ޒާން ހާ ރަނގަޅު ކުއްޖަކު ބައްޕަ ނެތޭ ކިޔާފައި ސުވަރުގެ ނުވަންނަންޏާ ދެން ކިހާ އަންފެއާ....." އީޝަލް އިނގިލިން ބުލޫބެރީ ޗީޒްކޭކުކޮޅެއް އަނގަޔަށް ލާފައި ލޮވުނެވެ. އެހެންމީހުން އުލުން ކެޔަސް އީޝަލް ކާހިތްވަނީ އަތުންނެވެ. 

"އީޝަލް. ކުފުރު ނުވެބަލަ....." ޒިޔާމާ ބާރުބާރަށް އީޝަލްގެ ނަމުން ކިޔާލާފައި ހިތްހަމަނުޖެހުމުގެ ނަޒަރަކުން ބަލައިލައިފިއެވެ.

"އެއީ މައްސަލަ އެއްނޫން. އީޝަލް ބުނިހެން އަޅުގަނޑުގެ އައިޑީގައި ބައްޕަގެ ނަމެއް ނެތް. ނޭނގެ ބައްޕައަކީ ކާކު ކަމެއްވެސް...." އައިޒާން ހިތާމަވެރި ހިނިތުންވުމަކާއި އެކު އެހެން ބުނީ އެއްވެސް މީހެއްގެ މޫނަށް ބަލައިނުލައި އިނދެއެވެ. އެ ޖުމްލަތަކުން އެހެންމީހުންގެ ހިތަށް އަސަރު ކުރާނެވަރެއް އައިޒާން އަކަށް ނޭނގުނެވެ.

"ނޫން. އީޝަލް ގާތުގައި ނުބުނަމޭ އެކުދިން ސުވަރުގެއަށް ނުވަންނާނެޔޭ. މަންމަ ބުނީ ކުރިން ބައެއް މީހުން އެހެންވެސް ކިޔައިއުޅުނޭ އެކަމަކު އެއީ ހަގީގަތެއް ނޫން ދަރިފުޅާ. ބައްޕަނެތް ކުދިންވެސް މުސްލިމެއްގެ ގޮތުގައި މަރުވެއްޖެއްޔާ ކޮންމެވެސް ދުވަހަކުން ސުވަރުގެ ލިބޭނެ....." ޒިޔާމާ ރުޅި ފިނިކޮށްލަމުން އައިޒާންގެ މޫނަށް ބަލައިލައިފިއެވެ.

"ހޫމް. އީޝަލް ދަރިފުޅާ ތިއީ މުޅިން އޮޅުމެއް. ދަރިފުޅަށް ތިވަނީ ބައިވަރު ކަންތައް އޮޅިފައި...."ފައިސަލް ތަންކޮޅެއް މަޑުން ބުނުއްވިއެވެ. އައިޒާންގެ ނިކަމެތިކަމާއި އޭނަ ގެ ހިތާމަވެރި މާޒީ އައިޒާންގެ ހިތި ޖުމްލަ ތަކުންވެސް ރީއްޗަށް ފައިސަލްއަށް ކަށަވަރުވެލެއްވިއެވެ. ހިތަށް ކުރީ ބުނަން ނޭނގޭ ފަދަ ފުން އަސަރުތަކެވެ. ކެތް ނުކުރެވޭހާ ޖަޒުބާތީވެވުނެވެ. ފައިސަލް ބޭނުންވެލެއްވީ ދުވަހަކުވެސް ހިތާމައިގެ ކުޑަ މިންވަރެއް ވެސް ދެން އޭނަގެ ދަރިފުޅަށް ނުލިބުމެވެ. ފުދޭވަރަށްވުރެ މާ ބޮޑަށް ނުހައްގު ގޮތުގައި އޭނައަށް ވަނީ ހިތާމައާއި އަނިޔާ ލިބިފައެވެ. ދެން މިއޮތީ ނަސީބު ބަދަލުވުމުގެ ދަނޑިވަޅެވެ. އައިޒާންގެ ތަރި މެދުއުޑުގައި ވިދާބެބުޅުމުގެ ވަގުތު އައިސްޖެހިފައެވެ. ފައިސަލް ހިތާހިތުން ދަރިފުޅަށް ނަސީބާއި ބާއްޖަވެރިކަން ދެއްވުމަށް އެދި އެތައްފަހަރަކު ދުޢާ ކުރެއްވިއެވެ.

"ބައްޕައަށް އެނގިލައްވާތޯ. ޒާން ތިހުރިހާ އެއްޗެއް ޓީޗްކޮށްދޭ. ޒާން ބުނި ގަވައިއިދުން ޕްރޭކުރަންވާނެއޭ. އެކަމަކު ޕްރޭ ކުރާއިރު ވެސް އިޝޫއަށް ވަނީ އެނާއަށް ވާކަހަލަ ގޮތެއް. ކުރީ ދުވަހު މޭއިގެ ކޮޓަރިއަށް ގޮސް ނަމާދުކުރަން އުޅެނިކޮށް މޭއި ބަލައިލިހެން ހީވީމަ ހެވެން ފެށުނީ. މީހަކު ނެތިއްޔާ ނަމާދު ނިމެންދެން ހުރެވެނީ ސީރީޒްއެއްގައި ދެން ވާނެ ގޮތާއިމެދު ޚިޔާލުކުރަން. ނޫނީ ވާހަކަތަކުގައި އުޅޭ ކެރެކްޓަރސް އިންނާއިމެދު ނޫނީ އެފްބީ އާއިމެދު ވިސްނަން. ޒާންބުނި އެގޮތަށްކުރާ ޕްރެޔާތައް އެކްސެޕްޓް ނުވާނެޔޯ، އަގީދާ ވަރުގަދަކުރަން ވާނެޔޯ ދޯ. އިޝޫ އެހިން އަގީދާ ވަރުގަދަކުރަނީ ކިހިނެއްހޭ، ހަމަ ޑެވިލް ނުބައި އެއްޗެހި ހިތަށް އަރުވަނީޔޭ. ޒާން ބުނި އަލްހަމްދު ކިޔާއިރުވެސް، ހިތަށް އަރުވަން ވާނީ ދެއްވެވި މަތިވެރި ނިއުމަތްތަކުގެ މަތިންނޭ. ދެން ކުޅަދުންވަންތަ ކަމާއިމެދު ވިސްނާށޭ، އިޝޫ ތިހިރީ ހެއްދެވި ފަރާތުގެ ހަޒުރަތުގައިކަން ހިތުން ނުފިލުވާށޭ. އެއްފަހަރު އެގޮތަށް ނަމާދުކުރެވުނީމަ ވަރަށް ކިއުޓް. ޑޭޑް ޔޫ ނޯ ވަޓް އައި މީން. ވަރަށް ތަފާތުކޮށް ރަނގަޅަށް އެއް ޕްރެޔާ ކުރެވިއްޖެ. ޒާން ބައިވަރު އެއްޗެހި ދަސްކޮށްދީފި. އަދި ޒާން ބުނި ދެމީހުން ވެގެން ކައްކާ އެއްޗެހި ހަދާނީ ޔޯ. އެއީ މަޖާކަމެކޭ....." އީޝަލް ދެއްކި ވާހަކަތަކުން އެހެން މީހުންނަށް މަޖާވެގެން ހީ ހެދިއިރު އައިޒާން އިނީ ފާޑަކަށް ރަކިވެ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ. އީޝަލް އަކީ އަނގަގަދަ މިތުރުގެ ބައިވެރިޔާކަން މިއެނގުނީ އަދި ކިރިޔާއެވެ. ނޫނެކެވެ. އަނގަގަދަކަން އައިޒާން ދަނެއެވެ. އެކަމަކު ސިއްރުތައް ހިފަހައްޓައިނުލައި ކުއްޖެއްކަން އެނގުނީއެވެ. މައިރާ އިނީ އޭނައަށް ނޭނގި އައިޒާން އާއި އީޝަލްގެ ގުޅުން މިހާ ވަރުގަދަވީމަ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ. އައިޒާން އޭނަ އާއި އެގޮތަށް ސަމާސާ ގުޅުމެއް ނޯންނަނީ ކީއްވެބާވައެވެ.

އެކުވެރި މާހައުލެއްގައި ސައިގެ ކަންތައް ނިމިއްޖެއެވެ. ނަމަވެސް އައިޒާންގެ ހައިރާންކަން ފިލައިގެން ދާގޮތެއް ނުވިއެވެ. ފައިސަލް އާއި ފަރުޒާން އޭނަ އާއި ވާހަކަދެއްކީ ވަރަށް ޚާއްސަ ގޮތެއް ބަހައްޓައިގެންނެވެ. ޒިޔާމާ ފަދައިންނެވެ. ޒިޔާމާގެ ފަރާތުން ފައިސަލްމެންނަށް ވެސް ނަފުސާނީ ބަލި ވާރުތަވީކަމަށް ވެދާނެއެވެ. އައިޒާން އަށް ލިބެމުންދާ ސަމާލުކަމުން ރަކިވެފައިވާ ވަރު އޭނަގެ މޫނުމަތިން ތާއަބަދުހެން ފެނުނެވެ. އެރީތިކަން އެތައް ގުނައެއް އިތުރުވެފައި ވެއެވެ. ޒިޔާމާ އެ ދަރިފުޅާއިގެން ފިދާވާވަރު ވިއެވެ. 

ރެޔާން އަށް ރޭ ނިދުނީ ވަރަށް ދަންވި ފަހުންނެވެ. އައިޒާން އާއި މެދު ވިސްނުމުން ހިތަށާއި ސިކުނޑިއަށް ވަރަށް ބާރު ކުރިއެވެ. ކޮއްކޮއަށް ޓަކައި ހިތް ހަމްދަރުދީއިން ފުރުނެވެ. ފުރަތަމަ އައިޒާން ފެނުނު ދުވަހުގެ ހާދިސާ ވެސް އޭނަގެ ސިކުނޑީގައި ތާޒާކޮށްވިއެވެ. އެފަހުންވެސް އެދޭތެރޭގައި ނޭނގި ނަމަވެސް ދަމާ ބާރެއް ވާކަމުގައި ރެޔާންއަށް އިހުސާސް ކުރެވުނު ކިތަންމެ ފަހަރެއް އައެވެ. އައިޒާން ދެކެ ހިތުގައި، މާ ވަރުގަދަ ލޯތްބެއް އުފެދި، ވަރުގަދަ ވަމުން އައި ސިއްރަކީ އެ ގާތް ގުޅުމެވެ. އައިޒާން ބޭސްތަކެއް ކައިގެން ހާލުދެރަވި ދުވަހު އޭނައަށް ރޮވުނީ އޭނައަށް ނޭނގުނަސް ދެހިތް ގުޅި، ލާމެހިފައިވާލެއް ބޮޑުކަމުންނެވެ. އެންމެ ދެރަވަނީ އެދެމީހުންނަށް ވެސް އެއް އަންހެންކުއްޖަކު ދެކެ ލޯބި ވެވުނީމައެވެ. ދެމީހުންގެ ބައިވަރު އެއްގޮތްކަންތައް ހުންނަކަށް ފަހަކަށް އައިސް ފާހަގަކުރެވިފައި ވެއެވެ. ސަކަރާތްވީ އެންމެ ކަމަކުންނެވެ. ދެމީހުންނަށް ލޯބި ވެވުނީވެސް އެކަކު ދެކެކަމަށްވީކަމެވެ. ޔަގީނުން ވެސް ކޮންމެވެސް އެކަކު ލޯބި ގުރުބާންކޮށްލަން ޖެހޭނެއެވެ. އެންމެ ފަހުން ޖަޒުބާތުގައި ޖެހުނުވަރުން ކަރުނަތައް އޮހެން ފެށިގޮތަށް ކަރުނަތަކަށް ހުއްޓުމެއް ނައެވެ. 

ރެޔާން ހެނދުނުގެ ނާސްތާ އަށްފަހު ގަސްތުކުރީ ބޭރަށް ދިޔުމަށެވެ. އޭނަ ކޮޓަރިއަށް ވަދެ އަރުމާނީ އެކްސްޗޭންޖު އަވިއައިނު ނަގައިގެން ކޮޓަރިން ނުކުތީ ފުދޭވަރަކަށް އަވަސްއަރުވައިލައިފަ އެވެ. އޭރު އައިޒާން ވެސް އެކޮޓަރިއާއި އަރައި ހަމަވަނީ އެވެ. އައިޒާން އައި ބާރުމިނުގައި ރެޔާންގެ ގައިގައި ޖެހިގަނެވުމުން ދެމީހުންނަށް އެކީގައި ސޮރީ އޭ ބުނެވުނެވެ. ރެޔާންއަށް އައިޒާންއަށް ބަލައިލެވުނީ އެތަކެއް ޖަޒުބާތުތަކާއި އެކުގައެވެ. އަލަށް އައިޒާން ފެނުނު ފަދައެވެ. ބެލުނީ ތަފާތު ނަޒަރަކުންނެވެ. އެކުވެރިއެއްގެ ހައިސިއްޔަތުން މިހުރިހާ ދުވަހު ދެކެމުން އައިސްފައި މިހާރު ކޮއްކޮއެއްގެ ނަޒަރުން ދެކެން މަޖުބޫރުވުމުން އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. 

"މޯނިން ރެޔާން. ރެޔާން އާއި ދިމާވާ ކޮންމެ ފަހަރަކު ހީވޭ ސެންޓު ފިހާރައެއްގައި އުޅެވޭހެން....." އައިޒާން ރެޔާންގެ ގައިގައި ކުޑަކޮށް ބައްދާލުމުން ރެޔާން ވެސް އައިޒާންގެ ބުރަކަށީގައި ޖަހައިލައިފިއެވެ. އެވަގުތު ދޮރު ލެއްޕުނު އަޑަށް ދެމީހުންނަށް ބަލައިލެވުނު އިރު ކޮޓަރިން ނިކުމެގެން އަންނަނީ މައިރާއެވެ. ރެޔާން ކިތަންމެ އަވަހަށް ދުރު ބެލިކަމުގައި ވިޔަސް ސިކުންތުކޮޅަކަށް ނަމަވެސް މައިރާ އާއި ހަތަރުކަޅި ހަމަކުރެވުނުކަން އެއީ މައިރާގެ ބަދުނަސީބެވެ. މައިރާގެ މޫނު ވަގުތުން ރަތްވިއެވެ. ފައި އޮޅުނެވެ. ގެއްލިފައި ހުރިވަރުން ކޮރިޑޯގެ އެއްފަރާތުގައި ހުރި މާގަހެއްގައި ޖެހި ބޮޑު ކްރިސްޓަލް ޕޮޓެއްގައި އަޅައިގަތް އިރުވެސް ނޭނގުނެވެ. މައިރާ ވެއްޓެން ދިޔަ ވަގުތު ހަޅޭއްލަވައިގަނެވުނެވެ. ވިދުވަރެއްހާ ހަލުވިކޮށް ގޮސް މައިރާ ގެ ގައިގައި ހިފުނީ ރެޔާންއަށެވެ. އައިޒާން އަނގަ ސަކަރާތްވެފައި ބަލަހައްޓައިގެން ހުރީއެވެ.

"ތަދުވިތަ؟" ރެޔާން އޯގާތެރިކޮށް އަހައިލި އެވެ. ރެޔާންއާއި މައިރާ އެހާ ކައިރީގައިވި ސިކުންތުކޮޅު ރެޔާންގެ ހިތަށް ހީވީ ޒަލްޒަލާއެއް އައިހެނެވެ. އޭނަގެ ހިތްއެދުނީ މައިރާގެ މޫނުގައި ހިތްފުރެންދެން ބޮސްދިނުމަށެވެ. އެ ރަތް ތުންފަތުގައި ވަނީ ޖާދޫއެކެވެ. މޭބެލިން އިޝްތިހާރު ތަކަށްވެސް ވާދަ ނުކުރެވޭހާ ރީތި ތުންފަތެކެވެ. ކިތަންމެ ފަހަރަކު އެމަޑުކަމާއި ފޮނިކަން އިހުސާސްކޮށްފައި ވާތީ މިފަހަރުވެސް ރެޔާންގެ ހިތުގެ ވިންދު އެތައްގުނައެއް އިތުރު ކުރުވިއެވެ. މިއީ އެއްވެސް އަންހެންކުއްޖަކަށް މިވީހާތަނަށް ކުރެވިފައިވާ ކަމެއް ނޫނެވެ. އޭރު އައިޒާން ބަލަހައްޓައިގެން ހުރި ހަނދާނެއް ވެސް ރެޔާން ނުވިއެވެ.

"ނޫން..." މައިރާގެ މޫނު ހީވަނީ ރަތްކަމުން ލޭކޮޅެއް ހެންނެވެ. އޭނަ ދުވަހަކު ވެސް މިވަރުގެ ލަދެއް ނުގަނެއެވެ. އޭނަދެކެ ލޯބިވާ ދެމީހުންގެ ކުރިމަތީގައި ރީއްޗަށް އޭނަގެ ފިނޑިކަމާއި، މޮޔަކަން ފެނުނީއެވެ. އޭނައަށް ގޮތްގޮތް ވާވަރުވެސް އަންގައިދެވުނީ އެވެ. ފަހަރެއްގައި މި ބޮޑާ ފިރިހެނާއަށް ތިމާގެ ސަބަބުންކަން ޔަގީންކުރެވޭނެއެވެ. އިތުރަށް ފޮނިވާނެއެވެ. ކުރާނެކަމެއް ނެތެވެ. ގަތްލަދުން އަވަހަށް ރެޔާންގެ އަތުގެ ތެރެއިން ވީއްލިގެން ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕުނީ އެވެ.

"ޒާން ބަލަންހަދައިގެން ވާކަންތައްތަކޭ. ދެންވެސް ވައިފްއަށް އަނިޔާއެއްވިތޯ އަހަން ދޭބަލަ..." ރެޔާން ވެސް ހުރީ ލަދުގަންނަ ގޮތް ވެފައެވެ. އޭނަ އަވަހަށް ލޮލުގައި އަރުމާނީ އެކްސްޗޭންޖް އެޅިއެވެ. ނަމަވެސް އެ ލޮލުން ކޮންމެވެސް ވަރަކަށް ކުށާއި ލޯބި އަދިވެސް އެހެން ޖަޒުބާތުތަކެއް ފޮރުވަން އޭނަ މަސައްކަތް ކުރިކަން އައިޒާން ދެނެގަތެވެ. އައިޒާން ފުން ނޭވަޔެއް ލިއެވެ.

"ޔަގީންތަ؟ ރެޔާން ފެނުނީމަކާ ނޫންތަ؟ އަހަރެން ހާލު ނުބެލިޔަސް ވާނެ. އޭނަގެ މީހުން ހާދަ ގިނައޭ...." އައިޒާން ދެމާނަ އެކުލެވޭ ޖުމްލައެއް ބުނެލާފައި ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ދުރަށް ދާން ހިނގައިގަތުމުން ރެޔާންގެ ހިތަށް އުނދަގޫ ތަކެއް ވިއެވެ. އޭނައަށް އައިޒާންގެ ހިތުގެ ހާލަތު އެނގެއެވެ. އެކަމަކު އޭނަގެ އެ އަމަލުން ހީވާން އުޅުނީ މައިރާ އާއި އަޅައިނުލާހެންނެވެ. އޭނަ މައިރާ ބިންމަތިން ނަގަން އުޅުމުން އައިޒާން ހިތްހަމަނުޖެހުނީ ބާވައެވެ. އެހެން ނޫނަސް އައިޒާން ސީދާ އޭނަގެ ނަމުން ކިޔާފައި ބުނުމުން އައިޒާންއަށް ކޮންމެވެސް ކަމެއް އެނގިފައިވާ ކަމަށް ހިތް ބުނަމުން ދިޔައެވެ. ރެޔާންގެ ހިތަށް ބިރުވެރިކަން ވަނެވެ. ސިކުނޑި ނުބައި ސިގްނަލްތަކެއް ދިނެވެ. ނަމަވެސް އޭނަ ގެ ހިތްވަނީ މައިރާ އާއި އެކުގައެވެ. މައިރާ އަށް އަނިޔާއެއް ނުވާނެ ބާވައެވެ. ދަރިފުޅަށް ގެއްލުމެއް ނުވާނެ ބާވައެވެ. އެކަން ޔަގީން ނުވަނީސް ހިތަށް ހަމަޖެހުމެއް ނުލިބޭނެ އެވެ.

"ޒާން. ސަމާސާއަކަށް ހަދައިފައި ވެސް ތިމާގެ ވައިފްއާއި ފްރެންޑް އަޅުވާނުކިޔާތި. އެއީ ސިހުރެއް. އެކަމަކު ޓްރަސްޓް މީ. ދުނިޔޭގެ ހުރިހާ އަންހެނުން ހުސްވިޔަސް އަހަރެން ބޭނުމެއް ނޫން މައިރާއާއި ދިމާއަށް އެހެން ނަޒަރަކުން ބަލައިލާކަށް. އެއީ އަހަރެންގެ ފަހަރިއެއް ކަމަށް އަހަރެން ދެކެނީ...." ރެޔާން ސިއްރުވެރި ހިނިތުންވުމަކާއި އެކު ބުންޏެވެ.

"ރެޔާން. އަހަރެންނަކީ ގަމާރެއް ކަމަށް ހީނުކޮށްބަލަ. އަހަންނަށް އެނގޭ ހުރިހާކަމެއް ވެސް. ރެޔާން ތިކުރަނީ މަލާމާތް. އެކަނި ތި ހީލުމުން ވެސް ދެނީ އެންމެ މެސެޖެއް. އަހަރެންގެ ކައިރީގައި ހުއްޓަސް މައިރާ އަކީ ތި ފިރިހެނާގެ ހައްގެއްކަން. އެހެންނު ތިބުނަން އުޅެނީ. ކީއްވެ ސީދަލަށް ނުބުނަން ތިއުޅެނީ. ޔޫ އާ ނޮޓް ސިންސިއާ. ޔަގީނުން ވެސް މައިރާ އާއި އޮންނަ ސިއްރުވެރި ގުޅުން ފޮރުވަން ތިކުރާ މަސައްކަތް އަހަންނަކަށް ނުފޮރުވޭ....." އައިޒާން ހިތާހިތުން ކިތަންމެ އެއްޗެއް ކިޔެވެ. ނަމަވެސް ރެޔާން އަކީ ސާހިބު މީހާއަށް ވީއިރު އިހުތިރާމްކުރަން އޭނަ ޖެހޭނެއެވެ. އޭނައަށް ވެދީފައިވާ އިހުސާންތެރިކަން ވެސް ހަނދާން ނައްތައެއް ނުލެވޭނެއެވެ. ދުލާއި ހަމަޔަށް އެ ޖުމްލަތައް ނައި ސަބަބަކީ އެއީއެވެ.

"ރަނގަޅު އެޑްވައިސް އެއް. ތެންކިއު ސަރ...." އައިޒާން ދެ ޚިޔާލެއްގެ ތެރޭގައި ހުރެގޮސް ބެލްކަނީގެ ރެއިލިންގައި އަތް އަޅުވައިލައިފި އެވެ. ރެޔާން އެއްޗެކޭ ބުނަން އުޅެނިކޮށް އީޝަލް ދުވަމުން ފުމެމުން އައިގޮތަށް އައިޒާންގެ އަތުގައި އެލިގަތެވެ. ރެޔާން ހުރީ ހައިރާން ވެފައެވެ. އީޝަލް އާއި އައިޒާންގެ މިއޮތް ގުޅުމާއިމެދު ހިތުގައި ސުވާލު އުފެދުނެވެ. މައިރާއަކީ އައިޒާންގެ ލޯބިވެރިޔާއަށް ވާއިރުވެސް، އެދޭތެރޭގައި މިފަދަ ގާތްކަމެއް އޮންނަ ތަނެއް ނުފެނެއެވެ. އައިޒާން އަށް ހަގީގަތް އެނގުނީ ބާވައެވެ. މައިރާ ކިޔައިދިނީ ބާވައެވެ. ރެޔާން މަޑުކޮށްނުލައި ސިޑިން ފައިބައިގެން އައިއިރު، އޭނަގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސް ދާނެހެންނެވެ. އެންމެންގެ ހިތުގައި ކަންތައް ފޮރުވައިގެން ނުތިބެ ހުރިހާ ހަގީގަތެއް ހާމަކުރެވޭނެ ނަމަ ކިތަންމެ ކަމެއް ތަފާތު ވާނެއެވެ. ސިކުނޑިތަކަށް ލިބިފައިވާ އުދާސްކަން މުޅިންހެން ނެތިގެން ހިނގައިދާނެ އެވެ. 

އައިޒާން ރެޔާންގެ އެމްޑަބުލިއުކާރުގައި ލެވެންޑާ ކޮޓެޖްއިން ނުކުތްއިރު މަގުގެ އަނެއް ފަޅީގައި އަންވަރު ސިނގެރެޓެއް ޖަހާލައިގެން ހުރިތަން ފެނުމުން އައިޒާންގެ ސިކުނޑިއަށް ޚިޔާލެއް އައެވެ. އޭނަ ފޯނު ރިކޯޑަށް ޖެއްސުމަށްފަހު އަންވަރުގެ ކައިރިއަށް ކާރު މަޑުކޮށްލަމުން ބިއްލޫރިގަނޑު ތިރިކޮށްލައިފި އެވެ. ހައިއެއް ޖަހާލިއެވެ.

"ފޮނިވެގެން ތަޚުތަށް އަރާފައި އިނަސް އަދި ތިތަނުން ބައިލާނަން. ހަތްވަނަ އުޑުން އިނބިލީސް ވައްޓާލެވުނު ފަދައިން ބޮޑާވާ މީހުންނަށް ވެސް އެ ހާލު ޖެހޭނެ..." އަންވަރު ހީވަނީ އައިޒާން އާއި ޒާތީގޮތުން ޖައްސައިލައިފައި ވާހެންނެވެ.

"އެކަކަށްވެސް އަބަދަށް ރަސްކަމެއް ނުކުރެވޭނެއެއްނު އެކުވެރިޔާ. އަދި އަހަރެން މިހިރީ ޕްރިންސެސް އަކާއި އިނދެގެން އައިގޮތަށް ދަޅުނުދީ. ނޫން. ކަލެއަށް ދަޅެއްނޫން، ކުކުޅުވެސް ކާންދޭނަން. މިހާ ބޮޑު ނަސީބެއް ލިބުނީމަ ސަދަގާތް ކުރަންވާނެތާ...." އައިޒާން ލާނެތް ހިނިތުންވުމަކާއި އެކު ބުންޏެވެ.

"އަހަރެންގެ ގާތުގައި ފަރުޒާން ބުނި ކަލޭ އީޝަލް އާއި ބެހެނިކޮށް ދެކުނީމޭ. އެ މައްސަލައިގައި އަދި ކަލޭ ތިގެއިން ބޭރު ކުރާނެ...." އަންވަރު ހަސަދަވެރިކަމުން ފުރިފައިވާ ލޮލަކުން އައިޒާންގެ ރީތި މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.

"ފަރުޒާން ނަހަދާނެ ދޮގެއް. އޭނަ ކަލޭގާތުގައި ތިހެން ބުނިކަމަށް ވާނަމަ އެވާނީ ތެދަކަށް. ވީއިރު މަ ވަރަށް ކާމިޔާބުދޯ. އަދި ދެމީހުން ބައްދަލުވާނީ ތިވާހަކަ ދައްކަން...." އައިޒާން ހީކުރި ވަރަށްވުރެން ވެސް ރިކޯޑު ކުރެވުނު ތަންކޮޅު ފުރިހަމައެވެ. އޭނަ މިދަނީ މަންމަ ޑޮކްޓަރަށް ދައްކަން ލަސްވެގެންނެވެ. އެހެން ފަހަރަކުން އަންވަރު ލައްވައި ވާހަކަ ދައްކުވަން އަދި ވަގުތު ހޯދާނީއެވެ. އެހެންނޫނަސް އެހެން މީހުންނަށް އަންވަރުގެ ހުރި ނުބައިކަން ދެއްކުމުގެ މާބޮޑު މާނައެއް ވެސް ނެތެވެ. އޭނަ މިގޭގައި މިހިރީ މިގޭމީހުންގެ އިހުސާންތެރިކަމުގެ ބޮޑުކަމުންނެވެ. އަދި މައިރާ އަކީ އެހެން މީހުންނަށް އޮޅިފައިވިޔަސް އޭނަގެ ހައްގެއް ނޫނެވެ. ވީއިރު އަންވަރު ބުނާފަދައިން ކައިރި މުސްގަތުބަލެއްގައި އޭނަ މިގެއިން ދާން ޖެހޭނެއެވެ. އަދި އަންވަރު ބޭޒާރުކުރުމުން އޭނައަށް ލިބޭނެ ފައިދާއެއް ނެތެވެ. އަދި ފަރުޒާން އެފަދަ ވާހަކަތަކެއް ނުދައްކާނެކަން ޔަގީން ވާއިރު ވެސް އަންވަރު ފަރުޒާންގެ އަގު ވައްޓައިލަން އެދައްކާ ވާހަކަތައް އޭނަ ހުއްޓުވަން ނުޖެހޭނެ ބާވައެވެ. އެކަމަކު އެއީވެސް އޭނަ ފަރުޒާން އާއި ޖައްސާލަން އަންވަރު ބުނިވާހަކައެކެވެ. ހާދަ ހެއްވާ ސޮރެކެވެ. 

މައިރާ ގެއަށް އައީ އޭނަގެ މަންމަ ރާދާ އާއި އެކީގައި އެޕާޓްމެންޓަށް ދިޔަގޮތަށް އެގޭގައި ވަގުތުތަކެއް ހޭދަ ކުރުމަށް ފަހުގަ އެވެ. އޭނައާއި މަންމަގެ ގުޅުން ހީވެސް ނުކުރާހާ ބޮޑަށް ބަދަހިވަމުން އައެވެ. މައިރާ ދެން ދިޔައީ އަމިއްލަ ގެއަށެވެ. އަލަމާރި ހާވަނިކޮށް އެންމެފަހުން ރެޔާން ދިން ޕާރުސަލް ފެނުމާއެކު މައިރާގެ ހިތަށް ބުނަން ނޭނގޭފަދަ ގޮތްތަކެއް ވެގެން ދިޔައެވެ. އެ ސިޓީ ކިޔާފައި މައިރާ ރޮއިރޮއި ދެލޯ ދުޅަވާވަރު ވިއެވެ. އެހާ ލޯބިން ފުރިފައިވާ އަސަރުގަދަ ސިޓީއެއް އެހެން މީހަކަށް ލިޔެވިދާނެ ކަމަށް އަދި އެހާ މަތިވެރި ލޯތްބެއް އެއްވެސް މީހަކު އޭނަ ދެކެ ވާނެކަމަކަށް ގަބޫލެއް ނުކުރެވުނެވެ. ނަމަވެސް އޭނަ އާއި ރެޔާން އާއި ދެމެދު ވެސް ވަނީ ނޭނގޭފަދަ ފާރެއް ލެވިފައެވެ. އެ ފާރު ގިރާކުރެވޭނެ ގޮތެއްވެސް ނެތެވެ. އެހެންނޫނީ އައިޒާންގެ ހިތް ހަލާކު ވެދާނެއެވެ. އޭނައަކީ ވެސް އަންހެންކުއްޖެކެވެ. ގޮތެއް ހުންނަން ވާނެއެވެ.

މައިރާ ރެޔާންގެ ކޮޓަރީގެ ދޮރުގައި ޓަކިދިން އިރު އޭނަގެ ހިތް ތެޅެމުން ދިޔަގޮތުން ހީވަނީ މޭކަށިގަނޑު ފަޅައިލާފައި ނިކުމެދާނެހެންނެވެ. އިރުކޮޅަކުން ރެޔާން އައިސް ދޮރު ހުޅުވައިލުމާއި އެކު އެ އަތުތެރެއިން ދެމިގެން މައިރާ އެކޮޓަރިއަށް ވަނެވެ. ރެޔާން ހުރީ ހަމައެކަނި ޖިންސެއް ލައިގެންނެވެ. އެ ފުރިހަމަ ހަށިގަނޑުވަނީ ހާމަޔަށެވެ. ހީވަނީ ޖިންސް އިޝްތިހާރެއްހެނެވެ. ދެންމެ ފެންވަރައިލައިގެން އައިކަން އެނގެނީ އިސްތަށިގަނޑު ކުޑަކޮށް ތެތްކޮށް އޮތުމުންނާއި ޝަވާޖެލް އެއްޗެހީގެ މީރު ވަހުންނެވެ. އަދި އެ އޮމާން ހަމުގައި މުތީތަކެއް ފަދައިން ކުޑަކޮށް ފެންތިކިތައް ވިދާތީއެވެ. ކޮންމެ އަންހެންކުއްޖަކު ވެސް އެންމެ ހިތް އެދޭނެ ފަދަ ރީތިކަމެކެވެ.

މީހަކު ޓަކި ދިނުމުން ފެންވެސް ނުހިއްކައި ޖިންސް ލައިގެން ދޮރު ހުޅުވީކަން ޔަގީނެވެ.

"އޯވް.... އިޓްސް ޔޫ.... 

މިކޮޓަރިއަށް އަންނާކަށް މަށެއް ހުއްދައެއް ނުދެން. އަހަރެން ލައްވާ ކީއްކުރަން ތިއުޅެނީ. މަ ނުވާނެ ރަނގަޅެއް. ހާދަ އަވަހަކަށް އެރޭމަތިން ހަދާން ނައްތައިލީ. އަނެއްކާ ރޮއްވާލަންވީތަ؟" ރެޔާންގެ ކަޅުކުލައިގެ ގަދަ ބުމަ ގޮށްޖަހާލަމުން ފޫހިވެފައިވާ ގޮތަކަށް ސުވާލުކުރިއެވެ. ބޭރުފުށުން ހަރުކަށި، ހަމްދަރުދީގެ ނަޒަރަކުން ބަލަހައްޓައިގެން ހުރެ ހަށަން ބަނދެލި ނަމަވެސް އޭނަގެ ހިތް ވަނީ ފިނިވެފައެވެ. ހިތް އެދެމުން ދިޔައީ މުޅިން އެހެން ކަމަކަށެވެ. އަބަދުވެސް މައިރާ އާއި އެކު އެކަނިވެއްޖެއްޔާ އަމިއްލަ ނަފުސް މައިތިރިކުރުން އޭނައަށް ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.

ކޮމެންޓް 0