އެ ޒުވާނާ ރެޔާންގެ ކެބިންއަށް ވަނުމުން ރެޔާންގެ ހިތަށް ބުނެދޭން ނޭގޭފަދަ ގޮތްތަކެއް ވެ، އުނދަގޫތަކެއް އިހުސާސްކުރެވުނެވެ. އައިޒާންގެ ސްމާޓްކަން ވެސް ފާހަގަކުރެވުނެވެ. މިއީ ހަސަދަވެރިކަން ބާވައެވެ. އައިޒާން އެނަމަކީ ރެޔާންއަށް އާ ނަމެއްނޫނެވެ. ހަޔާތުގައި އެންމެ ފަހަރަކު އަޑުއިވުނުގޮތަށް މި އައިޒާން އޭނަގެ ބިރުވެރި ހުވަފެނަކަށް ވެފައިވެއެވެ. އަދި ރެޔާން މި ޒުވާނާ އޭނަގެ ކާރުގެ ކުރިއަށް އަރާ ގަތްގަނޑު ހަނދާން ނެތުނީއެއްނޫނެވެ. މާ އަޚުލާގު ރަގަޅުމީހެއް ވެސް ނޫނެވެ. މައިރާ ގެ އެކުވެރިއެއްގެ ގޮތުގައި މިފަދަ މީހަކު ހުރުމަކީ ބޮޑު ބިރެކެވެ.

ރެޔާން އެދުވަހުގެ މަތިން ހަނދާން ހުރިކަމަކަށް ނަހަދާ އައިޒާންއަށް ބަލާލީ ރަސްމީގޮތަކަށެވެ. އެކަމަކު ރެޔާން ފެނުމާއިއެކު އައިޒާން ދެ ލޯ ބޮޑުކޮށްލާ އަނގަޔަށް ހަދާލި ގޮތުން ރަކިވިކަން އެގުނެވެ. އެމޫނަށްވަނީ ލަދުވެތިކަމުގެ ރަތްކުލަވެރިވެފައެވެ. އައިޒާންގެ މަގާމުގައި އޭނަ ހުރިނަމަވެސް މިފަދަ ވަގުތެއްގައި ލަދުވެތި އިހުސާސްކުރެވޭނެވަރު ރަގަޅަށް އަންދާޒާކުރެވުނެވެ. ހަގީގަތުގައި އައިޒާން ބޭއަދަބީ ގޮތަކަށް ހިތަށް އައި ހާ އެއްޗެއް ކިޔާފައި ،ކާރަށް ކޯކްފުޅިޖަހާލިއިރު މިއީ އައިޒާންގެ ވާންއުޅޭ ވެރިމީހާ ކަމަށް ވެދާނެކަމެއް ވިސްނާނުލީ އެވެ. މިހާރު އައިޒާންއަށް އިބުރަތެއް ހާސިލުކުރެވިދާނެ އެވެ. 

ރެޔާން ތަންކޮޅެއް ސީރިޔަސްވެލަމުން އައިޒާން ގާތުގައި އިށީންނަން އެދުނުނަމަވެސް އޭނަ އިނީ ފުދޭވަރަކަށް މަޖާވެފައެވެ. އޭނަ ހީކުރަނީ ފިލްމުތަކުން ނޫނީ ވާހަކަތަކުން ނޫނީ މިފަދަ އިއްތިފާގުތަކެއް ނުފެންނާނެކަމުގައެވެ.
"އެދުވަހު އަޅުގަނޑު... އަޅުގަނޑު ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފައި ހުރީމަ ކާރަށް ކޯކް ޖެހުނީ... އެކަމާ އަޅުގަނޑު އިންތިހާއަށް މައާފަށް އެދެން..." އައިޒާން އިނީ ވާހަކަ ދައްކަން އުނދަގޫވެފައެވެ. އެއާއިއެކު މި ވަޒީފާވެސް އަތުން ބީވެގެން ހިގައިދާނެކަމުގެ ބިރުހީވެ މާޔޫސް ވެސް ވާންފެށިއެވެ. މައިރާއަށްޓަކައި އޭނަ މި މަގާމު ހާދަ ބޮޑަށް ބޭނުމެވެ. ހާދަ ވަރަކަށް މިފަދަ ފުރުސަތަކަށް އިންތިޒާރުކުރެވެއެވެ. މާއިރާގެ ހައްޤުގައި ނޫންނަމަ މުއްސަންޖެއްގެ ކާރީގައި މިފަދަ ގޮތަކަށް އާދޭސްކޮށް ނިކަމެތިވާކަށް ބޭނުމެއް ނޫނެވެ. އެއަށްވުރެ މަރުވިޔަސް ހިތަށް ފަސޭހަވާނެއެވެ.

އައިޒާންއަށް މިފަދަތަނެއްގެ އައިޓީ ޓެކްނިޝަނެއްގެ ވަޒީފާ ލިބިއްޖެއްޔާ ދެން ފަސްއެބުރިބެލުމެއް ނޯންނާނެއެވެ.
"ނޭގުނު... ހުވަފެނެއް ފެނުނީކަމަށް ވެދާނެ..." ރެޔާން ކަތި ނަޒަރަކުން އައިޒާން އާއި ދިމާލަށް ބަލާލައިފިއެވެ.
"ޔަގީނުންވެސް އެ ކާރުގައި އިންނެވި ބޭފުޅާއާއި ތަފާތެއްނެތް..."އައިޒާން ނުތަނަވަސްކަމާއިއެކު ފިނިވެފައިވާ ދެއަތް އުނގުޅާލަމުން އެހެން ބުނެލިއިރު އޭނަ އިނީ ރެޔާންއާއި ހަތަރުކަޅި ހަމަކުރަން އުނދަގޫވެފަ އެވެ. ރެޔާން އެދުވަސް މަތިން ހަނދާންނައްތާލިލެއް ފަސޭހަކަމުން އައިޒާން ދެން ބުރަވީ އެއީ ރެޔާން އަށް ނުވެ އެއްމާބަނޑު ކުއްޖަކަށް ވެދާނެކަމަށެވެ.
"ހޫމް.." ރެޔާން އައިޒާން ގެނައި ލިޔުންތައް ބަލަމުން ދިޔައިރު އައިޒާންގެ އެ ވާހަކައަކަށް ސަމާލުކަންދިންހެން ހިޔެއްނުވެއެވެ. އައިޒާން ގްރޭޑް ބާރައިގާ ކިޔެވިކަން އެނގެއެވެ. އެކަމަކު ސެޓްފިކެޓްތަކެއް ނެތެވެ. އައިޓީއިން ޑިގްރީ ހަދާފައިވާ އެތައް ޒުވާނުންނެއް މިވަޒީފާއަށް އެދުނުއިރު އައިޒާން ޝަރުތު ހަމަނުވާއިރު ވެސް މިއޮތީ ސިޓީލާފަ އެވެ.
"އެއްމާބަނޑު ފިރިހެންކުއްޖަކު ހުރޭތޯ؟" އައިޒާން އެހެން އަހާލުމުން ރެޔާން އައިޒާން އާއި ސިކުންތުކޮޅަކަށް ހަތަރުކަޅިހަމަކޮށްލަމުން ނިތްއަރުވާލައިފި އެވެ. އައިޒާންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ރެޔާން އެކަމަށް އެއްބަސްވުމުންނެވެ. ވީއިރު އެދުވަހު އެދިމާވީ އޭނަގެ ވެރިމީހާއަކާ ނޫންތާއެވެ. އެހެންނޫންނަމަ އެހާ ފަސޭހައިން އެފަދަ ކަމެއް ހަނދާނެއް ނުނެތޭނެއެވެ.

ރެޔާން އިންޓަވިއުކޮށް ނިންމާލުމުން އައިޒާން އެކޮޓަރިން ނިކުމެގެން އައިއިރު އެ ވަޒީފާ ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އައިޒާން އަތުގައި ސެޓްފިކެޓްތައް ނެތިގެން އެކަން ބޮޑު މައްސަލަގަނޑަކަށް ހެދީމައެވެ. އައިޒާން ކިތަންމެ ވަރަކަށް އޭނަގެ ތަޖުރިބާ ހުރިކަމަކަށް ބުންޏަސް ރެޔާން ގަބޫލެއް ނުކުރިއެވެ. ރެޔާން އޭނައާއި ދިމާލަށް ބެލީ އެހާ ތަފާތު ނަޒަރަކުންނެވެ.
އައިޒާން އޮފީހުން ނިކުމެ މަގުމަތީގައި ފޯނެއްގައި ހުއްޓާ އައިޒާންއަށް ފެނުނީ ރެޔާން އެފްރިކާ ނަސްލު ފިރިހެން ކުއްޖަކާއިއެކު ނުކުމެގެން އައިތަނެވެ. ރެޔާން އަރުމާނީ އެކްސްޗޭންޖު އަވިއައިނެއް އަޅައިގެން ހުރުމުން މާ ފޮނިކަމަށް އައިޒާންއަށް ފެނުނެވެ. ދެމީހުން އެކީގައި ވާހަކަ ދައްކަމުން ގޮސް ކާރަށް އަރަމުން ރެޔާން ކޮންމެވެސް އެއްޗެކޭ ބުނުމުން އެފްރިކާ ކުއްޖާ ބާރު ހިނިގަނޑެއް ޖަހާލާފައި އައިޒާން އަށް ބަލާލިމެއެވެ. އައިޒާންއަށް ހީވީ މީހަކު މޫނުމަތީގައި އެތިފަހަރެއްޖެހިހެނެވެ. އޭނައަށް ކޮންމެވެސް މަލާމާތެއްކޮށްފައި ރެޔާން މެން ހެނީކަމަށް ވެދާނެއެވެ.
އައިޒާން އިންތިހާއަށް ކެތްކުރިއެވެ. އަދި އެފަދަ މުއްސަދި ޒުވާނުންނާއި ޗެލެންޖުކުރާނެ މޮޅުކަމެއް އޭނަގެ ނެތެވެ. އޭނަގެ މައިންބަފައިންގެ އެ ފެންވަރު ނެތުމުން އެމީހުންނަކަށް އޭނައަށް ކިޔަވައެއްނުދެވުނެވެ. ވީމަ މިއަދު އޭނަ ޖެހޭނީ މަލާމާތަށް ކެތްކޮށްލައިގެން އެފަދަ މަހުޖަނުންގެ އަޅެއްފަދައިން ހުރުމަށެވެ. ނަމަވެސް މުސްތަގުބަލުގައި ރެޔާންފަދައިން ބޮޑު ކުންފުންޏެއްގެ ވެރިއަކަށް ހުންނަން އައިޒާން ހިތާހިތުން ވަޢުދުވެ އެކަމަށް މަގު ފަހިކޮށްދެއްވުމަށް ދުޢާކުރިއެވެ. އަދި އޭނަވާނީ ރެޔާން އާއި އެއްވަރު ނޫނީ އެއަށްވުރެ މޮޅު ވާދަވެރިޔަކަށެވެ. އެއްވެސް އިންސާނަކީ އަނެކަކާގެ ނަސީބާއި ކުޅެލެވޭނެ މީހެއް ނޫނެވެ.
މިފަދަ ވަގުތެއްގައި ވެސް އައިޒާން ހަނދާންވީ އޭނަގެ މަންމަ ގެ ވާހަކަތަކެވެ. މުއްސަންޖެއްގެ ގޭގައި ނިކަމެތިކަމާއިއެކު ޚިދުމަތްކުރިއިރު އެމީހުން ކަންތައްކުރީ ބަންގާޅީއަކާއިމެދު ވެސް ކަންތައްނުކުރާނެފަދަ އުސޫލަކުންނެވެ. ނުވިތާކަށް އެގޭގެ ވެރިމީހާ މަންމަގެ އުމުރުން އެންމެ ތޭރައަހަރުގައި މަންމަގެ އިއްފަތްތެރިކަން ނަގާލިއެވެ. މުއްސަދިން ދެކެ ހިތުގައި އުފެދިފައިވާ ރުޅިވެރިކަން ދުވަހަކު ހިތުން ފިލައިގެން ދާނެކަމެއް ނޭގެއެވެ. އެކަމުގެ ބަދަލުހިފަން އޭނަ ކިތަންމެހާވެސް ބޭނުމެވެ.

އައިޒާން މަސައްކަތްކުރާ ގަރާޖު ގެކާރީގައި ހުންނަ އޮފިއެލޭގަހުގެ ސަބަބުން ރީތިކޮށް ހިޔާދީފައިވެއެވެ. އެ ގަރާޖަކީ އައިޒާން އަމިއްލަތަނެއްކަމުގައި ބަލަމުން އަންނަތަނެކެވެ. އޭނަ ގެންގުޅޭ ޑަމްބެލް އާއި ޑާޓް ބޯޑު އަދި އަމިއްލަ ބައެއްތަކެތި ގަރާޖުގައި ބަހައްޓާފައިހުރެއެވެ. ލިބޭ ހުސްވަގުތު އޭނަ ޑަމްބެލް އުފުލާ ކުޑަކޮށް ކުޅެލާހަދައެވެ. މިއަދަކީ އައިޒާން ފުދޭވަރަކަށް އަވަދިނެތި މަސައްކަތްކުރި ދުވަހަކަށްވެފައި ހޫނުވާ ދުވަހެއްމެއެވެ. އިރު ގެ ދޯދިތައް ދުނިޔެއަށް ފަތުރަމުން ދާއިރު އެހިސާބުގައިވާ ބިޔަގަހުގެ ގޮފިތަކަށް ވަނީ ހިމޭންކަމެއްވެރިވެފައެވެ. ނަމަވެސް އެ ގަހުގެ ހިޔަލުގެ ސަބަބުން މިގަދަ އަވިން ސަލާމަތްވުމުގައި ކޮންމެވެސް ވަރެއްގެ ކާމިޔާބެއް ހޯދުނެވެ. އައިޒާން އާދައިގެ މަތިން ފިނިކޮށްފައިވާ ކޯކް ފުޅިއެއް ގަނެލައިގެން އައިގޮތަށް ޖައްސާލީ އެތަނުގައި ބަރިއަކަށް ޖަހާފައިވާ ފުރޮޅުތަކެއްގެ މަތީގައެވެ. އޭނަ ލައިގެން ހުރި އަތްކެޑި ޓީޝާޓާއި ސޯޓުގެ ސަބަބުން އެ އަތުގެ ރީތި މުލައްދަޑިވަނީ ހާމަޔަށެވެ. އެ އޮމާން މޫނުގައި ދާތިކިތައްވިދަމުން ދިޔައެވެ. 

މަޑުމަޑުން ދުއްވާލާފައި އައި ބީއެމް ޑަބްލިއު ކާރު އައިޒާންގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އެކާރު އައިގޮތަށް އައިޒާން އާއި ދާދިކާރިއަށް ހުއްޓާލުމުން އައިޒާން ތެދުވެގެން އައިއިރު އޭނަގެ ހިތް ތެޅެމުން ދިޔައީ އަޖައބެއްހާ ހަލުވިކޮށެވެ. އެހެންނުވާނީ ކީއްވެހެއްޔެވެ؟ ކާރުތެރޭގައި ތިބީ އޭނަގެ ވެރިމީހާ ރެޔާން އާއި މައިރާއެވެ. މައިރާއަކީ ރެޔާންގެ ލޯބިވެރިޔާއެވެ. މިއީ އައިޒާންއަށް ލިބުނު ޝޮކެކެވެ. ސިކުނޑިވެސް ހިނދުކޮޅަކަށް މަސައްކަތްކުރުން ހުއްޓާލިކަމުގެ އިހުސާސްކުރެވުނެވެ.
" ހައި.." ރެޔާން ކާރުން ފޭބިއެވެ. އައިޒާން ވެސް މަސައްކަތްކުރަމުން ދިޔައީ ދެވަނަފަހަރަށް މައިރާގެ މޫނަށް ނުބެލުމަށެވެ. މައިރާވެސް އިނީ ދެ ލޯ ބޮޑުކޮށްލިގޮތަށް ގަނޑުވެފައިވާ ބުދެއް ފަދައިން ހަރަކާތެއްނެތިފައެވެ. ސިކުންތުކޮޅަކަށް ނަމަވެސް އައިޒާން އާއި ހަތަރުކަޅިހަމަވުމުން ލިބުނު ސިހުމުގައެވެ. މިފަދަ އިއްތިފާގަކުން އޭނަގެ ހަގީގަތް ފަޅާއަރާފާނެ ކަމަށް އޭނަ ހީކޮށްފައެއްނެތެވެ.
"މިއުޅެނީ ކާރުގަ މައްސަލައެއްޖެހިގެން..." ރެޔާން ހުރީ ރަސްމީކޮށް ޓައީ އަޅާލައިގެންނެވެ. ހީވާގޮތުން އޭނައެއައީ އޮފީހުގައި ހުރެފައެވެ. އަދިވެސް ސެންޓުގެ ލުއިވަހުން މަރުވެފައިވާ ހިތްތަކަށް ދިރުން ގެނެސްދޭނެއެވެ.
"ކިހިނެއްވީތޯ؟"އައިޒާން ގަދަކަމުން ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިކުރުވި އެވެ.
"ކާރުގެ އިންޖީނުން އިތުރު އަޑެއް އިވޭ... އަނެއްކާ ވައިބްރޭޝަންއެއް ވެސް މިހިރީ..." ރެޔާން ޖިންސްގެ ޖީބަށް އެއް އަތްޖަހާލައިގެން ކާރުގެ ބޮނެޓްގައި އަތްބާއްވާލައިގެން ހުރިއިރު މޮޑެލްއެއްގެ އިޝްތިހާރެއްފަދައެވެ. ރެޔާން އެންމެ ރީތި ފިރިހެނުންގެ ސަފުގައި ގުނާލެވޭނެކަން ޔަގީންވެ އައިޒާންގެ މެޔަށް ނޭގޭ އުނދަގޫތަކެއްވިއެވެ. މަގުން ދިޔަހާ ބަޔަކު ރެޔާންއަށް ބަލަމުން ދިޔައީ ރުހުމުގެ ލޮލަކުންނެވެ. ރެޔާން ހުރީ ނޭގޭކަމަށް ހަދާލައިގެންނެވެ. ސީރިޔަސްވެގެން ހުރިއިރު އައިޒާންއާއި ހީލަން ވެސް ބޭނުމެއްނުވިއެވެ. ބޮޑާމީހެކެވެ. އައިޒާން ހިތާހިތުން ކިޔާލައިފިއެވެ.
"ކާބްރޭޓަރަށް މައްސަލައެއްޖެހުނީ... ބަދަލުކުރެވިދާނެ އެންމެ ދުވަހަކުން ވެސް..." އައިޒާން ހިންދިރުވާލި އެވެ. މޮޅު މެކޭނިކަކު ކާރުގެ އަޑުންވެސް އެއަށް ދިމާވެފައިވާ މައްސަލަދެނެގަންނާނެއެވެ.
"އެންމެ ރަގަޅު... ހަވީރު ފޮނުވާނަން ކާރު..." ރެޔާން ކާރަށް އަރާ ދުއްވާލުމުން އައިޒާންއަށް ހުރެވުނީ ހިތާމަވެރި ނަޒަރަކުން ބަލަހައްޓައިގެންނެވެ. ހަޔާތުގައި ލިބުނު ހަމައެކަނި އުފާކޮޅު ގެއްލިގެން ދިޔަކަމުގެ އިހުސާސްކުރެވުނެވެ. އައިޒާން ހަނދާންވީ އޭނަ ދެކެމުން އައި ހުވަފެންތައް މަތިންނެވެ. އަމިއްލަ ނަފުސަށް މަލާމާތްކުރެވުނެވެ. މާ އަވަހަށް ޚިޔާލީ ފޮލާ ކައްކަން ފެށުނީއެވެ. ރެޔާންއަކީ ދުނިޔޭގެ ފެންވަރުގެ ކުންފުންޏެއްގެ ވެރިއެކެވެ. އޭނަފަދަ މެކޭނިކަކަށް ރަސްދަރިކަލެއްގެ ފެންވަރުގެ ޒުވާން މިލިއަނަރަކާއި ވާދަކުރެވޭނެހެއްޔެވެ؟ ނުވާނެއެވެ. ރެޔާން ލިބެންހުއްޓާ އަންހެންކުއްޖަކު އޭނައާއި ދިމާލަށް ބަލާލުމަކީވެސް ވާނެ ކަމެއް ނޫންކަމަށް އައިޒާން ނިންމިއެވެ. އައިޒާން ގެ ލޯކަރުނުން ތެމުނެވެ.

މައިރާ އިނީ މޮބައިލާއި ކުޅެލަކުޅެލައެވެ. މައިރާގެ މޫނު ރަތްއަނގުރު އަލިފާންގަޑެއްހެން ހީވާއިރު އިސްއުފުލާލަން ވެސް ނުކެރުނެވެ. އޭނަގެ އަޅި ދެލޮލުގައި ފޮރުވިފައިވާ ސިއްރު ރެޔާން އެންމެ ނަޒަރަކުން ދެނެގަންނާނެކަން މައިރާއަށް ޔަގީނެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އޭނަ ކިތަންމެ ވަރަކަށް އައިޒާން އާއި ދުރުވާން އުޅުނަސް ކޮންމެވެސް ސިފައެއްގައި އޭނަގެ ހަޔާތަށް އައިޒާން އެބައާދެއެވެ. ދަގަތްފާނަށް ދަގަނޑުދަމާހެން ދަމައެވެ. ކުރާނީ ކީއްހެއްޔެވެ؟ މިއީ ތަގުދީރުގެ އިއްތިފާގެކެވެ.

"ކޮންކަމަކާ ހާސްވެފައިތަ..." ރެޔާން މައިރާގެ ގަނޑުފެންކޮޅެއްފަދަ އަތުގައި ހިފާލަމުން އަހާލިއިރު އޭނައިނީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ. ސީރިޔަސްވާގޮތްވެފައެވެ. މިފަހަރުވެސް މައިރާ އޭނައަށް އޮޅުވާލީއެވެ. ހަގީގަތް ފޮރުވީއެވެ. އައިޒާން އާއި މައިރާގެ މޫނަށް އެވަގުތު ވެރިވި ކުލަވަރު ފެނުމާއިއެކު މައިރާގެ އެކުވެރި އައިޒާންއަކީ މިއީކަމަށް ރެޔާން ޔަގީންކުރިއެވެ.
މައިރާ ރަކިނުވާކަމަށް ހެދެމުން އެ ލޯބި ކުފިދަތްތައް ފެންނަވަރަށް ހީލާފައި ބުނީ ކާރު ގޮވާފާނެތީ ކަމަށެވެ. ރެޔާން ބުނީ ދެމީހުން އެކީގައި މަރުވުމަކީވެސް ލިބޭނެ އުފަލެއްކަމުގައެވެ. ނަމަވެސް ރެޔާން ސަމާސާވާހަކަތަކެއް ދައްކަމުން ދިޔައިރުވެސް އޭނަގެ ހިތުގައި އައިޒާން ވެއެވެ. އައިޒާންއަކީ ހިތަށް ހެރެމުންދާ ކައްޓެއްގެ ގޮތުގައި އޭނައަށް ސިފަކުރެވުނެވެ. ސަބަބަކީ އޭނައާއި މައިރާގެ އުފާތަކަށް ހުރަހަކަށްވާ އެކަނި ފަރާތަކަށް އައިޒާން ވެފައިވާތީއެވެ. އޭނަ އާއި މައިރާގެ ދޭތެރޭގައި ކުދި މައްސަލައެއްޖެހި ޝައްކުތަކެއް އުފެއްދިމީހަކީ ވެސް އެއީއެވެ.

ޝަމާއިލް ،ޑޮކްޓަ އައިމަން އަތުން ތަޅުދަނޑި ފަތި ހޯދައިގެންގޮސް މަންމަގެ ކޮޓަރި ހުޅުވާލީ ވަރަށް ނުތަނަވަސްވެފައިހުރެއެވެ. މައިރާ އޭނަގެ ދޮންބެގެ ފަހަތުން ކޮޓަރިއަށް ވަނެވެ. އެތައް ޒަމާނެއްވަންދެން ނުހުޅުވާ ހުރި ތަނަކާއި ބަލާފައި ހިރަފުހުގެ އަސަރުވަރަށް ކުޑައެވެ. އޭސީގެ ސަބަބުންކަން ނޭގެއެވެ. އެކޮޓަރި ތަނަވަސްކަމާއި ބޮޑުކަން އަދި ޝާހީ ކަމުން ހީވަނީ ގަނޑުވަރެއްގެ ޕްރިންސެސްއެއް އުޅުއްވާތަނަކަށް ވަދެވުނުހެންނެވެ. ފައި ގަނބައިގެންދާފަދަ ބޯ ދޫލައެކެވެ. ފަރުނީޗަރުތައްވެސް އާސާރީވެފައި ޝާހީގޮތެއް ހުއްޓެވެ. އެނދުގައިވާ ބެޑްސީޓާއި ބާލީސްތައް އަދި ދޮރުގައި ވިހުރެމުންދިޔަ ފޮތިތައްވަނީ ދަނބުކުލައިގައެވެ. ރީތިވާމޭޒުމަތީގައި ސެންޓް ފުޅިތަކާއި ރީތިވާންގެންގުޅޭ ސާމާނު ތަރުތީބުން ބެހެއްޓިފައިވެއެވެ. އަލަމާރިތައް ހުޅުވަމުން ދިޔަވަރަކަށް މަންމަ އުޅުނު އިއްޒަތާއި ގަދަރު އަދި ސްޓައިލިޝްކަން ހާމަވަމުން ދިޔައެވެ. ހަރުގައި އަދަދު ނުކުރެވޭފަދަ ހެދުންތައް އަޅުވާފައިވާއިރުކުލަކުލައިގެ ފައިވާންތައް ވެސް އަތުރާލާފައި ހުއްޓެވެ.
މައިރާ އެންމެ ހައިރާންވީ ގަހަނާ ބައިފެނުމުންނެވެ. ޔާގޫތު ،ރަންމުތް، ނީލަމް، އަލިމަސް، ރަންމުތް ،ޖަވާހިރު ފަދަ އަގުބޮޑު އެއްޗެހިން ވާ ގަހަނާތަކުގެ އަގު މިލިއަނުން އަރާނެއެވެ.
"ވާއު.. އަހަރެން މިއުޅެނީ ކިހާ އާދައިގެ ގޮތަކަށް... އެކަމަކު މަންމަ އުޅުނީ ހަމަ ރަގަޅަށްވެސް ރާނީއެއްހާ އިއްޒަތުގައި...." މައިރާއަށް ބުނެވުނެވެ.

ކޮމެންޓް 0