ލަދުކުޑަ... ނަސީބެއް ކުރިން އެގުނުކަން..."ޝަމާއިލް އަށް ލިބުނު ޝޮކް ފިލާދިއުމުން އޭނަ ވަގުތުން ފަހަތަށް ޖެހުނެވެ. ޝަމާއިލް ރެޔާންގެ ފަރާތުން މިހާ ވިޔާނުދާ އަމަލެއް ފެނިދާނެ ކަމަކަށް ހީނުކުރެއެވެ. އަންވަރުވަނީ ބައްޕަގެ ގާތުގައި ރެޔާން، އޮފީސް އަންހެންކުދިންނާއި ގާތްގުޅުމެއް ބާއްވަމުންދާކަމަށް ބުނެފައެވެ. އަދި ރެޔާން ގެ ޕީއޭ އާއި އެކު ރެޔާންގެ ރޫމްގައި ވަގުތު ހޭދަކުރާކަމަށް ބުނެ އަންވަރު ދެއްކި ވާހަކަތައް ބައްޕަ ވަނީ ގަބޫލު ނުކުރައްވާފައެވެ. ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނެއޭ ބުނާ އުސޫލުން އެކަން ބޮޑުކަމަކަށް ބައްޕަ ނެހެއްދެވިއެވެ. ޝަމާއިލް އެވަގުތު ރެޔާންގެ ދިފާއުގައި ވާހަކަދެއްކިއެވެ. އަބަދުވެސް އެހާ މަތީ މަގާމުތަކުގައި ތިބޭ މީހުންނާއި ގުޅުވައިގެން އެފަދަ ދޮގު ވާހަކަތައް ދެއްކުމަކީ އާއްމު ކަމެއްކަމަށާއި ރެޔާންއަކީ އެއަށްވުރެ ތެދުވެރި މީހެއް ކަމަށް ޝަމާއިލް ބުނީ ސާބިތުކަމާއިއެކުގަ އެވެ.

ނަމަވެސް ލޮލުން ދެކެ އަތުން ހިފުމުން އޭނަގެ ކުރިމަތީގައި ރެޔާންގެ އަގުވެއްޓިއްޖެ އެވެ. ދެން ދުވަހަކު އެ ގެއްލުނު އިތުބާރު ހޯދުމަކީ ރެޔާންއަށް ކުރެވޭނެ ކަމެއް ނޫނެވެ.ޝަމާއިލް އެންމެ ދެރަވީ އޭނައަށް ލޯބިވެވުނު ކަމަށް ހީކުރެވުނު ޒާލީ ގެ މި އަނދިރި ފަރާތް ވެސް ފެނުނީތީއެވެ. އަންހެންކުދިންނަކީވެސް ކޮންކަހަލަ ބަޔެއް ހެއްޔެވެ؟ އިއްފަތްތެރިކަން މުހިއްމެއްނުވެއެވެ. ކޮންމެ ފިރިހެނަކު ބޭނުންވިޔަސް އެތިބެނީ ހިތުން ރުހުމުން ކޮންމެފަދަކަމެއް ކޮށްދޭންވެސް ތައްޔާރަށެވެ.

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން މާލެއަށްވެސް ލޮޅުންތަކެއް އެރިއެވެ. ސުނާމީ އިންޒާރު ލިބުމުގެ ސަބަބުން އެންމެންގެ ހިތްތަކަށް ބިރުވެރިކަން ވަނެވެ. މާލެފަދަ ތަނަކަށް ސުނާމީ އަރާނެކަމުގެ އިންޒާރު ދިނަސް އެހެން ގައުމުތައް ފަދައިން އުސް ހިސާބުތަކަށް ދަތުރުކުރެވޭކަށް ނެތެވެ. ސަލާމަތަށްޓަކައި ކުރާނެ މާބޮޑު ކަމެއް ނެތެވެ. ރެޔާން އޭރުވީ ސިންގަޕޯގައެވެ. ޝަމާއިލްއަށް ޚަބަރު ލިބުނު ގޮތުން ރެޔާން ދިޔައީ އޭނަގެ ޕީއޭ ޒާލީ ގޮވައިގެންނެވެ. ޝަމާއިލްގެ ލޭ ކެކުނެވެ. ރެޔާން ޒާލީ އާއި ގުޅުމެއްނެތްކަމަށް ބުނާއިރު ފަރުދާގެ ނިވަލުގައި އޭނަ ކުޅެމުން އެދާ ކުޅިގަނޑެއް ޝަމާއިލްއަކަށް ނުވިސްނުނެވެ.

ސުނާމީ އިންޒާރެއް ލިބުނަސް ނަސީބަކުން ސުނާމީއެއް ނާރައެވެ. އެންމެންގެ ހިތްތަކަށް ލިބުނު ބިރުވެރިކަން ވަގުތުތަކަކަށް ދެމިގެން ދިއުމަށްފަހު މާލެ އާއްމު ހާލަތަކަށް އެޅި އަނެއްކާ ދުނިޔޭގެ ކަންތަކާއި މަޝްޣޫލުވެގެންފިއެވެ. ލެވެންޑަ ކޮޓެޖްގެ އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފާވެރިކަމާއި ހަމަޖެހުމެވެ. 

އެންމެންގެ މޫނުމަތިން ހިނިތުންވުން ފެންނަމުންދިޔައިރުވެސް ފަރުޒާންގެ އަންހެނުން އަޔާނާ އިނީ އެހެން ދުވަހަށްވުރެވެސް ހިމޭނުންނެވެ. މިއަދު އެ މޫނު މާބޮޑަށް މިލާފައިވާކަން އެގެއެވެ. ރޮއިރޮއި ލޯ ދުޅަވެފައިވާކަން އެގެއެވެ. ސުނާމީގެ ޚަބަރަށްފަހު ހޮސްޕިޓަލްވެސް އިމަޖެންސީ ހާލަތުގައިވާތީ އޯޕީޑީތައް ކެންސަލްކުރެވުމުގެ ސަބަބުން ޑޮކްޓަ ފަރުޒާން ވެސް ވަގުތުން ގެއަށް އައެވެ. އޭރު ގޭގެ ބޮޑު ކޮޓަރީގައި ބޮޑުބޭބެގެ އާއިލާގެ އެންމެންވެސް ތިއްބެވެ. އެންމެން ތިބީ ޖޫހާއި ލުއި ކާނާއަކަށް އިންސާފުކުރުމަށެވެ. ފަރުޒާން ވެސް ކުޑަކޮށް ބައިވެރިވެލާފައި އަޔާނާއަށް އިޝާރާތުން އައުމަށް އަންގާފައި ގެއަށްވަނެވެ.
"ޔާން.. ކިހިނެއްވީތަ؟" ފަރުޒާން ކޮޓަރީގެ ތަޅު ހުޅުވާލަމުން ހިތާމަވެރި ނަޒަރަކުން އަޔާނާގެ މޫނަށް ބަލާލައިފިއެވެ. އަޔާނާ އަބަދުހެން ހިތާމައިގެ ތަސްވީރަކަށްވެފައިވާތީ ފަރުޒާން ހުންނަނީ ކުރާނެ ކަމެއް ނޭގިފަ އެވެ.
"ސުނާމީ ވޯނިން ދިނީމަ ބިރުގަތީ... މިހާރު ރަގަޅު..." އަޔާނާ ގަދަކަމުން ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ.
"ތިއީ އެކަހަލަކަންތަކާއި ބިރުން އުޅޭ ކުއްޖެއް ވެސް ނޫނެއްނު... އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟ އަހަރެން ގިވްއަޕް ކުރާ ހިސާބަށް ހިގައްޖެ... ޔާން އުފާކޮށްދޭން އަހަރެން ކޮށްނުދެނީ ކޮންކަމެއް... ޗުއްޓީގައި މިދަނީ ރިޒޯޓްތަކަށް... ބޮޑު ޗުއްޓީއަށްވެއްޖެއްޔާ ބޭރު ގައުމުތަކަށް... ޔާން ބޭނުންހުރިހާ އެއްޗެއް ހޯދާދެން... އަހަރެމެންގެ ބާރު ނުފޯރާކަމެއް އެކަނިކޮށްނުދެވިގެން އުޅެނީ.. އަހަންނަށްއެގޭ މިއަދުވެސް ޔާން ރުއީ އެކަމާ.. އަހަރެން ޑިއުޓީގައި ހުރިއްޔާ މަސައްކަތަކީ އެއީ ދޯ..ކިހާވަރަކަށް ބުނެދީފިން.. އަހަރެންވެސް ދަރިއަކު ބޭނުން އެކަމަކު އެ ނިއުމަތުން މަހުރޫމްވެފައިވާ އެހެން ބަޔަކުވެސް މި ދުނިޔޭގައި ތިބިކަން ހަދާން ނައްތައެއްނުލަން.. އަހަރެންވެސް މިހިރީ ކެތްކޮށްލައިގެން.. ދަރިއަކު ބޭނުން ނުވަނީކީ ނޫން...އެކަމަކު..." ފަރުޒާން ވާހަކަ ދައްކަމުން ގޮސް ކުޑަދޮރުގައި އަތް އަޅުވާލައިގެން ހުއްޓުނެވެ. އެމީހުންގެ ކާވެނީގެ ފުރަތަމަ ދެއަހަރު އެހެން ޖޯޑުތައް ފަދައިން އެވަރުން ދަރިއަކު ހޯދާކަށް ނޫޅެއެވެ. ނަމަވެސް ދޭތެރެ ދުރުކުރާކަށް އެއްވެސް ވަސީލަތެއް ބޭނުމެއް ނުކުރެއެވެ. އޭރުވެސް އަޔާނާގެ މައްސަލަތަކެއް ހުރިކަން ފަރުޒާން ދަނެއެވެ. އެދެމަފިރިންގެ ރޭތައް ބޭކާރުވެގެން ދިއުމާއި ،އަޔާނާ ކާވެނީގެ ގުޅުމަށް ޝައުގުވެރިކަން ކުޑަވުމާއި،އަޔާނާގެ ކަރުނަތަކުން ފަރުޒާންއަށް އެކަން ނަގައިގަނެވުނެވެ.
ދެއަހަރުފަހުން ދަރިއަކު ހޯދަން މަސައްކަތްކުރަން ފެށިފަހުން ހެދި ޓެސްޓްއިން ފަރުޒާންއަށް ހީވި ހީވުން ޔަގީންކުރެވުނެވެ. ދަރިއަކު ލިބޭނެކަމުގެ އުއްމީދު މުޅިންހެން ގެއްލުނެވެ.ނަމަވެސް އޭނަ ހުރީ އަޔާނާ ގާތުގައި ހަގީގަތް ވަންހަނާކޮށްލައިގެންނެވެ.ކުރެވޭނެ މާބޮޑުކަމެއް ނެތީމައެވެ.
އަޔާނާ ކިތަންމެވަރަކަށް ހިފެހެއްޓިނަމަވެސް އެ ލޮލުގައި ގިނަވެގަތް ކަރުނަތައް އެސްފިޔަތައް ތުރުތުރުލާފައި އޮހިގަންނަން ސިކުންތުކޮޅެއްވެސް ނުނެގިއެވެ.
"އަހަންނަށް އެގޭ މިއީ ސެންސިޓިވް އިޝޫއެއްކަން.. އެކަމަކު ދެން ޔާންވެއްޖެ މިކަން ހަދާންނައްތާލަން.. އިންސާނުންނަށް ކުރެވޭނީ މަސައްކަތް. އަހަރެމެންވެސް ވަރަކަށް ޓްރައިކުރިން އެކަމަކު ތަގުދީރުގައި ހުރިއްޔާ ވާނީ.. ވީއިރު ޔާން ގަބޫލުކޮށްބަލަ.. ޕްލީޒް..." ފަރުޒާން އެވަރަށް ވާހަކަ ދެއްކިއިރުވެސް އަޔާނާ ޖަވާބެއް ނުދިނުމުން އެބުރި ބަލާލިއިރު އަޔާނާއިނީ ސޯފާގައި ކަކުލުގައި މޫނު ޖައްސާލައިގެންނެވެ. ހަށިގަނޑަށް އަރަމުން ދިޔަ ލޮޅުންތަކުން އޭނަ އަޑުނުވީއްލާ ގިސްލަމުން ދާކަން ފަރުޒާން ދެނެގަތެވެ. ފަރުޒާންގެ ލޯ ތެމުނެވެ. ބަލަހައްޓައިގެން ހުރެވުނީ ގޮތްހުސްވެފައެވެ. އަދި މުލައްދަނޑީގައި ބޯ އަޅާލިގޮތަށް ދެލޯމަރާލީ ހިތަށް ކުރި އަސަރަކުންނެވެ. ދެމީހުންނަށް އެގޮތުގައި ތިބެވުނީ ކިހާއިރެއް ވަންދެންކަމެއްވެސް ނޭގެއެވެ.
އެންމެ ފަހުން ފަރުޒާން ހިތްވަރުކޮށްލާފައި މަޑުމަޑުން ހިގާލާފައި އައިސް އަޔާނާ އިސްތަށިގަނޑުގައި އަތް ހިންގާލުމަށްފަހު ތެދުކުރުމާއިއެކު ފަރުޒާންގެ މޭގައި މޫނު ފޮރުވިގޮތަށް ރޮއިގަނެވުނީ އެވެ.ފަރުޒާނު ކިތަންމެވަރަކަށް ނުރޯށޭ ބުންޏަސް އަޔާނާއަކަށް މިއަދު ކެތެއްނުކުރެވުނެވެ. ކަރުނަތަކަށް ނިމުމެއްނައެވެ.
"ޒެފް ކިތަންމެވަރަކަށް ސިއްރުކުރިޔަސް އަހަންނަށް އެގިއްޖެ ޕްރިމެޗުއަރ އޯވޭރިއަން ފެއިލިއަރ ވީމަކަން މިހުރިހާ އުނދަގޫތަކެއް ކުރިމަތިވަނީވެސް.. ދުވަހަކުވެސް އަހަންނަށް ބޭބީއެއްނުލިބޭނެ.." އަޔާނާ ހުއްޓަހުއްޓާފައި އެހެން ބުނުމުން ފަރުޒާން ސިހުނެވެ. ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އޭނަ އަބަދުވެސް ރިޕޯޓްތައް އަޔާނާއަށް ފޮރުވައެވެ. އަޔާނާއަށް ކުއްޖަކު ލިބުމުގެ ފުރުސަތު ވަރަށް ހަނިކަން ރަގަޅަށް އެނގިހުރެވެސް މިވީހާތަނަށް ފަރުޒާން ވަނީ އެކަން މުޅި ދުނިޔެއަށްވެސް ސިއްރުކޮށްފައެވެ. އޭނަގެ އާއިލާއަށްވެސް މެއެވެ.
"ޑޭމިޓް.. ޔާން. ކޮން މޮޔަ ވާހަކަތަކެއް ތިދައްކަނީ.. އިރާދަކުރެއްވިމީހަކަށް ދަރިންވެސް ދެއްވާނެ.. ޑޮކްޓަރުންނަށް އެގެނީ ކޯޗެއް..." ފަރުޒާން ގެ ހިތަށް ކުރި އަސަރުތައް އޭނަ ބޭރުކޮށްލީ ރުޅީގެ ގޮތުގައެވެ. ދަރިން ނުލިބޭ މީހަކަށް ނޫނީ އެކަމުގެ ހުރި ވޭނާއި ހިތްދަތިކަން ހިތަކަށްވެސް ނުގެނެވޭނެއެވެ. އަޔާނާއަށް ވެސް ހަގީގަތް އެގުމުން ލޯބިވާ މީހަކު މަރުވުމުން ކުރެވޭނެފަދަ ނުބައި އިހުސާސްތައް ކުރެވޭނެކަން ފަރުޒާންއަށް އެގުނެވެ. ފަރުޒާންއަށް އޭނަގެ އާއިލާއާއި އެކުވެރިންގެ ދަރިންތައް ފެނުމުން ބައްޕާއޭ ކިޔާލާފައި ގޮވާލާނެ ތުއްތު ދަރިފުޅަކަށްޓަކައި އެ ހިތް ތެޅިގަނެއެވެ. ނަމަވެސް ކޮންމެފަހަރަކުވެސް ހަނދާންވަނީ އެއީ ހަމަ މުއުޖިޒާތެއްފަދަ ކަމެއްކަމެވެ. ފުރުސަތު އެހާވެސް ހަނިކަން އެގެއެވެ. އަޔާނާގެ އެ މައްސަލައަށް އެއްވެސް ފަރުވާއެއް އޮތީކީ ނޫނެވެ.ފަރުވާކުރުމުން ދަރިން ލިބުމުގެ ފުރުސަތު އިތުރަށް ކުޑަވުން ނޫންކަމެއް ނުވާނެއެވެ.
".އަހަރެންނަށް ރިޕޯޓްތައް ފެނިއްޖެ.. ވީއިރު މިހުރިހާ ދުވަސްވަންދެން ޒެފް އެކަން މަންމަމެންނަށްވެސް ސިއްރުކުރީ.. .ޒެފްބުނީމެއްނު ދެމީހުންނަށްވެސް ނުލިބެނީޔޭ..އެކަމަކު..އެކަމަކު.." އަޔާނާ ގެ ހިތްހީވަނީ ފަޅިފަޅިވެދާނެހެންނެވެ. އޭނަ އެތައް ހާސް މައްސަލައެއްގައި އެކަނިމާއެކަނި ހަގުރާމަކޮށް ހިތާމައިގާ ނިމިގެންދާއިރު ފަރުޒާންގާތުގައި ކުރެވޭ ހަމައެކަނި ޝަކުވާއަކީ މިއީއެވެ. އެހެންކަންތައް އޭނަ ހުންނަނީ ފަރުޒާންއަށް ސިއްރުކޮށްލައިގެންނެވެ.
"އިޓްސް އޯކޭ ލަވް... ޔާންއަށް ނުލިބުނަސް ދެން އަހަރެމެން ކެތްކުރާކަށް ނުޖެހޭތަ؟ ޔާންތިވަރު ވާނެކަން އެގޭތީ އެކަން ސިއްރުކުރަން ޖެހުނީ.. އަހަރެން ބޭނުމެއްނޫން އިތުރު އެއްވެސް މީހަކަށް މި ކަން އެގޭކަށް.. އަޑުއިވިއްޖެތަ؟ އަހަރެންގެ މަންމަމެންނަށްވެސް އެގިގެންނުވާނެ.. ޔާންއަށް ދަރިން ނުލިބެޔޭ ކިޔާފައި އަހަރެން ނެތިން ޔާން ދޫކޮށްލާފައި އެހެން މީހަކާއި އިންނާކަށް... އޯކޭ؟ ވީއިރު ދެން ހީލަބަލަ ޕްލީޒް..." ފަރުޒާން ގަދަކަމުން އަޔާނާގެ އަތް މޫނުން ނައްޓުވާފައި އެ ކޯތާފަތުގައި ދެމެމުންދިޔަ ކަރުނަ ފޮހެލަދިނީ ލޯބިންނެވެ. ފަރުޒާންގެ ރީތި ކަޅުކުލަ ގަދަ ދެލޮލުގައި އެވަގުތު ކަރުނަ ވިދަވިދާހުރި ނަމަވެސް އޭނަ ހިނިތުންވެލަމުން ކޯތާފަތަށް އެޅުވި އަޑިކޮޅުން އަޔާނާގެ ހިތް ބަންޑުންވިއެވެ. އެ ޖާދުވީ ލޮލުގެތެރެއަށް ގެނބެން ބޭނުންވިއެވެ. ފަރުޒާންގެ ކޮންމެ ބީހިލުމަކަށް އެއަތުގެ ތެރެއަށް ވިރިގެން ދާން ބޭނުންނުވާނީ ކޮން އަންހެން ކުއްޖެއްހެއްޔެވެ؟ އެހާ ފިރިހެންވަންތައެވެ. ފަރުޒާންގެ މާތްކަމާއި ރަގަޅުކަމުން އަޔާނާގެ ހިތަށް ކުރި އިހުސާސްތައް ބުނެދޭނެގޮތެއްވެސް އޭނައަކަށް ނޭގުނެވެ. ހާދަ ކެތްތެރިއެވެ. ހާދަ ރަގަޅެވެ. ހާދަ ދުވަސްވާންދެން އެކަން ސިއްރުކޮށްލައިގެން ފަރުޒާން ހުރެފި އެވެ.
މިހާ ރަގަޅު މާތް ފިރޔަކު އެއްވެސް އަންހެންކުއްޖަކަށް ލިބިދާނެކަމަކަށް އަޔާނާ ގަބޫލެއްނުކުރެއެވެ.މަލާއިކަތުން އިންސާނުންގެ ތެރޭގައި އުޅޭނެނަމަ މިއީ އެކެކެވެ.އަނެއްކާވެސް އަޔާނާއަށް ރޮވިއްޖެއެވެ.
"އިނަފް ނައު.. ދެން ހުއްޓާލާ..އެވާހަކަ ސިއްރުކުރެވުނީތީ ސޮރީ... ދެން ނޭގޭ އަހަރެން ބޭނުންނުވީ ޔާން އިތުރަށް ދެރަކުރަން.. އުއްމީދެއްގައި ބަހައްޓަން ބޭނުންވީ.. އަހަރެން އަމިއްލައަށް ހިތާމަކުރިޔަސް ޔާން ދެރަވާފަދަކަމެއް ނުކުރަން... ބަހެއް ނުބުނަން މަސައްކަތްކުރިން... މިހާރު ޔާން އަށް ތިއެގުނީ. .އެކަމަކު ޓްރަސްޓްމީ ބޭބީ..." ފަރުޒާން އަދިވެސް ބޮޑަށް އަޔާނާ އޭނަގެ އަތުގެތެރޭގައި ފިތާލަމުން ހިނިތުންވެލީ ދުވަހަކުވެސް ދޫކޮށްނުލާނެކަމުގެ ވައުދުވަމުން ލޯބިވާވަރު ބުނެދެމުންނެވެ. އަޔާނާ އެ އަތުގެތެރެއަށް ވިރިގެން ދިޔައިރުވެސް އަޔާނާގެ ވިސްނުމުގައިވަނީ މިއަދު މުޅިން އެހެންކަންތަކެވެ.

ރެޔާން ސިންގަޕޯއިން އައިގޮތަށް ފުރަތަމަވެސް މައިރާއާއި ބައްދަލުކޮށް މައިރާ ގޮވައިގެން އާޓިފިޝަލް ބީޗަށް ދިޔައެވެ. ތަފާތު ކަމެއްކޮށްލުމަށެވެ. އަބަދު ބެލްކަނީގައި ނޫނީ ގޭގައި ބައްދަލުކުރުން ނޫނީ ކާރު ދުއްވާލުމުގެ ބަދަލުގައި ހިނގާލާފައި ގެއަށް އައުމަށް ރެޔާން ވިސްނީއެވެ. ދެ ޒުވާނުން ބުއޭނޯ ޖޫގޯ ބުއިމަކާއި ޕޮޕްކޯން ކޮތަޅެއް ގަނެލައިގެން އެކީގައި ހިގާލާފައި ދިޔައިރު އެންމެންގެ ސަމާލުކަން އެ ދެ ޒުވާނުންނަށް ހުއްޓިފައިވެއެވެ. ހަސަދަވެރިކަމުގެ ލޯތަކާއެކު ތައުރީފުގެ ނަޒަރުތައްވެސްމެއެވެ.
އަވިދިއްލާފައި އޮވެފައި ކުއްލިއަކަށް ތުނިކޮށް ވާރޭ ވެހިގަތުމުން ރެޔާން މައިރާ ގެ ކޮނޑުގައި އަތްބާއްވާލަމުން ކާރިކޮށްލި އެވެ.
"އަހަރެމެންގެ ލޯތްބާއި ވާރެއާއި ގުޅުމެއް ހުރެޔޭ އަބަދު ބުނަމެއްނު.. ސީރިޔަސްލީ.. އަވިދީފައި އޮވެފައި ކުއްލިއަކަށް އެ ވެހެން ފެށީ... ކިހާ ރީތި. .ހަނދާނެއް ނުނެތޭނެ މި ވާރޭގެ ހިގާލުން..."ރެޔާން އެހެން ބުނުމުން މައިރާ ކުޑަކޮށް މޫނު ހިއްލާލާފައި ރެޔާންގެ މޫނަށް ބަލާލައިފިއެވެ. ވާރޭގެ ތިކިތައް އެ މޫނަށް ފައިބާފައިވަނީ ޝަބްނަމްގެ ތިކިތައް ފަދައިންނެވެ. ހާދަ ރީއްޗެވެ. އެ އަޅި ދެލޮލުގެ ކަތި ނަޒަރުން ރެޔާންގެ ގައިގާ ކަރަންޓް ރާޅެއް ދުވެލިއެވެ. މިވަގުތު މަގުމެދުގައި އެތައްބަޔެއްގެ ކާރީގައި ނެތްނަމަ އަމިއްލަ ނަފުސަށް ބާރު ނުފޯރުވުނީހެވެ.
"އެހެންވީމައެއްނު ރެއިން ބޯއޭ ކިޔަނީވެސް... މިވަރަކަށްނު ރެއިން އާ ގުޅޭނީ... ފައި ވާޅުވަންދެން ހިގާނީ ދޯ... އަދިވެސް ބޯކޮށް ވެހޭނެނަމަ.."މައިރާ ގެ ކޮނޑުގައި ބޭއްވިފައިވާ ރެޔާންގެ އަތުގައި ހިފާލަމުން މައިރާ ބުނެލީ ނިކަން ލޯބިންނެވެ. ރެޔާންގެ ވަނީ އެހެން ޚިޔާލެކެވެ. ލޯބިވެރިޔާއާއިއެކު ހިނގާލައިގެންވެސް ބުނަންނޭގޭފަދަ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ނަމަވެސް ފައިވާޅުވަންދެން ހިގުމަށްފަހު އޭނަގެ ޚިޔާލުގައިވަނީ ކުޑަކޮށް އެކަނިވެރިވެލުމަށެވެ. އޭނައަށް މަންޒިލް އެނގެއެވެ. އެއަށްވުރެ އެކަނިވެރި ހިތްފަސޭހަ މަންޒިލެއް ނުވާނެއެވެ. 
ރެޔާން އާއި މައިރާ ވާރޭގެ ތެރޭގެ ދިގު ހިނގާލުމަކަށްފަހު އެންމެ ފަހުން ދިޔައީ ރެޔާންގެ ބައްޕަ އޭނައަށްޓަކައި އަޅުއްވާދެއްވާފައިވާ ގެއަށެވެ. އެގޭގެ ފަހަތުގައިވާ އަދި އެއްވެސް ގަހެއްނެތެވެ. ހަމައެކަނި އޮންނަނީ ދޫލައެއްފަދަ ފެހި ވިނަގަނޑެކެވެ. ރެޔާން މައިރާގެ އަތުގައި ހިފާލުމާއިއެކު އިނގިލިތައް މަހާލެވިގެންދިޔައެވެ. ދެލޯބިވެރިން ވިނަގަނޑުމަތީގައި އޮށޯވެލިއިރު ވާރޭގެ ކުދި ތިކިތައް މަޑުމަޑުން ދެޒުވާނުންގެ މޫނުގައި ބޮސްދެމުން ދިޔައެވެ. އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައި އިރުކޮޅަކު ތިބެވުނީ ކިޔަންވީ އެއްޗެއް، ކުރަންވީކަމެއް ނޭގިފައި ކަހަލަ ގޮތަކަށެވެ. އެކަކު އަނެކަކުގެ ލޮލަށް ގެނބެމުންދާފަދައިންނެވެ. ރެޔާން ވިނަގަނޑުމަތީގައި އުޅަބޮށި ޖައްސާލަމުން މައިރާއާއި ދިމާލަށް އެބުރުނެވެ. 

ކޮމެންޓް 0