މައިރާ ބޭރަށް ނުކުތްއިރު ޒިޔާމާ ފެންނަން ނެތުމުން ބޯހޫރާލިއެވެ. އަނެއްކާ ޒިޔާމާ ދިޔައީ ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފައި ހުރެބާވައެވެ.އާއިލާމީހުންނާއި ގުޅުން ރަގަޅު ވުމަކީވެސް ހިތަށް ލިބޭ ފިނިކަމެކެވެ. އެ ގުޅުން ދަމަހައްޓަން މައިރާ ބޭނުންވިއެވެ. މައިރާ އަލްބަމްތައް ހުރިތަނުގައި ބަހައްޓާފައި ކުޑަދޮރުކައިރީގައި ހުއްޓުނެވެ. މޮޅިވެރިކަމާއިއެކު ދުރަށް ބަލަހައްޓައިގެން ހުރިއިރު އެލޮލުގައިވަނީ އިންތިހާދަރަޖައިގެ ވޭނެވެ. ރިހުމާއި ޝަކުވާއެވެ. ނުފައިބާހުރި ކަރުނަތަކެވެ. ނުކިޔައިދީ ހުރި ވާހަކަތަކެވެ. އެލޮލަށް ބަލައިލި މީހަކަށް ކިތަންމެ އެއްޗެއް ދެނެގަނެވިދާނެއެވެ.

މީހަކު ދޮރުގައި ޓަކިދޭން ފެށުމުން މައިރާ ގޮސް ދޮރު ހުޅުވައިލިއިރު ސަބީން ދޮރުމަތީގައި ހުއްޓެވެ. ހުއްދަ ހޯދުމަކާއިނުލައި އޭނާ މައިރާގެ އަތުތެރެއިން ދެމިގެންކަހަލަގޮތަކަށް އެތެރެއަށް ވަންއިރު ހީވަނީ ޑޭޓަކަށްދާން ތައްޔާރުވެލައިގެން ހުރިހެންނެވެ. މަސްކް ސެންޓުގެ ވަހުން މައިރާ އަނބުރައިގަންނަގޮތްވި ނަމަވެސް އޭނާ ހުރީ ކެތްތެރިވެލައިގެންނެވެ.

"ސޮރީ.. އަހަރެން ހީކުރީ ދޮންބެވެސް އުޅޭކަމަށް.. ހަމަކުއްލިއަކަށް މި ކޮޓަރީގައި ބޭއްވުނު އެއްޗެއް މަތިން ހަނދާންވީއޭ... ލެވުނު ތަނެއްވެސް ނޭނގޭ..." ސަބީން އައިގޮތަށް ވައްގަނޑުތައް ދަމާހަދަންފެށިއެވެ. އޭނާ ހުރީ އަވަސްއަރުވާލާފަ އެވެ.

"ކޯނޗެއްތަ؟ "މައިރާ ވެސް އެހީވާންއުޅުނެވެ.
"ޕެކެޓެއް.." ސަބީން ކުޑަކޮށް އަނގަ ސަކަރާތްވިއެވެ. މައިރާ ޑްރެސިންޓޭބަލް މަތީގައި ހުރި ފޮށި ހުޅުވާލައިފިއެވެ.
އެއީ އައިޒާންވެސް ކޮޓަރިއަށް ވަން ވަގުތެވެ. މައިރާވެސް "މޫޑްސް" ޖަހާފައިވާ ޕެކެޓް ނެގިއިރު އެއީ ކޯނޗެއްކަމެއް ފުރަތަމަ ނޭނގުނެވެ. އެކަމަކު ބޭރު ބަލައިލުމާއިއެކު މައިރާގެ މޫނު ރަތްވެގެންދިޔައެވެ. އައިޒާން ހުރީ ނުރުހުންވެފަ އެވެ.

"ތިއީ ސަބީގެ ކަމެއްދޯ... ފާޑުފާޑު އެއްޗެހި ކޮޓަރިއަށް ވައްދައިގެން ތިކަމާއިވެސް އަހަރެން ނަންވެފައި އޮތީ.. ކުރީ ދުވަހު އެކުވެރިޔެއް އައިގޮތަށް ތި ފެނިގެން އަހަންނާއި ދިމާކުރީ... ސަބީވެސް އުޅޭގޮތެއް ދޯ...މީހަކާ އިންނަންވީނު ގޯސްކޮށް ނޫޅެ..ސަބީ.. އައިމް ސީރިޔަސް އިނގޭ..." އައިޒާން ހިތްހަމަނުޖެހިފައިވާކަން އެނގުމުން ސަބީން އެއްވެސް އެއްޗެކޭ ނުބުނެ އެ ޕެކެޓް ހިފައިގެން ބޭރަށް ނުކުމެއްޖެއެވެ. މައިރާ ހަނދާންވީ މިކޮޓަރިން ރެޔާން "މޫޑްސް" ފެނިގެން އެ ވާހަކަ ބުނިގޮތެވެ. އެކަމުގެ ސަބަބުން ރެޔާންއަށް ވެސް މާބޮޑަށް އޮޅުނީއެވެ. ނުބައި ކުށްހީ އެއްގެ ޝިކާރައަކަށް ވެގެން ދިޔައީއެވެ. އައިޒާންފަދަ މާތް ކުއްޖަކު ނުކުރާ ކުށެއް އޭނަގެ ބޮލުގައި އެޅި އަދި މައިރާވެސް ބަދުނާމުވެގެން ދިޔައީއެވެ. މައްސަލައެއް ނެތެވެ. ދެން އެ ހަގީގަތް އޮޅުން ފިލުވައިދިނަސް އޭނައާއި ރެޔާންގެ ދޭތެރޭގައި ލެވިފައިވާ އެކަތައިގެ ފާރު ފުނޑުފުނޑުކޮށެއް ނުލެވޭނެ އެވެ. ރެޔާން ތިމާކުރި ކުށާއިމެދުވެސް ވިސްނައިނުލި ވިއްޔާއެވެ. މައިރާ ނާސިއަކަށް ފުރަތަމަ ހެދީ ކާކުކަން ހަނދާން ނައްތާލީއެވެ. ރަނގަޅަށް ފަރިނުވަނީސް އެމަލުގެ ފޮނިކޮޅު ބޯލާފައި މާބުރު ފިލައިގެން ދިޔައީއެވެ. މިއީ ދިރިއުޅުމެވެ. މިފަދަ ކިތަންމެ ހާދިސާއެއް ދުނިޔޭގައި ތަކުރާރުވަމުން ދާނެއެވެ.

ސަބީން ދިޔުމުން އައިޒާން ވެސް ފަހަތުން ނުކުތެވެ. އެއްގޮތަކަށް ވެސް އައިޒާން މައިރާއާއި އެކީގައި ކޮޓަރީގައި ހުންނަން ބޭނުންވާހެނެއް ހިޔެއް ނުވެއެވެ. އެކުވެރިކަމުގެ އެންމެ ފިޔަވަޅެއްވެސް އަޅަން ބޭނުން ނުވާކަން އައިޒާންގެ ހަރަކާތް ހުންނަގޮތުން މައިރާ ދަނެއެވެ. ބީރައްޓެހިންފަދައިން އެއްގެއެއްގެތެރޭގައި އުޅުމަކީ ފަސޭހަކަމެއް ވެސް ނޫނެވެ. އައިޒާން ފަދައިން ސަމީނާމެން ވެސް ބީރައްޓެއްސެވެ. ސަމީނާއާއި އިސްވެ ވާހަކަދައްކަންވެގެން މައިރާ ގޮސް އަހަންފެށީ ސިލްސިލާތަކުގެ ވާހަކައެވެ. އެއީ ސަމީނާ އެންމެ ޝައުގުވެރިކަމާއިއެކު ކުރާކަންތައްކަން މައިރާއަށް އެނގުނީތީ ސަމީނާ ލައްވާ ވާހަކަދައްކުވާނެގޮތެއް ވިސްނުނީއެވެ. ސަމީނާ އޭނާ ބަލާހާ ސިލްސިލާތަކުގައި ވާހާ ކަންތައް ކިޔައިދޭން ފެށިއެވެ. އެވާހަކަތައް ހިއްސާކުރާނެ އެކުވެރިއަކު ލިބުމުން ސަމީނާ ހުންނަނީ އުފަލުންނެވެ.

ސަމީނާ ކައްކާ އުޅޭގަޑީގައި ސަމީނާއަށް އަތްގާތްކޮށްލަދޭން މައިރާ ބައެއްފަހަރު އެތަނަށް ދެއެވެ. ސަމީނާ ކައްކާ މަންޒަރު ފެނުމުން މައިރާ އަށް ބައެއްފަހަރު އުނދަގޫވެ، ބިރުވެރިކަން އިހުސާސްކުރަން ޖެހެއެވެ. އަނެއްހެން ހުރިހާކަމެއް ސާފުތާހިރުކޮށް ކުރާއިރުވެސް ތެލި އެއްޗެހީގައި ހިފާލަން އޭނާ ލައިގެން ހުންނަ ހެދުމުގެ ބަޔެއް ބޭނުންކޮށްލާތަން ފެނެއެވެ. ބައެއްފަހަރު ހެދުމުގައި ހުޅުހިފާފާނެއޭ ހީވާ ވަގުތުވެސް އާދެއެވެ. ބައެއްފަހަރު އުނދުޅިން ރިހައިގެ ރަހަބަލައިލަ އެވެ. އެފަދަ ކަންތައް މައިރާއަށް ކަމަކު ނުދެއެވެ. މައިރާ ކޮންމެވެސް ވަރަކަށް ވަރުޖެހި ތެދުވެ އުޅެވޭވަރުވުމުން އަމިއްލައަށް ނޫޑުލްސް ކައްކައިގެން ކާންފެށިއެވެ. ގޭތެރޭގެ ކަންތައްވެސް ކޮންމެވެސް ވަރަކަށް ކުރަން ފެށިއެވެ. ނަމަވެސް މޮޕްކުރުން އަދި ފާޚާނާ ދޮވުންފަދަ ކަންތައްތަކަކީ އައިޒާންގެ ޑިއުޓީއެވެ.

ފައިސަލް ހުންނެވީ ވަރަށް ބޮޑަށް ރުޅިދުރުވެފައެވެ. އެއްގޮތަކަށްވެސް ޒިޔާމާ، މައިރާއާއި ބައްދަލުކުރުމުގެ ހުއްދައެއްވެސް ނުދޭނެކަމަށް ފައިސަލް ބުނުއްވީ ނުރުހުމާއިއެކުގައެވެ. އެކަމާއިހުރެ ޒިޔާމާއަށް ލިބުނީ ޝޮކެކެވެ. އެހާ ސިއްރުން އޭނަ ކުރިކަމެއް ފައިސަލްއަށް އެނގިލެއްވިގޮތެއް ޒިޔާމާގެ ވިސްނުމަކަށްނައެވެ. ނަމަވެސް ފިރިމީހާގެ ހުއްދަނެތި ދެވަނަފަހަރު އެޕާޓްމެންޓަށް ދާކަށް ނުކެރުނެވެ. އެކަމުގެ ހިތާމަ ޒިޔާމާ މޮޔަވާވަރުކޮށްލައިފިއެވެ. އެގެއަށް ދާނެގޮތަކާއިމެދު ޚިޔާލުކުރުން ނޫންކަމެއް ނުކުރެވެއެވެ.

ލެވެންޑާކޮޓެޖްގެ މެމްބަރުން މެންދުރު ކާން ތިބިއިރު ޒިޔާމާ އިނީ ކާއެތިކޮޅެއް ނުދިރުވިފައެވެ. ލޮލުން ފެންނަނީ ކަރުނައިގެ އަސަރެވެ. އައިޒާންގެ ޅައިރުގެ ފޮޓޯތައް ޒިޔާމާގެ ހިތަށް ތަދުކުރަނީއެވެ. މިއަދުވެސް ދަރިފުޅަށް ނުދީ އެއްޗެއް އަރުތެރެއިން އެތެރެނުކުރެވުނީއެވެ.

"ދަރިފުޅާ...މަންމަގެ ޒައިން..." ކުއްލިއަކަށް ޒިޔާމާ އަށް ރޮވިއްޖެއެވެ. މޫނުގައި އަތްއެޅިއެވެ. އެންމެނަށް ލިބުނީ ހައިރާންކަމެކެވެ. ފައިސަލް ވަގުތުން ކާތަށި އެއް ފަރާތްކޮށްލާފައި ޒިޔާމާ ގޮވައިގެން ކޮޓަރިއާއި ދިމާލަށް ހިންގަވައިގަތެވެ. އަޔާނާގެ ލޮލުންވެސް ކަރުނަ ހިލުނެވެ. ރެޔާން އިނީ ހިމޭނުންނެވެ. އެކަމަކު އޭނާ ކާހިތް ކެނޑުނެވެ. އަނގައިން ބުނާހިތެއްވެސް ނުވިއެވެ. މަންމަ މިދުވަސްކޮޅު ޒައިންގެ ވާހަކަދައްކާފައި އެވަރަށް ހިތާމަކުރާއިރު އޭނަގެ ހިތްވެސް ހަލާކުވެ ނެތިގެންދަނީއެވެ. ނަމަވެސް އޭނަގެ ޖަޒުބާތުތައް ވަނީ ފޮރުވިފައެވެ. 
ހިމޭންކަމާއިއެކު އޭނާ އެކަނިމާއެކަނި އިނދެ ކުރާ ހިތާމަތައް އެހެން އެކަކާވެސް ހިއްސާކޮށްލާކަށް ބޭނުމެއްނުވި އެވެ.
ރެޔާން ކޮޓަރިއަށް ގޮސް އެނދަށް ވެއްޓިގަތްގޮތަށް ދެލޯމަރާލިނަމަވެސް މައިރާގެރީތި ސޫރަ އެސްފިޔަތަކުގެ ދޭތެރެއިން ފެންނަން ފެށިއެވެ. އެ އޮމާންކަމާއި މަޑުކަން އަތަށް ވެސް އިހުސާސްކުރެވޭހެން ހީވިއެވެ. އެ ލުއި މީރުވަސް އަބަދުހެން ނޭފަތުގައި ހިފާފައިވާހެންހީވެއެވެ. ކައިރީގައި ތާއަބަދު ހުންނަން ބޭނުންވާ އޭނަގެ މައިރާ އެހެންމީހެއްގެ އަތުތެރޭގައި އުފާކުރަމުންދާއިރު އޭނަ ކެތްކުރާނެ ގޮތެއް ވިސްނުމަކަށް ނާދެއެވެ. ރެޔާން އެނދުގައި ދެފަރާތަށް ފުރޮޅުނެވެ. ބޭވަފާތެރި އަނިޔާވެރިކުއްޖާ އޭނަގެ ދިރިއުޅުން ހަލާކުކޮށްލައިފިއެވެ.

އިރުއޮއްސެމުންދިޔައިރު ހީވަނީ އިރުން ލޭފައިބަމުންދާހެންނެވެ. އެހާވެސް ރަތްކުލަ ގަދަވި އެވެ. އެ ރަތްކުލަ ރެޔާންގެ މޫނަށް ވެރިވެފައިވާއިރު އޭނަ ރީތިކަމުން ހީވަނީ އެހެންފަދަކަމެއްހެންނެވެ. ޕަރީންތަކުގެ ލޮލުގައި އަޅައިގަންނާނެހާ ފުރިހަމައެވެ. ރެޔާން އިށީނދެލައިގެން އިނީ އެގޭގެ ފަހަތުގައިވާ ގަހެއްގެ މޫގަނޑުމަތީގައެވެ. އެގަހުގައި ފޮޅިފައިވާ ރީނދޫކުލައިގެ މާތައް ވިނަގަނޑުމައްޗަށް ފައިބަމުންދާ މަންޒަރުވެސް އެހާ ހިތްގައިމެވެ. ރެޔާން އެކި ޚިޔާލުތަކުގައި އިންދާ މަންމަ ފޯނެއްގައި ހުރެގެން އެދިމާލަށް ހިގާފައި އަންނަކަން އެނގުނެވެ.

"ޒާން....ތިގެއަކަށް ނުދެވޭނެ.. ޖާސޫސު ކުރާމީހުން އެހާ ގިނަ...އެންމެ ފަހުން ފައިސަލްއަށް ވެސް އެކަންތައް އެނގިގެން ރުޅިދުރުވެފައި ހުރީ... އެކަމަކު ހާދަބޮޑަށް ޒާން ދެކެލާހިތްވެއްޖޭ..." ޒިޔާމާ ގަހާއި އަރާހަމަވީއިރު ދެއްކިވާހަކަތައް ރެޔާންއަށް ރަނގަޅަށް އިވުނެވެ. އޭނަގެ ނޭވާ އެތެރެހަށީގައި ތާށިވި އެވެ. ހިރިލާކަށްވެސް ނުކެރުނެވެ.
އެކޮޅުންދެއްކި ވާހަކަތަކެއް ރެޔާންއަކަށް ނީވުނެވެ.

"މިދެން ހާދަ ލާނެތްކުއްޖެކޭ ދޯ...."ޒިޔާމާ ބާރުބާރަށް ހީގެންފިއެވެ.
"ރެސްޓޯރެންޓަކަށޭ؟ ކޮންތަނަކަށް...ޒާންބުނިތަނަކަށް ހިނގައިދާނަމޭ...." މަންމަ ވާހަކަދައްކަމުން އަޑު ނުފޯރާފަށަށް ދިޔުމުން ރެޔާން ގަސްތަކުގެތެރެއިން ނުކުތެވެ. އޭނަ މޮޔަވާވަރުވިއެވެ. އައިޒާންގެ ލަދުކުޑަކަމާއިމެދު ވެސް ހައިރާންވެ އަންތަރީސްވި އެވެ. އައިޒާން ފުރަތަމަ ފަހަރަށް މިގެއަށް އައި އައުމާއިމެދު ވެސް ހިތުގައި ޝައްކު އުފެދުނެވެ. މަންމައާއި ސިއްރު ގުޅުމެއް ބާއްވައިގެން މުޅި އާއިލާ ބަދުނާމުކުރަން އުޅޭމީހަކީކަން ނޭނގެއެވެ. ރެޔާންއަށް އޮޅުވާލާފައި ރެޔާންގެ ފަރާތުން ނުބައިގޮތަކަށް ބަދަލުހިފަން އުޅެނީ ނޫންކަމެއްވެސް ނޭނގެއެވެ. ރެޔާންވެސް އައިޒާންއަށް ލަނޑެއް ދޭން ވިސްނިފަދައިންނެވެ. ރެޔާން ބޭނުން ނުވިޔަސް އޭނަގެ ޚިޔާލަށް ނުބައި ތަސްވީރެއް ވެރިވެގެންދިޔައެވެ. އައިޒާން، ރެޔާންގެ ދިރިއުޅުމުގެ އެންމެ ލޯބިވާ، އެންމެ ޚާއްސަ ދެ އަންހެނުން ފޭރިގަނެގެން އޭނަ މޮޔަކޮށްލަން އުޅެނީއެވެ. ލޯބިވެރިޔާ ޖަހައިގެންވެސް އައިޒާންގެ ހިތެއް ނުފުރުނެވެ. މަންމަވެސް ފޭރިގަތީއެވެ. މިވަރުގެ ބޮޑު ލަނޑެއް އެއްވެސް އިންސާނަކަށް އަނެކަކަށް ނުދެވޭނެއެވެ. އެކަމަކު އޭނަ އައިޒާންއަށް ކާމިޔާބުވިޔަކަނުދޭނެއެވެ. ރެޔާން ގެ ސިކުނޑިއަށް ބާރުކުރިވަރުން ފަޅައިގެންގޮސްދާނެހެން ހީވިއެވެ.

ރެޔާން ފިކުރެއްގެތެރޭގައި ހުރެގެން ޓެރެސްއަށް ދިޔައިރު މަންމަ އިނީ ޓެރެސްގައި އެލުވާފައިވާ އުނދޯއްޔެއްގައެވެ. އަދިވެސް މަންމަ އިނީ ހީހީފައި އެމީހަކާއި ވާހަކަދައްކާށެވެ. އެކަމަކު ރެޔާން ފެނުމުން މަންމަ ފޯނު ބާއްވައިފިއެވެ.
"ރެޔާން...ބައްޕަ ހީކުރެއްވީ މަންމަ ނަފްސާނީ މައްސަލައެއްޖެހިގެން އުޅޭކަމަށް...ޑޮކްޓަރ ރަހީލާއާއި އެޕޮއިންމެންޓެއް ވެސް ހަމަޖައްސާފައި އޮތީވެސް...ކީކޭބުނާނީ ދޯ... މަންމައަށް ހީވަނީ ބައްޕަހެން ސައިކޭޓްރިސްޓަކަށް ދައްކަންވީ.. ބައްޕައަކަށް އެކައްޗެއްވެސް އެނގިއެއްނުލައްވާ..." ޒިޔާމާ އިނީ ހުވަފެނީގޮތަކަށް ހުދު ފިނިފެންމާގަސްތަކާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އިރުއޮއްސުނަސް ބަގީޗާގެ އަލިތަކުގެތެރެއިން ހުދު ފިނިފެންމާގަސްތައް ވިދާއިރު ރީތިކަމުން ހުވަފެނެއްފަދައެވެ. އެތައް ސަތޭކަ މަލެއް ފޮޅިފައިވެއެވެ.

ރެޔާން ހުރީ ބުނާނެއެއްޗެއް ނޭނގިފައެވެ. އޭނަގެ މަންމަ ބައްޕައާއި ދިމާލަށް މިވަރުގެ އެއްޗެއް ބުނެލިއަޑުވެސް އޭނަ އަހާފައެއްނުވެއެވެ. މަންމަ މުޅިން ބަދަލުވަނީއެވެ. ހީވަނީ އަބަދު ޚިޔާލަކަށް ގެއްލިފައި އިންނަހެންނެވެ. ފޯނަށް ބަލަނީ މެސެޖަކަށް ނޫނީ ކޯލަކަށް އިންތިޒާރުކުރާފަދައިންނެވެ. ރެޔާންގެ ހިތަށް ފިނިވެގެންދިޔައެވެ. އޭނަގެ ހިތަށް ނޭނގޭ ބިރުވެރިކަމެއްގެ ހިޔަނިއެޅުނެވެ. 

ކޮމެންޓް 0