މިވަރަށް ލޯބިވެވެނީ. މިހާރު އަހަރެންގެ މުޅި ދުނިޔެއަކީ ވެސް ރެއިން. ވީއިރު ކީއްވެތަ ރެއިން ބޭނުން ކަމެއް ނުކުރެވެންވީ. މަޖުބޫރުކުރާކަށް ނުވެސް ޖެހޭނެ....." މައިރާ ރެޔާންގެ އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލަމުން އެދޭތެރޭގައިވާ ހުސްތަންކޮޅު އަދިވެސް ބޮޑަށް ކައިރިކޮށްލިއެވެ. ޖެހި ފިތިފައިވާ ދެހަށިގަނޑުގައި ޖަޒުބާތުގެ ހުޅު ރޯވާން ސިކުންތުކޮޅެއްވެސް ނުނަގައެވެ. އެތައް ޒަމާނެއްވާންދެން ދުރުގައި އުޅުމަށްފަހު ދުވަހަކުވެސް އެކަކު އަނެކަކަށް ބޭނުންނުވާހާ ބޮޑަށް ހިތް ބޭނުންވިއެވެ. އެހުރިހާ ދުވަސްތަކަށް ވާވަރަށް ލޯބިދޭން ބޭނުންވިއެވެ. އެތައް އިރެއް އެކަކު އަނެކަކުގެ އަތުތެރޭގައި ހޭދަކޮށްލެވުނެވެ.

"ވަރަށް ޓަޔަޑް ވެއްޖެދޯ ޕްލަމް......." ރެޔާން މައިރާ ދެލޯމަރާލައިގެން ހިމޭނުން އޮތުމުން އެ ފަންއިސްތަށިގަނޑާއި ކުޅެލުމުން މައިރާއަށް ވަކިން އަރާމުވިއެވެ. ދެލޯ ހުޅުވާލަންވެސް ބޭނުމެއްނުވިއެވެ. ނާރުތަކުގެ ވާންކަން ކަނޑުވާލައި އެންމެ އިހުސާސް ކުރުވާ ނާރުތައް ހުންނަނީ ބޮލުގައި ކަންނޭގެއެވެ. 

"ހެހެ...." މައިރާ ހިނިތުންވެލިއެވެ.

"ތިއީވެސް ޖަވާބެއްތަ؟ ވަރަށް ލޭޒީ ވެއްޖެ އަސްލުވެސް. އެކަމަކު ނަމާދުކޮށްލައިގެން ދެން ނިދާލާނީ އެހެން ނޫނީ ހެޔެއްނުލެވޭނެ. ހިނގާ ބަބްލްބާތެއް ނަގައިލަން. އަދި މާބޮޑަށް ރިލެކްސް ވާނެ..." ރެޔާން އެދުނެވެ.

"ރެއިން އަހަރެން އުފުލާލައިގެން އެހިސާބަށްވެސް ގެންގޮސްދީ. ރެއިންގެ ކަންތަކުން ތެދުވާހިތެއްވެސް ނުވާހައި ކަންނެތް ވެއްޖެ...." މައިރާ ކުޑަކޮށް އެސްފިޔަތައް ތަޅުވާލައިފައި ބުންޏެވެ. އެތައް ދުވަހަކަށްފަހު ކޮންމެވެސް ވަރަކަށް ސަކަރާތްޖެހުނެވެ. އެއަށްފަހު ފެންވަރާލައިގެން ނަމާދުވެސް ކުރުމަށްފަހު އަނެއްކާ އޭސީގެ ފިނިކަމުގެ ސަބަބުން މާފިނިވާން ފެށުމުން ދެމަފިރިން ކުއިލްޓް ދަށަށް ވަދެ ރަޖާގަނޑުގެ ތެރޭގައި ފޮރުވިގަތެވެ. އެކިވާހަކަތައް ދެކެވެމުންގޮސް މައިރާއަށް އަދަންގެ ވާހަކަ ދެއްކެންފެށިއެވެ.

"ރެއިން. އެކަމަކު ހާދަވަރަކަށް އަހަރެމެންގެ ބޭބީ މަތިން ހަދާންވެޔޭ. އެންމެ ދެރަވަނީ އެއްރޭ ބޭބީ ނުނިދައިގެން ދެގަޑި އިރުވަންދެން އޮތީމަ ތަންކޮޅެއް ބާރަށް ސްލީޕް ނައު އޭ ބުނި ހަދާންވީމަ. އެރޭ ރެއިން ފަހުން އެޑެން ކައިރީ ބުނީމެއްނު މަންމީ ރުޅިއަކުން ބުނިއެއްޗެއް ނޫނޭ، ދަރިފުޅު ނުނިދާތީއޭ. ދެން އަހަރެންނަށް އެރޭ ރޮވުނީ. އެންމެ ފަހުން ރެއިން ބުނީމެއްނު ސްވީޓްހާރޓް އިނަފް އޭ. އެވަރުކަމެއްނޫނޭ. ހަދާންވޭތަ؟ އެއީ އަހަރެން އެކަނި އެޑެންގެ ކަންތަކުގައި ގިލްޓީވާ ތަންކޮޅަކީ. އެނޫނީ ދުވަހަކު ބޭބީ އާއި ދިމާލަށް އެވަރުގެ އެއްޗެއްވެސް ނުބުނަން. އެހާ ސަކަރާތްޖަހައި އެވަރަށް އެއްޗެހި ތަޅާލާއިރުވެސް...." މައިރާ މާޒީގެ ދުވަހެއް ހަދާންކޮށްލަމުން ވާހަކަދެއްކިއިރު ކުޑަކޮށް އަޅައަޅައިގެންފައި ވާހަކަ ދެއްކިޔަސް ނުރޮއި ކާމިޔާބުކުރިއެވެ. ރެޔާން ވަނީ އެވަރަށް ވިސްނައިދީފައެވެ. ދަރިފުޅަށް ޓަކައިވެސް އެމީހުން ޖެހޭނީ އުފަލުގައި އުޅުމަށެވެ. ކިތަންމެ ކުޑަ ދުވަސްކޮޅަކަށްވެސް އެ ތުއްތު ދަރިފުޅު އެމީހުންގެ ހަޔާތަށް ފޮނުއްވާ ދެއްވިކަމަށް ޓަކައި ޝުކުރުވެރިވެ މާތްﷲ އަށް ހަމްދުކުރުމަށެވެ. ދެއްވިފަރާތުން އަނބުރައި ގެންދެވުމުގައިވެސް އެމީހުންނަށް ނޭގުނަސް ހިކުމަތެއް ވެދާނެއެވެ. ދެން އެ ދަރިފުޅުގެ ރީތި ހަދާން ތަކުގައި އުމުރު ހޭދަކުރެވިދާނެއެވެ.

"ހޫމް ލަވް. އަހަންނަށްވެސް ކުށެއްކުރެވުނު. އެރޭ ބޭބީ ހަނދާއި ހެދި އުޅެންހެދީމަ އެންމެ ފަހުން ރޮއްވައިގެންވެސް ގެއަށް ވެއްދުނީ. އެހާ ކުދިކަންތައް އެހެން ހުއްޓަސް އަހަރެމެން ދަރިފުޅު ގެންގުޅުނީ ކުއްޖަކަށް ދެވޭނެ އެންމެ ފުރިހަމަ ލޯތްބާއި އަޅާލުން ދީގެން. އެޑެން ވީ އުފާވެރި ކުއްޖަކަށް. އަބަދު ހީހީ ސަކަރާތްޖަހަން އުޅުނުކުއްޖަކަށް. އަބަދުވެސް އަހަރެމެންގެ ހިތުގައި އެ ދަރިފުޅު ވާނެ. ދަރިފުޅާއި ކޮންމެވެސް ދުވަހެއްގައި ބައްދަލުވަންދެން. ދެން ނިދާލާ އިނގޭ ބޭބީ..." ރެޔާން މައިރާ ގެ އިސްތަށިގަނޑާއި ކުޅެލަމުން މަޑުމަޑުން ވާހަކަދެއްކިއެވެ. މައިރާވެސް ދެލޯމަރާލަމުން ރެޔާންގެ ގައިގައި ބައްދާލި ތަނާހެން ފުން ނިންޖަކަށް ގެބުނެވެ. މައިރާއަށް މުޅިންވެސް ފެނުނީ ޢަދަންގެ ރީތި ހުވަފެންތަކެވެ. ޢަދަން އުފަލުގައި އުޅޭތަނެވެ. އެ ހުވަފެންތަކުގައި އޮތްއިރު މައިރާގެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ.

ރާދާ އެގެއަށް އައީ ސުލްތާނާ ލައްވާ އާދޭސް ނުކުރުވަން ވެގެންނެވެ. އެހެންނޫނަސް އޭނަގެ ފިރިމީހާގެ ގޭގައި އުޅުމުގެ ހައްގު އޭނައަށްވެސް އޮންނާނެކަން ގަބޫލުވެސް ކުރެވޭތީ އާއި އެކީގައި، ސުލްތާނާ އަށް މާފުދިންކަމަށް ސުލްތާނާ ގަބޫލު ކުރާނީވެސް އެގެއަށް ބަދަލުވުމުން ކަމަށް ދެކިގެންނެވެ. ނަމަވެސް އެގޭތެރެއިން އައުޒަމް ތާއަބަދު ފެންނަން ފެށުމުން ރާދާއަށް އިތުރު މައްސަލައަކަށް ވިއެވެ. އައިމަން އެންމެ ފަހު ވަގުތު ކުރެއްވި ވަސިއްޔަތް މަތިން ހަދާންވެ، ހިތަށް އުދަގޫ ކުރާން ފަށައިފިއެވެ. ރާދާ ކާކޮޓަރިއަށް ވަންއިރު އައުޒަމް އިނީ ކާކޮޓަރީގެ މޭޒު ކައިރީގައި އެކަނިމާއެކަނިއެވެ. އަމިއްލައަށް ކާން އިންއިރު އެލޮލުގައި ހިތާމަވެރި އަސަރު ތަކެއްވިއެވެ. ރާދާ ވަންވަގުތު އައުޒަމް ގެ އަތުން އޮމްލެޓް ތަށި ބަންޑުންވިއެވެ. އަމިއްލައަށް ގުދުވެ އެވަރުގެ ކަމެއްކޮށްލެވޭނެ ފަދަ އިންސާނެއް ނޫނެވެ. އެ މަންޒަރު ފެނުމުން ރާދާގެ ހިތަށް ރަހުމް ވަނެވެ. އެ ފޮނި ބޮޑާ އައުޒަމް މިވަނީ ހާދަ މަޖުބޫރީ އިންސާނަކަށް ވެފައެވެ. ކުދިކުދި ކަންތަކުގައި ވެސް އެހެން މީހުންގެ އެހީއަށް ބޭނުންވެފައެވެ. ރާދާ ވަގުތުން ތަށްޓަކަށް އެހެން އޮމްލެޓެއް ލާފައި އައުޒަމްއަށް ދިއްކޮށްލާފައި ތަޅުންމަތި ސާފުކޮށްލައިފިއެވެ.

"ތޭންކްސް....." އައުޒަމް އިނީ ލަދުން އިސްއުފުލާ ބަލައިލަންވެސް ނުކެރިފައެވެ. އޭނައަކީ ރާދާގެ ގާތުގައި ކުށްވެރިވެފައިވާ އިންސާނެކެވެ. އެއީ އާދައިގެ ކުށެއްވެސް ނޫނެވެ. ބޭބެގެ އަންހެނުންނަށް ރާ ބޯންދީގެން އޭނަ ގޮވައިގެން ރިޒޯޓެއްގައި އުޅެ ނުކުރަނީ ކޮން އަމަލެއް ހެއްޔެވެ؟ ނުވީތާކަށް ރާދާ އޭނަގެ ދަރިއަކަށް ބަލިވެ އިނީއެވެ. އެކަމަކު ރާދާ އަކީ މާތް އަންހެންކުއްޖެކެވެ. އައުޒަމްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ރާދާ އެނބުރިދާން އުޅެފައިވެސް ކޮންމެވެސް އެއްޗެއް ވިސްނައިލުމަށްފަހު އައިގޮތަށް އައުޒަމް ގެ ގާތުގައި ހުއްޓުނެވެ.

"އައުޒަމް. އަހަރެން ނެތިން ދުވަހަކު މާފުކުރާކަށް. އެކަމަކު އައުޒަމްގެ ބޭބެ ނިޔާވިއިރު ކުރެއްވި ވަސިއްޔަތް ފުރިހަމަ ކުރަން އެއްބާރުލުން ދޭން އަހަރެން މިހިރީ ތައްޔާރަށް. އަހަންނަށް އެގޭ މިއަދު އައުޒަމްއަށް ހަގީގަތުގައި އަންހެނެއްގެ ބޭނުމެއް ނުވާނެކަން. އެކަމަކުވެސް އަހަރެން މިހިރީ އައުޒަމްގެ އަންހެނުންގެ ގޮތުގައި މުޅި ހަޔާތް ވޭތުކުރަން....." ރާދާ އައުޒަމް އާއި ކައިވެނި ކުރަން ޖެހިލުމެއްނެތި އެއްބަސްވެފައި އެތަނުން ނިކުމެގެން ދިޔުމުން އައުޒަމްއަށް ބަލަހައްޓައިގެން އިދެވުނެވެ. އައުޒަމްގެ ހިތުގައި ކުޑަކުޑަ އުފާވެރިކަމުގެ ހުޅުކޮޅެއް ރޯވިއެވެ. ރާދާއަށް މިއަދު އެހެންކަމެއް ކޮށްނުދެވުނަސް އޭނަގެ އަންހެނުން ގޮތުގައި އޭނަގެ ކުރިމަތީގައި ހުރުމަކީވެސް އައުޒަމްގެ ނިވެމުންދާ ހަޔާތަށް ލިބޭ އުއްމީދެކެވެ.

އަންވަރު ކީމޯތެރަޕީއަށް ފަހު ހޮޑުލަމުންގޮސް ދެތިން ދުވަސްވަންދެން ލޯހުޅުވާލާނެ ވަރެއް ނެތިފައި އޮންނަން ޖެހުނެވެ. ހަންގަނޑާއި، ނިޔަފަތި ތަކަށް ދާންދެން ކަޅުވިއެވެ. ކާއެއްޗެއްގައި އެއްވެސް ރަހައެއް ނުދެއެވެ. ލޮޑުވިވަރުން އަންވަރުއަށް ހީވީ ދުނިޔެމަތީގައި ވެސް އަޒާބެއް ލިބުނުހެންނެވެ. މިއަށްވުރެ މަރުވިޔަސް މާ ހިތްފަސޭހަވާނެއޭ ކިޔާފައި، ފިނޑިވެ ރުއިން ނޫންކަމެއް އޭނައަކަށް ނުކުރެވެއެވެ. މުޅިންވެސް ޝަކުވާތަކާއި މައްސަލަތަކެވެ. އަންވަރުގެ އަންހެނުން ހުރީ ބޯހަލާކުވެފައެވެ. އަންވަރު އަށް ކެވޭ އެއްޗެއްވެސް އިންޑިއާ އަކުން ނުފެނުނެވެ. އެހެން މީހުން ތެލުލި ކުކުޅާއި، އެއްޗެހި ކާތަން ފެނުނީމަ އަންވަރުގެ ހިތަށް އެލިބޭދަތިކަން ބަޔާންކުރެވޭ ވަރެއްނޫނެވެ. ނަމަވެސް އޭނަ އުއްމީދު ކުރަނީ އެބަލިން ރަނގަޅު ވާނެ ކަމަށެވެ. ޑޮކްޓަރު ބުނީ އެ އިންޖެކްޝަންގެ ސަބަބުން ނުގުޅޭ އަސަރުތައް ދިމާވީ ކަމަށެވެ. 

އަންވަރު ދުޢާ ކުރީ އަވަހަށް ރަނގަޅު ވެގެން މާލެއަށް އެނބުރި ދިޔުމަށެވެ. އޭނަ ނިންމަން ޖެހޭ ބަޔެއްކަންތައް އެބަހުއްޓެވެ. ފަންޑިތައިން އެ އާއިލާއަށް އަސަރު ނުކުރިޔަސް އޭނަ އިތުރު މީހަކާއި ހިއްސާ ނުކޮށް ކުއްލިއަކަށް ގޮސް އެއިން މީހަކަށް ހަމަލާދިނުމުން ޖިންނި އަކަށްވެސް ނުހުއްޓުވޭނެކަން އޭނަ ވަނީ ދެނެގެންފައެވެ. ޖިންނިންނަށްވެސް އޭނަގެ ސިކުނޑީގައިވާ އެއްޗެއް އެހާ ފަސޭހައިން ދެނެ ނުގަނެވޭނެއެވެ.

"އަހަރެން މަރުވާނީ އަދި އައިޒާން ނޫނީ ރެޔާން ނިންމާލާފައި...." އަންވަރު ހިތާހިތުން ޔަގީންކުރިއެވެ. އަންވަރުއަށް ނޭގުނީ އެ އާއިލާއަށް ޢަދަން ގެއްލުމުގެ ހިތާމަ ލިބުނުކަމެވެ. އެހެންނޫންނަމަ އެއީ އޭނަ އުފަލުން ޕާޓީ ދޭނެ ފަދަ ޚަބަރަކަށް ވާނެއެވެ.

މިރެއަކީ ފަރުޒާން އާއި އަޔާނާގެ ކައިވެނީގެ އަހަރެއް ފުރުނު ރެއެވެ. މިދުވަސްކޮޅުގެ ގޮތުން އެހާ ކުލަގަދަކޮށް ފާހަގަ ނުކުރިޔަސް އެރޭ ދެމަފިރިން ކެއީ ހޮޓަލަކުންނެވެ. ފަރުޒާން އޭނަގެ މަންމަމެން ގާތުގައި ކޮޓަރީގައި އުޅެލާފައި އަމިއްލަ ކޮޓަރިއަށް ވަންއިރު އަޔާނާ ވަނީ ކޮޓަރި ރަތް އުށްބައްތި ތަކުން ޒީނަތްތެރި ކޮށްލާފައެވެ. ކޮޓަރީގައި ވަނީ އެހާ ލުއި މީރުވަހެކެވެ. އެރަތްއަލީގެ ތެރެއިން އަޔާނާގެ ރީތިކަން ފެނުމުން ފަރުޒާންގެ ހިތްވަގުތުން އަތުން ދޫވިއެވެ. 

"އާހް ޔާން ޑާލިން. ހާދަ ބިއުޓިފުލް ސަޕްރައިޒެއް....." ފަރުޒާން އެއައި ގޮތަށް އޭނަގެ ބާރުގަދަ އަތުގެ ތެރޭގައި އަޔާނާ ބޮނޑިކޮށްލި ގޮތުން އަޔާނާގެ ދެފައިވެސް ބިންމަތީގައި ހަރުނުލިއެވެ. އަޔާނާގެ ހޯމޯން މައްސަލަތަކެއް ހުރުމުގެ ސަބަބުން މި ޅަ އުމުރުގައި ވެސް އޭނަ ވަނީ ކާވެނީގެ ގުޅުމަށް ޝައުގުވެރިކަން ކުޑަވެފައެވެ. ވޭން އިހުސާސް ކުރުމާއި އެކު އެންމެ ބޮޑު މައްސަލައަކީ ދަރިން ނުލިބޭނެކަން މާބޮޑަށް ޔަގީން ކުރުމުގެ ސަބަބުން އަޔާނާ އެފަދަ ކޮންމެ ވަގުތެއްގައި މާބޮޑަށް ކަންބޮޑުވެ ޓެންޝަނަށް ދިޔުމެވެ. އެއްގޮތަކަށްވެސް ރިލެކްސް ނުވުމެވެ. މިހާ ޚާއްސަ ރެއެއްގައިވެސް އަޔާނާ އެހާބޮޑަށް އެކަމަކަށް ޝައުގެއްނެތެވެ. ނަމަވެސް ފަރުޒާން ތަފާތެވެ. އަޔާނާގެ ރީތިކަން އޭނަގެ ހިއްސުތަކާއި ކުޅެލިއެވެ. އާދައިގެ މަތިން މިރޭވެސް އަޔާނާ އުޅުނީ ކަންބޮޑުވެގެންނެވެ.

"ޒެފް. އެގޭ ދެން ދުވަހަކުވެސް ބޭބީއެއް ނުލިބޭނެކަން. އަސްލު މިއީ ބޭކާރު ކަމެއް. ވަރަށް ދެރަވޭ...." އަޔާނާ ގެ ލޮލުގައި ކަރުނަތިކިތައް ވިދަންފެށިއެވެ.

"ނޫން ޔާން. އެގޮތަށް ނުވިސްނަބަލަ. ވެދާނެ ކޮންމެ ފަހަރަކު ޔާން ތިގޮތަށް ޓެންޝަން ވާތީ ކަމަށް ބޭބީ އެއް ނުލިބެނީ. ތަންކޮޅެއް ހަމަޖެހިލައިގެން ބޭބީގެ ޚިޔާލު ހިތުން ފިލުވާލަބަލަ....." ފަރުޒާންގެ ގޯނާތަކުން އަޔާނާ ހެއްވާލައިފިއެވެ. އިރުކޮޅަކަށް ނަމަވެސް އޭނަގެ ޚިޔާލުން އެޑަން އާއި ބޭބީސްއިންތައް އެއްފަރާތްކޮށްލަން މަޖުބޫރު ކުރުވިއެވެ. އުށްބައްތިތައް ވިރެމުންދިޔަ އިރު ކޮޓަރީގެ ފާރުތަކުގައި ނަށަމުންދާ ހިޔަނި ތަކާއި ދިމާލަށް ބަލަން އޮވެފައި ފަރުޒާން ނިދެމުން ދިޔައިރުވެސް އޭނަ ހެއްދެވިފަރާތަށް ދުޢާކުރީ ދަރިއަކު ދެއްވުމަށެވެ. ނިދެމުން ދިޔަ އިރު ފަރުޒާން ގެ ސިކުނޑިން ހީވީ ހުރިހާ ބުރައެއް ލުއިވެ، ހިތަށް ފިނިކަމެއް ލިބުނުހެންނެވެ.

ހުޅުމާލެ ޖެޓީއަށް ލޯންޗު މަޑުކޮށްލުމުން އައިޒާން ލުއިފަތްކޮޅެއްފަދައިން އީޝަލް އުފުލާލުމަށްފަހު ތޮށިގަނޑު މަތީގައި ބެހެއްޓުމުން އީޝަލް ކުޑަކޮށް އައިޒާންގެ ގައިގައި ބައްދާލިއެވެ. ދެމަފިރިން އެފަދަ ސަމާސާކޮށް ގާތްކޮށް އުޅޭއިރުވެސް ވަކި ލިމިޓެއް އެދޭތެރޭގައި އޮވެއެވެ. އައިޒާން ހުންނަނީ އެ ރޮގު ހުރަސް ނުކުރަން ނިންމައިގެންނެވެ. އީޝަލްވެސް ހުންނަނީ ޚާއްސަ ދުވަހަކަށް ބަލަބަލައެވެ. ނޫނީ ޚާއްސަ ވަގުތަކަށެވެ. އަދިވެސް ދެމަފިރިން ވަކިކޮޓަރީގައި އުޅޭއިރު އެފަދަ ފުރުސަތުތައް ލިބުން ވެސް މަދެވެ. ނަމަވެސް އީޝަލްއަށް މިހާރު ކޮންމެވެސް ދުވަހަކުން އައިޒާން އޭނަގެ މީހަކަށް ވާނެކަމުގެ އުއްމީދު ވަރަށް ބޮޑަށް އޮވެއެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނެ ކަމަށް ބުނެވޭ އިރު އޭނަ މިވަރަށް ކެތްކުރާ އިރު އޭގެ އަގު ލިބޭނެއެވެ.

"މަންމަގެ ޗޮއިސް ރަނގަޅު ދޯ. މިހާ ހިމޭންތަނެއްގައި ބަގީޗާ ހައްދާލައިގެން އެކަނިމާ އެކަނި ގެއެއްގެ ވެރިކަން ކުރަން. އަހަރެމެންވެސް މިރަށުގައި ގެއެއް އަޅައިގެން ބަދަލުވާނީ ދޯ......" އައިޒާން އީޝަލް އާއި އެކުގައި ހިނގައިގަތް އިރު ދެއަތްތިލަ މަހާލެވިފައިވެއެވެ. ދިމާވާހާ ބަޔެއްގެ ތޫނު ނަޒަރުން ހީވަނީ ދެލޮލުންވެސް ކާލަފާނެހެންނެވެ. ނަމަވެސް އައިޒާންމެން އަމިއްލަ ވާހަކަތަކަށް ގެއްލިފައި ތިބިވަރުން އެހެން ބަޔަކު ބަލާކަން ރޭކާލާހެނެއް ހިޔެއްނުވެއެވެ.

އައިޒާން މެންނަށް ދާދިއަވަހަށް އެމީހުން ދާންވީ މަންޒިލްއަށް އާދެވިއްޖެއެވެ. މޫދު ކައިރީގައި ހުރި ކުޑަގެއެއްގެ މެދުގޯތީގައި ސަމީނާ ގަސްތަކަށް ފެންދިނުމުގައި އަވަދިނެތި އުޅެއެވެ. ސަމީނާ ހިނގައި، ފަތާއުޅެން ފެށިފަހުން ލައްކަތަން ހިކި ގައިގެ މަސްތައް ވިރެންފެށިއެވެ. ސަމީނާއަށް އެކުދިން ފެނުމުން ހުރިހާ ދަތްތައް ފެންނަވަރަށް ހެވިލާފައި ހުރެ އަވަހަށް އެކުދިންނަށް ސައިދޭން އުޅުނެވެ. ސަމީނާގެ އާ ފިރިމީހާ ނާޒިމް، ސަމީނާއަށް މިގެ ދިން ފަހުން ސަމީނާ ގެ ދިރިއުޅުން ވަނީ ދުވަހަކު ނުވާހާ އުފާވެރިވެފައެވެ. އެތައް އަހަރު ހިތްދަތި ނިކަމެތި ދިރިއުޅުމަކަށްފަހު ސަމީނާ އެންމެ ބޭނުންވި ދިރިއުޅުން ލިބުނީއެވެ. "ނާސި" އެއްގެ ގޮތުގައި ލޭބަލްވެ އެތައް އަހަރެއްވާންދެން އަގެއްނެތް ދިރިއުޅުމަކަށްފަހު، ސަމީނާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެއްޖެއެވެ.

ސަމީނާ އެކުދިންނަށް ސައިދިނީ ކުޅި ބޯކިބަލާއި، ގުޅަ އާއި އެކުގައެވެ. ސަމީނާ ހަދާ ބޯކިބާ މީރުވެގެން އައިޒާން އަބަދުވެސް އެވާހަކަ ދައްކާތީ މިއަދު ސަމީނާ ޚާއްސަކޮށް އައިޒާންއަށް އަޅާދިން ބޯކިބަލެއް ކަމަށް ބުނެލިއެވެ. އިރުއޮއްސުމުން އައިޒާން ނަމާދަށް ދިޔުމުން، ސަމީނާ ގާތުގައި އީޝަލް ވެސް ޖޯލީގައި އޮށޯތެވެ. ސަމީނާ އޭނަގެ މާޒީގެ ވާހަކަތައް ކޮންމެވެސް ވަރަކަށް އީޝަލް އާއި ހިއްސާކުރިއެވެ. އޭނަ ކުޑައިރު މުއްސަންޖަކު އޭނަގެ އިއްފަތްތެރިކަން ނަގާލިގޮތުގެ ވާހަކަވެސް ކިޔާދިނެވެ. އެމުއްސަދި މީހާ އަކީ އީޝަލްމެންގެ ޝާހީ ޚާންދާނުގެ މީހަކަށް ނުވިކަމަށްޓަކައި އީޝަލް ޝުކުރުވެރިވިއެވެ. އަދި ސަމީނާ އެހެން މިހެން އުޅުމުގެ ތެރޭގައި ނާޒިމް ކިޔާ ރީތި ޒުވާނަކާއި ރައްޓެހިވެގެން ދަރިއަކަށް ބަނޑުބޮޑުވި ކަމަށާއި އެ ދަރިފުޅު އުފަންވެފައި މަރުވުމުން އެ ދަރިފުޅުގެ ބަދަލުގައި އައިޒާން ލިބުމުން އުފާވިކަމަށްވެސް ބުންޏެވެ. އޭރު ނާޒިމްއަށް އާއިލާއިން މަޖުބޫރު ކުރުމުގެ ސަބަބުން އޭނަ އެހެން އަންހެންކުއްޖަކާއި ކައިވެނި ކުރިއެވެ. ނަމަވެސް ސަމީނާ އާއި ދެމީހުންގެ ސިއްރު ގުޅުންވެސް ކުރިއަށް ދިޔައެވެ. ސަބީން އާއި ނީލާގެ ބައްޕައަކީ ވެސް ނާޒިމްއެވެ. ނާޒިމްގެ އަންހެނުންނަކީ ރުންކުރު ރުޅިގަދަ މީހެއްކަމަށާއި އަބަދު މައްސަލަ ޖެހެމުންގޮސް އެންމެ ފަހުން ނާޒިމް އޭނަ ދޫކޮށްލާފައި އަބަދުގެ އަބަދަށްޓަކައި ސަމީނާ ގާތަށް އައީއެވެ. 

އީޝަލްއަށް މަޖާވިއެވެ. އެއީވެސް ލޯބީގެ އާ ވާހަކައެކެވެ. ޒުވާން އިރުއްސުރެ ރައްޓެހިވެގެން އުޅުނު ދެ ލޯބިވެރިން މެދު ޢުމުރުގައި ލޯބި ހާސިލުކޮށްގެން އެންމެ ފަހުން ރީތި ދިރިއުޅުމެއް ހޯދީއެވެ. ނާޒިމް އަކީ މާ މުއްސަދި މީހަކަށް ނުވިޔަސް މާލޭގެ ރައްވެއްސަކަށްވެފައި ގެދޮރު ހުރުމާއިއެކު މަސައްކަތްތެރިއަކަށް ވީތީ އޭނަ އުޅެނީ ތަނަވަސް ދިރިއުޅުމެކެވެ.

ރޭގަނޑު ކެއުމަށްފަހު އައިޒާން އާއި އީޝަލް އަތިރިމަތީގައި ހިނގާލަން ދިޔައެވެ. އޭރު އުޑުމަތީގައި އެތައްހާސް ތަރިތަކެއް ފިޔަޖަހަމުން ދިޔައެވެ. އޮރެންޖު އަދި ނުލާއި ފެހިކުލައިގައި ފެންނަ ތަރިތައްވެސް އެދެލޯބިވެރިންގެ އުފާތަކުގައި ބައިވެރިވަމުންދާފަދައެވެ. ރާޅުތައް އައްސޭރިއަށް ބީއްސާލާ އަޑު ފަޒާގައި ހިފާލާފައި ވަނީ ލުއި މިއުޒިކެއް ފަދައިންނެވެ. ލޮނުގެ އަސަރުއެކުލެވޭ ތެތް ވައިރޯޅިތައް ހުރަހެއްނެތި އީޝަލްގެ ގައިގައި ބޮސްދޭން ފެށުމުން ފިނިވާގޮތްވެ އޭނަ އަދިވެސް ބޮޑަށް އައިޒާން އާއި ގާތްވެލިއެވެ. އައިޒާން އީޝަލްގެ އުނަގަނޑުގައި އަތްއަޅުވާލަމުން ހިނިތުންވެލި އިރު އަނދިރީގެ ތެރެއިންވެސް އެ ބްލީޗް ހުދު ދަތްތައް ވިދަމުންދިޔައެވެ.

ކޮމެންޓް 0