އައިޒާން މިވަގުތު ސަބީން އަށް ޖަވާބެއް ދޭކަށް ބޭނުމެއް ނުވިއެވެ. އެއަށްވުރެ މާބޮޑަށް އޭނަގެ ތަބީއަތު ވަނީ ގޯސްވެފައެވެ. އޭނަ ބޭނުމީ އެކަނިވެރި ކަމެވެ. ހިމޭންކަމެވެ. އެކަނި އިނދެގެން ވިސްނާލުމަށެވެ. 

އައިޒާން މިސްކިތުން ގެއަށް އައިއިރު އޭނަގެ މަންމަ ސަމީނާ ޤުރުއާން ކިޔަވަން އިނެވެ. ޓީވީއަށް ދެވިހިފައިފައި އިންނަ މަންމަ އާހިރަތަށްޓަކައި މަސައްކަތް ކުރަން ފެށިކަން އެނގުމުން އައިޒާން ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. ސަމީނާ ކިޔަވަން އިން ޚަތިމަކީ ފުދޭވަރަކަށް ބޮޑެތި އަކުރުން ލިޔެފައިވާ ބޮޑު ޚަތިމެކެވެ. އެވަރުންވެސް މަންމަ އިނީ އައިނު އަޅައިގެންނެވެ. އައިޒާން އޭނަގެ މަންމަ ޤުރުއާން ކިޔަވާ ނިމެންދެން ސުވާލުނުކޮށް ސޯފާގައި އިށީދެލައިގެން ހިމޭނުން އިނެވެ. މާދުރަށް ބަލަހައްޓައިގެން ހިޔާލެއްގައެވެ. ސަމީނާ ގެ ގާތުން އައިޒާން މިފަހަރު ކުރި ސުވާލަކުން ސަމީނާ ގެ މޫނުމަތީގެ އުޖާލާކަން ހިނދުކޮޅަކަށް ކެނޑުނެވެ. އެވާހަކަ ދޮގުކުރަން އުޅެފައި ވެސް ސަމީނާ ޚިޔާލު ބަދަލުވިއެވެ. އޭނަ ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ.

"އެކަމަކު އައިޒާން މިއަދު މި މަންމަ ނިކަމެތިވެފައި އެމީހުން މުއްސަދިވީމަ އެމީހުންގެ ގާތަށް ދާނީތަ؟" ސަމީނާ މޮޅިވެރި ކަމާއި އެކީ ގައި އަހައިލި އެވެ.

"ނޫން މަންމާ. މިއަދަށް ފަހު މަށެއް އެމީހުންނާއި ބައްދަލެއް ނުކުރާނަން. އަހަރެންނަކާއި އެއްވެސް ގުޅުމެއް ހުރި ބަޔަކަށް ނުދެކޭނަން. އެމީހުންނަށްޓަކައި އަހަރެން މިވަނީ މަރުވެފައި. އަހަރެން ގެ ތިނޫން އެއްވެސް މީހަކުނެތް މަންމާ....." އައިޒާން ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން ބުންޏެވެ. އައިޒާން އާއި ލޭގެ ގޮތުން އެއްވެސް ގުޅުމެއްނެތް ހިލޭ އަންހެނަކު އޭނަ ބަލާބޮޑުކޮށް މަޔެއްގެ ވާޖިބު އަދާކޮށްފިއެވެ. މި މަންމަގެ މިޒާޖާއި، ފަގީރުކަމުގެ ސަބަބުން ލޯތްބާއި ގާތްކަން އެހާ ވަރަށް ފާޅުނުކުރިޔަސް އޭނަގެ ގޮތުގައި އޭނަ އައިޒާން، ނީލާ އަދި ސަބީން އަށްވެސް އެއްވަރަކަށް ލޯބިދިނެވެ. ވަކިކުއްޖަކަށް ތަފާތެއް ނުކުރެއެވެ. ދުނިޔޭގައި ލޯބި ނުލިބި އެތައް މިލިއަން ކުދިން ވިއްސިވިހާލެވިފައި ވާއިރު މިވަރުގެ ރަޙުމަތެއްވެސް ލެއްވި ކަމަށް ޓަކައި އޭނަ ޝުކުރުވެރިވިއެވެ. އައިޒާންގެ ޒުވާން ހިތަށް މިވަރުގެ ނުއުފުލޭވަރުގެ ހިތާމައެއް އަދި ކުރިމަތި ނުވެއެވެ. މައިރާގެ ލޯބީގައި ވެސް މިހާ މާޔޫސްވީކަމެއް ނޭގެއެވެ. ހިތްއެދެނީ މަރުވުމަށެވެ. ދުނިޔެ ދޫކޮށް ދިޔުމަށެވެ.

އައިޒާން ވިލިގިލީ ފެރީއަކަށް އަރާ ކަނޑުގެ ލޮނުގަނޑާއި ދިމާލަށް ބަލަހައްޓައިގެން އިންއިރު އެފެރީގައި ތިބި އެންމެންގެ ނަޒަރު އޭނައަށް ހުއްޓިފައިވާކަމެއް އޭނަ ނުދެނެ ހުއްޓެވެ. ހާއްސަކޮށް އަންހެން ކުދިންގެ ހިތުގެ ވިންދު އަވަސް ކުރުވިއެވެ. އެ ރީތިކަމަށް ހިތްތައް ދީވާނާ ކުރުވިއެވެ. އެކަކާއިވެސް އަނގައިން ބުނުމެއް ނެތި، އެކަނިމާ އެކަނި އިންގޮތުން ގިނަ މީހުން ހީކުރީވެސް ބޭރު ކުއްޖެއްކަމަށެވެ. އޭނަގެ ސިފަތައް ރާއްޖެއަށްވުރެ ބޮޑަށް ވައްތަރީ ބޭރު މީހަކާއި އެވެ. އަވިއައިނުގެ ސަބަބުން އޭނަގެ ރީތިކަމާއި ފިރިހެންވަންތަކަން އިތުރުވެފައި ފޮނިގޮތެއް ހުރިހެންވެސް ހީވިއެވެ. އެވެސް އޭނަގެ ރީތި ކަމާއި މަޑުމައިތިރި ކަމާއި އަދި އޭނަ ދަސްނުވާތީ މީހުން ކުރި ކުށްހީއެކެވެ. އޭނަގެ ބުރަކަށީގައި އަޅުވާލައިފައިވާ ބެކްޕެކްގެ ސަބަބުން ދަތުރުވެރިޔެއްކަން އެންމެނަށް އެނގުނެވެ.

ރަނގަޅަށް ފެރީ މަޑުނުވަނީސް އައިޒާން ތޮށިގަނޑުމައްޗަށް ފުންމާލިގޮތަށް، މިސްރާބު ޖެހީ މޫދާއި ދިމާލަށެވެ. ދެތިން ދުވަސް ވީއިރުވެސް އައިޒާން އުޅުނީ ވިލިގިލީގައެވެ. އެހެން މީހުންގެ ލޯތަކަށް ފިލައިގެންނެވެ. ފޯނު ވެސް ޖައްސާ ނުލައެވެ. އެހެން މީހަކާއި ވާހަކަ ދެއްކޭ ވަރަށްވުރެ އޭނަގެ ހިތުގެ ހާލު ބޮޑެވެ. ކިތަންމެ ވަރަކަށް ނުވިސްނަން އުޅުނަސް އޭނަގެ އާއިލާއިން އޭނަ އާއި ދޭތެރޭގައި ކަންތައް ކުރިލެއް ބޭއިންސާފުކަމުން އެކަމާއި ވިސްނުނީއެވެ. މަންމަމެން އޭނަ އެއްލާލައިފައި، ނުވީތާކަށް އަދި ފަހުން އޮޅުވާލައިފައި ގެއަށް ގެން ގޮސް އޭނައަށް ދުނިޔޭގެ ދެކޮޅު ދެއްކީއެވެ. 

އައިޒާން މިއަދު ވެސް ގޮސް އިނީ ދޮންވެލިގަނޑު މަތީގައެވެ. އައްސޭރި ފަށަށް ބިންދަމުން ދިޔަ ކުދި ރިބަން ރާޅު ކޮޅު ތަކަށް ބަލަހައްޓައިގެން އިންއިރު އޭނަ ކޮންމެ މީހަކާއިމެދު ވަކިވަކިން ވިސްނިއެވެ. ފައިސަލް އަދި ޒިޔާމާ އާއި ފަރުޒާން އަދި ރެޔާންއަކީ އޭނަގެ އާއިލާއެވެ. އެއިން ކޮންމެ މީހަކާއި ފުރަތަމަ ދިމާވި ގޮތާއި ދެއްކިވާހަކަތަކާއި ހިނގި ހާދިސާތައް އޭނަގެ ސިކުނޑީގައި ރައްކާ ކުރެވިފައިވެއެވެ. ޑައިރީ އެއްލިޔުން އޭނައަށް މުހިއްމެއްނޫނެވެ. އެއަށްވުރެ އޭނަގެ ހިތް އައްޔެވެ. ހުރިހާ ދުވަހެއްގެ ކަންތައް ތާރީޚާއި އެކު އޭނަ ގެ ހަނދާނަށް އަރައިފައިބަމުން ދިޔައެވެ. ކިތަންމެ ވަރަށް ކެތްކުރި ނަމަވެސް އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. އައިޒާން މޫނުގައި ދެއަތްއެޅިއެވެ. ކިތަންމެ ވަރަކަށް ދުނިޔެ އާއި ޝަކުވާ ކުރިނަމަވެސް ކަރުނަ އޮއްސި ނަމަވެސް އޭނަގެ ހިތުގައިވާ މާޔޫސީ ކަމެއް ދެން ނުކެނޑޭނެއެވެ. އޭނަގެ އެކަނިވެރިކަން ދުވަހަކު ފިލައިގެން ނުދާނެއެވެ. އޭނަފަދަ ކިތަންމެ ނާކާމިޔާބު އިންސާނުން މިދުނިޔޭގައި ގިނަވެފައި ތިބޭނެކަން އެނގޭއިރުވެސް އޭނަހާ ބަދުނަސީބު އިންސާނަކު ވާނެ ކަމާއިމެދު ޝައްކެވެ.

ލެވެންޑާކޮޓެޖަށް ވެރިވެފައިވަނީ ފަޅުކަމާއި އެކަނިވެރިކަމެވެ. ހީވަނީ އެގޭގެ ހުރިހާ އުފާތަކެއް ފޭރިގެންފައިވާހެންނެވެ. ގޭގައި ގެންގުޅޭ މީހުންގެ މޫނުތައްވެސް ވަނީ މިލައިފައެވެ. އެމީހަކު ތިބިތަނެއްގައި ޖެހި ބުދުތަކެއްފަދައިން ގާވެފައި ތިބެނީ ހޮސްޕިޓަލުން ލިބިދާނެ ޚަބަރެއްގެ ބިރުވެރިކަމުގައެވެ. އެކަނި ކާރު ދުއްވާލައިފައި ދަނިކޮށް ޓްރަކެއްގައި ޖެހިފައި ބޮލަށް ލިބުނު ގެއްލުމެއްގެ ސަބަބުން ޒިޔާމާ ވަނީ ކޯމާއެއްގައެވެ. ޒިޔާމާ މަރާއި ދިރިހުރުމާއި ދޭތެރޭގައި ހަނގުރާމަ ކުރަނީ އެވެ. އެއީ ލެވެންޑާކޮޓެޖްގެ އެންމެ ހިތާމަވެރި އެއްދުވަސްކޮޅެވެ. އެކެއްގެ މޫނުމަތިންވެސް އުފާވެރިކަމެއް ނުފެނެއެވެ. އަބަދު ތެމިފައިވާ ލޯތަކެވެ. އެކަނި އެގޭގައެއް ނޫނެވެ. އެއީ މުޅި އެ ޚާންދާނަށްވެސް ކުރިމަތިވި ބޮޑު ހިތާމައެކެވެ.

ރޭގަނޑު ނުވައެއް ޖަހަމުން ދިޔައިރު ފަރުޒާން ގެއަށް އައެވެ. އޭނަގެ ދެލޯ ވަނީ ދުޅަވެފައެވެ. މީހުންނަށް ފެންނަތާގައި ނުރުޔަސް ކިތަންމެ ވަރަށްވެސް ރޮއިފަ ހުރިކަމަށް ލޯ ހެކިދިނެވެ. އޭރު މައިރާ އާއި އަޔާނާ ތިބީ ސޯފާގައި އޮށޯވެލައިގެންނެވެ. އެއްވެސް ކުއްޖަކުގެ ގައިގާ އަނގައިން ބުނާނެ ހިތްވަރެއްވެސް ނެތެވެ. އީޝަލް ސިޑިން ފައިބައިގެން ދުވެލައިފައި އައެވެ. މިރޭ ލައިގެން ހުރީ ކަޅުކުލައިގެ ޓޮޕްކޮޅަކާއި ފަށުވި ސޯޓެކެވެ. އައިޒާން ނެތީމަ އަނެއްކާވެސް ކުރު އެއްޗެހި ލައިގެން ރޭގަނޑު ގޭތެރޭގައި ބޭނުން ސަކަރާތެއް ޖަހައިގެން އުޅެވިދާނެކަމަށް އީޝަލް ގަބޫލުކުރީކަން ނޭގެއެވެ. އޭނަ ދެކެނީ ނިވާގެން އުޅެންޖެހޭނީ ކާވެނި ހެޔޮވާމީހުންގެ ކައިރީގައި ކަމެވެ. ފަރުޒާން އާއި ރެޔާން އާއި ކައިވެނި ހެޔޮވާނެ ކަމަކަށް އޭނަ ނުދެކެއެވެ. 

އީޝަލް ތާޒާކަމުން ހީވަނީ ފިނިފެން މަލެއް ފަދައެވެ. ތެތް އިސްތަށިގަނޑު އޮމާންކޮށްފައި ބާރަށް އައްސާލައިފައި އޮތްއިރުވެސް އެކުދި ބުޅިކޮޅުތައް ނުކިޔަމަންތެރިކަމާއިއެކު މޫނުމައްޗަށް ފައިބަން ފަށާފައިވެއެވެ. އީޝަލް އައިގޮތަށް އޭނަގެ އަތުގައިވާ ހުދު ފިނިފެންމާބޮނޑި ހުދު ބޯވްލްއެއްގައި ޖަހާލައިފިއެވެ.

"އިޝޫ ރުޅިތަ؟ އަނގައިންވެސް ނުބުނެ ތިހިރީ..." އީޝަލްފަދަ ހަލަބޮލިކުއްޖަކު މިހާ މަޑުން ހުރުމުން ފަރުޒާންއަށްވެސް އުނދަގޫވިއެވެ. އަދި މަންމަ އެކްސިޑެންޓްވެ ކޯމާއަކަށް ދިޔުމުންވެސް އީޝަލް ހަމަޖެހިލައިފައި ނުރޮއި ހުރުމުން ހިތުގައި ސުވާލު އުފެދުނެވެ. އެހާ މަޑުން އީޝަލް ހުންނަނީ ކީއްވެބާވައޭ ހިތަށް އެރިއެވެ. އެހާ ލޯބިން ގެންގުޅެ ބޮޑުކުރީމަވެސް އަމިއްލަ މަންމަ ނޫނިއްޔާ ލޯބި ނުވަނީ ބާވަ އެވެ. އައިޒާންވެސް އޭނަ ގެންގުޅުނު މަންމަދެކެ އެއްވެސް ވަރަކަށް ލޯބި ނުވާނެ ހެއްޔެވެ؟ މިފެންނަނީ ޔަގީނުންވެސް އެކަމުގެ ހެއްކެވެ. އޭނަ އާއި ރެޔާން އަކީ ފިރިހެނުންނަށް ވެފައިވެސް މަންމަ އެކްސިޑެންޓް ވިކަން އެނގުމުން ކަރުނަތައް ނުހިފެހެއްޓުނެވެ. އަދި އަޔާނާ އާއި މައިރާ އަކީ ޅީދަރިންނަށްވާއިރު އެކުދިންވެސް ރުޔެވެ. އެކަމަކު އީޝަލް ހާދަ ހަމަޖެހެއެވެ. އެއްވެސް އަސަރެއް ކުރިކަމަކަށް ދައްކާ ނުލައެވެ.

އީޝަލް އެއްޗެކޭ ނުބުނެ ފަހަރަކު ގޮތަކަށް މާތައް އަތުރަމުން ދިޔައެވެ. އޭނަ ހިތްހަމަޖެހޭގޮތަކަށް އަދިވެސް މާތައް ތަރުތީބު ނުކުރެވެނީ ކަންނޭގެ އެވެ. ފަރުޒާންއަށް އީޝަލް ބޭރުފުށުން ކޮންމެފަދަ ގޮތެއް ދައްކަމުން ދިޔައިރުވެސް ހިތަށް ކުރާނެ އަސަރު ކުއްލިއަކަށް ވިސްނުނެވެ. އީޝަލް އެހެރީ ހުރިހާކަމެއް ފޮރުވައިގެންނެވެ. ފަރުޒާން ގޮސް ވާހަކަ ދައްކަން ފެށުމާއިއެކު ކުއްލިއަކަށް އީޝަލް ރޮމުން ގިސްލަން ފެށިއެވެ. 

"ދޮންބެ. ކޮންމެ ގޮތެއް ހަދާފައިވެސް މަންމަ ރަނގަޅު ކޮށްދީ ބަލަ. މަންމަ ގާތުގައި ދޮންބެ ބުނެދީބަލަ ދެން ދުވަހަކު އެކަހަލަ ވާހަކައެއް ނުދައްކާނަމޭ. އައިމް ރިއަލީ ސޮރީ. މަންމަދެކެ ވަރަށް ލޯބިވޭ ހިޔެއް ނުކުރަން މިހެން ވާނެ ކަމަކަށް. މަންމަ ރަނގަޅު ވާނެތަ؟ މަންމަ މަރުވެއްޖެއްޔާ އަޅުގަނޑުވެސް މަރުވެދާނެ. އެހާވެސް ބޮޑަށް ލޯބިވޭ މަންމަދެކެ....." އީޝަލްގެ ކަރުނަތަކުން އެންމެން ރޮއްވާލިއެވެ. 

މައިރާ އައިޒާންގެ ފޯނަށް ގުޅަން އެތައް ފަހަރަކު މަސައްކަތް ކުރިޔަސް ލިބެނީ އެއް މެސެޖެކެވެ. މައިރާ ބޭނުންވީ އައިޒާންއަށް ހިތްވަރު ދިނުމަށެވެ. އައިޒާން އާއި އެކީގައި އޭނަ ވާކަން ބުނެދިނުމަށެވެ. ނަމަވެސް އޭނަ އަމިއްލައަށް ވެސް އައިޒާން އާއި މެދު މިވީހާތަނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ގަބޫލު ކުރެވުނެވެ. އައިޒާންއަށް ހިތާމަތައް ދިން މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޭނަގެ ނަންވެސް ހިމެނޭނެއެވެ. މިއަދު ކިތަންމެ ވަރަކަށް ގުޅައިފައި މާފަށް އެދުނަސް އައިޒާން ވަކި އޭނަގެ ވާހަކަތައް ގަބޫލު ކުރަންވީ ސަބަބެއްނެތެވެ. މައިރާ އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ.

މައިރާ މިއަދު ލައިގެން ހުރީ އެކިކުލައިގެ ގޮޅިތަކެއްޖެހި ހެދުމަކާއި ޑެނިމް ޖިންސެކެވެ. އެހެދުމުގައި ފެންނައިރު އޭނަ މާ ދޮންކަމަށް ދައްކައެވެ. މަޑު ފިޔަވަޅުތަކެއްގައި ކޮރިޑޯއިން ހިނގާލައިފައި އައިސް ތިރިއަށް ދާންވެގެން ސިޑިބަރި ގިރާކުރަން އައިއިރު އޭނައަށް ވުރެ ބާރަށް ރެޔާން އައިސް ސިޑި އާއި އަރާ ހަމަވިއެވެ. މައިރާ އަށް އެންމެ މަތިން ދެވަނަ ސިޑިބަރީ ގައި ފައިއެޅުނުއިރު ރެޔާން ވަރަށް ތިރިއަށް ހިނގައްޖެއެވެ. ކުއްލިއަކަށް މައިރާއަށް ހީވީ އޭނަގެ މޫނުން މާ ގަދަޔަށް ފެން ފައިބާ ތަން އަނދިރިވާން ފެށި ހެންނެވެ.

"ރެޔާން..." މައިރާއަށް ގޮތް ހުސްވެފައިވާ ގޮތަކަށް މާ ބާރަށް ގޮވައި ލެވުނު އިރަށް ރެޔާން އެނބުރި ބަލައިލައިފި އެވެ. އެއާއި އެކު މައިރާގެ ހުދުވަމުން ދިޔަ މޫނު ފެނުމާއި އެކު ރެޔާންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެނެވެ. މައިރާއަށް ކޮންމެވެސް ކަމެއްވެއްޖެއެވެ. ރެޔާންއަށް ބޭ އިހުތިޔާރުގައި މައިރާ އާއި ދިމާލަށް ދުއްވައި ގަނެވިއްޖެއެވެ. ބައި ސިކުންތު ކޮޅެއްގެ ތޭރަގައި ފަތްތަރުތައް ކަޑައްތުކޮށްލެވުނީ ކިހިނެއް ކަމެއްވެސް ނޭގެއެވެ. އެކަމަކު ރެޔާންއަށް މައިރާގެ ގައިގައި ނުހިފެހެއްޓެނީސް މައިރާ އަރިއަޅާލައިފިއެވެ. ރެޔާން އަށް މައިރާގެ ބާރެއްނެތް ހަށިގަނޑުގައި އަތްޖައްސައި ލެވުނީ ހަމަ ކިރިޔާއެވެ. އޭނަގެ އަމިއްލަ ހަށިގަނޑު ބެލެންސް ކޮށްލަންވެގެން އެއްއަތުން ސިޑިބަރީގެ ރެއިލިންގައި އަތް ޖައްސައި ލުމާއި އެކު ހުޝިޔާރުކަމާއިއެކު މައިރާ ވެއްޓުނަ ނުދީ ހިފެހެއްޓިއިރު ރެޔާންގެ ހިތް ހީވަނީ ދިރޭ ރަހަފޮދެއް ހެންނެވެ. މައިރާ އޭނަގެ އަތުގެ ތެރެއަށް ޚަބަރު ހުސްވެގެން ދެމުނުއިރު އެ ފަންގަނޑެއްފަދަ އިސްތަށިގަނޑު އޭނަގެ ކޮނޑުމައްޗަށް ވިހުރުވިގެން ދިޔައެވެ.

ރެޔާން ކުޑަކުއްޖަކު އުފުލައިހާ ލުއިކޮށް މައިރާ ނަގައިގެންގޮސް ސޯފާގެ މަތީގައި ބާއްވާފައި ވަގުތުން ފަރުޒާންއަށް ގުޅާލައިފިއެވެ. މިފަދަ ވަގުތެއްގައި ގޭގައި ޑޮކްޓަރުން ތިބޭކަމީވެސް ނަސީބެކޭ އޭނަގެ ހިތަށް އެރިއެވެ. މައިރާއަށް އިރުކޮޅަކުން ވާނުވާ ރޭކާލިޔަސް އޭނައޮތީ ލޯހުޅުވާލަން ނުކެރިފައެވެ. ލޯމަރާލައިގެން އޮތަސް ރެޔާންގެ އަތުގެ ބީހިލުން އޭނައަށް ނޭގިދާނެ ގޮތަކީ ނެތްގޮތެކެވެ. އެ އަތުން އޭނަގެ މޫނުގައި ގަނޑުފެން ހާކާލިކަން އެނގުނެވެ. ރެޔާންގެ އިނގިލިތައް އޭނަގެ ތުންފަތުގައި ޖެހުމުން މައިރާގެ ގައިގާ ކަރަންޓް ހިނގާލިހެން ހީވިއެވެ. އެވަގުތު ފުރަތަމަ ފަހަރަށް ދަރިފުޅު ތޮޅެލިކަމުގެ އިހުސާސް ވެސް މައިރާއަށް ކުރެވުނެވެ. މައިރާއަށް ބުނަން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބުނެވެ.

"ކިހިނެއްވީތަ ރެއިން؟" ފަރުޒާން ގެ އަޑުއިވުމުން މައިރާ އަދިވެސް ބޮޑަށް އެސްފިޔަތަކަށް ބާރުކޮށްލައިފިއެވެ. ރެޔާން ވީގޮތް ކިޔައިދިނުމުން ފަރުޒާން ބުނީ އެއީ ސިންކޯޕް އެޓޭކަކަށް ވެދާނެ ކަމަށެވެ. މާބަނޑުދުވަސްވަރު އެހެންވެދާނެ ކަމަށާއި އެއީ ނޯމަލް ކަމެއް ކަމުގައެވެ. ފަރުޒާންވެސް މައިރާގެ އަތުގައި ހިފައި ވިންދު ބަލައިލި އެވެ. އަޔާނާގެ މަޑު އަތްތިލަވެސް މައިރާގެ މޫނުގައި ޖެހުނުކަން އެނގެއެވެ. ރެޔާން މިދަނީ މަންމަ ގާތަށޭ ކިޔާފައި ދެން ދިޔުމުން މައިރާގެ ހިތަށް ތަދުވިއެވެ. އޭނަ ކިތަންމެ ބަލިވިޔަސް ރެޔާން އަޅައިނުލާނެކަން އެނގުނީއެވެ. މައިރާއަށް ނޭނގުނީ، އެވަގުތު ރެޔާންގެ ހިތަށް ކުރި އަސަރާއި، މައިރާ އާއި ގާތުގައިވާން ބޭނުންވި މިންވަރެވެ.

"މޭއި ލޯހުޅުވާލަ ބަލަ. މިހާރު ރަނގަޅެއްނު. ހަމަ ބިރުން ދެލޯ ނުހުޅުވަން ކަމަށް ތިއޮތީ ދޯ..." ފަރުޒާން އެހެން ބުނުމުން މައިރާ އެސްފިޔަތައް ތަޅުވާލައިފިއެވެ.

"ބޭބީ ވެސް މޫވްކޮށްފިޔޭ..." މައިރާގެ ބްލީޗް ހުދުދަތްތައް ފެންނަ ވަރަށް ހީލަމުން އުފާވެރި ގޮތަކަށް މައިރާ ބުންޏެވެ. އަޔާނާވެސް ހިނިތުންވެލިއެވެ. އަދި މައިރާ ގެ ގައިގައި ބައްދާލަމުން މަރުހަބާ ކިޔެވެ. އެވަގުތު ފަރުޒާން އާއި އަޔާނާގެ ހަތަރުކަޅި ހަމަވިއެވެ. އަޔާނާގެ ދެލޮލުން އުފަލާއިއެކު ރިހުމެއްވެސް ފެނުނެވެ. އޭނަވެސް އެފަދަ ދުވަހަކަށް ބޭނުންވާ ވަރު ފަރުޒާންއަށް އިޙުސާސް ކުރެވުނެވެ. މަންމައަކަށް ވުމަކީ ކައިވެންޏަށް ފަހު ދެން އަންހެންކުއްޖަކު ދެކޭނެ އެންމެ ފޮނި ހުވަފެނެވެ. އެކަން ފުރިހަމަ ނުވެއްޖެއްޔާ އަންހެނަކަށް ވީކަމަށް ވެސް ގަބޫލެއް ނުކުރާނެ އެވެ. ފަރުޒާން ކިތަންމެ ވަރަކަށްވެސް އަޔާނާގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭން ބޭނުމެވެ. ނަމަވެސް އޭނައަށްވެސް ކުރެވޭނެ ކަމަކީ އެކަނި ދުޢާ ކޮށްދިނުމެވެ.

އައިޒާން އިޝާ ނަމާދުކޮށްލުމުން ހިތަށް ލިބުނު ފިނިކަމަކުން ހުރިހާ ހިތާމަތަކެއްގެ މަތިން ހަދާން ނެތުނެވެ. އޭނަ އައިގޮތަށް އޮށޯވެލީ އަތިރިމަތީގައި ވެއްޓިފައިވާ ރުއްގަނޑެއްގެ މަތީގައެވެ. އުޑުމަތީގައި އެތައް ސަތޭކަ ތަރިތަކެއް ވިދާ ބަބުޅަމުން ދިޔައީ އަލިމަސްތަކެއް ފަދައިންނެވެ. ރޭގަނޑުގެ ރާނީ ހަނދު ފަލަކުގައި ރަނިކަން ކުރަމުންދާއިރު ޗާލުކަމުން ހިތްތައް އުފާކޮށްދެއެވެ. އައިޒާން ބޯދަށަށް އަތްލައްވައިގެން އޮތްއިރު މައިރާގެ ހަނދާންތައް އާވަމުން ދިޔައެވެ. އެ އާއިލާ އާއި ދުރުން އުޅެން ބޭނުންވާއިރުވެސް މައިރާ ދޫކޮށްލާކަށް ހިތެއް ނުރުހުނެވެ. ކިތަންމެ ދުރުން އުޅުނަސް އަބަދުހެން ހިތާއި ސިކުނޑީގައި އެނޫން މީހަކު ނުވެއެވެ. މިރޭ އައިޒާން ކުއްލިއަކަށް މައިރާ އަށް ގުޅާލަން ބޭނުންވިއެވެ. މައިރާ ގެ ހާލު ބަލައިލަން ހިތްއެދުނެވެ. އަމިއްލަ ބަދުނަސީބު ހަދާން ނައްތާލައިފައި އޭނަ ލޯބިވާ އަންހެންކުއްޖާ ދުނިޔޭގައި ހެޔޮ ހާލުގައި ހުރިތޯ ބަލައިލަން ޖެހޭނެއެވެ. އެހެންނޫނަސް ފިލައިގެން އުޅުމުގެ ބޭނުމެއް ނެތެވެ. އޭނަ ހަގީގަތާއި ކުރިމަތިލާނެއެވެ. ޒިޔާމާމެން ގުޅައިފިއްޔާ ރީތިކޮށް އޭނަ އެމީހުންނާއި ބައްދަލުކުރަން ބޭނުން ނުވާކަމަށް ބުނެލާނީ އެވެ.

އައިޒާން ފޯނު ހުޅުވާލުމާއިއެކު ފެނުނު މެސެޖްތަކުން ހިތަށް ބިރުވެރިކަމެއް ވަނެވެ. އަދި ސަބީން ރިކޯޑްކޮށްފައިވާ ކޯލްކޮޅު އަޑުއަހަން ޖެއްސިއެވެ. އެހިމޭންކަމުގެ ތެރެއިން ޒިޔާމާގެ އަޑު ސާފުކޮށް އިވެމުން ދިޔައެވެ.

"މަންމަގެ ޒާން. ދަރިފުޅާ. މަންމަދޫކޮށްލާފައި ނުދޭ. މަންމަގެ ގާތަށް އައިސްބަލަ. މަންމަ ހުރިހާ ވާހަކައެއް ކިޔާދޭނަން. ތިއީ މަންމަ އެންމެ ލޯބިވާ ދަރިފުޅު. ދަރިފުޅާއި ނުލައި މަންމައަށް އެއްވެސް އުފަލެއް ނުލިބޭނެ. އޭރު މަންމަ ގެ ނުބައި ނުލަފާ ކަމުން ދަރިފުޅު ދޫކޮށްލެވުނީ އެއީ މަންމަ ކުރި ކުށެއް. މަންމައަށް އެކައްޗެއްވެސް ނުވިސްނުނީ. އެކަމުގެ ސަޒާ މަންމައަށް ލިބިއްޖެ. އެތައް ދުވަހެއްވާންދެން ދުޢާކޮށް ތައުބާވެ މަންމަ ވަނީ އެކަމާއި ހިތާމަކޮށްކޮށް މޮޔަވާން ކައިރިވެފައި. އެތައް ދުވަހަކު ދުޢާކުރިފަހުން މަންމަގެ ލޮލަށް ދަރިފުޅު ފެނުނީވެސް. މަންމައަށް މާފުކޮށްދީ ދަރިފުޅާ. އެންމެ ފަހަރަކުވެސް މަންމަގެ ދަރިފުޅު މާފުކޮށްފީމޭ ބުނާއަޑުއަހަން މަންމަ މިދުނިޔޭގައި މިހިރީ. އެއަޑު ނީވެންޏާ ކަށްވަޅުގައިވެސް މަންމައަށް ހަމަޖެހުމުގެ ނޭވާއެއްނުލެވޭނެ. ޒާން. ކޮންމެވެސް އެއްޗެކޭ ބުނެބަލަ. ދަރިފުޅާ. މަންމަ ގެ ޒާން...."

"ދަރިފުޅާ. މަންމަ މިދަނީ ދަރިފުޅު ބަލާ. ކޮންތާކު ތިހިރީ..." ދެން އިވުނީ ބާރަކަށް އެއްޗެހިތަކެއް ޖެހި ތަޅައިގެން ދިޔަފަދަ އަޑުފަށްގަނޑެކެވެ. އައިޒާންގެ ހިތްވެސް ހީވީ ކުޑިކުޑިވެގެން ފައިބައިގަތް ހެނެވެ. ނުބައިގޮތަކަށް ތެޅިގަތެވެ. ޒިޔާމާ އެކްސިޑެންޓް ވީބާވައެވެ. ކިހާ ވަރެއްވި ހެއްޔެވެ؟ އޭނަގެ ސަބަބުން އެވީ ހާދަ ދެރަގޮތެކެވެ. ހަގީގަތުގައިވެސް ޒިޔާމާ ނަފްސާނީ މައްސަލައެއްގެ ޝިކާރައަކަށް ވެފައި ވަނީ ހެއްޔެވެ؟ އައިޒާންއަށް ކޮޅަށް ތެދުވެވިއްޖެއެވެ. 

މައިގޯޑް. ދެން އަހަރެން ހަދަންވީ ކިހިނެއްތަ؟ މިވަރުގެ މަޖުބޫރީ ތަކެއް...." އައިޒާންގެ ހިތަށް ލިބިފައިވާ ފިނިކަން، އުދާހަށް ބަދަލުވާންފެށިއެވެ. ތަރިތަކުން ފުރިފައިވާ އުޑަށް ބަލާލަމުން އައިޒާން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލައިފައި ލޯމަރާލީ ބާރަށެވެ. މިއީ ބިރުވެރި ހުވަފެނަކަށް ވާނެ ނަމައެވެ. ލޯ ހުޅުވާލާ އިރަށް ހުރިހާ ކަމެއް ރަނގަޅު ވާނެ ނަމައެވެ.

ކޮމެންޓް 0