މައިރާގެ ލޯ މެރިގެންދިޔަ އެވެ. އެވަގުތު އެ ލޮލުގެ އެސްފިޔަތަކުގެ ތެރެއިން ވެއްޓުނު ކަރުނަ ތިއްކެއް ރެޔާންގެ ތުންފަތުގައި ޖެހުނެވެ. ރެޔާން ގެ ރުޅި ފިނިވިއެވެ. ހިތަށް ތަދުވިއެވެ. އެ ލޮލުގައި ބޮސްދެވުނެވެ. ނަމަވެސް ރެޔާން މައިރާގެ ފުށްކޮޅެއްފަދަ އަތް އަތުތެރޭގައި ގައިދުކުރި ގޮތަށް ދޫކޮށެއްނުލި އެވެ. ހިފަހައްޓާފައިވާ ގޮތުން ހީވަނީ އަމިއްލަ މިލްކެއްހެނެވެ. ރެޔާންގެ މޫނު އެހާ ކާރީގައި ވުމުން މައިރާގެ ހިތް ހީވަނީ މޭ ފަޅާލާފައި ނުކުމެދާނެހެންނެވެ.
"ނުރޮއި ބޭބީ ގާލް.. ހަމަޖެހިބަލަ.. އަހަރެންގެ ފުރާނައަށް ކީއްތަވީ؟ ބަލިވީތަ؟" ރެޔާންގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ އޯގާތެރިކަމެވެ.
"އަތުން ދޫކޮށްލާ. އަހަރެން ބައްޔެއް ނޫން.." މައިރާ ތުންފަތުގައި ދަތް އެޅި އެވެ.
"ބަލި ނޫންކަމެއް ނޭނގޭ....މި ބާބީ ޑޯލް ހަށިގަނޑު ބެލެންސް ނުކުރެވޭ... އަހަންނާއި މެރީ ކުރިނަމަ ބިންމަތީގައި ނުޖައްސާ އުރާލައިގެން ގެންގުޅޭނަން..." ރެޔާން ބަލަހައްޓައިގެން ހުރިގޮތުން މައިރާގެ ކޯތާފަތަށް ފިނިފެންމަލުގެ ކުލަ ވެރިވެގެން ދިޔައެވެ. އެ ލޮލުގައި ހުންނަ ބާރަކުން މައިރާގެ ގައިން ހީބިހިހަލުވާނުލާ އެންމެ ފަހަރަކުވެސް އަދި ރެޔާން އާއި ދިމާވެފައެއްނެތެވެ.ލަދުގަންނަވާލާފަދަ ގޮތެއް އެލޮލުގައި ހުރެއެވެ.
"އުރާލައިގެން ގެންގުޅެން މީހަކު ހޯދަބަލަ ރެޔާން... މަށެއް ނޫޅެން މޮޔަވެގެނެއް... އަހަންނަށް ހިނގާލާފައި އުޅެވިދާނެ... ބުނެފީމެއްނު އަތަށް ތަދުވެޔޭ..."މައިރާ އަތްފޮޅުވާލަން އުޅުނެވެ. އެވަގުތު އެޕާޓްމެންޓްގެ ތަޅުގައި މީހަކު ހިފާލިހެން ހީވިއެވެ. ރެޔާން ކުޑަކޮށް ބުމަ ގޮށްޖަހާލައިފި އެވެ.
"ކޮއްކޮ މާބޮޑު އެކްސިޑެންޓެއްވެގެންނޭ ކިޔާފައި ދިޔަމީހާ އަނެއްކާ އަހަންނަށް ޓްރަސްޓް ނުކުރެވިގެން އެނބުރި އައީތަ؟ ޒާންވެސް ހާދަ ގޮތްބޮޑޭ ދޯ... އެހެންވެސް ވާންޖެހޭނެ... އޭނަގެވެސް ހަވަނަ ހިއްސު މަސައްކަތްކުރީ ކަމަށްވާނީ... މޭއި ހަވާލުކުރަން އެންމެ އިތުބާރު ނުކުރަންވީމީހާ މަށަކީ... ޒާންއަށް އެއްވެސް ކަމެއް ނޭނގޭ ދޯ... ތިހިރީ ޒާން އަނދިރީގައި ބަހައްޓާފައި... ޒާންގާތު ހުރިހާ ވާހަކައެއް ކިޔާދީބަލަ..." ރެޔާން ސަމާސާ ހުނުމަކާއެކު އެހެން ބުނެލަމުން ތަންކޮޅެއް ދުރަށް ޖެހިލައިފިއެވެ. އެވަގުތު ރެޔާންގެ ލޮލުގައި އަޅައިގަތީ މައިރާގެ ރިޕޯޓްތަކެކެވެ. އެ ފައިލު އޮތީ ފްރިޖުމަތީގަ އެވެ. ރެޔާން އެ ފައިލް ނަގަން އުޅުމުން މައިރާ އަތުލަން ވެގެން ބާރުބާރަށް އައެވެ. އެ ޖަހައިގަންނަން އުޅުނެވެ. ފައިލްގައިވާ ރިޕޯޓްތަކާއި ކަރުދާސްތައް ތަޅުންމައްޗަށް ވިހުރުވިގެން ދިޔައެވެ. ރެޔާން ގުދުވެފައި ނެގީ ޓެސްޓް ރިޕޯޓެކެވެ. އެ ރިޕޯޓް ބެލުމާއިއެކު ރެޔާންގެ ބުމަ ގޮށްޖެހުނެވެ. ލޯ ހަނިކޮށްލާފައި މައިރާއަށް ބަލާލިގޮތުން މައިރާގެ ހިތް ވިރުނެވެ.
"ހާދަ ޗީޕް އޭ ދޯ... ހިޔެއް ނުކުރަން މައިރާ މިހާ ނާސިކޮށް އުޅެފާނެ ކަމަކަށް... ތެޅިފޮޅިގެން ދެމީހުން އިނީ އެހެންވީމަ ދޯ.. އަންވަރުއަކީ ދޮގުވެރިއެއްކަމަށް ހީކުރިން... ޒާން އާއި ދެމީހުން މިތަނުގައި އެކަނި ބައްދަލުކުރާ ވާހަކަ ދެއްކީމަވެސް ހިތަކަށް ނޭރި... އެކަމަކު ޒާންގެ ބެޑްރޫމުން މޫޑްސް ފެނުނީމަ ހީވިޔޭ ކަންތައްގަނޑެއް ހިންގާލިހެން..." ރެޔާން ނުރުހުމާއިއެކު އެހެން ބުނަމުން ރިޕޯޓްވެސް ހޫރާލައިފިއެވެ. މައިރާ ބަލިވެއިނީ ކާވެނީގެ ކުރިންކަން ދެނެގަންނަން ނިއުކްލިއަ ސައިންޓިސްޓެއްގެ ވިސްނުމަކަށް ބޭނުމެއް ނުވާނެއެވެ. އެހެންނޫނަސް އެ ބަލާލުމާއިއެކު ރެޔާންއަށް ވަގުތުން އެކަން ދެނެގަނެވުނެވެ. އިހަށް ދުވަހު ކާވެނިކުރި އަންހެންކުއްޖަކު ބަލިވެ އިނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫނެވެ.
އޭރު އައިޒާންގެ ފިޔަވަޅުތަކުގެ އަޑުއިވެއެވެ. މައިރާ އަވަސްއަވަހަށް ކަރުދާސްތައް އެއްކޮށްލާފައި ފައިލު އޮތްތަނުގައި ބޭއްވިއެވެ.
"މޫޑްސް އަކީ ކޯނޗެއްތަ؟" މައިރާއަށް އަހާލެވުނީ ބޭ އިޚުތިޔާރުގައެވެ. ރެޔާން ދަތްކުނޑިވިކާލިއެވެ. އަނގަޔަށް ގޮތެއް ހަދާލިއެވެ. މައިރާ މާ މަޢުސޫމްކަމަށް ހެދިގެން "މޫޑްސް" ނޭގިގެން އުޅުމުން ރެޔާން ގެ ރުޅި ހައްތަހާ އިތުރުވިއެވެ.
ރެޔާން ދާން ހިނގައިގަންނަމުން މައިރާއަށް ނިސްބަތްކޮށް އިނގިރޭސި ބަހުން ބުނެލި ލަފުޒުން މައިރާއަށް ހީވީ އޭނަގެ ހިތުގައި ހިފާ ޗިސްކޮށްލިހެންނެވެ. ހީވެސް ނުކުރާ ހާބޮޑަށް އެ ލަފުޒުން ހިތަށް ތަދުވިއެވެ. އަސަރުކުރިއެވެ. ހިތް ޒަޚަމްވެ ކުދިކުދިވެގެން ދިޔައެވެ. އެތެރެއެތެރެއިން ރޮއިގަނެވުނެވެ. ހީވީ ފުރާނަވެސް އުދުހިގެން ދިޔަހެނެވެ. އެހާ ދަށްކޮށްލާފައި އެހާ ހުތުރު ނަމެއް ކިޔުމުން މައިރާގެ ހިތް ރެޔާން ދެވަނަފަހަރަށް ހަލާކު ކޮށްލައިފިއެވެ. ދުވަހަކު ދެން ރެޔާންއަށް މާފު ދެވޭނެހެއްޔެވެ؟ ފުރަތަމަ ފަހަރު ޖިސްމާނީ ގޮތުން ދިނީ ކެތްނުކުރެވޭފަދަ އަނިޔާއެކެވެ. މިފަހަރު އަތްނުލާ އެދިޔައީ ހާދަ ވަރަކަށް ހިތު ޖައްސާފަ އެވެ. ރެޔާން އޭނަގެ އިއްފަތްތެރިކަން ނަގާލި ދުވަހުވެސް ހިތަށް މިހާ ބޮޑު އަސަރެއް ނުކުރެއެވެ. މައިރާގެ ކަރުނަތައް ނުހިފެހެއްޓުނެވެ. ބޮޑެތި ކަރުނަތިކިތައް ލޮލުގައި ގިނަވަމުން،އެސްފިޔަތައް މަތީ ތުރުތުރުލަމުން ދިޔައެވެ. މައިރާ ހުރީ ގަނޑުވެފައެވެ.
ރެޔާން މައިރާއާއި ދިމާލަށް އެހެން ބުނިވަގުތު އައިޒާން އަރާހަމަވީއެވެ. ރެޔާންގެ އެ ލަފުޒުތައް އައިޒާން އަށް އިވުނުކަމެއް ނުވަތަ ނޫންކަމެއް ރެޔާންއަށް ޔަގީނެއް ނުވިއެވެ. ނަމަވެސް އައިޒާން ގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. ނޭގިނަމަވެސް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ނިތްކުރިން މުތީ ތަކެއްފަދައިން ދާތިކިތައް ވިދަންފެށި އެވެ.
"އަހަރެން ބުނިން މިއައީ ޒާން މަރާލާފައޭ... ސަމާސާއެއްކޮށްލީމަ ވެސް މައިރާއަށް ޝޮކެއް ލިބުނީ... އެހެންނޫނަސް ފެމިލީ ދޫކޮށްލާފައި އައީމަ ދެން ހިތްހަމަޖެހުމެއް ނުލިބޭނެ ދޯ..." ރެޔާން ޖިންސްގެ ޖީބަށް އަތް ޖަހާލަމުން ފުން ނޭވަޔެއްލި އެވެ. އެ މޫނުގައި މިހާރު ރުޅީގެ އަސަރެއްނެތެވެ. އެއްވެސް ޝުޢޫރެއް ނުފެނެއެވެ. މައިރާ ބާރުބާރަށް ދުވެފައިގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހިލެއް ބާރުކަމުން ފާރުތަކަށްވެސް ގުޑުން އަރައިގެން ދިޔައެވެ. ރެޔާން އާއި އައިޒާންވެސް ސިކުންތުކޮޅެއްވަންދެން ކިޔަންވީ އެއްޗެއް ނޭނގިފައިތިއްބެވެ. ރެޔާން އަށް އިރުކޮޅެއްވާންދެން ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ފުން ހިމޭން ކަމެކެވެ.
"ހޭއި ރެޔާން... އަހަރެން ހީކުރި ގޮތަކަށް ނޫން އެވީ... މަންމަ މާކަންތައް ބޮޑުކޮށްލާފައި ގުޅީ... ހަގީގަތުގައި ސަބީން ސައިކަލުން ވެއްޓި ފައި މަށައިގެން ދިޔަކަން... އިތުރު ގެއްލުމެއްނުވޭ... އެހެންވެ މިއައީ.. އަވަހަށް ސައިބޯން ހިގާ..." އައިޒާން ހިމޭންކަން މުގުރާލަން ވެގެން ބުނެލިއެވެ. ރެޔާން މައިރާއާއި ދިމާލަށް ބުނި ލަފުޒު އައިޒާންއަށް ޔަގީނެއް ނުވިއެވެ. ރެޔާން އެފަދަ އެއްޗެކޭ ބުނެފާނެ ކަމަކަށް އޭނަގެ ހިތް ގަބޫލު ނުކުރީއެވެ. އޭނަ ހީކުރި ގޮތަށް ކަމަށްވާނަމަ ރެޔާން އެގޮތަށް ކިޔާނީ މައިރާ ބަލިވެއިނީ ނަހަލާލަށްކަން އެނގުނީމައެވެ. އައިޒާން އަށް ފްރިޖްމަތީގައިވާ ފައިލް ފެނުމާއެކު އެނގުނެވެ. ރެޔާންއަށް ހަގީގަތް އެނގުނީ އެފައިލު ބަލާފައި ކަމަށް ވެދާނެއެވެ. ރެޔާން އަކީ މައިރާގެ ބޭބެއެކެވެ. އެހެން ގުޅުމެއް އޮތްނަމަ މައިރާ ތިމާގެ ދަރިއަކަށް ބަލިވެއިންކަން އެނގުނީމަ އެފަދަ ދަށް ބަހެއް ނުބުނާނެ އެވެ.
" ސޯ... އެއްޗެއް ކާލަން ވީ ދޯ.." އައިޒާން ކަރުކެހިލާފައި އަވަހަށް އުޅެގަތީ މަގުތައް ދޮވެލުމަށެވެ. ރެޔާން ހުރީ އައިޒާންދެކެ ވެސް ރުޅި އައިސްފައެވެ. މައިރާ ބަލިވެއިންކަން އެނގުމުން ހިތަށް ލިބުނު ޝޮކަކުން އަދިވެސް ސިކުނޑިވަނީ ގަނޑުވެފައެވެ. ނުކިޔަމަންތެރި ކަރުނަތައް ދެންމެ ދެންމެ ފައިބާނެހެން ހީވި ވަގުތުކޮޅެއް ވެސް އައެވެ. ނަމަވެސް ރެޔާން ކެތްކުރި އެވެ.
ސަޔަށް ފަހު ރެޔާން އައިޒާން އޭނަގެ ގެއަށް އަންނަން ދަޢުވަތު ދިނެވެ. އައިޒާން ޖެހިލުންވި ނަމަވެސް ނޫނެކޭ ބުނާކަށް ނުކެރުނެވެ. ނަމަވެސް މިއަދު ރެޔާން އާއި އައިޒާންގެ ދެމެދުގައި ނުތަނަވަސް ކަމުގެ ފާރެއް ލެވި ވަރުގަދަވަމުންދާކަން ދެ މީހުންނަށް ވެސް އިޙުސާސް ކުރެވުނެވެ. ބަސްމަދެވެ. ގިނަފަހަރު ދައްކަންވީ ވާހަކައެއް ވެސް ނޭނގުނެވެ.
ރެޔާން އައީ އޭނަގެ އަމިއްލަ ގެއަށެވެ. މިއީ އޭނަ ހާދަ ފޮނި ހުވަފެންތައް ދެކުނު ގެއެކެވެ. މިގޭގައި މައިރާއަށްޓަކައި "ދަ ރޯޒް ރޫމް" ގެ ނަން ދީފައި އޭނަ ކޮޓަރިއެއް ހެދިއެވެ. މައިރާއާއި ގުޅޭފަދަ ގޮތަކަށެވެ. މިއީ އޭނައާއި މައިރާގެ ލޯބީގެ ގަނޑުވަރެވެ. ތާޖު މެހެލްއެވެ. ވަށައިގެން ހަމަ އެކަނި ފިނިފެންމާގަސްތަކެވެ. އެ ގަސްތަކުގެ ތެރޭގައި އޭނަގެ ފުރާނަފަދަ ލޯބިވާ މައިރާ އާއި ކުދިންކޮޅު އުފަލުން ދުވެ ސަކަރާތްޖަހާ މަންޒަރު ހާދަ ރީތިކޮށް ޚިޔާލުކުރެވުނެވެ. އަސްލެއްހެނެވެ. ނަމަވެސް އެއީ ކުލަރީތި ހުވަފެނަކަށް ވެގެންދަނީއެވެ. ގޭގައި ބޮކި ދިއްލުމެއްނެތި ބޮޑުކޮޓަރީގެ ސޯފާއަށް ވެއްޓިގަތް ގޮތަށް ރެޔާންއަށް އޮވެވުނީ ކިހާއިރެއް ވަންދެން ކަމެއް ވެސް ނޭނގުނެވެ.

އިންސާނަކަށް ލޯބީގައި ކެތްކުރެވޭނީ ވަކި ވަރަކަށެވެ. ހިތެއްގައި ލޯބި ބޮޑުވަމުން ގޮސް ދީވާނާ ދަރަޖަ ޚިޔާރުކޮށްފިނަމަ އެ ލޯބި ހޯދަން ދުނިޔެއާއި ހަނގުރާމަ ކުރަންޖެހިދާނެ ހިސާބަށް ވެސް ގޮސްދާނެއެވެ. ނޫނީ ނާކާމިޔާބުކަމުގެ ހިތިރަހަ ދެކިގެން ދުނިޔެއާއި ވަކިވެގެން ދާންޖެހިދާނެއެވެ. ރެޔާން ގެ ހިތުގެ މައްޗަށް ބާރު ނުފޯރުވި ވަކި ހިސާބަކަށް ދިއުމުން އޭނަގެ މިޒާޖު ބަދަލުވަމުން ގޮސް ގޭމީހުންނަށް ވެސް އޭނަ ބީރައްޓެހި މީހަކަށް ވެއްޖެއެވެ. އެ ލާނެތް އުފާވެރި ޒުވާނާގެ ބަދަލުގައި ސީރިޔަސް، ބަސްމަދު މީހަކަށް ވެގެން ދިޔައީ ހީނުކުރާހާ ބޮޑަށެވެ. އެންމެންގެ ސުވާލުތައް އަމާޒުވާން ފެށުމުން ރެޔާންގެ ޖަވާބަކީ އޮފީސްކަންތަކުގެ ސަބަބުން ވަގުތު ނުވަނީ ކަމަށެވެ. ނަމަވެސް އޭނަގެ އާއިލާއިން އެވާހަކަ ގަބޫލެއް ނުކުރެ އެވެ.
ރެޔާން ކިތަންމެވަރަކަށްވެސް އެކަނިމާއެކަނި ކޮޓަރީގައި ހުރެ ކަރުނަ އޮއްސައެވެ. އެ ލޯތްބަށްޓަކައި ގުރުބާންވެގެންދާން އޭނަ ބޭނުމެވެ. ބައެއް ރޭރޭ ނުނިދިގެން ކޮޓަރީގެ ދޮރުހުޅުވާލައިގެން ބެލްކަނީގައި އެތައް އިރެއްވާންދެން ގިޓާ ކުޅެން އިނދެއެވެ. ނޫނީ އެއްވެސް ކަމެއްނެތި އަނދިރީގައި ފިކުރު ކުރުމުގައި ވަގުތު ހޭދަކުރެއެވެ. އޭނަގެހިތް ކުދިކުދިވެ މޭގައި ރިހޭ ފަހަރު އާދެއެވެ. އަމިއްލަ ނަފުސްދެކެ ފޫހިވާފަހަރު ވެސް މަދެއް ނޫނެވެ. ނަމަވެސް އޭނަ އެ ސިއްރު ވަނީ ހިތުގެ އެންމެ ފުންމިނުގައި ފޮރުވާފަ އެވެ.
ފަރުޒާން ގަމީސް ހަރުގައި އަޅުވާލުމަށްފަހު އެނދުގައި އިށީނދެ ބޫޓު ބާލަން ފެށިއެވެ. އޭނަގެ މޫނުމަތީގައި މިރޭވަނީ ހިތާމަވެރި ކުލަވަރެކެވެ. ރޮއިފަހުރިހެން ވެސް ހީވިއެވެ. މިފަހަކަށް އައިސް ފަރުޒާން އާއި އަޔާނާގެ ދޭތެރޭގައި މައްސަލަތައް ޖެހުންވަނީ ޢާއްމުކަމަކަށްވެފައެވެ. ފަރުޒާން ގެއަށް ވަންނައިރަށް އޭނަގެ މަންމަ އަޔާނާގެ ކޮންމެވެސް ޝަކުވާއެއް ކުރާނެއެވެ. މަންމަ ބުނާ އެއްވެސް ކަމެއް އަޔާނާ ކޮށްދޭ ކަމަކަށް ނުވެއެވެ. ނަމަވެސް މިރޭ ފަރުޒާންއަށް މަންމަގެ އަސްލު ކުލަ ފެނުނެވެ. އޭނަ ހުރިކަން ނޭނގި މަންމަ އަޔާނާގެ މޫނުމަތީގައި ޖެހި އެތިފަހަރާއި ގޮވާލި އެތިވަރު އަޑުއިވުމުން ހިތް ހަލާކުވިއެވެ. 
އަޔާނާ ފާޚާނާއިން ނުކުމެގެން އައީ ތުނި ނިދާ ހެދުމެއް ލައިގެންނެވެ.
"ޔާން... ސޮރީ... އަހަރެން އަބަދު ޔާންއަށް އެއްޗެހި ކިޔާއިރު ޔާން ތިހުންނަނީ މަންމަ ކުރާކަންތައް މަށަށް ސިއްރު ކޮށްލައިގެން.." ފަރުޒާން ތެދުވެގެން އައިގޮތަށް އޭނަގެ އަތުތެރެއަށް އަޔާނާ ލިއެވެ. އަޔާނާއަށް އެވަރުގެ ހަމްދަރުދީއެއް ލިބުމުން ވަގުތުން ރޮވިއްޖެއެވެ. ފަރުޒާންގެ މޭގައި ބޮނޑިވެލިއެވެ. ފަރުޒާން ގާތުގައި މިރޭ އަޔާނާ ހުރިހާ ވާހަކަތަކެއް ކިޔާދިނެވެ. ފަރުޒާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނަގެ މަންމަ ނަފްސާނީ މައްސަލައެއް ހުރިއިރު ވެސް މިވަރުގެ ރުޅިގަދަ ބައްޔެއް ހުރިކަން އަދި ކިރިޔާ މިއެނގުނީއެވެ. ފަރުޒާން އެކަމަށް ހައްލެއް ބޭނުމެވެ. މަންމައާއި އެވާހަކަ ދައްކަން އޭނަ ނިންމިއެވެ. އަޔާނާއަކީ އޭނަގެ ބައިވެރިޔާކަމާއި އެހެންމީހަކާއި ދުވަހަކުވެސް ނީންނާނެ ކަމުގެ ޔަގީންކަން މަންމައަށް އޭނަ ދޭނެއެވެ.

އައިޒާން އާއި މައިރާ އެއް އެޕާޓްމެންޓެއްގައި އުޅުނަސް ދެމީހުން އުޅެމުން ދިޔައީ ދެ ކޮޓަރީގަ އެވެ. ދެ ބީރައްޓެހިން ފަދައިންނެވެ. އެހެންނޫނަސް މައިރާ ބަލިވެ އިނުމުން އެ ކާވެނި ހުއްދަ ނުވާނެކަން އައިޒާންއަށް އެނގުނެވެ. އެހިސާބުން ކާވެނި އެއޮތީ ރޫޅިފައެވެ. މިހާރު މިއީ ދުނިޔެއަށް ދައްކާލެވޭ ދަޅައެކެވެ. އެކަމަކު ލޯތްބަކީ ހާދަ ބާރުގަދަ އެއްޗެކެވެ. މައިރާގެ އެކެހިވެރިކަމުން ވެސް އައިޒާންގެ ލޯބި ބަދަލެއް ނުވިއެވެ. އޭނަގެ ދުޢާއަކީ އަދިވެސް މައިރާއާއި އޭނައާއި ދެ މީހުންނަށް ކޮންމެވެސް ދުވަހަކުން އުފާވެރި ދިރިއުޅުމެއް ލިބުމެވެ.
އައިޒާން އޭނަ ކުރަހަމުން ދިޔަ ތަސްވީރެއް ފުރިހަމަ ކުރަމުން ދިޔައީ ވަރަށް ގަޔާވެލާފައި ހުރެއެވެ. މައިރާ އާއި ދެމީހުން އަތުގުޅުވާލައިގެން ފިނިފެންމާ ގަސްތަކެއްގެ ކާރީގައި ތިބި މަންޒަރެވެ. އިރުއޮއްސެމުންދާ މަންޒަރުވެސް ކުރެހުމުގައި ރީތިކޮށް ދައްކުވައެވެ. އައިޒާންގެ ފޯނު ރިންގުވާން ފެށުމުން ކަންނެތް ގޮތަކަށް ފޯނު ނެގިއިރު ނުދަންނަ ނަމްބަރެކެވެ. އައިޒާން ކުޑަކޮށް އަޑު ބަދަލުކޮށްލާފައި ތަންކޮޅެއް ހިމަކޮށް ހެލޯ ކިޔާލި އެވެ.
"އައިޒާންތަ؟ " އަންހެން އަޑެކެވެ.
"ލައްބަ... ކޮން ބޭފުޅެއްތޯ؟" އައިޒާންއަށް އެ އަޑުގައި އަމުރުވެރި ޝާހީގޮތެއް ހުރިކަން ފާހަގަ ކުރެވުނެވެ.
"އަހަރެންނަކީ ޒިޔާމާ... ރެޔާންގެ މަންމަ... ޑޮކްޓަރު ފައިސަލްގެ އަންހެނުން... ކަލޭ ވަރަށް ސިއްރުން އިންޑިއާއަށް ގޮސްފައި މައިރާ އާއި ކާވެނި ކޮށްގެން އައި ވާހަކަ އަޑުއިވުނީމަ މަރުހަބާ ކިޔަން މިގުޅީ... އެކަމަކު މިހާރުވެސް ތިއުޅެނީ ރެޔާން ގެ އެޕާޓްމެންޓެއްގައި ރެޔާންގެ ވަޒީފާއެއްގައި ދޯ... ހަމަކުޑަކޮށް ވެސް ލަދެއް ނުގަނޭތަ؟ ތިއީ ބައްޕަނެތް މީހެއްކަން މުޅި މާލެވެސް ދެނެހުރި... ރަށްމެދަށް ވިހާފައިހުރި ބައްޕަ ކަށަވަރު ނުވާ މީހެއް.. އެވަރުމީހަކު ޝާހީ އަންހެންކުއްޖަކު ހައްލާލައިގެން އެކުއްޖާ ގެންދިޔައީ އަދި ދުރު ގައުމަކަށް.. ވީއިރު އެއީ ބްލެކްމެއިލް ނޫން ދެން ކޯނޗެއްތަ؟ އައިޒާން ތިހިރީ މަގޭދަރިފުޅު ރެޔާން ވެސް ހަލާކުކޮށްލާފައި.. އޭނައަކީ ހަރުދަނާ ކުއްޖެއް.. ތި އާވާރާއަކާއި ޖެހުނުފަހުން ރެޔާންވެސް ބޭރުތެރޭގައި ގިނަވެ މޫދަށްގޮސް އުޅެން ފެށީ.. އެހެން ނޫންނަމަ މަގޭ ދަރިއެއް ނޫޅޭނެ މި މާލޭގައި ގިނަވެގެނެއް... ތިމާގެ ފެންވަރުން އުޅެބަލަ.. ތިއީ ކާކުތަ؟ ރެޔާން ހިނގި މަގަކުންވެސް ކަލެއަކަށް ނުހިގޭނެ.. އަހަރެންވެސް ގަބޫލު ކުރަން މިއަދު ތިހިރީ އަހަރެމެން ރެޔާންގެ ކާވެނި ހަމަޖެއްސި ކުއްޖާ އަތުލައިގެންކަން... ކަލެއަށް ކާމިޔާބުވެއްޖެކަން.. އެކަމަކު... އެނގޭތަ؟ ރެޔާން ހުރީ ކަލޭގެ އަންހެނުން ވެސް ބޭނުންކޮށްފައި... ރެޔާން ބާކުރި އެއްޗެއް ނޫނީ ނުލިބޭނެކަން އެނގިފައި ދޯ އޮތީ... އަހާބަލަ.. މައިރާއަކަށް ނުކެރޭނެ ނޫނެކޭ ބުނާކަށް... ރެޔާން އެއްލާލީމަ ކަލެއަށް މައިރާވެސް ލިބުނީ.. ވީއިރު ފޮނިނުވާތި.. އަހަރެން ކަލޭގެ ދިރިއުޅުން ވެއްޔާ މޮޑެލާނަން..." ޒިޔާމާ ނޭވާއަކަށް ވެސް މެދު ކަނޑާނުލައި ހުރިހާ ވާހަކަތަކެއް ދައްކާލުމަށްފަހު ފޯނުކަޑާލައިފި އެވެ.
އައިޒާން ފޯނު ކަންފަތުގައި ޖެހިގޮތަށް ދުރުކޮށްލަން ނޭގިފައިހުރިއިރު ދުނިޔެވެސް އެނބުރެމުންދާހެން ހީވިއެވެ. މައިރާ ބަލިވެއިންކަން އެނގުމުންވެސް ހިތަށް މިވަރުވީ ކަމެއް ނޭގެއެވެ. ރެޔާންގެ މަންމަގެ ކޮންމެ ލަފުޒެއް އޭނަގެ ހިތް ރޮއްވާލައިފިއެވެ. ދެ ލޯ ފެންކަޅިކޮށްލައިފި އެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑުގައި މޫނު ޖައްސާލެވުނު ގޮތަށް އޭނަ ދެލޯމަރާލައިފި އެވެ.
މިއިވުނީ ކޮންފަދަ ޚަބަރެއް ހެއްޔެވެ؟ ރެޔާންގެ މަންމަ އޭނައާއި ދިމާލަށް ކޮންމެފަދަ އެއްޗެއް ކިޔަސް ހެވެވެ. ނަމަވެސް ރެޔާން މައިރާ ބޭނުންކޮށްފައޭ ބުނުމުން މާނަ ނަގަންވީ ގޮތެއް ވެސް ނޭގުނެވެ. ނަމަވެސް އެގުނީ އެ ދެ މީހުންގެ ގުޅުން އޮތްކަމެވެ. މައިރާ ބަލިވެއިނީ ރެޔާންގެ ދަރިއަކަށް ކަމެވެ.
ކޮންމެވެސް މީހަކު ބެލްޖަހަން ފެށުމުން އައިޒާން ފާޚާނާއަށް ވަދެ މޫނު ދޮވެލައިފި އެވެ. ބޮލަށް ފިނިކޮށްލަން އިސްތަށިގަނޑަށްވެސް ފެން އޮއްސާލިއެވެ. މޫނުންނާއިއެކު ފެންތިކި ތަޅަމުން ދިޔައެވެ. އައިޒާން ގޮސް ދޮރު ހުޅުވާލައިފި އެވެ. 

ކޮމެންޓް 0