ދަރިފުޅަށް ވެސް ސަރޕްރައިޒެއް ލިބުނީ ދޯ...." ފައިސަލް ހައިރާންވެލެއްވީ އައިޒާން އަށް ވީގޮތް ފެނުމުންނެވެ. ކޮންމެވެސް ނުބަޔެއް އުޅޭކަން ފައިސަލްގެ ތޫނު ވިސްނުމުން ދެނެގަތެވެ. އީޝަލް ކުއްލިއަކަށް ތުން އޫ ކޮށްލައިފިއެވެ. އޭނަގެ މަންމަ ދިއްކޮށްލި ފެންތަށިވެސް ނުބޮއި، ޖަބްލާނީ ކޮޅެއް އަނގަޔަށްލައިގެން ހަފަން ފެށިއެވެ. އޭނަ ބުމަގޮށްޖަހާލީ ރުޅިވެރި ގޮތަކަށެވެ. 

"ޒާން ދެކެ ބައެއް ފަހަރު ރުޅިއާދޭ. އެންމެން ގޯސްކޮށް އިޝޫ އާއި މެދު ހީކުރާއިރު ޒާން ހިމޭނުން އިނީ ކީއްވެތަ؟ އިޝޫ ނޫޅެން މޮޔަވެގެނެއް ބޮޑެތި މީހުން ކުރާކަންތައް ކުރާކަށް. އިޝޫ ފަންސާސް އަހަރަށް ދުނިޔޭގައި ހުއްޓަސް ނުވާނެ ޕްރެގް. އެންމެނަށް އެގިލައްވާނެ އަޅުގަނޑަކީ އަދި ކުޑަކުއްޖެއް ކަން. އެއިޓީން ނުވަންޏާ ކިހިނެއް ބޮޑު މީހަކަށް ވާނީ. މެރީ ކުރާ އުމުރަށް ނުދަނީސް އެވަރުން މެރީ ކުރީ ވެސް މަންމަމެން ގޭގައި ހިފަހައްޓައިގެން އުޅޭވަރުން ތަންތަނަށް މަޖާކޮށްލަން ދާން. ދެމީހުން އުޅެނީވެސް ދެކޮޓަރީ ގައި ދޯ ޒާން. ޒާން އަދިވެސް ބަލަނީ އިޝޫ އަކީ ކޮއްކޮއެއް ކަމަށް. ދެން ބޯ އަނބުރައި އުނދަގޫވަނީ ކޮންމެ ރެއަކު މާ ދަންވަންދެން އެފްބީގައި އިނީމަ. ނުނިދާ އިނީމަ. އައި ހޭޓް އެވްރީތިން އެބައުޓް މެރިޖް. މިހާރު ކުރިއަށްވުރެ ބޮޑަށް....." އީޝަލް ރުޅިގަދަވެފައި ހުރެ މާޗުކޮށްލައިފައި ކަހަލަ ގޮތަކަށް ބޭރަށް ދާން ހިނގައި ގަތެވެ. އިރުކޮޅަކުން އެކަން ހަދާންނައްތާލައިފައި އެ ހަލަނި ކުއްޖާ ކޮންމެވެސް މަޖާކަމެއްކޮށްލައިފައި ހެމުން އަންނާނެކަން އެންމެނަށް އެގެއެވެ. 

އައިޒާންއަށް ވެސް ވަނީ އެ މިޒާޖު ދަސްވެފައެވެ. އައިޒާންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެންމެން ހީކުރިގޮތަށް ނުވުމުންނެވެ. ހަގީގަތުގައި ރަފޭލް އާއި އީޝަލްއަށް އޭނަ އެހާ މިނިވަން ކަމެއް ނުދެއެވެ. ޔޫރަޕްގައި އުޅުނުއިރުވެސް އަބަދު އެދެމީހުންދާ ކޮންމެ ތަނަކަށް އައިޒާންވެސް ދިޔައެވެ. އީޝަލްގެ ބޮޑީގާޑަކަށް ހުރުމަކީ އައިޒާން ދެކޭގޮތުގައި އޭނަގެ ވާޖިބެކެވެ. އެހެން ނޫނީ މިފަދަ ދުވަހެއް އަންނާނީ އިންޒާރުކޮށްފައެއް ނޫނެވެ. ކިތަންމެ އަޚުލާގު ރަނގަޅު ބަޔަކަށްވިޔަސް ދެ ލޯބިވެރިން އެކަނި ބައްދަލު ކުރަންވެއްޖެއްޔާ އެދޭތެރޭގައި ޝައިތާނާ ހުންނާނީ މަގުފުރައްދަން ފައިވިއްދާލާފައެވެ. އެހެންނޫނަސް އީޝަލް ރަފޭލް އާއި އަޅައިގެން އުޅޭގޮތުން ބޮޑަށް ހީވަނީ ފުރާވަރުގެ ކުދިން ފިލްމީތަރިންނަށް ހިތްކިޔައިގެން އުޅޭފަދަ ގޮތަކަށެވެ. އީޝަލް އަކީ ވެސް ރަފޭލް ގެ ރީތިކަމުން މޮޔަވެގެން ފަހަތުން ދުވާ އެއްކުއްޖެކެވެ. އެއަކަށް ލޯތްބޭ ކިޔޭނެ ގޮތެއް އައިޒާން އަކަށް ނޭގެއެވެ. 

"ޒާންއަށް މަޖުބޫރުން އެއްވެސް ކަމެއް ކުރާކަށް ބައްޕަމެން ބޭނުމެއްނުވޭ. ދަރިފުޅުގެ ޗޮއިސް އޮންނާނީ ކޮންމެ ކަމެއްގައި. މިހާރު މިއޮތީ ބައްޕަމެންނަށް ވަރަށް ބޮޑު ގޯހެއް ހެދިފައެއްނު. އެވެސް ދަރިފުޅުމެން ސިއްރުކުރީމަ. ދެން އޮތް ގޮތަކީ ތި މެރިޖް ވޯކްއައުޓް ކުރާތޯ ދެކުދިން ބަލާފައި ނުވިއްޔާ ސީދަލަށް ބުނަން ވާނީ. އެއްވެސް ކަމެއް ސިއްރު ކުރާނެ ކަމެއްނެތް. ބައްޕަމެން އެންމެ ބޮޑަށް ވިސްނަނީ ކުދިންގެ އުފަލާއި މެދުގައި......" ފައިސަލް ހިނިތުންވެލައްވާފައި އައިޒާންގެ ބުރަކަށީ ގައި ފިރުމާލެއްވިއެވެ. ރެޔާން ކޮންމެވެސް ކަމަކާއި ފިކުރުބޮޑުވެ މައިރާ އާއި ދިމާލަށް އޮޅިގެން ނަމަވެސް ބަލައިލެވުނެވެ. ދެމީހުންގެ ދޭތެރޭގައި ބަދަލުކުރެވުނު ސިއްރު ނަޒަރު އެހެން މީހަކަށް ފާހަގަ ކުރެވުނުކަމެއް ނޭގެއެވެ. ރެޔާން ފިކުރުބޮޑުވެފައި އިނީ އޭނަގެ ކޮއްކޮގެ ހިތުން އަދިވެސް މައިރާ ފިލައިގެން ނުދާކަން އިހުސާސް ކުރެވުމުންނެވެ. އަމިއްލަ ނަފުސް ކުށްވެރިވެ، ލަދުގަތެވެ. އޭނަގެ އުފާވެރިކަމާއި ހިނިތުންވުންތައް ފިލައިގޮސް މާ ހިމޭނުން އިނދެ ވިސްނަމުން ދިޔައީ އައިޒާން އާއި މެދުގައެވެ. އައިޒާން ހުންނަނީ މިހާރަކަށް އައިސް އަބަދު ހީހީ މަޖާކޮށެވެ. އެންމެނާއި ސަކަރާތްޖަހައި މަޖާކޮށް އުޅޭ އިރު ހިތުގައި އެފަދަ ބޮޑު ހިތާމައެއް ފޮރުވައިގެން ހުރެވޭނެހެނެއް ހިޔެއްވެސް ނުވެއެވެ. އެހެން މީހުން އީޝަލްގެ ޅަކަމުގެ ވާހަކަ ދައްކަން ތިބީ މަޖާވެލާފައެވެ.

ސައިގެ ކަންތަކުން ނިމިގެން އައިޒާން އާއި ރެޔާން ބޭރަށް ނިކުތީ އެކީގައެވެ. ނަމަވެސް ދެބެންވެސް އެމީހުންގެ ޒާތީ ދިރިއުޅުމާއި ބެހޭގޮތުން އެއްވެސް ވަރަކަށް ވާހަކަދައްކަން މިހާރު ފަސްޖެހެއެވެ. އަދި ދެމީހުންގެ ދޭތެރޭގައިވާ ނުތަނަވަސް ކަމެއްގެ ބޮޑުކަމުން މިވަގުތު ރެޔާން ހުރީ އައިޒާން އާއި ދިމާލަށް ބަލައިލަންވެސް އުނދަގޫވެފައެވެ. އައިޒާން ވެސް ލޯބި ވަނީ މައިރާ ދެކެއެވެ. އައިޒާންގެ ހަޔާތުގެ ހުރިހާ އުފާތަކެއް ޖަހައިގެން އޭނަ ހުރުމަކީ އިންސާފެއްވެސް ނޫނެވެ. އެކަމަކު ޢަދަން ވެސް އޮތްވާ އޭނައަކަށް މައިރާ ދޫކޮށްލެވިދާނެ ބާވައެވެ. ކަންތައްވާ ގޮތުން އޭނަ މައިރާ ދެކެ ވާ ފޫއްސާއި ހިތްހަމަނުޖެހުންވެސް މިދަނީ ބޮޑުވަމުންނެވެ. އެކަންތައް ހަމަޔަކަށް ނޭޅި ދުވަހުން ދުވަހަށް ދިރިއުޅުން މިދަނީ ބޮއްސުންލަމުންނެވެ.

ސަބީން އެމެރިކާގައި ތަޢުލީމު ހާސިލުކުރަން އުޅެމުން ކޮލެޖުން ރައްޓެހިވީ ދިވެހި އަންހެންކުއްޖަކާއިއެވެ. ސަބީންއަށް އެއީވެސް މުއްސަނދި ބަޔެއްގެ ދަރިއެއްކަން އެގުނީ ތަންކޮޅެއް ފަހުންނެވެ. ކޮންމެ ފެންވަރެއްގެ ކުއްޖަކަށް ވިޔަސް ލޯބިވެވުމަށްފަހު އެގުޅުން އެހާފަސޭހައިން ކެނޑިގެން ނުދާނެއެވެ. އެހެންނޫނަސް ސަބީން އޭނަގެ މަންމަފަދައިން ކޮންމެހެން މުއްސަދިންނާއި ދުރަށްދާކަށް ނޫޅެއެވެ. އޭނަވެސް ބޭނުން ވަނީ މުއްސަނދި، އުފާވެރި ދިރިއުޅުމެކެވެ. އެހާވަރުން ކިޔަވާ އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުން ވުމުގެ ސަބަބަކީ ވެސް އެއީއެވެ. އަދި ކިތަންމެ މުއްސަނދި މީހަކު ބައިވެރިޔަކަށްވި ނަމަވެސް ސަބީން ގަބޫލު ކުރާގޮތުން އަނބިމީހާއަށް ޚަރަދުކުރަން ވާނީ އޭނަ ކުރާ މަސައްކަތުންނެވެ. އެއީ އޭނަގެ ދޮންބެގެ ފަރާތުން ދަސްވި ސިފައެކެވެ. ކިޔަވާ މޮޅުމީހަކަށް ވެގެން ގައުމަށް ޚިދުމަތް ކުރުމުގެ އަޒުމްގައި ސަބީން ކިޔަވަމުން ދިޔައީ ހިތްވަރާއި އެކީގަ އެވެ.

ހަވީރަށް އިރުތިރިވެ ލެވެންޑާކޮޓެޖްގެ ގަސްތަކުގެ ތެރެއަށް ފިނިކަމެއް ވެރިކުރުވައިފިއެވެ. ޚާއްސަކޮށް ބާރަށް ޖެހެމުންދާ ވައިރޯޅިތަކުގެ ސަބަބުން ގަސްތަކުން ދޮންފަތްތަކާއި، މާތައް ވިނަގަނޑު މައްޗަށް އުދުހެމުން ދާތީ ޚަރީފުގެ ކުލަވެސް ފެންނަން ހުއްޓެވެ. މި ހިތްފަސޭހަ މާހައުލުގައި ލެވެންޑާކޮޓެޖް ގެ ތިން ފިރިހެންކުދިން ރާޒުވާ ގޭމެއް ކުޅުމުގެ ފޯރީގައި ގަހެއްގެ ހިޔަލުގައިވާ ގޮނޑިތަކެއްގައި އިށީނދެލައިގެން ތިއްބެވެ. މޭޒުމަތީގައިވާ ތަބަކުގައި ހުރި ކޮފީ އާއި ޕިއްޒާ އަދި ކުކީޒްތައް ހުސްވަމުން ދިޔައެވެ. ރެޔާން އިނީ ތަންކޮޅެއް ހިމޭންވެފައެވެ. އޭނަގެ ބޮލުގައި ނުފިލައި ހުންނަ ރިހުމެއް ވާތީ އިރުއިރު ކޮޅާ ނިތްކުރީ ގައި ފިރުމާލެވެއެވެ. 

"އަސްލު ވެސް ކޮންސެންޓްރޭޓް އެއްނެތޭ. ނޭގޭ ވާނުވާއެއްވެސް. ޓެންޝަން ބޮޑު ކަމުން. ނުވާނެ މިކަމެއް. ދެން ދެކުދިން ކުޅެބަލަ..." ރެޔާން ދެއަތްތިލަ ގުޅުވާލަމުން ގޮނޑީގައި ލެގިލައިފިއެވެ.

"މޭއި ގެ ކަންތަކާއިމެދު ތަ ވިސްނަނީ؟ ނޫނީ އެހެން ކަމެއްތަ ރެއިން..." ފަރުޒާން މައިރާގެ ނަން ކިޔުމުންވެސް އައިޒާން ގެ މޫނަށް އެހެން ކުލަވަރެއްވެރިވެގެން ދިޔައެވެ. އޭނަ އިނީ ރެޔާންއަށް ބަލަންވެސް ޖެހިލުންވެފައެވެ. 

"ހޫމް. އެކަމާއި މި ވިސްނެނީ. އެއްގޮތަކަށްވެސް ދެމީހުންނަކަށް ހަމަޖެހިލައިގެނެއް ނޫޅެވޭ. މޭއި ހުންނަނީ އަބަދު ރޮއިރޮއި. ދެރަވެފައި. އެހެންވެ ހިތަށް އަރަނީ ވަރިކޮށްލަންވީއޭ. އެކަމަކު މޭއި އުޅެން ޖެހޭނީ މިގޭގައި. ސަބަބަކީ އެޑެން އަށް މަންމަ އާއި ބައްޕަވެސް ބޭނުންވާނެތީ. ދެން ޒާން ބުނެބަލަ. އަހަރެން މޭއި ވަރިކޮށްފިއްޔާ ޒާން މެރީކޮށްފާނަންތަ؟ އޭރުން އަހަރެމެންނަށް އެއްގެއެއްގައި އުޅެވިދާނެ. އަހަރެން ބޭނުމެއްނުވޭ ޒާންގެ އުފާތައް ފޭރިގަންނާކަށް. ސީރިޔަސް އޭ ޒާން. ޒާންވެސް މޭއި ދެކެ ލޯބިވަމެއްނު..." ރެޔާން މިހާ ސީދަލަށް އޭނަ އާއި ދިމާލަށް އެ ވާހަކަ ބުނެފާނެ ކަމަކަށް އައިޒާން ހުވަފެނެއްގައިވެސް ނުދެކެއެވެ. އޭނަ ގަތްލަދުން ކިޔާނެ އެއްޗެއްވެސް ނޭގުނެވެ. ރެޔާން ހާދަ ޖެހިލުންކުޑައެވެ. ސާފު ސީދާ ބަހުން އެ ސުވާލު ކުރީއެވެ. އެތަނަށް ވެރިގެން ދިޔައީ އަޖައިބެއްހާ ފުން ހިމޭންކަމެކެވެ. ރެޔާންވެސް ގޮނޑިއަށް ލެނގިލިގޮތަށް ފައިދަމާލައިގެން މޮޑެލް ގޮތަކަށް އިންއިރު އައިޒާންގެ މޫނަށް ވެރިވަމުން ދިޔަ ކުލަވަރަށް ބަލަހައްޓައިގެން އިނެވެ. ފަރުޒާންވެސް އިނީ ހިރިލާންވެސް ނޭގިފައެވެ. 

ފަރުޒާން އެއްޗެކޭ ބުނަން އުޅެނިކޮށް މައިރާ އެތަނަށް ނިކުތެވެ. އޭނަ އައީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. ކޮންމެވެސް މީހަކަށް ގުޅައިގެން ހެމުން އައިއިރު އެރީތިކަމުން ކޮންމެ މީހަކުވެސް ހައިރާން ކުރުވާނެއެވެ. އިރުގެ އަލި އެ ލޮލަށް އެޅިފައިވާއިރު ހީވަނީ ޖަވާހިރު ވިދާހެންނެވެ. ބައެއް ފަހަރު އަޅި، މަޑުފެހި ނޫނީ ނޫކުލަ އަރާހެންވެސް ހީވެއެވެ. އަޅިކުލައިގެ ވެސް އެންމެ ރީތިކުލައެވެ. މައިރާ އަށް އެ ތިން ޒުވާނުންގެ ކުރިމައްޗަށް ނިކުމެވުމުން ކުޑަކޮށް ލަދުގަނެ މޫނު ރަތްވި ނަމަވެސް އޭނަ ހަމަޖެހިލައިފައި އައިސް ހުއްޓުނީ ރެޔާން އާއި ދާދި ކައިރީގަ އެވެ.

"ރެޔާން. އަހަރެން ގެއަށް ގޮސްލާފައި އަންނާނަން. އެޑެން ވީ ޔާން ގާތުގައި. ކުރީދުވަހުވެސް އެކަނި ގެއަށް ދިޔައިމަ ކިރިޔާ ސަލާމަތްވީ. މިއަދުވެސް އެކީގައި ދާނެ މީހެއް ނެތީމަ މި ބުނެލީ...." މައިރާ ކުޑަ ހިނިތުންވުމަކާއި އެކު ބުންޏެވެ.

"ކީއްކުރަން އެގެއަށް ދާންވީ...." ރެޔާން ނުރުހުމުގެ ނަޒަރަކުން މައިރާއަށް ބަލައިލަމުން ބުންޏެވެ.

"ދެންމެ ފޯނެއް އައީ. ނޭގޭ އެމީހަކު އަހަރެންގެ ނަމްބަރު ހޯދިގޮތެއް. އޭނަބުނި ގޮތުން އެއީ އަންކަލްއެއް. ސަޕްރައިޒެއް ލިބޭނެ އޭ. އެކަނި އަންނާށޭ. އެކަމަކު ދެން އެހާ ބޮޑަށް އިތުބާރު ކުރާކަށް ނުވާނެތީ އެކަނި ނުދިޔައީ..." މައިރާ ފޯނާއި ކުޅެލަމުން މަޑުމަޑުން ބުނެލިއެވެ.

"ހުއްދަނެތޭ ބުނެފިއްޔާ..." ރެޔާން ބަލައިލި ގޮތުން މައިރާ ލަދުގަންނަ ގޮތްވިއެވެ.

"ނޭނގޭ ދެން....." މައިރާ އިތުރު ވާހަކައެއްނުދައްކާ އެނބުރުނެވެ. ރެޔާންގެ ހުއްދަ ހޯދަން އާދެވުނު ކަމުގެ މޮޔަހީވިއެވެ. ރެޔާން ކޮންމެ ތަނެއްގައިވެސް އޭނަ ލަދުގަންނަވާލައި ނޫނީ ރޮއްވާލައިފައި ނޫނީ ހުއްޓައެއް ނުލާނެއެވެ.

"އަންވަރު އަންކަލްވެސް ކުރީ ދުވަހު ތިގެއަށް ގޮސް ލަނޑެއްދޭން އުޅުނުކަން މޭއި ހަދާނެއް ނެތީތަ؟ ނުދަންނަ މީހަކު ގުޅާފައި މެޓާއެއް ދޭނަމޭ ބުނެލާއިރަށް އެމީހަކަށް އިތުބާރުކޮށްގެން ދާން ތިއީ ކުޑަކުއްޖެއް ނޫނޭ މައިރާ. ހާދަ ނުވިސްނެއޭ. ގެނޭ މަގޭ އަތަށް ތިފޯނު. ތިބުނާ އަންކަލް އަކާއި އަހަރެންވެސް ވާހަކަ ދައްކަން ބޭނުން...." ރެޔާން ކޮޅަށް ތެދުވެއްޖެއެވެ. ރެޔާން އިސްކޮޅުން ދިގުވެފައި ބިޔަކަމާއި އެކު، މައިރާ ތިރިފައިވާނެއްގައި ހުރުމުން އޭނަ ފެންނަނީ ތަންކޮޅެއް ކުޑަކޮށެވެ. ބާބީ ބުދެއްފަދައިންނެވެ. ދަރިފުޅު ވިހޭ ފަހުން ކުރިއަށްވުރެ މައިރާ ހިކިކަމަށް ދައްކައެވެ.

"ނޫން ރެޔާން. އަހަރެން ވަރަށް ވާހަކަދައްކާފައި ޔަގީންވީމައެއްނު މިބުނީ. އެއީ ގޯސްމީހެއް ނޫން. ވާހަކަދައްކާލީމަވެސް އެނގޭ ރަނގަޅު އަންކަލްއެއްކަން. އަހަރެން ދަނީ......" މައިރާ ހުރީ ރުންކުރުވެފައެވެ. ރެޔާން ގާތުން ހުއްދަ ހޯދަން އާދެވުނު ކަމުގެ މޮޔަވެސް ހީވިއެވެ.

"މަޑު ކުރޭ...." ރެޔާން އަމުރުކުރި ނަމަވެސް މައިރާ އަޑުއިވުނުކަމަށް ހަދާނުލައި ބާރަށް ހިގަންފެށިއެވެ.

"ދޮންބެ ގޮސްދާނަން މޭއި އާއި އެކީގައި...." ފަރުޒާން ވެސް ކޮފީ ތަށިބަހައްޓާފައި ތެދުވެއްޖެއެވެ.

"ނޫނޭ ދޮންބެ. އަޅުގަނޑު ދިޔައިމަ ބޮޑަށް ރަނގަޅު ވާނީ. މޭއިއަށް ހެޔޮއެދޭ އަންކަލްތައް މާގިނަވާން ފެށީމަ އެކަން ހަމަޔަކަށް އަޅުވަން ޖެހޭނެ. އަންނާނަން. ޒާން. ވީ ސްޓިލް ނީޑް ޓު ޕެޗް އަޕް ސަމް ލޫޒް އެންޑްސް ......." ރެޔާން އައިޒާންއަށް މާނަވީ ހިނިތުން ވުމެއް ދިނުމަށްފަހު ދުރުދުރުގައި ފިޔަވަޅުތައް އަޅަމުންގޮސް ދާދި އަވަހަށް މައިރާ އާއި އަރާ ހަމަކުރިއެވެ. ނަމަވެސް ދެމީހުން ތިބީ އެކަކު އަނެކަކާއި ވާހަކަ ނުދައްކަން ހުވާކޮށްގެން ފަދައެވެ. މައިރާމެންގެ ގެއާއި އަރާހަމަވިއިރު މައިރާގެ ހިތްތެޅޭވަރުން ހީވަނީ މޭ ފަޅާލައިފައި ނިކުމެދާނެ ހެންނެވެ. އެހެން ކަމަކަށް ޝައުގުވެރިވާން އުޅުނަސް އެހެން ކަމެއް ހިތަށް އަރުވާނެ ގޮތެއްވެސް ނޭގެއެވެ. އޭނައަށް ރެޔާން ނޫން އެހެން ކަމަކާއިމެދު ނުވިސްނެއެވެ. ރެޔާން ބޭނުންކޮށްފައި ހުރި ސެންޓުގެ ވަސް އޭނަގެ ޙިއްސުތަކާއި ކުޅެމުންދާއިރު އެއްވަރަކަށް ހިނގާލައިފައި އައި ރެޔާންގެ އަތް އެކްސިޑެންޓް އިން އޭނަގެ ގައިގައި ބީހިލާ އިރު އެވާގޮތްތައް ބުނެދޭންވެސް ނޭގެއެވެ. މައިރާ ފެންކޮޅެއްހާ ފިނިވަމުން ދިޔަ އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލިއެވެ. އަނގައިން ނުބުނި ކަމުގައި ވިޔަސް ދެމީހުން ދިޔައީ ހިތާހިތުން ވާހަކަދައްކަމުންނެވެ. 

ދެމީހުން ހިމޭނުން ތިބެ، އެދިގު ލޯން ކަޑައްތުކޮށް ފަތްތަރުމަތިން އަރާލާފައިގޮސް ސިޓިން ރޫމަށް ވަނެވެ. އެއާއި އެކު މައިރާގެ ފިޔަވަޅުތައް ގަނޑުވިއެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިނީ މީގެ އެތައް ޒަމާނެއް ކުރިން ގެދޫކޮށްފައި ދިޔަ އައުޒަމް ފިޔަވާ އެހެން މީހެއް ނޫނެވެ. ކިތަންމެ ޒަމާނެއް ވިޔަސް އެރީތިކަމާއި ޒުވާން ކަމަށް މާބޮޑު ބަދަލެއް އައިސްފައެއް ނެތެވެ. އެކަނި މައްސަލައަކީ އައުޒަމްއަށް ނުހިގޭކަމެވެ. އޭނަ އާއި ދިމާވި އެކްސިޑެންޓަކަށްފަހު ނުކުޅެދޭ މީހަކަށްވެފައިވާކަމެވެ. މައިރާ ބޭނުންވީ ވަގުތުން މިތަނުން ދުވެ ފިލުމަށެވެ. އެހެންނޫނީ އޭނަގެ މޫނުމަތިން އައުޒަމްއަށް ކިތަންމެކަމެއް ދެނެގަނެވިދާނެއެވެ. އޭނައަށް ވަނީ އައުޒަމް އާއި މަންމަގެ ސިއްރުތައް ބޭޒާރުވެފައެވެ. އެތައް ޒަމާނެއްފަހުން އައުޒަމް އައުމުން އެންމެންގެ ދިރިއުޅުމަށް ބޮޑު އިންގިލާބެއް ނުގެންނާނެ ބާވައެވެ. އައުޒަމް ހުރިހާ ސިއްރުތައް އަމިއްލަ ދުލުން އާއިލާއަށް ކިޔާނުދޭނެ ބާވައެވެ. 

އައުޒަމް މައިރާއަށް ބަލަހައްޓައިގެން އިނީ ފެންކަޅިވެފައެވެ. މައިރާ ހިންދިރުވާލިއެވެ. ނަސީބަކުން ރެޔާން ހުރިކަމުން އޭނައަށް ލިބުނު ހިތްވަރަކަށްވިއެވެ. ރެޔާން ވަގުތުން އައުޒަމް އަންކަލްދޯ އޭ ކިޔައިގެން ވާހަކަދައްކަން ފެށިއެވެ. ލިބުނު ހަނި ވަގުތުކޮޅުގައި މައިރާ ފޯނު ކަންފަތުގައި ޖަހައިގެން ނިކުތް ގޮތަށް އޭނަ ދާން ހިގައިގަތީ ލެވެންޑަރ ކޮޓަޖަށެވެ. އޭނަ ވަގުތުން ބައްޕައަށް ގުޅަން ބޭނުންވިއެވެ. މާމައަށް ދަރިފުޅު ފެނުމުން އުފަލުން ހިތް ނުހުއްޓޭނެ ބާވައެވެ.

އީޝަލް ޓެރެސްގެ އުދޯއްޔަށް އަރާ ހެއްލަމުން ދިޔައިރު އެ ބުޅިއިސްތަށިގަނޑު ވިހުރުވި އުދުހެމުން ދިޔައީ މިނިވަންކަމާއި އެކުގައެވެ. ހީވަނީ ޕްރިންސެސް މެރީޑާގެ އިސްތަށިގަނޑު ހެންނެވެ. އެވަރަށް ދިގުވެފައި ރީއްޗެވެ. އޮއްސެމުންދިޔަ އިރުގެ ރަންދަޅަ ތަކާއި، އެހިސާބުގައިވާ ޕޮޓްތަކުގައި އިންދާފައިވާ ބެގޯނިއާ ގަސްތަކާއި، އީޝަލް ލައިގެން ހުރި ރަތްކުލައިގެ ޓޮޕްކޮޅުގެ ސަބަބުން އިސްތަށިގަނޑަށް އެކުލަތައް އަރަމުންދާހެން ހީވެއެވެ. އިސްތަށިގަނޑާއި ކުޅެމުންދާ ރަންދަޅަތަކާއި އެކު އީޝަލް ފެންނަލެއް ރީތި ކަމުން މީހަކަށް ހައިރާން ވެގެން ބަލަހައްޓައިގެން ހުރެވިދާނެއެވެ. ކުއްލިއަކަށް އީޝަލް އުނދޯލިން ފުންމާލިގޮތަކުން އައިޒާންގެ މޭގަނޑު އަގަޔަށް ނައީ ކިރިޔާއެވެ. އެއައި ބާރުމިނުގައި ރެއިލިން މަތީގައި ދެއަތުން ޖެހިލެއް ބާރުކަމުން އީޝަލްގެ އަތަށް ތަދުވިއެވެ.

"އައި ހޭޓް ރަފޭލް. މިހާރު ކައިރީގައި ހުރިނަމަ މޫނުމައްޗަށް މިއެތިފަހަރު ވީއްލާނީ..." އީޝަލްއަށް ރެއިލިންގައި ޖެހުނުލެއް ބާރުކަމުން އެނބުރި އެނބުރި ހުރެ އަތަށް ފުމެމުންދިޔައިރު އެބޮޑު ލޮލުގައި ކަރުނަވިއެވެ.

"ޝެލް މާ ރުޅިގަދަ ވަނީ ކީއްވެތަ؟" އައިޒާން އިނީ ގޮނޑިއެއްގައި ހަމަޖެހިލައިގެން ފޯނާއި ކުޅެލަކުޅެލައެވެ.

"މީހަކު ރުޅި ނާންނާނެތަ؟ ލަދެއްވެސް ނުގަނެ ޝެލް ކައިރީގައި ބުނެފިއޭ ސްލީޕްކުރަން ބޭނުމޭ. އެހެންބުނިއިރު ނޭގުނީތަ އަހަރެން ފޫހިވާވަރު. ވަގުތުން ހުރިހާ ބޯއިސްއިންދެކެ ފޫހިވެއްޖެ. ދެން އަދި ޖޯކުޖަހާފައި ނުލަފާކޮށް ހީހީފައި ކިޔަނީ ޝެލް ތިއީ ބޭބީ އެކޭ އޭނައަށް ކުޑަކުދިން ކަމަކުނުދެޔޭ. މާރީތި ރީތި ދެލޯ ލިބުނީމަ ހީވަނީތަ ޝެލް މޮޔަވެގެން އުޅޭނެހެން. ހިތަށް އަރާ އެ ދެލޯ ކޮނެލަފާނަމޭ. އުފުރާލާނަމޭ....." އީޝަލް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެ ކިޔަމުން ދިޔަ އެއްޗެހިން އައިޒާން ވެސް ހިނި އަންނަ ގޮތްވިއެވެ. 

ރަފޭލް އެބުނީ ދޮގެއްނޫނެވެ. އީޝަލް އަކީ ކުޑަކުއްޖެކެވެ. ފިރިހެނަކަށް އީޝަލް އާއި މެދު ސީރިޔަސް ވެވޭނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު މިހާރު އީޝަލް ކުރިއަށްވުރެ ބަސްއަހައެވެ. ދީނީ ކަންތަކަށް ފަރުވާ ބަހައްޓައެވެ. ދުރު މުސްތަގުބަލެއްގައި ރަނގަޅު އަންބަކަށްވެސް ވެވިދާނެއެވެ. އެކަމަކު އައިޒާންގެ ވެސް ޓައިޕެއް ނޫނެވެ. އޭނައަށް ބޮޑީގާޑެއް ފަދައިން އަބަދު އީޝަލް މޮޔަކަންތައް ހުއްޓުވާކަށް ނުހުރެވޭނެއެވެ. އެވަގުތުވެސް އައިޒާންގެ ހަދާނަށް އައީ މައިރާގެ ރީތި ސޫރައެވެ. އެ އަންހެންވަންތަ ސިފަތެކެވެ. އެންމެ އެކަށީގެންވާފަދަ ހަޔާތުގެ ބައިވެރިޔެކެވެ. އެކަމަކު މައިރާ އާއި މެދު ވިސްނުމަކީ އޭނަ ގަބޫލު ކުރާ ގޮތުގައި ފާފައެކެވެ. އެހެންނޫނަސް ރެޔާން އެހާ ސީދަލަށް އޭނަ އާއި ދިމާ ކުރުމުން އައިޒާން ގަތްލަދުގެ ބޮޑުކަމުން ރެޔާން އަށް ފެނިލަންވެސް ޖެހިލުންވިއެވެ. ރެޔާން އަކީ އޭނަ ފުރަތަމަ ފެނުނުދުވަހުން ފެށިގެން ޚާއްސަވި ފަރާތެކެވެ. އެހާ އިހުތިރާމް ކުރެވެއެވެ. އަދި ރެޔާންގެ ހުންނަ ލާނެތް ކަމާއި އެއްވަރަށް ސީރިޔަސް ކަމުން ބައެއް ފަހަރު އައިޒާން ޖެހިލުން ވާގޮތް ވެސް ވެއެވެ. މި ޖެހިލުންވުމުގެ އަސްލަކީ ހަގީގަތުގައިވެސް މައިރާއެވެ. ރެޔާން ކިތަންމެ ވަރަށް އޭނަގެ ހިތުގައިވާ އެއްޗެއް ބަލަން އުޅުނަސް އެކަމެއް ނުކުރެވޭނެއެވެ. އައިޒާން ދެން މައިރާ ދެކެ ލޯބިވާ ކަމަށް އެއްބަހެއް ނުވާނެއެވެ. އެއްބަސް ވެވޭކަށްވެސް ނެތީއެވެ. އޭނަ އަށްވެސް ބޭބެއެއްގެ އަންހެނުންނާއި ހެދި އުޅުމަކީ ވަރަށް ދަށް ހުތުރުކަމެއް ކަމަށް ގަބޫލު ކުރެވެނީ އެވެ. މައިރާގެ މަތިން ހަދާންނައްތާލަން ގަދަކަމުންވެސް އޭނަގެ ގޮތްދޫނުކުރާ ހިތަށް ވިސްނާދެވެނީ އެހެންވީމައެވެ.

މައިރާ ޢަދަން ގޮވައިގެން ބަގީޗާއަށް ހިނގާލަން ނުކުތީ މޫސުމް ރީތިކަމުންނެވެ. ފިނި އަތްވެއް ދީފައި އޮތްއިރު އިރުވައިގެ ހިތްފަސޭހަ ވައި ޖެހެމުން ދިޔައީ މާހައުލު އިތުރަށް ފިނިކުރަމުންނެވެ. މައިރާ ޢަދަންގެ ޕްރޭމް ގެންގޮސް ބޭންދީ ފިނިފެންމާ ގަސްތަކެއްގެ ކައިރީގައެވެ. ޢަދަންވެސް އިނީ މަޖާވެލާފައެވެ. އާދައިގެ މަތިން އަތާއި ފައި ތަޅުވާލަ ތަޅުވާލާ އޮވެ ހީލަމުން ދިޔައިރު މީހަކު ލޯބިން ހިތްބަންޑުން ވާނެ އެވެ. މައިރާ ފިނިފެންމަލެއް ބިނދެލާފައި ޢަދަންގެ މަޑު ކޯތާފަތުގައި ޖައްސާލިއެވެ.

"މަންމަގެ ކުޑަ ރޯޒް ހާދަހާ ލޯތްބޭ..ޝުގާޕްލަމް ބަލާލަ. މިއީ ރޯޒްއެއް. ކިޔާބަލަ ހަނީ..." މައިރާ ޢަދަންގެ މޫނުން ދޮނެއް ނަގަމުން ފޮޓޯ ނަގަން ފެށިއެވެ. އެވަގުތު މައިރާއަށް މައްޗަށް ބަލައިލެވުމާއެކު ސިހުނެވެ. އައިޒާން ހުރީ ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެން މައިރާއަށް ބަލަހައްޓައިގެންނެވެ. މައިރާ ނުފެންނަކަމަށް ހަދާލަން ގަސްތުކޮށްލާފައި ވެސް ވިސްނާލުމަށްފަހު ހީލަމުން އަތްއުފުލާލި ވަގުތު މީހަކުގެ ފިޔަވަޅުގެ އަޑުއިވިގެން އެނބުރުނެވެ. ދެތިންފޫޓް ދުރުގައި ހުރީ ރެޔާން ފިޔަވައި ދެވަނަ މީހެއް ނޫނެވެ. މައިރާގެ ހިތްތެޅިގަތްލެއް ބާރުކަމުން ހީވީ ހިތާއި ފުރާނަވެސް ހަށިގަނޑު ދޫކޮށް ގޮސްދާނެ ހެންނެވެ. ރެޔާން އޭނައަށް ބަލައިލައިފައި ބެލްކަންޏަށްވެސް ނަޒަރު ހިންގައިލިއެވެ. ސީރިޔަސް ނަޒަރެކެވެ. 

ކޮމެންޓް 0