މަންމާ. އެއީ އަޅުގަނޑު ގަސްތުގައި ކުރި ކަމެއް ނޫން. އެކްސިޑެންޓެއް. އެހެން ދިމާވީ އޭނަ އީޝަލް އޭ ކިޔައިގެން ދެއްކި ވިޔާނުދާ ވާހަކައެއް އިވުނީމަ ކެތް ނުކުރެވިގެން. އައިޒާން ކިތަންމެ ވިޔާނުދާ ކަމެއް ކުރިޔަސް ދެން ހިމޭނުން ތިބެންވީތަ؟ މަންމާ އެއީ މަލާއިކަތެއް ނޫން. އާދައިގެ އިންސާނެއް. އާދައިގެން އިންސާނަކަށްވުރެ ވެސް ގޮތްކުޑަމީހެއް...." ފަރުޒާން އެހެން ބުނީ އިނިގިރޭސިންނެވެ. ހިތްހަމަނުޖެހިފައިވާފަދަ ގޮތަކަށެވެ. އޭނަގެ އަޑުގައި ގޮތްހުސްވެފައިވާ ފަދަ ގޮތެއް ހުއްޓެވެ. 

"ތިއީ މަންމަ ބުނަން މިއުޅޭ ވާހަކައަކީ. މަންމަކުރި ބޮޑު ފާފައިގެ ސަބަބުން ވިކްޓިމްއަކަށް ވީ ޒާން. ބައްޕައާއި ބޭބެމެންގެ ލޯބިން މަހުރޫމުވީ އެކުއްޖާ. އެހެންވެ ހަގީގަތް ކިޔައިދޭން މިރޭ މަޖުބޫރުވީ. ފައިސަލް ހަނދާން ހުންނާނެ އަޅުގަނޑު އެއްމާބަނޑު ދެކުދިންނަށް ބަލިވެއިނދެ ނުވަމަހަށް ލީތަނާ ކޮންމެވެސް ކަމަކާއި ޒުވާބުކޮށްފައި، ބައްޕަމެންގެއަށް ދިޔަކަން. ޖެހިގެން އައިދުވަހު ބަނޑުގައި ރިއްސަން ފެށުމުން އެއްވެސް މީހެއްގެ ގާތުގައި ނުބުނެ ހުރެފައި، އެންމެ ފަހުން ރޭގަނޑުވީ އިރު ކެތް ނުކުރެވޭވަރު ވެގެން އެންމެން ނިދީމަ ސިއްރު ސިއްރުން ހޮސްޕިޓަލަށް ދިޔައީ. ވަގުތުން އަޅުގަނޑު ވެއްދީ ލޭބާރޫމަށް. އޭރު އަޅުގަނޑު އޮތް އެނދު ކައިރީގައި އޮތް ފާތިމާ ކިޔާ ރީތި އަންހެންކުއްޖަކުވެސް ވިހެއީ. އެކުއްޖާ ވިހޭ ފިރިހެން ދަރިފުޅު އޮތީ މަރުވެފައި. އެއީ ވަރަށް ބޮޑު ދޮން ކުއްޖެއް. ހީވީ އިނގިރޭސި ކުއްޖެއްހެން. އެހެންވެ ވަގުތުން އަޅުގަޑަށް ޚިޔާލެއް އައީ...." ޒިޔާމާ އެރޭގެ ހާދިސާތައް ކިޔައިދެމުން ދިޔައިރު ފައިސަލް އިންނެވީ ގަބޫލުކުރުން ދަތިގޮތަކަށް ބަލަހައްޓައިގެންނެވެ. ފަރުޒާން ވެސް ހީކުރީ މިއީ ހުވަފެނެއް ކަމަށެވެ. އެންމެން ތިބީ ގަނޑުވެފައެވެ. އަނގައިން ބުނަންވެސް ނޭނގިފަ އެވެ. ފައިސަލް މަޑުމަޑުން މޭގައި ފިރުމައިލެއްވީ މެޔަށް ތަދުވީ ފަދަ ގޮތަކަށެވެ. ހަޔާތަކީ ކުއްލިއަކަށް ބުނަން ނޭނގޭފަދަ އުފާވެރިކަމެއް ވެސް ގެނުވާފަދަ ގޮތްނޭނގޭ އެއްޗެކެވެ. ކުރިއަށް ވާން ހުރީ ކޮން ކަންތައްގަނޑެއް ކަމެއް، ގުދުރަތުގެ ކޮން ސަމާސާއެއް ކަމެއް، ޚިޔާލުކޮށްލަން ވެސް ނޭނގެއެވެ. ކުއްލިއަކަށް މަރުވެފައިވާ ޒައިން އަލުން އަނބުރާ އެމީހުންގެ ހަޔާތަށް އައުމަކީ އެމީހުންނަށް މުޢުޖިޒާތެއް ފަދަ ކަމެކެވެ. އެހާ ރީތި ކުލަ ހުވަފެނެއް ބަޔަކަށް ދެއްކެވި ފަރާތުގެ ކުޅަދުންވަންތަކަމާއެވެ. މިއީ ގެއްލިފައިވާ މިލިއަން ކުދިންގެ ވާހަކަތަކުގެ ތެރެއިން އުފާވެރިކޮށް ނިމިގެން އައި އެއް ހަގީގީ ހާދިސާއެވެ.

ޒިޔާމާ ދެން ފުރަތަމަ އައިޒާން ފެނުމުން އޭނައަށް ރެޔާން އޭ ކިޔާފައި ގޮވައިލެވުނު ގޮތާއި އައިޒާން ފެނުމުން ހުއްޓުން އެރިކަމަށް ބުނެ އެދުވަހުން ފެށިގެން ކަންތައް ހިނގިގޮތާއި ޒިޔާމާގެ އިޙުސާސްތައް ކިޔާދިނެވެ. ރަހީލާގެ ލަފާގެ މަތިން އައިޒާން މިގޭގައި ބަހައްޓަން ނިންމިގޮތާއި އެގެއިން އައިޒާންގެ އަލްބަމް ފެނުމުން ގެއަށް ގެނެސް އަބަދު އެ އަލްބަމަށް ބަލައިފައި ހިތާމަ ކުރާކަމަށާއި، އެ ތަސްވީރުތައް ފެންނަ ކޮންމެ ފަހަރަކު އަމިއްލަ ނަފުސް ދެކެ ނަފްރަތު ކުރެވޭކަމަށާއި، އޭނައަށް މިވަނީ އެ ފާފައިގެ ސަޒާ ކިތަންމެ ރަނގަޅަކަށް ވެސް ލިބިފައިކަމަށް ގަބޫލުކުރެވޭކަމަށް ޒިޔާމާ ބުންޏެވެ. އެންމެ ފަހުން ސަމީނާ އާއި ބައްދަލުވުމުން އޭނަގެ ސިފަ ބަދަލުވެފައިވާ ވަރުން އޮޅުނުކަމަށާއި އުއްމީދު މުޅިން ގެއްލުނު ހިނދުކޮޅަކަށްފަހު އެ ހޭޒަލް ދެލޮލުގެ ސަބަބުން އަނެއްކާ އެކަން ޔަގީންކުރެވިއްޖެކަމަށް ބުނިއިރު ޒިޔާމާގެ ލޯފުރި ބަންޑުންވެގަތް ކަރުނަތައް ކޯތާފަތްމަތިން ދެމެމުން ދިޔައެވެ.

"ތިކުދިން ތުއްތު އިރުއްސުރެ އުޅެބޮޑުވީ ގަނޑުވަރެއްގައި. އެންމެ އަގުބޮޑު މީރުކާނާ ކައިގެން، ރީތިހެދުންތައް ލައިގެން ދުނިޔެމަތީގެ ސުވަރުގޭގައި ބޭނުންހާ އެއްޗެއް ލިބިގެން. ހިތަކަށް ނުވެސް ގެނެވޭނެ ފަގީރުކަމަކީ ކިހާބޮޑު ވޭނެއްކަން. ކިހާބޮޑު ކެކުޅުމެއްކަން. ދަރިފުޅުމެން ގަނޑުވަރެއް ފަދަ ފިނި ގެއެއްގައި އުޅުނުއިރު ކޮއްކޮ އުޅުނީ ޖިފުޓިގަނޑެއްގައި. ބަނޑުހައިކަންމަތީގައި. މިހާރުވެސް އަމިއްލައަށް ކައްކައި، މޮޕްކޮށް، ހެދުން ދޮވެ އިސްތިރިކުރާ ކަމަށް ވަނީ. އަދި ޒެފްމެން ކުރާ މަލާމާތާއި، އެއްޗެހި ކިޔާވަރު އަދި ނުވީތާކަށް އެހާބޮޑު އަނިޔާއެއް ކުރަން ޖެހުނުކަމީ ވެސް މި މަންމަގެ ކުށް. އެފަދަ ބޮޑު ސިއްރެއް ފޮރުވައިގެން ހުރެވުނުކަމުން، ކިތަންމެ ބަޔަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ކޮށްފި...." ޒިޔާމާ ކަރުނަތައް ފޮހުނެވެ. އޭނަ އަޖައިބެއްފަދަ ގޮތަކަށް ހިތްވަރުކުރަމުން ދިޔައެވެ. ފަރުޒާން ވެސް އިސްޖަހައިލީ ފެންކަޅިވެފައި އިނދެއެވެ. އެ ޙާދިސާއިން އަސަރުކޮށް އެންމެނަށް ރޮވިފައި ތިބިއިރު، ރެޔާން އިނީ ކަކުލުގައި އުޅަބޮށި ޖައްސައިލިގޮތަށް ދެއަތުގެ ތެރޭގައި މޫނު ފޮރުވައިގެންނެވެ.

ފައިސަލް ކިތަންމެ ރަނގަޅަށް ވެސް އެ ދުވަސް ހަނދާން އެބަހުއްޓެވެ. ޒިޔާމާ އޭރު ކޮންމެވެސް ވަރަކަށް ހަމަނުޖެހޭ ކަންތައް ކުރާކަންވެސް އެނގެއެވެ. ނަމަވެސް މިހާ ބޮޑު ކުށެއް ކޮށްފައި، އެކަން ފޮރުވުނު ގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޭނގުނެވެ. ފައިސަލް އައިޒާން ގެ އަލްބަމްގައިވާ ތަސްވީރުތައް ހަނދާނަށް އައެވެ. އެ އިން ކޮންމެ ފޮޓޯއެއްހެން ވަނީ ފައިސަލްގެ ހިތުގެ ފުންމިނުގައި ބިންވަޅު ނެގިފައެވެ. ފައިސަލް ގެ އެސްފިޔަތައް ތެމުނެވެ. އޭނަ ތެދުވެންނެވިއެވެ.

"ޒިޔާމާ ކުރިން ތިވާހަކަ ބުނިނަމަ....." ފައިސަލް ޝަކުވާގެ ރާގެއްގައި ބުނުއްވިއެވެ. އޭނަގެ ނިތްކުރީގައި ރޫތަކެއް ގިނަވިއެވެ. 
"އަޅުގަނޑަށް އެނގޭ މާ ލަސްވެއްޖެކަން. އެކަމަކު އަދި ޒާން އަށް މިކަން ނާންގަވާތި. އެހެންނޫނީ ޒާން އަބަދުގެ އަބަދަށްޓަކައި ގެއްލުމަކީވެސް އެކަށީގެންވާކަމެއް. އެހެންނޫނަސް ސަމީނާ އެއްގޮތަކަށް ވެސް އެއްބަހެއްނުވާނެ....." ޒިޔާމާ ފުން ނޭވަޔެއް ބޭރުކޮށްލުމަށް ފަހު ސޯފާގައި ބުރަކަށި ޖައްސައިލައިފިއެވެ. އޭނަ ވަނީ ވަރުބަލިވެފައެވެ. ނިދާލަން ބޭނުންވެފައެވެ. އަބަދާ އަބަދު ޚިޔާލުކުރަމުން ގޮސް ސިކުނޑިވަނީ ފިހެވިފައެވެ. އެންމެ ފަހަރަކުވެސް ސިކުނޑީގެ ނާރުތަކުގެ ވާންކަމެއް ނުކެނޑެއެވެ.

ފައިސަލް އިތުރު އެއްޗެކޭ ނުބުނުއްވައި އެތަނުން ނުކުމެގެން ދުރުވިގޮތުން އޭނަ ހިތްހަމަނުޖެހިފައިވާ މިންވަރު އެންމެނަށް އަންދާޒާ ކުރެވުނެވެ. ފަރުޒާން އޭނަގެ މަންމަގެ ގާތުގައި އަނެއްކާ ވެސް މާފަށް އެދިފައި އެކަމާ ހިތާމަކުރާކަމަށް ބުންޏެވެ. ރެޔާން އިނީ ހިމޭނުންނެވެ. އިންތިހާއަށް އަސަރު ކުރިނަމަވެސް އޭނަ އިސްއުފުލައިލިއިރު މޫނުމަތިން މިރޭ އެއްކަމެއް ވެސް ނުދައްކައެވެ. ހަގީގަތުގައި އެންމެ ބޮޑަށް އުނދަގޫވެ ވޭން އުފުލަންޖެހުނީ ރެޔާންއަށެވެ. އެތައް ޖަޒުބާތެއްގެ އޮއިވަރުގައި ބެހެމުންގޮސް އޭނަގެ ސިކުނޑިވަނީ ހައިޖާނެއްގެ ތެރޭގައެވެ. ބޮލުގައި ރިހެން ފެށުމުން އިނގިލިތަކުން ފިރުމާލެވުނެވެ.

"އާނ ދަރިފުޅާ. ދެން އެނގޭ ރެޔާން ވެސް ދެރަވާނެ ވަރު. ޒާން ގެ އެކުވެރިކަމުގައި މޫދަށާއި ތަންތަނަށް ގޮސް އުޅޭތީ މަންމަވެސް ވަރަކަށް ޒާންއަށް އެއްޗެހި ގޮވިން. އޭރު މަންމައަކަށް ވެސް ނޭނގުނު އެއީ މަންމަގެ ދެލޮލުގެ ނޫރުކަން. އެދަރިފުޅާއި މެދު ކަންތައްކުރެވުނީ އެހާވެސް ނިކަމެތިކޮށް ބޭ އިންސާފުން. އެހާ ހުތުރުބަހުން ވާހަކަދެއްކުނީ ވެސް. މަންމަ ހާދަ ގިލްޓީ ވެޔޭ. އެބަސްތައް މަންމަގެ ހިތް ކަފައިކުދިކުދިކޮށްލާ......" ޒިޔާމާގެ ލޮލަށް އަނެއްކާ ވެސް ތާޒާ ކަރުނަ ޖަމާވިއެވެ.

"މަމް އިޓްސް އޯކޭ. ނޭނގުމުގެ ތެރޭގައި އިންސާނަކަށް ކިތަންމެ ބޮޑު ކުށެއްވެސް ކުރެވިދާނެ. އަޅުގަނޑަށްވެސް އެއީ ކޮއްކޮއެއްކަން އެނގުނުނަމަ ހުރިހާކަމެއް ދިޔައީހީ ތަފާތުކޮށް. އަޅުގަނޑު ޒާން ގާތުން މާފަށް އެދޭނަން. ހިނގިކަމެއް ހިނގީ ނޭނގުމުގެ ތެރޭގައި..... " ފަރުޒާން ޒިޔާމާ ގެނެސް މޭގައި ޖައްސާލަމުން ހިތްވަރުދިނެވެ. 

"އެކަމަކު ދަރިފުޅުމެން ހަދާންކުރާތި. މަންމަ ބުނަންދެން ޒާން އަށް މި ސިއްރު ހާމަނުކުރާތި. އެހެންނޫނީ އެންމެންގެ ދިރިއުޅުމަށް ދެން އަންނާނެ ޒަލްޒަލާއެއް އެނގެނީކީ ނޫން. ރެޔާން. ދަރިފުޅާ. ކީއްވެ އެއްޗެކޭ ނުބުނެ ތިއިނީ. ދަރިފުޅުވެސް މަންމައަށް މާފުކޮށްދޭތި...." ޒިޔާމާ ކަރުންތައް ފޮހެލައިފައި ރެޔާންއަށް ނަޒަރު ހުއްޓައިލިއެވެ. ރެޔާން ފުރިހަމަ އިސްކޮޅަށް ތެދުވި އެވެ. އިސްކޮޅުން ދިގުވެފައި ބައިމަތި ފުޅާކަމުން އޭނަ ހީވަނީ ރޭމްޕް މޮޑެލްއެއްހެންނެވެ. ޓީޝާޓަކާއި ދިގު ސޯޓެއްލައިގެން ނިދަން ތައްޔާރުވެލައިގެން ހުރިއިރުވެސް އޭނަ ހުރީ އެހާ ތާޒާކޮށެވެ. ދުވާ ލުއި މީރުވަހުން ފުރާނަތަކަށް ދިރުން ގެނެސްދޭނެކަން ގައިމެވެ. 

"މާފަށް ނޭދިބަލަ މަންމާ. ޕްލީޒް. މަންމަ އޭރު އުޅުނީ ބަލިކޮށް. އެފަދަ ކުށެއް ކުރެވިދާނެ. ކޮންމެ ގޮތެއްވިޔަސް އެހިނގި ކަންތައް ބަދަލެއްނުވާނެ. އަލުން އެ މާޒީ ބަދަލުކޮށެއް ނުލެވޭނެ. ޑޯން ވޮރީ މަމް ހުރިހާކަމެއް ވާނީ ރަނގަޅަށް...." ރެޔާން އޭނަގެ މަންމަގެ ގައިގާ ބައްދައިލުމަށް ފަހު ލޯބިވާވާހަކަ ބުނެފައި އަވަހަށް ނުކުމެގެން ދިޔައީއެވެ. ރެޔާން ދިޔުމުން އިރުކޮޅެއްވާންދެން ދޮރާއި ދިމާއަށް ބަލަހައްޓައިގެން ޒިޔާމާއަށް ހުރެވުނެވެ. އައިޒާންއަކީ ކޮއްކޮކަން އެނގުމުން ރެޔާންގެ މޫނުމަތިން ޝައުގުވެރިކަމެއް ނުފެނުނީ ކީއްވެބާވައެވެ. އޭނަ ގަބޫލު ނުކުރީ ބާވައެވެ. ނޫނީ އެހެން ކުއްޖަކު އިތުރުވުމުން ހަސަދަވެރިކަން ހިތުގައި އުފެދުނީބާ ވައެވެ. ރެޔާން އެހާ އަވަހަށް އެތަނުން ނުކުމެގެން ދިޔުމުން ޒިޔާމާގެ ހިތުގައި ފާޑުފާޑުގެ ވަހުމްތަކާއި ޝައްކުތައް އުފެދުނެވެ. ފަރުޒާން މުޅިން ތަފާތެވެ. އޭނަ މަންމަ އެކަނިކޮށްނުލާ ހިތްވަރުދޭން އިނެވެ. އަދި އައިޒާންގެ އެކި ވާހަކަތައް އޮޅުން ފިލުވިއެވެ. މަންމައާއިއެކު ކޮޓަރިއަށް ގޮސް އައިޒާންގެ އަލްމަބްވެސް ބެލިއެވެ. އެ ފޮޓޯތައް ފެނުމުން ފަރުޒާންއަށް މާބޮޑަށް އައިޒާންގެ ޅަފުރާ ޚިޔާލަށް ގެނެވޭވަރުވިއެވެ. ފަރުޒާން ގެ ހިތަށްވެސް އެންމެ އަސަރުކުރީ ފޮޓޯތައް ފެނުމުންނެވެ. ބޮޑު ނިޢުމަތްތަކުން އައިޒާން މަޙުރޫމުވެފައި ވާއިރު އެއީ މި އާއިލާގެ އެންމެ ހަގު މެމްބަރެވެ. ފަރުޒާން ހަދާންވީ އައިޒާން އޭނައާއި ދިމާއަށް ބުނެލި ޖުމްލަތަކެވެ. "ޑޮކްޓަރ ފަރުޒާން" އަދި "އަޅުގަނޑު" ފަދަ އިބާރާތްތައް ބޭނުންކޮށްގެން ވާހަކަދެއްކިއިރު ހީވީ ދުވަހަކު ނުދަންނަ ބީރައްޓެއްސަކާއި ވާހަކަދެއްކިހެންނެވެ. އެވަރުންވެސް އަދަބުވެރިކަން ފަހަނަޅާނުދާކަން ފަރުޒާން ފާހަގަކުރިއެވެ.

ލެވެންޑާ ކޮޓެޖްގެ ކާކޮޓަރީގެ ތެރޭގައިވަނީ ހެނދުނުގެ ނާސްތާ ތައްޔާރުކުރެވިފައެވެ. ކުޑަދޮރުގެ ފަރުދާތައް ކަހާލައިފައިވާ އިރު ބިއްލޫރި ދޮރުތަކުން ބޭރު ފެންނަނީ އާދަޔާ ޚިލާފަށް ނަލަކޮށެވެ. ގަސްތަކުގެ ފަތްތަކާއި މާތަކުގައި ސާފު އަލިމަސް ފަދައިން ޝަބްނަމްގެ ތިކިތައް ވިދާތަން ފެނެއެވެ. ރޭގައި ބޯކޮށް ވާރޭ ވެހުމަށްފަހު، މިހާރު އިރުގެ ދޯދިތައް މަޑުމަޑުން ފަތުރަމުން ދުނިޔެ އުޖާލާކުރަން ފަށައިފި އެވެ. މަޑުމަޑުން ގޮސް އެގޭ އާއިލާގެ އެންމެންހެން މޭޒުދޮށަށް ޖަމާވަމުން ދިޔައެވެ. ޒިޔާމާ އިންތިޒާރުކުރަމުން ދިޔައީ އެންމެ ފަރާތަކަށެވެ. ފައިސަލް ވެސް އިރުއިރުކޮޅާ ދޮރާއި ދިމާއަށް ބައްލަވައިލައްވަ އެވެ.

"އަވަހަށް އާދޭ ދަރިފުޅާ. ހަމަ ޒާން ގެ އިންތިޒާރުގައި....." ޒިޔާމާ ހުރިހާ ދަތްތައް ފެންނަވަރަށް ހިނިތުންވެލައިފި އެވެ. އައިޒާންއާއި ދިމާއަށް އެތައް ލޯތަކެއް މިއަދު އަމާޒުވެފައިވާތަން ފެނުމުން އޭނަކުޑަކޮށް ލަދުގަންނަގޮތްވިއެވެ. ނަމަވެސް މޮބައިލާއި ކުޅެމުން އައިސް ޒިޔާމާގެ ގާތުގައި ހުހަށް ހުރި ގޮނޑީގައި އިށީނދެއްޖެ އެވެ. އޭނަ ލައިގެން އިނީ ނޫކުލައިގެ ޓީޝާޓަކާއި ޖިންސެކެވެ. އަތުގެ ރީތި މުލައްދަނޑިވަނީ ހާމަޔަށެވެ. އައިޒާން އައުމުން ދުވަންފެށީ ޝަވާޖެލްގެ ތާޒާވަހެވެ. 

"އެންމެން މިވަރަށް ބަލަނީ ކީއްވެތަ؟ ހީވަނީ އަހަރެން އަލަށް ފެނުމުން ބަލާހެން. ނޫނީ ފިލްމީތަރިއަކަށް ބަލާހެން ޝައުގުވެރިކަމާއި އެކުގައި. އަނެއްކާ ކިހިނެއްވީތަ؟ އަހަރެން މިހިރީ ހަމަހޭގައިބާ. އެމީހުން އަތުން އެހާބޮޑު އަނިޔާއެއް ދެވުނީމަ މަތިއޮމާންކޮށްލަން ވެގެން ތަންކޮޅެއް އަލި މޫނަކާއި އެކުގައި ތިބީކަން ނޭނގެ. މިއަދު ޑޮކްޓަރ ފައިސަލްގެ ނިތްކުރީގައި ރޫތަކެއް ނެތް. އަދި ފަރުޒާން ވެސް ބަލަހައްޓައިގެން އިނީ ބޭބެއެއް ފަދައިން. ލަދުން ހަލާކުވާ ވަރުވޭ..." އައިޒާން ސިކުނޑިއަށް އަރާފައިބަމުން ދިޔަ ޚިޔާލުތަކުގެ އޮއިވަރުގައި އިން އިރު އެ ރީތި މޫނަށް ރަތްކުލައެއް ވެރިވެފައިވެއެވެ. ޒިޔާމާ އައިޒާން ގެ ގާތަށް ހުރިހާ ތަށިތަކެއް ކައިރިކޮށްލަދެމުން ދިޔައެވެ. ހީވަނީ އެހެންމީހުންނަށް ނުދީ ހުރިހާ އެއްޗެއް އައިޒާން އަށް ދޭން ބޭނުންވާހެންނެވެ.

މައިރާ އައީ އައިޒާންގެ ފަހަތުން ކަހަލަގޮތަކަށެވެ. ކެއުމުގެ ވަގުތުގައިވެސް، އޭނަ ބާކީވާކަން މައިރާ ދަނެއެވެ. އީޝަލް ނެތްނަމަ އޭނަ މޮޔަވެދާ ނެއެވެ. ނަމަވެސް އާއިލާގެ މީހުންގެ ފަރާތުން ރުހުން ލިބުމަކީ ނާދިރުކަމެއްކަން އެނގި މައިރާވަނީ އެކަމަށް އާދަވާން ފަށާފައެވެ. ހިމޭނުން އިނދެ ސައިބޮއިގެން އެތަނުން ދިޔުމުން މާ ހިތަށް ފަސޭހައެވެ.

ފައިސަލް ފުރަތަމަ ފަހަރަށް ތަފާތު ނަޒަރަކުން އޭނަގެ ހަގު ފިރިހެން ދަރިފުޅުގެ މޫނަށް ބައްލަވަން އިންނެވިއެވެ. ފައިސަލްގެ ލޮލުގައި ކަރުނައިގެ އަސަރު ވެއެވެ. ރެޔާން އާއި އައިޒާން ދާދި ވައްތަރެވެ. އެއްބަނޑު އެއްބަފާކުއްޖެއްކަން އެނގޭނެ ހުރިހާ ސިފަތަކެއް އެބަހުއްޓެވެ. އެ ސްމާޓްކަމާއި އެ ރީތިކަމެވެ. ކުޑަ ހުނުމަކާއެކު ވެސް އައިޒާންގެ ކޯތާފަތަށް އަޅުވާލި އަޑިކޮޅު ހިތްތައް ހަލާކު ކުރުވާނެ އެވެ. އެ އާއިލާގެ ރީތި ހުރިހާ ސިފަތަކުން އައިޒާން ޒީނަތްތެރިވެފައިވާ އިރު އެވަރު ނޭނގުނީ އޭނަ އަނދިރީބާވައެވެ. އެވަރު ނުވިސްނުނީ ކީއްވެބާވަ އެވެ. ފައިސަލްގެ މޭގައި ވާ ހިތް ތެޅިގަތީ އެ ދަރިފުޅު ގެނެސްމޭގައި ޖައްސާލަން ބޭނުންވި ވަރުންނެވެ. އަމިއްލަ ދަރިފުޅު ފުރިހަމަ ޒުވާނަކަށް މިވީ ލޯބިން ފިރުމާލުމުގެ އެއްވެސް ނަސީބެއް ނެތިއެވެ.

"ޒާން. އަތް ރަނގަޅުތަ؟ " ފައިސަލް ހިނިތުންވެލައްވާފައި އައްސަވާލެއްވިލެއް ގާތްކަމުން އައިޒާން އަށް ބަލައިލެވުނީ ގަބޫލުކުރަން ދަތިވެފައިގޮތަކަށެވެ. ފަރުޒާން އިނީ އަޔާނާ އާއި ކޮންމެވެސް ވާހަކައެއް ދެއްކުމުގައި އަވަދިނެތި އެވެ. ނަމަވެސް އޭނަ އިނީ އައިޒާން އާއި އެކަނި ބައްދަލުކޮށް މާފަށް އެދެން ބޭނުންވެފަ އެވެ.

"ލައްބަ..." އައިޒާން އަދަބުވެރިގޮތަކަށް ބުންޏެވެ.

"މަންމަ އެކަމާއި ދެރަވެގެން ހަލާކުނުވީ ކިރިޔާ. މަންމަ ބޭނުމެއްނުވެއެއްނު ޒާންގެ ގައިގާ ކޫރުމެއް އެޅޭކަށްވެސް.. ދެން ޒެފްމެނަށް ވެސް މަނާވާނެ އެކަހަލަ އެއްވެސް ހަރަކާތެއް ހިންގަން. އެހެންނޫނަސް ޒާން ބޮޑުކުއްޖެއްނު. ދިފާއު ވާން ދަސްކުރަންވާނެ އިނގޭ....." ފައިސަލް ގެ ސަމާސާ މިޒާޖަކީ އަދި ދުވަހަކު އައިޒާންއަށް ފެނިފައިވާ ބައެއް ނޫނެވެ. ޒިޔާމާ ހިނިއައިސްފައި އިނދެ އެކަމާއި ބައިވެރިވެގެން ވާހަކަދައްކަން ފެށިއެވެ. އައިޒާން ހީލަ ހީލާއިނީ އެވެ. މިއަދު މިގެއަށް ނޭނގޭ ބާރަކުން ޖާދުލެއް ހަދައިލާފައި އެންމެންގެ ހިތްތައް ފުށްކޮޅެއް ފަދައިން މަޑުކޮށްލައިފައި ވަނީކަން ނޭނގެއެވެ. ނުފެންނަ ކުދި ޕަރީންތައް ޖާދޫގެ ރަން ވެލި މުޅިތަނަށް އުކައިލަމުން، މާހައުލު އުފާވެރިކުރުވަނީ އެވެ. އެންމެން މިވަރަށް ބަދަލުވާނެ އެހެން 
މަގުބޫލު ސަބަބެއް އައިޒާން އަކަށް ވިސްނައިގަންނާކަށް ނޭނގުނެވެ.

"ސޯ އަހަރެން މިހިރީ ވަރަށް ކުށްވެރިވެފައި ދޯ ޒާން. އަހަރެން މިހިރީ ރަސްމީކޮށް އެކަމާ މާފަށް އެދެން ނިންމައިގެން. މިވަގުތުކަން ނޭނގޭ އެންމެ ރަނގަޅުވާނީ. އެކަން އެހެން ދިމާވީ މީހަކު ބުނި އެއްޗަކުން އެކަމަކު މިހާރު އެމީހާގެ އިޚުލާސްތެރިކަމާއި މެދު ވެސް ޝައްކު ކުރެވިއްޖެ. އަހަރެންގެ އަމިއްލަ މޮޔަ ކަމާއި މެދުވެސް ހައިރާންވި. މީހަކު އެއްޗެކޭ ބުނެލާއިރަށް ކަމުގެ ދެކޮޅު ނުބަލާ އަތް އިސްކޮށްގެން ނުވެސްވާނެ. ރިއަލް ފިރިހެނަކަށް ވެސް ނުވި ދޯ.. ސޮރީ ޒާން..." ފަރުޒާން ގެ އެ ޖުމްލަތަކުން އައިޒާން އިތުރަށް އަނގަ ސަކަރާތްވި އެވެ. އެއީވެސް އެންމެނަށް އައިޒާންގެ ފަރާތުން ފެނުނު ރީތި ސިފައެކެވެ. އެހާ ފިރިހެންވަންތަ ގޮތެއް ހުރިއިރު ވެސް ކުޑަކޮށް ލަދުގަތުމެވެ.

"އިޓްސް އޯކޭ....." އައިޒާން ކުޑަ ހިނިތުންވުމަކާ އެކު، ފަރުޒާން އާއި ދިމާއަށް ބަލައި ވެސް ނުލައި ބުނެލައިފިއެވެ. ނަސީބަކުން އީޝަލްގެ އަނގަ ގަދަކަމުން އައިޒާން އަށް އެންމެންގެ ސަމާލުކަން ހުއްޓުވައިލިޔަކަ ނުދިނެވެ. އޭނަ ދައްކަންފެށި ވާހަކައަކުން މަޖާވިވަރުން އީޝަލްއަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. ތަފާތު ވާހަކަތަކެއް ދެކެވެމުން ދިޔައިރު މައިރާ ހައިރާންވީ ފުރަތަމަ ފަހަރަށް ފައިސަލް ވެސް ހިނިތުންވެލައްވާފައި އޭނައާއި ވާހަކަދެއްކެވީތީ އެވެ. އެންމެން ރެޔާން ކާން ނައިސްގެން ދެވަނަ ފަހަރަށް އޭނަގެ ވާހަކަފެށުމުން މައިރާގެ މޫނަށް ހޫނުވެގެން ދިޔައެވެ. މޫނަށް ރަތްކުލަ ފާއްދާލައިފިއެވެ. ރެޔާން އެ ނަމުންވެސް އޭނައަށް ކުރާ އަސަރުތައް ބުނެދޭނެ ގޮތެއް ނޭނގެއެވެ.

ފައިސަލް، އައިޒާން ކޮންމެ ދުވަހަކު ރިޒޯޓަށް ދާތީ، އެ ޚަބަރު އައްސަވަން އުޅުއްވުމުން އޭނަ ޖަވާބުދިން އިރު އެހާ ރަސްމީކޮށް ޑޮކްޓަރ ފައިސަލްއޭ ކިޔާފައި ފެށިގޮތުން، ފައިސަލްއަށް ހީވީ މީހަކު މޭގައި ގޮށްމުށްކަވާފައި ޖެހިހެނެވެ. ޒިޔާމާ ވަގުތުން އައިޒާންގެ ވާހަކަ މެދުކަނޑާލާފައި ބައްޕައޭ ކިޔަން އެދުނެވެ.

"ޒާންގެ ބައްޕައެއް ނުހުރެއެއްނު ދޯ. ދެން ޒާންއަށް ފަސޭހައެއް ނުވާނެ އަޅުގަނޑުމެންގެ ޑޭޑްއަށް ވެސް ބައްޕަކިޔަން. ޒާންގެ އައިޑީ އާއި ޕާސްޕޯޓްގައި ވެސް ބައްޕައާއި ކާފަގެ ނަމެއްނެތް. ޒާން ބުނި އަޑުއެހިން އެކަން އެނގުނު ދުވަހު ވީ ދެރައިންނާއި ގަތްލަދުން އަމިއްލައަށް މަރުވާން ވެސް ހިތަށް އެރިއޭ. ޕުއަރ ޒާން. މައި ސިމްޕަތީ. މަންމަ ބުނީމެއްނު ހަރާމްކުދިން ސުވަރުގެ ނުވަންނާނެއޭ......" އީޝަލް ގެ ޖުމްލައިން އެންމެންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެތަނުގައި ބާރުގަދަ ބޮމެއް ގޮއްވާލެވުނަސް އެހާ ބޮޑު ޝޮކެއް ފައިސަލް އަދި ފަރުޒާން އާއި ޒިޔާމާއަށް ލިބޭނެކަމެއް ނޭނގެއެވެ. 

ކޮމެންޓް 0