އައިޒާން ދޮރު ހުޅުވާލިއިރު އޭނަގެ މަންމައާއި ސަބީން ފެނުމުން ކުޑަ ހައިރާންކަމެއް ލިބުނަސް ހިނިތުން ވެލިއެވެ. މަންމަ ވަންނަން ތަން ދެއްކިއެވެ. މަންމަ ބުނީ އެމީހުން ދިރިއުޅޭ ބައިގާ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. ހަމީދު ސިނގެރެޓް ބޯން ގޮދަޑިމަތީގައި އޮވެފައި ބޭރަށް ދިޔަތަނުން ގޭގައި ރޯވެ ހުރިހާ އެއްޗެއް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ. ހީވާގޮތުން ކަފަ ބާލީހުގައި ރޯވީއެވެ. ހަމީދު ވެސް މިވަގުތުވީ އޭނަގެ ބޭބެއެއްގެ ގޭގައި ކަމަށް މަންމަ ބުންޏެވެ. އައިޒާން ބުނީ މަންމައާއި ސަބީންއަށް އުމުރުދުވަހުވެސް އޭނައާއިއެކުގައި އުޅެވޭނެ ކަމަށެވެ. މަންމަ ފެނުމުން އައިޒާން ހުރިހާ ހިތާމަތަކެއް އެއްފަރާތްކޮށްލާފައި މަންމައަށް ސައިހަދަން އުޅުނެވެ. ސަބީން އެދިޔަގޮތަށް ގޮސް ފްރިޖް ހުޅުވާލައިގެން ގްރޭޕް ޖޫސް ޕެކެޓްގައި ބާކީހުރި ބައި އަނަގަޔަށް އޮއްސާލައިފި އެވެ.
"ސަބީ... ކިތައްފަހަރު ބުނާނީ އަނގައިގާ ޖަހާފައި ޕެކެޓްތަކާއި އެއްޗެހި ނުބޯށޭ.." ސަމީނާ ސޯފާގައި އިށީދެ ވަގުތުން އުޅުނީ ޓީވީ ބެލުމަށެވެ. ގޭގައި އެހާ ބޮޑު ހާދިސާއެއް ހިނގައިގެން އުޅޭއިރުވެސް ސަމީނާ އެކަމާއި ފިކުރު ބޮޑުވީހެނެއް ހިޔެއް ނުވެއެވެ.
"އަނގަ ނުޖައްސަމޭ މަންމާ.. އިންޗިއެއްގެ ދުރުމިން ބަހައްޓައިގެންނޭ މިއުޅެނީ..." ސަބީން އެއް ލޯ މަރާލިއެވެ. އޭނަ ހުރީ ފްރިޖްގެ މުއްސަދިކަމާއިމެދު އާޝޯޚުވެފައެވެ. މޭވާތަކާއި ކިރު އަދި ޖޫސްޕެކެޓްތަކާއި ފާޑުފާޑުގެ ކާނާތަކުން ފްރިޖް ބަރާވެފައިވެއެވެ. ސަބީން ކޮންމެ އެއްޗެއް ހުޅުވާފައި ރަހަބެލިއެވެ. އެންމެ ފަހުން ޕީނަޓްދަޅު ހިފައިގެން އައިސް ސޯފާގައި އިށީދެ އިނގިލިން ކާންފެށި އެވެ. އޭރު ސަމީނާ އިނީ ޓީވީ ބަލަހައްޓައިގެން ހެވިފައެވެ. އައިޒާން ހުރީ ސަބީން އުޅޭގޮތުން އުނދަގޫވެފައެވެ. މައިރާ ފަދަ ޝާހީ ކުއްޖަކު އެފަދަ ކޮންމެކަމެއްވެސް ނަގާނީ ނާތަހުޛީބު އަމަލަކަށެވެ. އެކަމަކު މައިރާއަކީ ވެސް މާ ރަނގަޅު ކުއްޖެއް ނޫނެވެ. އަބުރު ގެއްލިފައިވާ ކުއްޖެކެވެ. ބަނޑުގައިވަނީ ކާކުގެ ދަރިއެއް ކަމެއްވެސް ނޭނގެއެވެ. ވީއިރު މައިރާ ބޭނުންގޮތަކަށް ވިސްނިޔަދޭށެވެ. އެމީހުންގެ މޮޅުކަމަކީ ޝާހީ ލަޤަބެވެ. 
އައިޒާން ކައްކާ ނިމިގެން އެންމެން އެކީގައި ކެއި ފަހުން މައިރާ ކޮޓަރިން ނުކުތެވެ. ވައިލެޓް ކުލައިގެ ޓީޝާޓަކާއި ޖިންސެއް ލައިގެންހުރި އިރު އިސްތަށިގަނޑު އޮތީ ހުޅިއެއްޖަހާފަ އެވެ. އޮމާން މޫނު ވިދައެވެ. ހީވަނީ ދެންމެ ފެންވަރާލައިގެން އައީހެންނެވެ. އައިޒާންގެ މަންމައާއި ކޮއްކޮ ފެނުމުން މައިރާއަކަށް އަނބުރާލާފައި ކޮޓަރިއަށް ވަންނާކަށް ނުކެރުނެވެ. އަޖާއިބުވީ ސަމީނާ ކުޑަގޮތަކަށް މައިރާއަށް ބަލާލުމަށްފަހު އަޅާވެސް ނުލައި އަނެއްކާ ޓީވީ ބަލަން ފެށުމުންނެވެ. އައިޒާން ވެސް މައިރާ އެމީހުންނަށް ތައާރަފުކޮށްދިނުމެއްނެތި ފާޑަކަށް ބަލާލާފައި ބާރަށް ހިގާލާފައިގޮސް ވަނީ ކޮޓަރިއަށެވެ. މައިރާ ކުޑަކޮށް ރަކިވިއެވެ. އޭނަ ނުތަނަވަސްވެ ހަދާނެގޮތެއް ނޭނގި ހުރެފައި މަޑުމަޑުން ގޮސް ފްރިޖް ހުޅުވާލައިފިއެވެ. ނަސީބަކުން ނޫޑުލްސް ކައްކާފައި ހުއްޓެވެ. އޭނަ ހުރީ ބަނޑުހައިވެފައެވެ. މައިރާ ނޫޑުލްސް ތައްޓާއި އޫ ހިފައިގެން ކޮޓަރިއަށް ވަނެވެ.
"މިއީ ކޮންކަމެއް... އަޖައިބެއްކަހަލަ ފެމިލީއެއް... އަހަރެންދެކެ ފޫހިވާހެން ހީވަނީ..." މައިރާ ހިތާހިތުން ކިޔާލި އެވެ.
"މުއްސަދި އަންހެނުންގެ އުޅުން ބަލާލަބަލަ ސަބީން... ވަރަށް ފޮނިވާނެ.. އައިޒާން ލައްވާ ކައްކުވައިގެން ކާލައިގެން އެ އޮންނަނީ އަރާފައި... ކަންނެތް މީހެއް... އަދި ލޮލުގައި ހުރީ ހަމަ ފަރަންޖީންގެ ކުލަ.. ޔަގީނޭ އޭނަގެ މަންމަ ވެސް ޒުވާންއިރު ކަންތައްގަނޑެއް ހިންގާލާފައި އޮތީކަން... އެމުއްސަދި އާއިލާތަކުގެ ސިއްރުތައް ވަރަށް ގިނަވާނެ..."ސަމީނާ ބާރުބާރަށް ބުންޏެވެ. ސަބީން އެއްޗެކޭ ނުބުނުމުން ސަމީނާ ބަލާލިއިރު ސަބީން އޮތީ ގަދަ ނިދީގައެވެ. އައިޒާންއަށް އެންމެ ފަހުން މަޖުބޫރުވީ މައިރާގެ ކޮޓަރިއަށް ގޮސް މައިރާ އާއި ވާހަކަ ދެއްކުމަށެވެ. މަންމައަށް އެ ކޮޓަރި ދީފައި މައިރާ އޭނަގެ ކޮޓަރީގައި ހުރުމަށް އެދުނެވެ. ޑިއު ގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން އުޅޭ ކަމަށާއި އޭނަ ސޯފާގައި ނިދާފާނެ ކަމަށް ބުނެލިއެވެ. މައިރާ އިތުރު އެއްޗެކޭ ނުބުނެ އޭނަގެ ސާމާނު ހިފައިގެން އަނެއް ކޮޓަރިއަށް ބަދަލުވި އެވެ.
އައިޒާން ނަމާދަށްގޮސްފައި އެނބުރި އައިއިރުވެސް މަންމަ އިނީ ޓީވީގެ ކުރިމަތީގައެވެ. ސަބީން ސޯފާ މަތީގައި ބަންޑުން ނިދާލާފައި އޮތެވެ. އައިޒާން މަންމައަށް ގޮވާލުމުން އަޑުއިވުނު ކަމަކަށްވެސް ނުވިއެވެ. ޚަބަރު ބަލާލަން ބޭނުންވި ނަމަވެސް މަންމަގެ ސަބަބުން އެކަމެއް ނުކުރެވުނެވެ. އައިޒާން އެކަނިމާއެކަނި އިނދެ ކެއެވެ. އޭނަ ކައިގެން ގޭތެރޭގައި މޮޕްޖަހާ ސާފު ކުރަންފެށީ އެންމެ ހިނދުކޮޅަކަށްވެސް ކަމެއްނެތި ހުންނަންވެއްޖެއްޔާ އޭނަގެ ޚިޔާލު ބޮޑުވާނެވަރާއި، ދެރަވާނެވަރު އިހުސާސްކުރެވި އެ ފުރުސަތު ނުދޭން ވެގެންނެވެ.

ޖެހިގެން އައި ދުވަހުވެސް މައިރާ ގިނަ ވަގުތު ހޭދަކުރީ ކޮޓަރީގައެވެ. އިރުއޮއްސުނުތަނާހެން އައިޒާން އާދައިގެ މަތިން ނަމާދަށް ހިނގައްޖެއެވެ. ސަމީނާ ފެންވަރާލައިގެން މާވަރުގަދަ އަތަރެއް ލައިގެން އައިޒާންއަށް ގޮވަމުން އެކޮޓަރިއަށް އައެވެ. މައިރާ ހޮޑުނުލެވުނީ ކިރިޔާއެވެ. އެންމެ ފަހުން ސަމީނާ ނުކުތުމުން މައިރާ އޮރެންޖް އެއަފްރެޝްނާ ކޮޓަރިއެއް ޖެހީ ވަސް ރަނގަޅު ކޮށްލުމަށެވެ. އެކަމަކު އޭނަ މާބޮޑަށް އޮކްސިޖަންކޮޅަކަށް ބޭނުންވިއެވެ. ވަގުތުން އޭނަ އެޕާޓްމެންޓުން ބޭރަށް ނުކުމެގެން ހިގާލަން ދިޔައީ އެހެންވީމައެވެ. މަގުމައްޗަށް ނުކުތުމުންވެސް އުދާސްކަން ކުޑައެއް ނުވިއެވެ. ނޭވާ ތާށިވާހެންހީވަނީއެވެ. ފަނަރަވަރަކަށް މިނިޓްވަންދެން ހިނގާލުމުން ލޮޑުވާގޮތްވެސްވިއެވެ. އެންމެ ފަހުން ގެއަށް ވަންއިރު ސަމީނާ އިނީ ބޮޑުކޮޓަރީގަ އެވެ.
"އާދޭ ޓީވީ ބަލަން... މީ ވަރަށް ރީތި ސިލްސިލާއެއް..." ސަމީނާ އިނީ ތަންކޮޅެއް ހިތްހަމަޖެހިފައެވެ. ހެވިފައެވެ. ހީވަނީ ދުނިޔޭގެ ރަސްކަން ލިބިފައިވާހެންނެވެ. މައިރާއަށް އަނގަ ހުޅުވާލެވޭނެ ގޮތެއް ނުވިއެވެ. މުޅި ކޮޓަރީގައި އެ ވަރުގަދަ ފޮނި އަތަރެއްގެ ވަސްގަނޑު ހިފާލާފައިވެއެވެ. މައިރާ އަވަސްއަވަހަށް ދުވެފައިގޮސް ކޮޓަރިއަށް ވަނުމާއިއެކު އޯކަށް ދަމަން ފެށިއެވެ. މައިރާ ރަނގަޅުވީ ކެއި ހާއެއްޗެއް ހޮޑަށް ލެވުމުންނެވެ.
އައިޒާން ގެއަށް ވަނުމުން ސަމީނާއަށް އެއްޗެކޭ ނުބުނެ ނީދެވުނެވެ. ފިލްމުތަކުގެ މަންޒަރުތައް ބަލަމުންގޮސް އެބައިތައް ސިކުނޑިއަށް ނެގިފައިވަނީކަން ނޭގެއެވެ.
"ބޮޑާ އަންހެނެއް... މަ އެ ކޮޓަރިއަށް ވަދެފައި ނުކުތީމަ އެއާފްރެޝްނާ ޖެހިއިރު އޭނަ ހީކުރީ މަށަށް ނޭނގޭނެކަމަށްތަ؟ އަދި ޓީވީ ބަލަން އަންނާށޭ ބުނީމަވެސް އަނގަމަތީގައި އަތްއަޅައިގެން ދުވެފައިގޮސް ކޮޓަރިއަށް ވަނީ.. މަށަށް މިލިބުނީ ވަރެއްގެ ބަހޫ އެއްދޯ.."ސަމީނާ ތުން އަނބުރާލާފައި ބުނެލައިފި އެވެ.
"މައިރާ ބަލިވެއުޅޭތީ އެހެންއެވީ މަންމާ.. މަންމަ އަތަރުލައިގެން އިނީމަ އުނދަގޫވީ ކަމަށް ވާނީ... ބައެއް ކުދިން އަތަރުވަސްޖެހުނީމަ އުނދަގޫވާނެ.."އައިޒާން އިށީނީ މަންމަގެ ގާތުގައެވެ. އިރުކޮޅަކުން ސަބީން ގެއަށްވަނެވެ. ރެޑްބުލް ދަޅެއް ބޮމުންނެވެ. ރަންކުލައަކުން ޑައިކޮށްލާފައި އިސްތަށިގަނޑު ދިގުކޮށްލާފައިވާތީ އޭނަ ހީވަނީ ބޭރު ކުއްޖެއްހެނެވެ.
"ދޮންބެ.. މާ މަޖާކަމެއްވެއްޖެ... ދެންމެ ބޭރު ވައްތަރު ޖަހާ ދޮން އިސްކޮޅުން ދިގު އަންހެނަކު އައިގޮތަށް ތިއީ އައިޒާންހޭ އަހާލީމަ ބުނިން އާއެކޭ... ބުނީ ވީހާވެސް އަވަހަކަށް މި އެޕާޓްމެންޓް ހުސްކުރާށޭ... ވަރަށް ރުޅިގަދަވެފައި ހުރީ... އަހަންނާއި ދިމާލަށް ބަލާލީ ވަރަށް ފާޑަކަށް... އަނެއްކާ މައިރާގެ މަންމަތަ؟ ހިތަށް އަރާނެ އޭނަގެ ދަނބިދަރިއަކަށް މިވީ ޕާޓޭއެކޭ.. " ސަބީން ހެމުން ބުނެލިއެވެ. އައިޒާން ހައިރާންވެ އަންތަރީސްވިއެވެ. ޒިޔާމާ އެ ފެންވަރަށްވެސް ވެއްޓިގަތީއެވެ. އޭނައާއި ޖައްސާލާފައިވަނީ ހާދަ ބޮޑަށެވެ. ޒިޔާމާ ގެ މައްސަލައަކީ ކޮބައިބާވައެވެ. ރެޔާން އެއްލާލި އަންހެންކުއްޖަކާއި އިނީމަ އަދިވެސް ވީ އޭނަގެ ފަރާތުން ބަދަލު ހިފަންބާވައެވެ. ސަބީން މަޖާވެލާފައި އިނަސް އައިޒާން އިނީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. އެހެން އެޕާޓމެންޓެއް ހޯދުމަކީ އުނދަގޫ ކަމެއް ނޫނެވެ. އޭނަގެ އަތުގައި މިހާރު ލާރި އެބަހުއްޓެވެ. މަންމަމެން ގޭގައި ތިބުމުން ދެން ވަޒީފާއަށް ދާންވެސް ފެއްޓިދާނެއެވެ. މައްސަލައަކީ ކޮންމެ ތަނަކަށް ދިޔަސް ޒިޔާމާ އޭނަގެ ފަހަތުން ނުފިލާނެ ކަމަށް ސިކުނޑީގެ ކަނަކުން ސިގްނަލްކުރަން ފެށިކަމެވެ.

އާއްމުކޮށް ރޭގަނޑު އިޝާ ނަމާދަށްފަހު ކައިގެން އެންމެންވެސް ނިދަން ކޮޓަރިތަކަށް ވަދެއެވެ. ނުވައެއްޖަހާއިރަށް ގެ އޮންނަނީ ހިމޭންވެފައެވެ. ހުރިހާ ދިމާލެއްގައި ރަސްކަންކުރަނީ ފަނޑުއަލިތަކެވެ. ޝަމާއިލް މޯނާ ގެ ޙަރަކާތްތައް ދެކެން އިރުކޮޅެއްވާންދެން އަނދިރީގައި ހުއްޓިލައިގެން ހުއްޓެވެ. މި އަންހެންމީހާގެ ހަގީގަތް ކޮންމެހެންވެސް ދެނެގެން ނޫނީ އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.ޝަމާއިލް މިރޭ ކައިގެން ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި ބައްޕަގެ ކޮޓަރިގެ ކުރިމަތީގައިވާ ކޮޓަރިއާއިޖެހިގެން ހުރި ކޮޓަރިއަށް ވަނެވެ. އެ ކޮޓަރިވެސް ހުންނަނީ ހުހަށެވެ. ޝަމާއިލް މިރޭ ކޮންމެ ގޮތެއްހަދާފައިވެސް މޯނާ ބޭޒާރުކޮށްލަން ބޭނުންވިއެވެ.
އެގާރަޖަހާ ބޮޑުވެއްޖެއެވެ. ޝަމާއިލް އިންތިޒާރުކޮށްކޮށް މޯނާގެ ޚަބަރެއް ނުވިއެވެ. އޭނަ މާޔޫސްވިއެވެ. އެންމެ ފަހުން އޭނަ ނިދިއަންނަގޮތް ވިއެވެ. ޝަމާއިލް އެންމެ ފަހު ފަހަރަށް ކުޑަދޮރުން ކޮރިޑޯއަށް ނަޒަރު ހިންގާލުމާއިއެކު ނޭވާވެސް ހިދުކޮޅަކަށް އެތެރެހަށީގައި ތާށިވިހެންހީވިއެވެ. މޯނާ މަޑުމަޑުން ހިނގާލާފައި އާދެއެވެ. އޭނަގެ އަތުގައި ތަބަކެއް ހުއްޓެވެ. ޝަމާއިލް އަވަސްފިޔަވަޅުތަކެއްގައި އައިގޮތަށް ކޮޓަރީގެ ދޮރުހުޅުވާލިއިރު މޯނާގޮސް ޑޮކްޓަ އައިމަންގެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލަނީއެވެ. މޯނާވެސް ސިއްސައިގެން ދިޔައެވެ. ފަނޑުއަލީގެ ތެރޭގައިވެސް ޝަމާއިލްގެ ލޮލުން އަލިފާން ކަނިބުރާހެންހީވެ އެވެ.
"ދަންވަރު މިކޮޓަރިއަށް ވަންނަން ތިއުޅެނީ ކީއްކުރަންތަ؟" ޝަމާއިލް ދަތްކުނޑިވިކައިގެންފާ ތަންކޮޅެއް ބާރަށް ހަޅޭއްލަވައިގަތެވެ.
"ދަރިފުޅާ ހަޅޭއްނުލަވަބަލަ.. މިއައީ ބައްޕައަށް ހޫނު ކިރުތައްޓެއް ހިފައިގެން..." މޯނާ މަޑުމައިތިރިގޮތަކަށް ބުންޏެވެ. އެވަގުތު އެ ދިމާލަށް އެހެންމީހަކު ހިގާފައި އަންނަތަން ފެނުމުން ޝަމާއިލް ވެސް އެނބުރުނީ ކަންބޮޑުވެފައިހުރެއެވެ. އިތުރު ބަޔަކަށް މިކަން އެނގިގެން ބައްޕަ ބޭޒާރުވާކަށް ޝަމާއިލްވެސް ނޭދެއެވެ. އެތަނަށް އައީ އޭނަގެ މާމަ ސުލްތާނާއެވެ.
"އައިމަންއަށް ދަންވަރު ކޮފީއެއްވިޔަސް ހިފައިގެން އަންނާކަށް މޯނާ ނުޖެހޭނެ ދޯ..."ސުލްތާނާވެސް ހުރީ ރުޅިގަދަވެފައެވެ. މިގަޑީގައި އޭނަވެސް ހޭލައިގެން މިއައީ ކޮޓަރީގައި ފެން ހުސްވެފައި ހުރުމުންނެވެ. އާއްމުކޮށް ކޮޓަރިން ފެން ހުސްވިޔަނުދީ ބެލެހެއްޓުމަކީ މޯނާގެ ޒިންމާއެކެވެ. މިރޭ ތަރުމޯޒަށް ފެންއަޅަން މޯނާ ހަދާން ނެތުނީއެވެ. ޝަމާއިލް އެއައިގޮތަށް އައިސް ކިރުތަށީގައި އަތުންޖެހި އެވެ.
"އަހަރެން ބޭނުމެއްނޫން އަހަރެންގެ ބައްޕަގެ އަގުވެއްޓޭކަށް... މިގޭތެރޭގައި ތިފަދަ ބަދުއަޚުލާގީ އަމަލުތަކަށް ފުރުސަތެއް ނުލިބޭނެ... މާމާ މިއަންހެނާ މިގެއިން ބޭރުކޮށްލައްވާ... މިއީ ރަނގަޅުމީހެއްނޫން... ބައްޕަ ބްލެކްމެއިލްކޮށްގެން އުޅޭ މީހެއްހެން ހީވަނީ..."ޝަމާއިލް އުކުޅުގައި އަތްވިއްދާލައިގެން ހުރިއިރު އޭނައަށް ކެތްކުރެވުނީކީ ނޫނެވެ.
"މާމައަށްވެސް ޝައްކެއްވެގެން އުޅޭތާ ދެތިން ދުވަހެއްވެއްޖެ... އަހަރެން ހަމަ ހައިރާންވޭ އައިމަން ވެސް މިފެންވަރަށް ވެއްޓިގަތީމަ.. މިހާރު މިގެއިން ނިކުމޭ..." ސުލްތާނާ އަމުރުކުރިއެވެ. މޯނާހުރި ފިޔަވަޅުމަތިން ގުޑާވެސް ނުލިއެވެ.
"ބައްޕަގެ ސަބަބުން ހުރިހާ ލަދެއްގަންނަން މިޖެހުނީ އަޅުގަޑުމެން... މާމަ ގެ ނަސޭހަތުގައި ހިފުމަށް ބައްޕަ އެވަރަށް ބާރުއަޅުއްވާނެ... އެކަމަކު ބައްޕަ އަޅުގަޑުމެންނަށް ދައްކަވަނީ އެހެން މަންޒަރެއް.."ޝަމާއިލް ނުރުހުމާއިއެކު ބުންޏެވެ.
ޝަމާއިލް ގެ އެ ޖުމްލަތަކާއިއެކު މޯނާގެ އަތުން ހޫނު އެތިފަހަރެއް ޝަމާއިލްގެ މޫނަށް އަރައިގެން ހިގައްޖެއެވެ. ސުލްތާނާ ވެސް ސިހިއްޖެއެވެ. ގެންގުޅޭ އަންހެނެއްގެ މިފަދަ ލަދުކުޑަ އަމަލަކަށް ކެތްކުރެވުނީ ކިހިނެއް ކަމެއްވެސް ނޭގުނެވެ. ޝަމާއިލްގެ ގަޔަށް އެގޮތަށް އަތްލެވިގެން ނުވާނެއެވެ. މޯނާ ދެން އެތާ ހިނދުކޮޅަކަށްވެސް މަޑުކޮށެއް ނުލިއެވެ. ބާރުބާރަށް ހިގާލާފައި އޭނަ ގޮސް ސިޑިބަރިއާއި ނިވާވެލައިފި އެވެ.
ޑޮކްޓަ އައިމަންވެސް ކޮޓަރިން ނިކުންނެވީ އެވަގުތުއެވެ. އައިމަން ވަރަށް ހަމަޖެހިލާފައި ހުރެ އޭނަގެ މަންމަގާތު ބުނީ މަންމަމެނަށް ކުށްހީއެއްކުރެވިގެން އުޅޭ ކަމަށާއި އޭނަ މިގަޑީގައި ބައެއްރޭ ކޮފީ އެއްނޫނީ ހޫނު ކިރުތަށްޓެއް ހޯދަން ގެންގުޅޭމީހުންގެ ގާތުގައި ބުނާކަމަށާއި އެކަމާއި ކަންބޮޑު ނުވުމަށެވެ.ޝަމާއިލް އެއްގޮތަކަށް ވެސް އޭނަގެ ބައްޕަ ދެއްކެވި ވާހަކަތައް ގަބޫލެއް ނުކުރެއެވެ. ނަމަވެސް މައްސަލަހަތަށްޓަކައި ހިމޭންވިއެވެ. ފަހަރެއްގައި ބައްޕަގެ ވާހަކަ އެގޮތަށް ހުރީ މާމައަކީ ހިތުގެ ބަލިމީހަކަށްވެފައި އިތުރަށް މައްސަލަ ގޯސް ނުކުރަންކަމަށް ވެސް ވެދާނެއެވެ. ސުލްތާނާ ގޮވައިގެން އައިމަން ކޮޓަރިއަށް ގެންދެވިއެވެ. ޝަމާއިލް ހުރީ އިންތިހާއަށް ދެރަވެ އަސަރުކޮށްފައެވެ. އޭނަގެ މި އުފާވެރި އާއިލާ ރޫޅިގެން ދަނީއެވެ. މަޑުމަޑުންގޮސް އެންމެން ވަކިވެގެން ދަނީއެވެ. ހާދަ ދެރައެވެ. މައިރާގެ ވެސް ޚަބަރެއް ނުވެއެވެ. މައިރާ އާއި ވާހަކަ ދެއްކުމާއި ބައްދަލު ކުރުން ބައްޕަވަނީ މަނާކުރައްވާފައެވެ. ނަމަވެސް ކޮއްކޮ ގެ ޙާލު ދެކޭހިތުން ޝަމާއިލްއަށް ކެތްކުރެވެނީ އެއްނޫނެވެ.

ލެވެންޑާ ކޮޓެޖް ގެ ގޭޓުން އެތެރެއަށް އައިޒާން އެޅި ކޮންމެ ފިޔަވަޅަކާއިއެކީގައި އޭނަގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެހެންވާންވީ ސަބަބެއް އޭނައަކަށް ނޭގުނެވެ. މިގެ ހީވަނީ ޝާހީ ގަނޑުވަރެއްހެންނެވެ. ފިލްމުތަކުން އަދި ފޮޓޯތަކުން ލަންޑަންގެ ބަކިންހަމް ޕެލެސް ފެންނައިރުވެސް މިހާ ރީއްޗެއް ނޫނެވެ. ގަސްތަކުގެ ދަށުގައި ދޫލައެއްހެން ފެތުރިވަނީ ފެހި ވިނަގަނޑެކެވެ. ނެތްކުލައެއްގެ މަލެއްނެތެވެ. ޖެހެމުންދާ ވައިރޯޅިތަކުގައި ހިފާފައިވަނީ މަލުގެ ލުއިވަހެވެ.
ފުޅާ ފެންޑާގައިވާ ޖަހާފައިވާ މާބްލްތައް ވެސް އަގުބޮޑުވާނެކަން އައިޒާންއަށް އެނގުނެވެ. ސޯފާތަކާއި ކުލަކުލައިގެ ބާލީސްތަކެވެ. މާގަސްތައް އިންދާފައިވަނީ ހުދު މާބްލް އަދި ބިއްލޫރި ވަށިތަކުގައެވެ. އަދި އެލުވާފައިވާ ގަސްތަކުގައި މާތައް ފޮޅިފައިވާއިރު އެހާ ޗާލެވެ. އައިޒާން ވައިލެޓްކުލައިގެ އޯކިޑެއް ބިދެލައިފިއެވެ. މިހާ މުއްސަދި ގެއެއްގައި އެއިން ކޮންމެކަމެއް މަނާވާނެކަމަށް ހިތް ބުންޏެވެ. ބަޓްލާ ވަރަށް މައްސަލަ ޖައްސާފައި މެޑަމް ރުޅިދުރުވާނެ ވާހަކަ ބުނުމުން އައިޒާން ގެ ހިތްހަމަޖެހުނެވެ. އޭނަގެ ބޭނުމަކީވެސް މެޑަމް ރުޅިއަރުވާލުމެވެ. އޭނައަށް ފޯނުކޮށް އެއްޗެހި ކިޔަކިޔާފައި އެވަރުން ނުވެގެން އެޕާޓްމެންޓަށްގޮސް އިންޒާރުދިނުމުން އައިޒާން މިހިރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ޒިޔާމާގެ ކުރިމަތީގައި ހުރެގެން ވާހަކަ ދައްކާލަން އައިޒާން ބޭނުންވި ސަބަބަކީ އެއީއެވެ. އިރުކޮޅަކުން ޒިޔާމާ ގޭތެރެއިން ނުކުމެގެން އައެވެ. ކަންފަތުގައި ފޯނުޖަހާލައިގެން ހުރެ ކޮންމެވެސް މީހަކާއި ވާހަކަދައްކަމުނ ްއައިސް އައިޒާން އާއި ދާދިގާތުގައި ހުއްޓުނު އިރުވެސް އޭނަ އައިޒާންއަކާއި ދިމާލަށް ބަލައި ނުލައެވެ.
ޒިޔާމާ ހީވަނީ ފިލްމީ ތަރިއެއްހެނެވެ. ކަރާއި ކަންފަތުގައި ވިދާ ޖަވާހިރުތަކުގެ ބެބުޅުން ގަދަކަމުން ލޯތަރަތަރަ ޖަހައިގެންދާވަރުވެއެވެ. އައިޒާން ކޮންމެވެސް ވަރަކަށް ފިނޑިވާ ގޮތްވިއެވެ. މިގެއަށް އާދެވުނު ކަމުގެ މޮޔަހީވިއެވެ.
"ރެޔާން... މަންމަ ފަސީހާއްތަމެން ގެއަށް ގެންގޮސްދީބަލަ... ދަރިފުޅު ތަނަކަށްދާންތަ ތިއުޅެނީ؟ " ޒިޔާމާ އެހެން ބުނަމުން ރަނގަޅަށް އައިޒާންގެ މޫނަށް ބަލާލައިފިއެވެ. ޒިޔާމާ އާއި އައިޒާންގެ ހަތަރުކަޅިހަމަވިއެވެ

ކޮމެންޓް 0