އައިޒާންއަށް އިރުއިރުކޮޅާ މައިރާގެ ދޮންމޫނަށް ބަލާލެވެއެވެ. ކޮންފަދަ މައުސޫމްކަމެއްހެއްޔެވެ؟ ތާޒާ ފިނިފެން މަލެއް ފަދައެވެ. އައިމަންގެ ބަގީޗާގައި ފޮޅިފައިވާ އެންމެ މަލެއް އޭނަ މިދަނީ ސިއްރުން ބިދެލައިގެންނެވެ. މިކަމުގެ ސަޒާ ލިބޭނީ ކިހިނެއްކަމެއް، ކޮން ވަގުތަކުކަމެއްވެސް ނޭނގެއެވެ. ނަމަވެސް ބޯމަތިވަމުން އަންނަ ތޫފާނެއްގެ އިންޒާރު އައިޒާންގެ ސިކުނޑީގެ ކަނަކުން ކުރުވިއެވެ. ކޮންމެވެސް ކަމެއް ގޯސްވާން އުޅޭކަމަށް ހިތްބުނެއެވެ. ނަމަވެސް ނޭގުނީ، ނުވިސްނުނީ އޭނަގެ ހިތް ނުތަނަވަސްވާންޖެހޭ ސަބަބެކެވެ.
އިންޑިއަން އެއަލައިންސް ޓްރިވެންޑްރަމްގެ ވައިގެ ބަދަރުގައި ޖެއްސުމުން އައިޒާން އާއި މައިރާ އަވަހަށް ލަގެޖްތައް ދަމަމުން ބޭރަށް ނުކުތެވެ. ވަރަށް ތަފާތު އާ މާހައުލެކެވެ. އައިޒާން ކާރެއް ހޯދާފައި ޑްރައިވަރު ގާތު އެމީހުން ގޮވައިގެން ކޯލަމް ބީޗަށް ދާން އެދުނެވެ. އެއީ ޓޫރިސްޓް ސަރަހައްދަކަށްވެފައި މޫދުވެސް އޮތުމާއިއެކު މައިރާފަދަ ބަލި ކުއްޖެއްގެ ސިއްހަތަށްވެސް އެކަށީގެންވާނީ އެފަދަ ހިމޭން ތަނެއްކަމަށް އައިޒާން ގަބޫލުކުރި އެވެ. ސިޓީގެ ވިހަ ކުނިބުންޏާއި ހަލަބޮލިކަމާއި ދުރުގައި އުޅުމުން މައިރާގެ ހިތާމަތައްވެސް ކުޑަވެދާނެއެވެ. ނަމަވެސް ކޯލަމްއަށް ދެވުނީ ފުދޭވަރަކަށް ދިގު ދަތުރަކަށްފަހުގައެވެ. އެހިސާބަށް ދެވުނުއިރު މައިރާ އިނީ ވަރުބަލިވެ ނިދިއަންނަ ގޮތްވެފައެވެ. މޫދުގެ ކުރިމަތީގައިވާ ހޮޓެލެއް ބުކްކުރުމަށްފަހު ރޭގަނޑު ކާން ދިޔައީ އެ ހޮޓަލުގެ ތިރީގައިވާ ރެސްޓޯރެންޓަށެވެ. އެތަން ދިއްލާއަޅާފައިވަނީ އުށްބައްތިތަކުންނެވެ."ކަބީ ކަބީ މެރެ ދިލްމޭ" އެ މަޑުމައިތިރި ލަވައިން ހިތްތައް ޖަޒުބާތީ ކުރުވައެވެ.
"މޭއި..އަސްލުވެސް ތަރިތަކުގެ ދުނިޔޭން މިބިމަށް ފޮނުއްވީ އަހަންނަށްޓަކައޭ ހިތަށް އަރަނީ.." އައިޒާން އުޅަބޮށި މޭޒުމަތީގައި ވިއްދާލައިގެން އިނދެ ހިތްފުރެންދެން މައިރާގެ މޫނަށް ބަލަމުން ދިޔައެވެ. ނަށަމުންދާ އުށްބައްތިތަކުގެ އަލީގައި މައިރާގެ ރީތިކަން އޭނަ ހައިރާންކުރުވިއެވެ. ޚާއްސަކޮށް އެ އަޅި ދެލޮލަށް ސިހުރެއް ވެރިކުރުވަމުން ދިޔައެވެ. ކިތަންމެ ވަރަކަށް ބެލިޔަސް އައިބެއް ނުފެނުނެވެ.
"ޒާން ހާދަހާ ޕޮއެޓިކް އޭ ދޯ..."މައިރާ ކުޑަކޮށް ހާސްވިއެވެ. އޭނަ އާއި އައިޒާންގެ ކައިވެންޏަކީ އަދި ހަގީގަތެއްނެތް، ދަޅައެއްކަން ހަނދާންކޮށްދޭން ބޭނުންވިއެވެ. ނޫނީ ނުދާންވީ ހިސާބަކަށް ދެވިދާނެއެވެ. އަދި މައިރާއަށް ވަގުތު ބޭނުމެވެ.
"ލަވައިގެ ބައިތު އަހަންނަށް އެނގުނު ގޮތަކަށް މާނަކޮށްލީ..."އައިޒާން ކުއްލިއަކަށް ލަވައިގެ ތަންކޮޅެއް ކިޔާލުމުން މައިރާ އިނީ ހުއްޓިފައެވެ. ހީވީ ރެޔާން ގެ އެ ޖާދުވީ އަޑުން ހިތާއި ކުޅެލިހެނެވެ. ހާދަ ރީތިކޮށް އައިޒާންއަށް ލަވަކިޔަން އެނގެއެވެ. ރާގުއަޅުވާލިއިރު މުކޭޝް ފަހަތަށް ޖައްސާލާހާ ފުރިހަމައެވެ.
"ވާއު..ޒާން ލަވަކިޔުންތެރިއަކަށްވާންވީނު..ހާދަ މޮޅޭ.."މައިރާ އިނީ އައިޒާން ޖެހިލުމެއްނެތި ބަލަހައްޓައިގެން އިންގޮތުން ލަދުގަންނަގޮތްވެފަ އެވެ. އޭނަ ލުނބޯ ޖޫސްތަށި ތުބުގައި ޖެހިއެވެ. ބަރު އެސްފިޔަތަކުން ލޯ ފޮރުވާލުމުން އައިޒާންގެ ހިތަށް ތަދުވިއެވެ.
"ހަމައެކަނި އަހަރެންގެ ގާލްއަށް ލަވަކިޔާދޭނީ...ލައިކް.. ޔޫ ނޯ... ބެޑްޓައިމް ސްޓޯރީސްތައް ކުދިންނަށް ކިޔާދޭގޮތަށް މަގޭ ވައިފް ނިދެންދެން ލަވަކިޔާދޭނީ...އެގޮތް ރަގަޅުތަ؟ " އައިޒާން ގެ އެ ޖުމްލައިން މައިރާ އަނެއްކާ އެސްފިޔަތައް ހިއްލާލާފައި އެ ރީތި ދެލޯ އައިޒާން ގެ މޫނަށް ހުއްޓާލައިފި އެވެ. އައިޒާންގެ ހިތް އަވަސްވިއެވެ. އެ ލޮލުގެ މަސްތުގައި ޖެހި ދުނިޔެމަތިން ހަދާންނެތޭ ގޮތްވިއެވެ.
އައިޒާންގެ ފޮރުވިފައިވާ ލާނެތް ބަޔެއްހުރިކަން އެރީތި ލޮލުގައި ވާ ވިދުވަރުން މައިރާ ދެނެގަތެވެ. އައިޒާން ދަސްވިވަރަކަށް އައިޒާންގެ ސިފަތަކާއި މިޒާޖުން ފެންނަމުންދަނީ ރެޔާންއެވެ. މިއީ ރެޔާންގެ ހިޔަނިފަދަ އެވެ. މިވަރުން ދަންޏާ އޭނަ ގެ ސިކުނޑިން ރެޔާންގެ ޚިޔާލުތައް ދުވަހަކުވެސް ނެރެއެއްލާލާނެގޮތެއް ނޯންނާނެއެވެ. އެވަގުތު އައި ވައިރޯޅިއަކާއިއެކު އައިޒާންގެ އިސްތަށިގަނޑު ހާވާލައިފިއެވެ.
"ވަރަށް ކިއުޓް.."މައިރާ އަށް ހެވިއްޖެ އެވެ.
"އަހަރެންތަ؟ ނޫނީ ލަވަތަ؟ "އައިޒާން ދަތްދޮޅިގައި ދެއަތްތިލަ ޖައްސާލައިގެން ނުކައި ބަލަހައްޓައިގެން އިންއިރު ކާކަށްވެސް ހިތަކަށް ނޭރިއެވެ. މައިރާއަށް ބަލަހައްޓައިގެން އިނީމަ ބަނޑު ފުރެނީ ކަންނޭގެއެވެ. އައިޒާން އޯޑަރުކުރި އެއްޗެހީގެ ކުޅުދިޔާވާފަދަ މީރުވަސް މުޅި ހިސާބަށް ފެތުރެން ފެށުމުން މައިރާ މޭ ނުބައިކުރަންފެށި އެވެ. ނަމަވެސް ރަހަ ރަނގަޅުހެން ހީވެއެވެ. އިންޑިއަން ހަވާދުގެ މީރުރަހަ ބަލާލާކަށް ބޭނުމެއް ނުވިއެވެ. އޭނަ ކުޑައިރު ޗިކަން ސިކްސްޓީފައިވް ކަހަލަ އެއްޗިއްސާއި ބިރިޔާނީ މީރުވެގެން އުޅުނު ހަދާންވި އެވެ.
"ލަވަވެސް..ޒާންގެ ވައިލްޑް އިސްތަށިގަނޑުވެސް..ދެން ކައިބަލަ...ކާއެއްޗެހި ހިހޫވެދާނެ.." މައިރާ ތަށިތައް އައިޒާންއާއި ގާތަށް ޖައްސާލައިފި އެވެ.
"ދެން މޭއި ބުނީމަ ގަދަކަމުންވެސް ކާންވާނެ.."އައިޒާން ކެއުމަށް ފޯރިއެއް ނެތްގޮތަކަށް އުލާއި ސަމުސަލުން އެތިކޮޅެއް އަނގަޔަށްލިއެވެ. އެކަމަކު އިރުކޮޅަކުން ކެއުން މީރުކަމަށާއި މައިރާވެސް ރަހަބަލާލަން އެދުނެވެ. މައިރާ އަނގަޔަށް ގޮތެއް ހަދާލުމުން އައިޒާން ހުނެވެ. އައިޒާން އިނީ މިރޭ ހަގީގަތުގައި ވަރަށް އުފާވެފައެވެ. ބުނެދޭން ނޭގޭފަދަ ފިނިކަމެއް ހިތަށް ލިބިފައިވެއެވެ. މައިރާގެ ހުނުމުން ވަކިން ބޮޑަށް ހިތަށް އުފާލިބި މައިރާ ހެއްވަން ބޭނުންވިއެވެ. އެހެންވެ މައިރާގާތުގައި އެގޭގެ ޑްރައިވަރު "ހަޖާމުބެ" އާއި މަގުމަތިން ދިމާވެގެން ދެކެވިފައި ހުރި ވާހަކަތައް ކިޔާދިނެވެ. އޭނަ މަގުމަތިން ފެނުނަސް އަންވަރުގެ މޫނު ބަނަވާ ކަމަށާއި އެވަރަށް ޖައްސާލައިގެން އުޅޭ ސަބަބެއް އެއްގޮތަކަށްވެސް ނޭގޭކަމަށް އައިޒާން ބުންޏެވެ.
"އެހެންވީމަ އަހަރެމެން އެކީގައި ފެނިއްޖެއްޔާ އަނބުރައިގަންނާނެ ދޯ..މާލެގޮސްފައި ދެމީހުން ކޮންމެހެންވެސް އަންވަރުއަށް ދަޅުދޭންވާނެ.. އަނަގަ ސަކަރާތްވާނެކަން ޔަގީން.. ބީއެމް ޑަބުލިއު އެއް ދުއްވުނީމަ ރަސްކަލެއްކަމަށް ހީކޮށްގެން އޭނަ އެހުންނަނީ.."އައިޒާންގެ ލާނެތް މިޒާޖުގެ ސަބަބުން މައިރާގެ ހިތާމަތައް ކޮންމެވެސް ވަރަކަށް ފިލާ ހީހެދިއެވެ. އައިޒާންގެ ހިތްހެޔޮކަމާއި އަޅާލުން އަދި އުޅެން ފަސޭހަކަމުން ސިކުނޑީގައިވާ ބުރަކަން ކޮންމެވެސް ވަރަކަށް ފިލައިގެން ހިގައްޖެއެވެ. ކައިނިމިގެން ބިލް ދެއްކުމަށްފަހު އައިޒާންއާއި މައިރާ ގޮނޑުދޮށުގައި ހިގާލަން ދިޔައެވެ. މައިރާ ލައިގެން ހުރީ ކޮޓްން ސްވެޓަރެއް ކަމަށް ވާތީ މާހައުލުގެ ފިނިކަމުން އެހާ އަސަރެއް ނުކުރެއެވެ. ނަމަވެސް މޫނުގައި ބީހިލާ ތެތްވައިރޯޅިތަކުން މޫނަށް ފިނިވިއެވެ. އަދި ތުންފަތުގައި ލޮނު ރަހަދޭހެން ވެސް ހީވިއެވެ. އައިޒާން ހީވަނީ އެމެރިކަން ޓޫރިސްޓެއްހެނެވެ. އަވީގައި އުޅުމުން ޓޭންވެފައިވާ ހަމުގެ ކުލައިންނާއި ، ލާފައި ހުރި ސޯޓް އަދި ޓީޝާޓާއި، ދިގުކޮށްލެވިފައިވާ އިސްތަށިގަނޑުގެ ސަބަބުން ހޮލީވުޑް ފިލްމު ކުޅޭ ތަރިއަކާއިވެސް ވައްތަރެވެ. އައިޒާން މައިރާގެ އަތުގައި ހިފާލަން ކިތަންމެ ވަރަކަށް ހިތް އެދުނަސް އެފަދަ ހިތްވަރެއް ކޮށްލާކަށް ނުކެރުނެވެ. ނަމަވެސް ތަންކޮޅެއް ކާރިން ހިނގާލާފައި ވާހަކަ ދައްކަމުން ދިޔައިރު ބިމުގެ އަޑިގުޑަންކަމުން ހަށިގަނޑަށް އަރާ ލޮޅުންތަކުން ތަންކޮޅެއް ގައިގޯޅިވެލާ ފަހަރުވެސް އައެވެ. އެއީ އައިޒާންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެފަދަ ރީތި ރެއެކެވެ.
ޖެހިގެން އައި ދުވަހު އައިޒާން އާއި މައިރާ ރޭލުގައި ކޮޗިންއަށް ދިޔައެވެ. އެއީ ފަސްގަޑިއިރުގެ ދަތުރެކެވެ. އިންޑިޔާގެ ފަގީރުންގެ ހާލު ކިތަންމެ ރަގަޅަށްވެސް މައިރާއަށް އަންދާޒާކުރެވުނެވެ. ހިތް ހަމްދަރުދީއިން ފުރުނެވެ. އޭނަ ސަލާމްޖެހި ކޮންމެ މީހަކަށް ލާރިކޮޅެއްދިނެވެ. ކޮޗިންއަށް ގޮސްފައި މާގިނައިރުތަކެއްނުވެ މިސްކިތެއްގައި އައިޒާން އާއި މައިރާގެ ކާވެނި ކުރެވުނެވެ. ލާރި ހުރިއްޔާ އިންޑިޔާގައި ކޮންމެކަމެއްވެސް ކުރެވިދާނެކަން އައިޒާންއަށް އެގުނެވެ. ގާޒީ ކާވެނިކޮށްދީ ނިމުމުން އައިޒާންގެ ހިތަށް ލިބިގެންދިޔައީ ބުނެދޭން ނޭގޭފަދަ ފިނިކަމެކެވެ. އުފަލެކެވެ. އޭނަގެ ޚިޔާލުގައިވަނީ މިރޭ މުނާރުގައި ހަނީމޫން ހޭދަކުރާނެ ގޮތެވެ. މައިރާއަށް ސަޕްރައިޒެއް ދޭން އައިޒާން ބޭނުމެވެ. ފުރަތަމަ ރޭ ވީހާވެސް އިޝްގީކޮށް ވޭތުކުރުމަކީ އައިޒާންގެ އުއްމީދެވެ. މައިރާ ކާވެނިކުރަނީ އާއިލާގެ މަޖުބޫރީތަކުން ސަލާމަތްވެ އޭނަގެ ހަޔާތް އޭނަދެކެ ލޯބިވާ މީހަކާއިއެކު ހޭދަ ކުރުމަށެވެ. ވީއިރު އައިޒާންގެ ފަރާތުން މައިރާ ވަކި އުއްމީދުކުރާނީ މި ނޫން ކޮންކަމަކަށް ހެއްޔެވެ. ކޮންމެ އަންހެންކުއްޖަކުވެސް ކާވެނީގެ ރެއަށްޓަކައި ފޮނި ފޮނި އިންތިޒާރެއް ކުރާނެއެވެ. އެރޭ އިޝްގީކޮށް ފިނިފެންމަލުގެ ތަންމައްޗެއްގައި ފިރިމީހާގެ އަތުތެރޭގައި ނިދާލަން ބޭނުންވާނެއެވެ. އައިޒާން މައިރާއަށް ސިއްރުން އުށްބައްތިތަކާއި ރަތްފިނިފެންމާތަކެއް ގަނެލިއެވެ. އައިޒާންއަށް މައިރާގެ ހިތް އަތުލެވިދާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތެވެ. އަމިއްލަ ނަފުސަށް މިވަރަށް އިތުބާރުކުރެވުނު ފަހަރެއް ނާދެއެވެ.

"ލެވެންޑަ ކޮޓެޖް" ގެތެރޭގައިވަނީ ހިމޭން ކަމެވެ. އެ ބޮޑުގެ ހީވަނީ ފަޅަށް ވާތަނެއްހެނެވެ. އެއްވެސް އަޑެއްބަޑެއް ނީވެއެވެ.އެ ހިމޭންކަންދެކެވެސް ޒިޔާމާވަނީ ފޫއްސެވެ. ހީވަނީ މިގޭގައި ބަޔެއް މަދުހެނެވެ. ކުޑަކުދިންތަކެއް އުޅޭނެ ނަމައެވެ. އޭނައަށް މާމަކިޔާފައި ގޮވާލާނެ ދަރިއެއްވެސް ނުލިބުނެވެ.ހައްތަހާވެސް އޭނަގެ ކުށުގެ ސަޒާއެވެ. އެންމެ ފަހުން ރެޔާން ގެ ކާވެނިވެސް މުއްދަތެއް ނެތްގޮތަކަށް ފަސްކުރެވިއްޖެއެވެ. ރެޔާން އެގޮތަށް ނިންމީ އެ މައިރާ ކިޔާކުއްޖާގެ ނުބައިކަމުން ކައިވެނިކުރަން އެއްބަސް ނުވެގެންކަން ޒިޔާމާއަށް އެނގެއެވެ. ޒައިންވެސް އަންނާނެ ނަމައެވެ. އެދަރިފުޅުގެ ޚަބަރެއް ދުވަހަކު ނުވާނެކަން އޭނައަށް އެނގެއެވެ.
ޒިޔާމާ ގޭގެ ފަހަތު ފެންޑާއަށް ނުކުންނަން ދިޔައިރު މިޝާ ވާހަކަ ދައްކާ އަޑުއިވުމުން ހައިރާންވިވަރުން އިރުކޮޅަކަށް ހިގައިގަންނަން ނޭގިފައި ހުރެވުނެވެ.
"އިޝޫ... ވައިފައި ހުރީމަ ސަޅިކަމަކީ މިއީ.. ބޭނުން ތަނެއްގައި ފިލާ އިދެގެން ބޭނުން ސައިޓަކަށް ވަދެވޭނެ.. އެކަމަކު އަހަންނަށް އޮޅިގެން ވަދެވިއްޖެ ... ސައިޓަކަށް.." މިޝާ އަށް ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ.
"އޮޅިގެން ވަދެވެންވީ ކީއްވެތަ؟ ފޮބިޑަން ކަންތައް ކުރާކަށްނުވާނެ..އެކަމަކު ދައްކަފާނަންތަ؟ މަންމަމެން ސްޓްރިކްޓްކަމުން އެފްބީ މަނާ..ލެޕްގެންގުޅުން މަނާ.. އިންޓަނެޓްވެސް ސުޕަވައިޒްކުރެވޭ...ބޯރިން ދޯ.. މަންމަމެން އަދިވެސް ދެކެނީ އަހަންނަކީ ކުޑަކުއްޖެއްކަމަށް.. މޭއި ހެދިގޮތަށް އެންމެ ފަހުން ފިލައިގެން ދިޔައިމަ ރަގަޅުވާނެ.. އަހަރެންނަށް ފިއްތުންތައް ކުރިމަތިކުރާވަރުން ފީލްވަނީ ކޮއްޓެއްގައި ގެންގުޅޭ ދޫންޏެއްހެން.. މިނިވަންވާނެ އިރަކަށް ބަލަބަލާ މިހުންނަނީ.. ދެން ތި ސައިޓްގެ އެޑް ބުނެބަލަ..މި އުމުރަށް ދިޔައިމަ ތިކަހަލަ ބައިތައްވެސް ދަސްކުރަންވާނެ ދޯ.. ނޫނީ މީހަކާއި އިންނައިރުވެސް ހީވާނީ ސޯޅަވަނަ ގަރުނުގައި އުޅެވޭހެން.. ރޮމެންޓިކް ވާކަށްވެސް ނޭގޭނެ.." އީޝަލް ބުނެލައިފިއެވެ. އެ އަޑުއަހަން ހުރި ޒިޔާމާގެ މޫނު ރަތްވެގެންދިޔައެވެ.
"މި ބަލައިފިއްޔާ އިޝޫ އަނބުރައިގަންނާނެ..މިކަހަލަ އެއްޗެއް ބެލިކަން އެނގިއްޖެއްޔާ މަގޭ މަންމަވެސް ރުޅިގަދަވާނެ..އެހެންވީމަ އެ ސައިޓް ކްލޯޒްކޮށްލައިފިން..އެހެންނޫނަސް ސީރިޔަސްކޮށް ވަރަށް ފޫހި..އިޝޫއަށް އެފްބީ އެޑެއް ހަދާދެންތަ..އޭރުން ބިޓުންނާއި ޗެޓްކުރެވޭނެއްނު.." މިޝާ ދިމާ ކުރަންފެށި އެވެ. އީޝަލް ސަކަ ހުނުމަކާއިއެކު މިޝާގެ ގައިގާ ހިފައިގަތެވެ. ޒިޔާމާއަކަށް ކެތެއް ނުކުރެވުނެވެ. ކުއްލިއަކަށް އުދުހިފައި އައިކަހަލަގޮތަކަށް ދޮރުމައްޗަށްއަރާ ،ލެޕް ފޭރިގަނެފައި އަތުކޮޅަށް ހޫރާލުމުން އަޑުފަށްގަޑަކާއިއެކު ލެޕް ގެ ބައިތައް ބުރައިގެން ދިޔައެވެ.އެއާއިއެކު އީޝަލްގެ މޫނަށް ދެތިން ހޫނު އެތިފަހަރެއް އަރައިގެން ހިގައްޖެއެވެ. އީޝަލް މޫނުގައި އަތްއެޅިއެވެ. މިޝާ ހުރީ ހިރިލާންވެސް ނުކެރިފައެވެ. އަޑުގަދަވިވަރުން ފަރުޒާން އާއި އަޔާނާވެސް އެތަނަށް އައެވެ.
"މިހިރަމީހާގެ ކަންތަކޭ..އީޝަލްއަށް ކަލޭ ލެޕްދިނީމަ މިތަނަށް އައިސް ސިއްރުސިއްރުން ވަދެފައި ތިބީ އެންމެ ނުބައި ސައިޓްތަކަށް.. އީޝަލް ހަލާކުކުރަން މިގެއަށް ވަދެފައި ހުރި އަންހެނެއްތަ؟ އޭނަ އެހެރީ ހަލާކުވާނެވަރަކަށް ހަލާކުކޮށްލާފައި.. މިހުރިހާ ދުވަހު އެއްޗެކޭ ނުކިޔަން ވަރަށް ކެތްކޮށްލައިފިން އެކަމަކު ނުހުރެވޭނެ ދެނެއް..ފަރުޒާން...ތި ނުބައި އަންހެނާ ވަރިކުރޭ... ހަމަ މިހާރު.." ޒިޔާމާ އެއްޗެހިކިޔައިގަތީ އަޔާނާއާއިދިމާލަށެވެ. ފަރުޒާންގެ މޫނަށް އެތައް ކުލަތަކެއްވެރިވެގެން ދިޔައެވެ.
"މަންމާ..ޕްލީޒް.." ފަރުޒާން ހުރީ ހަދާނެގޮތް ހުސްވެފައެވެ. އޭނަގެ ކިޔަމަންތެރި ކަމުގެ އަގު ނަހަމަގޮތުގައި ބޭނުންކުރަން ހެޔޮނުވާނެއެވެ. އެއްވެސް ކުށެއްނެތި އަނބިމީހާ ވަރިކުރުމަކީ ހަރުދަނާ ފިރިހެނަކު ކުރަން ހެޔޮވާނެކަމެއްނޫނެވެ.
"ޒިޔާމާ..ވިސްނާނުލައި ކަންތައްކޮށްގެނެއް އެއްވެސް ކަމެއް ހައްލުވާނެކަމަކަށް ގަބޫލު ނުކުރެވޭ.. އީޝަލް ފަދައިން އަޔާނާއަކީވެސް އަހަރެމެންގެ ދަރިއެއްކަން ޒިޔާމާ ހަނދާން ނައްތާ ނުލައިބަލަ..."ފައިސަލްގެ އަޑުއިވުމުން އެންމެން އެދިމާލަށް ބަލަން ފެށިއެވެ. ފައިސަލް ޒިޔާމާގެ ކޮނޑުގައި އަތްބާއްވާލުމަށްފަހު އެތަނުން ބޭރަށް ގެންދާން ފެށުމުން ޒިޔާމާއަކަށް އިތުރަށް މައްސަލަ ހޫނު ކުރާކަށް ނުކެރުނެވެ. ނަމަވެސް އެލޮލުގައި ގިނަވަމުން ދިޔަ ކަރުނަތައް އޮހިގަތެވެ. އީޝަލް ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. މިޝާ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. ހުރިހާވެސް މައްސަލައަކީ ގޯސް ސައިޓަކަށް ވަދެވުނުކަމެވެ. ބަލަން ނުޖެހޭ އެއްޗެއް އިރުކޮޅަކަށްވެސް ބެލުނުކަމެވެ. މިޝާ އަޔާނާ ގާތުން މާފަށް އެދުމުން ފަރުޒާން ބުނީ އެވަރުކަމެއް ނޫންކަމަށާއި ބޮޑުދައިތަ ގެ ރުޅި ފިލާފާނެ ކަމަށެވެ. ފަރުޒާން ދެރަވެފައި ހުރިނަމަވެސް އެކަމެއް ނުދައްކައެވެ. އާދައިގެ މަތިން އަޔާނާއަށް ވިސްނާދިނީ މަންމައަކީ ބަލި މީހެއް ކަމަށާއި ވަގުތު ދިނުމަށެވެ. އަދި ފަހުން ރަގަޅުވާނެ ކަމަށެވެ. ނަމަވެސް އަޔާނާއަށް އެނގެއެވެ. ޒިޔާމާ ދުވަހަކު ބަދަލެއް ނުވާނެއެވެ. އެ ރުޅިގަދަ ކަމާއި ގޮތް ދޫނުކުރުން އެ މިޒާޖުން ފިލައިގެނެއް ނުދާނެއެވެ.

ރޭގަނޑުގެ ރާނީ ހަނދު މިރޭ ހީވަނީ އޮރެންޖް ބޯޅައެއްހެނެވެ. ވީނަސް ދާދިކާރީގައި އެހެން ތަރިތަކަށް ވުރެ ބޮޑުކޮށް ފެންނަން ހުރިއިރު ކުދި ކުދިތަރިތައް އެތަންމިތަނަށް އުކާލެވިފައިވާ ޖަވާހިރުތައް ފަދައިން ވިދަމުން ދިޔައެވެ. ރެޔާން ރެއިލިންގެ މަތީގައި އަތްބާއްވާލައިގެން ހިމޭނުން ހުރިއިރު ހަދާފައިވާ ސްޓެޗޫއެއްފަދައެވެ. އެ އަނދިރީގެ ތެރޭގައި ހުރެގެން އޭނަ ވިސްނަމުން ދިޔައީ ކޯޗެއް ކަމެއްވެސް ނޭގެއެވެ. ރެޔާން އަނދިރިކަމާއި އެކަނިވެރިކަމަށް ލޯބި ކުރަން ފެށިތާ ދުވަސްކޮޅެކެވެ. ސިކުނޑިއަށް ކިރިޔާވެސް ތަސައްލީއެއް ލިބެނީ މިފަދަ ތަނެއްގައި އެކަނި ހުރުމުންނެވެ. ޖެހެމުންދިޔަ ވައިރޯޅިތައްވެސް އޭނަގެ ހިތާމައިގައި ބައިވެރިވެ ނާނާ އަޅުވަމުން ދާހެން ހީވިއެވެ. ދުރުދުރަށް ދާންދެން ކަޅު ހިޔަނިތައް ފަދައިން ފެތުރިފައިވާ ގަސްތައްވެސް ހިމޭނުން ތިބެ އޭނައަށްޓަކައި ސަހަރޯވެރިވަނީއެވެ. ކަޅު ވިލާކޮޅެއް ހަނދު ފޮރުވާލުމުން ކުރިއަށްވުރެ އަނދިރިކަން ފުންވެގެން ދިޔައެވެ. އޭނަގެހަޔާތް ފަދައިންނެވެ. އަލިކަމުގެ ހުރިހާ ބައްތިތަކެއް ނިވިގެން ދަނީއެވެ. އަނދިރީގެ ތެރެއަށް ގެބެމުންދަނީ އެވެ.
"ރެޔާން..ކޮންއިރެއް ކޮއްކޮއަށް ގުޅާތާ... ސުލްތާނާ ބޮޑުދައްތަ ވަރަށް ބަލިވެގެން އައިސީޔޫގައި އެޑްމިޓްކުރެވިއްޖެ.."ފަރުޒާންގެ އެ ޖުމްލައިން ރެޔާންގެ ހިތަށް ނުބައިގޮތެއްވިއެވެ. ސުލްތާނާއަށް އެހާ ބޮޑުވަރުވީ އަނެއްކާ މައިރާއަށް ކަމެއްވީބާވައެވެ. ރެޔާން މުޅިން ފިނިވިއެވެ.

ކޮމެންޓް 0