އިންސާނުންގެ ސިފައިގައި ބިންމަތީގައި ޝައިތާނުން އުޅޭ ކަމަށް ކިޔައި އިރު އަދި ކިރިޔާ ގަބޫލު މިކުރެވުނީ. އެކަކު ތިހިރީ ލޯމައްޗަށް ފެންނަންވިއްޔަ. އިބުލީހުގެ ޕީއޭ ތިއީ. ކަލޭ މަރާލައިގެން ޖަލަށްވަންނަން ޖެހުނަސް އަހަންނަށް ހެޔޮ. ހީވޭތަ އަހަރެން ހުއްޓާ ތި މީހާއަށް ޒާންގެ ގަޔަށް އަތްލެވިދާނެހެން....." ރެޔާންގެ އަޑުގައިވި ހަރުކަށިކަމަކުން އަންވަރުވެސް ބިރުގަންނަ ގޮތްވިއެވެ. ރެޔާންގެ އަތަށް ހެރިފައިވާ ވަޅި ދަމައިގެންފައި އޭނަގެ ގަޔަށް ޖަހާފާނެކަމުގެ ބިރު ހީވެ، އަންވަރު ފިނޑި ވިއެވެ. ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. އެވަގުތު އައިޒާން ހަލުވިކަމާއިއެކު އެނބުރުނު ގޮތަށް އަންވަރު ހޫރާލުމުން އޭނަ ވިއްސައިގެން ގޮސްޖެހުނީ މަގުގެ އަނެއްފަޅީގައިވާ ފާރުގައެވެ. ކަނޑާ ވައްޓާލި ރުއްގަނޑެއް ފަދައިން އަންވަރު ޖެހުނު ގޮތަށް ނުތެދުވެފައި އޮތެވެ. ހުރިހާ ކަމެއްވެސް ވިދިވިދިގެން ހިނގީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. 

"އޯ ނޯ ރެއިން. ހާދަވަރަކަށޭ. ލޭ ......" އައިޒާން ރެޔާންގެ ގައިގައި ހިފެހެއްޓިއެވެ. ރެޔާންގެ ލެއިން ޓީޝާޓް ތެމިފޯވެފައި ހުރުމުން، ރެޔާންގެ މޭމައްޗަށްވެސް ވަޅިހެރިފައިވާކަމަށް އައިޒާންއަށް ހީކުރެވުނެވެ. އައިޒާން ކަރުނަތައް ހިފަހައްޓަން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައެވެ.

"ހާސްނުވެބަލަ ޒާން. އަހަރެންނަކަށް މާބޮޑުކަމެއްނުވޭ. އަތަށޭ ވަޅި ހެރުނީ. އެކަމަކު ކުޑަކޮށް އަތް ފޫއަޅުވާލައިފައި ދިޔަގޮތަށް މޭމަތީގައި ޖެހުނު. އެކަމަކު ފުނެއްނޫން ކަން ނޭގޭ...." ރެޔާން މަޑުމަޑުން "އޫއިއޭ" ބުނެލިކަމުގައި ވިޔަސް އޭނަ ކުރަމުން ދިޔަ ހިތްވަރުން އައިޒާންވެސް ހައިރާންވިއެވެ. ރެޔާންއަށް މާބޮޑުކަމެއް ނުވީތީ އޭނަ ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ.

އަންވަރު ބިންމަތީގައި ޖެހުނު ގޮތަށް އިރުކޮޅެއް ވާންދެން ކުޑަކޮށް ބުރާންތިވެފައި އޮތުމަށްފަހު ތެދުވުމުން ވަރުގަދަ ކެއްސުންގަނޑަކުން އޭނަ އަނެއްކާ ވަރުބަލިކޮށްލައިފިއެވެ. އޭނަ މޭގައި ހިފަހައްޓާލި ގޮތަށް ބިންމައްޗަށް ތިރިވެއްޖެއެވެ. ކެއްސަމުންގޮސް މީހާ ދަލުން ފެންވެރުނެވެ. އިރުކޮޅެއްފަހުން އަނގައިން ބުނާނެ ހިތްވަރެއް ނުލިބިފައި އިނުމަށްފަހު ތެދުވެއްޖެއެވެ. އޭރު ޔުނިފޯމް އެޅި ފުލުހުންގެ ދެތިން މީހުން ކައިރީގައި ތިބިތަން ފެނުމުން އަންވަރު އެމީހުންނާއި ދިމާލަށް ލޯއަޅާލައިފައި ހުތުރު އެއްޗެހި ތަކެއް ކިޔައިލައިފިއެވެ. ފުލުހުންނަކަށްވެސް އަންވަރުއަށް ހިތުހުރި ގޮތެއް ހަދާލާނެ ފުރުސަތެއް ނުލިބުނެވެ. އޭނަ ބަލިކަމުން އިންޑިއާއަށް ފުރަން ގަޑި ކައިރިވެފައި ވުމާއި އެކުގައި ޑޮކްޓަރުންގެ ލިޔުންތައް ފެނުމުން ވަގުތީ ގޮތުން ދޫކޮށްލަން މަޖުބޫރުވީއެވެ. އަންވަރުއަށް ނޭގުނީ ޖަލުގެ ބިރުވެރިކަމަށްވުރެ އޭނަ ހަނގުރާމަ ކުރަންޖެހިފައިވާ ބަލީގެ އަނިޔާވެރިކަމާއި ވޭންދެނިވި ވަރެވެ. އޭނަ ވަނީ ނުރައްކާތެރި ކެންސަރުގެ ޝިކާރައަކަށް ވެފައި ކަމެވެ. އެ ބަލީގެ ކޮންމެ ފަރުވާއަކުން ތަޙައްމަލު ކުރަން ޖެހޭނެ ވޭނާއި، އުނދަގުލާއި، ހިތްދަތިކަމެވެ. އެހެން އިންސާނުންގެ ފުރާނަ އާއި ކުޅެލާއިރު ތިމާއަކީ ބަލިކަށި މީހެއްކަމާއި ކުރާ ފާފަތަކުގެ ސަޒާ ބައެއްފަހަރު ދުނިޔެއިންވެސް ލިބިދާނެ ކަމެވެ.

ރެޔާންގެ އަތަށް ލިބުނު އަނިޔާ ކުޑައެއްނޫނެވެ. މޭމައްޗަށް ވަޅި ހެރުނަސް ނަސީބަކުން ފުއްޕާމޭގައި ނުޖެހި ސަލާމަތްވިއެވެ. ރެޔާން ހޮސްޕިޓަލުން ގެއަށް އައުމުން ޢަދަން ރެޔާންގެ އުރަށް އެރިގޮތަށް އެތައް ސުވާލެއް ކުރިއެވެ. ރެޔާންގެ އަތުގައި ބޭސްއަޅާފައި ބެންޑޭޖްކޮށްފައި ހުރުމުން ޢަދަން ދެރަވެސްވިއެވެ. އެހާ ތުއްތުއިރުވެސް ބައްޕައަށް އަނިޔާވީކަން ދެނެގަތެވެ. ޢަދަން އެ ބެންޑޭޖް ގަނޑަށްވެސް ދޮނެއް ދިނުމުން ރެޔާންގެ ހިތް ބަންޑުން ވިއެވެ. އަތުތެރޭގައި ބޮނޑިކޮށްލި ގޮތަށް އެ ފުށްކޮޅު މޮޑެލަން ހިތް އެދުނެވެ. މިއީ އޭނަގެ ބަގީޗާގައި ފޮޅުނު އަގުނުކުރެވޭފަދަ މަލެކެވެ. އޭނަގެ ފުރާނައެވެ. ދުނިޔެއެވެ. މައިރާ ފިޔަވައި އެފަދަ މަގާމެއް ދެން ލިބޭ ދެވަނަ ފަރާތެވެ.

އައިޒާންއަށް އޭނަގެ ބޭބެ، އަމިއްލަ ނަފުސާއި މެދު ނުވިސްނާ ވަރަށް އައިޒާން އާއި މެދު ވިސްނައި އަޅައިލާކަން އެ ހާދިސާއިން ޔަގީންވިއެވެ. އޭނައަށް ޓަކައި ފުރާނަވެސް ގުރުބާން ކޮށްފާނެކަން އެގުނެވެ. ހަގީގަތުގައި ރެޔާން އެގޮތަށް އައިޒާންގެ ކުރިމައްޗަށް އެރުމަކީ ނުރައްކާތެރި ކަމެކެވެ. އޭނައަށް ވަޅި އާއި ދިމާލަށް އަތްދިއްކޮށް ލެވުނީ އޭނަގެ އުމުރުގައި އަދި ތަން ހުރީމައެވެ. މިހާދިސާގެ ސަބަބުން ދެބެއިންގެ ގާތްކަމާއި ގުޅުން ކުރިއަށްވުރެ ވަރުގަދަވިއެވެ. އަދި އައިޒާންގެ ކައިރީގައިވެސް ރެޔާންގެ ގަދަރު އެތައްތަނެއް އުފުލިގެން ދިޔައެވެ.

ސުލްތާނާ އައިސީޔޫގައި އޮވެފައި ގެއަށް ފޮނުވާލި ދުވަހު ގެއަށް އަތުލަފި ކޮށްގެން ގެންގޮސް ކޮޓަރިއަށް ވައްދާފައި ޝަމާއިލް މާމަ އާއި ވާހަކަ ދައްކާލަން ގާތުގައި އިށީނެވެ. އައުޒަމްވެސް އޭނަގެ މަންމަގެ ގާތުގައި އެނދުގެ ކާރިއަށް ގޮނޑި ޖައްސާލައިގެން އިން އިރު ސުލްތާނާ އިނީ ތުން ފިތާލައިގެންނެވެ. ޝަމާއިލްއަށް އޭނަގެ މާމަ އައުޒަމް ދެކެ ރުޅިއައިސްފައި އިންކަން ޔަގީންވިއެވެ. ޝަމާއިލް އަށް ވަނީ އެހުރިހާ ދުވަހު ފޮރުވިފައިވާ ސިއްރުތައް އެ ރަންގުޅިން ހޯދިފައެވެ. އެހާ ކަޅު ސިއްރެއް ބޭޒާރުވެފައެވެ. ހީވާގޮތުން މާމަ އިނީ އޭނަ އާއި އައުޒަމް އެކަނިވާނެ ފުރުސަތަކަށް ބަލަބަލައެވެ. ޝަމާއިލް އައުޒަމް އާއި މެދު ހަމްދަރުދީވެސް ވިއެވެ. އެއްބަނޑު އެއްބަފާ ބޭބެގެ އަންހެނުން ދެކެ ލޯބިވުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތާމައެވެ.

ޝަމާއިލް ދިހަވަރަކަށް މިނިޓްފަހުން ކޮޓަރިން ނިކުމެގެން ދިޔައީ ހުރިހާކަމެއް ރަނގަޅުވުމަށް އެދި ހިތާހިތުން ދުޢާކޮށްފައެވެ.

"އައުޒަމް. މިއަދު އަހަރެން ގާތުގައި ޖެހޭނެ ހުރިހާ ހަގީގަތެއް ކިޔާދޭން. މައިރާ އަކީ އައުޒަމްގެ ދަރިއެއްތަ؟" ސުލްތާނާ ސީދާ މައުޟޫއަށް ވާހަކަ ގެންދިޔަ އެވެ. އައުޒަމްގެ މޫނު ރަތްވެގެން ދިޔައެވެ. އައުޒަމް އަށް އޭނަގެ މަންމަގެ މޫނުގައިވި ހަރުކަށި ކަމާއި ރުޅިވެރިކަމުން ކޮންމެވެސް ގޮތަކަށް އޭނަ ގެ މާޒީ އެނގިފައިވާކަން ޔަގީންވިއެވެ. ބޭޒާރުވުމުން ދޮގުތަކެއް ހަދައިގެން އެކުށްތަކުން ރެކެން އައުޒަމް ނޫޅުނެވެ. ނަމަވެސް އެހިތް ހީވަނީ ބިރުންގޮސް ހުއްޓިދާނެ ހެންނެވެ. އޭނަގެ ލޯބިވާ މަންމަމެންގެ ލޮލުގައި އަދުންއަޅުވާފައި އޭނަ އުޅުނު ނުބައި ގޮތްތައް ހަދާންވުމުން ލޮލުން ކަރުނަ ހިލުނެވެ. 

"މަންމާ. އަޅުގަނޑު ވަނީ އެ ފާފަކޮށްފައި އެކަމަކު މައިރާ އަކީ ކާކުގެ ކަމެއް އެއްގޮތަކަށްވެސް ނޭގޭ ....." އައުޒަމް އޭނަގެ މަންމަގެ ކުރިމަތީގައި ކުށަށް އިއުތިރާފުވެ މާޒީގެ ވާހަކަތައް ކިޔައިދިނެވެ. ރާދާ އޭނަ އަކީ އައިމަންގެ ޒުވާން ކުޑަ ކޮއްކޮ ކަމަށް ދެކިގެން އެހާ ލޯބިން ވާހަކަދައްކާއިރުވެސް އެފަދަ ގޮތަކަށް އޭނަ އާއި މެދު ނުދެކޭކަމަށެވެ. ނަމަވެސް އައުޒަމްއަށް ރާދާ ދެކެ ލޯބިވެވި އެންމެ ފަހުން ކެތްނުކުރެވޭ ހިސާބަށް ދިޔުމުން ރާދާއަށް އޮޅުވާލައިގެން ރިޒޯޓަށްގޮސް ރާ ބޯންދިންކަމަށްވެސް އައުޒަމް އެއްބަސްވިއެވެ. އެއަށްފަހުވެސް މަޖުބޫރުކޮށްގެން ބިރުދައްކައިގެން އުޅުނު ކަމާއި އެންމެ ފަހުން ރާދާ އައިމަން ގާތަށް ދާން ފުރިއިރު އޭނަ ބަނޑުބޮޑުކަން އައުޒަމްއަށް ވެސް ޔަގީން ނުވެފައިވާކަމަށް ބުންޏެވެ. އަދި އޭނަގެ ބޭބެ ނިޔައިވި އިރު ކުރެއްވި ވަސިއްޔަތްވެސް މަންމަ ކައިރީ ގައި ބުނަމުން ދިޔައިރު އައުޒަމްއަށް މޫނުގައި އަތްއެޅުނެވެ.

ސުލްތާނާ އެރަންގުޅި ތެރޭގައިވާ ސިޓީތަކެއް އައުޒަމްއަށް ދިނެވެ. އެއީ އައުޒަމް ރާދާގެ ގާތުން މާފަށް އެދި ފޮނުވާފައި ހުރި ސިޓީތަކެވެ. އެތަނުން އައުޒަމްއަށް އާ ސިޓީއަކަށް ފެނުނީ ރާދާ ލިޔެފައިވާ ސިޓީއެވެ. އެ ސިޓީގައި މައިރާއަކީ އައުޒަމްގެ ދަރިފުޅު ކަމަށް ރާދާ އެއްބަސްވެފައިވެއެވެ. އައުޒަމްއަށް މައިރާ ފެންނަ ކޮންމެ ފަހަރަކު އެފަދަ އިހުސާސްތައް ކުރެވޭ ސަބަބު އަދި ކިރިޔާ މިއެގުނީއެވެ. އައުޒަމްގެ ލޮލުގައި ގިނަވެގަތް ކަރުނަތައް އެސްފިޔަތައް ފޫދުއްވާލާފައި ފައިބަންފެށިއެވެ.

"މަންމާ. އަޅުގަޑަށް މާފުކުރައްވާ...." އައުޒަމް އާދޭހާއި އެކު ބުންޏެވެ.

"އައުޒަމް މާފު އެދެން ޖެހޭނީ އައުޒަމްގެ ބޭބެ ކާރިން. ގިޔާމަތް ދުވަސްވަންދެން އިންތިޒާރު ކުރަން ޖެހިފައި އައުޒަމްއަށް ތިވަނީ. އަހަރެން ކުރަން ޖެހޭކަމަކަށްވާނަމަ ނެތިން ދުވަހަކު މާފުދޭކަށް. ކިހާބޮޑު ޚިޔާނާތެއް ތިވީ. ބޭބެގެ އަންހެނުން ގަޔަށް އަރަން ކެރުނީތީ އަހަރެން މިހިރީ އައުޒަމްގެ ލަދުކުޑަކަމާއި ގޮތެއްނެތް ކަމާއި މެދު ހަމަ ހައިރާންވެ އަންތަރީސްވެފައި. އަހަރެން އެހާ ލޯބިން ގެންގުޅުނީމަ ދޭން ފެނުނު އިނާމަކީ އެއީތަ؟ މިތަނުން ދުރަށް ދޭ...." ސުލްތާނާ އޭނަ އެހާ ލޯބިން ގެންގުޅެ ބަލާބޮޑުކުރި ދަރިފުޅާއި ދިމާލަށް އުމުރު ދުވަހުގައިވެސް މިފަދަ އެއްޗެކޭ ބުނެފައެއްނެތެވެ. އެ ދުލުން އަބަދުވެސް ބޭރުވީ ތައުރީފެވެ. އައިމަންއަށް ވުރެ މާތްކޮށްގެން، ރަނގަޅުކޮށްގެން އުޅުނު ކުޑަ ދަރިފުޅު ސުލްތާނާގެ މޫނުމަތީގައި ކޮޅު ފައިންޖެހީއެވެ. އައުޒަމްއަށް ހީވީ ދިރި ދުނިޔޭގައި ހުރެ އޭނަގެ ހިތް ވަޅުލެވުނު ހެންނެވެ. ހިތް އޮންނަންވީ މަގާމު ހުސްވެއްޖެހެން ހީވިއެވެ. އޭނަ މުޅިން އެކަނިވެރިވީއެވެ. މަންމަ އާއި ބޭބެ އަދި ލޯބިވެރިޔާ އާއި ދަރިފުޅުވެސް ވަކިވެގެން ދިޔައީއެވެ.

އެދުވަސްކޮޅު ރާދާވެސް އަނެއްކާ އެނބުރި އަތުވެއްޖެއެވެ. ދަރިންނާއި ވަކިން ހުރުމަކީ ރާދާއަށް ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. ސުލްތާނާއަށް ރާދާ ލެވެންޑާކޮޓެޖްއަށް ދާކަން އެގުނަސް ބަލައި ފޮނުވާނެ ހިތްވަރެއްވެސް ނުލިބުނެވެ. އެހެންނޫނަސް އައިމަން ކިތަންމެ ވަރަށް ވަސިއްޔަތް ކުރިޔަސް ރާދާވެސް އައުޒަމް ފަދަ ބަލިމީހަކާއި ކައިވެނި ކުރާނެ ގޮތެއްވެސް ނެތެވެ. ވީއިރު އެހާ އަމިއްލަ އެދުންބޮޑުވެގެން އެވާހަކަ ހުށަހަޅާކަށް ސުލްތާނާ އަކަށްވެސް ނުކެރޭނެއެވެ. ސުލްތާނާގެ ގާތުގައި އައުޒަމް ވަނީ އެއްވެސް މީހަކު ކުށްވެރި ނުވާހާ ބޮޑަށް ކުށްވެރިވެފައެވެ.

ރެޔާން ބާރަކަށް ދޮރުލައްޕާލައިފައި ކޮރިޑޯއިން ހިނގައިގަތް އިރު އަދިވެސް ދެލޯ ރަނގަޅަށް ހުޅުވާނުލެވެނީ، މާ ދިގު، ކަންނެތް ނިންޖަކަށްފަހު ހޭލެވުނީމައެވެ. އޭނަ ހުރީ މެރޫން ކުލައިގެ ޓީޝާޓަކާއި، ސޯޓެއް ލައިގެން ރަސްމީ ކަމެއް ނެތިއެވެ. ރެޔާން ހޫނު ކޮފީއެއް ބޭނުމެވެ. ކަޅުކޮފީ އެކެވެ. ދިގު ފިޔަވަޅުތަކެއްގައި މާގިނައިރެއްނުވެ ކާކޮޓަރި އާއި ހަމަޔަށް ދެވުނަސް އެގަނޑުވަރެއްފަދަ ގޭގެ ބޮޑުކަމާއި، ހިގަންވީ ރާސްތާގެ ދުރުމިނުގެ ސަބަބުން، ހިތާހިތުން އެއްޗެހި ކިޔުނެވެ. ފެނުނު ހުވަފެނެއްގެ ސަބަބުން ތަބީއަތު ގޯސްވެފައި ހުއްޓާ، ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިވެގެން ދިޔައީ ކާކޮޓަރީގައި އަނެއްފަރާތަށް އެނބުރި އަވަދިނެތި ހުރި ލޫޅާފަތި، ނާޒުކް ކުއްޖާ ފެނުނެވެ. ރެޔާންގެ ލޮލުގައި ވިހާ ނިންޖެއް އެއްފަހަރާ ފިލައިގެން ދިޔައެވެ. މައިރާ ހުރީ ފުރަގަސްދީގެން ފޯންޗުން ޖޯޑުތަކަށް ކޮފީ އެޅުމުގެ މަސައްކަތު ގައެވެ. ކޮފީގެ ގަދަ މާމުއި ކުލައިން ކުޅުދިޔާވާ ގޮތް ވީއިރު ދެވިހިފާފަދަ މީރުވަހެއް މުޅި ހިސާބުގައި ހިފާލާފައިވެއެވެ. ރެޔާން ފިޔަވަޅުގެ އަޑުނީއްވާ މަޑުމަޑުންގޮސް "ބޫ" އޭ ކިޔާލުމުން މައިރާ ސިހިފައި ހަޅޭއްލަވައިގަތެވެ.

"ބިރުގަތީތަ؟" ރެޔާން ކަންފަތްދޮށުގައި އެހެން ބުނެލިއިރު އެ ފިނި ތުންފަތް މައިރާގެ ކަންފަތުގައި ބީހި، މައިރާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ރެޔާންގެ ދެލޮލުގައި ނަށާލަ ނަށާލާ ހުރީ ލާނެތް ވިދުވަރެކެވެ. 

"ރެއިން ގަނޑާ، އަދިކިރިޔާތަ ތި ހޭލެވުނީ. އެގާރަޖަހައިފި. ހެދުނުގެ ނާސްތާ ގަޑި ކަޓާފައި މިއޮތީ ކޮފީ ޓައިމް. ދެން ނޯ ރޮމެންސް ޕްލީޒް ޑާލިން. މީހަކު މިތަނަށް އަންނާނީ ބުނެފައެއްނޫނޭ......" މައިރާ ރެޔާންގެ ކުޑަކޮށް ހޭވިފައިވާ އިސްތަށިގަނޑު އިތުރަށް ހާވާލަމުން، މޭމަތީގައި ކުޑަކޮށް އަތުން ޖަހައިލީ ބެންޑޭޖް ކޮށްފައިވާ ހިސާބުގައި އަތްނުލަން ވިސްނައިގެން ހުރެއެވެ. "ރެއިންއަށް ރޭކާލާނެ ނަމަ މިވަގުތުވެސް ރެއިންގެ ސެކްސީ ކަމާއި، އިރެޒިސްޓަބްލް ވަރު.." މައިރާގެ ހިތާއި ހިތުން ކިޔައިލެވުނެވެ. ރެޔާން އާއި ކައުންޓަރާއި ދޭތެރޭގައި ކުޑަކޮށް ފިތި، އެ ވަރުގަދަ ދެއަތުގެ ތެރޭގައި ހައްޔަރުވުމުން މައިރާގެ ހިތުގެ ތެޅުން އިތުރުވެގެން ދިޔައެވެ. ދެމީހުން އެއްހިޔަނިފަދައިން ތިބެފައި ދުރަށްޖެހިލީ ފިޔަވަޅުތަކެއްގެ އަޑުއިވުމުންނެވެ. އީޝަލް ދޮރުމަތީގައި ހުރީ ހަށަން ބަދެލައިގެންނެވެ. ޔަގީނެވެ. ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހުނީއެވެ. މިހާރަކަށް އައިސް އީޝަލް މައިރާދެކެ ފޫހިވާހެންވެސް ހީވެއެވެ.

"މޯނިން ޒާން ލަވް. ކޮފީބޯން އާދޭ. ދެމީހުންގެ ފެވެރިޓް ބީފް ޕިއްޒާވެސް އެބަހުރި..." ރެޔާން ގޮނޑިއެއް ދަމާލަމުން ކަންނެތްގޮތަކަށް އިށީދެއްޖެއެވެ. އީޝަލްއަށް ގޮވާނުލީ ރެޔާން ގަސްތުގައެވެ. އީޝަލް ރުޅިއަރުވާލަން ވެގެން އެފަދަ ކުދިކުދި ސަމާސާ ކުރުމަކީ ރެޔާންގެ އާދައެކެވެ. 

"ހެވޭ ރެއިން. ދެމީހުންނަށް ކަމުދަނީ އެކައްޗެއްދޯ. ކޮފީ، ޗޮކްލެޓް، ޕިއްޒާ އަދި..... ވަރަށް ފޫހިވޭ. އަދި އެންމެ ފޫހި ވަނީ ރެއިންވެސް މާ ޒާންވެގެން އުޅޭތީ. ރެއިން ނޫނީ މަންމަ އުޅޭނީ ޒާންގެ ފަހަތުގައި. ސަމީނާ މަންމަވެސް މިހާރު އަބަދުހެން މިގޭގައި....." އީޝަލް ހިތްހަމަނުޖެހިފައި ވާގޮތަކަށް އެހެން ބުނެލުމުން ރެޔާން ބާރަކަށް ހީގަތެވެ. އައިޒާންވެސް ކަޅުކުލަގަދަ އެއްބުމަ އަރުވާލަމުން އީޝަލްއަށް ބަލައިލައިފިއެވެ. އީޝަލް ގެ މޫނު ރަތްވެ އަލިފާން ކޮޅަކަށްވިއެވެ. ރަތްކުލައިގެ ޓޮޕް ކޮޅަކާއި އައިސްބްލޫ ޖިންސެއްގައި އީޝަލް ހުރިއިރު އެ އިސްތަށިގަނޑާއި ގުޅޭވަރުން އެހެން ދުވަހަށްވުރެވެސް ރީތިކަމަށް ދައްކައެވެ. އީޝަލްގެ އިސްތަށިގަނޑުގެ ކުދި ބުޅިކޮޅުތައް ނުކިޔަމަން ތެރި ކަމާއިއެކު ވިހުރެމުންދާއިރު ޖާދޫއެއް ފަދައެވެ. ކޮންމެ އަންހެން ކުއްޖަކުވެސް "މެރީޑާ" އިސްތަށިގަނޑެއް ނޫނީ "ރެޕެންޒެލް" އިސްތަށިގަނޑަކަށް ޓަކައި ގުރުބާން ވާނެއެވެ.

"އާހް. ޕުއަރ ޝެލް. ޒާން އެހެން ނަހަދާ އެކުއްޖާއަށް ޓައިމް ދީބަލަ. އަހަރެން ސިމްޕަތީވާން ފަށައިފި...." ރެޔާން ލާނެތް ހިނިތުންވުމަކާއި އެކުގައި ބުންޏެވެ.

"އަހަރެން ބުނިން ދޯ ރެއިން އާއި ޒާންގެ ފެވެރިޓަކީ އެކައްޗަކަށް ވާނަމަ މައްސަލައެކޭ. ސީރިޔަސްކޮށޭ މިބުނީ. ޓްވިންސްއިން ވެއްޖެއްޔާ އެކަކުދެކެ ލޯބިވެސް ވެވެނީ. ޝެލް މެން ކޮލެޖްގައި އުޅޭ ދެފިރިހެންކުދިން އެކަކު ދެކެ ލައިކްވެގެން އެދެމީހުން އަބަދު ފައިޓް ކުރާނެ. އަދި އެކަކު އަހާނެ ކީއްވެހޭ މަގޭ ގާލް އާއި އަޅައިގެން ތިއުޅެނީ. މަޖާކަމެއް...." އީޝަލް ޖެހިލުމެއްނެތި ފެށި ވާހަކައަކުން ގަތް ލަދެއްގެ ބޮޑުކަމުން މައިރާ ވަގުތުން ތެދުވެގެން ދާން ހިނގައިގަތީ ޢަދަން ހޭލަފާނެއޭ ކިޔާފައެވެ. އެކަމަކު ރެޔާން އަދި އައިޒާންއަށް ވެސް މައިރާގެ މޫނަށް ވެރިވި ކުލަވަރު ފެނުނެވެ. އެއީ އުދަގޫވާނެ އިހުސާސްތަކެވެ. ރެޔާންގެ މޫޑުވެސް ކުޑަކޮށް ގޯސްވިއެވެ. އައިޒާންގެ ވެސް މެއެވެ. ނަމަވެސް ދެމީހުންވެސް އެކަން ނުދައްކަން މަސައްކަތް ކުރަމުން ދިޔައެވެ. އެހެން މެމްބަރުންތައް ކޮފީ ބޯން އައުމުންވެސް އީޝަލް މަޖާވެލާފައި އެވާހަކަ ދޫނުކޮށް ކުރިއަށް ގެންދިޔައެވެ. އެއްމާބަނޑު ކުދިންތައް އެއް މިޒާޖު ހުންނަން ނުޖެހޭއިރުވެސް ބައެއްފަހަރު އެހެންދިމާވާ ކަމަށް ކިޔާފައި ފެށި ވާހަކައަކުން އައިޒާން ކަންތައް ބޮޑުވިއެވެ. ކިތަންމެ ވަރަކަށް ސަމާސާކުރަން އުޅުނަސް މައިރާ ދެކެ ލޯބިވުމުގެ ފާފައިގެ ސަބަބުން ހިތަށް ހަމަޖެހުމެއް ނުލިބެއެވެ.

އީޝަލްއަށް ނޭގި އޭނަ އައިޒާން ދެކެވާ ލޯބި އިޢުލާން ކުރެވެމުން ދިޔައެވެ. އައިޒާންގެ ހިތްވެސް ކޮންމެވެސް ވަރަކަށް އެކޮޅަށް ޖެހެން ފެށިއެވެ. އީޝަލް އާއި ސަމާސާކޮށް ސަކަރާތްޖެހުމުން ހިތަށް އުފަލެއް ލިބެންފެށިއެވެ. އީޝަލް ފެންނަން ނެތިއްޔާ އުދަގޫވާން ފެށިއެވެ. އެހެންވަމުން ގޮސް މައިރާގެ މަތިން ހަދާންނައްތާލެވޭ ހިސާބަށްވެސް ދާނެކަމުގެ ޔަގީންކަން އައިޒާންއަށް ލިބުނެވެ.

ބާބެކިއު ދަތުރުގައި އެންމެން ދިޔައީ އެ އާއިލާގެ ޚާއްސަ ފަޅު ރަށަކަށެވެ. އައިޒާން އާއި އީޝަލްވެސް ރަފޭލްމެންނާއި ބައިވެރިވިއެވެ. އުޑުމަތި ތަންކޮޅެއް ބަނަކޮށް އޮތުމުން ދަތުރުދާން ފުދޭވަރަކަށް އަރާމު ދުވަހަކަށްވެސް ވިއެވެ. އީޝަލް އެތަނުގައި ބޮޑު މައްސަލަގަނޑެއް ހިލުވާލިއެވެ. ކޮންމެވެސް އަންހެންކުއްޖަކު އައިޒާން އާއި ވާހަކަދައްކަން އިންދާ ގޮސް އެކުއްޖާ ކޮށްޕާ ދުރަށް ވައްޓާލައިފައި އެއްޗެހި ކިޔައިގަތެވެ. އެންމެން ވެގެން އައިޒާން އާއި ހެދި މޮޔަވަނީ ކަމަށް ބުނެ ކަންތައް ބޮޑު ކުރުމުން އާއިލާގެ ޒުވާނުންނަށް ވީ މަޖާކަމަކަށެވެ. އީޝަލް ރަފޭލް އާއިވެސް ޒުވާބުކުރިއެވެ. އެންމެންގެތެރޭގައި އޭނަ ލޯބި ވަނީ އައިޒާން ދެކެ އެކަނި ކަމަށް އީޝަލް ޖެހިލުމެއްނެތި އެންގިއެވެ.

ހަވީރުވާން އުޅެނިކޮށް މޫސުމް ރީތިކޮށް އޮވެލާފައި ވާރޭ އޮއްސައިގަތެވެ. ވާރޭގެ ބޮޑެތި ތިކިތައް ކަނޑުގެ ސަތަހައިގައި އެތައްހާސް ބާނިތަކެއްލައްވައި، ކަނޑު އިތުރަށް ހަލަބޮލިކޮށްލި އިރު ހީވަނީ ރިހިފަތްގަނޑެއް ވިރުވާއަޅަމުންދާ ހެންނެވެ. އެއާއިއެކު އެ ސަރަހައްދަށް ދުންފިނި ފައިބާފައިވާހެން ހީވިއެވެ. އެތައް އިރެއްވަންދެން މޫދުގައި އުޅުމުގެ ސަބަބުން ފިނިހިފާފައިވާ ކުދިން، އެއްގަމަށް އަރައިގެން ދުއްވައިގަތް ނަމަވެސް އައިޒާން އާއި އީޝަލް ތިބީ ރާޅުބީއްސާލާ ހިސާބުގައި، ވާރޭ ވެހޭ މަންޒަރުގެ ރީތިކަމުގެ ޖާދޫގައި ޖެހިފައެވެ.

"ޒާން ބުނެބަލަ. އެންމެން ކިޔައެއްނު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އެކަނި ވެއްޖެއްޔާ އެ ދޭތެރޭގައި ޑެވިލް ހުންނާނެއޭ. ކީއްވެތަ އަހަރެމެންނަށް އުދަގޫ ނުކުރަނީ...." ކުއްލިއަކަށް އީޝަލް ކުރި މަޖާ ސުވާލަކުން އައިޒާންއަށް ހެވިއްޖެއެވެ. އެ ބްލީޗް ހުދުދަތްތަކުގެ ރީތިކަމުން އީޝަލްއަށް އެސްފިޔަޖަހާނުލައި ބަލަން އިދެވުނެވެ. ތެމިފައިވާ އިސްތަށިގަނޑު، އެ ގަދަބުމަ ފޮރުވާލައިފައި ލޮލަށް ވަންނަމުން ދިޔައެވެ. ރަތް ތުންފަތުގައި ވިދަނީ މުތީތަކެވެ. 

"އަހަރެމެން މާ ރަނގަޅީ ކަންނޭގޭ. ނަމާދު ކުރާ މީހުންނާއި ޝައިތާނުން ކައިރިއެއް ނުވާނެ. އެހެންނޫނަސް އެސޮރު އުޅޭނީ ހިލޭ ދެމީހަކު އެއްތަންވެއްޖެއްޔާ ފާފަކުރުވަން. އަހަރެމެންނަކީ ދެމަފިރިންވީމަ އޭތިވެސް ޝައުގެއްނެތީކަން ނޭގޭ. ފިނިވެގެން ތި ކުއްޖާ ރޫރޫއަޅަނީނު. ހިނގާ ހިކިލަން. ހޫނު ކޮފީއެއް ބޯލަން....." އައިޒާން އީޝަލްގެ އަތުގައި ހިފާ ތެދުކޮށްލިއިރު ދެއަތްތިލަވަނީ ލާމެހިފައެވެ. އޭރު އިރުއޮއްސުމުގެ ކުލަތަކުން އުޑުމަތި ފެވެންފަށައިފިއެވެ. އެ ރީތިކަމާއި ފިނިކަމުން އައިޒާންގެ ހިތްވެސް އަތުން ދޫވެގެން ހިގައްޖެއެވެ. އެކަކު އަނެކަކުގެ އަތުތެރެއަށް ވަދެވުނީ ބޭ އިޚުތިޔާރުގައެވެ. މަޑުމަޑުން ގޮސް ލެނގެވުނީ އަތިރިމަތީގައިވާ ގަހަކަށެވެ. އެ ރީތި ވަގުތުކޮޅު ދެމިގެން ދިޔައީ ކިހާއިރެއްވަންދެން ކަމެއްވެސް ނޭގުނެވެ. ގަދަ ވަޔާއި އެކީގައި ވެހެމުންދިޔަ ވާރޭގެ ފިނިކަމުގެ އަސަރުކުރާ ވަރަށް ވުރެ ދެ ހަށިގަނޑުން ލިބެމުންދިޔަ ހޫނުކަމުން އަރާމުވެ ވަށައިގެންވި ހުރިހާ ކަމެއް ހަދާންނެތިފައިވާ ފަދައެވެ. ކުރިއަށް އެޅެމުންދާ ކޮންމެ ފިޔަވަޅަކުން ލިބެމުންދާ ހިތްހަމަޖެހުމެއްގެ ބޮޑުކަމުން އަދި އިތުރު ފިޔަވަޅުތަކެއް ނަގަން ބޭނުންވަމުން ދިޔައެވެ. 

ކޮމެންޓް 0