ހަމީދުގެ އެ ޖުމްލަތަކުން ސަމީނާ ރުޅި އައެވެ. ނަމަވެސް އިތުރު އެއްޗެކޭ ނުބުނެއެވެ. މޫނުމަތިން އަސަރެއް ދައްކާނުލާ ހުރެ އޭނަ ބިންމަތީގައި ގޮދަޑިފަތުރާ ނިދަން ތައްޔާރު ކުރަން ފެށިއެވެ. ހަމީދުގެ ގެދޮރު މާލޭގައި ނެތްނަމަ މިފަދަ އިންސާނަކާއި އެކީގައި އެންމެ ދުވަހަކަށްވެސް އޭނައަކަށް ކެތެއް ނުކުރެވޭނެއެވެ. ހަމީދުކުރާ އެއްވެސް ކަމަކާ އަޅާނުލައި މިވީހާތަނަށް ސަމީނާ ހުރުމުގެ ސިއްރަކީ އޭނަގެ މަޖުބޫރީ ހާލަތެވެ. ދަރިން ގޮވައިގެން ރަށަށް މިއަދު ދިޔަސް ވަންނާނެ ހިޔާވައްސެއް ނެތެވެ.
"ޝާހީ އާއިލާއެއް ބަދުނާމު ކުރުމަކީ ރަގަޅުކަމެއްނޫން... އެމީހުން ގެ ދިރިއުޅުމަށް ވަންނަން ހަދައިގެން ޝަރީޢަތަށް ހިގައްޖެއްޔާ އަހަރެމެންގެ މުޅި އުމުރު ޖަލުގައި ހޭދަކުރަންޖެހިދާނެ... އެކަމަކު ދެން ހަމީދުގެ ރޭވުމުގައި ބައިވެރިވެގެން ވާގޮތެއްވެސް ބަލާފާނަން... ސިލްސިލާތަކުގައި ނުބައިބައިކުޅޭ އަންހެނަކަށް މަވެސް ހަދަންވިއްޔަ ތިއުޅެނީ... މަށަކަށް އެމީހުންހާ މޮޅަށް ފިލްމެއް ނުކުޅެވޭނެ... އެކަމަކު ބަލާނަން..." ސަމީނާ ހިނިގަނޑެއް ޖަހާލާފައި ގައިގާ ރަޖާގަނޑު އޮޅާލައިގެން ތަންމަތީގައި ހަމަޖެހިލިއިރު ހަމީދު ދައްކަމުން ދިޔައީ އައިމަންގެ ހޮޓަލުގެ ރީތިކަމާއި ކެއުމުގެ މީރު ވާހަކައެވެ. އޭނަ އަދި އެފަދަ ތަނެއްގެ ވެރިއަކަށްވާނެ ކަމުގަޔާއި އައިމަންމެންވެސް އިނދަ ޖައްސާލާނެކަމުގައެވެ. ސަމީނާ އެވާހަކައަކާއި ގަޔާވިހެނެއް ހިޔެއްނުވެއެވެ. އިރުކޮޅަކުން ސަމީނާ ގުގުރި ދަމަން ފެށުމުން ހަމީދުއަށް ސަމީނާ ނިދީކަން ޔަގީންވިއެވެ. އޭނަ ތެދުވެގެން ގޮސްވަނީ މަސާޖުޕާލާއަށެވެ. 

އައިޒާންގެ ނިދި ފިލައިގެން ދިޔައީ ފޯނު ރިންގުވާން ފެށުމުންނެވެ. އަވަހަށް ސޯޓުގެ ޖީބުގައި އޮތް ފޯނުނެގިއިރު އެއީ މަންމައެވެ. އައިޒާންގެ ތުންފަތުގައިވާ ހިނިތުންވުން ފަނޑުވެގެން ހިގައްޖެއެވެ. މަންމަ ބުނީ މިވަގުތު ގެއަށް އައުމަށެވެ. އައިޒާން އޮޅުން ނުފިލައިގެން އުޅޭކަންތައް ބުނެދޭނެ ކަމަށެވެ. އެއީ ކުރިން އައިޒާން އިންތިހާއަށް ބޭނުންވިކަމެކެވެ. ނަމަވެސް މިހާރު އެކަން މުހިއްމެއްނޫނެވެ.
"މަންމާ... މިހާރު އެގާރަޖަހައިފި... މާދަން ދާނަން އިގޭ މަންމާ..." އައިޒާން އެހާ ރީތިކޮށް ބުނުމުން ނަސީބަކުން ސަމީނާވެސް މަޖުބޫރު ދެއްކުމެއްނެތި މާދަން އެގެއަށް އައުމަށް އެދިފައި ފޯނު ކަނޑާލައިފިއެވެ. އައިޒާންގެ ހިތުގެ ހިނގުން އޭރުވަނީ އަވަސްވެފައެވެ. ހަގީގަތުގައި މިހާރު އޭނައަށް ރަގަޅީ އޭނަގެ އަސްލު ނޭގުނިއްޔާއެވެ. ބައްޕައެއް ނެތުމުން އޭނަ ލަދުގަނެ ދެރަވި ދުވަސްވަނީ މާޒީވެގެން ގޮސްފައެވެ. އައިޑީ ހެދިއިރު ބައްޕައާއި ކާފަގެނަން އޮންނަތަން ހުސްކޮށް އޮތުމުން ފުރަތަމަ ހާދަ ލަދުގަތެވެ. ދުވަހަކު މީހެއްގެ ކުރިމަތީގައި އިސްއުފުލާފައި ބަލާލާނެ ހިތްވަރު ނުލިބޭނެކަމުގެ ނުބައި އިހުސާސްކުރެވުނެވެ. ނަމަވެސް އައިޒާން ފަދަ އެތައް އިންސާނުން މިދުނިޔޭގައިވާނެކަމާއި ކުށްވެރިޔަކީ އޭނައެއް ނޫންކަން ވިސްނާފައި އޭނަ ހަމަޖެހިލީއެވެ. އެހެންނޫނަސް ބައްޕަ ނޭގުނިއްޔާ މާ ބޮލަށް ފަސޭހަވާނެއެވެ. އެނގިއްޖެއްޔާ ޖެހޭނީ އެހެން އާއިލާއެއް ހޯދަން ދަތުރު ފެށުމަށެވެ. ހަމީދު، ޑޮކްޓަ އައިމަންއަކީ އޭނަގެ ބައްޕަކަމަށް ބުންޏަސް ހިތް އެއްގޮތަކަށްވެސް އެކަން ގަބޫލެއް ނުކުރެއެވެ. އޭނައާއި މައިރާގެ ވަނީ ފާފަވެރި ގުޅުމެއްކަމަށް ހިތް ގަބޫލުނުކުރަންޏާ އެއީ މައްސަލައަކަށްވެގެން ނުވާނެއެވެ. އެފަދަ ގުޅުމެއް އޮތްނަމަ ހަވަނަ ހިއްސުވެސް އެކަން ބުނެދޭން މަސައްކަތްކުރާނެކަން ނޭގެއެވެ.
އައިޒާންގެ އާއިލާގެ އެންމެންގެވެސް ލޭގެ ގްރޫޕަކީ އޯ ނެގަޓިވްކަން އޭނަ ދަނެއެވެ. މުޅިންވެސް ޔުނިވަރސަލް ޑޯނަރސްއިންނެވެ. ނަމަވެސް އޭނަގެ ހުންނަނީ އޭ ޕޮޒިޓިވް ލެޔެވެ.މައިރާގެ ގާތުން އަހާލައިފިއްޔާ ވަރަށް ފަސޭހައިން މައިރާ އަދި އޭނަގެ ބައްޕަގެ ލޭގެ ގްރޫޕްވެސް އޮޅުންފިލުވިދާނެއެވެ. ނަމަވެސް އެ ސުވާލުކުރާކަށް ބޭނުމެއްނޫނެވެ. އެ ހަގީގަތް ވަޅުލެވިފައި ބޭއްވިޔަދޭށެވެ.
އައިޒާން "ޑިއު"އަށް ވަންއިރު މަންމަ އިނީ އާދައިގެމަތިން ޓީވީ ދޮށުގައި ދުފާދަޅު ހުޅުވާލައިގެންނެވެ. އަނގަ ރަތްކަމުން ހީވަނީ އަލިފާންގަނޑެއްހެނެވެ. އައިޒާން ފެނުމުން ސަމީނާގެ މޫނުމަތި އަލިވެގެން ދިޔައެވެ. ސިއްހަތަށް ބަލާނުލާ އުޅުމުގެ ސަބަބުން ފަލަވެ ބުރަހެލިވަމުންގޮސް އިންތަނުން ތެދުވުމަކީވެސް ސަމީނާއަށް ޢަޒާބެކެވެ. ސަމީނާ ވަގުތުން ޓީވީގެ އަޑު ދަށްކޮށްލައިފިއެވެ. ދުވަހަކުވެސް އައިޒާން ފެނުމުން ސަމީނާ މިހާ އުފަލާއިއެކު ދަރިފުޅާއޭ ކިޔާފައި ގޮވާލެވުނުކަމެއް ނޭގެއެވެ.
"ދަރިފުޅާ.ތިއައީ އެންމެ ބަރާބަރު ގަޑިއަށް... ކައިފިންތަ؟ މަސްބަތާއި ތެލުލި ރިހާކުރު ހުރީ..." ސަމީނާ ބުނެލައިފި އެވެ.
"ކައިގެންނޭ މިއައީ.."އައިޒާން ހެދިބިލެތްގަނޑުން އެތިކޮޅެއް އަނގަޔަށްލިއެވެ. މަންމަ މިހާ ދުފުމަށް ފޯރި ހުންނައިރުވެސް އައިޒާންގެ ގައިގާ މިނުބައި އާދަވެސް އަށައެއް ނުގަތެވެ. އެ ހުދު ގަނޑުފެންކުލައިގެ ދަތްތަކުގެ ސިއްރަކީ އޭނަގެ ސިއްޙީ ރަގަޅު އާދަތަކެވެ.
"ޒާންގެ ބައްޕައަކީ ކާކުކަން ބުނެދިނުމުގެ ވަގުތު ޖެހުނީ ކަމަށް މިހާރު ގަބޫލުކޮށްފިން... ނުބުނިއްޔާ ޒާންއަށް ފާފައެއްކުރެވިދާނެކަން ޔަގީން.."ސަމީނާ ކަރުކެހިލާފައި ހަމަޖެހިލަން މަސައްކަތްކުރިއެވެ.އައިޒާންގާތު ދޮގުހަދަން މިޖެހުނީ މަސްލަހަތަށްބަލާފައެވެ. މިފަދަ ދޮގަކުން އައިޒާންގެ ދިރިއުޅުން ބާއްޖަވެރިވާނެކަމަށް ސަމީނާ ދެކުނެވެ. މިއީ އެމީހުން މުއްސަދިވާންއޮތް ލޮޓަރީ ޓިކެޓެއްފަދަ އެވެ. 
"މަންމާ... ނޭގިތިބެ ކުށްކުރެވުނަސް ފާފަވެރިއެއްނުވާނެ... އެހެންވީމަ ނޭނގުން ބައެއް ފަހަރު މާ ރަގަޅު... ކޮބާ ސަބީން.."އައިޒާން ސޯފާގެ އެއްފަރާތުގައި އިށީދެއްޖެއެވެ. އޭނަގެ ފިނިވެފައިވާ ދެއަތްތިލަ ހޫނުކޮށްލާފަދަ ގޮތަކަށް ކުޑަކޮށް ކާއްތާލަމުން ބުމައަރުވާލިއިރު އެ ރީތިދެލޮލުގައި ކުޑަ ހާސްކަމެއް ވެއެވެ. އޭރު އޭނަގެ ހިތުގައި ނޭގޭފަދަ ބިރުވެރިކަމުގެ ރާޅުތަކެއް ދުވަމުން ދިޔައެވެ. މަންމަ ފާފައެކޭ ބުނުމުން އޭނައާއި މައިރާގެ ގުޅުމަށް ނިސްބަތްކޮށްލާފައި ބުނި ޖުމްލައެއްކަމަށް ވަގުތުން ޝައްކު ކުރެވުނެވެ. އެ ވާހަކަ އަޑުއަހަން ބޭނުން ނުވެ މައުޟޫ ބަދަލުކުރަން މަސައްކަތްކުރަމުން ދިޔަސަބަބަކީ އެއީއެވެ.
"އޭނައާއި ހަމީދުގެ ސިޔާސީ އަރައިރުންގަނޑު ގަދަވެގެން މަ ބޯގޮވައިފި... މިއަދުވެސް ރުޅިއައިސްގެން ޒުވާބު ކޮށް ހަޅޭއްލަވާފައި ސަބީން ނުކުމެގެން ހިގައްޖެ.. އެނުބައި ހަމީދުއޭ ކިޔާ މާކުންބެގެ ކަންތަކޭ ހައްތަހާ.. ކެއުންނޫން ކަމެއް ދަންނަ މީހެއްނޫން.. އޭނައަށް ވާވަރަށް ކެއްކުމާއި ނުކުޅަދާނަވިއްޔަ.. ހޫމް.. ދެން މުހިއްމު ވާހަކައެއް އެބައޮތް ޒާން.. ޒާން ދަންނަމެއްނު ޓީވީއަށް އަރާ ސުމަން.. އޭނަ ބޭނުމޭ ޒާންގެ އަންބަކަށްވާން..." ސަމީނާ ހެވިފައި އިނދެ ބުނެލިއެވެ. ސަމީނާއަށް ސުމަން ރޭގައި ފޮނުވި ޕިއްޒާއާއި ޗޮކްލެޓް ކޭކުގެ ސަބަބުން އޭނަގެ ހިތުން މަގާމެއް ސުމަން ހޯދައިފިއެވެ. 
އައިޒާން ސުމަންއަކީ ކާކުކަން މާރަގަޅަށްވެސް ދަނެއެވެ. މުއްސަދި މީހަކާއި އިނދެގެން ދަރިއަކުހުއްޓާ ކޮންމެވެސް ލޯބީގެ ކުޅިގަޑެއް ފަޅާއަރައިގެން ދާދިފަހުން އޭނަވަނީ ވަރިކޮށްލާފައެވެ. އެފަދަ އަންހެނުންނަށް އާއިލީ ދިރިއުޅުން މުހިއްމެއް ނުވާނެއެވެ. ސިޔާސީކަންތަކަށް ގޮސްހުސްވެ ހަމައެކަނި ދުނިޔެއަކީ ސިޔާސީ ކަންތައްކަމުގައިވެ އެކަމަށް މޮޔަވެފައިވާ އަންހެނެކެވެ. އެއީ ތިމާގެ ދަރިންގެ މުސްތަގުބަލް ގެއްލި މަޔަކަށްވުމުގެ ޒިންމާއާއި ވާޖިބުން މަހުރޫމްވާ ކަމެއްކަން ވިސްނާނުލައެވެ. ސުމަން ހުތުރެއް ނޫނެވެ. ސްޓައިލިޝް ރީތި އަންހެނެކެވެ. ކަނދުރާއާއި ކަންފަތް އަދި އަތްފައި ފަޅުފިލުވާލާފައި ހުންނަނީ ޖަވާހިރުންނެވެ. ޓީވީއަށް އަރާ އިނދެ އެހެންމީހުންގެ ކުށް ދައްކަދައްކާފައި އުޅޭއިރު ހީވަނީ އެހެން ކަމެއްހެނެވެ. އެމީހާ އައިޒާންއާއި ހިތާވީކަމަށް މަންމަ ރީތި ބަހުން ބުނެދީފިއެވެ. އެކަމަކު އޭނަ ބޭނުންވެގެން އުޅޭ އެފަދަ ކިތަންމެ ސުމަންއެއް އައިޒާން އާއި ދިމާވެއެވެ. އެންމެނަށް އޭނަ ބައިކޮށްލަންވީއެވެ.
" ހޫމް...މަންމާ.. އަހަރެން ދެން ގޮސްލާނަން.." އައިޒާން އަމިއްލަ ޚިޔާލެއްގައި އިނދެފައި ތެދުވެގެން ދާންހިގައިގަތެވެ.
"ޒާން... ބައްޕަކާރިއަށްގޮސް ބުނޭ ތިމަންނައަށް ވީ ބައިދޭށޭ... މުއްސަދިވެދާނެ... އެއީ މުއްސަންޖެއް... ޑޮކްޓަ އައިމަންއަކީ ޒާންގެ ބައްޕަ..." ސަމީނާގެ އެ ކުއްލި ޖުމްލަތަކުން އައިޒާންއަށް ހީވީ ފައިދަށުން ބިންގަޑު ދެމިގަތްހެނެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ވަގުތުން ފިޔަވަޅުތައް ހުއްޓުނެވެ. އައިޒާންއަށް ދޮރުކަނީގައި ބާރަށް ހިފަހައްޓާލެވުނު ގޮތަށް ދެ ލޯމަރާލެވުނީ ބޭއިޚުތިޔާރުގައެވެ. އެއްގޮތަކަށްވެސް އޭނަގެ ކަންފަތަށް އެއިވުނީ ރަނގަޅަށްކަން ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.
"ނޫން... މަންމާ އެހެނެއްނުވާނެ.." އައިޒާންގެ އަޑު ކުރެހިގެންދިޔައެވެ. އޭނަ އެނބުރި ލަސްލަހުން ސަމީނާގެ މޫނަށް ބަލާލިއިރު އައިޒާން ގެ ކަޅު ދެލޮލުގައި ކަރުނަތިކިތައް ވިދަންފެށި އެވެ.
"މިއި ހަގީގަތް.. ޒާން ގަބޫލުކުރޭ.. ހަމީދު އެދުވަހު މަންމަ އެތައްބަޔަކާއި ރައްޓެހިވެގެން އުޅުނޭ ކިޔާއިރު އެއީ ދޮގެއް.. މަންމަގެ ގުޅުން އޮތް ހަމައެކަނި މީހަކީ އައިމަން.. އެކަމަކު އެގޭ މީހުން އެއްގޮތަކަށްވެސް އެ ގުޅުންކުރިއަށް ގެންދާކަށް ގަބޫލެއްނުވި.. ޒާންއަށް އެނގޭނެ މުއްސަދި މީހުން ނިކަން ކިބުރުވެރިވާނެ.. ބޮޑާވާނެ.. އެމީހުންނަށް އަހަރެމެންފަދަ ނިކަމެތިންވާނީ ބިންމަތީގައިވާ ފައިފުއްސަކަށް.. މަންމައަށް އެކަން ވިސްނުނުއިރު އޮތީ ވާނެހަތަރު އެތިވެފައި.. މަންމަ އޭނަ ކާރީގައި އާދޭސްކޮށްފައި ބުނިން އޭނަގެ އަންބަކަށް ހަދާދޭށޭ.. އެކަމަކު އޭނަ ގެ ދަރިއެއްކަމަށް ގަބޫލުކުރާކަށްވެސް ބޭނުމެއްނުވި.. ބުނީ ތިކަހަލަ ނާސި މީހުންގެ އެފަދަ ކިތައްލޯބިވެރިން ތިބޭނެހޭ.." ސަމީނާ ގެ ދެލޯފުރިގެން އައި ކަރުނަތައް ކޯތާފަތްމަތިން ދެމިގަތެވެ. އަމިއްލައަށް އެވަގުތު ހީކުރެވުނީ ބޮލީވުޑް ޝޫޓިންއެއްގައި ހުރެވުނުހެނެވެ. އެމީހުންނަށްވުރެ އޭނަ އެންމެތަންފުކެއް ވެސް ދެރައެއް ނޫނޭ ސަމީނާގެ ހިތަށް އެރުމުން ހެވެން އުޅުނެވެ. ސަމީނާ އަނގަމަތީގައި އަތްއަޅިއެވެ. އޭނަ އެއްގޮތަކަށްވެސް އައިޒާންއާއި ހަތަރުކަޅި ހަމައެއް ނުކުރިއެވެ. އައިޒާންއަށް އެލޮލުގައިވި ދޮގާއި މަކަރު ފާޅުވެދާނެތީއެވެ.
ސަމީނާގެ އެ ޖުމްލަތަކުން އައިޒާން ބިނާކުރަމުން އައި ލޯބީގެ ގަނޑުވަރު ކުދިކުދިވެ ބިމަށް ފައިބައިފިއެވެ. ދެން ދުވަހަކުވެސް އެ ގަނޑުވަރު ބިނާކުރާނެ ހިތްވަރެއް އޭނަގެ ނެތެވެ.އައިޒާންގެ ލޮލަށް ޖަމާވިކަރުނަތައް އެ ބޯ އެސްފިޔަތައް ފޫދުއްވާލާފައި އޮހިގަތެވެ. އައިޒާން ސޯފާގައި އިށީނީ ކޮޅަށް ހުންނާނެހާ ހިތްވަރެއްވެސް ނެތުމުންނެވެ. ދެއަތްތިލައިން މޫނު ފޮރުވިގޮތަށް އޭނަ ހިމޭނުން އިންގޮތުން އައިޒާން ކަރުނައޮއްސަނީކަން ސަމީނާ ދެނެގަތެވެ.
ސަމީނާއަށް އައިޒާންގެ ހިތަށް އަސަރުކުރި ސަބަބު ރަގަޅަށް ޔަގީންވިއިރުވެސް އޭނަ އެކަން އެނގޭ ކަމަކަށް ނެހެދިއެވެ. އައިޒާން ބަލާބޮޑުކުރިކަމުގެ ކުލުނުވެސް އެވަގުތު ސަމީނާގެ ހިތުގައި ނެތީކަންނޭގެއެވެ. އައިޒާން މިވަގުތު ކިތަންމެވަރަކަށް ރުޔަސް އަދިފަހުން އައިޒާންއަށް އެކަމުގެ ފައިދާއާއި މަންފާ ކުރިއަށް އޮތީކަން ސަމީނާއަށް އެގުނެވެ. ސުމަންއާއި ގުޅުމަށްފަހު އައިޒާންވާނީ ރާއްޖޭގައި ހުރި އެންމެ ޒުވާން މިލިއަނަރަށެވެ.
"އަހަންނަށް އެގޭ ޒާންވެސް ތިރޮނީ މަންމައާއިމެދު ހަމްދަރުދީވެގެންކަން.. ޒާން އައިމަންގެ ދަރިއަކާއި އިންނަންކުރި ޚިޔާލުދޫކޮށްލާ.. އަހަންނަށް އެނގޭ އައިމަންވެސް ތިކަމާއި ނުގަބޫލުވާނެކަން.. އައިމަންއަށް ރަގަޅަށް އެނގޭނެ ތިއީ އޭނަގެ ދަރިކަން.. އެކަން ނޭނގޭ ކަމަށް ހަދައިގެން އެ ބޭފުޅާ ހުންނެވިޔަސް.. ކަލޭ ފެންނައިރަށް އޭނަ ދެނެގަންނާނެ އޭނަގެ ލޭކަން.. ތަފާތެއް ނެތްވިއްޔަ.." ސަމީނާ ދުފާދަޅު ލައްޕާލާފައި އައިޒާންގެ ބޮލުގައި ފިރުމާލިއެވެ. އެފަދަ ލޯތްބާއި ގާތްކަން ދެއްކުމަކީ ސަމީނާގެ ގައިގާ ހިފާފައިވާ އާދައެއްނޫނެވެ. ސަމީނާ ކުޑައިރު ބޮޑުވި މާހައުލުގެ އަސަރުކޮށްފައިވަނީކަން ނޭގެއެވެ.
ސަމީނާގެ ކޮންމެ ޖުމްލައެއް އޭނަގެ ކަންފަތަށް ބިއްލޫރި ވިރުވާއަޅަމުން ދިޔަފަދަ ނުބައި އިހުސާސްތަކެއް ކުރުވަމުން ދިޔައެވެ. ލަދުންގޮސް އަމިއްލައަށް އިންސާނާ މަރުވަނީ މިފަދަ ނުބައި ހާލަތްތަކުގައިކަންނޭގެއެވެ. ދީނުގައި ޙަރާމްކަމަކަށް ނުވާނަމަ މި ސިކުންތުކޮޅު ހިތަށް ވީ އުދަގުލުގެ ސަބަބުން އައިޒާންވެސް އެފަދަ މަގެއް ޚިޔާރުކުރީހެވެ. ނަމަވެސް އޭނައަކީ އަޤީދާ ވަރުގަދަ ޒުވާނަކަށްވީމަ ހިތް ކުދިކުދިވެ އެތިކޮޅުތަކަށް ބުރައިގެން ދިޔަނަމަވެސް އޭނަ ކެތްކުރަން މަސައްކަތްކުރަމުން ދިޔައެވެ. ސިކުނޑީގައި އުފެދިފައިވާ ތޫފާންތައްވެސް ހިނދުކޮޅަކަށްވުރެ ހިނދުކޮޅެއްބޮޑުވެ ބޮލުގެ ނާރުތައް ފަޅައިގެންގޮސްދާނެއޭ ހީވިއެވެ.
"ޒާން...ކެތްކުރޭ..އައިމަންގެ އަންހެންދަރި ނޫނަސް މާލޭގައި ރީތި ކުދިން މަދެއްނޫން..." ސަމީނާ އިތުރަށް އައިޒާންގެ ޒަޚަމްތަކަށް ލޮނު މިރުސްއެޅިއެވެ. އައިޒާން މިހާ ފިޑިވެގެން ރޮއިފާނެ ކަމަކަށް ސަމީނާ އުއްމީދެއް ނުކުރެއެވެ. މިޒަމާނުގައި ޝީރީނު ފަރުހާދު އުޅެދާނެ ކަމަކަށް އޭނަ ގަބޫލު ނުކުރާތީއެވެ. އޭނަގެ ޙަޔާތަށްވެސް އެފަދަ ފޮނި ކަމެއް ލިބިފައެއްނެތެވެ. އެފަދަ ލޯތްބެއް އެއްވެސް މީހެއްގެ ފަރާތުން ލިބިފައެއްނުވެއެވެ.ހުރިހާ މީހުން ބޭނުންވީ އޭނަގެ ރީތި ހަށިގަނޑެވެ. ވީއިރު ލޯތްބަކީ ދުނިޔޭގައި ލައްވާފައިވާ އެއްޗެއްކަމަށް އޭނައަށް ޤަބޫލުކުރެވޭނެއެއްވެސް ގޮތެއް ނެތެވެ.
ސަމީނާ އޭއްޗެކޭ މީއްޗެކޭ ކިޔަމުން ކޮޓަރިއަށް ވަދެވެސް އަމިއްލައަށް ކޮންމެވެސް ވާހަކަތަކެއް ދައްކާ އަޑުއިވުނެވެ. އައިޒާން އެކަނިވުމުން ފާޚާނާއަށްވަދެ މޫނުދޮވެލާހަދައިގެން އަވިއައިނު އަޅާލައިފިއެވެ. އޭނަ މާޔޫސްވެ މުޅިން ނާއުއްމީދުވެފައިހުރެ އެގެއިން ނުކުމެގެން ދާންހިނގައިގަތްއިރު ހަމީދު ގައިގާ އަޅައިނުގަތީ ކިރިޔާއެވެ. ހަމީދު ނުބައި ގޮތަކަށް އަނގަ ހަދާލުމަށްފަހުވެސް ކުޑަކޮށް ވިސްނާލާފައި އައިޒާންއަށް ގޮވާލީ ފުޅާ ހިނިތުންވުމަކާއިއެކުގައެވެ. ކުއްލިއަކަށް ދަރިކުލުނު ހިތުގައި އުފެދިގެން އައިޒާންއަކީ އަމިއްލަ ދަރިއެއްކަމަށް ބަލައިގަތީހެން ހީވިއެވެ. އައިޒާން އަޑުއިވުނުކަމަށްވެސް ނަހަދާ ތުނިކޮށް ވެހެމުން ދިޔަ ވާރެއަށް ފަރުވާލެއް ނުބަހައްޓާ ކުރިއަށް ހިނގަމުން ދިޔައެވެ.
އައިޒާން ހުއްޓުނީ ތޮށިގަނޑުކާރީގައެވެ. ހުޅިލާފައި އަންނަ ރުޅިވެރި ރާޅުތައް އަޑުގޮއްވާލާފައި ތޮށިގަނޑުމައްޗަށް ބިންދަމުންދެއެވެ. އުޑުމަތީގައި ވިލާތައް ބޯވެ އަނދުންކުލަ ޖައްސަމުންދިޔައިރު ވައިރޯޅިތައް އެހާ ފިންޏެވެ. ނަމަވެސް އައިޒާންގެ ގަޔަށް ވިއްސަމުން ދިޔަ ވާރޭ ތިކިތަކަށް ފަރުވާލެއްނުބަހައްޓާ ހަރަކާތެއްނެތި ބުދެއްހެން ހުއްޓިލައިގެން ހުރިއިރު އެ ޒުވާންހިތް ކުނޑި ކުނޑިވެފައިބަމުން ދިޔައެވެ.ރޮވެމުން ދިޔައެވެ.އެކަރުނަތައް ނިމުމަކަށް ގެންނާނެ އެއްވެސްގޮތެއް ވިސްނުމަކަށް ނާދެއެވެ.ދުވަހަކުވެސް ދެން އެ ހިތަށް ޝިފާއެއް ނުލިބޭނެކަމާއި މުޅި ދުނިޔެ ބަރުބާދުވެއްޖެކަމަށް ގަބޫލުކުރެވުނެވެ. މުޅި ސިކުނޑިވަނީ ގަބުވެފައެވެ.
ވަގުތުތައް ވޭތުވަމުން ދިޔައެވެ. ވާރޭވެސް ބޯކުރިއެވެ. އައިޒާން ހޭވެރިކަންވިއެވެ. ކޮންމެވެސް ވަރަކަށް ސިކުނޑި މަސައްކަތްކުރަންފެށިއެވެ. އޭނަ ވިލާތަކާއި ކަނޑުގެ ރާޅުތައް އަދި ޖެހެމުންދިޔަ ވައިރޯޅިތަކާއިވެސް ޝަކުވާކުރިއެވެ. މުޅި ދުނިޔެއާއިވެސްމެއެވެ. އަދި އޭނަފަދަ ބަދުނަސީބު އިންސާނަކު މި ދުނިޔެއަށް ގެނައި ބަޔަކުވެސް ކުށްވެރިކުރިއެވެ. ނަމަވެސް މިއަދު ކިތަންމެ ވަރަކަށް އެހެންމީހުން ކުށްވެރިކުރިޔަސް ޝަކުވާ ކުރިޔަސް އޭނަގެ ތަގުދީރު ބަދަލުނުވާނެކަން އޭނައަށް އެގުނެވެ. މިއީ އޭނަގެ ނަސީބުގައި މިންވަރުކުރައްވާފައިވާ ގޮތެވެ. އިލާހީ ގާނޫނެވެ. މިންވަރުފުޅަށް ރުހުން ނޫންކަމެއްނެތެވެ. ހުރިހާވެސް ނުބައި މީހަކީ އޭނަގެ ބައްޕައެވެ. ނަސްލުއޮޅުވާލި ބޮޑު ފާފަކުރި އެ ނުބައި އިންސާނާއެވެ. އެމީހާ އޭނަގެ އަތުން މަރާލިޔަސް އޭނަ ފާފަވެރިވާނެކަމެއްނޭގެއެވެ

ކޮމެންޓް 0