ބުނެބަލަ ސްމޫޗީ..... " ރެޔާންގެ ކޮންމެ ޖުމްލައަކުންވެސް މައިރާގެ ހިތަށް ފޮނި ފޮނި އުފަލެއް ލިބިދެއެވެ. އެފަދަ ތަފާތު ލޯބި ނަންތަކުން ގޮވާލުމުންވެސް ރެޔާން އޭނަދެކެ ލޯބިވާލެއް ބޮޑުކަން އިހުސާސް ކުރުވާދެއެވެ. 

"ރެއިން. މިވާހަކަ ބުނަން ވަރަށް އުދަގޫވެސް ވޭ. ވަރަށް އެހެން ކަހަލަ ވާހަކައެއްވީމަ..." މައިރާ ރެޔާންގެ މޫނުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.

"އަހަރެންގެ ގާރލްއަށް މަގޭ ގާތުގައި ބުނަން ނުކެރޭނެ ވާހަކައެއް މިހާރު އޮވެގެނެއް ނުވާނެ. އެކަމަކު ހާދަ ސީރިޔަސް ވާހަކައެއްހެން ހީވާންފަށައިފި. ބުނެބަލަ. އެވަރަށް އިންތިޒާރު ކުރުވާކަށް ނުވާނެއްނު....." ރެޔާން ޝައުގުވެރި ކަމާއިއެކު އަހައިލިއެވެ.

"ރެއިން. އަހަރެންގެ ބައްޕައަކީ އައިމަން އެއްނޫން. މަންމަ ފޮރުވާފައިވާ ސިޓީތަކަކުން އެގުނީ. އަހަރެންގެ ބައްޕައަކީ އަންކަލް އައުޒަމް. އެކަން އެގުނު ވަގުތު ރޮއިރޮއި ހަމަ ހަލާކުވި. ބައްޕަނެތް ކުއްޖަކަށްވީ ވިއްޔަ...." މައިރާ ގެ އެ ޖުމްލަތަކުން ރެޔާން ވަރަށް ބޮޑަށް ސިހުނެވެ. އެހާ ދެރަވިއެވެ. މައިރާ ސަމާސާއަކަށް ހަދާފައިވެސް އެފަދަ ވާހަކައެއް ނުދައްކާނެކަން ރެޔާންއަށް އެގުނެވެ. އެއީ ސަމާސާއަކަށް ވުރެ ސީރިޔަސް މައުޟޫއެކެވެ. އެއްވެސް މީހަކު ބައްޕަ އޮޅުވާލާފައެއް އެގޮތަށް ވާހަކައެއް ނުދައްކާނެއެވެ. ކުއްލިއަކަށް ވިސްނުނު ތަންކޮޅަކުން ރެޔާން ގެ ހިތަށް ހީވީ ޒަލްޒަލާއެއް އައިހެންނެވެ. އައިމަންގެ އަންބެއްގެ ގޮތުގައި ހުރެ ރާދާ އެފަދަ ގުޅުމެއް އެ ހިންގީ ޅިޔަނަކާއިއެވެ. ހީކުރެވުނީ ތާރީޚު އިއާދަވާން އުޅޭހެންނެވެ. އޭނަ އާއި އައިޒާން އަދި މައިރާގެ ސިފައިގައެވެ. ނޫނެކެވެ. އެހެންވެގެނެއް ނުވާނެއެވެ. ރެޔާން އެވަގުތުވެސް ހާދިސާގެ ތަފުސީލު ހޯދަން ބޭނުންވިއެވެ. މައިރާ އެ ސިޓީތަކުން އެގިފައިވާކަންތައް ކިޔާދީ ނިމުނު އިރު، އެ މޫނު ހީވަނީ މޮޅިވެރިކަމުގެ ތަސްވީރެއް ހެންނެވެ. އޭނަގެ މަންމަ މިވަނީ މިއަދާއި ހަމަޔަށްވެސް މައިރާއަށްވެސް އޭނަގެ ހަގީގީ ބައްޕަ އޮޅުވާލައިފައެވެ. މިއީ އިންސާފެއްނޫނެވެ. ބައްޕަ އެނގުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ޙައްގެކެވެ. އެއްވެސް ކުއްޖެއްގެ އަތުން އެ ޙައްގު ނިގުޅައިގަތުމަކީ ކޮށްގެން ވާނެ ކަމެއްނޫނެވެ.

އެންމެނަށް އައުޒަމް މަރުވާން ދަނީ ކަމަށް ގަބޫލުކުރުވާފަދަ ނޯޓެއް ލިޔެފައި، އޭނަ ފިލައިގެން އުޅޭކަން ދަންނަ އެކަނި މީހަކީ ރާދާކަން ނޭގެއެވެ. ދެން މައިރާއެވެ. މައިރާއަށް ބާކީ ހުރި ސިޓީތައް ހާވައިގެން އެކަންވެސް އެގިފައިވެއެވެ. އެހެންހުއްޓާ އެންމެފަހުން އައުޒަމް މިރަށަށް އައީއެވެ. މައިރާ އާއި ރެޔާން ގާތުގައި އައުޒަމް ވަނީ އާއިލާގެ މީހުންނަށް އޭނަ އެގޭގައި އުޅޭކަން އަދި ސިއްރުކޮށްދިނުމަށް އެދިފައެވެ. އައުޒަމް އޭނައަށް އެހީވާ ނޯކަރަކާއި އެކީގައި އެގޭގައި އުޅެމުންދާއިރު، އެގޭގައި މިވަގުތު ތިބި އެއްވެސް ނޯކަރަކަށްވެސް އައުޒަމް އަކީ ކާކުކަމެއް ނޭގެއެވެ. އެންމެން ހީކުރަނީ އެގެއަށް އައިސް ހުރި މެހުމާނެއް ކަމަށެވެ. މޯނާ އާއި އަންވަރު މިދުވަސްކޮޅު އެގޭގައި ނެތްކަމީ އައުޒަމްއަށް ލެއްވި ރަޙުމަތެކެވެ. އޭނަގެ މަންމަ އާއި ބޭބެއަށް ސަޕްރައިޒެއްދޭން އޭނަ ނިންމި ނިންމުމަށް ލިބުނު ބާރެކެވެ.

ގޭތެރޭގައި ސިއްރުން ދެކެވޭ ވާހަކަތަކުގެ ސަބަބުން ރާދާ އާއި އައުޒަމްގެ ކޮންމެވެސް ކަހަލަ ގުޅުމެއް އޮތްކަން ރެޔާންވެސް ދަނެއެވެ. އަދި އައުޒަމް މަރުވީކަމަށް ރެޔާންގެ ބައްޕަމެން މިވީހާތަނަށްވެސް ގަބޫލުކޮށްފައެއް ނުވެއެވެ. އައުޒަމް ފެނުމުން ރެޔާންވެސް އެވަރަށް ހައިރާންނުވި ސަބަބަކީ އެއީއެވެ. ނަމަވެސް މައިރާ އަކީ އައުޒަމް އާއި ރާދާގެ ފާފައިގެ ނިޝާންކަން އެގުމުން މިއަދު ރެޔާންއަށް އުދަގޫވިއެވެ. ދެރަވެސްވިއެވެ. މައިރާ ހާދަވަރަކަށް ކެތްކޮށްފިއެވެ. އެފަދަ ސިއްރެއް ހިތުގައި ފޮރުވައިގެން ހުރެ އެކަނިމާ އެކަނި ކިތަންމެ ދުވަހެއްވަންދެން ހިތާމަކޮށްފިއެވެ.

"ޑެޑީއަށް ހަގީގަތް އެގޭ ދުވަހަކުން ކިހާ ހާރޓްވާނެ. މިހުރިހާ ދުވަސްވަންދެން އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލާ ބޮޑުކުރި ކުއްޖަކީ އަމިއްލަކަމެއް ނޫންކަން އެގޭއިރަކުން ކުރާނެ އަސަރުތައް ހިތަށްވެސް ނުގެނެވޭ. އަސްލު އަހަރެންނަށްވެސް ކިރިޔާ ޒާންއަށް އެ ލަނޑު ނުދެވުނީ. މިސާލަކަށް ޒާން އާއި މެރީކޮށްގެން އެޑެންއަށް ޕްރެގްކަން ސިއްރުކޮށްގެން ހުރީޔޯ. ދެން ކޮންމެވެސް ޒަމާނެއްގައި އެޑެން ބޮޑުވެގެން ކުއްލިއަކަށް ޒާންއަށް އެއީ ރެއިންގެ ކުއްޖެއްކަން އެނގިއްޖެއްޔާ ވާނީ ކިހިނެއް؟ ނަސީބަކުން ޒާން އާއި އަހަރެންގެ ލޯބީގެ އެއްވެސް ގުޅުމެއް ނުބޭއްވުނީމަ ޒާންއަށް ޔަގީންވީ އެޑެންއަކީ ޒާންގެ ކުއްޖެއްނޫންކަން......." މައިރާ ހިތާމަވެރި ހިނިތުންވުމަކާއިއެކު ބުންޏެވެ. އެ ޚާންދާނުގައި ސިއްރުވެފައި އޮތް އަނދިރި ސިއްރެއް މިވަނީ މައިރާއަށް ބޭޒާރުވެފައެވެ. ރެޔާން އާއި މައިރާ ގެ ހަނީމޫން ދުވަސްކޮޅު ހިތާމައިގައި ބޭކާރުކޮށްލަން ދެމަފިރިން ބޭނުމެއްނުވިއެވެ. އިރުކޮޅެއްވާންދެން އެ އާއިލާތެރޭގައި ވާ އެފަދަ "ކަޅު" ސިއްރުތަކުގެ ވާހަކަ ދެއްކުމަށްފަހު އެ މައުޟޫ ކުރުކޮށްލައިފިއެވެ.

އިރުގެ މައްޗަށް ކުރިއަތުލާ މުޅި ކާއިނާތު ކަޅުކޮށްލުމުގައި ބޮޑެތި ވިލާތައް ކާމިޔާބު ހޯދާފައިވާހެން ހީވެއެވެ. ވައިރޯޅިތައްވެސް ތަންކޮޅެއް ބާރުވެލައިފިއެވެ. އުޑުމަތީގައި ކަޅު ޗާދަރެއް ފަތުރާލާފައިވާއިރު މެދުކެނޑުމެއްނެތި ވެހެމުންދިޔަ ބޯވާރޭގެ ސަބަބުން ގޯތިތެރޭގައި ހެދެމުންދިޔަ ފެންގަނޑު ތެރޭގައި ދޮންފަތްތަކާއި ކުނިބުނި ދެމެންފެށިއެވެ. ލޯބިވެރިންނަށް ޓަކައި މިއީ ރީތި މޫސުމެކެވެ. އިޝްގީ މޫސުމެކެވެ. މައިރާ ކުޑަކުއްޖެއް ފަދައިން ފެންގަނޑު ތެރޭގައި ހުސްފަޔާއި ދުވެ ވާރެޔާއި ތެމިލުމަށްފަހު އެންމެ ފަހުން ރެޔާންގެ ގައިގައި ބައްދާލީ މާފިނިވާން ފެށުމުންނެވެ. ބޯކޮށް ވެހެމުންދިޔަ ވާރެއަށް މަރުހަބާ ކިޔަމުން ދެލޯބިވެރިން ޖައްސާލީ ގޭގެ ފަހަތުގައިވާ ފެހިކަން ގަދަ ވިނަގަނޑު މަތީގައެވެ. ސަކަރާތްޖަހާލަން ތިބެފައިވެސް ދޭތެރެއަކުން ރެޔާން ޢަދަން ރަނގަޅަށް އޮތްތޯ ބަލާލަން ހުޅުވާލާފައިވާ ކުޑަދޮރުތަކުން ބަލައިލައެވެ. އެންމެފަހުން ގެއަށް ވަނީ މައިރާއަށް މާބޮޑަށް ފިނިވުމުންނެވެ.

އާވިއަރައަރާ ހުރި ކޮފީ އާއި އެކު އޯޑަރުކޮށްގެން ގެނުވި ބްލޫބެރީ ޗީޒް ކޭކާއި، ޕިއްޒާ ހޫނުކަންމަތީގައި ހުއްޓާ ކާންވެގެން ސޯފާގައި ތިބިއިރު އެދެމަފިރިން އެއްވެސް ޚިޔާލެއް ފިކުރެއްނެތްފަދައެވެ. އެހާވެސް ހުވަފެނީ ދުވަހެކެވެ. ރޭގަނޑު ޢިޝާ ނަމާދަށްފަހު މައިރާވެސް ކޮޓަރިއަށް ވަދެ ރަތް އުށްބައްތިތަކުން ކޮޓަރި ދިއްލާލިއެވެ. ފިނިފެންމާކުލައިގެ ފަށުވި ނިދާހެދުމުގައި އޭނަ ފެންނަނީ ޕަރީއެއް ފަދައިންނެވެ. ނަސީބަކުން އަނެއްކާވެސް ބޯކޮށް ވާރޭވެހެން ފެށިއެވެ. ފުރިހަމަ ރީތި ރެއަކަށް ވެގެންދާނެ ކަމުގެ ހެއްކެކެވެ.

ރެޔާން ފާޚާނާއިން ނިކުމެގެން އައިއިރު އެރީތި ދެލޮލުގައި ކޮންމެވެސް ވަރަކަށް ނިދީގެ އަސަރުއެކުލެވި ލޯ ބަރުވާން ފަށައިފިއެވެ. މިއަދު މާ ސަކަރާތް ޖަހާލެވުނީއެވެ. އައިގޮތަށް އެނދަށް ވެއްޓިގަތުމާއިއެކު ޚަބަރު ހުސްވާނެކަމަށް ހީކުރެވުނެވެ. ނަމަވެސް އުށްބައްތިތަކުގެ ރަތްއަލީގައި މައިރާ ފެންނަލެއް ސިހުރުވެރި ކަމުން ވަގުތުން ނިދި ފިލައިގެން ހިގައްޖެއެވެ. މައިރާ ފިޔަވާ އޭނަގެ އިހުސާސްތަކާއި މިގޮތަށް ކުޅެލެވޭ އަންހެންކުއްޖަކު ނެތެވެ. މައިރާގެ ފަރި އެންމެ ބަލައިލުމަކުންވެސް ރެޔާންގެ ހިތް ދީވާނާވެއެވެ.

"ފާޚާނާއަށް ވަނީމަ ނިދިއައިސްގެން ނުވެއްޓުނީ ކިރިޔާ. ރޭގައިވެސް ނުނިދުނުވިއްޔަ. އެކަމަކު އަހަރެންގެ ސްވީޓްހާރޓް ފެންނައިރަށް އެހެންކަމެއް ކޮށްލާހިތްވީ. ބުނެބަލަ. މިއީ ފާޑެއްގެ އެޑިކްޝަނެއްތަ؟ އޯވާޑޯޒްވެސް ވާނެކަން ނޭގޭ މިވަރުން އުޅެންޏާ..." ރެޔާން ލާނެތް ހިނިތުންވުމަކާއިއެކު އެހެން ބުނެލުމުން މައިރާގެ ކޯތާފަތަށް ރަތްކުލަވެރިވިއެވެ. 

"ރެއިންވެސް ދެން ހާދަ ލާނެތޭ...." މައިރާ ލަދުން މޯޅިވަމުން އަވަހަށް ރީތިވާ މޭޒުމަތީގައި ހުރި ސެންޓުފުޅިތަކާއި ކުޅެންފެށިއެވެ. ރޭގަނޑަށް ނިދަން ތައްޔާރުވެ މިހާރުނުކުރެވެ އޮތްކަމަކީ ސެންޓު ޖަހާލުމެވެ. ހޫނުދުވަހުވެސް ދާހިއްލާކުއްޖަކަށް ނުވާތީ ފިނިވުމުން އަމުދުން އޭނަ ވަނީ ވަރަށް ތާޒާކޮށެވެ. ނަމަވެސް މައިރާ ހުންނަން ބޭނުންވަނީ އަބަދު ސެންޓު ޖަހާލައިގެންނެވެ. މީރުވަހަކީ އޭނަގެ ރީތިކަމުގެ އެއްބަޔެވެ. ރެޔާން ފަދައިންނެވެ.

"ލާނެތްވަނީއެއް ނޫނޭ ސްވީޓްނެސް. ހަގީގަތް...." ރެޔާން ރީތިވާމޭޒުގެ އެއްފަރާތުގައި ލެނގިލައިގެން ހަށަން ބަދެލައިގެން މައިރާއަށް ބަލަހައްޓައިގެން ހުރިއިރު މައިރާއަށް ދެވަނަ ފަހަރަށް ބަލައިލަންވެސް ނުކެރުނެވެ. ރެޔާންއަކީ ރީތިކަން ހުސްކޮށްލާފައިވާ ޒުވާނަކަށް ވާތީއެއް ނޫނެވެ. އެ ދެލޮލުގެ ތޫނު ކަމުންނެވެ. ހާދަހާ ބާރުގަދަ ލޮލެކެވެ. މައިރާ ސެންޓުފުޅިއެއް ނެގުމުން ރެޔާން އެއަތުގައި ހިފެހެއްޓިއެވެ.

"އުހުމް.. މިރޭ ނޯ ޕާފިއުމް އިނގޭ. އަހަރެންނަށް މާ ހިތްގައިމު ގުދުރަތީ ލުއި ފިނިފެންމަލުގެ ވަސް...." ރެޔާން މައިރާގެ އިސްތަށިގަނޑުގެ ތެރޭގައި އިރުކޮޅަކު މޫނު ފޮރުވާލައިގެން ހުރުމަށްފަހު މައިރާގެ ދެކޮނޑުގައި އަތް ބޭއްވިއެވެ. 

"ރެއިންވެސް މިއަދު ސެންޓު ނުޖަހާ ހުރީމަ މުޅިން ތަފާތު މީރުވަހެއް ދުވަނީ. ޝަވާޖެލް އަދި އާފްޓާޝޭވް އެކުވީމަ ވަރަށް ފިރިހެންވަންތަ......" މައިރާ ކުޑަކޮށް ލަދުގަންނަ ގޮތްވެފައި ހީލިއެވެ.

"އެވަރު ބަހެއް ބުނެލާފައިވެސް ބްލަޝްވާވަރެއް ބަލާލަ. އަދިވެސް އެވަރަށް ލަދުންތަ ތިއުޅެނީ. އެކަމަކު އަންހެންކުދިންގެ އެންމެ ރީތި ސިފައަކީވެސް ތިއީ....." ރެޔާން ބަލަހައްޓައިގެން ހުރީ ހިތްބަންޑުންވާފަދަ ބެލުމަކުންނެވެ. މައިރާގެ ގައިން ހީބިހިނެގިއެވެ.

"ރެއިންއަށް އެގޭތަ؟ އަހަރެން ޕްރެގް އިރު ހާދަ މީރުވަސްދުވިއޭ ލައިފްބޯއި ޝަވާޖެލްގައި. އާއްމުކޮށް އޭރު ޒާން ބޭނުން ކުރީ...." މައިރާ އަށް އައިޒާންގެ ނަން ކިޔާލެވުމާއިއެކު ވަގުތުން ރަކިވެގެން ކުޑަކޮށް ކެއްސާލިއެވެ. މިފަދަ ވަގުތެއްގައިވެސް އައިޒާންގެ ނަން ހިތަށް އެރުމުން ރެޔާން ވިސްނާނެގޮތެއް ނޭގުނީތީ ކަންބޮޑުވިއެވެ. އަދިވެސް ރެޔާން ގާތުގައި "އައިޒާން" އެ ނަން ކިޔުންވެސް މައިރާއަށް ވަނީ އުދަގޫ ކަމަކަށްވެފައެވެ.

"ޒާން މަތިން ހަދާންކުރާވަރު ބަލާލަބަލަ. ޕަނިޝްމެންޓެއްދޭން ޖެހިދާނެ އިނގޭ....." ރެޔާން ސަމާސާގޮތަކަށް ހިނިތުންވެލާފައި މައިރާގެ ރަތްވެފައިވާ ދެކޯތާފަތުގައި ތަދުނުވާނެހެން ހިފާލައިފިއެވެ. މައިރާއަށް ރެޔާންގެ މޫނަށް ބަލައިލާނެ ހިތްވަރެއްވެސް ނުކުރެވުނެވެ. އޭނަ ހީކުރީ އައިޒާންގެ ވާހަކަދެއްކުމުން ރެޔާން ރުޅިއައީކަމަށެވެ. އެއްމާބަނޑު ދެބެއިންނަށްވިޔަސް ލޯބީގައި ހަސަދަވެރިވެސް ވެދާނެއެވެ. މައިރާއަށް އެގެނީ އެންމެ ކަމެކެވެ. އޭނަދެކެ ރެޔާން އަދި އައިޒާންވެސް އިންތިހާއަށް ލޯބިވާކަމެވެ. ތަފާތު ދެގޮތުގައެވެ. ރެޔާންއަށް ވުރެ އައިޒާން އިހުސާސްތަކާއި ޖަޒުބާތުތައް ފޮރުވަން ކުޅަދާނައީއެވެ. ނަމަވެސް އައިޒާންގެ ހިތުން އަދިވެސް މައިރާ ނުފިލާކަން މައިރާއަށް އިހުސާސްކުރެވެއެވެ. އޮޅިގެންވެސް ހަތަރު ކަޅި ހަމަވެއްޖެއްޔާ އައިޒާންގެ ލޮލުގައިވާ ވޭނުގެ ސަބަބުން މައިރާގެ ހިތަށް އުދަގޫވެއެވެ. ދެރަވެއެވެ. އެންމެ ފުރަތަމަވެސް އައިޒާން އޭނަ އާއި ހެދި އުޅެން ފެށީ އޭނަ ގެ ލޯބިވެރިޔަކު ހުއްޓާ އައިޒާން އާއި އެކުވެރިވެ އެގެއަށް ދާންފެށިކަމުންނެވެ. އޭނައަށް ނޭގުމުގެ ތެރޭގައި ޒުވާން ހިތެއްގެ އުންމީދުތަކެއް ކަތިލެވުނީއެވެ.

"ސޮރީ ރެއިން. އަހަރެން...." މައިރާ އެއްޗެކޭ ބުނަން އުޅުމުން ރެޔާން މައިރާގެ ޖުމްލަތައް މެދުކަނޑުވާލިއެވެ.

"ނޯ ބޭބީ. ސަމާސާއަކަށޭ އެހެންބުނީ. މާފަށް ނޭދިބަލަ. އަހަންނަށް ހެވޭ ކިތަންމެ ގިނައިން ޒާންގެ ވާހަކަދެއްކިޔަސް. ޒާން އާއިމެދު ވިސްނިޔަސް. އެއީ އަހަރެންވެސް ދުނިޔެއިން އެންމެ ލޯބިވާ އެކަކު. އަހަންނަށް ކެތްނުކުރެވޭނީ މޭއި އާއި ޒާންގެ އިޝްގީ ގުޅުމެއް އޮތިއްޔާ. އައުޒަމް އަންކަލް އެންޑު މަންމަ ފަދައިން ވިޔާނުދާ ގުޅުމެއްނެތިއްޔާ އަހަންނަށް ހެޔޮ. އެކަމަކު އަހަރެން ޔަގީން ކުރަން އަހަރެން ދުނިޔޭގައި ހުއްޓާ އެފަދަ ދުވަހެއް ނުފެންނާނެ ކަމަށް. ޔަގީނުންވެސް އައިމަން އަންކަލް ގޮތަށް އަހަރެން ގެ ވައިފް ވަކިން އެހެން ރަށެއްގައި ނުބަހައްޓާނަން. ދުރުގައި ތިބީމަ ވާހާ ކަންތައް ދޯ. ވީއިރު ހާސްނުވެބަލަ އިނގޭ ލަވް..." ރެޔާން މައިރާ ގެ ރީތި ދެލޮލުގައި ބޮސްދިނެވެ.

"ރެއިން. އަހަންނަކީ ހަމައެކަނި ރެއިންގެ ހައްގެއް. ރެއިންގެ މީހެއް. އެކަން އެގޭނެ މިވީހާތަނަށް އެއްވެސް މީހަކަށް އަހަރެންގެ ގައިގާ އަތްލުމުގެ ހުއްދައެއް ނުދެން. ދުވަހަކުވެސް ނުދޭނަން. އައި ލަވް ޔޫ ރެއިން......" މައިރާ ގެ ފަރި ރީތި ދެލޮލުން ރެޔާން އާއި ހަތަރު ކަޅި ހަމަކޮށްލަމުން ޔަގީންކަން ދިނެވެ. އެ ދެލޮލުން އެވަގުތު ރެޔާންއަށް ފެނުނީ ނިމުމެއްނެތް ލޯބީގެ އަސަރުތަކެވެ. އޭނައަށް ޓަކައި ދިވާނާވެފައިވާ އަންހެން ކުއްޖެއްގެ ރީތި ދެލޮލެވެ.

"ލޯބިން ގޮސް ހަމަ ކްރަޝް ކޮށްލާ ހިތްވޭ. ހާދަ ލޯތްބޭ މަގޭ ފުރާނަޔާ.........." ރެޔާން މައިރާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ބުންޏެވެ. ރެޔާންގެ ރީތި ތުންފަތުގެ ހަދިޔާއިން މައިރާ އުށްކޮޅެއްފަދައިން ވިރިގެން ދިޔައެވެ. ހީވީ މުޅި ހަށިގަނޑުގައި ނޭގޭ އަލިފާނެއް ރޯކުރުވިހެންނެވެ. ރެޔާންގެ ކޮންމެ ބީހިލުމެއް ކޮންމެ ގޯނާއަކަށް މައިރާ މަރުހަބާ ކީ ހިތުގެ ފުންމިނުންނެވެ. އުށްބައްތިތަކުގެ ދިގު ހިޔަނިތައް ކޮޓަރީގައި ނަށަމުން ދިޔައިރު ވާރޭގެ ހިތްގައިމު ރާގު މުޅި ފަޒާގައި ރަސްކަންކުރިއެވެ. ރެޔާން އާއި މައިރާ ލޯބީގެ ނިމުމެއްނެތް އުފަލާއި ހިތްހަމަޖެހުމުން ހޯދަމުން ދިޔައިރު އަނދިރިކަމާއި، ފިނިކަން އެއީ ލިބުނު އިތުރު އުފަލެކެވެ. އެންމެފަހުން ކުއިލްޓު ތެރޭގައި އެކަކު އަނެކަކުގެ އަތުތެރޭގައި ނިދާލެވުނުއިރު އެތައްދަމެއް ވޭތުވެގެން ހިގައްޖެއެވެ. ނިދީގައި ފެންނަ ހުވަފެންތައްވެސް އެހާ ޗާލުވެފައި ނަލައެވެ. ދެމަފިރިންގެ ނަސީބުގެ ތަރިވެސް މެދުއުޑުގައި ވިދާ ބަބުޅަނީއެވެ. ނޭގެނީ އެކަން ދެމިގެން ހިގައިދާނީ ކިހާދުވަހަކަށް ކަމެވެ.

އައިޒާން މެން އެނބުރި މާލެއައީ ރިޒޯޓްގައި މަޖާ ދުވަސްކޮޅެއް ހޭދަކޮށްލާފައެވެ. މޫސުމް ގޯސްވިޔަސް ޒުވާންކުދިންގެ ޖޯޝާއި ފޯރިއަކަށް ބަދަލެއްނައެވެ. ވާރޭ ތެރޭގައިވެސް އެންމެން އުޅުނީ މަޖާކޮށެވެ. އައިޒާންވެސް ކޮންމެވެސް ވަރަކަށް މައިރާގެ މަތިން ހަދާންނެތުނެވެ. އާއިލާގެ އެތައް ރީތި އަންހެން ކުދިންނާ އެކީގައި ސަކަރާތް ޖަހަން އުޅެ، ފުދޭވަރަކަށް އެކުވެރިކޮށް ވާހަކަދެއްކުނެވެ. ނަމަވެސް މޮޑެލްއިންފަދަ ރީތި ފަރި ކުދިންނަކަށްވެސް އައިޒާންގެ ހިތާއި ހަމަޔަށް ވާސިލެއް ނުވެވުނެވެ. އައިޒާން ވާހަކަދެއްކީ އެކަނި ތިމާގެ ކަމުގެ ހައިސިއްޔަތުންނެވެ. ރަފާއިލްމެން ގެ އެހުންނަ އަންހެންކުދިން ސިހުރުގައި ޖައްސަން ބަލައިލާ ގޮތްތަކާއި އެކުދިން ހިތްއަތުލަން ގެންގުޅޭ އުކުޅުތަކެއް އައިޒާންގެ ނެތެވެ. ނޫނީ އޭނަ ބޭނުން ނުވަނީއެވެ. 

އީޝަލްގެ ޅަކަމުގެ ސަބަބުން އޭނަ ބައެއްފަހަރު ބޯޅަކުޅެ ހަދާއިރު އައިޒާން އާއި ތަންކޮޅެއް ގައިގޯޅިކޮށް ގައިގައި ހިފައިގަނެ، އެލުވި ހަދައެވެ. އައިޒާން އަށް އެހާ ރީތި އަންހެންކުއްޖެއްގެ އެ ގާތްކަމުން ވެސް އަސަރުކުރާގޮތެއް ނުވިއެވެ. ނުވިރާނެ ފަދަ ގަނޑުފެންގަޑެކޭ އޭނަ އެއްގޮތެވެ. އައިޒާން އަމިއްލައަށްވެސް އެކަމާއި ހައިރާންވެއެވެ. މައިރާ ނޫން އަންހެންކުއްޖަކަށް އޭނަގެ އިހުސާސްތައް ހޭލެއްވުމުގައި ދުވަހަކު ކާމިޔާބު ނުވާނީބާވައެވެ.

ރޭގަނޑު ދިއްލާލާފައިވާ ބޮކިތަކުގެ އަލީގައި ބަގީޗާ ފެންނަނީ ހުވަފެނީކޮށެވެ. ކުލަކުލައިގެ މާތައް ވިދަމުން ދިޔައިރު މުޅި ފަޒާވަނީ މަލުގެ މީރުވަހުން ސެންޓުލެވިފައެވެ. މިހިތްގައިމު އަލިތަކުގެ ތެރެއިން އެ ހުދުގެ ފެންނަނީ ބޮޑު ގަނޑުވަރެއްހެންނެވެ. ޝާހީ ކަމާއި ހައިބަތު އެގޭގެ ކޮންމެ ދިމާލަކުން ފެނެއެވެ. އެގޭގެ ކާރިއަށް ދެ ކާރު މަޑުކޮށްލުމާއިއެކު އެންމެ ފުރަތަމަވެސް ފޭބީ އައިމަން އެވެ. އައިމަން ކުރިއަށް ވުރެ ތަންކޮޅެއް ހިކިނަމަވެސް އަދިވެސް އޭނަ ފެންނަލެއް ރީއްޗެވެ. ބަލީގެ މާބޮޑު އަސަރުތަކެއް ނުފެނެއެވެ. އައިމަން އޭނަގެ މަންމަ ސުލްތާނާ ކާރުން ބޭލުމަށްފަހު އަތުގައި ހިފައިގެން ގެއަށް ވަންނަން ހިގައިގަތެވެ. ޝަމާއިލް އާއި ރާދާ ވެސް ކާރުން ފޭބުމުން ޑްރައިވަރާއި ސިކިއުރިޓީ މީހުން ދަބަސްތައް އެތެރެއަށް ވެއްދިއެވެ. މިދަތުރުގައި ރާދާ ބައިވެރިވީތީ ސުލްތާނާ ހިތްހަމަނުޖެހުނު ނަމަވެސް ސުލްތާނާ ހުރީ އެއްޗެކޭ ނުބުނަން ނިންމައިގެންނެވެ. އޭނަ ވަނީ އައިމަން ގާތުގައި އޭނަ ރާދާދެކެ ނަފްރަތުކުރާވަރު ކިތަންމެ ވަރަކަށްވެސް ހާމަކޮށްދީފައެވެ. ނަމަވެސް އައިމަން އެހާ ނުބައި އަންހެނަކު ފަހަތުލައިގެން އުޅެން ބޭނުންވީމަ އިތުރަށް އެވާހަކަ ދައްކަން ސުލްތާނާއަށް ނުފެނުނީއެވެ.

އައިމަން މެން އެންމެން އެކީގައި ކަހަލަ ގޮތަކަށް ގޮސް ގޭގެ ބޮޑުކޮޓަރި އާއި ހަމަވުމާއިއެކު ސިހުނެވެ. ސޯފާއެއްގައި ހަމަޖެހިލައިގެން އޮތީ ބޭރު މީހެކެވެ.

"ތިއީ ކާކުތަ؟ " އައިމަން ހައިރާން ވެލެއްވިއެވެ.

"އަޅުގަނޑުގެ ސާހަބް މިގޭ ކޮޓަރިއެއްގައި އުޅުއްވަނީ. މިގޭގައި ހުންނަން ހުއްދަދެއްވީ މިގޭގެ އަންހެން ދަރިފުޅު....." އެ މީހާ ކުޑަ ހިނިތުންވުމަކާއިއެކު ބުންޏެވެ.

"އެކަމަކު މިއީ ރެންޓަށް ދޫކުރާ ގެއެއްނޫން..." އައިމަން މަޑުމައިތިރި ކަމާއެކު ބުނުއްވިއެވެ. 

"މަޑުކޮށްލައްވާ. އަޅުގަޑުގެ ސާހަބް ބޭރަށް ގެނެސްދޭނަން. އޭނަ އާއި ވާހަކަދައްކަވާލީމަ ހުރިހާ ކަމެއް އޮޅުން ފިލާފާނެ...." އެމީހާ ރުވާލި ދުނިދަޑިއެއްފަދައިން ކޮރިޑޯ ހުރަސްކޮށްލާފައި ގޮސް ތިރީބައިގެ ކޮޓަރިއަކަށްވަދެ ގެއްލުނެވެ. އިރުކޮޅެއްފަހުން އެމީހާ އައީ ފުރޮޅިލީ ގޮނޑިއެއް ދަމަމުންނެވެ. ކުޑަކޮށް އަނދިރިކޮށްލެވިފައިވާ ކޮރިޑޯގެތެރެއިންވެސް އެ ގޮނޑީގައި އިންމީހާގެ ހަތަރެސްކަން މޫނާއި ކަޅުކުލަގަދަ ބުމަ އެންމެނަށް ފާހަގަކުރެވުނެވެ. ސުލްތާނާގެ ދެލޯބޮޑުވެ، މޭގައި އަތްއަޅާލެވުނެވެ. ރާދާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެނެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އޭނަ ބާރަށް ދޮރުކަނީގައި ހިފަހައްޓާނުލިނަމަ މޫނަށް އަނދިރިވެގެން ވެއްޓުނީހެވެ.

"އައުޒަމް...." އައިމަން މަޑުމަޑުން ކިޔާލެއްވިއެވެ.

ކޮމެންޓް 0