ދަރިފުޅާ...ޒާން އުޅުނު މި ވިއު ރީތިވެގެން... އެފަހުން މިމާތައް ފެނުނީމަ ޒާންމަތިން ހަދާންވަނީ.. އެކަމަކު..." ޒިޔާމާ ގެ މޫނުގައިވާ އުފާވެރިކަން ކުއްލިއަކަށް ކެނޑިއްޖެ އެވެ. ކޮންމެވެސްކަމެއް ހަދާންވީކަން ނޭނގެއެވެ. ޒިޔާމާ އިތުރު ވާހަކައެއް ދެއްކުމެއްނެތި ތެދުވެގެން ހިނގައިގަތުމުން ރެޔާން ޓެރެސްގެ ރެއިލިންމަތީގައި އަތުންޖެހީ ބާރަށެވެ. އަތަށްވެސް ތަދުވިއެވެ. އޭނަ ސިކުނޑި ގޮވާވަރުވި އެވެ. ވަގުތުން ގުޅީ އޭނަގެ އެފްރިކަން އެކުވެރިޔާ އަށެވެ. އޭނާ ބޭނުމީ އައިޒާން އޭނާގެ ދިރިއުޅުމުން ބޭރުކޮށްލުމަށެވެ. އައިޒާންގެ ހުންނަ ޖާދުލަކުން އޭނަ ފެނުމުން ރެޔާންގެ ހިތް މަޑުފުއްކޮޅަކަށް ހަދާލާނެކަން އެނގޭތީ އައިޒާން ފެންނަ ހިސާބަށް ދާކަށް ރެޔާން ބޭނުމެއްނުވި އެވެ. އެކަނި މިރެއަށް ނަމަވެސް އެހެންމީހަކު ލައްވާ އައިޒާން މަގުން އެއްފަރާތްކޮށްލަން ބޭނުންވި ސަބަބަކީ އެއީއެވެ.

އުޑުމަތިން ކުދިކުދި ތަރިތައް ފާޅުވެ ފިޔަޖަހަން ފެށީ ކަޅު ސާލެއްގައި ޖަވާހިރުތަކެއް އުކާލެވިފައިވާ ފަދައިންނެވެ. ހިތްގައިމެވެ. ބަލާބަލާ ފޫހިނުވާހާ ނަލައެވެ. ނަމަވެސް ޖެހެމުންދިޔަ ބާރު ވައިރޯޅިތައް އިއުލާންކުރަމުން ދިޔައީ ތޫފާނެއް އަންނަން އުޅޭކަމެވެ. ރެޔާން ޓެރެސްގައި އަތް އަޅުވާލައިގެން، ހިޔަންޏެއްފަދައިން ހުރިއިރު އޭނަގެ ހިތް ޝަކުވާއިން ފުރެމުންދިޔައެވެ. ނޭނގި ނަމަވެސް ކޯތާފަތް ތެމެމުން ދިޔައެވެ. ރެޔާންގެ ހިތުގެ މައްޗަށް ބާރު ނުފޯރުވުނީ އެވެ. ކެތްނުކުރެވުނީ އެވެ. ހީވަނީ އޭނަގެ ހިތާއި ސިކުނޑީގައި ރޯވެފައިވާ ހެންނެވެ. މި އަލިފާން ނިވާލާނެގޮތެއް ނުވިސްނުނެވެ.

ރެޔާން އަކަށް އެރޭވެސް ނުކެވުނެވެ. ބޮވުނީ ކޮފީއެވެ. ކިތަންމެ ވަރަކަށް ކޮފީ ބުޔަސް ސިކުނޑީގެ ހައިޖާނަކަށް ލުޔެއް ނުލިބުނެވެ. ރެޔާންގެ ހިތް މަޖުބޫރުކުރަމުން ދަނީ އެންމެ ކަމަކަށެވެ. އެންމެފަހުން ރެޔާން ގެއިންނުކުތެވެ. އެޕާޓްމެންޓުގެ ބޭރުގައި ކާރު ޕާކު ކުރުމާއިއެކުހެން ވާރޭ އޮއްސައިގަތެވެ. ރެޔާން ދުވެލާފައިގޮސް އެޕާޓްމެންޓުގެ އަސްކަންޏަށް ވަދެވުނުއިރު ވެސް އޭނަ ރީއްޗަށް ތެންމާލައިފިއެވެ. ރެޔާން ސިޑިބަރިން އަރައިގެންގޮސް ބެލް ޖެހިއެވެ. ދޮރު ހުޅުވީ އައިޒާންގެ މަންމައެވެ. އޭނާ މިއައީ މައިރާ އާއި ބައްދަލުކުރާށޭ ބުނުމުން ސުވާލުކޮށްލުމެއް ނެތި ރެޔާން ވެއްދުމަށް ފަހު ދޮރު ތަޅުލުމުން ރެޔާން ހައިރާންވެ އަންތަރީސް ވިއެވެ. އަޖާއިބެއްފަދަ މަންމައެކެވެ. ރެޔާން އަކީ މައިރާގެ ކާކުކަމެއް ވެސް ނޭނގޭ އިރު، އަހާލުމަކީ ބޭނުން ކަމެއްކަމަށް ނުދެކުނެވެ. އެކަމުން އެނގުނީ ކޮންމެ ފިރިހެނަކު މައިރާގެ ގާތަށް ދިޔަސް އޭނާގެ ފަރުވާލެއް ނެތްކަމެވެ.

ރެޔާން މައިރާގެ ކޮޓަރީގައި ޓަކިދިނެވެ. އިރުކޮޅަކުން މައިރާ ދޮރުހުޅުވާލައިފި އެވެ.
"ރެޔާން.." މައިރާއަށް ކިޔާލެވުނެވެ. ރެޔާން ހުރީ ތެމިފޯވެފައެވެ. އޭނަގެ އިސްތަށިގަނޑުގައި މުތީތައް ފަދައިން ވިދަމުން ދިޔައީ ވާރޭގެ ތިކިތަކެވެ.
"ހޫމް...ދެލޯބޮޑުކުރި ގޮތުން ހީވީ ފުރޭތައެއް ފެނުނަސް މޭއި އަށް މިއަށްވުރެ ބިރުކުޑަވާނެހެން...." ރެޔާން ޖެހިލުމެއް ނެތި އެތެރެއަށް ވަދެ ދޮރު ތަޅުލައިފިއެވެ. ރެޔާން އެނބުރުނުއިރު އެ ކަޅު ދެލޮލުގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. ރެޔާންގެ ގަނޑުފެންކޮޅެއް ފަދަ ފިނިއަތުން މައިރާގެ އަތުގައި ހިފައިލި އެވެ. މައިރާ ސިހުނެވެ. ހަށިގަނޑުގައި ނޭނގޭ ފަދަ ފިނި ރާޅުބާނިތަކެއް ދުވެލައިފި އެވެ. މުޅި ހަށިގަނޑު ގަނޑުފެންކޮޅެއް ފަދައިން ފިނިކުރުވި އެވެ.

"ތިއުޅެނީ ކީއްކުރަންތަ؟ "މައިރާ ހިތް ސަމާލުކުރަން މަސައްކަތް ކުރި އެވެ.
"އަހަރެންގެ ނުކިޔަމަންތެރި ހިތް އަހަރެން ދަމާގެނައީ...މިރޭ ރީތިކޮށް އޮވެފައި ވިއްސާރަވެ ތޫފާނީ ވާން ފެށީމަ އަހަރެންގެ ލޯބިމަތިން ހަދާންވެ ލޯބީގެ ބާރުގައި ގެނައީ.. މިވަރުން އައީމަ އަހަރެން މާޔޫސް ނުކުރުވަބަލަ.. ނޫނީ އަހަރެން މޮޔަވެދާނެ.." ރެޔާންގެ އަޑުގައިވެސް ނުރައްކާތެރި ގޮތެއް ހުރިކަން މައިރާއަށް އިހުސާސްކުރެވުނެވެ. އެއާއިއެކު އެ ރީތި ދެލޮލަށް ބަލާލެވުނުކަމީ މައިރާގެ މޮޔަކަމެވެ. ވަގުތުން އެލޮލުގެ ޖާދޫގައި ޖެހި، އެ ލޮލުގެތެރެއަށް ގެނބިގެންދިޔައެވެ. އިރުކޮޅަކަށް ހޭވެރިކަން ގެއްލިގެންދިޔައެވެ. ކިތަންމެ ވަރަކަށް ހިތް ދެކޮޅުހެދިޔަސް ބައެއްފަހަރު ހަށިގަނޑު އެމީހަކަށް ކެހިދީފާނެ އެވެ. ރެޔާންގެ ތުންފަތުގެ ބީހިލުންތަކުން މައިރާގެ މޫނުގެ އެތަން މިތަނަށް އިރުކޮޅަކަށް ނަމަވެސް ފިނިވެގެން ދިޔުމާއެކު ހެދުނީ ގޯހެއްކަން މައިރާއަށް ރޭކާލައިފިއެވެ. މައިރާ ރެޔާންގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕާލައިފި އެވެ.

"ރެޔާން.. އަހަރެން ހަދާންނެތުނީ ކަމަށް ހީނުކުރާތި.. އެންމެފަހުން އަހަންނާއި ދިމާލަށް ކީ ނަން އަބަދު މިހިތުގައި ހަރުލާފައިވޭ... ފިޒިކަލީ އަނިޔާކުރުމަށްވުރެ ބުނާ އެފަދަ އެންމެ ބަހަކުން ހިތަށް މާބޮޑަށް އަނިޔާވެދާނެ ކަމަށް ނޭނގުނެއްނު.. އަހަރެން ބޭނުން ވަނީ އައިޒާންގެ ވައިފްގެ ގޮތުގައި މުޅި އުމުރު ހޭދަކުރަން.. ވީއިރު މިތަނުން ދޭ... އެކަމަކު މިއަދު ބުނަން ބޭނުން އެއް ވާހަކަ.. ރެޔާންއަށް އެނގެން ޖެހޭނެ.... އެންމެ ފަހަރަކު ވެސް ވިސްނާލިންތަ އަހަރެންގެ ބަނޑުގައި ވަނީ ކާކުގެ ދަރިއެއްކަން..." މައިރާ ނުރޯން މަސައްކަތްކުރި ނަމަވެސް އެލޮލުގައި ކަރުނަ ވިދަން ފެށި އެވެ. ރެޔާން ގެ މޫނަށް އެތައް ކުލަތަކެއް އެއްފަހަރާ ވެރިވެގެން ދިޔައެވެ. އޭނަ އެއްފިޔަވަޅު ކުރިއަށް ޖެހިލި ގޮތަށް މައިރާގެ އަތުގެ މުލައްދަނޑީގައި ބާރަކަށް ހިފަހައްޓައިލި އެވެ.

"ބުނަން ތިއުޅެނީ ބޭބީއަކީ އަހަރެންގެ އޭތަ؟ ބުނެބަލަ... އަހަރެން ބޭނުން ހަގީގަތް އެނގެން.. ބޭބީގެ ބައްޕައަކީ ކާކުތަ؟ "ރެޔާންގެ ހިތުގައި އުއްމީދުގެ ބައްތިތައް ދިއްލިގެން ދިޔައެވެ. މައިރާގެ ދަރިފުޅުގެ ބައްޕައަކީ އޭނަކަމަށް ވެއްޖެއްޔާ، އެއީ އޭނަގެ ހުވަފެންތައް ފުރިހަމަވާނެކަމުގެ ހެއްކެކެވެ. ދިރިއުޅުމުގެ ބައްތި ނިވެން އުޅެފައި، ހުޅުކޮޅު ދިއްލިއްޖެއެވެ. އޭނައާއި އެކީގައި މައިރާއަށް އުޅެން މަޖުބޫރު ވާނެއެވެ. އައިޒާންއަށް ޖެހޭނީ ދުރަށް ދާށެވެ. އެނޫން އެހެން އެއްވެސް މަގެއް އައިޒާންއަކަށް ނެތެވެ.

"އަތަށް ތަދުވެޔޭ...ތިމާގެ ބާރު އިހުސާސް ނުކުރެވޭ މީހެއްކަން ޔަގީން...." މައިރާގެ އަތުގައި ރެޔާން ހިފަހައްޓާފައިވާލެއް ބާރުކަން ރެޔާންއަށް އިހުސާސްކުރެވުނީ މައިރާގެ މޫނުން ތަދުވާކަމުގެ އަސަރުތައް ފެނުމުންނެވެ. ދަތްތައް ޖައްސާ ބާރުކޮށްލިގޮތުންނެވެ. ލޯކުޑަކޮށްލުމުންނެވެ. ރެޔާން އަތުން ދޫކޮށްލިއިރު އެ ދޮންއަތުގައި ރެޔާންގެ އިނގިލީގެ ނިޝާން ހަރުލާފައި ހުއްޓެވެ.

"ސޮރީ.. ސޮރީ... ގަސްތުގައި ހާޓްކުރާކަށް ކުރިކަމެއްނޫން... ދެން ހިތް ނުތަޅުވާ ބުނެބަލަ ބޭބީ.. އަސްލު ދަރިފުޅަކީ އަހަރެންގެ ތަ؟ އަހަރެން މިހިރީ ހަމަ ގަބޫލު ކުރާގޮތަށް... އަހަންނަށް އެނގޭ އަހަރެންގެ ލޯބި އަހަންނަށް ދޮގު ނަހަދާނެކަން.. އެވަރަށް އިތުބާރުކުރަން.. އެހެންވެ ހަގީގަތް އެނގެން ބޭނުމީ... މޭއި ޕްރެގްކަން އެނގުނީމަ އަހަރެން ތަޅުވާލަންތަ ޒާން އާއި މެރީކުރީ... ހަމައެކަނި ބުނެލަންވީ ދަރިފުޅުގެ ބައްޕައަކީ ކާކުކަން... އަހަންނަށް ވެއްޖެއްޔާ......ބުނޭ މޭއި....އަހަންނަށް އެނގެންވާނެ.." ރެޔާންގެ ފިނި އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލަމުން ކުޑަ ހިނިތުންވުމަކާއި އެކު ބުންޏެވެ. މައިރާ ނޭފަތް ދަމާލިއެވެ. ހަގީގަތް ބުނަންވީ ބާވައެވެ.

"އެންމެ ފުރަތަމަ ރެޔާންކުރިކަމެއް ކުރީ... އެފަހުންތާ ޒާން.. އެހެންވެ މިހާރު އޮޅިފައި މިހިރީ ބޭބީގެ ބައްޕައަކީ ކާކުކަން.... ޔަގީނުންވެސް މެރީކުރިއިރުވެސް ޕްރެގް.. ދެން ދަރިފުޅު ވިހެއިމަ ޑީއެންއޭ ޓެސްޓެއް ހަދާލަން ޖެހޭނީ...." މައިރާގެ ހިތް އޭރު ތެޅެމުން ދިޔައީ އާދަޔާ ޚިލާފު ބާރުމިނެއްގައެވެ. ރަނގަޅަށް އެނގިހުރެ ރެޔާން އެހީމަ އޮޅުވާލަން ވެގެން ނުސީދާކޮށް ވާހަކަދެއްކުމަކީ ރަނގަޅު ގޮތެއް ބާވައެވެ. އައިޒާން އާއި އޭނަގެ ދޭތެރޭގައި ލޯބީގެ އެއްވެސް ގުޅުމެއް ހިނގާފައެއް ނުވެއެވެ. ނަމެއްގައި ދެމަފިރިންނެވެ. އޭނަ މިވާހަކަ ދައްކާލާނެ އެކުވެރިއެއް ވެސް ނެތެވެ. އެވަރުގެ ބޮޑު ސިއްރެއް ހިއްސާކޮށް، މަޝްވަރާ ކޮށްލާނެ އެކަކުވެސް މިހާރު ނެތެވެ. އާއިލާއިން އޭނަ ވަނީ ބާކީ ކުރެވިފައެވެ. ވީއިރު އޭނަ މިވަނީ ހަދާނެ ގޮތްހުސްވެފައެވެ. ނަމަވެސް ރެޔާންއަކީ ކާކުކަން ރަނގަޅަށް އެނގޭއިރު އޭނައަށް ބޭބީގެ އަސްލު ބުނާކަށް ނުކެރޭނެއެވެ. އަދި ފަހުންނެވެ.

"މައިރާ...." ރެޔާންގެ ކެތްތެރިކަންކޮޅުން ލައިގެން ދާންފެށިއެވެ. އޭނާ އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ.
"ހޫމް..އަމިއްލަ ދުލުން ކީ ހަޑި އެއްޗަކުން އަހަރެންގެ އަގެއް ނެތްކަން އޮތީ އަންގާދީފައެއްނު.. ވީއިރު ދެން ދުވަހަކު ނުވާނެ ރަނގަޅެއް.. ނަހަލާލު ދަރިއަކަށް ބަލިވެ އިންނަން ޖެހުނީ ލޯބީގެ ނަމުގައި ހިންގި ވިޔާނުދާ ޖަރީމާއެއްގެ ސަބަބުން... ދެންވެސް ދޭ ރެޔާން.. މިހާރު ހިތްހަމަޖެހިއްޖެއެއްނު... ހިތްފުރޭނެ.. އަހަންނަށްވެސް ދަރިފުޅުގެ ބައްޕަ ކަށަވަރުނުވޭ.. އެކަމަކު ޔަގީނުންވެސް އެނގޭ ނަހަލާލުކަން.." މައިރާގެ މޫނު ރަތްވަމުން ގޮސް އާފަލުކުލަ އަރަން ފެށިއެވެ. ރެޔާން އައި ރުޅިއާއި ވީދެރައިގެ ސަބަބުން ހީވީ މޮޔަވިހެންނެވެ. އެއައިގޮތަށް މައިރާ އަތުތެރެއަށް ގެނައެވެ. މައިރާއަށް އެއްވެސް ބާރެއް ނުދެއްކުނެވެ. އެރީތި މޫނަކީ އޭނަގެ މިލްކެއް ފަދައެވެ.

އަމިއްލަ ޙައްގެއް ފަދައެވެ. ބޭނުންވަރަކަށް ބީހިލުމުގެ ހުއްދަ އޭނައަށް އޮތްފަދައެވެ. މައިރާއަށް ރޮވުނީ އެވެ. ރެޔާން ނުކުމެގެންދިޔައީ ރީތިވާ މޭޒުގެ ބިއްލޫރިގަނޑުގައި އަތުން ޖެހިޖެހީނުން ބިއްލޫރިގަނޑު ތަޅާލާފައި އަތްވެސް ޒަޚަމްކޮށްލައިގެންނެވެ. މައިރާއަށް ހީވީ އަލުން އަނެއްކާ އޭނަގެ ހިތް އެ ބިއްލޫރިފަދައިން އެތައް އެތިކޮޅުތަކަށް ބުރައިގެން ގޮސްފައި ލޭ އޮހޮރިގަތްހެނެވެ. މައިރާ އެނދަށް ވެއްޓިގަތެވެ. އޭރުވެސް އިވެމުންދަނީ ބޯކޮށް ވާރޭ ވެހެމުންދާ އަޑެވެ. ފަޒާ ގުގުމާލާފައި ވަނީ ގަސްތަކާއި ފުރާޅުތަކުގައި ވައިއަޅުވާ އަޑުފަށްގަނޑުންނެވެ.

މިފަދަ ތޫފާނީ، ބިރުވެރި ކޮންމެ ރެއެއްގައި ރެޔާންގެ ފަރާތުން މައިރާއަށް ސަލާމަތް ނުވެވޭނެ ބާވައެވެ. އައިޒާން އާއި ރެޔާންގެ ގޮތް ނޭނގޭ ގުޅުމާއިމެދު ވެސް މައިރާއަށް ޝައްކު ކުރެވުނެވެ. އައިޒާން އެހާ ގިނަ އަދަދެއްގެ ރުފިޔާ ގެންގުޅޭތީ ހިތުގައި ސުވާލު އުފެދިފައި އޮތްވާ މިރޭ ރެޔާންއަށް ފުރުސަތު ދީފައި އައިޒާން ދާންވީ ތަނެއް ނޭނގުނެވެ. މިއީ ކޮންމެ މީހަކުވެސް އަރާމު ތަންމަތިތަކުގައި ނިދާފައި ތިބެން ބޭނުންވާނެ ރެއެކެވެ. މަގުމަތީގައި ފިނީގައި އުޅެން އެކަކުވެސް ހިތެއް ނޭދޭނެ އެވެ.

މައިރާއަށް އޭނަގެ ދުޅަވެ ރަތްވެފައިވާ ތުންފަތުގައި އަތްޖައްސާލެވުނެވެ.
"މަންމަގެ ކުޑަ ބޭބީ... ދަރިފުޅުގެ ބައްޕަ ކިހާ ރޫޑް.... އަބަދު މަންމައަށް އަނިޔާކުރަނީ.. އެކަމަކު އެއީ ލޯބިއޭ.. ރުޅިގަދަވެގެން ކިތަންމެ އަނިޔާކޮށްފައި ވެސް ލޯބިވާތީ ކަމަށް ދަޢުވާކުރާނެ... ދުވަހަކުވެސް ބައްޕަގެ ފަރާތުން ސަލާމަތް ވެވޭނެކަމެއް މަންމައަކަށް ނޭނގޭ... މަންމަ މިވަނީ ގޮތްހުސްވެފައި... އަދި ދަރިފުޅު ދުނިޔެއަށް އައުމަށްފަހު އެންމެ ހިތްދަތިވާގޮތަށް މަންމަގެ މި ލޯބި ފުރާނަގަނޑާއި މަންމަ ވަކިކުރާނެހެންވެސް ހީވާން ފަށައިފި... މަންމައަށް އޭނައަށް ޝައްކުވާފަދަ ބަހެއް ބުނެވިއްޖެވިއްޔަ....ޑީ އެން އޭ ވެސް ހަދާނެ..." މައިރާ އެކަނިމާއެކަނި އޮވެ ލިބެންއުޅޭ ދަރިފުޅުގާތުގައި ރެޔާންގެ ޝަކުވާކުރިއެވެ. މައިރާއަށް ރޮވުނެވެ. 

ކިތަންމެ ވަރަކަށް ރުޔަސް އޭނަގެ ކަރުނަ ފޮހެދޭނެ އެއްވެސް މީހަކުނެތެވެ. އެ ކަރުނަތައް އޮހޮރަން މެދުވެރިއަކަށް ވިމީހާވެސް ކޮންމެ ފަހަރަކު ރޮއްވާލާފައި ދަނީ ދުރަށެވެ. އެކަމަކު ރެޔާން އޭނަދެކެ ލޯބިވާކަމަށް ދަޢުވާކުރާނެއެވެ. އޭނައާއި ނުލައި ދުނިޔޭގައި ނޫޅެވޭނެކަމަށް ބުނާނެއެވެ. ލޯތްބަކީ މިއީކަމަށްވަންޏާ އެ ލޯބިދެކެ މައިރާ ނަފްރަތުކުރެއެވެ. އެފަދަ ލޯތްބެއް އެއްވެސް މީހަކު އޭނަދެކެ ވާނެކަމެއްނެތެވެ. އެކަމަކު އޭނަ ޢަޖައިބުވަނީ އޭނަގެ ހިތި ތަޖުރިބާތަކުންނެވެ. އެންމެ ގާތް މީހުން އޭނަދެކެ ލޯބިވާކަމަށް ދަޢުވާކޮށްލާފައި އޭނަ އެއްލާލީތީއެވެ. ޢާއިލާގެ މެމްބަރުންވެސް މެއެވެ. ލޯބިވެރިޔާވެސް މެއެވެ.

ރެޔާންގެ އަތްތިލަ ބިއްލޫރިތަކުން ކުޑަކޮށް ޒަޚަމްވެފައިވާތީ އޭނަ ހިނގާލާފައި އައީ ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހުރެއެވެ. ރެޔާން ފޯނުނެގީ އޭނަގެ އެކުވެރިޔާ މާކް ގުޅަންފެށުމުންނެވެ. ރެޔާން ސިޑިބަރިން ފައިބައިގެން ދަމުން މާކް ދެއްކި ވާހަކަތަކާއިމެދު ހައިރާން ވެފައި ތަންކޮޅެއް ބާރަށް ފޯނުން ވާހަކަދެއްކިއެވ

"ޒާން އެކްސިޑެންޓްވީއޭ....ކިހިނެއްތަ އެހެންވާންވީ؟ އަހަރެން ނުބުނަމެއްނު އޭނައަށް އަނިޔާކުރާށޭ... މަބުނީ މިރޭ މަ ބުނަންދެން ގެޔަށް އަޔަނުދީ ހިފަހައްޓާށޭ.... ދިވެހިބަސް ދަސްކޮށްބަލަ.." ރެޔާން ދަތްކުނޑި ވިކާލާފައި އެހެންބުނި ވަގުތު ސިޑިން އަރައިގެން އައި މަންމަގެ ގައިގައި އަޅައިނުގަތީ ކިރިޔާއެވެ. މަންމައަށް އޭނަގެ ޖުމްލަތައް އަޑު އިވުނުކަން ޔަގީނެވެ. ޒިޔާމާ އަނގަމަތީގައި އަތްއެޅިއެވެ. ޒިޔާމާއަށް ވީގޮތް ފެނުމުން ރެޔާން އަވަހަށް މަންމަގެ ގައިގައި ހިފެހެއްޓިއެވެ. އޭނަ ހީކުރީ މަންމަ އަނބުރައިގެންފާނެ ކަމަށެވެ.

"ދަރިފުޅާ...ޒާން އަށް ކިހިނެއްވީތަ؟ "ޒިޔާމާގެ އަޑު ބެދުނެވެ.
"އެކްސިޑެންޓެއްވީ... ހިޔެއްނުވޭ ބޮޑުވަރުވިހެނެއް... އަޅުގަނޑު އަންނާނަން ހޮސްޕިޓަލަށް ގޮސްލާފައި..." ރެޔާން ހައިރާންވީ މި ވިއްސާރައިގާވެސް މަންމަ މިގެއަށް އައީތީއެވެ.

"މަންމަވެސް މިއައީ މައިރާ އާއި ބައްދަލުކޮށްލަން.. މިވީގޮތުން ހޮސްޕިޓަލަށް ގޮސް ޒާން ދެކެލާފައި ގެއަށް ދާނީ.." ޒިޔާމާ ރެޔާންގެ އަތަށް ފިތާލަމުން މަޑުމަޑުން ބުނެލިއެވެ. ރެޔާން އެކަމާއި ދެކޮޅުހަދަން އުޅެލާފައިވެސް މިވަގުތު މަންމަ އެކަނިކޮށްލާކަށް ބޭނުމެއްނުވިއެވެ. އެހެންވެ އޭނަ ސިޑިން ފޭބީ މަންމަގެ އަތުގައި ހިފައިގެންނެވެ. ރެޔާން ކާރުގެ ދޮރުފަތް ހުޅުވާލަދީފައި ޒިޔާމާ ކާރަށް އެރުމުން ދޮރުލައްޕާލާފައި ޑްރައިވަރުގެ ސީޓަށް އެރިއެވެ. ޒިޔާމާ އިނީ ހިމޭނުންނެވެ. ރެޔާންގެ ސިކުނޑިވެސް ވަނީ ހުސްވެފައެވެ. އެއްވެސް އެއްޗެއް ވިސްނުމަކަށް ނާދެއެވެ.

ހޮސްޕިޓަލްވެސް މިގަޑީގައިވަނީ ތަންކޮޅެއް ހިމޭންކޮށެވެ. ރެޔާން އާއި ޒިޔާމާ ކާރުން ފޭބިތަނާހެން އައިޒާން ނުކުމެގެން އަންނަނިކޮށް ފެނުނެވެ. އޭނަގެ ބޮލާއި އަތްވަނީ ބެންޑޭޖް ކޮށްލާފައެވެ. އެ މޫނުމަތިން ވަރުބަލިކަމާއިއެކު ހިތްހަމަނުޖެހުމުގެ ކުލަވަރުވެސް ފެނުނެވެ. ޒިޔާމާއަށް ދަރިފުޅުގެ ހާލު ފެނުމުން ފެންކަޅިވިއެވެ.ހިތާހިތުން ރޮއިގަނެވުނެވެ. އެ ދަރިފުޅު ގެނެސް މޭގައި ޖައްސާލަން ބޭނުންވިއެވެ. ދަތުރުމަތީގައި ވެސް އޭނަ ދުޢާކުރަމުން ދިޔައީ ދަރިފުޅު ރައްކާތެރިކޮށް ދެއްވުމަށެވެ. އައިޒާން ހެޔޮ ޙާލުގައިވާތަން ފެނުމުން ޒިޔާމާ މާތްﷲ އަށް ޝުކުރުވެރިވިއެވެ.

"ޒާން...ރަނގަޅުތަ؟ " ޒިޔާމާ އަވަހަށް ގޮސް އައިޒާންގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ހިނިތުންވެލި އެވެ.
"މަގުން ދަނިކޮށް މޮޔައަކު ގަސްތުގައި ކާރު ޖެއްސީ... އެހެން ނޫންނަމަ ޕޭވްމެންޓު މަތިން ހިނގާފައިދަނިކޮށް އެފަދަ ކަމެއް ހިނގާފާނެކަމަށް ގަބޫލެއް ނުކުރަން... ވާރޭ ބޯކަމުން ތަންދޮރު ވަކިނުވާވަރުވީޔޯ އެ މީހާ ހީލާފައި ބުނީ..." އައިޒާން ކުޑަގޮތަކަށް ރެޔާންއާއި ދިމާލަށް ބަލާލިއިރު ރެޔާންގެ ލޮލުން ފެނުނީ އަލިފާނުގެ ކަނިބުރާތަނެވެ. ފުރަތަމަ ފަހަރަށް ރެޔާންގެ ރުޅިގަދަކަން އައިޒާންއަށް އަންދާޒާކުރެވުނެވެ. ކޮންމެވެސްކަމެއް ގޯސްވެފައިވާކަން އައިޒާން ދެނެގަތެވެ.
"ނަސީބެއް ބޮޑުކަމެއްނުވެ ސަލާމަތްވިކަން.. މަންމާ ލަސްވެއްޖެ ހިނގާ ގެއަށް ދާން.." ރެޔާން އޭނަގެ މަންމަ އަތުލަފިކޮށްގެން ގެނެސް ކާރަށް އަރުވާފައި އައިގޮތަށް އައިޒާންއާއި ދާދިކައިރީގައި ހުއްޓުނެވެ.

"އަހަރެންގެ މަންމަވަނީ ނަފްސާނީ މައްސަލައެއްޖެހިފައި.. އެކަމުގެ ނާޖާއިޒު ފައިދާ ނަގަން ނޫޅުނިއްޔާ ރަނގަޅުވާނީ.. މިބުނީ ކީކޭކަން ކަލެއަށް އެނގެން ޖެހޭނެ.. މަންމައާއި ދުރުން އުޅޭތި.. ނޫނީ.." ރެޔާން ރުޅިގަދަވެފައިހުރިވަރުން އައިޒާން ކޮށްޕާލައިފިއެވެ. ރެޔާންއަކީ މިވީހާތަނަށް ކިތަންމެ ވަރަކަށް ރުޅިއަޔަސް މީހެއްގެ ގަޔަށް އަތްލި މީހެއް ނޫނެވެ. އޭނަ އަމިއްލަ މީހަކަށް ނޫނީ އެއްޗަކަށް ނޫނީ އަތް ނުފޯރުވާނެއެވެ. އައިޒާން ވިސްނާނުލާ ހުއްޓާ ރެޔާން ކޮށްޕާލިގޮތުން ނުވެއްޓުނީ ވެސް ކިރިޔާއެވެ. އަމިއްލަ ހަށިގަނޑު ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. 

އެ މަންޒަރު ދެކެން އިން ޒިޔާމާއަށް ރޮވިއްޖެއެވެ. މިއީ އޭނަގެ ލޯބިވާ ދެދަރިންނެވެ. ނުވަމަސްވަންދެން އެކީގައި ބޮޑުވަމުން އައި އެއްމާބަނޑު ދެބެންނެވެ. އޭނަ ކުރި ފާފައިގެ ސަބަބުން އެދެކުދިން ވަކިވެ، މިހާރު އެތިބީ ދުޝްމަނުންނަށްވާ ހިސާބުގައެވެ. އެކަކު އަނެކަކުގެ ގަޔަށް އަތްލާން ތައްޔާރަށެވެ. އޭނަގެ ލޮލުގެ ކުރިމަތީގައި އެއުޅެނީ ތަޅައިގަންނާށެވެ. އޭނަ މިއިނީ މަޖުބޫރުވެފައެވެ. ސަބަބު މާރަނގަޅަށް ވެސް ޒިޔާމާއަށް އެނގެއެވެ. މައިރާއެވެ. ދެކުދިންނަށް ވެސް ލޯބިވެވުނީ އެކަކުދެކެއެވެ. ޒިޔާމާގެ ހިތް ފަޅިފަޅިވި އެވެ. އެކުދިންކައިރީގައި ހަގީގަތް ބުނަން ބޭނުންވި އެވެ. ދެބެންނަށް ހަގީގަތް އެނގޭނެނަމަ އެވެ.

"ދަރިފުޅާ....އާދެބަލަ.." ޒިޔާމާއަށް ތަންކޮޅެއް ބާރަށް ގޮވައިލެވުނެވެ. އިތުރަށް ދެބެން ތަޅާފޮޅައިގަންނަތަން ދެކެން ޒިޔާމާއަކަށް ކެތެއް ނުވާނެއެވެ. ޒިޔާމާގެ ލޯ ފުރިގެން ބަންޑުންވެގަތުމުން ޓިޝޫއެއް ނެގިއެވެ. އޭރު ރެޔާން އައިސް ކާރަށް އަރާ ބަންލާފައި ދޮރު ލެއްޕިއެވެ. އޭރު ބޯކޮށް ވާރޭ ނުވެހުނަސް ހިމަފޮދު ވާރެއެއް ވެހެމުން ދިޔައެވެ. އައިޒާން ނުކުމެގެން ހިނގައިގަތީ ވާރޭތެރޭގައެވެ. ޒިޔާމާއަށް އެއްގޮތަކަށް ވެސް ކެތެއްނުކުރެވުނެވ

"ދަރިފުޅާ... ޒާން ގެއަށް ގެންގޮސްދޭންވީނު... އެދަނީ ވާރޭތެރޭގައި ތެމިގެން.. އެކުއްޖާ...." ޒިޔާމާ އަކަށް ވާހަކައެއް ނުދެއްކުނެވެ. ޒިޔާމާއަށް ރޮވިއްޖެއެވެ. ރެޔާން އިނީ ބޯގޮވާވަރުވެފައެވެ. ހީވަނީ އޭނަގެ ސިކުނޑިވެސް ކުދިކުދިވެދާނެހެނެވެ. ރެޔާން ރުޅިއައިސްފައިންލެއް ބޮޑުކަމުން ކާރު ދުއްވާލެވުނީ ވަރަށް ބާރަށެވެ. އަދި މަންމަ އައިޒާން އާއި މެދު ހަމްދަރުދީ ވެގެން ބުނެލި އެ ޖުމްލަތަކުން ރުޅިއިތުރުވުން ނޫންކަމެއް ނުވިއެވެ. ކުއްލިއަކަށް އަނބުރާލާފައި ސީދާ އައިޒާންއާއި ދިމާލަށް ދުއްވާލިގޮތުން ހީވީ އައިޒާންގެ ގައިގައި ޖައްސަން އުޅުނުހެނެވެ. ޒިޔާމާއަށް ހަޅޭއްލަވައިގަނެވުނެވެ. ރެޔާން ކާރުގެ ބްރޭކް ހިފާލިއެވެ. އައިޒާންގެ ފިޔަވަޅުތައް ހުއްޓުނެވެ. އެ މޫނުން ފެންނަނީ މޮޅިވެރިކަމެވެ. މާޔޫސީއެވެ. ހީވަނީ ހުރިހާއެއްޗެއް ގެއްލިފައިވާ މުސާފިރެއްހެނެވެ.

"ކާރަށް އަރާ..." ރެޔާން ބިއްލޫރިގަނޑު ތިރިކޮށްލައިފިއެވެ. އައިޒާންއާއި ހަތަރުކަޅި ހަމަވުމުން ރެޔާންގެ ހިތަށް އުނދަގޫތަކެއް ވިއެވެ. ރަޙުމް ވަނެވެ.
"އޯކޭ ވާނެ... ގެ މިހިރީ ވަރަށް ކައިރީގައި.. ތޭންކްސް..." އައިޒާން ކުޑަ ހިނިތުންވުމަކާއި އެކު އެހެން ބުނުމުން ޒިޔާމާގެ ހިތަށް ވަކިން އަސަރުކުރިއެވެ. ވަގުތުން މޫނު އަނބުރައިލައިފި އެވެ. ރެޔާން ވެސް ކާރު ދުއްވާލިއިރު އައިޒާންއާއި ދިމާއަށް އެއްޗެކޭ ނުބުނެވުނުނަމައޭ ހިތަށް އެރިއެވެ. ރެޔާންގެ ލޮލުގެ އެސްފިޔަތައް ވެސް ވަނީ ތެމިފައެވެ. ރުޅިވެރިކަން އިންތިހާ ދަރަޖައިގެ ހިތާމައަށް ބަދަލުވެ އަނެއްކާވެސް މޭގައި ދާއިމީ ރިހުމެއް އުފެދުނެވެ. ހިތަށް ކުރަމުން ދިޔަ ބާރު އިތުރުވިއެވެ. އޭނަ ދުނިޔެދެކެ ފޫހިވަނީއެވެ. މިދުނިޔެއިން އެއްވެސް އުފަލެއް ނުލިބޭ އިރު ދުނިޔޭގައި އުޅުމުގެ އެއްވެސް ބޭނުމެއް ނުފެނުނެވެ.

އައިޒާން ކޮޓަރިއަށް ވަންއިރު މައިރާ އޮތީ ބިއްދޮށަށް އެނބުރިގެންނެވެ. ރީތިވާމޭޒު ތަޅާލާފައިހުރުމުން ކުޑަކޮށް ހައިރާންވިއެވެ. ކާކުކުރިކަމެއް ހެއްޔެވެ؟ މައިރާ ރުޅިގަދަވެގެން ތަޅާލީބާވައެވެ. އައިޒާން ފާޚާނާއަށް ވަދެ ތެތްހެދުން ބަދަލުކޮށްލައިގެން ފެންވަރާލުމަށްފަހު ނުކުމެ ސޯފާގައި އިށީނދެއްޖެ އެވެ. އޭނަ ވިސްނަމުން ދިޔައީ ރެޔާން ދެއްކި ވާހަކަތަކާއިމެދުގަ އެވެ. އައިޒާން އުޅެނީ ރެޔާންގެ މަންމައާއި ހިތާވެގެންކަމަށް ރެޔާން ގަބޫލުކުރީކަން ނޭނގެއެވެ. ކޮންފަދަ ބޮޑު އޮޅުމެކެވެ. އައިޒާން ލަދުގަތެވެ. ޒިޔާމާއަކީ އޭނަގެ މަންމަ ފަދައިން ބަލަމުން އައި މީހެކެވެ.

ޒިޔާމާ ފެނުމުން އިހުސާސް ކުރެވުނީ ހަމަ އޭނަގެ އަމިއްލަ މަންމަފަދައިންނެވެ. އެހާ ސަމާސާކޮށް ގާތްކޮށް އުޅެވުނީ ވެސް އެހެންވީމަ އެވެ. އަދިވެސް ޒިޔާމާ "ދަރިފުޅާ" އޭ ކިޔާލާފައި ގޮވާލިގޮތުން އައިޒާންއަށް ކުރެވުނު އިހުސާސް ހިތުން ފިލައިގެން ނުދެއެވެ. ވީއިރު ރެޔާން އެކުރީ ހާދަ ނުބައި ހީއެކެވެ. އޭނަ އާއި ޒިޔާމާގެ ދެމެދުގައި އޮތީ މަންމައަކާއި ދަރިއަކާއި ދެމެދު އޮންނާނެފަދަ ސާފު ތާހިރު ގުޅުމެކެވެ. މާތް ﷲ ދެނެވޮޑިގަންނަވާނެ އެވެ. ނަމަވެސް ރެޔާން އެ ދިން އިންޒާރުގެ ސަބަބުންނާއި މިރޭ ރެޔާންގެ އެކުވެރިޔާ އޭނަގެ ގައިގައި ކާރު ޖެއްސުމުން ރެޔާން އޭނަ އާއި ދޭތެރޭގައި ހިތްގޯސްވެފައިވާ ވަރު އެނގިއްޖެއެވެ. ދެން އޭނަވެސް އުޅޭނީ ވިސްނައިގެން ދުރުންނެވެ.

ޑޮކްޓަރ ރަހީލާ ޒިޔާމާއާއި ބައްދަލުކުރަން އައުމުން ޒިޔާމާ އެއްގޮތަކަށް ވެސް ކޮޓަރިއެއްގައި ވާހަކަދައްކަން އިންނާކަށް ބޭނުމެއް ނުވިއެވެ.އޭނަ ރަހީލާ ގޮވައިގެން ދިޔައީ ގޭގެ ފަހަތުގައިވާ ގަސްތަކުގެތެރެއަށެވެ. ފަތަށް ވުރެ ފިޔާތޮށިކުލައިގެ ފިނިފެންމަލުން ބަރާވެފައިވާ ގަހެއްގެ ކައިރީގައި ދެގޮނޑި އަޅާލައިގެން ދެއެކުވެރިން ތިއްބެވެ.

"އަހަންނަށް ފައިސަލްއަށް މިފަދަކަމެއްގައި އިތުބާރު ނުކުރެވޭތީ މިތަނަށް މިގެނައީ.. ކޮޓަރީގައި ކެމެރާ ހަރުކޮށްފައި ހުރެދާނެ... މިއަދު އަހަރެން ބޭނުން އަހަންނަކީ މޮޔައެއް ނޫންކަން ރަހީލާއަށް އަންގައިދޭން.... އަހަރެންގެ ސިއްރުތައް ރަހީލާ އަށް ކިޔާދޭން.. ރަހީލާ އަހަންނަށް މިކަމުގައި އެހީތެރިވާނެ ކަމަށް އަހަރެން އުއްމީދުކުރަނީ.. ތިއީ އެކަނި އަހަރެންގެ ޑޮކްޓަރެއްނޫން.. އަހަރެންގެ އެންމެ ގާތް އެކުވެރިންގެތެރޭގައި ހިމެނޭ މީހެއް...ރަހީލާ އަށް އެނގޭތަ؟ " ޒިޔާމާގެ ލޮލުގައި ވިދަމުން ދިޔައީ ކަރުނައެވެ.

ކޮމެންޓް 0