ބީ ސްޓްރޯންގް މައި ސަން. މޭއިއަށް މިވަގުތު ދަރިފުޅުގެ އަޅައިލުމާއި ލޯބި އިންތިހާއަށް ބޭނުންވާނެ. ދަރިފުޅު ތިހެން ހިތްވަރު ގެއްލުވާލީމަ އެއީ އަދި މޭއިގެ ހިތަށް ލިބޭނެ އިތުރު އަނިޔާ އަކަށްވާނެ. އަދި މޭއިއަށް އިހުސާސް ވިޔަ ނުދެއްޗޭ މޭއި ގެ އިހުމާލަކުންކަން ދަރިފުޅަށް ފޭޓަލް އިންޖަރީއެއްވީ. އެހެންނޫނީ މޭއިގެ ހިތުން އެކަން ފިލުވައިލުމަކީ ދުވަހަކުވެސް ވާނެ ކަމެއްނޫން. ދެން ބައްޕަ ބުނާނީ އަތުގައިވާހާ ފައިސާއެއް ހޭދަކޮށްލައިގެން ނަމަވެސް އެޑެން އަނބުރައި ގެނެވޭނެނަމަ ބައްޕަ މިހިރީ ދަރިފުޅަށްޓަކައި ހުރިހާ މުދަލެއްވެސް ހޭދަކުރަން ތައްޔާރަށް. އެކަމަކު އިލާހީ ގާނޫނުގެ ދަށުން ހިގާކަމެއް ބަދަލެއް ނުކުރެވޭނެ........." ފައިސަލް އެތައް ވަރަކަށް ވިސްނާދެއްވުމުން ރެޔާން ތެދުވެ މޫނު ދޮވެލައިގެން ކޮޓަރިން ނިކުތެވެ. 

ރެޔާން އެންމެ ފަހު ވަގުތު ޢަދަންގެ މޫނުގައި ފިރުމާލަމުން އެ ކުޑަމޫނުގައި ބޮސްދިނެވެ. މިއީ ދަރިފުޅުގެ ގައިގައި އަތްލެވޭނެ އެންމެ ފަހު ފަހަރުކަން ރެޔާންއަށް އެގުނެވެ. ދެނެއް ލޯބިން ފިރުމައެއް ނުލެވޭނެއެވެ. ރެޔާންގެ ލޮލުން އޮހިގަތް ކަރުނައިން ޢަދަންގެ މޫނު ތެމުނެވެ. ހިތާހިތުން އަސަރުން ފުރިފައިވާ ގޮތަކަށް ދަރިފުޅާއި ވަދާއު ގެ ސަލާމްކުރިއެވެ. އަދި ޢަދަން ގެ މޫނު އެންމެ ފަހު ފަހަރަށް ފޮރުވާލެވުނު ވަގުތު ރެޔާންގެ ދުނިޔެ އަނދިރިވެގެން ދިޔަހެން ހީވިއެވެ. ރެޔާން އެތާ ތިބި މީހުން ދުރަށް ލާފައި ދަރިފުޅުގެ ގައިގައި ހިފައިގަންނަން އުޅުނެވެ. ނަމަވެސް ފައިސަލް އާއި އެހެން ދެމީހުން ހިފެހެއްޓުމުން ރެޔާން އޭނަގެ ބައްޕަގެ ގައިގައި ހިފައިގެން ކުޑަކުއްޖެއް ފަދައިން ރުޔެވެ. އެންމެނަށް އިންތިހާއަށް އަސަރުކުރި ވަގުތެކެވެ. ރެޔާން ދަރިފުޅު ވަޅުލުމަށްފަހު ނަމާދުކޮށްގެން ދިޔައީ ހޮސްޕިޓަލަށެވެ. 

ހަފްތާއެއް ވީއިރުވެސް މައިރާ އޮތީ ލޯހުޅުވާނުލައެވެ. އައިވީގެ ބާރުގައި ނޫންނަމަ މައިރާ ގެ ހަށިގަނޑުގައި ކޮޅަށް ހުންނާނެ ވަރުނެތީހެވެ. އެއްގޮތަކަށްވެސް ކާއެއްޗެއް އަރުތެރެއަކުން ނުދެއެވެ. އެންމެން މަސައްކަތް ކޮށްކޮށްވެސް މައިރާ ވާހަކަ ދައްކަންވެސް ދެކޮޅު ހެދިއެވެ. ރެޔާން މައިރާގެ ގާތުގައި ހުރި ގޮނޑީގައި އިށީދެފައި މައިރާގެ އަތުގައި ފިރުމާލި އިރު ރެޔާންގެ ލޯ ކަރުނުން ފުރުނެވެ.

"އައިމް ސޮރީ ޑާލިން. ކުށްވެރިޔަކީ އަހަރެން. އަހަންނަށް އެވަގުތުވެސް އިނދެވުނީ ކުޅެން. ދަރިފުޅުގެ ކައިރީގައި ހުރެވުނުނަމަ......" ރެޔާން ހިތާހިތުން އެތައްފަހަރު ކިޔެވެ ނަމަވެސް "ނަމަ" އަކުން މިއަދު ކުރާނެ ކަމެއްނެތެވެ. މާޒީގެ އެބައި އަލުން ނިއުޅާލެވޭނެ އެއްވެސް ގޮތެއްނެތެވެ. އޭނަ ދުވަހަކު ނަފްރަތު ނުކުރާ ވަރަށް އަމިއްލަ ނަފުސް ދެކެ ނަފްރަތު ކުރިއެވެ. މައިރާއަށް ޓަކައި ނޫންނަމަ މިއަދު އޭނަވެސް ޢަދަން އާއި އެކު މަރުވެގެން ދާނެކަން ނޭގެއެވެ. މިހާރު ޔަގީނުންވެސް އޭނަގެ މައިރާއަށް ޓަކައި ހިތްވަރު ކުރަން ޖެހިފައި ވެއެވެ. ރެޔާން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ މޫނާއި އެކީގައި އިސްތަށިގަނޑުގައި ވެސް ފެންލައިފިއެވެ. ލޯގަނޑުން ބަލައިލެވުނު އިރު ދެލޯ ދުޅަވެފައިވާ ވަރާއި ލޮލުގެ ތެތްކަމުން ހީވަނީ ހިތާމައިގެ ދިރި ހުރި ތަސްވީރެއް ހެންނެވެ. ނަމަވެސް އޭނަ ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރިއެވެ. ހެއްދެވި ފަރާތަށް ވަކީލު ކުރިއެވެ. 

"އަހަރެންގެ މޭއި ގެ ނާޒުކް ހިތަށް ކެތްވާނީ ވެސް ކިހިނެއްތަ؟ އަހަރެން ފިރިހެނަކަށް ވެފައި ވެސް މިއުޅެވެނީ ކެތްނުކުރެވިގެން....." ރެޔާން މައިރާގެ އަތުގައި މަޑުމަޑުން ފިރުމަމުން ދަނިކޮށް މައިރާ ލޯ ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް ރެޔާންއަށް ގޮވާލައިފައި އެހީ ޢަދަންގެ ވާހަކައެވެ. ތަކުރާރުކޮށް ޢަދަން އަށް ގޮވަމުން ރެޔާން ގާތު ޢަދަން ގެނެސްދޭން އެދެމުން ދިޔައެވެ. ފުރަތަމަ ފަހަރަށް މައިރާ އަގައިން ބުނުމުން ރެޔާންގެ ހަލާކުވެފައިވާ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.

"ރެއިން. އެޑެން މަރުވީ އަހަރެންގެ ފޯލްޓުން. ދަރިފުޅު ކުޅެން ބިއްލޫރި އެއްޗެއް ދެވުނީ. ރެއިންއަށް އެގޭތަ؟ ދަރިފުޅު އެ ހާދަ ބޭނުންވިޔޭ. އެކަމަކު ރެއިން ގާތުގައި ބުނެވުނުނަމަ. ދަރިފުޅުގެ އަތުގައި ހިފަހައްޓާލައިގެން ދެވުނުނަމަ. އަހަރެން ފަރުވާކުޑަ ކަމުން......" މައިރާ އަތުގެ އިނގިލީގައި ބާރަށް ދަތްއަޅައިގަންނަމުން ދެލޯ މަރާ ތަގުޅިކޮށްލީ ކަރުނަތައް ހުއްޓުވުމަށެވެ. 

"ނޫން ސްވީޓްހާޓް. އެއީ އެއްވެސް މީހެއްގެ ފޯލްޓެއް ނޫން. ވަގުތުޖެހުނީމަ ސަބަބެއް މެދުވެރިވާނެ. އެންމެ ފަހު ވަގުތުވެސް އެޑެން އެދުނީ ނުރުއިމަށް. އަހަންނާއި މޭއިއަށް ގޮވާފައި....." ރެޔާން އަށް ދަރިފުޅުގެ އެތުއްތު ބަހުރުވަ މާނަ ކުރެވުނީ އެގޮތަށެވެ. ނޫނީ ރެޔާން ގާތުގައި ނުރޯން އެދިފައި މަންމައަށް އަޅާލާން އެދުނީއެވެ. މައިރާގެ ގާތުގައި ރެޔާން ދެއްކި ވާހަކަ ތަކުންނާއި، ބޭހުގެ އަސަރުކޮށްފައި ވާތީ މައިރާ އިންނަނީ ނިދިން ލޯ ބަރުވެފައެވެ. ނަމަވެސް ދޭތެރެ އަކުން އެ ލޮލުގައި ކަރުނަ ގިނަވެދެއެވެ. މައިރާ އެންމެ ފަހަރަކުވެސް ރެޔާންގެ އަތުން ދޫކޮށެއް ނުލައެވެ. ހީވަނީ ޢަދަން ގެއްލުނު ގޮތަށް ރެޔާން ވެސް ގެއްލިދާނެތީ ބިރުން އުޅޭހެންނެވެ. ރެޔާން ނެތްނަމަ މައިރާ މޮޔަވާނެކަން ޔަގީނެވެ. އޭނަގެ ހިތްވަރަކީ ހަމައެކަނި ރެޔާން އެވެ. ރެޔާންގެ ލޯތްބެވެ. 

ރެޔާން މައިރާގެ އިސްތަށިގަނޑު ވިހުރެން ފެށުމުން ރީތިކޮށްލަދީފައި ވަރަށް މަސައްކަތުން ވޫލް ކޮޅު އަރުވާލަދިނެވެ. އެމަސައްކަތް ރެޔާން އެކުރީ އަލަށެވެ. ނަމަވެސް މައިރާގެ ކުދި ކުދި ކަންތައް ކޮށްދޭންވެސް ރެޔާން ބޭނުމެވެ. މިއީ މައިރާގެ ހަޔާތުގައި އައި އެންމެ ނާޒުކް ދުވަސްކޮޅެވެ. އެންމެ ބޮޑު ހިތާމައެވެ. އެ ހިތާމައިގައި ލިބުނު ނަފްސާނީ ގެއްލުން ތަކާއި އެކު މައިރާ ރަގަޅުވާން އަންނަނީ ރެޔާންގެ މަސައްކަތުންނެވެ. އިންތިހާ ދަރަޖައިގެ ލޯތްބާއި އަޅައިލުން ދީގެންނެވެ. ކެތްތެރިވާން ދަސްކޮށްދީގެންނެވެ. ރެޔާން ޖެހުނީ އޭނަގެ ހިތާމަ މައިރާއަށް ޓަކައި ވެސް ފޮރުވާފައި ހިތްވަރު ކުރާށެވެ. 

"ކުޑަކުޑަ އެއްޗެއް ކާލާނީ ދޯ. ނޫނެކޭ ނުބުނާތި އިނގޭ. އަހަރެމެންގެ ދަރިފުޅު ބޭނުމެއްނުވާނެ މޭއި ތިފަދަ ބޮޑު ހިތާމައެއްގައި ވާތަން ދެކެން...." ރެޔާން އަންނާރު ޖޫސްފޮދެއް ދިނުމުން މައިރާ ކުޑަ އެތިފޮދެއް ބޯލިއެވެ. އެފަހުން ދޭތެރެ އަކުން ރެޔާން އާދޭސްކޮށްގެން ކުޑައެތި ކޮޅުން ކާން ފެށިއެވެ.

ކުޑަދޮރުގެ ފަރުދާތައް ކަހާލާފައި ވުމުން ވަރަށް ރީތިކޮށް ވާރޭވެހެމުންދާ މަންޒަރު ފެނެއެވެ. ބިއްލޫރިގަނޑުން ތިރިއަށް ކަންނެތް ގޮތަކަށް ދަތުރުކުރަމުންދާ ވާރޭގެ ތިކިތައް ހީވަނީ ދޮރުގައި ހަރުލާފައިވާ ކުދި މުތީތަކެއް ހެންނެވެ. ރެޔާން މައިރާއަށް އަނގައިގައި ލައްވާފައި އޮމްލެޓު ކޮޅެއް ކާންދޭން އިންދާ ޝަމާއިލްވެސް އެތަނަށް އައެވެ. ޝަމާއިލްގެ މޫނުވެސް ވަނީ މިލާފައެވެ.

"ވާރޭވެހެން ފެށީ. އަހަރެމެންގެ ދަރިފުޅު ގަޔަށް ފެންއެޅޭނެ. ކިހިނެއް ކެތްކުރާނީ......" ކުއްލިއަކަށް މައިރާ މޫނުގައި އަތްއަޅާފައި ރޯންފެށުމުން ރެޔާންގެ ހިތްވެސް ފަޅިފަޅިވެގެން ދިޔަހެން ހީވިއެވެ. ޝަމާއިލް މައިރާގެ ގާތުގައި އިށީދެ މައިރާއަށް ހިތްވަރު ދޭން ވާހަކަތަކެއް ދެއްކިއެވެ. ރެޔާންއަށް އެކައްޗެކޭވެސް ނުބުނެވުނެވެ. އޭނަ ލޮލުގައި ގިނަވެގަތް ކަރުނަ ފޮރުވަން އަނެއް ފަރާތަށް އެނބުރުނު ގޮތަށް ވަނީ ކޮޓަރި އަށެވެ. ރެޔާން އެތައް ފަހަރު މޫނަށް ފެންއެޅިއެވެ. ޢަދަންގެ އެކިދުވަސްތައް ސިކުނޑިން ފިލްމެއްގެ މަންޒަރުހެން ފެންނަން ފެށުމުން ރެޔާން އަށް އެއްގޮތަކަށްވެސް ކަރުނަ ނުހިފެހެއްޓުނެވެ. އޭނަ އަމިއްލަ ފުރާނަ ގުރުބާން ކޮށްގެން ކުރެވޭނެ ކަމެއް ނަމަވެސް ޢަދަން އަލުން ދުނިޔެއަށް ގެނައީހެވެ. އައިޒާން އާއި އީޝަލްވެސް ރެޔާން އާއި މައިރާއަށް ހިތްވަރުދިނުމަށް ގިނަގިނައިން އައިސް ވާހަކަ ދައްކާ އުޅެއެވެ. އަދި އާއިލާގެ އެހެން މެމްބަރުންނާއި އެކުވެރިންވެސް މިފަދަ ހިތްދަތި ވަގުތުގައި ރެޔާންގެ ދެމަފިރިންނާއި އެކީ ގައި ވާކަން ތަފާތު އެކިގޮތް ގޮތުން އަންގައިދިނެވެ.

ރާދާއަކީ ހިތްވަރު ގަދަ ކަމުގެ ލާމަސީލު މިސާލެކެވެ. ހުރި އެންމެ މާމަ ދަރިފުޅު ދުނިޔެ އާއި ވަކިވެގެން ދިޔުމުން ކިތަންމެ ވަރަކަށް ރޮވުނަސް ހިތްވަރުކޮށްލާފައި ރާދާ ތެދުވެ އުޅެންފެށިއެވެ. އޭރުވެސް ޒިޔާމާ ގެ ގައިގައި ތެދުވާނެ ވަރެއްނެތެވެ. އޭނަ އޮންނަނީ އަބަދުހެން އޮށޯވެލައި ގެންނެވެ. ނަމަވެސް ރާދާ އެހެން މީހުންނަށް ހިތްވަރު ދީދީފައި އުޅޭއިރު އެހިތުގެ އިހުސާސްތައް ވަނީ ފޮރުވިފައެވެ. އެކަނިވާ ވަގުތު ރާދާއަށް ވެސް ނުރޮވެނީ އެއް ނޫނެވެ.

މުޅި ލެވެންޑާކޮޓެޖްވެސް ހީވަނީ ފަޅުތަނެއް ހެންނެވެ. އެރޭވެސް ގޭގެ ގިނަ ހިސާބުގައި އޮތީ ބޮކިވެސް ދިއްލާ ނުލައެވެ. ބަގީޗާތެރެވެސް ވަނީ އަނދިރި ކޮށެވެ. ޢަދަން ދިޔައީ އެގޭގެ ދިރުމާއި އުފާވެރިކަން ހިފައިގެންހެން ހީވެއެވެ. ރާދާ ގޭތެރޭގައި އުޅެލާފައި ފެންޑާއަށް ނިކުތްއިރު ސުލްތާނާ އެގެއަށް ވަދެގެން އަންނަތަން ފެނުމުން އެތެރެއަށް ވަންނަން އުޅެފައިވެސް، ސުލްތާނާގެ ގަދަރު ކުޑަކޮށްލެވުނު ކަމަށް ވާނެތީ ހުރި ފިޔަވަޅު މަތީގައި ގުޑާނުލައި ހުރީއެވެ. ސުލްތާނާ ލަސްފިޔަވަޅު ތަކެއްގައި އައިސް ރާދާ އާއި އަރައިހަމަވިއެވެ.

"ދަރިފުޅާ ރާދާ....." ސުލްތާނާ ގޮވާލިގޮތުން ރާދާގެ ގައިން ހީބިހިނެގިއެވެ. އެއީ އޭނަ ޅީ ދަރިއެއްގެ ގޮތުގައި އެގެއަށް އައި ދުވަސްކޮޅު ސުލްތާނާ ގޮވާއުޅުނު ނަމެވެ. އެފަހުން ކޮން ޒަމާނެއް ހެއްޔެވެ؟ ސުލްތާނާގެ ދުލުން ނުބައި ބަހެއް ނޫނީ ދުޢާއެއް ނޫނީ އެފަހުން ބޭރުވީކަމެއް ނޭގެއެވެ.

"މަންމައަށް ހުރިހާ ހަގީގަތެއް އެނގިއްޖެ. މަންމަ މިހިރީ ދެރަވީ ވަރުން ދަރިފުޅުގެ ކުރިމައްޗަށް އަންނަން އުދަގޫވެފައި. އެހެންވެސް ވާނެއްނު. މަންމައަށް އޭރު ހީކުރެވުނު ގޮތަކަށް ނޫން ކަންތައް ހިގީ. ކުށްވެރިޔަކީ އައުޒަމް. މި ބަދުނަސީބު މަންމައަށް މާފުކުރޭ....." ސުލްތާނާ ރާދާގެ އަތުގައި ހިފެހެއްޓިއެވެ. ކުޑަކޮށް ރޫޖެހިފައި ހުއްޓަސް އަދިވެސް އެއީ މަޑު، އޮމާން އަތްތިލައެކެވެ. ރާދާއަށް ވެސް ސުލްތާނާގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. އެ އަތްތިލަ ކުޑަކޮށް ފިނިވެފައި ހުއްޓަސް މައިވަންތަކަމުގެ ހޫނުކަމާއި އޯގާތެރިކަން ރާދާއަށް އިހުސާސް ކުރެވުނެވެ.

"އަޅުގަޑު ނެތިން ހިތް ނުބައި ކޮށްގެނެއް. އެކަމަކު މަންމައަށް އެހެން ހީވަންޏާ މާފުވެސް ކޮށްފިން. މަންމަ ރޭގަނޑު އެކަނި ގެއިން ބޭރަށް އަންނާކަށް ނުވެސް ވާނެއްނު....." ރާދާ ސުލްތާނާ ގެ އަތުލަފިކޮށްގެން ގެނެސް ބޮޑުކޮޓަރީގެ ސޯފާއެއްގައި ބޭންދިއެވެ. ސުލްތާނާއަށް ފިނިވެދާނެތީ ރާދާ އޭސީ ވެސް މަޑުކޮށްލައިފިއެވެ.

"މަޣުރިބު ނަމާދުކޮށްލައިގެން މިރޭ ކިޔަވަން ވެސް ނީދެ ހަމަ ރާދާ އާއި ބައްދަލުކޮށްލަން ބޭނުންވީ. ފަހުން މާފަށް އެދެން ހުއްޓައި ވާނެ ގޮތެއް އެގެނީ އެއްނޫން. އައިމަން އާއި ޢަދަންވެސް ވަކިވެގެން އެދިޔައީ ކުއްލި އަކަށް. މާދަމާޔަށް އެއްވެސް ކަމެއް ފަސްކުރާކަށް ނުވާނެ. ކޮބާތަ މައިރާ؟ އަދިވެސް ހަމަޔަކަށް ނޭޅޭދޯ. މަންމަވެސް ވަރަށް ވިސްނައިދީފިން އެކަމަކު ނުވަމަސްވަންދެން ބަނޑުގައި އަޅައި ވިހޭ ދަރިފުޅު ދުނިޔެ އާއި ވަކިވެގެން ދިޔުމަކީ މަޔަކަށް ކެތްކުރެވޭނެ ކަމެއްވެސް ނޫން...." ސުލްތާނާގެ ލޯވެސް ތެމިގެން ދިޔައެވެ.

ރާދާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނަގެ މައިދައިތަ އޭނައަށް މާފުކުރުމަކީ ހަޔާތުގެ ބާކީ އޮތްބައި ދަރިންނާއި އެކީގައި ހަމަޖެހިލައިގެން އުޅެން ލިބުނު ހެޔޮ ފާލެކެވެ. ދެން މޯނާގެ ހެދުމުގެ ނިވަލުގައި ފިލައިގެން އުޅޭކަށް ނުޖެހޭނެއެވެ.

"ޝަމާ މަންމަ ގާތުގައި ބުނި މޯނާގެ ހެދުންލައިގެން ފެށުނީއްސުރެ އެކުދިން ގާތުގައި އުޅެމުން އައީ މަންމަކަން ޝަމާމެންނަށްވެސް އެގުނީ ވަރަށް ފަހުންނޭ. ރާދާ ތިއީ ކޮންފަދަ ރަނގަޅު ކުއްޖެއްތަ؟ ދަރިންނަށް ޓަކައި އެހެން މަންމައަކީ ތިފަދަ ގުރުބާނީއެއް ވާނެތަ؟ އެކަމަކު މަންމައަށް މި ދަރިފުޅާއި މެދު ކަންތައް ކުރެވުނީ ކޮންފަދަ އިހާނެތިކޮށް. އެއްވެސް ކުށަކާއި ނުލައި ދަރިންނާއި ވެސް ވަކިކުރެވުނީ. އެހެންނޫނަސް އައުޒަމްގެ ކުށްތައް މުޅި ޚާންދާނަށްވެސް ފޮރުވާލަ ދިނީ ކިހާ ރަނގަޅު ކުއްޖަކަށް ވީމަ. އަދި މައިރާގެ ހަގީގަތް އައިމަންއަށް އެންގިނަމަވެސް އެފަކީރަށްވެސް ވާނެގޮތެއް ނޭގޭ. މިހެން ބުނާ އިރުވެސް މަންމައަށް އެގޭ ނަސްލު އޮޅުވާލުމަކީ ކޮންފަދަ ނުބައި ފާފައެއްކަން. އެކަމަކު ރާދާ ކަންތައް ކުރި ގޮތުން މި އާއިލާ ތެރޭގައި އެވަރަށްވެސް މަސްލަހަތު ހިފެހެއްޓުނީ. މިއަދު މަންމަ މިވަނީ ދަރިފުޅަށް ދަރަނި ވެރިވެފައި. އައުޒަމް އޭނަގެ ފަހަރި ދެކެ ލޯބިވެގެން އެފަދަ ގޮތެއް ހެދިކަން އެއީ މަންމަ އޭނައަށް ދުވަހަކު މާފުނުކުރާ ވަރުގެ ކުށެއް......" ސުލްތާނާ ވާހަކަ ދައްކަމުން ދިޔައިރު އެ ލޮލުގައި ގިނަވެގަތް ކަރުނަތައް ކޯތާފަތް މަތިން ދެމެންފެށިއެވެ.

"މަންމާ އެދުވަސްތައް ވަނީ މާޒީ އާއި އެކުވެގެން ގޮސްފައި. އާފެށުމަކުން ފަށަން މިއޮތީ ފުރުސަތެއް. ދެން އެކަމާއި ނުވިސްނާ މަންމާ...." ރާދާ ސުލްތާނާގެ ލޮލުގައިވާ ކަރުނަތައް ފޮހެލަދިނީ އޯގާތެރި ކަމާއި އެކުގައެވެ.

"މަންމައަށް އެގޭ އައިމަން ވަނީ ދަރިފުޅު ގާތުގައި އައުޒަމް އާއި އިންނަން އެދިފައި. އެކަމަކު މަންމަ ނުބުނާނަން އެކަން ކުރާށޭ. އައުޒަމްއަކީ ބަލިމީހެއް. އައުޒަމް ރާދާ ބަލަހައްޓަން ވީމަ މިއަދު ރާދާ އެހާ ބޮޑު ބުރައެއް އުފުލާކަށް ނުޖެހޭނެ. އެކަމަކު އެއީވެސް ރާދާ އަމިއްލައަށް ނިންމަން ޖެހޭނެ ކަމެއް. މާތް ﷲ ދަރިފުޅަށް ރަހުމަތްލައްވާށި. ތިއީ އަގުނުކުރެވޭފަދަ ޖަވާހިރެއް. ހިގާ މަންމަ އާއި އެކީގައި ގެއަށް. އެއީ ދަރިފުޅުގެ ގެއަކީ......" ސުލްތާނާ ރާދާގެ ނިތްކުރީ ގައި ބޮސްދިނެވެ. ރާދާގެ ދުޢާ އެންމެ ފަހުން އިޖާބަކުރެއްވީއެވެ. އޭނަގެ ކުށެއްނެތްކަން މައިދައިތައަށް އޭނަގެ ދުލުން ނުބުނެ އެގުނީއެވެ. އަދި މާފުވެސް ލިބުނީއެވެ. އޭނަ ވި ގުރުބާނީގެ އަގުވެސް ކޮންމެވެސް ގޮތަކަށް ލިބިއްޖެއެވެ.

އައިޒާން ފެންވަރަން ހުރިއިރު އެތައް ޚިޔާލުތަކެއް ސިކުނޑީގައި ގިނަވަމުންގޮސް ސިކުނޑީގެ ނާރުތަކަށް ވާންވެފައިވާހެން ހީވިއެވެ. އެންމެ ހައިރާން ވަނީ މައިރާއަށް ލިބިގެން އުޅޭ ހިތާމައިގެ ސަބަބުން މާބޮޑަށް މައިރާ އާއި މެދު ހަމްދަރުދީވެ، އަބަދުހެން މައިރާގެ ކަރުނުން ފުރިފައިވާ އަޅި ދެލޯ އަބަދު ހިތުން ފިލުވައި ނުލެވިގެން އުޅޭގޮތެވެ. އެންމެ ފުރަތަމަ މައިރާ އާއި ބައްދަލުވި ދުވަހު ހިތް އަތުން ވީއްލިގެން ދިޔަގޮތާއި ފުރަތަމަ ނަޒަރުން ލޯބިވެވުނުފަހުން އައިޒާން ގެ ހިތް މައިރާއަށް ޓަކައި ދީވާނާވިއެވެ. އޭރު މައިރާދެކެ ލޯބިވެވުނީ އެއްމާބަނޑު ބޭބެގެ ހައްގެއްކަން ނޭގޭ ހާލުގައެވެ. އެކަން އެގުމަށްފަހުވެސް، އޭނަގެ ބަސްނާހާ ހިތަށް ވިސްނާދޭން ތަފާތު ގޮތްގޮތަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. އައިޒާންއަށް އެއްގޮތަކަށް ވެސް އޭނަގެ ބޭބެ ގުޅުން ބޭއްވިކުއްޖެއްގެ ގައިގައި އިނގިލި ކުރި ޖައްސާލުމަކީ ހުތުރު ފެންވަރު ދަށްކަމަށް ނިންމާލައިގެން އުޅޭއިރުވެސް ހިތުގައި އުފެދިފައިވާ މަތިވެރި ލޯތްބަކަށް ބަދަލެއް އަންނަ ގޮތެއް ނުވިއެވެ. އަދި މިހާރު ހީވަނީ މައިރާއަށް ޓަކައި ހިތްވެސް ހަލާކުވެދާނެ ހެންނެވެ. އެހެން ވެގެނެއް ނުވާނެ އެވެ. އޭނަ ޖެހޭނީ ގަދަކަމުންވެސް އެ ނުކިޔަމަން ތެރި ހިތް މައިތިރި ކުރުވާށެވެ. ފާފައެއްވުމުގެ ކުރިންނެވެ. ސިއްރުސިއްރުން ލޯބިވުމަށްވެސް އޭނަގެ ޒަމީރު ތަނެއްނުދެއެވެ. އެކަން ހުއްޓުވަން އޭނަ މިހިރީ ކޮންމެފަދަ ފިޔަވަޅެއްވެސް އަޅަން ނިންމައިގެންނެވެ. 

އައިޒާން ކޮރިޑޯއިން ހިގާލައިފައި އައީ ކަންނެތް ގޮތަކަށެވެ. ގޭތެރެއިން އެއްވެސް އަޑެއްބަޑެއްނީވެއެވެ. އެހެންލާފައި ދަމުން ގަސްތަކާއި ދިމާލަށް ނަޒަރެއް ހިންގާލެވުނުއިރު ގަސްތަކުގެ ފަތެއްވެސް ހިރިއެއްނުލައެވެ. ހީވަނީ އަދިވެސް ވަށައިގެންވާހައި އެއްޗެއްވެސް ޢަދަން ނެތުމުގެ ފަޅުކަން އިހުސާސް ކުރާހެންނެވެ. ގޭތެރެއިން އިވެމުންދާ އެ ލޯބި ހުނުމާއި ކުދި ފިޔަވަޅުތަކުގެ އަޑެއްވެސް ނީވެއެވެ. އައިޒާން ފެނުމާއެކު ދުވެފައި އަންނަ ގޮތަށް އައިޒާންގެ ގައިގައި ހިފައިގަންނަ ގޮތް، އައިޒާން ލައްވާ އަތުކޮޅަށް އުފުލާލުން، ކޮނޑަށް ލައިގެން ހިގުން ނޫނީ އެ ތުއްތު މަޑު ތުންކޮޅުން އައިޒާންގެ މޫނަށް ދޭ ދޮންތަކާއި، އެ ޅަ އަޑުން ދައްކާ ކުދި ވާހަކަތައް މަތިން ހަދާންވެ އައިޒާންގެ ރީތި ދެލޮލަށް ކަރުނަ ޖަމާވިއެވެ. އޭނައަށް މިވަރުވާއިރު ޢަދަންގެ މަންމަ އާއި ބައްޕަ ކެތްކުރާނެ ގޮތެއްވެސް އައިޒާންގެ ވިސްނުމަކަށް ނައެވެ. 

އައިޒާން ބެލްކަނީގެ އަނދިރީގައި އިރުކޮޅެއްވާންދެން ހުރެފައި އައިސް އީޝަލްގެ ކޮޓަރި އާއި އަރައި ހަމަވިތަނާ އީޝަލް ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޯދިއްކޮށްލައިފިއެވެ. އެކަމަކު އައިޒާން ފެނުމުން ދޮރު ލައްޕާލާފައި އެތެރެއަށް ވަންނަން އުޅުމުން އައިޒާން ދޮރުފަތުގައި ހިފެހެއްޓިއެވެ.

"ޝެލް. އަހަރެން ބޭނުން ވާހަކަ ދައްކާލަން..." އައިޒާން އެހެން ބުނުމުން އީޝަލްއަށް އައިޒާން ކޮޓަރިން ނެރެނުލެވޭނެކަން ވިސްނިގެން ދޮރުފަތް ލެއްޕުމުގެ މަސައްކަތް ހުއްޓާލާފައި އެތެރެއަށް ވަނެވެ.

"އަހަރެން އެކަކާއިވެސް ވާހަކަ ދައްކާހިތެއްނުވޭ......" އީޝަލް ބާރުބާރަށް ހިގާލާފައި ގޮސް އޭނަ ގެންގުޅޭ ޓެޑީގައި ބައްދާލައިގެން އެނދުގައި އޮށޯވެ އަނެއްފަރާތަށް އެނބުރިލައިފިއެވެ. އީޝަލް ލައިގެން އޮތީ ހަމާއި އެއްކުލައިގެ ފިޔާތޮށިކުލައިގެ ކުރުސޯޓުކޮޅަކާއި އަތްކެޑި ސްޓްރައިޕް ތުނި ޕެޓީއެކެވެ. 

"އެދުވަހު ބީޗްގައި ހިގި ކަންތަކަށް ފަހު އަހަރެން ގަބޫލު ނުކުރަން ޝެލްއަށްވެސް ތިހެން ރީޒަންއެއް ނެތި ގޮތެއް ނިންމުމުގެ ހައްގެއް އޮންނާނެހެނެއް. އެދުވަހު ޝެލް ގެ ތި ބޭބިޝް ކަމެއް ނެތް. ހީކުރިން މެޗުއަރވީ ކަމަށް. އަހަރެމެންނަކަށް ޕްރައިވެޓް ބީޗެއްގައި ބޭނުންހާ ކަމެއް ނުކުރެވޭނެ. އެކަމަކު މިހާރު މިތިބީ އެކަނި. ބޭނުންވަރަކަށް ޕްރައިވެސީ އަދި ޓައިމްވެސް. އެކަމަކު އަހަރެން ހިތަށް އަރަނީ ޝެލް ޅަކަމުން އަދިވެސް ވެއިޓްކުރަންވީ ބާވައޭ......." އައިޒާން އެނދުގެ މަގަތުގައި އިށީދެ އީޝަލްގެ އަތުން ޓެޑީ ދަމައިގަތެވެ.

"ޒާން ލޯބިވަނީ މޭއި ދެކެ...." އީޝަލް ތުންފިތާލާފައި ބުނެލީ ޔަގީންކަމާއި އެކުގައެވެ.

"ޝެލްއަށް ހީވަނީ ތިހެންތަ؟ އެކަމަކު އެއީ އަހަރެންގެ ފަހަރި ކަމާއި މެދު ޝެލް ވިސްނާނުލަންތަ؟ މިއަދު ރެޔާން ދުނިޔެ އާއި ވަކިވެގެން ދިޔަސް އަހަރެން ނެތިން ދެން މޭއި އަހަރެންގެ މީހަކަށް ހަދާކަށް. އަބަދު ދެން ބެލެވޭނީ ފަހަރިއެއްގެ ގޮތުގައި. ކޮއްކޮއެއްގެ ގޮތުގައި. ޓްރަސްޓްމީ ޝެލް. އަހަރެންގެ ޚިޔާލު އެހެން މީހުންނާއި ތަފާތުވެދާނެ. އަހަރެން ނެތިން އަހަރެންގެ ބޭބެއެއްގެ އަންހެނުންނާއި އިޝްގީ އެއްވެސް ގުޅުމެއް ބާއްވަން......" އައިޒާން ހިތި ހިނިތުންވުމަކާއި އެކީގައި އެހެން ބުނެލަމުން އީޝަލްގެ މޫނަށް ބަލައިލީ ހިތްކަތިލާލާފަދައި ނަޒަރަކުންނެވެ. އެ ރީތި ދެލޮލުގެ ތެރެއަށް ދަމައިގަންނަފަދަ ބާރެއް ވިއެވެ. އައިޒާން މައިރާގެ މަތިން ހަދާންނައްތާލަން ބޭނުންވަނީ މިފަދަ އަންހެންކުއްޖެއްގެ އެހީއެވެ. އެކަމަކު އީޝަލް ޅަކަމުން އެކަން ކާމިޔާބު ވާނެއެވެ. އީޝަލްގެ މޫނު ރަތްވެ އަގުރު އަލިފާންކުލަ އަރަންފެށިއެވެ.

"ދެން ވީއިރު ކީއްވެތަ އެދުވަހު ޒާން އަހަރެން އެވަރަށް ބުނީމަވެސް އަހަރެން އެކަނިކޮށްލާފައި ދިޔައީ؟ " އީޝަލް ޝަކުވާ ކުރާ ރާގަކަށް ބުންޏެވެ. އައިޒާން އީޝަލް ކައިރީ ސަބަބުތައް ބުންޏެވެ. އީޝަލް ހަރުދަނާ ކުއްޖަކަށް ވުމަށް އެދުނެވެ. ސިއްރުތައް ހިފަހައްޓައިގެން އުޅުމަށްވެސް އެދުނެވެ. އީޝަލް އާއި އައިޒާން އާއި ދޭތެރޭގައި ދިމާވި މައްސަލަތައް ހައްލުވުމުން އީޝަލްގެ ހިތަށްވެސް ފިނިކަމެއްލިބި އުފާވިވަރުން ހެވުނެވެ. އެތައްދުވަހަކަށްފަހު އީޝަލްގެ މޫނު އުފަލުން ފުރުނެވެ. ލޮލުގެ ވިދުން އިތުރުވިއެވެ. ޢަދަންގެ މަތިންވެސް އިރުކޮޅަކަށް ހަދާންނެތުނެވެ.

"ޒާން. އަހަރެން އެޑެން މަތިން ހާދަ ހަދާންވެއޭ. ހަމަ ދެރަވަނީ..." އީޝަލް ކުއްލިއަކަށް ލޮލަށް ކަރުނަ އައުމާއި އެކު ބުންޏެވެ.

"އަހަރެންވެސް. އެޑެން ދިޔައީ ހިތުން ބަޔެއްހިފައިގެން ހެން ހީވާ ފަހަރުވެސް އާދޭ. އެ ސްވީޓް ފުށްކޮޅުމަތިން ހަދާންވީމަ ހިތަށް ހާދަ ތަދުވެޔޭ. ހިގާލަން ދާނީ ދޯ. އޭރުން ކޮންމެވެސް ވަރަކަށް ހިތަށް ހަމަޖެހުމެއް ލިބިދާނެ...." އީޝަލް ބޭނުންވީ ހިގާލާފައި އައިސް ޓެރެސްގައި ވަގުތުކޮޅެއް ހޭދަކޮށްލުމެވެ. އީޝަލް އަވަހަށް ޕެޓީގެ މަތިން ޖެކެޓެއް ލައިގެން ޖިންސެއްލުމަށްފަހު އައިޒާންގެ އަތުގައި ހިފާލި ގޮތުން ހީވަނީ އައިޒާން ގެއްލިދާނެތީ ބިރުން އުޅޭހެންނެވެ. އެންމެ ފަހަރަކުވެސް އެ ރީތި ދެއަތުން ދޫކޮށްލަން ބޭނުންނުވާފަދަ ގޮތަކަށެވެ. ބަގީޗާ ތެރެއަށް ހަނދުވަރު ދީފައިވާ އިރު ނަލަކަމުން ހީވަނީ އެހެން ފަދަކަމެއް ހެންނެވެ. ދެޒުވާނުން އަތުގުޅުވާލައިގެން މަޑުމަޑުން ހިގާލާފައި ދިޔައިރު ކުޑަކޮށް ވާހަކަ ދެކެވުނެވެ. އެންމެ ފަހުން ޓެރެސްއަށް އައިގޮތަށް އުދޯލީގައި އެކަކު އަނެކަކުގެ އަތުތެރޭގައި ބޮނޑިވެލައިގެން ތިބެވުނު އިރު ގަޑި ވޭތުވެގެން ދިޔަގޮތެއްވެސް ނޭގުނެވެ. ބައްދާލައި ބޮސްދެވުނު ޢަދަދެއްވެސް ނޭގުނެވެ. ނަމަވެސް އައިޒާން އަދިވެސް ވަގުތު ބޭނުމެވެ. އެހެންވެ މިރޭ އީޝަލްވެސް ކުރީ ދުވަހު ބީޗްގައި ފަދައިން އާދޭސްކުރާކަށް ނޫޅުނެވެ. ނަމަވެސް އީޝަލް އަމިއްލައަށްވެސް އޭނަގެ އިހުސާސް ތަކެއްވާކަން ދެނެގެންފިއެވެ. އައިޒާންއަށް ޓަކައި އެހިތުގައި އާވިންދެއް ޖަހާކަމާއި އައިޒާންގެ ފަރާތުން ހުރިހާ އުފަލެއް ބޭނުންވާކަންވެސް އީޝަލްއަށް އެގުނެވެ. ނަމަވެސް އޭނަ ދެން އަމިއްލައަށް އިސްވެ ނުބުނާނެއެވެ. ނުވެސް ކެރޭނެއެވެ. އީޝަލްގެ ޖަޒުބާތްތައް އައިޒާން ހޭލައްވާލިއިރު އެ ޖަޒުބާތު ތަކާއި އެކީގައި ލަދުވެތިކަންވެސް މެއެވެ.

ރެޔާންއަށް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. 

ކޮމެންޓް 0