އިޓްސް އޯކޭ. ބައްޕަ އެދިލައްވައިގެން އިސްތަށިގަނޑު ކޮށައިލީމަ އެންމެނަށް އޮޅުނީ..." އައިޒާން ބޭނުންވީ ވީހާވެސް އަވަހަށް އެތަނުން ދިޔުމަށެވެ. މިރޭ އެމަންޒަރު ފެނުނީ ރެޔާންއަށް ކަން އޭނައަށް ގާތްގަޑަކަށް ޔަގީނެވެ. ރެޔާން ވިސްނާނީ އެންމެ ނުބައިކޮށެވެ. އަންވަރު ބުނިފަދައިން އޭނަ ފަހަރި އާއި އެކު ސިއްރު ގުޅުމެއް ބާއްވާކަމުގެ ރީތި ހެއްކެކެވެ. ވަގުތުން ރެޔާންގެ ފަހަތުން ގޮސް ހުރިހާ ކަމެއް އޮޅުން ފިލުވަދޭން އައިޒާން ގަސްތުކުރިއެވެ. ވާހަކަ ނުދައްކައި އެއްވެސް ކަމެއް ހައްލެއް ނުވާނެއެވެ. އައިޒާން ދާން ހިގައިގަތުމުން މައިރާ ގޮވާލިއެވެ.

"ޒާން. އަހަރެން ބޭނުން ވަރަށް މުހިއްމު ވާހަކައެއް ދައްކާލަން. ޕްލީޒް މަޑުކޮށްލަ ދީފާނަންތަ؟ އެނގޭ އުނދަގޫ ވާނެ ކަންވެސް ކަންތައްވެފައި އޮތްގޮތުން. ޒާންގެ ބްލެސިން ނެތި އެއްގޮތަކަށްވެސް ދިރިއުޅުން އޮމާންކޮށް ނުދާނެކަން މިހާރު އެގިއްޖެ. ޒާން ހިތުގައި ޖެއްސުމުގެ އަދަބުކަން ނޭގޭ މިލިބެނީ. އަހަންނަށްވެސް ނޭގުމުގެ ތެރޭގައި ކުރެވުނު ކުށަކުން އަހަރެންގެ ދުނިޔެ ކުނޑިކުނޑި ވެގެން މިދަނީ. ޒާން. ރެޔާންވެސް އަހަރެންދެކެ ރުޅިއާދޭ. ޕްލީޒް ހެލްޕް މީ. އައި ބެގްޔޫ. އެހެންނޫނީ އަހަރެން މޮޔަވެދާނެ...." މައިރާގެ އަޑުގައިވި އާދޭހަކުން އައިޒާންގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. އޭނަ އާއި މައިރާ މިރޭވެސް ނޭގުމުގެ ތެރޭގައި އެހާ ކައިރީގައި ތިއްބާ ރެޔާންއަށް ފެނުނު ގޮތަށް އެހެން މީހަކަށް ފެނިއްޖެއްޔާ ބޮޑު މައްސަލަ އަކަށްވެސް ވެދާނެއެވެ. ޓެރެސްގެ ބޮކިތައް ނިވާލައިގެން މި އަނދިރިކަމުން އުފަލެއް ހޯދަމުން ދާނީ ދެލޯބިވެރިން ނޫން އެހެން ކޮން ބަޔެއް ބާވައެވެ. އިންސާނުންގެ ހިތަކީ ވަހުމުން ފުރިފައިވާ އެއްޗެކެވެ. ހަމައެކަނި ލޮލަށް ފެންނަ ކަމެއްގެ މައްޗަށް ބިނާ ކޮށްގެން ވެސް ކިތަންމެ ބޮޑު ކުށްހީއެއްވެސް ކުރެވިދާނެއެވެ.

"ނޫން. ރެއިން މޭއި ދެކެ ވަރަށް ލޯބިވޭ. ވެދާނެ އޭނަގެ ހުންނަ ގޮތަކުން އެ ލޯބި ތަފާތުކޮށް ދައްކަނީ ކަމަށް. ނޫނީ އިމޯޝަންތައް ފޮރުވައިގެން ހުންނަނީ ކަމަށް. އެކަމަކު ރެއިންގެ ހިތް އަހަންނަށް ރަނގަޅަށް އެގޭ. ރެއިންގެ ދުނިޔެ އަކީ މޭއި އާއި އެޑެން. ކޮބާތަ މިހާރު ޖެހިގެން އުޅޭ މައްސަލައަކީ. އަހަރެން މިހިރީ އަހަންނަށް ވެވުނު ކޮންމެ އެހީއެއް ދޭން..." އައިޒާން އަހައިލީ މައިރާ ހުރިހާ ވާހަކަތައް ކިޔާދޭނެ ކަމަކަށް ނޫނެވެ. އެވަގުތު މައިރާގެ ފޯނަށް މެސެޖެއް އައެވެ. އެއީ ރެޔާންގެ މެސެޖެކެވެ. ރެޔާން އެދިފައި ވަނީ އަވަހަށް އައުމަށެވެ. އޭނަ ވާހަކައެއް ދައްކާލަން ބޭނުން ކަމުގައެވެ. މައިރާ ބުނީ ފަސް މިނިޓް ދިނުމަށެވެ. މައިރާ ފޯނު ޖިންސްގެ ޖީބަށްލުމަށްފަހު އައިޒާން އާއި ދިމާލަށް އެނބުރުނެވެ. މައިރާ ގަސްތު ކުރީ މިއަދު އައިޒާން އާއި އޭނަގެ މާޒީ ހިއްސާ ކޮށްލުމަށެވެ. ރެޔާންގެ ކޮއްކޮއަށްވެފައި، މައިރާގެ ހަޔާތަށް އައި ޒުވާނެއްގެ ހައިސިއްޔަތުންވެސް މެއެވެ. މައިރާގެ ސިއްރުތައް ކިޔައިދޭން އެންމެ ރަނގަޅު އެކަކަށް ވާތީ އެވެ. 

މައިރާ މިފަހަރު އޭނަގެ ޙަޔާތުގެ ހުރިހާ ސަފުޙާތަކެއް އައިޒާންއަށް ހުޅުވާލިއެވެ. މިވީހާތަނަށް އޭނަ އެއްވެސް މީހެއްގެ ކައިރީގައި ބުނެފައިނުވާ ސިއްރެއްވެސް ހާމަކުރިއެވެ. އޭނަގެ މަންމަގެ ކޮޓަރިން ފެނުނު ސިޓީތަކުގެ ޚަބަރެވެ. އޭނަ އެއްގޮތަކަށްވެސް ޢަދަންގެ ބައްޕަ އޮޅުވާލަން ބޭނުންނުވީ އެހެންވީމަ ކަމަށް މައިރާ ބުނީ އަސަރާއި އެކުގައެވެ.

"ޒާންއަކަށް ވެސް ނުފެންނާނެ އަހަރެންހާ ބަދުނަސީބު އަންހެންކުއްޖެއް. އެންމެ ނަވާރަ އަހަރުގައި އަހަރެންގެ މުޅި ދުނިޔެ މިވަނީ ބަރުބާދުވެފައި. އެހެންވެ އަހަރެން ބޭނުންވީ އެޑެންއަށް ޓަކައި ރެޔާން އާއި އަލުން ގުޅިގެން މާޒީ ހަދާން ނައްތާލަން. އެކަމަކު ރެޔާން އަހަރެންދެކެ ނަފްރަތުކުރޭ. ބޭނުމެއްނުވޭ ވާހަކަ ދައްކާކަށް ވެސް. އަހަންނަށް ފީލް ވަނީ އަހަރެން ޒާންއަށް އޮޅުވާލީތީ ލިބުނު ސަޒާއެއްކަމަށް. މި ދިރިއުޅުމުގައި ދެން ދުވަހަކު އުފަލެއް ލިބޭނެހެނެއް ހިޔެއްނުވޭ. ޒާންއަށް އެނގޭތަ؟ ރެޔާން އާއި އެކު އުޅުމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމެއްނޫން. ޒާން. ވެވެންޏާ އަހަންނަށް މާފުކޮށްދޭތި...." މައިރާ ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރިޔަސް އަނެއްކާ ރޮވިއްޖެއެވެ. އައިޒާން މިފަހަރު ހެޔޮހިތުން މައިރާއަށް މާފުދިނެވެ. އަދި މައިރާގެ ދިރިއުޅުން ބަރުބާދު ވެގެން ދާތަން ދެކެން އޭނައަކަށް ކެތެއް ނުކުރެވޭނެ ކަމަށް ސީދަލަށް ބުންޏެވެ. އޭނަވެސް މައިރާ ދެކެ ލޯބިވާ ކަމަށާއި ބޭބެގެ އަންހެނުން ދެކެ ލޯބި ވެވުނީ އޭނަގެ ބަދުނަސީބާއި ސުންޕާ ކަމުންކަން ގަބޫލު ކުރެވޭ ކަމަށާއި މައިރާގެ މަތިން ހަދާން ނައްތާލަން ކެޑިނޭޅި މަސައްކަތް ކުރަމުން ދާކަމަށް އައިޒާން ބުނެލީ ދެރަވެފައިހުރެއެވެ. 

އެކަކު އަނެކަކު ކައިރީގައި ހިތް ހުޅުވާލުމުން މިއަދު ޔަގީނުންވެސް ދެހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިއްޖެއެވެ. ނަމަވެސް މައިރާ ހާސްވީ އައިޒާން ޖެހިލުމެއްނެތި މިރޭ އޭނަ މައިރާ ދެކެ ލޯބިވާކަމަށް އެއްބަސްވުމުންނެވެ.

މައިރާ ގަޑިއަށްބަލައިލައިފައި ބިރުގަނެ ހާސްވިއެވެ. ރެޔާން ގާތުގައި ފަސްމިނިޓޭ ބުނެފައި އެފަހުން ބައިގަޑި އެއްހާއިރު ވެއްޖެއެވެ. އެކޮޓަރިއަށް ދާންވެސް މައިރާ ޖެހިލުންވިއެވެ. އޭނަ އެހެން ކޮޓަރި އަކަށް ވަދެ މޫނުދޮވެލައި ތާޒާވެލުމަށްފަހު ލޮލުގައި އަދުން އަޅައިލާފައި ލޮލުގެ ވިދުން ގަދަކޮށްލައިފިއެވެ. ރެޔާންއަށް އޭނަ ރޮއިފައި ހުރިކަން އެގުނަދޭކަށް މައިރާ ބޭނުމެއްނުވިއެވެ. އޭނަ ކޮޓަރިއަށް ދިޔައީ ދަންކޮށްފައެވެ. އޭރު ނަސީބަކުން ރެޔާން އޮތީ ނިދާލާފައެވެ. 

ހެނދުނު ތެދުވެގެން މައިރާ ފެންވަރައި ރީތިވެލައިގެން ފާޚާނާއިން ނިކުތްއިރު ރެޔާން އިނީ އެނދުގެ ބޯލާކޮޅުގައި ބާލީސްތައް ޖައްސާލައިގެން އިށީނދެލައިގެން ލެޕް އިން ކޮންމެވެސް މަސައްކަތެއް ކުރުމަށެވެ. މައިރާ ކޮޓަރިއަށް ވަންކަން އެގުނު ކަމަށް ހަދާނުލީމަ، މައިރާއަށް އިތުރު ވާހަކައެއް ދައްކާލާކަށް ނުކެރުނެވެ. މައިރާ ކިރިޔާ އެއްޗެކޭ ބުނެލިޔަސް ރެޔާން ރުޅިގަދަވެގެން ހަޅޭއްލަވައިގެންފައި، ހަދާލާނެ ގޮތެއްވެސް އެގެނީ އެއްނޫނެވެ. ރެޔާން ވަނީ ބަދަލުވެފައެވެ. އަބަދު ހުންނަނީ ބުމަ ގޮށްޖަހާލައި ގެންނެވެ. ނުރުހުމުގެ ނަޒަރުން ނޫނީ ބަލައިލަން ވެސް ނޭގެއެވެ. އޭނަގެ ލޯތްބާއި އަޅައިލުން ވަނީ މުޅިން ނެތިގޮސްފައެވެ.

މައިރާ ކޮޓަރީގެ ތެރޭގައި އެކިކަންތަކުގައި އުޅެމުން ދިޔައީ ރެޔާން އަނގައިން ބުނެލާނެ ކަމުގެ އުއްމީދުގައެވެ. އެންމެ ފަހުން ޓީވީ ޖައްސާލާފައި، ޗެނެލްތަކާއި ކުޅެން ފެށިއެވެ. މައިރާ ޖެއްސި ޗެނެލް އިން ފެނުނީ އިޝްގީ މަންޒަރެކެވެ. މައިރާ ސިއްރު ނަޒަރަކުން ބަލައިލިއިރުވެސް ރެޔާން އިނީ އޭނަ ކުރަން އިން މަސައްކަތަށް ވަދެ ގެއްލިފައެވެ. އެންމެ ފަހުން މައިރާ ރެޔާންގެ ސަމާލުކަން ހޯދަން ނިންމިއެވެ. އޭނަ ސޯފާގައި ހަމަޖެހިލައިގެން އިށީދެ އޭނަގެ ބައްޕަ އައިމަން އަށް ގުޅިއެވެ. އެންމެ ފުރަތަމަވެސް މައިރާ ކިޔައިދިނީ އަންވަރު އޭނަ އެކަނި ގޭގައި ހުއްޓާ އެކޮޓަރި އާއި ހަމަޔަށް އައި ވާހަކައެވެ. އެވާހަކަ ކިޔާދޭން ފަށާއިރަށް މައިރާގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. 

"ޑެޑީ. އައިމް ސޯ ސްކެއާޑް. ހީވަނީ އޭނަ އެޑެންއަށް ކަމެއް ކޮށްފާނެ ހެން. އެހެންވެ ވަރަށް ބިރުގަނޭ. ޑެޑީމެން ނެތީމަ ވަރަށް އެކަނިވޭ. ފެމިލީ އެންމެން އެކީގައި ނުދިޔަނަމަ. މޭއިވެސް ގެންދިޔަނަމަ. އަވަހަށް މިކޮޅަށް ދުރުވޭ ޑެޑީ. ހާދަ ބިރުގަނެޔޭ. އެމީހާ އެޑެންއަށް ކަމެއް ކޮށްފާނެހެން ހީވަނީ. އަބަދު ހުވަފެނުގައި ވެސް ފެންނަނީ ބޭބީއަށް ބޮޑު އަނިޔާއެއް ވެގެން އުޅޭތަން. އަބަދު ވިސްނަން ޖެހެނީ. ދެރަވެ ރޯން ޖެހެނީ...." މައިރާ ރޮމުން ވާހަކަދައްކަން ފެށުމުން ރެޔާންގެ ހިތަށް ތަދުވިއެވެ. އިރުކޮޅަކަށް ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ބޭ އިޚުތިޔާރުގައި މައިރާ އާއި ދިމާލަށް ބަލައިލެވިއްޖެއެވެ. އޭނަ ބޭނުންވީ މައިރާ އަތުތެރެއަށް ގެނައުމަށެވެ. އެކަރުނުން ތެމިފައިވާ ލޮލުގައި ބޮސްދީފައި ލޯބިވާވަރު ބުނެދިނުމަށެވެ. ކައިވެންޏަށްފަހު އާއިލާ އަކީ ބައްޕަވެސް ނޫންކަމަށާއި ރެޔާން އާއި ޢަދަން އަކީ މައިރާގެ އާއިލާ ކަމަށް ބުނެދިނުމަށް ހިތް އެދުނެވެ.

"އަހަރެންގެ ފުރާނަޔާ. ތިގޮތަށް ނުރޮއި އެންމެ ފަހަރަކުވެސް އަހަރެންގެ ކައިރިއަށް ރުހުމުން އާދެބަލަ. ދުނިޔޭގެ ހުރިހާ އުފާތަކާއި ހިތްހަމަޖެހުމެއް ލިބިދާނެ. އޭރުން ފަސްއެނބުރި ބަލައިލުމެއް ނުވާނެ ބޭބީ.." ރެޔާންގެ އެޖުމްލަތައްވީ ހިތުގައެވެ. 

ނަމަވެސް ރެޔާން ވިސްނިގޮތާއި ޢަމަލާއި ދިމަލެއް ނުވިއެވެ. އެހެން ނުފެންނަ ބާރެއްވެސް އެ ދޭތެރެއަށް ވަނެވެ. ރެޔާން ލެޕްވެސް އެނދަށް ހޫރާލުމަށްފަހު ދަތްކުނޑިވިކާލައިގެން ހުރެ ތެދުވެގެން އައެވެ. މައިރާ ޅަވާން ހިތަށް އަރައިފިއްޔާ ބައެއްފަހަރު އޭނަގެ ބައްޕަ ކައިރީގައި ފަސްއަހަރުގެ ކުޑަކުއްޖަކަށް ވެގެން އުޅެފާނެކަން މިރޭ ރެޔާންއަށް އެގިއްޖެއެވެ. ކިތަންމެ ސީރިޔަސްކޮށް އުޅުނަސް އެ ސިފަތަކުގެ ފަހަތުގައި ހަގީގަތުގައި ވަނީ ޅަ ކުއްޖެކެވެ. ހަދާނެގޮތް ހުސްވެ މާޔޫސްވެފައިވާ ކުއްޖެކެވެ. ރެޔާންގެ ހިތަށް އަނެއްކާ ރަޙުމް ވަންނަން އުޅުނެވެ. އެކަމަކު ދެވަނަ ސިކުންތުކޮޅުގައި އޭނަ ބޭނުންވީ މައިރާގެ އަތުގައިވާ ފޯނު ބިންމަތީގައި ޖެހުމަށެވެ. ނަމަވެސް އޭނައަށް ކުރެވުނު ކަމަކީ މައިރާގެ އަތުން ފޯނު ދަމައިގަނެފައި ފޯނު ސްވިޗް އޮފްކޮށްލުމެވެ. މައިރާ ބިރުން ލޯ ބޮޑުކޮށްލި ގޮތަށް އެސްފިޔަޖަހާލާކަށްވެސް ނުކެރުނެވެ. 

"މާ ޑެޑީވެގެން ރޮއިރޮއިފަ އެކަނި ވަނީ އޭ ކިޔާފައި ވާހަކަދައްކާ އިރު ބަލަ ނޭގުނީތަ އަހަރެން ބޭޒާރު ކުރެވެނީ ކަމެއް. އެމީހުން ހީކުރާނީ އަހަރެން މައިރާ ރޮއްވަމުން އުޅެނީ ކަމަށް. އުފަލެއް ނުދެނީ ކަމަށް. މައިރާ. ކީއްވެ އެވަރު އަންޑަސްޓޭންޑު ނުވަނީ..." ރެޔާން މައިރާގެ ދެކޮލުގައި ހިފާ ފިތާލަމުން ބުންޏެވެ. މައިރާއަށް ތަދުވިއެވެ. މޫނު ރަތްވެ އަނގުރު ކޮޅަކަށް ވިއެވެ.

"ރެޔާން. ތަދުވެޔޭ..." މައިރާއަށް ބުނެވުނެވެ.

"ތަދުކުރެވޭލެއް ކުޑައީނު. އަނިޔާއެއް ނުކޮށް، މާ ލޯބިން ގެންގުޅެން ހަދައިގެން ރީއްޗަށް ސްޕޮއިލްވެ، ނިމިފައި ތިހިރީ. އެހެންނޫނަސް އަހަރެން ބޭނުން މައިރާ ޒާންގެ ފަހަތުން ނުނައްޓައިގެން އުޅޭ ސަބަބެއް އެގެން. ޒާންއަކީ އަހަރެންގެ ކޮއްކޮ ކަން ނޭގެނީތަ؟ ލަދެއްނެތި އޭނަގެ ގަޔަށްވެސް އަރައިގަންނަތަން ފެނުނީ މަގޭ ދެލޮލުން. ހާދަ ގޮތްކުޑައޭދޯ. އެދުވަހު އަންވަރު އެހުރިހާ އެއްޗެއް ކީއިރުވެސް އަހަންނަށް އެގުނޭ ޒާން ގެ ކުށެއްނެތް ކަމާއި، ޒާން ދޮގެއް ނަހަދާނެކަން. މައިރާއަށް ނުކެރުނެއްނު އަހަންނަށް ގުޅާލާކަށް. ގުޅީ ޒާންއަށް. އަހަރެންނާއި މައްސަލަތަކެއް ޖެހިފައިއޮތަސް އަންވަރުމެން ފަދަ މީހުންނަށް އެފަދަ ޝައްކުތައް ކުރެވޭނެ ކަމެއް ކުރެވިގެން ނުވާނެ...." ރެޔާން އުކުޅުގައި އަތްވިއްދާލަމުން ވާހަކަދެއްކިއިރު އޭނަ ހުރީ މައިރާ އާއި މެދު ހަދަންވީ ގޮތެއް ނޭގިފައިހެން ހީވެއެވެ. 

"ރެޔާންއަށް ހާދަ އަންޑަސްޓޭންޑު ނުވެޔޭ. ލޮލަށް ފެންނަ މަންޒަރަކުންވެސް މީހަކަށް ކެހިދީފާނެ. ޒާން ކުރެން އަހަން ވީނު އެކަން ހިނގިގޮތް...." މައިރާ އަންވަރު އެގެއަށް ވަން ހާދިސާގެ ތަފްސީލާއި އަދި ރެޔާން ކަމަށް ހީކޮށް އޮޅިގެން އައިޒާންގެ ގައިގައި ބައްދާލެވުނު ވާހަކަ ކިޔައިދީފައި ސޯފާއިން ތެދުވެއްޖެއެވެ. އޭނަ ހުއްޓުނީ ރެޔާން ގެ ކުރިމަތީގައެވެ. ރެޔާންގެ ރީތި ފުން ދެލޮލާއި ދިމާލަށް ބަލައިލެވުމާއި އެކު މައިރާއަށް އެލޮލުގެ ސިހުރުގައި ޖެހިފައި އިރުކޮޅަކަށް ހުރެވުނެވެ. އެލޮލުގައި ވަރުގަދަ ދަމާބާރެއް ވެއެވެ. އެކަނި އެ ބަލައިލުމުންވެސް މައިރާގެ ހަށިގަނޑުގައި ކަރަންޓުގެ އަސަރު ހިލުވާލައެވެ. އެންމެ ހިމަނާރުތަކަށް ވެސް އެގުންވެގެން ދާވަރުވެއެވެ. އިރުގެ ހުދު އަލިކަމުން ޖަރީވެފައިވާ ކޮޓަރީގައި މައިރާގެ މޫނަށް ފާއްދާލި ރީތި ރަތްކުލައިން އޭނަ ރަކިވިވަރު ނުއެއް ފޮރުވުނެވެ.

"ރެޔާން. އަހަރެން ބޭނުން މާޒީ ހަދާންނައްތާލާފައި މޫވް އޮން ކުރަން. ރެޔާން ކުރީ ކުށެއް އެކަމަކު...." މައިރާ ރެޔާންގެ އަތުގައި ހިފާލިއެވެ. ގަނޑުފެންކޮޅެއްހާ ފިނިވެފައި ނާޒުކު އަތެކެވެ. އެއް އިރެއްގައި ރެޔާން އެހާ ލޯބިން ހިފާލައިފައި ބޮސްދިން އަތެވެ. ނަމަވެސް ރެޔާން ރަހުމްކުޑަގޮތަކަށް މައިރާގެ އަތް ނައްޓުވާލައިފައި މައިރާގެ މުލައްދަޑީގައި ހިފަހައްޓާލީ އެހާ ބާރަށެވެ. ރެޔާންއަށް އޭނަގެ ބާރު އިހުސާސް ނުކުރެވުނީ ކަންނޭގެއެވެ. ތަދުވިވަރުން މައިރާގެ ލޮލަށް ފެންއައެވެ. 

"ކޮންހާ ބޭކާރު ވާހަކައެއް ތިދައްކަނީ. އަމިއްލައަށޭ އަހަރެން އެހާ އާދޭސް ކުރަނިކޮށް އަހަންނާއި ކައިވެނި ކުރަން ދެކޮޅުހަދާފައި ގެއިން ނިކުމެގެން ދިޔައީ. ހީވޭތަ އަހަރެން އެކަން ހަދާންނެތޭނެހެން. މިއަދު މުޅި އާއިލާ ތެރެއަށް އެޑެން އަކީ ބައްޕަނެތް ކުއްޖެއްގެ ގޮތުގައި އަޑުއަރާފައި ވަނީ އަހަރެން ބޭނުން ގޮތަށް ކަންތައް ނުކުރީމަ. އެދުވަހު އަހަންނާއި ކައިވެނި ކުރި ނަމަ......." ރެޔާން މިފަހަރު މައިރާ ކޮށްޕާލީ ސޯފާ އާއި ދިމާލަށެވެ. ރެޔާން އެއްގޮތަކަށްވެސް އޭނަ ކުރި ކުށް ހަދާނެއްނެތެވެ. ހުރިހާ ކަމެއްގެ އަސްލަކީ ކޮބައި ކަމެއް ވިސްނާކަށް ބޭނުމެއް ނުވިއެވެ. މައިރާދެކެ ރެޔާން ލޯބި ނުވަނީއެވެ. ލޯބިވާނަމަ މާފުދީފައި އާފެށުމަކުން ފެށީހެވެ. އެ ރުޅިގަދަ ބައި ދައްކައެއް ނުލާނެއެވެ. އަދި އެކަނި އޭނަ ކުށްވެރިއެއް ނުކުރާނެއެވެ. މައިރާ މަޑުމަޑުން ރޯންފެށިއެވެ. މޫނުގައި ބާލީސް އަޅައިގެން އޮވެ އެތައް އިރެއްވާން ދެން ރުޔެވެ. ގިސްލިއެވެ. ރެޔާންއަށް އެ މަންޒަރު ފެނުނަސް އަޅައެއްނުލިއެވެ. ހަމްދަރުދީގެ އެންމެ ލަފުޒެއް ނުބުނިތާގައި މައިރާ ރޯކަން އެގުނު ކަމަކަށްވެސް ނެހެދިއެވެ. 

އެތައް އިރެއްފަހުން މައިރާ ތެދުވެގެންގޮސް މޫނު ދޮވެލުމަށްފަހު ނިކުތް އިރު ރެޔާން ކޮޓަރިން ނިކުންނަނީއެވެ. މައިރާ ފަހަތުން ދިޔައެވެ. ރެޔާން ފޯނެއްގައި ހުރެ ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލިއެވެ. ކަޅުކުލައިގެ ރޮނގުތަކެއްދެމި ގަމީހެއްގައި ރެޔާން ފެންނަލެއް ވަކިން ސްމާޓްވެފައި ރީއްޗެވެ. އަތުކުރި ކުޑަކޮށް އޮޅާލައިފައި ވާއިރު އެ އަތް ފެންނަލެއް ރީތިކަމުން މައިރާ ބޭނުންވީ އެ އަތުގައި ހިފާލުމަށެވެ. ނަމަވެސް ރެޔާން ކުރިއަށްވުރެ ސީރިޔަސްވެފައި ފޮނިކަމުން މައިރާ ޖެހިލުންވިއެވެ.

"ރެޔާން. އަހަރެން ބޭނުން ވާހަކައެއް ބުނަން..." މައިރާ ބުންޏެވެ. ރެޔާން ޖަވާބެއް ނުދިނެވެ. 

"އަދި ދެރަވާނެ. ތިގޮތަށް އަހަންނާއި މެދު ކަންތައް ކުރެވުނީ މާފަށްވެސް އެދޭނެ. ބަލާތި. ކޮންމެވެސް ދުވަހެއްގައި...." މައިރާ ތުންފިތާލާފައި ރެޔާން އާއި ހަތަރު ކަޅި ހަމަކުރިއެވެ. އެ ރީތި ދެލޮލުން އެއްވެސް ޝުއޫރެއް ނުފެނުނެވެ. ސިކުންތު ކޮޅަކަށް ފަހު އޭނަ ދުރަށް ބަލަން ފެށިއެވެ. މައިރާ ކިޔައިލި އެއްޗެއް އަޑުއިވުނުހެނެއްވެސް ހިޔެއްނުވެއެވެ. ރެޔާން ވާހަކަ ނުދެއްކުމުން މައިރާ މާ ބޮޑަށް ރުޅިގަދަވިއެވެ. ރެޔާންގެ ގައިގައި ހިފައިފައި ތަޅުވައިގަންނަން ބޭނުންވިއެވެ. މައިރާ ތަކުރާރުކޮށް އެ ޖުމްލަ ބުނެލިއެވެ. ހަޅޭއްލަވައިގަނެފައެވެ. އެވަގުތު ޒިޔާމާ ސިޑިން އަރައިގެން އައިތަން ފެނުމުން ރެޔާން ކުޑަކޮށް ނުތަނަވަސްވިއެވެ. މައިރާވެސް ރީއްޗަށް ރަކިވިއެވެ. އޭނަ ހަޅޭއްލެވި އަޑު ޒިޔާމާ މަންމައަށް އިވިގެން މަތީބަޔަށް އައީބާވައެވެ. ޒިޔާމާ އަށް މައިރާ ދުޅަވެފައިވާ ދެލޯ ފެނިފައި ވެގެން އުޅޭގޮތަކާއި ބެހޭގޮތުން ސުވާލުކުރިއެވެ. ރެޔާން އެކަން ހަމަޖައްސާލަން އެއްޗެކޭ ބުނަން އުޅެނިކޮށް މައިރާ ރޮއިގެންފައި ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާލައިފިއެވެ.

"ދަރިފުޅާ.. ދަރިފުޅު ކީއްކުރީތަ މޭއި އެވަރަށް ރޮނީ. ކޯނޗެކޭ ކިޔައިގެންތަ؟" ޒިޔާމާ ކަންތައް ބޮޑުވިއެވެ.

"މަންމާ އެކަމާއި ނުވިސްނަވާ. އެއްވެސް ކަމެއްނުވޭ. މައިރާ ބޭބީ ކަމުން ދެން ކޫސަނި ކަންތަކާއިވެސް ރޮއިފާނެ...." ރެޔާން ހިނިތުންވެލާފައި އޭނަގެ މަންމަގެ ގައިގައި ބައްދާލަމުން މައުޟޫ ބަދަލުކޮށްލައިފިއެވެ. ޒިޔާމާ އެވަރުންވެސް ރެޔާން ގާތުގައި އެދުނީ އާއިލާއަށް ޓަކައިވެސް ދެކުދިން ގެ ދޭތެރޭގައި އޮތް މައްސަލައެއް ވެއްޖެއްޔާ ހައްލުކޮށްލައިގެން ރަނގަޅަށް އުޅުމަށެވެ.

މައިރާ އާއި އީޝަލް ދިޔައީ މޯލަށެވެ. އެތައް ދުވަހެއް ކޮށްލާފައި ޢަދަން އަޔާނާމެންނާއި ހަވާލު ކޮށްލުމަށްފަހު މައިރާ ބާޒާރަށް މިއައީ ބޭނުންވާ ބައެއް ސާމާނު ގަނެލުމަށެވެ. އީޝަލް އާއި ދެކުދިން ތަފާތު ވައްތަރުގެ ގަހަނާ ތަކާއި ފޮތްތައް ބަލަމުންގޮސް ހަދިޔާ ހުރި ބަޔަށް ވަނެވެ. އޭރު ދެކުދިން އަތުގައި ބޮޑު ދެކޮތަޅުގެ ފުރެންދެން ސާމާނު ހުއްޓެވެ. ހަދިޔާ ވިއްކާބައިން މައިރާ ގަނެލީ ބިއްލޫރި ފިނިފެންމަލެކެވެ. ވަރަށް ނާޒުކް ތުނި ބިއްލޫރިން ހަދާފައިވާ އެ ފިނިފެންމަލާއި އެކު ހިތެއްވެއެވެ. އައިލަވް ޔޫ ވެސް ޖަހާލާފައިވެއެވެ.

"ރެއިންބޯ މާ އުފާވާނެ އަސްލު ރޯޒްއެއް ދިނިއްޔާ..." އޭރު އީޝަލް ހުރީ ދިގުތަނޑިއެއްޖެހި ރަތް ފިނިފެންމަލެއް ގަނެލައިގެންނެވެ. އެ މާ ހަދިޔާކުރަން އުޅެނީ ރަފޭލްއަށްކަން މައިރާއަށް އެގުނެވެ.

"ނޫން. އިޝޫއަކަށް ނޭގޭނެ. އަސްލު މާ ރަގަޅުވާނެ މި ގިފްޓް. ރެއިން އަހަރެންދެކެ ލޯބިވަންޏާ މި ހިތް ގެންގުޅޭނީ ވަރަށް ބަލައިގެން. ވިސްނާނެ މީގެ ނާޒުކް ވަރާއި މެދު. އެންމެ ފަހަރަކުވެސް އޭނަގެ ފަރުވާކުޑަކަމުން ވެއްޓި ރެދެއްވެސް ލައިފިއްޔާ އެވާނީ އަހަރެންގެ ހިތުގައިވެސް ލައްވާނެ ކޫރުމަކަށް. އެހެންވެ އަހަރެންގެ ހިތް ނާޒުކް ބިއްލޫރިކޮޅެއްގެ ސިފައިގައި ވެސް ހަދިޔާކުރަން މިއުޅެނީ. އަހަރެންގެ ހިތާއި އެއްވަރަށް ކެއަރ ކުރަން ވާނެ..." މައިރާ އެ ފިނިފެންމާ ޕާރުސަލްކުރުވަން ދީފައި އީޝަލްގެ ގާތުގައި ބުންޏެވެ. އީޝަލްއަށް މައިރާގެ އެ ޖުމްލަތަކުގައިވާ މާނަ ކޮންމެވެސް ވަރަކަށް ސިކުނޑިއަށް ނަގައިގަނެވުނެވެ. އީޝަލްވެސް ރަފޭލްއަށް މިފަދަ ބިއްލޫރި ފިނިފެންމަލެއް ހަދިޔާކުރުމަށް ބޭނުންވިއެވެ. އެއީ މާނަވީ، ލޯބީގެ ތަފާތު ހަދިޔާއަކަށް ވާނެ އެވެ.

ލެވެންޑާ ކޮޓެޖްގެ ހުރިހާ މެމްބަރުން ސައިމޭޒުދޮށަށް ޖަމާވަމުން ދިޔައެވެ. ރެޔާން ފަރުޒާން އާއި އައިޒާން އާއި ކޮންމެވެސް ވާހަކައެއް ދައްކަމުން ކާކޮޓަރިއަށް ވަދެގެން އައިއިރު އެހެރަ ރީތި ހިނިތުންވުމާއި އުފާވެރިކަމުން މައިރާވެސް ހައިރާންވިއެވެ. ރުޅިބަޔަކީ އެކަނި އޭނައަށް ޚާއްސަވެފައިވާ ސިފައަކީ ތާއެވެ. ރެޔާން ކޮންމެވެސް އެއްޗެކޭ ބުނެލުމުން އައިޒާންވެސް ހޭންފެށިއެވެ. އެވަގުތު ރެޔާން އާއި މައިރާގެ ނަޒަރު ހިނދުކޮޅަކަށް ބައްދަލުވިއެވެ. ރެޔާންގެ ހިނިތުންވުން ފަނޑުވިއެވެ. ފޫހިވިކަން އަންގާނުލައި ނުހުރެވުނީ ކަންނޭގެ އެވެ. މައިރާ ހިތްދަތިވިއެވެ. އޭނަ އިސްޖަހައިލީ މޮޅިވެރި ގޮތަކަށެވެ. އެންމެން ނާސްތާ ކުރަންފެށި ތަނާ އީޝަލް ކުއްލިއަކަށް މާ ގަދަޔަށް އޯކަށް ދަމަން ފެށުމުން އެންމެންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. އީޝަލްގެ ބޮޑު ލޮލުން ފެން އައިސްފައި ވެއެވެ.

"ދަރިފުޅާ. ފިނިފެން ފޮދެއް ބޯލަބަލަ. އޭރުން ރަނގަޅުވާނެ..." ޒިޔާމާ އަވަހަށް ތެދުވެގެންގޮސް އީޝަލްއަށް އެހީވާން އުޅުނެވެ.

"މިހާރު ތިންދުވަސްވެއްޖެ. ކޮންމެ ދުވަހަކު ހެދުނު މޭނުބައިކޮށްފައި ހޮޑުލެވެނީ. ވަރުބަލި ވަނީ....." އީޝަލް މައުސޫމް ގޮތަކަށް އެހެން ބުނުމުން އެންމެންނަށް މަޖާވިއެވެ. ޒިޔާމާ އުފަލުން ވަރެއްނެތެވެ. އެންމެން މަރުހަބާ ކިޔަންފެށުމުން އައިޒާން ޖޫސްތަށި ބޮއިބޮއި އިދެފައި ކޮށި އަރައިގަނެގެން ކެއްސަންފެށިއެވެ. އައިޒާންއަށް ހީވީ ހަތަރުއުދަރެސް ފެނުޖެހުނު ހެންނެވެ. އައިޒާން އާއި އެއްވަރަށް ޝޮކެއްގައި ދެން އިނީ މައިރާއެވެ. މައިރާ ގެ ޝޮކް ފިލައިގެން ދިޔުމުން ރުޅިވެރި ކަމާއި، ސުވާލުގެ ނަޒަރަކުން އީޝަލްއަށް ބަލައިލިއެވެ. އީޝަލް ހާދަ ގޯހެވެ. އެ މައުސޫމްކަމުގެ ފަހަތުގައި ވަނީ ނުބައި ނުލަފާ ކުއްޖާގަނޑެކެވެ. އީޝަލް ރަފޭލް އާއި ސިއްރުން ބައްދަލުކޮށް ގެން ގަންނަ ގަނޑު މިއޮތީ ބޭޒާރުވެފައެވެ. ރަނގަޅު ލަނޑެއް ލިބުނީއެވެ. އެ ރަފޭލްއަކީ އަންހެންކުދިންގެ ކަންތަކުގައި ކުރީގައި އުޅޭ ޒުވާނެކެވެ. އޭނަ އާއި ރައްޓެވިކުއްޖަކަށް ސަލާމަތުން ހުރެ ވަކިވުމަކީ ވެވޭނެ ކަމެއް ނޫނެވެ.

ކޮމެންޓް 0