މައިރާ މަޑުމަޑުން ހިނގާލައިފައި ބޭރަށް ނިކުތްއިރު ފެންޑާގައި އައިޒާން، ރެޔާން އަދި ފަރުޒާން ވެސް ތިއްބެވެ. ސޯފާގައި އިށީނދެލައިގެން ކޮފީ ބޯން ތިއްބަސް ކުރިން އެފެންނަ ކަހަލަ އުފާވެރި މާޙައުލެއް އެތަނަކުން ނުފެނެއެވެ. ކޮންމެވެސް ކަހަލަ މާޔޫސީކަމެއްވެސް އެންމެންގެ މޫނުމަތީގައި ވެއެވެ. މަންމަ ނެތުމުގެ ފަޅުކަން ހުރިހާ ކުދިން އިޙުސާސް ކުރަނީ އެވެ. ރޭގަނޑު އެގާރަޖަހާ ބޮޑުވިފަހުން މައިރާ ނިކުތުމުން އައިޒާންވެސް ގަޑިއަށް ބަލައިލިއެވެ. އަދި މައިރާއަށް ސުވާލުގެ ނަޒަރެއް ދިނެވެ. ފެންޑާގައި ދިއްލާފައިވާ ޗާންދަލިޔާގެ މަޑުއަލީގައިވެސް މައިރާގެ މޫނުގައި ވިދަމުން ދިޔަ ދާތިކިތައް އައިޒާންއަށް ފެނުނެވެ.

"ވަޓް ހެޕެންޑް..." އައިޒާން އަވަހަށް ކޮފީތަށި ބަހައްޓާފައި ތެދުވެއްޖެއެވެ.

"ބަނޑުގައި ރިއްސަނީ. ހޮސްޕިޓަލަށް ދާން ބޭނުން..." މައިރާގެ އަޑުންވެސް އޭނަ ވޭނެއްގައި އުޅޭކަން އެންމެނަށް އެނގުނެވެ. ރެޔާން އިސްއުފުލާ ބަލައިނުލި ކަމުގައި ވިޔަސް އޭނަގެ ހިތް ހީވީ އެފުށްމިފުށަށް ޖަހާލިހެންނެވެ. މައިރާގެ އެވޭން އޭނަގެ ހިތުގެ ފުންމިނަށް އަސަރުކުރުވައިފިއެވެ. އައިޒާން ދުއްވައިގަތީ ކާރު ޕޯޓިކޯއިން ނެރުމަށެވެ. 

ފަރުޒާން މައިރާ އަނބުރައިގެންފާނެހެން ހީވުމުން ގެނެސް ސޯފާގައި ބައިންދާފައި އެތެރެއަށް ވަނީ އަޔާނާއަށް ގޮވުމަށެވެ. ރެޔާންގެ ކުރިމަތީގައި ހުރި ސޯފާގައި މައިރާ އިނުމުން ނުދެނެހުރިކަމަށް ހަދާލައިގެން ރެޔާން އަކަށް ނީދެވުނެވެ. އެންމެ ފަހަރަކުވެސް އޭނަގެ ފުރާނަފަދަ ލޯބިވެރިޔާގެ މޫނަށް ބަލައިލަން ބޭނުންވިއެވެ. ހިތްވަރުގެ އެންމެ ލަފުޒެއްނަމަވެސް ބުނެލާހިތުން ކެތްކުރެވެނީ އެއްނޫނެވެ. ރެޔާން އިސްއުފުލައިލިއިރު ފެނުނީ މައިރާ ލޯ ފޮހެލިތަނެވެ. އެ ރީތި ދެލޮލުން ހިތާމަ އާއި އެއްވަރަކަށް ބިރުގެންފައިވާ ކަމުގެ ކުލަވަރު ރެޔާންއަށް ފެނުނެވެ.

ދެމީހުންގެ ނަޒަރު ހިދުކޮޅަކަށް ބައްދަލުވުމުން ރެޔާންއަށް ހީވީ އޭނަގެ ހިތް ފޫއަޅުވާލިހެންނެވެ. އޭނަ އަވަހަށް ކޮފީތަށި ބަހައްޓާފައި ހިނގައިގަތީ އިތުރަށް އެންމެ މިނިޓަކަށްވެސް އެތަނުގައި އިނދެއްޖެއްޔާ އޭނަ އެންމެންގެ ކުރިމަތީގައި ރޯން ޖެހިދާނެކަމުގެ ބިރު ހީވުމުންނެވެ. އިތުރަށް ކެތްނުކުރެވިދާނެތީއެވެ. މައިރާ ދެކުނީ އެންމެ ނުބައިކޮށެވެ. އޭނަ އެންމެ ބޮޑަށް ބަލިވި ވަގުތުވެސް ރެޔާން އެތާ ހުންނަން ބޭނުންނުވީއެވެ. މިފަދަ ކޮންމެ ވަގުތެއް މައިރާގެ ޑައިރީގައި އޭނަ ފާހަގަކުރެއެވެ.

ރެޔާންއަށް އެރޭ އެއްގޮތަކަށްވެސް ނުނިދުނެވެ. ދަންވަރު ހޭލައިގެންގޮސް އޭނަ އިނީ ޓެރެސްގައެވެ. މައިރާގެ މަތިން ހަދާންވެގެން ހިތާއި، ފުރާނަވެސް ހަށިގަނޑު ދޫކޮށްލާފައި ދާން އުޅޭހެން ހީވިއެވެ. އޭނަ ކިތަންމެ ވަރަކަށް ކޮއްކޮއަށްޓަކައި ލޯބި ގުރުބާންކުރަން އުޅުނަސް ހިތް އެކަމަށް އިޖާބަދޭނެބާވައެވެ. މިވަރުން އުޅެންޏާ އޭނަގެ އަތުން ގޯހެއް ނެހެދޭނެބާވައެވެ. ދުވާލަކު ހާސްފަހަރު މަރުވާން ޖެހެއެވެ. ނިމުމެއް ނެތް ދިގު އިންތިޒާރެއްގައި އޭނަ އޮޔާއި ބެހި ނިމިގެން ދަނީއެވެ. މަންޒިލެއް މަގުސޫދެއްނެތް މުސާފިރަކޭ އޭނަ އެކޭ އެއްގޮތެވެ. އިންސާނަކަށް އަނެއް އިންސާނަކު ދެކެ މިވަރަށް ލޯބިވެދާނެ ކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ. ހިތާއި ފުރާނައިން އެދެމުންދަނީ މައިރާ އަށެވެ. ހަށިގަނޑުގެ ކޮންމެ ސެލްއެއްވެސް މައިރާއަށް އެދެމުންދާހެން ހީވިއެވެ. ރެޔާން މޭގައި ފިރުމާލަމުން ދެލޯމަރާލިއެވެ. ފުން ނޭވަޔެއް ދޫކޮށްލެވުނެވެ.

އޭނަހާ ބަދުނަސީބު އިންސާނަކު މި ބިންމަތީގައި ލައްވާފައިވާނެހެނެއް ހިޔެއްނުވެއެވެ. އޭނަކުރި އެންމެ ކުށަކުން އޭނަގެ ނަސީބުގެ ތަރިވަނީ އޮއްސިފައެވެ. އެކުށުގެ ސަޒާ މިލިބުނީ މީހަކަށް ލިބޭނެ އެންމެ ހިތްދަތިގޮތަށެވެ. މިއީ އޭނަގެ ނިމުމެވެ. އޭނަގެ ބަދުނަސީބުގެ ސިއްކަޖެހި ނިމިފައިވާކަމުގެ ހެއްކެވެ. ދެން ދުވަހަކުވެސް އޭނައަށް މައިރާ ލިބޭނެހެނެއް ހިޔެއްނުވެއެވެ. މުޅި އުމުރު އޭނަ ހުންނަން ޖެހޭނީ ހުސްހަށިބަޔަށެވެ. ފަހަރެއްގައި ބައްޕަމެން އެދިލައްވައިފިއްޔާ އޭނަ އެހެން މީހަކާއި ކާވެނި ކުރަން ޖެހިދާނެއެވެ. ނަމަވެސް އޭނަގެ ހަޔާތަށް އަންނާނީ ނަސީބު ދެރަކުއްޖެކެވެ. އޭނައަށް އެކުއްޖަކަށް އެއްވެސް އުފަލެއް ނުދެވޭނެއެވެ. އެހެން މީހަކަށްޓަކައި އެހިތުން އެއްވެސް ޖާގައެއްނެތެވެ.

ރެޔާން ވިސްނަމުން ގޮސް ބޮލުގައި ރިއްސަން ފެށިއެވެ. މައިރާ ދަރިފުޅު ވިހެއީ ބާވައެވެ. ނޫނީ އެހެން މައްސަލައެއް ދިމާވެދާނެ ބާވައެވެ. ގޭގެ އެންމެން ހޮސްޕިޓަލަށް ދިޔައިރުވެސް އޭނަ މިއިނީ ގޭގައެވެ. އެކަނިވެރިވެފައެވެ.

ހެނދުނު އަލިވި ފަހުން އޭނަ ތިރިއަށް ފޭބިއެވެ. ކޮޓަރިއަށް ވަދެ ފިނިކޮށްލަން ވެގެން ފެންވަރާލުމަށްފަހު ކޮފީއެއް ހިފައިގެން ގޭގެ ފަހަތު ފެންޑާގައިވާ އުނދޯއްޔެއްގައި ޖައްސާލިތަނާހެން އައިޒާން އައެވެ. އައިޒާން ތަނބަށް ލެނގިލައިގެން ހުއްޓުނުއިރު އޭނަގެ މޫނުމަތިންވެސް ކުޑަކޮށް ވަރުބަލިކަމުގެ އަސަރު ފެނެއެވެ.

"މޯނިން ރެއިން. މޭއި ސިޒޭރިއަން ވައްދަން ޑޮކްޓަރު އެޑްވައިސް ކުރީ. ބޭބީ ތަންކޮޅެއް ބޮޑުކަމަށް ޑޮކްޓަރު ބުނަނީ. ރެއިން ތިހިރީ ހޮސްޕިޓަލަށް ނުދާންކަމަށްތަ؟" އައިޒާންގެ ވާހަކަތަކުން ރެޔާންގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެންހީވިއެވެ. ބިރުވެރިކަމުގެ ރާޅުބާންޏެއް ހަށިގަނޑުގައި ދަތުރުކޮށްލިއެވެ. ދަރިފުޅަށް ގެއްލުމެއް ވެދާނެބާވައެވެ. އޭނަގެ ހިތް ތެޅިގަތީ އިންތިހާ ދަރަޖައިގެ ބާރުމިނެއްގައެވެ. އެ ތުއްތު މޫނު ދެކިލާހިތުން ކެތްނުކުރެވުނެވެ. އަމިއްލަ ދަރިއަކަށް ނުވަންޏާ އެއްމާބަނޑު ކޮއްކޮގެ ދަރިފުޅެވެ. ކޮންމެގޮތެއްވިޔަސް ރެޔާން އެތާހުރުން މަޖުބޫރެވެ. އަދި އައިޒާން އެންމެ ފަހުން ބުނެލި ޖުމްލައިންވެސް އެހާ ކަންތައް ބޮޑުވިއެވެ. އެތެރެހަށީގައި ހައިޖާނެއް އުފެދުނުނަމަވެސް އޭނަގެ މޫނުމަތިން އެކަމެއް ނުދައްކައެވެ.

"ޒާން. ތީގެ މާނައަކީ ކޮބާތަ؟ އަހަރެން ނުދާންވީ ކީއްވެތަ؟ އަހަންނާއި މެދު ތިހާ ނުބައިކޮށް ނުވިސްނަބަލަ. މިހާރުވެސް ބައެއްކުދިން ގެ ނަޒަރުގައި އަހަންނަކީ ނުބައި މީހެއް. ޒާން. އަހަރެން ބުނެފީމެއްނު އިޓްސް އޯވާއޭ. ޒާން ގަބޫލުނުކުރާހެން ހީވަނީ....." ރެޔާން ހިތާމަވެރި ހުނުމަކާއެކު ސަމާސާއަކަށް ނަމަވެސް ހަގީގަތް ހާމަކުރިއެވެ.

"ރެއިން. އަހަންނަށް ހަމަ ހީވަނީ ރެއިން އަހަންނަށް ކަމެއް ފޮރުވާހެން. ސޮރީ ރެޔާން. އެކަމަކު އަހަރެންގެ ސިކުނޑިން މިކަންތައް ނުފިލައިގެން އުޅެނީ ކީއްވެބާ. ދެމީހުން އެކަކު ދެކެ ލޯބިވުމަކީ ރަނގަޅު ކަމެއްބާ. އަހަންނަށް އެއްވެސް ކަމެއް ސިއްރުނުކޮށްބަލަ. ނޫނީ ފަހުން އަހަރެން މޮޔަވެދާނެ. އެހެން މީހެއްނަމަވެސް އަހަރެންގެ ފަރުވާލެއްނެތް އެކަމަކު ޔޫ އާރ މައި ބްރަދަރ....." އައިޒާން ޖެހިލުމެއްނެތި އެވާހަކަ ބުނިގޮތުން ރެޔާން އިނީ ކިޔަންވީ އެއްޗެއް ނޭގިފައެވެ. އައިޒާންވެސް މިހާރު އޭނަ ފަދައިން ޖެހިލުން ކުޑަވާންފެށީއެވެ. މިހުރިހާ ދުވަހު އެކަނިވެރިކަމާއި އެކީގައި އުޅެމުން އައިކުއްޖަކަށް އަސްލު އާއިލާގެ ލޯތްބާއި އަޅައިލުން ލިބެންފެށީމަ އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑުވެގެން ދިޔަކަމުގެ ހެއްކެކެވެ. ކޮފީތަށި އަތުގައި ހުރިކަން އެއީ ނަސީބެކެވެ. ހަށިގަނޑަށް ގިނަ ޢަދަދަކަށް ކެފެއިން ބޭނުންވިއެވެ. ރެޔާން އެއްފަހަރުން ކޮފީތަށި ދަމާލުމަށްފަހު ތެދުވެގެން އައެވެ.

"ރެއިން. އަހަރެން ބޭނުމީ އެންމެ ސުވާލެއްގެ ޖަވާބު. ރެއިން ދުވަހަކު މައިރާ އާއި އެކީގައި ސްލީޕްކުރިތޯ ބަލަން އަހަރެން ބޭނުމީ. އަހަރެންގެ ބޭބެއަކާއި އެކު އެފަދަ ގުޅުމެއް ހިނގައިފައިވާ ކުއްޖެއްގެ ގައިގާ އިނިގިލިކުރި ޖައްސާލާކަށްވެސް މަގޭ ހިތެއް ނޭދޭ. އެކަނި އަހަންނަށް ބެލެވޭނީ ފަހަރިއެއްގެ ގޮތުގައި. އެނޫން އެއްވެސް މާނައެއްގައި އަހަންނަކަށް ބޭބެއެއްގެ ލޯބިވެރިޔަކާއި ގުޅުމެއް ނުބޭއްވޭނެ. އެއި ހާދަ ހަޑިކަމެކޭ. ޔަގީނުންވެސް އަހަންނަށް ރީތިކަމެއްނޫން..." އައިޒާން ހިތާހިތުން އެވާހަކަ ދެއްކި ނަމަވެސް ސީދާ ރެޔާން އާއި އެ ސުވާލުކުރާކަށް ނުކެރުނެވެ. ނުސީދާކޮށް އައިޒާން އަހަމުން ދިޔައީ އެ ވާހަކައެވެ. އަދި މައިރާގެ ދަރިފުޅުގެ ބައްޕައަކީ ކާކުކަން އެނގުމަށް އިންތިހާއަށް ބޭނުންވިއެވެ. ނަމަވެސް އައިޒާންއަށް އެފަދަ ހިތްވަރެއް ނުލިބުނެވެ. ޝައްކެއްގެ މައްޗަށް ބިނާކޮށް އެފަދަ ވާހަކައެއް އަހަން ކެރޭނީވެސް ކިހިނެއް ހެއްޔެވެ؟ 

"ޒާން. ޕާސްޓް ހަދާންނައްތާލައިފައި މޫވް އޮން ކުރަން ބޭނުމީ. ވެދިޔަކަންތަކުގެ ވާހަކަ އަހަރެން ދައްކާކަށް ބޭނުމެއްވެސް ނޫން. ޕްލީޒް ޒާން. ފޮގެޓް އެވްރީތިން. އޯކޭ. އަހަރެން ދާނަން އިރުކޮޅަކުން ހޮސްޕިޓަލަށް...ސީ ޔޫ..." ރެޔާން ހިނިތުންވެލުމަކާއި އެކުގައި ބުނެލިއިރު އޭނަ ހުރީ ހަމަޖެހިލައިފައެވެ. ރެޔާން އައިޒާންގެ ޖަވާބަކަށްވެސް މަޑުކޮށްލުމެއްނެތި އަވަހަށް އެތަނުން ދިޔުމުން އައިޒާން އިރުކޮޅެއްވާންދެން ގަނޑުވެފައި ހުއްޓެވެ. އޭނައަށް ޔަގީނެވެ. ރެޔާން މައިރާ ދެކެ ލޯބިވެއެވެ. އޭނަ ކިތަންމެ ވަރަކަށް ސިއްރުކުރަން އުޅުނަސް އައިޒާން އަކަށް އެކަމެއް ނުފޮރުވޭނެއެވެ. އަދި އޭނަ ރެޔާންގެ ގާތު މުހިއްމުކަމަކާއި މަޝްވަރާކޮށްލަންވެސް ބޭނުމެވެ. ހުރިހާ ކަމަކާއި އެކަނިމާ އެކަނި ހަގުރާމަކުރުމަށްވުރެ އެންމެ ގާތްއެކުވެރިޔާގާތު ހިއްސާކުރުމުން ސިކުނޑިއަށްވެސް ލުއިވާނެއެވެ. 

ރެޔާން ނުނިދާ ހުރުމުގެ ސަބަބުން އެސްފިޔަތައް ބަރުވާންފެށިނަމަވެސް ނިދިކޮޅު ފިލައިގެން ހިނގައްޖެއެވެ. އޭނަ ބޭނުންވީ ވީހާވެސް އަވަހަށް ހޮސްޕިޓަލަށް ދިޔުމަށެވެ. ރެޔާން އަވަހަށް ޓީޝާޓް ބޮލުން ވައްޓައިލިއިރުވެސް ޚިޔާލުކުރެވެނީ އެ ދަރިފުޅާއި މެދުގައެވެ. މައިރާ އާއި މެދުގައެވެ. ދެމައިންގެ ސަލާމަތަށް އެދި ދުޢާކުރެވުނު ޢަދަދެއްވެސް ނޭގެއެވެ. މައިރާއަށް ވޭން އަޅާނެވަރާއިމެދު ވިސްނުނެވެ. ހުރިހާވެސް ސަބަބަކީ އޭނައޭ ހިތްބުނަނީ އެވެ. އޭނައަށް ކުރެވުނުކުށުގެ ބަދަލުދޭނެ ގޮތެއްވެސް ނޭގުނެވެ. އެފުރުސަތު މައިރާ ނުދިނެވެ. އެހެންނޫންނަމަ އޭނަގެ ތެދުވެރި ލޯބިން މައިރާގެ ހިތް ފުރާލަދިނީހެވެ. ދުނިޔޭގެ ހުރިހާ އުފާތަކެއް މައިރާގެ ފަސްބަޔަށް އަޅައިދިނީހެވެ. ނަމަވެސް މައިރާ އޭނަގެ ހިތް ކަފާ ކުދިކުދިކޮށްލީއެވެ. ލޯބީގެ ނަމުގައި ކުރެވުނު ކުށަކަށް މިވަރުގެ ސަޒާއެއް ހައްގުބާވައެވެ. މުޅި ޢުމުރަށް މައިރާ އޭނަ ދުރުކޮށްލީއެވެ. ދުނިޔޭގެ ހުރިހާ އުފާތަކުން މަޙުރޫމް ކުރުވީއެވެ. މިއީ އިންސާފެއްބާވައެވެ. ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. އަމިއްލަ ފިނޑިކަމާއިމެދުވެސް އޭނަ ޙައިރާންވިއެވެ. އަންހެން ކުއްޖެއްފަދައިން ރޮވޭނީ ދެން ހާދަ ފިނޑިވީމަތާއެވެ. ނަމަވެސް ލޯބީގެ ބާރުގަދަކަމުން ބައެއްފަހަރު ހަރުކަށި ހިތްތައްވެސް ފުށްކޮޅެއްހާ މަޑުކޮށްލަދެއެވެ.

ރެޔާން ހިތާއި ނަފުސް ހަމަޔަކަށް އަޅުވާލަން ވަގުތުތަކެއް ނެގިއެވެ. އެންމެ ފަހުން ހޮސްޕިޓަލަށް ދެވުނުއިރު މައިރާވެސް ތިއޭޓަރުން ނެރެފިއެވެ. މައިރާއަށް ލިބުނީ ފިރިހެންކުއްޖެކެވެ. މައިރާގެ ޢާއިލާގެ އެންމެންވެސް އެތަނުގައި ތިއްބެވެ. ފަހަރަކު މީހެއްގެ އަތްމަތިން ރެޔާން އާއި ހަމަޔަށް ދަރިފުޅު އައުމުން ރެޔާންގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެހާ ރީތިކުއްޖެއް ރެޔާންގެ ޢުމުރުގައިވެސް ދެކެފައެއްނުވެއެވެ. އެހާ ކުޑައިރުވެސް ގަދަ ބުމައަކާއި ބޯއެސްފިޔަތަކާއި ރަތް ތުންކޮޅެކެވެ. ތުންކޮޅު ލޮވެލަ ލޮވެލާ އަތްމުށްކަވާލައިގެން އޮވެލައިފައި ދެލޯބޮޑުކޮށް ހުޅުވާލުމުން ރެޔާންގެ ހިތް ލޯބިން ފުރުނެވެ. ފުށްގަނޑެއްފަދައިން މޮޑެލާހިތްވިއެވެ. ސިކުންތުކޮޅަކަށް ނަމަވެސް އެ ދަރިފުޅާއި ރެޔާންގެ ނަޒަރު ބައްދަލުވެގެން ދިޔައެވެ. "ޑެޑީގެ ސްވީޓްހާޓް...." މީހަކަށް ނީވުނަސް ރެޔާންގެ ހިތަށް އައީ އެ ލަފުޒުތަކެވެ.

"ހީޒް ބިއުޓިފުލް...." ރެޔާން ދަރިފުޅުގެ ކޯތާފަތުގައި ފިރުމާލުމުން މަޑުކަމާއި އޮމާންކަމުން ހައިރާންވިއެވެ. ބަލާބަލާ ފޫހިނުވާހާ ރީތިކަމެކެވެ. ރެޔާން އެ ދަރިފުޅު މޭގައި ބޮނޑިކޮށްލަމުން އެތުއްތު މޫނުގައި ބޮސްދިނެވެ. އަމިއްލަ ދަރިއަކު ދެކެވާނެފަދަ ފުން ލޯތްބެއް ހިތުގައި އުފެދުނެވެ. އެހެން އެއްވެސް މީހަކަށް ޝައްކެއްނުވާނެއެވެ. އެންމެން ގަބޫލުކުރާނީ އޭނަ އަކީ ބޭބީގެ ބޮޑުބޭބެއަށް ވާތީ އެފަދަ ގާތްކަމެއް އޮތީކަމަށެވެ. ނަމަވެސް ރެޔާން އަށް ދަރިފުޅު ފެނުމުން ކުރިއަށްވުރެ ޝައްކު އިތުރުވިއެވެ. މައިރާ އާއި އެތައް ސުވާލެއްކުރަން ބޭނުންވިއެވެ. ނަމަވެސް އޭނަ އައިޒާންއަށް ޓަކައި ލޯބި ޤުރުބާން ކޮށްފައި ވާއިރު ކެތްކުރާކަށް ނުޖެހޭނެ ބާވައެވެ.

ފަރުޒާން އަޔާނާގެ ވާހަކަތައް އަޑުއަހައިގެން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އީޝަލް ހަދަހަދައިގެން އެވަރުގެ ވާހަކަތަކެއް ނުދައްކާނެކަން ޔަގީނެވެ. ކޮންމެ ދެމަފިރިއެއްގެ ދޭތެރޭގައި ނޭގި މިފަދަ ކަޅު އަނދިރި ފަރާތެއް ވާނެބާވައެވެ. މައިރާ އާއި އައިޒާން އަދި ރެޔާން ކުރެން އެކަކަށްވެސް އުފަލެއް ނުލިބި ދިރިއުޅުން ހަލާކުކުރުމުގެ ބޭނުމަކީ ކޮބައި ބާވައެވެ. އީޝަލް މިވަރުން އެންމެންގެ ޑައިރީ އާއި ސިއްރުތައް ހާވަމުން އުޅެންޏާ އަނެއްކާ ގެއަށް ޒަލްޒަލާއެއް ނާންނާނެބާވައެވެ. އަދިވެސް އޭނަގެ މަންމަ އޮތީ ކޯމާއެއްގައެވެ. ހާދަ ދެރައެވެ. އަނެއްކާ އެހެން ކުއްޖަކު ފުރާނައިން އަތްދޮވެލަން ޖެހިދާނެއެވެ. ދެންވާނީ ކިހިނެއްބާވައެވެ. މުޅިންވެސް ސުވާލުތަކެވެ. ފަރުޒާން ކަންބޮޑުވިއެވެ.

މައިރާގެ ގާތުގައި އޮތް ތުއްތު ދަރިފުޅުގެ ރީތިކަމުން ފުރިގެންވާ މޫނަށް ބަލައިލުމާއިއެކު މައިރާގެ ހިތް ލޯބިން ބަންޑުންވެގެން ދިޔައެވެ. މުށްކަވާލައިގެން އޮތް ފުށްކޮޅެއްފަދަ މަޑު އަތް މައިރާގެ އަތުތެރޭގައިލެވުނު ވަގުތު މައިރާއަށް ޖަޒުބާތީވީވަރުން ރޮވުނެވެ. ދުނިޔޭގެ ހުރިހާ އަނިޔާތަކާއި ހިތާމަތަކުން މި ބާރެއްނެތް މައުސޫމް ދަރިފުޅު ޙިމާޔަތްކުރަން އެވަގުތު އަޒުމްކަޑައެޅުނެވެ. 

"މަންމަގެ ފުރާނަ. މިދުނިޔޭގައި ތިނޫނީ މަންމަގެ އެއްވެސް މީހަކު މިހާރު ނެތްހެން ވެސް ހީވޭ..." މައިރާ ހިތާހިތުން ކިޔާލިއެވެ. އޭނަގެ ހިތްވަނީ ރެޔާން އާއި އައިޒާން އާއި މެދު ޝަކުވާއިން ފުރިފައެވެ. އޭނަ ނުވަމަސްވަންދެން ދަރިފުޅަށް ބަލިވެއިނދެ އެތައް އުނދަގުލެއް އުފުލީ އެކަނިމާއެކަނިއެވެ. އެއިން އެކެއްގެ އެހީތެރިކަމެއްވެސް ނުލިބިހުރެއެވެ. އަޅާލުމެއް ނުލިބިހުރެއެވެ. އެކަން އޭނަ ހަދާންނައްތާލަންވީ ކީއްވެ ހެއްޔެވެ؟ މައިރާ ބޭނުން ވަނީ ދަރިފުޅާއިގެން އެކަނި ދިރިއުޅުމަށެވެ. އޭރުން ހިތަށް މާ ފަސޭހަވާނެއެވެ. 

މައިރާގެ މަންމަ ރާދާވެސް މައިރާ ގެ އޮޕަރޭޝަން ކުރެވުނު ފަހުން ހުންނަނީ މައިރާގެ ގާތުގައި ލެވެންޑާކޮޓެޖްގައެވެ. އެކަމާއި ސުލްތާނާ ކިތަންމެ ވަރަކަށް ހިތްހަމަނުޖެހުނަސް އެއްޗެކޭ ނުބުނެ ކެތްތެރިވިއެވެ. އައިޒާންވެސް އަނެއްކާ މަތީ ކޮޓަރިއަށް ބަދަލުވިއެވެ. އެދެމަފިރިންގެ ދޭތެރޭގައި އެއްވެސް ގުޅުމެއްނޯންނަކަމީ މިހާރު އެގޭ މީހުންނަށް ވަންހަނާވެފައިވާކަމެއް ނޫނެވެ. ޖެހިފައިވާ މައްސަލަގަނޑު އެނގިނުލައްވަނީ ހަމަ އެކަނި ފައިސަލް އަށެވެ. މައިރާ ވިހައިގެން ހަތްވަނައަށްވީ ދުވަހު ބަކަރިކަތިލާ ފޮނި އެއްޗަކުން ސަދަގާތްކޮށްފައި ދަރިފުޅަށް ނަން ދިނުމުގެ ޙަފްލާ އޮތީ ލެވެންޑާ ކޮޓެޖްގައެވެ. އެޚާންދާނުގެ އެތައް މެމްބަރުންނެއް ބައިވެރިވިއެވެ. އެ އުފާވެރި ޙަފްލާ ތަންކޮޅެއް ފަނޑުކޮށް ދިޔައީ ޒިޔާމާ ނެތުމުގެ ސަބަބުންނެވެ. އެންމެންވެސް ޒިޔާމާގެ މަތިން ހަދާންކުރިއެވެ. އިރުއޮއްސެންވާއިރަށް އެގެއަށް އައި މެހުމާނުން ގޮސް ގޭތެރެ ހުސްވެއްޖެއެވެ. މައިރާ ދަރިފުޅަށް ގާތުން ދީފައި ފާޚާނާއަށް ވަދެފައި ނިކުތްއިރު ދަރިފުޅު ޢަދަން ފެންނާކަށް ނެތެވެ.

"މަންމާ ކޮބާތަ ދަރިފުޅު؟" މައިރާ ދެލޯބޮޑުވެގެން ދިޔައެވެ. މައިރާ މާބޮޑަށް ދަރިފުޅާއި ދޯހަޅިވެ ކުދިކުދި ކަންތަކާއި ފިކުރުބޮޑުވާތީ ރާދާ ހުންނަނީ ކަންބޮޑުވެފައެވެ. މައިރާ ރަނގަޅަކަށް ނުނިދައެވެ. ޢަދަން ނިދާފައި އޮންނައިރު ބައެއްފަހަރު ނޭވާލަނީ ތަފާތުކޮށޭ ކިޔާފައިވެސް ހޭލައްވާނެއެވެ. ތަޅުވައިގަންނާނެއެވެ. ކިރިޔާ ޢަދަން ރޯލިޔަސް މައިރާއަށް ރޮވިދެއެވެ. އެންމެ ސިކުންތަކަށްވެސް ޢަދަން ލޮލުގެ ކުރިމަތިން ގެއްލިގެން ދާކަށް މައިރާ އަކަށް ކެތެއްނުކުރެވެއެވެ.

"ޒާން އޭ ދަރިފުޅު ގެންދިޔައީ. ދެން އޭނަ ދުރަކަށް ނުދާނެއްނު. ދަރިފުޅު އޮށޯވެބަލަ. ދަރިފުޅު މާބޮޑަށް ޢަދަން އާއިގެން އުޅެން ހަދައިގެން ތިކަންތައް ނަފްސާނީ މައްސަލައަކަށް ވެދާނެކަމުގެ ބިރު މަންމައަށް ހީވާން ފަށައިފި..." ރާދާ އެނދުގެ މަގަތުގައި އިށީދެލަމުން ބުންޏެވެ. މައިރާ ބުނީ ދަރިފުޅުވީމަ ލޯބިވެވޭލެއް ބޮޑީކަމަށެވެ. އެއީ އޭނަގެ ފުރާނަކަމުގައެވެ. ހިތުގެ ވިންދުކަމުގައެވެ. މަންމައަކަށް ދަރިފުޅު ޚާއްސަވަރު އެނގުނީ މަންމައަކަށް ވުމުންކަމުގައި މައިރާ ބުނެލީ ހިނިތުންވެލަމުންނެވެ. ރާދާ ފެންވަރަން ވަނުމާއި އެކުގައި މައިރާ އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުތެވެ. އޭނައަށް ޢަދަންއަށް ވީގޮތެއް ބަލައިނުލައި ދެނެއް ނުހުރެވޭނެއެވެ. އެހާ ތުއްތުއިރު އައިޒާންވެސް ދަރިފުޅާއިގެން ތަންތަނަށް ދާކަށް ނުޖެހޭނެއެވެ.

އިރުއޮއްސުމުން ފެންޑާގައި ވަނީ ޗާންދަލިޔާއެއްގެ ހިތްގައިމު އައްޔެވެ. މާމެލާމެލީގެ މީރުވަސް ބޮޑުކޮޓަރީގައިވެސް ހިފާލައިފައިވެއެވެ. އޭސީގެ ފިނިކަމުން މައިރާ ހީކަރުވައި ގަންނަ ގޮތްވިއެވެ. ރެޔާން އިނީ ސޯފާއެއްގައި އިށީނދެލައިގެން ދިއްކޮށްލެވިފައިވާ ދެއަތްތިލަމަތީގައި ދަރިފުޅު ބާއްވައިލައިގެންނެވެ. އައިޒާން ކޮންމެވެސް އެއްޗެކޭ ކިޔާފައި ހީހީ ހުއްޓެވެ. ޔަގީނެވެ. ރެޔާން ގާތުގައި އައިޒާން ވާނީ އެއީ އޭނަ އާއި ބެހޭ ކުއްޖެއް ނޫންކަމަށް ބުނެފައެވެ. ދުވަހަކުވެސް އޭނަ އާއި މައިރާގެ ގުޅުމެއް ނުވާކަމަށް ބުނެފައެވެ. ރެޔާން އާއި އައިޒާން ވެގެން ކުޅެން އުޅޭ ކުޅިގަނޑެއްވެސް އެގެނީކީ ނޫނެވެ. ހާދަ ގޯހެވެ. މައިރާ އެއައި ބާރުމިނުގައި ދަރިފުޅު ޖަހައިގަންނަން ބޭނުންވިއެވެ. ނަމަވެސް އޭނަ ކެތްތެރިވިއެވެ. 

"ގެނޭ މަގޭ ދަރިފުޅު..." މައިރާ ހުއްޓުނީ ރެޔާން އާއި ދާދި ކައިރީގައެވެ.

ކޮމެންޓް 0