ޔޯރ އައިސް އާ ޓޯޓަލީ ގޯޖަސް. އައިމް އިން ލަވް....." އީޝަލް އެސްފިޔަވެސް ޖަހާނުލައި ބަލަހައްޓައިގެން އިންނަން ފެށުމުން އައިޒާން ގަތް ލަދެއްގެ ބޮޑުކަމުން ކިޔާނެ އެއްޗެއް ވެސް ނޭނގުނެވެ. އޭނަ އަނގަ ސަކަރާތްވީ އިރު އެހެން އެންމެނަށް ވެސް އީޝަލް ގެ ޖުމްލައިން ޝޮކެއް ލިބުނުކަން އެނގުނެވެ. ސިކުންތުކޮޅެއްގެ ހިމޭންކަން ގަރުނަކަށް ދެމިގެން ދިޔަހެން ހީވިއެވެ. އީޝަލް ކިތަންމެ މައުސޫމްކަމާއި އެކުގައި އެހެން ބުންޏަސް އަޑުއަހާމީހުން މާނަކުރާނީ އެހެން ގޮތަކަށެވެ. އީޝަލްއަކީ ކުޑަކުއްޖެއް ނޫނެވެ. ޒުވާން އަންހެންކުއްޖެކެވެ. އެހާވަރަށް އައިޒާންގެ ރީތިކަން ހިތުގައި އަޅައިގަންނާނީ އެހިތުގައިވާ ޝައުގެއްގެ ބޮޑުކަމުންނެވެ. ނޫނީ ނޭނގި ނަމަވެސް ލޯތްބެއް އުފެދުނީއެވެ. ކޮންމެ ފަދަ ގޮތެއް ވިޔަސް އީޝަލް ގެ ބޮޑު އަނގައެއްގެ ސަބަބުން ކޮންމެ ފަހަރަކު އެންމެންގެ ހިތްތައް ހަލަބޮލިކުރުވައެވެ. ނޫނީ މާހައުލު ނުތަނަވަސް ކުރުވައެވެ.

މައިރާ ވެސް ފޯނާއި ކުޅުން ހުއްޓާލާފައި ހައިރާންކަމުގެ ނަޒަރަކުން އީޝަލްއަށް ބަލައިލައިފިއެވެ.

"އީޝަލްގެ ތި އަނގަ ބޮޑުކަމުން އަދި ނުބަޔެއް ހަދާލާފައި ހުއްޓާލާނީ. މިވަރުގެ ކުއްޖަކާއި އިންނަން ޝަމާއިލް ވެސް އެއްބަސްވާނެ ކަމެއް ނޭނގެ، އެކަމަކު ސުލްތާނާ ދައްތަ ބޭނުން އެކަން ކުރުވަން..." ޒިޔާމާ ލަދުގަތް ނަމަވެސް ހީލުމުގެ ތެރޭގައި އެކަން އޮއްބާލައިފިއެވެ. 

"މައިރާ ފިލައިގެން ދިޔައީތީ، މަންމަ އެކަމާ ހިތްހަމަނުޖެހުނު ވަރުން ބުނީމެއްނު ޝަމާއިލްއަކާއި ދެން މިގޭ ކުއްޖެއްވެސް ނީންނާނެޔޭ، އެހެންވެ މަންމަ އުޅުނީ ރެޔާން އާއި މެރީކުރުވަން. ދެން އަނެއްކާ މިހާރު ޝަމާއިލް. އެކަމަކު އަހަރެން ބޭނުމެއްނޫން ސީރިޔަސް މީހަކާއި އިންނާކަށް. އަހަރެން ބޭނުމީ އެކީގައި ސަކަރާތްޖަހާ އުޅޭނެ މަޖާ، ސްވީޓް ފްރެންޑެއް. ޒާން ކަހަލަ. އެކަމަކު ދެން ޒާން މެރީކޮށްގެން އުޅެނީ އިޝޫގެ ބެސްޓްފްރެންޑާ. ވީމަ ދެން އެއީ ހިތަށްވެސް އަރުވާނެ ކަމެއްނޫން. މަންމާ. އަސްލުވެސް ހިތުގައި ފޮރުވައިގެން ތިބީމަ ދިރިއުޅުން ހަލާކުވެގެންދާނީ. އަޅުގަނޑު ޕާކިސްތާނީ ނޫނީ އިންޑިއަން ބްރައިޑަކަށް ވާކަށް ބޭނުމެއް ނޫން. ނުދަންނަ މީހަކާއި އިނދެގެން ގޮސް މޫނަށް ބުރުގާއެއް ވައްޓާލާފައި އެހެން ފޫހިކޮށް ޑްރާމާ ނުކުޅެވޭނެ. އެހެންނޫނަސް އައިމް ސެވެންޓީން އަދި މެރީކުރަން ހިތަށް އަރުވާނީ ވެސް ދިހަ އަހަރުފަހުން....." އީޝަލް ވަރަށް ލޯބި ހިނިތުންވުމަކާއި އެކު ކޮޅަށް ތެދުވެ މޭޒުމަތީގައި ހުރި ޗޮކްލެޓް ކޭކުން އަނެއްކާ ވެސް އެއްގަނޑު އަނގަޔަށް ލައިފިއެވެ. އީޝަލް ހިތުން އޭނަ އެ ވާހަކަދެއްކީ އެންމެ ރަނގަޅަށެވެ. ހިތުގައި ވާހާ އެއްޗެއް ހާމަކޮށްލެވުނީ އެވެ. އެކަމަކުން ވާނެ ގެއްލުމެއް ނެތެވެ.

ޒިޔާމާގެ މޫނު ރަތްވެ ލޭކޮޅަކަށްވި އެވެ. ފައިސަލްވެސް އިންނެވީ އީޝަލްގެ ޅަކަމާއި މެދު ހައިރާންވެފަ އެވެ.

"އީޝަލް ހާދަ ލަދުކުޑައޭ...." ޒިޔާމާ އަށް އެހެން ބުނެވުމާއިއެކު ރޮވިއްޖެއެވެ. ޒިޔާމާ ތެދުވެގެން ދާން ހިނގައިގަތުމުން ފައިސަލްވެސް ތެދުވެންނެވި އެވެ.

"އެހެރީ. ދެން އެންމެން ނެތް ތަނެއްނަމަ ޑޭޑް ރުޅިދުރުވީހީ އަޅުގަނޑު ދެކެ. ހީވާނީ މާބޮޑުކަމެއް ކޮށްގެން އަޅުގަނޑު މަންމަ ރޮއްވާލީހެން. އެކަމަކު މިތާ ތިބި ހުރިހާ ކުދިންނަށް އިނގޭނެ އަޅުގަނޑު ގޯސް އެއްޗެކޭ ނުބުނާކަން. ހަމަ އެކަނި މިބުނީ ޝަމާއިލް އަކާއި ނީންނާނަމޭ. ދެން މިތަނުގައި ރޯންވީ މީހަކީ އަޅުގަނޑު. މަންމައެއް ނޫން. އެންމެ ރަނގަޅު. ސޮރީ ....." އީޝަލް ލޮލަށް ގޮތެއް ހަދާލިގޮތުން ހީވަނީ އޭނަގެ މަންމަ ކަންތައްބޮޑު ކުރަން އުޅޭހެންނެވެ.

"އީޝަލް ތިގޮތަށް ސިއްރުތައް ހިފަހައްޓަން ނޭނގެންޏާ އަދި ފަހުން ސީރިޔަސް މައްސަލަތައް ނިކުންނާނެ އިނގޭ ދަރިފުޅާ. ވިސްނާފައި ވާހަކަ ދައްކަބަލަ. މަންމަ އެފަދަ ވާހަކައެއް ބުނެފައިވިޔަސް އެންމެންގެ ތެރޭގައި އީޝަލް ނުޖެހޭނެ އެވާހަކަ ދައްކާކަށް..." ފައިސަލް އެހެން ބުނުއްވާފައި ޒިޔާމާގެ ފަހަތުން ދުރުވީއެވެ.

އީޝަލް ދެކޭގޮތުގައި ސިއްރެއް ބޭޒާރު ނުކުރަންވީ ހިލޭ މީހުންގެ ތެރޭގައެވެ. ޢާއިލާ މީހުންނަށް އެނގުނަސް ގެއްލުމެއް ނުވާނެއެވެ.

"އިޝޫއަށް ގޯސްއެއްޗެކޭ ބުނެވުނީތަ؟ ނޭނގޭ ކޮންމެ ފަހަރަކު އިޝޫ އެއްޗެކޭ ބުނީމަ ދެން ބޮޑު މައްސަލަގަނޑަކަށް ވަނީ.. މޭއިއަށް އަންޑަސްޓޭންޑް ވޭދޯ. އަހަރެން ޝަމާ އާއި މެރީ ނުކުރާނަމޭ ބުނީމަ. ހީޒް ހެންޑުސަމް އެކަމަކު ނޮޓް މައި ޓައިޕް....." އީޝަލް ކަރު އެލުވައިލައިފައި ގޮނޑިއަށް ވެއްޓިގެން މޭޒުގައި ދެއުޅަބޮށި ވިއްދާލަމުން ދަތްދޮޅީގައި އަތް އެޅުވިއެވެ.

މައިރާ ހުރީ ކަރުނަތައް ހިފަހައްޓައިގެންނެވެ. މައިރާ އެއްވެސް އެއްޗެކޭ ނުބުނެ ތެދުވެގެން ބާރުބާރަށް ހިނގާލާފައި ދާން ފެށުމުން ރެޔާންއަށް އޮޅިގެން ނަމަވެސް ބަލައިލެވުނެވެ. އައިޒާން ކޮފީތަށި ތުބުގައި ޖެހިއެވެ. އޭނަ އިނީ ހިމޭންވެފައެވެ. ހީވަނީ ކޮންމެ މީހަކުވެސް ދެންމެ ހިނގި ކަންތައް ހަނދާން ނައްތައިލަން ބޭނުންވެފައިވާހެންނެވެ. ހުރިހާވެސް ސަބަބަކީ އީޝަލްގެ ޅަކަމެވެ. ސިއްރުތައް ހިފަހައްޓައި ނުލެވޭކަމެވެ. އަދި ހިތަށް އައިހާ އެއްޗެއް ކިޔާލާކަމެވެ. އައިޒާންއަށް ވެސް އެނގުނީ އޭނަ އީޝަލްއާއި ވާހަކަދައްކާއިރު ވިސްނަން ޖެހޭނެ ވަރެވެ. ކުޑަކުއްޖަކަށް ވުރެ އީޝަލްގެ ހާލު ބޮޑެވެ. އެކަމަކު ޔަގީނުން ވެސް އޭނަ ބޭނުންވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް އޮންނަން ވާނެއެވެ. މައްސަލައަކީ އެންމެންގެ ތެރޭގައި ޖެހިލުމެއް ނެތި އިއުލާން ކުރިކަމެވެ.

އައިޒާން ކޮޓަރިއަށް ދިޔައިރު މައިރާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އޭނަގެ ހިމޭން ގިސްލުންތަކުން އައިޒާންގެ ހިތަށް ތަދުވިއެވެ. މައިރާ ހުއްޓުވަން އޭނަ ހަދަންވީ ގޮތެއް ވެސް ނޭނގުނެވެ. މައިރާގެ ހިތުގައި ވަނީ ކޯނޗެއްކަން އެނގޭނެ ނަމައެވެ. އެންމެ ފަހަރަކުވެސް މައިރާ ހިތް ހުޅުވައިލާނެ ނަމައެވެ. އައިޒާން ފެންވަރައިލައިގެން ނިކުތީ ކަޅު ޖިންސަކާއި ޓީޝާޓެއް ލައިގެންނެވެ. އެތަނަށް ވެރިވެފައިވާ މަޑު އަލީގައި ވެސް އެ ކަޅު ފުން ދެލޯ ވިދައެވެ. އެދެލޮލުގައިވާ ހިތާމަވެރި އަސަރުތަކުން ދެކޭ މީހެއްގެ ހިތް ހަލާކުކޮށްލާވަރުވެ އެވެ. އެހެންނޫނަސް އޭނަ ވަނީ ކުޑަކޮށް ނުތަނަވަސްވެފަ އެވެ. އީޝަލް ދެއްކި ވާހަކައަކުން މިގޭ މީހުން އޭނަ އާއި ދޭތެރޭގައި ދެކޭގޮތް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. އީޝަލް އޭނައާއި ހެދި އުޅެން ވެއްޖެއްޔާ އެމީހުން ބިރުން ހަލާކުވާނެއެވެ. އީޝަލްއަކީ ޒިޔާމާއާއި ފައިސަލްގެ އަމިއްލަ ދަރިއެއް ނޫންކަން އޭނަ ދަނެއެވެ. އެކަމަކުވެސް އެމީހުންގެ އަމިއްލަ ދަރިއެއް ފަދައިން ބޮޑުކޮށްފައިވާ ކުއްޖަކުވެސް ބައްޕަ ނެތް ފިރިހެނަކު ދެކެ ލޯބުވުމަށް އެމީހުން ނުރުހޭނެ އެވެ.

އައިޒާން ދިޔައީ ޓެރެސް އަށެވެ. ޓެރެސްގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރިއިރު، މާޒީގެ އެކި ހަނދާންތައް، އޭނަގެ ހިތް ކުދިކުދި ކުރަމުން ދިޔައެވެ. މައިރާ، އޭނަ އާއި އެންމެ ގާތުގައިވާ އިރުވެސް އެހިތް މިލްކު ނުކުރެވުނު ކަމީ އޭނަގެ ބަދުނަސީބެވެ. އެވަރަށް އޭނަ މައިރާ ދެކެ ލޯބިވާއިރު ވެސް، މައިރާ ހައްތަހާ ދުރުވާކަމުގެ އިހުސާސް ކުރެވެނީ އެވެ. އޭނަ ކިތަންމެ ވަރަކަށް ކެތްތެރިވި ނަމަވެސް ލޮލުން އޮހިގަތް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. އޭނަ ރެއިލިންގައި އުޅަބޮށި ޖައްސާލަމުން ދެއަތުގެ ތެރޭގައި މޫނު ފޮރުވިއެވެ.

"ޒާން. އެކަނިތަ؟" ރެޔާންގެ އަޑުއިވުމުން އައިޒާން ސިހުނެވެ. އޭނަ މިވަގުތު ބޭނުމީ އެކަނިވެރިކަމެވެ. އެއްވެސް މީހަކަށް އޭނަގެ ލޮލުން އޮހެމުންދާ ކަރުނަތައް ފެނުނަދޭކަށް އޭނަ ބޭނުމެއް ނޫނެވެ. ރެޔާން އައިސް ހުއްޓުނީ އައިޒާން އާއި ދާދި ކައިރީގަ އެވެ. ރީތި ރެއެކެވެ. އެތައް ސަތޭކަ ތަރިއެއް އުޑުގައި ފިޔަ ޖަހަމުން ދިޔައެވެ. ހަނދު ހީވަނީ ހިނިތުންވެލައިގެން އިންހެނެވެ. އެއިން ކޮންމެ ރީތިކަމަކުން ރެޔާން ހަނދާންވަނީ މައިރާ އެވެ. 

"އޭއި ޒާން. ކިހިނެއްވީތަ؟" ރެޔާން، އައިޒާންގެ އަތުގައި ހިފަހައްޓާލަމުން އޯގާތެރިކޮށް އަހާލައިފިއެވެ. އެއަތުގައި ހިފަހައްޓާ ލިވަގުތު އައިޒާންގެ ކަރުނައިން ރެޔާންގެ އަތްތިލަ ތެމި ފިނިވެގެން ދިޔައެވެ. އައިޒާން ރޮނީކަން ރެޔާންއަށް ޔަގީންވި އެވެ. ރެޔާންގެ ހިތަށް ވެސް އާދަޔާ ޚިލާފު އަސަރުތަކެއް ކުރިއެވެ. ހިތަށް ފިނިވެގެން ދިޔައެވެ. އައިޒާންގެ ހިތާމައިގައި ހިތުގެ އެންމެ ފުންމިނުން ބައިވެރިވި އެވެ. ރެޔާން އައިޒާން ގާތު ވެގެން އުޅޭގޮތް އަހަން ފެށުމުން އެންމެ ފަހުން އައިޒާން އަށް މަޖުބޫރުވީ ވާހަކަދެއްކުމަށެވެ. އެވެސް އިރުކޮޅެއް ފަހުންނެވެ.

"ރެޔާންއަށް ރަނގަޅަށް އެނގޭނެ މިއަދު މޭޒުދޮށުގައި ކަންތައް ވީގޮތް. އީޝަލްގެ ޅަކަމުން ބުނެލި އެއްޗަކުން އެންމެން ރުޅިއަންނާނީ އަހަރެންދެކެ ކަން އެނގުނު. އަހަރެން އަސްލު އީޝަލްއާއި އެހާ ސަމާސާކޮށް އުޅެނީ އޭނަ އުޅޭލެއް ޅަކަމުން އެކަމަކު ހިތަކަށް ނާރާ އީޝަލް އެފަދަ އެއްޗެކޭ ބުނެފާނެ ކަމަކަށް. މިހާރު ރެޔާންގެ މަންމަމެންނަށް ހީކުރެވިފައި އޮންނާނީ އަހަރެން އީޝަލް ހައްލާލައިގެން އެހެން އެއްޗެހިތަކެއް ބޮލަށް ވައްދައިގެން އުޅޭކަމަށް...." އައިޒާން ވިސްނާލާފައި އެހެން ބުނެލީ އަސްލު ހިތާމައިގެ ސަބަބު ރެޔާންއަށް އޮޅުވާލުމަށެވެ. ހުރިހާވެސް ހިތާމައަކީ މައިރާ އެވެ. އޭނަ އާއި މައިރާ ގެ މިއޮތް ނަމެއް ނުދެވޭ ގުޅުމާއި މެދު ވިސްނަމުން ގޮސް ބޯ ހަލާކުވެދާން އުޅެއެވެ.

"ދެން ކޮބާ މައްސަލައަކީ. އީޝަލް ޒާން ދެކެ ލައިކް ވާކަމަށް ވަންޏާ އެކަކަށް ވެސް ނުހުއްޓުވޭނެ ދޯ. އެކަމަކާއި އެކަކު ވެސް ޒާން ދެކެ ރުޅިއެއް ނާދޭ...." ރެޔާން ޔަގީންކަމާއި އެކު ބުންޏެވެ.

"ރެޔާންގެ މަންމަ އެ ތަނުން ދިޔަގޮތަށް ކޮޓަރިއަކުން ނުނިކުމޭ. އެއްވެސް މީހަކަށް ކަމަކު ނުދާނެ ބައްޕަނެތް މީހަކާއި އެބަޔެއްގެ އަންހެން ދަރިއަކު ކްލޯޒްކޮށް އުޅެން. އެކަން މިއަދު ޔަގީން ކުރެވިއްޖެ. އެނގޭ އީޝަލް ސަކަރާތް ޖަހަން ބުނެލި އެއްޗެއްކަން. އޭނަގެ ކިޑީ މިޒާޖުގެ ސަބަބުން މީހަކު ހިތަށް ނާރާފަދަ އެއްޗެއް ވެސް ބުނެލަފާނެ. އެކަމަކު އަހަރެން އުޅެންވާނީ އަހަރެންގެ ފެންވަރު ދަނެގެން ދޯ...." އައިޒާންގެ ހިތި ޖުމްލަތައް ރެޔާންގެ ހިތަށް ތޫނު ތީރުތަކެއް ފަދައިން ހަރާލި ހެން ހީވިއެވެ. އައިޒާން އަށް ހަގީގަތް އެނގޭ ނަމަ އޭނަގެ ވިސްނުން މުޅިން ބަދަލުވެގެން ހިނގައިދާނެއެވެ.

"މަންމަ އެއްގޮތަކަށް ވެސް އީޝަލް ބުނި އެއްޗަކުން ޒާން ދެކެ ހިތްހަމަނުޖެހިގެން ކޮޓަރިން ނުނިކުމެ ހުރީކީ ނޫން. އީޝަލްގެ އަނގައަކާއި ހެދި މަންމަ ދެރަވި ވަރުންނާއި ގަތް ލަދުން ކަމަށް ވާނީ. ޒާން މަންމަގެ ކޮޓަރިއަށް ގޮސް އަހާލަބަލަ. މަންމައަށް ޒާން ތިގޮތަށް ވިސްނިކަން އެނގުނަސް ދަންޖެހިގެން މަރުވާނެ. އެކަމަކު މަގޭ ހިތް ބުނަނީ ޒާން ފޮރުވާ އެހެން ކަމެއްވެސް ވެއޭ. ކީއްވެތަ އަހަންނާއި ޝެއާ ނުކުރަން ތިއުޅެނީ. އަހަންނަށް އެނގޭ. މައިރާގެ މައްސަލަ ދޯ.... " ރެޔާން ރެއިލިންގެ މައްޗަށް އަރާ އިށީނދެއްޖެއެވެ. އެއީ ކިރިޔާވެސް އަރިއަޅާލައިފިއްޔާ ވެއްޓިގެން ދާގޮތަކުން އޭނަގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާނެކަމެކެވެ. އެކަމަކު ރެޔާން އަމިއްލަ ފުރާނައާއި މެދު އެއްވެސް ވަރަކަށް ފަރުވާލެއް ނެތެވެ.

ރެޔާންގެ ފަހު ޖުމްލައިން އައިޒާން ސިހުނެވެ. ކުއްލިއަކަށް ރެޔާން އާއި ދިމާއަށް ބަލައިލެވުނެވެ. ޖެހެމުން ދާ ވައިރޯޅިތައް އައިޒާންގެ އިސްތަށިގަނޑަށް ގޯނާކޮށް އިސްތަށިތައް ލޮލަށް ވަންނަން ފެށުމުން އޭނަ އެއް އަތުން އިސްތަށިގަނޑު ރީތިކޮށްލައިފި އެވެ.

"ކީއްވެތަ ތިހެން ބުނީ...އަހަރެން ވެސް ބޭނުންވި ރެއިން އާއި ތި ސުވާލުކުރަން.. ރެއިން އާއި މައިރާ އާއި ދެމެދުވަނީ ކޮން ގުޅުމެއް ބާވައޭ ކިތަންމެ ފަހަރަކު ހިތަށް އަރައިފި...." އައިޒާން ގެ ހިތް ތެޅިލިއެވެ. މިހާ ޒާތީ ވާހަކައެއް މިގޮތަށް އަދި ދެމީހުން ދައްކާފައެއް ނުވެއެވެ. 

"ޒާން. އަސްލު އަހަރެން ދެކެ މައިރާ ހޭޓް ކުރޭ. އޭނަ ބޭނުމެއް ނުވޭ އަހަރެންގެ ސޫރަ ދެކެން ވެސް. އަހަންނާއި ޒާލީގެ އޮންނަ ގުޅުމުން ވެސް މައިރާ ފޫހިވި އަދި އަހަންނާއި ޒާލީ އާއި އެކީގައި ތިއްބާ ޝަމާއަށް ފެނިގެން ބޮޑު މައްސަލަގަނޑަކަށްވެފައި އޮތީ. ތަންކޮޅެއް ކުރީގައި ގުޅުމެއް ނެތެކޭ ނޫން އެކަމަކު މިހާރު މައިރާ އަކީ އަހަރެންގެ ފަހަރިއެއް. ދެން ދުވަހަކު ވެސް އެނޫން ގޮތަކަށް ނުބެލޭނެ. ޒާން. ގަބޫލުކުރޭ. އަހަރެން ޒާން ވީމަ މިބުނީ. އަހަންނާއި މައިރާގެ ގުޅުމެއް އޮތިއްޔާ އެވަނީ މާޒީއާއި އެކުވެފައި....." ރެޔާން ދެއްކި ވާހަކަތައް އައިޒާންއަށް ކޮންމެވެސް ވަރަކަށް ގަބޫލުކުރެވުނެވެ. އޭނަ ފުރަތަމަ ފަހަރަށް ރެޔާން ގާތުގައި ހިތް ހުޅުވައިލި އެވެ. އޭނަ މައިރާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށާއި މައިރާ ނުލިބިއްޖެއްޔާ އޭނަގެ ފުރާނަ ވެސް ހިނގައިދާނެ ކަމަށް ބުނިއިރު އައިޒާން ގެ އަޑުކުރެހުނެވެ.

"އެކަމަކު އަހަރެންގެ ބަދުނަސީބުކަން ރެއިން ދެކެބަލަ. މައިރާ ބޭނުންވޭ އަހަރެމެން ދެމީހުން އުފާވެރި ލައިފެއް ވޭތުކުރަން އެކަމަކުވެސް އަހަންނަށް ހީވަނީ މައިރާ ކޮންމެވެސް ކަމެއް ސިއްރުކުރާހެން. އަހަންނާއި ދުރަށް ދާން ބޭނުންވާހެން ހީވާ ފަހަރުވެސް އާދޭ. އެހެންވެ މިހާރު އަހަރެން ހުންނަނީ ހަދާނެގޮތް ހުސްވެފައި...." އައިޒާން ބައެއް ކަންތައް ސިއްރުކުރި އެވެ. މައިރާގެ ބަނޑުގައިވާ ދަރިފުޅަކީ އޭނަގެ ދަރިއެއް ނޫންކަމަކަށް ވެސް ނުބުނެއެވެ. މައިރާގެ ސިއްރެއް ބޭޒާރުކުރަން ބޭނުން ނުވީއެވެ. އެކަމަކު ރެޔާން މައިރާ ބޭނުންކޮށްފައޭ ކިޔައިގެން ރެޔާންގެ މަންމަ ދެއްކި ވާހަކަތައް ވެސް އެވަގުތު ހަނދާނަށް އައެވެ. ޒިޔާމާ ރުޅީގައި ހުރެ އައިޒާންއަށް އޮޅުވާލަން ދެއްކި ވާހަކައެއް ހެއްޔެވެ؟ ނޫނީ ހަގީގަތެއް ބާވައެވެ. އެކަމަކު ރެޔާން ބުނިހެން މައިރާ ރެޔާން ދެކެ ނަފްރަތު ކުރާހެން ހީވާ ފަހަރު ވެސް އާދެއެވެ. 

އައިޒާންއަށް ވެސް މައިރާ އާއި ރެޔާންގެ ލޯބީގެ ވާހަކައިން އަދި އެނގުނީ މަދު އެތިކޮޅެކެވެ.

އައިމަން އޭނަގެ މަންމަ ގާތުގައި މޯނާގެ ކުށެއް ނެތް ވާހަކަދައްކައިގެން އެގޭގައި ބަހައްޓަން އެދިލެއްވީމަ ސުލްތާނާ ހުއްދަ ދިނެވެ. ސުލްތާނާ ބޭނުންވީ މޯނާގެ ކަންތައް ގާތުން ބެލުމަށެވެ. ޝަމާއިލް ވެސް ބޭނުންވީ މޯނާ ފޮރުވައިގެން އުޅޭ މޫނު ބެލުމަށެވެ. އެމޫނު ފޮރުވައިގެން އުޅެންވީ ސަބަބެއް އެއްގޮތަކަށް ވެސް އެމީހުންނަކަށް ނޭނގެއެވެ. ނަމަވެސް މިއޮތީ އެކަން ބަލާނެ ފުރުސަތެއް އަނެއްކާ ވެސް ލިބިފައެވެ.

ފައިސަލް އާއި ޒިޔާމާ ދެއްކި ވާހަކަތައް އަޑު އިވިފައި އީޝަލްގެ ފިޔަވަޅުތައް ގަނޑުވިއެވެ. އޭނަ ގެ ދެލޮލުން ފެނުނީ އިންތިހާ ދަރަޖައިގެ ލާނެތް ވިދުވަރެކެވެ. އެހާ ބޮޑު ސިއްރެއް އޭނަ އަށް ނާންގާ އެންމެން އުޅޭއިރު ހީވަނީ އޭނައަކީ ވިސްނުމެއް ނެތް ކުއްޖެއްހެނެވެ. އެފްބީ އައި އެޖެންޓަކަށް ވުރެ އޭނަ ވަކި ދެރައެއް ނޫނެވެ. އީޝަލް ގަނޑުފެން ގަނޑެއް އަނގަޔަށް ލައިގެން ބެލްކަނީގައި ހުރެ ބާރުބާރަށް ލަވައެއް ކިޔަން ފެށީ ލިބުނު ބޮޑު އުފަލެއްގެ ސަބަބުންނެވެ.

"ޒާން އާއި ރެޔާންއަކީ ޓްވިންސްއިން. ސޯ އިންޓެރެސްޓިން. މި ވާހަކަ އައިޒާންއަށް އަންގައިދޭން ބޭނުން. ހާދަ ބޮޑު ސަޕްރައިޒަކަށްވާނޭ. އަނެއްކާ ބައްޕަގެ ކުންފުންޏެއްގެ ވެރިކަން ވެސް ދޭން ބައްޕަ ނިންމަވައިފި. ޒާން ހާދަ އުފާވާނެ. އެންމަނަށް ވުރެ ކުރިން އިޝޫ ޖެހޭނެ މި ޚަބަރު ޒާންއަށް ދޭން....." އީޝަލް އަށް މަޖާވިވަރުން އޭނަ ހުރީ އެވާހަކަ ކިޔާހިތުން ކެތްނުލަވާފައެވެ. އެކަމަކު އަދި ކުޑަކޮށް ކެތްކޮށްލާނީ އެވެ. މައިރާ ކޮޓަރީގައި ހުރެފައި ތިރިއަށް އައިއިރު އީޝަލްގެ ހުރިހާ ކުދި ކުދި ދަތްތައް ފެންނަވަރަށް ހެވިލާފައި ހުރުމުން ވީގޮތް އަހާލަން ބޭނުންވި އެވެ. އެކަމަކު އޭނަގެ ފަހަރިއަކަށް ވާން އިންކާރުކޮށްފައި ހުރެ އެއްވަރެއްގެ ރީތި ދެ ޒުވާނުން ސިހުރުގައި ޖައްސަން އުޅޭތީ މައިރާ ފޫހިވެސްވި އެވެ. މިހާރުވެސް ލައިގެން ހުރި ޓައިޓްގެ މަތިން ގޮޅިޖެހި ސޯޓް ކޮޅެއް ލާފައި އެރީތި ހަށިގަނޑަށް ހިފާފައިވާ ސިލްކު ޓޮޕެއްގައި ހުރި އިރު ފެޝަން މޮޑެލެއްފަދައެވެ. "އީޝަލްއަކީ ހަމަ ފޫހިކޮށް އުޅޭ ބޭބީ ކުއްޖެއް، އެންމެންލައްވައި ޅަކުރުވަން ވެގެން....." މައިރާ ހިތާހިތުން އެއްޗެހި ކިޔާލިއިރު ވެސް އޭނަ ހުރީ ހިނިތުންވެލައިގެންނެވެ. 

"އެކަނި ހުރެ އަޑުކޮޅަށް ލަވަކިޔަނީ ކީއްވެތަ އިޝޫ. އަހަރެންވެސް ތިހާ ކެއާފްރީ ނަމަ..." މައިރާ އަހާލައިފި އެވެ.

"މިދަނީ ކާން. ހުރިހާކުދިން ދިޔައީމަ މަޖާވާނީ. ކުރީ ދުވަހު މަންމަ ރުޅިއައިސްފައި ހުއްޓާ އަހަރެން ވަރަށް ލޯބިން މާފަށް އެދުނީމަ މަންމަ ބުނި އޯކޭ އޭ. މަންމަ ރުއްސާލަން ބުނިން މިހާރުވެސް ޝަމާ އާއި މެރީކޮށްފާނަމޭ. އެކަމަކު ދެން ޝަމާ ގަބޫލުނުވެސް ވާނެ ދޯ. އޭނަ ނޫނެކޭ ބުނެފިއްޔާ މަންމަމެން ރުޅިއަންނާނީ ޝަމާދެކެތާ. ހޫމް ދެން ކޮންމެވެސް ކުއްޖަކަށް ސަޕްރައިޒެއް ދޭން މިއުޅެނީ. އެހެންވީމަ ކޮންމެހެން ވެސް މޭއި އެތާ ހުންނަން ވާނެ...." އީޝަލް މައިރާގެ އަތުގައި ހިފައި ދަމަން ފެށިއެވެ.

"އެހެންވިއްޔާ އަހަރެން ބިރުގަނޭ. އިޝޫ އިންދާ މިހާރު ނުކެރޭ ކާން ދާކަށް.." މައިރާ ހާސްވި އެވެ.

"އަސްލުވެސް މޭއިގެ ވާހަކައެއް ނުދައްކާނަން ޕްރޮމިސް..." އެންމެ ފަހުން އީޝަލް ކުރުނުކޮށް ކިޔަން ފެށުމުން މައިރާ އީޝަލް އާއިއެކުގައި ދާން ހިނގައިގަތެވެ. އެވަގުތު ސިޓިން ރޫމުން ރެޔާން އާއި އައިޒާންގެ އަޑު އިވުމުން އީޝަލް އެ މީހުން ދައްކާ ވާހަކައެއް ބަލަން ކައިރިއަށް ޖެހިލައިފި އެވެ. ހީވަނީ ކަމަކާ ޒުވާބެއް ފަށައިގެން އުޅޭހެނެވެ.

ކޮމެންޓް 0