އެވަގުތު އެންމެންގެ ސަމާލުކަން ހުއްޓުނީ މައިރާ މާބާރަކަށް ނިކުމެގެން އައުމުން އޭނަ އަށެވެ. މައިރާގެ ކޮނޑުމަތީ ގައި ޢަދަން ނިދިފައި އޮތެވެ. އެމަޑު ކޯތާފަތް މައިރާގެ ކޮނޑުގައި ޖެހިފައިވާއިރު މޮޑެވިފައި އޮތްލެއް ރީތިކަމުން ހައިރާންވާހާ ވެއެވެ. މަންމަ އާއި ދަރިފުޅު ރީތިކަމުން ރެޔާން އަށް ބެލުނު ގޮތަށް ދުރުބަލައެއްވެސް ނުލެވުނެވެ. އެ ދެމައިން ގެނެސް އަތުތެރެއަށް ލާން ހިތް އެދުނެވެ. ރާދާވެސް މައިރާގެ ފަހަތުން އަންނަމުން ދަރިފުޅާއޭ މަޑުކުރާށޭ ބުނުމުންވެސް މައިރާގެ ފިޔަވަޅުތައް ނުހުއްޓުނެވެ. ޝަމާއިލްވެސް ތެދުވެގެން ދާން ހިނގައި ގަތީ ކޮންމެވެސް ކަމެއް މައިރާއަށް ވީކަން ޔަގީން ވީމައެވެ.

ރެޔާންގެ ހިތުގައި ރިއްސާލުމުން ބޭއިޚުތިޔާރުގައި މޭގައި ފިރުމާލެވުނެވެ. މައިރާ މިގެއިން އަބަދުގެ އަބަދަށްޓަކައި ދަނީބާވައެވެ. 

"މޭއި ވަރަށް ބޯހަރުވެގެން އުޅޭ ދުވަސްކޮޅެއްހެން ހީވޭ..." އައިމަން ގޮތްހުސްވެފައިވާ ރާގަކަށް ބުނުއްވިއެވެ. އައިމަންއަށް ކުރެވުނު ކުށަކީ އެ ކޮޓަރީގައި ދެކެވުނު ވާހަކަތައް މެސެޖަކުން ރާދާއަށް އެންގުނު ކަމެވެ. އެމީހުން ހަމަޖައްސާފައިވާ ކައިވެނީގެ ތެރޭގައި ރެޔާން އާއި މައިރާގެ ކައިވެނިވެސް ހިމެނޭ ކަމަށް ބުނެވުނު ކަމެވެ.

މައިރާ ގޭގެ ގޭޓުން ވަދެގެން އައިރު އެ ލޮލުގައި ތެތްކަމެއްވިއެވެ. ކިތަންމެ ކެތްކުރިނަމަވެސް ލެވެންޑާކޮޓެޖަށް ވަދާޢުގެ ސަލާމްކުރުމަށް އޭނަގެ ހިތެއް ނޭދުނެވެ. ދެރައީ ކިތަންމެވަރަކަށް އެނުކިޔަމަންތެރި ހިތަށް ވިސްނައިދިނަސް އެހިތް ބަސްނާހާކަމެވެ. ރެޔާން ނޫން މީހަކަށް އެ ހިތުން ކުޑަނަމަވެސް މަގާމެއް ދޭކަށް ހިތް އެއްބަހެއް ނުވިއެވެ. އައިޒާން ފަދަ މާތް ޒުވާނަކަށް ވެސް އޭނަގެ ހިތް އަނބުރައެއް ނުލެވުނެވެ. ރެޔާން ގަދަކަމުން އޭނަގެ ޢިއްފަތްތެރިކަން ނަގާލި ނަމަވެސް ހިތަށް ފަރުވާލެއް ނެތެވެ. އެ ލޯތްބަށް ކުޑަނަމަވެސް އުނިކަމެއް ނައެވެ. ތެދުވެރި ލޯތްބަކީ މިއީބާވައެވެ. ގޭގެ ފަތްތަރުމަތިން އަރަނިކޮށް ސުލްތާނާ ދޮރުމައްޗަށް އެރިއެވެ. ސުލްތާނާއަށް މައިރާ ފެނުމުން އުފަލާއެކު ގޮވާލަން އުޅެފައިވެސް މައިރާގެ ފަހަތުން އައި ރާދާ އާއި ހަތަރުކަޅި ހަމަވުމާއިއެކު ސުލްތާނާގެ މޫނުގެ ކުލަބަދަލުވެގެން ދިޔައެވެ. ސުލްތާނާ ފުންމައިގެން އައިގޮތަށް އެ ބަލިކަށި ދެއަތުގައި ހުރި ބާރެއްލާފައި ރާދާ ކޮށްޕާލުމުން ރާދާއަކަށް ހަށިގަނޑު ބެލެންސެއް ނުކުރެވި ވެއްޓުނީއެވެ. އޭނަ ހުރީ އެފަދަ ހަމަލާއަކަށް ތައްޔާރު ވެގެނެއްނޫނެވެ.

"މަންމާ..." މައިރާއަށް ކިޔައިލެވުނެވެ. އެވަގުތު ދިހަވަރަކަށް ފޫޓު ދުރުގައި ހުރި ޝަމާއިލްއަށް އެ މަންޒަރު ފެނުމުން ވިދުވަރެއްހާ ހަލުވިކޮށް އައިގޮތަށް އޭނަގެ މަންމަ ބިންމަތިން ނެގިއެވެ. ރާދާގެ އަތަށް ތަދުވިނަމަވެސް އޭނަ ހުރީ ކެތްތެރި ވެލައިގެންނެވެ.

"ދުވަހަކުވެސް އަހަރެންގެ މިގެ ކަލެއަކަށް މަރުޙަބާ ނުކިޔާނެ. ހަމަ މިވަގުތު މިގެއިން ނިކުމެގެން ދާންއުޅޭ ސިހުރުވެރިޔާ. އަހަރެންގެ ކުޑަ ދަރިފުޅު ކާލާފައި ހިތެއް ނުފުރުނުތަ މިހިރަ ނުބައި މީހާ. އެއޮތް ރަގަޅު ބަސްއަހާ ކުއްޖާ ދުނިޔެއިން ނައްތާލި މީހަކީ ތިއީ. ހީވޭތަ ދުވަހަކު އަހަރެން މާފުދޭނެހެނެއް. ގިޔާމަތްދުވަހު މާތްﷲ ގެ ހަޟުރަތުގައިވެސް ދަޢުވާ ކުރާނަން...." ސުލްތާނާ ވާހަކަދެއްކިއިރު ރުޅީގެ ސަބަބުން އޭނަގެ އަޑު ތުރުތުރު އެޅިއެވެ. ސުލްތާނާ ރާދާ ދެކެ ނަފްރަތު ކުރާ ވަރުން ރާދާގެ ސޫރަ ފެނުމުން ސުލްތާނާގެ ހަމަހޭވެރިކަން ގެއްލިގެން ހިނގައި ދާކަހަލައެވެ. ސުލްތާނާ ފެންޑާގެ ބިއްލޫރި މޭޒުމަތީގައި ބަހައްޓާފައި އިން ރިހިކުލައިގެ ވާސްއެއްވެސް ރާދާ އާއި ދިމާލަށް ހޫރުވާލައިފިއެވެ. ޝަމާއިލް ވަރަށް ހުޝިޔާރު ކަމާއި އެކީ ގައި އެ ވާސްގައި ހިފީ ގޯލްކީޕަރެއް ހެންނެވެ. މައިރާ ހުރީ ބިރުން އަނގަމަތީގައި އަތްއަޅައިލައިގެން ރޮވިފައެވެ. އޭނަގެ ތުންފަތް ތުރުތުރު އަޅަމުން ދިޔައެވެ. އޭނަގެ ލޯބިވާ ދޮންބެ ހުރިކަންވެސް ނަސީބެކެވެ. އެހެންނޫންނަމަ މާމަ މަންމައަށް ކުރާނެ އަނިޔާއެއް އެނގެނީކީ ނޫނެވެ. މައިރާ ޙައިރާންވީ އޭނަގެ މަންމަގެ ކެތްތެރި ކަމާއި މެދުގައެވެ.

ސުލްތާނާގެ ލޮލުގެ ކުރިމަތިން ފެނިލައިގެން ދިޔައީ އައުޒަމް ގެ ރީތި ސޫރައެވެ. އެދިގު އިސްކޮޅެވެ. އަމިއްލަ ނަފުސަށް އިތުބާރު ކުރާފަދަ ގޮތެއް އެ މޫނުގައި ހުރެއެވެ. ރީތިކަމާއި އެއްވަރަށް ލާނެތް ޒުވާނެއްމެއެވެ. އައުޒަމް މިގެއިން ދިޔައީ ގޭގެ ރޫޙު ހިފައިގެންނެވެ. އެފަހުން މިގެއަށް ހަމަޖެހުމެއް ލިބުނުކަމަކަށް ސުލްތާނާ ގަބޫލެއް ނުކުރެއެވެ. ރާދާގެ ސުންޕާކަމުން މިގޭގެ ހުރިހާ އުފަލަކާއި ދިރުމެއް ވެއްޔާއި މޮޑެލައިފިއެވެ. ރާދާގެ ފައި ޖެހުނު ތަނެއްވެސް ސުންޕާ ވާނެ އެވެ. ސުލްތާނާ ދުނިޔޭގައި ހުރެގެން ދެވަނަ ފަހަރަށް އެގޭގެ ދޮރުން އެތެރެއަށް ރާދާއަށް އެންމެ ފިޔަވަޅެއްވެސް އެޅުނަކަ ނުދޭނެ އެވެ. ސުލްތާނާ ކިތަންމެ އެއްޗެއް ރާދާ އާއި ދިމާލަށް ކިއެވެ. މަލާމާތް ކުރިއެވެ. ރާދާ ބިއްލޫރި ސްތެޗޫއެއް ހެން ގުޑިނުލާ ސުލްތާނާ ކީހުރިހާ އެއްޗެއް އަޑުއަހަން ހުރެފައި ދާން އެނބުރިލަމުން ލޮލުގައިވާ ކަރުނަ ފޮހެލިއެވެ. އިސްއޮބާލައިގެން ހުރެ މަޑުމަޑުން ހިނގަމުންގޮސް ގޭޓުން ނިކުންނަންދެން މައިރާއަށް ކަޅިޖަހައިނުލައި ބަލަހައްޓައިގެން ހުރެވުނެވެ.

ރާދާއަށް އެންމެ އަސަރު ކުރީ އޭނަގެ ދެބެންގެ ކުރިމަތީގައި އޭނަގެ ޤަދަރު ކުޑަކޮށްލި ވަރުންނެވެ. އެވަގުތު ރާދާ ގެ ހަދާނަށް އައީ އޭނަގެ މާޒީއެވެ. ފިރިމީހާއަށް ފޮރުވައިގެން އުޅޭ ނުރައްކާތެރި ސިއްރެވެ.

ޝަމާއިލްވެސް ހުރި ފެންކަޅިވެފައެވެ. ނަމަވެސް އޭނަ މާމަ އާއި ދިމާލަށް އެއްޗެކޭ ބުނުމެއްނެތި ދުވެފައި ސިޑިން އަރައިގެން ދިޔައިރު ޝަމާއިލް ހުރީ އޭނަ ދެކެ ހިތްހަމަނުޖެހިފައިކަން ސުލްތާނާއަށް އެނގުނެވެ. ކޮންމެ ގޮތެއްވިޔަސް މަންމަ ވާނީ މަންމަ ކަމަށް އައިމަން ވަނީ އެކުދިންނަށް ބުނެދީފައެވެ. އެބައި ސުލްތާނާ ބައެއް ފަހަރު ހަދާން ނެތެނީ އެވެ. އައުޒަމް އާއި މެދު ކަންތައް ހިނގިގޮތުންނެވެ.

މައިރާ އޭނަގެ މަންމަ އުޅުނު ކޮޓަރިއަށް ވަދެ ދޮރު ތަންޑު އަޅުވާލާފައި ފުރަތަމަ އުޅުނީ ޢަދަން ނިންދެވުމަށެވެ. ބައިގަޑިއެއްހާއިރުފަހުން ޢަދަން ނިދާލިއިރު ހީވަނީ ބުދެއްހެންނެވެ. ބަންޑުން އޮތްއިރު އެއްފަރާތުން ފެންނަން ހުރި ކޯތާފަތުގައި މައިރާ އެތައްފަހަރު ބޮސްދިނެވެ. ޢަދަން އެއްމިޔަކަނުން ހީލިއެވެ. ހީވަނީ ރީތި ހުވަފެނެއްގައި އޮތްހެނެވެ.

"މަންމީގެ ލޯބިއަށް ކޯޗެއް ފެންނަނީތަ ދޫނި؟ އެންޖެލްސް އިންތަ؟ ބުނެބަލަ މަންމަ ފުރާނަޔާ. މަންމީގެ ކުޑަ އެންޖެލް..ހާދަހާ ލޯބިވެޔޭ ...." މައިރާ ޢަދަން ގެ މޫނުގައި ބޮސްދިނުމަށްފަހު ވިހުރެމުންދިޔަ ފަން އިސްތަށިގަނޑުގައި ފިރުމާލީ އެހާ ލޯބިންނެވެ. ދަރިފުޅުގެ މޫނަށް ބަލަން އެތާ އިރުކޮޅަކު އޮށޯވެލައިގެން އޮތުމަށްފަހު މައިރާ ގޮސް ހާވަން ފެށީ އަލަމާރިއެވެ. މިއަދު އޭނަ މަންމަގެ ކޮޓަރިއަށް މިއައީ އަނެއްކާވެސް މަންމަގެ ފޮރުވިފައިވާ ސިއްރެއް ދެނެގަތުމަށެވެ. މަންމަ އޭނަ ގާތުގައި ނުބުނާ ވާހަކަތަކެއް ހުރި ކަމުގައި މައިރާއަށް ހީކުރެވެނީއެވެ. މަންމަ އާއި ބައްޕަގެ ޒުވާން ދުވަސްވަރުގެ ލޯބި، ހީކުރާ ވަރަށް ވުރެ ކަންތައް ފަލަވެފައި އޮވެދާނެހެން ހީވަނީއެވެ. އައުޒަމް އާއި ރާދާ އަޅުވާ ކިޔަންޖެހޭ ސަބަބެއް އެނގެން އޭނަ ބޭނުމެވެ.

މައިރާ އަލަމާރީގެ ވަތްގަނޑުތައް ދަމަދަމާފައި އުޅުނުއިރުވެސް އިރުއިރުކޮޅާ އޭނަގެ ނަޒަރު ޢަދަންގެ މައްޗަށް ހުއްޓުނެވެ. ޢަދަން ނޭވާލައިތޯ ބަލައިލެވުނު އަދަދެއްވެސް ނޭނގެއެވެ. އަދި ދޭތެރެއަކުން އެ ތުއްތު މޫނުން ދޮނެއް ނެގެއެވެ. ޢަދަންގެ ސަބަބުން މައިރާގެ ހިތަށް ލިބޭ ފިނިކަމާއި ހަމަޖެހުން ސިފަ ކުރާނެ ގޮތެއްވެސް އޭނައަކަށް ނޭގެއެވެ. މައިރާ އެތައް ވަރަކަށް ކޮޓަރި ފާސްކުރަން އުޅެފައި އަލަމާރި ތެރޭގައި ހުރި ރަންގުޅި ނެގިއެވެ. އޭގައި ހިފާހަލުވާލިއިރު ލުއިކަމުން އެތެރޭގައި އެއްޗެއް ހުރިހެނެއް ހިޔެއްނުވެއެވެ. މައިރާ އޭގެ މަތިގަނޑު ނެއްޓޭތޯ އުޅުނެވެ. އެންމެފަހުން ކަތުރެއްލައްވާ ގޮތްގޮތަށް ހަދަނިކޮށް މަތިގަނޑު އަތަށް އައުމުން މައިރާ އެތެރެއަށް ބަލައިލީ ޝައުގުވެރި ކަމާއި އެކުގައެވެ. މައިރާގެ ލޯ ބޮޑުވެގެން ދިޔައެވެ. އޭގެތެރޭގައި ހުރީ ސިޓީތަކެކެވެ. މަޑު ނޫކުލައިގެ ގަނޑުތަކެއްގައި ރީތި އަތުލިޔުމަކުން އިނގިރޭސިން ލިޔެފައިވާ ލޯބީގެ ސިޓީތަކެކެވެ.

މައިރާ އެއްސިޓީ ނަގައިގެން ކިޔަން ފެށުމާއިއެކު އޭނަގެ ދެލޯ ފުރިގެން އައެވެ. މޭގައި އަތްއަޅާލެވުނެވެ. ހީވީ ހިތަށް އެތައްހާސް ކަށިތަކެއް ހަރާލެވުނުހެންނެވެ. ލިބުނު ޝޮކަކުން އަނބުރައިގެންފާނެހެން ހީވި ވަގުތު ކޮޅެއްވެސް އައެވެ. މުޅި ދުނިޔެ އެނބުރި ފައިދަށުން ބިންގަނޑު ދެމިގަތެވެ. ނަމަވެސް މައިރާ ކަރުނުން ފުރިފައިވާ ލޮލަކާއި އެކީގައި ސިޓީ ކުރިޔަށް ގެންދިޔައެވެ. މައިރާގެ ދުނިޔެ ފުނޑު ފުނޑުވެއްޖެއެވެ. މައިރާ ސިޓީތައް ހުރިގޮތަށް ގުޅިއަށްލާފައި ބަންދުކުރުމަށްފަހު އެނދުގައި އޮށޯވެ ޢަދަންގެ ގައިގާ ބައްދާލުމާއިއެކު ބާރުބާރަށް ރޮއި ގަނެވިއްޖެއެވެ. އޭނައަށް އެއްގޮތަކަށްވެސް ކަރުނަތައް ނުހުއްޓުވުނެވެ. ރޮވެމުންގޮސް ވަރުބަލިވެގެން ގިސްލެވެންފެށިއެވެ. ޢަދަންއަށް ވެސް އޭނަގެ މަންމައަށް ވެގެން އުޅޭގޮތް ފަހުމް ކުރެވުނީ ކަންނޭނގެ އެވެ. ހިތުގައި ޖެހިފައިވާގޮތަކަށް މަޑުމަޑުން ރޯންފެށިއެވެ.

"ނޫން. މަންމަ ދޫނި ނުރޮއި...ނޫން." މައިރާ ޢަދަން މޭގައި ޖައްސާ ބޮނޑިކޮށްލަމުން އެތުއްތު މޫނުގައި ހިފެހެއްޓުމެއްނެތި ބޮސްދިނެވެ. މައިރާގެ ލޯބިން ޢަދަން ފެންވަރުވާލިއެވެ. 

ޝަމާއިލް މައިރާއަށް މާލަސްވާތީ ވީ ނުވީއެއްނޭގި ކަންބޮޑުވެގެން ދޮރުގައި ތަޅަން ފެށުމުން މައިރާ މޫނު ދޮވެލައިގެންގޮސް ދޮރު ހުޅުވާލައިއެވެ. މައިރާގެ ދުޅަވެފައިވާ ދެލޯ ފެނުމާއިއެކު މައިރާ ދޮރު ތަޅުލައިގެން ހުރެ ރުއީކަން ޝަމާއިލް ދެނެގަތެވެ. މައިރާ ދެރަ ވަނީ މާމަ އެކުދިންގެ މަންމަ މިގެއަށް އައުން މަނާކޮށްފައި ވާތީ ބާވައެވެ. ނޫނީ އަދިވެސް ރެޔާންގެ ހަދާންތައް ހިތުން ފިލުވާނުލެވެނީ ބާވައެވެ. ޝަމާއިލް ޢަދަން އަތުތެރެއަށް ލިއެވެ. ނަމަވެސް އޭނަ މިފަހަރު މައިރާ އާއި ސުވާލެއް ނުކުރެއެވެ. ސުވާލު ކޮށްފިއްޔާ މައިރާ އަނެއްކާ ރޯން ފަށާފާނެކަން ޝަމާއިލްއަށް ވިސްނުނެވެ. ދެރަވެފައި ހުންނަ ވަގުތެއްގައި ހަމްދަރުދީގެ އެންމެ ލަފުޒެއް ލިބުނަސް ފަޅަފަޅައިގެންދާނެއެވެ.

މައިރާ ބޮޑުކޮޓަރިއަށް ނިކުތްއިރު އައިމަން ސޯފާގައި އިންނެވިއެވެ. އަތުގައި އޮތީ ދުވަހުގެ ނޫހެވެ. މައިރާއަށް އައިމަންއަށް ބަލަހައްޓައިގެން ހުރެވުނީ ތަފާތު ނަޒަރަކުންނެވެ. މުޅިން އާ މީހެއް ފެނުމުން ބަލަހައްޓައިގެން ހުންނަ ފަދަ ގޮތަކަށް އިރުކޮޅެއްވާންދެން ބަލަން ހުރުމަށްފަހު މައިރާގޮސް އައިމަން ގާތުގައި އިށީނދެ އައިމަންގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އޭރު މައިރާގެ ލޮލުގައި ކުޑަކޮށް ކަރުނައިގެ އަސަރުވެއެވެ.

"ކިހިނެއްވީތަ ދަރިފުޅާ..." އައިމަން އަށް މައިރާ ދެރަވެފައި އިންވަރު އެނގިލެއްވުމުން ދެރަވިއެވެ.

"ބައްޕާ އަޅުގަނޑު މިހިރީ ބައްޕަ ބުނުއްވި ކޮންމެ މީހަކާއި މެރީ ކުރަން...." މައިރާގެ އެ ޖުމްލައިން އައިމަން ގެ ޙައިރާންކަން އިތުރުވިއެވެ. މިހާ ފަސޭހައިން މައިރާ ރެޔާން އާއި ކާވެނިކުރަން އެއްބަސް ވެދާނެ ކަމަކަށް އައިމަން ހީކުރައްވާފައެއްނެތެވެ. ރާދާ އެވާހަކަ ދެއްކުމުން އައި ރުޅީގައި މައިރާ ވަނީ ލެވެންޑާކޮޓެޖް ދޫކޮށްލާފައެވެ. އެއްފަހަރު ލިބުނު ހިތި ތަޖުރިބާއަށް ފަހު އެއްވެސް ކަމަކަށް ދަރިފުޅަށް މަޖުބޫރުނުކުރަން އައިމަން ވަނީ ނިންމަވާފައެވެ.

"ނޫން. އެމީހަކާއިއެކު ދިރިއުޅުން ވޭތުކުރާނީ ބައްޕައެއްނޫން. ދަރިފުޅު. އެހެންވެ މިހާރު ބައްޕަ ނިންމާފައި ވަނީ މޭއި ބޭނުންގޮތަކަށް މޭއިގެ ދިރިއުޅުމުގެ ހުރިހާ ޑިޒިޝަނެއް ނަގަން. ހެޔޮ ކޮންމެ މީހަކާއި ދަރިފުޅު އިނަސް ބައްޕަ ގަބޫލުވާނަން. ކޮންކަމަކާއި މޭއި ފިކުރު ބޮޑު ވަނީ.." އައިމަން މައިރާގެ ބޮލުގައި ފިރުމާލެއްވިއެވެ.

"ނަތިން....." މައިރާ ނިޔަފަތި ހަފާލަމުން މާދުރަށް ބަލަހައްޓައިގެން އިދެ ބުންޏެވެ. އައިމަން އަށް ވިސްނިލެއްވީ އަވަހަށް ޑޮކްޓަރު މީޝަލް އާއި އެޕޮއިންޓްމެންޓް ނަހައްދައިފިއްޔާ މައިރާ ގެ ބަލި އިތުރަށް ގޯސްވެދާނެކަމެވެ. އެކަމަކު މީޝަލް އަދިވެސް ވީ ސްވިޒަލޭންޑުގައެވެ. އޭނައަށް އާދެވެން އުޅެނީ ދުވަސްކޮޅެއް ފަހުންނެވެ. ރަހީލާ ވެސް އޮސްޓްރޭލިއާގައި ހުރުމުން ދެން އިތުބާރުކުރެވޭނެ އެހެން ފަރާތެއް އައިމަންއަކަށް ފެނިއެއް ނުލެއްވިއެވެ. އޭނަގެ ދަރިފުޅު ކޮންމެ ކޮންމެ މީހަކާއި ޙަވާލެއް ނުކުރެވޭނެ އެވެ.

މައިރާ އައިޒާންއަށް މެސެޖެއްކޮށްލިއެވެ. އޭނަ ރެޔާން އާއި ކައިވެނިކުރަން އެއްބަސްވެއްޖެ ކަމަށާއި އެކަމުގައި ވަރަށް ބޮޑު ސިއްރެއް ވާކަމުގައެވެ. އައިޒާން ހާ މާތް ޒުވާނަކު އޭނަގެ މުޅި އުމުރުގައިވެސް ނުދެކޭކަމަށާއި ނަމަވެސް އޭނައަށް މިހާރު އެންމެ މަސްލަހަތު ހުރިގޮތަކީ މިއީކަމަށް މައިރާ ލިޔުނެވެ. މައިރާއަށް ނޭނގުނީ އެ މެސެޖުން އައިޒާންއަށް ކުރި އަސަރުތަކެވެ. އެލޮލުން އޮހުނު ކަރުނަތަކެވެ. އޭނަ ކެތްކުރަން ކުރަމުންދާ މަސައްކަތްތަކެވެ. އައިޒާންގެ ހިތުގައި ވާ ޒަޚަމްތަކަށް އިތުރަށް ލޮނު މިރުސް އެޅުނީ ކަމެވެ. މައިރާއަށް އައިޒާން އޭނަދެކެ ލޯބިވާވަރު އެހާބޮޑަށް ރޭކާނުލީއެވެ. އައިޒާންއަށް ވެސް ގެއްލުނު އެއްޗެއްގެ އަގުބޮޑުކަމާއި މުހިއްމުވަރު ވިސްނުނީ އަތުން ބީވެދިޔަފަހުންނެވެ. އެހެންނޫނަސް އޭނައަށް ހަތަރު ފަރާތުން މަޖުބޫރުވެސް ވީއެވެ. ނަސީބު ދެރައީއެވެ.

ޒިޔާމާ ގިނަވަގުތު ހޭދަކުރަނީ އައިޒާން ގާތުގައެވެ. އައިޒާންގެ ވާހަކަތައް އަޑުއެހުމުން ހިތަށް ފިނިކަމެއްލިބެއެވެ. އަދި ޒިޔާމާ ކޯމާގައި އޮތްވާ އީޝަލް އެންމެ ފަހަށް ކިޔާދިން ވާހަކަ "ދަ ލާސްޓް ސޯންގް" ގެ ނުނިމި އޮތް ބައި އީޝަލްވެސް އޭނައަށް ކިޔާދިނަވެ. ބައެއްފަހަރު އީޝަލް ހެމުންގޮސް ރޯންފަށައެވެ. ޖަޒުބާތީވެވެއެވެ. ޒިޔާމާއަށް ވެސް ރޮވިދެއެވެ. އެ ވާހަކަވެސް އަސަރު ގަދައީ އެވެ. އީޝަލްވެސް އޭނަގެ މަންމަގެ ހިތްހަމަޖައްސާދޭން ވަގުތުތައް މަންމައަށް ޓަކައި ހޭދަކުރާން ފެށީއެވެ. މަންމައަށް ޓަކައި ގަސްވެސް އިންދާން ފެށީއެވެ. ކޮލެޖަށް ދަމުން ކިޔަވާ ލިބޭ ހުސްވަގުތުތައް ޢާއިލާ އާއި އެކީގައި ހޭދަކުރުމުން އީޝަލްއަށް ވެސް ބުނަން ނޭގޭފަދަ ހިތްހަމަޖެހުމަކާއި އުފަލެއް ލިބިފައިވެއެވެ. އެފްބީއަށް ޓަކައިވެސް ކަނޑައެޅިފައިވާ ވަގުތެއް ހުސްކުރިއެވެ. އެހެންނޫންނަމަ އެކުވެރިންނާއި ޖެހިގެން އޭގައި ތާށިވެދާނެ ތީއެވެ. އޭރުން ހެއްދެވިފަރާތާއި، އާއިލާއަށް އަދި އެހެންކަންތަކަށް ވަގުތު ނުދެވޭނެކަން އީޝަލް ދަނެއެވެ.

ޢަދަން ނިދާލައިފައި އޮތުމުން މައިރާ ބޭރަށް ނިކުތީ ދަރިފުޅު "މޯނާ އާންޓީ" އާއި ހަވާލު ކުރުމަށްފަހުގައެވެ. ޢާއިލީ އެކުވެރި ކުދިންނާއި އަޔާނާ ގިނަގިނައިން މިގެއަށް އަންނަކަމީ މައިރާގެ ނަސީބެވެ. އެހެންނޫންނަމަ ދަރިފުޅު އެކަނިކޮށްލާފައި އެންމެ މިނިޓަކަށްވެސް ދުރަށް ދާން މައިރާ ބޭނުމެއް ނުވީހެވެ. މާމައަށްވެސް އަޅުކަމުގައި އިނދެފައި ދަރިފުޅު ކައިރީގައި އިނދެ ވެނީ މަދު ވަގުތުކޮޅެއްގައެވެ. އެހެންނޫނަސް މާމަ މުސްކުޅިކަމުން ފަހަރެއްގައި އުރާލައިގެން އުޅެނިކޮށް ވެއްޓިދާނެތީވެސް މައިރާ ބިރުގަނެއެވެ. އެކުވެރިން ގާތުގައިވެސް ޢަދަން ތަންމަތިން ނުނެގުމަށް މައިރާ އޮންނަނީ ގަދަޔަށް އަމުރުކޮށްފައެވެ. ނަސީބަކުން "މޯނާ އާންޓީ" ގެ ހަގީގަތް އެގިފައި ވާތީ މައިރާ ހުންނަނީ މަޖާވެ އުފާވެފައެވެ. މޯނާ އާންޓީކަމަށް ހެދިގެން އޭނަގެ މަންމަ މިގޭގައި އުޅެންޏާ ވިސްނަންވީ ކޮންކަމަކާހެއްޔެވެ؟ މަންމަ އާއި އަޔާނާގެ އަތުން ދަރިފުޅަށް ގެއްލުމެއް ނުވާނެކަމުގެ ޔަގީންކަން މައިރާއަށް އޮވެއެވެ.

މައިރާ ހުދު ބެންޗު މަތީގައި ދެފައި ވަށްކޮށްލައިގެން އިނދެ ސްޓްރޯބެރީ ފޮށިކަނޑާލާފައި ކުދި ބާސްކެޓަކަށް އަޅަން ފެށިއެވެ. މައިރާ އިނީ މުށިކުލައިގެ ޓޮޕަކާއި ހުދު ޓައިޓް ކޮޅެއްގައެވެ. އިރުގެ އަވިން އެއިސްތަށިގަނޑަށާއި މޫނަށް ވެރިކުރުވަމުންދާ ކުލަ އަޖައިބެއްހާ ޗާލެވެ. ރެޔާން އިރުކޮޅެއްވާންދެން މައިރާގެ ޙަރަކާތްތަކަށް ބަލަހައްޓައިގެން ދުރުގައި ހުރުމަށްފަހު އެދިމާލަށް އައެވެ. އެންމެ ފަހުން މައިރާ ސްޓްރޯބެރީ އެއް އަނގައިގާ ޖެހިއެވެ. އެ ހުދު ހުދު ދަތްތަކުން ކުޑައެތިކޮޅެއް ކަނޑާލައިފިއެވެ. ރެޔާން ސިއްރުސިއްރުން ކެމެރާގައި އެ މަންޒަރު ރައްކާކުރިއެވެ. ކުއްލިއަކަށް މައިރާ އިސްއުފުލައި ބަލައިލުމާއި އެކު ފުންމައިގެން ތެދުވެއްޖެއެވެ.

"ރެޔާން. މިތަނުގައި ކީއްތި ކުރަނީ؟" މައިރާގެ މޫނަށް ހޫނުވެ ރަތްވެގެން ދިޔައެވެ. 

"މޭއިގެ ގާތަށް ދަމާބާރެއް ހުންނަނީ ކަންނޭނގޭ. ހިގާބަލަ އެޑެން ދައްކާލަން. ހަމަ އުރާލާހިތުން ކެތްނުކުރެވިގެން މިއައީ. އެހެންނޫނަސް މޭއި އަހަންނާއި މެރީކުރަން އެއްބަސްވި ވާހަކަވެސް އަޑުއެހިން...." ރެޔާން ހުއްޓުނީ ތަންކޮޅެއް ދުރުގައެވެ. އާދައިގެ މަތިން މޮޑެލް ޕޯސްއެއްގައެވެ. މެގަޒިންއެއްގެ ކަވަރުގައި ޖަހާލަން ރަނގަޅުވާނެއެވެ. މީގެ އަހަރުތަކެއްފަހުން އެމީހުންގެ ދަރިފުޅު ޢަދަންވެސް ވާނީ މިސިފައިގައިކަން ނޭގެއެވެ. އަންހެންކުދިންގެ ހިތްތައް ކަތިލާނެއެވެ. ޢަދަން މިރީތިކަން މިލްކު ކުރިޔަސް ރެޔާންގެ މިޒާޖުގައިވާ ގޯސްކަންތައް ވާރުތަނުކޮށްފިއްޔާ ރަނގަޅެވެ.

"އެއީ ތެދެއް. އެކަމަކު އަހަރެން ބައްޕަ ގާތުގައި ނުބުނަން އެއީ ޝަރުތެއްގެ މަތިންނޭ....." މައިރާ ރެޔާން އާއި ހަތަރުކަޅި ހަމަނުކުރަން މަސައްކަތްކުރިއެވެ. 

"ޕްރޮމިސްކުރޭ ރެޔާން އެ ޝަރުތު ގަބޫލު ކުރާނެ ކަމަށް. އޭރުން މެރީ ކުރާނަން. މިހާރު ކުރަން ޖެހުނަސް ހެޔޮ....." މައިރާ ފިނިވަމުންދާ އަތްތިލަ ރެޔާން އާއި ދިމާލަށް ދިއްކޮށްލިއެވެ. ރެޔާން އެއަތްތިލަމަތީގައި އަތް ބޭއްވިއެވެ. އޭރު ދެހިތުގެ ވިންދުވަނީ އެއްވަރަކަށް އަވަސްވެފައެވެ. ދެހަށިގަނޑުގައިވެސް ކަރަންޓުގެ ރާޅުބާނިތަކެއް ދަތުރުކުރިއެވެ. ގޭތެރޭގައި ޖަހާލާފައިވާ ލޯބީގެ ލަވައެއްގެ އަޑު އެހިސާބަށް އިވިއިވި ހުރުމުން ހީވަނީ މާޙައުލުގައިވެސް އިޝްގުގެ އަސަރު އެކުލެވޭހެންނެވެ. ފިނިފެންމާތަކާއި ސްޓްރޯބެރީ އަދި ފިނިވައިރޯޅިތައް އެ މަސްތުކަން އިތުރުކުރުވިއެވެ.

ކޮމެންޓް 0